
މަންމަ: ހިތުގެ ރޫޙު، ދިރިއުޅުމުގެ ނޫރު

މަންމައަކީ ދިރިއުޅުމުގެ އެންމެ އަގުބޮޑު ނިޢުމަތެވެ. ކޮންމެ އިންސާނެއްގެ ހިތުގައި ވެސް މަންމައަށް ވަކި ޚާއްސަ މަޤާމެއް ދެވިފައިވެއެވެ. މަންމައަކީ ހަޔާތަށް އުފާވެރިކަމާއި އަލިކަން ގެނެސްދޭ ބާރެކެވެ. އުފަންވީއްސުރެ، އަދި އުފަންވުމުގެ ކުރިން ވެސް، މަންމަގެ ލޯތްބާއި ހިމާޔަތަކީ ދަރިޔެއްގެ ހަޔާތުގެ އެންމެ މުހިންމު އެކައްޗެވެ. މަންމައަކީ ހިތުގެ ރޫޙެވެ. ދިރިއުޅުމުގެ ނޫރެވެ.
މަންމަގެ ލޯތްބަކީ އެއްވެސް އެއްޗަކާ އަޅާކިޔޭނެ ލޯތްބެއް ނޫނެވެ. ބަނޑުގައި ބަހައްޓައިގެން ހުންނަ ދުވަސްކޮޅުން ފެށިގެން، ދަރިފުޅަށްޓަކައި މަންމަ ވަމުންދާ ޤުރުބާނީތަކާއި ތަޙައްމަލުކުރާ ތަކުލީފުތަކުގެ އަދަދެއް ނުހުރެއެވެ. ދަރިފުޅު އުފަންވެ، ބޮޑުވަމުން އަންނައިރު، ނިދި ނަގާލައިގެން، ކެއުން ބުއިމުން ކުޑަކޮށްގެން، ދަރިފުޅުގެ ހުރިހާ ކަމެއްގައި ވެސް މަންމަ ހުންނަނީ އަވަދިނެތި މަސައްކަތުގައެވެ. ދަރިފުޅު ބަނޑުހައި ވެދާނެތީ، އަދި ބަލިވެދާނެތީ، މަންމަ ދެކެނީ ކޮންފަދަ ބިރެކެވެ! މިފަދަ ޤުރުބާނީތަކުގެ ސަބަބުން، އިސްލާމްދީނުގައި ވެސް މައިންބަފައިންނަށް އިހުތިރާމްކުރުމަށާއި ކަމޭހިތުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ.
ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައި ވެސް މަންމައަކީ ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާއެވެ. ހިތާމަޔާއި އުފަލުގައި، ކާމިޔާބީއާއި ނާކާމިޔާބީގައި، މަންމަގެ ފަރާތުން ލިބޭ ހިތްވަރާއި ނަސޭހަތަކީ ދިރިއުޅުން ރަނގަޅު މަގުން ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް މުހިންމު އެއްޗެކެވެ. މަންމަގެ ލޯބިވެތި ބަސްތަކާއި ހިތްވަރު ދިނުމަކީ، ދަރިފުޅަށް އުފާވެރި މުސްތަޤުބަލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ. މަންމަގެ ހިޔާވަހިކަމުގެ ދަށުގައި ދަރިފުޅަށް ރައްކާތެރިކަމާއި އަމާންކަން ލިބެއެވެ. އެހެންކަމުން، މަންމައަކީ އެއްވެސް ކަމަކުން ބަދަލު ނުކުރެވޭނެ، ދިރިއުޅުމުގެ އަސްލު ބާރެވެ.
މަންމަގެ ދުޢާތަކާއި ބަރަކާތަކީ ދަރިފުޅުގެ ދިރިއުޅުމަށް އަބަދުވެސް އުޖާލާކަން ގެނެސްދޭ އެއްޗެކެވެ. މަންމަގެ ހެޔޮ ދުޢާއެއްގެ ސަބަބުން ދިރިއުޅުމުގެ އެތައް ހުރަސްތަކެއް ފަސޭހަވެ، ކަންކަން ކާމިޔާބުވެއެވެ. މަންމަގެ ބާރަކީ ދަރިފުޅުގެ ކޮންމެ މަސައްކަތެއްގައި ވެސް ކުރިއަށް ދިއުމަށް ލިބޭ ބާރެކެވެ. އާއިލާއެއްގެ ތެރޭގައި މަންމައަކީ ހުރިހާ އެންމެން ގުޅުވައިދޭ އެކުވެރިޔާއެވެ. މަންމަގެ ހިތްވަރާއި ސަބުރުގެ ސަބަބުން، ދަރިންނަށް ހެޔޮގޮތުގައި ދިރިއުޅުން ބިނާކުރުމަށް މަގުފަހިވެއެވެ. މަންމަ ދަރިންނަށް ދަސްކޮށްދެނީ، ހެޔޮ އަޚްލާޤާއި ރިވެތި އާދަތަކެވެ.
އެހެންކަމުން، މަންމައަކީ ދިރިއުޅުމުގެ އެންމެ މުހިންމު އަދި އެންމެ އަގުބޮޑު ރިވެލިއެވެ. މަންމަގެ ދައުރަކީ، ކޮންމެ ދަރިއެއްގެ ހަޔާތުގައި ވެސް އަބަދަށްޓަކައި ދެމިހުންނާނެ، ފޮހެނުލެވޭނެ ހަނދާނެކެވެ. މަންމައަށް ޝުކުރުވެރިވުމާއި، އިހުތިރާމްކުރުމަކީ ކޮންމެ ދަރިއެއްގެ ވެސް ވާޖިބެކެވެ. މަންމަގެ ހިތްވަރާއި ލޯބީގެ ސަބަބުން ދިރިއުޅުމުގެ މަގު ފަހިވެ، ހިތްތަކަށް ހަމަޖެހުން ލިބެއެވެ. މަންމައަކީ ހަޤީޤަތުގައި ވެސް ހިތުގެ ރޫޙެވެ. ދިރިއުޅުމުގެ ނޫރެވެ.
އިންސާނެއްގެ ހަޔާތުގައި ބައްދަލުވާ އެންމެ މާތް، އެންމެ ކުލުނުވެރި އަދި އެންމެ އަގުބޮޑު ނިޢުމަތަކީ މަންމައެވެ. މަންމައަކީ ހަމައެކަނި ދަރިއަކު ދުނިޔެއަށް ވިހައި ގެންގުޅޭ މީހެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އަނދިރިކަން ފިލުވައިދޭ ނޫރެވެ. އަދި ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ދިރުމެވެ. ކޮންމެ އިންސާނެއްގެ ވެސް ޝަޚްޞިއްޔަތު ބައްޓަންވެ، ދިރިއުޅުމުގެ އުސްމިންތަކަށް ވާސިލުވުމުގެ އަސްލަކީ މަންމަގެ އޯގާތެރި އަތްތަކާއި އަގުނުކުރެވޭ ފަދަ މަތިވެރި ތަރުބިއްޔަތެވެ.
މަންމައެއްގެ ލޯތްބަކީ އެއްވެސް ޝަރުޠަކާ ނުލައި، އެއްވެސް ބަދަލަކަށް އެދުމެއްނެތި ދޭ ލޯތްބެކެވެ. ބަނޑުއަޅައި ވިހެއުމުގެ ވޭނުން ފެށިގެން، ދަރިފުޅު ބޮޑުވަމުން އަންނަ ކޮންމެ މަރުޙަލާއެއްގައި މަންމަ ވަމުންދާ ޤުރުބާނީ ތަކަކީ ދުލަކުން ބަޔާންކޮށް ކޮޅުންލާނެ ކަންކަމެއް ނޫނެވެ. ދަރިފުޅަށް ރަނގަޅު ކާނާއާއި އަންނައުނު ހޯދައިދިނުމަށާއި، ބަލިމަޑުކަމުގެ ވަގުތުތަކުގައި ނިދި ނަގާލައި ހޭލާ ހުރެ ފަރުވާދިނުމުގައި މަންމަ ދައްކުވައިދެނީ އިންސާނީ ކުޅަދާނަކަމުގެ އެންމެ މަތީ ދަރަޖައިގެ ކެތްތެރިކަމެވެ. އަމިއްލަ އެދުންތަކާއި އަރާމު އެއްކައިރިކޮށް، ދަރިންގެ އުފަލަށްޓަކައި މުޅި އުމުރު ހޭދަކޮށްލުމަކީ މަންމައަކަށް މެނުވީ ކުރެވޭނޭ ކަމެއް ނޫނެވެ.
ތަޢުލީމާއި އަޚްލާޤުގެ އެންމެ ފުރަތަމަ މަދަރުސާއަކީ މަންމަގެ އުނގެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކޮށްދީ، ހެވާއި ނުބައި ވަކިކޮށް ދިނުމުގައި މަންމަ އަދާކުރަނީ މުދައްރިސެއްގެ ދައުރެވެ. ހިތާމައާއި މާޔޫސްކަން ކުރިމަތިވާ ވަގުތުތަކުގައި ހިތްވަރުދީ، ކާމިޔާބީގެ އައްސޭރިއަށް ވާސިލުވުމުގެ އަސާސަކީ މަންމަގެ ހެޔޮ ދުޢާއާއި ނަސޭހަތެވެ. ދުނިޔޭގެ އެންމެން ދުރަށް ދިޔަކަމުގައި ވިޔަސް، އަބަދުވެސް ހިތްހެޔޮކަމާއި ކުލުނާއެކު އިންތިޒާރުގައި ހުންނާނޭ ހަމައެކަނި ފަރާތަކީ މަންމައެވެ. އެހެންކަމުން މަންމައަކީ ކޮންމެ ދަރިއެއްގެ ހަޔާތުގެ ދަތުރު އަލިކޮށްދޭ ދަން މަރެކެވެ.
މަންމަގެ އަގުބޮޑު ޚިދުމަތްތަކާއި ޤުރުބާނީތަކުގެ ބަދަލު ފުރިހަމައަށް ދިނުމަކީ އެއްވެސް ދަރިއަކަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. ނަމަވެސް މަންމައަށް ކިޔަމަންތެރިވެ، އޯގާތެރިކަމާއެކު ވާހަކަދެއްކުމާއި، މުސްކުޅި އުމުރުގައި އެހީތެރިވެ އަޅާލުމަކީ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ދީނީ އަދި އަޚްލާޤީ ވާޖިބެކެވެ. މާތް ﷲ ގެ ރުއްސެވުން ވަނީ މައިންބަފައިންގެ ރުހުމުގެ ތެރޭގައެވެ. މަންމައަށް އިހުސާންތެރިވެ، އެ މަންމަގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިނުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގެންދާނެ މަތިވެރި ޢަމަލެކެވެ.
މަންމައަކީ ހިތުގެ ފުންމިނުން ދުވަހަކުވެސް ފަނޑުވުމެއްނެތް ލޯތްބާއި ޤަދަރު ޙައްޤުވާ، ދިރިއުޅުމުގެ އެންމެ އަގުބޮޑު ޖަވާހިރެވެ. އެ މަންމަގެ ހިޔާވަހިކަމަކީ ހިތްތަކަށް ލިބޭ އަމާންކަމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންގެ ލޮބުވެތި މައިންބަފައިންނަށް ހެޔޮ ރަޙްމަތް ލައްވައި، ދުޅަހެޔޮ ޞިއްޙަތާއި ދިގު ޢުމުރު ދެއްވައި، އާޚިރަތުގެ މަތިވެރި ނިޢުމަތް ކަމުގައިވާ ޖަންނަތުލް ފިރްދައުސް މިންވަރު ކުރެއްވުމެވެ.
މަންމައަށް އަޅުގަނޑުގެ ހިތުގައިވާ ލޯތްބާއި ގަދަރަކީ، ދުވަހަކުވެސް ފަނޑުވެގެން ނުދާނެ އަސާސެކެވެ. އެ މަންމައަކީ އަޅުގަނޑުގެ ދިރިއުޅުމުގެ އެންމެ އަގުބޮޑު ތަރި، އަދި އެންމެ ފޮނި ހަނދާނެވެ. މަންމަގެ ގުރުބާނީތަކާއި ލޯތްބަށް ޝުކުރުވެރިވުމަކީ، އަޅުގަނޑުގެ އުމުރުގެ ކޮންމެ ދުވަހެއްގައިވެސް އަދާކުރާނެ ވާޖިބެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ، އަޅުގަނޑުމެންގެ މައިންބަފައިންނަށް ހެޔޮ ރަޙްމަތް ލައްވައި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ދެއްވައި، އެބޭފުޅުންނަށް ޖަންނަތުލް ފިރްދައުސް ދެއްވާށި. އާމީން.
މަންމަ ދުނިޔޭގައި ހުންނަ ދުވަސްވަރު، އެކަމަނާއަށް ލޯތްބާއި އޯގާތެރިކަން ދިނުމަކީ ކޮންމެ ދަރިއެއްގެ މައްޗަށް އޮތް މުޤައްދަސް ވާޖިބެކެވެ. މަންމަގެ ހިތަށް އުފާވެރިކަން ގެނެސްދިނުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް އޮތް މަގެކެވެ.
މަންމައަކީ ދަރިންގެ އުފަލާއި ބާއްޖަވެރި ކަމަށްޓަކައި އަމިއްލަ ނަފްސު ގުރުބާންކުރާ ނަމޫނާ ޝަހުސިއްޔަތެކެވެ. ރޭގަނޑުގެ އަރާމު ނިދި ދޫކޮށްލައި، ވަރުބަލި ކަމެއްނެތް ބުރަ މަސައްކަތުން ދަރިން ތަރުބިއްޔަތުކޮށް ބޮޑުކުރަނީ މަންމައެވެ. ދަރިއަކަށް ދަތި އުނދަގޫ ހާލަތެއް މެދުވެރިވާ ހިނދު، އެހީތެރިކަމުގެ އަތެއް އެންމެ ފުރަތަމަ ދިއްކޮށްލާ ފަރާތަކީވެސް އެއީއެވެ. މަންމައެއްގެ ކިބައިގައިވާ ސާބިތުކަމާއި ހިތްވަރަކީ ދަރިންގެ މުޅި ހަޔާތުގެ ބިންގަލެވެ.
މަންމައަކީ ކޮންމެ އިންސާނެއްގެވެސް ހިތުގެ ރޫޙު، އަދި ދިރިއުޅުމުގެ އަލިގަދަ ނޫރެވެ. ދުނިޔޭގެ ކިތަންމެ ބޮޑު ތޫފާނެއްގެ ތެރޭގައިވެސް، ހިތްހަމަޖެހުމާއި އަމާންކަން ގެނެސްދެނީ މަންމަގެ އެ އޯގާތެރި ހިނިތުންވުމާއި ބަސްތަކުންނެވެ. އެ މަންމަ އަޅުގަނޑުމެންނަށްޓަކައި ވާ ޤުރުބާނީއަކީ އެއްވެސް މީޒާނުން އަގު ވަޒަންކުރެވޭނެ އެއްޗެއް ނޫނެވެ.
މަންމައަށް ޤަދަރާއި އިޙްތިރާމްކުރުމަކީ މާތްﷲ އަޅުގަނޑުމެންގެ މައްޗަށް ފަރުޟުކުރައްވާފައިވާ މަތިވެރި ވާޖިބެކެވެ. އެކަމަނާއަށް ކިޔަމަންތެރިވެ، އެކަމަނާގެ އެންގެވުންތަކަށް ބޯލަނބައި، އެކަމަނާގެ ހިތްޕުޅަށް އުފާވެރިކަން ހޯދައިދިނުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް އޮތް ބޮޑު މަސްއޫލިއްޔަތެކެވެ.
އަޅުގަނޑުމެންގެ ކާމިޔާބީގެ ސިއްރަކީ ކޮންމެ ދުވަހަކު އެކަމަނާ އަޅުގަނޑުމެންނަށްޓަކައި ކުރައްވާ ހެޔޮ ދުޢާތަކެވެ. އަޅުގަނޑުމެން ހާސިލުކުރަން އެދޭ ކޮންމެ ކަމެއްގައިމެ، އެކަމަނާގެ ދުއާތައް އަބަދުވެސް އަޅުގަނޑުމެންނާއެކު ވެއެވެ. މަންމަގެ ދުއާއަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައިވާ އެންމެ ވަރުގަދަ ބާރެވެ.
އަޅުގަނޑުމެންގެ ދިރިއުޅުން އުޖާލާކޮށްދޭ އެންމެ އަގުބޮޑު ނިޢުމަތަކީ މަންމައެވެ. މިއަދުވެސް އަދި އަބަދުވެސް މަންމައަށް ލޯތްބާއި ކުލުނު ދޭށެވެ. މާތް ﷲ އަޅުގަނޑުމެންގެ މަންމައިންނަށް ދުޅަހެޔޮ ޞިއްޙަތާއި ދިގު ޢުމުރު މިންވަރުކުރައްވާށިއެވެ! އާމީން.
Comments (1)
Comments are closed.
Vrh reethi masha Allah can yu write for bappa ah ves