
ވަމޭ އިޢުތިރާފް

ކިޔުންތެރިންގެ ސަމާލުކަމަށް!
މިއީ އަޅުގަނޑު މި ސައިޓުގަ ލިޔުއްވާ ފުރަތަމަ ވާހަކައަށް ވުމުން ކުށް ހުރުން އެކަށީގެންވޭ.
ބުނާތީ އަހަމެވެ. ދޮންމަންމަ އިންނަކީ ދޮން ނިޔަ ދުރެއް ކަހަލަ ބައެކެވެ. ވަރަށް ހިތްހަރު ވަރަށް ގޯސް ބައެކެވެ. ބޭރުފުށުން ކިތަންމެ ހެޔޮކަމަށް ހެދިގެން އުޅުނަސް އެމީހުންގެ ހިތުގައި ރަހުމާ އޯގާތެރިކަމުގެ ކަންފުޅެއްވެސް ނުހުންނާނެއެވެ.
އަހަންނަށްވެސް ފުރަތަމަ މި ހުރިހާ ވާހަކައެއް ގަބޫލުކުރެވުނެވެ. އިވެމުންދާ ވާހަކަތަކަށް ހެއްލި ގެންގޮސް އެއްވެސް ކުށެއްނެތް އިންސާނަކަށް އެތައް ގޮތަކުން އަނިޔާ ދެވިއްޖެއެވެ. ހިތްހެޔޮކަމާއި، އޯގާވެރިކަމާއި، ކުލުނުން ފުރިފައިވާ އެ ހިތުގައި ދުވަހަކުވެސް ނުފިލާނޭ ފަދަ ޒަޚަމެއް އަހަންނާ ހެދި ވަނީ ލެވިފައެވެ. ނަމަވެސް އެ ހިތުން އަހަންނަށް ދީފައިވާ މަގާމަކަށް ބަދަލެއް ނާދެއެވެ. އެ ނިމުމެއް ނުވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. މި ހިޔާލުތައް އަހަރެންގެ ސިކުނޑި ހިޞާރު ކުރަމުންދިޔައިރު އަހަރެންގެ ހަނދާނުގެ ވާފަށް ގޮސް ހުއްޓުނީ މީގެ 10 އަހަރު ކުރިއަށެވެ.
އޭރު އަހަރެންގެ އުމުރުން އެންމެ ހަތް އަހަރެވެ. ކެންސަރު ބަލީގެ ޝިކާރައަކަށްވެ އަހަރެންގެ މަންމަ މިދުނިޔެ ދޫކުރުން ވެގެން ދިޔައީ އަހަރެންގެ ހަޔާތުން ހިތްހަމަޖެހުމާއި އުފާވެރިކަން އަލްވަދާއުކީ ކަމަކަށެވެ. އަހަރެންނަށް 10 އަހަރު ފުރުމުން ބައްޕަ ދެވަނަ ކައިވެންޏެއް ކުރީ އަހަރެންނަށް ގެއްލިފައިވާ މައެއްގެ ލޯބި އަލުން ހޯދައިދިނުމުގެ ނިޔަތުގައެވެ. ނަމަވެސް ދޮންމަންމަ އިންނަކީ ވަރަށް ނުބައި ބަޔެކޭ ބުނެ އިވެމުންދިޔަ އަޑުތަކުގެ ސަބަބުން އަހަރެންގެ ހިތްވަނީ ބިރުވެރިކަމުން ފުރިފައެވެ. އަހަރެންގެ ހިތުގައި ދޮންމަންމަ އާއިމެދު އުފެދިފައިވީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ. ދޮންމަންމައަކީ އަހަރެންގެ ހަޔާތަށް އައި ނުރައްކަލެއް ކަމުގައި އަހަންނަށް ހީކުރެވުނެވެ.
މި ހީކުރެވުންތަކުގެ ސަބަބުން އަހަންނަށް ދޮންމަންމަ އާއިމެދު ކަންތައް ކުރެވެމުން ދިޔައީ ވަރަށް އިހާނެތިކޮށެވެ. އެދުވަހުން ފެށިގެން އަހަރެންގެ ހަމައެކަނި މަގްސަދަކަށްވީ އޭނާގެ ދިރިއުޅުން ބަރުބާދު ކޮށްލުމެވެ. އޭނާ ކިތަންމެ މީރުކޮށް ކައްކާފައި ކާންދޭން އުޅުނަސް، އެ ތަކެތީގައި ރަހައެއް ނެތްކަމަށް ބުނެ ތަށިތައް އުކާލަ މެވެ. ގޭތެރެ ސާފުކޮށް އޭނާ ނިންމާލާ އިރަށް، އަހަރެން ގަސްތުގައި ކޮޓަރިތައް ހަޑިކޮށް، ފޮތްތަކާއި އަންނައުނުތައް ގޭތެރެއަށް އުކާލަ މެވެ. ގަސްތުގައި ދޮންމަންމައަށް އެތަށް އަނިޔާއެއްދީ ރުޅިވެރިކަމާއެކު ދޮންމަންމައާއި ދިމާލަށް ބަސްބުނަމުން ދިޔައިރު އެ މަންމަގެ ހިތަށް ކުރާނެ އަސަރާމެދު އަހަންނަށް ކުޑަކޮށްވެސް ވިސްނާ ނުލެވެއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ކެތްތެރިކަމާއި ލޯތްބާއެކު އަހަރެން ހިތްހަމަޖައްސައި ދެވޭތޯ ދޮންމަންމަ މަސައްކަތް ކުރީ ހަގީގަތުގަވެސް މަޔަކު ދަރިއަކާއި ދޭތެރޭ ކަންތައް ކުރާނެހާ ލޯބިންނެވެ. ދުވަހަކުވެސް އަހަރެންގެ ގަޔަށް އަތްލާ، ހަރުކަށި ބަހެއް ބުނެފައެއް ނުވެއެވެ. އެކަންވެސް ވެގެން ދިޔައީ އަހަރެންގެ ހިތުގައިވާ ނަފްރަތުގެ އަލިފާނަށް އެޅުނު ދަރަށެވެ. އަހަންނަށް ހީކުރެވުނު ގޮތުގައި އެއީ ބައްޕަގެ ކުރިމަތީގައި ދެއްކުންތެރި ވާން އޭނާ ކުރިކަމެކެވެ. އަހަރެން އޭނާއަށް ގޮވަނީވެސް އޭނާގެ ނަމުންނެވެ. “މަންމަ” އެ ލަފުޒު ބޭނުންކުރުމަކީ އަހަރެންގެ ހިތް ހުއްދަދިން ކަމެއް ނޫނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ އުމުރުން ސާދަ އަހަރަށް އެޅިއެވެ. ނަމަވެސް އަހަރެންގެ ހިތުގައި އޭނާއަށް އޮތް ނަފްރަތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ނަމަވެސް، މީގެ ހަތަރު އަހަރު ކުރިން ހުރިހާ ކަމެއް ބަދަލުވިއެވެ. އެއީ ވަރަށް ވިއްސާރަ ރެއެކެވެ. ބައްޕަވީ ރަށުން ބޭރުގައެވެ. ކުއްލިއަކަށް އަހަރެންގެ މޭގައި ވަރަށް ބޮޑަށް ރިއްސައި ގަނެ، ހާސްވާން ފެށިއެވެ. ނޭވާ ކުރުވެ، މުޅި މީހާ ފިނިވެ، ތުރުތުރު އަޅަން ފެށިއެވެ. އެ ވޭނަށް ކެތްނުވެގެން އަހަރެން އެނދުން ތިރިއަށް ވެއްޓުނެވެ. އެވަގުތު ވީތަދުން ނާއި އަޅަމުން ދިޔަ ވޭނުން އަހަންނަށް ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އެ އަޑަށް އެންމެ ފުރަތަމަ ދުވެފައި އައީ އަހަރެން އެމީހަކަށް އެންމެ ނަފްރަތުކުރި ދޮންމަންމައެވެ.
އަހަރެންގެ ހާލަތު ފެނުމުން އޭނާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ހާސްކަމާއި ކަންބޮޑުވުން ފާޅުވިއެވެ. ވަގުތުން ބޭރަށް ނިކުމެ ޓެކްސީއެއް ހޯދަން އުޅުނު ނަމަވެސް، ވިއްސާރައިގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، އެއްވެސް ދުއްވާއެއްޗެއް ފެންނާކަށް ނެތެވެ. ވަގުތުން ފަސްޖެހުމެއްނެތި ދޮންމަންމަ އަހަރެން އަތްދަނޑި މައްޗަށް އުފުލާލިއެވެ. މަގުތަކުގައި ފެންބޮޑުވެފައި އޮތްއިރުވެސް، ބޯ ވާރޭގެ ތެރޭގައި ދޮންމަންމަ އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށް ފުރާނައިން ގުރުބާންވިއެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު އަހަރެންގެ ހާލު ވަރަށް ދެރައެވެ.
“ހެޔޮނުވާނެ.. މަގޭ.. ދަރި… ސަލާމަތްކޮށްދީ…” މައި ނޭވާލަމުން ދިޔަ އިރު ވެސް އެހިތުގައި އަހަންނަށް ޓަކައި ވީ ނިމުމެއް ލޯބި އެއްވެސް ހުރަހެއް ނެތި ފެންނަމުން ދިޔައެވެ.
އެންމެ ފަހު ވަގުތުވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ، ރޮމުން ރޮމުން އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެދި ޑޮކްޓަރުންގެ ކައިރީގައި ދޮންމަންމަ އާދޭސް ކުރަމުންދިޔަ މަންޒަރެވެ. ދޮންމަންމަގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން އެހިތުގައިވާ ދެއްކުންތެރިކަމެއް ނެތް ހަގީގީ ލޯބި ފާޅުވަމުން ދިޔައެވެ.
އައި.ސީ.ޔޫ ގައި ކުއްލި ފަރުވާދިނުމަށްފަހު، އެތައް ގަޑިއިރެއް ފަސްވި ފަހުން، އަހަރެން މަޑުމަޑުން ލޯ ހުޅުވާލީމެވެ. އޭރު ކޮޓަރިތެރެއަށް ވަނީ ފަތިހުގެ ފަނޑު އަލިކަން ވެރިވެފައެވެ. އެނދުގެ މަގަތުގައި އަހަރެންގެ އަތުގައި ހިފަހައްޓައިގެން، ނިދިފައި އޮތީ ދޮންމަންމައެވެ. އޭނާގެ ހެދުން ވަނީ ވާރެއާ ތެމި، އަދިވެސް އެއްކޮށް ނުހިކިއެވެ. އިސްތަށިގަނޑު ވަނީ ހާވާ ލެވިފައެވެ. އަހަރެންގެ އަތް ހަރަކާތްކޮށްލި ވަގުތު އޭނާއަށް ހޭލެވުނެވެ. އުފަލުން ގޮސް ރޮއެ ގަންނަމުން ދޮންމަންމަ އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ. އެއީވެސް އަސްލު މައެއްގެ އޯގާތެރިކަމެވެ.
އަހަރެންގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އަހަރެން އޭނާއަށް ކުރި ހުރިހާ އަނިޔާތަކެއް ހަނދާންވެ، ހިފެހެއްޓުމެއްނެތި ދެލޮލުން ކަރުނަ އޮހިގަތެވެ.
“މަންމާ… މާފްކުރޭ…” އަހަރެންގެ އަޑު ވަނީ ކުރެހިފައެވެ. އެއީ އަހަރެންގެ ދުލުން އޭނާއަށް “މަންމަ” ކީ ފުރަތަމަ ފަހަރެވެ. ދޮންމަންމަ އަހަރެން އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.
“ދަރިފުޅާ… މަންމަ ދުވަހަކުވެސް ދަރިފުޅުދެކެ ރުޅިއެއް ނާދެ. މަންމައަށް އެނގޭ ދަރިފުޅުގެ ހިތައް ކޮއްފަ ހުރި އަސަރު.” ހިތްހެޔޮކަމާއެކު މަންމަ ބުނެލިއެވެ.
އެ ބިރުވެރި ރެއަށްފަހު އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް، އަހަރެންގެ ހަނދާނުން އެ ފަތިހުގެ މަންޒަރު ފަނޑު ވެގެންނެއް ނުދެއެވެ. އެ ހަނދާންތަށް ތާޒާކަންމަތީގައި މިހިތުގައި އަދިވެސް ވެއެވެ. މިއަދު އަހަރެންގެ ލޮލުން ފައިބާ ކަރުނައަކީ ނަފްރަތުގެ ކަރުނައެއް ނޫނެވެ. އެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން ކަރުނަ ފައިބަނީ ޝުކުރުވެރިކަމާއި އެކުއެވެ. ކުރިން ކުރެވުނު ކުށްތަކުގެ ސަބަބުން އަދިވެސް އަހަރެން އެ ހިތާމަ ކުރަމެވެ.
މިއަދު އެ ހުރިހާ ހަނދާންތަކެއް އާވަމުން ދިޔައިރު، އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ދޮންމަންމަ އިންނަކީ “ދޮން ނިޔަ ދުރެއް” ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއްކަން އަހަންނަށް މިއަދު ސާބިތުވެއްޖެއެވެ. ލޭގެ ގުޅުމަށްވުރެ ހިތުގެ ގުޅުން މާ ވަރުގަދައެވެ. އެ މަންމަގެ ހިތްހެޔޮކަމާއި ކެތްތެރިކަމުން އަހަރެންގެ ހިތުގައިވި ނަފްރަތު މިއަދު ވަނީ ފިލައި ގޮސްފައެވެ. އަހަރެންގެ ހިތުގައިވި އަނދިރިކަން މިއަދު މިވަނީ އަލިކަމަށް ބަދަލު ވެފައެވެ. އަހަރެން ކުރި ހުރިހާ އަނިޔާއަކަށް އެ މަންމަ ބަދަލު ދިނީ ސާފު ލޯތްބާއި އޯގާތެރިކަމުންނެވެ. މިއަދު އަހަރެންނަށް ކުރެވުނު ކުށްތަކަށް ހިތުގެ ފުންމިނުން އިޢުތިރާފް ވަމެވެ. އަދި އަހަރެންގެ ހަޔާތް އުޖާލާ ކޮށްދިން، އަހަރެންގެ ދެވަނަ މަންމައަށް ހިތުގެ ލޯތްބާއެކު އިންތިހާއަށް ޝުކުރުވެރިވަމެވެ.
Comments (4)
Comments are closed.
V reethi😊
Thank you
varah varah reethi masha allah! thee molhu kujjeh, thi gothuga abadhuves kuriyah dhachey! so proud of you❤️❤️
Thank youu Nayaa dhahthaa 🫶🏻