ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 57
ހަރްވިންދުގެ ޝައްކު ބޮޑުވަމުން ދިޔައެވެ. އެނާ ރީމްއާ ސުވާލުކުރުމުން އެމޫނުމަތިން ބަދަލުވަމުންދިޔަ ކުލަ ނިކަން ރަނގަޅަށް ފާހަގަ ކުރެވިފައިވެއެވެ. މިކަމުގައި ރީމްގެ އަތެއްވާކަމަށް ވަރަށް ބޮޑަށް ޝައްކުކުރެވިއްޖެއެވެ. އަނެއްކާ އީމަންގެ ބަޔާނާ ރީމްގެ ޖަވާބުތަކާ ތަފާތެވެ.
“އެހެންވީމަ ބޮޑަށް ބެލެވެނީ މީ ހަމަ ރާވައިގެން ކުރެވިފައިވާ ކަމެއްކަމަށް، ބާބޫ އެހެންވީމަ ދެން ކަންތައް ކުރަންވީ ގޮތާއިގެން ކުރިއަށް ދޭ. އަހަރެން ވަރަށް އަވަހަށް ނަތީޖާ ބޭނުން.” ހަރްވިންދު ބުނެލިއެވެ.
ޝިފާއަށް ގެއަށް އާދެވުނީ ހަވީރުގައެވެ. އެންމެ ފުރަތަމަވެސް މިސްރާބު ޖެހީ ޖާހަތުގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ރަނގަޅަށް އެތެރެއަށް ނުވަދެވިގެން އުޅެނިކޮށް ފާހާނާއިން ޖާހަތު އޯކަށް ދެމޭއަޑި އިވުނެވެ. ޝިފާ ޖާހަތުއަށް ގޮވަމުން ފާހާނާ ދޮރުކައިރީގައި މަޑުކޮށްލިއެވެ.
ޖާހަތު ބޭރަށް ނިކުތެވެ. މޫނު ދޮވެލައިގެން ހުރިއިރުވެސް މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ.
ޖާހަތު ފެނުމާއެކީ ޝިފާ އަވަސްއަވަހަސް ޖާހަތުގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ.
“ހިނގާ އަވަހަށް ޑޮކްޓަރަށް ދަމާ. އަދިވެސް ރަނގަޅެއް ނުވެއެއްނު.” ޝިފާ ކަންބޮޑުވެފައި ހުރެ ބުނެލިއެވެ.
ޖާހަތު އިންކާރުކުރިއެވެ.
“އެކަމަކު ހާދަ ވަރަކަށޭ ތި ހޮޑުލަނީ.” ޝިފާ ބުނެލިއެވެ.
“ނުގުޅޭ އެއްޗެއް ކެވުނީ ކަންނޭނގެ.” ޖާހަތު ބުނެލިއެވެ.
“އަހަރެން މިގުޅަނީ ހުމާމަށް.” ޝިފާ ބުނެލިއެވެ.
ޖާހަތު ޝިފާ ހުއްޓުވިއެވެ. އަދި ބޭކާރުކަމެއްގައި ހުމާމަށް އުނދަގޫ ކުރުމުގެ ބޭނުމެއް ނެތް ކަމުގައި ބުންޏެވެ.
ޝިފާ ގުޅަން ކިތަންމެ ބޭނުންވިނަމަވެސް ޖާހަތު އާދޭސްކުރަމުން ދިޔަ ވަރުން ގުޅާކަށް ނުކެރުނެވެ.
އިޔާނާއަށް ހޭލެވުނީ ހަވީރުގައެވެ. ގިނައިރު ނިދުމުގެ ސަބަބުން ބޮލަށް ބަރުކަންވަނީ ވެރިވެފައެވެ. އޭގެ އިތުރުން ބަނޑުހައިވެގެންގޮސް ތުރުތުރު އަޅަމުން ދަނީއެވެ. މޫނު ދޮވެލުމަށްފަހު އަވަސްއަވަހަށް ކޮޓަރިން ނިކުތެވެ. ބަދިގެއިން އެއްޗެއް ކާލުމުގެ ނިޔަތުގައެވެ.
ރީމްއާއި ޝަކީލާ ތިބީ ކާކޮޓަރިގައި ސައިބޯށެވެ.
“ދަރިފުޅު ތަންކޮޅެއް ހަމަ ޖެހިލައިގެން އިނދެ ވިސްނާލަބަލަ. މިވަގުތު އެންމެ މުހިންމީ ތި ތަހްޤީޤް ހުއްޓުވުމެއްނޫން. އެއިޔާނާގެ ކިބައިން އީމަން ސަލާމަތްކުރުން. އަންހަނަކާ އަވަލަވައްޖެ މީހެއް ސަލާމަތްކުރަން ވަރަށް އުނދަގޫވާނެ. އަނެއްކޮޅުން އެއީ ހަމަ ހަޤީޤަތުގައިވެސް އެ ޔާނާއަށް ވެއްޖެނަމަ ދެން އެ ނިމުނީ.” ޝަކީލާ ވާހަކަ ދައްކަމުންދިޔައެވެ.
ޝަކީލާގެ ވާހަކަތަކުން ރީމްގެ ހިތަށް ނުތަނަވަސްކަން ލިބެމުންދިޔައެވެ.
“ހަމަހިލާ ތިޔަހެން ވިޔަކަ ނުދޭނަން. މިހާ ހިސާބަށް އައިސްފަ ދެން ބަލި ގަބޫލުކުރުމެއް ނެތް. މަންމަ ތިބުނިހެން އަހަރެންނަށްވެސް ހީވަނީ އެއީ އައްޓަމަހެއް ހެން. ދުރު ކުރީ ތަތްލެވީ. މިފަހަރު އޭނައަމިއްލައަށް މިގެއިން ނިކުމެގެން ދާވަރުކުރާނަން. އަނެއްކޮޅުން އެ ތަހްޤީޤުވެސް އެބަޖެހޭ ހަމަ މިވަގުތުން ވަގުތަށް ހުއްޓުވަން.” ރީމް ސައިފޮދު ބޯލަމުން ބުނެލިއެވެ.
ބަދިގޭ ދޮރުކުރިމަތީގައި ހުރި އިޔާނާ ޝަކީލާއަށް ފެނުނީ އެވަގުތުއެވެ. އޭނާ ކޮށިއެރިއެވެ. ރީމްއަށް މިކަން ފާހަގަކުރެވި ދޮރާދިމާއަށް ބަލައިލެވުނެވެ. އިޔާނާ ފެނި އޭނާގެ އަނގައިން ބަސްހުއްޓުނެވެ.
“އިޔާނާ” ރީމްއަށް ހައިރާންކަމާއެކީ ބުނެލެވުނެވެ. ޖެހިލުންވެފައި ހުރެއެވެ.
“ހާދަ ހައިރާންވީ؟ ކިހިނެތްވީ؟” ރީމްގެ ހައިރާންކަން ފެނި އިޔާނާއަށް ސުވާލުކޮށްލެވުނެވެ. އަދި އެތެރެއަށް ވަނެވެ.
ރީމްއާ ޝަކީލާ އެކަކު އަނެކަކަށް ބަލައިލިއެވެ. އިޔާނާއަށް އެއްވެސް އެއްޗެއް އަޑުނީވޭހެން ހީވުމުންނެވެ.
އިޔާނާ މޭޒުކައިރީގައި އިށީނދެ ޖޯޑަށް ސައިއަޅަންފެށިއެވެ. “ކޮން ތަހުޤީޤެއްތަ؟”
އިޔާނާގެ ސުވާލުން ރީމްއަށް އަނެއްކާ ހުއްޓުން އެރިއެވެ. ކަންބޮޑުވެފައި ޝަކީލާއަށް ބަލައިލެވުނެވެ. ޝަކީލާ އަވަސްއަރުވާލާފައި ތެދުވެގެން ބޭރަށް ނިކުތީއެވެ. ރީމްއަށް ތުން އޫކޮށްލެވުނެވެ.
“މާންގެ އެކްސިޑެންޓްގެ ތަހްގީގް.” ރީމް މަޑުމަޑުން ބުނެލިއެވެ.
“ރީމް! އަހަރެން ބޭނުން އަހަރެންގެ އަސްލު ހޯދަން.” އިޔާނާ ސޭންޑްވިޗެއް ނަގައިގެން ކާންފަށަމުން ބުނެލިއެވެ.
ރީމް ވިސްނާލިއެވެ. މިސުވާލު އިޔާނާ ކުރާނެކަން އޭނާއަށް އެނގެއެވެ. “އަހަރެންނަށް ހީވަނީ ތި ސުވާލުގެ ޖަވާބު އެންމެ ފަސޭހައިން ހޯދޭނީ ޒާން ކައިރިންހެން.” ފުންނޭވާއެއް ލުމަށްފަހު ރީމް ވާހަކަ ދައްކަންފެށިއެވެ. “އިޔާނާއަށް ތިއީ އެހެން މީހެއްހެން ހީވާނަމަ އެސުވާލުތައް ޒާންއާ ކުރޭ. އޮޅުން ފިލުވާ. އެކްސިޑެންޓްވީ ކޮންތާކު ކިހިނެތްތޯ ސުވާލުކުރޭ.” ރީމް ބުނެލިއެވެ.
ރީމްގެ ރާގުގައި ފިނިގޮތެއް ހުރިކަން އިޔާނާއަށް ފާހަގަ ކުރެވުނެވެ. ވިސްނާލަން މަޖުބޫރުވިއެވެ. ‘ކުށްވެރިއަކީ ޚުދު އަހަރެންނެވެ. ކޮންމެ ގޮތެއްވިޔަސް އީމަންއަކީ ރީމްގެ ފިރިމީހާއެވެ. އެހެންމީހެއްގެ ހައްގަކަށް މީހެއް އަރައިގަންނަން އުޅޭހެން ހީވާނަމަ ހިތްހަމަ ނުޖެހޭނެކަން ޔަޤީނެވެ. އަހަރެންނަށް އެވާހަކަ ރީމް ކައިރީގައި ދެއްކުނީ ހުރި މޮޔަކަމުންނެވެ. ގާތް ރަހްމަތްތެރިއެއް ކަމުގައި ބެލެވުނީތީއެވެ. މިކަމުގައި ރީމްގެ އެއްވެސް ކުށެއް ނެތެވެ. ރީމްގެ މަޤާމުގައި އަހަރެން ހުރި ނަމަވެސް ކަންތައް ކުރެވޭނީ ހަމަ މިހޮތަށް ކަމަށް ވެދާނެއެވެ.’ ހިތަށް އަރަމުން ދިޔަ ބަސްތަކުން އިޔާނާ ސައިބޯ ހިތް ކެނޑުނެވެ. މަޑުމަޑުން ސައިތަށި ހުސްކޮށްލެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. ‘އަހަރެންގެވެސް އާއިލާއެއް ވާނެ ނޫން ހެއްޔެވެ؟ މަންމައަކާ ބައްޕައެއް. ނުވަތަ އެއްބަނޑު އެއްބަފާ މީހެއް. ނުވަތަ ގާތް ރައްޓެއްސެއް ނަމަވެސް ހުންނަން ޖެހޭނެ ނޫން ހެއްޔެވެ؟ ޒާން ފިޔަވައި އަހަރެންނާ އެއްވެސް ގުޅުމެއް ހުރި މީހަކު ނެތެވެ. އަހަރެންގެ ހަޤީޤަތަކީ ކޮބައިބާއެވެ؟ ޔަތީމެއް ހެއްޔެވެ؟ ނުވަތަ މަގުމަތީގައި ސަލާން ޖަހަން އުޅެނިކޮށް ޒާން ކައިވެނިކޮށްގެން ގެނައީ ހެއްޔެވެ؟
ހިޔާލުތަކުންފުރިގެންވާ ކަނޑަކަށް ގެނބިފައި އިންދާ ކާކޮޓަރިއަށް ވަދެގެން އައީ އީމަންއެވެ. އީމަންއަށް އިޔާނާ ފެނި އެދިމާއަށް ސަމާލުކަން ދެވުނެވެ.
“ހައި!” އީމަން ފެންފުޅިއެއް ނަގައިގެން މޭޒު ކައިރީގައި އިށީނނަމުން ބުނެލިއެވެ.
އިޔާނާ ކުޑަކޮށް ސިހި ހިނިތުންވެލިއެވެ.
އީމަން އިތުރު އެއްޗެކޭ ނުބުނެއެވެ. އިޔާނާ ފުންނަޒަރަކުން އީމަންއަށް ބަލައިލިއެވެ.
“އަހަރެން ސުވާލެއް ކޮށްލަންތަ؟” އިޔާނާ މަޑުމަޑުން ބުނެލިއެވެ.
އީމަން އާނއެކޭ ބުނެ އިޔާނާއަށް ބަލައިލިއެވެ.
“ތިއީ ޒާންގެ އެންމެ ގާތް އެއް ރަހްމަތްތެރިޔާ. އަހަރެންނާ ބެހޭ ގޮތުން އެނގެނީ ކޮންއެއްޗެއްތަ؟ އަހަރެންމިއީ ކާކުތަ؟ އަހަރެންގެ އާއިލާއެއް ވޭތަ؟” އިޔާނާ ހިތުގައިވާ ސުވާލުތައް ކޮށްލިއެވެ.
އީމަން ވިސްނާލިއެވެ. އިޔާނާ އޭނާގެ އަސްލުހޯދަން އެވަރަށް މަސައްކަތް އެކުރަނީ ޒާން އޭނާއަށް އެއްވެސް އެއްޗެއް ކިޔައިނުދޭތީކަން ޔަޤީނެވެ.
“އަހަރެންނަކީ ޒާންގެ ވަރަށް ގާތް ރައްޓެއްސެއް. އެކަމަކު ހަޤީޤަތަކީ ޒާންގެ އެއްވެސް ކަހަލަ ޕާޒަނަލް ކަމެއް އަހަރެންނާ ހިއްސާ ނުކުރާކަން. ކުރިން ޒާން ކުއްޖަކާ ރައްޓެހިވެގެން އުޅުނުކަން އެނގޭ. އެކަމަކު އަހަރެންނާ ދުވަހަކުވެސް ހިއްސާއެއް ނުކުރޭ. އަދި ހަމަ އެހެންމެ އަހަރެންވެސް ސުވާލެއް ނުކުރަން. ހަމަ އެގޮތަށް ޒާންއަށްވެސް ނޭނގޭނެ އަހަރެންގެ ދިރިއުޅުމުގެ މަބޮޑު ހަޤީޤަތެއް، ހަމަ މި މިންވަރަށް އެނގޭނީ. ދެން އިޔާނާއަށް އެކަން ނާންގައި އޮތީ، އިޔާނާގެ ހަނދާން ނެތުމުންކަމުގައި ވެދާނެ. މާ ބޮޑަށް ވިސްނަން މަސައްކަތް ކުރުން އެއީ އެހާ ރަނގަޅުކަމެއްނޫން.” އީމަން އޭނާއަށް އެނގޭ އެއްޗެއް ބުނެދިނެވެ.
އިޔާނާ އެއްޗެކޭ ނުބުނެއެވެ.
“ކިހިނެތްވީ؟” އީމަން އޯގާތެރިކަމާއެކީ ބުނެލިއެވެ. “އިޔާނާއަށް ހީވަނީތަ ތިއީ އެހެންމިހެއްހެން؟”
އީމަންގެ ސުވާލަށް ދޭނެ ޖަވާބެއް އިޔާނާއަކަށް ނޭނގުނެވެ. ނުވަތަ ޖަވާބު ދޭން ބޭނުންނުވީއެވެ.
ރީމްއަށް ކާކޮޓަރިއަށް ވަދެވުނީ އެވަގުތުއެވެ. އީމަންކުރި ސުވާލު ރީމްއަށް ރީތިކޮށް އަޑު އިވުނެވެ. އެތެރެހަށި ކެކިގަތްފަދަ އެވެ.
“މިގޭގަ އުޅޭ ނޯކަރުންތައް ކޮބާ؟” ރީމް ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ. އީމަންއާ އިޔާނާއަށް ސިހުން ލިބި ހައިރާންކަމާއެކު ބަލައިލެވުނެވެ. ރީމް އަޑު ހަރުކޮށް ހަޅޭއްލަވައިގަތުމުން ގޭގައި މަސައްކަތް ކުރާ ނޯކަރުންތައް އަވަސްއަވަހަށް އެއްވިއެވެ.
“ކަލޭމެން ކީއްތަ ކުރަނީ ދުވާލު ހަތަރުދަމު؟ ބަލަ ކަލޭމެންގެ ސާހިބުމީހާއަށް ހިދުމަތްކުރުން ނޫން ކަމެއް ކޮށްގެން ނުވާނެކަން އެނގެއެއްނު. އެކޮޓަރީގަ ފެންފޮދެއްވެސް ބަހައްޓާލުން ބުރަދޯ؟ އޭނަ އަމިއްލައަށް އައިސް އެ ފެން ބުއީ.” ރީމް ހަޅޭއްލަވަމުން ދިޔައެވެ.
ނޯކަރުންތައް ތިބީ އިސްއޮބާލައިގެންނެވެ.
އިޔާނާއާއި ރީމްއަށް ތެދުވެވުނެވެ.
“ރީމް! ކޮން ގޮތަކަށް ތިޔަ ވާހަކަ ދައްކަނީ؟ ތިއީ މީހުންނާ ވާހަކަ ދައްކާ ގޮތްތަ؟” އީމަން ނުރުހުންވި ނަމަވެސް މަޑުމަޑުން ބުނެލިއެވެ.
“މިމީހުންގެ ޒިންމާ އަދާނުކޮށް ތިބީމަ ދެން އަހަރެން ބުރަކަށީގަ ފިރުމަންތަ ވީ؟” ރިމް ރުޅި މަޑެއް ނުކުރިއެވެ.
“ރީމް ހުއްޓާލާ ހަމަ މިހާރު! އެމީހުން އެއީ މިގޭގަ މަސައްކަތް ކުރާ މީހުން. އަހަރެން ގެންގުޅޭ އަޅުންނެއް ނޫން. އަހަރެން އަމިއްލައަށް ބަދިގެއަށް އައީ. މިއީ މައްސަލައެއް ނޫން.” އީމަން ރުޅިވެރިކަމާއެކު ބުނެލިއެވެ.
“މިހުރިހާ ދުވަހުވެސް މާން މިގޭގަ އުޅުނު. އެކަމަކު ބަދިގެއަށް، އުނދުން ކައިރިއަށް ގޮސް އުޅޭ ތަނެއް ނުދެކެން. ދެން މިހާރު ކީއްވެ މިތަންތަނަށް ދާން ވަކި ޝައުގުވެރިވެގެން ތިއުޅެނީ.؟” ރީމް އެތަނުން ނިކުމެގެން ދިޔައެވެ. އީމަންވެސް ފަހަތުން ނިކުތެވެ. އިޔާނާއަށް ހުރި ފިޔަވަޅުމަތީގައި ގުޑިލަން ނޭނގިފައި ހުރެވުނީއެވެ. ރީމްގެ ވާހަކައިގައި އޭނާއަށް އިޝާރާތްކުރަމުންދިޔަކަން އޭނާއަށް ޔަޤީނެވެ. އީމަންއާ ރީމްގެ ދެމެދުގައި މައްސަލަ ޖެހުމުން އެދަނީ އިޔާނާގެ ސަބަބުންކަމަށް ހިތްބުނެލިއެވެ.
އާއިޒުއާއި ހުމަޔޫން ޒާންއާ ބައްދަލުކުރަން ދިޔައެވެ. ކަންދިމާވިގޮތުން އެގަޑީގައި ޒާން ގޭގައި އުޅެއެވެ. ހުމަޔޫން ހީކުރިގޮތާ ހިލާފަށް ޒާންގެ ކިބައިގައި އެއްވެސް ކަހަލަ ބީރައްޓެހި ގޮތެއް ނެތެވެ. ކުޑައިރުގެ ރަހްމަތްތެރިޔާ ފެނުމާއެކީ ޒާންއަށް ފާހަގަ ކުރެވުނެވެ. އުފަލުން އައިސް ބައްދާލަމުން މަރުހަބާ ކިއެވެ. އާއިޒުއާއި ހުމަޔޫންއަށް ލިބިގެން ދިޔައީ އިތުރު ޔަޤީންކަމެކެވެ. ހުމަޔޫން އާއިޒު ތަޢާރަފްކޮށްދިނެވެ. ވާހަކަތައް ދެއްކެން ފެށުނީ ޅަދުވަހުގެ ހަނދާންތަކުންނެވެ. އެކިވާހަކަތައް ދައްކަމުންގޮސް އެންމެ ފަހުން ހުމަޔޫން އާއިޒުގެ ވާހަކަތައް ކިޔައިދިނެވެ. އަދި މިހާރު ދިމާވެގެން މިއުޅޭ މައްސަލައާއި އެހައްލުކުރެވޭނެ ގޮތްވެސް ކިޔައިދިނެވެ. ހުމަޔޫން އެދުމުގެ ކުރިން ޒާން އަމިއްލައަށް އެކަމުގައި އެހިވާން ނިންމިއެވެ. ބޮޑު ވިޔަފާރިވެރިއެއްނަމަވެސް ޒާންގެ ކިބައިގައި އެއްވެސް ކަހަލަ ބޮޑާކަމެއް ނެތުމުން އާއިޒުއަށް އޭނާއަށް ވަރަށް ގަދަރުކުރެވުނެވެ.
“އެންމެ ފުރަތަމަ ބަލަންވީ ޖާހަތުގެ ހާލަތު. ޖާހަތުވީ އެގޭގައިތޯ ނުވަތަ ނޫންތޯ. އަދި އެގޭ މީހުންނަށް ޖަހަތުގެ އަސްލު އެނގޭތޯ ނުވަތަ ނޫންތޯ؟” ޒާން ވިސްނާލަމުން ބުނެލިއެވެ. އެގޮތުން ޒާން ޝިޔާމާ ބައްދަލުކުރަން އެގެއަށް ދާން ނިންމިއެވެ.
“މާދަމާ ދޯ ދެވޭނީ ދެން.؟” އާއިޒު ސުވާލުކޮށްލިއެވެ. ކުއްލިގޮތަކަށް ޒާންއަށް ދާން އުނދަގޫވާނެކަން އެނގޭތީއެވެ.
“އެކީއްވެ މާދަމާ ދާންވީ. މިރޭ ދާނީ. މިވަގުތު.” ޒާން ހިނިތުންވުމަކާއެކީ ބުނެލިއެވެ. އާއިޒުގެ ހިތް ޝުކުރުވެރިކަމުން ފުރުނެވެ. ޒާން އެއީ އާނާގެ އަމިއްލަ ކަމެއް ކަމުގައި ބަލައި އެކަމުގައި އެހީވެދޭން ތައްޔާރަށް ހުރިވަރު އިހުސާސްވުމުންނެވެ.
“އަޅުގަނޑު ވަރަށް އުފާވެއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ!” އާއިޒު ޝުކުރުއަދާކުރިއެވެ.
ޒާން އިންކާރުކުރިއެވެ. “ނޫން. އެންމެ ފުރަތަމަ ކަމަކަށް ތި އަޅުގަނޑު ކިޔުން ދޫކޮށްލާ. އަހަރެންނާ ހުމަޔޫންއަކީ ވަރަށް ގާތް ދެއެކުވެރިން. އަހަރުމެންވެސް ވާހަކަ ދައްކަނީ ހަމަ އެންމެ އާދައިގެ ކޮށް. އާއިޒުއަށްވެސް ހަމަ އެއުސޫލުގަ ހިފެހެއްޓޭނެއްނު. އަހަރެން މިއީ ހަމަ ތިމީހުން ކަހަލަ މީހެއް. ގާތްރައްޓެއްސެއް ކަމުގަ ބަލާ.” ޒާންގެ އެކުވެރި މިޒާޖުގެ ސަބަބުން އާއިޒަށް ޒާންވީ ވަރަށް މަޤުބޫލު މީހަކަށެވެ. އަދި ހަމަ އެހެންމެ ޖާހަތު ހޯދުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރަކަށެވެ.
ޒާން ޝިޔާމާ ބައްދަލުކުރަން ތައްޔާރުވާންފެށިއެވެ. މާގިނައިރުތަކެއް ނުވެ ތައްޔާރުވެލައިގެން ނިކުތެވެ. ޒާންގެ އެދުމުގެ މަތިން އާއިޒުމެންވެސް ދާން ނިންމިއެވެ. ޝިޔާމްގެ ގެއަށް ދިޔުމަށްޓަކައި ހިފި ހާއްސަ އަގުބޮޑުކާރެއްގައެވެ.
ފޭދޫ ބޮޑުމަގުން ދުއްވަމުން ގޮސް ޝިޔާމްމެންގެ ގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ހުމަޔޫނާ އާއިޒު ތިބީ ކާރުތެރޭގައެވެ. ޒާން ފައިބައިގެން ގޮސް ގޭޓު ކައިރީގައި ހުރި ގާޑްމީހާއާ ވާހަކަ ދެއްކިއެވެ. އަދި ޝިޔާމާ ބައްދަލުކުރުމުގެ ހުއްދަ ހޯދައިދިނުމަށް އެދުނެވެ. ޝިޔާމް އެވަގުތު ގޭގައި ނޫޅުއްވާ ކަމަށް އެމީހާ ބުންޏެވެ. ނަމަވެސް ވަރަށް އަވަހަށް އަތުވެދާނެ ކަމުގައި ލަފާކުރެވޭ ކަމަށް ބުންޏެވެ. ޒާން ކާރަށް އަރައި އިށީނދެ ހަމަޖެހިލިއެވެ. އަދި ޝިޔާމް އަންނަންދެން އިންތިޒާރުކުރާނީ ކަމުގައި ނިންމިއެވެ.
ޒާންމެންގެ އިންތިޒާރު ދިގުދެމިގެން ދިޔައީ ބައިގަޑީރަށެވެ. ޝިޔާމްގެ ކާރު ގޭ ކައިރިއަށް މަޑުކޮށްލިތަން ފެނުނެވެ. ގޭކައިރީގައި ކާރެއް އޮތުމުން ޝިޔާމަށް ހައިރާންކަން ލިބި ކާރުން ފޭބިއެވެ. އަދި ގާޑު ކައިރިން އޮޅުންފިލުވިއެވެ. އެވަގުތު ޒާން ކާރުން ފޭބިއެވެ. އަމަލުތަކުން މީހާގެ ޝަހްސިއްޔަތުގެ ބޮޑުކަމާއި ހައިބަތު ދައްކުވައިދެމުން ދިޔައެވެ.
“ޒާން އެއީ މެލޭޝިޔާގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ!.” ޒާންގެ ހަރަކާތްތައް ޝައުގުވެރިކަމާއެކީ ބަލަން އާއިޒު އާ ހުމަޔޫން ތިބެފައި ހުމަޔޫން ތަޢުރީފުކޮށްލިއެވެ.
ޒާން ފެނި ޝިޔާމްގެ ސަމާލުކަން ހުއްޓުނެވެ. ހެދުން އަޅާފައިވާ ފުރިހަމަކަމާއި ހިނގާފައި އަންނަ ހަރުދަނާކަމުން މީހާގެ ހައިބަތާއި އިއްޒަތްތެރިކަން ހާމަވަމުން ދެއެވެ.
“އައްސަލާމު ޢަލައިކުމް. ޝިޔާމް ދެއްތޯ؟” ޒާން ހުއްޓި ސަލާމަށް އަތް ދިއްކޮށްލިއެވެ.
ޝިޔާމް ސަލާމް ބަލައިގަންނަމުން ސަލާމްކޮށްލިއެވެ. އަދި އާނއެކޭ ބުނެލިއެވެ.
“އަޅުގަނޑަކީ ޒާން. ބައްދަލުކޮށްލަން ބޭނުން.” ޒާން އަދަބުވެރިކަމާއެކު ބުނެލިއެވެ.
“ޒާން ތަޢުފީޤް؟ ބިޒްނަސް ޓައިކޫން؟” ޝީޔާމް ޔަގީންކޮށްލިއެވެ.
ޒާން ހިނިތުންވެލަމުން ބޯޖަހާލިއެވެ. ޝިޔާމްއަށް އުފަލުން އަނގަ ހުޅުވާލެވުނެވެ. އޭނާ މީގެ ކުރިން ޒާން ދެކެފައި ނުވިނަމަވެސް މެލޭޝިޔާގައި އެންމެ މަޝްހޫރު ބިޒްނަސްމޭންގެ ވާހަކަ ވަނީ އަޑުއަހާފައެވެ. އަދި އެއީ އައްޑު އަތޮޅަށް ނިސްބަތްވާ މީހެއްކަންވެސް އެނގެއެވެ. ޒާންފަދަ ވިޔަފާރީގައި ކާމިޔާބު ބޭފުޅެއް އަމިއްލައަށް އައިސް ޝިޔާމް އާ ބައްދަލުކުރުމުން ޝިޔާމަށް ލިބިގެން ދިޔަ އުފާ ބަޔާންކުރަން ދަތިވިއެވެ.
ހުމަޔޫންއާ އާއިޒު ތިބީ ކާރުގައި މި ހުރިހާ މަންޒަރެއް ބަލާށެވެ. ދެން ފެނުނީ ޝިޔާމުގެ ކާރުގެ ދޮރު ހުޅުވާލުމަށް ހުމާމު ފޭބިތަނެވެ.
ހުމާމު ފެނުމާއެކު އާއިޒުގެ އެތެރެހަށީގައި ދައުރުވަމުންދިޔަ ލޭ ކެކިގަތްފަދައެވެ. ރުޅިއައިސްގެން ގޮށްމުށްކަވާލެވުނެވެ. ހަމަ ވިސްނުންނެތިގެން ދިޔަފަދައެވެ. ކާރުންފައިބަން ދިމާކޮށްލެވުނެވެ. ހުމަޔޫން ހުޝިޔާރުކަމާއެކީގައި އާއިޒުގެ ގައިގައި ހިފެހެއްޓިއެވެ. އަދި ވިސްނައިދިނެވެ.
ރޭގަނޑުގެ ކެއުމުގައި އީމަންއާ ރީމްވެސް ބައިވެރިއެއް ނުވެއެވެ. ޝަކީލާއާ އެކީގައި އިޔާނާ ކާން އިންއިރު ވިސްނެމުންދިޔައީ ރީމްމެންނާ ދޭތެރޭއެވެ.
“ދައްތާ!! ރީމް ކާން ނާންނަނީތަ؟” އިޔާނާ ހިތްވަރުކޮށްފައި ސުވާލުކޮށްލިއެވެ.
“ނާދެއެއްނު.” ޝަކީލާ ދިނީ ފަރުވާކުޑަ ޖަވާބެކެވެ.
“ކިހިނެތްވީ؟ އަނެއްކާ ތަބީޢަތް ގޯހީތަ؟” އިޔާނާ އިތުރަށް އޮޅުންފިލުވަން މަސައްކަތް ކުރިއެވެ.
“ނޭނގެ.” ޝަކީލާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. އިޔާނާއަށް އިތުރަށް ވާހަކަ ދައްކާކަށް ނުކެރުނެވެ.
“ތަބީޢަތް ރަނގަޅު މީހެއްގެ ތަބީޢަތްވެސް ގޯސްވާ ވަރު މިހާރު ވެއްޖެ. އެފަކީރު ކައިވެނި ކުރީއްސުރެ އެކުރާ މަސައްކަތަކީ އޭނާގެ ފިރިމީހާގެ ރުހުން ލިބޭތޯ ބެލުން. އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން. އެކަމަކު ރީމްގެ ދިރިއުޅުމުގައި ފިރިއެއްގެ ލޯބި ލިބުން ނެތީކަންނޭނގެ.” ޝަކީލާ ކަމުން ވާހަކަ ދައްކަމުން ދިޔައެވެ. އިޔާނާ ސަމާލުކަމާއެކީގައި އަޑުއަހަން އިނެވެ. އެލަފްޒުތަކުގެ ފަހަތުގައި އޭނާގެ ނަންލިޔެވިފައިވާހެން ހީވަމުންދިޔައެވެ.
ކައި ނިމުމާއެކު އިޔާނާ މިސްރާބު ޖެހީ ރީމްގެ ކޮޓަރިއާ ދިމާއަށެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ. ކޮޓަރީގައި އެއްވެސް މީހެއް ނެތެވެ. ފާހާނާގައި މީހަކު އުޅޭހެން ހީވިއެވެ. ގޮވާލަން ހިތަށް އަރާފައިވެސް އެއީ ރީމްކަން ޔަޤީންނުވުމުން ނުކެރުނީއެވެ. އެނބުރި ދާން ހިނގައިގަތްވަގުތު ލޮލުގައި އަޅައިގަތީ ސައިޑްކަބަޑްމަތީގައި އޮތް ރީމްގެ އަތްދަބަސް ދަށުގައި އޮތް ސިޓީ އުރައެވެ. އެއީ ރީމްގެ ރިޕޯޓްކަން އިޔާނާއަށް އެނގުނެވެ. ރީމް އެ ރިޕޯޓް ފެނުމަށްފަހު ކޮންމެވެސް ކަމަކާ ކަންބޮޑުވެފައި ހުރި ހަނދާންވުމުން އެ ރިޕޯޓް ބަލަން ބޭނުންވިއެވެ. ދެކޮޅު ހޯދާލުމަށްފަހު އިޔާނާ އެދިމާއަށް ހިނގައިގަތެވެ. މިކުރެވެނީ ރަނގަޅުކަމެއް ނޫންކަން އެނގޭ އިރުވެސް އިޔާނާ ބޭނުންވީ އެ ރިޕޯރޓް ބަލާށެވެ.
ރިޕޯރޓް ހުޅުވާލާފައި ބަލަން ފެށިއެވެ. ހައިރާންކަން ލިބި ދެލޯ ބޮޑުކޮށްލެވުނެވެ.
ފާހާނައިން ނިކުތް ރީމް އަވަސްއަވަހަށް އައިސް އެ ރިޕޯރޓް އަތުލިއެވެ.
“ރީމް! ޔޫ އާރ ޕްރެގްނެންޓް.” އިޔާނާ ހައިރާންކަމާއެކީ ސުވާލުކޮށްލިއެވެ. ނަމަވެސް އިސާހިތަކު އެހައިރާންކަން ހިނިތުންވުމަކަށް ބަދަލުވެގެން ދިޔައެވެ. ރީމްގައިގައި ބައްދާލަމުން ތަހުނިޔާ އަދާކުރިއެވެ.
“ތިގޮތަށް އެހެންމީހުންގެ އެއްޗެހީގަ އަތްލުމަކީ ރަނގަޅުކަމެއްނޫންކަން ނޭނގެނީތަ؟” ރީމް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“ސޮރީ. ދެން އެހެންނެނެއް ނަހަދާނަން. އެކަމަކު މިހާ ބޮޑު އުފާވެރިކަމެއް ސިއްރުކޮށްގެން ތިއުޅެނީ ކީއްވެ؟” އިޔާނާ ރީމްގެ ނުރުހުންވުމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.
“ކީއްކުރަން ބުނަންވީ؟ ކާކު އުފާކުރަން؟” ރީމް ހިތްހަމަ ނުޖެހި ބުނެލިއެވެ.
“ތި ކޮންކަހަލަ ސުވާލެއްތަ؟ އީމަން އުފާކުރާކަށްނު؟” އިޔާނާ ބުނެލިއެވެ.
“ކިހިނެތް އެނގެނީ އޭނަ އުފާވާނެ ކަމެއް. އެހެންނޫނަސް އޭނަ ކުއްޖަކު ބޭނުން ނުވެއްޖެނަމަ؟” ރީމް ރިޕޯރޓް އެނދުމަތީގަ ބާއްވަމުން ބުނެލިއެވެ.
“ރީމް. ކާކުތަ ކުއްޖަކު ބޭނުން ނުވާނީ. އެހެންނޫނަސް އަހަރެންނަށް ހިއެއް ނުވޭ އީމަން އެއީ އެކަހަލަ މީހެއް ހެނެއް. ދެން އަހަރެން ބުނީތީވެސް ތިކަންކޮށްބަލަ.ވެދާނެއެއްނު މިއީ ހަމަ ރީމްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުމަށްޓަކައި އެކަލާނގެ މިންވަރު ކުރެއްވި ގޮތްކަމަށްވެސް.” އިޔާނާ ރީމްއަށް ދިނީ ރަނގަޅު ނަސޭހަތެއްކަން އޭނާ ޤަބޫލުކުރެއެވެ. ނަމަވެސް ރީމް އެވާހަކަ އީމަންއާ ހިއްސާ ކުރަން ބޭނުން ނުވާ ހަޤީޤީ ސަބަބު އިޔާނާއަށް އެނގޭނަމަ މިހެން ނުބުނާނެ ކަން ޔަޤީނެވެ.
އެތަށް އާދޭސްތަކަކަށްފަހު ރީމް އެއްބަސްވިއެވެ.
އީމަން ކޮޓަރިއަށް ވަނީ އެވަގުތުއެވެ. އިޔާނާ އަވަސްއަވަހަށް ކޮޓަރިން ނިކުތެވެ.
އީމަންގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ. އީމަން ފުރަތަމަ ވަނީ ފާހާނާއަށެވެ. އީމަން ފާހާނާއިން ނިކުންނަންވާއިރަށް ރީމް ވިސްނާލިއެވެ. އެވާހަކަތައް ދައްކާނީ ކިހިނެތްކަމެވެ. މާގިނަ އިރުތަކެއް ނުވެ އީމަން ނިކުތެވެ.
“މާން! އަހަރެން ވާހަކައެއް ބުނަން ބޭނުން.” ރީމް އިސްނަގައި ވާހަކަ ދައްކަން ފެށިއެވެ.
“ފުރަތަމަ އަހަރެން ދައްކާ ވާހަކަ އަޑުއަހާ.” އީމަން ބުނެލިއެވެ. އަޑުގައިވަނީ ހަރުކަށިގޮތެކެވެ. ރީމް ސިހޭގޮތްވިއެވެ.
“އެކްސިޑެންޓްގެ ހަބަރު ރީމްއަށް ލިބުނީ ކިހިނެތް؟” އީމަން ސީދާ ސުވާލުކުރިއެވެ.
ރީމް ބިރުގަތެވެ. ދޭނެ ޖަވާބެއް ނޭނގުނެވެ. އީމަން އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްލިއެވެ.
“މާން. އަހަރެންނަށް އެނގުނީ….” ރީމްގެ އަނގަ ބަންދުވިއެވެ. “އަހަރެންނަށް އެނގިގެނެއް ނޫން ދިޔައީ. ހަނދާންވޭތަ އެރޭ އަހަރެން ބުނީމެއްނު މާންމެންނަށް ބޭނުންވާ އެއްޗެހި ހިފައިގެން އަހަރެން ދާނަމޭ. އަހަރެން ދިޔަ މަގުމަތީގަ ފެނުނީ.” ރީމް ހުޝިޔާރުކަމާއެކީ ބުނެލިއެވެ.
އީމަން ވިސްނާލިއެވެ.”ތެދެއް ތިބުނީ. އެރޭ ރީމް ތިހެން ބުނި. ރީމް ދިޔައީ ގެއަށް. އަހަރުމެން ކާރަށް އަރައިގެން ދިޔައީ ހޮޓަލަށް ދާން. އެނގޭތަ ދެންވީގޮތް. އެ ހޮޓަލަށް ދެވެން އޮތްމަގުގަ ޓްރެފިކް ގިނަ ވުމުގެ ސަބަބުން ޑްރައިވަރު ޝޯޓްކަޓް މަގަކަށް ބަދަލުކޮށްލި. ދެން ސުވާލަކީ ރީމްއަށް ކިހިނެތްހޭ އެނގުނީ ހަމަ އެމަގުން ދާން؟” އީމަންގެ ސުވާލުން ރީމްގެ ހިތްހުއްޓުނު ކަހަލައެވެ. ފެންކަޅިވިއެވެ.
“ތެދަށް ބުނެބަލަ. ރީމްތަ މިހުރިހާ ކަމެއް ކުރީ؟” އީމަން ސުވާލުކުރިއެވެ.
“ނޫން މާން! އަހަރެންގެ އެއްވެސް ކުށެއް ނެތް. އެއީ ހަމަ އިއްތިފާގެއް. އަހަރެން އިން ޓެކްސީ އެދުވަހު ދިޔައި ހަމަ އެމަގުން.” ރީމް ރޮމުން ބުންޏެވެ.
“އެހެންތަ؟ އެންމެ ރަނގަޅު. އިންސްޕެކްޓަރު ހަރްވިންދު އެދުވަހު ރީމްއާ ސުވާލުކުރުމުން ރީމް ކީއްވެ ބުނީ ކާރުގަ އިނީ އަހަރެން އެކަންޏޭ.” އީމަންގެ މިސުވާލަށް ރީމްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.
“އަހަރެންނަށް އިނގޭ ރީމް ޔާނުއަށް ހިތްހެޔޮ ނޫންކަން. އަދި ރީމް ބޭނުންވީ އަހަރެންނާ ޔާނު ދުރުކުރަންކަންވެސް އެނގޭ. އެކަމަށްޓަކައި ވަރަށް މަސައްކަތްވެސް ކުރި. އެކަމަކު ދުވަހަކުވެސް ހިއެއް ނުކުރަން ރީމް ތިފެންވަރަށް ވެއްޓޭނެ ކަމަކަށް. އަމިއްލަ އެދުމަށްޓަކައި މީހެއްގެ ފުރާނަ ދުއްވާލަންވެސް ފަހެއް ނުޖެހުނު.” އީމަން އިސްޖަހާލިއެވެ.
“ނޫން މާން. އަހަރެން އެއްވެސް މީހެއްގެ ފުރާނަ ދުއްވާލަން މަސައްކަތެއް ނުކުރަން. އާނ އަހަރެން އެއްބަސް އަހަރެން އިންސްޕެކްޓަރ ކައިރީގަ ބުނިން މާން އެކަންޏޭ ކާރުގަ އިނީ. އެހެންބުނެވުނީ އަހަރެންގެ ހުރި ނިކަމެތިކަމުން. އަމިއްލަ އެދުން އިސްކުރެވުނީ. އަހަރެން މިއަދު އެކަމަށްޓަކައި ދެރަވަން. ހިތާމަ ކުރަން. އަހަރެންނަށް މަޢާފުކޮށްދީ.” ރީމް ރޮމުން މާފަށް އެދުނެވެ.
“މާފޭ؟ ރީމްއަށް ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ އަހަރެން ޔާނުއާ ވަކިވީތީ ހިތާމަ ނުކުރާ އެންމެ ސިކުންތެއްވެސް ނުދޭ. މިވަރުގެ ބޮޑު ހިތާމައެއް ދީފަ މަޢާފުކުރާށޭ ބުނަން ހާދަ ފަސޭހައޭދޯ؟ އަހަރެން ރީމްއަށް ދުވަހަކުވެސް މަޢާފެއް ނުކުރާނަން. ތިއީ ޤާތިލެއް. ތިއީ އަހަރެންގެ ޔާނު މަރާލި ޤާތިލު.” އީމަންގެ ލޮލުން ކަރުނަ ހިލުނު ނަމަވެސް އަޑުގައިވަނީ ރުޅިވެރިކަމެވެ.
“ނޫން ނޫން. އަހަރެންނަކީ ޤާތިލެއްނޫން. ކިހިނެއް އެނގެނީ ޔާނާ ދިރި ދުނިޔޭގަ ނެތްކަމެއްވެސް.” ރީމް އަވަސްއަވަހަށް ބުނެލިއެވެ.
“އެހެންތަ؟ އޭރުން ގެނެސްދީ؟ އަހަރެންނަށް އަހަރެންގެ ޔާނު ހޯދައިދީ؟ ވާނެތަ އެކަން؟” އީމަން ރުޅިގަދަވެފައި ބުނެލިއެވެ.
ރީމް ގިސްލަމުން ދިޔައެވެ. ނަމަވެސް އެ ކަރުނަތަކުގެ ފަހަތުގައި ރީމްގެ ސިކުނޑި ބާރުބާރަށް މަސައްކަތްކުރަމުން ދިޔައެވެ. ކަންތައްތައް ކޮންޓްރޯލްކޮށްގަންނާނެ ގޮތެކެވެ. އީމަންގެ ކުރިމަތީ ރީމްގެ އަގު ވެއްޓިގެން ހިނގައްޖެކަން ޔަޤީނެވެ. އެކަމަކު ކޮންމެ ގޮތެއް ހަދަފައި ނަމަވެސް ރީމް އެބައި ފޫބައްދަން ބޭނުމެވެ.
“މާން ހަމަ ޖެހިބަލަ. އަހަރެން މި ދައްކަން އުޅުނީވެސް ތިވާހަކައޭ.” ރީމް ކަރުނަތައް ފޮހެލަމުން ވާހަކަ ދައްކަންފެށިއެވެ.
އީމަން އެނދުގައި އިށީނދެލިއެވެ. “ދައްކަބަލަ ރީމް ދައްކަން ބޭނުން ވާހަކަ އެއް. އަހަރެން މިއިނީ އަޑުއަހަން.”
“މާން. އަހަރެންނަށް ހީވަނީ އިޔާނާއަކީ އަހަރުމެންގެ ޔާނުހެން.” ރީމް މަޑުމަޑުން ބުނެލިއެވެ. އީމަންގެ މޫނުމަތިން މާބޮޑު ހައިރާންކަމެއް ފެނިގެން ނުދިޔަޔަސް އެވާހަކަތަކަށް ސަމާލުކަން ދިނެވެ.
“މިއަދު އިޔާނާ ދެއްކި ވާހަކަތަކުން އަހަރެންނަށް ވަރަށް ޝައްކު. އޭނަ ބުނި މާންއާ ދޭތެރޭގަ ތަފާތުގޮތަކަށް ވިސްނޭ ވާހަކަވެސް.” ރީމް އިޔާނާ ދެއްކިވާހަކަތައް ކިޔައިދިނެވެ. އެންމެ ފިއްޔެއްވެސް އުނިނުކޮށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Varah salhi. Kithah part idheytha story ga…
Avahah next part up kodhyba. Pls.pls.pls.
Nice. ,,,,,,next part v v avaha beynun
Vaahaka v rythi … next part vx avahah upp kohdhybaa …thi reem expose kohlaba ….
Admin can u tell me in which page i can read this whole story as far im concered i read this story befor or can u give me the link
vaahaka varah habeys ingye… mihaaru dhen nimen ulhey hen heeevany…. kithah part adhives ebaoii tha …
Vvvv nice story eh…. Next part konirakun up kuranee
Admin vaahaka fahtaagen kiya leveyne gotheh hadhaadhybha…
goto this link ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ
Vvvvvvvvvv reethi….always mikahala reethi story thah uploadu kuraane kamah ummeedhu kuran
V salhi anehpart up kohlabala