Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަ

ކައްފާރާ

Shine
October 19, 2016
14 Mins Read
62 Views
14 Comments

މާތްﷲ އިންސާނާ ޚަލްޤު ކުރެއްވީ ބޭކާރުގޮތެއްގައެއް ނޫނެވެ. އަދި ކުޅިވަރެއްގެ ގޮތުގައެއްވެސް ނޫނެވެ. ވަރަށް މާތް މަޤުޞަދެއްގައެވެ. ނަމަވެސް އެކަން އެނގެނީ ކިތައް އިންސާނުންނަށް ބާއެވެ. އާނއެކެވެ. ކޮންމެ މުސްލިމަކު ގާތު އަހާލިޔަސް ތިމަންނައަށްވެސް ތިކަން އެނގެޔޭ ބުނާނެއެވެ. ނަމަވެސް ހަޤީޤީ މާނައިގައި ދިރިއުޅުމުގެ މަޤުސަދު އެނގެނީ ވަރަށްވެސް މަދުބަޔަކަށެވެ. އެވެސް އުމުރުގެ ބޮޑުބައި ބޭކާރުވާފަހުންނެވެ. އަހަރެންނަކީ އެމަދުމީހުންގެ ތެރެއިން އެކަކީމެވެ.

މީގެ އަހަރުތަކެއްކުރިން އަހަރެންހީކުރީ ދުނިޔޭގައި އެންމެ އުފަލުގައި އުޅޭމީހުންނަކީ މުއްސަނދީން ކަމުގައެވެ. ސަބަބަކީ އަހަރެންނަށް އުފަލާއި ހިތްހަމަޖެހުން ތަޖުރިބާކުރެވުނީ މުއްސަނދިކަމުގެ ތެރެއިންކަމަށްވީތީއެވެ. ދެރަވުމާއި ހިތާމައަކީ ކޮންއެއްޗެއްކަންވެސް އޭރު އަހަރެން ނުދަންނަމެވެ. ދުވަހަކުވެސް ހިތާމައެއް ކުރަން ޖެހޭނެކަމަކަށްވެސް  އޭރު އަހަރެން ހިތަކަށްނާރައެވެ.

އެންމެ ކުޑައިރުން ފެށިގެން އަހަރެން އުޅެމުންއައީ ނުހަނު އަރާމު އަދި އެހާމެ އުފާވެރި ދިރިއުޅުމެކެވެ. ބައްޕައަކީ ރާއްޖޭގައި ނަން މަޝްހޫރު އަދި އެހާމެ ނުފޫޒުގަދަ ސިޔާސީ ލީޑަރެކެވެ. މަންމައަކީ މާލެއަށް އުފަން ޤަދަރުވެރި އާއިލާއެއްގެ އަންހެން ދަރިއެކެވެ. އަހަރެންނާއި އަހަރެންގެ އަންހެން ކޮއްކޮ އައިރީން ބޮޑުވީ މަންމައާއި ބައްޕަގެ ފުރިހަމަ ލޯބިލިބިގެންނެވެ. އަހަރެމެންނަށް އުނިވާ އެއްވެސް ކަމެއް ނޯވެއެވެ. ނަމަވެސް އެއީ އަހަރެންނަށް ހީވާގޮތެވެ. ޒަމާނީ ތަޢުލީމާއި ތަރުބިއްޔަތުދީގެން އަހަރެމެން ބޮޑުކުރިނަމަވެސް، ދީނީ ކުލައެއްވެސް އަހަރެމެންގެ ކިބައިގައި ނުވެއެވެ. އަހަރެމެންނަކީ ނަމެއްގައި މުސްލިމުންނެވެ. އަހަރެންގެ ބައްޕައަކީ ވިޔަފާރިއާއި ސިޔާސީ ކަންކަމަށް ގޮސް ހުސްވެފައި ހުރި މީހެކެވެ. އަހަރެންނަށް އެނގިގެން ދުވަހަކުވެސް ބައްޕަ މިސްކިތަކަށް އެރި ހަނދާނެއް ނުވެއެވެ. މަންމަވެސް ދުވަހަކުވެސް ނަމާދެއްކުރާތީ އަހަރެން ނުދެކެމެވެ. ރާއްޖޭގެ ޓީވީ ޗެނަލްއެއް ބަލަން އިންދައި ބަންގި ގޮވިޔަސް އަވަހަށް ނިވާލައެވެ. އެހެންކަމުން އަހަރެމެންނަށް ދަސްވެފައިވަނީ އެގޮތެއެވެ. އައިރީންވެސް އޯލެވެލް ހެދިއިރުވެސް ބުރުގާއެއް ނާޅައެވެ. ޚުދު މަންމަވެސް ބުރުގާ ނާޅާއިރު، ބުރުގާއަޅައިގެން ނިވާވެގެން އުޅޭމީހުންދެކެވެސް އިންތިހާއަށް ރުޅިއާއެދެވެ. ކޮންމެއަކަސް އަހަރެމެންގެ ދިރިއުޅުން އެގޮތުގައި ކުރިޔަށް ދިޔައީ ވަރަށްވެސް ހިތްހަމަޖެހުމާއި އުފަލުގައެވެ. ދުވަހަކުވެސް އެއުފަލަށް ނިމުމެއް އަންނާނެކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ.

ރާއްޖެއިން އޯލެވެލް ނިންމުމަށްފަހު އަހަރެން ބޭރަށް ކިޔަވަންދިޔައީ ބައްޕަމެން އާދޭސްކުރާވަރުންނެވެ. އަހަރެންގެ އެކުއުޅޭ ރަހުމަތްތެރީން ގެއްލިދާނެތީ އަހަރެންހުރީ އެހާދާހިތަކުން ނޫނެވެ. އަހަރެންނަކީ ކިޔަވަން އަބަދުވެސް މޮޅުކުއްޖެކެވެ. އަބަދުވެސް ރަންވަނަތައް އަހަރެން ގެންނަމެވެ. އެކަމަށްޓަކައި އަހަރެން ނުހަނު ފަޚުރުވެރިވަމެވެ. އަދި އަހަރެން ފަޚުރުވެރިވާ އެހެންކަމެއްވެސް އޮވެއެވެ. އެއީ އަހަރެންގެ ރީތިކަމެވެ. އަހަރެން ހީކުރާގޮތުގައި އަހަރެންނަކީ ނުހަނު ރީތިމީހެކެވެ. އަންހެންކުދިން އަހަރެންނާ އެވަރަށް ހިތާވަނީ އެހެންވެގެން ނޫންހެއްޔެވެ؟ ހަޤީޤަތަކީ އަހަރެން ރީތިވުމަށްވުރެބޮޑަށް ، ފޮނިވެފައި ދެއްކުންތެރިކަން ބޮޑުވުމެވެ. މުއްސަނދި ވެއްޖެނަމަ މިޒަމާނުގައި ރީތި ނުވެވޭނީ ކާކަށް ހެއްޔެވެ؟ ރާއްޖެއަކީ ނިސްބަތުން މީހުން ރީތިޤަމުކެވެ. އަދި އަމުދުން ޒަމާނީ ކޮސްމެޓިކްސްގެ ވަސީލަތްތައް ބޭނުންކުރަން ފެށިފަހުން ރާއްޖޭކުދިން މާބޮޑަށްވެސް ރީތި ވެއްޖެއެވެ. އަހަރެންގެ ކޮއްކޮއަކީ އުފަންވީއިރު ހަމަ އާދައިގެ ކަޅު ކުއްޖެކެވެ. ނަމަވެސް މިހާރު ހީވަނީ ދޮންކަމުން ޔޫރޮޕް ކުއްޖެއް ހެންނެވެ. އޭނާގެ އެބުޅި އިސްތަށިގަނޑުވެސް މިހާރު ފަންކަމުން ފަށުވިކޮޅެކޭ އެއްވެސް ތަފާތެއްނެތެވެ. ބޭރުންކުރާ ކުރީމްތަކުގެ އަދަދުވެސް ނޭނގެއެވެ. މޫނުން ފެށިގެން ފައިގެ ބޮޑުވައި އިނގިލިކުރިޔަށްދާންދެން ނަން ހުސްކޮށް ކުރީމް އުނގުޅައެވެ. ރީތިކަމަކީ އެއީއެވެ. ހަޤީޤީ ރީތިކަން އޮތީ ކޮންތާކުތޯ ބަލަނީ ކާކުހެއްޔެވެ؟

ކޮއްކޮވެސް ރާއްޖޭން ބޭރުން ކިޔަވައިގެން އައިއިރު ދީނުގެ ކުލަ ނެތްތާނގައި ދިވެހިވަންތަކަމެއްވެސް ނެތެވެ. ކޮންމެގޮތެއްވިޔަސް އެއީ އަހަރެން އެމީހަކާމެދު ފަޚުރުވެރިވާ އަހަރެންގެ ކޮއްކޮއެވެ. މޮޅު ޑޮކްޓަރެކެވެ. އަހަރެންވެސް މާސްޓަރ އަށް ކިޔެވުމަށްފަހު ބައްޕައާއެކު ވިޔަފާރީގެ ތެރެއަށް ވަނީމެވެ. އުފާވެރި މުސްތަޤުބަލަކަށް ފޮނިހުވަފެންތައް ދެކެމުންނެވެ. އޮފީހުގައި އެތައްއިރެއްވާންދެން މަސައްކަތްކުރަން އަހަރެން އިންނަމެވެ. ކޮއްކޮވެސް އޭނާގެ މަސައްކަތް ކުރަމުން ދިޔައީ ނުހަނު ގަޔާވެގެންނެވެ.

އަހަރެމެންގެ މިއުފާވެރި ހަމަޖެހޭ ދިރިއުޅުމަށް ހީނުކުރާފަދަ އިންޤިލާބެއް އައީ ހަމަ ކުއްލިއަކަށެވެ. އައިރީންގެ ކައިވެނިވެގެން ދިޔައީ ހިތާމައިގެ ފެށުންކަމުގައެވެ. އޭނާ ޙަޔާތުގެ ބައިވެރިޔަކަށް ޚިޔާރުކުރީ ސިންގަޕޫރުގެ ކްރިޝްޓިއަށް ޑޮކްޓަރެކެވެ. ނަމަވެސް އެއީ އަހަރެން ހައިރާންކުރުވި ކަމަކަށްނުވިއެވެ. މަންމައާއި ބައްޕަވެސް ނުހަނު ގަބޫލެވެ. މައްސަލައަކަށްވީ ރާއްޖޭގެ ޤާނޫނެވެ. އެމީހުނަށް ގޯސްވީވެސް އިސްލާމީ ޝަރީއަތެވެ. އެންމެފަހުން ޑރ. ޖޯންއަށް ޖެހުނީ ނަމެއްގައި ނަމަވެސް އިސްލާމުވާށެވެ. އެހެންކަމުން ހަމައެކަނި ކައިވެނި ރެޖިސްޓްރީ ކުރުމަށްޓަކައި އެކަން އޭނާކުރިއެވެ. އިތުރު އެއްވެސް މަޤުޞަދެއް އޭނާގެ ނެތެވެ. އޭނާގެ ބަދުނަސީބުކަމާއެވެ. އެންމެފުރިހަމަ މަގުފެނުމުންވެސް ފުރަގަސްދިނީއެވެ. އެއަށްވުރެ ބަދުނަސީބީ އަހަރެންގެ ކޮއްކޮ ނޫން ހެއްޔެވެ؟ މުސްލިމަކަށްވެހުރެ ހިދާޔަތެއްނުލިބުނެވެ.

ކައިވެންޏަށްފަހު، އައިރީން ސިންގަޕޫރަށް ދިޔަދަތުރުގައި މަންމައާއި ބައްޕަވެސް އެމީހުނާއެކު ދިޔައެވެ. އެދަތުރުގައި އަހަރެން ބައިވެރިނުވީ ވިޔަފާރީގެ ކަންކަމުގައި ބުރަވެގެންނެވެ. އެމީހުން ވަރަށް މަޖާނެގިއެވެ. އަހަރެންނަށް ވައިބަރއިން ފޮޓޯފޮނުވާހެދިއެވެ. އެމީހުންގެ އުފާވެރިކަން ފެނިފައި އަހަރެންވެސް އުފާކުރީމެވެ. ނަމަވެސް އެއުފާވެރިކަން ދެމިއޮތީ ކުޑަދުވަސްކޮޅަކަށެވެ. ދަތުރުނިންމާފައި އެއާރޕޯޓަށް އައިމަގުމަތީގައި ހިނގާދިޔަ ނުރައްކާތެރި މަގުމަތީ ހާދިސާއެއްގައި އަހަރެންގެ މަންމައާއި ކޮއްކޮ އަދި ކޮއްކޮގެ ފިރިމީހާ މިދުނިޔެ ދޫކުރިއެވެ. ބައްޕަގެ ނަސީބު ރަގަޅީކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. ބައްޕަ ސަލާމަތްވިއެވެ. ނަމަވެސް ބައްޕައަށް ޖެހުނީ ނުކުޅެދޭހާލުގައި ތަންމަތީގައި އޮންނާށެވެ. ކުއްލިއަކަށް މިދިމާވި ހާދިސާއިން އަހަރެންގެ މުޅިދުނިޔެ އަނދިރިވެގެން ހިނގައްޖެއެވެ. އެހާދިސާވީ އަހަރެންނަށް ކެތްކުރަންދަތި ވޭނަކަށެވެ. އަހަރެންގެ ލޯބިވާކޮއްކޮއާއި މަންމައާއި އެކު އަހަރެންގެ ހުރިހާ އުފާތަކެއް ވަޅުލެވުނު ފަދައެވެ. ރުއިން ފިޔަވައި ކުރެވޭނެ އިތުރުކަމެއް ނެތެވެ.

” ބައްޕާ!….ކީއްވެ މިހެންމިވީ…ބައްޕަމެން ސިންގަޕޫރަށް ނުދިޔަނަމަ ކިހާރަނގަޅު…ކޮއްކޮވެސް…އަހަރެންގެ ހުރިހަމައެކަނި ކޮއްކޮ މަރުވީ ކީއްވެ….ކީއްވެ؟…” ރޮމުން ރޮމުން އަހަރެން ޝަކުވާކުރީމެވެ. ނަމަވެސް ތަޤުދީރު ބަދަލުކުރެވޭނީ ކާކަށް ހެއްޔެވެ؟ ގަބޫލުކުރިޔަސް ނުވަތަ ނުކުރިޔަސް އިންސާނާ ޚަލްޤް ކުރެއްވުމުގެ މާކުރިން ތަޤުދީރުވަނީ ލިޔެވިފައެވެ. އެކަން އަހަރެންނަށް ވިސްނޭނީ ކޮންފަދައަކުން ހެއްޔެވެ؟ އަހަރެންނަކީ ދީނީގޮތުން ތަނެއްދޮރެއް ނޭނގޭ ޖާހިލަކީމެވެ.

ބައްޕައަށް ލިބިފައިވާ ފުންހިތާމައިގެ ސަބަބުން މީހާވަނީ މާޔޫސްވެ ގަބުވެފައެވެ. މައިބަދައަށް ލިބުނު ގެއްލުމެއްގެ ސަބަބުން ހިނގާބިނގާވެ އުޅުމުން ބައްޕަ މަހުރޫމްވިއެވެ. އެތައްފައިސާއެއް ޚަރަދުކޮށް، ދުނިޔޭގެ ނަން މަޝްހޫރު ޑޮކްޓަރުންނަށް ދެއްކީމެވެ. ނަމަވެސް ބައްޕައަށް ހިނގޭނެކަމުގެ އެއްވެސް އުއްމީދެއްނެތެވެ. މުޅިއުމުރަށް ނުކުޅެދޭ މީހަކަށްވުމަކީ ބައްޕަފަދަމީހަކަށް ކިހާބޮޑު ތަކުލީފަކަށް ވާނެހެއްޔެވެ؟ ބައްޕައަށް އެނިކަމެތި ހާލުޖެހުމުން، ދުވަސްކޮޅަކަށް ބައްޕަގެ ރަޙުމަތްތެރީން ހާލުބަލާލަން އައިސް ހިތްވަރުދީ އުޅުނެވެ. ބައްޕަގެ އާއިލާއާއި ގާތްތިމާގެ މީހުންވެސް ބައްޕައަށާއި އަހަރެންނަށް ހޭހަންކޮށް ހެދިއެވެ. ނަމަވެސް ގިނަދުވަސްވީ ވަރަކަށް މަޑުމަޑުން ގޮސް އެންމެން ގެއްލިއްޖެއެވެ. ހާލުބަލައިލަން ގެޔަށް ވަދެނުލާތާނގައި ފޯނުވެސް ކޮށްނުލައެވެ. ބައްޕަގެ އެކަނިވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދިޔައެވެ. އަހަރެން ގިނަވަގުތު ހޭދަކުރަނީ އޮފީހުގައެވެ. އެހެންކަމުން ބައްޕައަށް އެންމެ އެކަށީގެންވާގޮތަށް އަޅައެއްނުލެވެ. އެންމެފަހުން ބިދޭސީއެއް ގެނެސްގެން ބައްޕަބެލުމުގެ މަސައްކަތް ހަވާލުކުރީމެވެ. ދަރިން މައިންބަފައިންގެ ޙައްޤު އަދާކުރަންޖެހޭ ގޮތަކީ މިއީތޯއެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުން ގޮސް މަޑުމަޑުން ބައްޕަގެ ގަބުކަން ފިލައި ވާހަކަދައްކައި އުޅެންފެށިއެވެ. ފުރޮޅުލީ ގޮނޑީގައި އެއްތަނުން އަނެއްތަނަށް ގޮސް ކުދި ކުދި ކަންތައްތައް ކުރަން ފެށިއެވެ. ގިނަރޭރެއަށް އަހަރެންނަށް ގެޔަށް އާދެވެނީ މެންދަމުން އަލިވާފަހުންނެވެ. ނަމަވެސް ނިދުމުގެކުރިން އަހަރެން ބައްޕަގެ ހާލުބަލައިލަމެވެ. އެއްރެއަކު އަހަރެން ބައްޕަގެ ކޮޓަރި ކައިރިއަށް ދިޔައިރު، ބައްޕަ ގިސްލާފައި ރޯއަޑުއިވުނެވެ. އަހަރެން ދޮރުހުޅުވާލަން ދިމާކޮށްލި ވަގުތު ބައްޕަގެ އަޑުއިވިފައި ހުއްޓެވުނީ ބައްޕަ ދުޢާކުރަނީކަން އެނގުނީމައެވެ. ބައްޕަގެ ފާފަ ފުއްސެވުމަށްއެދި ރޮއެ ރޮއެފައި ދުޢާކުރާ އަޑު އިވުމުން ބުނެދޭން ނޭނގޭފަދަ ތަފާތު އިހުސާސެއް އަހަރެންނަށް ކުރިއެވެ. އެއީ ދުވަހަކުވެސް އެފަދަ އިޚުލާސްތެރިކަމާއެކު މީހަކު ދުޢާކުރަނިކޮށް އަހަރެން އަޑުއަހާފައި ނުވާތީއެވެ. އުމުރުން މިވީ ސައްބީސް އަހަރުތެރޭގައި އެންމެ ފަހަރަކުވެސް ސަޖިދައެއް ހަނދާން އަހަރެން ނުވެއެވެ. މީހަކު ނަމާދު ކުރާތީ ނޫނީ ދުޢާކުރާތީ ފެންނާނީވެސް މިސްކިތަށް އަރާނަމަ ނޫން ހެއްޔެވެ؟ އަހަރެންގެ ޣާފިލްކަމާއެވެ.

ދުވަސްތައް ވޭތުވަމުންދާ ވަރަކަށް ބައްޕަގެ ފަރާތުން ކުރިން ދުވަހަކުވެސް ފެނިފައިނުވާ ކަންކަން ފެންނަންފެށިއެވެ. ވަގުތުން ވަގުތަށް ނަމާދުކުރުމާއި ޤުރުއާން ކިޔެވުމެވެ. ދީނީ ފޮތްކިޔުމާއި ދީރީ ދަރުސް އަޑުއެހުމެވެ. ކުރީގައި އަބަދުހެން ސިޔާސީ ޕްރޮގުރާމްތައް ފެންނަ ޓީވީއިން މިހާރު އަބަދުވެސް ފެންނަނީ ޕީސްޓީވީ ޗެނަލްއެވެ. ބައްޕަގެ މިބަދަލުގެ ސަބަބުން، ބައްޕަގެ މޫނުން ކުރިން ނުދެކޭފަދަ އުފާވެރިކަމަކާއި ހަމަޖެހުމެއް އަހަރެން ދުށީމެވެ. ނުކުޅެދޭހާލުގައިވެސް ބައްޕަ މިހާރު ހުންނަނީ ހިނިތުންވެފައެވެ. ނަމަވެސް ހިތަށާއި ސިކުނޑިއަށް އެއްވެސް ހަމަޖެހުމެއް ނުލިބިގެން މިއުޅެނީ އަހަރެންނަށެވެ. އަހަރެން ހީކޮށްގެންހުރީ އެއީ މާބުރަކޮށް މަސައްކަތްކުރާތީ ވާގޮތެއްކަމަށެވެ.

ހުކުރު ދުވަހެއްގެ މެންދުރުވަގުތެވެ. އާދައިގެމަތިން އަހަރެން އޮތީ ނިދާށެވެ. އަހަރެންނަކީ އެއްއިރެއްގައިވެސް ހުކުރަށް ގޮސް އުޅޭމީހެއްނޫނެވެ. ހުކުރުވަގުތަކީ އެންމެ އަރާމުކޮށް އަހަރެންނަށް ނިދޭ އެއްވަގުތެވެ. އަހަރެންގެ ދެލޯމެރި ނިދީގެ ތެރެއަށް ޣަރަޤުވަމުންދަނިކޮށް ކުއްލިއަކަށް ދެލޯހުޅުވާލެވުނީ ޓީވީއިން ބަންގީގެ އަޑުއިވުމުންނެވެ. ޓީވީނިވާލަން ބޭނުންވި ނަމަވެސް އެނދުން ތެދުވެގެން ދާން މަސައްކަތަކަށް އަހަރެން އޮތީމެވެ. އެހެން އޮތްއިރު ބަންގީގެ ކޮންމެ ކަލިމައެއްގެ ފުރިހަމަކަމާމެދު އަހަރެންނަށް ވިސްނުނެވެ. މާނަ ނޭނގުނު ނަމަވެސް ޖާދޫއެއްފަދަ އަސަރެއް އޭގައި އެކުލެވިގެންވާހެން އަހަރެންނަށް ހީވިއެވެ. އުމުރުން މިވީހާ ދުވަހު އެތައް ފަހަރަކު އަހަރެންނަށް ބަންގި އަޑުއިވިފައި ވެއެވެ. ނަމަވެސް މިފަދަގޮތަކަށް ދުވަހަކުވެސް އަހަރެން ސަމާލުކަމެއް ނުދެމެވެ. ބަންގިއަށްފަހު ޚުތުބާފެށުނެވެ. ޚުތުބާކީމީހެއްގެ ބަސްމޮށުންތެރިކަމުގެ ހުނަރުވެރިކަމުންވެސް އަޖައިބުވެފައި އަހަރެން އަޑުއަހަން އޮތީމެވެ. އެދުވަހުގެ ޚުތުބާގައި ދެއްކީ ބޮޑެތި ފާފަތަކާއި އޭގެ ނުބައިކަމުގެ ވާހަކައެވެ. އަދި އެކަންކަމުން ތަޢުބާވުމަށް އަވަސްވެގަތުމަށް ނަސޭހަތްތެރިވުމަށްވެސް ގޮވާލައި ވަސިއްޔަތްކުރިއެވެ. ކީރިތި ޤުރުޢާނުގެ މޫރިތި އާޔަތްތަކާއި ރަސޫލާގެ ހަދީޡް ފުޅުތަކުން ފުރިހަމަ ދަލީލުތައް ދެއްކިއެވެ. އަހަރެންނަށް އަލަށް އަޑުއިވުނު ވާހަކަތަކުން، ނިދިވެސް މުޅީން ފިލައިގެން ހިނގައްޖެއެވެ. އެޚުތުބާގައި ކީ ބޮޑެތިފާފަތަކުގެ ތެރެއިން މަދުކަމެއް ފިޔަވައި ހުރިހާ ކަމަކަށް އަހަރެންވަނީ އަރައިގަނެފައެވެ. އުމުރުން އެންމެ ސާދަ އަހަރުން ފެށިގެ ޒިނޭގެ ނުބައި ފާޙިސް އަމަލުކުރަން އަހަރެން ފެށީމެވެ. ރާއްޖެއިން ބޭރުގައި އުޅުނުއިރު، ރާވެސްބުއީމެވެ. އަދި މިހާރުވެސް ރިބާއާއި ރިޝްވަތުގެ ނުބައި ރަހަވެސް އަހަރެންވަނީ ދެކެފައެވެ. އަދި މީގެ އިތުރުންވެސް އަހަރެންގެ އުމުރުގައި އެއްވެސް ހެޔޮކަމެއް ކުރެވުނު ހަނދާނެއް އަހަރެން ނުވެއެވެ. އަމިއްލަ އެދުމަށްޓަކައި ކުރިކަމެއް ފިޔަވައެވެ. ސުބުޙާނަﷲއެވެ. އަހަރެންނަކީ ފާފަވެރިއެކެވެ. ނަމަވެސް ތަޢުބާވާނީ ކޮންގޮތަކުން ކިހިނެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެޚުތުބާއާމެދު ވިސްނަން އެތައްއިރަކު އަހަރެން އޮތީމެވެ. އެހެން އޮއްވައި އަނެއްކާވެސް އަހަރެންނަށް ނިދުނީއެވެ.

ދެން އަހަރެންނަށް ހޭލެވުނީ ބައްޕަ ބަލަން ގެނެސްހުރި ޝާފީ ގޮވާއަޑަށެވެ. އަހަރެން ތެދުވެ ފެންވަރާލައިގެން ބައްޕަގެ ކޮޓަރިއަށް ދިޔައީމެވެ. އޭރު ބައްޕައިނީ އަހަރެންގެ އިންތިޒާރުގައެވެ.

” ދަރިފުޅާ!…ބައްޕަ އެބައޮތް ވަރަށްބޮޑު ވާހަކައެއް ދައްކަންވެފަ….ބައްޕައަކަށް ނޭނގެ މިވާހަކަ ކިޔައިދޭނެ ގޮތެއްވެސް ……އެކަމަކު ދެން އިތުރަށް މިކަން ސިއްރުކޮށްގެން ބައްފައަކަށް ކެތެއްނުވާނެ….” ބައްޕަގެ އަރުބެދޭގޮތްވުމުން ވާހަކަ މެދުކަނޑާލިއެވެ. ބައްޕަ ބުނަން އުޅޭއެއްޗެއް ނޭނގި ހައިރާންވެފައި އަހަރެން އިނީމެވެ.

” ދަރިފުޅާ އަކިލް!….ބައްޕައަކީ ވަރަށްބޮޑު ކުށްވެރިއެއް….އަނިޔާވެރިއެއް….ބައްޕައަށް މިއަދު މިލިބެނީ ބައްޕަކުރި ކުށުގެ ސަޒާ….ދަރިފުޅާ….ބައްޕަ މިދައްކާ ވާހަކަ ރަގަޅަށް އަޑުއަހާތި!….އަކިލް އާއި އައިރީން ނޫނަސް ބައްޕަގެ އެހެން ދަރިޔަކުހުރޭ….އެއީ ދަރިފުޅު ލިބުނުފަހުން ބައްޕަ އައްޑުއަށްކުރި ވިޔަފާރިދަތުރެއްގަ ހިތަދޫ އަންހެނަކާ އިނިން….އެއީ ވަރަށް ސިއްރުން ކުރިކަމެއް ހަމަ އެންމެ މަޤުސަދެއްގަ…ބައްޕަ އޭނަޔާއިނީ އޭރު ބައްޕަގެ ވަރަށް ދުޝްމަން މީހަކަށް ލަނޑެއްދޭންވެގެން…..އެއީ ދީންވެރި ރަގަޅު އަންހެނެއް….ނަމަކީ ނަސްރާ….އޭނަޔާ އިންނަން މިބުނާމީހާ އުޅޭތީ އިނަނުދޭންވެގެން ބައްޕަ އެދެމެދަށްވަނީ….ނަސްރާގެ އާއިލާއަކީ ވަރަށް ނިކަމެތިބައެއް…..އެމީހުންތިބީ މިބުނާމީހައަށް ދަރަނިވެރިވެފަ…..އެހެންވެ އެމީހުން އުޅުނީ ނަސްރާ އޭނާއާ ދެވަންވެގެން….އެކަން އެނގިގެން އެމީހުންގެ ދަރަނި އަދާކުރަން ބައްޕަ ފައިސާދިނިން…..އަދި ނަސްރާއާއިނިން…..ހަމަ އެންމެ ހަފްތާއެއްވެފަ ބައްޕަ މާލެއައީ….އޭނަވަރިވެސް ނުކުރަން….އެކަމު ފަހުން ބައްޕަ އެކަން ހަނދާންވެސް ނެތް…..ހަނދާން ކުރާކަށް ބޭނުމެއްވެސް ނުވި….އޭގެ އަހަރުތަކެއް ފަހުން….ބައްޕަ ސިޔާސީދާއިރާއިން މަޝްހޫރުވުމުން ޓީވީގެ ޒަރީއާއިން ނަސްރާއަށް ބައްޕަގެ މައުލޫމާތު ލިބިގެން …ބައްޕަހޯދަން މާލެއައި….އަދި ވަރަށް މަސައްކަތުން ބައްޕައާ ބައްދަލުވެސް ކުރި….އޭރު އެދަރިފުޅުގެ އުމުރަކީ ފަސްއަހަރު…..އެދުވަހު ބައްޕަ އެދެމައިން ބަލައިގަންނަން އިންކާރުކުރިން…..އަދި ނަސްރާ ވަރިވެސްކުރިން……ނަސްރާ ބައްޕަގެ ފައިބުޑަށްވެއްޓި އާދޭސްކުރި…..ގޭގަ ނޯކަރެއްގެ ދަރަޖަދީފަ ބަހައްޓަންވެސް އެދުނު….ނަމަވެސް ބައްޕަގެ އަގުވެއްޓެން ބޭނުންނުވާތީ ބައްޕަ އޭނާފޮނުވާލީ….ދަރިފުޅަށް ޚަރަދުދޭނަން ކަމަށްބުނެ…..ބައްޕަ ދުވަސްކޮޅެއްވާންދެއް އެދެމައިންނަށް ޚަރަދުކުރިން…..ނަމަވެސް ފަހުން އެކަންވެސް ހުއްޓާލީ ފަޅާއަރާފާނެތީ…..” ބައްޕަ ދެލޯފުލަމުން ވާހަކަ މެދުކަނޑާލިއެވެ. އަހަރެންއިނީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ.

“ދަރިފުޅާ…ބައްޕަ ބޭނުން އެދެމައިންގެ ކިބައިން މާފަށް އެދެން……..އެމީހުނަށް އެމީހުންގެ ހައްޤުހޯދައިދޭން…..ބައްޕަގެ ހިތަށް ހަމަޖެހުމެއްލިބޭނީ އޭރުން…..ބައްޕައަށް އެނގެނީ އެމީހުންގެ ގޭގެނަން އެކަނި….ގުޅޭނެ އެއްވެސް ގޮތެއް ނޭނގޭ….އެވަރުގެ ރައްޓެއްވެސް މިހާރަކު ނެތް…..ދަރިފުޅު އެރަށަށް ގޮސް އެމީހުން ހޯދަދީ…” ބައްޕަ އަހަރެންގެ އަތުގައި ހިފައި އާދޭސްކޮށްފައި ރޯންފެށިއެވެ. ބައްޕައަށް ކޮށްފައިވާ އަސަރުން އަހަރެންވެސް ވަރަށް ދެރަވިއެވެ. ނަމަވެސް އެޔަށްވުރެ ބޮޑަށް އަހަރެންހުރީ، މިއެނގުނު ހަޤީޤަތުން ހައިރާންވެފައެވެ. ބައްޕަގެ އާދޭސްތައް ގަބޫލުކޮށް އެރަށަށްދާން އަހަރެން އެއްބަސްވީމެވެ.

ޖެހިގެން އައި ހަފްތާގެ ބުރާސްފަތި ދުވަހު އަހަރެންހުރީ އައްޑޫގައެވެ. އެކި މީހުންގެ ގާތު އަހައިގެން އަހަރެންނަށް އެބުނާގެޔެއް ހޯދުނީ ހަފްތާއެއް ފަހުންނެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު އަހަރެން އެގެއަށް ދިޔައީމެވެ. އެއީ ވީރާނާވެފައިވާ ފަޅުސަރަހައްދެއްގައި ހުރި ވަރަށް ޒަމާންވެފައި ހުރި މުސްކުޅިގެޔެކެވެ. ހީވާގޮތުން އެއީ އެރަށުގައިވެސް އެންމެކުރިން އާބާދުވީ ހިސާބެވެ. އާއެއްވެސް އިމާރާތެއް އެތާކުން އަހަރެންނަކަށް ނުފެނުނެވެ. ތެޅިގަލުން ރާނާފައިވާ ތިރިގެއެކެވެ. ފާރުތައްބާވެ ކަޅުވެފައިވެއެވެ. ވަށާފާރުގައިވެސް ދިމަދިމާލުން ގާތައްވެރިފައިހުއްޓެވެ. ދަވާދުތަކުގެ ކުލަގޮސް، ތަޅުވެސް ދަބަރަށްވެފައިވާ ދޮރެކެވެ. ނަމަވެސް ގޯތިތެރެ އޮތީ ކުރިކަހައި ސާފުކޮށްފައެވެ. ތަފާތު ގިނަ ގަސްތައްހެދިފައިވާ ތަނަވަސް ބޮޑު ގޯއްޗެކެވެ. ވަރަށް ރީތިކޮށް ގަތާފައިވާ ޖޯލިފައްޗެއްވެސް ހުއްޓެވެ. އަހަރެން ޖެހިލުންވެ ހުރެ ގޯތިތެރެއަށް ވަނީމެވެ. ގެޔާއި ތަންކޮޅެއް ދުރިގައި އޮށިން އަޅއި ފަނުން ފުރާޅުލާފައިހުރި ކުޑަކުޑަ ބަދިގެޔެއް ހުއްޓެވެ. އަހަރެން އެދިމާއަށް ހިނގައިގަތީ ކޮންމެވެސް މީހަކު އުޅޭހެން ހީވެގެންނެވެ.

” މުންނާ..މުންނާ…” ކުއްލިއަކަށް އެއްކަލަ ގޭތެރެއިން ނުކުތް ހަވަރަކަށް އަހަރުގެ ފިރިހެން ކުއްޖަ ދުވެފައި އައިސް އަހަރެން ފެނުމާއެކު ބިރުން ހުއްޓުނެވެ. އެކުއްޖާ ފެނުމުން ހައިރާންވެފައި އަހަރެންނަށް ހުރެވުނީ ދެކެފަރިތަގޮތެއް އެމޫނުގައި ހުރީމައެވެ. އަހަރެން އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ އެކުއްޖާ ހަލުވިކަމާއެކު ގޮސް ބަދިގެޔަށް ވަނެވެ. އިރުކޮޅެއްފަހުން ދެބައި އުމުރުގެ އަންހެނަކު ދެލޯފުހެމުން ބަދިގެއިން ނުކުތެވެ. އެކުއްޖާވެސް އމީހާގެ ފަސްބައިގަ ހިފައިގެން ނުކުތެވެ. އެމީހަކީ ބައްޕަ އެބުނާ ނަސްރާކަން ޔަޤީނެވެ. ނަމަވެސް އަހަރެން ހައިރާންވީ ބައްޕަގެ އެބުނާދަރި އަދިވެސް ބޮޑުނުވެ އެވަރުގައި ހުރީމައެވެ. އަހަރެން ހައިރާންވެފައި އެކުއްޖާއަށް ބަލަންހުއްޓައި، އަހަރެނަކީ ކީއްކުރާމީހެއްތޯ އެމީހާ ސުވާލުކުރިއެވެ. އަހަރެން ވަރަށް ޖެހިލުންވެހުރެ ވާހައެއް ދައްކަން ބޭނުންކަމުގައި ބުނީމެވެ. ނަސްރާދައްތަ ހިތްހެޔޮކަމާއެކު އަހަރެން ގޭތެރެއަށް ވައްދައި މެހެމާންދާރީ އަދާކުރިއެވެ. ވާހަކަ ފަށާނެ ގޮތެއްނޭނިފައި އެތައްއިރެއް ވާންދެން އަހަރެން އިނީމެވެ.

ނަސްރާދައްތަ ކަންބޮޑުވެގެން ސުވާލުތައް ކުރަން ފެށުމުނެ، އަހަރެން އައި މަޤުޞަދު ސާފުކޮށްބުނީމެވެ. އެއާއެކު ނަސްރާދައްތަ މުޅީން ހިމޭންވިއެވެ. ބަހެއްނުބުނެ އެތައްއިރަކު އިނުމަށްފަހު ރޯންފެށިއެވެ. އަހަރެން ވަރަށް ކަންބޮޑުވިއެވެ. ހަނދާނެއްގޮތެއް ނޭނގިފައި އިނދެވުނީއެވެ. އެތައްއިރަކު ރުއިމަށްފަހު އެންމެފަހުން ނަސްރާދައްތަ ވާހަކަދައްކަން ފެށިއެވެ.

” ހަމަކުއްލިއަކަށް އަހަރެމެން މަތިން ހަނދާންވީ ކީއްވެ؟….މިއޮއްހާ ދުވަހު މަރުވިތޯވެސް ބަލާނުލާ!….އެކަކު އަޅާނުލިޔަސް ﷲގެ އަޅުތަކުންނަށް އެކަލާނގެ ރިޒްޤް ދެއްވާނެ….އިރާދަކުރެއްވީތީ ދުވަހަކުވެސް ސަލާމެއް ނުޖަހަން….” ނަސްރާއްތަ ރޮއެރޮއެފައި އެތައް ޝަކުވާއެއްކުރިއެވެ. އެޝަކުވާތައް ކުރުން މިއަދު ހައްޤެވެ. މުޅު އުމުރު ޝަކުވާކުރިޔަސް ހުސްނުވާހާ ޝަކުވާ ހުންނާނެކަން ގައިމެވެ.

“މީތަ ބައްޕަގެ ދަރިއަކީ؟…” އެންމެފަހުން އަހަރެން ސުވާލުކުރީމެވެ.

” ނޫން…މީ އަހަރެންގެ މާމަދަރިއެއް….އަހަރެންގެ ދަރިފުޅަކީ ވަރަށް ބަދުނަސީބު ކުއްޖެއް…..އެތައް ބުރަ މަސައްކަތެއްކޮށްގެން ލާރިކޮޅެއް އެއްކޮށްގެން އެދަރިފުޅު ކިޔަވަން ފޮނުވީ ދުރުތާތިމާގެ މީހެއްގާތަށް މާލެއަށް….އެކަމަކު އެވީ އެކުއްޖާގެ އުމުރުދުވަހުގެ ވޭނަކަށް…..ޖަލީލަށްވުރެވެސް ނުބައިމީހަކު އެކުއްޖާގެ ހުރިހާ އުފާތަކެއް ފޭރިގަތީ….އެކުއްޖާ މުޅިދުނިޔެއަށް ބިކަކޮށްލީ…” ނަސްރާއްތަ ގިސްލަގިސްލާފައި ރޯންފެށީ ގޮތުން އަހަރެންގެ ލޮލުންވެސް ކަރުނަ ހިލުނެވެ.

” މަންމާ!” ކުއްލިއަކަށް އަހަރެންގެ ފަހަތުން އަންހެން ކުއްޖެއްގެ އަޑުއިވުމުން ސިހިފައި އަހަރެން ފަހަތްބަލާލީމެވެ. އެއާއެކު އަހަރެންގެ ނޭވާމޭގެތެރޭގައި ތާށިވިހެން ހީވީ ފަހަތުގައި ހުރި އަންހެން ކުއްޖާއަކީ ކާކުކަން އަހަރެންނަށް އެނގުމުންނެވެ.

” އިނާ!” މަޑުމަޑުން އަހަރެންގެ އަނގައިން އެނަން ނުކުތީ ބޭއިޚުތިޔާރުގައެވެ.

” އަނހާ! ދަރިފުޅާއިނާޝާ….ނަމާދުކޮށް ނިމުނީތަ؟….ކާންވީދޯ؟” ނަސްރާދައްތަ ވަރަށްލޯތްބާއި އެކީ އަންހެން ކުއްޖާގެ އަތުގައި ހިފައިގެން ގެނެސް ގާތުގައި ބޭންދިއެވެ. ފެންނަ މަންޒަރު ގަބޫލުނުކުރެވިފައި އިނާޝާގެ މޫނަށް ބަލަން އިންއިރު އަހަރެންގެ ހިތަށް ކުރަމުންދިޔަ އިހުސާސްތައް ޚުދު އަހަރެންނަށްވެސް ނޭނގެއެވެ. އޭނާއަށް އަހަރެން ނޭނގުނީބާއޭ ހިތަށްއަރަމުން ދިޔައެވެ.

” އަހަރެންގެ ދަރިފުޅަކީ ލޯފަން ކުއްޖެއް….އެކުއްޖާގެ އެއުފުލާވޭން ކާކަށް އިހުސާސްކުރެވޭނީ…..މާލެއޭކިޔާ ޖަންގަލީގާ އުޅެނީ އިންސާނުން ރޮލުންކާ….

” މަންމާ…..ޕްލީޒް ހުއްޓާލާ!….ޕްލީޒް ތިވާހަކަ ނުދައްކާ…” ނަސްރާއްތަގެ މެދުކަނޑާލާފައި އިނާ ވާހަކަދެއްކިއެވެ. އަހަރެންނަށް ހީވީ މިއުޅެވެނީ ހުވަފެނެއްގައި ހެންނެވެ. ނޫނެކެވެ. މިއީ ހަޤީޤަތެއް ނޫނެވެ. މިކަން މިހެން ވެގެން ނުވާނެއެވެ. އަހަރެން ހޭލަންބޭނުމެވެ. މިތަނުން ދާންބޭނުމެވެ.

” އެކުއްޖާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ހިތާމަކޮށްކޮށް އެކުއްޖާގެ ލޮލުގެ ފެނުންވެސް ދިޔައީ….އަހަރެން ދުވަހަކުވެސް އެމީހަކަށް މާފެއް ނުކުރާނަން…” އަނެއްކާވެސް ނަސްރާއްތަ ވާހަކަ ދެއްކިއެވެ. އެވާހަކަތައް އިވުނު ވަރަކަށް އަހަރެންގެ ބޮލަށް އެނބުރުން އަރަމުންދިޔައެވެ. އަހަރެން މަޑުމަޑުން ތެދުވެ ބޭރަށް ނުކުތީ ނޭވާހާސްވާހެން ހީވާތީއެވެ. އޭރު މުޅިމީހާ ދާހިތްލާ ފޯވެއްޖެއެވެ.

ގޯތިތެރޭގެ އެއްކަނެއްގައިހުރި ހިޔާބޮޑުގަހެއްގައި އެލުވާފައިވާ ޖޯލި އުނދޯއްޔެއްގައި އޮށޯވެ އަހަރެން ލޯމަރާލީ ސިކުނޑިއަށް ލުޔެއްލިބޭތޯއެވެ. ނަމަވެސް މާޒީގެ ކަޅުސަފްހާތައް އެޗްޑީ ސްކުރީނަކުން ފެންނަހެން އަހަރެންގެ ލޯމަތީގައި ސިފަވާން ފެށިއެވެ. އެއީ މީގެ ހަތްއަހަރުކުރިއެވެ. އަހަރެން މެލޭޝިއާގައި ހުރެފައި ސެމެސްޓަރ ބުރޭކަށް މާލެއައީމެވެ. އޭރު އަހަރެންގެ ކޮއްކޮ އުޅެނީ އަމީނިއްޔާ ސުކޫލު ގުރޭޑް ދިހައެއްގައެވެ. އެއްދުވަހަކު އޭނާ ގެޔަށް އައިއިރު ހުރީ ވަރަށް ރުޅިގަދަވެފައެވެ. އެދުވަހު އައިސް ދެއްކީ އަލަށް އެކުލާހަށް އައި ރާއްޖެތެރޭ ކުއްޖެއްގެ ވާހަކައެވެ. އެކުއްޖާއަށް ޓީޗަރުން މާވަރަކަށް ތަޢުރީފު ކުރާވާހަކައެވެ. އެކުއްޖާ ރީތިކޮށް ޤުރުޢާން ކިޔަވާ ވާހަކައެވެ. ކޮންމެއަކަށް މުޅިސުކޫލުގައިވެސް އެފަދަ ދެވަނަ ކުއްޖެއް ނެތްވަރަށް ޓީޗަރުން އެކުއްޖާއަށް ތަޢުރީފް ކުރަނީއެވެ. ހުރިހާ މާއްދާއަކުންވެސް ކުލާހުން އެންމެމަތިން މާރކްސް ހޯދަނީއެވެ. މީގެކުރިން އައިރީންއަށްވުރެން މޮޅު ކުއްޖެއް މުޅި ސުކޫލުގައިވެސް ނޫޅެއެވެ. އެކަމާ އައިރީން އިންތިހާޔަށް ފަޚުރުވެރިވެސްވެއެވެ. އެފަޚުރުވެރިކަމުގައި ސުކޫލު ނިންމަން އޭނަބޭނުންވެއެވެ. ނަމަވެސް އަލަން މިއައި އިނާޝާ ކިޔާ ކުއްޖާގެ ސަބަބުން އައިރީންގެ ހަމަޖެހުން ގެއްލިއްޖެއެވެ. އެކަމަކަށް ހައްލެއްހޯދަން އަހަރެންނަށް މަޖުބޫރު ވެއްޖެއެވެ.

އަހަރެންނަށް މޮޅުޚިޔާލެއް އައެވެ. އެންމެ އަވަހަށް ކުދިން ކިޔެވުމާއި ދުރުވާނީ ލޯބީގެ މަޅިތަކުގައު ޖެހިގެންނެވެ. އަހަރެން، އަހަރެންގެ ހުރި ތަޖުރިބާގެ އަލީގައި މަސައްކަތް ފެށީ އަހަރެންގެ މަޅީގައި އޭނާ ޖެއްސުމަށެވެ. ކޮންމެދުވަހަކު އިޝާނާ ސުކޫލު ނިމޭގަޑީގައި އަހަރެން ސުކޫލުގެ ވަށައިގެން މުގޯލިއަޅަން ފެށީމެވެ. އެކި އެކި ފޮނިގޮތްތައް ދައްކާހައިވެސް އެކުއްޖާގެ ނަޒަރު އަހަރެންނާ އެމާޒުވާގޮތެއް ނުވިއެވެ. އެކުއްޖާއަކީ އިސްއުފުލާ ފިރިހެނަކާދިމާ ބަލާވެސް ކުއްޖެއްނޫނެވެ. އެޔަށްވުރެ ދީންވެރި ކުއްޖަކީޔޯލައެވެ. އެކުއްޖާއާ ވާހަކަދައްކަން އަހަރެން ކުރިހާ މަސައްކަތެއްވީ ބޭކާރެވެ. އެންމެފަހުން އެކުއްޖާގެ ގެހުންނަތަން ވެސް ހޯދީމެވެ. އޭގެފަހުން ކޮންމެ ދުވަހަކު އެގެ ކައިރިންވެސް އިނާއާ ދިމާކުރަން ފެށީމެވެ. އެންމެފަހުން އަހަރެންމީ އޭނާއަށް އާއްމު އުނދަގުލަކަށް ވެއްޖެއެވެ.  ލޯބީގެ ކާޑްތަކާއި ތަފާތުވައްތަރުގެ ހަދިޔާތައް ގެޔަށްވެސް ފޮނުވަން ފެށީމެވެ. އޭނައުޅޭ ގޭމީހުންވެސް އަހަރެންގެ ސަބަބުން އިނާދެކެ ރުޅިއަންނަން ފެށިއެވެ. އެވަރުންވެސް އިނާ އަހަރެންނާ ވާހަކަ ދައްކާގޮތެއް ނުވިއެވެ. ފިސާރި ގޮތްދޫނުކުރާ ކުއްޖެކެވެ. އަހަރެން އެވަރަށް މަސައްކަތް ކުރުމުން އަހަރެންނަށް ހިތް ނުލެނބުނު ކުއްޖަކާ ދިމާވީ އަދި އަލަށެވެ. އަހަރެންގެ ޗުއްޓީ ހަމަވާން ދުވަސްގާތްވެއްޖެއެވެ. އަނެއްކޮޅުން އައިރީންގެ ޝަކުވާތައްވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ.

އެންމެފަހުން އަހަރެންގެ އެކުވެރިންގެ ނުބައި ލަފަޔާއި މަޝްވަރާ ހޯދީމެވެ. އަހަރެންގެ އެކުވެރީންގެ ތެރެއިންވެސް ޖާހިލުކަމަށް އަރާހުރި އެކަކުދިނީ ދުވަހަކު އަހަރެންގެ ހިތަށްއަރާފައިވާ ނުވާފަދަ ކަމެއްކުރުމަށެވެ. ނަމަވެސް އަހަރެން ބޭނުންވި ކޮންމެގޮތެއް ހަދާފަވެސް އަހަރެންގެ ކޮއްކޮގެ ކާމިޔާބަށް އެޅޭހުރަސް ނައްތާލުމަށެވެ. އެކުވެރިންގެ އެހީތެރިކަމާއެކީ އަހަރެން އެރޭވުން ކާމިޔާބު ކުރީމެވެ. ރޭގަނޑު ގަޑީގައި އާއްމުކޮށް އިނާ ފިހާރައަށް އެއްޗެހިގަންނަން ދާތީ އަހަރެމެން ކާރެއްގައި އިނާ އިންތިޒާރުގައި ތިބީއެވެ. އިނާ ގެއިން ނުކުމުގެން ވިސްނުމެއްނެތި ހިނގާފައި ދަނިކޮށް ކުއްލިއަކަށް ފަހަތުން ގޮސް ހިފަހައްޓާފައި ކާރަށްއެރުވައިގެން ގެންދިޔައީ ރައްޓެއްސެއްގެ ގެޔަށެވެ. އިއްތިފާޤުން އެދުވަސްވަރު އޭނާގެ އާއިލާވީ ރާއްޖޭންބޭރަށް ގޮހެއެވެ. އިނާ ގަދަހެދިއެވެ. އަހަރެމެންގެ ގައިގާ ތަޅާ ދަތްއަޅާ ހެދިއެވެ. ނަމަވެސް، ޖާނުން ވަރުގަދަ ހަތަރު ފިރިހެނުންނަށްވުރެ ބަލިކަށި އަންހެން ކުއްޖަކު ގަދަވާނެ ހެއްޔެވެ؟ އަހަރެންގެ އެކުވެރިންގެ ކުރިމަތީގައި އެމައުސޫމު އަންހެން ކުއްޖާގެ އިތްފަތްތެރިކަން އަހަރެން ފޭރިގަތީމެވެ. ނުވިތާކަށް ވީޑިއޯކޮށް އެކުއްޖާގެ ބަރަހަނާ ފޮޓޯވެސް ނެގީމެވެ. އެކުއްޖާއަށް އެލިބުނީ ކޮންކުށެއްގެ ސަޒާކަންވެސް އަންގާނުލަމެވެ. އެކުއްޖާގެ އޮތީވެސް ކޮންކުށެއް ހެއްޔެވެ؟ އަހަރެންގެ ހިތްފުރުމުން މަގުމައްޗަށް ދޫކޮށްލާފައި، އަހަރެމެންނަށް ލިބުނު ކާމިޔާބީ ފާހަގަކުރަމުން ހެމުން ލަވަކިޔަމުން ދިޔައިރު، އެހިތަށް ކުރާނޭ އަސަރާއި އެހަށިގަނޑުގައި އަޅާނޭ ވޭން ކުޑަކޮށްވެސް އަހަރެންނަށް އިހުސާސެއް ނުކުރެވެއެވެ. އެއަންހެން ކުއްޖާގެ ފޮޓޯތައް އާއްމުކޮށް ސުކޫލުން ކަނޑާލަން މަޖުބޫރު ކުރުވީ، އަހަރެންގެ ކޮއްކޮއަށް އޭނާބޭނުންވީ މަޤާމު ހާސިލް ކޮށްދިމަށެވެ. އޭނާއަށް ކާމިޔާބު ހާސިލްވެސް ވިއެވެ. ޓޮޕްޓެންއިން އެއްވަނައަށް ހޮވުނެވެ. ނަމަވެސް އެކާމިޔާބީ ފާހަގަކުރަން އުމުރު ދުވަހު އައިރީންއަށް ދުނިޔޭގައި ހުރެވުނު ހެއްޔެވެ؟ ދުނިޔޭގެ ވަގުތީ ކާމިޔާބަށްޓަކައި އެއްވެސް ކުށެއްނެތް މައުސޫމު އަންހެން ކުއްޖެއްގެ މުޅި ޙަޔާތް އަހަރެން ބަރުބާދުކޮށްލީއެވެ. އަދި އާޚިރުގައި އެވެސް މިވީ ޚުދު އަހަރެންގެ އެއްލޭ ހިނގާ ކޮއްކޮއަކަށެވެ. ނޭނގުމެއްގެ ތެރޭގައި ނަމަވެސް އެއްކޮއްކޮއަށްޓަކައި އަނެއްކޮއްކޮއެއްގެ ދިރިއުޅުން އަހަރެން ފަނާކޮށްލީއެވެ. އެދުވަހުވެސް އަހަރެންނަށް އެއީވެސް މީހެއްގެ ކޮއްކޮއަކަށް ވެދާނޭކަން ވިސްނުނު ނަމަ ކޮންފަދަ ހެއްޔެވެ؟ މީ ކޮންފަދަބޮޑު އިމްތިޙާނެއް ހެއްޔެވެ؟ އެކުޑަ ފިރިހެންކުއްޖާ އެއީ އަހަރެންގެ ލެޔެވެ. އެފަދަ ނިކަމެތި ހާލުގައި އެބޮޑުވަނީ ޚުދު އަހަރެންފަދަ މުއްސަނދި މަހުޖަނެއްގެ ދަރިއެކެވެ. އަހަރެން މިވީ ބައްޕައަށްވުރެވެސް ނުބައި ނުލަފާ ޖައްބާރަކަށެވެ.

އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ. ނުރޯން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މިއަދު އަހަރެން ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ ކުރީދުވަހުގެ ހުކުރު ޚުތުބާމަތިން ކުއްލިއަކަށް އަހަރެން ހަނދާންވިއެވެ. އިންސާނާކުރާ ބޮޑެތި ފާފައިގެ އަސަރުތައް އޭނާގެ ދިރިއުޅުމަށް ކުރާނެކަމަށް އޭގައި ކިޔެވެ. އަދި ދުނިޔޭގައިވެސް ބައެއް ފާފަތަކުގެ ސަޒާ ނުހަނު ފާޅުކަން ބޮޑުގޮތުގައި ލިބިގެން ދާކަމުގައިވެސްވެއެވެ. އިންސާނަކަށް ނުޙައްޤުން އަނިޔާއެއް ދީފައިވާނަމަ އެމީހެއްގެ ކިބައިން މާފަށްއެދި ތައުބާވާން ޖެހެއެވެ. ނަމަވެސް އަހަރެންނަށް އެފުރުސަތުވެސް ނެތީ ހެއްޔެވެ؟ އަމިއްލަ ކޮއްކޮގެ ކިބައިން މާފަށް އެދޭނީ ކީކޭ ކިޔާފައި ހެއްޔެވެ؟ މިހުރިހާ ދުވަހު އެކުއްޖާ އުފުލި، އަދި މިހާރުވެސް އުފުލަމުން އެދާވޭންތައް އަހަރެން މާފަށް އެދުމުން ނެތިގެން ދާނެ ހެއްޔެވެ؟

” އެކޮއެ ބަތްކާންއާދޭ!…” ކުއްލިއަކަށް އަހަރެން ސިހުނީ ނަސްރާއްތަގެ އަޑުންނެވެ.

އަހަރެން އަވަސް އަވަހަށް ކަރުނަތައް ފުހެލާފައި ތެދުވީމެވެ. ކާންއިނދެގެން އިނާގެ ލޮލަށްވީ ގޮތް އަހަރެން އޮޅުން ފިލުވީމެވެ.

” ޑޮކްޓަރުންނަކަށް ވެސް އަސްލު ނޭގުން ވާގޮތެއް…..އެންމެ ފަހަރަކު މާލެދެވޭވަރުވީ…..އެފަހަރު ދެއްކި ޑޮކްޓަރބުނި ކޮންމެވެސް ބައްޔެއް ލޮލަށްޖެހި ލޮލުގެ އެތެރޭގަ އިންނަތަނެއް ހަލާލުވިއްޔޯ….އެކަމު ލޮލެއްގެ އެބައި ލައްވަނިކޮށް ރަނގަޅުކުރެވޭނޭ…..އަހަރެން މިހުރީ އަހަރެން ދެލޯދީގެންވެސް އެދަރިފުޅު ރަގަޅުކުރަން ތައްޔާރަށް….އެކަމަކު އަހަރެމެންގެ ނިކަމެތިކަމުން މާލެވެސް ނުދެވިގެން މިއުޅެނީ…” ނަސްރާއްތަގެ ވާހަކަތަކުން އަހަރެންގެ ހިތުގައި އިނާއަށް ބޭސްކުރުމުގެ އުއްމީދު އާލާވިއެވެ.

އަހަރެން އެތައް ވާހަކައެއް ދައްކައި، ބައްޕަގެ ހާލަތުކިޔާދީ ރޮއެއާދޭސް ކުރުމުން ނަސްރާއްތަ މާލެދާން އެއްބަސްވިއެވެ. މިއަދު ނަސްރާއްތައަށް އެނޫން ގޮތެއް ނުވެސް ނެތީއެވެ. ނަސްރާއްތަގެ މަންމައާއި ބައްޕަވެސް މިހާރު ދުނިޔެއަކުނެތެވެ. ނަމަވެސް އިނާގެ ހަޤީޤަތް ބައްޕައަށް ކިޔައިދޭނެ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. އިނާފެންނަ ކޮންމެ ފަހަރަކުން އަހަރެން މެޔަށްގޮތެއްވެއެވެ. އެރޭ އަހަރެންކުރި ނުބައިކަންތައް ލޯމަތީ ސިފަވާ ކޮންމެ ފަހަރަކު އަހަރެންގެ ބޮލަށް އެނބުރުން އަރައެވެ. އިނާޝާގެ ކުރިމަތީ މިވަގުތު މިހުރީ އޭނާގެ ބޭބެއޭ ކިޔާފައި އޭނަގެ އެންމެބޮޑު ޚަތުރުކަން އެނގޭނަމަ އޭނާއަށް ވާނީ ކިހިނެއް ހެއްޔެވެ. އިނާޝާގެ އެލޯބި ދަރިފުޅު އަކްޔަންއަކީ އަހަރެންގެ ކުޑައިރުގެ ދެލިކޮޕީއެއްފަދައެވެ. އެކުއްޖާ ފުރަތަމަ ފެނުނުވަގުތު ދަންނަ ވައްތަރެއް ޖެހީ އެހެންވެގެންނެވެ.

ނަސްރާއްތަމެން ގޮވައިގެން އަހަރެން އަންނަ ވާހަކަ ބުނުމުން ބައްޕަހުރީ އިންތިހާއަށް އުފާވެފައެވެ. ދެދުވަސްފަހުން އަހަރެމެން ތިބީ މާލޭގައެވެ. ބައްޕައަށް ނަސްރާއައްތަ ފެނުމާއެކު ވަގުތުން ރޮވިއްޖެއެވެ. ފުރޮޅީގޮނޑީގައި އިނދެފައި ކުއްލިއަކަށް ނަސްރާއްތަގެ ފައިބުޑަށްވެއްޓި އަޑުން އަޑުނަގާ ރޯންފެށިއެވެ. އެތައްއިރެއްވާންދެން ރޮއެ މާފަށް އެދުމުން ނަސްރާއްތެގެ ހިތްމަޑުވެ ބައްޕައަށް މާފްކުރިއެވެ. ނަމަވެސް އިނާޝާ ބައްޕަޔާ އަނގައިންވެސް ނުބުނެއެވެ. އަކްޔަން ވަރަށް އަވަހަށް ބައްޕަޔާ ރައްޓެހިވެއްޖެއެވެ. އިނާޝާގެ ހާލަތު، ނަސްރާއައްތަ ރޮއެ ރޮއެފައި ކިޔައިދިންއިރު އަހަރެންގެ ލޮލުން ބޭއިޚުތިޔާރުގައި ކަރުނަ ފައިބަމުން ދިޔައީ އަހަރެންގެ ނުބައިނުލަފާކަން ހިތަށްރާފައެވެ. ބައްޕަގެ މޫނަށް އަރާފައިވާ ކުލަތަކުން އެހިތަށްކޮށްފައިވާ އަސަރުވެސް ހާމަވެއެވެ. ބައްޕަ އެވަގުތުވެސް ބޭނުންވީ އެމީހެއްގެ ކިބައިން ބަދަލުހިފުމަށެވެ. ބައްޕަގެ ދުލުން އެމީހެއްގެ ލޯވެސް އެފަދައިން ކަނުވުމަށްއެދި ބަދުދުޢާ ނުކުތީވެސް ބޭއިޚުތިޔާރުގައެވެ. އަހަރެން އިންތަނުން ތެދުވެގެން އަވަހަށް ބޭރަށް ނުކުތީ އިތުރަށް އަޑުއަހަން ކެތްނުވުމުންނެވެ. އަހަރެންގެ ފާފައިގެ ނުބައި އަސަރު ހަމަރަނގަޅަށްވެސް މިއަދު އަހަރެންގެ ދިރިއުޅުމަށް ކޮށްފިއެވެ.

އެހަޤީޤަތް އެނގުނުފަހުން އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ރަގަޅަކަށް ނުކެވެއެވެ. ހަމަޖެހިގެން ތާކު ނުވެސް އިނދެވެއެވެ. އިނާޝާ ފެންނަ ކޮންމެ ފަހަރަކުން ގައިން ހީބިނަގަނީ އެބޮޑުދެލޮލުން އަހަރެންނާ ދިމާބަލާހެން ހީވުމުންނެވެ. އަހަރެންގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެއެވެ. ވީހާވެސް ގިނަވަގުތު ގެއިން ބޭރުގައި އުޅެން އަހަރެން މަސައްކަތް ކުރަނީ އެހެންވެގެންނެވެ. ނަމަވެސް އަހަރެންގެ ހިތަކަށް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ.

މެންދަމުގެ ހަމަހިމޭންވަގުތެވެ. އެނދުގައި ފުރޮޅި ފުރޮޅި އަހަރެން ވަރުބަލި ވެއްޖެއެވެ. ވިސްނާ ވިސްނާ ސިކުނޑިއަށް ބާރުބޮޑު ވެއްޖެއެވެ. ކޮޓަރީގެ ހަތަރު ފަރާތުން އައިސް އަހަރެން ފިއްތާލަން އުޅޭހެން ހީވާންފެށުމުން ކޮޓަރިން ނުކުމެ ސިޓިންރޫމުގެ ސޯފާގައި އިށީނީމެވެ. ޓީވީ ހުޅުވާލީ ހިތަށް ފިނިކަމެއްލިބޭފަދަ މަންޒަރެއް ފެނޭތޯއެވެ. ފުރަތަމަ ހުޅުވާލި ޗެނަލްއިންވެސް ފެނުނީ ހިންދީ ފިލްމެއް ތަޅާފޮޅާ މަންޒަރެވެ. ބޮލަށް އުނދަގޫވެގެން ޗެނަލްބަދަލުކޮށްލި ވަގުތު ފެނުނީ އެންމެ ފެންނަން ބޭނުންނުވާފަދަ މަންޒަރެކެވެ.  ގޭންގެއް ވެގެން އަންހެންކުއްޖަކު ރޭޕްކުރަން އުޅޭ މަންޒަރެވެ. އަވަސް އަވަހަށް ޓީވީ ނިވާލުމަށްފަހު ގެއިންވެސް ބޭރަށް ނުކުތީމެވެ. ވަކި މިސްރާބެއްނެތި މަޖީދީމަގުން ހިނގަމުންދަނިކޮށް، މަޖީދީމަގާއި ސޯސަންމަގު ބައްދަލުވާތާ ކަންމަތީހުރި މިސްކިތެއްގެ ތެރެއިން ޤުރުއާން ކިޔަވާއަޑު އިވިއްޖެއެވެ. އެފަދަ ރީތި ކިޔެވުމެއް އަހަރެން ދުވަހަކުވެސް އަޑެއްނާހަމެވެ. މެންދަމުގެ އެހަމަހިމޭން ވަގުތުގައި އެއަޑުގެ ސަބަބުން ހިތަށް ތަފާތު ފިނިކަމެއް އިހުސާސް ވެއްޖެވެ. ނޭނގޭބާރަކުން މިސްކިތާދިމާއަށް ދަމާފައި ގެންދިޔަކަހަލައެވެ. ހައިރާންވެހުރެ މިސްކިތުގެ ތެރެއަށް ވަތްއިރު ޒުވާން ފިރިހެނަކު ދެލޯމަރައިގެން އިނދެ ވަރަށް ގަޔާވެގެން ކިޔަވަމުންދިޔައެވެ. ޚަތިމެއްވެސް ނުބަލައި ފަރިތަކަމާއެކީ އޭނާ ކިޔަވާލެއް ރީތިކަމުން އާޝޯޚުވެފައި އަހަރެންނަށް ހުރެވުނެވެ. އެއަޑުގައިވީ ޖާދޫއަކުން ކަމެއް ނުވަތަ އެއާޔަތްތަކުގެ ބަލާޣާތްތެރިކަމުން ނޫންކަމެއްވެސް ނޭނގެއެވެ. އިސާހިތަކު އަހަރެން ލޮލުން ކަރުނަ ފާއްދާލިއެވެ. އަހަރެން އެޒުވާނާއާ ތަންކޮޅެ ދުރުގައި އިށީނދެ ގަޔާވެގެން އޭނާގެ ކިޔެވުން އަޑުއަހަން ފެށީމެވެ. މަޑުމަޑުން އަހަރެންގެ ލޮލުން އޮހޭ ކަރުނަތައް އިތުރުވެ، ހިތްވަރުކޮށްގެން އިންދާވެސް ގިސްލާފައި ރޯންފެށިއްޖެއެވެ. އެއާއެކު ސިހިފައި އޭނާ ލޯހުޅުވާލިއެވެ. އަހަރެންގެ ހިތަށް ކޮށްފައިވާ އަސަރުން އޭނާ ކިޔެވުން ހުއްޓާލުމުންވެސް އަހަރެންގެ ރުއިމެއް ނުހުއްޓުނެވެ.  އަހަރެން ބޭނުންވީ ހިތްފުރޭންދެން ރޯލާށެވެ.

އެފިރިހެން ކުއްޖާ ކިޔެވުން ހުއްޓާލާފައި އައިސް އަހަރެންގެ ބުރަކަށީގައާއި ބޮލުގައި އޯގާތެރިކަމާއެކު ފިރުމަންފެށުމުން އަހަރެންގެ ރުއިންވީއިތުރެވެ. ނުވެސް ދަންނަ ކުއްޖަކު އަހަރެންނަށް ހަމްދަރުދީވީތީ އަހަރެން ހައިރާންވެސްވިއެވެ. ހިތަށް ލުއިކަން އިހުސާސް ކުރެވޭވަރަށް ރުއިމަށްފަހު އަހަރެން ރުއިން ހުއްޓާލީމެވެ.

” އަހަރެން ނާހާނަން ތިބާ ތިރުއީ ކީއްވެގެންތޯއެއް….އެކަމަކު އަހަރެން ބުނަން އޮތްވާހަކައަކީ ތިބާގެ ހިތްތިބަންޑުން ކޮށްލީ އެންމެ އެކަށީގެންވާ ތަނަށްއައިހޭ…..ތިބާބޭނުން ޝަކުވާއެއް ކުރަން އެންމެ ރަގަޅީ ތިބާ ހެއްދެވި ޚާލިޤްވަންތަ އިލާހުގެ ގެކޮޅުގަ…އެކަލާނގެ ހަޟްރަތާ ކުރިމަތިލައިގެންހުރެ…..ތިބާ ވުޟޫކޮށްގެން ހުރިނަމަ، ނަމާދުކޮށް ދުޢާކުރޭ!…އޭރުން ހިތުގެ ހުރިހާ ބުރަކަމެއް ފިލާދާނެ…” އެކުއްޖާގެ ވާހަކަތަކުން ހިތަށް ފޮނިކަމެއް ލިއްބައިދިނެވެ.

” އަހަރެންނަކީ ފާފަވެރިއެއް…..އަހަރެން ބޭނުން ތަޢުބާވާން….އެކަމު ތަޢުބާވާނެގޮތެއް އަހަރެންނަކަށް ނޭނގޭ…..ނަމާދުކޮށް ޤުރުއާން ކިޔަވާކަށްވެސް އަހަރެންނަކަށް ނޭނގޭ…..އަހަރެންގެ މުޅި އުމުރު މިހުސްކުރީ ޣާފިލުކަމުގަ……ދެން އަހަރެން ހަދަންވީ ގޮތެއްނޭނގޭ…..އަހަރެންނަށް ތަޢުބާވެވޭނެ ގޮތެއްވެސް ނެތް…” އަނެއްކާވެސް އަހަރެންނަށް ރޮވުނެވެ.

” ނޫނޭ…ތިހެން ނުބުނޭ….ހުޅަނގުފަރާތުން އިރުއެރުމުގެ ކުރިންނާ، ހަށިގަނޑުން ފުރާނަ ނުކުތުމުގެ ކުރިން ތަޢުބާގެދޮރުބަންދެއް ނުވާނެ…..އަދި ތިބާ ތިހުރީ ގަދަވެސަލާމަތުން…..އިރާދަކުރެއްވީތީ އަދިވެސް ތިބާއަށް ފުރުސަތުއެބައޮތް…..ﷲއަށް ޝަރީކު ކުރުން ފިޔަވާ ކޮންމެފާފައެއްވެސް އެކަލާނގެ ފުއްސަވާނެކަމަށް ވަރަށް ސާފުކޮށް އަންގަވާފަ އެބައޮތް…..ވީއިރު އުއްމީދު ކަނޑާނުލާ…ތިބާމިހާރުވެސް ތިހުރީ ތަޢުބާވުމުގަ…..ތިބާހިތާމަކޮށް ކަރުނަތިއަޅުމުން ސާބިތުކޮށްދެނީ ތިބާ ފާފަތައް ދޫކޮށްލާފަ އެކަލާންގެ ހަޟްރަތަށް ރުޖޫޢަވީކަން….ތީތަޢުބާވާގޮތަކީ…..ފާފަކުރުން ހުއްޓާލުން….ހިތާމަކޮށް ރުއިން….” އޭނާ އަހަރެންގެ ބުރަކަށީގައި ފިރުމަމުން ވިސްނައިދިނެވެ.

” އަހަރެންނަށް ތަޢުބާވެވުނީތަ؟” އުފަލުން އަހަރެންނަށް އަހާލެވުނެވެ.

” އާނ…ވުޟޫކޮށްގެން އާދޭ….ނަމާދުކުރަން އަހަރެން އެހީތެރިވެދޭނަން…..” އަހަރެން ވުގުތުން ތެދުވެގެން ގޮސް ވުޟޫކުރީމެވެ. އަދި އޭނާއާއެކު އޭނަގެ ފަހަތުގައި ނަމާދުކުރީމެވެ. އެއަށްފަހު ފާފަ ފުއްސެވުމަށްއެދި އަހަރެންނަށް އެނގުނުގޮތަކަށް ދުޢޫކުރީމެވެ. އެވަގުތު ހިތަށްލިބުނީ ބަޔާންކުރަންވެސް ދަތި އުފަލެކެވެ. އަހަރެންގެ ހިތަށް ދުވަހަކު ނުލިބޭފަދަ ހަމަޖެހުން ލިބިގެން ދިޔައެވެ. އެރޭގެ ބާކީބައި އަހަރެން ހޭދަކުރީ މިސްކިތުގައި އެޒުވާނާއާ އެކުގައެވެ. އޭނާގެ ނަމަކީ އަކްމަލްއެވެ. އޭނާއަކީ މަދީނާއިން ކިޔަވައިގެން ދާދިފަހުން މާލެއައިސްހުރި ހާފިޒެކެވެ. މާލޭގެ އުފަން ރަށްވެއްސެކެވެ. އެމިސްކިތުގެ މުދިމު ޗުއްޓީނެގުމުން، ވަގުތީގޮތުން އެމިސްކިތުގެ މުދިމެވެ. އޭނާގެ ފަރާތުން ވަރަށްގިނަ އެއްޗެހި އެވީ ވަގުތުކޮޅު ތެރޭގައިވެސް އެނގުނެވެ. އާއްމުކޮށް ދިވެހިންގެ ފަރާތުން ނުފެންނަފަދަ އޯގާތެރިކަމަކާއި ހިތްހެޔޮކަމެއް އޭނާގެ ކިބައިން އަހަރެންނަށް ފެނުނެވެ. ފަތިސްވާންދެން އޭނާގެ ފަރާތުން ދީނީ މައުލޫމާތު ހޯދަން އަހަރެން އިނީމެވެ. ފަތިސްވުމުން ޖަމާއަޓުގައި ނަމާދުކުރުމަށްފަހު އަހަރެން ގެޔަށް އައީ ހިތްހަމަޖެހިގެން ހުރެއެވެ. ގެޔަށްވަންނައެޅި ފުރަތަމަ ފިޔަވަޅާއެކު އަހަރެންނަށް ހުއްޓެވުނީ އިނާޝާގެ ކޮޓަރިން އިވުނު  ހިތްގައިމު ކިޔެވުމުގެ އަޑުންނެވެ. އިނާޝާއަކީވެސް ކީރިތި ޤުރުއާން ހިތުދަސްކުއްޖެއްކަން އަހަރެންނަށް ކުރިންވެސް އެނގެއެވެ. ނަމަވެސް އެފަދަ ފުރިހަމަކަމާއެކު ކިޔަވާކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަކްމަލްގެ ކިޔެވުން ނޫނަސް އިނާޝާގެ ކިޔެވުންވެސް ހިތަށް އަސަރުކުރާހައި ފުރިހަމައެވެ.

އެދުވަހަށްފަހު އަހަރެން ކޮންމެނަމާދަކަށްވެސް ވަގުތަށްދަމެވެ. އަދި ނަމާދުން ނިމިގެން އަކުމަލްއާއެކު ވަގުތު ހޭދަކުރަމެވެ. އަކްމަލްގެ އެހީގައި އަހަރެން ނަމާދުކުރަން ދަސްކުރީމެވެ. މަޑުމަޑުން ޤުރުއާނުން ކުރު ސޫރަތްތައް ދަސްކުރަންފެށީމެވެ. އަކުމަލްގެ ހިތްހެޔޮ އޯގާތެރި މިޒާޖުގެ ސަބަބުން އަހަރެމެންގެ ގުޅުން ވަރަށް އަވަހަށް ބަދަހިވެގެން ހިނގައްޖެއެވެ. އެހެންކަމުން މަދުމަދުން އަހަރެންގެ ގެޔަށް އަކުމަލް ގެންނަން ފެށީމެވެ. އޭނާގެ ފަރާތުން ޤުރުއާން ކިޔެވުމުގެ އިތުރުން ދީނީ އެކި އެކި ކަންކަން ދަސްކުރަމުން ދިޔައީމެވެ. އޮފީހުގައި އިންނަ ވަގުތުތަކުގައިވެސް ދަރުސް އަޑުއެހުމާއި ޤުރުއާން އަޑުއެހުން އާދައަކަށް ހެދީމެވެ.

އަކުމަލް އަހަރެމެން ގެޔަށް އަންނަން ފެށިތާ ދުވަސްތަކެއްފަހުން އިނާޝާއާމެދު އޭނާގެ ހިތުގައި ޝައުޤުވެރިކަމެއް އުފެދުކަން އަހަރެންނަށް އެނގުނީ އިނާޝާއާބެހޭގޮތުން ސުވާލުކުރުމުންނެވެ. އަހަރެން އިނާޝާގެ ހާލަތުކިޔައިދިނީ އަހަރެންގެ ނުބައިކަމުގެ ބާބު ފޮރުވާފައެވެ. އިނާޝާގެ ޙަޔާތް ބަރުބާދުކުރިމީހަކީ އަހަރެންނޭ ބުނަން ކެރޭނީވެސް ކިހިނެއް ހެއްޔެވެ؟އިނާޝާގެ ރަނގަޅު އަޚުލާގާއި އެމައުސޫމުކަން އަކުމަލްއަށް ނުހަނު ކަމުދިޔައެވެ. އަކުމަލް އިނާޝާގެ ކައިވެންޏަށް އެހީ އިނާޝާއާބެހޭ ހުރިހާކަމެއް އެނގިހުރެއެވެ. ނަމަވެސް އިނާޝާ އެކައިވެންޏަށް އިންކާރުކުރީ އޭނާއަކީ އެއްވެސް މީހަކަށް ބުރަކައަކަށްވާން ބޭނުންނުވާކަމަށް ބުނެއެވެ.

” މަންމާ! ކޮންމެވެސް ގޮތަކުން އިނާޝާއަށް ވިސްނަދީ…..އަކުމަލްއާ ކައިވެނިކުރަން އެއްބަސް ކުރުވާ….އިރާދަކުރެއްވިއްޔާ އިނާޝާގެ ލޮލުގެފެނުން އަނބުރާލިބޭނެ…” އިނާޝާގެ މަންމައާއި މުޚާތަބުކޮށް އަހަރެންބުނީމެވެ.

” ނޫން….އަހަރެންގެ ލޮލަށް ފެނުނު ދުވަހަކުން އަހަރެން މީހަކާ އިންނާނީ….” އަހަރެމެންގެ ވާހަކަ އަޑުއަހަންހުރި އިނާޝާ އޭނާގެ ފަހުގެ ޙުކުމް އިއްވިއެވެ. އެކަމާމެދު އަހަރެން އެތައް ގޮތަކަށް ވިސްނީމެވެ. ރާއްޖެއިން ބޭރަށް އިނާޝާ ގޮވައިގެން ދާން އެއްބަސްކުރުވީ އެތައް އާދޭހެއް ކޮށްގެންނެވެ. ތިން ޑޮކްޓަރަށް ދެއްކުމުންވެސް ބުނީ ހަމަ އެކައްޗެކެވެ. ސިއްޚަތުލޮލެއްގެ ކޯނިއާ ބަދަލުކުރުމުން އިނާޝާގެ ލޮލަށް ފެންނާނެކަމުގައެވެ. އެހެންކަމުން ވަރަށް ވިސްނާފައި އަހަރެން ގޮތެއް ނިންމީމެވެ. އަކުމަލްގެ ޚިޔާލުވެސް އެކަމުގައި ހޯދީމެވެ. އޭނާ އަހަރެންގެ ޚިޔާލާއި މުޅިން އިދިކޮޅެވެ. ނަމަވެސް އިނާޝާގެ އެހާލަތުގެ ޒިންމާދާރަކީ އަހަރެންކަމަށް ބުނުމުން އަކުމަލްގެ ބަސްހުއްޓުނެވެ.

” ޕްލީޒް އަކުމަލް….އަހަރެންނަށް އެހީތެރިވެދީ….އަހަރެންކުރި ފާފައިގެ ކައްފާރައެއްގެ ގޮތުން މިކަން ކުރަން އަހަރެންބޭނުން….” އަހަރެންގެ އާދޭސްތަކުން އަކުމަލް އެންމެފަހުން ހަތިޔާރު ބެހެއްޓިއެވެ. އިނާޝާގެ ލޮލަށް ފެންނާނެ ކަމުގެ ޔަޤީންކަން ލިބުމުން އަކުމަލްއާ ކައިވެނިކުރަން އޭނާ އެއްބަސްވިއެވެ. އިނާޝާއާއި އަކުމަލްގެ ކައިވެނި ކުރެވުނު ދުވަހު މަންމައާއި ބައްޕަގެ ކައިވެނިވެސް ކުރެވުނެވެ. އަހަރެންގެ ހިތަށް ލުޔެއްލިބި ހަމަނޭވާލެވުނީ، އިނާޝާގެ ހިތާމައާއި ވޭނުން ފުރިފައިވާ އެ އެކަނިވެރި ޙަޔާތަށް އަކުމަލްގެ ސަބަބުން ދިރުން ލިބުނީމައެވެ. އިނާޝާ އަހަރެންނަށް ބޭބެގެ ނަމުން މުޚާތަބު ކުރިނަމަވެސް އަދިވެސް އަހަރެންގެ ދުލުން ކޮއްކޯއޭ ގޮވާލުމުގެ ހިތްވަރެއް ނުލިބެއެވެ.

ކައިވެންޏަށް ހަފްތާއެއްވީފަހުން އިނާޝާ ގޮވައިގެން އަހަރެންނާއި އަކުމަލް އެމެރިކާއަށް ދިޔައީ އިނާޝާގެ ލޯއޮޕަރޭޝަން ކުރުމަށެވެ. އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމުގެކުރިން އެންމެ ފަހުފަހަރަށް އަހަރެން އަކުމަލްއާ ބައްދަލު ކުރީމެވެ.

”  އަކުމަލް! ވަޢުދުވޭ….ދުވަހަކުވެސް އަހަރެންގެ ނުބައިކަން އިނާޝާއަށް ނާންގާނެކަމަށް….އަދި ވަޢުދުވޭ….އަހަރެންވީ ޤުރުބާރީވެސް އެއްވެސް މީހަކަށް ނާންގާނެކަމަށް…..އަހަރެންނަށްވުރެން ކުރިން އަކުމަލް ނިޔާވެއްޖެނަމަ….އުމުރަށް ސިއްރުވީ….އެކަމު އަކުމަލްއަށްވުރެ ކުރިން އަހަރެން ނިޔާވެއްޖެނަމަ ވަޢުދުން އަކުމަލް ސަލާމަތްވީ…..އަހަރެން ނެތް ދުނިޔެއެއްގަ އެސިއްރު ހާމަކުރިޔަސް މައްސަލައެއްނެތް….” އަހަރެން އަކުމަލްގެ އަތުގައު ހިފައިގެން އޮވެ އަކުމަލް ލައްވައި ވަޢުދުކުރުވީމެވެ.

” އަހަރެން އެންމެފަހުން މިދުނިޔެއިން ދެކެން ބޭނުންވި މޫނަކީތީ…..އަހަރެންނަށް ހިދާޔަތްލިބުމަށް މެދުވެރިވި ސަބަބަކީތީ….އަހަރެންނަށް ކެތްތެރިކަން ދެއްވުމަށް ހެޔޮދުޢާކުރޭ!…” އަހަރެން އަކުމަލްގެ އަތުން ދޫކޮށްލިއިރު އެދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުންދިޔައެވެ. އަހަރެން އޭނަލައްވައި މިކުރުވީ ކިހާބޮޑު ވަޢުދެއް ހެއްޔެވެ؟ އުމުރަށް އެވަޢުދުމަތީ އޭނާއަށް ދެމިހުރެވޭނެބާއެވެ.

އަހަރެންނަށް ހޭވެރިކަންވީއިރު މަޑުމަޑު ގިސްލުމެއްގެ އަޑު ދާދިގާތުން އިވިއިވި ހުއްޓެވެ. ލޮލުގައި ބޭސްގަނޑެއް އަޅާފައި އޮތުމުން ލޯނުހުޅުވުނު ނަމަވެސް އަހަރެންގެ ގާތުގައު އިނީ އަކުމަލްކަން އަހަރެންނަށް އެނގެއެވެ. އަކުމަލް  ބަހެއްވެސް ނުބުނެ އަހަރެންގެ އަތުގައި ފިރުމަމުން ދިޔައެވެ.

” އިނާ ކިހިނެއް؟” އަހަރެން އިނާގެ ހާލުބަލާލަން ބޭނުންވިއެވެ.

” ރަނގަޅު” އަކުމަލްގެ ޖަވާބު ވަރަށްވެސް ކުރެވެ. ނަމަވެސް އެއަޑުގައިވާ ހިތާމަ ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ.

ހަފްތާއެއް ވާންދެއް ހޮސްޕިޓަލްގައި ބޭއްވުމަށްފަހު އަހަރެމެން ގެޔަށް ދޫކޮށްލިއެވެ. ނަމަވެސް އެއްމަސް ފަހުން ދައްކަން ޖެހޭތީ ރާއްޖެނައިސް މަޑުކުރުމަށް ނިންމީމެވެ. އެވީ އެއްމަސްދުވަހުގެ ތެރޭގައި އިނާޝާއަށް ނޭނގި އަހަރެން އެހެން ހޮޓަލަކަށް ބަދަލުވީމެވެ. އިނާޝާގެ ލޮލުގެ ފެނުން ލިބޭއިރު ކުރިމަތީގައި އަހަރެން ހުންނަން ބޭނުންނުވީއެވެ.

އެއްމަސް ފަހުން ބޭސްގަނޑުނެގިއިރު އިނާޝާގެ ލޮލުގެ ފެނުންވަނީ އަނބުރާލިބިފައެވެ. އޭރު އަހަރެންގެ ހަޔާތަށްވަނީ އުމުރަށް ކަނުއަނދިރިކަން ވެރިވެފައެވެ. ނަމަވެސް އަހަރެންގެ ހިތުގައު ނޫރެއްލެވިފައިވާ ފަދައެވެ. އޭނާގެ ލޮލަށް ފެނުމުން އަހަރެންނާމެދު ސުވާލު ކުރާނެކަން އަހަރެންނަށް އެނގެއެވެ. އަހަރެންވަނީ އެސުވާލަށް ދޭނެ މޮޅުޖަވާބެއް އަކުމަލްއަށް ދަސްކޮށްދީފައެވެ.

” ހައިވޭގާ ހިނގި ކާރު އެކްސިޑެންޓެއްގާ…..އަކިލް..” އަކުމަލް ޖުމްލަ ފުރިހަމަ ނުކޮށް ރޯންފެށިއަޑު  ފޯނުން އަހަރެން އެހީމެވެ. އެއީ އަހަރެން ބޭނުންވިގޮތެވެ.

” ދެން ކީއްވެ މިހުރިހާ ދުވަސްވީއިރު ނުބުނީ…..ކީއްވެ؟…މަންމައާއި ބައްޕައަށް އެނގޭތަ؟…” ރޮމުން ރޮމުން އިނާޝާ އެހިއެވެ. އަކުމަލްބުނީ މާލެގޮސް ބުނާނެކަމުގައެވެ. ދުރާލާ އަހަރެން ރޭވިގޮތަށް ހުރިހާކަމެއްވެސް ނިމުނެވެ. އަކުމަލް އެބުރި އިނާޝާގޮވައިގެން ރާއްޖެއަށް ދިޔަދުވަހު އަހަރެން ދިޔައީ އަކުމަލްގެ އެކުވެރިޔަކާއެކު ލަންކާއަށެވެ. ކުރިއްސުރެ ލަންކާއިން ކުޑަގެއެއް އަހަރެންވަނީ ގަނެފައެވެ.

އިނާޝާ ރާއްޖެގޮސް އަހަރެންނާބެހޭ މައުލޫމާތު ހޯދާނެކަން އަހަރެންނަށް އެނގެއެވެ. އަދި އަހަރެންގެ ފޮޓޯބަލަން ބޭނުންވާނެކަންވެސް އެނގެއެވެ. އެހެންކަމުން އަހަރެން މާކުރިއްސުރެ ހުރިހާ ފޮޓޯއެއް ނައްތާލީމެވެ. އާއިލާގެ ފޮޓޯތައް ހުރި އަލްބަމްވެސް އެއްކޮށް ނައްތާލީމެވެ. އަހަރެންގެ ކޮޓަރީގައިއާއި އެހެނިހެން ތަންތާގައި ހަރުކޮށްފަހުރި ފޮޓޯފުރޭމްތައްވެސް ނެގީ، ތަސްވީރު ބެހެއްޓުން އެއީ ރަނގަޅުކަމެއް ނޫންކަމުގައި ބުނަމުންނެވެ. އެހެންކަމުން ބައްޕަވެސް އެކަމާ މާބޮޑަކަށް އަޅައެއްނުލައެވެ. ދެރަވަނީ ބައްޕައާ ދުރުގައި ހުންނަން ޖެހޭނެތީއެވެ. މުޅި އުމުރަށް އެންމެލޯބިވާ މީހުންނާ ފިލާހުންނަން ޖެހޭނެތީއެވެ. މުޅިވިޔަފާރިއާއި އާއިލާގެ ހުރިހާ ޒިންމާއެއް އަކުމަލްގެ ބޮލުގައި އެޅުވުމަށްފަހު މިކަނު އަނދިރިކަން އަހަރެން ޚިޔާރުކުރީއެވެ. މިއީ އަހަރެން ކުރިފާފަތަކާ އަޅާބަލާއިރު ދާދިކުޑަކުޑަ ކައްފާރާއެކެވެ. އަހަރެންފަދަ ނުބައިމީހެއްގެ ހިޔަނިވެސް އިނާޝާއާއި އަހަރެންގެ އެލޯބި ދަރިފުޅުގެ ޙަޔާތަށް އެޅޭކަށް ދުވަހަކުވެސް އަހަރެން ބޭނުމެއްނޫނެވެ. އިރާދަކުރެއްވިއްޔާ އެދަރިފުޅު ބޮޑުވާނީ އިސްލާމުދީގުގެ ފުރިހަމަ ތަރުބިއްޔަތިގެ މަތީގައެވެ. އަހަރެންފަދަ ފާފަވެރިއަކަށް ދުވަހަކުވެސް އޭނާނުވާނެއެވެ. އަދި މިފަދައިން ކައްފާރާދައްކަން ޖެހޭފަދަ މުޑުދާރުކަމެއް ދުވަހަކުވެސް އެދަރިފުޅު ނުކުރާނެއެވެ.

ނިމުނީ

16
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shine

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

އިންތިހާއަށް އާދޭސް 9…

Next

ނުހައްޤު ލޯބި (24 ވަނަ ބައި)

Next
October 19, 2016

ނުހައްޤު ލޯބި (24 ވަނަ ބައި)

Previews
October 18, 2016

އިންތިހާއަށް އާދޭސް 9…

14 Comments

  1. Shine says:
    October 19, 2016 at 1:23 pm

    shine kuruvaahakaeh liyan engeytho balaalee….heekuran kiyuntherin nah kamudhaane kamah….

  2. Aaf says:
    October 19, 2016 at 1:30 pm

    Wow nice shine konirakun dhen boss vaahaka liyan fahthany pls pls

    1. Shine says:
      October 19, 2016 at 1:44 pm

      sorry boss vaahaka fenidhaane hen hiyeh nuvey avas musthagubalehga……but i hope you will see a new story soon…

  3. sama says:
    October 19, 2016 at 1:41 pm

    shine ge sheleen story kiyaalan libeyne gotheh hadhaadheeba plx…. esfiyain e vaahaka nagaafa ineema… varah varah ginain balan e vaahaka feneythw

  4. Shine says:
    October 19, 2016 at 1:43 pm

    kurin upkuri hurihaa stories ves up kuraanan insha allah…..but it will take sometimes….hope you will wait patiently….

  5. maya says:
    October 19, 2016 at 1:47 pm

    varah reethi

  6. sathoo says:
    October 19, 2016 at 1:49 pm

    subuhaanallaah thihaavarah dhen engeyny pls pls mifadha gina vaahakathakeh genesdheythi

  7. Ais says:
    October 19, 2016 at 1:58 pm

    V iburaiytheri v reethi vaahakaeh

  8. Anonymous says:
    October 19, 2016 at 2:17 pm

    Vvv ibraitheri ?

  9. Saandy says:
    October 19, 2016 at 5:58 pm

    ވަރަށް ވަރަށް ރީތި… ވަރަށް އިބުރަތްތެރި… ވަރަށް އަސަރުގަދަ… ހަމަ ރޮވިއްޖެ… މިކަހަލަ އިބުރަތްތެރި ރީތި ވާހަކަތައް ގިނަގިނައިން ކިޔާލަން ލިބޭނެކަމަށް އުންމީދުކުރަން

  10. Appy says:
    October 20, 2016 at 1:30 pm

    V rythi v iburaitheri vaahaka eh …..

  11. Mizna says:
    October 21, 2016 at 8:02 pm

    Wooww..vrh asaru gadha.. it really touched my heart…

  12. Issey says:
    October 21, 2016 at 10:39 pm

    Mee true story eh that? ?

    1. Shine says:
      October 22, 2016 at 1:59 am

      nooney…mee hama khiyaalee vaahakaeh

Comments are closed.

All Right Reserved!