Skip to content
އެސްފިޔަ

އެގޭތެރެއިން

Listen to this story Audio · 11:10 Powered by Esfiya Voice
0:00 11:10

އަހުމަދުގެ ވަޒީފާއަށް ބަދަލު އައުމުން، މާލޭގައި ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން  އެ އާއިލާ ށ. ފޯކައިދޫ އައް ދިރިއުޅުން ބަދަލު ކުރީ އެމީހުންގެ ދަރިފުޅާއި އެކު އާ ދިރިއުޅުމެއް ފެށުމައްޓަކައެވެ.

ފާތިމަތު ގަސްތުކުރީ އާ ގޭގަ ހިތްހަމަޖެހިގެން އުޅޭށެވެ. ގޭގެ އަގު ހެޔޮކަމުން، ގެއަށް ވެފަ ހުރި ވަރު ނުބަލާ ފާތިމަތު ގަސްތުކުރީ އޭނާގެ ރައްޓެއްސެއް ދެއްކި ގެއެއްގައި އުޅޭށެވެ. އެއީ ރަށުގެ އެންމެ އުފެންދުންތެރި ހިސާބުގައި ހުރި، އެތައް އަހަރެއް ވެފައިވާ ބޮޑު ގެއެކެވެ. ދޮރުތަކާއި ދޮރުފަތްތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ގިނަ ކުޑަދޮރުތަކުގެ ލޯގަނޑުތައް ހުރީ ތެޅިފައެވެ. އެކަމަކު ގޭގެ ވަރަށް ބޮޑު ސިޓިން ރޫމަކާއި ތިން ކޮޓަރިއާއި ބޮޑު ގޯތި ކޮޅެއް ހުރުމުން، ފާތިމަތުގެ ހިތަށް އެރީ، މިއީ އެމީހުންނަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

އާ ގޭގެ ތަޅުދަނޑި ހިފައިގެން އަހުމަދު ގޭގެ ދޮރު ހުޅުވި ވަގުތު، ފިނި ރޯޅިއެއް ފާތިމަތުގެ ހަށިގަނޑުގައި ބީހިލި ކަހަލައެވެ. އެވަގުތު ފާތުމަގެ ހިތް ނުތަނަވަސްކަމުގެ ތެރެޔަށް ގެބިގެން ދިޔައެވެ. ކުޑަ ކޮއް ޖެހިލުން ވެފައި ހުރި ނަމަވެސް އަހުމަދުގެ ފަހަތުން ފާތުމަ އެގޭ ތެރެޔަށް ފުރަތަމަ ފިޔަވަޅު އަޅާލީ ފުންނޭވާއެއް ލުމަށް ފަހުގައެވެ. ގޭތެރެއިން ވަރަށް ނުބައި ވަހެއް ދުވިއެވެ؛ އެއީ މުސްކުޅިވެ، ގިނަ ދުވަސްވީ ތަކެއްޗާއި، ދިރޭތަކެތި މަރުވުމުން ދުވާ ކަހަލަ  ވަހެކެވެ. އެ ވަސް ދުވުމާއެކު ފާތިމަތުއަށް އޯކައްދެމެވުނެވެ.

ދެތިން ދުވަހު ގޭތެރެ ސާފުކުރުމާއި ތަކެތި އަތުރައި ނިންމާލެވުނުއިރު، ފާތިމަތުގެ ހިތުގައި އުދާސްކަމެއް އުފެދިފައިވާކަން އޭނާއަށް އިހުސާސް ކުރެވުނެވެ. މިގޭގައި ހަމަޖެހިގެން އުޅެވޭނެ ބާވައޭ އޭނާ ހިތާހިތުން އެތައްފަހަރަކު ސުވާލުކުރަމުން ގެންދިޔައެވެ. 

ފުރަތަމަ ރޭ، އާއިޝާ ނިންދުވައިލުމަށްފަހު ފާތިމަތު އޮށޯތީ އަހުމަދުގެ ގާތުގައެވެ. ދޮރުފަތްތައް ހުރި ގޮތުން، ވައި ޖެހޭ ކޮންމެ ފަހަރަކު ވެސް ދޮރުތަކުން އަޑުތައް ނިކުމެއެވެ. ދުވާލު ގަޑީގައި މި އަޑުތަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދެވުނު ނަމަވެސް، މި ހިމޭން ރޭގަނޑުގައި ކޮންމެ އަޑެއް ވެސް އިވެނީ ނުހަނު ބާރަށެވެ. އެހެން އޮއްވައި އެއްލި ކަޅިއަކުން ފާތިމަތުއަށް ހީވީ ކޮޓަރީގެ ދޮރާ ދިމާލުން މީހަކު ހުރަސްކުރި ހެންނެވެ. އަދި އެ ހިނގާފައި ދިޔަ މީހާގެ ފިޔަވަޅުގެ އަޑުތައް ފާތުމަ އައް އިވުނެވެ. އޭނާ އަހުމަދު ގާތު އެވާހަކަ ބުނުމުން އަހުމަދު ބުނީ އެއީ ބިރުގަނެފައި ހުރުމުގެ ސަބަބުން ހަމައެކަނި ފާތިމަތަށް ހީވި ހީވުމެއް ކަމަށެވެ. ނަމަވެސް ފާތިމަތުގެ ހިތުން އެކަން ފިލައިގެން ނުދިޔައެވެ. އޭނާ އައް ނިދުނީވެސް ހިތާ ބިރުގެންފައި އޮއްވައެވެ.

ދެތިން ދުވަސް ފަހުން، މިފަދަ ހާދިސާތައް ގިނަވާން ފެށިއެވެ. ބަދިގޭގައި ހުއްޓައި ފަހަތުން ބަޔަކު ހިނގާފައި ދާހެން ފާތިމަތުއަށް ހީވެއެވެ. އަދި ބައެއް ފަހަރު ސިޓިންރޫމުގެ އެއް ކަނުން އަނެއް ކަނަށް ހިޔަންޏެއް ދަތުރުކުރާހެން ވެސް އޭނާއަށް ހީވެއެވެ. ބައެއް ފަހަރު ގޭތެރެއިން އެއްޗެއް ވެއްޓޭ އަޑު ނުވަތަ މޭޒެއް ގޮނޑިއެއް ކަހާލާ އަޑު ވެސް އިވެއެވެ. އޭނާ މިވާހަކަ އަހުމަދު ކައިރީ ބުނުމުން، އަހުމަދު އޭނާއަށް ވިސްނައި ދެނީ އެއީ ގިނަދުވަސްތަކެއް ފަހުން ގޭގަ އުޅޭން ފެށުމުން ބައެއް ފަހަރު ވާ ގޮތެއް ކަމަށާއި، ގޭތެރެ ސާފުކޮށް ރަނގަޅުކުރުމުން އެކަންކަން ހުއްޓޭނެ ކަމަށެވެ.

ނަމަވެސް މިފަދަ ހީވުންތަކެއް ހީވާން ފެށީ ހަމަ އެކަނި އޭނާއަށް އެކަން ނޫނެވެ. އާއިޝާ ވެސް ބައެއް ފަހަރު ގޭގެ އެއްކަނަށް އިނގިލި ދިއްކޮށްލާފައި “އެއީ ކާކު؟” ހޭ އަހައެވެ. އަދި އޭނާ ގޭތެރެއަށް ބަލާލާފައި ސިހިފައި “މަންމާ” އޭ ކިޔައި ރޮއެ ގަންނަ ފަހަރުތައް ވެސް ގިނަވެއްޖެއެވެ. އެއްދުވަހެއްގެ ރޭގަނޑު އަހުމަދު ނިދީގައި އޮއްވާ ފާތިމަތު ސިހިފައި ހޭލެވުނީ އާއިޝާގެ ކޮޓަރި އާ ދިމާލުން އިވެން ފެށި އާދަޔާ ހިލާފު އަޑު ތަކަކަށެވެ. ކޮޓަރި ތެރެއިން ތަކެތި ވެއްޓޭ އަޑާއި، ކޮށި ކޮށި އަޑަކުން ވާހަކަ ދައްކާ އަޑު އިވެއެވެ. ފާތިމަތު ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. ލަސްނުކޮށް ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އެ ކޮޓަރިތެރެއިން ފެނުނު މަންޒަރުން ފާތުމަގެ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެން ހީވިއެވެ. އާއިޝާގެ އެނދު ކައިރީގައި ހުރި، ހަށިގަނޑެއް ނެތް ހިޔަންޏެއް ފެނުމުން ފާތިމަތުގެ ހަށިގަނޑު ހަރުވެ ގަތެވެ. އަދި އެ ހިޔަނި އާއިޝާގެ މޫނާ ދިމާލަށް އަތް ދިއްކޮށްލީ ފަހަތުން އަހުމަދު އައިސް ފާތިމަތުގެ ކޮޑުގައި ހިފާލި ވަގުތުއެވެ. އެއީ ހުވަފެނެއް ނޫން ކަން ފާތިމަތަށް ޔަގީންކުރެވުނެވެ. އެހެންކަމަށް ވާނަމަ، އެ ހިޔަނި އާއިޝާއަށް ކުރަން އުޅުނީ ކޮންކަމެއް ބާވައެވެ؟ އެއީ ކޮން އެއްޗެއް ބާވައެވެ؟ފާތިމާއަށް ހޭވެރިކަން ވީއިރު، އޭނާ ހުރީ އާއިޝާގެ ކޮޓަރީގެ ދޮރުމަތީގައި ގިސްލެވިލެވި އެވެ.އަހުމަދު އޭނާގެ ބޮލުގައި ފިރުމާލަމުން އޭނާ ހަމަޖައްސަން މަސައްކަތްކުރިއެވެ. “ކިހިނެއްވީ ފާތިމަތު؟ހުވަފެނެއް ފެނުނީތަ؟” އަހުމަދުގެ އަޑުގައި ހަމްދަރުދީ ކަމެއް ހުއްޓަސް، ފާތިމަތުއަށް ހީވީ އަހުމަދު އޭނާގެ ވާހަކަ ގަބޫލު ނުކުރާ ހެންނެވެ. ފާތިމަތު ރޮމުން އޭނާއަށް ފެނުނު ހުރިހާ މަންޒަރެއް ކިޔައިދިނެވެ. އާއިޝާގެ މޫނާ ދިމާލަށް އަތް ދިއްކޮށްލި ހިޔަންޏާ ބެހޭ ގޮތުންނާއި، އެއީ ހުވަފެނެއް ނޫން ކަމަށް އޭނާއަށް ޔަގީންވާ ކަމަށް ވެސް ބުންޏެވެ.

އަހުމަދު އާއިޝާގެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ.އެނދުމަތީގައި އާއިޝާ އޮތީ ހަމަޖެހިލައިގެން އަރާމުކޮއް ނިދާފައެވެ. އެއްވެސް އެއްޗެއް ވެއްޓިފައި ނުވަތަ އެކި ދިމާލަށް ޖައްސާލާފައެއް ނެތެވެ.“ފާތިމަތު، ތިއީ ހަމަ ހީވި ހީވުމެއް. މިގެއަށް އައީއްސުރެ ތިކަހަލަ ވާހަކަ ދައްކަނި. ތި ބިރެއް ގަނެފައި ހުރިވަރުން އަބަދުވެސް އެކަހަލަ ކަންތައްތައް ސިފަވަނީއެ .” އަހުމަދު ބުންޏެވެ. ފާތިމަތުގެ ހިތުގައި ހިތްހަމަ ނުޖެހުމެއް އުފެދުނެވެ. އޭނާ ދެން އެއްވެސް ވާހަކައެއް ނުދައްކާ އަހުމަދުގެ ފަހަތުން ގޮސް ކޮޓަރިއަށް ވަދެ އޮށޯތެވެ. ނަމަވެސް އެރޭ އޭނާއަށް ނުނިދުނެވެ. އޭނާގެ ސިކުނޑީގައި ސުވާލުތައް އެނބުރެމުން ދިޔައެވެ. އަހުމަދު ގަބޫލު ނުކުރި ނަމަވެސް، އެއީ ހަމަ ހުވަފެނެއް ނޫންކަން އޭނާއަށް ޔަގީންވެއެވެ.

ފާތިމަތު ފެށީ ގޭގެ ކޮންމެ ދިމާލެއްގައި ހުރި ނަމަވެސް ސަމާލުވެ ހުންނާށެވެ. އަޑެއް އިވޭ ވަގުތު އޭނާ ވަގުތުން ބަލައެވެ.ނަމަވެސް ބަދިގޭގައި މަސައްކަތް ކުރާ ވަގުތު ފަހަތުން މީހަކު ހިނގާފައި ދާހެން ހީވާ ހީވުންތައް ގިނަވިއެވެ. ގޭގެ ދޮރުމަތިން އަނެއްކޮޅަށް ހިޔަނިތައް ދަތުރުކުރާ މަންޒަރު ވެސް ފެނުން ގިނަވިއެވެ. އާއިޝާގެ އުޅުމަށް ވެސް ބޮޑެތި ބަދަލު އަންނަން ފެށިއެވެ. އޭނާ ގޭގެ އެކަހެރި ތަންތަނަށް ގޮސް އެކަނި ވާހަކަ ދައްކައެވެ. “އާނ! އަހަރެން ހިތާމަ ކުރަން. ނޫން، ދާން ނެތިން.” މިފަދަ ޖުމުލަ ތަކަކީ އާއިޝާގެ ކޮޓަރި ތެރެއިން ވެސް ގިނަ ފަހަރު އިވޭ އަޑުތަކެވެ.އެކަމު އެއީ އައިޝާގެ އަޑަކުން ނެއް ނޫނެވެ. އެއްދުވަހަކު ފާތިމަތު އާއިޝާ ކައިރިން ވާހަކަ ދައްކަނީ ކާކުތޯ އެހުމުން އާއިޝާ ބުނީ، “ފިނި ބައްޕަ” ކަމަށެވެ. ފިނި ބައްޕަ ހުންނަނީ ގޭގެ އެންމެ ފަހު ކޮޅުގައި ހުންނަ ކޮޓަރީގައިކަމައްވެސް ބުންޏެވެ.

ފާތިމަތުގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ފާތިމަތު އަހުމަދު އޮފީހަށް ދިއުމުން، ގޭގެ އަވަށްޓެރި މީހެއްގެ ގާތުން ގޭގެ މައުލޫމާތު ހޯދަން ފެށިއެވެ. އުމުރުން ދޮށީ އެ އަންހެން މީހާ ކިޔައިދިން ވާހަކައިން ފާތިމަތުގެ ހަށިގަނޑު ހީކަރުވާ ލިއެވެ. އެގޭގައި އުޅުނު ކުރީގެ އާއިލާއަށް ދަރިއަކު ލިބުނުތާ އަހަރެއް ވީތަނާ، އެ ދަރިފުޅަށް ހާދިސާއެއް ދިމާވެ މަރުވިއެވެ.އަދި އޭގެ ފަހުން އެމީހުން ވެސް ވީނުވީއެއް ނޭނގި މަރުވެފައި ތިއްބާ ފެނުނެވެ. އޭގެފަހުން އެގޭގައި އުޅޭ މީހުންނަށް އާދަޔާ ހިލާފު ކަންތައްތައް ކުރިމަތިވެ، ގިނަ ދުވަހު އެއްވެސް އާއިލާއަކަށް އެގޭގައި އުޅެވޭ ގޮތެއް ނުވެއެވެ. އެކަންކަން ގަބޫލުކުރާ ބައެއް މީހުން ބުނަނީ، މަރުވި ކުޑަކުއްޖާގެ އާއިލާ އެގޭގައި އެބައުޅޭ ކަމަށެވެ.

އެރޭ، އަހުމަދު ނިދީގައި އޮއްވާ ފާތިމަތު ހޭލީ އޭނާގެ ކަންފަތު ކައިރިން ވާހަކަދެއްކި އަޑަކަށެވެ. “އަހަރެންގެ ދަރިފުޅު ބޭނުން.” ފާތިމަތު ސިހިފައި އެނދުން ތެދުވިއެވެ. ކޮޓަރީގެ ދޮރާ ދިމާލުން ކުޑަކުއްޖެއްގެ ހިޔަންޏެއް ފެންނަން ހުއްޓެވެ. އެ ހިޔަނި އަތް ދިއްކޮށްލާފައި ފާތިމަތަށް ގޮވާހެން ހީވިއެވެ. ފާތިމައަށް ބިރުން ހިންދިރުވާލެވުނެވެ. އެ ހިޔަނި ކޮޓަރިން ނުކުމެ ގޭގެ އެންމެ ފަހު ކޮޅުގައި ހުންނަ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ފާތިމަތު ހިތަށް ބިރުވެރިކަން ވެރިވެގަތެވެ.

ކޮޓަރިން ނުކުމެގެން ދިޔަ ހިޔަނި ފެނުމާއެކު ފާތުމަ އަހުމަދަށް ގޮވާލި ނަމަވެސް، އަހުމަދަށް ހޭލެވޭ ގޮތެއް ނުވިއެވެ. ފާތިމަތު އަވަސް އަވަހަށް ގޮސް އާއިޝާގެ ކޮޓަރި ބަލާލިއެވެ. އާއިޝާ އެނދަކު ނެތެވެ. ފާތިމަތުގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާ އަވަސް އަވަހަށް ދުވެފައި ގޭގެ އެންމެ ފަހު ކޮޅުގައި ހުންނަ ކޮޓަރިއާ ދިމާލަށް ދިޔައެވެ. އެ ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވާލާފައެވެ. ކޮޓަރި ތެރެއިން ކުޑަކުއްޖެއްގެ ކޮށި ކޮށި އަޑު އިވެއެވެ.

ފާތިމަތު ބިރުން ހުރެ، ތެޅިތެޅި އޮތް ހިތަކާއެކު ދޮރު ހުޅުވާލިއެވެ. ކޮޓަރިތެރެއަށް ނިކަން އަނދިރިއެވެ. އެހެން ނަމަވެސް، އެ ކޮޓަރީގެ އެނދުމަތީގައި އާއިޝާ އިނގިލި ދިއްކޮށްލައިގެން ކޮންމެވެސް އެއްޗެއް ކައިރީގައި އިށީނދެ އިންދާ ފާތިމަތުއަށް ފެނުނެވެ. ފާތިމަތު އާއިޝާއަށް ގޮވާލިއެވެ. “އާއިޝާ! ކޮންކަމެއް ތިކުރަނީ؟” ފާތިމަތުގެ އަޑު އިވުމުން އާއިޝާ ސިހިފައި ފާތިމަތަށް ބަލާލިއެވެ. އޭނާގެ ހިތް ނުތަނަވަސްވެފައި ހުރިކަން އެނގިގެން ދިޔައެވެ. ކޮޓަރީގެ އެނދުމަތީގައި އައިޝާ ގާތުގައި އިނީ ކުޑަ ކުއްޖެއްގެ ހިޔަންޏެކެވެ. އެ ހިޔަނި އިންގޮތުން ހީވީ އާއިޝާގެ އަތުގައި ހިފައިގެން އިންހެންނެވެ.

“އާއިޝާ! ދަރިފުޅު އަހަރެންގެ ގާތަށް އާދެބާ!” ޖެހިލުންވެފައި ހުރި ނަމަވެސް އަނެއްކާ ފާތިމަތު ގޮވާލިއެވެ. އާއިޝާ ފާތިމަތަށް ބަލާލިއިރު، އޭނާގެ ދެލޮލުގައި އާދަޔާ ހިލާފު ބިރުވެރިކަމެއް ވިއެވެ. އާއިޝާގެ މޫނުމަތިން ފާތިމަތުއަށް ހީވީ އާއިޝާ ޖަވާބެއް ދޭން ބޭނުންވި ނަމަވެސް، އެކަމަށް އޭނާއަށް ހުއްދަ ނުލިބޭ ހެންނެވެ. އެ ހިޔަނި އާއިޝާގެ ކަންފަތް ކައިރީގައި ކޮށިކޮށި އަޑަކުން އެއްޗެއް ބުނިހެން ފާތިމަތުއަށް ހީވިއެވެ. އެއަށްފަހު އާއިޝާ ބާރައް “ނޫން! ނޫން!” އޭ ބުނަމުން ރޯން ފެށިއެވެ. ފާތިމަތުގެ ހިތަށް ބިރުވެރިކަން އިތުރަށް ވެރިވެގަތެވެ.ކިޔުނުހާ ހެޔޮ އެއްޗެއް ކިޔަމުން އޭނާ ދުވެފައި ގޮސް އާއިޝާ އުރާލަން އުޅުނު ވަގުތު، އެ ހިޔަނި ފާތިމަތުގެ ކުރިމައްޗަށް އަރާ، އޭނާއަށް ހުރަސް އެޅިއެވެ.

ފާތިމަތު ފަހަތަށް ޖެހިލިއެވެ. “އަހަރެންގެ ދަރިފުޅު މިތަނުން ނުދާނެ!”ބަރު އަޑަކުން އެ ހިޔަނި ބުނި އަޑު ފާތިމަތުއަށް އިވުނެވެ. ފާތިމަތު އާއިޝާ އުރާލައިގެން ކޮޓަރިން ނުކުންނަން މަސައްކަތް ކުރިއެވެ. ނަމަވެސް އާއިޝާ ވަރަށް ބާރަށް ހަޅޭއްލަވަން ފެށިއެވެ. “ފިނި ބައްޕަ! ނުދާން! ނުދާން!” އޭ ބުނަމުން އާއިޝާ ފާތިމަތުގެ އަތުން ދޫކޮށްލަން މަސައްކަތް ކުރިއެވެ. ފާތިމަތުގެ ހިތް ކުދިކުދިވިއެވެ. އޭނާގެ އަމިއްލަ ދަރިފުޅު އޭނާ ދޫކޮށްލަން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟

ގޭގެ ތެރެއިން ގިސްލުމުގެ އަޑުތައް ގަދަވާން ފެށިއެވެ. ދޮރުތަކުން ވައި ހެދި ބާރަށް އަޑުތައް ނިކުންނަނީއެވެ. ގޭގެ ހިމޭންކަން ބިރުވެރި ހަޅޭ ކަކަށް ބަދަލުވެގެން ދިޔައެވެ. ފާތިމަތު ބިރުން ހުރެ އާއިޝާ އުރާލައިގެން ބާރަށް ދުއްވައިގަތެވެ.

އަހުމަދު ހޭލައިގެން، އާއިޝާގެ ކޮޓަރި ކައިރީގައި ފާތިމަތު ނެތްކަން އެނގުމުން، ބިރުގަނެފައި ގޮވާލާފައި އޭނާވެސް ބޭރުކޮޅަށް ދުއްވައިގަތެވެ.

ގޭގެ ބޭރަށް ނުކުމެވިއްޖެއެވެ. ފާތިމަތު އާއިޝާ އުރާލައިގެން ބާރަށް ނޭވާލަމުން އަހުމަދަށް ބަލާލިއެވެ. އަހުމަދުގެ މޫނުމަތިން ވެސް ބިރުވެރިކަން ފާޅުވެފައި ހުއްޓެވެ. އޭނާގެ ހިތުގައި ކުރިން އޮތް އެއްވެސް ޝައްކެއް ނެތެވެ. މި ގޭގައި އުޅެވޭނެ ގޮތެއް ނެތެވެ. އެރޭގެ އަނދިރީގައި، އެ ތިންމީހުން އެ ގެއިން ނިކުމެ، ދުވެފައި ދިއުމަށްފަހު، އެނބުރި އެ ގެއަށް ނާންނާނެ ކަމަށް ހުވައެއް ކޮށްލިއެވެ. އެ ގޭގެ ހިމޭން ގޯތިކޮޅު ތެރޭގައި، އަނދިރިކަމުގެ ތެރެއިން ބަރު ހިނިގަނޑެއްގެ އަޑު، ވައިގެ ތެރެއިން ދުވެލާފައި ދިޔައެވެ. އެއީ ނިމުމެއް ނެތް ހިތާމައިގެ އަޑެވެ. އެ ގޭގައި އޭނާ އަބަދުވެސް އުޅޭނެ ކަމުގެ އިންޒާރެވެ.

ނިމުނީ