
ފިނި ހިތް (ދެވަނަ ބައި)
ލިވީ
އަހަރެންނަށް ގޭތެރެއަށް ވަދެވުން އިރު މެންދަމު ފަސްވެ ތިނެއް ޖަހައިފި އެވެ. މާދަމާ ސްކޫލުގައި ވަރަށް ވަރު ވާނެއެވެ. ވަރިހަމައެވެ. ކިތަންމެ ވަރުބަލިވި ކަމުގައިވިޔަސް އަހަރެން މިހުރީ ވަރަށް ހިތް ހަމަޖެހިފައެވެ. އަނެއްކާވެސް އިތުރު މީހަކު ހަވާލު ކޮށްލެވިއްޖެ އެވެ.
އެކަކަށްވެސް އަހަރެން މި ލިބޭ އުފަލެއްގެ އިހުސާސެއް ނުކުރެވޭނެ އެވެ. އަހަރެން ކަހަލަ ނިކަމެތި އަންހެން ކުއްޖަކަށް މިފަދަ ބޮޑު ކަމެއް ކުރެވުމުން ވަރަށް ހިތްހަމަ ޖެހެއެވެ.
ތިމާގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތް ވާނެ ކަމުގެ ޔަގީންކަން ލިބުމަކީ ކިހާވަރެއްގެ ކަމެއް ކަން އެނގޭ ހެއްޔެވެ؟ ތިމާގެ ސަބަބުން މުޖުތަމައަށް ފައިދާއެއް ވާކަން އެނގުމަކީ ކިހާ ބޮޑު ހިތްހަމަ ޖެހުމެއް ކަމެއް އެނގޭ ހެއްޔެވެ؟
ނަމަވެސް އެއިން އެއްވެސް ހިތްހަމަޖެހުމަކާއި އުފަލަކީ އެއްވެސް މީހަކާ ހިއްސާ ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. އެކަމު އަހަރެންނަށް އެންމެ ރަނގަޅެވެ.
ޝެނިން އާއި އަހަރެން ނިދާ ކޮޓަރިއަށް ގޮސް ވަނީމެވެ. އޭރު އޭނާ ވަރަށް އަރާމުކޮށް ނިދާފައި އޮތެވެ. ޝެނިން. އިރަމް. އަހަރެން ފުން ނޭވާއެއް ލީމެވެެ.
ޝެނިން އާއި އިރަމް އަކީ އަހަރެންގެ ހަމައެކަނި އާއިލާއެވެ. މަންމަ ވިޔަސް ދައްތަ ވިޔަސް އަދި ބޮޑު ދައިތަ ވިޔަސް އެ ހުރިހާ ރޯލެއް އަދާ ކުރަނީ ޝެނިން އެވެ. ހަމަ އެފަދައިން އިރަމް އަކީ އަހަރެންގެ ހަމައެކަނި ބައްޕަ އަކަށްވެސް ބޭބެއަކަށްވެސް އަދި ބޮޑުބޭބެއަކަށްވެސް ހުރި މީހާއެވެ.
ދެމީހުންނަކީ އަހަރެންގެ ހަމައެކަނި އާއިލާއެވެ.
އަވަސް އަވަސް ކޮށްގެން ފާހާނައަށްވަދެ ފެންވަރާއިގެން ނިދާ އެއްޗެހި ލައިގެން ފާހާނައިން ނުކުތެވެ. ހަޅޭ ލަވައި ނުގަނެވުނީ ކިރިޔާއެވެ. އޭރު ޝެނިން އިނީ އެނދުމަތީ ދެފައި ވަށްކޮށްލައިގެންނެވެ.
“ވާހަކަ ދައްކަން ފަށާ…” ޝެނިން ވައި އަޑުން އަމުރު ކުރިއެވެ. ޖެހިގެން ހުރި ކޮޓަރީގައި ނިދާފައި އޮތް އިރަމް އަށް އަޑުއިވިގެން ހޭލެވިދާނެ ކަމަށް ޝެނިން މަޑުން ވާހަކަ ދައްކަނީ ކަން އަހަރެންނަށް އެނގެއެވެ.
ބޮލުން ފެން ހިއްކަމުން އަހަރެން ކޮނޑު ހިއްލާލީމެވެ. އޭނާ އެ ދައްކަނީ ކޮންވާހަކައެއް ކަން ނޭނގޭ ކަމަށް އަހަރެން ހެދީމެެވެ. ނަމަވެސް ޝެނިން އަށް ހުރިހާ އެއްޗެއްވެސް އެނގޭނެއެވެ.
“..އަހަރެންނަށް އެނގޭ މިހާރު ދަންވާ އިރަށް ގެއިން ދާކަން. ހެޔޮ ނުވާނެ ނުބުނާތި އެއްވެސް ފިރިހެނެކޭ….” މަޑުމަޑުން ޝެނިންގެ އަޑު ގަދަވަމުން ދިޔައެވެ. އަހަރެން ވަގުތުުން ގޮސް އޭނާ ކައިރީ އިށީނީމެވެ.
“ނޯނޯނޯނޯ….. ތިކަހަލަ އެއްވެސް ކަމެއް ނޫން. ޝެނިން އަށްވެސް އެނގޭނެ ލިވީ މިއީ އެވައްތަރު ކުއްޖެއް ނޫން ކަން. ލިވީ އެއް ނޫޅޭނޭ އެކަހަލަ ގޮތަކަށް،” އަހަރެން ޝެނިންގެ ކޮނޑުގައި ބޯ އަޅާލަމުން ބުނީމެވެ. އެއަށްފަހު ފުންނޭވާއެއް ލީމެވެ. ޝެނިން އަކީ އާއިލާއެވެ.
އެހެން ނޫނަސް އެ ވާހަކަ ޝެނިން ކައިރީގައި ބުނަން ޖެހޭނެއެވެ. ޝެނިން އެއީ މޮޔައެއް ނޫނެވެ. ރެހެންދި އާއި އަހަރެންނާ ގުޅުވާކަށް ޝެނިން އަކަށް މާކަށް ދުވަހެއް ނުވާނެއެވެ.
“…. އާ…. ޢެނގެ އެއްނު ރެހެންދީ؟…. މިހާރު މާލޭގައި އެންމެން ވާހަކަ ދައްކާ…..” އަހަރެން ނަށް ޖުމްލަ ފުރިހަމަވެސް ނުކުރެވި ހުއްޓާ ޝެނިން ކުއްލިއަކަށް ތެދުވެއްޖެ އެވެ. “ނޯ…. ނިމުނީ…. ހުވާ މަ އަތުން މަރުވާނެ ގޮތެއް ނޭނގިގެން ދޯ ތިއުޅެނީ… ލިވީ… ނިމުނީ ލިވީއޭ އެ ހުރިހާ ކަމެއް ކުރީއޭ ބުނެފިއްޔާ…” ޝެނިން މިހާރު ވާހަކަ ދައްކަމުން ދިޔައީ ވައި އަޑަކުންނެއް ނޫނެވެ. އޭނާ މިހާރު ހަމަ ހަޅޭލަވަނީއެވެ.
“އޯކޭ. ނުބުނާނަން… އެކަމު ނުބުނުމަކުން އެ ނުވާނެ ދޯ ވީކަމެއް ނުވާ ކަމަކަށް،” އަހަރެން ވަރަށް ހަމަ ޖެހިލާފައި ބުނީމެވެ. ޝެނިން އަކަށްވެސް ނޭނގެއެވެ. އެކަމު އޭނާއަށް އަހަރެންގެ އިހުސާސް އިނގޭނެ ކަމަށް އަހަރެން އުއްމީދު ކުރީމެވެ.
އަހަރެމެން ނިދާ ކޮޓަރީގެ ދޮރު ހުޅުވާފައި އިރަމް ވަދެގެން އައީ އެވަގުތެވެ. “ކިހިނެއް ވީތަ؟..” އިރަމް ލޯ އުނގުޅަމުން އެއްސެވެ. ޝެނިން އަހަރެންނަށް ބަލާފައި ކުރިއަށް ދިޔުމަށް ލޮލުން އަމުރު ކުރިއެވެ.
“ސޮރީ… ދެމީހުންނަށްވެސް… އަހަރެންނަކީ ރެހެންދީ އަކީ. އަހަރެން ގޮސް މީހުން ފުލުހުންނާ ހަވާލު ކުރަނީ…،” އަހަރެން ބުނީމެވެ. އޭރު ޝެނިން އާއި އިރަމް ދެމީހުން ތިބީ އަނގަ ހުޅުވައިގެންނެވެ. ދެމީހުންވެސް އެއްޗެކޭ ބުނަން ތައްޔާރު ވެގެން ތިބި ކަހަލައެވެ.
އަހަރެން ވަގުތުން އަތް އުފުއްލާލީމެވެ. އެއިން މީހަކު ވާހަކަ ދެއްކުމުގެ ކުރިން ހުއްޓުވުމަށް އިޝާރަތް ކުރީމެވެ. “ތިމީހުންނަކީ ބާރުތަކެއް ލިބިފައިވާ ބައެއް. އަހަރެންނަށްވުރެ މޮޅު ބައެއް… އަހަރެންނަށްވުރެ ވަރުގަދަ ބައެއް… އަހަރެން އެބަ އޮތް ސުވާލެއް.. ތިމާ އަތުގައި އެހެން މީހަކަށް އެހީވުމުގެ ބާރު ހުރެއްޖެ ކަމުގައިވާނަމަ ތިމާ ހަމަ އަތް އުރާލައިގެން ހުންނާނީތަ؟” އެއް ނޭވާއިން ވީހާވެސް އެއްވަރަކަށް އަހަރެން ބުނީމެވެ.
ދެމީހުން މިހާރުވެސް އަހަރެންނަށް ބަލަން ތިއްބެވެ. އެކަމު ކުރިން އައިސްފައިވާ ރުޅި މިހާރު ވަނީ މުޅިން ކަހަލަ ގޮތަކަށް ގެއްލިފައެވެ. އޭގެ ބަދަލުގައި ދެމީހުންގެ ލޮލުން ފެންނަމުން ދިޔައީ އޯގާތެރި ކަމެވެ. ޝެނިން އާއި އިރަމް ދެމީހުން އެކަކު އަނެކަކަށް ބަލަން ތިއްބެވެ. ދެމީހުން ކޮންމެވެސް ކަހަލަ ވާހަކައެއް ދައްކަނީއެވެ. ނޫނެކެވެ. އެއީ އެއްވެސް އާދަޔާ ހިލާފު ބާރެއް ނޫނެވެ.
ދެން ޝެނިން ލޮލުން އަހަރެންނާ ދިމާލަށް އިޝާރަތް ކުރިއެވެ. އެއާއެކު އިރަމް ބޯޖަހާލިއެވެ. އެއަށްފަހު ފުން ނޭވާއެއް ލުމަށްފަހު ވާހަކަ ދައްކަން ފެށްޓެވެ.
“ލިވީ. އަހަރެންނަށް އެނގޭ ލިވީ ބޭނުންވަނީ ހުރިހާ އެންމެނަށްވެސް ރަނގަޅަށް ކަން. ހުރިހާ އެންމެނަކީ ލިވީ ކަހަލަ ރަނގަޅު ކުއްޖެއްގެ ވިސްނުން ހުންނަ ބަޔަކަށް ވެއްޖެ ނަމަ ދުނިޔެއަކީ ވަރަށް ރަނގަޅު ތަނަކަށް ވާނެ. އެކަމު އެއީއެއް ނޫން ދޯ ހަގީގަތަކީ،” އަހަރެންނާ ގާތަށް ޖެހެމުން ގޮސް ކޮނޑު މައްޗަށް އަތް ވައްޓާލަމުން އޭނާ ބުންޏެވެ.
“ލިވީ ކައިރީ އަހަރެމެން މި ބުނަނީ އަހަރެމެން ލިވީ ދެކެ ލޯބިވާތީ. އަހަރެމެން ވެސް ތިފަދަ ކަމެއް ކުރާއިރު އެހީތެރިވާން ބޭނުން. އެކަމު އަހަރެމެން ބޭނުން ވަނީ ލިވީއަށް ގެއްލުމެއް ނުވެ ރަނގަޅަށް އުޅެން. އަހަރެމެން މި ބަލަނީ ލޯ ޕްރޮފައިލް އެއް ގެންގުޅެވޭތޯ. އިނގޭނެ އެވަރުގެ ބޮޑު ޕްރޮޖެކްޓެއް ސަރުކާރުން ކުރާއިރު ކަމެއް ވި ނަމަވެސް އެމީހުން އަހަރެމެން ހޯދަން އުޅޭނެ ކަން،” އޭނާ އަހަރެންނަށް ވަރަށް ރަނގަޅަށް ވާހަކަ ކިޔައިދެމުން އިރަމް ބުންޏެވެ.
އެ ބުނީ ތެދެކެވެ. އިސްކަންދަރު ބިލްޑިން އިން ފިލައިގެން މީގެ އަހަރެއް ވަރަކަށް ދުވަސް ކުރިން ފިލި ފަހުން އަހަރެމެން މިއުޅެނީ ވަރަށް ފިލައިގެންނެވެ. ހުރިހާ މައުލޫމާތު ތަކެއް ބަދަލުކޮށްގެނެވެ. މިފަދަ ކުޑަ ތަނެއްގައި ފިލޭނެ ގޮތަކީ އެއީއެވެ. އަހަރެމެން ގަމާރެއް ނޫނެވެ. ސަރުކާރުގެ ސިއްރު ޕްރޮޖެކްޓަކުން ފިލައިގެން ދާއިރު އެމީހުން މަސައްކަތް ކުރާނީ ފޮރުވާފައިވާ ހުރިހާ އެއްޗެއް ފޮރުވާފައި ބެހެއްޓުމަށެވެ. އަހަރެމެންނަކީ އެ ސިއްރު ސިއްރެއްގެ ގޮތުގައި ބެހެއްޓުމަށް ވެގެންދާ ހުރަހެކެވެ.
ނަމަވެސް އަދި ނޭވާލައިގެން ހަމަ ޖެހިލައިގެން އެއްވެސް އުނދަގުލަކާ ކުރިމަތި ނުވެ އަހަރެމެންނަށް މި ކުޑަ ކުޑަ އެޕާޓްމެންޓުގައި އެބަ އުޅެވެއެވެ.
“ޖަސްޓް… ލިވީ އަށް އިނގޭނީ ރަނގާޅު ގޮތެއް އިނގޭ… ލިވީ ކޮންމެ ގޮތަކަށް ވިސްނި ނަމަވެސް އަހަރެމެން މިތިބީ ލިވީ އާ އެކު.. އެކަމު އަހަރެމެން ބޭނުން ވަނީ ލިވީ ރަނގަޅަށް ހުންނަން…..” ޝެނިން ވެސް އަހަރެން ކައިރިއަށް އައިސް ބުންޏެވެ.
އަހަރެން ބޯ ޖަހާލާ އެއްބަސްވީމެވެ. އެގޮތަށް އެއްޗެކޭ ނުބުނެ ތިން މީހުން އެތަނުގައި ކޮޅަށް ތިބި އިރެއް ނޭނގެއެވެ. ހަމަ ހިމޭންކަން ކަނޑާލަމުން އަހަރެން ވާހަކަ ދެއްކީމެވެ.
“އެބަ އަންނަން މޫދަށް އެރިލައިގެން،…” އަހަރެން ބުނީމެވެ. އެހެން މީހަކު ނަމަ އަހަރެން މޮޔަވީހޭ އަހާފާނެއެވެ. ނަމަވެސް ޝެނިން އާއި އިރަމް އަށް އިނގޭނެއެވެ. އަހަރެން މޫދަށް ދާނީ ކަމަކާ ވަރަށް ގަދަޔަށް ވިސްނަން ވީމައެވެ. އެހެން ނޫނަށް ބޮޑު ފެންގަނޑެއްގައި އަހަރެންނަށް އަހަރެންގެ ބާރު ބޭނުން ކުރެވޭނެ އެވެ.
“ކޮންތާކަށް؟” ޝެނިން އެހި އެވެ. “ޓްރެކަށް…” އަހަރެން ބުނީމެވެ. “އޯކޭ. ބަލައިން އުޅޭތި… އަދި އަވަހަށް އަންނާތި. އަހަރެންނަށް ހެޔޮ ފަހެއް ޖަހާއިރު ގެޔަށް ވަތް ނަމަވެސް މާދަން ސްކޫލަށް ދާން ޖެހޭނެ… ނޯ ކަޓްސީސް…” އިރަމް އެހެން ބުނަމުން ކޮޓަރިން ނުކުންނަމުން ބުނީމެވެ.
ޝެނިންވެސް ބޮލާ ކުޅެކުޅެފައި ނިދަން އަރައިފި އެވެ. ދެމީހުން ހެނދުނު ވަޒީފާއަށް ދާން ޖެހޭނެއެވެ.
އަހަރެން އަނެއްކާ ނިދާ އެއްޗެހި އެހެން އެއްޗަކަށް ބަދަލު ކޮށްލައިގެން ކޮޓަރިން ނުކުމެގެން ދިޔައީމެވެ. ޓްރެކަށް ދިޔަ ގޮތަށް އަހަރެން އެންމެ ފަހުން ހިތް ހަމަ ޖެހިލައިގެން މޫދަށް ފުންމާލީމެވެ.
ވަގުތުން މޫނު ވަށައިގެން ވައިގެ “ބޯޅައެއް” ހަދާލީމެވެ. އޭރުން އަހަރެންނަށް ބޭނުން އިރަކު މުދު އަޑީގައި ނޭވާ ލެވޭ ގޮތަށް އޮވެވޭނެއެވެ. މޫދުގެ އަޑީގައި އަހަރެން އޮތީމެވެ. ވިސްނަން ފެށީ ދެނެވެ.
އަހަރެން ހުރިހާ ކަމަކާ ނުވިސްނަންޏާ މިކަހަލަ ކަންތައް ވާނެއެވެ. ޝެނިން އާއި އިރަމް އެ ދެއްކީ މުޅިން ތެދު ވާހަކައެވެ. ބަޔަކަށް އެހީތެރިވާއިރު އަހަރެންގެ އަމިއްލަ އާއިލާއަށް އޭގެ އަސަރު ކުރާނެ ކަމަކަށް އަހަރެން ނުވިސްނަމެވެ.
އެކަންތަކާ ވިސްނަން ފެންގަނޑުގެ އަޑީގައި އޮވެވުނު ވަގުތެއް އަހަރެންނަކަށް ނޭނގެއެވެ.
މައްޗަށް އެރުމާއެކު ކުޑަކޮށް ސިހުނެވެ. ކޮންމެވެސް މީހަކު ޓްރެކް ސަރަހައްދުގައި ހިޔާ ކޮށްފައި ހުރި ސަރަހައްދުގައި މީހަކު އިށީނދެ އިނެވެ. އޭނާއަށް ވީހާވެސް ނުފެންނަ ގޮތަކަށް އަހަރެން އެއްގަމަށް އަރައިގެން ދެވޭތޯ ބެލީމެވެ.
ނަސީބު އެހާ ރަނގަޅެއް ނޫނެވެ. އެއްގަމަށް އަރަން ދިޔަ އިރު އޭނާ ހުރީ ސިޑިބަރި ކައިރީގައެވެ.
“މިހާ ދަން ގަޑިއަކު އެކަނި ކީއް ތި ކުރަނީ؟” އޭނާ އައިސް އެހިއެވެ. “ކުރަނީ ކޮން ކަމެއް ހެން ހީވަނީ؟ އަހަރެން އާންމުކޮށް މޫދަށް އައިސް އުޅެނީ ފަސްއޮށް ކުޅެން. އަހަރެންނަށްވެސްް ހަމަ އެ ސުވާލު ކުރަންވީ ދޯ..” އަހަރެން ހަމަ އެއްވަރަކަށް ބުނެލީމެވެ.
އެއާއެކު އޭނާ މަޑު މަޑުން ގޮސް ކުރިން އިން ތަނުގައި އިށީނދެއްޖެ އެވެ. އުނގުމަތީގައި އަތް ބާއްވާލުމަށްފަހު އޭނާ އިސްދަށަށް ޖަހާލައިގެން މަޑުމަޑުން އިނެވެ.
“އޮނެސްލީ؟ އަހަރެންނަކަށް ނޭނގެ މިތަނަށް އާދެވުނީ ކިހިނެއް ކަމެއް.. އަހަރެން ހަނދާނެއް ނުވޭ..” އޭނާ ބުންޏެވެ. އަހަރެން އޭނާ ކައިރީގައި ޖައްސާލީމެވެ. މިއީ އެހެންޏާ ކުރާ ކަމެއް ނޫނެވެ. ނަމަވެސް އޭނާ އިންގޮތުގައި މީހަކަށް ގެއްލުންދޭ ވައްތަރެއް ނުޖަހައެވެ. އެހެން ނޫނަސް އަހަރެއްނަށް އަމިއްލަ ނަފްސު ފުރިހަމައަށް ދިފާއު ކުރެވޭނެއެވެ.
“އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން…. ވިސްނާލަބަ. އެއްވެސް ގެއްލުމެއް ނެތް.. އަހަރެންނަކަށް ތިއީ ކޮން މީހެއް ކަމެއް ވެސް ނޭނގެ. އަހަރެން މީހަކު ކައިރީ ވާހަކަ ދައްކާކަށް ނޯންނާނެ… އިޓްސް އަ ވިން ވިން ހަމަ ތި ފަރާތަށް” އަހަރެން އޭނާ ކައިރީގައި ބުނެލީމެވެ.
މަގުމައްޗަށް ވެރިވެފައި ވަނީ ފުރިހަމަ ހިމޭން ކަމެވެ. އެއްވެސް ދުއްވާ އެއްޗެއް އެއްވެސް ހިސާބަކުން ފެންނާކަށް ނެތެވެ. މާލެތެރެ މިހާ މަޑުން އޮއްވާ ފެންނާނީ މަދު ފަހަރަކު އެވެ.
އޭނާ އެއްޗެކޭ ނުބުނެއެވެ. ހަމަ މަޑުން އިނެވެ. “އަހަރެންނަކަށް އަސްލު ހަމަ އެއްވެސް ވަރަކަށް ނޭނގެ ކިހިނެއް ކަމެއް ވަނީ… އެހެންޏާ ވާގޮތެއް ނޫން މިއަކީ…،” ފުން ނޭވާއެއް ލުމަށްފަހު އޭނާ އެންމެ ފަހުން ބުންޏެވެ.
އެއީ ރީތި އަޑެކެވެ. ވަރަށް ފުން އަޑެކެވެ. އަދި ހަމަ އެހާ އޮމާން އަޑެކެވެ. އެ އަޑުން ފިހާރައަށް ގަންނަން ބޭނުންވާ އެއްޗެހީގެ ލިސްޓެއް ރިކޯޑުކޮށްފައި ވިއްކި ނަމަވެސް އަހަރެން އެ ގަންނާނަމެވެ. އެހާވެސް ރީތި އަޑެކެވެ.
“ވެދާނެ އެންނުދޯ ސްލީޕް ވޯކް ކުރެވެނީ ކަމަށްވެސް…” އޭނާ ކައިރީ އެހެން ބުނެފައި އިންތަނުން ތެދުވީމެވެ. އިތުރު އެއްޗެކޭ ނުބުނެ ގެއާ ދިމާލަށް ދާން ހިނގައިގަތީމެވެ.
“ދެޓްސް އިޓް…؟ ތި ދަނީ…؟ ނަމެއްވެސް ނުބުނޭ!؟” އަހަރެން ވަކި ހިސާބަކަށް ދިޔުމުން އޭނާ ގޮވާލާފައި އެހިއެވެ. އަހަރެންނެއް ފަހަތް އެނބުރިއެއް ނުބަލަމެވެ. “ނުބުނަމެއްނު ނަމެއް ހަމަ…. އެހެންވީމާ.” އަހަރެން ބުނީމެވެ. “އަރުން… އަހަރެންނަށް ކިޔަނީ އަރުން…” އޭނާ ބުންޏެވެ.
މޫދަށް އެރެވުނީމަ ވަރަށް ހިތް ހަމަ ޖެހިއްޖެ އެވެ. މާދަމާ އިންނާނީ ނިވިފައި އިން ބޮތްކެއް ހެނެވެ. މި ވަރުބަލިކަން މަތީގައި ވަރަށް ފަސޭހައިން ނިދީމެވެ.
ގެއަށް ވަދެވުމާއެކު އަވަހަށް ހެދުމުގައި ފެންލާ ހިއްކަން އެޅުމަށްފަހު ފެންވަރާ ތައްޔާރުވެލައިގެން ނިދީމެވެ.
ކުއްލިއަކަށް ނިދިން ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ޝެނިން އެވެ. ކަންނެއް ކަންމަތީގައި އަހަރެން ފޯނު ނެގީމެވެ. “ކީކޭ……” އަހަރެން ބުނީމެވެ.
“ކީއްކޮށްގެން ތިއުޅެނީ!!!! ކީއް ތި ކުރީ އަޅެ ރޭގައި ލިވީ….!!!” އެކޮޅުން ޝެނިން ހަޅޭ ލަވަނީއެވެ. “ކިހިނެއްތަ ވީ އަޅެ…” އަހަރެންނަކަށް ވެގެން އުޅޭ ކަމެއް ހަމަ އެއްވެސް ގޮތަކަށް ނޭނގެއެވެ. “އަދިވެސް ވީކަމެއް ނޭނގޭދޯ… ހަބަރު ބަލާ… ހުސް އެ އެއޮތީ….” އެހެން ބުނުމާއެކު އެކޮޅުން ލައިން ކެނޑިއްޖެއެވެ.
ނިދި ވަގުތުން ފިލައިފިއެވެ. ޝެނިންގެ އަޑުގައި ހުރި ބިރު އިހުސާސް ކުރެވުމާއެކު ހުރިހާ ނިންޖެއް ގޮސްފިއެވެ. އަހަރެން “ހަވީރު” އޮންލައިން އަޅުވާލީމެވެ.
އެއޮތޯއެެވެ. ހެޑްލައިންގައެވެ. އަހަރެންނާ ގުޅުން ހުރި އެއްޗެކެވެ.
“ރެހެންދީ އަކީ މީހުންވެސް މަރާ ފަރާތެއްތަ؟” އެންމެ ބޮޑު ވިންޑޯގައި އިން ލިޔުމެއްގައި ހެޑްލައިން ގައި ބުނެފައި އިނެވެ. އަހަރެން ހަވީރުގެ ހޯމް ޕޭޖް ހާވާލީމެވެ. އޭރު އިތުރު ހަބަރުތަކެއްގެ އިތުރުން ބްރޭކިން ހަބަރެއްވެސް އިނެވެ.
“މަރާލުމަށްފަހު ބަނދެފައިވާ ޒުވަނެއް ސިޓީއަކާ އެކު ފެނިއްޖެ” ބްރޭކިން ނިއުސްގެ ހެޑިންއަށް އިނެވެ. އަހަރެންގެ މުޅި ހަށިގަނޑު ފިނިވި ކަހަލައެވެ.
ތުރުތުރު އަޅަމުން ދިޔަ އިނގިލިތަކަކާއެކު އަހަރެން އެ ހަބަރު ކިޔަން ފެށީމެވެ. ބަނުމަށްފަހު މަރާލާފައިވާ މީހެއް ފެނިފައިވަނީ ރޭގެ 04:45 އެހާކަށްހާއިރު ކަމަށް އޭގައި ވަނީ ބުނެފައެވެ.
އޭނާގެ އަތުގައި އޮތް ސިޓީގައި ބުނެފައިވާ ގޮތުގައި އޭނާ މަރާލާފައިވަނީ އޭނާއަކީ ގައުމު “ސާފު” ކުރުމަށްޓަކައި ކަމަށެވެ. އަދި ސިޓީގެ ތިރީގައި ރެހެންދީ ޖަހާފައި އިނެވެ. އެއާއެކު އަހަރެން ބޮލަށް އެނބުރުން އެރި ކަހަލައެވެ.
މީހަކު މަރާލީއެވެ. ނަމަވެސް އެއީ އަހަރެން ކުރި ކަމެއް ނޫނެވެ. މީހަކު އަހަރެންގެ ނަން ބޭނުންކޮށްގެން ޒުވާނަކު މަރާލީއެވެ. ހުރިހާ ކަމެއް އަހަރެންގެ ބޮލުގައި އެޅޭނެ ގޮތަށެވެ.
9 Comments!
Comments are closed.
Neage kyvve kame v undurstanding e nuvea.. But reethi
Nice
Thank you :’))
Jaishann where ur lasfzu story
Lafzu story ge masakkai ves kuraanan. Ekamu Mifaharu Fini hiyy ekkoh nimmaafa ehen ehcheh fashaanee.
Alhugandu fashan bunefaivaa hurihaa vaahaka thakeh iraadha kurehviyyaa nimmaanan.
nice… mi nimuny tha mi vaahaka?
mi vaahaka continue kuraanan tha
Haadha kuru koh
Nme bai folhuvaiy
Ekm story hama rocking
hama salhi ekam kureedhw
SUPER GIRL COPY KOHLY DHW