Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ބިދޭސީ (ދެވަނަ ބައި)

Xim
March 5, 2017
4 Mins Read
38 Views
8 Comments

ކުރީގެ ބަޔާއި ގުޅޭ:-

ރާފިއު ބޭނުންވީ ވާންއޮތް އެއްމެ ފަސޭހަ ގޮތަކަށް އަތުން ޚަރަދެއް ނުގޮސް ރާފިއު ބޭނުންވާ ކަންތައް ވާނެ ގޮތެކެވެ. ގޭގެ މަސައްކަތް ފެށެން އޮތީ ބޭރުމީހުން ގެނެސްގެންނެވެ. ރާފިއުއަށް ވިސްނެމުން ދިޔައީ އަޙްމަދާއި ނޫރުގެ ރަނގަޅު ކަމެވެ. އިތުރަށް ވިސްނާލަންވެސް ބޭނުން ނުވެ، އަޙުމަދާއި ނޫރަށް އިތުބާރު ކުރިއެވެ. ބެދެން އުޅޭ މަޅިއަކީ ކޮބައިކަމެއް މިކަމުން ފަހުން ކަންވެދާނެ ގޮތަކާއި މެދު ރާފިއުއަށް ވިސްނާލެވިފައިވެސް ނެތެވެ. އެކަމަކު މިޒަމާނު އެދުމެއްނެތި ނުވެސް ދަންނަ މީހަކަށް ފައިސާ ތަކެއްދީ މާރަނގަޅަށް ކަންތައް ކޮށްދީފާނެހެއްޔެވެ؟ ބޭރުމީހުން ގެނެސްދިނުމުގެ މަސައްކަތުގައި އުޅޭ މިފަދަ އެޖެންޓުންނަށް އިތުބާރު ކުރެވެނީ ކިހާވަރަކަށް ހެއްޔެވެ؟ އެމީހުން މިކަމުން ނަގަމުންދާ ނާޖާއިޒު ފައިދާއާއި އެމީހުންގެ ސަބަބުން ދިމާވަމުންދާ އިޖްތިމާއީ އިޤްތިޞާދީ ގެއްލުމާއި މެދު ވިސްނާލެވެނީ ކިތައް މީހުނަށް ބާއެވެ. ވަގުތީ މަންފާއަކަށްޓަކައި މުސްތަޤުބަލުގައި ދިމާވެދާނެ ބޮޑު މައްސަލައަށް ވިސްނާލުމެއް ނެތި ކޮންމެކަމެއްވެސް ކޮށްލެވެނީއެވެ.

……………………………………………………………………………………………………………………………………………………………………….

“ނޫރު މީގެން ރަނގަޅު އެއްޗެއް ލިބޭނެ އިނގޭ” ރާފިއު ނިކުމެގެން ދިއުމާއި އެކު އަޙްމަދު ސިނގިރޭޓެއް ނަގާ ރޯކޮށްލާ ވަރަށް ހަމަ ޖެހުމުގެ ދުންގަނޑެއް ދޫކޮށްލަމުން ނޫރާއި ދިމާއަށް ބުނެލިއެވެ.

“އާން… މަށަށްވެސް ހީވަނީ މީތިން ބަރާބަރު ފައިދާ އަންނީހެން. އެހެންވީމާ އަހުމަދުބޭ މި ނައިޓްގަ ވާނެ އޭނަ އަތުން ހުރިހާ ޑޮކިއުމަންޓް ހޯދަން” ނޫރު އަޙްމަދުގެ މަސައްކަތް އޭނާ އަށް ހަވާލު ކުރިއެވެ.

“އޯކޭ.. މަ ތިކަންތައް ކުރާނަން… އޭ ގުޅާބަލަ ވަޖީހުއަށް.. އޭނާކައިރީ ބުނޭ ކޮފީއަށް އަންނާށޭ” އަޙްމަދަށް ކުއްލިއަކަށް ކޮންމެވެސް މީހެއްގެ މަތިން ހަނދާންވެގެން އެމީހަކަށް ގުޅުމަށް ނޫރުކައިރީ ބުންޏެވެ.

“އޯ.. ޔޭސް.. އޭނަ ގެންނަން ޖެހޭނެ ނުންދޯ” އަޙްމަދު އެހެން ބުނުމާއިއެކު ނޫރު ވަގުތުން ފޯނު ނަގުމަށްފަހު އެމީހަކަށް ގުޅާލިއެވެ.

“ހަލޯ…ވަޖީހުބެ ނޫރު…ކޮބާ ކޮފީއަށް އަންނަން ވީނުން. ރަނގަޅު ޑީލް ހުންނަނީ” އެކޮޅުން ފޯނު ނެގުމާއި އެކު ނޫރު އެމީހަކު އިމްޕްރެސް ކޮށްލުމަށް ބުނެލިއެވެ.

“ސިޓްރަން…އާން… އޯކޭ…ރޫނު ދެން އަހުމަދުބެ ހުންނަނީ” އެކޮޅުން އައިސުވާލު ތަކަށް ނޫރު ޖަވާބު ދީ އެމީހުން ތިބި ތަން ބުނެދިނެވެ.

“ކޮބާ؟ ކީކޭ ބުނީ؟” ނޫރު ފޯނު ބޭއްވުމާއި އެކު އަޙުމަދު އަހާލިއެވެ.

“މި އަންނަނީއޭ” ނޫރު އަޙުމަދަށް ޖަވާބު ދިނެވެ.

ވަޖީހު އަކީ މޯލްޑިވް އިމިގްރޭޝަންގެ ލޭބަރ ކޯޓާ އާއި އަދި ވޯކް ޕާމިޓްގެ ކަންކަން ކުރުމަށް އިސްކޮށް ހުންނަ އިމިގްރޭޝަންގެ އޮފިސަލެކެވެ. އަތޮޅުތެރޭގެ މީހެއްކަމުގައި ވިޔަސް، އަދި މާލޭގެ ގެދޮރުގެ ކުލިތައް ކިތައްމެ ބޮޑުވި ނަމަވެސް އެއީ ވަޖީހުއަށް މާބޮޑު މައްސަލައެއް ނޫނެވެ. ލިބޭ ރަސްމީ މުސާރަ ދިރިއުޅުމުގެ ޚަރަދު ތަކަށްވުރެ ބޮޑު ނޫންނަމަވެސް ފަސޭހަ ކަމާއި އެކު މަހެއްގެ މައްޗަށް ދެލައްކަ ތިންލައްކަ ރުފިޔާ ހޯދާލުމަކީ ވަޖީހު އަށް މާ ބޮޑުކަމެއް ނޫނެވެ. އެހެންވީމަ ތާއެވެ. ހުޅުމާލެއިން ފްލެޓެއް ގަތުމަށް ޑައުންޕޭމަންޓް އެވަނީ ދައްކާފައެވެ. ވަޖީހުގެ އާއިލާ މެލޭސިއާގެ ކުއަލަލަމްޕޫރުގައި އެ އުޅެލާ މުއްސަނދި ލައިފް އެނގޭމީހަކަށް ވަޖީހުމެންނަކީ ފައިސާ ލިބިގެން އުޅޭ ބައެއްކަން އެނގޭނެއެވެ. މެލޭސިއާއަށް ބަދަލުވިތާ މާގިނަދުވަސްތަކެއް ނުވެ، އެއްމެ އަގުބޮޑު އެއްސަރަހައްދުން ގަނެލާފައި އެހުރި ލަގްޒަރީ ކޮންޑެމީނިއަމް އެޕާޓްމަންޓުންވެސް އެކަން ޔަޤީންވާނެއެވެ. އެހެންނަމަވެސް ވަޖީހު އެފައިސާ އެހޯދަނީ ކިހިނެތްކަން އެއީ އެއްވެސް މީހަކަށް ސިއްރުވެފައިވާ ކަމެއްނޫނެވެ. އެކަން ވަޖީހު ކުރަނީ ކޮންމެހެން ސިއްރަކުން ވެސް ނޫނެވެ.  ކަންވާނީވެސް އެހެންތާއެވެ. މިއީ ފަހަރެއްގައިވެސް ވަޖީހު އެކަނިމާއެކަނި ކުރާ ކަމެއް ނޫނެވެ. މިއީ އިމްގްރޭޝަން އާއި ސަރުކާރުގެ ތެރޭގައި އެޅިފައިވާ މީގެ ބޮޑު ނެޓްވޯކަކުން ކުރަމުން ދާކަމެކެވެ. އާއެކެވެ. ތިޔަ ހީވަނީ ހަމަ ރަނގަޅަށެވެ. ވަޖީހުމެން އެފައިސާ ހޯދަނީ ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ އަތުން ރިޝްވަތުގެ ގޮތުގައި ނަގާ ފައިސާއިންނެވެ. މިފައިސާ އެމީހުނަށް ދޭބަޔަކީ ބިދޭސީން ގެންނަ އެޖެންޓުންނެވެ. އިމިގްރޭޝަންގެ ޤަވައިދުގެ ތެރެއިން ޕްރޮސީޖަރ ފޮލޯކޮށްގެ ދާ މީހަކު ކޯޓާއެއް ހޯދުމަށް ހުށައަޅައިފި ނަމަ ވަޖީހުމެންނަށް އެއިން ކަޓެއް ލިބެން ނެތްނަމަ އެ ދޫނުކޮށް ކުރެވުނުހާ ޖެއްސުމެއް ކުރެއެވެ. މިމީހުންގެ މި މައްސަލަތައް ބެލޭނެ ގޮތެއްވެސް ނެތެވެ. އެކަމާއި ޝަކުވާ ކުރާނެ ތަނެއްވެސް ނެތެވެ. ޝަކުވާއެއް ކޮށްފިނަމަ ދެން އަމުދުން އެމީހަކަށް އިމިގްރޭޝަން ތެރެއިން ކަމެއް ކުރުމަކީ އުނދަގޫކަމެކެވެ. ވަޖީހު އަކީ ސަރުކާރުގެ އިސްވެރިންނާއި މާ އަރިސް މީހެކެވެ. ޕާޓީގެ އެކިކަންކަމަށްވެސް އަމިއްލަ ޖީބުން އެތައް ޚަރަދެއް ކުރެއެވެ.  ކޯޓްތަކުގެ އިސް ފަނޑިޔާރުންނާއި ފުލުހުންގެވެސް މާ ގާތް ރައްޓެއްސެކެވެ. އޭނާ ބުނެލައިފި ނަމަ ފުލުސް އޮފީހުގެ ތެރެއިންނާއި ޝަރުއީދާއިރާގެ ތެރެއިން ނުވާނެ ކަމެއް ނޯވެއެވެ. އެކަން އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ފުލުހުންނާއި ކޯޓްތަކުގެ އިސް ފަރާތްތައްވެސް މެލޭސިއާއަށް ގޮސްފައިވެސް އެތިބެނީ ވަޖީހުމެންގެ ޚަރަދުގައެވެ. މެލޭސިއާގައި އެ އުޅެނީ މަޖީހުމެންގެ އަގުބޮޑު ކާރުގައެވެ. އެހެންވީމާ އެމީހުން ކުށްވެރި ކުރެވެނީ އެމީހުންގެ މައްސަލަތައް ބެލޭނީ ކިހިނެއްހެއްޔެވެ؟ އެމީހުންވެސް ކާންދޭ މީހާ ދަންނާނެ ނޫންހެއްޔެވެ.

“ޔޭސް… މިއައީނުން…އާދޭ ވަޖީހުބޭ” ވަޖީހު ވަދެގެން އަންނަތަން ފެނުމާއި އެކު ނޫރު ގޮނޑި ތެދުވެފައި ބުނެލިއެވެ.

“ކޮބާ ކިހިނެއްތަ އަޙްމަދު؟” ވަޖީހު އައިސް އަޙްމަދު އާއި ނޫރުއާއި ސަލާމް ކޮށްލުމަށްފަހު ގޮނޑީގައި އީށީންނަމުން އަހާލިއެވެ.

“ބަރާބަރެއްނުން” އަޙުމަދު ވަރަށް ހަމަޖެހިލާފައި ޖަވާބުދިނެވެ.

“ތިވީ… އަޙްމަދުމެން ބަރާބަރުކޮށް ތިބީޔާ އަހަރުމެން ތިބޭނީ ޚިދުމަތުގަ. ހެހެހެހެ” ވަޖީހު އެހެން ބުނެފައި ހިނިގަނޑެއް ޖަހާލިއެވެ.

“ވަޖީހުބެ ކޯއްޗެއް ގެންނާނީ؟ ކޮބާ ލަންޗް ނެގީތަ؟ ކާންވީނުން؟” ނޫރު ފައްޗަކަށް އަމުނާލިއެވެ.

“އާން… އަދި މިއުޅެނީ މެންދުރު ނުކައި. މާ ބިޒީކޮށް ދިޔަ ދުވަހެއް” ނޫރުގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ވަޖީހު ބުންޏެވެ.

ނޫރު އަތުގެ އިޝާރާތުން ދުރުގައި ހުރި ވޭޓަރަށް ގޮވާލިއެވެ.

“ކޯޗެއް ގެންނަންވީ؟” ވެއިޓަރ އައިސް މޭޒުކައިރީގައި ހުއްޓިފައި އަހާލިއެވެ.

ވަޖީހު ކާއެއްޗިއްސައް އޯޑަރު ދިނެވެ.

ނޫރު ބޭނުންވާ ކަންތައް ވަޖީހުއަށް ހުށައަޅާ ޑީލް ނިންމާލިއެވެ.

“އޭ ނޫރު…އެބަ ޖެހޭ މާދަމާއަށް އެމެޖެންސީކޮށް 2000 ޑޮލަރު ހޯދަދޭން. މިއުޅެނީ މާދަމާ ރޭ ބެންކޮކް އަށް ޖައްސާލަން ޖެހިގެން. ގޮސްފަ ކުދިންކައިރިއަށް މެލޭއަށް ވަދެލާފަ އަންނާނީ” ވަޖީހު ޑީލްގެ ވާހަކަ ނިންމާލުމަށްފަހު ނޫރުކައިރީގައި ބުންޏެވެ.

“ތިކަމާ ހާސް ނުވަނީ.. މައްސަލަނެތީ ހަމަޖައްސަނީ.. މާދަން އިވްނިންގ ޓައިމްގަ ވަޖީހުބެ ގުޅާލާ. ހޯދާފަ ބަހައްޓަނީ” 2000 ކީއްކުރަން ހެއްޔެވެ؟ 5000 ޑޮލަރު ދޭންވެސް ނޫރުއަށް ބޮޑުކަމަކަށް ވާންވީ ކީއްވެހެއްޔެވެ؟ ކޮންމެ ދުވަހަކު އެމީހުން ބޭންކަށް ގެންގޮސް އެ ޖަމާކުރާ ފައިސާގެ ބޮނޑިވަރުތައް ފެނުނަސް މީހަކު ހައެރާން ވާނެއެވެ. ކޮންތާކުން ހޯދާހާ ފައިސާއެއް ހެއްޔެވެ؟  ޑޮމެސްޓިކް ސާވަންޓްއެއްގެ ގޮތުގައި ރާއްޖެއަށް އައި އޯޕަންކޮށް އުޅޭ މީހަކު އެހާ ގިނަ ފައިސާ އެ ހޯދަނީ ކޮން ގޮތަކުން ހެއްޔެވެ؟ މިމީހުން ފައިސާ ހޯދަނީ ކިހިނެއްތޯ ބަލަނީ ކޮންތާކުން ހެއްޔެވެ؟ ބަލާނީވެސް ކާކު ކޮން މުއައްސަސާއަކުން ހެއްޔެވެ؟ ކޮންމެ ތަނަކަށް ގެންދިޔަސް ކިރިޔާވެސް މިމީހުންގެ މައްސަލައެއް އަތުވެދާނެހެން ހީވަންޏާ އެއްވެސް ޖެހިލުމެއް ނެތި ހުށައަޅަނީ ރިޝްވަތުގެ ބޮޑު އަދަދެކެވެ.  ޒިންމާދާރު މަޤާމުތަކުގައި ކަންކަން އިސްލާޙު ކުރަން ތިބި މީހުންވެސް އެމީހުންގެ ޒިންމާއަށް ވުރެ ބޮޑަށް އިސްކަން ދެނީ އެމީހުނަށް އެވަގުތައް ލިބެން ހުރި ފައިސާ ކޮޅަށެވެ. ކަންވާނީވެސް އެހެންތާއެވެ. އެހާ ބޮޑު ކުލީގައި މާލޭގައި މިހާ އަގުބޮޑު ދިރިއުޅުމެއް ލިބޭ ކުޑަ މުސާރަކޮޅުން ހަމަޖައްސައިގެން އުޅޭނީ ކިހިނެއް ހެއްޔެވެ؟  އެމީހުން ހިފާ ފޮނުވާލުމުން ވަކި ދިވެހި މުއައްޒަފު މީހާއަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ؟  އެނޫނަސް މިއީކީ އެއްމެ މީހަކަށް އަދަބެއް ދީގެން ހައްލުވާ ވަރަށްވުރެ ބޮޑުކޮށް ފުންކޮށް މޫދަމާފައިވާ މައްސަލައެކެވެ.

ވަޖީހުމެން ރާއްޖެއިން ބޭރަށް ދަތުރު ކުރުމަކަށް ދުވަހަކުވެސް އަމިއްލަ މުސާރައިގައި ޖެހޭކަށް ނުޖެހެއެވެ. އެމީހުންނާއި އެކު މަސައްކަތް ކުރާ އެޖެންޓުންނާއި ބިދޭސީން ތިބެނީ އެމީހުން ބުނިވަރަކަށް ފައިސާ ދިނުމަށް ތައްޔާރަށެވެ. އޭގެ ބަދަލުގައި އެމީހުން އެދެނީ އިމިގްރޭޝަންގެ ތެރެއިން ކުރަން ހުންނަ ކަންކަން ޤަވައިދާ ޚިލާފަށް ވިޔަސް އެމީހުނަށް އަވަހަށް ނިންމާދިނުމެވެ.

ކޯޓާ ހޯދުމަށް ހުށައަޅާ ކޮންމެފަހަރަކު ކޮންމެ ކޯޓާއަކަށް 1000 އާއި 5000 އާއި ދެމެދު ގެ އަދަދަކަށް ފައިސާ ނަގަމުން ދެއެވެ.  މި ބުނީ އިމިގްރޭޝަނަށް ނަގާ ފައިސާގެ ވާހަކައެއް ނޫނެވެ. އިމިގްރޭޝަންގެ ޤަވައިދުތައް ހަމަޖެހިފައި ވާގޮތުން ކޯޓާއަކީ އެ ނެގުމަށް އިމިގްރޭޝަނަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އަޑިއަޑިން ގުޅިގެން ކަޓެއް ދީގެން ނޫނީ އެކަން ކުރެވޭނެ ގޮތެއް ނެތެވެ.  މަސައްކަތްތައް ކުރުމަށް ބިދޭސީން ގެނަން ބޭނުންވާ މީހާއަށް އޮތީ އެމީހުން ބުނިވަރަކަށް ފައިސާ ދީގެން އަވަސް ކުރުމެވެ. ނޫނީ ލިބޭނެ ދުވަހެއް ނޭންގޭ ދިގު އިންތިޒާރެއްގައި އިމިގްރޭޝަނަށް އެއްޗެހި ގޮވާލަ ގޮވާލާ މަޑުކޮށްލުމެވެ.

ޑީލް ނިންމާލީ ކޮންމެ ކޯޓާއަކަށް 2000 ރުފިޔާ ވަޖީހުއަށް ދޭގޮތަށް 200 ކޯޓާ މި ޕްރޮޖެކްޓަށް ހަމަޖައްސާދޭ ގޮތަށެވެ. ހަރާމެއް ހަލާލެއް ނުބަލާ ފައިސާ ހޯދަން ކެރޭ މީހުނަށް ފަސޭހަ ދޯއެވެ. އެއްވެސް މަސައްކަތަކާއި ނުލާ ކުޑަ ކަމަކުން އެ ހަމަޖައްސާލީ ހަތަރު ލައްކަ ރުފިޔާއެވެ.

“އޭ… އޯކޭ.. އަހުމަދު.. ނޫރު.. މަ މިވަގުތު ދަނީ.. ކަލޭމެން ޑޮކިއުމަންޓް ހޯދާފަ މަށަށް ގުޅާލާ!” ވަޖީހު ކެއުން ނިންމާލުމަށްފަހު ދިއުމަށްޓަކައި ތެދުވިއެވެ.

” ވަޖީހުމެން ތިބީޔާ އަހަރުމެންނަށް މަނީ މޭކް ކުރެވިދާނެ” ވަޖީހު ދިއުމާއި އެކު އަޙްމަދު ނޫރު އާއި ދިމާއަށް ބޯޖަހާލާފަ ހީލަމުން ބުންޏެވެ. އޭރުވެސް ނޫރު އިނީ މި 200 ކޯޓާއިން މިމީހުންނަށް ލިބޭނެ ފައިސާގެ އަދަދު ހިސާބު ހަދާލަ ހަދާލައެވެ.

ބަނގުލަދޭސް އިން އާއްމުކޮށް މަސައްކަތު މީހުން އެތެރެކުރާ އެޖެންޓުން އަންނަ މީހާއަތުން މަދުވެގެން 1000 އާއި 3000 އާއި ދެމެދު އަދަކަށް ޑޮލަރު ނަގައެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ބޮޑެތި ރެސްޓޯރެންޓް ތަކަށް ގެންނަ މީހުންގެ އަތުން މީގެ އެތައް ގުނައެއް މިމީހުން ކަޓްގެ ގޮތުގައި ނަގައެވެ. މިހެން ވެއްޖެ ކަމުގައި ވާނަމަ މި ޕްރޮޖެކްޓްގެ ކޯޓާއިންވެސް މިމީހުން މަދުވެގެން ފަސްލައްކަ ޑޮލަރު ހޯދާނެއެވެ. އެއީ އެއްމެ މަދުވިޔަސް 8 މިލިއަން ދިވެހި ރުފިޔާއެވެ. ވީމާ މިމީހުން މިއިން އެއްލަކަ ދެލައްކަ ކަޓްގެ ގޮތުގައި ރިޝްވަތަށް މީހަކަށް ދޭން ކޮންކަމެއް ހެއްޔެވެ؟ މިކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ މައްސަލަތަކަކާއި މެދު އެމީހުން ވިސްނަންވީވެސް ކީއްކުރަން ހެއްޔެވެ؟ އެމީހުން ބޭނުންވަނީ ފައިސާއެވެ.

ނުނިމޭ

3
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Xim

I am a freelance writer, who always love to write about different topics.

Other Articles

Previous

ހިތުގެ އެދުމޭތީ (7 ވަނަބައި)

Next

ހުވަފެން (10)

Next
March 6, 2017

ހުވަފެން (10)

Previews
March 5, 2017

ހިތުގެ އެދުމޭތީ (7 ވަނަބައި)

8 Comments

  1. shaxu says:
    March 5, 2017 at 9:38 pm

    A sad truth of maldive..happy vey mikahala articles thah kiyaalan libeythee..impressed..??

  2. Fat says:
    March 5, 2017 at 11:15 pm

    LIKE IT?

  3. Shaf says:
    March 6, 2017 at 2:25 am

    Kuvveriyakee vaahaka up kohdheeba. Varah kiyaa hithun mi huree

    1. Xim says:
      March 6, 2017 at 10:35 am

      In Sha Allah varah avahah ithuru baeh genesdheynan…Thiya dhehvaa shauquverikamah varah bodah shukuriyyaa.

  4. ....... says:
    March 6, 2017 at 6:47 pm

    ?

  5. zio ✴✴ says:
    March 8, 2017 at 11:12 am

    varah maja goood job the writer
    KEEP IT UP ????

  6. bidheysee says:
    March 26, 2017 at 8:15 pm

    xim….. Kobaa meege thinvana bai… varah kiyaahithun inthizaaruga mihuree

    1. bidheysee says:
      March 29, 2017 at 6:38 pm

      Ximmmmmmmmmmmmmmmmm

Comments are closed.

All Right Reserved!