އެޕިސޯޑް 16
ހެނދުނުގެ އިރު ދުނިޔެއަށް މަރުޙަބާ ކިޔަމުން ދިޔައިރު، އުޑުމަތި ވަނީ އޮރެންޖާއި ފިޔާތޮށި އަދި ރަން ރީނދޫ ކުލައިގެ ރީތި ކުލަވަރުތަކުން ފަވާލާފައެވެ. ހެލީނާ ބަނދަރުގެ ލަކުޑި ފާލަންމަތީގައި ފައި އެޅި ވަގުތަކީ އެއީއެވެ. ޖައްސަމުން ދިޔަ ފިނި ރޯޅިތަކުގައި ކަނޑުގެ ލޮނުކަމާއި، ހިއްކަން އަޅާފައި ހުރި މަސްދާގަނޑުތަކާއި ބާ ލަކުޑީގެ ވަސް އެކުލެވިގެންވެއެވެ. އޭނާ އަޅާ ކޮންމެ ފިޔަވަޅެއްގެ އަޑު އަމިއްލަ ކަންފަތަށް އިވެމުން ދިޔައީ ނުހަނު ބާރަށެވެ. ބާވެފައިވާ އެ ފާލަމުގައި ފައިވާން ޖެހުމުން އިވޭ ހުސް އަޑު، އޭނާގެ މޭގެ ތެރޭގައި ގުގުމަމުން ދިޔައީ ދިރިއުޅުމުގެ މުހިންމު ނިންމުމެއްގެ ވަގުތު ޖެހިއްޖެކަން އަންގައިދޭ ފަދައިންނެވެ.
އޭނާ މަޑުޖެހިލާފައި، ހަމަހިމޭން ނަމަވެސް ނުތަނަވަސްކަމެއް އެކުލެވިގެންވާ ކަނޑުގެ ލޮނުގަނޑަށް ބަލާލިއެވެ. ބަނދަރުކޮށްފައި ހުރި އޮޑިފަހަރުގެ އަރިމަތީގައި ރާޅުތައް މަޑުމަޑުން ބީއްސަމުން ދިޔައެވެ. އޭނާގެ އަތުގައި އޮތް ބާވެފައިވާ ފޮށި، އޭގައިވާ ތަކެތީގެ ބަރުދަނާއެކު އޭނާ ފަހަތަށް ދަމާ ކަހަލައެވެ. ހީވަނީ އޭނާގެ ހިތުގައިވާ ވަރުގަދަ އަޒުމުގެ ބަރުދަން އޭނާ އެ ހުރި ފިޔަވަޅުމަތީގައި ހިފަހައްޓަން އުޅޭ ހެންނެވެ. ހެލީނާގެ ހިތް ބާރުބާރަށް ތަޅެމުން ދިޔައެވެ. ފޮށީގެ އަތްގަނޑުގައި ހިފަހައްޓާލައިގެން ހުރި އިރު، އިނގިލިތަކަށް ވަމުންދިޔަ ބާރާއި ފަތިހުގެ ފިނިކަން އޭނާއަށް އިހުސާސް ކުރެވެއެވެ.
އޭނާ މިތަނަށް އައީ ވަރުގަދަ މަގުސަދެއްގައެވެ. އެއީ އެތައް ރެއަކު އޭނާގެ ނިދި ނަގާލައި، ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުންނަން މަޖުބޫރުކުރުވި ކަމެކެވެ. ރާޒިގުގެ އާއިލާއަށް ހަގީގަތް ފަޅާއަރުވާލަންޖެހޭނެއެވެ. އެތައް ދުވަހަކު ސިއްރުކޮށްފައިވާ ކަންތައްތަކަކީ ދެން އޭނާއަށް ހިފެހެއްޓޭނެ ސިއްރުތަކެއް ނޫނެވެ. އެހެނަސް، ފާލަމާ ދިމާއަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އާއިލާއިން އޭނާ ބަލައިނުގަނެފާނެތީއާއި، އޭނާގެ ވާހަކަތައް ގަބޫލުނުކޮށްފާނެތީ އޭނާ އިންތިހާއަށް ބިރުގަތެވެ. ރާޒިގުގެ އާއިލާއާ ކުރިމަތިލާ ވަގުތު އޭނާގެ ހިތްވަރު އެލިދާނެތީވެސްމެއެވެ.
އޭނާ ބަނދަރުމައްޗަށް ނަޒަރު ހިންގާލިއެވެ. ދުރުން ބައެއް މީހުން ފެންނަން ތިއްބެވެ. އެކަކު ކައިރިވާ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި އުންމީދުގެ ދިރުލުމެއް އުފެދެއެވެ. އެއީ ރާޒިގުގެ ގެއަށް އޭނާ ގެންގޮސްދޭނެ މީހަކަށް ވެދާނެބާވައެވެ؟ އޭނާ ދަތްކިތްކުރާލުމަށްފަހު ހިތްވަރުކޮށްފައި ކުރިއަށް ހިނގައިގަތެވެ. ފޮށީގެ ފުރޮޅުތައް ކެރުކެރުލާ އަޑު އެ ހިމޭން މާހައުލުގައި އިވެމުން ދިޔައެވެ. ކަނޑުގެ ރާޅުތަކުގެ އަޑު ހީވަނީ، އެއްފަހަރު ކުރިއަށް ފިޔަވަޅެއް އަޅައިފިނަމަ ދެން އެނބުރި ދިއުމެއް ނެތްކަން ހަނދާންކޮށްދޭ ލަވައެއް ހެންނެވެ.
****
ގޯތިތެރެ އޮތީ ވަރަށް ބޮޑަށް ހިމޭންވެފައެވެ. ދުރުން އިވޭ ދުއްވާ އެއްޗެއްގެ އަޑާއި، ގަސްތަކުގެ ތެރެއިން އިވޭ ދޫނީގެ ސިލްސިލާ ފިޔަޖަހާ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. ޖޫލީ ޓެރަހަށް ވަނުމަށްފަހު ގައިގައިހުރި ހުރިހާ ހަކަތައެއްލާފައި ޓެރަހުގެ ދޮރު ބަޑިއަކަށް ޖެހިއެވެ. އެއާއެކު އެދޮރު ލެއްޕުނު ބާރު އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ. އެއީ މަރާމާތު ނުކުރެވޭ ވަރަށް އެއްޗެއް ބިނދިގެން ދިޔުން ފަދަ، މާޔޫސްކަމުން ފުރިގެންވި އަޑެކެވެ. ޖޫލީ އިނީ ޓެރަހުގައި އެލުވާފައިހުރި އުނދޯލީގައި އިށީނދެގެންނެވެ. އޭނާގެ ހިތުގައި ވަނީ ހިތާމައާއި ބިރުވެރިކަމުގެ ބޮޑު ތޫފާނެއް އުފެދިފައެވެ. ލިބުނު ހިތާމައެއްގެ ބޮޑުކަމުން ޖޫލީ އިތުރަށް ޒުނާމްގެ ކުރިމަތީގައި ހުންނަން ބޭނުންނުވީއެވެ. ގޭތެރޭގައި ވައިރޯޅިތައް ގަދަވެފައިވާއިރު، ޓެރަހުގެ ރެއިލިން ކައިރިއަށްގޮސް ޖޫލީ ހުއްޓިލައެވެ. އޭނާގެ ދެއަތް ތުރުތުރުލަމުން ދިޔައިރު، ނޭވާލުންވެސް ބުރަ ކަމަކަށް ވެފައިވާ ކަހަލައެވެ. ބޯމަތިން ފެންނަން އޮތް ބިޔަ އުޑާއި، އަތިރިމަތިން އަންނަމުންދިޔަ ފިނި ރޯޅިތައް އޭނާގެ މޫނުގައި ބީހެމުން ދިޔަ ނަމަވެސް، އޭނާއަށް އެއްވެސް އިހުސާސެއް ނުވެއެވެ.
ކުރެވުނު ކަންތަކުގެ މޮޔަހީވެފައިހުރި ޒުނާމް މަޑު ހިނގުމެއްގައި އައިސް ޓެރަހަށް އެރިއެވެ. ޖޫލީއިނީ ޓެރަހުގެ ދޮރުތަޅުލައިގެންނެވެ. ޒުނާމްއައިސް ދޮރުގައި ޓަކިޖަހައިލުމުންވެސް ޖޫލީ ދޮރު ހުޅުވާކަށް ބޭނުމެއްނުވިއެވެ. ޖޫލީއިނީ އެއަށްވުރެ ބޮޑަށް ޒުނާމްދެކެ ރުޅިއައިސްފައެވެ. ޖޫލީ ދެރަވެގެންގޮސް އޭނާގެ ފުރާނައަށް ގެއްލުންވާފަދަ ކަމެއް ކޮށްފާނެތީ ޒުނާމް ހާސްވިއެވެ. އެހެންކަމުން ޒުނާމް ބާރުބާރަށް ދޮރުގައި ތަޅައިގަތެވެ. ޖޫލީއަށް އެއަޑު އިވެންފެށިއެވެ. އެހެނަސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ އެންމެ ކަމެކެވެ.
ޒުނާމް އަމިއްލައަށް މަރުވާން އުޅުނީ… އަހަރެންގެ ލޯބި އިމްތިހާނު ކުރުމުގެ ބޭނުމުގައެވެ.
ޖޫލީގެ ތުންފަތްމައްޗަށް ވެރިވީ ހިތްދަތި ހިނިތުންވުމެކެވެ.
“ލޯބި…” އޭނާ މަޑުމަޑުން ބޯހޫރުވަމުން ކިޔާލިއެވެ. “ޒުނާމް، ޒުނާމްއަށް އަހަރެންގެ ލޯބީގެ މާނައަކީ މިއީތަ؟”
ލައްޕާފައިވާ ދޮރުގެ އަނެއް ފަރާތުން ބާރަށް ތަޅާ އަޑު އިވެން ފެށިއެވެ.
“ޖޫލީ! ޖޫލީ، އާދޭސްކޮށްފައި ބުނަން— ދޮރު ހުޅުވަބަލަ!” ޒުނާމްގެ އަޑުގައި ވަނީ ބިރުވެރިކަމާއި ކަންބޮޑުވުމެވެ.
ޖޫލީ އޭނާގެ ދެލޯ ބާރަށް މަރާލިއެވެ. އެއީ އެއްދުވަސްވަރެއްގައި އޭނާއަށް ރައްކާތެރިކަން އިހުސާސްކޮށްދިން އަޑެވެ. ނަމަވެސް މިއަދު އެ އަޑު އިވުމުން ހިތަށް ހީވަނީ ތޫނު ވަޅިއަކުން ހަރާލާ ހެންނެވެ.
“ޒުނާމް ބޭނުންވީ ހެކިދޭން ދޯ؟” ލޮލުން ފައިބަމުންދިޔަ ކަރުނަތަކާއެކު ބާރަށް ޖޫލީ ބުންޏެވެ. “އަހަރެން ޒުނާމްދެކެ ލޯބިވާ މިންވަރު ބަލަން ބޭނުންވީ ދޯ؟”
“ޖޫލީ، އާދޭސްކޮށްފައި ތިކަހަލަ ވާހަކަ ނުދައްކާ— ދޮރު ހުޅުވަބަލަ، އަހަރެމެން ވާހަކަދައްކައިގެން…”
“ނޫން!” ޖޫލީ ހަޅޭއްލަވައިގަތެވެ. އޭނާ ޓެރަސްގެ ފެންސާ ދިމާލަށް ފިޔަވަޅެއް ކުރިއަށް އެޅިއެވެ. “ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް!”
އޭނާގެ ދެއަތް ބާރަށް މުށްކަވާލިއެވެ. “އަހަރެންގެ ހުރިހާ އެއްޗެއް ޒުނާމްއަށް ދިނިން. އަހަރެންގެ ކޮންމެ ނޭވާއެއް، ކޮންމެ ވިންދެއް… އެއީ ހުސް ޒުނާމްގެ ހައްގުތަކެއް.”
ޖޫލީއަށް ބާރަށް ރޮވުނެވެ. “އެވަރުންވެސް… ޒުނާމްއަށް ފުދޭވަރެއް ނުވި.”
ދޮރުގެ އަނެއް ފަރާތުން ޒުނާމްގެ އަޑު މުޅިން ބަދަލުވެ، ރޮވޭ ގޮތް ވިއެވެ. “ޖޫލީ، އަހަރެންނަށް ކުށެއް ކުރެވުނީ… އަހަރެން ބިރުގަތީ… އަހަރެންނަކަށް ނުވިސްނުނު—”
“ނުވިސްނުނޭ؟!” ޖޫލީ އަނެއްކާވެސް ހީނގަތެވެ. “ޒުނާމް، ޒުނާމް އުޅުނީ އަމިއްލައަށް މަރުވާން! މި ދުނިޔެއަށް އަހަރެން އެކަނި ދޫކޮށްލަން ޒުނާމް ތައްޔާރުވީ ހަމައެކަނި އަހަރެން ލޯބިވޭތޯ ބަލަން؟!”
ކުއްލިއަކަށް ޖޫލީގެ އަޑު މަޑުވިއެވެ. “މިހާރު އަހަރެންނަށް ވިސްނިއްޖެ.”
ކުޑަ ވަގުތުކޮޅަކަށް ހިމޭންކަން ވެރިވިއެވެ. ބިރުވެރި ހިމޭންކަމެކެވެ.
“ކޮން އެއްޗެއް ވިސްނުނީ…؟” ޒުނާމް މަޑުމަޑުން އަހާލިއެވެ.
ޖޫލީ ޓެރަސްގެ އެންމެ ކައިރިއަށް ޖެހިލިއެވެ. “ލޯބި މިނެކިރާ އުސޫލަކީ މިއީކަން.”
“ނޫން— ނޫން، އަހަރެން ބުނި އެއްޗެއްގެ މާނައަކީ އެއެއް ނޫން…”
“މަރުވުމަކީ ލޯބި ސާބިތުކޮށްދޭ ގޮތް ކަމަށްވާނަމަ…” ޖޫލީ ވަރަށް މަޑުމައިތިރިކަމާއެކު ބުންޏެވެ. “…އަހަރެންވެސް ޖެހޭނީ އެގޮތަށް ހަދަން ދޯ؟”
ޒުނާމްގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. “ޖޫލީ… ތި ދައްކަނީ ކޮން ކަހަލަ ވާހަކައެއް…؟”
ޖޫލީގެ ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. “އަހަރެން ފުންމާލައިފިނަމަ…” ތިރީގައި އޮތް ތަޅުންގަނޑަށް ބަލަހައްޓައިގެން ހުރެ އޭނާ ބުންޏެވެ. “…އޭރުން ޒުނާމްއަށް އެނގޭނެ އަހަރެން ކިހާ ލޯބިވާކަން.”
“ނޫން!” ޒުނާމް ބާރަށް ދޮރުގައި ޖެހިގަތެވެ. “ޖޫލީ، ހުއްޓާލާ! ތިކަހަލަ ކަމެއް ކުރަން ނުވިސްނާ!”
“ކީއްވެ ނުކުރަންވީ؟” ޖޫލީ ސިއްރުސިއްރުން ބުންޏެވެ. “މިއީ އެއް ނޫންތަ ޒުނާމް ބޭނުންވި ހެއްކަކީ؟”
“އަހަރެން މިކަހަލަ ކަމެއް ބޭނުމެއް ނޫން!” ޒުނާމް ހަޅޭއްލަވައިގަތެވެ. “ކަލޭ ގެއްލޭ ކަހަލަ އެއްވެސް ކަމެއް އަހަރެން ބޭނުމެއް ނޫން!”
ޖޫލީގެ ލޮލުން ކަރުނަ ފައިބަމުން ދިޔަ ނަމަވެސް، އޭނާގެ ނަޒަރު ހުރީ ކުރިމައްޗަށް ހުއްޓިފައެވެ.
“މިހާރު މާ ލަސްވެއްޖެ،” އޭނާ ބުންޏެވެ. “އަހަރެންގެ ލޯބީގެ އަގަކީ ކޮބައިކަން ޒުނާމް ދައްކައިފި. ވިސްނައިދީފި”
އަނެއްކާވެސް ހިމޭންވިއެވެ. ދެން މަޑުމަޑުން އޭނާގެ އެއް ފައި ހިއްލާލިއެވެ.
“ޖޫލީ…” ޒުނާމްގެ އަޑު ބިރުން ގޮސް ބަދަލުވިއެވެ. “އާދޭސްކޮށްފައި ބުނަން… ތިހެން ނަހަދާ…”
ޒުނާމް މުޅި ބާރުލާފައި ދޮރުގައި ޖެހިގަތެވެ. އެއްފަހަރު… ދެފަހަރު… ދޮރުގެ ލަކުޑިގަނޑުން އަޑުގޮވަން ފެށިއެވެ.
ޓެރަސްމަތީގައި ޖޫލީ ފުން ނޭވައެއްލިއެވެ. ވައިގެ ސަބަބުން އޭނާގެ ހަށިގަނޑަށް ލޮޅުން އަރަމުން ދިޔައެވެ. “ފަހަރުގައި އަހަރެން ދިޔުމުން، ކަލެއަށް އަހަރެންގެ ވާހަކަ ގަބޫލުކުރެވިދާނެ.”
ކުއްލިއަކަށް ދޮރުގެ ތަޅު ބިނދިގެން ދިޔަ އަޑު އިވުނެވެ.
“ޖޫލީ!” ޒުނާމް ހަޅޭއްލަވައިގަންނަމުން ބާރަށް ދޮރު ހުޅުވާލިއެވެ.
އޭނާއަށް ފެނުނީ ޓެރަސްގެ އެންމެ ކައިރީގައި، ފުންމާލަން ތައްޔާރަށް ހުރި ޖޫލީއެވެ. ވަގުތުކޮޅަކަށް ދުނިޔެ ހުއްޓުނު ކަހަލައެވެ.
“ޖޫލީ…”
ޖޫލީ މަޑުމަޑުން އޭނާގެ މޫނު އަނބުރާލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ހިތްދަތިކަމެވެ.
“އަހަރެން ޒުނާމްދެކެ އަހަރެންގެ މުޅި ޙަޔާތަށް ވުރެވެސް ލޯބިވަން،” އޭނާ މަޑުމަޑުން ބުންޏެވެ. އަދި ކުރިއަށް ލެނބިގަތެވެ.
“ނޫން!”
ޒުނާމް ދުވެފައި ގޮސް ޖޫލީގެ އަތުގައި ހިފާ، ގައިގައިހުރި ބާރެއްލާފައި އޭނާ ފަހަތަށް ދަމައިގަތެވެ. ޖޫލީ ޒުނާމްގެ ގައިގައި ޖެހުނު ބާރުމިނުން އޭނާގެ ނޭވާ ކުރުވިއެވެ.
އެއްވެސް އެއްޗެއް ބުނުމުގެ ކުރިން، ޒުނާމް އޭނާގެ ދެއަތުން ޖޫލީގެ ގައިގައި ބާރަށް ބައްދާލިއެވެ. އެއީ ދޫކޮށްލަން ބޭނުންނުވާ ފަދަ ބާރު ބެއްދުމެކެވެ.
“ދެން ދުވަހަކުވެސް ތިކަހަލަ ކަމެއް ނުކުރާތި… އާދޭސްކުރަން…” ޒުނާމްގެ އަޑު ތުރުތުރުލަމުން ދިޔައެވެ.
ޖޫލީ އޭނާގެ އަތުން ޒުނާމްގެ މޭގައި ތަޅަމުން ދިޔައެވެ. “އަހަރެން ދޫކޮށްލާ! ޒުނާމް، އަހަރެން ދޫކޮށްލާ! މިއީ އެއް ނޫންތަ ޒުނާމް ބޭނުންވި ގޮތަކީ؟!”
“އަހަރެން މިގޮތެއް ބޭނުމެއް ނޫން!” ޒުނާމް ރޮމުން ބުންޏެވެ. “އަހަރެންނަށް ކުށެއް ކުރެވުނީ! އަހަރެންނަކީ މޮޔައެއް! ޖޫލީ، އަހަރެން ބިރުގަތީ!”
ޖޫލީގެ ބާރު ދެރަވަމުން ދިޔައެވެ. “ކަލޭ އަހަރެންނަށް އިތުބާރެއް ނުކުރި… ގަބޫލެއް ނުކުރި…”
“އަހަރެން ގަބޫލުކުރަން!” ޒުނާމް ވަގުތުން ބުންޏެވެ. “މިހާރު އަހަރެން ގަބޫލުކުރަން، އަބަދުވެސް ކުރަން ޖެހޭނެ… އަހަރެން ބިރުގަތީ ކަލޭ ގެއްލިދާނެތީ…”
ޖޫލީގެ ހަރަކާތްތައް ހުއްޓުނެވެ. އަތުގެ މުށް ހުޅުވުނެވެ. “…އެހެންވެ ޒުނާމް އުޅުނީ އަހަރެން ގެއްލުވާލަންތަ؟” އޭނާ މަޑުމަޑުން އަހާލިއެވެ.
އެ ސުވާލުން ޒުނާމްގެ ހިތް ކުދިކުދިވިއެވެ. “އަހަރެންނަށް ނުވިސްނުނީ… ހުވާކޮށްފައި ބުނަން، އަހަރެންނަށް ނުވިސްނުނީ… އަހަރެން ބޭނުންވީ ޔަގީންކަމެއް، އެކަމަކު އަހަރެންނަށް އިޚްތިޔާރު ކުރެވުނީ އެންމެ ގޯސް ގޮތް…”
ޖޫލީ ބާރަށް ރޮއިގަންނަމުން ޒުނާމްގެ އަތުގެ ތެރެއަށް މޫނު ފޮރުވާލިއެވެ. “އަހަރެން ޒުނާމްދެކެ އިންތިހާއަށް ލޯބިވިން… އަދިވެސް ލޯބިވޭ… އެކަމަކު ޒުނާމް އިހުސާސްކޮށްދިނީ އެއީ ހަގީގަތެއް ނޫން ކަމަށް…”
ޒުނާމް މަޑުމަޑުން ޖޫލީގެ މޫނުގައި ހިފާ، އޭނާއާ ހަތަރުކަޅި ހަމަކުރިއެވެ. ޖޫލީގެ ދެލޯ ވަނީ ރަތްވެ، ދުޅަވެފައެވެ.
“މައާފުކުރޭ،” ޒުނާމްގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ. “އަހަރެންނަށް މައާފުކުރޭ… އަހަރެންނަށް ކަލެއަށް ދެވުނު އަނިޔާއަކީ ދުވަހަކުވެސް ފޫނުބެއްދޭނެ އަނިޔާއެއް…”
ޖޫލީ މަޑުމަޑުން ބޯހޫރުވާލިއެވެ. “އެއީ ހަމައެކަނި ހިތަށް ލިބުނު އަނިޔާއެއް ނޫން… ޒުނާމް އަހަރެންގެ އެތެރެހަށިން އެއްޗެއް ބިންދާލައިފި… އަހަރެންގެ ހިތް ހަލާކުކޮށްލައިފި”
ޒުނާމް އޭނާގެ ގައިގައި އިތުރަށް ބާރަށް ބައްދާލިއެވެ. “އެހެންވިއްޔާ އެކަން ރަނގަޅުކުރަން އަހަރެންނަށް ފުރުސަތެއް ދީ. މުޅި އުމުރު އެކަމަށް ހޭދަކުރަން ޖެހުނަސް އަހަރެން ތައްޔާރު… ހަމައެކަނި އަހަރެން ދޫކޮށްފައި ނުދާ ފަހަރަކު…”
ޖޫލީ އިރުކޮޅަކު ޒުނާމްގެ މޫނަށް ބަލަން ހުއްޓެވެ. ވަށައިގެންވާ ވައިރޯޅިތައް އަދިވެސް ބާރަށް ޖެހެމުން ދިޔައެވެ.
އަދި މަޑުމަޑުން… އޭނާގެ ހަށިގަނޑުން ވަރުދޫވިއެވެ. އޭނާ ޒުނާމްގެ މޭގައި ބޯއަޅާލިއެވެ.
“އަހަރެންނަކަށް ނޭނގެ އަލުން އިތުބާރު ކުރެވޭނެ ކަމެއް…” ޖޫލީ ސިއްރުސިއްރުން ބުންޏެވެ.
ޒުނާމް އޭނާގެ ދެލޯ މަރާލިއެވެ. “އަހަރެން އެ އިތުބާރު ހޯދާނަން. މުޅި އުމުރު ހޭދަވިޔަސް އަހަރެން އެކަން ކުރާނަން.”
އެ ހިތްދަތި ވަގުތުކޮޅުގައި، އެ ދެމީހުން އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިއްބެވެ. އެއީ ކުރިމަގާ މެދު އޮތް ޔަގީންކަމެއްގެ ސަބަބަކުން ނޫނެވެ. ނަމަވެސް އެކަކު އަނެކަކާ ނުލައި ދިރިއުޅުމުގެ ބިރުވެރިކަން ބޮޑުކަމުންނެވެ.
ޖޫލީއަށް ކެތްނުކުރެވިގެން ޒުނާމްގެ މޭގައި ބޮނޑިވެލާފައި ގައިގައި ބައްދާލިއެވެ. އެއީ ރައްކާތެރިކަމާއި، ހަމައެހެންމެ ޖެހިލުންވުމުން ފުރިގެންވި ބައްދާލުމެކެވެ. ހީވަނީ އެންމެ ހިނދުކޮޅަކަށް ދޫކޮށްލިޔަސް ހުރިހާ ކަމެއް ބުރބުރަވެގެން ހިނގައިދާނެތީ އޭނާ ބިރުގަންނަނީ ހެންނެވެ.
“އަހަރެން ވަޢުދުވަން،” ޒުނާމް މަޑުމަޑުން ބުންޏެވެ. އޭނާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. “ޖޫގެ ލޯބި އިމްތިހާނުކޮށްގެން ދުވަހަކުވެސް ދެން އަހަރެން ހިތުގައި ނުޖައްސާނަން.”
ޖޫލީގެ ތުންފަތަށް ތުރުތުރުލުމެއް އައެވެ. އެ ބަސްތަކުން ހިތަށް ފިނިކަމެއް ލިބުނު ނަމަވެސް، ޒުނާމް ކުރިކަންތަކުގެ ހިތްދަތި ހަނދާންތަކުގެ ބަރުދަން އޭނާއަށް އިހުސާސް ކުރެވުނެވެ. ވޭތުވެދިޔައީ އެތައް އިމްތިހާނުތަކަކާއި، ޝައްކުތަކާއި، އަދި އޭނާގެ ލޯބީގެ ގާބިލުކަމާމެދު ސުވާލު އުފެދުނު ރޭތަކެވެ. އޭނާ ޒުނާމްގެ ގަޔަށް ލެގިލައިގެން ހުރި ނަމަވެސް، ހިތުގެ އެއްބައި އަދިވެސް ހުރީ ބަންދުވެފައެވެ.
“އަހަރެން މިކަމަށް އަދި އެންމެ ފުރުސަތެއް ދޭނަން،” ޖޫލީ ސާބިތުކަމާއެކު ބުންޏެވެ. “އެކަމަކު ޒުނާމް… އަހަރެން މިހާވަރަށް ކަންތައް ކޮށްދިނުމުންވެސް އަހަރެންގެ ލޯތްބާމެދު ޝައްކުކުރާނަމަ، ފަހަރެއްގައި އެންމެ ރަނގަޅު ގޮތަކީ ޒުނާމް ބޭނުންވާ ފަދަ ލޯބި ދެވޭނެ އެހެން މީހަކު ހޯދުން ކަމަށް ވެދާނެ.”
އެ ބަސްތައް ޒުނާމްގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭނާ ޖޫލީ ގަޔާލާ ބާރުކޮށްލިއެވެ. އޭނާގެ ހިތުގެ ތެރޭގައި އެދުންވެރިކަމާއި ޝައްކުގެ ބޮޑު ހަނގުރާމައެއް ހިނގަމުން ދިޔައެވެ. ނަމަވެސް، ޖޫލީގެ ލޮލަށް ބަލާލުމުން، އެ ދެމެދުގައިވާ ނާޒުކު އިތުބާރުގެ ރޮދިފަށް ފެނި، އޭނާ މަޑުމައިތިރިވިއެވެ.
އޭނާ ޖޫލީގެ ނިތްކުރީގައި ބޮސްދިނެވެ. އެއީ ރައްކާތެރިކަމާއި އުންމީދުގެ ހިމޭން ވަޢުދެކެވެ. އެތައް ދުވަހަކަށްފަހު ފުރަތަމަ ފަހަރަށް ޖޫލީއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެމީހުން އެކަކު އަނެކަކުގެ ހިމޭން ލޯބީގެ ތެރޭގައި މަޑުކޮށްލައިގެން ތިއްބެވެ. އެއީ އަލުން އިތުބާރު ކުރަން ދަސްކުރާ ދެ ހިތެއްގެ ނަލަ ނަށާލުމެކެވެ.
އެޕިސޯޑު 17
ރާމިޔާ ގޭތެރެ ކުނިކަހާ ނިންމާލާފައި އައިސް އަރާމުކޮށްލުމަށްޓަކައި ސޯފާގައި ޖައްސާލިއެވެ. އެވަގުތު ފަސީހުއައިސް ފިނިކޮށްލުމަށްޓަކައި ފަންކާ ޖަހާލިއެވެ. އަދި ފުރިޖުގައިހުރި ފިނިފެންފުޅިއަކުން ލޯވައްޓަކަށް ފެންފޮދެއް އެޅުމަށްފަހު ރާމިޔާއަށް ދިއްކޮށްލިއެވެ. ރާމިޔާ ހިނިތުންވެލާފައި އޭގައި ހިފާލިއެވެ. “ޝުކުރިއްޔާ ބޭބޭ…”
“މިހާރު އަހަރެންނަށް މާފުކޮށްފިން ދޯ؟” ރާމިޔާ މަޑުމަޑުން ސިއްރެއް ބުނާހެން ފަސީހުއާއި ސުވާލުކޮށްލިއެވެ.
“އަހަރެންނަށް ރާމިދެކެ ރުޅިއައިސް މާގިނަ ދުވަހަކު ނުހުރެވޭނެ. މިހާރު ވިސްނާލީމަ އެނގޭ އެއީ ރާމީ ގަސްދުގަ ކުރިކަމެއްނޫންކަން. އެއީ ރާމިއަށް ނުވިސްނޭތީ ކުރިކަމެއްކަން…” ރާމިޔާގެ ބޮލުގައި ފަސީހު އޯގާތެރިކަމާއެކު ފިރުމާލިއެވެ. ދެން ދެވަނަ ފަހަރަކަށް އެފަދަކަމެއް ދުވަހަކުވެސް ނުކުރައްޗޭ ބުނާ ފާޑު ޒާތަކަށެވެ.
މިއަދަކީ ރާމިޔާއަށް ބޮޑު ދުވަހެކެވެ. ސުކޫލް ނިންމާލުމަށްފަހު ރާމިޔާގެ ހަޔާތަށް ކުރިމަތިވީ ކޮޅިގަނޑުގެ ސަބަބުން ކިޔެވުމާ އެކީ އެކަށް ދުރަށް ދިއުމަށްފަހު ރާމިޔާ މުޅިން އައު ހަޔާތެއް ފަށާނެ ދުވަހެވެ. ފަސީހާއި އޭނާގެ ބައްޕަ ޤަފޫރުގެވެސް އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާމިޔާ ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ މީހެއްގެ ގޮތުގައި ފެންނާނެ ދުވަހެކެވެ. އެތަކެއް ރޭތަކެއްގެ ވިސްނުމާއި މަޝްވަރާއަށްފަހު ރާމިޔާ ނިންމީ ކޯހެއް ހަދާށެވެ. ރަށުގައި ރަނގަޅު ފެންވަރަކަށް ކިޔަވާދޭ ކޮލެޖެއް ހުރުމުން ރަށުގައި ކިޔެވޭނެ މަގުވެސް އެތީ ފަހިވެފައެވެ. ކޯހުގެ ހުރިހާ ފީއެއް ބޮލުގައި އަޅަން ފަސީހު އެބަހުއްޓެވެ. އެހެންވީމާ ނުކިޔަވާހުރެ ދިރިއުޅުން ބޭކާރުގޮތުގައި ހޭދަކުރުމުގެ ބޭނުމެއް ނެތްތާއެވެ. ރާމިޔާ ބޭނުންވަނީ އޭނާގެ މާޒީގެ ސަފުހާތައް ހަނދާނުން ފޮހެލާފައި އައު ފެށުމަކުން އޭނާގެ ދިރިއުޅުން ފަށައިގެން ކުރިއަށްދާށެވެ.
***
ކޮލެޖުގެ ކޮރިޑޯތައް ވަނީ ދަރިވަރުންގެ ހުނުމާއި ވާހަކަތަކުން ފުރިފައެވެ. ނަމަވެސް އެ އަޑުތަކުގެ ތެރޭގައި މަލާމާތާއި ފާޑުކިޔުމުގެ ރާގުތައް އެކުލެވިގެންވެއެވެ. ރާމިޔާ ހިނގަމުން ދިޔައީ އިސްޖަހާލައިގެން ފޮތްތައް މޭގައި ޖައްސާ ބާރުކޮށްލައިގެންނެވެ. ކަންފަތްދޮށުން އިވޭ ކޮންމެ ކިރިކިރިލުމެއް ހީވަނީ އޭނާގެ ހިތަށް ހެރޭ ކަށިތަކެއް ހެންނެވެ. އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ދިޔައީ ކުޑަވަމުންނެވެ.
“އޭނާ އިނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކާ!” ދަރިވަރަކު ބާރަށް ބުނި އަޑަށް އެންމެން ހޭން ފެށިއެވެ.
“އެމީހާ އަމިއްލައަށް މަރުވީ ނޫންތަ؟ ދަންޖެހިގެން…” އަނެކަކު އިތުރުކޮށްލިއެވެ.
ރާމިޔާގެ މޭ ފިތޭ ފަދަ އިހުސާސެއް ކުރެވުނެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެންމެންގެ ބެލުންތަކާއި ވިހަ ބަސްތަކުގެ ބަރުދަން އޭނާއަށް އުފުލަން އުނދަގޫވިއެވެ. އޭނާ ބޭނުންވީ އެކަނިވެލާނެ ތަނެކެވެ. ދުނިޔޭގެ މަލާމާތުން ސަލާމަތްވެ ހަމަޖެހިލައިގެން އިނދެވޭނެ ތަނެކެވެ.
ރާމިޔާ ހިނގަމުންދަނިކޮށް އޭނާއަށް ކޮލެޖު ގޯތިތެރެއިން ހިމޭން ކަނެއްގައި ހުރި ބެންޗެއް ފެނުނެވެ. އޭނާ އެތަނުގައި އިށީނދެ ރޯން ފެށިއެވެ. ލަދުވެތިކަމާއި، ހިތާމަ އަދި އާ ފެށުމަކަށް އޮތް އެދުންވެރިކަން އޭނާގެ ހިތުގައިވިއެވެ.
އެވަގުތު މީހެއްގެ ހިޔަނި އޭނާގެ މައްޗަށް އެޅުނެވެ. އިސްއުފުލާ ބަލާލިއިރު، އޭނާގެ ކުރިމަތީގައި ހުރީ ވަރަށް މަޑުމައިތިރި ސިފައެއް ހުރި ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ އެއްވެސް އެއްޗެކޭ ނުބުނެ، ރާމިޔާއަށް ޓިޝޫއެއް ދިއްކޮށްލިއެވެ. “މި ހިފާ،” އޭނާ މަޑުމަޑުން ބުންޏެވެ.
ރާމިޔާ ތުރުތުރުލާ އަތަކުން އެ ޓިޝޫގައި ހިފިއެވެ. އެއީ ކުޑަ ކަމެއް ނަމަވެސް، ރާމިޔާއަށް އެވަގުތު އެއީ ވަރަށް ބޮޑު ކަމެކެވެ. އޭނާގެ ހިތާމަ ބަލައިގަނެ، އެއްވެސް ފާޑުކިޔުމެއް ނެތި އެހީތެރިވި ފުރަތަމަ އިންސާނަކީ އެއީއެވެ. އޭނާއަށް ނޭނގުނު ކަމަކީ، އެ ކުއްޖާއަކީ އޭނާގެ ދިރިއުޅުމުގެ ކުރިމަގުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މީހަކަށް ވެގެންދާނެ ކަމެވެ.
****
ހެލީނާ ބަނދަރުގެ މަގުތަކުން ހިނގަމުން ދަނިކޮށް، ދަންނަ މީހަކު ފެނުނެވެ. އެއީ ގަފޫރެވެ. ގަފޫރު ފެނުމާއެކު ހެލީނާއަށް އެއީ ކާކުކަން އެނގިއްޖެއެވެ. ނޭގޭނީވެސް ކިހިނަކުން ހެއްޔެވެ. ރާޒިޤާއި ގުޅުންހުރި ހުރިހާކަމެއް ހެލީނާ ހިތުދަހެވެ. އެއީ އެތަކެއް ދުވަހެއްގެ މަތިން އޭނާ ހޯދި ހޯދުމުން އެނގުނު އެއްޗެއްސެވެ. ހެލީނާ އެރަށަށް އައީ އެކި ގޮތްގޮތުން ތައްޔާރުވެގެންނެވެ. ކުރިމަތިލާންޖެހިދާނެ ކޮންމެ ކަމަކާ ކުރިމަތިލާނެ ހިތްވަރު ހޯދައިގެންނެވެ. ކަންކުރަންވީގޮތް ހޯދާ ބަލާ ދެނެގަނެގެންނެވެ. ގަފޫރު ފެނުމުން ހެލީނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނާ ޖެހިލުންވެ ހުރެ ގަފޫރަށް ގޮވާލުމަށްފަހު ބުނެލިއެވެ.
“ބޭބޭ…. އަހަރެންނަށް އެހީއެއް ވެދީފާނަންތަ؟” މައުސޫމްވެލާފައި ހެލީނާ މަސައްކަތްކުރީ ވީ އެންމެ އަވަހަކަށް ރާޒިޤުގެ ގެއަށް ދިއުމަށެވެ.
” އާން ކޮއްކޯ… ބޭބެ ކޮއްކޮއަށް ކޮންކަމެއް ކޮށްދޭންވީ؟ ތިއީ ކޮން ރަށެއްގެ ކުއްޖެއް.. ބޭބެ ހަމަގައިމުވެސް މިރަށަކުން ނުދެކެން” ގަފޫރު ޝައުގުވެރިވެލާފައި ސުވާލުކޮށްލިއެވެ.
” ބޭބެ އަހަރެންނަށް ރާޒިގުގެ ގެއަށް ދާނެ މަގު ކިޔައިދީފާނަންތަ؟”
ގަފޫރު ވަގުތުން އޭނާ ދެނެގަތެވެ. “ރާޒިގަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާ… އަހަރެންގެ ޅިޔަނު،” ގަފޫރު ހިނިތުންވުމަކާއެކު ބުންޏެވެ. “ހިނގާ އަހަރެންނާއެކު. އަހަރެން ގެންގޮސްދޭނަން.”
ހެލީނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެމީހުން އެކުގައި ހިނގަމުން ދިޔައިރު، ހެލީނާގެ ހިތުގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ކޮންމެ ކަނަކުން އެނބުރޭއިރު، އޭނާ މިހާ ދުވަހު އިންތިޒާރުކުރި ވަގުތު ކައިރިވަމުންދާކަން އިހުސާސް ކުރެވެއެވެ. ހެލީނާގެ ބަރު ދެ ފޮށި ހިފައިގެން ނެތް ހިތްވަރެއްލާފައި ގަފޫރު ދިޔައީ ހެލީއަކީ ބީރައްޓެއްސެއް ކަމުން މެހެމާންދާރީ އަދާކުރުމުގެ ގޮތުންނެވެ. ދިހަ މިނެޓުގެ ހިނގުމަކަށްފަހު އެގެއާއި އަރާހަމަވީއިރު ހެލީ ހުރީ ހޫނުކަމުން ދާހިތްލާ ފޯވެފައެވެ. ގަފޫރު ލައިގެންހުރި ޕޯލޯ ޓީޝާޓުވެސްހުރީ ދެންމެ ފެންވެރީމައި ހުންނަހެން ތެމިފޯވެފައެވެ.
ގަފޫރުއައިސް ރާޒިޤުގެ ގޭގެ ދޮރު ހުޅުވާލި ވަގުތު، ފާތުމަގެ ދެލޯ ބޮޑުވިއެވެ. ކުރިމަތީގައި ހުރި ހެލީނާ ފެނުމުން އޭނާއަށް މާޒީގެ ހަނދާނެއް އާވިއެވެ. އެއީ ވީޑިއޯއިން ފެނުނު އަންހެން ކުއްޖާއެވެ. ރާޒިގުގެ އޮފީސް ކެބިންއިން ނުކުތް ކުއްޖާއެވެ. ފާތުމަގެ ހިތުގައި ބޭވަފާތެރިކަމާއި، އޮޅުންފިލުވަން ބޭނުންވުމާއި، ބިރުވެރިކަމުގެ އިހުސާސްތައް އެއްފަހަރާ އުފެދުނެވެ.
“ބޭބޭ… މީ ކޮން ކުއްޖެއް؟…” އޭނާއަށް މަޑުމަޑުން ބުނެވުނެވެ. މުޅި ހަށިގަނޑު ފިނިވެގެން ދިޔަ ކަހަލައެވެ.
ހެލީނާ ކުޑަ ހިނިތުންވުމަކާއެކު ބުންޏެވެ. “އަހަރެން… އަހަރެން ރާޒިގާ ވާހަކަދައްކަން ބޭނުން.”
ފާތުމަގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދުނެވެ. ވީޑިއޯއިން ފެނުނު ކުއްޖާ އެމީހުންގެ ދޮރުމަތީގައި ހުރުމުން، އޭގެ އަޑީގައި ކޮންމެވެސް އެނގުމެއްނުވާ ކަންތައްގަނޑެއް ފޮރުވިފައިވާހެން ފާތުމައަށް އިހުސާސްކުރެވުނެވެ. އޭގައި ހަޤީޤަތެއް ވާނަމަ އެހަޤީޤަތް އޭނާ ހީކުރި ވަރަށްވުރެ މާ ބޮޑަށް އޮޅުންބޮޅުންވެފައިވާހެންވެސް އޭނާއަށް އިހުސާސް ކުރެވުނެވެ.
ލިޔުންތެރިޔާގެ ނޯޓު
މި ވާހަކައަށް ހާއްސަކުރެވިފައިވާ ފޭސްބުކް ޕޭޖަށް ފޮލޯކޮށްލުމަށް ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ފޭސްބުކް ޕޭޖް” އަށް ފިތާލުމަށްފަހު ފޮލޯކޮށްލައްވާ!
Facebook Page – Mi Hamahimeynkan
މި ވާހަކައަކީ ޙިޔާލީ ކޮންސްޕްޓްއެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެވެ. މި ވާހަކަގެ މި އެޕިސޯޑް ކަމުދިޔަކަމުގައިވާނަމަ ކޮމެންޓެއްގެ ޒަރީއާއިން ތިބޭފުޅުންގެ ޝުއޫރުފާޅުކުރެއްވުމަކީ އަޅުގަނޑުމެންނަށް މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު. ބިނާކުރުވަނިވި ފާޑުކިޔުމަކީ ކުރިއަށް އޮތްތަނުގައި ވާހަކަ އިތުރަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި ފާހަގަކޮށްލަން.
ކުރިއަށްހުރި އެޕިސޯޑުތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަމުން ވަކިވެލަން. ބާއްޖަވެރިދުވަހަކަށް އެދެން..😊
= ނުނިމޭ =


