ދިރިއުޅުމުގައި ކުރަންހުރި މުހިންމު ބައެއް ކަންތައްތައް.
މިދުނިޔޭގެ ބިމަށް ނޭވާލި ކޮންމެ ދަރިޔަކުވެސް، އަމިއްލަ ނަޒަރިއްޔާތާއި އެއްގޮތަށް ދީނުގެ މަތީގައި ސާބިތުވެހުރެ، ރަގަޅު ދިރިއުޅުމެއް ބިނާކުރުމީ އެދަރިޔެއްގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. އުފާވެރި ދިރިއުޅުމަކީ ނުވަތަ ދިރިއުޅުމެއް ބިނާކުރުމަކީ ކުރިމަގު އުޖާލާކުރުމަށް އެޅޭ ބިންގަލެކެވެ. ހަރުދަނާ ޖީލެއް ޤާއިމްކުރުމަށް ކުރެވޭ މިންނެތް މަސައްކަތެކެވެ. ނަމަވެސް، މިބިންގާ އަރިއަޅާލިޔަނުދީ އިތުރަށް ހަރުދަނާކުރުމަށްޓަކައި ގުނާ އަދަދު ނުކުރެވޭހާ ގިނަގުނަ ކަންތައްތަކެއް ކުރަންޖެހެއެވެ. އެތައް ކަންތައްތަކެއް ތަޙައްމަލްކުރަންޖެހެއެވެ.
އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ ހަރުދަނާ ދިރިއުޅުމެއް ބިނާކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. މާތްﷲ އިންސާނުން ދުނިޔޭގެ ބިމަށް ފޮނުއްވާފައިވަނީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. މި އިމްތިޙާނުން ފާސްވެ ސުވަރުގޭގެ މަތިވެރި ނިޢުމަތް ޙާޞިލްކުރުމަށްޓަކައި ދުނިޔެމަތީގައި އަހަރެމެން ވަކި ކަންތައްތަކެއް ކުރަން އެބަޖެހެއެވެ. ދީނުގެ ތަނބުކަމުގައިވާ ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކޮށް، ދުވާލެއްގެ މައްޗަށް ކީރިތި ޤުރުއާނުން މިންވަރެއް ކިޔަވާލަން ނުވަތަ އުނގަންނައިދޭން އެބަޖެހެއެވެ. ހަމައެހެންމެ، މިސްކީނުންނަށް ޞަދަޤާތްކޮށް އެމީހުންގެ ލޯތްބާއި އަޅާލުން ހޯދަންޖެހެއެވެ. އާޚިރު ނަތީޖާއަކަށް ވެގެންދާނީ، ޤިޔާމަތްދުވަހުން ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބިގެންދިއުމެވެ.
ތަޢުލީމަކީ އިންސާނާގެ ދިރިއުޅުމަށް ނުހަނު ބޭނުންޖެހިފައިވާ އެއްޗެކެވެ. އެހެނީ ތަޢުލީމާ ނުލައި ވަޒީފާއެއް ހޯދުމަކީ މިހާރު ފަސޭހަކަމެއް ނޫނެވެ. އެގޮތުން ބަލާއިރުގައި ކޮންމެ އިންސާނަކީވެސް އެންމެ ކުޑަމިނުން ލިޔަންކިޔަން ދަންނަ މީހަކުކަމުގައި ވާންޖެހެއެވެ. އަދި ގުރޭޑު 10އާ ހަމައަށް ތަޢުލީމު ޙާޞިލްކޮށްފައި ހުންނަންވާނެއެވެ. މިގޮތަށް ރަނގަޅު ތަޢުލީމެއް ލިބެމުންދާކަމުގައިވަނީނަމަ އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަކީ ދަތިކަމަކަށް ނުވާނެއެވެ. ހަމައެހެންމެ ވަޒީފާ ލިބުމުގެ މަގު ތަނަވެސްވެގެން ދިއުމަކީވެސް ޝައްކެއް އޮތް ކަމެއްނޫނެވެ.
މުޖުތަމަޢުގެ ކޮންމެ އަފްރާދަކީވެސް އަތުންފައިން މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ޤާބިލިއްޔަތުކަމެއް ހުރި މީހަކަށް ވާން އެބަޖެހެއެވެ. ނޫންނަމަ ހަރުދަނާ ދިރިއުޅުމެއް ބިނާކުރުމަކީ މުސްތަޙީލު ކަމެކެވެ. އެގޮތުން އާމްދަނީ ހޯދުމުގެ ނިޔަތުގައި ވަޒީފާއަކަށް ދިއުމަކީވެސް އޮތް ފުރުސަތެކެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭނީ ފުރިހަމަ ތަޢުލީމެއް ޙާޞިލްކޮށްގެންނެވެ. މީގެއިތުރުންވެސް ވަޒީފާއަކަށް ދިއުމުގެ ބަދަލުގައި ތިމާއަށް ލިބިފައިވާ ހުނަރެއްގެ އެހީ ހޯދިދާނެއެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ހުނަރުތަކާއި އަމިއްލަ ޝައުގެއްގެ ވެރި އިންސާނެކެވެ. މިފަދަ ތަފާތު އެކިއެކި ހުނަރުތައް ބޭނުންކޮށްގެން ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ މަސައްކަތެއް ފަށައި އެކަމުން މަންފާއެއް ލިބިގަނެވިދާނެއެވެ. މީގެ ނަތީޖާއަކަށްވެގެންދާނީ، ރަގަޅު ޢާމްދަނީއެއް ލިބި، ފުދުންތެރި ދިރިއުޅުމެއް ބައްޓަންކުރުމަށް މަގު ތަނަވަސްވެގެން ދިއުމެވެ.
ދިރިއުޅުމެއް ބައްޓަންކުރުމަށްޓަކައި ގިރާކުރަންޖެހޭ އަނެއް ހަރުފަތަކީ އުފާވެރި ދިރިއުޅުމެއް ވޭތުކުރުމަށް މަސައްކަތްކުރުމެވެ. މި މައިގަނޑު ހަރުފަތް ގިރާކުރުމަށްޓަކައި އިތުރު ކުދި ހަރުފަތްތަކެއް ގިރާކުރަންޖެހެއެވެ. އެގޮތުން މައިންބަފައިންނަށް ކަމޭހިތައި އެމީހުން ހިތްރުހޭފަދަ ކަންކަން ކުރުމަށް މަސައްކަތްކުރަންޖެހެއެވެ. މުޖުތަމަޢުގެ އެންމެހާ އަފްރާދުންގެ ލޯތްބާއި އަޅާލުން ހޯދުމަށްޓަކައި އެމީހުންގެ އިތުބާރު ހޯދަންޖެހެއެވެ. އެމީހުންނަށް ޞަދަޤާތްކޮށް، ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރު ދަންނަވަންޖެހެއެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުން ތިމާއާއި އެކަށީގެންވާ ރަގަޅު ބައިވެރިޔަކު ހޯދައިގެން ޒަވާޖީ ޙަޔާތެއް ފަށަންޖެހެއެވެ. މިއީ ހައްތަހާވެސް އިރިއުޅުން އުޖާލާކޮށް އާރޯކަމެއް ގެނެސްދޭނެފަދަ ކަންތައްތަކެއްކަން ޔަޤީނެވެ.
މިއަދު ތިމާގެ ދިރިއުޅުން އެންމެ ފުރިހަމަ ނުވެދާނެއެވެ. ނަމަވެސް އެދިރިއުޅުން އިތުރަށް ފުރިހަމަކުރުމަށްޓަކައި ދީނީ ކަންކަމަށް އިތުރަށް ސަމާލުކަންދީގެން ޙަޔާތް ބާއްޖަވެރިކުރާށެވެ. އަދި ރަނގަޅު ތަޢުލީމެއް ޙާޞިލްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ބައްޓަންކުރާށެވެ. ހަނދާންކުރާށެވެ. މިއަދަކީ އިއްޔެގެ ބަނޑުން ވިހެއި ދަރިއެކެވެ. މާދަމާއަކީ މިއަދުގެ ބަނޑުން ވިހާނެ ދަރިއެއްކަން ޔަޤީނެވެ. އެހެންކަމުން މިއަދަށްވުރެ ފެހި މާދަމާއަކަށް އެންމެން އެކީ ތެދުވެ އަތުކުރި އޮޅާލަމާ ހިނގާށެވެ.
6
4 Comments
Comments are closed.
Varah reethi
Masha Allah?..varah furihama..keep it up
Thanks all 🙂
raees Yamin tha