
ކުރިން ބައްދަލުވީ ނަމަ – ޓްރޭލާރ

ކޮންމެ މީހަކުވެސް ލޯބިވާނެ މީހަކު ތަގުދީރުގައި ލިޔެވިފައި ވާއިރު ވަކި ވަގުތެއްގައި ބައްދަލުވުމަކީ ތަޤުދީރުގެ ސަރުތެއްހެއްޔެވެ. ނުވަތަ، ތިބާއާ ބައްދަލުވުމަށް ތަޤްދީރުގައި ލިޔެވިފައިވާ މީހާ، ނުބައި ވަގުތެއްގައި ތިބާގެ ޙަޔާތަށް އައިސްފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
މި ދެ ލޯބި ވެރިންގެ ބައްދަލުވުން ފެށިގެން ދަނީ އާދައިގެ ބީރައްޓެހިންގެ ގޮތުގައެވެ. ބީރައްޓެއްސަކު ގާތް އެކުވެރިއަކަށް ވެގެންދެއެވެ. މި ދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކަކީ އުމުރަށް ހަނދާނުން ފިލައިގެން ނުދާނެ ވާހަކަތަކަކަށް ވެގެން ދާނެއެވެ. އެ ވާހަކަތައް ފޮނި ހަނދާނަކަށް ވެއެވެ. އަދި އާދައިގެ ގުޅުމެއް، އެ ދެމީހުންނަށް ދުވަހަކުވެސް ތަޞައްވުރު ނުކުރެވޭ ފަދަ ފުން އިޙްސާސަކަށް ބަދަލުވެގެންދެއެވެ.
ނަމަވެސް، އެކަކު އަނެކަކު ދެކެ މި ވެވޭ ލޯބި އަށް ދިރިއުޅުން އަބަދަކު އޯގާތެރިއެއް ނުވެއެވެ.
ކޮންމެ ހިނިތުންވުމެއްގެ ފަހަތުގައި ނުބުނެވި އޮތް ވާހަކައެއް ވެއެވެ. ކޮންމެ ގުޅުމެއްގެ ފަހަތުގައި ހާމަވުމަށް އިންތިޒާރުކުރާ ޙަޤީޤަތެއް ވެއެވެ. އަދި ކޮންމެ ނިންމުމެއްގެ ފަހަތުގައި އޭގެ ނަތީޖާއެއް ވެއެވެ.
ބައެއް ވާހަކަތައް ނުދައްކާ ބެހެއްޓުން މާ ރަނގަޅެވެ. ބައެއް ހަނދާންތައް ދުވަހަކުވެސް ފަނޑުވެގެން ނުދެއެވެ. އަދި ބައެއް ބައްދަލުވުންތަކުގެ ސަބަބުން، ކަންކަން ވެދާނެ އެހެން ގޮތްތަކާ މެދު ވިސްނަން މަޖުބޫރު ކުރުވައެވެ.
ސަބަބަކީ، ފަހަރުގައި އެހެން ވަގުތެއްގައި، ތަފާތު ޙާލަތެއްގައި ނަމަ، ހުރިހާ ކަމެއްވެސް މުޅިން ތަފާތުވީސް ކަމަށް ވާތީއެވެ. އަދި ބައެއް ބައްދަލުވުންތަކުން ހިތަށް ވެރި ކުރުވަނީ “ކިހިނެއްވާނެ ބާއޭ” މި ޚިޔާލެވެ.
ދިރިއުޅުމުގެ ވަކި ހިސާބަކުން، އަހަރެމެން ހީކުރި ވަރަށްވުރެ ބޮޑަށް ކަންކަން އުނދަގޫ ވެގެންދެއެވެ. ބަންދުކުރެވިފައިވާ ދޮރުތަކުގެ ފަހަތުގައި، ބަސްތަކަށް ވުރެ ބާރަށް ހިމޭންކަން ވާހަކަދައްކައެވެ. ދަންނަ މޫނުތައް ބީރައްޓެހިންނަށް ވާން ފަށައެވެ. އަދި ކުރިން ގަބޫލުކުރި ކަންތައްތައް މަޑުމަޑުން ޖަވާބު ނުދެވޭ ފަދަ ސުވާލުތަކަކަށް ބަދަލުވެއެވެ.
ބޭރުފުށުން ފެންނަހާ ރީތި ވާހަކަތަކެއް ކޮންމެ ވާހަކައެއްގައި ނޯވެއެވެ. އަދި ފެންނަހާ ސާފު ހިތެއް ކޮންމެ މީހެއްގެ ކިބައިގައި ނުވެއެވެ. ބައެއް ފަހަރު، އަހަރެމެން އިތުބާރުކުރާ މީހުންގެ ކިބައިގައި ވެސް ނުބުނެވި ހުރި ސިއްރު ވާހަކަތަކެއް ވެއެވެ. އަދި ކިތަންމެ ފުންކޮށް ވަޅުލެވިފައި އޮތް ނަމަވެސް، ހަގީގަތް ކޮންމެވެސް ގޮތަކުން އަލިކަމުގެ ތެރެއަށް ނުކުމެއެވެ.
ލޯތްބާއި، ވަފާތެރިކަމާއި، އިތުބާރު އަބަދުމެ އިމްތިހާނު ކުރެވޭ މި ދުނިޔޭގައި، ކޮންމެ ނިންމުމަކަށް ވެސް އަގެއް ދައްކަން ޖެހެއެވެ. ބައެއް މީހުން އެމީހުންގެ އަތުގައި އޮތް އެއްޗެއްގައި ހިފަހައްޓާނެއެވެ. އަނެއް ބަޔަކު އެމީހުންނަށް ހައްގުވާ ކަމަށް ގަބޫލުކުރާ ކަންކަމަށްޓަކައި ހަނގުރާމަކުރާނެއެވެ. އަދި އަނެއް ބަޔަކު ތިބޭނީ އެމީހުން ހިޔާލު ކުރި ދިރިއުޅުމާއި، ސަލާމަތް ނުވެވޭނެ ހަގީގަތާ ދެމެދު ތާށިވެފައެވެ.
ނަމަވެސް، ދުވަސްތައް ފާއިތުވަމުން ގޮސް، ހީވެސް ނުކުރާ ފަދަ ގުޅުން ތަކަކުން ހުރިހާ ކަމެއް ބަދަލުކުރަން ފަށާއިރު، އޮންނަނީ އެންމެ ސުވާލެކެވެ. ބައެއް މީހުންނަކީ ހަމައެކަނި އެކަކު އަނެކަކާ ބައްދަލުވުމަށް ލިޔެވިފައިވާ ބައެއް ހެއްޔެވެ؟ ނުވަތަ އެމީހުންގެ ވާހަކަ ނިމިގެންދާނެ ގޮތް ކަނޑައަޅަނީ ވަގުތު ހެއްޔެވެ؟
ކޮންމެ އާ ފެށުމުގައި ހުރިހާ ލޯބީގެ ވާހަކައެއް އުފާވެރިއެއް ނުވެއެވެ. ކޮންމެ ވައުދަކީ ވެސް ދެމިހުންނާނެ ވައުދެއް ނޫނެވެ. އަދި ހަޔާތަށް އަންނަ އެންމެންނަކީ ވެސް އެ ތަނުގައި ތިބެންޖެހޭނެ ބައެއް ނޫނެވެ. މީހުން ބަދަލުވެއެވެ. އިހުސާސްތައް ފިލައިދެއެވެ. އިތުބާރު ގެއްލިދެއެވެ. އަދި ބައެއް ފަހަރު، އެންމެ ކައިރީގައި ތިބޭ މީހުންނަކީ އެންމެ ގޮތް ނޭނގޭ މީހުންނެވެ.
އަހަރެމެން ބޮޑުވަމުން އައި އިރު ބުނެދީފައި ވަނީ ލޯތްބަކީ އެއްވެސް މައްސަލަ ތަކެއް ދިމާވާނެ ގުޅުމެއް ނޫންކަމެވެ.
.އެއީ އަބަދުވެސް ރަނގަޅު މީހާ ހޯދުމެވެ. ނަމަވެސް، ދިރިއުޅުމުގެ އެހެން ރޭވުންތަކެއް އޮންނަ އިރު ވާނީ ކިހިނެއް ހެއްޔެވެ؟ ވަގުތު ނުބައިވެ، ހާލަތު އުނދަގޫވެ، ހިތް އެދޭ ކަންކަން ހަގީގަތާ ބީރައްޓެހި ވާ އިރު ވާނީ ކިހިނެއް ހެއްޔެވެ؟
އަޅުގަނޑުމެން ދައްކާ ވާހަކަތަކާއި، ހިތުގައި ސިއްރުކޮށްގެން ތިބޭ ކަންތައްތަކާ ދެމެދު، އަމިއްލަ ނަފްސުގެ ބައެއް ގެއްލިގެންދެއެވެ. އުފާވެރިކަމުގެ ވަގުތުތަކުގައި ވެވުނު ވައުދުތަކާއި، ކޯފާގެ ވަގުތުތަކުގައި ބުނެވުނު ބަސްތަކާއި، އެއީ ކިހާ މުހިންމު ކަމެއްކަން ނޭނގި އުފެދުނު ހަނދާންތައް ވެއެވެ.
ބައެއް ގުޅުންތައް ދަމަހައްޓަނީ ލޯބިންނެވެ. އަނެއް ބައި ގުޅުންތައް ދަމަހައްޓަނީ ބިރުވެރިކަމާއި، އުއްމީދުތަކާއި، ދޫކޮށްލަން ނުކުޅެދޭ ފަދަ ސަބަބު ތަކުންނެވެ. އަދި ބައެއް ފަހަރު، އެންމެ އުނދަގޫ ކަމަކީ ލޯބި ވުމެއް ނޫނެވެ. ލޯބިވުމަކީ ކޮންފަދަ އެއްޗެއްކަން ދެނެގަތުމެވެ.
ހަޔާތުން އެ މީހުން ބައްދަލުވަނީ، އަހަރެމެން ދަސްކުރަން ނޭދޭ ކަންތައްތައް ދަސްކޮށްދިނުމަށެވެ. ސަލާމް ނުބުނެ ދުރަށްދާ މީހުންނެވެ. ކައިރީގައި ތިބި ނަމަވެސް ދުރުގައިވާ ފަދަ އިހުސާސެއް ކުރެވޭ މީހުންނެވެ. އަދި ކުއްލިއަކަށް އައިސް، އަހަރެމެންނަށް އެނގޭ ކަމަށް ހީކުރާ ހުރިހާ ކަމެއްމެ ޝައްކު އުފެދޭ ފަދަ މީހުންނެވެ.
ދިރިއުޅުމަކީ އަބަދުވެސް އަހަރެމެން ބޭނުންވާ ޖަވާބުތައް ލިބޭ ކަމެއް ނޫނެވެ. ބައެއް ފަހަރު، އަހަރެމެންގެ ފަހަތުން އަހަރުތަކެއް ވަންދެން ސުވާލުތައް އާދެއެވެ. އެއް ވާހަކައެއް ނުދެއްކި ނަމަ ކިހިނެއްވާނެ ހެއްޔެވެ؟ އެއް ނިންމުމެއް ތަފާތުވީ ނަމަ ކިހިނެއްވާނެ ހެއްޔެވެ؟ އެހެން މަގެއް ޚިޔާރު ކުރެވުނީ ނަމަ، ނުވަތަ ކުޑަކޮށް މަޑުކޮށްލެވުނީ ނަމަ ކިހިނެއްވާނެ ހެއްޔެވެ؟
އަހަރެމެން އަދިވެސް ހަމަ އެ މީހުންތަކެއްގެ ގޮތުގައި ތިބޭނެ ހެއްޔެވެ؟ ތަފާތު ގޮތަކަށް ލޯބި ވެވު ނީސް ހެއްޔެވެ؟ ގެއްލިގެންދިޔަ މީހުން އަދިވެސް މި ހަޔާތުގެ ބައެއްގެ ގޮތުގައި ވެސް ހެއްޔެވެ؟ ނުވަތަ ހުރިހާ ކަމެއް ވެސް ބަދަލުވީސް ހެއްޔެވެ؟
އިއްޔެގެ ހަނދާންތަކާއި މާދަމާގެ ޔަޤީންކަން ނެތް ކަންކަމާ ދެމެދު، ހަޔާތުން ކޮންމެ ކަމެއްވެސް ފާޅު ކޮށްދެއެވެ. އެހެނީ، އެހެން ވަގުތެއްގައި، އެހެން ހާލަތެއްގައި، ހުރިހާ ކަމެއް ވެސް ތަފާތު ވެދާނެތީ އެވެ. ބައެއް ބައްދަލުވުންތަކަކީ ނަސީބުގައި ލިޔެވިފައިވާ ކަމެއް ކަމުގައި ވިޔަސް، ކޮންމެ ބައްދަލުވުމަކީ ވެސް ދެމިހުންނާނެ ވައުދެއް ނޫނެވެ.
އަދި ބައެއް ވާހަކަތަކުގެ އެންމެ ދެރަ ކަމަކީ، ދެ މީހުން އެކަކު އަނެކަކާ ދިމާނުވުމެއް ނޫނެވެ. އެއީ ދިމާވުމެވެ. ނަމަވެސް، ކުރިން ބައްދަލުވި ނަމަ ކިހިނެއްވާނެ ހެއްޔެވެ؟
އެހެނީ ބައެއް ފަހަރު، އަހަރެމެންނާ ބައްދަލުވާ މީހުންނަކީ ކުރިންވެސް އެހެން މީހަކަށް ވައުދުތަކެއް ވެގެން ތިބޭ ބައެކެވެ. ދެ ބީރައްޓެހިންގެ މަގުތައް ބައްދަލުވުމުގެ މާ ކުރިން، ހިތްތައް ވަނީ އެހެން ފަރާތަކާ ގުޅިފައެވެ. ދިރިއުޅުން ވަނީ އެކުއެކީގައި ލާމެހިފައެވެ. އަދި ހާލަތު ވަނީ ނުހުއްޓުވޭނެ ފަދަ ގޮތަކަށް ކުރިއަށް ދާން ފަށާފައެވެ.
އަދި ނުބައި ވަގުތެއްގައި ދެ މީހަކު ބައްދަލުވާ ހިނދު، އެންމެ ވަރުގަދަ ގުޅުން ވެސް ވެގެންދަނީ އެ ދެ މީހުން ކުރެ އެކަކަށް ވެސް ކުރިމަތިލާން ނޭނގޭ ފަދަ ބޮޑު އުނދަގުލަކަށެވެ. ކުރިން ވެފައިވާ ލޯބީގެ ވައުދުތަކާއި، ހީވެސް ނުކުރާ ފަދައިން އުފެދުނު އިހުސާސްތަކާއި، އަނބުރާ ގެނެވޭކަށް ނެތް ނިންމުންތަކާ ދެމެދު ތާށިވެފައި ތިބެ، އެމީހުން އެކަމާއި ކުރިމަތިލާން އުނދަގޫ ވެގެންދެއެވެ. ބައެއް ގުޅުންތަކަކީ ހުރިހާ ކަމެއް ގުރުބާންކޮށްގެން ވެސް ހާސިލުކުރަން ޖެހޭ ފަދަ އަގުހުރި ގުޅުންތަކެއް ހެއްޔެވެ؟ ނުވަތަ ބައެއް މީހުންނަކީ ހަމައެކަނި ” ކުރިން ބައްދަލު ވީނަމަ ކިހާ ރަނގަޅުވީސް ބާއޭ” ހިތަށްއަރާ ފަދަ ރީތި ހިޔާލެއްގެ ގޮތުގައި ދޫކޮށްލަން ޖެހޭ ބައެއް ހެއްޔެވެ
ބައެއް ވާހަކަތަކަކީ ރަނގަޅު މީހާ ހޯދުމުގެ ވާހަކައެއް ނޫނެވެ. އެއީ އެންމެ ނު ވަގުތެއްގައި އެ މީހާ ފެނުމުން ވާ ގޮތް ހޯދުމުގެ ވާހަކައެވެ.
ނަމަވެސް އެ ދެ ލޯބިވެރިން ކުރިން ބައްދަލުވީ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟