Skip to content
އެސްފިޔަ

އެއް ހިތެއްގެ ދެ ވިންދު

Listen to this story Audio · 7:32 Powered by Esfiya Voice
0:00 7:32

ނައިރާ އާއި ލައިރާއަކީ މާލޭގެ އުފާވެރި، ތަނަވަސް އާއިލާއަކަށް އުފަންވި، ސިފައާއި ރީތިކަމުން އެކަކު އަނެކަކާ ދޫނުކުރާ، ބަލާލި ކޮންމެ މީހަކަށް އޮޅޭނެހާ ވައްތަރު އެއްމާބަނޑު ދެބެއިންނެވެ. އެމީހުންގެ މެދުގައި އޮތީ އާދައިގެ ކޮއްކޮއާއި ދައްތައެއްގެ ގުޅުމެއް ނޫނެވެ. ޅަފަތުގެ ދައުރުއްސުރެ ފެށިގެން އެކަކަށް ދިމާވާ ކޮންމެ އުފަލަކާއި ހިތާމައެއް، އަނެކާ ބުނުމުގެ ކުރިންވެސް ހިތުގެ ފުން ގުޅުމުން އިހުސާސު ކުރެވެއެވެ. ނައިރާއަކީ ވިސްނުންތޫނު، ފޮތްކިޔުމަށް ލޯބިކުރާ މަޑުމައިތިރި ކުއްޖެކެވެ. ލައިރާއަކީ ވަރަށް ހަލޫކު، ސަކަރާތްޖަހާ، މީހުންނާ ގުޅޭ ސާދާ ކުއްޖެކެވެ. ދެމީހުން އެކުގައި ހީ ސަމާސާކޮށް ހަދާއިރު މުޅި ގޭތެރެ އޮންނަނީ އަބަދުވެސް ދިރުމުން ފުރިފައެވެ.

ނައިރާގެ ކޮލެޖް ދައުރުގައި އޭނާއަށް ދިމާވި މަހީން އަކީ އޯގާތެރި، ރީތި މިޒާޖެއްގެ ޒުވާނެކެވެ. މަހީން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ނައިރާގެ ހިތް އޭނާއަށް ހެދިޔާކުރެވުނެވެ. މަހީންގެ އެންމެ ގާތް އެކުވެރިޔާ ނާއިލް އަކީ ވެސް އެމީހުންގެ ގުޅުމަށް ވަރަށް އެހީތެރިވި ޒުވާނެކެވެ. ލައިރާ އާއި ނާއިލްގެ އެހީތެރިކަމާއެކު، ނައިރާ އާއި މަހީންގެ ލޯބީގެ ގުޅުން ބަދަހިވެ، ދެ އާއިލާގެ ފުރިހަމަ ރުހުމާއެކު ކައިވެނީގެ ތާރީޚު ކަނޑައެޅުނެވެ. މުޅި ގޭތެރެ އޮތީ ކައިވެނީގެ އުފާވެރި ފޮނި ހުވަފެންތަކުން ފުރިފައެވެ.

ކައިވެނީގެ ރަންވޭ ތައްޔާރުކުރުމާއި، މެހެމާނުންނަށް ދައުވަތު ކާޑު ބެހުމުގެ ބުރަ މަސައްކަތުގައި ނާއިލް އާއި ލައިރާ އުޅުނީ ނުހަނު އުފަލުންނެވެ. މަހީން ކޮންމެ ދުވަހަކު ކަހަލައިން ނައިރާއަށް ޚާއްޞަ ހަދިޔާތައް ގެނެސްދެމުން ދިޔައެވެ. ހަތަރު ޒުވާނުން އެކުގައި ހޭދަކުރި ކޮންމެ ވަގުތަކީ ސަމާސާއާއި ހުނުމުން ފުރިގެންވީ ފޮނި ހަނދާންތަކެކެވެ. މުސްތަގުބަލުގައި އޮތް ބާއްޖަވެރި ހަޔާތުގެ ބިންގާ އެޅެމުންދިޔައީ ނުހަނު އުންމީދީ ކުލަތަކުންނެވެ. ކައިވެނީގެ ހެދުން ފަރުމާކޮށް ނިމުމުން، ދެބެއިން އެކުގައި ހެދުން ބަލައިދާން ނިންމީ ނުހަނު ފޯރީގައެވެ.

ކައިވެންޏަށް ބާކީ އޮތީ އެންމެ ތިން ދުވަހެވެ. މުޅި މާލެއަށް ހިތްފަސޭހަ ހަވީރެއް ވެރިވެފައި އޮތް ވަގުތެކެވެ. ނައިރާ އާއި ލައިރާ އެކުގައި ކައިވެނީގެ ހެދުން ބަލައި ދިޔުމަށްފަހު، އެނބުރި ގެއަށް އަންނަން ސައިކަލުގައި ދަތުރުކުރަމުން ދިޔައެވެ. މަގުމަތީގެ ބާރު ބޮޑު ވަގުތެއްގައި، ކުއްލިއަކަށް ބާރު މިނުގައި އައި ކާރެއް ކޮންޓްރޯލުން ނެއްޓިގެން އައިސް އެމީހުންގެ ސައިކަލުގައި ބާރަށް ޖެހުނެވެ. މުޅި ސަރަހައްދު ސިހުނީ ދެ އަންހެން ކުދިންގެ ބާރު ހަޅޭކުގެ އަޑުންނެވެ. އެ މަންޒަރު ފެނުނު މީހުންގެ ހިތްތައް ބިރުން ސިހިގެން ދިޔައެވެ.

ޚަބަރު ލިބުމާއެކު މަހީން އާއި ނާއިލް ހާސްވެފައި ތުރުތުރުއަޅާ ހާލުގައި ދުވެފައި ހޮސްޕިޓަލަށް ދިޔައެވެ. އެމީހުން ދިޔައިރު ދެބެއިންވެސް އޮތީ އިމަޖެންސީކޮށް އައިސީޔޫއަށް ވައްދާފައެވެ. ތިއޭޓަރުގެ ބޭރުގައި ހުރި ރަތް ބޮކި ދިއްލުނު ވަގުތަކީ މަހީންގެ ހަޔާތުގައި އައި އެންމެ ދިގު، އެންމެ ބިރުވެރި ވަގުތެވެ. ނާއިލް އިނީ މަހީންގެ ކޮނޑުގައި ހިފަހައްޓައިގެން ހިތްވަރުދޭށެވެ. އެތައް ގަޑިއިރެއްގެ ބުރަ އޮޕަރޭޝަނަށްފަހު ޑޮކްޓަރު ބޭރަށް ނިކުތީ އިސްދަށަށް ޖަހާލައިގެން ހުރެއެވެ.

މަހީން.. ވަރަށް ހިތްވަރުކަންޖެހޭނެ. ނައިރާގެ ބޮލަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތެއް ނުކުރެވުނު. ލައިރާގެ ފުރާނަ ސަލާމަތްވި ނަމަވެސް، އޭނާގެ ދެލޮލުގެ ފެނުން މިހާރު ވަނީ މުޅިން ގެއްލިފައި،” ޑޮކްޓަރުގެ މި ޖުމްލައިން މަހީން އާއި ނާއިލްގެ މުޅި ދުނިޔެ އަނދިރިވިއެވެ. މަހީން ހޮސްޕިޓަލުގެ ފާރުގައި ބޯޖަހައި ބާރަށް ރޮއިގަތެވެ. ކައިވެނީގެ ބަގީޗާގައި ފޮޅެން އުޅުނު މާ ވަގުތުން މިލައިމޯޅިވެގެން ހިނގައްޖެއެވެ.

ނައިރާ ވަކިވުމުގެ ހިތާމައިގެ ސަބަބުން ލައިރާގެ ހަޔާތް މުޅިން އަނދިރިވިއެވެ. އޭނާ ކޮޓަރިން ބޭރަށް ނިކުތުން މުޅިން ހުއްޓާލައި، އެނދުމަތީގައި އޮވެ ރެޔާއި ދުވާލު ކަރުނަ އޮއްސައެވެ. ނައިރާގެ ހެދުންތަކުގައި ބާރަށް ބައްދާލައިގެން އޮވެ އޭނާ ކޮންމެ ދުވަހަކު ބުނަމުން ދިޔައީ ނައިރާއާ ނުލައި އޭނާ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ މަހީން އޭނާގެ އަމިއްލަ ހިތުގެ ފުން ހިތާމަ ފޮރުވައިގެން ހުރެ، ނައިރާގެ ހަނދާނަށްޓަކައި ލައިރާއަށް ހިތްވަރުދީ، ނާއިލްއާއެކު އޭނާގެ ކަންކަން ބަލަހައްޓަން ފެށިއެވެ. މަހީން ކޮންމެ ދުވަހަކު ލައިރާއާ ބައްދަލުކޮށް، އޭނާއަށް ކާންދީ ހިތްވަރުދެމުން ދިޔައެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވަމުން ދިޔައިރުވެސް ލައިރާގެ ހިތާމައަކަށް ބަދަލެއް ނާދެއެވެ. އޭނާ އަމިއްލަ ނަފުސު ކުށްވެރިކުރަމުން ދިޔައީ އެ ދުވަހު ސައިކަލު ދުއްވަން އިނީ އޭނާ ކަމަށްވާތީއެވެ. “މަގޭ ސަބަބުން ނައިރާ ދިޔައީ.. މަގޭ ސަބަބުން!” މިހެން ބުނެ އޭނާ ރޯ އަޑު އިވުމުން ގޭގެ އެންމެންގެ ހިތްތައް ކަރުނުން ފުރެއެވެ. މަހީން ކެތްތެރިކަމާއެކު ލައިރާގެ އަތުގައި ހިފާލައިގެން އިނދެ ވިސްނައިދެމުން ދިޔައީ އެއީ އެއްވެސް މީހެއްގެ ބާރެއް އޮތް ކަމެއް ނޫން ކަމަށެވެ. ނާއިލް ވެސް ދޭތެރެއަކުން އައިސް ލައިރާ ގޮވައިގެން ގޭގެ ބެލްކަންޏަށް ނިކުމެ، ފިނިވައިރޯޅިތަކުގެ އިހުސާސުން އޭނާގެ ހިތަށް ހަމަޖެހުން ހޯދައިދޭން މަސައްކަތް ކުރިއެވެ.

މި ބޮޑު ހިތާމައިގެ ތެރޭގައި މާޔޫސްކަމާއެކު އެއް އަހަރު ފާއިތުވެގެން ދިޔައެވެ. މަހީން އާއި ނާއިލް ކޮންމެ ދުވަހަކު އެގެއަށް ގޮސް ލައިރާގެ ފޫހިފިލުވައިދީ، އެކި ކަހަލަ ވާހަކަތައް ދައްކައި ހިތްވަރުދިނުމުގައި ބައިވެރިވިއެވެ. މަހީންގެ ތެދުވެރި އަޅާލުމުގެ ސަބަބުން، މަޑުމަޑުން ލައިރާގެ މޫނުމައްޗަށް އަލުން ދިރިއުޅުމުގެ އުންމީދުތައް އާކުރިއެވެ. އޭނާއަށް ހީވީ ނައިރާގެ ވަކިވުމަށްފަހުވެސް އޭނާ ބަލަހައްޓާނެ ރައްކާތެރި އަތެއް ލިބިފައިވާ ހެންނެވެ.

އެއްދުވަހަކު ހޮސްޕިޓަލުން ލައިރާއަށް ބޮޑު އުފާވެރި ޚަބަރެއް ލިބުނެވެ. އޭނާގެ ލޮލުގެ އޮޕަރޭޝަން ކުރުމަށް ބޭނުންވާ ލޮލެއް ލިބިއްޖެ ކަމުގެ ޚަބަރެވެ. އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމާއެކު ނިމުނެވެ. ލައިރާގެ ލޮލުގެ ބަންދު ނައްޓާލި ވަގުތު، އޭނާއަށް އެންމެ ފުރަތަމަވެސް ފެނުނީ އޭނާގެ ކުރިމަތީގައި ކަރުނުން ފުރިފައިވާ ދެލޮލަކުން ބަލަހައްޓައިގެން ހުރި މަހީންއެވެ. ކައިރީގައި ނާއިލް ވެސް ހިނިތުންވެފައި ހުއްޓެވެ. ލައިރާ އުފަލުން ގޮސް ރޮއިގަތެވެ. ދުނިޔޭގެ އަލިކަން އަލުން ފެނުމުން އޭނާއަށް އާ ދިރިއުޅުމެއް ލިބުނު ކަހަލައެވެ.

ލޮލުގެ ފެނުން އެނބުރި ލިބުމާއެކު، ލައިރާ އެންމެ ފުރަތަމަވެސް ދިޔައީ ނައިރާގެ ކޮޓަރިއަށެވެ. އެތަނުގައި ހުރި ނައިރާގެ ފޮޓޯއަށް ބަލާލާފައި އޭނާގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. ނަމަވެސް އެއީ ހިތާމައިގެ ކަރުނައެއް ނޫނެވެ. އޭނާާާގެ ހިތަށް އިހުސާސުވީ ނައިރާ އަބަދުވެސް އޭނާއާއެކު ވާކަމެވެ. މަހީން ލައިރާގެ ކައިރިއަށް ޖެހިލާ، އޭނާގެ ކަރުނަތައް ފުހެލަދިނެވެ.

މަސްތަކެއް ފާއިތުވެ، ލައިރާ މުޅިން ހަމައަކަށް އެޅުނެވެ. މަހީން ލައިރާއަށް ދިން އަޅާލުމާއި ތެދުވެރިކަމުގެ ސަބަބުން، ލައިރާގެ ހިތުގައި މަހީންއަށްޓަކައި ޚާއްޞަ ލޯތްބެއް އުފެދުނެވެ. މަހީންވެސް ގަބޫލުކުރީ ލައިރާގެ ސިފައިންނާއި އެ ދެލޮލުން އޭނާއަށް އަބަދުވެސް ފެންނަމުންދަނީ ނައިރާގެ ލޯބި ކަމަށެވެ. ދެ އާއިލާގެ އެދުމުގެ މަތިން، މަހީން އާއި ލައިރާގެ ކައިވެނި ކުރެވުނެވެ. ނާއިލް ވެސް އުފަލާއެކު މި ކައިވެނީގެ ހުރިހާ ކަމެއްގައި އިސްކޮށް ބައިވެރިވިއެވެ.

ކައިވެނީގެ ބާއްޖަވެރި ރޭ، ލައިރާ މަހީންގެ އަތްތިލައަށް މަޑުމަޑުން ފިތާލިއެވެ. “މަހީން.. އަހަރެންގެ ހިތުގެ ކޮންމެ ވިންދަކާއެކު، ނައިރާގެ ހަނދާންތައް އަބަދުވެސް އަހަރެމެންނާއެކު ވާނެ. އަހަންނަށް ތި ދިން އާ ދިރިއުޅުމާއި ތެދުވެރި އަޅާލުމަށްޓަކައި ހިތުގެ އަޑިން ޝުކުރު އަދާކުރަން،” ލައިރާ ޖަޒުބާތުން ފުރިގެންވީ އަޑަކުން ބުންޏެވެ. މަހީން އޯގާތެރިކަމާއެކު ލައިރާގެ ނިތްކުރީގައި ބޮސްދެމުން، ހިތްހަމަޖެހުމުގެ ފޮނި ހިނިތުންވުމަކުން ހިނިތުންވެލިއެވެ. ހަޔާތަށް އައި ބޮޑު ހިތާމައިގެ ކަނޑު ހުރަސްކޮށް، އެމީހުންގެ ދިރިއުޅުމަށް އަލުން އުފާވެރިކަމުގެ އުޖާލާ އިރު ފެނުނީއެވެ. އެ ދެމީހުން ދުނިޔެއަށް ސާބިތުކޮށްދިނީ ކިތަންމެ ފުން ހިތާމައެއް ކުރިމަތިވިޔަސް، ކެތްތެރިކަމާއި ތެދުވެރި ލޯބީގެ ބާރުގައި ކާމިޔާބީގެ ފޮނި އައްސޭރިއަކަށް ވާސިލުވެވޭނެ ކަމެވެ.

ނިމުނީ….
މިވާހަކަ ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން 😀💗

Comments (8)

  1. shaba_17

    Omg me first yay yaya 🤭😂
    Mi story vess vrh rythi MA 😍 💯
    You are so talented my dear ❤️
    Waiting for a new story when’s nxt
    Lysm and Tc 💕

    1. Raya.aaaaa
      shaba_17

      Yeaa u first shaba ☺️🫶🏻…
      Awwwn thank youuuuuuu sooo much 🫶🏻☺️…..
      Mihr submit kohlaafa vaanyy
      Lym and u also tc my dear 🫶🏻🫀

  2. Nuha.aaaaa

    Alhey manje… Mi story vess vrh rythi MA 💕✨
    MA you are so talented my young author 😍
    Ehn story ehge inthizaaru ga ingey…,🤭💞
    Lysm and Tc bbg 🤭❣️

    1. Raya.aaaaa
      Nuha.aaaaa

      Alhey Thank youuuuuuu sooo much nuha ☺️🫶🏻…..
      Yeah inthizaaru kohla!
      Lym and u also tc bby 🫶🏻🫀

  3. Ikaan_22

    Vvv nice MA 😍
    EHN STORY EHGE INTHIZAARU GA ✨💓
    LYSM 🖤<3🖤

    1. Raya.aaaaa
      Ikaan_22

      Thank youuuuuuu ikaan 🫶🏻☺️…
      Yeah inthizaaru kohla 😀
      Lym 🫶🏻🫀

  4. Anonymous

    I Ah varah Reeth I mivaahaka. Im Looking forward to seeing more of us amazing stories. 😊

    1. Raya.aaaaa
      Anonymous

      Awwwn thank youuuuuuu sooo much Anonymous 🫶🏻🥹

Comments are closed.