ދިރުމެއްނެތި ދުނިޔޭގައި…
ގަޑިން މެންދަމު 12 ޖަހަނީއެވެ. ބާރަށް ދުވެފައި އައިސް އަޝްރަފް ގެއަށް ވަނީ އޭނާގެ ކޮއްކޮ އަފްސަލް ގެއަށް އަތުވެއްޖެތޯ ބަލާށެވެ. ރަށުތެރޭގައި ހިނގައިދިޔަ މާރާމާރީއެއްގައި އޭނާގެ ލޯބިވާ ކޮއްކޮއަށް އަނިޔާވީކަމުގެ ޚަބަރު ލިބުމުންނެވެ.
”އަފޫ…އަފޫ” އަޝަރަފް އަޑުގެ ނެތްތަނަށް ގޮވަމުންދިޔައެވެ. ގޭތެރޭގައި މީހަކު ފެންނާކަށް ނެތެވެ. ”ހޮސްޕިޓަލަށް ގެންދިޔައީ ކަންނޭގެ” އަޝްރަފްގެ ފަހަތުން ދުވެފައި އައިސް ގެއަށް ވަން ޖާވިދު ވެސް މާނޭވާލަމުން ބުންޏެވެ.
”ހިނގާބަލަ، ކަލޭމެން އެންމެންވެސް އަދި މަގޭ ފަހަތުންތަ އަންނަންވީ؟ ރަށުތެރެ ބަލާކަށް ނޫންތަ ދާންވީ؟ އެ ލުއްޑާމެން މަގޭ އަތު ޖެހިއްޖެއްޔާ ކޮށާ ތިރިކުރާނަން” ގުންފައިޖަހާފައި ގެއިން ބޭރަށް ނުކުންނަން އެޅިފިޔަވަޅަށް ހުއްޓުން އެރީ ކުރިމަތީ ހުރި ކޮޓަރިން ކުއްލިއަކަށް ހަޅޭއްލަވައިގަނެފައި ނިކުތް އޭނާގެ ޢާއިލާމީހުންގެ އަޑަށެވެ.
”ސަޕްރައިޒް J ހެޕީ ބާރތްޑޭ ދޮންބޭ” އެންމެ ބާރީ އޭނާގެ ކޮއްކޮ އަފްސަލްގެ އަޑެވެ.
“ނަގޫ…ހޭއަރުވާލާނަން” އަޝްރަފް އަފްސަލްގެ ފަހަތުން ދުއްވައިގަތެވެ. އެންމެންގެ ހުނުމުގެ އަޑު ގަދަވިއެވެ.
”ސޮރީ ދޮންބޭ، މަންމަމެން ބުނީއޭ އެހެން ހަދާށޭ” އަފްސަލް ހަޅޭއްލަވަމުން އަޝްރަފް ކިބައިން ރެކެން ދުއްވައިގަތެވެ.
”އެހެން ނުހެދިޔަސް އެނގެއެއްނު އަންނާނެކަން…މިފަހަރު ރަގަޅަށް ބޯފަޅާލަދޭނަން” އަޝްރަފް ދުވުން ބާރުކުރިއެވެ. އަތިރި މަތިން ބުރެއް ޖެހުމަށް ފަހު ދެބެން ދުވެފައި އައިސް ގޭތެރެއަށް ވަނެވެ.
”އާނ…ދެން ހުއްޓާލާފަ އަވަހަށް އާދޭ ކޭކު ފަޅަން” ދެބެންގެ މަންމަ، އާބިދާ ގޮވައިލި އަޑަށް ދެމީހުން މައިތިރިވިއެވެ. އޭރުވެސް މާނޭވާލެވެއެވެ.
”އެކަހަލަ ދޮގު ނުވާނެއެއްނު ކަލޭމެން ވެސް ހަދާކަށް” ޖާވިދު ގާތުގައި ހުއްޓިލަމުން އަޝްރަފް ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
”އެނޫން ގޮތަކަށް މިގަޑީގަ ކަލޭ ގެއަށް ވެއްދޭނެތަ” ޖާވިދު ސަކަ ރާގަކަށް ބުންޏެވެ.
”އާނ ދޯ، ކޮއްކޮއަށް ކުޑަ ކަމެއްވިޔަސް މަށަކަށް ނޭގެ ވާގޮތެއް، މަށަށް ދަރިއަކު ލިބުނަސް މިހާ ލޯތްބެއް ނުވެވޭނެ ކަންނޭންގެ” އަފްސަލް ކޮނޑަށް އަތްވައްޓާލާ އޭނާއާ ކައިރިކޮށްލަމުން ބުނެލިއެވެ.
އަޝްރަފަށްވުރެ އަފްސަލް ހަގީ އެންމެ 4 އަހަރެވެ. އެކުގައި އުޅެ ބޮޑުވި އިރު މިޒާޖުގައި ތަފާތު ގޮތެއް ހުރި ނަމަވެސް ދެބެން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ.
އަފްސަލްއަކީ މަޑުމައިތިރި ބަސްއަހާ ކުއްޖެކެވެ. އަޝްރަފްއަކީ ރަށުގެ ގިނަ ޒުވާނުން އެނަމެއް އިވުމުން ގައިން “ހީބިހި ނަގާ” ޒުވާނެކެވެ. ރަށުގައި ހިނގާ ގިނަ މާރާމާރީތަކުގެ އެއް ހިއްސާދާރެވެ. އެކަމަކު އޭނާ މާރާމާރީ ހިންގަނީ މީހުންގެ ހައްގު ހިމާޔަތްކޮށްދިނުމުގެ މާނައިގައެވެ. އެއީ މީހުންނާ އެކުވެރި އަދި މީހުންނަށް ގަދަރުވެސް ކުރާ ޒުވާނެކެވެ. ތަނަވަސް ޢާއިލާއެއްގެ ދޮށީ ދަރިކަމުން ފޮނި އުޅުމެއް ވެސް ލިބިފައިހުރި ޒުވާނެކެވެ. އަމިއްލަ 3 ފިހާރައެއް މާލޭގައި ހިންގުމުގެ އިތުރުން ރަށުގައިވެސް އަމިއްލަ ވިޔަފާރިއެއް ހިންގާ ޒުވާނެކެވެ. މިހުރިހާ ރިވެތި ސިފަތަކަކާއެކުވެސް އޭނާގެ ދިރިއުޅުމުގައިވެސް ފޮރުވިފައިވާ ސިއްރުތަކެއް ހުއްޓެވެ. ނުބައި އާދަތަކެއް ހަރުލާފައި ހުއްޓެވެ.
އަޝްރަފަކީ އޭނާގެ ވިޔަފާރި ދަތުރުތަކުގައި ގިނަ އަދަދަކަށް ރާއްޖެއިން ބޭރަށް ދަތުރުކޮށް އުޅޭ މީހެއްކަމުން ގިނަ ޤައުމުތަކެއްގައި އޭނާގެ ފައިތިލަ ވަނީ ޖެހިފައެވެ. ރާއްޖެއިން ބޭރުވުމުން އަޝްރަފްގެ އުޅުން މުޅިން ބަދަލުވެގެން ދެއެވެ. ކޮންމެ ރެއަކު ނައިޓްކްލަބެއް ކުޑަކުރުމުގެ އިތުރުން މަސާޖް ޕަރލަރތަކަކީ އަޝްރަފްގެ ވިޔަފާރި ދަތުރުތަކުގެ ގިނަ ވަގުތުތައް ހޭދަކުރެވޭ ތަންތަނެވެ. އެއީ ހަމައެކަނި އަޝްރަފްގެ ދިރިއުޅުން ހުންނަ ގޮތްނޫން ކަމުގައިވެސް ވެދާނެއެވެ. ރާއްޖޭގައި ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ހުއްދަނޫން އެތައް ކަމަކަށް ދިވެހިން ފައިނަގަނީ ރާއްޖެއިން ބޭރަށް ދެވުމުންނެވެ. ވިސްނައިނުލެވެނީ އެޅޭ ކަތިފިޔަވަޅަކުން ދިރިއުޅުން ބަދަލުވެދާނެކަމެވެ. ތިމާއާ ތިމާ ލޯބިވާ މީހުންނަށް ލިބިދާނެ ގެއްލުމަކާމެދު ވިސްނައިނުލެވެއެވެ.
2010 ވަނަ އަހަރުގެ ފިނިމޫސުމުގެ ފިނި ދުވަސްވަރެވެ. އަހަރު ފެށުމަށް އަޝްރަފް މިސްރާބުޖެހީ ސްވިޒަލޭންޑަށެވެ. އެކުވެރިންނާއެކުއެވެ. ދުވާލު ހަތަރުދަމު މަޖާ ނެގުމަށްފަހު އަދިރިވުމުން، މާހައުލުގެ ތެތްފިނިކަމުން ސަލާމަތްވެ ހަށިގަނޑު ހޫނުކޮށްލައި ތާޒާވެލުމަށްޓަކައި އެންމެން އެކީ މިސްރާބުޖެހީ ނައިޓްކްލަބަށެވެ. އެއީ ސިނގިރޭޓުގެ ދުމާއި ރަލުގެ ވަހުން ތަޣައްޔަރުވެފައިވާ މަޝްހޫރު ކްލަބެކެވެ. އަޝްރަފް ވެސް އޭނާގެ އެކުވެރިންނާ ބައިވެރިވުމުގެ ގޮތުން ބިޔަރު ފުޅިއެއް ތުނބުގައި ޖަހާލިއެވެ. ކޮންމެ މީހަކު ލޫޅާފަތި ޅަނދޮޅު ޅަބާޅަ ފަރި އަންހެންކުއްޖެއްގެ ކޮނޑަށް އަތްވައްޓާލިއެވެ. އެއީ އަޝްރަފްވެސް އާދަކޮށް ކުރާ ކަމެކެވެ. އެންމެ ރީތިކުއްޖާއަކީ އަބަދުވެސް އޭނާގެ މިލްކެކެވެ. ތުނބުގައި ޖަހާލި ބިޔަރު ފުޅިޔާއެކު އަޝްރަފްގެ ފިރުމުންތައް އެއަންހެންކުއްޖާގެ ޖިސްމަށް ފޯރުވަން ފެށިއެވެ. ހޭބަލިވަންދެން މަޖާނެގުމަށް ފަހު، އަޝްރަފްގެ މިސްރާބަކަށްވީ އޭނާގެ ހަވާނަފްސަށް ވެރިވެފައިވާ އެދުންވެރިކަމަށް ހައްލެއް ހޯދާށެވެ. އޭނާގެ އުނގުން އެރޭ ޖާގަ ލިބިގެން ދިޔަ ގެބްރިއަލްއަށް އޭނާގެ އެނދުން ވެސް އެރޭ ފުރުޞަތު ލިބިގެންދިޔައެވެ.
ހޮޓަލްގެ ކޮޓަރީގެ ދޮރުހުޅުވުމާއެކު އަޝްރަފް އޭނާގެ ދެއަތްމައްޗަށް ގެބްރިއަލް ހިއްލައިލިއެވެ. ވިސްނުމެއް ފިކުރެއްނެތި ގެބްރިއަލާ ތުން ގުޅާލިއެވެ. މުޅި ހަށިގަނޑަށް އަރާމު ހޫނުގެ އިޙުސާސްވުމުން ލައްޒަތުގެ ފުން ކަނޑަކަށް ގެބެމުން ދިޔައެވެ. އެ މަސްތީ ލައްޒަތަކީ އޭނާގެ ހަލާކުގެ ފެށުންކަން އެވަގުތަކު އޭނާއަކަށް އިހުސާސެއް ނުކުރެވެއެވެ. މާހައުލުގައި ހިފާފައިވާ ފިނީގެ އަސަރު އިސާހިތަކު އެކޮޓަރިތެރެއިން ކެނޑިގެން ދިޔަކަހަލައެވެ. ޖިންސީ އަރާމާއި ލައްޒަތުގައި ބެހި މަސްތީ ދާނެއްގައި އަޝްރަފް ގެބްރިއަލްއާއެކު އެނދުމަތީގައި ވަގުތުތައް ހޭދަކުރަމުން ދިޔައިރު، ދުވަހަކުވެސް އެވަރަށް އެހެން އަންހެނެއްގެ ފުށުން އުފާ ލިބިފައިނުވާ ކަހަލައެވެ. އަޝަރަފްގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ގެބްރިއަލްގެ ޖާދުވީ އަޑެވެ. ވަގުތުގެ ގޮތުން އެއަޑުގައި ހިފާފައިވާ ހާސްކަން އެއަޑަށް އިތުރު ޗާލުކަމެއް ގެނުވައިފައިވެއެވެ.
”ޔޫ ގޮޓް ކޮންޑަމްސް” އަޝަރަފްގެ މޫނަށް ބަލައިލަމުން ގެބްރިއަލް ސުވާލުކޮށްލިއެވެ.
”ނޯ ބޭބީ…ޕުޔޯ ލަވް ނީޑްސް ނަތިންގ” ހުރަސް ބޭނުން ކުރުމަށް ގެބްރިއަލް އެދުމުން ވެސް އެކަމަށް އަޝްރަފް ސަމާލުކަމެއް ނުދިނެވެ. އަދި ޝަހުވާނީ އެދުންތަކުގެ ކުންނަށް އޭނާ ވާޞިލްވިއެވެ. ވަގުތީ އަރާމާއި ލައްޒަތުގައި ބެހި އޮޔާދިޔައީ އާޚިރު ނަތީޖާއަށް ކުޑަކޮށްވެސް ބިރެއް ސިހުމެއް ނެތިއެވެ.
ސްވިޒަރލޭންޑް ދަތުރަށް ހަމަސް ދުވަސްފަހެވެ. އޭރު އަޝްރަފް މާލޭގައި ހުންނަތާ 2 މަސް ދުވަސް ވެއްޖެއެވެ. އާދައިގެ މަތިން މާލޭގެ ރީތިކުއްޖެއް އެދުވަސްވަރު އޭނާގެ ބައިވެރިޔެއްގެ ގޮތުގައި ގެންގުޅެމުންދިޔައެވެ.
އިނާއަކީ އަޝްރަފަށްވުރެ 7 އަހަރު ހަގު ކުއްޖެކެވެ. ޢާއިލާގެ ގިނަގުނަ ޚަރަދުތައް ބެލެހެއްޓުމަށް ޓަކައި އަޝްރަފްގެ ފިހާރައެއްގެ ސޭޓަކަށް އުޅޭ ހީވާގި މުވައްޒަފެކެވެ. އޭގެއިތުރުން ދަންވަރުގެ ވަގުތުތައް ހިލޭ ފިރިހެނުންގެ ތަންމަތި ފަޅުފިލުވައިދިނުމުގައި ހޭދަކުރާ ކުއްޖެކެވެ. އަޝްރަފަކީވެސް އެ މަސްދަރުގެ ތެރެއިން އޭނާގެ ހަޔާތަށް އައި މީހެކެވެ. އެހެންކަމުން އިނާއަށް ވީވަރަކުން އަޝްރަފްގެ އެދުންތަކަށް އިސްކަންދެމުން ދިޔައެވެ. ކިތަންމެ ބަޔަކާއެކުގައި ރޭތައް ގުނަމުން ދިޔަ ނަމަވެސް އިނާ އަކީ އޭނާގެ ސަލާމަތަށް ރައްކާތެރިވެ އުޅޭ ކުއްޖެކެވެ. އެހެންކަމުން އޭނާ ހިލޭ ފިރިހެނުންނާއެކު ގުޅުންހިންގާ އިރު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އޭނާ އަބަދުވެސް އިސްކަންދޭ ކަމަކެވެ. ނަމަވެސް…
ރެއަކީ ފިހާރައަށް އައު މުދާ ގެނައި ރެއެކެވެ. މަސައްކަތުގައި އަޝްރަފާއި އިނާއާއެކު ފިހާރައިގެ ދެމުވައްޒިފުން ބުރަކޮށް އުޅެމުންދިޔައެވެ. ދަންވަރު 2 ޖެހުމުން އިނާއާއި އަޝްރަފް ނޫން އެހެން މީހުން ގެއަށް ހިނގައްޖެއެވެ. އިނާ ވެސް ވެފައި ހުރި ވަރުބައްޔާއެކު ބޭނުންވެފައި ހުރީ ގެއަށް މިސްރާބު ޖަހާށެވެ. އެހެނަސް އަޝްރަފްގެ އެދުމުގެ މަތިން އިރުކޮޅަކަށް މަޑުކޮށްލިއެވެ.
”އިށީންދެބަލަ މިތާ” ކައުންޓަރުކައިރީ ހުރި ގޮނޑި ދައްކާލަމުން އަޝްރަފް ބުނެލިއެވެ.
”އެޔޯ…މިތާ ދެމީހުން މާފޮޅުވަން ތިއްބަ ބޭރުންދާ މީހުނަށް ވެސް ފެންނާނެއެއްނު” އިނާ ލާނެތް ގޮތަކަށް ބުނެލިއެވެ.
”މިނިއްވާލީ ބޮކި. ދެނެއް ނުފެންނާނެ” އަޝްރަފް އިނާއާ މޫނުކައިރިކޮށްލަމުން ބުނެލިއެވެ.
”ނޫން، މިތާކު ނޫން، ހިނގާބަލަ ތި ރޫމަށް، ޕްލީސް ވަރަށް ޓަޔަޑް ވެސް ވެފަ މިހުރީ” އިނާ ބޭނުންވީ ބުރަކަށި ދަމާލާށެވެ.
”ތި ވަރުބަލިކަން ފިލުވާލަދީފާނަމޭ” އެހެން ބުނެ އިނާ އަތުގައި ހިފާ ދަމައިގަނެ ސްޓޮކާ ދިމާއަށް ގެންދިޔައެވެ.
”މީ ދޯ ތި މަޑުކުރުވި ކަމަކީ” އަޝްރަފްގެ ގައިގައި އޮޅުލައިގަންނަމުން އިނާ ބުނެލިއެވެ.
”އާނ! ތަނަކަށް ދާ ވަރަށްވުރެ މިރޭ ބާރުބޮޑުވީ” އިނާގެ ބުރަކަށީގައި އަތްއަޅާ އޭނާގެ ހަށިގަނޑާލާ ފިއްތާލިއެވެ. އިނާއަކަށް ވެސް ކެތެއް ނުވިއެވެ. އަޝްރަފްގެ ތުންފަތް އޭނާއަށްވީ އެރޭގެ ބަނޑުހައިހޫނުކަން ފިލުވުމަށް ލިބުނު މޭވާއަކަށެވެ. ސްޓޮކް ތެރޭގައި ފުނިޖެހިފައިވާ އެއްޗެހިތަކުގެ މަތީގައި އެ ދެ ހަށިގަނޑަށް ޖާގައެއް ތަނަވަސްވެގެން ދިޔައެވެ. ފިހާރައިގައި ވިއްކަން ހުރި މުދަލުގެ ތެރޭގައި ދެމީހުންގެ އަންނައުނު ވެސް ގެއްލިއްޖެއެވެ. އެއްވެސް ފިނިކަމެއް ނުވަންނަ އެސްޓޮކްތެރޭގައި ދެމީހުން ދާހިއްލާ ތެމި ފޯވި އިރު ވެސް ނިންމާކަށް ނުވިސްނައެވެ.
”އަޝްރަފް ނޫން، ކޮންޑަމެއް ނެތެއްނު” އިނާ ދެކޮޅު ހެދިއެވެ.
”ހާދަ ޝައްކޭދޯ މަށަށް” ލާނެތް ގޮތަކަށް ހީލުމަށް ފަހު، އިނާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ހުރަހަކީ އެއްއިރަކުވެސް އަޝްރަފް އިސްކަންދިން އެއްޗެއް ނޫނެވެ. އޭނާ އެބޭނުން ކުރީވެސް ހަމައެކަނި އިނާއާއެކު އޭނާގެ އެދުމުގެ މަތިންނެވެ. ލޯބީގެ ދެތިން ބަހަކުން އިނާވެސް އެންމެ ފުރަތަމަ އަދި ފަހު ފަހަރުކަމަށް ބަލާފައި އަޝްރަފަށް އާބަސްދިނެވެ. މަރަށް ދައުވަތުދެވެނީކަން ނުދެނެހުރި ހާލުގައެވެ.
މާލޭގައި ތިން މަސްދުވަހު ހުރުމަށް ފަހު އަޝްރަފް ރަށަށް ދިޔައީ އިނާއާ ގުޅުން ކަނޑާލުމަށް ފަހުގައެވެ. އެއީ އިނާއަށް ވެސް ކުރިން އެނގޭ ކަމެކެވެ. އަޝްރަފްގެ ދިރިއުޅުމަކީ އެއީކަން އިނާވެސް ދެނެހުއްޓެވެ.
އޭގެފަހުން އަހަރުދުވަސް ފާއިތުވެގެން ދިޔައިރު، އަޝްރަފަށް ބުނަން ނޭގޭ ކަހަލަ އުނދަގޫތަކެއް ވާންފެށިއެވެ. ބޯއެނބުރުމާއި ހުންއައުން އާންމުކަމަކަށްވިއެވެ.
ދުވަހަކީ އީދު ދުވަހެވެ. ރަށުގައި އޮތް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އޮތް ދުވަހެވެ. އަޝްރަފަކީ އޭނާގެ އަވަށު ޓީމުގެ ކެޕްޓަނެވެ. މެޗްގެ ފޯރި ބަލައިލުމަށް ރަށުގެ ގިނަ އަދަދެއްގެ މީހުން ދަނޑަށް އެއްވެ ތިއްބެވެ.
”ދޮންބޭ…ގުޑްލަކް…ފުނޑާލާތި” އަފްސަލް އޭނާގެ ބޭބެ މެޗަށް އަރަނިކޮށް ބައްދާލަމުން ބުނެލިއެވެ.
”ކޮއްކޮ ބަލަން ހުންނާތި، މިފަހަރުވެސް ތަށި ހިއްލައިލާނީ ކޮއްކޮގެ ނަންމަތީ” ކޮންމެ އަހަރަކުވެސް އަޝްރަފްމެންގެ ޓީމަކީ ޗެމްޕިއަންޓީމްކަމުން އެ ޔަގީންކަން އޭނާ ދިނެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. މޮޅު ކުޅުމެއް ކުޅެމުންދަނިކޮށް ބެލުންތެރިން ސިއްސުވާލީ އަޝްރަފް ބިންމައްޗަށް އަނބުރައިގަނެގެން ވެއްޓުނު މަންޒަރުންނެވެ. އެމަރޖެންސީގައި އަޝްރަފް ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ޑޮކްޓަރުން ބަލާފައި ވަރުދެރައީ ކަމަށްބުނެ އޭނާ ދޫކޮށްލިއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އަޝްރަފް އޮތީ ގަދައަށް ނިދާފައެވެ. އަފްސަލް އައިސް އޭނާގެ އެނދަށް ވެއްޓިގަތުމުން ހިލަންވެ ލޯހުޅުވާލިއެވެ.
”ދޮންބެ މާބަލީތަ؟ މިހާރު އަބަދު ތި ހުމަކުން އަރައެއް ނުގަނެއެއްނު، ބޭރަށް ގޮސް ދައްކާލަންވީނު ރަގަޅު ޑޮކަކަށް” އަފްސަލް އޭނާގެ ބޭބެދެކެ ވާލޯބީގެ ސަބަބުން އެކަމާ ވަރަށް ފުންކޮށް ދިޔައީ ވިސްނަމުންނެވެ.
”އާނ ދާންވީ، އެކަމަކު ދެން މިހެން އަބަދު ބޭރުގަ އުޅެއުޅެފަ ކޮއްކޮމެން ގާތު ހުރެލަން ލިބޭ ދުވަސްކޮޅު މަޑުކޮށްލާފަ ދާންކަމަށް” އަޝްރަފް ޖަވާބުދިނީ އެނދުގައި ހަމަޖެހިލަމުންނެވެ.
”ދެން އަބަދު ހުންނާނެ ގޮތެއް ހަދަންވީއެއްނު، ކޮބާތަ ދޮންބެ މާލެއިން ނަގައިގެން އުޅުނު ބިޓު، އޭރު ހީވި މިފަހަރު ފައިނަލްކޮށް، މެރީކުރާނެއޭ” އަފްސަލް އަހާލިއެވެ. އެދެބެންނަކީ ހުރިހާ ވާހަކައެއްވެސް ހިއްސާކުރާ އެންމެ ގާތް ދެއެކުވެރިން ވެސްމެއެވެ.
”އެމަންޖެ ކަޑައޭ، މިފަހަރު މިއައީ އޭނަ ކަޓުވާލާފަ” އަޝްރަފް ގަދަ ހިނިގަނޑެއް ޖަހާލިއެވެ.
”ތިކަމަކުން ސަލާމަތެއް ނުވާނެދޯ، މަށަށް ދައްކާވެސް ނުލާ މިފަހަރު ތިބުރުވާލީ، ބަލަން ހުންނައްޗޭ، މަގޭ ބިޓުވެސް ދޮންބެއަށް ދުވަހަކު ކޮޅުންވެސް ދައްކާނުލާނަން” އަފްސަލްވެސް ސަމާސާ ރާގަކަށް ބުނެލިއެވެ.
”އުނހު، މިހާރު މިއުޅޭ އަންހެނުންނަކީ ހަމަ ހަލާކެއް، ދޮންބެއަށް ދައްކާފަ ކޮއްކޮ ކަމެއް ކުރަންޏާ ކުރަންވާނީ، ދޮންބެ ރަގަޅަށް ހިސްޓްރީ ސްޓަޑީކޮށްފަ އޯކޭ ދޭނަން، ދޮންބެ ބޭނުމެއްނޫން، ކޮއްކޮއަށް ދުވަހަކުވެސް ދެރައެއް ލިބޭކަށް” އަޝްރަފް އޭނާގެ ހިތުގައިވާ ލޯބި އަބަދުމެ އަފްސަލަށް ހާމަކުރެއެވެ.
2 މަސްދުވަހު ރަށުގައި ހޭދަކުރުމަށް ފަހު އަޝްރަފް ފުރައިގެންދިޔައީ މެލޭޝިއާއަށެވެ. ވިޔަފާރި ދަތުރެއްގެ އިތުރުން އޭނާގެ މެޑިކަލް ޗެކަޕަކަށްވެސް މެއެވެ. މެޑިކަލް ޗެކަޕްގެ ނަތީޖާ ލިބިގެންދިޔަ ދުވަހަކީ އޭނާގެ ހިތާމޭ ފުނޑުފުނޑުވި ދުވަހެކެވެ. އާއެކެވެ. އޭނާ އެޗް.އައި.ވީ އަށް ޕޮޒިޓިވް ވީއެވެ. ހާސްވެ ގޮތްހުސްވިއެވެ. ފަހު ނޭވާ އައިސް ޖެހުނުކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ. އެތައް އަހަރެއް ވަންދެން ނިދިފައި އޮއްވައި ބިރުވެރި ހުވަފެނަކާއެކު ނިދިން ހޭލެވުނު ފަދައެވެ. އެހުވަފެނަކީ ހަގީގަތެކެވެ. ދެން ބަދަލު ނުކުރެވޭނެ ހަގީގަތެކެވެ. އޭނާ އަމިއްލައަށް އޭނާގެ ލެއިން އޭނާގެ ތަގްދީރުގައި ލިޔުނު ނިމުމެކެވެ. އެ ޚަބަރާއެކު އަޝްރަފް އޭނާގެ ދިރިއުޅުން މެލޭޝިޔާއަށް އެއްކޮށް ބަދަލުކުރިއެވެ. ރާއްޖޭގައި ހިންގަމުން ދިޔަ ހުރިހާ ވިޔަފާރިއެއްގެ ޒިންމާ އޭނާގެ ފުރާނައިގެ ހައްގުވެރިޔާގެ ގޮތުގައި އޭނާ ގަބޫލުކުރާ އޭނާގެ ކޮއްކޮ އަފްސަލާ ހަވާލުކުރިއެވެ. އަދި ޢާއިލާގެ އެންމެންނަށް އޭނާގެ ބަލި ހާލަތު ސިއްރުކުރިއެވެ.
އޭގެ 1 އަހަރު ފަހެވެ. އެއީ އަފްސަލް އޭނާގެ ބޭބެ އޭނާއާ ހަވާލުކުރި ޒިންމާ ނަގަމުންދާތާ އަހަރު ދުވަސް ފަހެވެ. މާލޭން އެއް ރޫމް އެޕާޓްމަންޓެއް ހިފައިގެން މާލޭގައި ގިނަ ވަގުތު އަފްސަލް ހޭދަކުރަން ފެށީ ބޭބެގެ ފިހާރަތައް ރަގަޅަށް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށެވެ. ހަމަ އެފަދައިން އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ޚިޔާރުކޮށްފައިވާ ކުއްޖާއާއެކު ވަގުތު ހޭދަކުރުމުގެ ވެސް ބޭނުމުގައެވެ.
އަފްސަލްއަށް އޭނާގެ ބޭބެގެ ލޯބި ކުރިއެކޭވެސް އެއްގޮތަށް ލިބެމުންދިޔައެވެ. އެ ހިމާޔަތްލިބެމުން ދިޔައެވެ. އެހެންކަމުން އަފްސަލް ދިރިއުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. އަޝްރަފްވެސް އޭނާގެ ފަރުވާއެއް ނެތް ބައްޔަށް ކުރެވެންހުރި ބޭހެއް ކުރަމުން އޭނާގެ ޢާއިލާއަށް އެކަން ސިއްރުކުރަމުން ދިޔައެވެ. އެކަނިމައިއެކަނި އެންމެންނާ ދުރުގައި ދުވަސްތައް ގުނަމުން ދިޔައީ ހިތްވަރާއެކުއެވެ. އޭނާގެ އެ ބަލީގެ ސަބަބުން އޭނާ އެންމެ ލޯބިވާމީހުންގެ ދިރިއުޅުމަށް އަނދިރިކަން ވެރިވިޔަ ނުދިނުމުގެ ނިޔަތުގައެވެ. ނަމަވެސް އޭނާއަށް ވިސްނުނުލެއް މާލަހީއެވެ. ފިޔަވަޅު އެޅުނުލެއް ލަހީއެވެ. އޭރު އޮތީ ހުރިހާ ކަމެއް ބޮއްސުންލާފައެވެ.
ދުވަހަކީ ވިއްސާރަދުވަހެކެވެ. އަޝްރަފް އިނީ ވެހެމުން ދިޔަ ވާރޭއަށް ބަލަން އޭނާ ހިފާފައިވާ ގޭގެ ބަގީޗާތެރޭގައި ހުރި ކުޑައެއްގެ ދަށުގައެވެ. ގެއްލިފައި އިން ޚިޔާލުތަކުން އޭނާ ނުކުންނަން މަޖުބޫރުވީ ގޭގެ ބެލް ރިންގވި އަޑަށެވެ. އޭނާއަކީ އޭރު އެކުވެރިން ގެންގުޅޭ މީހެއް ނޫންކަމުން އެގެއަށް އައިސްއުޅޭ މީހުން ވަރަށް މަދެވެ. އެހާ ހެނދުނު ވަގުތު މީހަކު އައުން އެއީ ވަރަށް ނާދިރުކަމެކެވެ. ވިސްނާލަން ހުރެފައި ގޮސް ދޮރު ހުޅުވިއެވެ. އެތައް ދުވަހަކު ހިތް އެދެމުން އައި ކަންތައް ހަގީގަތަކަށްވި ކަހަލައެވެ. އަފްސަލް ހުރީ އޭނާގެ ކުރިމަތީގައެވެ.
”ސަޕްރައިޒް ދޮންބޭ” ކޮނޑުގައި އަޅުވާލާފައި ހުރި ލަގެޖް ދަބަސް ބިންމައްޗަށް ވައްޓާލަމުން އޭނާގެ ދޮންބެގެ ގައިގައި އޮޅުލައިގަތެވެ. އަޝްރަފަށް ހުރީ ހިރިލަންވެސް ނޭގިފައެވެ.
”އަންގާވެސް ނުލާ، ކޮން ދަތުރެއް؟” ޙައިރާންވެ ހުރެ އަޝްރަފް އަހާލިއެވެ.
” ދޮރުމަތީގައި ތިބެގެންތަ ވާހަކަދައްކާނީ، މިއައީ ވެޑިންގ ޝޮޕިނގއަށް” އުފަލާއެކު އަފްސަލް ބުނެލިއެވެ.
”ވެޑިނގއޭ އެންމެފަހުން ހަމަ ދޮންބެއަށް އަންގާވެސް ނުލީދޯ؟ ކޮން ކުއްޖަކާ، ރަށު ކުއްޖެއްތަ؟” އެތެރެއަށް ހިނގައިގަންނަމުން އަޝްރަފް އަހާލިއެވެ.
”އުނހު، މާލެ ކުއްޖެއް، ނުއެއް ދެއްކޭނެ، މަ މިއައީވެސް ޕާރޓީއަށް ދޮންބެ ގެންދަންވެގެން، ސަޅިޔޭދޯ މިގެ” ގޭތެރެއަށް ބަލަމުން ވަދެގެން ދިޔަ އަފްސަލް ބުނެލިއެވެ.
”އާނ، ދެން މިތާ އުޅެންޏާ ސަޅިވެސް ކުރަންވާނެއެއްނު” އަޝްރަފް ޖަވާބުދިނެވެ. އޭނާގެ ހާލަތު ސިއްރުކުރަމުންނެވެ.
މެންދުރުގެ ކެއުމުގެ ވަގުތެވެ. އޮލަވާހަކައެއްގައި ދެބެއިން ކެއުން ތައްޔާރުކުރީ އަމިއްލައަށެވެ. ވާރޭ ވެހެމުންދިޔުމުގެ ސަބަބުން ބޭރަށް ނުދެވުމުންއެވެ. އަހަރު ދުވަހުގެ ދުރުކަން ގާތްކޮށްދިނީ މެންދުރުގެ ކެއުމެވެ. އެކިއެކި ވާހަކަތަކުގައި ތިއްބާ ވަގުތު ދިޔަގޮތްވެސް އެދެބެއިންނަކަށް ނޭގުނެވެ.
”ދޮންބެ އެއްކަލަ ފަހަރު ބޯ އަނބުރާތީ ކޮން ޑޮކްޓަރަކަށްތަ ދެއްކީ، މިހާރު ދުވަސްކޮޅެއް ވެއްޖެ މިބޮލެއް އަނބުރާފަ ހުމެއް އަންނަތާ” އަފްސަލް ވެސް ޑޮކްޓަރަށް ދައްކާލަން ވިސްނިއެވެ. އަޝްރަފްގެ ގައިން ވާގިދޫވެގެން ދިޔަ ކަހަލައެވެ. ހިތް ހުއްޓުނު ކަހަލައެވެ. އޭނާގެ ހަށިގަނޑުން އެއަލާމާތްތައް ފެނުމަށްފަހު ލިބިގެން ދިޔަ ނަތީޖާ ދުވަހަކުވެސް ހިތަކުން ނުފިލައެވެ.
”ދޮންބޭ، ކޮންކަމަކާތަ ތި ފިކުރުކުރަނީ” ހުއްޓުން އަރާފައި އިން އަޝްރަފް ސިއްސައިގެން ދިޔައެވެ.
”އާނ، އެއީ ހަމަ މިކޮޅުގެ ސަޅި ޑޮކްޓަރެއް، ކޮއްކޮވެސް ދައްކާލަން އެޕޮއިންޓްމެންޓެއް ހައްދަންވީދޯ، މާލޭގައި ނުދައްކަންތަ؟” އަޝްރަފް ބޭނުންވީ އޭނާއަށް ލިބެމުންދިޔަ ހާސްކަމަށް ލުޔެއް ލިބޭ ކަހަލަ ޖަވާބެކެވެ.
”އުނހު ދައްކާލިން އެއްފަހަރު، އޭރު ރަގަޅުވި، އެކަމަކު އެނގެއެއްނު ރާއްޖޭގައި ތިބޭ ޑޮކްޓަރުންގެ ގޮތް، ވާއެއް ނުވާއެއް އެނގޭނީކީނޫން” އަފްސަލް ކިޔައިދެމުން ދިޔަ ކޮންމެ ޖުމްލައަކުން އަޝްރަފްގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. ހާސްވަމުން ދިޔައެވެ. އޭނާއަށް މެދުވެރިވެފައިވާ ގޮތަށް ދިމާވެދާނެހެން ހީވިއެވެ. ހިތަށް ވިސްނައިދެވޭތޯ މަސައްކަތް ފެށިއެވެ. ”އަފްސަލަކީ އަބަދުވެސް ރަގަޅު މަގުގައި އުޅެން ބޭނުންވާ ކުއްޖެއް، އޭނަ އެކަހަލަ ކަމެއްގެ ޝިކާރައަކަށް ވާވަރު ކަމެއް ނުކުރާނެ، އަނެއްކާ މިކަހަލަ ބައްޔަކީ ހަމަ ހުރެފަ އަރާ ބައްޔެއްނޫން، މީ ތިމާ އަމިއްލައަށް ހޯދާ ހަލާކެއް، އެވަރު ކަމެއް އަފްސަލެއް ނުކުރާނެ” އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
އަފްސަލް މެލޭޝިޔާއަށް އައިތާ 2 ވަނައަށް ވީ ދުވަހެވެ. އަފްސަލް ޑޮކްޓަރަށް ދެއްކުމަށް ފަހު، ހެދި ހުރިހާ ރިޕޯޓްތަކުގެ ނަތީޖާ ލިބޭ ދުވަހެވެ. އަޝްރަފް ހުރީ ހިތްހަމަޖައްސާލައިގެނެވެ. އޭނާއަށް ފުރަތަމަ ހީވި ހީވުމަކީ ކުށް ހީ އަކަށް ވުމަށް އެދިއެވެ. ދެބެން ޓެކްސީގެ އިންތިޒާރުގައި މަގުމަތީ މަޑުކޮށްލައިގެން ތިއްބެވެ.
”ހޭ ދޮންބޭ މަގޭ ވޮލެޓް އެތެރޭގަ ބާއްވާފަ މިއާދެވުނީ” ލައިގެން ހުރި ޖީންސްގެ ޖީބުގައި އަތްޖައްސާލަމުން ބުނެލިއެވެ.
”ދޮންބެ މިއަންނަނީ ހިފައިގެން” އަޝްރަފް ގޭތެރެއަށް ވަދެ ސިޓިންގ ރޫމް މޭޒުމަތީ އޮތް އަފްސަލްގެ ވޮލެޓްނެގިތަނާ ވޮލެޓް އަތުން ދޫވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. އަޝްރަފްގެ ލޮލުގައި އަޅައިގަތީ ވޮލެޓްގައި އޮތް ޕާސްޓްޕޯރޓް ސައިޒްގެ ފޮޓޯގަނޑެވެ. އެއީ އިނާގެ ފޮޓޯގަނޑެކެވެ. ހަނދާނަށް އައީ އޭގެ 2 އަހަރެއްހާ ދުވަސްކުރިއެވެ. އިނާއާއެކު އަޝްރަފް ބޭއްވި ގުޅުމެވެ. އޭނާގެ ހިތް ބާރު ކޮޅިގަނޑެއްގައި ޖެހުނު ކަހަލައެވެ. ދުވަހަކު ނުވާވަރުގެ ހާސްކަމެއް ވެރިވެގެންދިޔައެވެ. އެފޮޓޯ އަފްސަލްގެ ވޮލެޓްގައި އެއޮތީ ސަބަބެއްނެތި ނޫންކަން ވިސްނުނެވެ. އެއީ އަފްސަލް ކައިވެނި ކުރަން އުޅޭ ކުއްޖާއެވެ. އެއީ އަޝްރަފް އޭނާގެ ހަށިގަނޑުން އެހަށިގަނޑަކަށް ވިހަލާފައި ހުރި އެއް ޝިކާރައެވެ.
ހޮސްޕިޓަލަށް ދިޔަމަގުމަތީގައިވެސް އަޝްރަފް އިނީ ގަނބުކައިފައެވެ. އަފްސަލްގާތު އެއްޗެކޭ އަހަންވެސް ނުކެރިފައެވެ. ހަގީގަތް އެނގުނު ނަމަވެސް އަޑުއަހަން ބޭނުންނުވަނީއެވެ. ޑޮކްޓަރު ކޮޓަރިއަށް ވަނީ އަފްސަލް އެކަންޏެވެ. އޭނާ ހުރީ ހަމަޖެހިލައިގެންނެވެ. އަޝްރަފް ނުވަނީ އޭނާއަށް ކަންތައްވާނޭ ގޮތް އެނގޭތީއެވެ. އެކޮޅިގަނޑާ ކުރިމަތިލާނެހާ ހިތްވަރު ނެތީމައެވެ.
އެއް ގަޑި އިރުގެ ދިގު އިންތިޒާރަކަށް ފަހު އަޝްރަފްގެ ކުރިމައްޗަށް އަފްސަލް ނިކުތީ ފުރާނަނެތް މަސްގަނޑެއްގެ ގޮތުގައެވެ. އަޝްރަފްގެ ހީ ޔަގީންވިއެވެ. އޭނާގެ ކޮއްކޮ ވެސް އެވަނީ އެ ހަލާކުގެ ޝިކާރައަކަށް ވެފައެވެ. އެ ހަލާކަކީ ދުވަހަކުވެސް އަޝްރަފަށް އޭނާ ސަލާމަތް ނުކުރެވޭނެ ހަލާކެކެވެ. މުޅި ދުނިޔެއާ ހަނގުރާމަކުރި ނަމަވެސް އެ ނުރައްކަލުން ދެނެއް އަފްސަލް ސަލާމަތެއް ނުކުރެވޭނެއެވެ. އެމީހަކަށްޓަކައި ޖާނާއިމާލު ގުރުބާންކުރަން އަޝްރަފް އަބަދުމެ ތައްޔާރަށް ހުރި ކަމުގައިވީ ނަމަވެސް އަފްސަލްގެ ފުރާނައަށް ކުރިމަތިވި އެނުރައްކަލަކީ އަޝްރަފް ވިސްނައިނުލާ އަޅާފައިވާ ކަތިފިޔަވަޅުތަކުގެ ނަތީޖާއެވެ.
ގެއަށް ދިޔަ މަގުމަތީގައިވެސް އަފްސަލްގެ ކަރުނައަކަށް ހުއްޓުމެއް ނާދެއެވެ. އޭނާއަކީ ދުވަހަކުވެސް އެކަހަލަ ގޮތަކަށް އުޅުނު މީހެއް ނޫންކަމަށް ބުނެ ގިސްލަ ގިސްލާފައި ރުޔެވެ. ހަމައެކަނި މުޅި އުމުރުގައިވެސް އޭނާ ޖިންސީ ގުޅުމެއް ހިންގީވެސް އޭނާގެ ލޯބިވެރިޔާ އިނާއާއެކު ކަމަށް ބުންޏެވެ.
”ކޮއްކޮއަށް އެނގޭތަ އިނާޔަކީ ކޮންކަހަލަ ލައިފެއް އުޅޭ ކުއްޖެއްކަން؟” އަޝްރަފް އަހާލިއެވެ.
”ދޮންބެ އަބަދުވެސް ބުނަމެއްނު ރަގަޅަށް ސްޓަޑީ ކުރަންވާނެއޭ، މަ އަބަދުވެސް ދޮންބެ ބުނާ އެއްޗެހި ހަނދާނުގަ ބަހައްޓަމޭ، އިނާ އަހަންނަށް ހުރިހާ އެއްޗެއްކިޔައިދިނޭ، އޭނައަކީ ކޮން ގޮތަކަށް އުޅުނު ކުއްޖެއްކަންވެސް، އިޓް ނެވަރ މެޓާރސް، މަށަށް މުހިންމީ ލޯޔަލްވުން، ލޯބިވުން، އޭނަ ތެދުތެދަށް ކިޔައިދިން ހުރިހާ ވާހަކައެއް، އެކަމަކު އޭނަ ބުނި އަބަދު ވެސް ޕްރޮޓެކްޝަން ޔޫސްކުރީމޭ، ދެން އޭނައަށް ހަމައެކަނި އޭރު ލޯބިވެވުނު މީހާއާއެކީ އެއްފަހަރު ކުރީމޯ ރައްކާތެރިކަމެއްނެތި، ބަޓް އެއީ ހަމަ ކާކުކަން ރަގަޅަށް އެނގިހުރެޔޯ” އަފްސަލްގެ އެބަސްތައް އިވެމުންދިޔަ ވަރަކަށް އަޝްރަފްގެ ހިތުގައި މަޑުމަޑުން މީހަކު ކޮށި ކީހެއް ކާއްތާ ކަހަލަ އިހުސާސެއް ވަމުންދިޔައެވެ. އޭނާއަށްވެސް އިނާގެ އެ ހަގީގަތް ކުރިންވެސް އެނގެއެވެ. އިނާއަކީ އޭނާގެ ސަލާމަތަށް ވިސްނި ކުއްޖެއްކަން އެނގެއެވެ. ގޭތެރެއަށް ވަދެ ސިޓިންގ ރޫމްގެ ސޯފާ މައްޗަށް އަފްސަލް ވެއްޓިގަތެވެ. ގައިން ވަރު ދޫވެފައިވާ ކަހަލައެވެ. އަޝްރަފް ގޮސް އޭނާގެ ކޮއްކޮއަށް ހިތްވަރު ދޭން މަސައްކަތްކުރިއެވެ.
”ކޮއްކޯ” އަޝްރަފްގެ އަޑަށް އަފްސަލް ރޮއެގަނެފައި އޭނާގެ ގައިގައި ބައްދައިގަތެވެ.
”ދޮންބޭ، ދޮންބެ އަބަދުވެސް ބުނަމެއްނު، އެކަކަށް އެއްކަމެއްވެސް މަށަކަށް ނުކުރެވޭނެއޭ، މަ މިކަމުންވެސް ސަލާމަތްކޮށްދީ ބަލަ، ދޮންބެ ޕްލީސް، ދޮންބެ ތިހާ މަގޭ ދެކެ ލޯބިވަންޏާ މަ މިހަލާކުން ސަލާމަތްކޮށްދީ” އަފްސަލް ގިސްލަމުން އާދޭސްކުރިއެވެ.
”ކޮއްކޯ، ދޮންބެ އަބަދުވެސް ބުނާއެއްޗެއްދޯ ތީ، އެކަމަކު މިފަހަރު ދޮންބެއަކަށް ކޮށްދެވޭނެ އެއް ކަމެއްވެސް ނެތް، ތެދަކީ ކޮއްކޮ އުމުރު ދުވަހު ޕްރޮޓެކްޓްކުރަން ހުރި މި ދޮންބެ ކުރި އެންމެ ކަމަކުން ކޮއްކޮގެ މުޅި ދިރިއުޅުން ތިހަލާކުވީ” އަފްސަލް ސިއްސައިގެން ގޮސް އަޝްރަފަށް ބަލައިލިއެވެ.
”އާނ، ދޮންބެއަކީ ވެސް އެޗް.އައި.ވީ ޕޮޒިޓިވް މީހެއް، މިކޮޅަށް ބަދަލުވީ މިކޮޅުގަ ވިޔަފާރިއެއް ކުރާކަށްނޫން، ދޮންބެގެ މިބަލިން ކޮއްކޮމެންނަށް އެއްވެސް ގެއްލުމެއް ލިބެން ނޭދޭތީ، އެކަމަކު ބަލާބަލަ މިއަދު، ރަށާ މާލޭގެ އެންމެންގެ ކުރިމަތީ ކޮއްކޮއަށް ގެއްލުމެއް ދޭމީހަކު ފުނޑާލާނަމޭ ކީ މިދޮންބެ، އަމިއްލަ އަތުން މިއަދު ކޮއްކޮގެ މުޅި ދިރިއުޅުން މިހަލާކުކޮށްލީ، އިނާ ލޯބިވީމޭ އެބުނާ މީހަކީ ދޮންބެ. އޭރު އިނާ އުޅުނީ ދޮންބެގެ ފިހާރައިގަ، އިނާ ބޭނުންނުވަނީސް އެންމެ ރެޔަކު ދެމީހުން ކުރިން އެއްވެސް ރައްކާތެރިކަމެއްނެތި، އޭރު ދޮންބެ ހިތަކަށް ނާރާ ނުވެސް އެނގޭ ދޮންބެއަށް މިވަރުކަމެއް ޖެހިފަ ހުރެދާނެއެކޭ، ދޮންބެއަށް ހަމަ އެނގުނުތަނާ އެންމެންނާ ދުރަށް މިއައީ، ހިޔެއް ނުކުރަން އޭގެ އަސަރު މިގޮތަށް ކޮއްކޮއަށް ފޯރާފާނެއެކޭ…ދުވަހަކުވެސް ހިޔެއް ނުކުރަން” އަޝްރަފްގެ ލޮލުގައި ހިކިފައި ހުރި ކަރުނަތަކަށް އާދިރުމެއް ލިބުނު ކަހަލައެވެ. ދުވަހަކުވެސް އަފްސަލްގެ ކުރިމަތީ އޭނާއަކީ ދެރަވާކަމަށް ދައްކާ މީހެއްނޫނެވެ. އޭނަ ބޭނުންވަނީ އަބަދުވެސް އަފްސަލަކީ ހިތްވަރުގަދަ މީހަކަށް ވުމަށެވެ. އޭނާ ބޭނުންވީ އޭނާއަކީ މިސާލަކަށް ވުމަށެވެ. އަޝްރަފް ރޯ ރުއިން އެމަންޒަރު ދެކޭކަށް އަފްސަލަކަށް ކެތެއް ނުވިއެވެ. ދެމީހުން އެކަކު އަނެކަކަށް ހިތްވަރުދިނެވެ. އެތައް އިރަކު ރޮއެ ހިތްވަރުގަދަކުރުމަށް އެކަކު އަނެކަކަށް ވިސްނައިދިނުމުގައި ވަގުތުތައް ހޭދަކުރިއެވެ.
އޭގެ 3 އަހަރު ފަހެވެ. އަޝްރަފާއި އަފްސަލްގެ އިތުރުން އިނާވެސް އެމީހުންގެ ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ގުނަމުން ދަނީ އެންމެންނާ ވަކިން އެކަހެރިކޮށެވެ. ތިން ފުރާނައިގައި ނޭވާ ހިނގިއެއް ކަމަކު ދިރުމެއް ނުހުރެއެވެ. ޒިންމާދާރަކީ ކާކު ހެއްޔެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ފިރިހެނުންނަށް ޚިދުމަތްކޮށްދެމުން ދިޔަ ގެބްރިއަލްހެއްޔެވެ. ޚުދު އޭނާވެސް އަޝްރަފްގެ ކިބައިން ސަލާމަތީ ފިޔަވަޅަށް އެދުނެވެ. ކުށްވެރިޔަކީ އިނާހެއްޔެވެ. ދިވެހިން ބުނާފަދަ ބަޑި ދިރިއުޅުމެއް އުޅެމުންދިޔަ ނަމަވެސް ޚުދު އޭނާވެސް އޭނާގެ ރައްކަލަށް ސާމަލުވިއެވެ. ނުވަތަ އެޅެން ހުރި ފިޔަވަޅުތަކަށް ދެކޮޅުހެދި އަޝްރަފް ހެއްޔެވެ. ނޫނީ އެއްވެސް ކުށެއްނެތި ހަމަ އެކަނި ލޯބިވެރިޔާއަށް ޓަކައި އެފަދަ ފިޔަވަޅެއް އެޅި އަފްސަލްހެއްޔެވެ.
ތިމާގެ އަތުންވެސް ތިމާ އެންމެ ލޯބިވާ މީހަކަށް ހަލާކުގެ ތެރެއަށް ވައްޓާލެވިދާނެއެވެ. ވިސްނައިލާށެވެ. ސަމާލުވާށެވެ. ދިރުމެއްނެތި ދުނިޔޭގައި އުޅެން ނޭދޭނަމަ ﷲގެ މަގަށް ރުޖޫޢަވާށެވެ.
ނިމުނީ
10 Comments!
Comments are closed.


Wow..varah reethi…varah iburah theri…keep it up..vvv salhi..thanks
wow .. varah touching. . habeys☺
egothah ulhey myhunah ekahala bayyeh jehunyma visneyny allah ge kulhadhun vanthakan, protection aky vx 100% eh nunkan visnan jehey, mivaahakiga ethan kolhuvx himanaali nama
v reethi. hyvany hagygai hei…………..
KURIN GENAI VAAHAKA KOBAITHA?
Masha Allah..Varah reethi iburaih theri vaahakaeh
Habeyyss..!!! ?????
Yahh i agree with this..
You should emphasis more on discouraging haram things
Not using protection
v iburaii theri vaahaka eh.. maaii vegenvaa kalaange angavaafaivaa gothah ulhey nama elahala balithaka dhuruveveyne. visnan vy protection use kurakah noon nahy kurahvaafaivaa kuhtakah arai nugane ulhe veytho.. mie mihaaru mi rajjega vex v aamu vefaa vaii kameh.. vaahaka ehge gothuga mikahala hadhisa thah genes dhey kamahtaka v bodah thanks.. hope kuran mikahala ehen stry eh fennane kamah..
varah ibrayteri vaahakaeh … v nice