
އެ ރޭގެ ފަހުން

މިއީ އެއްވެސް އިރެއްގައި ހިނގި ނުވަތަ ހިނގާފާނެ ކަމަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެއް ނޫނެވެ. މިއީ 3 އެޕިސޯޑަށް ދެމިގެންދާނެ ހިޔާލީ ވާހަކައެކެވެ.
މަޑު ހިނގުމެއްގައި ހިނގާލާފައި ދިޔަ ސާރާއަށް ދެވެނީ ކޮންތާކަށްކަން ޚުދު އޭނާއަށްވެސް ނޭނގެއެވެ. މަޖީދީމަގުން ހިނގާފައި ދިޔަ ސާރާގެ މިސްރާބު ހުރީ ރަސްފަންނާ ދިމާލަށެވެ. ވެލިގަނޑުގައި ފައިތިލަ ޖެހުމާއެކު ސާރާގެ ހިނގުން ބާރުވެގެން ދިޔައެވެ. ދަންވަރުގެ ވަގުތުކަމުން މަގުމަތީގައި އުޅޭ މީހުން މަދެވެ. އެވަގުތު ރަސްފަންނުގައި އެކަކުވެސް ނެތެވެ. ސާރާ ހިނގަމުން ގޮސް މަޑުމަޑުން މޫދަށް ފޭބިއެވެ. އެވަގުތު އޭނާ ފެނުނު ކޮންމެ މީހަކަށްވެސް ސާރާ ފެންނާނީ މޮޔައެއް ފަދައިންނެވެ. ސާރާގެ ފުރާނަ ހުއްޓެއް ކަމަކު އެއްވެސް ދިރުމެއް ނެތް ފަދައެވެ. ސާރާއަށް ހޭވެރިކަންވީ މީހަކު އޭނާގެ ގައިގައި ހިފާ ތަޅުވައި ގަތުމުންނެވެ. “މޮޔަވެފައި ތަ ތިހުރީ؟” އެ މީހަކު ހަޅޭއްލަވައިގަތެވެ. ސާރާ ގާތަށް އައީ ރުޅިއެވެ.”އަހަރެން ދޫކޮށްލާ ކަލެއަށް ކޮންކަމެއްތަ؟” ރުންކުރު ގޮތަކަށް ސާރާ އެ މީހާއާ ދިމާލަށް ބުންޏެވެ. ނަމަވެސް އެ މީހާ ސާރާގެ އަތުން ދޫކޮށްނުލައި ދަމާފައި ކަހަލަ ގޮތަކަށް ސާރާ މޫދުން އެރުވިއެވެ. ސާރާ ގަދަ ދެއްކި ކަމުގައި ވިޔަސް އެ މީހާ ވަރުގަދައެވެ. ސާރާ އަތުން އެންމެ ފަހަރަކުވެސް ދޫކޮށްނުލައެވެ. ސާރާ ވެލިގަނޑުގެ މައްޗަށް ވެއްޓުނީ އެމިހާ އޭނާގެ އަތުން ދޫކޮށްލުމުންނެވެ. ކުރެވުން އުޅުނު ކަންތައް ސާރާ އިހުސާސްވީ ދެނެވެ. އެވަގުތު އޭނާއަށް ރޮއިގަނެވުނެވެ. އެ މީހާ ކަޅިޖަހާނުލާ ސާރާއާ ދިމާ ބަލަން ހުއްޓެވެ. މަގުބައްތީގެ އަލީގައި އެ މީހާ ސާރާއާ ދިމާއަށް ރީތިކޮށް ބަލާލިއެވެ. މަޑުފެހި ކުލައިގެ ނިވާކަންކުޑަ ނިދާ ހެދުމެއްގައި ސާރާގެ ހަށިގަނޑުގެ ބައްޓަން ސާފުކޮށް ފެނެއެވެ. އެ މުށި ކުލައިގެ ހަންގަނޑުން ފެންނަނީ ގުދުރަތީ އުޖާލާ ކަމެކެވެ. ކޮނޑާ ހަމައަށް އޮތް ބުޅި އިސްތަށިގަނޑު މޫނުމައްޗަށް ފައިބާފައިވާއިރު، އެ ދިގު ހިމަތޮޅި ހަށިގަނޑުން ފެންނަނީ ހިތްގައިމު އޮމާން ހަރަކާތްތެރި ކަމެކެވެ. އެ މީހާ ސާރާ އާއި ދިމާއަށް ބަލަހައްޓައިގެން އެހާ ގިނައިރު ހުރެވުނުކަން އިހުސާސް ކުރެވުނީ ސާރާ އިސްއުފުލާލާފައި އެ މީހާއާއި ދިމާއަށް ބަލާލުމުންނެވެ. ސާރާގެ ލޯ ވަނީ ރަތްވެ ދުޅަވެފައެވެ. ސާރާގެ މޮޅިވެރިކަމުގެ ފުރަގަހުގައި ހައިރާންކުރުވަނިވި ކަމެއް ފޮރުވިފައިވެއެވެ. ސާރާގެ ލޮލުން ފެންނަމުން ދަނީ މަދުން ނޫނީ ނުފެންނަފަދަ ވިލުނޫ ކުލައެކެވެ. ރާއްޖޭގައި މިފަދަ ކަޅިއެއް ފެނުން އެއީ ވަރަށް ނާދިރު ކަމެކެވެ. ހިތާމައިގެ އަސަރު އެ ލޮލުން ކިތަންމެ ވަރަކަށް ފެންނަން ހުރި ނަމަވެސް އެއީ ނުބަލާ ދޫކޮށްލެވޭނެ ވަރަށްވުރެ ފުރިހަމަ ރީތިކަމެކެވެ. “ކޯއްޗެއް ތި ބަލަނީ؟” ސާރާ ހަޅޭއްލަވައިގަތެވެ. “މި ގުޅެނީ ޕޮލިހަށް، ކަލެއަށް އެނގޭތަ ތި ކުރަން އުޅެނީ ކިހާވަރެއްގެ ކަމެއްކަން؟” ރައްދުގައި އެއްޗެއް ނުބުނެ އެ މީހާ ބުންޏެވެ. ސާރާ ޖެހިލުންވިއެވެ. ޙަޤީޤަތުގައިވެސް އެ މީހާ ޕޮލިހަށް ގުޅާފާނެއެވެ. ސާރާ ކޮޅަށް ތެދުވެ އޭނާގެ ގައިގައި ތަތްވެފައި ހުރި ވެލިތައް ފޮޅާލަން މަސައްކަތް ކުރަމުން ބުންޏެވެ. “ޕޮލިހަށް ގުޅާނެ ކަމެއް ނެތް، އަހަރެން މި ދަނީ ގެއަށް ދާން”. އެ މީހާ ސާރާގެ އެބަސްތައް ގަބޫލެއް ނުކުރެއެވެ. ނަމަވެސް އިތުރަށް އެއްޗެކޭ ނުބުނެއެވެ. ސާރާ މަޑުމަޑުން ހިނގައިގަތެވެ. ސާރާ ހިނގަމުން ގޮސް ނިވާ ވަންދެން އެ މީހާ ސާރާގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. ސާރާ ގޮސް ނިވާވުމުން އޭނާގެ ސައިކަލަށް އަރާ ދުއްވާލިއެވެ. ދާނެ ވަކި މިސްރާބެއް ނެތި ސާރާ ހިނގަމުން ދިޔައީ މަޖީދީ މަގުންނެވެ. އޭނާއަށް ނޭނގޭ ކަމަކީ އެއްކަލަ މީހާ އޭނާގެ ފަހަތުން އަންނަކަމެވެ. އެ މީހާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ނިޔަތުގައި އޭނާ ސާރާއަށް ނޭނގޭނެހެން ސާރާގެ ފަހަތުން ދުއްވާފައި ދިޔައެވެ. މިފަދަ ގަޑިއެއްގައި އެކަހަލަ ކަމެއް ކުރަން ކެރޭނީ ވަރަށް ބޮޑުކަމެއް ވެގެންކަން އެ މީހާއަށް ގަބޫލުކުރެވުނެވެ. ނޭނގޭ ކަމަކީ އެ ސަބަބަކީ ކޮބައިކަމެވެ. ސާރާ ދާ ހުރިހާ މަގަކުން އެ މީހާ ދުއްވަމުން ދިޔައެވެ. ތެމިފައި ހުރުމުން ހީކަރުވާ ގޮތް ވިޔަސް އޭނާ އެކަމާ ފަރުވާލެއް ނެތެވެ. ހިނގަމުން ގޮސް ސާރާ ހުއްޓުނީ ގަލޮޅު ސިޓީ ޕާކް ބެންޗެއްގައެވެ. އެ މީހާވެސް ސައިކަލު ހުއްޓާލީ ޕާކް ކައިރީ ގައި ސާރާއަށް ނުފެންނާނެ ހެންނެވެ.
ގަޑިން މެންދަމު ދޭއް ޖަހަނީއެވެ. ސާރާ އިނީ އަދިވެސް އެތާނގައެވެ. އޭނާގެ އަތުގައި ފޯނެއްވެސް ނެތެވެ. މީހަކު އޭނާ ގެއްލިގެން ނުހޯދަނީ ބާއޭ ވެސް އެ މީހާގެ ހިތަށް އެރިއެވެ. އެވަގުތު އެ މަގުން ދުއްވާފައި ދިޔަ ދެ ޕޮލިހުންނަށް އެ މީހާ ގޮވާލިއެވެ. އަދި ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. “ތި ބޭފުޅާގެ ނަމަކީ ކޮބާ؟” ޕޮލިސް މީހާ އަހާލިއެވެ. “އަޅުގަނޑުގެ ނަމަކީ ޝިޔާޒް” އެ މީހާ ޖަވާބު ދިނެވެ. “އެންމެ ރަނގަޅު ދެން ތިބޭފުޅާ މިތަނުން ދިޔަޔަސް” މިހެން ބުނުމަށްފަހު ދެ ޕޮލިހުން ޕާކުގެ ތެރެއަށް ވަންނާން ހިގައިގަތެވެ. ޕޮލިހުން ސާރާ އާއި އަރާ ހަމަވަންދެން ޝިޔާޒް މަޑުކޮށްގެން އިނެވެ. “އައްސަލާމް ޢަލައިކުމް”. ޕޮލިސް މީހާ ސާރާއާ އަރާ ހަމަވެފައި ސަލާމް ގޮވާލިއެވެ. ސިއްސައިގެން ގޮސް ސާރާ އެ މީހުންނަށް ބަލާލިއެވެ. “ސާރާ!” ހައިރާންވެފައި އެ ތަނުން އެކަކު ގޮވާލިއެވެ. އާމިރު އަށް ސާރާ މި ގަޑީގައި މިފަދަ ގޮތަކަށް ފެނުމުން ކަންބޮޑުވިއެވެ. “ކޮބާ ހުސެން؟” އާމިރު އަހާލިއެވެ. ސާރާއަށް ރޮވެން ފެށުނެވެ. އާމިރު އޭނާއާއި އެކުގައި ހުރި އަނެއް އޮފިސަރަށް ލޮލުން އިޝާރާތްކޮށް ދުރުގައި މަޑުކޮށްލުމަށް އެދުނެވެ. އާމިރަކީ ސާރާގެ ފިރިމީހާ ހުސެންގެ ދުވަސްވީ ރައްޓެއްސެއް ކެވެ. އާމިރު ސާރާއާ ކައިރީ ބެންޗުގައި އިށީނދެލިއެވެ. ސާރާއަށް އޭރުވެސް ރޮވެނީއެވެ. އާމިރު ކެތްތެރިކަމާއެކު ސާރާގެ ކައިރީގައި އިށީދެލައިގެން އިނެވެ. ސާރާ ހަމަޖެހުމަށްފަހު އާމިރާ ދިމާލަށް އެނބުރިލިއެވެ. ސާރާ ނިވާކަން ކުޑަ ހެދުމުގައި ފެނުމުން އާމިރު ލަދުގަތެވެ. އަދި ދުރަށް ބަލާލިއެވެ. ސާރާއަކީ އެ ގޮތަށް ބޭރަށް ނިކުމެ އުޅޭ މީހެއް ނޫންކަމުން ކޮންމެވެސް ބޮޑުކަމެއް ވެގެން އުޅޭކަން އާމިރުއަށް އެނގުނެވެ.
“ކޮބާ ހުސެން؟” އާމިރު އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. ސާރާ ގިސްލަމުން އާމިރު އާއި ވާހަކަ ދައްކަން ފެށިއެވެ. “އޭނާ އަހަންނަށް އެ ވަރުގެ ބޮޑު ލަނޑެއް ދޭނެ ކަމަކަށް ދުވަހަކު ވެސް ހިތަކަށް ނާރާ، އާމިރުއަށް އެނގޭތަ އޭނާއާއި ސުމާ އާއި ދެމީހުން ސުމާގެ ކޮޓަރިތެރޭގައި ތިއްބާ ނަގާފައި ހުރި ފޮޓޯތަކެއް އަހަންނަށް ފެނިއްޖެ”. “ސުމާ އޭ!” އާމިރު ހައިރާންވެފައި އަހާލިއެވެ. ސުމާއަކީ ހުސެންގެ އޮފީހުގައި މަސައްކަތްކުރާ ކުއްޖެކެވެ. އެކި ފަހަރު މަތިން އާމިރުއަށް ވެސް ވަނީ ސުމާ އާއި ދިމާވެފައިވެއެވެ. “އާން، ސުމާ. އޭނާ އަހަރެންގެ ދިރިއުޅުމަށް ލޯ އަޅާތާ އެތައް ދުވަހެއް ވެއްޖެ. އޭނާ އެކަން ކާމިޔާބު ވެސް ކޮށްފި”. “ސާރާއަށް ކިހިނެއް ތިކަން އެނގެނީ؟” އާމިރު އަށް ޤަބޫލުކުރަން ދަތިވި އެއްކަމަކު އޭނާ އަހާލިއެވެ. “މިރޭ އަހަރެންނަށް ހުސެންގެ ފޯނުން އެ ފޮޓޯތައް ފެނުނީ. އަހަރެން އޭނާއަށް ސުވާލުކުރުމުން އޮޅުވާލަން މަސައްކަތްކުރި ނަމަވެސް ޙަޤީޤަތް އޮތީ ރަނގަޅަށް ހާމަވެފަ. ސިއްރުކުރާނެ އެއްވެސްކަމެއް ނެތުމުން އޭނާ އަހަންނާ ހުރިހާ ވާހަކައެއް ކިޔައިދިން. ސުމާ އާއި އޭނާ ރައްޓެހިވެގެން އުޅޭތާ ހަތަރު މަސް ވެއްޖެ. ހުސެން ބުނަނީ އަހަރެން ވަރިކުރަން ބޭނުންވާކަމަށް. މި ހުރިހާ ދުވަހަކު އޭނާ އުޅުނީ އަހަންނަށް އޮޅުވާލައިގެން. ދެމީހުން އެކުގައި ރިސޯޓްތަކަށް ވެސް ގޮސްފައިވޭ. އަހަރެމެން ދެމީހުން ކައިވެންޏަށް އަދި މިވީ އެންމެ ދެ މަސް. އަހަންނާ ކައިވެނިކުރީ ކީއްކުރަން؟ އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލީ ކީއްވެ؟” ސާރާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. އާމިރު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހުސެން އާއި އާމިރުގެ އެކުވެރިކަން ފެށުނީ ސްކޫލް ދައުރުން ނެވެ. ވޭތުވެ ދިޔަ ބާރަ އަހަރު ތެރޭގައިވެސް ހުސެންގެ ޙަޤީޤަތް އާމިރު ނޭނގުނީތީ ހައިރާންވެއްޖެ. އާމިރު އަށް ހަދާނެގޮތެއް ނޭނގުނެވެ. ދާނެ ވަކި ތަނެއް ނެތް ހާލަތުގައި އޭނާ ސާރާ އެކަނި ދޫކޮށްލަން ބޭނުންނުވާތީ، އެރޭ މަޑުކޮށްލާނެ ތަނަކާއި މެދު ވިސްނާލިއެވެ. އަދި ކުޑަވަގުތުކޮޅަކަށް ފަސް ޖެހިލުމެއްނެތި، އެހީތެރިކަމަށް އެދުމަށްޓަކައި އޭނާއަށް މިވަގުތު އެންމެ އިތުބާރުކުރެވޭ ހަމައެކަނި ފަރާތަށް ފޯނުން ގުޅިއެވެ. ކުޑަ ވަގުތުކޮޅަކު ފޯނު ރިންގު ވުމަށްފަހު އެކޮޅުން ފޯނު ނެގިއެވެ. އާމިރު އާއި އެ މީހާ ވާހަކަ ދެއްކުމަށްފަހު ފޯނު ބޭވިއެވެ. އާމިރު ތެދުވެގެން ގޮސް އަނެއް އޮފިސަރާ ވާހަކަ ދައްކާލިއެވެ. ދިހަވަރަކަށް މިނެޓު ފަހުން ސައިކަލެއް އައިސް ޕާކް ކައިރިއަށް ހުއްޓާލިއެވެ. ސައިކަލުން ފޭބި އަންހެން ކުއްޖާގެ މިސްރާބު ހުރީ ސާރާއިން ބެންޗާއި ދިމާލަށެވެ. އާމިރުވެސް އައިސް ބެންޗު ކައިރިއަށް ހުއްޓުނެވެ. ނަދާއަށް ސާރާއިން ހާލު ފެނުމާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. ނަދާއަކީ އާމިރުގެ ކޮއްކޮ އަދި ސާރާގެ ކޮލެޖުން ދިމާވި އެކުވެރިއެކެވެ. ނަދާ ގެނައި ބްލޭންކެޓް އަވަސް އަވަހަށް ސާރާގެ ގައިގައި އޮޅާލިއެވެ. ނަދާ ފެނުމުން ސާރާގެ ރުއިން އިތުރުވިއެވެ. ނަދާއާއި އާމިރުގެ އެހީގައި ސާރާ ނަދާގެ ސައިކަލާއި ހަމައަށް ދިޔައެވެ. ސާރާ ސައިކަލަށް އަރާ ހަމަޖެހި ލުމާއި އެކު ނަދާ ސައިކަލް ދުއްވާލިއެވެ. ސައިކަލު ހުއްޓާލީ ނަދާގެ ގޭގެ ދޮރުމައްޗަށެވެ. ސާރާ ގޮވައިގެން ގެއަށް ވަދެ، ނަދާގެ ކޮއްކޮ ނަދުހާގެ ކޮޓަރި ދައްކާލަމުން މިރޭ އެ ކޮޓަރީގައި ނިދާލުމަށް ސާރާ ގާތު ބުންޏެވެ. އަދި ނަދުހާ ވީ ރާއްޖެއިން ބޭރުގައި ކަމުން ދުވަސްކޮޅަކު މަޑުކޮށްލަން ބޭނުންވިޔަސް ހުރެވިދާނެ ކަމަށްވެސް ބުންޏެވެ. މިވަގުތު ނަދާއަށް މުހިންމުވީ ސާރާ ލައިގެން ހުރި ތެތް އެއްޗެހި ބަދަލުކުރުވާ އޭނާ އަރާމު ކޮށްލާ ހަމަޖެހިލާނެ ފުރުސަތު ދިނުމެވެ. ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ނަދާއަށް އެނގުމުން އިތުރަށް އެވާހަކަ ދައްކާ ސާރާ ދެރަވާކަށް އޭނާ ބޭނުމެއް ނޫނެވެ. ސާރާ ގާތު ފާހާނައަށް ވަންނަން ބުނުމަށްފަހު ނަދާ ގޮސް އޭނާގެ އަލަމާރިން ހެދުމެއް ނަގާ ދިއްކޮށްލިއެވެ. ސާރާ ފާހާނާއިން ނިކުތްއިރު ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. ސާރާވެސް އިތުރު ވާހަކަ ދެއްކުމެއް ނެތި އެނދުގައި އޮށޯވެލިއެވެ. ވެފައި ހުރި ވަރުބަލި ކަމެއްގެ ސަބަބުން އޭނާއަށް އިސާހިތަކު ނިދުނެވެ.
ސާރާގެ ފަރާތުން އަޑުއިވުނު ވާހަކަތަކުގެ ތެދުދޮގު ހޯދަން އާމިރު ބޭނުންވީ އޭނާގެ އެކުވެރިޔާގެ ކައިރިންނެވެ. އާމިރުގެ މިސްރާބު ހުރީ ސާރާއާއި ހުސެންގެ ގެއާ ދިމާލަށެވެ. އާމިރު އެ ގޭގެ ދޮރުގައި ޓަކި ޖަހައިލި ވަގުތު، އަމިއްލައަށް ދޮރު ހުޅުވިގެން ދިޔައެވެ. ޖެހިލުންވެ ހުރެ އޭނާ ގޭތެރެއަށް ވަދެގެން ދިޔައިރު، ކުރިމަތިން ފެނިގެންދިޔަ މަންޒަރު ގަބޫލުކުރަން ވެސް އާމިރަށް ދަތިވިއެވެ.
ނުނިމޭ…..
Comments (1)
Comments are closed.
V reethi.. kiyaa huthun indha e nimunee