ހިތް ބުނަނީ އަދި އަންނާނޭ!
ދުވަސްތަށް ހިނގަމުން ދިޔައީ ބުރު ނޭނގެހާ ބާރަށެވެ. ދުވަސްތަށް މަސްތަކަށް ބަދަލުވެ މަސްތަށް އަހަރުތަކަށް ބަދަލުވާން ނެގީ މަދު ދުވަސްކޮޅެކެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިގެ އެ ހަނދާންތަށް އަދިވެސް އާވެއެވެ. ކުރެވެނީ އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް ކުރެވުނު އިހުސާސެވެ. އެ އިހުސާސްތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ ސޫރަ ހިތަށް ގެނެވުމުން މޫނު މައްޗަށް ވެރިވާ ހިނިތުން ވުން ވަރަށް ވެސް ނަލައެވެ. ހަތަރެސް ފައި ފިނިވެ އިރުކޮޅަކު މީހާ ހިމޭންވެއެވެ. އެނަން އިވުނަސް ހިތަށް އެ ލިބޭ ފިނިކަން ބުނެދޭންވެސް ނޭނގެއެވެ. ނަމަވެސް ކަންތަށް ވެފަ ހުރި ގޮތާ މެދު ވިސްނާލިޔަސް އަހަރެންގެ ދެލޯ ކަރުނުން ފުރެއެވެ. ހިތުގައި ރިއްސައެވެ.
އެއީ މީގެ 2 އަހަރު ކުރިއެވެ. އަހަންނާ ޝައިލާން އަާ އުޅެމުން އައީ ވަރަށް ވެސް ލޯބިންނެވެ. އެންމެންގެ ނަޒަރުގައި ވެސް ޝައިލާން އަކީ ގޯސް ކުއްޖެކެވެ. މުޖުތަމައު ބަލައިގަންނަ ކުއްޖެއް ނޫނެވެ. މަސްތުވާ ތަކެތީގެ ބޮޑެކެވެ. މާރާމާރިތަކުގައި އިސްވެ ހަރަކާތްތެރިވާ އެކެކެވެ. ޝައިލާން ގެ ނަން އިވުނަސް އެންމެނަށް ވެސް ވަނީ އެ އަޑު އަހަން ވޭނަކަށެވެ. ނަމަވެސް އެމީހުންނަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ. އަހަރެން ޝައިލާން އާ ރައްޓެހި ވީ އެހުރިހާ ކަމެއް އިނގި ހުރެއެވެ. އަހަރެން ޝައިލާންގެ ފަރާތުން ފެނުނު އެންމެ ގަޔާވި އެއް ސިފައަކީ ތެދު ބުނުމެވެ. ޝައިލާން ދުވަހަކުވެސް އަހަންނަކަށް ދޮގެއް ނަހަދައެވެ. އޮޅުވައެއް ނުލައެވެ. ގޯސް ކޮށް ކަމެއް ކުރެވުނަސް އެހެން މީހެއްގެ ދުލުން އެކަމެއް އަހަންނަށް އިނގޭ އިރު ޝައިލާންގެ ފަރާތުން އެކަމެއް އޮންނަނީ އެނގި ސާފު ވެފައެވެ. އަހަރެން ޝައިލާން ބާކީ އެއް ނުކުރަމެވެ. ތަދެއް ނުކުރަމެވެ. ނަސޭހަތް ލައިދެނީ ވަރަށް ވެސް ލޯބިންނެވެ. ނުވިސްނޭ ޅަ ސިކުނޑިއަކަށް ވިސނުވައިދޭ ފަދައިންނެވެ.
ދުވަހަކުވެސް މިސްކިތަކުން ނުފެންނަ ޝައިލާން މަދު މަދުން މިސްކިތްތަކުން ފެންނަން ފެށިއެވެ. ހަރާން ލާރި ހޯދުމުގެ ބަދަލުގައި ރަނގަޅު ވަޒީފާ އަކަށް ވަދެ ހަލާލު ގޮތުގައި އާމްދަނީ ހޯދަން ފެށިއެވެ. އެ ބޮޑު ސިންގާ އިސްތަށިގނޑު ކޮށާލިއެވެ. އެ ދޮން މޫނަށް އިތުރު ފުރިހަކަމެއް ލިބިގެންދިޔައެވެ. ވަރަށް ވެސް ރީއްޗެވެ. ދުވަހަކަށް ވުރެ ދުވަހެއް ޝައިލާން ދެކެ ވާ ލޯބި ދިޔައީ އިތުރުވަމުންނެވެ. އަންހެނަކަށްޓަކައި ފިރިހެނަކު ބަދަލުވި ތަން އަހަރެންނަށް ފެނުނީ އަލަށެވެ. ޝައިލާން އަށް ރަނގަޅު މަގު ފެނުމުގެ ސަބަބަކީ އަހަރެން ކަމުގަ ވީތީ އަހަރެން އުފާ ވެސް ވިއެވެ. އެ ހުރިހާ ކަމެއް ވީ އިރު ވެސް ޝައިލާން ހުރީ މާލެ ބަންދުގައެވެ. އޭރު ވެސް ދިޔައީ ހުކުމެއް ތަންފީޒުކުރަމުންނެވެ. ނަމަވެސް ދުވަސްކޮޅަކުން ޝައިލާންގެ އެ ހުކުމް ވެސް ނިމުމަކަށް އަންނާނެއެވެ. އަހަރެން ހުރީ ޝައިލާން އާ ބައްދަލު ކުރާ ހިތުން ކެތްމަދުވެފައެވެ. ދެމީހުންގެ ގުޅުމަށް 1 އަހަރު ފުރުނު އިރު ދިމާވާން އަދި ބާކީ 6 މަސް އޮތެވެ.
ޝައިލާން ގެ މަންމަ އަކީ ހަމަ ޖަވާހިރެކެވެ. ޝައިލާންގެ މަންމަ އާއި އަހަރެންގެ ގުޅުން ވަރަށް ވެސް ވަރުގަދައެވެ. ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ވަރަށް ވެސް ހިތް ހެވެވެ. ޝައިލާންގެ ދިރިއުޅުމަށް އަހަރެން ކަހަލަ މީހަކު އައުމުން ޝައިލާންގެ މަންމަ ވަރަށް އުފާކުރެއެވެ. އަބަދާ އަބަދު އެ ވާހަކަ ދައްކައެވެ. އޭގެ ތެރެއިން ދުވަހެކެވެ. ޝައިލާން އަހަރެންނަށް ގުޅިއެވެ. ޝައިލާން އަހަރެން ކައިރިޔަށް އަންނަން ބޭނުންވާ ވާހަކަ ބުންޏެވެ. ނަމަވެސް އަހަރެން އެކަމަށް އިންކާރު ކުރީމެވެ. ހުކުމް އެއްކޮށް ނުނިމެނީސް މާލެއިން ބޭރަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ވާނެ ގޮތް އަހަންނަށް އިނގޭތީއެވެ. ވިސްނުވައިދޭން ވަރަށް ވެސް މަސައްކަތް ކުރީމެވެ. ނަމަވެސް މިފަހަރު ހުރީ ގޮތްދޫކުރާ ގޮތަކަށެއް ނޫނެވެ. އަހަރެން ވަރަށް އާދޭސް ކުރީމެވެ.
ޖެހިގެން އައި ދުވަހުގެ ހެދުނުގެ ފްލައިޓް އިން ޝައިލާން ރަށަށް އައެވެ. ޝައިލާން އުޅޭ ރަށް އޮންނަނީ އަހަރެންގެ ރަށާ ވަރަށް ކައިރީގައެވެ. ވެދާނެ ގޮތަކާ މެދު އަހަރެން ހުރީ ބިރުން ހަލާކުވާވަރު ވެފައެވެ. ޝައިލާންގެ ހަބަރެއް ނުވެ 5 ގަޑި އިރު ހޭދަވެގެން ދިޔައެވެ. އަހަރެންގެ ހިތަށް ހާސްކަން ވެރިވިއެވެ. އެންމެ ފަހުން އޭނަގެ ރައްޓެހި ކުއްޖެއް ކައިރި އޭނަ ކޮބާތޯ އަހާލީމެވެ. އަހަންނަށް ރޮވުނެވެ. ކޯޓު އަމުރާ ހިލާފު ވުމާ ގުޅިގެން ޝައިލާން 8 އަަހަރަށް ހުކުމް ކޮށް ޖަލަށް ލެވުނެވެ. އަހަރެންނަށް ގޮތް ހުސްވިއެވެ. ބާރަށް ރޮއެގަނެވުނެވެ. އެތަށް ރޭގެ ނިދިން މަހުރޫމް ވިއެވެ. އަހަރެން ޝައިލާންގެ އިންތިޒާރުގައި ދުވަސްތަށް ގުނަން ފެށީމެވެ. އަހަރެން ނިންމައިގެން ހުރީ ޝާއިލާން މިނިވަން ވާ ދުވަހާ ޖެހެންދެން ވެސް މަޑު ކުރަންށެވެ. ނަމަވެސް އެންމެ ގިނަ ވެގެން ވެސް އަހަރެންނަށް މަޑުކުރެވުނީ އެންމެ 7 މަސް ވާންދެކަށެވެ. ހިތާ ދެކޮޅަށް ނަމަވެސް ޝައިލާން ދޫކޮށްލަންް އަހަންނަށް މަޖުބޫރު ވިއެވެ. ކުރާނެ ކަމެއް ނެތެވެ. މަންމަމެންނާ ދެކޮޅަށް އަހަންނަށް އެ ގުޅުން ކުރިޔަށް ގެންދިޔުން ވެގެން ދާނީ ހިލައަކުން ފެން ނެރުން ކަހަލަ ކަމަކަށެވެ. އެހެންކަމުން ހިތުގައި އަތް އަޅާލައިން ހުރެ އަހަރެން އެ ހަބަރު ޝައިލާން އަށް ދިނީ އޭނަގެ މަންމަ ކައިރި ބުނެގެންނެވެ.
އޭގެ ހަފްތާއެއް ފަހެވެ. ޖަލުން އަހަންނަށް ދެ ފަހަރަކު މަތިން ގުޅާފައި އޮތެވެ. ތިން ވަނަ ފަހަރަށް ގުޅި އިރަށް އަހަރެން ފޯނަށް ޖަވާބު ދީފީމެެވެ. އަހަރެންގެ ކަންފަތުގައި ޖެހުނީ ޝާއިލާންގެ ރުއިމުގެ އަޑެވެ. އަހަރެން ފެންކަޅިވިއެވެ. އެހެންނަމަވެސް އަހަރެން ދެރަވެފަ ހުރި ވަރު ޝާއިލާން އަށް އަންގާކަށް ބޭނުމެއް ނޫނެވެ. އަހަރެން ޝާއިލާން އާ ދުރުވީ ކަމަކަށް ޝައިލާން ގަބޫލެއްނުކުރިއެވެ. ކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އަހަރެން ޝައިލާން ގާތު ވައުދު ވީމެވެ. އެހެންނަމަވެސް އަހަރެމެން އުންމީދު ކުރާ ގޮތަކަށް އެއްވެސް ކަމެއް ނުހިނގާނެއެވެ. އަހަރެން ދެރަވެއެވެ. އެ ލޯތްބާ ދުރުވާން އަހަރެންގެ ހިތް ވެސް ދެކޮޅު ހެދިއެވެ. އަހަރެންގެ އެ ނިންމުމަކީ ހިތާ ދެކޮޅަށް އަހަރެން ނިންމި ނިންމުމެކެވެ. އަހަރެން ޝައިލާން އަށް ހުރިހާ ވާހަކަ ތަކެއް ކިޔައިދިނީމެވެ. އަހަރެންގެ ހާލަތު އޭނައަށް ވިސްނެއެެވެ.
އޭގެ ފަހުން ކޮންމެ މަހަކު އެއްފަހަރު އޭނާ އަހަންނަށް ގުޅައެވެ. އިވެނީ އަބަދުވެސް އެއް ޖުމްލައެކެވެ.”އަހަރެން އަދި އަންނާނަން” މިއެވެ. އަހަރެންގެ ހިތް ރޮއްވާލާ ޖުމްލައެކެވެ. އަހަންނަށް ހޭވެރިކަން ވީ އަހަރެންގެ އެކުވެރި ސަނާ އަހަންނަށް ގޮވާލުމުންނެވެ. އެދުވަހުންފެށިގެން އަދި އަދާ ހަމައަށް އަހަރެން މިހުންނަނީ ޝާއިލާންގެ އިނތިޒާރުގައެވެ. ޝައިލާން އަހަރެން ގެންގުޅޭ ގޮތަށް ގެންގުޅޭނެ ދެވަނަ އިންސާނަކު ނުުހުންނާނެކަން އަހަންނަށް އިނގެއެވެ. އަހަރެންގެ ހިތް ބުނަނީ ޝައިލާން އަދި އަންނާނެއެވެ.
