Skip to content
އެސްފިޔަ

ވައިޓް ރޯސް – 1

Listen to this story Audio · 16:17 Powered by Esfiya Voice
0:00 16:17

ނޯޓް: މިއީ އެއްވެސް އިރެއްގައި ހިނގައިފައިވާ ނުވަތަ ހިނގައިފާނެ ކަމެއް ލިޔެފައިވާ ވާހަކަ އެއް ނޫނެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލުގެ މައްޗަށް ލިޔެފައިވާ، މުޅީން ޚިޔާލީ ވާހަކައެކެވެ. މިއީ ދެ އެޕިސޯޑަކަށް ބަހާލެވިގެން ލިޔާ ކުރުވާހަކައެކެވެ.

ފުސްގަނޑެއްގެ ތެރެއިން ފެންނަމުން ދިޔައީ ދެ މީހަކު ޒުވާބު ކުރަމުން ދިޔަ މަންޒަރެވެ. ޒުވާން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ގުޅުން ކެނޑިގެން ދާން ތައްޔާރު ވެފައިވާ ދެ ލޯބިވެރިންނެވެ. އަނެކާގެ ހިތް މަރާލާ ފަދަ ބަހުގެ ހަމަލާތައް ރައްދުކުރަމުން ދިޔައީ މިއީ ހީލަތްތެރި ބައެއްގެ މަޅިފައްޗެއްކަން ނޭނގި ހުރެއެވެ. މައްސަލަ ހޫނުވެގެން ގޮސް އެ އަންހެން ކުއްޖާ ފިރިހެން ކުއްޖާގެ މޭގައި އަތް އަޅާ ކޮށްޕާލައިފިއެވެ.

“މަހްރީން! މަރްޔަމް މަހްރީން!” ފެންނަމުން ދިޔަ ފުސް މަންޒަރުތައް ލޯމަތިން ކެހި ސާފުވެގެން ދިޔައީ ހިތްހަމަނުޖެހިފައި ހުރި ލެކްޗަރާރގެ އަޑު އިވިފައެވެ. އޭރު ހޯލުގައި ކިޔަވަން ތިބި އެހެން ހުރިހާ ދަރިވަރުންގެ ތޫނު ނަޒަރު އަހަރެންނާއި އަމާޒުވެފައިވިއެވެ. ގަތް ލަދުން ބިން ފަޅާފައި އަޑިއަށް ދެވޭނެ ނަމައޭ ހިތަށް އެރިއެވެ. ނޫނީ އާތްވެއް ފަދައިން ހަވަޔަށް އަރައިގެން ދިޔަޔަސް ވަރިހަމައެވެ.

“ލައްބަ. ކިހިނެއްވީ؟” އަހަރެން ސީދާވެލަމުން ބުނެލީމެވެ. “ކިހިނެއްވީހޭ؟ ބަލަ މަހްރީން މި ކްލާހަށް އަންނަނީ ކިޔަވަން ކަމަށް ވާނަމަ މި ކިޔަވައިދޭ އެއްޗަކަށް ފުރިހަމަ ސަމާލުކަން ދީބަލަ. އާގަމަވެފައި ބްލޭންކް ވޯޑް ޑޮކިއުމެންޓަކަށް ބަލަނީ އެއިން ކޮން އެއްޗެއް ފެންނާތީތަ؟” އަހަރެންގެ ލެޕްޓޮޮޕަށް ނަޒަރެއް ދެމުން ލެކްޗަރާރ އޭނާގެ ވާހަކަ ފުރިހަމަކޮށްލިއެވެ.

“ސޮރީ.” އަހަރެން އިސްޖަހާލަމުން އެހެން ބުނެލީ ވީގޮތް ތަފްސީލުކޮށްދޭން ބޭނުން ނުވާތީއެވެ. ބުންޏަސް އެ ޒީލަގަދަ ބޭފުޅާ އެކަން ޤަބޫލު ނުކުރާނެކަން މުޖައްރިބެވެ. އިތުރަށް އަހަރެންނާއި ވާހަކަ ދައްކަން މަސައްކަތް ނުކޮށް ލެކްޗަރާރ އަނބުރާ އޭނާގެ މަޤާމަށް ދިޔައެވެ. މި ބުނީ ސްކްރީނަށް އަރުވައިފައި ހުރި ފިލާވަޅު ކިޔަވައިދޭން ދިޔަ ވާހަކައެވެ.

އެ އުނދަގޫ ބޮޑު ރިސްކް މެނޭޖްމަންޓް ގަޑިއަށް ފަހު ދެން ލިބުނީ ރިލީފް ގަޑިއެކެވެ. ލެކްޗަރާރ ހައިފާ ބަލިވެގެން ކޮލެޖަށް ނައުމުން ލެއްވި ނަސީބެކެވެ. “ނާހިޒާ މިސްގެ ބަވާލުމަކާއި ނުލާ މި މަންޖެއަށް ދުވަހަކު ވެސް ރިސްކް މެނޭޖްމަންޓް ގަޑިއެއް ނިންމާ ނުލެވޭނެ.” ގާތުގައި އިން ޔޫވީން ބުނެލިއެވެ. އަހަރެން ކަޅި އަނބުރާލީމެވެ. އެ މާއްދާ ދެކެ އަހަރެން ރުޅި އަންނަނީ އެ ލެކްޗަރާރގެ މިޒާޖު ހުންނަ ގޮތުގެ ސަބަބުންނެވެ. ގައިމު އަހަރެން ގަވާއިދުން ފިލާވަޅުތައް ނިންމަމެވެ. އިމްތިހާންތަކުން ރަނގަޅު ނަތީޖާ ހޯދަމެވެ. އެކަމަކު ކުލާހުގައި އަބަދު އެ އިސްކްރީނަށް ލޯ ޖަހައިގެން އޭނާ ދަމާ ފަތިވަރު އަހަން އިނދެވޭ ހެއްޔެވެ؟ ވާހަކަ ލިޔުންތެރިއަކަށް ވުމުން ދޭތެރެއަކުން އެފަދައިން އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި އިނދެވިދާނެއް ނޫން ހެއްޔެވެ؟

“އެއީ މަށާ ޒާތީގޮތުން ޖައްސާލާފަ ހުންނަ މީހެއް. އެހެންވީމަތާ ރަނގަޅަށް ނަތީޖާ ގެންނައިރު ވެސް ބެހޭނީ.” އަހަރެން އަސްދޫންޏެއް ހެން ތުން އޮޅާލީމެވެ. އެއަށްފަހު ދެން ފޯނު ނަގާ ވަދެލީ އެސްފިޔަ ވެބްސައިޓަށެވެ. ރޭގަ ސަބްމިޓް ކުރި އެޕިސޯޑް އިނީ ގަޑިއިރެއް ކުރިން އަޕްލޯޑުވެފައެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އަހަރެން އެ އެޕިސޯޑަށް ވަދެލީމެވެ. އަސްތަޣުފިރުއް ﷲ އެވެ. ގަޑިއިރަކުން ސަތޭކަ ކޮމެންޓް ކޮށްފައިވަނިކޮށް މި ފެނުނީ އަދި އަލަށެވެ. ތިރިއަށް ސްކްރޯލް ކުރަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ.

“ވައިޓްރޯސް އަޅެ އެކުއްޖާ އަށް އެހެން ހަދަން ހެޔޮ ނުވާނެއްނު.” “މި ހިސާބަށް އައިސްފަ އީނާލް މަރާލަންވީ ކީއްވެ؟” “ވައިޓްރޯސް ޑޯންޓް ޑޫ ދިސް ޓު މައި ކައިންޑް ގާރލް.” “އެ އަނދުންބުރި (ނުބައި މީހާ އަދުހަމް) މަ އަތު ޖެހުނިއްޔާތާ ރަޖަމްކޮށްލާނަން.” “އަޅެ ހެޔޮ ނުވާނޭ ހުވަފެނަކަށް ހަދާފަ ވިޔަސް އެ ކުއްޖާ ސަލާމަތް ކުރޭ!” “މެއިން ކެރެކްޓަރ މަރާލީމަ ކަޑަ.”

ކޮމެންޓް ތަކުން ކިޔުންތެރިން ހިތްހަމަނުޖެހިފައި ހުރި މިންވަރު ސާފުކޮށް އެނގެން ހުއްޓެވެ. އަހަރެންނަށް ރައްދެއް ދޭކަށް ނޭނގުނެވެ. ދެން ބާކީ އޮތީ އެންމެ ފަހު އެޕިސޯޑެވެ. އެހެން ފަހަރު ތަކާއި ޚިލާފަށް މި ފަހަރު ވާހަކަ އަށް ގެންނަން ގަސްތުކުރީ ހިތި ހިތާމަވެރި ނިންމުމެކެވެ. ދުނިޔޭގެ ޙަޤީޤަތަކީ އެއީ އެވެ. އެއްބަޔަކަށް އުފާވެރި ނިމުމަކަށް ވާސިލުވެވުނެއް ކަމަކު އަނެއްބަޔަކު ޙަޔާތުގެ ފަހު ދުވަސްތައް ގުނާލަނީ މާޔޫސްކަން މަތީގައެވެ.

މި ވަގުތުގެ ގޮތުން ކޮމެންޓް ތަކަށް ރިޕްލައި ދޭން ބޭނުން ނުވާތީ ފޯނު ބާއްވާފައި އަހަރެން އުޅުނީ ނުނިމި އޮތް އެސައިންމެންޓެއް ހަދާށެވެ. ވާހަކަ ލިޔުނަސް ކިޔެވުމަށް އިހުމާލުވުމަކީ އަހަރެން ރުހޭ ކަމެއް ނޫނެވެ. ރަށްފުށުގެ ހިތްފަސޭހަ ދިރިއުޅުން ދޫކޮށް މައިންބަފައިންނާއި ލޯބިވާ އާއިލާ އާއި ވަކިން މި ކޮންކްރީޓް ޖަންގައްޔަށް އައީ މޮޅަށް ކިޔަވަން ބޭނުންވާތީއެވެ. ވާހަކަ ލިޔަނީ ލިބޭ ހުސް ވަގުތުތައް ފުރާލަން ކުރާ ކަމެއްގެ ގޮތުގައެވެ. އެކަމަށް އޮންނަ ލޯތްބެއްގެ ސަބަބުން މުޅިން ވާހަކަ ލިޔުން ހުއްޓާލާކަށް ބޭނުމެއް ނުވެއެވެ. އެހެނަސް ކޮލެޖަށް ދަމުން، ވަޒީފާ އަދާކުރަމުން، ޤަވާޢިދުން އެޕިސޯޑްތައް ނެރުމަކީ މުސްތަޙީލު ކަމެކެވެ. އެހެންކަމުން އަހަރެން ވާހަކަ ނެރެން ފަށަނީ ޑްރާފްޓް ލިޔެ ނިންމައިފައެވެ.

ގަޑިތައް ނިމި ކޮލެޖުން ނުކުމެވޭވަރުވީ ހަތަރެއް ޖަހަނިކޮށެވެ. މަގުމަތީގައި ކޮޅުކޮޅަށް ސައިކަލާއި ކާރުތައް ދުއްވަމުން ދިޔައެވެ. ފައިމަގުގައި އެމީހެއްގެ މަންޒިލަށް ވާސިލުވެވޭތޯ އެއް ބަޔަކު އުޅުނެވެ. ބަރުގޮނު އަޅާ އަޑާއި މީހުން ވާހަކަދައްކާ އަޑުގަދަ ކަމުން ބޯފަޅައިގެން ދާހާއެވެ. އަނގަޔަށް ވައްތަރެއް ޖައްސާލަމުން އަހަރެން ހިނގައިގަތީ އެންމެ ކައިރި އަމީނީ މަގު ބަސް ހުއްޓި އަށެވެ. ބަހަށް އެރުނެއް ކަމަކު އިށީންނާނެ ގޮނޑިއެއް ނުލިބުނެވެ. މި ކަހަލަ ވަގުތަކު ހުސް ގޮނޑިއެއް ލިބުމަކީ ނާދިރު ކަމެކެވެ. އަނެއްކޮޅުން ބަހަށް އަރަމުން ދިޔަ މީހުން ގައިން ދުވަމުންދިޔަ ނުބައި ވަހުން ނޭވާ ހާސްވާން ފެށިއެވެ. ކިއްޕަތި ވަހާއި ބޫޓުގެ ކުނިވަސް އޭސީގެ ފިނިކަމުގެ ތެރޭގައި އެއްވެ، މުޅި ޖާގައަށް ހިފާލާފައިވަނީ ބޮލަށް އެނބުރުން އަރާހާ ވަރުގަދައަށެވެ. އަޅެ އަމިއްލަ ނަފްސުގެ ސާފުތާހިރުކަން ދަމަހައްޓަން ނޭނގޭހާ ވިސްނުން ކޮށީ ކީއްވެގެން ހެއްޔެވެ؟

ވިލިނގިލި ފެރީ ޓާރމިނަލް ކައިރި ބަސް ހުއްޓި އަށް ބަސް މަޑުކޮށްލުމާއި އެކު އެންމެ ފުރަތަމަ ވެސް އެއިން ފޭބި މީހަކީ އަހަރެންނެވެ. މީހުން ތަކު ތެރެއިން ފުރޭނިގެން ގޮސް އަހަރެން ޓިކެޓެއް ގަނެލީމެވެ.

ފެރީ އިން ވިލިނގިއްޔާއި ހަމައަށް ފޯރުނު އިރު ފަހެއް ޖަހަނީއެވެ. ކިތަންމެ ވަރުބަލިވެފައި ހުއްޓަސް ގެއަށް ދާން ޖެހޭނީ ހިނގައިފައެވެ. ލައިސެންސް އޮތެއް ކަމަކު ސައިކަލެއް ނެތިއްޔާ ކުރާނީ ކިޔެއް ހެއްޔެވެ؟

ދިޔަ މަގުމަތީގައި އަހަރެން އަނެއްކާ ވެސް ފޯނު ނަގާ އެސްފިޔަ ވެބްސައިޓަށް ވަދެލީމެވެ. މިހާރު ޖުމްލަ ތިން ސަތޭކަ އެއްހާ ކޮމެންޓް އެ އެޕިސޯޑަށް އައިސްފައި ވިއެވެ. އަހަރެންގެ ފަރާތުން އެއްވެސް ރިޕްލައި އެއް ނުލިބޭތީ ކިޔުންތެރިންގެ ކަންބޮޑުވުން އިތުރުވެފައި ވެއެވެ. އަހަރެންނަށް ތުންފަތުގައި ދައިގަނެވުނެވެ. ރިޕްލައިއެއް ދިނުމުގެ ބަދަލުގައި މިރޭ އަނެއް އެޕިސޯޑް ސަބްމިޓް ކޮށްލާނީއެވެ.

***

ރޭގަނޑުގެ ވަގުތެވެ. އަހަރެންގެ ޝިފްޓު ނިންމާފައި ފިހާރައިން ނުކުމެވޭވަރުވީ ބާރަ ޖަހާ ބޮޑުވި ފަހުންނެވެ. އަހަރެންނާއި ޖެހިގެން ޑިއުޓީ އަށް އަރަން ޖެހޭ މީހާ ލަސްވުމުން ލިބުނު ހަދިޔާއެވެ. ހިތާހިތުން އޭނާއަށް ކުދި ކިޔަމުން ހިނގައިފައި ދިޔައިރު މަގުމަތީގައި މީހުން މަދެވެ. އަވަހަށް ގެއަށް ދާން ވެގެން ދަށު މަގަށް އަޅަން ޚިޔާލުކޮށްފައި ވެސް މަޑު ޖެހިލީމެވެ. ގަސްތަކުގެ ތެރެއިން އެހެން ހިނގައިފައި ދަނިކޮށް ކޮންމެފަދަ ކަމެއް ވެސް ވެދާނެއެވެ. ވާހަކަ ލިޔާތީ މާ ބޮޑަށް ވިސްނެނީ ކަމަށް ވެސް ވެދާނެއެވެ. ވަރިހަމައެވެ. މިރޭ މި މަގަކުން ނުދާނަމެވެ.

ޝަމްސުއްދީން މަގުން ހިނގައިފައި ދަނިކޮށް އަހަރެންނަށް ނޭވާ ހިފަހައްޓާލެވުނީ ފަހަތުން މީހަކު އަންނަހެން ހީވުމުންނެވެ. އިރުކޮޅަކަށް ހުއްޓިލައިފައި އަހަރެން ފޯނާއި ކުޅޭ ކަމަށް ހެދެމުން އެ ފަރާތް ބަލައިލީ އެއީ ކޮން ކަހަލަ ޒާތެއްގެ މީހެއްތޯ ބަލާލުމުގެ ނިޔަތުގައެވެ. އަހަރެންނަށް ހަމަޖެހިލެވުނީ އެ ބޭބެ އަހަރެން ފަހަނައަޅައި ދިއުމުންނެވެ. އިތުރު މީހަކު ނެތުމުން އަހަރެން އަނެއްކާވެސް ހިނގައިގަތީމެވެ. އެހެނަސް… އެހެނަސް އަދިވެސް ހީވަނީ މީހަކު ފަހަތުން އަންނަ ހެންނެވެ. ހިންދިރުވާލަމުން އަހަރެން ހިނގުން އަވަސް ކޮށްލީމެވެ.

އަހަރެންގެ ލޯލިތައް ކޮޅަށް ޖެހުނީ ފިރިހެނަކު އަހަރެންގެ ކޮނޑަށް އަތް ވައްޓާލަމުން ގާތަށް ދަމާލުމުންނެވެ. ގަތް ބިރަކުން އިސް އުފުލާ ބަލާލަން ވެސް ނުކެރުނެވެ. މަސައްކަތް ކުރީ އޭނާގެ އަތް ދަށުން ލުހިގަނެވޭތޯއެވެ. އެހެނަސް ވީކަމެއް ހަރާމެވެ. އެ މީހާ އަހަރެންގެ އަނގަމަތީ ކަޅު ފޮތިގަނޑެއް އަޅާ ބާރުކޮށްލީ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެންގެ ސިކުނޑިން ނުބައި ރަނގަބީލެއް އަޅާލީ އެހެން މީހަކު އަހަރެންގެ އަތުގައި ހިފާ އިންޖެކުޝަނެއް ހަރާލުމުންނެވެ. މި އިންޖެކްޓް ކުރީ އަހަރެން ލިޔާ ވާހަކަ ތަކުގައި މީހުން ހޭނައްތަން ބޭނުންކުރާ ޒާތުގެ ޕްރޮޕޮފޯލް ހެއްޔެވެ؟

“އަހަރެން ހީކުރި ވަރަށްވުރެ ވުރެ ބަލިކަށި. ދެޓްސް ޑިސަޕޮއިންޓިންގ. ވީ ފައިނަލީ މީޓް….” އޭނާގެ އަޑު އަހަރެންނަށް އިވުނީ ތަކުރާރުވަމުން އަންނަ އަޑުތަކެއް ފަދައިންނެވެ. މިއީ އެ އިންޖެކްޓް ކުރި އެއްޗެއްގެ ސަބަބުން ވާގޮތެއްކަން އެނގޭ ވަރުވިއެވެ. ދެން މުޅިތަން އަނދިރިވެެގެން ދިޔައީއެވެ.

ގަދަ ނިންޖެއްގެ މަސްތުކަމުން ޙަޤީޤަތުގެ ދުނިޔެއަށް ހޭވެރިކަންވީއިރު އަހަރެންނަށް އޮވެވުނީ ފިނި މާބްލް ތަޅުންމަތީގައެވެ. ލަސްލަހުން ދެލޯ ހުޅުވާ މި އޮވެވުނީ ކޮންތަނަކު ކަން ދެނެގަނެވޭތޯ ބެލީމެވެ. އެހެނަސް ލޮލަށް އިނގިލި ހަރާލިޔަސް ނޭނގޭހާ އަނދިރި ވުމުން އެ މަސައްކަތް ދިޔައީ ފަނު ފުލުންނެވެ.

ކުއްލިއަކަށް ހުދު ކުލައިގެ ބޮތްކެއް ދިއްލިގެން ދިއުމުން އަހަރެންނަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. އެ ވަގުތު ކޮންމެވެސް މީހަކު އަހަރެން ނަގާ ކޮޅަށް ޖެހުމަށް ފަހު އަތުގައި އެއްޗެއް އެޅުވިކަން އެނގުނެވެ. ހޭނެތުމުގެ ކުރިން އަހަރެން ހިނގައިފައި ދިޔަ ހިނދުކޮޅުގެ ހަނދާންތައް ހިތަށް ސިފަވެގެން ދިޔައީ ދެނެވެ. ފުންކޮށް ނޭވާ ލެވެން ފެށީ ކަންތައް މި ދަނީ ވަރަށް ނުރައްކާތެރި މިސްރާބަކަށް ކަން ދެނެގަނެވުމުންނެވެ. އެހެނަސް މީހަކު އަހަރެން ރަހީނުކޮށްގެން ގެންދަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަކީ ފައިސާވެރި އާއިލާ އަކަށް ނިސްބަތްވާ ކުއްޖެއް ނޫނެވެ. ނުވީތާކަށް ބެހެން ނުޖެހޭ މީހުންނަށް ވައިނޭޅި ދުރުން އުޅޭ ނިކަން މަޑުމައިތިރި ކުއްޖަކީމެވެ.

“އައްދެ ހާދަ ބިރުން. މަރްޔަމް މަހްރީން. ދެލޯ ހުޅުވާލަބަލަ. ނޫނީ ގޮވަންވީ ވައިޓް ރޯސް އޭ ކިޔާފަތަ؟” އަހަރެންގެ ދެލޯ ތަންމިނަށް ހުޅުވާލެވުނީ އެ ފިރިހެން މީހާ ވައިޓް ރޯސް އޭ ކިޔާ މުޚާޠަބު ކުރުމުންނެވެ. އެ ނުދަންނަ ފިރިހެނާ އަށް އަހަރެންނަކީ ވައިޓް ރޯސް ކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އެންމެ ގާތުން އުޅޭ އާއިލާ އާއި ރައްޓެހިންގެ ތެރެއިން ވެސް ވައިޓް ރޯސް އަކީ އަހަރެން ކަން އެނގޭނީ އިނގިލިތަކުން ގުނާލެވޭހާ މަދު ބަޔަކަށެވެ. އެހާ ފިރިހެނުންނާ ދުރުން އުޅޭއިރު އަހަރެންނަކީ ލިޔުންތެރިއެއް ކަން މީނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

ތޫނު ހޭޒަލް ކުލައިގެ ދެލޮލެވެ. ތުނިކޮށް ޓްރިމްކޮށްލެވިފައިވާ ތުނބުޅިއެކެވެ. ހަތަރެސްކަން ބައްޓަމަށް ހުރި މޫނެކެވެ. ކަޅުކަން ގަދަ ރާޅުބާނި އިސްތަށިގަނޑު ކަންފަތު ފުޅާއި ހަމައަށް އަރައެވެ. ބާމަތި ފުޅާވެފައި އިސްކޮޅުން ދިގެވެ. މުށިކުލައިގެ ހަންގަނޑެކެވެ. ލައިގެން ހުރީ ގަބުރު ބޮލެއް ޖަހައިފައި އިން، ކަޅުކުލައިގެ އަތްކުރު ޓީޝާޓެކެވެ. ވިސްނާ ވިސްނާ ވެސް ދަންނަ ސޫރައަކާ ވައްތަރެއް ނުވިއެވެ.

މަތިން އެލުވައިފައިވާ ހިލިހިލާ ގަނޑެއް ފަދަ އެތީގައި ދެއަތް ހައްޔަރު ވެފައި ވުމުން ހަރަކާތްތެރިވެ އުޅެން އުނދަގުލެވެ. އެ ފިނި ކޮޓަރި ތެރޭގައި ޑިޖިޓަލް ސްކްރީނަކާއި މޭޒެއް ހުއްޓެވެ. މޭޒުމަތީގައި ހުރި އެކި ވައްތަރުގެ ހަތިޔާރުތައް ފެނި އަހަރެންގެ ހިތް ގުޑައިގެން ދިޔައެވެ.

“ކީއްވެގެން އަހަރެން މިތަނަށް ގެނައީ.” ހަމަޖެހޭކަން ދައްކަމުން އަހަރެން އެހީމެވެ. އެތެރެއިން ނަފްސު ކުދިކުދިވެ ރޫޅިގެން ދިޔައެއް ކަމަކު ބޭރުފުށުން އެފަދަ އަސަރެއް ނުދައްކާ ވޭތޯ ބެލީ މި މީހާ އަށް އަހަރެންގެ ނާޒުކު ސިފަ ފާޅުކުރަން ބޭނުން ނުވާތީއެވެ.

“ވަރަށް ދުވަސް ވެއްޖެ މިހެން ބައްދަލުކޮށްލަން ބޭނުންވާތާ! ވައިޓް ރޯސްގެ ވާހަކަތައް އަހަރެންނަށް ވަރަށް ކަމުދޭ. އެކަމަކު… އެ ވާހަކަތައް އިތުރަށް ފުރިހަމަ ވާން ބޭނުން މިރެއަށް ފަހު. އެވްރީތިންގް އިޒް ބެޓަރ އެކްސްޕްލެއިންޑް ވެން އެކްސްޕީރިއެންސްޑް ފަސްޓް ހޭންޑް” ލުއި ހީނލުމަކާއި އެކު އޭނާ އައިސް އަހަރެންގެ ކޮނޑުގައި ހިފާލަމުން ހަތަރު ކަޅި ހަމަކޮށްލިއެވެ.

އެ މާނަ ކުރި ކަންތަކާއި މެދު ވިސްނާލެވުމާއި އެކު ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތަށް ސިފަވެގެން ދިޔައީ މީގެ ކުރިން އަހަރެން ލިޔުނު ވާހަކަ ތަކެވެ. ޙަޤީޤަތް ހޯދުމޭ، ދެވުނީ ވޭނޭ އަދި ހީނުކުރައްޗޭގެ އިސް ޝަޚުސިއްޔަތުންނަށް ކުރިމަތިކުރުވީ ވޭންދެނިވި އަނިޔާއެވެ. ރިފްގާ އާއި އާހިލް މަރުގެ ތުންފަތް މައްޗަށް ވައްޓާލެވުނު ގޮތެވެ. ކުށެއް ނެތް މައުސޫމު އަރީންގެ ހަޔާތުގެ ސަފުޙާތައް ލެއިން ކަޅިކޮށްލެވުނު ގޮތެވެ. އީނާލްގެ ދިރިއުޅުން ސުންނާފަތިކޮށް އަނިޔާވެރިކޮށް މަރާލެވުނު ގޮތެވެ. މިނޫނަސް ޖަންނަތު ސުމައްޔާ އިޙުސާނު ވިޝާލް… އާހް… މިހާރު އެ ލިޔެފައި ހުރި ވަރަށް ވުރެ އަނިޔާވެރި ވިއްޔާ….

އަހަރެންނަށް އެ ބިރުވެރި ޚިޔާލުތަކުން ނުކުމެވުނީ ބުރަކައްޓަށް އެރި ބާރުގަދަ ހަމަލާއެއްގެ ސަބަބުންނެވެ. އެޔޮއް ނެގި ނުލަފާ ޒަވި ދިލައެކެވެ. ކަރަންޓް ޝޮކެއް ފަދައިން މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައީ ބަޔާންކުރަންދަތި، ހޫނު އަދި ތޫނު ތަދެކެވެ. ހީވީ އަލިފާންކަނޑައިގެންދިޔަ ވިދުވަރެއް މުޅި ނާރުތަކުގެ ތެރޭގައި ދުވެލިހެންނެވެ. މިރޭ މަށަށް މިތަނުގައި ކެތްވާނެބާއެވެ. މިއީ ކުލަ ނެތް ހުވަފެނަކަށް ވާނެނަމައެވެ. އެހެނަސް ވާހަކަތަކުގައި ލިޔާހެން ނަމަ ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެތާއެވެ.

“ހަނދާންވޭތަ؟ އޯރގަން ސެލާސްގެ އައްޑާގައި ރިފްޤާ އާއި އާހިލަށް ހަމަލާދޭން ބޭނުންކުރި ޗާބޫކު. އަސްލު ހާދަ ކްރިއޭޓިވްއޭ ވައިޓް ރޯޒް. އަހަރެންނަށް މި ހެދުނީ ވަރަށް މަސައްކަތުން.” ފަހަތުން އަހަރެންގެ ބަނޑުމަތީގައި އަތް އަޅުވާލަމުން އޭނާގެ ގާތަށް ދަމާލައިފިއެވެ. އަނެއް އަތުން އެ ޗާބޫކު އަހަރެންގެ ކަނދުރާ އާއި ދިމާލަށް ގެނައެވެ.

“އަހަރެން… އަހަރެން މަރާ..ލަންތަ ތި އުޅެނީ. ތިއީ… ޒަހަރު..” އެ ވާހަކައިގެ ޗާބުކު ސިފަކޮށްދީފައިވަނީ ތޫނު ކަށިތަކެއް ހަރުކޮށްފައިވާ، ކަރަންޓް ޝޮކު ދޭ އެއްޗެއްގެ ގޮތުގައެވެ. އެ އުފެއްދުމުގެ އެންމެ ނުރައްކާތެރި ސިފައަކީ ޖިސްމުގެ އެންމެހާ ގުނަވަނެއް އިންފެކްޓްކޮށްލާ ވިހައެކެވެ. އެ ވިހަ ހަށިގަނޑަށް އެތެރެވެ އަވަސް ފަރުވާ ނުދެވިއްޖެނަމަ ހައްޓާއި ފުރާނަ ދެތަން ވުމަކީ އެކަށީގެންވާ ކަމެކެވެ.

“ނޫނޭ. އަހަރެން ބޭނުމެއް ނޫން ވައިޓް ރޯސް މަރާލާކަށް. ޔޫ ޝުޑް ކޮންޓިނިއު ރައިޓިން މާސްޓަރ ޕީސެސް. އަހަރެން މިއަށް ވިހައެއް ނުލަން. އެހެން ނޫނަސް އެފަދަ ވިހައެއް މި ޒަމާނުގައި އުފައްދާފައެއް ނެތެންނު. ޔުއަރ އިމޭޖިނޭޝަން އެކްސީޑްސް ދަ ކަރަންޓް ލިމިޓްސް އޮފް ރިއާލިޓީ.” އެ މީހާ އަހަރެންނާއި ދުރަށް ޖެހިލަމުން ދެވަނަ އެތިފަހަރު ވީއްލާލައިފިއެވެ. ހީވީ ކަށިތައް މުގުރިގެން ދިޔަ ހެންނެވެ. ކަރުބުޑުން ހަޅޭއްލަވައިގަނެވުނީ އެ ވޭނަށް ކެތްނުވެގެންނެވެ. ކަރުނައިން ލޯ ފުސްވެ ރޮވެން ފެށުނީ އަމިއްލަ ބަދުނަސީބުކަން ހިތަށް އަރައިފައެވެ. މިތަނުގައި އަހަރެން ނިމިގެން ދިޔަނަމަވެސް ސަލާމަތް ކުރަން އަންނަން އެނގޭނީ ކާކަށް ހެއްޔެވެ؟ މައިންބަފައިން އުޅެނީ ރަށުގައެވެ. އުޅެނީ އަމިއްލަ އަށް ކޮޓަރިއެއް ހިފައިގެން ކުއްޔަށެވެ. ދަން ވަގުތަކު އެކުވެރިއަކު ވެސް އަހަރެން ހޯދާކަށް މަސައްކަތެއް ނުކުރާނެތާއެވެ.

ދިހަވަނަ ހަމަލާއަށްފަހު އޭނާ ހުއްޓާލިއެވެ. އޭރު އަހަރެން ލައިގެން ހުރި ދަނބުކުލައިގެ ހެދުން ވަނީ ލެއިން ކަޅިވެފައިއެވެ. އަޅައިގެން ހުރި ޝޯލް ވީދިފައެވެ. އަރުތެރޭގައި ދަގަނޑު ލޭރަހަ ލަމުން ދިޔައެވެ. ކޮޅަށް ހުންނަނީ އަތުގައި އަޅުވައިފައިވާ ހިލިހިލާގެ ބާރަށެވެ. ހަކަތަ ހުސްވެ މުޅި މީހާ ހާންތި ވެއްޖެއެވެ. ރޮއިރޮއި ލޮލުން ދިލަ ނަގަން ފަށައިފިއެވެ.

އެ ފިރިހެނާގެ ރަޙުމް ކުޑަ ކަން އިންތިހާއެވެ. އެހާ ވަރަށް އަނިޔާވެ ޒަޚަމުވެފައިވަނިކޮށް ދެން ތަޅަން ފެށި ލަޓިބުރިންނެވެ. އެއަށްފަހު ގޮށްމުއްކަވާފައި އަތުންނެވެ. ދެވޭ ކޮންމެ ހަމަލާއަކާއި އެކު ހީވަނީ ހޭކެނޑިގެން ހިނގައިދާނެ ހެންނެވެ. މުޅި ހަށިގަނޑުގައި ދިލަ ރިހުމެއް ވަކި ހިއްޕާލައިފައިވީއިރު، ނޭވާލާ ކޮންމެ ފަހަރަކު މޭކަށިގަނޑު ފަޅައިގެންދާ ފަދައެވެ. ދެއަތަށް ލެނބިލެނބި ހުރެ، ސަލާމަތްވުމަށް އެދި އާދޭސްކުރާނެ ހިތްވަރުވެސް ގެއްލިއްޖެއެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނައިން މުޅި މޫނު ތެމިއްޖެއެވެ. އޭނާގެ ކުރިމަތީގައި އަހަރެންވީ އާރެއް ބާރެއް ނެތް ނިކަމެއްޗަކަށެވެ.

“އޭތް އަދި ހޭކެނޑިގެން ބިމަށް ދެމޭނެ ކަމެއް ނެތް.” އެ މީހާ އަހަރެންގެ ކޮލުގައި ހިފާ ފިއްތާލައިފިއެވެ. އެއަށްފަހު ދެއަތް މިނިވަން ކުރި ކަން އެނގުނެވެ. ހަކަތަ ނެތުމުގެ ސަބަބުން އަހަރެން އަރިއަޅާލިއެވެ. އެހެނަސް ވެއްޓެންވާއިރަށް އޭނާ އަހަރެންގެ އުނަގަނޑުގައި އަތްއަޅުވާލަމުން މޫނުގައި ހިފާލިއެވެ. ގާތުން އެ މޫނު ފެނުމުން އިތުރަށް ނުތަނަވަސްވިއެވެ. އެ ދެލޮލުގައިވަނީ ހުސްކަމެވެ. ކުރި ކަންތަކާއި މެދު ހިތްހަމަޖެހިފައި ހުރި ކަހަލައެވެ. ކޮންފަދަ ނުލަފާ ރަޙުމްކުޑަ ފުރޭތައެއް ހެއްޔެވެ؟ މިނިކާވަގާއި ސިންގާ ފަދަ ޖަނަވާރުތައް ވެސް މިހާ އަނިޔާވެރިއެއް ނުވާނެއެވެ. އަހަރެންގެ ދެލޯ މެރެމުން ދިޔަ ވަގުތު އެ ތުންފަތުގައި ކުޅެލެވިފައިވީ ވިހަ ހިނިތުންވުމުން އޭނާ ސިފަވީ ‘ސައިކޯޕެތް’ އެއްގެ ގޮތުގައެވެ.

—

Comments (21)

  1. ☆Berrycake☆

    Yay our white rose is back finally 🙌
    How u doing gurl, I surely missed ur stories 🥹
    Wow, ma sha Allah Allahumma Barik, varah dhuvas fahun mi libunee kiyaalan white rose ge vaahaka eh ☺️
    Adhi eves mioh dhanvaru ey mi kiyaalevuneeves mikahala biruveri vaahaka 😂
    Writing is amazing, description is very very furihama I can feel the pain already aaaaah 😣
    Eagerly waiting for next part, sending a loooooooot of love 🤍

    1. White rose
      ☆Berrycake☆

      I’m well alhamdhulilah, how are you?? Hehe yeah exams and other stuff kept me busy 💔💔
      I’m super duper glad to hear that 🥰🥰
      Shukran Berrycake ✨✨
      Lyt darl 🫰🏻🫰🏻

  2. miss rose

    Vaahaka varah reethi MA. Isnt that ur previos stories? Very interesting. Curiosly waiting for next part???

    1. White rose
      miss rose

      Yes, its an intriguing plot with myself at the center, but fictional story eh ingey 😅😅
      Shukran miss rose ✨✨

  3. Lavender

    OOOOMMMMGGGGG THIS IS A MASTERPIECE 😍🔥💗💗💗

    1. White rose
      Lavender

      This mean so much 🥰🥰
      Shukran Lavender ✨✨

  4. Nayaa

    my god.. bunaane echeh ves neyngunu.. this is soo creative alheyy 😻😻😻 masha allah masha allah!

    varah varah reethi ingey dhoonyyaa!!❤️

    1. White rose
      Nayaa

      I’m super delighted to hear that 🥰🥰
      Truly appreciate the support 🥹🥹
      Shukran Nayaa my favv ✨✨

  5. shihaamaa ali

    Omygaaadd varah varah varah reethi allahumma baarik im out of words frll🤩 you are on fire gurll❤️‍🔥❤️‍🔥 cant wait for moree of your masterpieces the next ep too aaahh.. ilysmmm favvv 🩶🫶🏻🥹

    1. White rose
      shihaamaa ali

      I’m ecstatic to hear that 🥰🥰
      Shukran shihaamaa ali ✨✨
      Lyt darl 🫰🏻🫰🏻

  6. Anonymous

    Hello ashw!
    This story is so wow

    1. White rose
      Anonymous

      Shukran Anonymous ✨✨

  7. Lamtty

    Allahumma baarik! My jaw dropped mi kiyaafa..ehaaves reethikoh kulavi! ❤️ May Allah bless you works..this is epic! 😍

    1. White rose
      Lamtty

      Glad to know 🥰🥰
      Shukran Lamtty ✨✨

  8. Anonymous

    White rrrrooooossseeeeeeee 😳😳😳😳😳
    Maashaaa allah haadha furihama master piece ekeyy…
    Vrh furihama…. haadha inthizaareh kureeemey white rose aa vaahaaka eh nereyne dhuvahakah…. mi faharu amilla meehaa laigem dhw🤣 alheyyy 2 eps ge stry e keyyy😭😭😭😭…. long. Stry eh libeynee kn dhuvahakun?? When next?? U are one of my favvv🥺🥺🥺….

    1. White rose
      Anonymous

      Awww, vrh vrh ufaavejje 🥰🥰
      Hehe yeah, it was a random idea that popped into my head 😅😅
      Long story ehge rough draft eh liyevunyma leveyni, adhi ekan nuvegen mi ulhenyy 💔🥀
      IA maadhamaa submit kohlaanan
      Shukran Anonymous, truly appreciate your support ✨✨

  9. Anonymous

    Hi ashwaaaa

  10. Your fav bab

    Gurllll!!!!!! UR so BACKKKKKK!!! I missed u sm😭
    YAA RABBI!!!!! This is sooooo gud!!! I’m out of words✨✨
    Genuinely thought true kmh was freaking the shit out of me😭!
    Gurl fr!! Your creativity exceeds the reality ✨ impressive darling!!
    Waiting for next!
    Lysssssmmm💗

    1. White rose
      Your fav bab

      Missed you too dear 😉😉
      I’m delighted to hear that 🥰🥰
      I liyuny ves vrh birun hure 😭😭
      Shukran Your fav bab ✨✨
      Lyt darl 🫰🏻🫰🏻

  11. Anonymous

    Why isn’t ashw replying to me

    1. White rose
      Anonymous

      Whos ashw 😭😭

Comments are closed.