Skip to content
އެސްފިޔަ

ހިތުގެ ވިންދު 7

Listen to this story Audio · 6:12 Powered by Esfiya Voice
0:00 6:12

ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގެ ބޭރުގައިވާ ހުދުކުލައިގެ ފާރުގައި ލެނގިލައިގެން **އަމާރު** އިނީ ދެއަތުން ބޮލުގައި ހިފަހައްޓައިގެންނެވެ. އޭނާގެ ހެދުމުގައި ކިޔާނާގެ ކަރުނައާއި ދާ އުނގުޅިފައި ހުއްޓެވެ. އަމާރުގެ ދެލޯ ވަނީ ރަތްވެފައެވެ. ކުޑައިރުކޮޅެއް ކުރިން އޭނާގެ އަތްމަތީގައި ފުރާނަ ނެތް މަސްގަނޑެއް ފަދައިން އޮތް ކިޔާނާގެ މަންޒަރު އޭނާގެ ސިކުނޑިން ފިލައިގެން ނުދެއެވެ.
ކުއްލިއަކަށް ކޮރިޑޯގެ ކޮޅުން ދުވެފައި އައިސް އެތަނަށް މަޑުކުރީ **ޒައިނަބް** އާއި **ޒައިން** އެވެ.
“ކިޔާނާ! ކޮބާ މަގޭ ކިޔާނާ؟” ޒައިނަބް ރޮމުން ހަޅޭއްލަވައިގަތެވެ. އަމާރު ފެނުމާއެކު ޒައިނަބްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އޭނާ ދުވެފައި ގޮސް އަމާރުގެ ގަމީހުގެ ގިރުވާނުގައި ހިފައިގަތެވެ. “ކަލޭ އޭނާއަށް ކީއްކުރީ؟ ކަލޭމެން އެންމެން ވެގެން މަގޭ މައުސޫމް އެކުވެރިޔާ މަރާލަންތަ ތިއުޅެނީ؟!” ޒައިނަބް އަމާރުގެ މޭގައި ތަޅަމުން ގިސްލަމުން ދިޔައެވެ.
ޒައިން އަވަސްއަވަހަށް ގޮސް ޒައިނަބްގެ އުނަގަނޑުގައި ހިފައި ދުރަށް ޖެއްސިއެވެ. “ޒައިނަބް، ހަމަޖެހޭ! މިވަގުތު އަމާރުއާ ދިމާއަށް އެއްޗެހި ކިޔުމަކުން ކިޔާނާއަކަށް ފަރުވާއެއް ނުލިބޭނެ،” ޒައިން އޯގާތެރިކަމާއެކު ބުންޏެވެ.
އަމާރު އިސްދަށަށް ޖަހައިގެން ހުރެ ރޮމުން ދިޔައެވެ. “އަހަރެން… އަހަރެން ކިޔާނާއަށް އެއްވެސް ކަމެއް ނުކުރަން. އަހަރެން ދިޔައިރު އޭނާ އޮތީ ހޭނެތިފައި ވެއްޓިފައި. މިއީ ޒުކަންގެ ކަމެއް…”
އެވަގުތު އެމަޖެންސީ ރޫމްގެ ދޮރު ހުޅުވިފައި ޑޮކްޓަރަކު ނުކުތެވެ. އެންމެން އެކުގައި ޑޮކްޓަރާ ދިމާއަށް ދުއްވައިގަތެވެ.
“ޑޮކްޓަރ… ކިޔާނާ ކިހިނެއް؟” އަމާރު އަހާލީ ތުރުތުރުއަޅާ އަޑަކުންނެވެ.
ޑޮކްޓަރު ފުން ނޭވާއެއް ދޫކޮށްލިއެވެ. “ޕޭޝަންޓްގެ ހާލު ވަރަށް ކްރިޓިކަލް. އޭނާގެ ހަށިގަނޑުން ވަނީ ވަރަށް ނުރައްކާތެރި ކެމިކަލްއެއް ނުވަތަ ޑްރަގް އެއްގެ އަސަރު ފެނިފައި. މި ވިހައިގެ ސަބަބުން ސިކުނޑިއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވޭ. އަޅުގަނޑުމެން މިހާރު އައި.ސީ.ޔޫ އަށް ބަދަލުކުރަން މި އުޅެނީ. ކުރިއަށް އޮތް 24 ގަޑިއިރަކީ ވަރަށް ނާޒުކު ވަގުތުކޮޅެއް. ކޯމާއަކަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑު.”
ޑޮކްޓަރުގެ ބަސްތަކުން ޒައިނަބްގެ ހޭނުނެތުނީ ކިރިޔާއެވެ. ޒައިން އޭނާގެ ގައިގައި ބާރަށް ހިފަހައްޓައިލިއެވެ. އަމާރުއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެކަފަވެގެން ދިޔަހެންނެވެ.
“ޒުކަން… އޭނަ ކިޔާނާއަށް ވިހަ ދިނީ…” އަމާރުގެ އަތް މުއްކަވާލެވުނެވެ. އޭނާ ފާރުގައި ބާރަށް އެތިފަހަރެއް ޖެހިއެވެ.
“އަމާރު، ދެން ޙަޤީޤަތް ކިޔައިދީ. ކޮބާތަ ތި އޮޅުންގަނޑުގެ އަސްލަކީ؟” ޒައިން ސީރިއަސްވެފައި އެހިއެވެ.
އަމާރު ފުން ނޭވާއެއްލަމުން، އެންމެންނަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ކިޔާނާގެ ބައްޕަގެ ވިޔަފާރި ބަނގުރޫޓުކޮށްލީ އަމާރުގެ ބައްޕަ ނޫންކަމާއި، އެކަން ކުރީ ޒުކަންގެ ބައްޕަ ޤާސިމް ކަން އޭނާ ހާމަކުރިއެވެ. އަދި ޒުކަން ކިޔާނާއާ ގާތްވާން މަސައްކަތްކުރީ ކިޔާނާގެ ބައްޕަ ފޮރުވާފައިވާ މުދާތައް ފޭރިގަތުމަށްކަމާއި، މިއަދު އޭނާ ކިޔާނާއަށް ވިހަދީގެން އެކަން ކާމިޔާބު ކޮށްފިކަން އަމާރު ކިޔައިދިނެވެ.
ޒައިނަބްއަށް ގިސްލެވެމުން ދިޔައެވެ. “އަހަރެމެންނަށް އަމާރުއާ މެދު ގޯސްކޮށް ވިސްނުނީ… އަމާރު އުޅުނީ ކިޔާނާ ސަލާމަތްކުރަން… އެކަމަކު މިހާރު ހުރިހާ ކަމެއް ނިމުނީތަ؟”
“ނޫން،” އަމާރުގެ ލޮލުން ފެނުނީ އަލިފާނުގެ ހުޅުގަނޑެކެވެ. “މިއީ އަދި ނިމުމެއް ނޫން.”
އެވަގުތު މާލޭގެ އަނދިރި އެޕާޓްމެންޓެއްގެ ތެރޭގައި **އިޝްޔާ** ހުރީ ބިރުން ގޮސް ތުރުތުރުއަޅައަޅައެވެ. އޭނާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި އޮތީ ކިޔާނާގެ ބައްޕަގެ ދަގަނޑު ފޮށްޓާއި، ކިޔާނާ ސޮއިކޮށްފައިވާ ކަރުދާސްތަކެވެ. އެތަކެއްޗަށް ބަލަން އިން **ޒުކަން** ގެ ތުންފަތްމަތީގައި ވަނީ ޝައިޠާނީ ހިނިތުންވުމެކެވެ.
“ޒުކަން! ކަލޭ ކީއްތިކުރީ؟ އަހަރެން ބުނީ ކިޔާނާ އަމާރުއާ ދުރުކުރާށޭ! އޭނަ މަރާލާކަށް އަހަރެން ނުބުނަން!” އިޝްޔާ ހާސްކަމާއެކު ހަޅޭއްލަވައިގަތެވެ.
ޒުކަން ކުއްލިއަކަށް ތެދުވެ އިޝްޔާގެ ކަރުގައި ހިފައި ފާރާލައި ފިއްތާލިއެވެ. އިޝްޔާގެ ނޭވާ ހާސްވިއެވެ.
“އަޑު މަޑުކުރޭ އިޝްޔާ!” ޒުކަންގެ އަޑު ކުރަކިވެފައި ނުރައްކާތެރިއެވެ. “ކަލެއަކީ ހަމައެކަނި އަހަރެންގެ ޕްލޭންގެ ކުޑަ ބައެއް. ކިޔާނާގެ ހުރިހާ މުދަލެއް މިހާރު މަގޭ އަތުގައި މިއޮތީ. އޭނާ މަރުވިޔަސް އަހަރެންގެ ފަރުވާލެއް ނެތް. ކަލޭ މިކަމާ ދެކޮޅަށް އެންމެ ބަހެއްވެސް ބުނެފިއްޔާ، ކިޔާނާއަށް ހެދިގޮތް ކަލެއަށްވެސް ހަދާނަން!”
ޒުކަން އިޝްޔާ ދޫކޮށްލުމާއެކު އޭނާ ބިންމައްޗަށް ވެއްޓި ކޮށި އަރަން ފެށިއެވެ. އިޝްޔާއަށް އޭނާގެ މޮޔަކަން ވިސްނުނެވެ. އަމާރު ހޯދަން އުޅެގެން އޭނާއަށް މި ގުޅުނީ ކޮންފަދަ ނުރައްކާތެރި ޖަނަވާރަކާ ހެއްޔެވެ؟
ހޮސްޕިޓަލުގެ އައި.ސީ.ޔޫ ތެރެއެވެ. މެޝިންތަކުގެ ޓީކް ޓީކް އަޑު ފިޔަވައި އެތަނުގައި ވަނީ ފުން ހިމޭންކަމެކެވެ. ކިޔާނާ އޮތީ އެތައް ހޮޅިތަކެއް ގުޅާފައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ފުރާނަ ނެތްފަދަ ހުދުކަމެކެވެ.
ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލާފައި އެތެރެއަށް ވަނީ އަމާރެވެ. އޭނާ ގޮސް ކިޔާނާގެ އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނދެ، ކިޔާނާގެ ފިނިވެފައިވާ އަތްތިލައިގައި ދެއަތުން ހިފަހައްޓާލިއެވެ.
“ކިޔާނާ…” އަމާރުގެ އަޑު ނުކުތީ ކިރިޔާއެވެ. “އަހަންނަށް މާފުކުރޭ. އަހަރެން ކިޔާނާއަށް ރައްކާތެރިކަން ދޭން ވަޢުދުވިން. އެކަމަކު އަހަންނަށް ކިޔާނާ ސަލާމަތެއް ނުކުރެވުނު. ކިޔާނާ އަހަރެންދެކެ ކިތަންމެ ރުޅިއަޔަސް… އަހަރެން ކިޔާނާ ދެކެ ވަރަށް ލޯބިވޭ.”
އަމާރު ކިޔާނާގެ އަތްތިލަ ގެންގޮސް އޭނާގެ ނިތްކުރީގައި ޖައްސާލިއެވެ. ކަރުނައިގެ ތިކިތައް ކިޔާނާގެ އަތްމައްޗަށް އޮހެމުން ދިޔައެވެ.
“އަހަރެން ވަޢުދުވަން ކިޔާނާ. ކިޔާނާގެ ހިތުގެ ވިންދު އަލުން ޖަހަން ފަށަންދެން އަހަރެން މިތަނުން ނުދާނަން. އަދި ޒުކަން ކިޔާނާއަށް ދިން ކޮންމެ ވޭނެއްގެ ބަދަލު އޭނާގެ ކިބައިން ހިތި ގޮތަކަށް ހިފާނަން. ކިޔާނާގެ ބައްޕަގެ ހައްގުތައް އަނބުރާ ހޯދައިދޭނަން.”
މޮނިޓަރުން ފެންނަމުންދިޔަ ކިޔާނާގެ ހިތުގެ ވިންދުގެ ރޮނގު ވަރަށް ބަލިކަށްޓެވެ. ނަމަވެސް އަމާރުގެ ލޯބީގެ ބަސްތަކާއެކު، އެ ރޮނގަށް ކުޑަ ދިރުމެއް އައިކަން އަމާރުއަކަށް ނުފެނެއެވެ. ފުރާނައިގެ މި ބޮޑު ހަނގުރާމައިގައި ކިޔާނާ ކާމިޔާބުވާނެ ހެއްޔެވެ؟ އަދި ޒުކަންގެ ނުބައި ރޭވުންތައް ނިމުމަކަށް ގެންނަން އަމާރު ފަށާނީ ކޮންކަހަލަ ހަނގުރާމައެއް ހެއްޔެވެ؟

Comments (7)

  1. raajiha

    Omg omg no wayyyy
    Kiyaanaaaaaaaa will she make it??
    I want to kill zukan now 😡
    Anyway,vrh reethi mi Bai ves MA
    When nextt
    Lysm

    1. Alaa
      raajiha

      Hehe hingaa dhw balan kiyaanaa ah vaane goii
      insha’Allah mirey submit kohlaanan
      Ly moree🥹🫶🏻

  2. Rauuush_

    Omg alaa mi part ves vrh vrh reethiii MA..
    When nextt??!
    Btw you kon rasheh?

    1. Alaa
      Rauuush_

      Hehe thnks
      Next part innaanee submit kohlaafa
      Personal ehcheh v ma buneveyne sry ingey

  3. Exxo

    Heyyyy.
    Breathtaking.
    Vrh vrh reethi.

  4. Rauuush_

    Umm alaa?! Personal ehcheh veema buneveyney?
    Wdym?

    1. Alaa
      Rauuush_

      Mistake eh eii 😭😭
      Nubuneveyne aii I wrote ekm keyboard in egothah vefa eynee😭😭

Comments are closed.