ޝަދާން އާއި މެހެކު ބަބަލް ޓީ އެއް ބޯލަން ބަބަލް އިޓުގައި ތިއްބެވެ. އެންމެ ކަނުގައި ހުރި މެޒުގައި ދެ މީހުން ވެސް ތިބީ އެކަކު އަނެކަކަށް މޫނު ފެންނަހެންނެވެ. ދެ މީހުންގެ ކުރިމަތީގައި ވެސް ޗޮކުލެޓު ބަބުލް ޓީ އެއް ބެހެއްޓިފައިވެއެވެ.
މެހެކު އިނީ ބޭރުން ފެންނަ މަންޒަރުތަކަށް ބަލާށެވެ. ޝަދާން ވެސް އިނީ އެފަދަ ހާލެއްގައެވެ. ކޮންމެ ފަހަރަކު ވެސް ދެ މީހުން އެއްތަން ވެއްޖެއްޔާ އަބަދު ވެސް ތިބެވެނީ ފަށާނީ ކާކުތޯ ނޭނގިފައެވެ. އިސްވެ އެކަކު ފަށަންދެން އަނެކަކު މަޑުކޮށްގެން އިންނަނީއެވެ. މިއީ ކުރިން މި ދެމީހުންގެ މިޒާޖާއި ނުބައްދަލުކަމެކެވެ. ނަމަވެސް ހާލަތު ތަން ދިނީ މިފަދައިންނެވެ.
އެންމެފަހުން މެހެކު ގޮތެއް ނިންމިއެވެ. ސީދާ މަޢުލުޢުއަށްދާށެވެ. “ކީއްވެ މީސަމްގެ ފޮތް ޝަދާން އަތުގައި އޮންނަންވީ؟….” މެހެކު އެންމެ ފުރަތަމަ ވެސް ކޮށްލީ ސުވާލެކެވެ. ކުރިން ވެސް މެހެކުގެ ފަރާތުން އެ ސުވާލު އަންނާނެކަން ޝަދާންއަށް އެނގެއެވެ. “އެ ފޮތް އަހަރެންގެ އަތުގައި އޮންނަތާ ފަސް އަހަރު ވެއްޖެ…” ޝަދާން ބުނެލިއެވެ. މިއާއިއެކު މެހެކު ހައިރާންވިއެވެ. ފަސް އަހަރުވީ އިރު ވެސް ޝަދާން އެފޮތް ސިއްރުން ގެންގުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
“ފަސް އަހަރު؟……ކީއްވެ އެހާ ދުވަހު އެ ފޮތް މީހަކަށް ވެސް ނާންގާ ގެންގުޅުނީ…” މެހެކު އަނެއްކާ ވެސް ކޮށްލީ ސުވާލެކެވެ. “އަހަރެން މީއްކޮގެ އެ ފޮތް ސިއްރުން ނުގެންގުޅޭނަމަ މެހެކަށް އޭގައި އޮތް ބޮޑު ސިއްރު ހާމަވާނެތަ؟….” ޝަދާން ބުނެލިއެވެ. “ނަވީން އެންޑު މީއްކޮ؟….ހީވެސް ނުކުރަން އެ ދެމީހުންކަމަކަށް…..” މެހެކު ބުނެލިއެވެ. އެއާއިއެކު ޝަދާންއަށް އެނގުނީ މެހެކު އަދި އެ ފޮތް އެއްކޮށް ނުކިޔާ ކަމެވެ. ނޫންނަމަ މެހެކު އެހާ މަޑުމައިތިރިވެގެން ނުހުންނާނެކަން ގައިމެވެ. ނަވީންގެ މޫނު ނޮޅާ ކުދިކޮށްލަން ވެސް ފަހެއް ނުޖެހެނެއެވެ.
“މެހެކު އަދި ފޮތް އެއްކޮށް ނުކިޔަމެއްނުން…..” ޝަދާން ބުނެލިއެވެ. މެހެކު ޝަދާންގެ މޫނަށް ބަލާލިއެވެ. “އަހަންނަށް އެނގޭ އަދި ނުކިޔޭނެކަން….ބިކޯޒް އަހަރެން ވެސް އެ ފޮތް ކިޔަން ދުވަސްތަކެއް ނެގި…..” ޝަދާން ބުނެލިއެވެ. “ސޯ…ޝަދާނަށް އެނގޭ ދޯ ހަގީގަތް؟…” މެހެކު އަހާލިއެވެ. ޖަވާބެއްނުދީ ޝަދާން ބޯޖަހާލީއެވެ. ދެން އެ ދެމެދަށް ވެރިވެގަތީ ހަމަހިމޭންކަމެކެވެ. އެކަކު އަނެކަކުގެ މުނަށް ގެއްލިފައި ތިބި ދެމީހުން ސިއްސައިގެން ދިޔައީ ދެ މީހުންގެ ފޯނަށް ވެސް މެސެޖެއް އައި ނޮޓިފިކޭޝަނުގެ އަޑު އިވުމުންނެވެ. ފޯނަށް އައި މެސެޖު ކިޔާލާފައި ދެ މީހުން ވެސް ބަލާލިއެވެ. އައީ އާލިޔާގެ މެސެޖެކެވެ. އޭގައި އޮތީ މިރޭ ދެ މީހުން ވެސް މާމަ ކައިރީއަށް އައުމަށްށެވެ.
ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ނަވީންގެ މޫނުމަތީގައި ވަނީ ބަޔާންކުރަން ދަތި ޝުޢޫރުތަކެކެވެ. ބަނަ ވިލާގަޑެއްގެ އަސަރު އެ މޫނުމަތިން ފެންނަމުންދެއެވެ. އެހެންނުވާންވީ ވެސް ފަހެ ކީއްވެ ހެއްޔެވެ؟ އޭނާ މެހެކަށް ގުޅާ ގުޅާ ފޯނު ނުނެގީމައި މެހެކު މަސައްކަތްކުރާ ލޯ ފާމަށް ދިޔައީ މެހެކާ ބައްދަލުކުރަން ބޭނުންވާތީއެވެ. ނަމަވެސް އޭނާއަށް ފެނުނު މަންޒަރަކުން މީހާގެ ތަބީއަތު މުޅިން ބަދަލުވީއެވެ. އޭނާގެ ކޯލަށް މެހެކު ޖަވާބުނުދީ ޝަދާންގެ ކާރުަގއި ޝަދާންއާއިއެކު ދިޔައީމާ އޭނާއަށް އެކަން ބަލައިގަންނަން ފަސޭހައެއްނޫނެވެ. އެހެންވެ އެމީހުންގެ ފަހަތުން ނަވީން ވެސް ދިޔައެވެ.
ބަބަލް ޓީގައި އެމީހުން ހޭދަ ކުރި ވަގުތުތައް ގަޑި އިރުތަކަކަށް ދެމިގެންދިޔައެވެ. ޝަދާންމެން އެތަނުން ނިކުތް ފަހުން ނަވީން ވެސް ދިޔަގޮތަށް ގެއަށް ގޮސް ކޮޓަރިއަށް ވަދެ ދެކޮޅަށް ހިނޣާތާ ވެސް މިހާރު ގަޑިއިރެއް ވަނީއެވެ. އަނެއްކާ ވެސް ތެޔޮ ނާށި ކާޅު ޖަހައިގަނެފާނެހެން ހީވުމުން ނަވީންގެ ހިތް ތެޅެން ފެށިއެވެ. ދެވަނަ ފަހަރަށް ނާކާމިޔާބުވާތަން ބަލަން އޭނާއަކަށް ނުހުރެވޭނެއެވެ. އެއްފަހަރު މެހެކު އޭނާގެ އަތުން ބީވި މަންޒަރު އޭނާ ދެކުނީ ހަމަ ލޮލުންނެވެ. މިފަހަރު އެހެންވިޔަކަ އޭނާ ނުދޭނެއެވެ.
ނަވީން ގޮތެއް ނިންމިއެވެ. އޭނާގެ ބައްޕައަކީ މަޤާމުގެ ގޮތުން ރާއްޖޭގައި މަތީ މީހެކެވެ. އޭނާ ބުނެފި ކަމެއް ބުނި ގޮތަކަށް ކުރުމުގެ ޤާބިލުކަން ލިބިފައިވެއެވެ. އެހެންވީމާ އޭނާ ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ؟ ބައްޕަ ވެސް ހާސްވެގެން އުޅެނީ އޭނާ ވަޒީފާގައި ނޫޅޭތީތާއެވެ. ބައްޕަގެ ބާރު ބޭނުން ކޮށްގެން މެހެކުގެ އޮފީހުން ވަޒީފާއެއް ހޯދިދާނެއެވެ. ނަމަވެސް ދެރައީ އެއީ ޝިމާލުގެ ބާރު އޮތް ތަނަކަށް ވާތީއެވެ. އޭނާއަށް އެނގޭހާ ވެސް އެއްޗަކީ ބައްޕަ އާއި ޝިމާލު ދުނިޔޭގައި އެ ދެމީހުންގެ ގުޅުން ރަނގަޅުނޫންކަމެވެ.
ނަބީހުގައި އޮފީހުގައި އުޅުނު ވަގުތު ނަވީން ގުޅިއެވެ. އަދި އޭނާ ވަޒީފާއެއް ބޭނުންވާކަން ވެސް ހާމަކުރިއެވެ. ނަބީހު ހައިރާންވީ ނަވީން ބޭނުން ވަނީ މެހެކު މަސައްކަތްކުރާ ލޯފާމިން ވަޒީފާއެއްކަމެވެ. އެއީ އޭނާގެ ބާރު ނުހިނގާނެ ތަނެއްކަން އެނގޭ އިރު ވެސް ނަވީން އެހެން ބުނުމުން ނަބީހު ހިތްހަމަ ވެސް ނުޖެހުނެވެ. އެކަމަކު ނަވީން އަކީ ވެސް ގޮތް ދޫނުކުރާ މީހެކެވެ. އޭނާ އެކަމާ ވިސްނާނަމޭ ބުނެ ފޯނު ކަނޑާލިއެވެ.
“ބަލާބަލަ ނަވީން އެބުނާ ތަނަކުން މަތީ މަގާމެއް ލިބޭތޯ….” ނަބީހު އޭނާގެ އެސިސްޓަންޓު ކައިރީގައި ބުނެލިއެވެ. އަދި ތަފްސީލު ދީފައި އޭނާ އެތަނުން ފޮނުވާލިއެވެ. އެއަށްފަހު ކާރުގެ ތަޅުދަނޑި ނަގައިގެން ނަބީހު މިސްރާބުޖެހީ ބޭރަށްށެވެ.
ރޭގަނޑުގެ ވަގުތެވެ. އާލިޔާ އެދުނު ގޮތަށް ޝަދާން އާއި މެހެކު ތިބީ އާލިޔާގެ އެޕާޓުމަންޓުގައެވެ. އާއިލާގެ އެހެން މެމްބަރުން ވެސް ތިއްބެވެ. “ދަރިފުޅުމެންގެ ކައިވެނިކުރާ ދުވަސް ޖެހުނީނުން….” ފަހަރު މީހެއްގެ މޫނަށް ބަލާލަމުން އާލިޔާ ބުނެލިއެވެ. އެއާއިއެކު ޝަދާން އާއި މެހެކު ހައިރާންވިއެވެ. ކައިވެނީގެ ކަންތައް މިހާރު ނިމުނީ ހެއްޔެވެ؟ އެމީހުންނަށް ކަނޑެއްކަން ފަޅެއްކަން ވެސް ނާންގާ މިހާ ކުރިއަށް ޖައްސާލިކަމެއް ނުދެނަހުއްޓެވެ.
“ކޮން އިރަކު؟….” މެހެކު ކުރު ސުވާލެއް ކޮށްލިއެވެ. “އަންނަ ހަފުތާގައި….” އާލިޔާ ބުނެލިއެވެ. މެހެކު މަސްނޫއީ ހިނިތުންވުމަކުން ފުއްދާލިއެވެ. ދެން އާލިޔާ ބަލާލީ ޝަދާންއަށްށެވެ. ޚިޔާލަކަށް ގެއްލިފައި އިން ޝަދާން ސިއްސައިގެން ދިޔައީ އާލިޔާގެ އަޑުންނެވެ. “މާމަ ބުނީ ދަރިފުޅު ކޮންކަމަކާހޭ ފިކުރު ތި ކުރަނީ؟…..” އާލިޔާ ކުރިން ކުރި ސުވާލު އަލުން ތަކުރާރުކޮށްލިއެވެ. “ކަމަކާ ދޭތެރޭ ނުވިސްނަން މާމާ….އަޅުގަނޑު ކުރިން ވެސް ބުނިފަދައިން މާމަމެން ބޭނުން ތާރީޚެއްގައި ކައިވެނި ކުރަން ތައްޔާރަށް މި ހުރީ…..” ޝަދާން މެހެކުގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އެއާއިއެކު އެންމެންގެ މޫނުން އުފާވެރިކަމާއި ޖޯޝު ފެނިގެންދިޔައެވެ.
މެންދަންވެ ހަމަހިމޭންވުމުން ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ނުވެއެވެ. މެހެކު ކޮޓަރީގައި އެނދަށް އަރާ އޮތީ މީސަމްގެ ސިއްރު އެކުވެރިޔާ ހިފައިގެންނެވެ. މާދަމާއަކީ ބަންދު ދުވަހެއްކަމުން މެހެކު ނިންމައިގެން ހުރީ އެ ފޮތް އެއްކޮށް ކިޔާ ނިންމުމަށްށެވެ. އެ ޢަޒުމުގައި މެހެކު އެ ފޮތް ކިޔަން ފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Vrh curious vehje. Next part avahah up kohdhehchey. And can u make it a little long plsssssss
Vrh reethi part vx💗