Skip to content
އެސްފިޔަ

މޫނުބުރުގާ

Listen to this story Audio · 7:35 Powered by Esfiya Voice
0:00 7:35

” ޔާނިއު. މޮޔަވީތަ؟ އަބަދު އަހަރެން ގައިގަ އަތްތިހާކަނީ؟ ” ޝައުރާގެ ގާތަށް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

” އަހަރެން މޮޔައެއް ނުވޭ. ޝައުރާ ދެކެ ލޯބިވާތީ އަތްލެވެނީ. ގަސްދުގައެއްނޫން..” ޝައުރާ އެހެންބުނުމުން ޔާަނިއު ދެރަވިއެވެ.

ޔާނިއު އަކީ އެކަމުގެ އިޙްސާސްތައް ވަރަށް ބޮޑަށް ހުންނަ ކުއްޖެކެވެ. ޔާނިއުއަކަށް ބައެއްފަހަރު އެކަން ކޮންޓްރޯލްއެއް ނުކުރެވެއެވެ.

” ތިވަނީ ލޯތްބެއް ނޫން. ތިއަށް ކިޔާނީ ވަގުތީ ލޯބި. ވަގުތީ އުފާ. ” ޝައުރާ ރުޅިއައިސްގެން ހުރެ ބުނެލިއެވެ.

ޔާނިއުއަށް ވާގޮތެއް ޝައުރާއަކަށް ނުވިސްނެއޭ ޔާނިއުގެ ހިތަށް އެރިއެވެ. އެހެންވެ ޝައުރާއަށް އެއްވެސް އިތުރު ޖަވާބެއް ޔާނިއު ނުދެއެވެ.

” ވަރަށް ފޫހިިވޭ މި ޔާނިިއުދެކެ. އޮފީސްތެރޭވެސް އޭނަ އުޅޭގޮތެއް. ” އޮފީހުން ގެއަށް އައި މަގުމަތީގައި ޝައުރާ ހުރީ ފޫހިވެފައެވެ.

ޖެހިގެން އައިދުވަހެވެ. ޔާނިއު، އޮފީސްތެރޭގައި ޝައުރާގެ އިންތިޒާރުގައި ހުއްޓެވެ. އެހެންނަމަވެސް ޝައުރާ އަންނަތަނެއް ޔާނިއުއަކަށް ނުފެނުނެވެ.

އިރުކޮޅަކުން މޫނުބުރުގާ އަޅައިގެން ހުރި އަންހެންކުއްޖަކު އޮފީހަށްވަނެވެ. އެއަންހެންކުއްޖާ ލައިގެން ހުރި އަބާޔާހެދުމާއެކު، މޫނުބުރުގާވެސް ހުރީ ކަޅުކުލައިގައެވެ.

ޔާނިއު، އެއަންހެންކުއްޖާއަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާއަށް ބެލެނީ ޝައުރާ އާދޭތޯއެވެ. މޫނުބުރުގާ އަޅައިގެން އޮފީހަށް ހާޒިރުވީ ޝައުރާކަަމެއް އޭނާ ނުދެނެ ހުއްޓެވެ.

އޮފީހުގެ މެއިން ކައުންޓަރު ގާތުގައި ހުރި ފިންގަރ މެޝިންގަރ ފިންގަރ ޖެހުމަށްފަހު އެމޫނު ބުރުގާ އެޅި އަންހެންކުއްޖާ، އަސްލު ނަމުންނަމަ ޝައުރާ ދިޔައީ އޭނާގެ މޭޒާއި ގޮނޑި އިން ދިމާއަށެވެ.

އޭރުވެސް ޔާނިއު، އަތުގައި އޮތް ގަޑިއަށް ބަލަމުންގެންދިޔައެވެ. ޝައުރާގެ ހިލަމެއްވޭތޯއެވެ. ޝައުރާ ނައުމުން ވީފޫއްސަކުން ޔާނިއުވެސް އޭނާގެ މޭޒާއި ގޮނޑި ހުރި ދިމާއަށް ދިޔައެވެ.

މިއީ ކޮންކަމެއް؟ ޝައުރާއިންނަ ގޮނޑީގައި އިން މޫނު ބުރުގާ އެޅި އަންހެންކުއްޖާއާ ދޭތެރޭ ޔާނިއުގެ ހިތުގައި ސުވާލު އުފެދުނެވެ.

” ތިއީ ޝައުރާ އިންނަ ގޮނޑި. ކާކުތަ ތިއީ؟ ” ޔާނިއުގެ ގާތަށް ހިސާބަކަށް ރުޅިއަައުމާއެކު އެކުއްޖާއާ ސުވާލުކޮށްލިއެވެ.

ޝައުރާ އެސުވާލުތަކަކަށް ޖަވާބެއް ނުދެއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި މޭޒުމަތީގައި ހުރި ލެޕްޓޮޕްގައި ޓައިޕްކުރަމުން ގެންދިޔައެވެ.

ޔާނިއުވެސް ދެބުމަގޮއްޖަހާލުމަށްފަހު އޭނާގެ މޭޒު ދޮށުގައި ހުރި ގޮނޑީގައި ހަމަ ޖެހިލިއެވެ.

ޔާނިއު މަސައްކަތް ކުރާ ބައި އިންނަނީ ހަމަ ޝައުރާގެ އިންނަ ބަޔާއި ޖެހިގެންނެވެ.

” ޝައުރާ. ވަޓް އަ ޕްލެޒެންޓް ސަޕްރައިޒް. ” އެވަގުތު ހަމަ އެ އޮފީހުގައި އުޅޭ ރާނިޔާ އައިސް އެތަނުގައިި ހަމަޖެހިލައި ޝައުރާއާ ވާހަކަދައްކަން ފެއްޓިއެވެ.

ޝައުރާ ހީލާކަން މޫނުބުރުގާގެ ތެރެއިން ފެންނަން ހުރި ހަމަ އެކަނި އޭނާގެ ދެލޮލުން ހާމަކޮށްދެއެވެ.

” މިއަދުތަ މޫނު ބުރުގާ އެޅީ؟ އަހަންނަށްވެސް ޚަބަރު ލިބިގެން ހަމަ ބަލާލަން މިއައީ. ” ރާނިޔާ އޭނާގެ ވާހަކަ ކުރިއަށްގެންދިޔައެވެ.

” އާނ. މިއަދު ހަމަ އެޅީ. ” ޝައުރާ ރާނިޔާއަށް ޖަވާބުދިނެވެ. ރާނިޔާއަށް މިޚަބަރު ދިނީވެސް ޚުދު ޝައުރާއެވެ.

ރާނިޔާއަކީ އޮފީސް މޭޓެއްގެ އިތުރުން ޝައުރާގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. މޫނުބުރުގާ އެޅި ވާހަކަ ޝައުރާ ރާނިޔާ ގާތުގައި ބުނެލީ އޮފީހަށް ވަންނަމުން އޭނާއަށް ޓެކްސްޓް މެސެޖެއް ވައިބާ ކޮށްލާފައެވެ.

މިހުރިހާ އަޑުތަކެއް އިވުނު ޔާނިއުގެ ގޮށްޖެހިފައި ހުރި ދެބުމަ އަލުން ރީތިވިއެވެ. ޔާނިއުގެ ގާތަށް އައިސްފައިހުރި ރުޅި މަޑުވިއެވެ.

ޝައުރާއާ ދިމާއަށް ޔާނިއު ކަޅިއެއް އެއްލިއެވެ. ބޮޑު ކަޅުފޮތިގަނޑެއް ފިޔަވައި އެކައްޗެއްވެސް ޔާނިއުއަކަށް ނުފެނުނެވެ.

ޔާނިއުއަށް ހިންދިރުވާލެވުނެވެ. ޝަޢުރާގެ ރީތިކަމާއި ފަރިކަން ޔާނިޢުގެ ހިތަށް އަންނަމުން ދިޔައެވެ.

އޮފީހަށް ދާއިރު ޝައުރާ ލާފައި ހުންނަ ޓޮޕާއި ޕޭންޓްސް ލާފައި ހުރެ ޝައުރާގެ ރީތި ޑައިކޮށްލެވިފައިވާ ދިގު އަދި ބުޅި އިސްތަށިގަނޑު އޭނާގެ އުނަގަނޑާއި ހަމައަށް އޮވެއެވެ. ހަނދާނަށް އަންނަނީ ދޮން ދޮން އެމޫނެވެ. އަދި އެމޫނުގައިވާ ފުރިހަމަކަމެވެ.

އަނެއްކާވެސް ޔާނިޢު ޝައުރާއާއި ދިމާއަށް ބަލައިލިއެވެ. މިހާރު ޝައުރާ ފެންނަން އިންގޮތުން ޔާނިޢުގެ ހިތަކަށް އެކައްޗެއްވެސް ނާރައެވެ.

އެހެންނަމަވެސް ކުރިން ޝައުރާ ހުންނަގޮތް ހަނދާންވާއިރަށް ޔާނިޢުއަށް ގޮތްގޮތްވަމުން ދިޔައެވެ.

ޝައުރާ އަހަރެންގެ ލޯބި ޤަބޫލުނުކުރަނީ ކިހިނެއްވެގެން؟ މިހާ ލޯބިވާއިރުވެސް؟ ޔާނިޢުގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ.

ޔާނިއުގެ މައްސަލަ ޔާނިޢުއަށް އެނގެއެވެ. ހުރިހާވެސް މައްސަލައަކީ އިހުސާސްތައް ނުހިފެހެއްޓެގެން ޔާނިޢުއަށް ޝައުރާގެ ގައިގެ އެތަން މިތަނުގައި އަތްލެވޭތީއެވެ. އެވެސް އޮފީސްތެރޭގައެވެ.

” ޝައުރާ. ސޮރީ އިނގެ އަހަންނަކަށް ނޭނގެ ތީ ކާކު ކަމެއް ކުރިއަކުން. ” ޔާނިއު އަނެއްކާވެސް ވާހަކަފެއްޓިއެވެ.

” ޔާނިއު. ޔާނިއު. އަހަރެން ވަރަށް ރީތިކޮށް ވާހަކައެއް ބުނަންތަ؟ އަހަރެން މިހާރު މޫނު ބުރުގާ އަޅައިގެން މިހުރީ ޔާނިއުގެ އުނދަގުލާ ހެދި. ތި އުނދަގޫ އަހަންނަށް ބޮޑުވެގެން. އެހެންވީމާ ޔާނިޢުވެސް ދެން އެންމެ ރަނގަޅުވާނީ މަޑުން ހުރިއްޔާ. ” ރުޅިއާއެކު ކެކެމުން ކެކެމުން ކަހަލަ ގޮތަކަށް ޝައުރާ ބުނެލިއެވެ.

” ކީއްވެ ޝައުރާއަށް އަހަރެންގެ ލޯބި ޤަބޫލު ނުކުރެވެންވީ. އަހަރެން ހަޑީތަ ހުތުރީތަ؟ ޝައުރާދެކެ މި ވަނީ ހަޤީޤީ ތެދުވެރި ލޯތްބޭ. ” ފުރަތަމަފަހަރަށް ޔާނިޢުގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އެމަންޒަރު ހަމަ ރީއްޗަށް ޝައުރާއަށް ފެނުނެވެ.

ޝައުރާ ގާތަށް އައިސްފައިހުރި ރުޅި މަޑުވިއެވެ. ޔާނިއުއަށް ވަރަށް ފުންކޮށް ޝައުރާ ބަލައިލިއެވެ. އޭރު ޔާނިޢުގެ ލޮލަށް ކަރުނަތައް ގިނަވެ އެކަރުނަތައް އޭނާގެ ކޯތާފަތް ތެންމަމުން ދިޔައެވެ.

ތެދެކެވެ. ޔާނިއު ހުތުރެއް ނޫނެކެވެ. އޭނާއަކީ ބަލާލަންވެސް ރީތި ޒުވާނެކެވެ.

ޝައުރާއަށް މައްސަލައަކަށްވަނީ އަތްނުލާށޭ ބުންޏަސް ޔާނިއު ޝައުރާގެ ގައިގައި އަތްލާތީއެވެ.

” އަދިވެސް ޔާނިއު އަހަރެން ގައިގަ އަތްލާނަންތަ؟ ” އެހެންވެ އެކަން ހަނދާންވެގެން ޝައުރާ ސުވާލެއްކޮށްލިއެވެ.

” ޝައުރާ ތިހެން ހުއްޓައި އަތެއް ނުލާނަން. އެކަމަކު ކުރީގެ ގޮތަށް ހުރެއްޖިއްޔާ އަހަންނަކަށް ނޭނގެ އަހަރެންގެ އިހްސާސްތައް ހިފެހެއްޓޭނެކަމެއް. އެއީ ގަސްދުގަ އަހަރެން ކުރާކަމެއް ނޫނޭ. އަހަރެން ބޭނުން ޝައުރާއާ ކައިވެނިކުރަން. ޝަޢުރާ އަހަންނާ ކައިވެނިކޮށްފާނަންތަ؟ އަހަރެން ނޫޅެމޭ ޝައުރާއަށް ދެރައެއްދޭކަށް. ” ޔާނިޢު އޭނާގެ އިހްސާސްތައް އެއްކޮށް ބަންޑުންކޮށްލިއެވެ.

ޝައުރާގެ އަނގައިން ބަސްހުއްޓުނު ކަހަލައެވެ. ޔާނިޢު އެބުނަނީ ތެދެއްކަން ޝައުރާއަށް އެނގުނެވެ.

” މައްސަލައެއްނެތް. އަހަރެން ތިކަމާއި އެއްބަސް. އަހަރެން ހުންނާނީ މިހެންދެން. މިއީ އެންމެ ރަނގަޅުގޮތް. މިހެން ހުއްޓާ ޔާނިއު ނުވާނެ އެކަމަކު އަހަރެންގެ ގައިގައި އަތްލައިގެން ދެނެއް. އަތްލައިފިއްޔާމު ކައިވެނި ކެންސަލް..” ޝައުރާ ޔާނިއުއަށް ބަލަންހުރެ ބުނެލިއެވެ.

ޔާނިއުވެސް ޝައުރާގެ ދެލޮލަށް ބަލައިލިއެވެ. އަނެއްކާވެސް ހަމަ ކުރީގެ ރީތި ޝައުރާ ސިފަވާހެން ހީވުމުން ޔާނިޢު ދެފަރާތަކަށް ބޯހޫރުވާލާ އެހެން ދިމާއެއް ބަލަން ފެށިއެވެ.

” އަހަރެން ތި ހުރިހާ ކަމަކާއި ޤަބޫލު. ﷲ އިރާދަކުރެއްވިއްޔާ ޝައުރާއަށް ރަގަޅު ފިރިއަކަށް އަހަރެން ވާނަން. ” ހަމަ އެދިމާއަށް ބަލަންހުރެ ޔާނިޢު ބުނެލިއެވެ.

” އެންމެ ރަގަޅު. އަހަރެން ޔާނިއުއަށް ޓެކްސްޓް ކުރާނަން. އަހަންނަށްވެސް ރަނގަޅު ފިރިޔަކު ލިބިއްޖިއްޔާ އަހަރެންވެސް ވަރަށް އުފާވާނެ. ” ޝައުރާ މަޑުމައިތިރިކަމާއެކީގައި އެންމެފަހުން ޔާނިޢުއާ ވާހަކަދައްކަން ފެއްޓިއެެވެ.

ޝައުރާގެ މިޖަވާބުތަކުން ޔާނިޢުގެ ހިތް އުފަލުންގޮސް ނަށައިގަތެވެ. ޔާނިއުގެ މޭޒުދޮށުގައި އިށީނދެލެވުނުއިރު އޭނާ އިނީ އުއްމީދުން ފުރިގެންގޮސް ހިނިތުންވެވިފައެވެ.

މޫނުބުރުގާ އަޅައިގެންއިން ޝަޢުރާއަށްޓަކައި އޭނާގެ ހިތުގައި ވަރަށް މަތިވެރި މަޤާމެއްވެސް އެވަގުތު އުފެދިގެންދިޔައެވެ.

(ނިމުނީ)