Skip to content
އެސްފިޔަ

ފުރާނައިގެ ވިންދު

Listen to this story Audio · 13:58 Powered by Esfiya Voice
0:00 13:58

ދުނިޔޭގެ ދިރިއުޅުމަކީ ހުޅުވާލެވިފައިވާ ބޮޑު ފޮތެއް ކަހަލަ އެއްޗެކެވެ. އަދި އިންސާނާގެ ކުރު ޙަޔާތަކީ އޭގައި ލިޔެވެމުންދާ ވާހަކައެއް ކަހަލަ އެއްޗެކެވެ. އެކި ބާބުތަކަށް އެކި ޞަފްޙާތަކުގައި އެތައް ވާހަކަތަކެއް ދަނީ ލިޔެވެމުންނެވެ. ނަމަވެސް އެ ހުރިހާ ވާހަކަ ތަކަކީ އަމިއްލަ ރޫޙާ ހިތަށް ހިތްހަމަޖެހުން ވެރިކުރުވާ ވާހަކަތަކަކަށް ނުވެދާނެއެވެ.

އަހަރެންގެ ހަޔާތަށް ވެސް މިވަނީ ބާރުގަދަ ކޮޅިގަނޑެއް ވެރިވެފައެވެ. ބަހާރުގެ އާރޯކަން ފިލާ ގޮސް ދާއިމީ ޚަރީފެއްގެ ވީރާނާކަން ތަހައްމަލް ކުރަން ޖެހިފައެވެ. އަހަރެން ވިހެއުމުގެ ތެރޭގައި މަންމަވަނީ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. ނަމަވެސް ބޮޑުވަމުން އައިއިރު މަންމަ ނެތް ކަމުގެ އެއްވެސް އިޙުސާސެއް އަހަންނަކަށް ނުކުރެވެއެވެ. އެއަށްވުރެ ފުރިހަމައަށް މައެއްގެ މަގާމުވެސް އަދާކުރަމުން ނުހަނު ލޯބިން ބައްޕަ ދިޔައީ އަހަރެން ބަލަމުންނެވެ. ދުނިޔޭގައި ވަންޏާ ވާހާ އުފަލެއް ދީގެން ބައްޕަ އަހަރެން ބަލަމުން އައިއިރު ބައްޕައާއި ނުލާ ދިރިއުޅުމަކީ ދުވަހެއްގެ ކޮޅުންވެސް ފެންނާނެކަމަށް އަހަރެން ހީވެސް ނުކޮށް ހުރި ދުވަހެކެވެ. ނަމަވެސް މިއަދު އަހަންނަށް މިވަނީ އެ ހިތި ހަގީގަތާ ކުރިމަތިލާން ޖެހިފައެވެ.

ބައްޕަ ނިޔާވުމުގެ ކުރިން ބައްޕަވަނީ ބައްޕަގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޒިޔާދުބެއަށް ބައްޕަ ނެތަ ދުވަހަކުން ވެސް އަހަރެން ރަނގަޅަށް ބެލުމަށް ވަސިއްޔަތް ކޮށްފައެވެ. ނަމަވެސް އެ މީހުންނަށް ވެސް އަހަރެންމީ ބޮޑު ބުރައަކަށް ވީ ކަންނޭގެއެވެ. އަހަރެން ބެލުމަށް ގެނައީ ދުރު ހިލޭ މީހެކެވެ. އެދުވަހުން ފެށިގެން އަހަރެންގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުރީ ޔަޒާންއެވެ. ކޮންމެ ދުވަހަކު އަހަންނަށް ކާންދީ، ބޭސްދީ، އަދި މަޑުމަޑުން ބައްޕަ ނިޔާވުމަށް ފަހު އަހަރެން އުޅެމުންދިޔަ އަނދިރި ހަޔާތް އަލިކޮށްދެވޭތޯ މަސައްކަތްކުރި ހަމައެކަނި މީހަކީ ވެސް ޔަޒާންއެވެ.

ދުވަސްކޮޅެއް ފަހުން އަހަންނަށް ލިބުނީ އަހަރެން ހައިރާން ކުރުވަނިވި ހަބަރެކެވެ. އަހަރެންގެ ނަފްސާނީ ހާލަތު ރަނގަޅުވިހާ އަވަހަކަށް އަހަރެންގެ ކައިވެނި ޒިޔާދުބޭގެ ދަރި ޒާއިން އާއި ކުރެވެން އުޅޭ ކަމުގެ ހަބަރެވެ. އަހަންނަށް އެނގިފައިވާ ގޮތުގައި ޒާއިން އުޅެނީ ވެސް ކުއްޖަކާއި ރައްޓެހި ވެގެންނެވެ. އަހަރެންނާއި ޒާއިން އަކީ ކުޑައިރުއްސުރެ ވެސް ބޭބެއަކާއި ކޮއްކޮއެއްހެން އުޅެމުން އައި ދެކުދިންނަށް ވުމުން ޒާއިން މިކަމަށް އެއްބަސް ވެދާނެ ކަމަށް އަހަރެން ހިއެއްވެސް ނުކުރަމެވެ. އަނެއްކޮޅުން ޔަޒާން އެއީ ހަމައެކަނި އަހަރެންގެ ބަލަދުވެރިޔާގެ މަގާމުގައި ހުރި މީހެއް ކަމުގައި ވިޔަސް އަހަންނަށް ޔަޒާން އެއަށްވުރެ ގާތެވެ. ޔަޒާން އާމެދު އަހަންނަށް ދެކެވެނީ އެކުވެރިއަކަށް ވުރެ ވެސް ގާތްކޮށެވެ. ނަމަވެސް ޔަޒާން އާއި އެވާހަކަ ހިއްސާކުރަން އަހަންނަށް ފަސްޖެހެވެނީއެވެ. އެއީ އަހަރެންގެ ކައިވެނި ކުރެވެން އުޅޭތީ އެކަންޏެއްވެސް ނޫނެވެ. ޔަޒާން އަހަންނާމެދު ދެކޭގޮތް މުޅިން ބަދަލުވެދާނެ ތީވެސް މެއެވެ. އަހަންނަށް އެނގިފައިވާ ގޮތުގައި އިންސާނުންނަކީ ވެސް އަޖައިބެއް ކަހަލަ ބައެކެވެ. މޫސުން ބަދަލުވާހެން އެކިފަހަރުމަތިން ބަދަލުވާ ބައެކެވެ. ނަމަވެސް ޔަޒާން އަކީ އެކަހަލަ މީހެއް ނޫންކަން އަހަންނަށް އެނގުނީ އަހަރެން ޒާއިން އާއި ކައިވެނިކުރަން އޮތް ދުވަހުއެވެ.

“އިބާ… އިބާ ކޮންމެކަމެއް ބޭނުންވިޔަސް އަހަރެން ކައިރީ ބުނައްޗޭ އިނގޭ.. އިބާ ޒާއިން އާއި ކައިވެނި ކުރިޔަސް އިބާ ބޭނުން ކޮންމެ ކަމެއް އަހަރެން ކޮށް ދޭނަން…” ޔަޒާން އެހެންބުނީ އަހަންނަށް ފުރަގަސްދީގެން ހުރެ ކަމުގައި ވިޔަސް އެ ކުރެހިފައިވާ އަޑުގައިވި ވޭނާއި ރިހުން އަހަންނަކަށް ސިއްރެއް ނުވިއެވެ. އަހަންނަށް ނޭނގުނީ ޔަޒާން ދެރަވާންވީ ސަބަބެވެ. ނަމަވެސް އަހަރެންގެ ހިތުގައި ވެސް ރިއްސާލިއެވެ.

އެރޭ ބައްޕަގެ ރިސޯޓުގައި އަހަރެންގެ ކައިވެނި ޒާއިން އާއި ކުރެވުނެވެ. ޒާއިން ކަމެއް ޖެހިގެން ދާން ޖެހުމުން ކައިވެނީގެ ފުރަތަމަރޭ ވެސް އަހަރެން ހޭދަކުރަން ޖެހުނީ އެކަންޏެވެ. ނަމަވެސް ގަޑިން 02:30 ވި އިރު ވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. އެހެންކަމުން ބެލްކަންޏަށް ނުކުމެލަން އެޅި ފިޔަވަޅު މަޑު ޖެހުނީ ކޮޓަރި ދޮރުގައި މީހަކު ޓަކި ދިނުމުންނެވެ. މަޑު މަޑުން ގޮސް ދޮރު ހުޅުވާލި އިރު ހުރީ ޔަޒާންއެވެ. ޔަޒާންގެ ދެލޮލުގައި ކަރުނަތަށް ވިދަމުން ދިޔައިރު އެ ދެލޮލުން އެތަށް ވަހަކައެއް ބުނެދޭން އުޅޭ ކަހަލައެވެ. ހަމަހިމޭން ކަމުގެ ސުކޫތަކަށް ފަހު ވާހަކަދެއްކީ ޔަޒާންއެވެ.

“އިބާ އޯކޭތަ؟” އެ ސުވާލު ޔަޒާން ކުރީ ކީއްވެކަން ނޭނގުނު ނަމަވެސް އަހަރެން ބޯ ޖަހާލީމެވެ.

“ހުސް ދޮގު! ފިރިމީހާ އެހެން އަންހެނަކާއެކު އުފާކުރަމުން ދާއިރު އަނބިމީހާ އުފަލުގައެއް ނުހުންނާނެ..! އަދި އެވެސް ކައިވެނީގެ ފުރަތަމަ ރޭ. ރޫމް 208 ގަ ޒާއިން މައިޝާއާއި އެއްކޮށް ބޭނުންހާ ސަކަރާތެއް ޖަހަމުން ދާއިރު އޯކޭ ވެފަ ތި ހުންނަނީ ކީއްވެތަ؟” ޔަޒާންގެ އަޑުގައި ވަނީ ޝަކުވާއެވެ.

އަހަރެންވެސް ހައިރާންވިއެވެ. މައިޝާއަކީ ޒާއިން ކުރިން ރައްޓެހި ވެގެން އުޅުނު ކުއްޖާއެވެ. ޒާއިން އާއި އެއްކޮށް އެ ދުވަސްކޮޅު ވަރަށް ގިނައިން މައިޝާ މި ރިސޯޓަށް ވެސް އަންނާނެއެވެ. ނަމަވެސް މިހާރު އޭނަ މިތާ އެ ކުރަނީ ކީތް ބާވައެވެ؟

ފަތިހުގެ ފިނި ވައިރޯޅިތައް ކޮޓަރީގެ ކުޑަދޮރުން ވަދެ އަހަރެންގެ މޫނުގައި ބީހިލުމާއެކު ލޯ ހުޅުވާލެވުނެވެ. ރޭގައި ޔަޒާން ދެއްކި ވާހަކަތައް ސިކުނޑީގައި އެނބުރެމުން ދިޔައީ ބޮޑު ތޫފާނެއް ފަދައިންނެވެ. އެނދުން ތެދުވެ ވުޟޫކޮށްލައިގެން ފަތިސް ނަމާދަށް އެރީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމާދުކޮށް ނިމިގެން އަތް އުފުލާ ލެވުނީ މަރުވެފައިވާ ބައްޕަގެ ފުރާނައަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާ ކުރުމަށެވެ. ކަރުނައިން ދެލޯ ފުރިފައިވާ ހާލު، މި ދަތި އުނދަގޫ ވަގުތުގައި ހިތްވަރު ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދެންނެވީމެވެ.
ނަމާދުކޮށް ނިމިގެން ބޭރަށް ނުކުމެލީ ހިތަށް ތަސައްލީއެއް ލިބޭތޯއެވެ. ފޯނު ނަގައި ޒާއިންއަށް ގުޅާލަން ހިތަށް އެރި ނަމަވެސް، ރޭގައި ޔަޒާން ބުނި ޖުމްލަތައް ކަންފަތުގައި ގުގުމާލިއެވެ. ޒާއިންއަށް ގުޅުމުގެ ބަދަލުގައި، ހަގީގަތް އަމިއްލަ ލޮލުން ދެކި، މައިޝާއާ ކުރިމަތިލާން އަހަރެން ނިންމީމެވެ. ހިތްވަރުކޮށްފައި ގޮސް ރޫމް 208 ގެ ދޮރުގައި ޓަކި ޖަހާލީމެވެ.

އިރުކޮޅެއް ފަހުން ދޮރު ހުޅުވާލީ މައިޝާއެވެ. އަހަރެން ފެނުމާއެކު މައިޝާގެ މޫނުމަތިން ފެނުނީ މަލާމާތުގެ ހިނިތުންވުމެކެވެ.

“އިބާ؟ މިހާ ހެނދުނާ ކީއްކުރަން؟” މައިޝާ ދޮރުކަނީގައި ލެނގިލަމުން އަހާލިއެވެ.

“މައިޝާ.. ކޮބާ އަހަރެންގެ ފިރިމީހާ؟” އަހަރެންގެ އަޑުގައި މަޑު ތުރުތުރެއް ހުރި ނަމަވެސް ސާބިތުކަމާއެކު އަހާލީމެވެ. މައިޝާ ބާރަށް ހީނގަތެވެ.

“ފިރިމީހާއޭ؟ އިބާއަކަށް އަދިވެސް ނޭނގޭތަ؟ ގައިމު ޒާއިން އަހަރެން ކައިރީ ބުނި އިބާއަކީ މިހާރު އޭނަގެ އަންބެއް ނޫނޭ… ވަރި އަކީ އެއްފަހަރު ބުނީމަ ވާ އެއްޗެކޭ.. އެހެންނޫނަސް އޭނަ އެ ކައިވެނި ކުރީ އޭނަގެ ބައްޕަގެ މަޖުބޫރުން… އެވެސް އިބާގެ ބައްޕަގެ މުދާތަކުގެ ބޭނުމުގަ!” މައިޝާގެ ޖުމްލަތައް އަހަރެންގެ ކަންފަތަށް އިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. ކައިވެންޏަށް އެންމެ ސައުވީސް ގަޑިއިރު ވެސް ނުވަނީސް އަހަރެންގެ ދިރިއުޅުން ވިއްސިވިހާލި ވީއެވެ. ޒިޔާދުބެ އާއި ޒާއިންގެ މަކަރުވެރި ރޭވުން އަހަންނަށް ވިސްނުނީ ދެނެވެ. ބައްޕަ އަހަރެން ހަވާލުކުރި އެންމެ އިތުބާރު ކުރި މީހުން އަހަންނަށް ދިނީ ކޮންފަދަ ބޮޑު ކެއްސެއް ހެއްޔެވެ؟

ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން، މައިޝާއަށް އެއްވެސް ޖަވާބެއް ނުދީ އަހަރެން އެތަނުން ދުއްވައިގަތީމެވެ. ދާނެ ވަކި މިސްރާބެއް ނެތި ރިސޯޓުގެ ގޮނޑުދޮށާ ދިމާއަށް ދެވުނު އިރު، އަހަރެންގެ ނޭވާ ވަނީ ކުރުވެފައެވެ. ވެލިގަނޑު މައްޗަށް ތިރިވެ، މޫނުގައި ދެއަތް އަޅައިގެން ރޮއި ގަނެވުނީ ހިތުގައި އުފެދިފައިވާ ވޭނަށް ކެތްނުކުރެވިގެންނެވެ. ބައްޕައާ ނުލާ މި އަނިޔާވެރި ދުނިޔޭގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟

“އިބާ…”
އެ އޯގާތެރި އަޑު ކަންފަތުގައި ޖެހުމާއެކު އަހަންނަށް އިސްއުފުލާ ބަލާލެވުނެވެ. ކުރިމަތީގައި ހުރީ ޔަޒާންއެވެ. ޔަޒާންގެ މޫނުމަތިން ފެންނަނީ އިންތިހާ ކަންބޮޑުވުމާއި ހަމްދަރުދީއެވެ. ޔަޒާން މަޑުމަޑުން އައިސް އަހަރެންގެ ކައިރީގައި އިށީނދެ، އޭނާގެ ޖީބުން ރުމާލެއް ނަގައި އަހަންނަށް ދިއްކޮށްލިއެވެ.

“އިބާ، ތި ކަރުނަ ތަކަކީ ޒާއިން ކަހަލަ ބޭވަފާތެރިއަކަށްޓަކައި އޮހޮރުވަން ޖެހޭ ކަރުނަތަކެއް ނޫން.” ޔަޒާންގެ އަޑުގައި ވަނީ މަޑުމައިތިރިކަމާއި ޔަގީންކަމެވެ.

“ޔަޒާން… އަހަރެންގެ އެއްވެސް މީހަކު މިހާރު ނެތް.. ޒިޔާދުބެ ވެސް އަހަންނަށް ދިނީ ކެހި… އަހަރެން ކޮންތާކަށް ދެން ދާނީ؟” ގިސްލަމުން އަހަންނަށް ބުނެވުނެވެ.

ޔަޒާން ފުން ނޭވާއެއް ލުމަށްފަހު އަހަރެންގެ ދެލޮލަށް ބަލާލިއެވެ.

“އިބާ ތިހެން ނުބުނޭ. އިބާގެ ބައްޕަ ނިޔާވި ދުވަހުން ފެށިގެން އަހަރެން އަމިއްލަ ނަފްސަށް ވީ ވައުދެއް އެބައޮތް. އެއީ އިބާގެ ހިޔަނި ފަދައިން އަބަދުވެސް އިބާ ރައްކާތެރިކޮށްދިނުން. ޒިޔާދުބެމެންގެ ނުބައި ރޭވުން އަހަންނަށް ކުރިން ވެސް ޝައްކުވި. އެހެންވެ އަހަރެން މިހުރީ ހުރިހާ ކަމަކަށް ތައްޔާރުވެގެން. އިބާ ބޭނުންނަމަ މިވަގުތު ވެސް މިތަނުން ދެވިދާނެ. އަހަރެން އިބާ ދޫކޮށެއް ނުލާނަން… ދުވަހަކުވެސް….”
ޔަޒާންގެ އެ ވާހަކަތަކުން ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނު ނަމަވެސް، އަހަރެންގެ ހަށިގަނޑުގެ ވަރު ދެރަވަމުން ދިޔަކަން އަހަންނަށް އިހުސާސްވަމުން ދިޔައެވެ.

ޔަޒާން އާއެކު އެ ރިސޯޓު ދޫކޮށް މާލެ އައި ފަހުން ވެސް، ދުވަހެއް ދުވަހަކަށް އަހަރެންގެ ސިއްހީ ހާލަތު ދިޔައީ ގޯސްވަމުންނެވެ. އޭރު އަހަންނަށް ނޭނގުނު ކަމަކީ، ބައްޕަ ނިޔާވުމުން އަހަރެން ނަފްސާނީ ގޮތުން ބަލިކަށިވެފައި ހުރި ދުވަސްވަރު، ޒިޔާދުބެމެން އަހަންނަށް ދެމުން ދިޔައީ އަހަރެންގެ ހަށިގަނޑު ހަލާކުކޮށްލާ ފަދަ ގޮތް ނޭނގޭ ބޭސްތަކެއް ކަމެވެ. އެމީހުންގެ ބޭނުމަކީ އަހަރެން މަރާލައިގެން ނަމަވެސް ބައްޕަގެ މުދާގަނޑު ވެރިވެގަތުމެ.

މާލެ އައިތާ ހަފްތާއެއްހާ ދުވަސް ފަހުން، އަހަރެންގެ ބަލި ހާލަތު އިންތިހާއަށް ގޯސްވިއެވެ. ކޮޅަށް ހުންނަން ވެސް އުނދަގޫވެ، ބޮލުގައި ގަދައަށް ރިއްސައި، މުޅި ގައިން ވަރު ދޫވާން ފެށިއެވެ.

އެއްދުވަހެއްގެ ހަވީރެވެ. ޔަޒާން އަހަންނަށް ސައިތަށި ހިފައިގެން ކޮޓަރިއަށް ވަން ވަގުތު، އަހަރެންގެ ދެލޯ މައްޗަށް އަނދިރިވެގެން ގޮސް ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ.

“އިބާ! އިބާ!” ޔަޒާންގެ ހާސްވެފައިވާ އަޑު ވަރަށް ދުރުން އިވުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.

ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް އަހަރެން ގެންދެވުނު އިރު އަހަރެންގެ ހާލު އޮތީ ވަރަށް ސީރިއަސް ވެފައެވެ. ޑޮކްޓަރުން ހެދި ޓެސްޓުތަކުން އެނގުނީ ޒިޔާދުބެމެން ދިން ވިހަ ބޭސްތަކުގެ ސަބަބުން އަހަރެންގެ ދެ ކިޑްނީ ވެސް ފެއިލް ވެފައިވާ ކަމެވެ. އަދި އަހަރެންގެ ފުރާނަ ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތަކީ ވީ އެންމެ އަވަހަކަށް ކިޑްނީ ޓްރާންސްޕްލާންޓެއް ހެދުން ކަމަށް ޑޮކްޓަރުން ބުންޏެވެ.

އެ ޚަބަރު ލިބުމާއެކު ޔަޒާންގެ މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. އަހަރެންގެ އާއިލާގެ އެއްވެސް މީހަކު ނެތް އިރު، ކިޑްނީއެއް ހޯދާނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް ޔަޒާން އެއްވެސް ފަސްޖެހުމެއް ނެތި އޭނާގެ ޓެސްޓުތައް ހަދަން ނިންމިއެވެ. މާތް ﷲ ގެ އިރާދަފުޅާއެކު، ޔަޒާންގެ ކިޑްނީ އަހަންނާ ދިމާވިއެވެ.

ނަމަވެސް ޑޮކްޓަރުން ދިނީ ވަރަށް ހިތްދަތި ޚަބަރެކެވެ. އަހަރެންގެ ހަށިގަނޑު މާ ބޮޑަށް ބަލިކަށިވެފައި ވުމުން، ސާޖަރީއަށް ފަހު ވެސް އަހަރެން ދިރިހުންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ޑޮކްޓަރުން ބުންޏެވެ. ސާޖަރީ ނާކާމިޔާބު ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް ބުންޏެވެ.

އެހެން ނަމަވެސް ޔަޒާންގެ ނިންމުން ބަދަލެއް ނުވިއެވެ.

“އިބާ ސަލާމަތްވުމުގެ އެންމެ ޕަސެންޓެއްގެ އުންމީދު އޮތަސް، އަހަރެންގެ ކިޑްނީ އިބާއަށް ދޭނަން… އިބާއާ ނުލާ އަހަރެންގެ މި ދިރިއުޅުމުގެ އެއްވެސް ބޭނުމެއް ނެތް.” ޔަޒާންގެ އަޑުގައި ވަނީ ސާބިތުކަމެވެ.

އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމުގެ ކުރިން އަހަރެންގެ އަތުގައި ޔަޒާން މަޑުމަޑުން ހިފާލިއެވެ. އޭނާގެ ލޮލުން ފޭބި ކަރުނަ ތިއްކެއް އަހަރެންގެ އަތްތިލަ މައްޗަށް ވެއްޓުނެވެ.

“އިބާ… ހިތްވަރު ކުރައްޗޭ… އަހަރެން އަބަދުވެސް އިބާއާއެކު ހުންނާނަން… އިބާ ދޫކޮށްލާފަ ދާކަށް އަހަރެން ނެތިން…” ޔަޒާންގެ އަޑު ކުރެހުނެވެ.

އޮޕަރޭޝަން ތިއޭޓަރުގެ ބޮކި ދިއްލިފައި ހުރި އިރު، ބޭރުގައި އިންތިޒާރުގައި ހުރި ނަރުހުންނާއި ޑޮކްޓަރުން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ގަޑިތަކެއްގެ ދިގު އޮޕަރޭޝަނަކަށް ފަހު، އަހަރެން އައި.ސީ.ޔޫ އަށް ބަދަލު ކުރެވުނެވެ. އަހަރެން ލޯ ހުޅުވާނެ ވަގުތަކަށް ޔަޒާން އިނީ ކެތްމަދުވެފައެވެ.

ގަޑިތަކެއްގެ ދިގު އިންތިޒާރަކަށް ފަހު، އަހަރެންގެ އެސްފިޔަތައް މަޑުމަޑުން ތަޅުވާ ލެވުނެވެ. ލޯ ހުޅުވާލެވުނު އިރު އަހަރެން އޮތީ ހޮސްޕިޓަލުގެ އައި.ސީ.ޔޫ އެނދުގައެވެ. މުޅި ހަށިގަނޑުގައި މަޑު ރިހުމެއް ހުއްޓެވެ.

އެނދުގެ ކައިރީގައި އިން ގޮނޑީގައި އިށީނދެގެން އިން ޔަޒާން އަށް އަހަރެން ލޯ ހުޅުވާލި މަންޒަރު ފެނުމާއެކު، އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ޔަޒާންގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ފައިބައިގަތެވެ. އޭނާ ވެސް އޮޕަރޭޝަނަށް ފަހު އަދި މުޅިން ރަނގަޅު ނުވެއެވެ. ނަމަވެސް އެ ހާލުގައި ވެސް އޭނާ އިނީ އަހަރެންގެ ކައިރީގައެވެ.

“އަލްޙަމްދުލިﷲ… އިބާ!” ޔަޒާން މަޑުމަޑުން އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ.

“ޔަޒާން… ކީއްވެ ޔަޒާން ތިހާ ބޮޑު ރިސްކެއް ނެގީ؟” އަހަރެންގެ އަޑު ވަނީ ކުރެހިފައެވެ.
ޔަޒާން ފުން ނޭވާއެއް ލުމަށްފަހު އަހަރެންގެ ދެލޮލަށް ބަލާލިއެވެ.

“އިބާ، އަހަންނަކަށް އިތުރަކަށް މިކަން ސިއްރެއް ނުކުރެވޭނެ.. އިބާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެންގެ ހިތުގައި އިބާއަށްޓަކައި ޚާއްސަ މަގާމެއް ދެވުނު. އަހަރެން އިބާ ދެކެ ވަރަށް ލޯބިވޭ. އިބާ ޒާއިންއާ ކައިވެނި ކުރި ދުވަހު ވެސް އަހަރެން ހިތްދަތިވެގެން ރުއީ އެހެންވެ… އިބާގެ ފުރާނަ ސަލާމަތް ކުރަން އަހަރެންގެ މުޅި ހަށިގަނޑު ދޭން ޖެހުނަސް އަހަރެން ފަހެއއ ނުޖެހޭނަން.” ޔަޒާންގެ އެ ލޯބިވެތި ބަސްތައް އިވުމާއެކު އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ބައްޕައަށް ފަހު އަހަރެން ދެކެ މިހާ ބޮޑަށް ލޯބިވާނެ މީހަކު ހުންނާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަމެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަހަންނާއި ޔަޒާން ހޮސްޕިޓަލުން ދޫކޮށްލިއެވެ. އޭރު ފުލުހުން ދިޔައީ އަހަރެންގެ ހަށިގަނޑުން ފެނުނު ވިހަ މާއްދާތަކުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ޔަޒާން ކުރިން ވެސް އެއްކޮށްފައި ހުރި ހެކިތަކާއި ހޮސްޕިޓަލުގެ ރިޕޯޓުތަކުގެ އެހީގައި، ޒިޔާދުބެ އާއި ޒާއިން އަދި މައިޝާގެ މަކަރުވެރި ރޭވުން ފަޅާއެރިއެވެ. ބައްޕަގެ މުދަލަށް ދަހިވެތިވެ، އަހަރެން މަރާލަން އުޅުނު ކަމުގެ ކުށް ސާބިތުވެ، އެމީހުން ޖަލަށް ލެވުނެވެ.

ޔަޒާންގެ ލޯތްބާއި އަޅާލުމާއެކު އަހަރެން މުޅިން ރަނގަޅުވިއެވެ. ދުވަސްކޮޅަކަށް ފަހު އަހަރެންގެ ކައިވެނި ޔަޒާން އާއި ކުރެވުނެވެ.

މިއަދު އަހަރެންގެ ހަށިގަނޑުގައި ހިނގަމުން މިދަނީ ޔަޒާންގެ ހަށިގަނޑުގެ ބައެކެވެ. އަހަރެމެން ދެމީހުންގެ ފުރާނަ ވަނީ އެކައްޗަކަށް ވެފައެވެ. ޔަޒާންގެ ޙިމާޔަތުގައި، ބައްޕަގެ ހެޔޮ ދުޢާ ތަކާއެކު އަހަރެން މިހާރު އުޅެމުން މިދަނީ ނުހަނު އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެކެވެ. ހިތްދަތި ދުވަސްތަކަކަށް ފަހު، އަހަރެންގެ ހަޔާތަށް އަނެއްކާވެސް ބަހާރު މޫސުން އައެވެ.