Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ލޯބިވޭ އަނަންތަކަށް… – 5

leafy Level 310 Stories100 Login
September 28, 2026 6 Mins Read
0 Comments

އިހުސާސްތައް ނެތި ވެވޭ ގުޅުން

ކޮލެޖުގެ މާހައުލުގައި ކިޔެވުން ކުރިއަށް ދިޔައެވެ. ހެނދުނުގެ ހޫނު ވަގުތުވެސް ބޭރު ދިގުގޮނޑިތަކުގައި ބައިވަރު ކުދިންތައް ކިޔެވުމުގައި އަވަދިނެތި އުޅެއެވެ. އީނާ، ސުޒާނާ އަދި ސަޔާންވެސް އޭގެން ދިގު ގޮނޑިއެއްގައި އިށީނދެގެން އިނެވެ. އީނާ ފޯނުގެ އިސްކިރީނަށް ގެއްލިފައިވީ އިރު ސުޒާނާއާއި ސަޔާން ދެ މީހުން ވާހަކަ ދައްކަނީއެވެ. އެ މީހުންނާއި އެހާ ދުރުނޫން ހިސާބުގައިވާ ގަހެއްގެ ދޮށުގައި ޔުންއަށް ހުއްޓުން އަރާފައި ހުއްޓެވެ. އޭނާ ވިސްނަމުން ދިޔައީ ރޭގެ ހާދިޘާތަކަށެވެ.

~~~~~~~

“އަހަންނަށް އެނގޭ މިއީ ސިއްރުން ކުރެވޭ ކައިވެންޏެއްކަން. އެކަމު އަހަރެންގެ އެންމެ ގާތް ރައްޓެހި ކުއްޖާގާތު މި ވާހަކަ ބުންޏަސް އެންމެ ރަނގަޅުތަ؟” ޔުން މީކާއިލުއާ ދިމާއަށް އެނބުރިފައި އިނދެ ބުންޏެވެ. “އަހަރެން ބޭނުން ކައިވެނި ހަފުލާގައި މަށާއެކު އުޅޭނެ ކުއްޖެއް. އެހެންވެ.” ޔުން ކާރުގެ ކަމަރު އަޅުވާލިއެވެ.

“މައްސަލައެއް ނެތް. ތިޔަ ރައްޓެއްސަކު ކަލޭގެ ސިއްރު ހިފަހައްޓާ ކަމުގައި ވަންޏާ މަށަށް ހެޔޮ. ކަލޭ އަމިއްލައެއްނު ބޭނުން ނުވަނީ އެހެން މީހުންނަށް އަހަރެމެންގެ ކައިވެންޏާ ބެހޭ ގޮތުން އެނގެން.” މީކާއިލު ކާރުގެ ހުންގާނު ސަރަކައިގައި ހިފަމުން ބުންޏެވެ.

~~~~~~

‘އަހަންނަކަށް ނޭނގެ ކީއްވަނީ ކަމެއް. އެކަމު ވަރަށް ޖެހިލުންވޭ މި ކައިވެނި ކުރުމަށް. ކޮންމެވެސް މީހަކު އަހަރުން ގާތު ހުރުމަށް ބޭނުން.’ ޔުން ސުޒާނާމެން އިށީނދެ އިން ދިގު ގޮނޑިއާ ދިމާއަށް ބަލައިލިއެވެ. ‘އަހަރެން ބޭނުންވަނީ އަހަރެން ކައިވެނި ކުރާއިރު ހަމައިގައި ބަހައްޓައިދޭނެފަދަ މީހަކު.’ ޔުން ވިސްނަމުން ދިޔައެވެ. ‘އެކަމު ކާކުބާ؟ ސުޒާނާ އެއީ ހަމަ ޔަގީނުންވެސް ބޮޑު ނުބައެއް. އޭނާއަށް އިނގޭ ހިސާބުން ލިބުނު ޚަބަރު ފަލަ ސުރުޚީއަށް ލާނެ.’ ދަތްދޮޅީގައި އަތް އަޅައިގެން ހުރެ ޔުން ވިސްނަމުން ދިޔައެވެ. ‘އެހެން ނޫނަސްވެސް އޭނާ އެއީ ހަސަދަވެރި މީހެއް. ހީވަނީ މީކާއިލުގެ ހިތް ނުލިބިގެން އުޅޭހެން ވިއްޔަ.’

‘ހަމަ ގައިމުވެސް ސަޔާން ގާތު ބުނެފިނަމަ މުޅި ޔުނިވަރުސިޓީއަށް އެނގޭނެ. އޭނާވަރުގެ އިޖުތިމާއީ މީހެއް މުޅި ޔުނިވަރު ސިޓީގައިވެސް ނުހުންނާނެ. އަދި ފެންނަހާ އަންހެން ކުއްޖަކާ ވާހަކަ ދައްކާނެ.’ ފުން ނޭވާއެއްލަމުން ޔުން ދިގު ގޮނޑީގެ ކަނުގައި އިށީނދެ އިން އީނާއާ ދިމާއަށް ބަލައިލިއެވެ. ‘ފަހަރުގައި އީނާ؟ އޭނާ އެއީ އެހާ މީހުންނާ ދޯޅަ ކުއްޖެއް ނޫން، ކޮންމެ ކޮންމެ ކަމަކަށް އިތުބާރުވެސް ކުރާ ކުއްޖެއް ނޫން. އޭނާއަށް މި ސިއްރު ހިފެހެއްޓޭނެ ބާ؟’ ޔުން ހުރީ އެހާވެސް ފުން ވިސްނުމުގައެވެ.

ކޮލެޖުގެ ގަޑިތައް ނިމުނުހެން ޔުން ކިލާހުން ބޭރަށް ނުކުތެވެ. “އޭތް! މިއަދު އީނާއަށް ފަހުން ހުސްވާނެތަ؟” ޔުން އީނާއާ ގާތްވަމުން ސުވާލު ކުރިއެވެ. “އަހަރުން މި ދަނީ ކޮލެޖު ކައިރީ ހުންނަ ގަހުވަޚާނާއަކަށް. ބޭނުންތަ މަށާއެކު ދާން؟”

“މައްސަލައެއް ނެތް!” އީނާ ޖީބަށް އަތް ޖަހަމުން ބުންޏެވެ. “އެކަމު، ކުތުބުޚާނާއަށް ދާ ވާހަކަ ބުނީމެއްނޫންތަ؟” އީނާ ރާގު އަޅުވާލިއެވެ.

“އާނ. އީނާއާ އަހަރެން އެބައޮތް ވާހަކައެއް ދައްކަންވެފައި.” ޔުން ޔަގީންކަމާއެކު ބުންޏެވެ.

“އެހެންތަ؟ ކޮން ވާހަކައެއް އެއީ؟ އެންމެ ފަހުން އިންނާނެ ރަނގަޅު ފިރިއެއް ލިބުނީތަ؟” އީނާ މަޑުމަޑުން ބުންޏެވެ.

“ލައްބަ” ޔުން ވައި އަޑުން ބުންޏެވެ.

“އޭނ!!! ކާކު އެއީ؟!!” އީނާ ޔުންއާ ދިމާއަށް އެނބުރިފައި އެހާވެސް ބާރަށް ހަޅޭއްލަވައިގަތެވެ. އެހެން ކުދިންވެސް ބަލަން ފެށިއެވެ.

“ހިނގާ އިހަށް އެހެން ތަނަކަށް ދާން.” ޔުން އީނާގެ އަތުގައި ހިފައި ދަމަމުން ކޮލެޖުގެ މައި ދޮރާއްޓާ ހަމައަށް ގެންދިޔައެވެ.

“ކާކުތަ އެއީ؟ ހަމަ އަސްލުވެސް ޔުން!” އީނާ އަދިވެސް އުޅުނީ ޔުން ކައިވެނި ކުރަނީ ކާކާ ތޯ ބަލާށެވެ.

“ހުވާކުރޭ ކަލޭ ހަޅޭއްނުލަވާނެކަމަށް!” ޔުން އިންޒާރު ދިނެވެ. “އަހަރެން ކައިވެނިކުރަން މިއުޅެނީ…” އީނާގެ ކަންފަތް ބުޑާއި ކައިރިވެފައި ބުންޏެވެ. “އަހަރުމެންނަށް ވިޔަފާރި މާއްދާ ކިޔަވައިދެން އަންނަ މީކާއިލު ދާރިސްއާ.” ޔުން ވައި އަޑުން ވާހަކަދެއްކިއެވެ.

“ކޮބާ؟ އަހަރެން އޭރުވެސް ބުނީމެއްނު ކަލޭމެން ދެ މީހުންގެ ދޭތެރޭގައި ކަމެއް އެބަ ހިނގައޭ! އީނާ ހަޅޭއްލަވައިގަތެވެ.

“އޭތް! އަޑުމަޑު ކުރޭ! އެއީ އަހަރުން ކާފައަށްޓަކައި. އަހަންނެއް ނޫނޭ، އޭނާއޭ މަގޭ ކައިރީ އެ ވާހަކަ ދެއްކީ.” ޔުން އެހެން ބުނަމުން މައިދޮރު ހުޅުވާފައި ބޭރަށް ނުކުތެވެ. “މިކަން އެހެން މީހުންނަށް ނާނގާ ސިއްރު ކުރެވިދާނެތަ؟”

“މައްސަލައެއް ނެތް…؟” އީނާ ހުރީ ވަގުތީގޮތުން ދެލޯ ބޮޑުވެ، އާގަމަވެފައެވެ. ނަމަވެސް އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ކަމެއް ހާސިލުވީތީވެ އޭނާ އުފާކުރިއެވެ. ފުން ނޭވާއެއް ލުމަށްފަހު ޔުންގެ ގައިގަ ބައްދާލިއެވެ. “މަރުހަބާ ޔުން. ޖެހިގެން ތިއުޅޭ މައްސަލައަށް ތިޔަ ލިބުނީ ރަނގަޅު ހައްލެއް.” އީނާ ޔުންގެ ގައިން ދުރުވުމަށްފަހު، ޔުންގެ އަތުގައި ހިފާލަމުން ބުންޏެވެ. “އެކަމު އޭނާ އެންމެ ފުރަތަމަ ކަލެއަށް ކައިވެނި ހުށަހެޅީ ކީއްވެ؟ އޭނާއަށް ކަލޭގެ ޙާލަތު އެނގުނީބާ… ނޫނީ އެއީ އެހެން ކަމެއްބާ؟” އީނާ ހުރީ އޭނާގެ އެކުވެރިޔާއަށް ޓަކައި ކަންބޮޑުވެފައެވެ.

“އޭނާ ބުނީ، ބޭނުމެއް ނުވެޔޯ އަނތްބަކު ހޯދުމަށް ވަގުތު އިސްރާފު ކުރާކަށް. އޭނާ ހަމައެކަނި ބޭނުންވަނީ ފިރިއެއްގެ މަގާމު އޮތުން އެކަނި. އެހެންވީމާ އަހަރެމެން ދެ މީހުންވެސް މި ވިސްނަނީ ހަމަ އެކައްޗެއްނު؟” ޔުން ބުނަމުން ގެންދިޔައެވެ.

“އެއީ… ދޯ އެދުވަހު ކަލޭ ހުއްޓާނުލާ ވާހަކަ ދެއްކި މީހަކީ؟ އޭނާ ދޯ ކަލޭ ގަހުވަޚާނާގައި ވާހަކަދައްކަން އިން މީހާގެ ކިބައިން ސަލާމަތްކުރީ؟” އީނާއަށް ކުރިން ދުވަހު ޔުން ކިޔައިދިން ވާހަކަތަކެއް ހަނދާންވެ ސުވާލު ކުރިއެވެ. “އެހެންވީމާ މީކާއިލުއަކީ ހުދު އަހުގައި ކަލޭ ސަލާމަތް ކުރުމަށްއައި ޝާހީ ރަސްގެފާނަކީ؟” އީނާ އެއްވެސް ވިސްނުމަކާނުލާ ހުރެ ބުންޏެވެ. ޔުން އަމިއްލަ ނަފުސަށް ކުދި ކިޔަމުން ދިޔައެވެ. ނަމަވެސް އީނާ ހުރީ އެއަށްވުރެ ބޮޑަށް ޚިޔާލީ ދުނިޔެއަށް ދެވިފައެވެ.

“އެ ފިރިހެންވަންތަ މީހާ ދޫކޮށްލާނީ ކިހިނެތް؟” ޔުންއާއި އީނާގެ ފަހަތުގައި ހުރެ ސަޔާން ކުއްލިއަކަށް ބުންޏެވެ. ދެ ކުދިންގެ މޭގަނޑު އަތަށް ނައީ ހަމަ ކިރިޔާއެވެ. “ކޮންތާކަށް އަހަރެމެން މި ދަނީ؟” ސަޔާން ކުއްލިއަކަށް އަހާލިއެވެ.

“މި ދަނީ ކައިރީގައިހުރި ގަހުވަޚާނާއަކަށް.” ޔުން ޖަވާބުގައި ބުންޏެވެ.

“ގަހުވަޚާނާއަށް؟ އެތަނުގައި ކާތަކެތި ދޭ މިންވަރުން މަގޭ ބަނޑެއް ނުފުރޭނެ! ހިނގާ ސީނުކަރައިގެ މަޝްހޫރު ނޫޑުލިސްގަނޑު ކާން ދާން!!”‘ ސަޔާން ދެ ކުދިންގެ އަތުގައި ހިފައިގެން ފުންމަމުން ދުވަހަމުން އެހެން ދިމާއަކަށް މިސްރާބު ޖެހިއެވެ.

‘ހަމައެކަނި ގަހުވަ’ ނަމަކަށް ކިޔުނު ގަހުވަޚާނާގައި ގަހުވަ ބުޔުމަށް މީކާއިލު ގޮސް އިނެވެ. ބޮޑު މޭޒެއްގެ އެންމެ އެއް އަރީގައި އޭނާ އިށީންދެގެން އިނެވެ. އަމިއްލަވަންތަ ކަމާއެކު، އެއްވެސް އެހެން މީހެއްނެތި އެކަނިވެފައި އިނެވެ. ނަމަވެސް އޭނާގެ ޚިޔާލުތަކުން ދުނިޔެއަށް ގެނުވީ ގަހުވަޚާނާއަށް ވަނުމަށްއައި ތިން މީހުން ދުރުން ފެނުމުންނެވެ. އޭނާ އެއީ ކޮން ބައެއްތޯ ބެލުމަށް ގަހުވަ ތަށި މޭޒުގައި ބެހެއްޓިއެވެ. ނަމަވެސް އިރުކޮޅަކުން އެއީ ސަޔާން، އީނާ އަދި ޔުން ކަން އޭނާއަށް އެނގުނެވެ. ސަކަރާތް ޖެހުމުގައި އެ ތިން މީހުން އުޅުނެވެ އީނާ ހީނހީނ ބިނދެނީއެވެ. ޔުންއަށް ހެމުން ހެމުން ގޮސް ކޮޅަށްވެސް ނުހުރެވޭ ވަރު ވިއެވެ. ޔުން ހެވިފައިވާ ތަން ފެނުމުން މީކާއިލުއަށް އެހެން އިހުސާސެއް ކުރެވެން ފެށިއެވެ. އިސާހިތަކު ސުޒާނާ ފަހަތުން މީކާއިލުއޭ ކިޔާފައި ގޮވާލިއެވެ. “ސުޒާނާ؟ ކީކޭ؟” މީކާއިލު ފަހަތަށް ބަލައިލަމުން ބުންޏެވެ.

“އަޅެ، މި ތަނަށް އަންނަކަން ކުރިއާލައި އަހަރުން ގާތު ބުނިނަމަ! މި ސަރަހައްދުގައި ވަރަށް ބައިވަރު މީރު ކާތަކެތި ވިއްކާ ފިހާރަތައް ހުންނާނެ! ބުނެފާނަން އޭގެން ދެތިން ތަނެއް.” ސުޒާނާ މީކާއިލުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.

“ހޫނ. މައްސަލައެއް ނެތް!” މީކާއިލު އެއްބަސްވިއެވެ.

“އާނއެކޭ. ނޫޑުލިސް ކާން ދާނީ ގަހުވަ ބޮއެފައި. ހެވެއްނު؟” އީނާ ގަހުވަޚާނާއަށް ވަންނަމުން ބުންޏެވެ.

“އަހަރެމެންނަށް ގަހުވަ ބޮވިދާނެއެއްނު ފަހުން؟” ސަޔާން ނޫޑުލިސް ކާހިތުން ބުންޏެވެ. މައި ދޮރުން ވަދެގެން އައި ސަޔާންއަށް ސުޒާނާ ފެނި އެ ދިމާއަށް ދިޔައެވެ. “ސުޒާނާ؟!”

“ސަޔާން؟” ސުޒާނާ އެ ދިމާއަށް އެނބުރުނެވެ.

“ދާރިސް މީކާއިލުވެސް މިތާގައި؟ އަހަރުން އިނގޭ ދޯ؟ އަހަރުން ދާރިސްގެ ކިލާހުގައި ކިޔަވަމެއްނު؟” ސަޔާން މޭޒާ ގާތްވަމުން ބުންޏެވެ.

“އާނ. އެނގޭ. ތިއީ ކިލާހުގެ އަނގަފަރެއްނު!” މީކާއިލު އަޅައިވެސް ނުލައި އިނދެ ބުންޏެވެ.

“މާފުކުރައްވާ ދާރިސް. ދެން އެކަން ރަނގަޅު ކުރާނަން.” ސަޔާން ދެރަވެސްނުވެ ބުންޏެވެ. “އަހަރުން ވަރަށް ޝުކުރުކުރަން ވިޔަފާރީ ދާއިރާގެ ކުރިއަރާފައިވާ މީހެއް އަހަރުމެންނަށް ކިޔަވައިދޭތީވެ.” ސަޔާން ޝުކުރުވެރިވިއެވެ.

“ޝުކުރިއްޔާ! ރަނގަޅު ނަތީޖާއެއް ހޯދޭނެ އިރާދަކުރެއްވިއްޔާ.” މީކާއިލު ސަޔާންއަށް ބުންޏެވެ.

“ޝުކުރު. ދާރިސް.” ސަޔާން ބުންޏެވެ. “ހޫން. އަހަރުން، އީނާ އަދި ޔުން މިދަނީ ސީނު ކަރައިގެ ނޫޑުލިސްގަނޑެއް ކާންވެގެން. އަހަރުމެންނާއެކު ދާނަންތަ؟” ސުޒާނާއާ މީކާއިލުއަށް ބަލަމުން ސަޔާން ބުންޏެވެ. ފަހަތުގައި ކާ ތަކެތީގެ ލިސްޓު ބަލަން ހުރި ޔުން ހިތްހަމަ ނުޖެހިފައި ސަޔާނުއާ ދިމާއަށް ބަލަން ފެށިއެވެ.

“ހޫނ. ހިނ…” މީކާއިލު ޔުންއާ ދިމާއަށް ބަލަމުން ބުނަން އުޅުނެވެ. އޭރު ޔުން އިނގިލިންނާއި އަތުން ރަސްގެ ހަދާ ހަރަކާތް ކުރަމުން ދިޔައެވެ. ނަމަވެސް އެއަށް ބަލާފައި ހިނިތުންވުމަށްފަހު މީކާއިލު ބުންޏެވެ. “އަޅެ ހިނގާބަލަ ތިޔަ ނޫޑުލިސްގަނޑެއްގައި ހުރި ވަރެއް ބަލައިލަން.”

“ހިނގާ އަވަހަށް ދާން.” ސަޔާން އުފަލުންހުރެ ބުންޏެވެ. ޔުން ހަނގުރާމައިން ބަލިވެފައިވާ ފަދައިން ސަޔާން ބުނި ބަސް ގަބޫލުކުރަން މަޖުބޫރުވިއެވެ.

ނޫޑުލިސް ހެދުމަށް އެންމެ ނަން މަޝްހޫރުވެފައިވާ ‘ރެސްޓޯރެންޓަ’ކަށް ހަތަރު މީހުން އެކުގައިހެން ދިޔައެވެ. މުޅި ބިނާރު އެކުގައިމެ އެހާވެސް ބޮޑެވެ. ފަނޑު ރަތް އަލި ބޮކިތައް ދިއްލާފައިވާއިރު ފާރުގައިވާ ފަރުމާތައް އެހާމެ ހިތްގައިމެވެ.

‘ޕިސް، ޕިސް، ޕިސް، އަހަރެން މިއޮތްގެން އަވަދިވަނީ!!!…’ ޔުން މޭޒުގައި ބެހެއްޓިފައިވާ ބޯތަށީގައި ހުރި ނޫޑުލިސްގަނޑަށް ބަލަމުން ހިތާހިތުން ހަޅޭއްލަވަމުން ދިޔައެވެ. އޭރު މީކާއިލު ނޫޑުލިސް ކާ އިރު ބޭނުންކުރާ ދެ ދަނޑިކޮޅު ނަގައެވެ. ސުޒާނާ އިނީ މީކާއިލުގެ އެ ހަރަކާތްތަކަށް ގެއްލިފައެވެ. ތަށްޓަކަށް ލައިފައިވާ ބިސްގަނޑެއް ނަގައިގެން ސަޔާން ޔުންގެ ތައްޓަށްލުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

“މިއޮތީ ޔުންގެ އެންމެ ގަޔާވާ އެއްފުށް ފިހެފައިވާ ބިސްގަނޑު!” ސަޔާން ބިސްގަނޑު ޔުންގެ ތައްޓަށްލިއެވެ. ހަމަ އެ ވަގުތު މީކާއިލު ޔުންމެންނާއި ދިމާއަށް ލޯ އަޅާލިއެވެ. “ޔުންގެ ރަށު މީހުން ސީނުކަރައިގެ ނޫޑުލިސް ކާ އިރު އާންމުކޮށް ކާނީ ބިސްގަނޑާއެކު!” ސަޔާން ބިސްގަނޑުލުމަށް ބޭނުންކުރި ތަށި މޭޒުގައި ބަހައްޓަމުން ބުންޏެވެ.

‘ކަލޭނޭ އަޅެ އަނގަމަޑުން ލައިގެން އިނދެބަލަ!!’ ޔުން ހިތަށް އަރުވަމުން ދިޔައެވެ.

“އެހެންތަ؟ އަދި މި އެނގުނީ އެކަން.” މީކާއިލު އިސް އުފުލާލަމުން ބުންޏެވެ.

“ދާރިސް މީކާއިލު ވެސް އެގޮތަށް ކާންވާނެއްނު؟” ސަޔާން ބުނެލިއެވެ.

“މައްސަލައެއް ނެތް! ރަހަބަލައިލެވިދާނެ!” މީކާއިލު ނޫޑުލިސްކޮޅެއް އަނގައަށްލަމުން ބުންޏެވެ. އޭރު އީނާ ސުޒާނާއާ ދިމާއަށް ބަލައިލިއެވެ.

“ސުޒާނާ؟ ހަމައެކަތިވެސް ނުކާނަން؟” އީނާ ސުވާލުކުރިއެވެ.

“ހޫނ. ދެންމެއަކު މިއައީ ކައިގެން.” ސުޒާނާ ހިނިތުންވުމަށްފަހު ބުންޏެވެ.

“އެހެންނޫނަސް ސުޒާނާ ނުކާނެ މިކަހަލަ ތެޔޮ ކާ ތަކެއްޗެއް.” އީނާ ލޯ ކުނާކޮށްލަމުން މަޖަލަކަށް ބުންޏެވެ.

“އެއީ ދޮގެއް! މަ ކަން މިފަދަ ކެއުންތައްވެސް. އެކަމު މިއަދު ކައިގެން ހުރީމާ ނުކެއީ.” ސުޒާނާ ހޫނ އަޅުވާލިއެވެ.

“ކަލޭ ދިރިއުޅެމުން ދިޔައީ އެހެން ރަށެއްގައި؟ ކޮންއިރަކު މިކޮޅަށް ބަދަލުވީ؟” މީކާއިލު ސުވާލުކޮށްލިއެވެ.

“އޭނާ ބަދަލުވީ ވަރަށް ކުޑައިރު، ކިޔެވުން ކުރިއަށް ގެންދިއުމަށް!” ސަޔާން ނޫޑުލިސްތައް ހަފަމުން ބުންޏެވެ.

‘ހުވާ މިބުނީ! މީނާގެ އަނގަ ލައްޕާނީ ކޮން އިރަކުންތަ؟’ ޔުން ހިތާހިތުން ސަޔާންއަށް ހަލޭއްލަވަމުން ދިޔައެވެ.

“އޭނާ އުޅުނީ ‘ޖިއޯޖޭ’ގައި ޖަމީލުބެއާއެކު.” ސަޔާން ޔުންގެ އިހުސާސްތަކަށް ނުވިސްނާ މައުލޫމާތުތައް ކިޔައިދެމުން ދިޔައެވެ.

ޔުންއަށް ކެތް ނުކުރެވިގެން އެންމެ ފަހުން ވަރަށް ބާރަށް ބުންޏެވެ. “އޭތް ސަޔާނޫ! ކަލޭ ކައިފައިވާ ‘ޗޮޕު އިސްޓިކުން’ އަހަރުން ތަށިން ނުކައި! ހާދަ ނުސާފުތާހިރޭ! ހުވާ…” ޔުން ހަޅޭއްލަވާގޮތަށް ބާރަށް ބުންޏެވެ.

“އެހެންތަ؟ މަށަށް މި ނޫޑުލިސްކޮޅު އެއްކޮށް؟ ވަރަށް އުފާވެއްޖެ…” ސަޔާން ޖެއްސުމަށް ވާހަކަ ދައްކަމުން ދިޔައެވެ.

“ކަލޭމެން ދެމީހުން ވަރަށް ގާތްކޮށް ދޯ އުޅެނީ؟ ރައްޓެހިވެގެންތަ އުޅެނީ؟” ސުޒާނާ ކޮލުކަށިގަނޑުގައި އަތް ވިއްދާލަމުން ސުވާލު ކުރިއެވެ.

“ނޫނޭ… އަހަރުމެންނަކީ ވަރަށް ގާތް ރައްޓެހިން.” ސަޔާން ޔުންގެ ކޮނޑުގައި އަތް އަޅުވާލަމުން ބުންޏެވެ.

‘އަހަރުންނާ ސަޔާން؟ އަނަންތަކަށް ވަގުތު ދިޔަޔަސް މަ އޭނާއާއެކު ނުވާނަން.’ ޔުން ހިތާހިތުން ކިޔަމުން ދިޔައެވެ. ސަޔާނު ބުނި އެ ބަހަށް މީކާއިލުގެ މޫނުމަތިން ފޫހިކަން ފެންނަން ފެށިއެވެ. އޭނާގެ އިހުސާސްތައް ނޭނގޭވެސް ފަދައެވެ. ޔުންއަށް ތަނުގެ ހާލަތު އެނގުނުހެން ރަކިވެފައި އިސްދަށަށް ޖެހިއެވެ. ސުޒާނާ އަދިވެސް ބަލަން އިނެވެ. ނަމަވެސް އީނާ އިނީ ގަދަކަމުން އެއްވެސް އެއްޗެކޭ ނުބުނާށެވެ.

 

ކެއުން ނިންމާލުމަށްފަހު، ހުރިހާ އެންމެންވެސް އެ ބިނާރުން ނުކުތެވެ. “އަހަރުން ދަނީއޭ! ކުލަބަށް އަދި ދާން އެބަޖެހޭ! ޝުކުރިއްޔާ ދާރިސް މީކާއިލު އަހަރުމެންނަށް ކާންދިނީތީ!” ސަޔާން އަތް މައްޗަށް ނަގާ ހަނާއަޅަމުން ބުންޏެވެ.

“އަހަރެންވެސް ދަނީ. އަހަރުން ބަލާ ކާރުގައި އައިސް އެބަ ހުރި.” ސުޒާނާވެސް ހަނާއަޅަމުން ދުރަށް ދިޔައެވެ.

“ހޫނ. ދެމީހުންނަށްވެސް ސަލާން.” މީކާއިލުވެސް ހަނާ އަޅަމުން ބުންޏެވެ.

“ޔުން؟ އަހަރެންވެސް ދެން ދަނީއޭ…” އީނާ ބުންޏެވެ.

“އާނ ހިނގާ…” ޔުންއަށް ޖުމުލަ ފުރިހަމަ ނުކުރެވެނީސް މީކާއިލު ދަބަހުގައި ހިފިއެވެ. “އާނ. އަހަރުން އިހަށް މަޑުކުރާނަން. ފަހުން ބައްދަލު ކުރާނީ ދޯ.” ޔުން އިބާރާތް ބަދަލުކުރަމުން ވާހަކަ ދެއްކިއެވެ.

“އާނ، ދަނީއޭ!” އީނާ ހަނާ އަޅަމުން ބުންޏެވެ.

“ސަލާން.” މީކާއިލު އަދިވެސް ޔުންގެ ދަބަހުގައި ހިފައިގެންހުރެ ބުންޏެވެ.

އީނާ ދިޔައހެން މީކާއިލުއަ ދިމާއަށް ބުންޏެވެ. “މިހާރު ކީއްވީ؟ އަހަރުން ގެއަށް ދާން ބޭނުން!” ޔުން ބާރަށް ބުނަމުން މީކާއިލުގެ އަތުން އޭނާގެ ދަބަސް ނެއްޓުވޭތޯ މަސައްކަތް ކުރިއެވެ.

“ގެއަށްތަ ނޫނީ ކަލޭގެ ލޯބިވާ ރައްޓެހި ފިރިހެން ކުއްޖާ ގާތަށްތަ؟ ކުރިން ބުނެލަން ވާނެއެއްނު ރައްޓެހިވެގެން އުޅެންޏާ. އަހަންނަށް އެހެނިހެން އިހުސާސެއް އެބަވޭ.” މީކާއިލު ބުނަމުން ދިޔަ ބަސްތައް ޔުންގެ ކަނފަތުގައި ގުގުމަމުން ދިޔައެވެ.

“ސަޔާން އެއީ މަގޭ ރައްޓެހިވެގެން އުޅޭ މީހެއް ނޫން!” ޔުން ހިތްހަމަނުޖެހި ލޯ މަރާލަމުން ބުންޏެވެ. “ކީއްވެ އަސްލު ސަޔާނުގެ ދައުވަތަށް އެއްބަސްވީ؟!” ޔުން ލޯ ހުޅުވަމުން ސުވާލުކޮށްލިއެވެ.

“ކިހިނެތް ވީ؟ އަހަރެމެންގެ ގުޅުމާއި ކައިވެނި ސިއްރުކުރަން ބުނީމެއްނު؟… އެކަމު ދެ މީހުން ދުރުވާކަށް ނުޖެހެއެއްނު؟!” މީކާއިލު އިތުރުކޮށްލިއެވެ. “އަހަރުންހެން މިއުޅުނީ ކަލޭމެން ކުރިމަތީގައި.” މީކާއިލު ޖީބަށް އަތް ޖަހަމުން ބުންޏެވެ.

‘އަހަންނަށް އެނގޭ މިއީ އަސްލު ކައިވެންޏެއް ނޫންކަން… އެކަމުވެސް އޭނާ އެހާ ފަސޭހަކޮށް މިއުޅެނީ ކިހިނެތް؟’ ޔުން ހިތަށް އަރަމުން ދިޔައެވެ.

“އަހަރުންގެ ކާރު އެއޮތީ އެތަނުގައި. އާދޭ!” މީކާއިލު އިނގިލިން މިސްރާބު ދައްކަމުން ބުންޏެވެ. އަދި އެ ދިމާއަށް ހިނގައިގަތެވެ.

‘ޔުން… މީކާއިލުގެ ފަރާތުން ކޮން ކަމެއް ލިބޭނެކަމަށްތަ ހީކުރީ؟’ ޔުން އަމިއްލައަށް ވިސްނަމުން ދިޔައެވެ.

“އާދޭ!” މީކާއިލު ޖީބުން އަތްނަގައި ޔުންއާ ދިމާއަށް ދިއްކުރިއެވެ. “އަހަރެމެން ފަރިތަކުރަން ވާނެއެއްނު ފުރުސަތެއް ލިބޭ އިރަށް؟” ޔުންއަށް ފުން ނަޒަރަކުން ބަލަމުން ބުންޏެވެ.

ޔުން މަޑުމަޑުން އޭނާގެ އަތް މީކާއިލުގެ އަތްމަތީގައި ބޭއްވިއެވެ. ‘އެހެންނޫނަސް މި ގުޅުމުގައި އެއްވެސް އިހުސާސެއް ނުވެއެއްނޫންބާ؟’ ޔުންގެ ނިކަމެތި ހިތާއި ސުވާލު ކުރަމުން ދިޔައެވެ.

(ނުނިމޭ)

Share Article

Follow Me Written By

leafy

Level 310 Stories100 Login

ވާހަކަ ލިޔުމީ ހިތުގައި އުފެދޭ އުދާސްތައް ބޭރުކޮށްދޭނެ ވަސީލަތެކެވެ! - ލފ

Other Articles

Previous

ސަފްހާ 1

Previews
September 27, 2026

ސަފްހާ 1



All Right Reserved!