Skip to content
އެސްފިޔަ

އާއެކޭ ލޯބިވޭ… – 70

Listen to this story Audio · 8:16 Powered by Esfiya Voice
0:00 8:16

” ކޮއްކޮއަށް ޓަކައި އަޅުގަނޑު ނަރުހަކަށް ވީ. މިއަދު ނަރުހަކަށް ވެވުނީތީ އުފާކުރަން. އެދުވަހު އަޅުގަނޑަށް މުދައްރިސަކަށް އެ ނުވެވުނީ. އޭގައި ހެވަތް އޮތީތީ ކަން މާ މޮޅު ގޮތެއް އޮތީތީ ކަން މިއަދު އިހްސާސް ވެއްޖެ. އަލްޙަމްދުލިއް ﷲ. އެހެންވެ އަބަދުވެސް ބުނަނީ ތިމާ އެންމެ ބޭނުންވާ ކަންތައް ނުވަނީ ސަބަބެއް އޮތީތީކަން. މިއަދު މި މަޤާމުގައި ހުއްޓި ހުރެލަން ލިބުނީ އެއީ ތެދެއް ކަން އިހްސާސް ވެއްޖެ. އެންމެ ލޯބިވާ މީހާ ނުލިބުމަކީ ވެސް ތިމާއަށް އެއަށް ވުރެ މާ ރަނގަޅު ގޮތެއް ވުމުގެ އަލިގަދަ ހެއްކެއް. އަޅުގަނޑު މިއަދު މި ހުރިހާ ކަމެއް އަޅުގަނޑުގެ ހިތް އެދުނު ގޮތަށް ނޫވީތީ ޝުކުރުވެރިވަން. އުފާކުރަން”

އަޝްބާ ތަޤުރީރު ނިންމާލީ އަސަރު، ގަދަ ޅެން ބައިތަކުންނެވެ. މުޅި ހޯލު ގުގުމައިގެން ދިޔައީ ކޮޅަށް ތެދުވެ ތިބެ މީހުން ދިން ގަދަފަދަ އަތްތިލަބަޑީގެ އަޑުންނެވެ. އެތައް ބަޔަކު ލޮލުން ކަރުނަ ފުހެލީ އަޝްބާއަށް ހިތްވަރު ދެމުންނެވެ. ނަޒާން ސްޓޭޖަށް އަރައިގެން، ގޮސް އަޝްބާގެ ގައިގައި ނުހަނު ލޯތްބާއެކު ބައްދާލިއެވެ.

އަޝްބާގެ ހުވަފެން ޙަޤީޤަތަކަށް ވެއްޖެއެވެ. އޭނާގެ ހަޔާތުގެ އެންމެ އަލިގަދަ ދަތުރު ފެށުނީއެވެ. އުފަލުގެ ސަތަހަތަކުގެ ތެރޭގައެވެ. ހިތާމައާއި ހިތްދަތިކަމުގެ އޮއިވަރުތައް މާޒީއަށް ދޫކޮށްލަމުންނެވެ. ފޮތް އިފްތިހާކުުރުން ކުރިއަށް އޮތީއެވެ. އެކަން ދާނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ކަމެއް ތަރުތީބު ވެފައި ވާހައި ފުރިހަމައަށް ގޮސްދާނެ ބާއެވެ؟ ފޮތް އިފްތިތާހުކޮށް ދެއްވާނީ ކާކު ބާއެވެ؟
******************************
*****************************

އަޅައިދޭ ކުއްޖާ އަރައި ވަރަށް އަސަރާއެކު ފެށިއެވެ. ހީވީ ކުރިއަށް އަންނަން އޮތް ބަޔަށް ދިއުމަށްޓަކައި އެޅި ފިޔަވަޅެއް ހެންނެވެ. މީހަކަށް އިއްވަމުން ދިޔަ ތައުރީފުގެ ޖިޒީއެއް ފަދައެވެ.

“ތިބާ ވަރަށް ހިތްވަރުގަދަ އެވެ. އަހަރެން ވެސް ތިހާ ހިތްވަރުގަދަ ވާނެނަމައެވެ. ތިބާ ވެއްޓުމުން ވެސް ތެދުވެއްޖެއެވެ. އެކަމަކު އަހަންނަކަށް ވެއްޓިއްޖެނަމަ ނުތެދުވެ ވެއެވެ. ތިބާގެ ފޮތުގެ ބައެއް ސޮފްހާތައް ހީވަނީ އަހަރެންގެ ހިތަށް ފޮނުވާލި ހޫނު ހަންޖަރުތަކެއް ހެންނެވެ. އަހަރެން ހިތް ބުނެލިއެވެ. ތިބާގެ ގަލަމުން މިހިތަށް ކުރުވީ ފުން އަސަރެކެވެ. ނުނިދުނު އެރޭ ތަކެވެ. ކަރުނަ ފުހުން އެ މެންދަން ތަކެވެ. އެ ޖަޒުބާތީ އަކުރުތައް އަހަރެން ހިތަށް ރުވާލި ބާރު ތީރުތަކެއް ފަދައެވެ. ތިއީ ކުޅަދާނަ ލިޔުންތެރިއެކެވެ. އެތައް ބައެއްގެ ހިތްތަކަށް ތިބާގެ އަލަތު ފޮތް ތަސައްލީ ގެނުވައިފިއެވެ. މާޔޫސްވެފައި އެތައް އިންސާނަކަށް އުފާވެރިކަމުގެ ކުލަ ތަސްވީރެއް ކުރާހައި ދީފިއެވެ. ތިބާގެ ޝާއިރީ ދެލިތަކުން އެތައް ޖިސްމަކަށް ހަމަޖެހުން ގެނުވައިފައެވެ. އެކަނިވެރި އެތައް ހިއްސެއްގެ ކަރުނަ ފުހެ ދީފިއެވެ. ލިޔުންތެރިކަމަށް ލޯބި ނެތް އެތައް ދަރިވަރެއް ހިތުގައި ދިވެއްސަށް ލޯބި ޖައްސައިފި އެވެ. ފޮތްކިޔުމަށް އެކުދިންގެ ހިތް ތިބާގެ ފޮތް ޖައްސަވައިފި އެވެ. ބުނަން ބޭނުންވާ ވާހަކަތައް ބައިވަރެވެ. އެހެން ފަހަރަކަށް ފަސްކޮށްލާނަމެވެ.

ބައެއް ފަހަރު “އެކުވެރިޔާ އޭ” ވެސް ބުނެލައެވެ. ދުރު މީހެއް ނޫންކަން އެނގިގެން ދިޔައީ އެ ހިސާބުންނެވެ.

“އެކުވެރިޔާއެވެ! ތިބާގެ މަސައްކަތް ވަރަށް ފުރިހަމައެވެ. ތިބާގެ ތި މަސައްކަތް އެހާ ފުރިހަމަވި މައިގަނޑު އެއް ސަބަބަކީ ތިބާގެ އެ ނުގުނޑާ ފަދަ އަޒުމެވެ. ނަފުރަތުގެ ބަލާ ލުމަކަށް ވެސް ބަހަކަށް ވެސް ބަލައި ލުމެއްނެތި ކުރިއަށް އެޅި ފިޔަވަޅެވެ. ”

ކޮންމެ ވޭނަކަށް ނިމުން އާ ގޮތްތަކެއް މެދުވެރިކުރެއެވެ. ހަމަހިމޭން ކޮންމެ އިންސާނަކަށް ހިތްވަރެއް ލިބުނެވެ.

” ކާމިޔާބީގެ ދަތުރުގައި ބިޔަ ރާޅުތަކާއި ގަދަ ކަނޑުގައި ފީނަން ޖެހޭނެއެވެ. ނަކާމިޔާބުވެ ހިތް މާޔޫސްކޮށްލައި އެތައް ކަމަކާއި ކުރިމަތިވާނެއެވެ. ހިތްވަރާއެކު ކުރިއަށްދާށެވެ. އަބަދުވެސް ކާމިޔާބަށް އެދެމެވެ. ބާރަށް ފަސްޖެހުމެއްނެތި ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅާށެވެ. އަޅުގަނޑު ވެސް މިދަނީ ތިބާގެ ފޮތަށް އިންތިޒާރުކުރަމުން މެވެ. ތިބާގެ ފޮތް ލިބޭނެ ކަމުގެ އުންމީދުގައި ވަގުތުތައް ގުނަމުން އެބަދަމެވެ. ހުރިހާ ވެސް ދުޢާއަކީ އަޅުގަނޑު އަތުގައި ތިބާގެ ފޮތް ބީހިލުމެވެ. ތިބާގެ ހުނަރުން ފުރިގެންވި އަޖައިބެއް ފަދަ އެ ބަސްތަކާއި އެކު އުދުހި ލާށެވެ.”

ކާމިޔާބީގައި ހިތްތިރިކުރާށެވެ. ނާކާމިޔާބީގައި މާޔޫސްނުވާށެވެ. ކުރިއަށް ފިޔަވަޅު އެޅޭނީ ހިތްވަރާއި އަޒުމެއް ހުރެގެންނެވެ. ހުށައަޅަމުން ދިޔަ ކުއްޖާ ހަމަ ވާހަކަ ދައްކަމުން ދިޔައެވެ.

“ތިބާ އަކީ ލިޔުންތެރިކަމުގައި ތޫނުފިލި ކުއްޖަކީމުއެވެ. ދިރިއުޅުމުގައި ހިތްވަރުގަދަ ބަތަލަކީމުއެވެ. އެހެން މީހުންނަށް ތިއީ ނަމޫނާއެކެވެ. ތިބާއަށްޓަކައި މިއަދު މި ދިވެހި ޤައުމު ފަޚުރުވެރި ވާނީ ހިނިތުންވެލާފައިއެވެ. އެކުވެރިޔާއެވެ. އަދިވެސް އެއްފަހަރު ފަށްފަށުން ޝުކުރު ބަރުތީލަ ކޮށްލަމެވެ. ތިބާގެ ތި އަގުހުރި މަސައްކަތުގައި ބަރަކާތްލެއްވުން އެދި ދުޢާ ދަންނަވަމެވެ. މާތް ﷲ ތިބާއަށް ލިޔުންތެރިކަމުގައި އަދަށް ވުރެ ފެހި މާދަމެއް މިންވަރުކުރައްވާށި! އާމީން.”

ފޮތް އިފްތިތާޙު ކޮށްދިނުމަށްޓަކައި ސްޓޭޖަށް އެރުމަށް ގޮވާލިއެވެ.

” ހުށައެޅުންތެރިޔާ: ދެން އަޅުގަނޑު ސުޓޭޖަށް މި ގޮވާލަނީ ފޮތް އިފްތިތާހުކޮށް ދެއްވުމަށް. ސަރަފުވެރި މެހުމާނަށް.”

ހިނިތުންވުމާއެކު އަރައިގެން އައީ ޒުވާން ލިޔުންތެރިޔާ އާލިމް އަބުދުލް ލަތީފެވެ.

އާލިމްގެ ޒުވާން އަތުން ބަރު ފޮތިގަނޑުގައިވި ރަތްކުލައިގެ ރެބްންފަން މޮހާލިއެވެ. މުޅި މާލަމަށް ރަންކުލައިގެ ކަރުދާސް ކަނޑިތައް އޮހި ގެންދިޔައީ އުފާވެރިކަމުގެ އިންތިހާ ގެނުވަމުނެވެ.

ދެންމެ މި އިފްތިތާހު ކުރެވިގެން މިދިޔައީ އަޝްބާ ބިންތު ނިހާނުގެ ފޮތެވެ. އެތައް ރެއެއްގެ ނިދި ޤުރުބާންކޮށްގެން އޭނާ ތައްޔާރުކުރި ތިނެސްކަން ހަތަރެސްކަން ބިރުވެރި ލޯބީގެ ދާސްތާއެވެ.

“ހުށައެޅުންތެރިޔާ: ދެން އަޅުގަނޑު މި ގޮވާލަނީ ސުޓޭޖަށް ދުރުވުމަށް ފޮތުގެ މުސައްނިފު އަދި ފޮތުގެ ލޭއަޓް ހަމައެޔާއެކު ފޮތުގެ މި ރީތި ބަނޑޭރިގަނޑު ތައްޔާރުކުރެެއްވި ކުޅާދަނަ ޑިޒައިނަށް.”

މި އުފާވެރި މެހެބޫބް ވެސް ހުށައަޅައި ދެމުން އެދަނީ ހިމޭން ދުނިޔޭގެ ކުޅަދާނަ ޕްރެޒެންޓަރެވެ. އައިޒީއެވެ.

ނަޒާން އާއި އަޝްބާ އެކުގައި ސުޓޭޖަށް އެރިއެވެ. އަޝްބާގެ ދެލޮލުން އޭރު ވެސް އުފަލުގެ ކާރުނަތައް ބަބުޅަމުންދިޔައެވެ.

” އައިޒީ: އަދި އޮތީ ކުރިއަށް އިނގޭ. ފަހަތުގައި އެވާ ބޮޑު ފާރުގައި ވި ފޮތިގަނޑު ދެމީހުން ދަމާލަ ބަލަ.” ހިނިއައިސްފައި ހުރި އައިޒީ ބުނެލިއެވެ. ދެމީހުން ދެކޮޅުގައި ހުރެ ފޮތިގަނޑު ކަހާލިއެވެ. އި ނިކުމެގެން އެދިޔައީ “އަޝްބާތު” އަތުލިއުމެވެ. އަޝްބާގެ އެ ރީތި އަތުލިޔުން މިހާރު ފޯނުތަކަށް ވެސް އަޅާލެވޭނެއެވެ. އެއީ އަޝްގެ ފަރާތުން ދިން މިރޭގެ އެންމެ ބޮޑު އެއް ހަދިޔާ އެވެ.

ހަފްލާއަށް ޒިޔާރާތްކުރެއްވި ބޭފުޅުންގެ ސަރަފުގައި ޖާފަތެއް އޮ އެތް އިރު އަޝްބާގެ ސޮޔާއެކު ފޮތެއް ހަދިޔާ ކުރެއްވި އެވެ. އުފަލުގެ މި މުނާސަބާއި ނިމެން ކައިރިވެފައި ވަނިކޮށް ކަމެއް ވެއްޖެއެވެ. ކުއްލިއަކަށް ހޯލުގެ ސްކްރީނުން ވާހަކައިގެ ބަނޑޭރި ގަނޑު ގެއްލިއްޖެ އެވެ.

އެއީ ހަމަ ހިތްގައިމު، އުފާވެރި ނިމުމެއް ކަމަށް ހީވި ހިނދު… އެވެ. ފެނަށް ފެށީ ތަފާތު މަންޒަރެކެވެ.

ހިޔަންޏެއް ފަދައިން ބޮޑުކޮށް ޖަހާފައި އޮތެވެ. މި ވާހަކަ ލިޔުނީ އަޝްބާއެއް ނޫނެވެ. މީގެ އަހަރެއް ކުރިން ރޯދަ މަހެއްގައި ތިރީސް ބާބަށް ލިޔަން މިއީ ލިޔުންތެރިޔަކު ނިންމި ރޯދައިގެ އިނާމެކެވެ. އެތައް ގޮންޖެހުންތަކަކާއި މެދު ކެނޑު މަކަށް ފަހު މިއަދު ނިންމާލެވުނީއެވެ.

އަޝްބާއަށް ސްކްރީނަށް ބަލައިލެވުނެވެ. އޭނާގެ އަތުން ސޮއިކުރަން ގެންގުޅުން ގަލަން ވެއްޓުނެވެ. މުޅި ހޯލުގެ އަޑު މަޑުވެ، ހިމޭންކަން ވެރިވިއެވެ.

ނަޒާން ދުރުގައި ހުރެފައި ކައިރިއަށް އައިސް، އަޝްބާގެ ކޮނޑުގައި ހިފާލިއެވެ. މުޅިން ތަފާތު، ފިނި، އަޑަކުން ބުނެލިއެވެ. ” ނަޒާން: ދޫނީ… ކޮބާ ކިހިނެއް ވީ އިތުރަށް ލިޔާ ހިތް ވީތަ!”

ނިހާއީ ލޯބީގެ އެއީ ސަމާސާއެކެވެ. އެގިގެން އެ ދިޔައީ ނާއުންމީދާއި އުންމީދުގެ ތަފާތެވެ. އެކަމަކު
އަޝްބާގެ ދެލޮލުން ބިރުވެރިކަން ފިލައިނުދެއެވެ. އަޝްގެ ހިތާއި ސުވާލުކޮށްލިއެވެ. މިއީ ހަޤީޤަތެއް ހެއްޔެވެ؟ ނުވަތަ… މުޅި މި ކާއިނާތަކީ ވެސް މީހަކު ލިޔަމުންދާ ހަޤީޤަތެއް ނެތް ޚިޔާލީ ސޮފްހާތަކެއް ހެއްޔެވެ؟

[ނިމުނީ…]

(ކިޔުންތެރިންގެ ސަމާލުކަމަށް)
ވާހަކަ އެއްކޮށް ލިޔެ މި ނިމުނީއެވެ. ކިޔުންތެރިން ދެކޭ ގޮތެއް ހާމަ ކޮށްދެއްވުން އެދެމެވެ. ބޮޑެތި މެދު ކެނޑުން ތައް ވެސް އައެވެ. މިކަން ކަމަށް ނިހާޔަތަށް މާފަށް ވެސް އެދެމެވެ. މިއީ އަޅުގަނޑު ހަޔާތުގައި ލިޔުނު އެންމެ ތަފާތު އަދި ހަމައެޔާއެކު އެންމެ ދިގު ވާހަކަވެސް މެއެވެ. ތިޔަ ލޮބުވެތި ކިޔުންތެރިން މިވާހަކަ ކަމުދިޔަ ކަމަށް އުންމީދު ކުރަމުން “އާއެކޭ ލޯބިވޭ” ގެ ދަތުރު ނިންމާލަމެވެ. ނިންމާލަމުންވެސް ބުނެލާ ހިތްވަނީ ތި ދެއްވާ ލޯތްބާއި ތަރުހީބަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ. 🥰🫶♥️🥀😊