Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކަ

އިފުރީތު – ކުރުވާހަކަ

Semi-Pro Level 1
August 30, 2026 3 Mins Read
1 Comment

ނޯޓް: މިވާހަކަ އަކީ ހިޔާލީ ކަންތައްތަކެއްގެ މައްޗައް ބިނާކޮއްފައިވާ ބިރުވެރި ވާހަކައެކެވެ.

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. ހިމޭން، އަމާން ރަށްފުށުގެ ދިރިއުޅުމެއް އޮތް ކުޑަކުޑަ ރަށެކެވެ. ރަށުގެ އެއްފަރާތުގައި އޮންނަ ބޯ ޖަންގައްޔާއި، ފަޅުވެފައިވާ ބޮޑު ރުއްގަނޑަކީ އިރުއޮއްސުމަށްފަހު އެކަކައްވެސް ކައިރިވާން ކެރޭ ހިސާބެއް ނޫނެވެ. ދުވަސްވީ މީހުން ބުނާ ގޮތުގައި އެއީ ނުރައްކާތެރި، ނުބައި ޖިންނި ސައިތާނުންގެ އައްޑާއެކެވެ. ނަމަވެސް، ޒުވާން ޙަސަނަކީ އެފަދަ ވާހަކަތައް މާ ބޮޑު ކަމަކަށް ހަދާ މީހެއް ނޫނެވެ.

އެއްރެއަކު، އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވެފައިވާ ވަގުތެކެވެ. ގަޑިން ދަންވަރު ބާރަ ޖަހައި ބޮޑުވެއްޖެއެވެ. ޙަސަން އެކަނިމާއެކަނި ރަށުގެ އަތިރިމަތިން ގެއަށް ދާން ހިނގައިގަތީ، އެ ބިރުވެރި ވަލުތެރެއިން ލާފައި އޮންނަ ހަނި މަގުންނެވެ. ވަށައިގެންވަނީ ކަނު އަނދިރިކަމެވެ. ހަމައެކަނި އިވެނީ ގަސްތަކުގެ ފަތްތައް ހެލޭ އަޑާއި، ކަނޑުގެ ބިޔަ ރާޅުތައް ގޮނޑުދޮށަށް ބީއްސާ ބިރުވެރި އަޑެވެ.
ކުއްލިއަކަށް، މުޅި މާހައުލަށް އާދަޔާ ޚިލާފު ފިނިކަމެއް ވެރިވެގެން ދިޔައެވެ. އެއީ އާދައިގެ ފިންޏެއް ނޫނެވެ. ކަށިތަކުގެ ތެރެއަށް ވަދެގެންދާ ފަދަ ގަނޑުފެން ޖެހުމުން ވާފަދަ ފިންޏެކެވެ. ޙަސަންގެ ފިޔަވަޅުތައް ހުއްޓުނީ މަގުގެ މެދުން ބޮޑު ހިޔަންޏެއް ފެނުމުންނެވެ. ހަމައެއާއެކު، ނޭވާ ހާސްވާ ފަދަ ކުނިވަހެއް މުޅި ހިސާބަށް ފެތުރިގެން ދިޔައެވެ.

ޙަސަން އިސްއުފުލައި ބަލައިލިއިރު، ކުރިމަތީގައި ހުރީ އިންސާނެއްގެ ސިފައެއް ނޫނެވެ. އުސްމިނުގައި ދިހަވަރަކަށް ފޫޓު ހުރި، އަނދައަނދާ ހުރި އަލިފާނުގެ ދެލޯ ލިބިފައިވާ ބިޔަ މަޚްލޫޤެކެވެ. އެއީ ބިރުވެރި “އިފުރީތެކެވެ”. އޭގެ ހަށިގަނޑުން ދުން އަރަމުންދިޔައިރު، ބޮލުގައި ދެ ދަޅު ފަޅާފައި ހުއްޓެވެ. އޭގެ ދިގު، ތޫނު ވަކިތަކުން ކަޅުކުލައިގެ ދިޔައެއް ތިކިތިކި ޖަހަމުން ދިޔައެވެ.

ޙަސަން ބިރުން ގޮސް ހަޅޭއްލަވައިގަންނަން އުޅުނެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ހަށިގަނޑު ގަނޑުވެ، ފައި ބިމުގައި ތަތްވި ކަހަލައެވެ. އެ އިފުރީތު ބާރު އަޑަކުން ހޭން ފެށިއެވެ. އެ އަޑަކީ ބިންގަނޑު ގުޑުވާލާ ފަދަ ބިރުވެރި، ގުގުރިއެއް ފަދަ އަޑެކެވެ. އެވަގުތު، އާދަޔާ ޚިލާފު ކަމެއް ހިނގިއެވެ. ކައިރީގައި ހުރި ބޮޑެތި ރުއްތައް މުލުން ލުހިގެން ވައިގެ ތެރެއަށް އުފުލެން ފެށިއެވެ. އަދި ބިންމަތިން އަލިފާން ކަނިތައް ބުރައިގެން ދިޔައެވެ.
އިފުރީތު އޭގެ ބިޔަ އަތް ޙަސަނާ ދިމާއަށް ދިއްކޮށްލިއެވެ. އެ ވަކިތައް ޙަސަންގެ ކަރާ ދިމާއަށް އަންނަން ފެށުމުން، ޙަސަންގެ ހަނދާނަށް ކުއްލިއަކަށް އައީ އޭނާގެ ކާފަ ދަސްކޮށްދީފައިވާ ނަސޭހަތެވެ. ކިތަންމެ ބޮޑު ބިރެއް ކުރިމަތިވިޔަސް ﷲ ގެ މަތިން ހަނދުމަކުރުމަށެވެ.

ޙަސަން މޭ ފުރައި ނޭވާއެއް ލުމަށްފަހު، ހިތުގެ އަޑިން “އާޔަތުލް ކުރުސި” ކިޔަވަން ފެށިއެވެ. ފުރަތަމަ އަކުރުތައް ދުލުން ބޭރުވީ ވަރަށް އުނދަގުލުންނެވެ. ނަމަވެސް، ކިޔަވަމުން ދިޔަ ވަރަކަށް އަޑަށް ބާރު ލިބެމުން ދިޔައެވެ. އެއާއެކު، އިފުރީތުގެ ހަށިގަނޑުން އަލިފާން ރޯވެ، ވޭނީ އަޑަކުން ހަޅޭއްލަވައިގަތެވެ. ކީރިތި ޤުރުއާނުގެ މާތް އާޔަތްތަކުގެ ބާރުގެ ކުރިމަތީގައި އެ ނުބައި އިފުރީތަށް ކެތެއް ނުކުރެވުނެވެ.
ބާރު ގޮވުމަކާއެކު އެ އިފުރީތު އަނދައި އަޅިއަށްވެ، ވަޔާ އެކުވެގެން ދިޔައެވެ. ވައިގެ ތެރެއަށް އުފުލުނު ރުއްތައް އަނބުރާ ބިމަށް ވެއްޓުނެވެ. މުޅި މާހައުލަށް އަނެއްކާވެސް އާދައިގެ ހިމޭންކަން ވެރިވިއެވެ. ޙަސަން ދުވެފައި ކަހަލަ ގޮތަކަށް ގެއަށް ދިޔައީ ﷲ އަށް ޝުކުރު ކުރަމުންނެވެ.

ޙަސަން ގެއަށް އާދެވުމުން ވެސް އޭނާގެ ހިތުގެ ތެޅުން މަޑެއް ނުވިއެވެ. މުޅި މީހާ ހީވަނީ ގަނޑުފެން އެއްޗަކަށް ލާފައި ހުރި ހެންނެވެ. އޭނާ އަވަސް އަވަހަށް ގޭގެ މައިދޮރު ލައްޕައި ތަންޑު އެޅުވިއެވެ. އެއީ ދަނޑިފަނާއި އުވަޖެހި ބައު ފާރުތަކުން ހަދާފައިވާ ޒަމާންވީ ރަށްފުށުގެ ގެއެކެވެ. ގޭތެރޭގައި އެވަގުތު ތިބީ އޭނާގެ މުސްކުޅި މަންމައާއި ކުޑަ ކޮއްކޮ އެކަންޏެވެ. އެމީހުން ތިބީ ގަދަ ނިދީގައެވެ.

ޙަސަން އޭނާގެ ކޮޓަރިއަށް ވަދެ، ފުޅިބައްތި ދިއްލަން އުޅުނެވެ. ނަމަވެސް އަލިފާންދަނޑި ރޯކުރާ ކޮންމެ ފަހަރަކު، ނުފެންނަ ފަރާތަކުން ފުމެލާ ފަދައިން އަލިފާންކޮޅު ނިވިގެންދެއެވެ. ކުއްލިއަކަށް ގޭގެ ޓިނުގަނޑުމަތިން ބަރު އެއްޗެއް ދަމާފައި ދާ ކަހަލަ އަޑެއް އިވެން ފެށިއެވެ. ދަގަނޑު ވަކިތަކަކުން ޓިނުގަނޑު ކަހާ އަޑު މުޅި ގޭތެރޭގައި ގުގުމައިގަތެވެ. އެ އަޑާއެކު ފާރުތަކުގައި ހުރި އުވަތައް ފައިބަން ފެށިއެވެ.
ބިރުވެރިކަން ދިޔައީ އިންތިހާއަށް ބޮޑުވަމުންނެވެ. ކޮޓަރީގެ ކުޑަދޮރުގެ ދޭތެރެއިން ވަންނަމުން ދިޔައީ ކަޅު ކުލައިގެ ބޯ ދުމެކެވެ. އެ ދުމުގެ ތެރެއިން ޙަސަނަށް ފެނުނީ ލެއިން ތަތްތެޅިފައިވާ ބޮޑެތި އިނގިލިތަކެކެވެ. ގޭގެ ފަންގިފިލާއިން ތިކިތިކި ޖަހަމުން ފޭބީ ކަޅުކުލައިގެ ދިޔައެއް ނޫނެވެ. އެއީ ތާޒާ ރަތް ލެއެވެ. އެ ލޭތައް ތަޅުންމައްޗަށް އެޅެމުން ދިޔައިރު، ބިމުން އާދަޔާ ޚިލާފު ހޫނު އާވިއެއް އަރަމުން ދިޔައެވެ.
ހަމައެވަގުތު، ޙަސަންގެ މަންމަގެ ކޮޓަރިން ބިރުވެރި ހަޅޭކެއްގެ އަޑު އިވުނެވެ. ޙަސަން އެދިމާއަށް ދުއްވައިގަތް ވަގުތު، ގޭގެ ހުރިހާ ދޮރުތަކެއް އެއްފަހަރާ ތަޅައިގަތެވެ. މަންމަގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު، މަންމަ އޮތީ އެނދުން މައްޗަށް، ވައިގެ ތެރެއަށް އުފުލިފައެވެ. އޭނާގެ ލޮލުގެ ކަޅުކަޅި ވަނީ މައްޗަށް ހިއްލި، ލޮލުގެ ހުދުކުލަ އެކަނި ފެންނާށެވެ. ކޮޓަރީގެ ކަނެއްގައި ހުރީ ކުރިން ފެނުނު އިފުރީތަށް ވުރެ ވެސް ބިރުވެރި، އެތައް ބޯތަކެއް ހުރި ބިޔަ ހިޔަންޏެކެވެ. އެ ސޮރުގެ އަނގައިން ނުކުންނަ ދިގު ދޫތަކުން އަލިފާން ކަނި ބުރަމުން ދިޔައެވެ.
މުޅި ގޭތެރެ އެނބުރެން ފެށި ކަހަލަ އިހުސާސެއް ޙަސަނަށް ކުރެވުނެވެ. ގޭގައި ހުރި ތަކެތި އަމިއްލައަށް އުދުހި، ފާރުތަކުގައި ޖެހި ތެޅެމުން ދިޔައެވެ. ޙަސަން ބިރުން ފަހަތަށް ޖެހެން އުޅުނު ވަގުތު، އޭނާގެ ފައިދަށުން ބިންގަނޑު ފަޅައިގެން ގޮސް، އަލިފާން އަނދާ އަނދާ ހުރި ކަޅު އަތްތަކެއް ނުކުމެ އޭނާގެ ދެފައިގައި ހިފެހެއްޓިއެވެ. އެ އަތްތަކުގެ ހޫނުކަމުން ޙަސަންގެ ހަންގަނޑު ފިހެން ފެށިއެވެ.

ނަމަވެސް، ޙަސަން އުންމީދު ކަނޑައެއް ނުލައެވެ. އޭނާ ދެލޯ މަރާލުމަށްފަހު، މުޅި ހަށިގަނޑުގައި ހުރި ބާރެއް ލާފައި ބަންގި ގޮވަން ފެށިއެވެ. “ﷲ އަކްބަރު! ﷲ އަކްބަރު!” މި މާތް ކަލިމަފުޅުތައް ޙަސަންގެ ދުލުން ބޭރުވި ވަގުތު، މުޅި ގޭތެރެއަށް ބާރުގަދަ އަލިކަމެއް ފެތުރިގެން ދިޔައެވެ. އިފުރީތު އޭގެ އެތައް ބޮލަކުން އެއްފަހަރާ ބިރުވެރި ގޮތަކަށް ރުއި އަޑު މުޅި ރަށު ތެރެއަށް ފެތުރުނެވެ.

ޙަސަން ބަންގި ނިންމުމާއެކު، ސޫރަތުލް ބަޤަރާގެ ފަހު އާޔަތްތައް ބާރަށް ކިޔަވަން ފެށިއެވެ. ކޮންމެ އާޔަތަކާއެކު އިފުރީތުގެ ހަށިގަނޑު ކުދިކުދިވެ، އަލިފާނުގެ ދުންގަނޑަކަށް ބަދަލުވަމުން ދިޔައެވެ. ވައިގެ ތެރޭގައި އޮތް މަންމަ މަޑުމަޑުން އެނދުގައި ބޭއްވުނެވެ. އަދި ފައިގައި ހިފާފައި ހުރި އަލިފާން އަތްތައް އަޅިއަށްވެ ބިމުގެ އަޑިއަށް ގެނބިގެން ދިޔައެވެ.
ފަތިހުގެ އަލިކަން ދުނިޔެއަށް ފާޅުވާން ފެށިއިރު، ރަށުގެ މިސްކިތުން ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެން ފެށިއެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ ސިހުން ގެނުވާ ފަދަ ހަމަހިމޭންކަމެކެވެ. ގޭގެ ފާރުތަކުގައި ވަކިއަޅާފައިވާ ފުން ލަކުނުތަކާއި، އަނދާފައިވާ އަޅިތައް ފިޔަވައި އެ ބިރުވެރި ހާދިސާގެ އެއްވެސް ނިޝާނެއް ނެތެވެ.

*************

ދާހިއްލާ ފޯވެފައި ވާ ހާލު ޙަސަނަށް ހޭލެވި އެނދުން ފުންމައިގެން ތެދުވެވުނެވެ. އަދި ގޭތެރޭގެ ހާލަތު ބަލާލަން ނަޒަރު ހިންގާލިއެވެ. އެއްވެސް އާދަޔާ ޙިލާފް ކަމެއް ނެތެވެ. މި ފެނުނީ ހުވަފެނެއްކަން އިނގުމުން ޙަސަނުގެ ހިތަށް ތަސައްލީ އެއް ލިބުނެވެ. އަދި ހަމަ ޖެހިލުމައްފަހު އެނދުން ތެދުވިތަނާ ޙަސަނުގެ ކުޑަ ކޮއްކޮ އައިސް، އޭނާ މިއަދު ފޫހިވެގެން ގަނޑެއްގައި ކުރެހި އެއްޗެކޭ ކިޔާފައި ގަނޑެއް ދިއްކޮއްލިއެވެ. އެ ގަނޑު ޙަސަނު ބަލާލި ގޮތަށް ދިޔައީ ހީބިހި ނަގައިގެންނެވެ. ދެ ލޯ ބޮޑުވެފައިވާ ހާލު ޙަސަނު ބަލަމުން އެ ދާ ގަނޑުގައި އޭނާގެ ކޮއްކޮ ކުރަހާފައިވަނީ ދެވަނަ އެހެން މަޙުލޫގެއް ނޫނެވެ. ހަމަ ރޭ ހުވަފެނުން ޙަސަނަށް ފެނުނު “އިފުރީތު” ގެ ސިފަ ދައްކުވައިދޭ ކުރެހުމެކެވެ.

– ނިމުނީ –

Share Article

Follow Me Written By

Semi-Pro

Level 1

Other Articles

Previous

މަންޒިލް 45

Next

ތަޤްދީރު-22

Next
August 30, 2026

ތަޤްދީރު-22

Previews
August 30, 2026

މަންޒިލް 45

One Comment

  1. Shaleen says:
    August 31, 2026 at 8:04 am

    Aiman haadha molhey.
    V salhi ingey.
    Sifakurunthahves dhen vaahaka kiyaadheefa in goy.
    Evves beykaaru vaahaka eh nethi v reethi mi story genessa in goy
    Ehen vaahaka akah inthizaaru kuran

Comments are closed.



All Right Reserved!