Skip to content
އެސްފިޔަ

ލޯބިވާ އޭ! ހެޔޮނުވާނޭ!

Listen to this story Audio · 7:01 Powered by Esfiya Voice
0:00 7:01

އުޑުމަތި ބަނަ ކޮށްލާފައި އޮތް ވިލާތަކުގެ ތެރެއިން ވެހެން ފެށި ތުނި ވާރޭގެ ތިކިތައް ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ބޮސްދެމުން ދިޔައެވެ. ކޮޓަރީގެ އަނދިރިކަމުގެ ތެރޭގައި ، އެކަނިވެރިކަމުގެ ހިމޭން ފޭރާމެއް ލައިގެން އިން ރީމާގެ ދެލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަ ތިއްކަކީ ހިތުގެ ފުންމިނުން ފަޅައިގެން ދިޔަ ވޭނީ އާހެކެވެ. އޭނާގެ ހިކި އަނަރޫފަ ވަމުން ދިޔަ އަތްތިލަ ޖައްސާ ލެވިފައި ވަނީ އަދި ކިރިޔާ ފުފެން ފެށި އޭނާގެ ބަނޑުގައެވެ. އެއީ ފާފައެއްގެ ހަނދާނެކެވެ. އިތުބާރުގެ ހިތި ނަތީޖާއެވެ.

ޒަޔާން އާ ރީމާގެ ބައްދަލުވުމަކީ ބަހާރު މޫސުމެއްގެ ފިނިފެންމަލެއް ފަދަ ހިތްގައިމު ތަޖުރިބާއެކެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތަކުގެ ތެރެއިން ، އެއް އޮފީހެއްގެ ހިޔާވަހިކަމުގައި ފެށުނު އެ ގުޅުން ދުވަސްތަކެއްގެ ތެރޭގައި ބަދަލުވެގެން ދިޔައީ ފުން ލޯތްބަކަށެވެ. ޒަޔާންގެ ބަސްމޮށުންތެރި ކަމާއި، އެ ބެލުންތަކުގައި ވި ޖާދޫގެ ސަބަބުން ރީމާއަށް ހީވީ މުޅި ދުނިޔެ ވެސް އޭނާގެ ފައިބުޑަށް ތިރިވި ހެންނެވެ. ހަވީރުގެ ރަން އަވީގައި އަތުގުޅުވާލައިގެން ހިނގަމުން ، މުސްތަޤްބަލާ މެދު ކުރެވުނު ފޮނި އުއްމީދުތަކަކީ ރީމާގެ ދިރިއުޅުމުގެ މައިބަދައެވެ.

“ރީމް، އަހަރެން ރީމް ދެކެ ވާ ލޯތްބަކަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ. އަހަރެމެންގެ ކައިވެންޏަކީ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެން،” އެއީ ޒަޔާން ތަކުރާރުކޮށް ދައްކަމުން ދިޔަ ފޮނި ވާހަކަތަކެވެ. އެ އަޑުގައި ހުރި މަޑުމައިތިރިކަމާއި، އެ ދެލޮލުން ފެންނަން ހުރި ތެދުވެރިކަމަށް ރީމާ އިތުބާރު ކުރިއެވެ. މުޅި ހިތާއި ރޫޙުން ނެވެ.

ނަމަވެސް ، ޒަވާޖީ ޙަޔާތުގެ ބިނާ އެޅުމުގެ ކުރިން ، ޝައިޠާނާގެ ވަސްވާހުގައި ޖެހި ، ހިތްދަމައިގަންނަ އަނދިރި ރެއެއްގެ ވަގުތީ އުފަލަކަށް ދެވުނު ދޫ ދިނުމަކީ ރީމާގެ މުޅި ޙަޔާތް އަނދިރި ކޮށްލި ސަބަބު ކަމުގައި ވެގެންދިޔައެވެ. ޒަޔާން ދިން ޔަޤީންކަމާއި ، “ވަރަށް އަވަހަށް ކައިވެނި ކުރާނަމޭ” ބުނެ ވީ ވަޢުދުތަކަށް ރީމާ ހެއްލުނީއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ، ރީމާގެ ހަށިގަނޑަށް އަންނަން ފެށި ބަދަލުތަކާ އެކު ޑޮކްޓަރަށް ދެއްކުމުން ލިބުނު ޚަބަރަކީ އޭނާ ބަލިވެ އިން ޚަބަރެވެ. އެ ވަގުތު ރީމާގެ ހިތް ބިރުވެރިކަމުން ތެޅިގަތް ނަމަވެސް ، އަނެއްކޮޅުން ޒަޔާން ދެކެ ވާ ލޯތްބާއި ، ދެމީހުންގެ ކައިވެނި އަވަސްވާނެ ކަމުގެ އުއްމީދުގައި އެ ޚަބަރު ޒަޔާން އާ ޙިއްޞާ ކުރިއެވެ.

ނަމަވެސް ކަންތައް ވީ މުޅިން އިދިކޮޅަށެވެ. އެ ޚަބަރު ވެގެންދިޔައީ ޒަޔާންގެ އަސްލު ސޫރަ ފެނިގެންދިޔަ ލޯގަނޑަކަށެވެ. ޒަޔާންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެއް ނޫނެވެ. ފޫހިކަމާއި ރުޅިވެރިކަމެވެ.

“ތީ ކާކުގެ ދަރިއެއްކަން އަހަންނަށް އެނގެނީ ކިހިނެއް؟ މަށެއް ތި ޒިންމާއެއް ނުނަގާނަން!” ޒަޔާންގެ އެ ހަރުކަށި ، އަނިޔާވެރި ޖުމުލަތައް ރީމާގެ ކަންފަތުގައި ގުގުމައި ގަތީ ހޮނު އެޅުމެއް ފަދައިންނެވެ. ރީމާގެ ފައިދަށުން ބިންގަނޑު ދެމިގަތް ފަދަ އިޙްސާސެއް ކުރެވުނެވެ. އިއްޔެއާ ހަމައަށް ލޯބިން ފޮނި ބަސްތައް ބުނި ދުލުން މިއަދު އޮހެމުން ދިޔައީ ވިހަގަދަ ތީރު ތަކެކެވެ.

އެ ހިސާބުން ޒަޔާންގެ ހިތުން ރީމާގެ ނަން ފޮހެވިގެން ދިޔައެވެ. ފޯނު ނަންބަރު ބަދަލުކޮށް ، ރީމާއާ ހުރިހާ ގުޅުމެއް ކަނޑާލިއެވެ. ރީމާ ގިސްލަމުން ، އާދޭސް ކުރަމުން ފޮނުވި މެސެޖުތަކަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. އެ ހިތާމައިގެ ކަނޑުގައި ރީމާ ޣަރަޤު ވަމުން ދިޔައިރު ، ޒަޔާންގެ ޚަބަރުތައް ދެން އިވެން ފެށީ އަދި މާ ހިތްދަތި ގޮތަކަށެވެ.

ޒަޔާން އުޅެމުން ދިޔައީ މުޅިން އެހެން ދުނިޔެއެއްގައެވެ. އޮފީހަށް އަލަށް ވަން މުއްސަނދި ، ރީތި އަންހެން ކުއްޖެއް ކަމަށްވާ ޝީނާއާ އެކު އޭނާ ވަނީ އައު ގުޅުމެއް ފަށާފައެވެ. ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯތަކާއި ވީޑިއޯތަކުން ރީމާގެ ހިތް ކުދިކުދިވަމުން ދިޔައެވެ. އަގުބޮޑެތި ރިސޯޓުތަކުގައި ޝީނާ ގޮވައިގެން ޒަޔާން އުޅެމުން ދިޔައީ އުފަލާއި މަޖަލުގައެވެ. ރޭގަނޑުގެ ހަފްލާތަކުގައި ދެމީހުން އެކުގައި ނަށައި ، ހީ ސަމާސާކޮށް ، ދުނިޔޭގެ އެންމެ އުފާވެރި ޖޯޑުގެ ގޮތުގައި އެތައް ސަކަރާތެއް ޖަހަމުން ދިޔައެވެ.

އެއްދުވަހަކު ހަވީރުގެ ވަގުތެއްގައި ، ހުޅުމާލޭގެ މަގުމަތިން ރީމާއަށް ޒަޔާން އާއި ޝީނާ ފެނުނެވެ. ޒަޔާންގެ އެއްއަތް އޮތީ ޝީނާގެ އުނަގަނޑުގައި ވަށާލެވިފައެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ނިމުމެއް ނެތް އުފާވެރިކަމެވެ. ރީމާ ފެނުމުން ޒަޔާންގެ މޫނުމައްޗަށް ވެރިވީ ފަކުރު ގަންނަ ފަދަ ނުރުހުމުގެ ކުލަވަރެކެވެ. އޭނާ ޝީނާގެ އަތުގައި ހިފައިގެން ، ރީމާއަށް ފުރަގަސްދީ ހިނގައިގަތީ ބީރައްޓެއްސަކަށް ވުރެވެސް ދުރުންނެވެ.

އެ މަންޒަރު ބަލަން ހުރި ރީމާގެ ހިތް ރޮއިގަތެވެ. އެ ހިތުގައި އުފެދުނު ރިހުމަކީ އެއްވެސް ބޭހަކުން ފަސޭހަވާނޭ އެއްޗެއް ނޫނެވެ. އޭނާގެ ހިތުގެ ކަނަކުން ގޮވާލެވުނެވެ. “ލޯބިވާ އޭ! ހެޔޮ ނުވާނޭ! އަހަރެން މި ޙާލުގައި ވައްޓާލާފައި ތި އުޅެނީ ކޮން އުފަލެއް ހޯދަން ހެއްޔެވެ؟ ކަލޭގެ ލޭ މި ހަށިގަނޑުގައި ދައުރުވަމުން ދާއިރު ، ކަލޭގެ ހިތެއް ނެތީ ހެއްޔެވެ؟”

ރީމާ ގެއަށް އައިސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ދުނިޔެ މަތިން އޭނާ މުޅިން ފޫހިވެއްޖެއެވެ. ޢާއިލާގެ މީހުންނަށް މިކަން އެނގޭނެ ދުވަހަކުން ވާނެ ލަދާއި ލިބޭނެ ހިތާމަ ހިތަށް އަރާފައި މޭ ފަޅައިގެން ދާވަރު ވެއެވެ. އަމިއްލަ ނަފްސަށް ކުރެވުނު ކުށުގެ އިޙްސާސް އޭނާގެ ކަރުނަތަކާ އެކު ބޭރުވަމުން ދިޔައެވެ. އެނދުމައްޗަށް ވެއްޓިގަނެ ، ބާލީހުގައި މޫނު އަޅައިގެން އޮވެ އޭނާ ރުއީ ހިތް ފުރެން ދެނެވެ. ޒަޔާންގެ ބޭވަފާތެރިކަމާއި ، ރަޙުމުކުޑަ ކަމަކީ އިންސާނިއްޔަތުގެ އެއްވެސް މިންގަނޑަކަށް ފެތޭ ކަމެއް ނޫނެވެ.

ކުޑަދޮރުން ބޭރު ބަލައިލިއިރު، ވާރޭގެ ތިކިތައް ވަނީ ބޯވެ، ތޫފާނަކަށް ބަދަލުވެފައެވެ. ގުގުރީގެ އަޑުން މުޅި މާހައުލު ގުގުމަމުން ދިޔައެވެ. ރީމާ މަޑުމަޑުން އޭނާގެ ބަނޑުގައި އަތް ޖައްސާލިއެވެ. އެ މައުޞޫމް ފުރާނައިގެ ކުށަކީ ކޮބައި ހެއްޔެވެ؟

ކަރުނައިގެ ތެރެއިން ވެސް ރީމާގެ ހިތަށް ކުޑަ ހިތްވަރެއް ވެރިވިއެވެ. އޭނާ ދެއަތް އުފުލައި ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވިއެވެ. އަދި ހިތާހިތުން ބުނެލިއެވެ. “ޒަޔާންއެވެ! ކަލޭ އަހަންނަށް ދިން މި އަނިޔާއާއި ވޭނުގެ ބަދަލު މި ދުނިޔެމަތިން ނުލިބުނަސް ، ޢަދުލުވެރި ވަންތަ ﷲ ގެ ދަރުބާރުން އަހަންނަށް އިންސާފު ލިބޭނެއެވެ. އަހަރެންގެ ކަރުނަ ތަކަކީ ބޭކާރު އެއްޗެއް ނޫނެވެ.”

ރޭގަނޑުގެ އަނދިރިކަން މުޅި ދުނިޔެ ވަށާލާފައި ވީ ނަމަވެސް ، ރީމާގެ ހިތުގައި އަނދަމުން ދިޔަ ވޭނުގެ އަލިފާންގަނޑު ދިޔައީ މުޅި އުމުރަށް އޭނާގެ ދިރިއުޅުން އަނދާ އަޅިއަށް ހަދަމުންނެވެ. ލޯބީގެ ނަމުގައި ވެވުނު ޚިޔާނާތުގެ ހިތިކަން ، އޭނާގެ މުޅި ޙަޔާތުގެ ބާކީ އޮތް ދުވަސްތަކަށް ނިމުމެއް ނެތް ހިތާމައެއްގެ ސިއްކަ ޖަހައިދީފިއެވެ.

ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކީ ރީމާގެ ރޫޙު ކުދިކުދި ކޮށްލާ ތޫނު ކަށިތަކެކެވެ. ކުޑަދޮރުގެ ފަރުދާ ކަހާލުމަށްފަހު ފުން އަނދިރި ގަނޑަށް ބަލަހައްޓައިގެން ހުރިއިރު ، ހިތުގެ ރިހުން ދިޔައީ ގަދަވަމުންނެވެ. ޒަޔާންގެ ބޭވަފާތެރިކަމުގެ ހިތި ހަނދާންތަކުން މުޅި ސިކުނޑި ސުންނާފަތި ވަމުން ދިޔައެވެ. ދުނިޔެމަތީގެ ހުރިހާ އުފަލަކުން މަހުރޫމްވެފައިވާ ޙާލު ، އެކަނިވެރިކަމުގެ ފިނި ވަޔާއެކު އޭނާ ދެލޯ މަރާލިއެވެ. ކުރެވުނު ކުށަށް ތައުބާ ވަމުން، އުއްމީދުގެ ކުޑަ ކުުޅަވަރަކަށް އެދި ހިތާމައިގެ ކަނޑެއްގައި ޣަރަޤު ވެފައިވާ ރީމާގެ ޙަޔާތުގެ ބާބު ނިމިގެންދިޔައީ އަނދިރިކަމުގެ ތެރެއަށެވެ.

ހިތުގެ އެންމެ ފުންމިނުން ފަޅައިގެން ދިޔަ ވޭނީ ކެކުޅުން ތަކާއެކު، އޭނާގެ ހަށިގަނޑުން ވަރުދޫވެ ބިންމައްޗަށް ތިރިވިއެވެ. ދެލޮލުން އޮހޮރުނު ކަރުނަތަކުން ތަޅުންގަނޑު ތެމެމުން ދިޔައިރު، އެ އަނިޔާވެރި ވަކިތަކުން ސަލާމަތްވާނެ ދުވަހަކަށް އެދި ހިތާމައިން ހިތް ހަލާކުވިއެވެ.