Skip to content
އެސްފިޔަ

ލަކުނު – 1

Listen to this story Audio · 7:38 Powered by Esfiya Voice
0:00 7:38

މިވާހަކައަކީ އެއްވެސް އިރެއްގައި ހިނގާފައިވާ ކަމަކާއި ގުޅިގެން ލިޔެފައިވާ ވާހަކައެއް ނޫނެވެ. މިއީ އަޅުގަނޑު ލިޔެފައިވާ ޙިޔާލީ ވާހަކައެކެވެ.

މިއަދަކީވެސް އަހަރެންގެ ހަޔާތުން ދުވަހެކެވެ. ހޭލެވުނީ މަންމަ ސްކޫލަށްދާން ގޮވާ އަޑަށެވެ. އަޑުއައީ ދުރުން ކަމުގައިވިޔަސް އަހަރެން ބިރުގަތެވެ. މަންމަގެ އަޑުގައިވާ ނުރުހުން އަހަރެންނަށް އިޙްސާސް ކުރެވުނެވެ. ފުންމައިގެން އެނދުން ތެދުވީމެވެ، މަންމަ ކޮޓަރިއަށް ވަންނަން ވާއިރަށް އެނދުން ތެދުވެވޭތޯ އަހަރެން ބެލީމެވެ. މަންމަ ކޮޓަރިއަށް ވަންނަން ވާރިއަށް ނުތެދުވެ އޮތްނަމަ ކަންފަތް މައްޗަށް އަރާނެ ހޫނު ތަދު އިޙްސާސްވި ކަހަލައެވެ. މަންމަ ދޮރުހުޅުވިއިރު އަހަރެން ހުރީ އެނދު ތަންމަތި ރީތި ކުރާށެވެ. “ދެންވެސް އަވަސްކޮށްގެ ފާޙާނާއަށް ވަދެވޭތޯ ބަލާބަލަ!” މަންމަ ހަޅޭއްލަވައިގަތެވެ. އަހަރެން އަތްމަތި އަވަސްކޮށްގެން ފާޙާނާއަށް ވަނީމެވެ. ފަތިހުގެ ފިނިފެން ހަށިގަނޑުގައި ޖައްސަން ބޭނުންނުވެ އެތައް އިރަކު ފާޙާނާ ތެރޭގައި އަހަރެން ހުރީމެވެ. ނަމަވެސް އިތުރު ގޮތެއް ނެތުމުން ކުޑަގޮތެއް ހަދާލައިގެން އަހަރެން ނިކުތީމެވެ. ނިކުތްއިރު އަހަރެންގެ ސްކޫލް ޔުނިފޯމް ހުރީ އިސްތިރިކޮށް ކޮނޑުގައި އަޅުވާފައެވެ. މަންމަ އަހަރުމެންގެ އެއްވެސް ކަމެއްގައި ފަރުވާކުޑަ ނުކުރާކަން އަހަންނަށް ވިސްނުނެވެ، ނަމަވެސް………….. އެހެން ހިތައް އަރާ ލިއަސް އަހަރެންގެ ހަށިގަނޑު ތުރުތުރު އަޅައިގެން ދެއެވެ. ތައްޔާރުވެގެން ބޭރަށް ނިކުތްއިރު މަންމަ ހުރީ އަހަންނަށް އެންމެ މީރު ގޮތަށް ކިރުތަށި ގިރާ ދީފައެވެ، ފިނިކޮށް މައިލޯ އަޅައިގެންނެވެ. އަހަރެން މޭޒުކައިރީގައި އިށީދެ ތަށި ތުނބުގައި ޖައްސާލީމެވެ. އިވިގެން ދިޔައީ ކޮއްކޮގެ ކޮޓަރިން ކޮއްކޮ އަވަސް ނުކޮށްގެން މަންމަ ހަޅޭއްލަވައިގަތް އަޑެވެ. ދެން އިވިގެންދިޔައީ ރޭޑިޔޯ އިން 6:15 ވީކަން އަންގައިދޭން ކޮންމެދުވަހަކުވެސް އަންނަ ލަވައެވެ. “ދިވެހި ބިން މީ އުފަން މަގޭ ބިން” މި ލަވައެވެ. ލަވަ އަޑުއިވި އިވި އަހަންނަށް ހިތުދަސް ވެއްޖެއެވެ. އަދި ވަރަށް ކަމުދާ ލަވައަކަށް ވެސް ވެއްޖެއެވެ. ލަވައާއި އެއްވަރަށް ކޮއްކޮގެ ރުއިމުގެ އަޑުވެސް ގޭތެރެއިން އިވެމުން ދިޔައެވެ. އަހަރެން ކިރުތަށި ބޯލައިގެން ތަށި ދޮވެ ހަރުގައި ބަންޑުން ޖަހާލީމެވެ. އަހަރެން އަވަސްވެގަތީ ދުވަހުގެ ތާވަލާއި އެއްގޮތައް ދަބަހަށް ފޮތް އަޅާ ސްކޫލަށްދާން ތައްޔާރު ވާން ށެވެ. ދަބަސް ތައްޔާރުކޮށްގެން ނިކުތްއިރު ކޮއްކޮ އިނީ ކާމޭޒު ކައިރީ ގައި ކިރުތަށި ހިފައިގެން ގިސްލެވި ލެވި އެވެ. އަހަރެން ގޮސް ކޮއްކޮ ކައިރީ ގައި އިށީންދެ ކޮއްކޮގެ މޫނަށް ބަލާލީމެވެ. ކޮއްކޮގެ ދެލޯ ވަނީ ރަތްވެފައެވެ. ކަރުނަތައް ފައިބަމުން ދެއެވެ. މިއީ ކޮންމެ ހެނދުނެއްގެވެސް އާދައެވެ. ކޮއްކޮގެ މޫނު ފޮހެލަމުން އަހަރެން ބުނެލީ މެވެ ” ކޮއްކޯ އަވަހައް ހޭލަން އާދަ ކޮށްބަލަ،  މަންމަ ހިތްހަމަ ނުޖެހުނީމަ ޖަހާނެ”. ނަޝްކޮ މަޑު މަޑުން ބޯޖަހާލިއެވެ. ކޮއްކޮގެ ކިރުތަށި ހުސްކޮށްލުމުން އަަހަރެންގޮސް ތަށި ދޮވެ ހަރުގައި ބަންޑުން ޖަހާލީމެވެ. އަހަރެން ވީވަރަކުން މަންމައަށް އެހީވެ ދެވޭތޯ ބަލަމެވެ. ގަޑިން 6:30 ވުމާއެކު މަންމަ އަހަރުމެން ގޮވައިގެން ދަބަސްތައް ކޮނޑުއަޅައިގެން ގެއިން ނުކުތެވެ. ގްރޭޑް 5 ކާއި 6 ގެ ދެކުދިންގެ ބަރު ދަބަސްތައް ހިފައިގެން  ސްކޫލުގެ ގޭޓާއި ހަމަޔަށް މަންމަ ކޮންމެ ދުވަހަކުވެސް ގެންގޮސްދެއެވެ. އަހަރުމެންނާއި ހަވާލުކުރަނީ ގޭޓުން އެތެރެއަށް ވައްދަމުންނެވެ. އަހަންނާއި ކޮއްކޮ މަންމަގެ ފަހަތުން ހިނގަމުން ދިޔައީމެވެ. މަންމަ އިރުއިރު ކޮޅުން އަހަރުމެންނަށް ބަލާލައެވެ. 6:45 ގައި ސްކޫލު ގަޑި ޖެހުނުކަމުގައި ވީނަމަވެސް، ގަޑިޖެހުމުގެ ފަސްމިނެޓު ކުރިން އަހަރުމެން ތިބެނީ ސްކޫލް ގޭޓު ކުރިމަތީގައެވެ. އަހަރެން ދުވަހަކުވެސް ސްކޫލަށް ގަޑިޖެހުނު ހަނދާނެއް ނުވެއެވެ. މަންމަ އަހަރުމެންނަށް ސްކޫލުގައި ބަސްއަހައިގެން އުޅުމަށާއި މަސައްކަތްތައް ފަރުވާތެރިކަމާއި ގަޑިއަށް ނިންމުމަށް ނަސޭހަތްތެރިވިއެވެ. އެއީ މަންމަގެ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ބަލަން ތިބޭ މީހުންނަށް ހީވާނީ މަންމައަކީ ދަރިންދެކެ ވަރަށް ލޯބިވާ މީހެއްކަމެވެ. ގޭގެ ހަތަރުފާރުގެ ތެރޭގައި ހިނގާ އެއްވެސް ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. ހަށިގަނޑުގެ އެތައް މިތަނުގައި ހުންނަ ލަކުނު ތަކަކީ މީހުންނަށް ނުފެންނަ ތަންތަނުގައި ހުންނަ އެއްޗެއްސެވެ. ބެލް ޖެހުމާއިއެކު ދަބަސްތައް އަހަރުމެންނާއި ހަވާލުކުރުމަށްފަހު ދެބެއިން ސްކޫލުގެ ގޯތިތެރެއަށް ވަންނަންދެން މަންމަ ބަލަން ހުއްޓެވެ.

އަހަރެން ކުލާހަށް ވަންނަން އައިއިރު ޝީޒާ މިސް ކުލާހަށް ވަންނަ ކުދިންނަށް މަރުހަބާ ކިޔަން ދޮރުކައިރީގައި ހުއްޓެވެ. ޝީޒާ މިސް ދުވަސް ފަށަނީ ކުދިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ފޮނި ހިނިތުންވުމާއި ސަލާމް ގޮވާލަމުންނެވެ. އަހަރު ނިމުމާއި ކައިރިވަމުން ދިޔަ ވަރަކަށް އަހަރެން ދެރަވިއެވެ. އަންނަ އަހަރު ދިމާވާނެ ޓީޗަރެއް ނޭނގޭތީއެވެ. އަހަރެން ގޮސް އަބަދުވެސް އިންނަ ގޮނޑީގައި އިށީނީމެވެ. އަހަރު ފެށުނީއްސުރެ އަހަރެން އިންނަނީ ހަމަ އެ ތަނުގައެވެ. އަހަންނަކީ އެކަހަލަ ކުއްޖެކެވެ. ބަދަލަކީ އަހަންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. ޝީޒާ މިސްއަށް ވެސް އެކަން އެނގޭ ކަހަލައެވެ. އަހަރެން ގާތު އިންނަތަން ބަދަލުކުރާކަށް ނުބުނެއެވެ. ކިޔެވުމުގައި އަހަންނަކީ އެހާ މޮޅު ދަރިވަރެއް ނޫނެވެ. ނަމަވެސް މަދު ފަހަރަކު ތަންކޮޅެއް މަތިން މާކުސް ލިބިފައި ހުއްޓަސް ގިނަ ފަހަރު ހަމަކިރިޔާ ފާސްވަނީއެވެ. މަންމަގެ އަތުގެ ހޫނު ބޮނޑިތައް ލިބޭ އެންމެ މަގުބޫލު އެއް ސަބަބަކީވެސް އެއީއެވެ. އަހަރެން އެންމެ ކިޔަވާ ހިތް ވާ މާއްދާ އަކީ އިނގިރޭސި އެވެ. އަހަންނަށް “އޭ” ގްރޭޑް ލިބޭ ހަމައެކަނި މާއްދާއަކީ ވެސް އިނގިރޭސިއެވެ. ޝީޒާ މިސް ކިޔަވައިދެނީ އިނގިރޭސި މާއްދާއެވެ. މާދާއަށާއި މިސް އަށްޓަކައި ހިތުގައި އޮންނަ  ލޯބި އިތުރުވީ މި ދެ ސަބަބާ ހުރެއެވެ. “ނޫރު”، “ލައްބަ މިސް” ޝީޒާ މިސް ރަޖިސްޓަރީ މާކް ކުރަމުން އަހަރެންގެ ނަމުން ގޮވާލިއެވެ. އަހަރެންގެ ޖަވާބު ލިބުމުން ހިނިތުންވެލާފައި އަހަރެންގެ ނަމާއި ދިމާލުގައި ރަނގަޅު ފާހަގައެއް ޖަހާލިއެވެ. ރަޖިސްޓްރީ މާކު ކޮށް ނިންމާލުމަށްފަހު މިސް ކިޔަވައިދޭން ފެށިއެވެ. އަހަރެން ވަރަށް ގަޔާވެގެން މިސް ކިޔަވައިދޭ އަޑުއަހަން އިނީމެވެ. މިސް ސުވާލުކުރި ކަމުގައި ވިޔަސް ރަނގަޅު ޖަވާބު އެނގުނަސް، ޖަވާބުދިނުމަކީ އަހަރެން ފަސްޖެހޭ ކަމެކެވެ. ޝީޒާ މިސްގެ ގަޑި ނިމެންދެން އަހަރެން މަޑުމައިތިރި ކަމާއި ޝައުގުވެރި ކަމާއެކު އަޑުއަހަން އިނީ މެވެ. ކުއްޖަކާ ވާހަކައެއް ނުދައްކަމެވެ. އަހަންނާއި ޖެހިގެން އިންނަ އަހަރެންގެ އެންމެ ގާތް އެކުވެރި އައިޝާ އިނގިރޭސި ގަޑީގައި އަހަންނާ ވާހަކައެއް ނުދައްކާނެއެވެ. އެ ގަޑީގައި އަހަރެން ވާހަކަ ނުދައްކާނެކަން އޭނާއަށް އެނގޭތީއެވެ. މިސް ކްލާހުން ނިކުމެގެން ދިއުމާއެކު އައިޝާ އަހަންނާއި ވާހަކަ ދައްކަން ފެށިއެވެ. ހަފްތާ ބަންދުގައި އައިޝާ ކުރި ކަންތަކާއި އާއިލާއާއި އެކު ޕިކްނިކް ގޮސް މަޖާ ކުރި ވާހަކައެވެ. ހިސާބު ސަރ އަށް އަޑު ނީވޭ ވަރަށް ދެކުދިން ސިއްރުސިއްރުން ވާހަކަ ދެއްކީމެވެ. ހިސާބު ކިޔަވާ ދޭ ރައްޒާގު ސަރ އަކީ ވަރަށް ރުޅިގަދަ މީހެކެވެ. ސަރގެ ގަޑީގައި ވާހަކަ ދެއްކުން އޮންނަނީ މަނާކޮށްފައެވެ. ސަރ ދެކެ ގަންނަ ބިރެއްގެ ސަބަބުން ހުރިހާ ކުދިންވެސް ތިބެނީ ވަރަށް މަޑުމަޑުންނެވެ. ހައިރާންވާންޖެހޭ ކަމަކީ ރައްޒާގު ސަރ އަކީ ޝީޒާ މިސްގެ ފިރިމީހާއެވެ. ތަފާތު ދެ މިޒާޖެއްގެ ދެމީހުންނެވެ. ކިޔަވައިދިނުން ވެސް އެހާ ތަފާތެވެ. ސަރ ހީލައިގެން ހުންނަތަން ފެންނާނީ މަދު ފަހަރަކުއެވެ. އޭގެ އަނެއްކޮޅުން ޝީޒާ މިސް ހުންނަނީ އަބަދުވެސް ހިނިތުން ވެލައިގެން ނެވެ. ގަޑިއަކަށް ފަހު ގަޑިއެއް ނިމެމުން ގޮސް ގެއަށްދާ ގަޑި ޖެހިއްޖެއެވެ. އަހަރުމެންގެ ކުލާސް ހުންނަނީ ތިންވަނަ ފަންގިފިލާގައި ކަމަށްވުމާއެކު ހުރިހާ ކުދިން ގެއަށް ދާން ތައްޔާރުވެގެން ބެލެނިވެރިންނާއި ބައްދަލުކުރުމަށް ޝީޒާ މިސް އާއިއެކު ތިރިއަށް ފޭބިއެވެ. މަންމައަކީ ގަޑިއަށް ވަރަށް ފަރުވާތެރި މީހެއްކަމުން، ގޭޓު ހުޅުވާލުމާއި އެކު ކުދިން ބަލާ ގޭޓުން އެންމެ ފުރަތަމަ ވަންނަ އެކަކަކީ މަންމައެވެ. އަހަރެންގެ ކްލާސް އެންމެ ފުރަތަމަ ޖެހޭތީ މަންމަ އަހަރެން ގޮވައިގެން ކޮއްކޮ ބަލާ އެ ކްލާސް ދޮށަށް ދިޔައެވެ. ކޮއްކޮގެ ކްލާސް ޓީޗަރު ހުރީ މަންމަގެ އިންތިޒާރުގައި ކަން ނޭނގެއެވެ. މަންމަ ފެނުމާއެކު ގޮވާލިއެވެ. އަހަންނަށް ބަލާލެވުނީ ކޮއްކޮއާ ދިމާލަށެވެ. ކޮއްކޮ ހުރީ ބިރުންކަން އަހަންނަށް އެނގުނެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އަހަންނަށް ވިސްނާ ލެވިއްޖެ.

ނުނިމޭ……..

Comments (7)

  1. Lara

    Interesting

    1. ޝަހުދާ ހަމީދު
      Lara

      Thank you <3

  2. Lara

    ފެށުން ވަރަށް ޝައުގުވެރި

    1. ޝަހުދާ ހަމީދު
      Lara

      ޝުކުރިއްޔާ… ދެން ހުރި ބައިތައްވެސް ކަމުދާނެކަމަށް ހީކުރަން.

  3. Rugy

    Reethi

    1. ޝަހުދާ ހަމީދު
      Rugy

      Thank you

  4. rugy

    Reethi

Comments are closed.