
މަންޒިލް ތީ މަގޭ

ދުނިޔޭގެ އަޑުގަދަ އަދި އަވަސް ދިރިއުޅުމުގެ ތެރެއިން ވަކިވެގަނެ، އެކަނިވެރިކަމުގެ ފިނި ހިޔާވަހިކަމުގައި ދުވަސްތައް ގުނަމުން ގެންދިޔައީ އަހަރެންގެ އަމިއްލަ އިޚްތިޔާރުގައެވެ. ދިރިއުޅުމުގައި ދިމާވި އެކިއެކި ހިތްދަތި ތަޖުރިބާތަކާއި މެދު ފުންކޮށް ވިސްނާ، ހިތާމަތަކާއި ކުރިމަގުގެ އުއްމީދުތައް އެއްފަސްކޮށްގެން ހޭދަކުރި އެ ދުވަސްވަރަކީ އަހަރެންގެ މުޅި ހަޔާތުގައިވެސް ދުށް އެންމެ ހަމަހިމޭން ދުވަސްވަރެވެ. ކޮޓަރީގެ ކުޑަދޮރުގެ ކައިރީގައި ހުރެ ، ބޭރުން ވެހެމުންދާ ވާރޭގެ ތިކިތަކާއި ، ގަސްގަހާގެހީގެ ފަތްތައް މަޑުމަޑުން ހަރަކާތްތެރިވާ ގޮތަށް ބަލަން އިނދެ ، ޚިޔާލީ މާސިންގާ ކަނޑެއްގެ ތެރެއަށް ގެނބިގެން ދިޔުމަކީ އަހަރެންގެ ދުވަހީ އާދައަކަށް ވެފަ އޮންނަ ކަމެކެވެ. އެކަނިވެރިކަމަކީ ބައެއް މީހުންނަށް ހިތްދަތި ވޭނަކަށް ވިޔަސް ، އެ ދުވަސްވަރު އަހަންނަށް އެއީ ނަފްސަށް ލިބުނު އެންމެ ބޮޑު ތަސައްލީއެވެ. ދުނިޔޭގެ ޙަޤީޤަތްތަކާ މެދު ފުންކޮށް ވިސްނާ، އަމިއްލަ ނަފްސު ވަޒަންކޮށް، ހެއްދެވި ފަރާތާ އޮތް ގުޅުން ވަރުގަދަކުރުމަށް އަހަންނަށް ލިބުނު އަގުހުރި ފުރުސަތަކަށް ވެސް އެ ހިމޭން ދުވަސްތައް ވިއެވެ. ހިތުގައި އޮތް އެކަނިވެރިކަމުގެ ހިޔަނި އަހަރެންގެ ވަށައިގެން ވިޔަސް، އަމާން ރައްކާތެރި ކިއްލާއެއް ފަދަ އިހުސާސެއް އަހަންނަށް ކޮށްދިނެވެ.
އެ ދުވަސްވަރު އަހަރެން ދިރިއުޅެމުން ދިޔައީ އިންޓަނެޓާއި ސޯޝަލް މީޑިއާގެ ވިދުމާއި އަޑުގަދަ މާހައުލާ މުޅިންހެން ވަކިވެގެންނެވެ. ޒަމާނީ މީސްމީޑިއާގެ ދޮގު ދަޅަތަކާއި، އެއްވެސް އިޚްލާޞްތެރިކަމެއް އަދި އަސްލެއް ނެތް ފޭކު ގުޅުންތަކުން އަހަރެންގެ ހިތް ވަނީ އިންތިހާއަށް ފޫހިވެފައެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އެހެން މީހުން ދައްކާ ބޭރުފުށުގެ ދެއްކުންތެރި ދިރިއުޅުން ބެލުމުގެ ބަދަލުގައި، އަގުހުރި ފޮތެއްގެ ގަނޑުތައް އުކާލުމާއި، ފަތިހުގެ ތާޒާ ފިނި ރޯޅިތަކަށް މޭ ހުޅުވާލުން އަހަންނަށް މާ ބޮޑަށް ވެސް ހިތްހަމަޖެހުމާއި ރޫޙާނީ އަރާމު ގެނެސްދިނެވެ. ފޭސްބުކާއި އިންސްޓަގްރާމް ފަދަ ވަސީލަތްތަކުން ދުރަށް ޖެހި، ފޯނު އެއްފަރާތްކޮށްލުމަކީ އަހަރެންގެ ސިކުނޑިއަށް ލިބުނު ބޮޑު ލުޔެކެވެ. މީސްމީޑިއާގެ ހަލަބޮލިކަމުން އަހަރެންގެ ހިތް ސަލާމަތްކޮށް، ދުނިޔެއަކީ ހަމައެކަނި އަހަރެންގެ މި ކުޑަކުޑަ ކޮޓަރިއާއި، ފޮތްތަކާއި، އަމިއްލަ ޚިޔާލުތައް ކަމުގައި އަހަރެން ޤަބޫލުކޮށްގެން ހުރީ، އެއްވެސް އިންސާނެއްގެ ފަރާތުން އިތުރު ހިތްދަތިކަމެއް ނުވަތަ މާޔޫސްކަމެއް ލިބެން ބޭނުން ނުވާތީއެވެ. ހިތުގެ ދޮރުތައް ވަނީ ބޭރު ދުނިޔޭގެ މީހުންނަށް މުޅިން ބަންދުކުރެވި، ތަޅުލެވިފައެވެ.
ބޯ ވިއްސާރަ ވިލާތަކުން އުޑުމަތި ބައްދާލާފައި އޮތް، މަޑުމައިތިރި ހަމަހިމޭން ވިއްސާރަ ރެއެކެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ކޮޓަރީގެ ދޮރުފޮތްތައް ނަށަމުން ދިޔައިރު، ވަރަށް ގިނަ ދުވަސްތަކަކަށްފަހު، ކިޔަވަން ބޭނުންވާ މުހިންމު ފޮތެއްގެ މައުލޫމާތު ހޯދުމުގެ މަޤުޞަދުގައި އަހަރެން ފޭސްބުކް އެކައުންޓަށް ވަދެލީމެވެ. ހަމަ އެ ވަގުތު، ކަނާތްފަރާތު ކަނުގައި ވިދައިގަތް ނޯޓިފިކޭޝަންގެ ކުޑަކުޑަ އަލިން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ، ބީރައްޓެހި ނަމަކުން އައިސްފައި އޮތް ފްރެންޑް ރިކުއެސްޓެކެވެ. އެ ވަގުތު ހިތަށް ވެރިވި ބުނެދޭން ނޭނގޭ ފުން ތެޅުމަކާއެކު، އާދަޔާ ޚިލާފު ދެފިކުރެއްގައި އިނދެ، އެ ރިކުއެސްޓް އަހަރެން ޤަބޫލުކުރީމެވެ. އެއީ އިއްތިފާޤަކުން ހިނގި ކަމެއް ކަމަށް ހީކުރެވުނަސް، ޙަޤީޤަތުގައި އެއީ އަހަރެންގެ މުޅި ހަޔާތް އަލުން އާރާސްތުކޮށް، މުޅި ދިރިއުޅުމުގެ ކުލަތައް ބަދަލުކޮށްލާނެ ބޮޑު ތަޤުދީރުގެ ފެށުމެއް ކަމެއް އޭރަކު އަހަރެންގެ ޚިޔާލަކަށްވެސް ނާދެއެވެ.
އެ ރިކުއެސްޓް ޤަބޫލުކުރި ހިސާބުން ފެށުނު ކުޑަކުޑަ ތަޢާރަފުގެ ސަލާމާއި މެސެޖުތައް، ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ބަދަލުވެގެން ދިޔައީ ފުން އަދި މާނަފުން މުވާސަލާތަކަށެވެ. އޭނާ ފޮނުވާ ކޮންމެ މެސެޖަކުން، ބޭނުންކުރާ ކޮންމެ ލަފުޒަކުން ފެންނަމުން ދިޔައީ ތަހުޒީބު އަދި ނުހަނު މާތް، ރިވެތި އިސްލާމީ އަޚްލާޤެކެވެ. އަހަރެންގެ މުޅި ހަޔާތުގައިވެސް އެއްވެސް އިންސާނެއްގެ ފަރާތުން ނުފެންނަ ފަދަ މަތިވެރި އިހުތިރާމަކާއި، އަގުނުކުރެވޭ ފަދަ ޤަދަރެއް އޭނާ އަހަންނަށް ދޭން ފެށިއެވެ. އަހަރެންގެ ކޮންމެ ޚިޔާލަކާއި އިހުސާސަކީ އަގުހުރި އެއްޗެއްގެ ގޮތުގައި ބަލައިގަނެ، ދުވަހަކުވެސް ފޫހިކަމެއް ނެތި އަހަރެން ދައްކާ ހުރިހާ ވާހަކައެއް ކަނުލައި އަޑުއަހާ އޯގާތެރި މަދަދުގާރަކަށް އޭނާ ވިއެވެ. ހިތުގައި އެތައް ޒަމާނެއް ވަންދެން ވަކިއަޅާފައި އޮތް ފަޅުކަމާއި އެކަނިވެރިކަމުގެ ފުން ވަޅުގަނޑު، އޭނާގެ ހިތްހެޔޮކަމާއި ކުލުނުން ފުރިގެން ދިޔައީ ބަހާރު މޫސުމުގެ ފުރަތަމަ ވާރޭ ތިއްކާއެކު ފޮޅިގެންދާ ފިނިފެންމަލެއްގެ ތާޒާކަން ފަދައިންނެވެ.
އޭނާއަކީ އަހަރެންގެ ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް އެކުގައި ވޭތުކުރަން އަހަރެން އަބަދުވެސް އުންމީދުކުރި ފަދަ، ހުރިހާ ގޮތަކުންވެސް ފުރިހަމަ، ޞާލިޙު ބައިވެރިޔެކެވެ. އޭނާގެ އަޚްލާޤުގައިވާ ސާދާކަމާއި، ވާހަކަދެއްކުމުގައި ހުންނަ މަޑުމައިތިރިކަމަކީ އަހަރެންގެ ހިތް އަތުލައިގަތް ސިފަތަކެވެ. އޭނާ އަހަންނާ މެދު ބަހައްޓާ އަޅާލުމަކީ މި ޒަމާނުގައި ވަރަށް މަދުން ނޫނީ ނުފެންނާނެ ފަދަ މަތިވެރި ނިއުމަތެކެވެ. އޭނާގެ ކޮންމެ ނަޞޭޙަތަކާއި ހިތްވަރުގެ ބަހަކީ އަނދިރިކަމުގެ ތެރޭގައި އޮތް އަހަރެންގެ ހަޔާތަށް އަލިކަން ގެނެސްދިން ހަނދުވަރެއް ފަދަ އެއްޗެކެވެ. އެ ހިތުގައި އަހަންނަށްޓަކައި އޮތް ސާފު، ޠާހިރު ޤަދަރަކީ އަހަރެން މި ދުނިޔެމަތީގައި އެންމެ ފަޚުރުވެރިވާ އަދި ހިތާމަތަކުން ދުރުކޮށްދޭ އެންމެ ވަރުގަދަ އައްޑަނައެވެ.
މި ފޮނި ލޯބީގެ އުފާވެރިކަމާއި އަރާމު އަހަރެންގެ ހިތަށް ލިބެމުން ދިޔަ ވަރަކަށް، ހިތުގެ އެންމެ ފުންމިނުގައި ބިރުވެރިކަމުގެ ކުޑަ ވިންދެއްވެސް ހިނގަން ފެށިއެވެ. އެއީ މިފަދަ އަގުހުރި، ޖަވާހިރެއް ފަދަ މާތް ބައިވެރިޔަކު އަހަރެންގެ ހަޔާތުން ކުއްލިއަކަށް ބީވެ، ގެއްލިދާނެތީ ހިތުގައި އުފެދޭ ގޮތް ނޭނގޭ ބިރެވެ. އެ ބިރުވެރިކަމަކީ ހަސަދައެއް ނުވަތަ އެއްވެސް ކަހަލަ ޝައްކެއްގެ ސަބަބުން އުފެދޭ އެއްޗެއް ނޫނެވެ؛ އެކަމަކު އޭނާ ދެކެ ވެވޭ މިންވަރު ނޭނގޭ ފުން ލޯބީގެ ބޮޑުކަމުން ހިތަށް ކުރާ އަސަރެއްގެ ސަބަބުން އުފެދޭ ނާޒުކު ޖަޒުބާތެކެވެ. އެހެންކަމުން، އަހަރެންގެ ހިތުގައި އޭނާއަށްޓަކައި ވާ ލޯބި ދުވަހަކުވެސް ފަނޑުވިޔަކަ ނުދެމެވެ. ކޮންމެ ދުވަހަކު އެ ލޯތްބަށް އާ ދިރުމެއް ދީ، އުޑުން ވެހޭ ވާރޭގެ ސާފު ފެނުން ތާޒާވާ ފިނިފެންމަލެއް ފަދައިން، އަހަރެމެންގެ ގުޅުން އަބަދުވެސް ރީތިކަންމަތީ ބާއްވަން އަހަރެން އަބަދުމެ ނުހަނު ލޯތްބާއި ކުލުނާއެކު މަސައްކަތް ކުރަމެވެ. އޭނާގެ ހިތާމަތަކުގައި ބައިވެރިވެ، އޭނާގެ ހިނިތުންވުން ދެމެހެއްޓުމަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް މަޤުޞަދު ކަމުގައި ހެދީމެވެ.
އަހަރެމެންގެ ދެމެދުގައި ޖިސްމާނީ ގޮތުން ކަނޑުތަކާއި ބިންތަކުގެ ދުރުމިނެއް އޮތް ނަމަވެސް، ރޫޙާނީ ގޮތުންނާއި ހިތްތަކުގެ ގުޅުމުގައި އޮތް ގާތްކަން އިންތިހާއަށް ބޮޑެވެ. އެހެންނަމަވެސް، “ވޭ ދެކޭ ހިތް ނިކަން…” މި ފޮނި އަދި ރިހޭ ޖުމްލައަކީ މިއަދު އަހަރެންގެ ހިތުގެ ކޮންމެ ވިންދެއްގެ ފުން އަޑެވެ. ހަޔާތުގެ ހުރިހާ އުފަލަކާއި ހިތާމައެއް އެކުގައި ހިއްސާކުރަން ބޭނުންވާ މި ލޯބިވާ ބައިވެރިޔާގެ މޫނު، އެއްވެސް ސްކްރީނެއްގެ ހުރަހެއް ނެތި، ދެލޮލުން ފެނިލުމަށް އަހަރެންގެ ހިތް އެދި ގޮވަނީ ބަޔާންކުރަން ދަތި ފުން ކެކުޅުމަކާއެކުގައެވެ. އޭނާގެ އެ މަޑުމައިތިރި ބެލުމާއި، ލޮލުން ފެންނަ ތެދުވެރިކަން ޙަޤީޤީ ދުނިޔޭގައި ދެކިލުމަކީ އަހަރެންގެ މުޅި ހަޔާތް ފުރިހަމަކޮށްދޭނެ ކަމެކެވެ. ކޮންމެ ދުވަހަކު އިރުއޮއްސި، ރޭގަނޑުގެ އަނދިރިކަން ދުނިޔެއަށް ވެރިވާ ހިނދު، އޭނާއާ ބައްދަލުވާނެ އުފާވެރި މާދަމާއަކަށް އިންތިޒާރު ކުރެވެނީ ހަނަފަސް ސަހަރާއަކަށް އޮހިގަންނާނެ ފިނި ވާރޭގެ ތިއްކަކަށް އިންތިޒާރުކުރާ ފަދައިންނެވެ. އެ ރީތި ސޫރަ ދެކިލުމަށް ހިތުގައި އުފެދިފައިވާ ފުން ޝައުޤުވެރިކަމަކީ އަހަރެންގެ ހިތުގައިވާ ލޯބީގެ ބާރު އިތުރަށް ވަރުގަދަކޮށްދޭ، އަދި ދިރިއުޅުމަށް އާ އުންމީދުތަކެއް ގެނެސްދޭ އިހުސާސެވެ.
މިއަދު އަހަރެން ފަސްއެނބުރި އަހަރެންގެ މާޒީގެ ސަފުހާތަކަށް ފުންކޮށް ބަލައިލާއިރު، އެކަނިވެރިކަމާއި ހިމޭންކަމުގައި ހޭދަކުރި އެ ދިގު ދުވަސްތަކަކީ މިފަދަ މާތް، އަލިގަދަ ނިއުމަތަކާ ބައްދަލުވުމަށް މިންވަރުކުރެއްވި ބާރަކާއި މަގެކެވެ. އެންމެ ރެޔަކު، ހިތުގައި އެއްވެސް އުންމީދެއް ނެތި އިންދާ އައި ކުޑަކުޑަ ފްރެންޑް ރިކުއެސްޓެއް، އަހަރެންގެ ދިރިއުޅުމުގެ މިސްރާބު މިހާ އުފާވެރި އަދި ބާއްޖަވެރި ދިމާއަކަށް އަނބުރާލާނެ ކަމަކަށް ދުވަހަކުވެސް ހިތަކަށް ނާރައެވެ.
Comments (2)
Comments are closed.
vrh vrh vrh reeeeeeeeethi
thnku