އެހެން ދުނިޔެއެއް؟ – 4
ރޭގައި ނިދި ގަހުގެ އޮފިތަކު މައްޗަށް އަރާ ހަމަޖެހޭވޭތޯ ބެލިއެވެ. ޝަފީންއަށް އަދިވެސް މިއީ ހުވަފެނެއް ނޫންކަން ގަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. މި ތަނަކީ ދިރިއުޅެން އުނދަގޫ ތަނެއްކަން ޝަފީން ނިންމިއެވެ. އޭނާގެ މައިންބަފައިންގެ ގޭގައި ހޭދަކުރި ދުވަސްތައް މާޒީއިން ހަނދާން އާވާން ފެށިއެވެ. ހޫނު ގަރުދިޔައާއި ތާޒާ ވަޅޯމަހާއެކު ރިހާކުރާއި ބަތް ކޭ ހަނދާންވެ ކުޅުދިޔާވާ ގޮތްވިއެވެ. އޭނާ އަދި މި ދުނިޔެއަށް އައިފަހުން ރަނގަޅަށް ކެވުނީކީއެއް ނޫނެވެ. ކޯރުފެން ފިޔަވައި އެހެންތާކުން ސާފު ފެންފޮދެއް ލިބުނީކީއެއް ނޫނެވެ. އޭނާ އިންތިހާއަށް ބަނޑުހައިވެއެވެ. ނަމަވެސް އެހެން މީހަކަށް ބަރޯސާވެގެން ނޫޅުމަށް އޭނާގެ ބައްޕަ ކުރި ވަސިއްޔަތް ހަނދާންވުމުން އަލްފަންމެންނަށް އޭނާގެ ހާލަތު ކިޔައިދެން ބޭނުން ނުވީއެވެ. ކޮންމެގޮތެއްވިޔަސް އޭނާ މިތާގައި މަރުވަންދެން އުޅެން ޖެހެއެވެ. އެހެންކަމުން އާ ހިއްވަރެއްލައި ގަހުން ފުންމާލިއެވެ.
ކަނޑި ހިފައި ގެންގުޅުމަށް ފަރިތަވާން ޝަފީން ބޭނުންވެއެވެ. ޜަނީފް އުފައްދައިދިން ކަނޑި ނަގާ އަތަށް މަހާލިއެވެ. އަދި އެކި ގޮތްގޮތަށް ވައިގެ ތެރޭ ހޫރުވާލިއެވެ. ގަހުގެ މައިގަނޑުގައި އެކި ދިމަދިމާއިން ކަނޑިއަޅާ ފަރިތަކުރިއެވެ. ނިމިދިޔަ ހަޔާތުގައި ކަނޑިއެއް ހަމަލޮލަށް ނުފެނުނު ކަމުގައިވިޔަސް، ޝަފީންއަކީ ކަންކަން އެހާ ފަސޭހައިން ދޫކުރާ މީހެއް ނޫނެވެ. ކޮންމެ ކަމެއް ކުރިޔަސް އެކަމެއް އެންމެ ފުރިހަމައަށް ކުރެވޭތޯ ބެލުމަށް އޭނާގެ ބައްޕަ ދޭ ނަސޭހަތް ހަނދާންވެ، ބަލިވި ކޮންމެ ފަހަރަކު އާ ހިއްވަރެއްލައި ކޮޅަށް ތެދުވެއެވެ. މެންދުރުގެ ހޫނުގަދަ ވަގުތު ޖެހުނުހެން ޒަޥްލާ ކައިރިއަށް ދިޔުމަށް ހަނދާންވިއެވެ. ފަޓުލޫނު އަރީގައި ކަނޑި އެއްސުމަށްފަހު އާހިތަވެރިންގެ ހަރުގެއަށް މިސްރާބުޖެހިއެވެ.
ހަރުގޭގެ ބޮޑުބައެއްވަނީ ފުރިބާރުވެފައެވެ. މީހުންތައް އެކި ކަންކަމުގައި މަޝްޣޫލުވެ އުޅުނެވެ. ޝަފީންއަށް ލޮލުގައި އަޅައިގަތީ ހަރުގޭގެ ކަނެއްގައި މަލާމާތްކުރަމުންދިޔަ މަންޒަރަށެވެ. ރަނގަޅަށް ބަލައިލިއިރު އެއީ ޒޫލާކަން އެނގި މަލާމާތްކުރަމުންދިޔަ މީހާއާ ކުރިމަތިލާން ނިންމިއެވެ. އެއީ ޝަފީންއަށް އޭނާގެ ބައްޕަ ދަސްކޮށްދިން އާދައެކެވެ. އަބަދުވެސް ބޭނުންޖެހިފައިވާ މީހުންނަށް އެހީ ދިނުމެވެ. މީހުންގެ ދޭތެރެއިން ހިނގާފައިގޮސް ޝަފީންއަށް އެ މީހުން ފެނުމުން ޖެހިލުންވިނަމަވެސް ޝަފީން ކުރިމައްޗަށް އެރިއެވެ. “މަލާމާތްކުރުމަކީ ވަރަށް ގޯސްކަމެއް.” ޝަފީން އެމީހުންނާ ދިމާއަށް ބުންޏެވެ. “ކަލޭ ތީ ކާކު؟ ކަލެއާ ކޮން ބެހޭކަމެއް!” އެ މީހުން ހަޅޭއްލަވައިގަތެވެ. އަދި ޝަފީންގެ ކަރުގައިހިފާ މައްޗަށް އުފުލާލިއެވެ. އޭގެ އަނެއް މީހާ ޝަފީންގެ ބަނޑުގައި ބާރަށް ޖެހިއެވެ. ވީ ތަދަށް އަޅައިނުލާ ޒޫލާ ކައިރި ދުރަށް ދިޔުމަށް ޝަފީން ބުނަމުން ދިޔައެވެ. ޒޫލާ ދިޔައީ އަވަހަށް އެހީއެއް ހޯދާށެވެ. އެންމެ ކައިރީގައި ހުސްކޮށް ހުރި ޒަޥްލާއަށް އެ ކަންތައް ހުށަހެޅިއެވެ.
އިރުކޮޅަކު އެ ހާލުގައި އެ މީހުން ހިފެހެއްޓިއެވެ. ނޭވާނުލެވި ގިނައިރުވުމުން ހާސްވެފައި ހާލުގައި ވަނިކޮށް ކުއްލިއަކަށް ޒަޥްލާ އެތަނަށް ކަޅު ޔުނީފޯމެއްގައި ތިބި ބަޔަކު ގެނައެވެ. ޔުނީފޯމުގައި ތިބި މީހުން ޝަފީން ސަލާމަތްކޮށްދިނެވެ. މަލާމާތްކުރި މީހުންނަށް އިންޒާރު ދޭން ފެށިއެވެ. ޝަފީން ބަނޑަށް ތަދުވާތީވެ އަތް އަޅައިގެން ހުއްޓެވެ. ޒޫލާ ދުވެފައި އައިސް ޝަފީންގެ ހާލު ބެލިއެވެ. އަދި ދެންމެ ހިނގި ކަންކަމަށް މަޢާފަށް އެދެން ފެށިއެވެ. އެއީ އެހާބޮޑުކަމެއް ނޫންކަމަށްބުނެ ޝަފީން ޒަޥްލާގެ މޭޒުކައިރިއަށް ދިޔައެވެ. ޒަޥްލާ ޝަފީންގެ ފާސް ހިފައިގެން ނުކުތެވެ. މޭޒުގައި އަތް ވިއްދައިގެންހުރި ޝަފީންއަށް ފާސް ފެނުނުހެން އެ ހިފައިގެން ހަރުގެއިން ނުކުތެވެ. އޭނާ އާންމުކޮށް ނިދަމުންދިޔަ ގަހުގެ ބުޑުގައި އިށީނދެ ބިމުގައި ދެމިގަތެވެ. ބަނޑުގައި އެއްޗެއް ނެތުމާއެކު ގައިގަ ވަރެއްވެސް ނެތެވެ. ކޮޅައް ހުރެލާނެ މިންވަރުވެސް މިހާރު ޝަފީންގެ ގައިގައި ނެތެވެ. ޝަފީންއަށް ލޯމެރުނެވެ.
ޝަފީންއަށް ހޭވެރިކަންވީ މީހަކު އޭނާގެ ނަން ގޮވަމުންދިޔަ އަޑަށެވެ. ހަށިގަނޑު ސީދާކޮށް އިށީންނަމުން ދެ ލޯ އުނގުޅާލިއެވެ. އަދި އެއީ ކާކުތޯ ބެލުމަށް އަވަސްވެގަތެވެ. “ޜަނީފް؟ ކީއްކުރަނީ މިތާ؟” ޝަފީން ފުރަތަމަވެސްކުރީ ސުވާލެވެ. “ބަލަ އަހަންނެއް ނޫންތަ ތި ސުވާލު ކުރަންވީ؟” ޜަނީފްވެސް ސުވާލު އަނބުރާލިއެވެ. “މިއަދު ވަރުބަލިވެގެން މިތާ އިށީނދެ އިންދާ ނިދި ޖެހުނީ!” ޝަފީން ވިސްނާލުމަށްފަހު ދޮގެއް ހަދާލިއެވެ. “މަށަށް ނޭނގޭނެ ކަމަށްތަ ތި ދޮގު ހަދަނީ؟ ޝަފީން ގަސްތަކުގެތެރެއަށް ދާ މަންޒަރު އަހަންނަށް ކޮންމެ ރެއަކު ފެނޭ!” ޜަނީފް ތެދަށް ކިޔައިދިނެވެ. ޝަފީން އިސްދަށަށް ޖަހާލަމުން ތެދުވިއެވެ. “އާދޭ މަށާއެކު އަހަރެން ހިފައިގެންއުޅޭ ކޮޓަރީގައި ކަލެއަށްވެސް ހުރެވޭނެ.” ޜަނީފް ޝަފީންގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ޝަފީން ޜަނީފްއާއެކު އޭނާ އުޅެމުންދިޔަ ގެއަށް ގެންދިޔައެވެ.
ދޮރު ހުޅުވާލުމަށްފަހު، ޜަނީފް އަލިފާނުގެ ވޮށްތައް ދިއްލާލިއެވެ. ގޭތެރެއަށް އަލިކަންވީހެން ޝަފީން ބުންޏެވެ. “ހާދަހާ ބައިވަރު އެއްޗެހިތަކެއް މިހުރީ!” ހިނގާލާނެ ތަންކޮޅެއްވެސް އެތާ އެތެރޭގައި ނެތެވެ. “އަހަރެން ބުރަކޮށް އުޅޭތީވެ، ސާފުކުރާނެ ވަގުތެއްނުވޭ.” ޜަނީފް އެހެން ބުނަންވާއިރަށް ޝަފީން އެ ތަނުގައިވާ ފުޅިތައް ނެގިއެވެ. ޜަނީފް ދެބަސްވިޔަސް ޝަފީން އުޅޭތަނެއް ސާފުކޮށް ބޭއްވުމީ އޭނާގެ އާދައެވެ. ދެތިން ގަޑިއިރެއްފަހުން، ޜަނީފްގެ މުޅި ގޭތެރެ ސާފުކޮށް ނިމުނެވެ. ޝަފީންހުރީ މާނޭވާލެވޭ ވަރަށް ވަރުބަލިވެފައެވެ. ފޮތްތަކާއި، ފުޅިތަކާއި، ކުނިބުނިތައް ވަކިކޮށް ތަރުތީބުކޮށްފައި ޝަފީން ގޮނޑީގައި އިށީނެވެ. ޜަނީފްވެސް އޭނާގެ ފޮތްތައް ހިފައިގެން ކިޔަވާ ކޮޓަރިއަށް ގެންދިޔައެވެ. އެ ކޮޓަރިން ނުކުންހެން ޜަނީފްއަށް އަޑު އިވުނީ ޝަފީންގެ ބަނޑުން ގޮވައިގެންދިޔަ އަޑެވެ. “ބަނޑުހައިވީ ދޯ؟ އާދޭ ބަދިގެއަށް” ޜަނީފް ބޯކަހާލަމުން ބުންޏެވެ.
ޜަނީފްގެ ފަހަތުން ބަދިގެއަށް ވަދެގެންދިޔަ ޝަފީންއަށް އަނެއްކާވެސް އަޅައިގަތީ ހަޑިކޮށްފައިހުރި ތަށިތަކާއި، ބޭނުންކޮށް އެއްލާލާފައިހުރި، ބައެއް ތަރުކާރީއެވެ. ޝަފީންއަށް އުނދަގޫވެގެން މުޅި އެތަން ސަފުކުރަން އުޅުނެވެ. “ދެން މިތަން ސާފުކުރަން އުޅޭނެ ކަމެއް ނެތް.” ޜަނީފް ބުންޏެވެ. “މިފަދަ ހަޑިތާކު ކެވޭނެތަ؟” ޝަފީން ފަކުރުގެންފައިހުރި މޫނެއް ހަދާލަމުން މުށިތަކުގައިވާ ހަޑިތައް ފިލުވަމުން ދިޔައެވެ. ޝަފީން ސާފުކުރަމުންދިޔައިރު، ޜަނީފް އުޅުނީ ކާނެ އެއްޗެހި ތައްޔާރު ކުރާށެވެ. ކެރެޓާއި، ބޮނޑިކޮޕީފަދަ އެއްޗެހި ގަނެފައިހުރިކަން އެއީ ނަސީބެވެ. އެ އެއްޗެހިކޮށާ ކަންތައްކުރިއިރުވެސް ޝަފީން ސާފުކޮށް ނުނިމެއެވެ. އިރުއޮއްސިގެންދިޔަ ވަގުތުކަމުން ޝަފީން މިއަދަށް މަސައްކަތް ހުއްޓާލާފައި، ޜަނީފްއާއެކު ޝަފީން ކާން އިށީނެވެ. “މިދިޔަ ހުރިހާ ދުވަހަކުވެސް މިތާގަތަ އުޅުނީ؟” ޝަފީން އަދިވެސް ސުވާލު ކުރިއެވެ. “ވަރަށް ދުވަސްވެއްޖެ ސާފުނުކޮށް. އެހެންވެ އެގޮތަށް އެ އޮތީ.”ޜަނީފް ކުރު ޖަވާބެއްދިނެވެ.
އެ ގޭތެރެ ސާފުކުރާނެ ވާހަކަ ޝަފީން ދެއްކިއެވެ. ޜަނީފް ހާސްވެހުރެ ބުންޏެވެ. “ދެން މިހާރު އުޅޭނިކަމެއް ނެތް. ނިދަންވީ!” ޜަނީފް އުޅެމުންދިޔަ ކޮޓަރިއަށް ވަދެވުނުހެން ޝަފީން އަނގަ ހުޅުވިގެން ދިޔައެވެ. މުޅި ކޮޓަރިތެރޭގައި ހުދު ކުލައިގެ މުށި ޖަހާފައިވެއެވެ. އެނދުވެސް އެހާމެ ބޮޑެވެ. އެއް އަރީގައި ބަހައްޓާފައިހުރި ސޯފާ ފެނި ޝަފީން ބުންޏެވެ. “ހާދަ އެހެން ކަހަލަ ސޯފާއެއް؟” ޜަނީފް އެ ސޯފާގައި އަތްލަމުން ކިޔައިދިނެވެ. “މިއީ އެކި ގޮތްގޮތަށް ބަދަލުކުރެވޭ ސޯފާއެއް. މިއީ ޖާދޫ ދަސްކުރަމުން ދިޔައިރު އުފެއްދުނު އެއްޗެއް.” ދެން ޝަފީންގެ ލޮލުގައި އަޅައިގަތީ ސީލިންގު މަތިން އެލުވާފައިވާ ބޮޑު ދިއްލޭ ގާކޮޅަކަށެވެ. ޜަނީފްވެސް އެދިމާ ބަލަމުން ކިޔައިދިނެވެ. “މިއީ ކޮޓަރިފަދަ ތަންތަން ދިއްލައިދޭ ގާކޮޅެއް. ދަރަޖަ ތިނެއްގެ މަޚުލޫގެއް މަރުވުމަށްފަހު، ލިބުނު ގާކޮޅެއް.” ޝަފީން ޒަޥްލާ ބުނި އެތި ހަނދާންވެ ސުވާލު ކުރިއެވެ. “ކޮން ދަރަޖަތަކެއް ތިއީ؟”
“ދަރަޖައަކީ އެ މަޚުލޫޤެއްގެ ބާރު ހުރި މިންވަރު އަދި އޭގެން ލިބޭ ގާކޮޅުގެ ޖާދޫ ހުރި މިންވަރު އަންގައިދޭ އެއްޗެއް. މި ދުނިޔޭގައި އާންމުކޮށް ބޮޑެތި މަޚުލޫޤުން ދިރިއުޅޭނީ ބިންގަރާހުގެ އަޑީގައި ނޫނީ ފަރުބަދަ ތަންތާގައި.” ޜަނީފް އޭނާއަށް ފޮތްތަކުން އެނގިފައިވާ މިންވަރު ބުނެދިނެވެ. “ތީ އަދި ނޭނގުނު އެއްޗެއް.” ޝަފީން ސޯފާގައި އިށީންނަމުން ބުންޏެވެ. ޗީޒުކޮޅެއް ވިރުނުހެން ޝަފީން ސޯފާގައި ހަމަޖެހިލިއެވެ. ޜަނީފް ދެން ބަލައިލި އިރު ޝަފީން އޮތީ ގަދަ ނިދީގައެވެ. ލަސްނުކޮށް އޭނާވެސް އެނދުގައި އޮށޯވެ ނިދިއެވެ.
ހެނދުނު ޜަނީފްއަށް ހޭވެރިކަންވީއިރު، ޝަފީން ފެންނާކަށް ނެތެވެ. ޜަނީފް އަވަހަށް ތައްޔާރުވުމަށްފަހު ޝަފީން ކޮބައިތޯ ބެލިއެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ޝަފީން ބަދިގޭގެ ބާކީ ބައި ސާފުކުރަން ހުރިތަން ފެނުނީމައެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް ޜަނީފް މޭވާ ކޮށަން ފެށިއެވެ. ޝަފީން ސާފުކޮށް ނިންމުމަށްފަހު ޜަނީފްއަށް އެހީތެރިވިއެވެ. ހެނދުނުގެ ނާސްތާއަށްފަހު، ޜަނީފް އޭނާގެ މުހިންމަތު އަދާކުރުމަށް ދިޔައެވެ. ޝަފީންވެސް އާހިތަވެރީންގެ ހަރުގެއަށް ދިޔައެވެ.
މީހުންތައް ބޯޑުކައިރީގައި ބޮނޑިޖެހިފައި ތިއްބެވެ. ކަންތައް ވީގޮތް އޮޅުންފިލުވުމަށް އެތަނާ ގާތްވިއެވެ. ޝަފީންއަށް ފެނުނު ގޮތުގައި ދަރަޖަ ތިނެއްގެ މަޚުލޫޤެއް ޖަންގަލީގެ ބޯ ހިސާބުގައި އުޅޭ ވާހަކައާއި، އޭގެން ސަލާމަތްވުމަށް އަނގާފައިވާކަމެވެ. ޝަފީން ދަރަޖަ ހައެއްގެ މުހިންމަތެއް ހިފައިގެން ޖަންގައްޔަށް ދާން ނިންމިއެވެ. ރަށުގެ ބޮޑު ދޮރާ ހަމައިން ދޮރުވާނުން ޝަފީންއަށް އަޑު އިވޭވަރަށް ކިޔަމުން ދިޔައެވެ. “އޭ އެއޮށް އަންނަނީ އެއްކަލަ ކުއްޖާ. ހަހަހަ. ފާސް އަކީ ކޯއްޗެއް؟” މައްލަވަކުރާ ރާގެއްގައި ކިޔަމުން ދިޔައެވެ. ޝަފީން އަޑު އިވޭކަމަށް ނުހަދާ ފާސް ދެއްކުމަށްފަހު ރަށުން ނުކުތެވެ. އޭނާގެ މިސްރާބު ހުރީ ޖަންގަލީގެ އަރިމައްޗެވެ.
ރަށުގެ ދޮރާ ދިމާއިން ދުވެފައި ޖަންގަލި އޮތް ހިސާބަށް ޝަފީން ދުވެފައި ދިޔައެވެ. ގަހެއްގެ ނިވަލުގައިހުރެ މުސަޅެއް ފެނޭތޯ ފާރައަށް ހުއްޓެވެ. މާނޭވާލެވެމުން ދިޔައިރުވެސް އަތަށް ކަނޑި މަހާލައިގެން މުސަޅެއް ފެންނާނެ އިރަކަށް ކެތްކޮށްގެން ހުއްޓެވެ. އެ ކަރުދާހުގައި މުސަޅު އުޅޭކަމަށްބުނާ ތަނަކީ މިއެވެ. އިރުކޮޅަކުން ގަސްގަނޑެއް ހެލިލިއެވެ. އެ އަޑަށް ޝަފީން އެ ދިމާއަށް ނަޒަރު ގެންދިޔައެވެ. ކައިވަތެއްވަރުވާ ކުޑަ މުސަޅެއް އެ ގަސްގަނޑުން ނުކުތެވެ. ޝަފީން ކަނޑި ހިފައިގެންގޮސް މުސަޅުގެ މެޔަށް އަމާޒުކުރިއެވެ. ނަމަވެސް ބާރުބާރަށް އެ މުސަޅު ދުވެފައި ގަސްތަކުތެރެއަށް ވަނެވެ. ޝަފީންވެސް ގަސްގަނޑުގެ ތެރެއިން ވަދެގެން ދިޔައެވެ.
ނޭނގިނަމަވެސް ޝަފީން އެ މުސަޅުގެ ފަހަތުން ޖަންގަލީގެ ފުނަށް ދެވުނެވެ. ކުއްލިއަކަށް އެ މުސަޅު ގަސްގަނޑަކަށް ނުވަދެ ހުއްޓުން އެރިއެވެ. ފުރުސަތުގެ ބޭނުންހިފާ ޝަފީން ކަނޑި ހޫރުވާލިއެވެ. އަދި އެ މުސަޅުގެ ކަރާ ދިމާއިން ބުރިކޮށްލިއެވެ. ޖާދޫގެ ގާކޮޅު ހޯދަން ޝަފީން ގުދުވިހެން، އެ ގަސްގަނޑުގެ ތެރެއިން ފެނުނީ ރަތްކަންގަދަ ދެ ލޮލެވެ. ޝަފީން ބިރުން ކަނޑި އަތަށް މަހާލިއެވެ. އަދި އެ އެއްޗާ ދިމާއަށް ކަނޑި ދިމާކުރިއެވެ. ޝަފީން މަޑުމަޑުން ފަހަތަށްޖެހެން ފެށިއެވެ. ކުއްލިއަކަށް އޭތި ޝަފީންއާ ދިމާއަށް ފުންމައިގަތެވެ. އޭގެ ދެބޯ ލައިފައިވެއެވެ. ހިޔަޅަކާ ވައްތަރުގޮތެއް ހުއްޓެވެ. ޝަފީން ކަނޑި ހޫރުވާލިހެން އޭގެ ލޮލަށް ހަމަލައެއް ދެވުނެވެ. ޝަފީން ފަހަތަށް ފުންމައިގަތެވެ. އެ ހިޔަޅު ބިމުގައި ފައި ޖެހުނުހެން ޝަފީންއާ ދިމާއަށް އަނެއްކާވެސް ފުންމައިގަތެވެ. މިފަހަރު ޝަފީން އަމާޒުކުރީ އޭގެ މެއާ ދިމާއަށެވެ. ނަމަވެސް ކަނޑި އެޅިގެން ދިޔައީ އޭގެ އެއް ބޮލުގައެވެ.
ބާރުބާރަށް ޝަފީން އެ ހިޔަޅާ ދިމާއަށް ކަނޑި ހޫރުވާލިއެވެ. މިފަހަރު އޭގެ ކަނާތު ބޯ ހަށިގަނޑާ ވަކިވިއެވެ. އޭތި ޝަފީން ހުރި ދިމާއަށް އައިހެން މެއާ ދިމާއަށް ކަނޑި އުފުލާލިއެވެ. ޝަފީންގެ ގަޔާ ވަރަށް ކައިރިވެފައި ވަނިކޮށް، ލޭތައް ބުރުއްސައިގެން ދިޔައެވެ. އެ ހިޔަޅު ވަނީ ކަނޑީގައިޖެހި މަރުވެފައެވެ. ޝަފީން އަވަސް އަވަހަށް އޭގެ ގާކޮޅު ނެގުމަށްފަހު، މުސަޅުގެ ގާކޮޅުވެސް ނަގަން ދިޔައެވެ. ޖާދުވީ ގާކޮޅުތައް ޖީބަށްލުމަށްފަހު، ޝަފީން ޖަންގަލިން ނުކުތުމަށް ވިސްނަމުން ދިޔައެވެ. ނަމަވެސް އަދި މުސަޅެއް ލިބޭނެކަމަށް ޖަންގަލިތެރެ ބަލަމުން ދިޔައެވެ. ގަސްތަކާއި ބޮޑެތި ވިނަތަކަށް ނަޒަރު ހިންގަމުން ދިޔައިރުވެސް، މުސަޅެއް ފެންނާކަށްނެތެވެ. މެންދުރުގެ ހޫނުކަން އަރައިގަން އިރުވެސް ޝަފީންއަށް ކުޑަ ޖަނަވާރެއް މިންވަރުވެސް ނުފެނުނެވެ. މިއަދަށް ވާނެޔޭ ހީކޮށް ޖަންގަލިން ނުކުތުމަށް ދިޔައެވެ.
ބޮޑެތި ގަސްތަކާއި، ވެޔޮތަކުގެ ތެރެއިން ޝަފީންއަށް ނުކުމެވުނެވެ. ޖަންގަލިން ނުކުމެ ރަށަށް ދިޔުމަށް އަވަސްވެގަތެވެ. ދޮރުވާނުންނަށް ފާސް ދެއްކުމަށްފަހު، އާހިތަވެރިންގެ ހަރުގެއަށް މިސްރާބު ޖެހިއެވެ. ބޮޑު މޭޒު ކައިރީ ޔުނީފޯމުލައިގެން ހުރި ކުއްޖަކަށް ޖާދުވީ ގާކޮޅުތައް ވިއްކާލުމަށްފަހު، އެއް ރިހި އަދި އެއް ލޮއެ ފައިސާ ފޮތި ލިބުނެވެ. ޝަފީން އެނބުރި ޜަނީފްގެ ގެއަށް އައެވެ. އޭރު ޜަނީފް އަދިވެސް ގެއަކަށް ނާދެއެވެ. ލަސްނުކޮށް ލޭ ކުލަހުރި ކަނޑި ސާފުކުރަން ފެށިއެވެ. އެއަށްފަހު ލައިގެންހުރި އަންނައުނު ބޭލުމަށްފަހު ފެނާއެކު ދޮންނަން ފެށިއެވެ. ތުވާއްޔެއް އަނދެގެންހުރެ އަންނައުނުތައް ދޮވުމުގައި އުޅުނެވެ. ފުރަތަމަ ފެންގަނޑުގައި ލެޔާއި، ކިލާ ހުއްޓެވެ. ނަމަވެސް ދެވަނަ ފަހަރަށް ދޮވުމުން އަންނައުނުގައިވާ މިލަތައް އެކުއެކީހެން ފުހެވިގެން ދިޔައެވެ. އަންނައުނުތައް ހިއްކަން އެޅުމަށްފަހު، ޝަފީން ފާހާނާއަށްވަދެ ފެންވަރަން ފެށިއެވެ.
މުޅި ހަށިގަނޑަށް ތާޒާކަން ވެރިވެފައިވީ ޝަފީން، ކޮޓަރީގައިހުރި ސޯފާގައި ހަމަޖެހިލިއެވެ. އޭނާއަށް މިއަދު ލިބުނު ރިހި ފައިސާ ފޮއްޗަށް ބަލައިލިއެވެ. ޝަފީންގެ ހިތަށް އަރަމުން ދިޔައީ މި ދުނިޔޭގައި އަމިއްލަައަށް ދިރިއުޅެން ބައިވަރު ފައިސާ ބޭނުންވާނޭ ކަމެވެ. އޭނާ މި ދުނިޔެއަށް އައި ސަބަބު ވިސްނަމުން ދިޔައެވެ. އޭނާ މި ދުނިޔެއަށް ގެނައީ ކާކު ހެއްޔެވެ؟ މި ދުނިޔެއަށް ގެނައުމުގެ މަޤުސަދަކީ ކޮބާހެވެ؟ މިއީ އާޚިރަތް ހެއްޔެވެ؟ ނޫނީ ހުވަފެނެއް ހެއްޔެވެ؟ ޝަފީންގެ ސިކުނޑީގައި މިފަދަ ޚިޔާލުތައް އެނބުރެމުން ދިޔައެވެ. އެހެން އޮއްވާ ޝަފީންގެ ދެ ލޮލަށް ދިނިޖެހުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


