
އަހަރެން ވެސްމީ އިންސާނެކީމަވެ..

ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލާފައި އަހަރެން މޭޒުމަތީ ހުރި ތަށިތައް ނެގީމެވެ. އެންމެން ވެސް ކައިގެން ވަނީ އެތެރެއަށެވެ. ފަހުން ތަށިތަށް ދޮންނަން މަންމަ އަންނާނެކަން އަހަރެންނަށް އެނގެއެވެ. އެހެންކަމުން މަންމަ އައުމުގެ ކުރިޔަށް އަހަރެން އުޅުނީ އަހަރެން ކެއި ތަށިތަށް ދޮވެލާފައި ކޮޓަރިއަށް ދިޔުމަށެވެ.
މަންމަމެންގެ ހިތުގައި އަހަރެންމީ ދަރިޔެއް ބާއެވެ. ބައެއްފަހަރު އަހަރެންމީ ފިޔަވަތިން ގެނަ ކުއްޖެއްހެން ވެސް ހީވާ ފަހަރު އާދެއެވެ. އަހަރެންނަށް ތުރެއް 4 އަހަރު ކުޑަ ކޮއްކޮއެއް ހުރެއެވެ. މަންމަމެން ދެކޭ ގޮތުގައި ކޮއްކޮ އަކީ މަންމަމެންގެ ރަންދަރިއެވެ. ކޮއްކޮ ކުރާ ހުރިހާ ކަމެއް ވެސް މަންމަ މެނަށް ވަރަށް ފުރިހަމަ ވާނެއެވެ. ކޮއްކޮގެ ކަމަކީ އަބަދު ޓީވީ ބެލުމާއި ކުޅުމެވެ. ނަމަވެސް ކިޔެވުމަށް ބުރޫނާރެހެންނެވެ. އަހަރެން ކުރާ އެއްވެސް ކަމެއް ބައްޕަ އަކަށް ވެސް އަދި މަންމަ އަކަށް ވެސް ބަލައިގަނެވޭ ކަމަކަށް ނުވެއެވެ. އަހަރެން ހީމަޖާކޮށް ހަދާ ފިއްޔާ ބުނާނީ ގޭތެރޭގައި އަޑުގަދަ ކުރަނީ ކަމުގައެވެ. އެކަމު ކޮއްކޮ އަޑުގަދަކޮށް ހަޅޭ ލަވާ ހަދާރު އަޅައެއް ނުލާނެއެވެ. އަހަރެންގެ ކުށަކަށް އަބަދު ބަލަބަލަ، އަހަރެންގެ އަޑަކަށް އަބަދު ކަންފަތް ހުޅުވާ ގެން އުޅޭމީހުންނާއި އެކީ އުޅެވޭނީ ކިހިނަކުން ހެއްޔެވެ؟ މީވާ އަހަރެންގެ ދިރިއުޅުމުގެ ހާލަތެވެ. ހިތާމަ ކުރަމެވެ. ދެރަވެއެވެ. މަންމަމެން އަބަދު ކޮއްކޮ މަތިކޮށް ހަދާ ތީވެ އެމައިންބަފައިން ދެކެ ފޫހިވާން ފެށިއެވެ. އެމީހުންނާއި އަނގައިން ބުނަން ބޭނުމެއް ނުވެއެވެ. އެމީހުންނާއި އެކީ ވަގުތު ހޭދަކުރާކަށް ބޭނުމެއް ނޫނެވެ. އަބަދުހެން ވާހަކަދައްކާލަ ދައްކާލަ އިންނަ އަހަރެން މަޑުމަޑުން އިންނަން ފެށީމެވެ. ގިނަވަގުތު ހޭދަކުރަނީ ކޮޓަރީގައި އެކަންޏެވެ.
ކޮޓަރިއަށް ވަދެ ކިޔަވާމޭޒު ކާރީ އިށީނީމެވެ. އޭރު ވެސް އަހަރެން ކިޔަވަން ގެންގުޅޭ އެއްޗެހި ހުރީ ހުރިގޮތަށެވެ. ކޮއްކޮ އަށް ވުރެއް މަތިން މާކްސް ހޯދާފިއްޔާ މަންމަމެން ފަހަރެއްގައި އަހަރެންނަށް އަޅާލަން ފަށާފާނެއެވެ. ކޮއްކޮ އަށް ކިޔެވުމުގައި އެހީވާ ފަދައިން ބައްޕަ އަހަރެން ކާރިޔަށް ނާންނަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ވެސް މީ ހަމަ ތިޔަ ބައްޕަގެ ދަރިޔަކީމެވެ. މަންމަމެންގެ ލޮލަށް އަހަރެން ނުފެންނަހެން ހީވާ ފަހަރު ވެސް އާދެއެވެ. ކިތައްމެ ފަހަރަކު ހިތުތެރޭ ޝަކުވާ ކުރެވެއެވެ. އަހަރެންގެ ނެތް ކޯއްޗެއް ކޮއްކޮގެ އޮވެގެން ހެއްޔެވެ؟ ކިތައްމެ ރެޔަކު ނިދަނީ އެހިޔާލުތަކުގައި އޮވެއެވެ. ކިތައްމެ ރެޔަކު މިދެލޮލުން އަންނަ ކަރުނައިން ބާލިސް ތެމެއެވެ. އަހަރެން ވެސް ހަމަ ތިޔަ މައިންބަފައިންގެ ލޯބި ބޭނުމެވެ. ތިޔަ މަަންމަމެންގެ އެއްބާރުލުން ބޭނުމެވެ. މަންމަމެންގެ ހިޔާލު އެއްފަރާތަކަށް ޖައްސާލާފައި އަހަރެން ބެލީ ފޮތް ކިޔޭތޯއެވެ. ނަމަވެސް މިހާރު ފޮތް ކިޔާހިތެއް ވެސް ނެތެވެ. އެހާ ހިތްވަރެއް އަހަރެންގެ ސިކުނޑިޔަކު ނެތެވެ. އަހަރެންގެ މިސިކުނޑި ވަރުބަލިވެއްޖެއެވެ. ނޫނެކެވެ. އަދި މިހެން ކިޔެވުން ހުއްޓާލެވޭ ކައްވެސް ނެތެވެ. މައިންބަފައިންގެ ލޯބި ބޭނުމިއްޔާ ކިޔަވާށެވެ.
ދުވަސްތަށް ފާއިތުވަމުން ގޮސް ޓާމްޓެސްޓް ނިމި ނަތީޖާ ދައްކާފިއެވެ. އަހަރެންގެ ނަތީޖާ ކިތައްމެހާ ވެސް ރަގަނޅެވެ. ހުރިހާ މާއްދާއަކުން އޭސްޓާ ހޯދީމެވެ. އަހަރެންނަށް ލިބުނު އުފަލުގެ ކޮޅެއްނެތެވެ. މަންމަމެން ވަރަށް އުފާވާނެކަން ކަށަވަރެވެ. މިކަހަލަ ފޮނި ހިޔާލުތަަށް ކުރަމުން ގެޔަށް ވަނީރު މަންމަ އާއި ބައްޕަ އުޅުނީ ފުއްޕާ ހަންތަކެއް ފުއްޕުމުގަައެވެ. އަހަރެން އިނީ ވާނުވާގައެވެ. ނަމަވެސް އަހަރެން މަންމަމެންނަށް އެ އުފާވެރި ޙަބަރު ދިނީމެވެ.
“ދެން ތިޔަ ވީނު..” މަންމަ ބުންޏެވެ. އަހަރެން އިނީ ގަނބު އަރާފައެވެ. އަހަރެންގެ މޫނުމަތީވީ އުފާވެރިކަން އެކީހެން ފޭދިގެން ދިޔައެވެ. އެވީ ހެއްޔެވެ؟ ކޮއްކޮ އަށް ހަދިޔާ ދޭފަދާން އަހަރެންނަށް ހަދިޔާއެއް ނުދޭނަން ހެއްޔެވެ؟ ކޮއްކޮ އަށް މަތީ މާރކްސް ލިބުމުން ޕޭޕަރު ބަލާ ހަދާހެން އަހަރެންގެ ޕޭޕަރުތަކެއް ނުބަލާނަން ހެއްޔެވެ؟ އަހަރެން ހިތަށް އެރިގޮތަށް އެއްވެސް ކަމެއް ނުދެއެވެ. މަންމަމެންނަށް މުހިންމީ ކޮއްކޮ އެކަންޔެވެ.
“އެއްޗެހި ބަދަލުކޮށްލާގެން އާސްބަލަ ކޮއްކޮގެ ޕާޓީއަށް މިތަން ތައްޔާރުކޮށްލަން އެހީވާން..” ބައްޕަ ބުނެލިއެވެ. އަހަރެންގެ ހިތަށް ހެރުނީ އަނެއްކާ އަނެއް ތީރެވެ. އަހަރެންނަށް ލިބުނު އުފަލުގައި މަންމަމެންނެއް އެއްބަޔެއް ނުވެއެވެ. އަހަރެންނަށް ލިބުނު ކާމިޔާބަކީ މަންމަމެންނަށް އެއްވެސް އެއްޗެއް ނޫނެެވެ. ހުރިހާ ކަމަކީ ކޮއްކޮ އެވެ. މަންމަމެންގެ ދުލު ކުރިމަތީ ލިޔެވިފައިވަނީ ކޮއްކޮގެ ނަމަވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ލޮލަށް ވެރިވެގަތް ކަރުނަތަށް ހިންދާލަން މަސައްކަތް ކުރަމުން އަހަރެން ވަނީ ކޮޓަރިއަށެވެ. ދޮރު ތަޅުލާފައި ދޮރުގައި ލެގިލީމެވެ. ރޯން ބޭނުމެވެ. ނަމަވެސް ރުއިގެން އެއްވެސް ފާއިދާއެއް ވޭހެއްޔެވެ؟ ހިތަށް ވަނީ ބަރެވެ. ސިކުނޑިވަނީ ވަރުބައްޔެވެ. އަތުގައި އޮތް ޓްރޮފީ ގޮސް އަލަމާރި މަތީ ބެހެއްޓީމެވެ. ބަރިބަރިޔަށް ބަހައްޓައިފައިވާ އެކި ސައިޒުގެ ޓްރޮފީތަކުން އަލަމާރިމަތި ވަނީ ފުރިފައެވެ. އަހަރެންނަށް ވަރަށް ގިނަ ކާމިޔާބީތަށް ލިބުނެވެ. ނަމަވެސް އެކާމިޔާބީތަށް ލިބިގެން އަހަރެންގެ މިހިތަށް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. މަންމަމެން އަބަދުވެސް ބައިވެރިވަނީ ކޮއްކޮގެ ކާމިޔާބީގައެވެ. އަހަރެން އެއްވެސް ޝަކުވާ އެއް ނުކުރަމެވެ. ކޮއްކޮ އާއި މެދު ހަސަދަވެރިކަމެއް ނެތެވެ.
އެކަމު މިޔަދު މަންމަމެންގެ އަމަލުން އަހަރެންގެ ހިތަށް ފުންކޮށް ހެރުނީ ތީރެކެވެ. އެތީރު އުފުރައި ބޭސް އެޅޭނެކަމުގެ ޔަގީން ކަމެއް ނެތެވެ. މިހާރު އަހަރެންގެ ޅަހިތުގައި އެތަކެއް ޒަހަމްތަކެއް ވެއެވެ. ބައެއް ޒަހަމް ތަކުން އަދި ވެސް ލޭތިކިތިކި ޖަހައެވެ. އެހުރިހާ ޒަހަމްތަކެއް އެޅުނީ އަހަރެންގެ ދުޝްމިނެއްގެ ސަބަބަކުންނެއް ނޫނެވެ. އަހަރެންގެ އަމިއްލަ މައިންބަފައިންގެ ސަބަބުންނެވެ. އަހަރެންނަށް މިހާލު ޖެހިފައިވާކަން އެމައިންބަފައިންނަށް އެނގޭހެއްޔެވެ؟ ތިޔަ ދެމީހުންގެ އެއްމެ ދޮށީދަރި ހަލާކުވެދާކަން އެނގޭ ހެއްޔެވެ؟ އަހަރެން ތިޔަ ލޮބުވެތި މައިންބަފައިންގެ ލޯބި ބޭނުންވާކަން އެނގޭހެއްޔެވެ؟ ކޮއްކޮ އަށް ބަލަން ހަދައިގެން އެމީހުންނަށް އެގެއްލުނީ އެމީހުންގެ ދޮށީ ދަރިފުޅެވެ. އެމީހުން އިންދި ގަހުގައި އިންދި އެއްމެ ފުރަތަމަ މޭވާ އެވެ. އެމޭވާ ކުނިވެ ދާތަން ބަލަން ހުންނައިރު އެއްވެސް އެއްޗެކޭ ހިތަށް އެރިން ހެއްޔެވެ؟ ނޫނެކެވެ.
ކަލަންޑަރުގެ ގަނޑުތަށް އުކެމުން ގޮސް މިހާރު ދެމަސް ފާއިތުވެ ގޮށްސިއެވެ. ޓީޗަރުން އަބަދުހެން ދައްކާވާހަކައަކީ އަހަރެންގެ މާރކްސް ދައްކަމެވެ. އެޓެންޑެންސް މަދުކަމެވެ. އަހަރެންގެ މިޒާޖަށް އައިސްފައިވާ ބަދަލެވެ. ފިލާވަޅު ނުނިންމާގެން މަޑުކުރުއްވާ އެެއްމެ ދުވަހެއް ވެސް މިހާރު ނުދެއެވެ. މަންމަމެން ކާރީ ޓީޗަރުން އަބަދު ޝަކުވާ ކުރަނީއެވެ. ގެޔަށް އަންނަ ގޮތަށް މަންމަގެ ކަމަކީ އަހަރެންނާ ދިމާއަށް އަޑުލުމެވެ. އަހަރެން މިހާރު ގަސްދުގައި ކިޔެވުމަށް ފަރުވާ ކުޑަ ކުރާކަމަށާއި ގިނަ ވަުތު ހޭދަކުރަނީ ފޯނު ހިފައިގެން ކަމަށް ބުންޏެވެ. އަހަރެން މިހާރު އެއްގޮތަކަށް ވެސް މަންމަމެންނަށް އެހީ ނުވާކަމަށާއި، އެއްގޮތަކަށް ވެސް ބޭރަށް ނުނިކުންނަ ކަމަށް ބުންޏެވެ.
“ފައުޒާން ތިހެން އުޅޭރު މަންމަމެންނާ މެދު އެއްގޮތަކަށް ވެސް ވިސްނާ ނުލާ.. ނިކަން ބަލާބަލަ ކޮއްކޮ.. ކޮއްކޮ ކިހާ-” މަންމަ އަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ އަހަރެން ބަންލާފައި މޭޒުމަތީ ޖެހުމުންނެވެ. ކޮއްކޮ އޭ ބުނުމުން އަހަރެންގެ ބޮލަށް ވެރިވެގަތް ރުޅިގަނޑެއް އަހަރެންނަކަށް ނޭނގެއެވެ. ދެނެއް ކެތެއް ނުކުރެވޭނެއެވެ.
“ކޮއްކޮ ކޮއްކޮ ކޮއްކޮ.. ބޮލަށް ނުކުޅަދާނަ.. އާން އެނގޭ ތިހާވަރަށް ނުބުންޏަސް އެއީ މަންމަމެންގެ ރަންދަރިކަން، ލޮލުގެ ކޮއިކަން.. އެއީ މަންމަމެން އެއްމެ ބޮޑަށް ފަޙްރުވެރިކުރުވާ ދަރިޔޭ ކިޔާފަ ކޮންމެހެން ނުޖެހޭނެ އަހަރެން މުޅިން ބާކީ ކޮށްލާފަ، އަބަދު އަހަރެންނާ ދިމާއަށް އެއްޗެހި ކިޔާފަ، އަބަދު އަހަރެންނަށް އަނިޔާ ކުރާކަށް.. އަޅެ ބުނެބަލަ އަހަރެންނާ ދިމާއަށް އެއްޗެހި ކިޔާގެން މަންމަމެންނަށް ލިބެނީ ކޮން ފައިދާއެއްތަ..؟ ކޮން ހިތްހަމަ ޖެހުމެއްތަ..؟ އަހަރެން މުޅިން ހަލާކު ވެއްޖެ.. އެއީ ވެސް އަމިއްލަ މައިންބަފައިން އަތުން.. ބަލަ އަހަރެންމީ ތިޔަ މަންމައާއި ބައްޕަ އިންދި ގަހުގަ އެޅި އެއްމެ ފުރަތަަމަ މޭވާއޭ.. އަހަރެންދެކެ ތިހާ ފޫހިވެ، ރުޅި އަންނަންޔާ ކީއްކުރަންތަ އަހަރެން ތި ބަހައްޓަނީ..” އަހަރެންގެ ވާހަކަ މެދު ކަޑާލީ ނޭވާ ކޮޅަށް ދިޔައީމައެވެ. އޭރު ވެސް މަންމަ އިނީ އެވެ. އުނަގަނޑުގައި އަތް ވިއްދާލާގެންނެވެ. އަހަރެންގެ ކަރަށް ވަނީ ބާރު ވެފައެވެ. މެޔަށް ވަނީ ބަރެވެ. ހީވަނީ މީހަކު އަހަރެންގެ ކަރުގައި ބާރަސް ހިފާއްޓާގެން ހުރި ހެންނެވެ.
“އަހަރެން ވެސް ރަނގަޅު މާކްސް ހޯދަން.. ހަމަ އެކަނި ކޮއްކޮ އެއް ނޫން މަތިން މާކްސް ހޯދަނީކީ.. އަހަރެން ހުރިހާ އެއްޗަކުން ޓާރމް ޓެސްޓްގަ އޭސްޓާރ ހޯދިން، އެކަމު އެވާހަކަ އަޑުއަހާފަ ކީއްވެ މަންމަމެން އުފާނުވީ..؟ ހަމައެކަނި ކޮއްކޮގެ މާކްސް ވީމަތަ އުފާކުރަންވީ..؟ ނިދިކޮޅު ގެއްލުވާލާގެން.. އެތަކެއް ދުވަހެއް އެކުވެރިން ބޭރަށް ދާން އަންނާށޭ ބުނީމަ ނޫނެކޭ ބުނެގެން، ސިކުނޑިއަށް ގާނާ މަށާގެން ދަސްކޮށްގެން މި ހޯދާ ނަތީޖާ އަކީ އެއީ މަންމަމެންގެ ލޮލުގަ އެއްވެސް އެއްޗެއް ނޫން.. ކީއްވެ..؟ ބަލަ އެއްފަހަރު ވެސް މަންމަ އަހާލިންތަ ދަރިފުޅާ އޭ ޓެސްޓް ކިހިނެއްހޭ..؟ ދަރިފުޅާއޭ ފޮތް ކިޔާފިންހޭ..؟ އެހުރިހާ އެއްޗެއް ކިޔަނީ ކޮއްކޮ ކާރީގަ..” އަހަރެންގެ ކޯތާ ފަތްމަތިން ކަރުނަ ތިއްކެއް ވެއްޓުނެވެ. އާއެކެވެ. އެއްމެފަހުން އަހަރެންނަށް ރޮވުނީއެވެ. ކިތައްމެހާ ވެސް ކެއްކުރެވިއްޖެއެވެ. ދެން ނުވާނެއެވެ. ދެން ހިފާއްޓާލާގެންނެއް ނުހުރެވޭނެއެވެ. އަހަރެންނާއި ދިމާއަށް ބަލަން ހުރެފައި އެއްޗެކޭ ބުނަން ހުޅުވާލު އަނގަ މަންމަ ބަންދުކުރީ ފޯން ކޯލެއް އައީމަ އެވެ. މަންމަ ފޯނު ނެގިއެވެ.
“އެއިންން..؟؟!! އާން މިދަނީ..” މަންމަގެ ދެލޯ ބޮޑުވެ ހާސްކަން ވެރިވިތަން އަހަރެން ދެކުނީމެވެ. އަހަރެންނާއި ދިމާއަށް ބަލައިވެސް ނުލާ މަންމަ ސާކަލު ތަޅުދަނޑި ހިފާގެން ދިޔައެވެ. އަހަރެން އެކަނި ދޫކޮށްލާފައެވެ. އަހަރެންނަށް ބިންމައްޗަށް ޖެހިގަނެވުނެވެ. އިސްތަށިގަނޑުގައި ހިފާ ދަމައިގަތީމެވެ. ހަޅޭ ލަވައިގަތީމެވެ. އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ އަހަރެންގެ މައްސަލަ އަކީ ކޮބާ ހެއްޔެވެ؟ އަހަރެންނަކީ ވެސް އިންސާނެކެވެ. އެމީހުންގެ މޭކަށިގަނޑުތެރޭގައި އޮތް ހިތެކޭ ފަދައިން އަހަރެން ގެވެސް އޮތީ ހިތެކެވެ. ހިލަގަނޑެއް ނޫނެވެ. އަހަރެންނާއި ދޭތެރޭ މިހާ ނާއިންސާފު ކޮށް ކަންތަށް އެކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަކީ ވެސް އެމަންމަގެ ބަނޑުން ވިހެއި ދަރިޔެކެވެ. އަހަރެންވެސް ހިއްސާ ކުރަނީ އެއްލެޔެކެވެ.
އަހަރެން ވަނީ ކޮޓަރިއަށެވެ. ގަދަކަމުން ރުއިން ހުއްޓާލީމެވެ. ކަރުނަ އެޅިއަސް ވީ ފައިދާއެއް ނެތެއްނޫން ހެއްޔެވެ؟ ވާނެ ފާދާއެއް ވެސް ނެތެވެ. ބޭކާރު ކަރުނަ ތަކެއް ހިލަނީ ކީއްކުރަން ހެއްޔެވެ؟
އޭގެ ދެތިން ދުވަސް ފަހުން އަހަރެން ކޮޓަރިން ނުކުތީ ބޭރަށް ގޮސްލަން ވެގެންނެވެ. އިއްޔެ މަންމަ ދިޔައީ ކޮއްކޮ ކުޅެން އުޅެނިކޮށް ވެއްޓި ބޯ ފަޅާގެން ދިޔައީމައެވެ. އަހަރެން ގެއިން ނުކުމެ ނުކުމެ ހުއްޓައި މަންމަ ގޮވިއެވެ. އަހަރެން އެނބުރި ބަލައެއް ނުލަމެވެ. ނަމަވެސް މަޑުކޮށްލީމެވެ.
“ކޮންތާކަށް ތިދަނީ..؟” އަހަރެން ބަހެއް ވެސް ނުބުނެ ނުކުތީމެވެ. އަހަރެން ދާތަން ބަލަނީ ކީއްކުރަން ހެއްޔެވެ؟ އަހަރެން ކޮންމެތާކަށް ދިޔައަސް އެމީހުންނަށް ކީއްހެއްޔެވެ؟
ދުވަސްތަށް ދިޔަވަރަކަށް އަހަރެންގެ ހިތުގައި އަޅަމުންދާ ވޭން ދަނީ އިތުރު ވަމުންނެވެ. ހިތަށް ހެރޭ ތީރުތަށް ވަނީ ގިނައެވެ. މަންމަ އަހަރެން ކީ އެއްވެސް އެއްޗަކާ މެދު ވިސްނާލި ހެއްޔެވެ؟ އެކަމާ މެދު ފަހުން ވިސްނާލި ހެއްޔެވެ؟ ޔަގީނެވެ. ނޫނެކެވެ. މިހާލުގަ އަހަރެން އުޅޭނީ ކިހިނަކުން ހެއްޔެވެ؟ ވަރަށް ކެއްކުރެވިއްޖެއެވެ. އަހަރެންގެ އަމިއްލަ މައިންބަފައިންގެ ސަބަބުން އަހަރެން މުޅިން ހަލާކުވެ ގޮއްސިއެވެ. މި ވޭނެއް އަހަރެންނަކަށް ނޫފުއްލޭނެ އެވެ. އަހަރެންނަށް އަޅާނުލާ، ލޯި ނުލިބޭ ތާކު އުޅޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެން ލިޔަން އިން ގަލަން ބާއްވާފައި އަހަރެން ފަންކާގައި އެލުވާފައި އިން މަޅި އަށް ބަލާލީމެވެ. ލޮލުން ވެއްޓުނު ކަރުނަތިކިތައް ފޮހެލާފައި އަހަރެން އެއްމެ ފަހުން ލިޔުނު ޖުމްލަ ކިޔާލީމެވެ.
“ތި ލޯބިވާ މައިންބަފައިން އަހަރެންނަށް ތިޔަ ދައްކުވާދިނީ މިދުނިޔޭގެ ކެހިވެރިކަމެވެ. ދެން އަހަރެންނަކަށް ކެތެއް ނުވާނެއެވެ. އަހަރެންނަކީ ވެސް އިންސާނަކީމެވެ.”
*ނިމުނީ*