ވާނަން އުމުރަށް 01
ހަޔާތުގައި ދިމާވާ ކޮންމެ ކަމަކީ އިމްތިޙާނެކެވެ . ބައެއް ފަހަރު އަހަރުމެންނަށް ، ހިތްދަތި ކަމެއް ދިމާ ވެއްޖެ ނަމަ މީހާ އެކަނިވެ ކޮޓަރީގެ ހަތަރު ފާރު ފިޔަވާ އެހެން އެއްޗެއް ނެތް ކަހަލައެވެ . ދުނިޔެ އަކީ އިމްތިހާން ގެ ގޮއިއްޗެކެވެ . މި އިމްތިޙާން އިން ފާސް ވުމަށް ޓަކައި އަހަރުމެން ގަދަ އަޅާ މަސައްކަތް ކުރަންޖެހެއެވެ .’
ޔާނާ އާއި ކައިލްގެ ކައިވެންޏަށްފަހު، އެ ދެމީހުންގެ ދިރިއުޅުން ކުރިއަށްވުރެ މާ އުފާވެރިވެގެން ދިޔައެވެ. ކޮންމެ ދުވަހަކީވެސް އައު އުއްމީދުތަކަކާއި ލޯތްބާއި ގުޅިފައިވާ ދުވަހެކެވެ. ޔާނާގެ ހިތުގައި ވަނީ ހަމައެކަނި ކައިލްގެ ނަމެވެ. އޭނާގެ މުޅި ދުނިޔެއަކީ ކައިލް ކަމުގައި ވެފައިވެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަތިރިމަތީގެ ހިތްގައިމު މާހައުލުގައި ދެމީހުން ތިއްބާ، ޔާނާ ވަރަށް މަޑުމަޑުން ކައިލްގެ ކަންފަތް ކައިރީގައި ބުނެލިއެވެ. “އަހަރެން އެކަނި ނުކުރައްޗޭ.” އެ އަޑުގައިވަނީ ކޮޅެއްނެތް ފުން ލޯތްބާއި އިތުބާރެވެ. ކައިލް ޔާނާގެ އަތުގައި ބާރަށް ހިފާލީ އެކަމަށް އިތުބާރު ދެމުންނެވެ.
ކައިވެނީގެ ޕާޓީ އޮތް ރެއަކީ ހަނދާނުން ފޮހެލަން ދަތި ރެއެކެވެ. އެންމެންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. އެ ރޭގެ އެ ހިތްގައިމު ޕާޓީއަށްފަހު، ޔާނާ އާއި ކައިލްގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދިޔައެވެ. ދެމީހުން ގަސްތުކުރީ އެހެން މީހުންނާ ވަކިން، މިނިވަންކަމާއެކު އަމިއްލަ ދިރިއުޅުމެއް އުޅުމަށެވެ. އެކަނި ދެމީހުން އުޅެމުން ދިޔަ ނަމަވެސް، ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް އާއިލާގެ މީހުން ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ލޯތްބާއި ގުޅުން ދެމެހެއްޓިއެވެ.
މި ކުޑަކުޑަ އާއިލާއިން ފެނިގެން ދަނީ ނަމޫނާ އުފާވެރިކަމެކެވެ. އެހެން އެއްވެސް މީހަކަށް އެ ގުޅުމުގެ ތެރެއަށް ނުވަދެވޭނެހާ ބަދަހިކޮށް އެމީހުންގެ ދިރިއުޅުން ބިނާކުރިއެވެ. ނަމަވެސް، އުފާވެރި ދުވަސްތަކަކަށްފަހު ކަންތައްތައް ބަދަލުވާން ފެށިއެވެ
ކައިލް އާއި ޔާނާއަކީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ، އުފާވެރި ދިރިއުޅުމެއް އުޅެމުން އައި ދެމަފިރިންނެވެ. އެ ދެމީހުންގެ ދިރިއުޅުމަށް އެހެން މީހަކަށް ހަސަދަވެވޭ ފަދަ އުފާވެރިކަމެއް ލިބިފައިވީ ނަމަވެސް، ފަހަކަށް އައިސް ކައިލްގެ ހިތުގައި ނުތަނަވަސްކަމެއް އުފެދެން ފެށިއެވެ. ލޯބިން އުޅެމުން އައި ދެމަފިރިންގެ މެދަށް މިފަދަ ބަދަލެއް އަތުވެދާނެ ކަމަކަށް ދުވަހަކުވެސް ކައިލް ހީއެއް ނުކުރެއެވެ.
ޔާނާގެ އުޅުމަށް އަންނަން ފެށި ބަދަލުތަކުން ކައިލްގެ ހިތުގައި ޝައްކުތަކެއް އުފެދެން ފެށިއެވެ. ކުރިން ހީނ ސަމާސާކޮށް އުޅުނު ޔާނާ މިހާރު ގިނަ ވަގުތު ހުންނަނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ކައިލް ވާހަކަ ދެއްކުމުންވެސް ދެނީ ކުރު ޖަވާބެކެވެ.
އެއްދުވަހެއްގެ އިރުއޮއްސުނު ވަގުތެވެ. ޔާނާ ކުޑަދޮރު ކައިރީގައި ބޭރު ބަލަން ހުރީ ވަރަށް ބޮޑު ފިކުރެއްގައި ހުރި ފަދަ ގޮތަކަށެވެ. ކައިލް މަޑުމަޑުން ގޮސް ޔާނާގެ އަތުގައި ހިފާލުމަށްފަހު އަހާލިއެވެ. “ޔާނާ… ކޮންކަމަކާ ތިހާ ބޮޑަށް ތި ވިސްނަނީ؟”
. ޔާނާ ސިހިފައި ކައިލްގެ އަތުން އަތް ދަމައިގަތެވެ. އަދި މަޑުމަޑުން ބުންޏެވެ. “ކަމެއް ނުވޭ ކައިލް. އަހަރެން ހަމަ ހުރީ ވިސްނާލަން.” ޔާނާ އެކަން ސިއްރު ކުރަން އުޅުނު ނަމަވެސް، އޭނާގެ މޫނުމަތިން ފެންނަމުންދިޔަ ބިރުވެރިކަމާއި ނުތަނަވަސްކަން ކައިލްއަށް ފާހަގަވިއެވެ.
ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް މިކަންތައް ކައިލްއަށްވީ ބޮޑު އުނދަގުލަކަށެވެ. ޔާނާ ރޭގަނޑު ނިދީގައި ތެޅިފޮޅުމާއި، އެކަނި އިނދެ ވާހަކަދެއްކުން ފަދަ ކަންތައްތައް އިތުރުވާން ފެށިއެވެ. ކައިލްއަށް ވިސްނުނީ މިއީ އާދައިގެ ކަމެއް ނޫން ކަމެވެ. މިކަމުގެ ފަހަތުގައި ސިއްރެއް ނުވަތަ ނުބައެއް އުޅޭކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފެށިއެވެ.
ފުންކޮށް ވިސްނުމަށްފަހު، ކައިލް ނިންމީ ޔާނާ ރުޤިއްޔާ ކުރާ މީހެއްގެ ކައިރިއަށް ގެންދިއުމަށެވެ. އެއީ މިކަމުގައި އެއްވެސް ކަހަލަ ރޫހާނީ ނުބައެއް އުޅޭތޯ ބަލައި، ޔާނާއަށް އެހީތެރިވުމުގެ މަގްސަދުގައެވެ. ލޯބިވާ އަނބިމީހާ ކުރީގެ އުފާވެރި ހާލަތަށް ރުޖޫޢަ ކުރުމަކީ ކައިލްގެ އެންމެ ބޮޑު އުންމީދެވެ. އޭނާގެ ހިތުގެ އަޑިން ބުނަމުންދިޔައީ ކޮންމެ ހާލެއްގައިވެސް ޔާނާ އާއެކު އުމުރަށް ވާނެ ކަމަށެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ކައިލްއަށް ޔާނާ ދުރުވާހެން ހީވާން ފެށިއެވެ. ކުރިން ފެންނަ އެ މައުސޫމް ހިނިތުންވުމާއި، ގާތްކަން ކުޑަވަމުންދާކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ޔާނާ ކޮންމެވެސް ކަމަކާ ވިސްނާހެން ހީވުމާއި، ގިނަވަގުތު ހިމޭނުން އިނުން ކައިލްގެ ހިތުގައި ބިރުވެރިކަން އުފެއްދިއެވެ. ޔާނާ އޭނާގެ އަތުން ގެއްލެމުންދާކަމުގެ އިހުސާސް ކުރެވެން ފެށުމާއެކު، ކައިލްގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އެ އުފާވެރި ދިރިއުޅުމަށް ހިޔަނި އެޅެން ފެށީ ކޮން ސަބަބަކާ ހުރެ ބާވައެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


NIH-GAR BAL-LS