Skip to content
އެސްފިޔަ

ކަނު އިތުބާރުގެ ނިމުން

Listen to this story Audio · 6:04 Powered by Esfiya Voice
0:00 6:04

 

އަލޫކާއަކީ އެންމެންގެ ދުލުން ތައުރީފުގެ ބަސްތައް އޮހެމުންދިޔަ، މުޅި ރަށަށްވެސް ނަމޫނާ ކުއްޖެކެވެ. އޭނާގެ ހިތްހެޔޮކަމާއި، ކިޔެވުމަށް ހުންނަ ޝައުގުވެރިކަމާއި، މީހުންނަށް އިހްތިރާމްކުރުމުގެ ރީތި ސިފައަކީ އެންމެންގެ ހިތްތައް އަތުލާފައިވާ ކަންކަމެވެ. އަލޫކާގެ ދިރިއުޅުމަކީ ވަރަށް އާދާޔާޚިލާފު އުފާވެރިކަމެއް ލިބިފައިވާ ދިރިއުޅުމެކެވެ. އޭނާގެ ދުނިޔެ ބިނާވެފައި އޮތީ އޭނާގެ އަމިއްލަ އާއިލާގެ އިތުރުން، އޭނާގެ ފުރާނަ ފަދަ ދެ އެކުވެރިން ކަމަށްވާ އާޔާ އާއި އައިޝީގެ މައްޗަށެވެ. މި ތިން ކުދިންނަކީ ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވި، އެކަކު އަނެކަކާ ނުލައި ނޫޅެވޭވަރުގެ ގާތް ތިން އެކުވެރިންނެވެ.

އަލޫކާ އޭނާގެ ހިތުގެ ހުރިހާ ސިއްރަކާއި، އުފަލާއި ހިތާމައެއް ހިއްސާކުރަނީ އާޔާ އާއި އައިޝީއާއެވެ. އޭނާ ގަބޫލުކޮށްގެން ހުރީ އޭނާގެ ކާމިޔާބީގައި އެންމެ ބޮޑަށް އުފާވާނެ، އަދި އޭނާއަށް ދެރައެއް ލިބޭ ވަގުތު ހިތާމަކުރާނެ ހަމައެކަނި ބަޔަކީ އެއީ ކަމަށެވެ. އެމީހުންނަށްޓަކައި ކޮންމެފަދަ ގުރުބާނީއެއް ވާންވެސް އަލޫކާ ހުންނަނީ ތައްޔާރަށެވެ. އެއީ އޭނާގެ ހިތުގައި އެމީހުންނަށް ދެވިފައިވާ ކަނު އިތުބާރެއްގެ ބޮޑުކަމުންނެވެ.

ނަމަވެސް، އިންސާނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލުމަށް ބޭނުންވަނީ ހަމަ އެންމެ ސިކުންތެކެވެ. އެއީ ވާރޭވެހި، މާހައުލު ފިނިކޮށްލާފައި އޮތް ބުރާސްފަތި ދުވަހެއްގެ ހަވީރު ވަގުތެވެ. އެ ދުވަހަކީ ސްކޫލުގެ ބޮޑު އިމްތިހާނުގެ ނަތީޖާ ފާޅުކުރި ދުވަހެވެ. އަލޫކާ މުޅި ސްކޫލުން އެއްވަނަ ހޯދިއިރު، އާޔާ އާއި އައިޝީއަށް ލިބުނީ އާދައިގެ ނަތީޖާއެކެވެ. އަލޫކާ ހީކުރީ އޭނާގެ މި ބޮޑު އުފަލުގައި އެންމެ ފުރަތަމަވެސް ބައިވެރިވާނީ އޭނާގެ ދެ އެކުވެރިން ކަމަށެވެ. އެހެންކަމުން، އޭނާ އެމީހުންނަށް އެއްވެސް އެންގުމަކާ ނުލައި، ސަޕްރައިޒެއް ދިނުމުގެ ގޮތުން ކޭކެއް ހިފައިގެން އައިޝީގެ ގެއަށް ދިޔައެވެ. އެއީ އެވަގުތު އާޔާވެސް އައިޝީގެ ގޭގައި އުޅޭނެކަން އެނގޭތީއެވެ.

އައިޝީގެ ގޭގެ މައިދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އަލޫކާ ހިނިތުންވުމަކާއެކު، ސިއްރުސިއްރުން ގޭގެ އެތެރެއަށް ވަދެގެން ދިޔައީ އެމީހުން ތިބި ކޮޓަރިއާ ދިމާއަށެވެ. އޭނާ ހުރީ އެމީހުންގެ ކުރިމައްޗަށް އަރައި، ބާރަށް ހަޅޭއްލަވައިގެންފައި ސަޕްރައިޒް ދޭން ތައްޔާރުވެގެންނެވެ. ނަމަވެސް، ކޮޓަރީގެ ދޮރުމައްޗަށް އެރިތަނާ އެތެރެއިން އިވުނު ވާހަކަތަކުން އަލޫކާގެ ފައި ބިމުގައި ތަތްވި ކަހަލައެވެ. އޭނާގެ އަތުގައި އޮތް ކޭކު ފޮށި ބިމުގައި ނުޖެހުނީ ހަމަކިރިޔާއެވެ. އެތެރޭގައި ތިބި އާޔާ އާއި އައިޝީއަކަށް އަލޫކާ އައިސް ދޮރުމަތީގައި ހުރި ކަމެއްގެ ކުޑަވެސް ހިލަމެއް ނުވެއެވެ.

“އަހަރެން ހަމަ ފޫހިވެގެން ހަލާކުވޭ އެ އަލޫކާދެކެ. މިއަދުވެސް އެއްވަނަ ލިބުނީމާ އުޅުނު ގޮތް ދުށިންތަ؟ ހީވަނީ މުޅި ދުނިޔެ އެކަނި އޭނާއަށް މިލްކުވެގެން އުޅޭހެން. އެއީ ހާދަ ފޮނި، ބޮޑާ ކުއްޖެކޭ،” އާޔާގެ އަޑުގައިވީ ހަސަދަވެރިކަމާއި ނަފުރަތެވެ.

އައިޝީ ބާރަށް ހީނގަތުމަށްފަހު ބުންޏެވެ. “ތީ ހަމަ ހަގީގަތް. އެންމެންގެ ކުރިމަތީގައި ހާދަ މާތްވެގެން، ހިތްހެޔޮވެގެން އެއުޅެނީ. އެކަމަކު އެއީ ހަމަ މީހުންނަށް ދައްކަން ކުރާ ކަމެއް. އަހަރެން އޭނާއާ އެކުވެރިވެގެން މި އުޅެނީވެސް ހަމަ އޭނާގެ ނޯޓްސްތަކާއި އެހީތެރިކަން ބޭނުންވާތީ. ކިޔަވައި ނިމުނު ދުވަހަކުން ތި އަލޫކާގެ މަތިން އަހަރެން ހަނދާންވެސް ނައްތާލާނަން.”

“އަހަރެންވެސް! އޭނާ ހީކުރަނީ އަހަރެމެން މިއީ ހަމަ ހަގީގީ އެކުވެރިން ކަމަށް. ކޮންމެ އެއްޗެއް ބުންޏަސް ގަބޫލުކުރާނެ. ހާދަ މޮޔައޭ ދޯ،” އާޔާ އިތުރަށް ބުންޏެވެ.

އެމީހުން ދިޔައީ އަލޫކާގެ ދިރިއުޅުމުގެ ސިއްރުތަކަށް މަލާމާތްކޮށް، އޭނާގެ ނިކަމެތިކަމާއި ކާމިޔާބީއަށް ފާޑުކިޔަމުންނެވެ. އަލޫކާގެ ދޮންބެއަށް ދިމާވި ހާދިސާއަކަށްވެސް އެމީހުން މަލާމާތްކޮށް ހީނހެދިއެވެ. އެއީ އަލޫކާ އޭނާގެ ހިތްމަތީ އަތްއަޅާފައި އެމީހުންނަށް ކިޔައިދީފައިވާ ސިއްރުތަކެވެ.

އެ ދުލުން ބޭރުވަމުންދިޔަ ކޮންމެ ލަފްޒަކީ އަލޫކާގެ ހިތް ކުދިކުދިކޮށްލި ތޫނު ކަނޑިއެއް ފަދަ އެއްޗެކެވެ. އޭނާގެ ކުރިމަތީގައި “އަލޫ” އޭ ކިޔާފައި އޮޅުލައި، ލޯބިވާކަމަށް ހެދިގެން ތިބި މޫނުތަކުގެ ފުރަގަހުގައިވާ ކަނު އަނދިރިކަމާއި ނަފުރަތު ފެނުމުން އޭނާގެ ނޭވާ ހާސްވިއެވެ. ލޮލުން ހޫނު ކަރުނަތައް ހިފެހެއްޓުމެއް ނެތް ގޮތުގައި އޮހޮރެން ފެށިއެވެ. އޭނާ ބޭނުންވީ އެތެރެއަށް ވަދެ އެމީހުންނާ ދިމާއަށް ހަޅޭއްލަވައިގަންނާށެވެ. ނަމަވެސް އޭނާގެ އަރު ބެދުނެވެ. ވާހަކަދައްކާނެ ހިތްވަރެއް ނުލިބުނެވެ. އޭނާ މަޑުމަޑުން ފަހަތަށް ޖެހިލާ، އެމީހުންނަށް ނުފެނި، އަތުގައި އޮތް ކޭކު ފޮށި ގޭގެ ބޭރުގައި ހުރި ގޮނޑިއެއްގެ މަތީގައި ބޭއްވުމަށްފަހު އެގެއިން ނިކުމެގެން ދުވެފައި ހިނގައްޖެއެވެ.

އެ ރޭ އަލޫކާ ކޮޓަރީގައި އިނދެ ވަރަށް ރޮއެ ހެދިއެވެ. އޭނާގެ ހިތުގައި އުފެދުނު ރިހުމަކީ ދުވަހަކުވެސް ފަސޭހަވާނެ ރިހުމެއް ނޫނެވެ. އޭނާ މީހުންނަށް ކުރަމުންދިޔަ އިތުބާރު އެ ސިކުންތުން ފެށިގެން މުޅިން ހުއްޓާލިއެވެ.

ޖެހިގެން އައި ދުވަހު އާޔާ އާއި އައިޝީ އަލޫކާގެ ގާތަށް އައީ އާދައިގެ މަތިން ހިނިތުންވަމުންނެވެ. އަދި އައިޝީގެ ގޭގެ ބޭރުގައި ކޭކެއް އޮތް ވާހަކައާއި، އެއީ ކާކު ބޭއްވި އެއްޗެއް ބާއޭ ކިޔައި އަލޫކާގެ ކުރިމަތީގައި އެކްޓް ކުރަން ފެށިއެވެ. އަލޫކާ އެމީހުންނާ ދިމާއަށް ބަލާލިއެވެ. އޭނާގެ ލޮލުން ކުރިން ފެންނަ ދިރުމާއި އޯގާތެރިކަމެއް މިހާރަކު ނެތެވެ. އޭގެ ބަދަލުގައި އޮތީ ފުން ހިމޭންކަމެކެވެ.

އަލޫކާ އެމީހުންނާ ޒުވާބެއް ނުކުރެއެވެ. އެމީހުން ދެއްކި ވާހަކަ އެނގޭ ކަމަކަށްވެސް ނަހަދައެވެ. ނަމަވެސް، އެ ދުވަހަށްފަހު އަލޫކާގެ ހިތުން އެމީހުންގެ މަގާމު މުޅިން ފުހެވިގެން ހިނގައްޖެއެވެ. އޭނާ އާޔާ އާއި އައިޝީއާ ވާހަކަދެއްކުން މަދުކޮށް، އެކަނިވެރިކަން އިޚްތިޔާރު ކުރިއެވެ. ކުރިން ހުރިހާ ވާހަކައެއް ހިއްސާކުރި ކުއްޖާ، މިހާރު ހުރިހާ ސިއްރެއް ހިފެހެއްޓީ އަމިއްލަ ހިތުގައެވެ.

އަލޫކާ ދަސްކުރީ އަމިއްލަ ނަފްސަށް އެކަނި ބަރޯސާވާށެވެ. އިންސާނުންގެ ދެއްކުންތެރި މޫނުތަކުގެ ހަގީގަތް ފެނުމަށްފަހު، ދެން ދުވަހަކުވެސް މީހެއްގެ ފޮނި ބަސްތަކަށް ހިތް ހެއްލާނުލުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ. އޭނާގެ މޮޅުކަމާއި ކާމިޔާބީގައި ކުރިއަށް ދިޔައީ އެއްވެސް މީހަކަށް ހިތުގެ ދޮރުތައް ހުޅުވައިނުލައެވެ. އޭނާގެ ވަށައިގެން މީހުން އުޅުނަސް، އޭނާގެ ހިތް ބަދަލުވީ ދުވަހަކުވެސް މީހަކަށް ފޫނުބެއްދޭނެ ފަދަ ވަރުގަދަ ކިއްލާއަކަށެވެ. އެއީ ގާތް މީހުންގެ ހަގީގަތް ލައިވްކޮށް ފެނުމުން ލިބުނު ހިތްދަތި، ނަމަވެސް މުހިންމު ފިލާވަޅެކެވެ.

ނިމުނީ

 

 

 

 

Comments (16)

  1. Gurrly currly

    Woowwwwwwwww…….
    Hurihaa vhk thakaa alhaa balaairu mi vhk maa furihama…
    Vrh bodah improve vefa hurikan faahaga vey….
    Neynge bunaane ehchehvx … maashaa allah❤️…
    Keep shining girl…..
    Lysm 😍

  2. Alaika_22

    Shaba What a beautiful masterpiece 😍
    I feel bad for alooka 😭
    Curiously waiting for the next masterpiece 💕
    When’s next??????
    Lysm and tc 💕✨

    1. Shaba
      Alaika_22

      Awwn Thank youuu sm it means a lot to me 💕
      Yea I also feel bad for Alooka 😔😭
      Next story eh vx vrh avahah IA Stay tuned!
      Lym u also tc

  3. Svetlana

    This is a lesson that’s important to highlight.hope it benefits all readers who need to hear it. Thank you for writing a story with such a strong and useful life lesson which could literally save someone’s mental health Shaba ❤️🤗

    1. Shaba
      Svetlana

      Awwn Thank youuu sm ❤️ it means a lot to me
      Your welcome dear 💗

  4. Gurrly currly

    Woowwwwwww…
    Kuree vhk thakaa alhaaa balaairu vrh vrh furihama, Maashaa allah..
    Vrh bodah improve vefa hurikan faahaga veyy…
    Keep shining girl ☺️
    Love you 😍

  5. Un_known

    Vhk vrhhh reethii Masha Allah 🫶🏻💗
    Vrh ufaa vejje mi kahala stry eh genes dhineema ✨💫
    Thank you so much 🥹✨
    Vrh iburaiytheri vhk eh
    Ummeedhakee vhk kiyaa enmen ah rangalhu filaavalheh dhas vun…
    Keep going Shaba!!..🙌🏻
    Alhuganduge support IA libeyne🫶🏻🔥

  6. Shaba

    Awwn Thank youuu sm it means a lot to me 💞
    your welcome dear 💗 lahbba eii Alhugandhu ge ves unmeedhakee… Vrh Ufaavehje Unknown ge support Alhugandah libeyne kan ingunyma 💕

  7. Anonymous

    Varah iburaiytheri vhk eh keep up the good work 😻✨

    1. Shaba
      Anonymous

      Thank youuu sm for the lovely comment 💕

  8. Mysha

    Mi vhk vs vrh rythi MA 🤗
    Vrh rangalhu lesson eh Mi vhk in libey 🥀
    When’s new story can’t wait?
    Lysm and Tc 💗

    1. Shaba
      Mysha

      Happy to know that you enjoyed 💗
      Thank youuu sm it means a lot to me 💕
      Submit kohlaafa ihnaany adhi pending ga iny!
      Stay Stuned! Lym U also Tc Myyyyyy 🥀🖤

  9. Black

    Awesome 😜 Masterpiece of yours. Vrh vrh Furihama and Reethi MA🖤🥀 Shaba you’re so awesome…in rlf really friends do what they did to Alu I felt sorry for her.🥀 Gud friends egothakah nahadhaane ehnoon.. ANYWAYS, CW4whennext??
    Lysm💔🖤 & Tc my Darl.🖤🖤

    1. Shaba
      Black

      Happy to know that you enjoyed 💗
      Awwn Thank youuu sm for ur support Black 💕
      Your comments always make me happy 😊❤️
      Aslu vx real friends nuhadhaane egothakah 😭
      Next story submit kohlaafa adhi pending ga iny
      Stay stuned, Lym U Also Tc My dear 💞

  10. Aisherr

    Awesome girl 👧

  11. Shaba

    Thank youuu 💕

Comments are closed.