ފުރޭތަ
ވަރުބަލިވެއްޖެއެވެ. ދެނެއް ގަޔަކު އިތުރު ހިތްވަރެއް ނެތެވެ. ޢާއިލާ މީހުންނަކަށް ސިއްރުކުރެވޭކަށްނެތެވެ. އުރުގައި އިން 1 އަހަރުވީ ދަރިފުޅުގެ ރުއިމުގެ އަޑަކަށް ދެނެއް ފުރަގަހެއް ނުދެވޭނެއެވެ. ކޮންމެ ރެޔަކު ކުރިމަތިލާންޖެހޭ އެބިރުވެރިކަމާ ކުރިމަތިލާހާ ބާރެއް ހަށިގަނޑަކު ނެތެވެ. އިތުރަކަށް އެ ފުރޭތައާއެކު އެންމެ ހިނދުކޮޅެއް ވެސް ކެތެއް ނުކުރެވޭނެއެވެ.
ހަނދުވަރުގެ އަލީގައި މާލޭގެ އެންމެ ހިތްފަސޭހަ އެއް މައިޒާން، އާރޓިފިޝަލް ބީޗްގައި އަހަރެން ހަމަޖެހިލައިގެން އިނީ ގޭތެރޭގައި ކުރިއަށް ދިޔަ ހަނގުރާމަ ހަމައަކަށް އެޅެންދެނެވެ. މަންމައާއި ދޮންބައްޕަގެ ކޯޅުމާ ދުރުގައި ހުރެލުމަށެވެ. ގަޑިން އޭރު ދަންވަރު 1 ޖަހަނީއެވެ. އެ ހިތްގައިމު މާޙައުލުގައި އެތައް ބަޔަކު އުޅެމުންދިޔައެވެ. ކުރިމަތިން ފެންނަން ހުރި ޑައިންމޯއިން ކައިގެން ނުކުންނަމުން ދިޔަ އެކުވެރި ގްރޫޕްތަކާއި ބީޗްގައި ހުރި ގޮނޑިތަކުގައި ތިބެގެން މާފޮޅުވަމުންދިޔަ ލޯބިވެރިންނެވެ. އަހަރެންގެ ސަމާލުކަން ދަމައިގަތީ ގޮނޑުދޮށުގައި ހުރި ގަސްތަކުގެ ހިޔަނިން އަނދިރި އެޅިފައިވާ ދިމާ މޫދުން އެއްގަމަށް އަރައިގެން އައި ޒުވާން ފިރިހެނެކެވެ. ރީތި ހަށިގަނޑަކާއި ރީތި އިސްތަށިގަނޑެކެވެ. ލައިޓްތަކުގެ އަލިވާ ހިސާބުން އެއްގަމަށް އަރައިގެން، އޭނާ އައީ ސީދާ އަހަރެންނާ ދިމާއަށެވެ. އަދި އަހަންނާ މާދުރުނޫން ހިސާބެއްގައި އޭނާ ހުއްޓުނެވެ. ޖެހެމުންދިޔަ ފިނިރޯޅިތަކުން ނަފްސަށް ލިބެމުންދިޔަ އަރާމާއި އޭނާގެ ރީތިކަން ފެނުމުން އަހަރެންގެ ނަފްސަށް ތާޒާކަން ވެރިވިކަހަލައެވެ. ހިތަށް ވެރިވެފައިވާ މާޔޫސީއާއި ނުތަނަވަސްކަން ހަނދާންނެތުނެވެ. ކުޑައިރުކޮޅެއް ކޮށްލުމަށްފަހު، އޭނާ އިންތަނުން ތެދުވެގެން މަޑު އަދި ފޮނި ހިނގުމެއްގައި އައިސް އަހަރެން ގާތަށް ހުއްޓުނެވެ. އަހަރެންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. އަހަންނާ ހަމައަށް އައިސް އަހަރެންގެ ކުރިމައްޗަށް ވާގޮތަށް ގުދުވިއެވެ.
”އެކްސްކިއުޒް…” އެޒުވާނާ ބޭނުންވީ އަހަރެން އިން ގޮނޑި ކައިރީގައި އޮތް އޭނާގެ ޓީޝާރޓް ނަގާށެވެ. އަދި ހިންދަމާލުމަށްފަހު، އެ ޓީޝާޓުން އޭނާގެ ގައި ހިއްކާލިއެވެ.
”މިކަހަލަ ތަނެއްގައި ދަންވަރު އެކަނިމައިއެކަނި ތިހެން އިންނާކަށް ނުވާނެ” އޭނާ ބުނެލިއެވެ. އެއަޑުގައި ބީރައްޓެހިކަމެއް ނެތެވެ. ޖެއްސުމުގެ ރާގެއް ނެތެވެ. ހިތްދަމައިގަންނަ ފަދަ ފިރިހެންވަންތަ ރީތި އަޑެކެވެ. އަހަރެން އިތުރަކަށް ހާހެއް ނުވިއެވެ. ބިރެއްވެސް ނުގަތެވެ. ކީއްވެކަމެއް ނޭގެއެވެ.
”މިތާކު އިންޒާރު ބޯޑެއް ޖަހާފަ ހުރިތަނެއް އަހަންނަކަށް ނުފެނޭ” އަހަރެން ވެސް ގަދަކޮށްލާފައި ޖަވާބުދިނީމެވެ.
”އިންޒާރު ބޯޑަކުންތަ ހުރިހާ ކަމެއް އެނގެނީ، ޓީވީން ގޮވާ ޚަބަރުތަކޯ، ކަޓަރު އެޅުމާ، ރޭޕް ކޭސްތަކޯ؟ އޭގެއިތުރުން ދިވެހި ފިލްމުތަކާ ވާހަކަތަކުގައި އަންނަ ޖިންނި ވާހަކަތަކޯ؟ ހަނދުވަރީރޭރޭ އަތިރިމަތިން އަވަލާ ޖިންނީންގެ ވާހަކަ؟ އެއީ ހުސް އިންޒާރެއް ނޫންތަ؟” އޭނަ ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ހާމަކުރިއެވެ. އަހަންނަށް ވިސްނައިދިނުމަށް ޓަކައެވެ.
”ހެހެ، ކަޓަރަކުން ކީއްކުރެވޭނީ، ބޮޑުވަރަކަށް މަރައެއް ނުންތަ ލެވޭނީ، އަހަރެން މަރުދެކެ މިހާރަކު ބިރެއް ނުގަނޭ، ދެން ތިބުނަނީ ޖިންނީން، އަހަންނަކަށް ތީ ޖިންނިއަކާ ވައްތަރެއްނޫން” އަހަރެންގެ ބިރުފިލައިފިއެވެ. އެހެންކަމުން އަހަންނަށް އޭނާއާ ވާހަކަދެއްކުން ވަރަށް ފަސޭހަ އަދި މަޖާކަމަކަށް ވިއެވެ. އެއީ ހިތްދަމައިގަންނަ ފަދަ ގޮތެއް ހުރި އާދަޔާޚިލާފު މީހެކެވެ.
”ތީ ހަމަ ހީވާގޮތް، ބަލައިލަބަލަ އުޑުމަތި، އެހުރީ 14 ވިލޭރޭގެ ހަނދު، ބަލާބަލަ މިހިސާބަށް، މީހުން ގިނައެއް ކަމަކު ކިހާ ހަމަހިމޭން، ދެން ބަލާބަލަ އަހަންނަށް، އަހަރެން މިއައީ މޫދުން އަރައިގެން، ކުރިން އަހަރެން މޫދުގަ އޮއްވަ ދުށިންތަ؟ ވެދާނެ ދޯ މީ ފުރޭތައެއް ކަމަށް ވެސް…ހަމަ ބިރެއްނުގަނޭތަ؟” އޭނާ އަހަރެން ގާތުގައި އިށީންނަމުން ވައިއަޑަކުން ބުނެލިއެވެ. އަހަރެން ބިރުގެންނެވުމުގެ ނިޔަތުގައި ކަންނޭގެވެ. ކުޑަކޮށް ބިރު ވެސް ގަތެވެ. ޖެހިލުން ވެސް ވިއެވެ.
”ދެން ތިބުނަނީ ތީ ކަނޑު ފުރޭތައެކޭތަ؟” އަހަރެން ބިރުނުގަންނަކަމަށް ހެދެންވެގެން ހިނިގަނޑެއް ޖަހާލީމެވެ. އޭނާ ގާތަށް ވެސް އައީ ހިންޏެވެ. އޭނާގެ މަގުސަދު ކާމިޔާބު ނުވުމުން ކަމަށް ވެސް ވެދާނެއެވެ.
”އޯކޭ، ބިރުނުގަންނަ، ވަރަށް ގައްޑާ ކުއްޖެއްދޯ؟ ބައިދަވޭ މަށަށް ކިޔަނީ އަނިލް” އޭނާ އަމިއްލައަށް ތަޢާރަފްވިއެވެ.
”އައިމް ލައިލާ” އަހަރެން ވެސް އޭނާ ދިއްކޮށްލި އަތުގައި އަތާ އަތްޖޯޑުކޮށް ސަލާމްކޮށްލަމުން ތަޢާރަފްވީމެވެ. އެރޭ އެހިފުނު އަތުން ދޫކޮށްލަން މިހާ އުނދަގޫވާނެ ކަމެއް އަހަރެން ހިޔެއްނުކުރަމެވެ.
ކޮންމެ ރެޔަކު އެތަނުން އަހަރެން އަނީލްއާ ބައްދަލުކުރަން ފެށީމެވެ. އޭނާއަކީ ސައިކަލެއް ގެންގުޅޭ މީހެއް ނޫންކަމުން މާލޭގެ ހަމަހިމޭން ހިސާބުގަނޑުގައި އަތުގުޅާލައިގެން ދުނިޔެވީ ވާހަކަތައް ދެއްކުމާއި ދިރިއުޅުމުގެ ހިތްދަތި ދާސްތާން ކިޔައިދިނުމުގައި ވަގުތުތައް ހޭދަކުރަމުންދިޔައީ އާޚިރު ނަތީޖާއަކަށް ވިސްނައިނުލައެވެ. ސަލާމަތްނުވެވޭ ފަދ ބިރުވެރިކަމެއް ކުރިމަތިވެދާނެކަމުގެ ކުޑަވެސް ހިލަމެއް ނެތިއެވެ. އަހަރު ދުވަހުގެ ލޯތްބާއި އަޅާލުމަށްފަހު އަނީލް އަހަންނާ ކައިވެނި ކުރަން ބޭނުންވާކަމަށް ބުންޏެވެ. އެއީ އަހަރެން އިންތިހާއަށް އެދިއެދި ހުރި ކަމެއްކަމަށް ވާތީ އަހަރެން ވަރަށް ފަސޭހައިން އާއެކޭ ބުނީމެވެ. އޭރުވެސް އަނީލްއަކީ ކާކުކަމެއް އަހަންނަކަށް ރަނގަޅަކަށް ނޭގެއެވެ. އެއީ އޭނާ އެންމެ ފުރަތަމަ ބުނި ފަދަ ފުރޭތައަކަށް ވެދާނެއޭ ވެސް ބައެއްފަހަރު ހިތް ބުނަމުންދިޔައެވެ.
ކައިވެނީގެ ފުރަތަމަ އެއް މަސްދުވަސް ހޭދަވީ އުފަލާއި މަޖަލުގައެވެ. ނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔައީ އަނީލްގެ ވަޒީފާ ގެއްލުމުންނެވެ. އަނީލް ވަޒީފާއަދާކުރަމުން ދިޔައީ އަމިއްލަ ކުންފުންޏެއްގައެވެ. ކުންފުނި ބަނގުރޫޓުވުމުން އޭނާގެ ވަޒީފާ ވެސް ގެއްލުނީއެވެ. އަނީލްއަކީ ޓްރެވަލް އެންޑް ޓޫރިޒަމް އިން ޑިޕްލޮމާ ހަދައިގެން ހުރި މީހެއްކަމުން އޭނާ ބޭނުންވީ ރިސޯޓް ވަޒީފާއަކަށް ދާށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ފައިސާ ހޯދުމަށެވެ. އަހަރެން އުފަލުގައި ގެންގުޅުމަށް ކަމަށް ބުނެއެވެ.
ނަމަވެސް އެހުރިހާ ކަމެއް އޭނާ އެވަޒީފާއަށް ދިއުމާއެކު ހަނދާން ނެތުނުކަހަލައެވެ. ފުރަތަމަ ދެ މަސްދުވަހަކު އޮފް ދުވަސްތަކުގައި ވަގުތު ހޯދައިގެން އަހަރެން ގާތަށް އައިސް އުޅުނެވެ. ނަމަވެސް ފަހުން ފަހުން އައިސް ފޯނު ކުރުން ވެސް މަދުވިއެވެ. އިތުރު މީހަކާ ގުޅުމެއް ހިންގާތީކީ ނޫނެވެ. އެއަށްވުރެ ހިތްދަތި ސަބަބަކާ ހުރެއެވެ.
އެއީ ކައިވެންޏަށް 7 މަސް ވީ ދުވަހެވެ. އެތައް އާދޭހަކަށްފަހު އަނީލް 5 ދުވަހުގެ ޗުއްޓީއެއް ނަގައިގެން އަހަރެން ގާތަށް އައެވެ. އެއީ އަހަންނަށް ހަގީގަތް ހާމަވިރެއެވެ. ހާއްސަ ކެއުމެއް ތައްޔާރުކުރުމަށް ގޭގެ ތިރީގައި ހުންނަ ސުޕަރ މާރކެޓުން ކެއްކުމަށް ބޭނުންވާ ސާމާނު ގަނެގެން އަހަރެން ގެއަށް އައިރު އަނީލް އުޅެނީ ފާހާނައިގައެވެ. އަހަރެން ކެއްކުމުގެ މަސައްކަތް ފެށިތަނާހެން އޭނާ ނުކުމެގެން އައެވެ. މުޅިމީހާގެ މިޒާޖު ވަނީ ބަދަލުވެފައެވެ. ހަލަބޮލި ވެފައެވެ. އައިގޮތަށް އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. އެއީ އެތައް ދުވަހަކަށް ފަހު އޭނާ އިސްވެ އަހަންނާ ގާތްވި ފަހަރެވެ. އަހަރެން އުފުލައިލައިގެން ގެނެސް ކާމޭޒުމަތީގައި ބޭންދިއެވެ. އަހަރެންގެ ކަރުދޮށުގައި ބޮސްދޭންފެށިއެވެ. އެއީ އަހަރެން ކެއްމަދުވެފައިވާ ބީހުންތަކެވެ. ނަމަވެސް ހިތަށް ފިނިކަމެއް ނުލިބުނެވެ. ލިބުނީ އިތުރު ހާސްކަމެކެވެ. އަނީލްގެ ގައިންނާއި އަނގައިން ދުވަމުން ދިޔަ އާދަޔާ ޚިލާފުވަހުންނެވެ. އަހަރެން އަނީލްގެ މޫނުގައި ހިފަހައްޓައި ކުޑަކޮށް އުފުލައިލުމަށް ފަހު، އޭނާގެ ދެ ލޮލަށް ރަގަޅަށް ބަލައިލީމެވެ. އެއީ އަނީލްއެއް ނޫނެވެ. އޭނާ ވަނީ ބަދަލުވެފައެވެ. އެލޮލުގައި ވަނީ ބިރުވެރި ސިފައެކެވެ. އޭނާގެ މުޅި މޫނުން ވެސް ހާމަވަނީ ބިރުވެރިކަމާއި ނާމާންކަމެވެ. އަހަރެން ސިހިފައި އޭނާގެ މޫނުން އަތް ދޫކޮށްލީމެވެ.
”އަނީލް، ކީއްކޮށްގެން ތިޔައީ” ހިތްދަތިވެހުރެ ކުރަކި އަޑަކުން އަހަރެން އެހީމެވެ.
”ބަލާއެއްނު، މިގަޑީގައި ކޮން ސުވާލެއްތަ؟ އައިސްބަލަ” އަނީލް ގަދަހެދިއެވެ. އެއީ ދުވަހަކު ވެސް އޭނާ ކަންތައް ކުރިގޮތެއް ނޫނެވެ. އޭނާ ހުރީ ހަމައަކު ނޫންކަން އަހަންނަށް އެނގުނެވެ.
”އަނީލް. އަހަރެންގެ ގައިން ދޫކޮށްލާ” އަހަރެން އޭނާ ދުރަށް ކޮށްޕާލީމެވެ.
”ލައި ތީ ދެން ކޮންކަމެއް، ހިނގާބަލަ ރޫމަށް، މީ ވަރަށް ނައިސް ކަމެކޭ، ލައި ވެސް ޓެސްޓްކޮށްލީމަ އެނގޭނެ، ހަމަ އޯސަމް” އޭނާގެ ވާހަކަދެއްކުމުގެ ބަސްތަކާއި ރާގަށް ވެސް ވަނީ ބަދަލު އައިސްފައެވެ.
އެއީ އަނީލްގެ އެސިފަ އަހަންނަށް ފެނުނު ފުރަތަމަ ރެއެވެ. އެތައް ތަޅާފޮޅުމަކަށް ފަހު އެރޭ އަހަރެން އޭނާ ކޮޓަރިއަށްލާ ތަޅުލުމަށްފަހު އޭނާގެ ކިބައިން ސަލާމަތްވީމެވެ. ނަމަވެސް ދޫކޮށްލާފައި ދާކަށް ނުކެރުނެވެ. އަނީލްއަކީ އޭގެ ކުރިން ދުވަހަކުވެސް އެކަހަލަ ކަމެއް ކުރިކަން އަހަންނަށް އެނގިފައި ހުރި މީހެއް ނޫނެވެ. ކީއްވެކަމެއް ނޭގެއެވެ. އެރޭ އަހަންނަށް އެދިމާވި ކަންތަކަށްފަހު ވެސް އަނީލްއާއެކު އުޅެން ބޭނުންވިއެވެ.
ޖެހިގެން އައި ދުވަހެވެ. ކުރީ ރޭ އޭނާ ކުރި އެއް ކަމެއް ވެސް އޭނާ ހަނދާންހުރި ކަމަކަށް ނުހެދިއެވެ. ރުންކުރު ރުޅިގަނޑެއް އޭނާގެ ކިބައިގައި ހަރުލާފައި ހުންނަން ފެށިއެވެ. ގިނަ ދުވަސްތަކެއް ނުވެ ވަޒީފާއިން ވަކިވެ ގޭގައި އޮންނަން ފެށިއެވެ. އަދި އެއަށްފަހު އެރޭ ދިމާވި ހާދިސާ އެތައް ރެޔަކު ތަކުރާރުވާން ފެށިއެވެ. އޭނާގެ ރައްޓެހިން ބަދަލުވިއެވެ. ކުރިން އެކީގައި އުޅުނު މީހުންނާއި ޢާއިލާ މީހުންނާ މުޅިން ދުރުވެ ގުޅުން ކަނޑާލިއެވެ. އޭނާގެ އެންމެ ގާތް އެއްޗަކަށްވީ މަސްތުވާތަކެއްޗެވެ. އެއީ އޭނާއަށް ހިތްހަމަޖެހުން ގެނުވާ އެއްޗެއްކަމަށް ގަބޫލުކުރިއެވެ.
އެއް ރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އަހަރެން ބޯއަނބުރާތީވެ ދައްތައާއެކު ހޮސްޕިޓަލަށް ދިޔައީމެވެ. އަދި ލިބިގެންދިޔަ ޚަބަރަކީ މިހާތަނަށް އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ އުފާވެރި ޚަބަރެވެ. އަހަރެން ބަލިވެއިން ޚަބަރެވެ. ގެއަށް އައިސް އަނީލްއާ އެވާހަކަ ހިއްސާކުރުމުން އޭނާގެ މޫނުމަތިން ވެސް މީގެކުރިން ނުފެންނަ ފަދަ ލޯތްބާއި އުފާވެރިކަމެއް ފެނިގެންދިޔައެވެ. އެރޭ އޭނާ އަހަންނާ ދުވަހަކު ނުދައްކާހާ ވާހަކަދެއްކިއެވެ. ވަޒީފާއަށް ދިޔަ ރިޒޯޓުން ލިބުނު ރައްޓެހިންގެ އަވައިގައި ޖެހި، މަސްތުވާތަކެތި ބޭނުންކުރަން ފެށުނު ގޮތުގެ ވާހަކަ ވެސް އަހަންނަށް އޭނާ ކިޔައިދިނެވެ. އެކަމަށް ޓަކައި އަހަރެންގެ ކިބައިން މައާފަށް އެދުނެވެ. އަދި ދަރިފުޅަށް ރަނގަޅު މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި މަސްތުވާތަކެއްޗަށް ފުރަގަސްދޭނެ ކަމަށް ވަޢުދުވިއެވެ. ނަމަވެސް އެ ވަޢުދަކު އޭނާއަކަށް މާކަ ގިނަ ދުވަހަކު ދެމިއެއް ނުހުރެވުނެވެ. އަހަރެންގެ ބަނޑަށް 6 މަސްވީ އިރު އޭނާ އަނެއްކާ ވެސް މަސްތުވާތަކެތި ބޭނުންކުރަން ފަށައިފިއެވެ. ގިނަ ދުވަސްދުވަހު ފެންނަނީ ގޭތެރެއަށް ވެއްޓިފައި އޮއްވައެވެ. އަމިއްލައަށް ހިރިނުލެވޭ ހާލުގައެވެ. އަހަރެންނަށް އޭނާދެކެ ވެވިފައި ހުރި ލޯތްބެއްގެ ސަބަބުން ކަމެއް، ނޫނީ އޭނާ އުޅެމުންދިޔަ ހާލު ފެނިފައި ވެވުނު ހަމްދަރުދީއެއްގެ ސަބަބުން ކަމެއް ނޭގެއެވެ. އޭނާގެ ހަގީގަތް އެކަކަށް ވެސް ކިޔައިދޭކަށް އަހަންނަކަށް ނުކެރުނެވެ. ކިޔައިނުދިން ނަމަވެސް އޭނާ ފެންނަ ކޮންމެ މީހަކަށް އެއީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން އެނގޭނެއެވެ. އަހަރެން ކުރިހާ ވެސް ކަމަކީ އޭނާ ދިފާޢު ކުރުމެވެ. އަނީލް ބުނަމުން ދިޔަ ގޮތުންނަމަ މަސްތުވާ ތަކެއްޗަކީ އިންސާނާއަށް މުޅިން އެހެން ދުނިޔެއެއް ދައްކުވައިދޭ އެއްޗެކެވެ. މުޅިން އެހެން ކަހަލަ އަރާމުތަކެއް ގެނުވާ އެއްޗެކެވެ. ހަށިގަނޑަށާއި ހިތަށް ފިނިކަން ގެނުވާ އެއްޗެކެވެ. ދުނިޔެމަތީގެ ވޭނާއި ހިތާމައާ ދުރުކުރުވާ އެއްޗެކެވެ. އެއީ ހަގީގަތަކަށް ވާނަމަ ކިތަންމެހާ ވެސް ރަގަޅެވެ. އަނީލްއަށް އެ ބޭނުންކޮށްގެން އެވާ އުނދަގޫތައް އޭނާއަށް އިހުސާސްވާ ނަމަ ރަގަޅެވެ. އެ ބޭނުންކޮށްގެން ލޮލުން އެއަޅާ ކަރުނައާއި ދައްކާ ވާހަކަތައް ހަނދާން ހުންނަ ނަމައޭ އަހަރެން ހިތަށް އަރައެވެ. ގައިގައި ރިއްސާތީ ނުނިދޭ ރޭތަކާއި ހަށިގަނޑުގައި ނުފިލައި ހުންނަ ލަކުނުތައް އޭނާގެ ލޮލުގައި އަޅައިގަންނަ ނަމައޭ ހިތަށް އަރައެވެ. އިށީދެ އިންނަތަނުން ނުވަތަ އޮށޯވެ އޮންނަތަނުން ތެދުވާނެހާ ވަރު ވެސް އެބޭނުންކުރުމުން އޭނާގެ ހަށިގަނޑުގައި ނުހުންނަކަން އިހްސާސްކުރެވޭނެ ނަމައޭ ހިތަށް އަރައެވެ. ފާޚާނާއަށް ދެވޭއިރު ވެސް އިހްސާސްނުވާކަށް އޭނާއަށް ހަމަ ނޭގެނީބާއެވެ. އެއީ އިންސާނާއަށް ގެނުވާ ހިތްހަމަޖެހުންބާއޭ ހިތަށް އަރައެވެ. އެބޭނުންކުރާ މީހުންނަށް ޝައިޠާނާ އެދައްކުވައިދެނީ ޚިޔާލެކެވެ. އަނދިރި ކަޅު ޚިޔާލެކެވެ. އެމީހަކު އެ ވެއްޓިގެން ދަނީ ދެދުނިޔޭގެ ހަލާކަށެވެ. އެބޭނުންކުރުމުން އެމީހުން ގައިގައި އެއަޅާވޭން ފެންނަނީ، އިހްސާސްކުރެވެނީ އަހަރުމެންނަށެވެ. އެ ރޯ ރުއިން ފެންނަނީ އަހަރުމެންނަށެވެ. ސަލާމަތްކުރުމަށް އެދި ކުރާ އާދޭހުގެ އަޑު އިވެނީ އަހަރުމެންނަށެވެ. އަނީލްއާ ދުރުނުވެވި ހުރި ސަބަބަކީ މިބުނި ސަބަބުތަކެވެ. އޭނާ އެކަނިމައި އެކަނި އެހަލާކުގެ ތެރެއަށް ދޫކޮށްލަން ހިތްވަރުނުލިބޭތީއެވެ. ކޮންމެ ރެއަކުހެން އޭނާގެ އެ ރަތްވެފައިވާ ދެލޮލާއި މުޑުދާރު ހަށިގަނޑު ފެނުނަސް ކެތްކުރަނީ މިފަދަ ސަބަބުތަކާ ހުރެއެވެ. ހިތުގައި އުންމީދެއް އޮވެއެވެ. ދަރިފުޅު ލިބުމުން އޭނާއަށް ވިސްނިދާނެކަމުގެ ފަނޑު އުއްމީދެވެ.
އެއީ އަހަރެން ދުވަސްފުރާ ހެޔޮ ހާލުގައި ވިހޭ ދުވަހެވެ. އަހަރެމެންގެ ލޯބި ލޯބި ފުށްގަނޑެއް ކަހަލަ ދަރިފުޅު އެލީޝާ މި ދުނިޔެއަށް އުފަންވި ދުވަހެވެ. އުންމީދުކުރި ފަދައިން އަނީލް ވެސް އަހަރެން ގާތުގައި ހުރީ ހެޔޮ ހާލުގައެވެ. އޭނާ އެހަފްތާގައި އެކަހަލަ އެއްވެސް އަމަލެއް ނުހިންގައެވެ.
އެލީޝާއާއެކު މުޅިން އައު ދިރިއުޅުމެއް ފެށުނެވެ. އަނީލް ވެސް އޭނާގެ ބޭބެގެ ކުންފުނީގެ ވަޒީފާއަކަށް ނުކުތެވެ. އަހަރެންގެ އިންތިޒާރަށް ނިމުމެއް އައިކަހަލައެވެ. ނަމަވެސް ޝައިތާނާއަކަށް ކެތެއް ނުވިއެވެ. އަހަރެންގެ ދިރިއުޅުމަށް އޭގެ ކަޅު ހިޔަނި އަނެއްކާ ވެސް އެޅުނީ އޭގެ 6 މަސް ދުވަސް ފަހުންނެވެ. ހީވެސް ނުކުރާ ކަހަލަގޮތަކަށެވެ. އަނީލްއަށް އެފަހަރު އައި ބަދަލު ކުރިއަށްވުރެ ނުރައްކަލެވެ. ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު އަހަންނަށް އަނިޔާކުރުމަކީ އޭނާގެ އާދައަކަށް ވިއެވެ. ހުންނަނީ އިންތިހާއަށް ރުޅިގަދަވެފައެވެ. އަލީޝާއަށް އަޅާލުމާއި ލޯބިދިނުން ހުއްޓާލިއެވެ. އޭނާއާ ދިމާއަށް ބަލައިލަން ވެސް ބޭނުންނުވާ ކަހަލައެވެ.
ވިއްސާރަރެއެކެވެ. އަލީޝާ ނިންދެވުމަށްފަހު އަހަރެން ކެއްކުމަށް ބަދިގެ ތެރޭގައި އުޅެނިކޮށް އަނީލް އައިސް ގެއަށް ވަނެވެ. ތެމިފޯވެ ހުރެގެންނެވެ. އަތުގައިހުރި ހުރިހާ ބާރެއް ލާފައި ދޮރު ޖެހުމަށްފަހު އަހަންނާ ދިމާއަށް މިސްރާބުޖެހިއެވެ. ކީއްވެކަން އަހަންނަށް އެނގެއެވެ. އެކަމަކު އަހަރެން އެރޭ ހުރީ އަނީލްގެ އެބޭނުން ފުއްދައިނުދެވޭނެ ފަދަ ހާލަތެއްގައެވެ. އަނީލްއަށް އެކަން މާބޮޑު ކަމަކަށް ނުވިއެވެ. އޭނާއަށް ބޭނުންވީ އޭނާގެ އެނދުން ފުއްދުމެވެ. އޭނާގެ އިޙުސާސްތަކަށް ލުޔެއްދޭށެވެ. އަހަންނަށް ކެއްނުކުރެވި، އޭނާ އަހަންނާ ދުރަށް ކޮއްޕާލީމެވެ. މޭޒުމަތީގައި އޮތް ވަޅި ނެގީމެވެ.
”އަނީލް…ޕްލީސް…އިތުރަށް ކައިރިވެއްޖެއްޔާ މީގަ ހުރި ވަރު ދައްކާލާނަން” އޭނާގެ ދެލޮލުން އަލިފާން ކަނި ބުރައިގެން ދިޔަ ކަހަލައެވެ. ވެހެމުންދިޔަ ވާރެއާއި ޖަހަމުންދިޔަ ގުގުރީގެ އަޑާއެކު ކުރިމަތިން އޭނާ ފެންނަން ހުރުމަކީ މީހަކު ބިރުން ފުނޑުފުނޑުވާނެ ފަދަ ކަމެކެވެ. ނަމަވެސް އޭނާގާތަށް އައި ރުޅިއާއެކު އޭނާ މައިތިރިވިއެވެ. ފަސްޖެހުނެވެ. ތިރިކޮށްގެންހުރި ފަޓްލޫނު ހެޔޮވަރުކޮށްލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށްވަނެވެ. ފުންނޭވާއެއް ލެވުނެވެ. ކުރިމަތީހުރި މޭޒުގައި އަތްވިއްދައި ދެއަތަށް ބާރުކޮށްލެވުނެވެ. މެރިގެންދިޔަ ދެލޮލުން ހޯސްލާފައި ކަރުނުތައް އޮހިގެން ދިޔައެވެ. ނަމަވެސް ކުރަންހުރި މަސައްކަތަށް އެނބުރުނީމެވެ. އެވަގުތު އެލީޝާގެ ވޭނުން ފުރިގެންވާ ރުއިމުގެ އަޑާއެކު އަހަރެންގެ ގައިން ހީބިހިގަނޑެއް ނަގައިގެން ދިޔައެވެ. އަތުގައި އޮތް ވަޅިއާއެކު ކޮޓަރީއާ ދިމާއަށް ދުއްވައިގަތީމެވެ. ނޫނެކެވެ. ފެނުނު މަންޒަރުން އަހަރެންގެ ހިތް ފަޅައިގެން ދިޔައެވެ. އެފޫރޭތަ އިނީ ހެއްދެވިގޮތަށް އެނދުމައްޗަށް އަރާ އޭނާގެ އަތުތެރެއަށް އެލީޝާ ނަގައިގެންނެވެ. އެތުއްތު ހަށިގަނޑަކީ އޭނާގެ އަމިއްލަ ލޭ ހިނގާ އޭނާގެ ހަށިގަނޑުގެ އެއްބައި ކަމުގައި ހަނދާން ވެސް ނެތް ފަދައެވެ. ނޫނެކެވެ. ހަނދާންނެތީކީ ވެސް ނޫނެވެ. އެއީ އޭނާ އަހަރެންނާ ފުރަތަމަ ބައްދަލުވި ރޭ ބުނި ފަދައިން ފުރޭތައެކެވެ. އަހަންނަށް އެވަރު ކުރިން ނުވިސްނުނީއެވެ. ކުރިން ނޭގުނީއެވެ. އެކުގައި ނިދައި ކައިބޮއެ ދިރިއުޅެމުން މި ދިޔައީ ނުބައި ނުލަފާ ޝައިތާނަކާއެކުއެވެ. ގައިގައި ހުރި ބާރަކާއެކު އަތުގައި އޮތް ވަޅި އޭނާގެ ބުރަކައްޓަށް ހަރާލީމެވެ. އޭނާ ތެޅިގަތެވެ. އަތުން އެލީޝާދޫވެގެން އެނދުމައްޗަށް ވެއްޓުނެވެ. އަނީލްގެ ހަޅޭކުގެ އަޑުން މުޅި ކޮޓަރިތެރެ ގުގުމާލިއެވެ. އޭނާ އަހަންނާ ދިމާއަށް ތެދުވުމަށް މަސައްކަތްކުރިއެވެ. އަހަރެން ހުޝިޔާރުވީމެވެ. އަވަސް އަވަހަށް އެލީޝާ އޭނާގެ ވަކިތަކުގެ ދަށުން ސަލާމަތްކޮށްގެން ކޮޓަރިން ބޭރަށް ނުކުތީމެވެ. އަނީލްގެ އެނުބައި ޢަމަލު ސިއްރުކުރުމުން މިއަދު އޭގެ ސަޒާ އަހަންނަށް މިވަނީ ލިބިފައެވެ. އަހަރެންގެ ހިތުގެ ވިންދު މިވަނީ ހުއްޓިފައެވެ. އުމުރަށް ނުފިލާނެ އަނިޔާއެއް އެ ތުއްތުތުއްތު ދަރިފުޅަށް މިވަނީ ލިބިފައެވެ. ކުށްވެރިއަކީ އަހަންނެވެ. އަމިއްލަ ހަށިގަނޑުގެ އިތުރުން އެ ތުއްތު ފުރާނަ ވެސް އެފުރޭތައިގެ އަތުތެރެއަށް ދޫކޮށްލައިގެން ހުރެވުނީއެވެ.
ހިތްވަރުކޮށްލުމަށްފަހު ޢާއިލާ މީހުންނަށް ގުޅީމެވެ. ފުލުހުންނަށް އެންގީމެވެ. ބުރަކައްޓަށް ވަޅިހެރިފައިހުރީ ފުރާނައަށް ނުރައްކާނުވާ ގޮތަކަށް ކަމުން އަނީލްގެ ފުރާނަ ސަލާމަތްވިއެވެ. ނަމަވެސް އޭގެ ފަހުން އެހަށިގަނޑުގައި ދިރުމެއް ނުހުރެއެވެ. އަހަރެންނަށް ވެސް އެބިރުވެރިކަމުން މިންޖުވެވުނެވެ. ނަމަވެސް ހަށިގަނޑުގައި އޭނާ ވަކިއަޅާފައި ހުރި ނިޝާންތަކެއް ނުފިލައެވެ. ދުވަހަކު ވެސް ނުފިލާނެއެވެ. އަނިލްގެ ޚަބަރު މަދުމަދުންވެއެވެ. މަސްތުވާތަކެތީގެ ވިހަ އެހަށިގަނޑުން ކެނޑި ހަމަބުއްދި ޖެހުމުން އޭނާ އަހަރެން ގާތުން މަޢާފަށް އެދުނެވެ. ގުޅައިގެން ރޮއި އާދޭސްކުރިއެވެ. ނަމަވެސް އޭނާއަށް އެލީޝާއާ މެދު ކަންތައް ކުރެވުނުގޮތް، އޭނާ ދުވަހަކު ވެސް ގަބޫލެއްނުކުރެއެވެ. އެއީ އޭނާގެ އިޚްތިޔާރުން ކުރިކަމަކަށް ނުވާތީއެވެ. އެއީ މަސްތުވާތަކެތީގެ ސަބަބުން އެހަށިގަނޑަށް ވެރިވި ފުރޭތައިގެ އަމަލެކެވެ. އެކަމުގައި ކުށްވެރިވާނީ ކާކުހެއްޔެވެ. ފުރޭތައެކޭ ބުނެ ފުއްދާލެވޭނެ ހެއްޔެވެ. ނޫނެކެވެ. ކުށްވެރިޔަކީ ހަމަ އަނިލްއެވެ. މަސްތުވާތަކެއްޔާއި ގާތްވީ އެއީ ކޯޗެއްކަން ނޭންގިހުރެކަމެއް އަހަންނަކަށް ދުވަހަކުވެސް ގަބޫލެއް ނުކުރެވޭނެއެވެ. ދުވަހަކުވެސް އޭނާއަކަށް މަޢާފެއްނުކުރެވޭނެއެވެ. އެއީ ރޫޚާނީ ބާރެއްނޫނެވެ. އެއީ ނޭންގި ހުއްޓަޖެހޭ ބައްޔެއްނޫނެވެ. އެއީ ތިމާ އިޚްތިޔާރުކުރާ ހަލާކެކެވެ.
ޖިންނިން، ހަންޑިން، ފުރޭތައިން އެއީ ލޮލަށް ނުފެންނާނެގޮތަށް ދުނިޔެމަތީގައި އުޅޭބައެއްކަމަށް ބުނެއުޅެއެވެ. އެކަމަކު އެއިން އެއްބަޔަކީ އަހަރުމެންގެ ތެރޭގައި އިންސާނުންގެ ސިފައިގައި އުޅޭބައެކެވެ. އެކަންދެނެގަނެ އެބައިމީހުންގެ ކިބައިން ސަލާމަތްވުން ނުވަތަ އެމީހުންނަށް އިންސާނިއްޔަތުކަން ވިސްނައިދިނުމަށް އަޅަންޖެހޭ ފިޔަވަޅުއެޅުމަކީ ވެސް އަހަރުމެންގެ ކަމެކެވެ. އަނީލްއަށް އެފުރުސަތު ނުދެވުނީ އަހަރެންގެ ވެސް އިހުމާލުންކަން އަހަރެން ގަބޫލުކުރަމެވެ.
ނިމުނީ
12 Comments!
Comments are closed.


V reethi story
baeh basthah rangalhu kollanfeney.. “balaayehnu” eyge badhaluga bodu kamehnu… vaahakaliyaairu dhivehi reethi basthah beynun kurey…
Meehaku bunaa ehcheh emeehaa bunigothah liyan vegen “..” comaa koalhi ehge therey liyanee. ehen veeru emeehaku e buni ehcheh eiy kithanme nubai avaguraana eh namaves liyeveyne. vaahaka liyumuge fannakee mee dheenee dharusdhey usoolun kuraa kameh noon. muyjthamauge therey beynunkuraa basthah e beynun kuraa gothah liyeveyne. meehun e ibaaraai beynun nukuraanama thaa nuliyan vee.
eiy hadi kameh vx noon. eiy vaahaka liyumuge fannah ithuru mussandhi kameh libi hageegathaa gaathah e vaahaka thah geneveynee ehaadhisaa eh hingi gothah e vaahaka ehge ulhey bayaku kee ehcheh kee gothah genes dhevigen.
dhivehin ge visnun badhalu kuran feney.
kobaatho falsafaa vaahaka
Vaahaka vvv reethi…
Salhi
kobai falsafaa
IQ alhe kobaa tha falsafaa story
Falsafa story up kohdheeba plz
aan dho. IQ ge falsafaa enme interest vee hisaabun huttaalee. dhen nuvesq fenunu IQ. evaahaka up kohbala PLZ.
nice
Varah iburaitheri vaahaka ei.. mi adhuge mujthamaun fenna haadhisaa thakei.. IQ yu hv dne a great job.. Aslu alhuga’ndu men ge mi mujthamaun mi kahala hadi mududhaaru amaluthah fohelumah masahkai kuran thy bi bayakii vx mi adhu ge zuvaanun.N masthuvaa thakethyge shikarayakah ve thybe anhn kudhyn ge dhiriulhun halaaku kurumakii vx miadhuge mujthamuge haalathu.. but we, girls shld not be beside them.. always shld fight agains them.. Emiihun aharemnge dhiriulhun halaaku kohlumuge kuryn aharemn ekamah samaalu ve thibemaa..???