
ހާދަ ވޭނެއް ލިބޭތީއޭ – 1

ބައެއް މީހުން މުޅި އުމުރު ހޭދަކުރަނީ އުފާވެރިކަން ހޯދުމުގައެވެ. އަނެއްބަޔަކު މުޅި އުމުރު ހޭދަކުރަނީ ވޭނާއި ތަކުލީފުތަކުން މިންޖު ވޭތޯއެވެ. ހިތުގައިވާ ކެކުޅުމަށް ލުއެއް ލިބޭތޯއެވެ.
ދިރިއުޅުމަކީ ކޮންމެ ފަހަރަކު އަހަރެމެން ހުވަފެން ދެކޭ ފަދަ އުފާވެރިކަމެއް ދޭ އެއްޗެއް ނޫނެވެ. ބައެއް ފަހަރު، އެންމެ ލޯބިވާ މީހުން ވަކިވެ ދަނީ، އުފުލަން ދަތި ވޭނީ ހަނދާންތަކެއް ދޫކޮށްފައެވެ. އަދި ބައެއް ފަހަރު، ދިރިހުއްޓަސް، ހަށީގައި ފުރާނަ ހުއްޓަސް، ހިތް މަރުވެދާނެއެވެ. ދިރިއުޅުން މަތިން ފޫހިވެފައި ތިބޭ މީހުންވެސް މަދެއް ނޫނެވެ. ކޮންމެ ކޮންމެ މީހަކަށް ދިރިއުޅުމަކީ ފިނިފެންމަލުގެ ފިޔަތަކުން ޖަރީކޮށްފައިވާ ދާނެއް ނޫނެވެ.
ރާހުއަށް، މާލޭގެ ދިރިއުޅުން ވެފައިވަނީ ހަމަ އެފަދަ ކަމަކަށެވެ. ކާރޫބާރު ބޮޑު މަގުތަކުގެ އަޑުގަދަ ކަމާއި، ކޮޅެއްނެތް ޒިންމާތަކާއި، އަނގަޔާއި އަތާއި ދިމާވޭތޯ ދެކޮޅު ޖެއްސުމަށް ކުރަންޖެހޭ ހިތި ތަޖުރިބާތަކުގެ ފަހަތުގައި ވަނީ، ބަޔާންކުރަން ދަތި ވޭނެއް އުފުލަމުންދާ ޒުވާނެކެވެ. ކެންސަރު ބަލީގައި މަންމަ ވަކިވެދިއުމަކީ، އޭނާގެ ހަށިގަނޑުން ދުވަހަކުވެސް އަނބުރާ ނުލިބޭނެ ފަދަ ބައެއް އުނިވެގެން ދިޔަ ކަމެކެވެ. ހިތާމައިން ފުރިފައިވާ ހިތަކާއި، ހިތްހަމަޖެހުމެއް ނެތް ދިރިއުޅުމަކާ އެކު، ރާހު މުޅިން ތަފާތު ހަޔާތެއްގެ ހުވަފެން ދެކެން ފެށިއެވެ. މާލޭގެ ހަލަބޮލިކަމާއި މާ ދުރުގައިވާ ތަނެކެވެ. ހަމަނޭވާއެއް ލެވޭނެ، އަލުން ދިރިއުޅުން ފެށޭނެ، އަދި ދިރިއުޅުމުގެ އެންމެ އާދައިގެ ކަންކަމުންވެސް ކުޑަނަމަވެސް އުފަލެއް ލިބޭނެ ފަދަ ތަނެކެވެ. އޭނާ ހުރީ ހުރިހާ އެއްޗެއް ދޫކޮށްލާފައި، ރަށްފުށުގެ ދިރިއުޅުމަކަށް ބަދަލުވެ، ދިރިއުޅުމަށްޓަކައި ޙަލާލު ކޮންމެ މަސައްކަތެއްވެސް ކުރަން ތައްޔާރަށެވެ. މާލޭގެ ކޮންކުރީޓު ޖަންގަލީގައި ގަނަ ތެޅި ހަފުސް ވާކަށް ރާހު ބޭނުމެއް ނުވެއެވެ. ބުރި ބިންދައިގެން ބުރަ މަސައްކަތުން ހޯދާ މަދު ލާރިކޮޅުވެސް އަތުގައި ރައްކާ ކުރާކަށް ނުލިބެއެވެ. ރާހު އާއި އޭނާގެ ދޮންތަ އަދި ދޮންތަގެ ފިރިމީހާއަށް ލިބޭ މުސާރައިންވެސް ދެކޮޅު ޖެއްސެނީ ހަމަ ކިރިޔާއެވެ. މަންމަ ނިޔާވުމުން، ރާހުގެ ކެތްތެރިކަން ކޮޅުންލިއެވެ. އަދި އިތުރަށް ހިތްވަރު ކުރާނެ ހަކަތަ ހަށިން ހުސްވިއެވެ. ރާހު ހިތަށް އެރިއެވެ. މިއީ އެއްވެސް ދިރިއުޅުމެއް ހެއްޔެވެ؟ އެއްވެސް އުފަލެއް ނެތެވެ. އެއްވެސް ހަމަޖެހުމެއް ނެތެވެ. ސިކުނޑިއަކަށްވެސް ލުޔެއް ލިބޭނެ ވަގުތެއް ނުދައްކައެވެ. މަސައްކަތްކޮށްކޮށް ވަރުބަލިވެއްޖެއެވެ. ވިސްނައި ވިސްނައި ބޯ ފަޅައިގެންދާވަރު ވެއްޖެއެވެ. މުޅި އުމުރު މިހެން ހުސްކޮށްލަން ވީ ހެއްޔެވެ؟ މިކަހަލަ ދިރިއުޅުމެއް އުޅެން އަހަރެން އިތުރަކަށް ބޭނުމެއް ނޫނެވެ. މަންމައަށްޓަކައި ހާދަ ހިތްވަރެއް ކޮށްފީމެވެ. އެކަމަކު ނެތް ހިތްވަރެއް ދައްކައިގެން އިތުރަށް އުޅޭނެހާ ހިތްވަރެއް އަހަރެންގެ ހައްޓަކު ނެތެވެ. ރާހުގެ އެ ނިންމުމަށް އޭނާގެ ދޮންތަވެސް އިންކާރެއް ނުކުރެއެވެ. ވާނީވެސް އެހެންތާއެވެ. ރާހުގެ ހާލަތާއި ހިތުގެ އުދާސްތައް ރާހުގެ ހިތާމަތައް ރާހު އަބަދުވެސް އޭނަގެ ދޮންތައާއި ހިއްސާކުރެއެވެ. ދޮންތަވެސް ރާހުއަށް ދިމާވާ ހުރިހާ ކަމެއްގައި ރާހުއަށް ހިތްވަރު ދެއެވެ. އަދި ރަނގަޅު ކަމެއް ނަމަ އެކަމަކައިގެން ކުރިއަށް ދެވޭނެ މަގުވެސް ކޮށައި ދެއެވެ.
އެއާއެކު، މާލޭގެ ތޮއްޖެހިފައިވާ މަގުތަކާ މާ ދުރުގައިވާ ރަށެއްގައި، އެހެން ވާހަކައެއް ދިޔައީ ފެށެމުންނެވެ.
ކޮއިނާ ބޮޑުވެގެން އައީ ލޯތްބާއި އަޅާލުމުން ފުރިފައި އޮތް، ނަމަވެސް އުފާވެރިކަމާއެކު އަބަދުވެސް ވޭން އެކުލެވިގެންވީ ގެއެއްގައެވެ. ކޮއިނާ އުފަންވި ދުވަހުން ފެށިގެން އޭނާގެ މަންމަ އޮތީ އެނދުމަތި ވެފައެވެ. ކޮއިނާ ބަލައި ބޮޑުކުރީ އޭނާގެ ބައްޕަގެ މިންނެތް މަސައްކަތުންނެވެ. ގިނަގުނަ ގުރުބާނީތަކެއް ވެގެންނެވެ. އެކަނިމައި އެކަނި އުޅެމުންވެސް ކޮއިނާއަށް ދުވަހަކުވެސް އެއްވެސް ކަމެއްގައި އުނިކަމެއް އިހުސާސެއް ނުކުރެވެއެވެ. އުޅުނީ ފަގީރު ޙާލުގައެވެ. އެހެނަސް އަބަދުވެސް އުޅުނީ ލިބޭ މިންވަރަށް ޝުކުރު ކޮށްގެންނެވެ. އެއްބައި ދުވަސްދުވަހު ކޮއިނާ އަށާއި ކޮއިނާގެ މަންމައަށް ކާން ދިނުމަށްފަހު، ކޮއިނާ ބައްޕަ ކާނެ އެއްޗެއް ބާކީއެއް ނުހުރެއެވެ. އެހެނަސް އެކަމާ އޭނާ ދުވަހަކުވެސް ޝަކުވާއެއް ނުކުރެއެވެ.
ކޮއިނާގެ ބައްޕައަކީ، އަނބިމީހާ ދެކެ އިންތިހާއަށް ލޯބިވި، އަދި ދަރިފުޅު ދެކެ ހިތާއި ފުރާނައިން ލޯބިވާ މީހެކެވެ. ނަމަވެސް، އޭނާގެ ހިތުގައި ދިރިއުޅުމާ މެދު މަޑުމަޑުން ގަބޫލުކުރެވެން ފެށި ވިސްނުމަކީ ލޯތްބަކީ ހުރިހާ ހިތާމައާއި ތަކުލީފުގެ އަސްލު ކަމުގައެވެ. އޭނާގެ ނަޒަރުގައި ލޯބިވުމަކީ ހެދޭ ގޯހެކެވެ؛ މީހެއްގެ އުފާވެރިކަން ފުނޑުފުނޑުކޮށްލައި، ދުވަހަކުވެސް ފަސޭހަނުވާނެ ޒަޚަމްތަކެއް ދޫކޮށްލާ ނިންމުމެކެވެ. އެއީ ކޮއެނާގެ ބައްޕަގެ ވިސްނުމެވެ. ކޮއިނާއަށްވެސް އޭނާ ވިސްނައިދޭ ވިސްނުމަކީ އެއީއެވެ.
ބައްޕަގެ ހިތްދަތި ގަބޫލުކުރުންތަކުގެ ހިޔަނީގައި ބޮޑުވުމަކީ ކޮއިނާއަށް ދުވަހަކުވެސް ފަސޭހަކަމަކަށް ނުވިއެވެ. ބައްޕަ އޭނާދެކެ އިންތިހާއަށް ލޯބިވާ މިންވަރާއި، އޭނާ ބޮޑުކުރުމަށްޓަކައި ވި ޤުރުބާނީތައް އެނގުނު ކަމުގައި ވިޔަސް، ލޯބި ފަދަ ފުން އިޙްސާސެއް އެއީ ކުށެއްގެ ގޮތުގައި ދެކެންވީ ސަބަބު ދެނެގަތުމަށް އޭނާގެ ހިތުގެ އެއްފަޅި އަބަދުވެސް ހަނގުރާމަ ކުރެއެވެ. އޭނާގެ މަންމައަށްޓަކައި ބައްޕަ މުޅި އުމުރު ހުސްކޮށް، އެތައް އަހަރެއްގެ ވޭނާއި ތަކުލީފުގައި އަޅާލައި، ކައިރީގައި ހުރިތަން އޭނާއަށް ވަނީ ފެނިފައެވެ. އެހެންނަމަވެސް، ޝަރުތެއްނެތި މީހަކުދެކެ ލޯބިވުމަކީ ކޮބައިކަން އޭނާއަށް ދަސްކޮށްދިން ހަމަ އެ ބައްޕަ ވަނީ ލޯބީގެ މަޅީގައި ޖެހުމަށް ބިރުގަންނަންވެސް އޭނާއަށް ދަސްކޮށްދީފައެވެ. މިކަމުގެ ސަބަބުން ކޮއިނާ ހުރީ ގޭތެރެއިން ފެނުނު ކުލުނާއި، ބައްޕަ އޭނާގެ ހިތުގައި އިންދައި ދިން ބިރުވެރިކަމުގެ އޮށުގެ ދެމެދުގައި ތާށިވެފައެވެ. ސިއްރުސިއްރުން އޭނާ ދެކޭ ހުވަފެންތަކުގެ އުފާވެރިކަން އިޙްސާސް ކުރުމުގެ ފުރުސަތު ދުވަހަކުވެސް އޭނާއަށް ލިބިދާނެ ބާއޭ، ނުވަތަ މީހަކުދެކެ ލޯބިވުމަކީ، އޭނާގެ ލޯބިވާ ބައްޕަގެ އުއްމީދުތައް ވެއްޔާއި މޮޑެލުން ކަމުގައި ވެދާނެބާއޭ ބައެއްފަހަރު އޭނާގެ ހިތަށްއަރައެވެ. ބައްޕަގެ ހިތާމަތައް އޭނާއަށް ވިސްނެއެވެ. އެކަމަކު އޭނާގެ އަމިއްލަ ހުވަފެންތަކެއްވެސް އެބަހުއްޓެވެ. މީހެއްގެ އެންމެ ޚާއްޞަ މީހާއަށް ވުމަކީ ކޮންފަދަ އިޙްސާސެއް ކަން ދެނެގަތުމަށާއި، އޭނާއާ ބައްދަލުވާނެ ވަގުތަކަށް އިންތިޒާރުކުރާނެ މީހަކު ހުރުމަށާއި، ދިރިއުޅުމުގެ ކުދިކުދި ވަގުތުތައް ހިއްސާކޮށްލުމަށާއި، އަދި ލޯބި ލިބުމުގެ ފޮނިމީރުކަން އިޙްސާސް ކޮށްލުމަށް އޭނާގެ ހިތުގެ އަޑިން އެދެވެއެވެ. އެހެންނަމަވެސް، އޭނާއަށް އެމީހެއްގެ ރުހުން އެންމެ މުހިންމުވާ ފަރާތުން، ލޯތްބަކީ އިންސާނަކަށް ހެދޭނެ އެންމެ ބޮޑު ގޯސް ކަމުގައި ދެކޭ ހިނދު، އެ ހުވަފެންތަކުގެ ފަހަތުން އޭނާ ދާނީ ފަހެ ކިހިނެއް ހެއްޔެވެ؟ ކޮއިނާ އެއްބައި ފަހަރަށް ހިތަށް އަރައެވެ. ލޯތްބަކީ ވޭނަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ ލޯބި ވުމަކީ ފާފައެއް ނޫނެވެ. ލޯބި ވެވެނީވެސް ކޮންމެހެން އިހުތިޔާރެއް އޮވެގެނެއް ނޫނެވެ.
ދިރިއުޅުމަކީ، އެއްވެސް މީހަކު އުންމީދު ނުކުރާ ފަދަ ގޮތްގޮތަށް ވެސް މީހުން ބައްދަލު ކުރުވާ، އަޖައިބެއް ފަދަ އެއްޗެކެވެ.
ދިރިއުޅުމުގެ އުފާވެރިކަމަށް އޮތް އިތުބާރު ގެއްލިފައިވާ ޒުވާނަކާއި، ލޯތްބަށް އޮތް އިތުބާރު ގެއްލިފައިވާ ބައްޕައެއްގެ އަންހެން ދަރިފުޅާ ދެމީހުން ބައްދަލުވުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ ދުނިޔެ އެހާ ބޮޑު ވޭނަކުން ވަށާލެވިފައިވާ އިރު، އެ ދެ ހިތަށް ހަމަޖެހުމެއް އުފަލެއް ހޯދިދާނެ ހެއްޔެވެ؟ އަދި ދެމީހަކަށް މުޅި ދިރިއުޅުން ކަމުގައިވާ އިހުސާސަކީ، އެހެން މީހަކަށް ބަލައިގަންނަން ދަތި އެއްޗަކަށް ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ދެ ހިތެއްގެ އޮޅުން ބޮޅުން ބޮޑު ދަތުރެއްގެ ރާސްތާ ފަސޭހަވާނެ ބާއެވެ؟ އެ ދެ ހިތަށް ދާން ބޭނުންވާ މަންޒިލަށް ދުވަހަކުވެސް ވާސިލުވެވޭނެ ބާއެވެ؟
(ނުނިމޭ)