Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރަތް ކުލައިގެ ލޭކޮކާ

IQ Level 110 Stories
August 4, 2016 9 Mins Read
9 Comments

އެރި އިރާއެކު ޔަޒީދު އެނދުން ތެދުވެ މިސްރާބު ޖެހީ އެއަރޕޯޓަށް ދިއުމަށް ތައްޔާރުވުމަށެވެ. އޭނާގެ ހުވަފެންތަކަށް މިއަދު ނިމުމެއް އަންނާނެއެވެ. 3 އަހަރު ދުވަސް ވަންދެން ކެއްތެރިކަމެއްނެތި އޭނާ ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް އަންނާނެއެވެ. ޔަޒީދަކީ މިހާރު އުމުރުން 28 އަހަރު ފުރިފައިވާ ޒުވާނެކެވެ. އުޅެމުންދަނީ ޒިންމާދާރު ވަޒީފާއެއްގައެވެ. ބޭންކް ބެލެންސެކޭ އެއްވަރަށް ޖީބުގައި ވެސް ފައިސާ ހުރި ޒުވާނެކެވެ. މާލޭގައި ގެއިން ލިބިފައިވާ ބައި ހަދާ ތައްޔާރުކޮށްފައިވަނީ ކުޑަޢާއިލާއަކާއެކު ދެމަފިރިޔަކަށް އުޅެވޭނެ ފެންވަރަށެވެ. އެކަމަކު އަދި އޭނާގެ ހަޔާތުގެ ބައިވެރިޔަކު ނެތެވެ. އެދުވަސް އޮތީ މާދުރަކު ނޫނެވެ. ވެވުނު އެންމެ ސަޅިއެއް ވެގެން އެއަރޕޯރޓަށް މިސްރާބު ޖެހީ އުންމީދުތަކަކާއެކުއެވެ. ފާއިތުވެދިޔަ 3 އަހަރު ދުވަހުތެރޭގައި އޭނާގެ ދިރިއުޅުމަށް ގެނެސްފައިވާ ބަދަލުތައް ނިޝާއަށް ކަމުދާނެ ކަމުގެ އުންމީދުގައެވެ.

”ނިޝާ” މި ނަން އިވުމުން ވެސް ޔަޒީދުގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް ލޮޅުންއަރައެވެ. އެނަން އިވުމުން އޭނާ ދަންނަ ކޮންމެ މީހަކަށް ވެސް ސިފަވާނީ އަދި ފެންނާނީ ވެސް ރަތްކުލައެވެ. ޔަޒީދު ބުނާހެން ރަތްކުލައިގެ ލޭކޮކާލެކެވެ. އެ ނަން އިވުމުން ޔަޒީދުގެ މާޔޫސްވެފައިވާ މޫނުމަތި އުޖާލާވެގެން ދެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ނިޝާއަކީ ޔަޒީދުގެ ހަޔާތް ބަދަލުކޮށްލި ޒުވާނާއަށް ވީތީއެވެ. ހަމައެފަދައިން ޔަޒީދަކީ ވެސް ނިޝާގެ މުޅި ދިރިއުޅުމުގެ އިތުރުން ނިޝާ ވެސް ބަދަލުކޮށްލި ފަރާތެވެ. ނިޝާގެ ކޫރުންއެޅިފައިވާ އެހިތް ފުނޑުފުނޑުކޮށްލި މީހާ ވެސް މެއެވެ.

ނިޝާއާ ޔަޒީދު ބައްދަލުވީ މީގެ 3 އަހަރާއި 6 މަސް ކުރިންނެވެ. އޭރު ނިޝާގެ އުމުރުން 23 އަހަރެވެ. ކިޔަވައިގެން އިން އަންހެނަކަށް ވުމަކީ ނިޝާގެ އުންމީދެކެވެ. ހުވަފެނެކެވެ. ލަނޑުދަނޑިއެކެވެ. ގްރޭޑް 10 ނިންމާލީ އެއަހަރުގެ އެންމެ މަތީ ނަތީޖާ ލިބުނު ދަރިވަރުންގެ ލިސްޓުގައި ނަން ހިމެނިގެންނެވެ. އޭރު ލޯބީގެ ގޮތުން އެއްވެސް މީހަކާ ގުޅިފައިނުވާ ނިޝާ އެންމެ ފުރަތަމަ ކުއްޖަކާ ރައްޓެހިވީ އުމުރުން 18 އަހަރުގައެވެ. ކިޔެވުން ނިމުމަށްފަހު ޑިޕްލޮމާ ކޯސް ފެށެންދެން މަޑުކޮށްލައިގެން ހުރި ދުވަސްވަރުއެވެ. އޭރު އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޝާފިއުއާއެވެ.

ޝާފިއުއާއެކު އޭނާ ހޭދަކުރީ 1 އަހަރުދުވަހެވެ. ލޯބީގެ މާތައް ފޮޅުވުމުގައި ވަގުތު ހޭދަވެގެން ދިޔަ ގޮތް ވެސް ނިޝާއަކަށް އިހްސާސެއްނުވެއެވެ. ޝާފިއު އޭނާއަށް އެތައް ހުވަފެންތަކެއް ދެއްކިއެވެ. ނަމަވެސް އެހުވަފެންތައް ހަގީގަތަކަށް ނުވިއެވެ.  ޝާފިއު އެހެން ބައިވެރިޔަކު އިޚުތިޔާރުކުރުމުންނެވެ. އެ ހިތި ހަނދާންތަކާއެކު ނިޝާކުރިއަށް ފިޔަވަޅެއް އެޅުމަށް އެތައް ދުވަހެއް ނެގިއެވެ. އޭނާއަކީ ހިތްޖެހޭ މީހަކު ދެކެ އިންތިހާއަށް ލޯބިވާ އަދި ލޯބިވާން އެނގޭ ކުއްޖެއްކަމަށް ވާތީއެވެ. ނަމަވެސް އެހަނދާންތަކާ ދުރަށް ގޮސް އޭނާ އަނެއްކާ ވެސް ކިޔެވުމާއިގެން ކުރިއަށް ދާން މަސައްކަތްފެށިއެވެ. ޝާފިއު މަތިން ހަނދާން ނައްތާލުމުގައި އޭނާއަށް އެހީތެރިކަން ލިބުނީ ކްލާހުން އަލަށް ބައްދަލުވި އެކުވެރިންގެ ފަރާތުންނެވެ. އެމީހުނާއެކު މަދުމަދުން ބޭރުތެރެއަށް ނުކުމެ މީހުންގެ ތެރޭގައި ހަރަކާތްތެރިވެ އުޅެން އޭނާ ފެށިއެވެ. ޝާފިއުގެ ހަނދާންތަކާ ދުރުވެވުނު ނަމަވެސް އެހިތަށް ކުރި އަސަރު އުމުރުދުވަހަށް ހުންނާނެއެވެ. އެއީ ބޭވަފާތެރިކަމަކީ އިންސާނަކަށް ދެވޭނެ އެންމެ ވޭންދެނިވި އެއް އަނިޔާއަށް ވީތީއެވެ. އެއީ ހިތާ ސިނކުޑި ފުނޑުފުނޑުކޮށްލާ ކަމަކަށްވީތީއެވެ. ނިޝާއަކީ މަޑުމައިތިރި އެހެނަސް ސަކަ މިޒާޖެއް ހުންނަ، އެކުވެރި އަދި އެހާމެ ރީތި ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. އެހެންކަމުން އޭނާއަށް ހިތްކިޔާ ޒުވާނުން މަދެއް ވެސް ނޫނެވެ. ނަމަވެސް އޭނާގެ ހިތްލެނބެނީ މަދު ފަހަރަކު ވަރަށް ޚާއްޞަ މީހުންނަށެވެ.

ޝާފިއުއަށް ފަހު އެފުރުޞަތު ލިބިގެންދިޔައީ އޭރު އޭނާއާއެކު ކިޔަވަމުންދިޔަ ސުޖާޢު އަށެވެ. ސުޖާއުއަކީ އައްޑުއަތޮޅަށް ނިސްބަތްވާ ކުއްޖެކެވެ. ސިފައަށް ބަލާނަމަ ދެވަނައެއް ނެއްފަދަ ރީތި ޒުވާނެކެވެ. އަޚްލާގު ރަގަޅުކަމަށް އޭރު ނިޝާއަށް ފާހަގަކުރެވުނެވެ. ސުޖާޢުގެ ފަރާތުން ލިބެންފެށި ލޯތްބާއެކު ގިނަ ދުވަސްތަކެއް ނުވެ ނިޝާގެ އެ ނާޒުކު ހިތުގައި ސުޖާއުގެ ނަން ލިޔެވިގެން ދިޔައެވެ. ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ގޮތުގައެވެ. ސުޖާއު ވެސް ވަގުތު ވީވަރަކުން ނިޝާގެ ހިތް ފުރައިދެމުން ދިޔައެވެ. ސުޖާއު ނިޝާ ގެންގުޅުނީ އޭނާއަށް ގެންގުޅެވުނު އެންމެ ބޮޑަކަށް ލޯބި ދީގެންނެވެ. ހަދިޔާ ދިނުމާއި ނިޝާއަށް ކަމުދާނެ ފަދަ ސަޕްރައިޒްތައް ދިނުމަކީ ސުޖާއުގެ އާދައެކެވެ. ދުވަހަކު ވެސް ނިޝާ ހިތުގައި ނުޖައްސައެވެ. ނަމަވެސް ނިޝާގެ ހިތުގައި ނޭނގޭ ބިރެއް އުފެދިފައިވިއެވެ. ޝާފިއު ފަދައިން ކެހި ދީފާނެތީއެވެ. ފަސްއެނބުރި ބަލައިނުލާފާނެތީއެވެ. ވަޢުދާއި އަޙުދުތަކެއް ވުމަށްފަހު، އެކަން ހަނދާން ނައްތާލަފާނެތީއެވެ. އެކަމަކު ސުޖާއު ތަފާތެވެ. އޭނާގެ ހިތުގެ އަޑިން ނިޝާދެކެ ލޯބިވިއެވެ. އޭނާ އުފަލުގައި ބަހައްޓަން ބޭނުންވިއެވެ. ދޮޅު އަހަރު ދުވަސް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު، ސުޖާޢު ބޭނުންވީ ނިޝާއާ ކައިވެނިކުރުމަށެވެ. އޭރު ނިޝާ އިނީ ޑިގްރީއަށް ކިޔެވުމަށް މެލޭޝިއާއަށް ދިއުމަށް ނިންމައިގެނެވެ.

ތޫނު ޚަންޖަރަކުން ނިޝާގެ ހިތް ޒަޚަމްކޮށްލި ފަދަ އެ ރެއަކީ ސުޖާއުގެ އުފަންދުވަސް ފާހަގަކުރުމަށް ވަރަށް ފޮނި އުއްމީދަކާއެކު ތައްޔާރުވެގެން އިން ރެއެކެވެ. ސުޖާއުއަށް ޓަކައި ނިޝާގެ ގޭގެ ޓެރަސްގައި ދެމީހުންނަށް ޚާއްސަ ކެއުމެއް ތައްޔާރުކުރިއެވެ. ނިޝާއަށް އެންމެ ރީތި ރަތްކުލައިގެ ފިނިފެންމަލާއި ރަތްކުލައިގެ ފޮތީގެ އިތުރުން ޒީނަތްތެރިކުރުމަށް ބޭނުންވާނެ ރަތްކުލައިގެ ސާމާނުން މުޅި ޓެރަސް ޖަރީކުރިއެވެ. ނަމަވެސް ގަޑިން ބާރަޖެހިއިރު ވެސް ސުޖާއުގެ ހަބަރެއްނުވިއެވެ. ނިޝާގެ ފޯނަކަށް ޖަވާބެއް ވެސް ނުދިނެވެ. ދަންވަރު 2 ޖަހަންދެން އިންތިޒާރު ކުރުމަށްފަހު ހިތް ބިރުގަނެ ހާސްވާން ފެށުމުން ނިޝާ އެގެއަށް ދިއުމަށް ނިންމިއެވެ. ޓެކްސީއެއްގައި ގޮސް އެގޭ ދޮރުމައްޗަށް މަޑުކޮށްލުމަށްފަހު އަނެއްކާ ވެސް ފޯނުކޮށްލިއެވެ. އޭރު ފޯން އޮތީ އޮފްކޮށްލާފައެވެ. ސުޖާއުއާއި އޭނާގެ ބޭބެ ހިފާފައިވާ 1 ރޫމް އެޕާޓްމަންޓުގައި ދިރިއުޅެނީ ހަމައެކަނި އެދެބެންނެވެ. ސުޖާއުގެ ބޭބެ، ސިރާޖަކީ އެމް.އެން.ޑީއެފްގައި މަސައްކަތްކުރާ މީހަކަށް ވާތީ ގިނަ ރޭރޭ އޭނާ ގެޔަކު ނޫޅެއެވެ. ގޭގެ 3 ވަނަ ފަންގިފިލާއަށް އަރާ އެ އެޕާޓްމަންޓްގެ ދޮރުގައި ދެތިން ފަހަރަކު ޖަހާލިއެވެ. ޚަބަރެއް ނުވިއެވެ. ނިޝާގެ ހާސްކަން އިތުރުވިއެވެ. ޝާފިއު އޭނާއަށް ބޭވަފާތެރިވިގޮތަށް ސުޖާއު ވެސް ބޭވަފާތެރިވީބާއޭ ހިތަށްއަރަން ފެށިއެވެ. ހަގީގަތް ބަލަން ބޭނުންވިއެވެ. އޭރު ސުޖާއު ހޯދުމަށް ފޯނުން ނުގުޅޭ ރައްޓެއްސެއް ވެސް ނެތެވެ. އެޕާޓްމަންޓްގެ އެތެރެއިން ދެމީހެއްގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުނުހެން ހީވިއެވެ. ރަނގަޅަށް ސަމާލުވެލުމުން އެއް އަޑަކީ ސުޖާއުގެ އަޑުކަން ޔަގީންވިއެވެ. ދޮރާ ދިމާއަށް އެމީހުން ހިނގާފައި އަންނަހެން ހީވުމުން ނިޝާ އަވަސް އަވަހަށް ޖެހިގެން ހުރި ފްލޯގެ ސިޑިމައްޗަށް އަރާ އެމީހުންނަށް ނުފެންނާނެހެން ނިވާވިއެވެ. ދޮރުހުޅުވިގެން ދިޔަ ވަގުތު ލިބިގެން ދިޔައީ ޙައިރާންކަމެވެ. ސުޖާއުއާއެކު އެތެރެއިން ނިކުތީ މެދު އުމުރުގެ ފިރިހެނެކެވެ.

”ސޯ، ހެޕީތަ؟ ދެން އަވަހަށް ދޭ ނިޝާ ގާތަށް…ނިޝާ އިންނާނީ މިހާރު ވަރަށް ހާސްވެފަ” އެމީހާ ސުޖާއުގެ އަތުގައި ހިފައިގެން ހުރެ ބުނެލިއެވެ.

”އާނ! ނިޝާ އިންނާނީ ވަރަށް ދެރަވެފަ މަށަށް ނުގުޅިގެން، އައިނޯ، ބަޓް ރިޔާޒް ތިހެން މާލެ އަންނަ ދުވަހަކު ދިމާނުވެ ނުހުރެވޭނެ” ސުޖާއު ރިޔާޒް ގައިގައި އޮޅުލައިގަތެވެ. ހަމައެއާއެކު ކުރިމަތިން ހިޔަންޏެއްވިހެން ހީވެގެން އިސް އުފުލައި ބަލައިލިއެވެ. ހީވީ ސުޖާއުގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ކުރިމަތީގައި، ބުދެއް ފަދައިން  ހުއްޓުންއަރާފައި ނިޝާ ސޮކަށް ޖެހިފައި ހުއްޓެވެ. އެލޮލުން އެރޭ ކަރުނަ ހިކިފައިވާ ކަހަލައެވެ. އޭގެފަހުން ނިޝާ ފެނިދާނެހެން ހީވާ މަގަކުން ވެސް ޝުޖާޢު ނުހިނގައެވެ. ނިޝާއަށް ދެވުނު ދެރަ އިހްސާސްކުރެވުނީތީއެވެ. ޝާފިއުގެ ބޭވަފާތެރިކަމާއި ޝުޖާޢުގެ އޮޅުވާލުމުގެ ސަބަބުން ލިބުނު ހިތްދަތިކަމުން އަރައިގަނެ ހިތް ވަރުގަދަ މީހަކަށް ވުމަށް އޭނާ ޢަޒުމްކަނޑައެޅިއެވެ. އިތުރު މީހަކު އޭނާގެ ހިތުގެ މައްޗަށް ބާރުފޯރުވިޔަ ނުދިނުމަށް ޓަކައެވެ. އުމުރު ދުވަހު އެކަނިމާ އެކަނި ހަޔާތް ވޭތުކުރަން ޖެހުނަސް ފަސްނުޖެހުމަށް ނިޔަތްގަތެވެ. އެގޮތުގެ މަތިން ކުރިއަށް ދިޔައެވެ. ތަޖުރިބާކުރަން ޖެހުނު ހިތްދަތި ކަންތައްތަކާއި ހިތި ހަނދާންތަކުން ދުރަށް ދިޔުމަށް ޓަކައި ޒިންމާދާރު ވަޒީފާއެއް އަދާކުރުމަށް ނިޝާ ގަސްތުކޮށް ވަޒީފާއަކަށް ދާން ފެށިއެވެ. ގިނަ ދުވަސްތަކެއް ނުވެ ނިޝާ މަސައްކަތްކުރާ ކުންފުނީގެ އެންމެ ހީވާގި އެއް މުވައްޒިފުގެ ގޮތުގައި ނިޝާ ފާހަގަވެގެން ދިޔައެވެ.

ނިޝާގެ ހަޔާތުގައި ކުރިމަތިލާން ޖެހުނު އެ ހިތި ތަޖުރިބާގެ ހިތި ހަނދާންތައް މާޒީގެ ހިރަފުހުގެ ތެރެއަށް އޮބާލައިފިއެވެ. ދުވަސްވަރަކީ އޮފީހުގެ އަހަރީ ދުވަހަށް ހާއްސަ ނެށުމެއް ތައްޔާރުކުރުމަށް ގިނަ މުވައްޒަފުންތަކެއް ހަރަކާތްތެރިވަމުން ދިޔަ  ދުވަސްވަރެކެވެ. ނިޝާ ވެސް އެހެން މީހުންނާއެކު ނެށުން ފަރިތަކުރުމުގައި ފޯރިއާއެކު ހަރަކާތްތެރިވަމުން ދިޔައެވެ. ނަށަން ފަރިތަކޮށްދޭން ގެނައީ އޭރު މާލޭގައި ނަން މަޝްހޫރު ނަށާ ގްރޫޕެއްގެ އެއް ނެށުންތެރިއެކެވެ. އަފްޒަލްއަކީ އޭރު ގިނަ އަންހެން ކުދިންތަކެއް އެމީހަކަށް ޓަކައި ފިދާވަމުންދިޔަ ޒުވާނެކެވެ. ފިލްމީ ދާއިރާއިން ވެސް ކޮންމެވެސް ވަރަކަށް ފެންނަމުންދިޔަ ޒުވާނެކެވެ. އަފްޒަލްއާއެކު އެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް އަފުޒަލްގެ އެކުވެރި ޔަޒީދުއަށް ވެސް ފުރުޞަތު ލިބުނެވެ. ޔަޒީދަކީ ނެށުންތެރިއެއްނޫން ނަމަވެސް، އެ ހުނަރުހުރި ޒުވާނެކެވެ.

ޔަޒީދު ފަރިތަކުރުންތަކަށް ދާން ފެށި ފުރަތަމަ ރޭ ވެސް އޭނާގެ ކަޅި ނިޝާއަށް ހުއްޓިގެންދިޔައެވެ. ރެއަކު އަންހެނަކަށް ހިތްލެނބޭ އެހިތުގައި ނިޝާގެ ތަޞްވީރު ވެސް ކުރެހިގެންދިޔައެވެ. ރަތްކުލައިގެ އެރީތި ތުންފަތުގައި ލޯބިކޮށްލަން އޭނާ އިންތިހާއަށް ބޭނުންވިއެވެ. ނަމަވެސް ޔަޒީދަށް ނިޝާ ފެނުނުލެއް މާ ލަސްވީއެވެ. އޭރު އަފްޒަލް ވަނީ ނިޝާއާ ގާތްއެކުވެރި ކަމެއް އުފައްދާފައެވެ. އެއީ އަފުޒަލް ނިޝާއާ ގާތްކަން ބާއްވަނީ ނެށުން ފަރިތަކޮށްދޭން އެހީތެރިވެދިނުމުގެ ގޮތުންކަމަށް ޔަޒީދު ގަބޫލުކުރި ނަމަވެސް އެކަން ވީ ކުށްހީއަކަށެވެ. ޔަޒީދު ކިތައްމެ ވަރަކަށް ބުނެ އާދޭސްކުރި ނަމަވެސް އަފްޒަލް އެކަމަށް ފުރުޞަތު ފަހިކޮށެއް ނުދިނެވެ. އަދި ނިޝާ ފަދަ އަޚްލާޤް ރަގަޅު ކުއްޖެއް ޔަޒީދުގެ އެމަޅީގައި ޖެހުނަ ނުދޭނެކަމަށް ބުންޏެވެ. ޔަޒީދުގެ އަޒުމް ވަރުގަދައެވެ. އަފުޒަލް އެބުނިހެން ވިޔަނުދިނުމަށް އޭނާ އަޒުމްކަނޑައެޅިއެވެ. އަފްޒަލް ވެސް އޭނާގެ ގޮތުގައި ހިފާއްޓާލިއެވެ. ޔަޒީދު ފޭސްބުކް ހާވާލައިގެން ނިޝާގެ އައިޑީ ހޯދައި އެޑްކޮށްލިއެވެ. ފަރިތަކުރުންތަކުގެ ތެރެއިން ދެކެފަރިތަ މީހެއްކަމުން ނިޝާ ވެސް އެ ރިކުއެސްޓަކަށް ފުރަގަހެއް ނުދިނެވެ.

”ހައި، ހައުޒް ޔޫ ރެޑް ބަޓަރފްލައި” ޔަޒީދު އަހާލިއެވެ.

”ރެޑް ބަޓަރފްލައި އޭ” ނިޝާ ހިނިއައިސް ރަކިވެ އިނދެ ޓައިޕްކޮށްލިއެވެ.

”އާނ، ރަތްކުލައިގެ ލޭކޮކާލެއްނު ތީ…އަބަދު ރެޑް ރެޑް ރެޑް” ޔަޒީދު އޭނާގެ ފޮނި ބަސްތަކުގެ ޖާދޫގައި ނިޝާ ޖައްސަން ފެށިއެވެ. ހައި ހައުޒް ޔޫއިން ފެށިގެންދިޔަ ޗެޓްލޮގް ދިގުލާން ފެށިއެވެ. ނިޝާގެ އެދުމާ ދެކޮޅަށް އަނެއްކާ ވެސް އޭނާގެ ހިތުގެ މިސްރާބު ބަދަލުވާން ފެށިއެވެ. އޭނާގެ ހިތަށް އަމާޒުކޮށް ޔަޒީދު އެއްލަމުން ދިޔަ ކޮންމެ ތީރަކުން ބުނަން ނޭނގޭ އެތައް އަސަރުތަކެއް ކުރަންފެށިއެވެ. ގިނަ ދުވަސްތަކެއް ނުވެ ޔަޒީދު އޭނާގެ މަސައްކަތުގައި ކާމިޔާބަކާ ހަމައަށް ވާޞިލްވެއްޖެއެވެ. ނަމަވެސް އެއީ އޭނާ އެންމެ އެދޭ ގޮތަކަށް ނޫނެވެ. ނިޝާއަކީ އަފްޒަލް ބުނި ފަދައިން އަޚްލާގް ރަގަޅު ކުއްޖެކެވެ. ނިޝާ އުޅެން ބޭނުންވީ ލޯބިންނެވެ. ގައިގޯޅިވުމާއި އެކަހެރިވުމަކަށް ސަމާލުކަމެއް ނުދެއެވެ. އެހެނަސް ލޯބި އެންމެ ތަންފުކެއް ވެސް އުންޏެއް ނުކުރެއެވެ. ޔަޒީދު ބޭނުންނުވި ނަމަވެސް އޭނާއަށް ނިޝާގެ އެ ނިންމުން ކަމުދާން ފެށިއެވެ. އެހެން ކުދިންނާ އޭނާ ތަފާތުކަން ޔަޒީދަށް ފާހަގަކުރެވެން ފެށިއެވެ. ގިނަ ދުވަސްތަކެއް ނުވެ އޭނާއަށް ވެސް ނިޝާދެކެ ލޯބިވެވެން ފެށިއެވެ. އޭނާގެ ހަޔާތުގައި ފޮރުވިފައި ހުރި އެތައް ސިއްރެއް ހާމަކުރަން ބޭނުންވިއެވެ.

ދުވަސްތައް މާޒީވަމުން ދިޔައެވެ. ޔަޒީދު އޭނާގެ ހިތުގައިވާ ލޯބި ހާމަކޮށް ނިޝާގެ ކިބައިން ކައިވެންޏަށް އެދެން ނިންމިއެވެ. ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހަށް ފެށޭ ސުންގަޑި ސުންމިނެޓް އޭނާ ޚާއްޞަކުރީ އެކަމަށް ޓަކައެވެ. ޔަޒީދުގެ ހަޔާތުގެ މާޒީގެ ކިތައްމެ ޞަފުޙާއެއް ނިޝާގެ ކުރިމަތީ ހުޅުވާލުމަށް ވެސް އޭނާ ހުރީ ނިންމައިގެންނެވެ. ފަރުދާގެ ފުރަގަހުގައި އެއްވެސް ކަމެއް ފޮރުވާފައި ނުބޭއްވުމަށް ޓަކައެވެ. ނިޝާ ޔަޒީދާއެކު ބޭރަށް ދިއުމަށް ތައްޔާރުވާން ފެށިއެވެ. އޭނާ އަލަށް ފަހާފައިވާ ރަތްކުލައިގެ ނަލަ ހެދުން ލައިގެންނެވެ. ތައްޔާރުވެ ނިމިގެން އެންމެ ފަހު ފަހަރަށް ލޯގަނޑުން އޭނާގެ ފުރިހަމަ ސޫރައަށް ބަލައިލި ވަގުތު ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ.   ނުދަންނަ ނަންބަރެކެވެ. ފޯނަށް ޖަވާބުދިނުމުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. އެދުނީ އޭނާއާ ބައްދަލުކޮށްލުމަށެވެ. މުހިންމު ކަމަކު ކަމަށް ބުންޏެވެ. ކެފޭއަކުން ބައްދަލުކުރުމަށް ބުނެ ގަޑި ކިއުމަށްފަހު ނިޝާ އަވަސްވީ އޭނާއާ ބައްދަލުކުރަން ދިއުމަށެވެ.

އެއަންހެންކުއްޖާއާ ބައްދަލުކުރުމަށް ފަހު، އެރޭ ޔަޒީދާ ބައްދަލުކުރަން އޭނާއަށް ދެވުނީ އެނބުރި ބައްދަލުކުރަން ބުނެފައިވާ  ގަޑިއަށްވުރެން ލަހުންނެވެ. އޭރު ޔަޒީދު ހުރީ ކޮންމެވެސް ވަރަކަށް ޚިޔާލު ބަދަލުވެފައެވެ. ނުކެރިފައެވެ. އަނެއްކާ ވެސް އެސިއްރުތައް ހާމަކުރުން ލަސްކޮށްލިއެވެ. ނިޝާ ނުލިބި ބީވެގެން ދާން ބޭނުންނުވާތީއެވެ. ނަމަވެސް ކަންތައްތައް ބަދަލުވީ ޔަޒީދު އުއްމީދުކޮށްގެން ހުރިގޮތަކަށް ނޫނެވެ. އެއީ ޔަޒީދު ބޭނުންވި ގޮތެއް ވެސް ނޫނެވެ. ކުއްލިގޮތަކަށް ނިޝާ 3 އަހަރު ދުވަހުގެ ކޯހެއްގައި މެލޭޝިއާއަށް ދިއުމަށް ނިންމައި ހުރިހާ ކަމެއް ހަމަޖެއްސިއެވެ. ޔަޒީދުގެ ޚިޔާލެއް ހޯދާނުލައެވެ. އެއީ އަބަދުވެސް އޭނާ ހަދަން ބޭނުންވެފައި ހުރި ކޯހެކެވެ. ނިޝާގެ އެނިންމުމަށް ޔަޒީދު ދެކޮޅު ހަދާކަށް ބޭނުމެއް ނުވިއެވެ. 3 އަހަރު ދުވަހު އޭނާއަށް ކެތްކުރެވޭނެކަން ޔަގީނެވެ. އޭނާ އޭރުވަނީ ނިޝާދެކެ އިންތިހާ ދަރަޖައަށް ލޯބިވާން ފަށާފައެވެ. ނިޝާ ވެސް ދިގު މުއްދަތަކަށް ޔަޒީދާ ވަކިވާން ޖެހޭތީ އޭނާގެ ހިތް ފުރެންދެން ލޯބި ދެމުން ދިޔައެވެ. ދުވަހަކު ވެސް ހިތުން ނުފިލާނެހާ މިންވަރަށެވެ.

ރެއަކީ ނިޝާއަށް ހާއްސަކޮށްގެން ޔަޒީދު ކެއުމެއް ތައްޔާރުކުރި ރެއެކެވެ. ހުޅުމާލޭގެ އަތިރިމަތީ ދޮންވެލިގަނޑުމަތީގައެވެ. ހަނދުގެ އުޖާލާ ހަނދުވަރާއި އުއްބަތީގެ އަލިކަމުގެ ތެރޭގައެވެ. ނިޝާ ފުރައިގެން ދިއުމުގެ ކުރިން ވަޢުދުތަކެއް ވުމުގެ ނިޔަތުގައެވެ.

”ނިޝާއަށް އެނގޭތަ ޔަޒީދު ލޯބިވާވަރު” ފިލްމީ ބަތަލެއް ފަދައިން ޑައިލޮގް ޖައްސާލިއެވެ.

”ހަހަ، ފިލްމީ ހީރޯ، އާނ…ތިވަރަށް ލޯބިވާން އެނގޭ މީހަކު ނުދަންނަން” ނިޝާގެ ރާގުގަނޑުގައި ގޮތެއް ހުއްޓެވެ. އަސަރެއް ހުއްޓެވެ. ފޮރުވިފައިވާ ސިއްރެއް ހުއްޓެވެ.

”ނިޝާގެ ލައިފްގަ ކުރިން ކަންތައްވެފަ އޮތްގޮތުން އައިނޯ، ފަސޭހައެއް ނުވާނެކަން ޓްރަސްޓް ކުރާކަށް، ބަޓް ހަމަ ހުވާކޮށްފަ މިބުނަނީ، ޔަޒީދު ވަރަށް ވަރަށް ލޯބިވޭ، ދުވަހަކު ވެސް ނިޝާއަށް ދެރަގޮތަކަށް ވާކަށް ނޭދޭނަން، ނިޝާ އަބަދު ވެސް ބުނަމެއްނު…ޔަޒީދު އުޅެނީ ލައިފްއާ ދޭތެރޭ ނުވިސްނައޭ، އެހުރިހާ ކަމެއް ބަދަލުކުރާނަން، ނިޝާ ބޭނުންވާ ކަހަލަ ލައިފެއް ހޯދަދޭނަން، ނިޝާ އެނބުރި އަންނައިރު އައި ވިލް ހޭވް އަވަރ އޯން ހޯމް، ހަމައެކަނި މީ ޔޫ އެންޑް ލޯބިލޯބި ކުޑަ ނިޝާއަކަށް” ފޮނި ހުވަފެންތަކެއް ހާމަކުރިއެވެ. ނިޝާ ވެސް އެޖާދޫގައި ޖެހެމުން ދިޔައެވެ.

”މީ ނިޝާއަށް ޔަޒީދުދޭ، މެމޮރީއެއް، އެނގޭ އެއްވެސް އެއްޗެއް ނޫންކަން، އެކަމަކު މަށަށް ވަރަށް ރީތި” ނިޝާގެ ފުރަގަހުގައި ހުރެ އޭނާ އިށީދެގެން އިންދާ އޭނާގެ ކަރުގައި މަޑުމަޑު ރަތްކުލައިގެ ސްކާފް ޝޯލެއް އޮޅާލިއެވެ. ނިޝާ ގާތަށް އައީ އަނެއްކާ ވެސް ރަކި ހިންޏެކެވެ. އެއީ ހަމަ ހަގީގީ ލޯބިބާއޭ އަނެއްކާ ވެސް އޭނާ ވިސްނައިލިއެވެ. ގޮނޑިން ތެދުވެ ޔަޒީދު ގައިގައި ބައްދާލިއެވެ. އެއަތުތެރޭގައި އުމުރު ދުވަހު ހުންނަން ބޭނުންވާ ފަދަ ގޮތަކަށެވެ.

ދުވަހަކީ ނިޝާ މެލޭޝިޔާއަށް ފުރަން އޮތް ދުވަހެވެ. ނިޝާގެ ދަތުރުއެރެހެއްޓުމަށް ޓަކައި ޢާއިލާގެ މެމްބަރުންގެ އިތުރުން  ޔަޒީދު އަދި ނިޝާގެ ގާތްއެކުވެރިޔާ މިނާ ވެސް އެއަރޕޯޓަށް ދިޔައެވެ. ނިޝާ ހުރީ ޔަޒީދު އޭނާއަށް ދިން ރަތްކުލައިގެ ސްކާފް ކަރުގައި އޮޅާލައިގެންނެވެ. އާދައިގެމަތިން އަޅާފައި ހުރި ހެދުމުގެ ކުލަ ވެސް ރަތެވެ. ތުންފަތުގައި ޖައްސާފައި ހުރި ގަދަ ރަތްކުލައިގެ ލިޕްސްޓިކްގެ ކުލަ އެހެން ދުވަސްތަކަށްވުރެ ގަދަވެފައި ރީއްޗެވެ. އެ ދޮންރީތި މޫނުމަތީގެ ރީތިކަން އެތައް ގުނައެއް އިތުރަށް ހާމަކޮށްދެއެވެ. ޔަޒީދަށް އޭގެ ކުރިން ނިޝާ އެހާ ރީތިވެގެން ހުއްޓާ ފެނިފައެއް ނުވެއެވެ. އެއީ ބަލައި ފޫހިނުވާ ފަދަ ރީތިކަމެކެވެ. އެންމެންނާ ސަލާމް ކުރުމަށްފަހު ޔަޒީދުގެ އަތުތެރެއަށް ދެމިގަތެވެ. އެއީ އެންމެންގެ ކުރިމަތީގައި ނިޝާ ކޮށްފާނެކަމަށް އެކަކު ވެސް އުންމީދުކުރިވަރުގެ ކަމެއްނޫނެވެ. ނިޝާ އެކުރި ސަމާސާގެ ސަބަބުން ޔަޒީދުގެ ކޯތާފަތުގައި އެރަތް ދެ ތުންފަތުގެ ނިޝާން ފެންނަން ހުއްޓެވެ. އިރުކޮޅަކަށް ފަހު، އޭނާ ފެންކަޅިވެފައި ހުރި ޔަޒީދުގެ ގައިން އަތް ދޫކޮށްލިއެވެ. އަދި އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ މިނާގެ އަތުގައި ހިފާލުމަށްފަހު ހިނިތުންވެލިއެވެ. ހިތްވަރުގަދަކަން އަންގައިދިނުމަށެވެ. އެއަށްފަހު ފުރާ ގިމަތައިގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. ޔަޒީދު އޭނާގެ ލޯމަތިން ނިޝާ ގެއްލެންދެން ބަލަހައްޓައިގެން ހުއްޓެވެ. ޗެކްއިން ކައުންޓަރާ ހަމައަށް ނިޝާ ދިޔައިރު ވެސް ބިއްލޫރި ގަނޑުގައި މޫނުޖަހައިގެން ނިޝާއާ ދިމާއަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ. ވޭނީ އިޙުސާސްތަކެއް ކުރަމުން ދިޔަ ޔަޒީދުގެ ހިތް ތެޅިގެން ދިޔައީ ފުރަގަހުން އޭނާގެ ބުރަކަށީގައި މީހަކު ކޮށްޓާލުމުންނެވެ. ސިހިފައި ފަސްއެނބުރި ބަލައިލިއެވެ. ފުރަގަހުގައި ހުއްޓި ހުރި މިނާ ޔަޒީދަށް ދިއްކޮށްލީ ނިޝާގެ ކަރުގައި އޮޅާލައިގެން ހުރި ރަތްކުލައިގެ ސްކާފެވެ. ޔަޒީދު ވާނުވާ ނޭގި ހުރި ހާލުގައި އަނެއްކާ ވެސް ނިޝާ ފެނޭތޯ ބަލައިލިއެވެ. އޭރު ނިޝާ ޗެކްއިން ކުރުމަށްފަހު އިމިގްރޭޝަން ކައުންޓަރަށް ދިއުމަށް މިސްރާބު ޖަހައިފިއެވެ. ޔަޒީދު ސްކާފްނަގައި ނިޝާއަށް ދައްކާލިއެވެ. ނިޝާ ހިނިތުންވެލިއެވެ. ކުރިން ދުވަހަކު ވެސް ނިޝާގެ މޫނުމަތިން ފެނިފައިނުވާ ފަދަ ބީރައްޓެހި ހިނިތުންވުމެކެވެ. ޔަޒީދުގެ ފޯނަށް އެވަގުތު މެސެޖެއް އައެވެ. ޔަޒީދު އަވަސް އަވަހަށް ފޯން ބަލައިލިއެވެ. އެއީ ނިޝާގެ މެސެޖެކެވެ.

”ޔަޒީދުމެން ހީކުރަނީތަ އަހަންނާ ތިހެން ކުޅެވޭނެކަމަށް، ކިހާ ދުވަހަކު ތިހެން އޮޅުވާލައިގެން ހުންނާނަމޭ ހިތާ ތިއުޅެނީ، ޔަޒީދު އަހަންނާ ދިމާވިއިރު ވެސް، އަހަންނާއެކީ އުޅުނުއިރު ވެސް އެހެން ބިޓެއް ހުންނަކަން އަހަންނަށް މިހާރު އެނގިއްޖެ، އަދި ޔަޒީދު އަހަންނާ ރައްޓެހިވީ ވެސް އަފްޒަލްއާ ކުރި ބެޓަކަށެއްނޫންތަ؟ އަހަރެން މިހާދުވަހު މިހުރިހާ އެއްޗެއް އެނގި ހުރެ ވެސް ޔަޒީދާއެކީ މިއުޅުނީ ކީއްވެބާއޭ ޔަޒީދު ހިތަށްއަރާފާނެ، އާނ…ކުރިން ވަރަށް ލޯބިވެވުނު، ޔަޒީދަށް ވަރަށް އިތުބާރު ވެސް ކުރެވުނު، ޔަޒީދެއް ނޫންތަ އަހަރެން ގާތު ބުނީ ޝާފިއުއާ ސުޖާއު އަހަންނާ ދޭތެރޭ ކަންތައްކުރީ ކުރަން ރަނގަޅަކަށެއް ނޫނޭ، ދެން މިއަދު ވަކި ޔަޒީދު ތިކަންތައް ކުރީ ކިހިނެކޯ، ތީ ހަމަ ތިކަހަލަ ފިރިހެނުންގެ ގޮތް، ތި މީހުންނަށް ހީވާކަހަލަ ތި ހަނދާންތަކުގައި އަހަރުމެން އަންހެނުން އުމުރުދުވަހު ރޯން ތިބޭނެއޭ، އަހަރުމެން ރޯން ތިބެނީ އަހަރުމެންނަށް ލޯބިވެވޭތީ، ހަގީގީ ލޯބި، ތިމީހުންހެން ފަހަރަކު މީހަކު ވާވައްދަމުން ނުދުވާތީ، އެކަމަކު ބުނަން، ދެން އަހަރުންގެ ހިތުގައި އަޅާ ވޭން ޔަޒީދަށް ވެސް އިހްސާސްކުރެވޭނެ، މީހަކު ދެކެ ލޯބިވެ އެތައް ހަނދާންތަކެއް ހިތުގައި އުފެދުނީމަ ވާ އުނދަގުލާއި އެމީހަކު ދޫކޮށްލާފައި ދިއުމުން ހިތަށް ކުރާ އަސަރު އިހުސާސްކުރެވޭނެ، މިއަދުން ފެށިގެން ޔަޒީދުގެ ދިރިއުޅުމަށް އަހަރެން އަލްވަދާޢު ކިޔަން. އެކަމަކު ތި ފުރާނަ ހަށިން ދަންދެން، މި ހަނދާންތަކަކާ ޔަޒީދަކަށް ވަތްކެއް ނުވެވޭނެ” ފެންކަޅިވެ ހާސްވެފައި ހުރި ޔަޒީދު އިސްއުފުލައި ނިޝާއާ ދިމާއަށް ބަލައިލިއެވެ. ބޯ ހޫރާލުމަށްފަހު ހިތްވަރުގަދަކަން ދޭހަވާ ފަދަ ގޮތަކަށް ހިނިތުންވެލުމަށް ފަހު، ނިޝާ ޔަޒީދުގެ ލޯމަތިން އޮބާލައިފިއެވެ. ޔަޒީދު އަބަދު ވެސް ބުނަމުން އައި ފަދައިން ނިޝާއަކީ އޭނާގެ ހަޔާތަށް އައި ރަތްކުލައިގެ ލޭކޮކާލެކެވެ. ޔަޒީދުގެ ދިރިއުޅުމުގައި ފުހެވިގެން ނުދާނެ ފަދަ ވޭންދެނިވި ފޮނި ހަނދާންތަކެއް ދޫކުރުމަށް ފަހު ކުއްލިއަކަށް އުދުހިގެން ދިޔައީއެވެ.

އެހަނދާންތަކެއް އަދަށް ދާންދެން ވެސް ޔަޒީދުގެ ހިތަކުން ނުފުހެވެއެވެ. އަދި އ ހަނދާންތަކާ ދުރަށް ދާކަށް ވެސް އޭނާ މަސައްކަތެއް ނުކުރެއެވެ. އެއަށްވުރެ އެހަނދާންތައް މާފޮންޏެވެ. އެދުވަހުން ފެށިގެން އޭނާ މަސައްކަތްކުރީ އޭނާ ނިޝާގެ ކުރިމަތީ ސިފަވެގެން އުޅުނު ޔަޒީދަށް ވުމަށެވެ. ހަރުދަނާ ވަފާތެރި ތެދުވެރި މީހަކަށްވުމަށެވެ. މިއަދު އޭނާ ވަނީ އެހުރިހާ ކަމެއް ހާސިލް ކޮށްފައެވެ. އެއަރޕޯޓަށް ދިޔައީ އޭނާގެ ރަތް ލޭކޮކާ އެނބުރި މާލެ އަންނަ ދުވަހު އޭނާގެ ލޯތްބަށް އެދި ސަލާމްޖެހުމަށެވެ. މަޢާފަށް އެދުމަށެވެ.

މާ ގިނަ އިރުތަކެއް ނުވެ ނިޝާ ދަތުރުކުރި ފްލައިޓް ރަންވޭގައި ޖައްސައިފިއެވެ. ދަތުރުވެރިން އަރާ ގިމަތައިގެ ދޮރާށީން ނުކުންނަން ފެށިއެވެ. ޔަޒީދުގެ ހިތް ތެޅެން ފެށިއެވެ. ނިޝާ ފެންނަ ވަގުތު ކައިރިވުމުންނެވެ. އޭނާގެ ހިތުގެ ލޭނާރުތަކުގައި ލޭ ހިނގުން އަވަސްވިއެވެ. ނިޝާ ފެނުމުންނެވެ. ނިޝާއަށް އަދިވެސް އެންމެ ރީތި ކުލައަކީ ރަތްކުލަކަން އެނގުނެވެ. ލައިގެން ހުރީ ގަދަ ރަތްކުލައިގެ ވަރަށް ފުރިހަމަ ހެދުމެކެވެ. ނިޝާގެ ޢާއިލާ މެންބަރުންނާއި އެކުވެރިން އޭނާ ފެނުމުން ދުވެފައި ގޮސް އޭނާ ވަށާލިއެވެ. ދިގު މުއްދަތަކަށް ފަހު އޭނާ އެނބުރި އައުމުންނެވެ. ޔަޒީދު ފެނުމުން އޭނާ މަޑުޖެހުނެވެ. މީހާ ހުއްޓުން އެރިކަހަލައެވެ. އިރުކޮޅަކު ޔަޒީދަށް ބަލަން ހުއްޓެވެ. އަދި ދެލޯ މަރާލިއެވެ. އޭނާ ކުރިމަތިން ގެއްލުމަށް އެދިއެވެ. ފަސް އެނބުރި ބަލައިލިއެވެ. އޭނާގެ ފަހަތުން ހިނގާފައި އައި އަޖްސަދަށެވެ. އާއެކެވެ. އަޖްސަދެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާއެވެ. އޭނާގެ ފިރިމީހާއެވެ. އަޖްސަދު އައިސް ނިޝާގެ އަތުގައި ހިފާ އޭނާގެ އަތްތިލައަށް ބާރުކޮށްލިއެވެ. އެންމެންގެ މޫނުމަތިން ހިނިތުންވުން ފެނިގެންދިޔައެވެ. އަޖްސަދަކީ މީގެކުރިން ހަމައެކަނި ނިޝާގެ މަންމަ އަށާއި ބައްޕައަށް ފެނިފައިވާ މީހެއްކަމުން އެންމެންނަށް އަޖްސަދު އަލަށް ފެނުމުން އުފަލުން ފުރުނެވެ. ޔަޒީދުގެ ހިތުގެ ހާލު އެނގޭނީ ޚުދު އޭނާއަށެވެ. އޭނާގެ ހަނދާނަށް އައީ އޭގެ 3 އަހަރުކުރިން ނިޝާ އޭނާއަށް ފޮނުވި މެސެޖެވެ. އެހަށިން ފުރާނަދަންދެން ނިޝާގެ ހަނދާންތައް އުނދަގޫކުރާނެކަމުގެ ވާހަކަ އޮތް މެސެޖެވެ.

ނިޝާއަކީ ހިތްވަރުގަދަ ކެރޭ އަންހެނެއްކަން އޭނާ ސާބިތުކޮށްދީފިއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ތިމާއާ އެކަށޭނެ ބައިވެރިޔަކު ވެސް ހޯދައިފިއެވެ. އުމުރު ދުވަހު މީހެއްގެ އިންތިޒާރުގައި ހުރެ ދުވަސްތަކެއް ބޭކާރު ނުކުރީތިއެވެ. އާއެކެވެ. ނިޝާގެ ހިތަކީ މަޑު ހިތެކެވެ. އެއީ ހިތްހެޔޮ ހިތެއްގެ ވެރިއެކެވެ. އޭނާގެ ހަޔާތުން 4 ޒުވާނަކަށް އޭނާގެ ޒުވާން އުމުރުގައި ފުރުސަތު ދެވި އެހިތުގައި ލީ ކޫރު އަދިވެސް ފިލީކީ ނޫނެވެ. އެހިތި ހަނދާންތައް އެހިތުގައި ދެންމެ ވީކަމެއްހެން ތާޒާކަންމަތީ އަބަދުމެ ހުންނާނެއެވެ. ނަމަވެސް އެއަށްވުރެ އެހިތަށް ލިބިފައިވާ ހިތްވަރުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ލިބުނު ހިތްހަމަޖެހުން މާބޮޑެވެ.

ނިމުނީ

Share Article

Follow Me Written By

IQ

Level 110 Stories

Other Articles

Previous

ދިރުމެއްނެތި ދުނިޔޭގައި…

Next

ފުރޭތަ

Next
August 4, 2016

ފުރޭތަ

Previews
August 4, 2016

ދިރުމެއްނެތި ދުނިޔޭގައި…

9 Comments!

  1. Mari says:
    August 4, 2016 at 8:26 am

    Varah habeyss..keep it up.???

  2. Nern.. says:
    August 4, 2016 at 2:58 pm

    salhi.. Firihen kudhin mi vaahaka kiyaafa ibratheh libiganeyy..?,? Firihen kudhihnah haahsa vaahakaeh.. Lol.. ??

    1. Meesham says:
      August 4, 2016 at 10:13 pm

      Yep. I agree

  3. Rafa says:
    August 4, 2016 at 3:08 pm

    Varah reethi..?✌️

  4. Rafa says:
    August 4, 2016 at 3:09 pm

    V salhi igey..?✌️

  5. yaalaa says:
    August 4, 2016 at 6:34 pm

    V salhi igey

  6. Thooba says:
    August 5, 2016 at 7:49 pm

    Yes Varah reethi.. Varah happy boy akah ladu… good leykokaaa….

  7. axu says:
    August 7, 2016 at 1:22 am

    hagee gee loabi ehaa ginain ve veytha??? love can touch just one time.. bt story v habeyss. boys ah ragalhu filaavalheh libeyne mikahala stry thakun.. keep it up

  8. Naxy says:
    March 30, 2018 at 7:27 am

    V reethi vahaka eh…v kiyaa hithun huhtaa e nimuny…

Comments are closed.



All Right Reserved!