Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް (15)

River Writes
River Writes Level 110 Stories100 Login
April 10, 2026 6 Mins Read
0 Comments

އިރުގެ ރަންދޯދިތައް ކުޑަދޮރުގެ ފަރުދާގެ ދޭތެރެއިން ފޭދިގެން އައިސް، ކޮޓަރީގެ ފަނޑު ފާރުތަކުގައި ރީތި ކުރެހުންތަކެއް އަޅަމުންދިޔައެވެ. ދޮންކޮށް އޮތް ހުދު ބެޑްޝީޓްތަކުގެ ތެރޭގައި ޒުނާމް އޮތީ ވަރަށް ފަރުވާތެރިކަމާއެކު އޮށޯވެލައިގެންނެވެ. އޭނާގެ އަތްތިލައިގައި ވަނީ ނިކަން ރީތިކޮށް ބެންޑޭޖް އަޅާފައެވެ. ކުޑަކޮށް ގުޑިލިޔަސް އަޅާ ވޭނާއެކު އޭނާ މޫނަށް ކުލަވަރެއް ޖައްސާލި ނަމަވެސް، ބަލާބެލުމަށް އޭނާ ފެންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނޫނީ، ހީވަނީ އެހެންނެވެ.

ޖޫލީ އިނީ ޒުނާމްގެ ކައިރީގައި އިށީނދެލައިގެންނެވެ. ދެއަތް ދެއަތާ މޮޑެމުންދިޔައިރު، އޭނާގެ ހިތުގެ ނުތަނަވަސްކަން ހުރި މިންވަރު ހާމަވަމުންދިޔައެވެ. ޖޫލީގެ ހިތުގައި އެވަގުތުވެސް ސުވާލުއުފެދެމުންދިޔައީ ޒުނާމް އަމިއްލައަށް މަރުވާން މަސައްކަތްކުރީ ކީއްވެގެން ކަމާމެދުގައެވެ. އެދެމެދުގައި އޮތް ހިމޭންކަން ބަރުވެފައިވަނީ ބަސްތަކުން ބަޔާން ނުކުރެވޭހާ ބޮޑަށެވެ. މުޅި ހެނދުނު އޭނާ މަސައްކަތްކުރީ ހިތްހަމަޖައްސާލެވޭތޯއެވެ. ނަމަވެސް، ޒުނާމް ހޭލާ އިންތަން ފެނުމުންނާއި، އޭނާގެ ހާލު ރަނގަޅުކަން އިހުސާސްވުމުން، ހިތުގެ ފުންމިނުން ސުވާލެއް ބޭރުވިއެވެ.

“ޒުނާމް…” ޖޫލީގެ އަޑު ތުރުތުރުލަމުންދިޔައެވެ. “ކީއްވެ… ކީއްވެ ތިހެން ހެދީ؟”

ޒުނާމް އޭނާގެ ދެލޯ މަރާލުމަށްފަހު އިސްޖަހާލިއެވެ. ޖޫލީގެ އެ ސުވާލުގެ ބަރުދަން އޭނާގެ ހިތަށް އިހުސާސްވަމުންދިޔައެވެ. ޖޫލީގެ މޫނަށް ބަލާލައި، އޭނާއަށް ކަންވީގޮތް ކިޔައިދޭން ޒުނާމް ބޭނުންވިއެވެ. އެކަމަކު ހަގީގަތަކީ ނުރައްކާތެރި އެއްޗެކެވެ. އެއީ ޖޫލީއަށް އެނގެން އޭނާ ބޭނުންވާ ކަމެއް ނޫނެވެ. އޭނާ މަޑުމަޑުން ކަރުކެހިލީ، ވަގުތު ހުއްޓުވައިގެން ނަމަވެސް އެ ދެމީހުންގެ ދެމެދުގައިވާ ގުޅުން ރައްކާތެރިކުރެވޭތޯއެވެ.

“އަހަރެން… އަހަރެންނަކަށް ނޭނގޭ މި ވާހަކަ ބުނަންވީ ކަމެއްވެސް،” އޭނާގެ ކުރެހިފައިވާ އަޑުން ވަރަށް އުނދަގުލުން ބުނެލިއެވެ.

ޖޫލީ ކުރިއަށް ޖެހިލިއެވެ. “އާދޭސްކުރަން، އަހަރެންނަށް ކިޔައިދީ. އަހަރެންނަށް ނުނިދޭ، އެކަމާ ނޫނީ ނުވިސްނޭ. ޒުނާމް، އަހަރެން ވަރަށް ބިރުގަތް. އަހަރެން ބޭނުންވަނީ ކީއްވެކަން އެނގެން. އަހަރެން ބޭނުންވަނީ ސަބަބު ދެނެގަންނަން.”

ޒުނާމް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ލޯ މަރާލިއެވެ. އޭނާ ހިތްވަރު އެއްކުރަން މަސައްކަތް ކުރަމުންދިޔައެވެ. ބަސްތަކަކީ ހަގީގަތް ހާމަކުރަން އެންމެ އެކަށީގެންވާ ވަސީލަތް ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. ހަގީގަތް ކިޔައިދީފިނަމަ، ޖޫލީގެ ހިތް މުޅިން ކުދިކުދިވެދާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން، އޭނާ ނިންމީ ކޮންމެވެސް ވަރަކަށް ހަގީގަތް ފޮރުވައި، ޖޫލީގެ ހިތަށް ލިބިފައިވާ އަނިޔާއަށް ކުޑަވެސް ލުޔެއް ލިބޭނެ ފަދަ ގޮތަކަށް ވާހަކަދެއްކުމަށެވެ.

“އަހަރެން… އަހަރެން ބޭނުންވީ… ހަމައެކަނި ބަލާލަން… ޖޫލީ ހަގީގަތުގައިވެސް އަހަރެންދެކެ ލޯބިވޭތޯ،” ވަރަށް ފަރުވާތެރިކަމާއެކު އޭނާ ބުނެލިއެވެ.

ޖޫލީގެ ދެލޯ ބޮޑުވެގެންދިޔައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. “ތި ބުނީ ކީކޭ؟” އޭނާގެ އަޑު ތުރުތުރުލަމުންދިޔައެވެ. “އަހަރެން ޒުނާމްދެކެ އަހަރެންގެ އަމިއްލަ ފުރާނައަށްވުރެވެސް ލޯބިވަން! އެވަރުން ނުފުދޭތަ؟”

ޒުނާމް ބޯ ހޫރާލިއެވެ. “އަހަރެން ބޭނުންވީ އެއީ… ހަގީގަތެއްތޯ ޔަގީންކުރަން. އަހަރެންނަކަށް ނޭނގުނު… ޖޫލީގެ ހިތް… ހަގީގަތުގައިވެސް އަހަރެންނަށް މިލްކުވެފައިވާކަމެއް.”

ޖޫލީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ މޭ ނަގަމުންދިޔައީ ބާރުބާރަށެވެ. “ތިބުނަނީ… ތިބުނަނީ ޒުނާމްގެ ފުރާނަ އަތްމައްޗަށްލީ… އަހަރެން އިމްތިހާން ކުރަންށޭ؟ އަހަރެންގެ ލޯބި ޓެސްޓު ކުރަންށޭ؟”

ޒުނާމް ލަދުން އިސްޖަހާލިއެވެ. “އާނ… އަހަރެން އެކަން ކުރީ އެހެންވެ… އެކަމަކު… މަރުވާކަށް ނޫން. އަހަރެން ބޭނުންވީ… އަހަރެންނަށް ކަމެއް ވުމުން ޖޫލީއަށް ވާނެ ގޮތް ބަލާލަން. ޖޫލީގެ ހިތަކީ… ހަގީގަތުގައިވެސް އަހަރެންގެ އެއްޗެއްތޯ ޔަގީންކުރަން.”

ޖޫލީގެ ދެއަތް މޫނުގައި އަޅައި، ބާރަށް ރޯން ފެށިއެވެ. “ޒުނާމް… ޒުނާމް މަރުވިނަމަޔޯ! ހަމައެކަނި… ހަމައެކަނި އަހަރެން ޓެސްޓުކޮށްލަން؟” އޭނާގެ އަޑު ބެދެމުންދިޔައެވެ. “މިއީ… މިއީ ކިހިނެއް ކުރެވޭނެ ކަމެއް؟ ކިހިނެއް އަހަރެންނަށް މިހެން ހަދަން ކެރުނީ؟ އަހަރެމެންގެ މި ގުޅުމަށް މިހެން ހަދަން ކެރުނީ ކިހިނެއް؟”

“އަހަރެންނަށް އެނގޭ…” ޒުނާމް މަޑުމަޑުން ބުންޏެވެ. އޭނާގެ ކޮންމެ ބަހަކުން ކުށްވެރިކަމުގެ އިހުސާސް ފާޅުވަމުންދިޔައެވެ. “އަހަރެންނަށް އެނގޭ އެއީ މޮޔަކަމެއްކަން. އެއީ އަމިއްލަ އެދުން ބޮޑުކަމެއްކަން. އަހަރެން އެކަން ކުރަން ނުޖެހޭނެކަން… އެކަމަކު އަހަރެން ބޭނުންވީ… އަހަރެން ބޭނުންވީ ޖޫލީގެ ލޯބި އިހުސާސްކުރަން… ޖޫލީގެ ހިތް… އަހަރެން ބޭނުންވީ އެއީ އަހަރެންގެ އެއްޗެއްކަން ދެކެން.”

ޖޫލީގެ ހަށިގަނޑު ތުރުތުރުލަމުންދިޔައެވެ. “ޒުނާމް. ތި ކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތަ… ޒުނާމް ތި ބޭނުންކުރީ އަހަރެން. އަހަރެންގެ ހިތާއި، އަހަރެންގެ އިހުސާސްތަކާއި، އަހަރެންގެ ލޯތްބާ ޒުނާމް ތި ކުޅެލީ…” އޭނާގެ ވާހަކަތައް މެދުކެނޑެމުންދިޔައީ ގިސްލުމުގެ ސަބަބުންނެވެ. “ކިހިނެއް… ކިހިނެއް މިހެން ހަދަން ކެރުނީ؟ ކިހިނެއް… މިފަދަ މޮޔަ ކަމެއްގެ ތެރެއަށް… އަހަރެން ވައްޓާލަން ކެރުނީ؟”

ޒުނާމްގެ ކަރުބެދުމާއެކު އުނދަގޫގޮތަކަށް ހިންދިރުވާލިއެވެ. އޭނާ ޖޫލީގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް ޖޫލީ ފަހަތަށް ޖެހިލިއެވެ. “ޖޫލީ… އާދޭސްކުރަން…” ޒުނާމްގެ އަޑު ނުކުންނަނީ ކިރިޔާއެވެ. “އަހަރެން… އަހަރެން މާފަށް އެދެން… ދުވަހަކުވެސް ޖޫލީއަށް ދެރައެއް ދޭކަށް ބޭނުމެއް ނޫން…”

ޖޫލީ ބޯ ހޫރާލިއެވެ. އޭނާގެ ކަރުނަތައް ހުއްޓުމެއް ނެތި އޮހެމުންދިޔައެވެ. “މާފޭ؟ މާފު ކުރިޔަކަސް މިކަމެއް ނުނިމޭނެ! ޒުނާމް، ޒުނާމް މަރުވިނަމަ؟ އޭރުން އަހަރެން… އަހަރެން…” އޭނާގެ އަޑު ބޭރުވީ ވަރަށް ބާރު ރުއިމަކާއެކުގައެވެ. “އަހަރެންނަށް ޒުނާމް ގެއްލުނީސް… އެކަމަކު ޒުނާމް… ޒުނާމް މިކަން ތި ކުރީ… އަހަރެން ހަގީގަތުގައިވެސް ލޯބިވޭތޯ ބަލަން؟”

ޒުނާމްގެ ހިތުގައި ރިއްސާލިއެވެ. އޭނާ ކަންވީގޮތް ސާފުކޮށްދޭން ބޭނުންވިއެވެ. އޭނާގެ ހިތުގައިވާ ބިރުވެރިކަން ކިޔައިދޭން ބޭނުންވިއެވެ. ނަމަވެސް ބުނާނެ ބަހެއް ދަގަނޑު ދުލަކަށް ނައެވެ. އޭނާ ހިމޭނުން އިނީއެވެ. ޖޫލީގެ ރުޅިއާއި، ހިތާމަ އޭނާއަށް އަމާޒުވާން ދޫކޮށްލައިގެންނެވެ.

“އަހަރެން… އަހަރެންނަށް މިވަގުތު ޒުނާމްގެ މޫނަށް ބަލާލަންވެސް އުނދަގޫ،” ޖޫލީ ގިސްލަމުން ބުންޏެވެ. “ޒުނާމްތީ… ހާދަ އަމިއްލަ އެދުން ބޮޑު… ހާދަ މޮޔަ… މީހެކޭ!” އޭނާގެ ކަރުނުން މުޅި ދުނިޔެ ފުސްވެފައިވާ ކަހަލައެވެ. އޭނާ ގޮނޑިއަށް ވެއްޓިގަނެ، ދެފައި ކައިރިކޮށްލައިގެން އިނދެ ރޯންފެށިއެވެ. އެ ކުޑަ ކޮޓަރީގެ ތެރޭގައި އޭނާގެ ރުއިމުގެ އަޑު ގުގުމަމުންދިޔައެވެ.

ޒުނާމް އަނެއްކާވެސް މަޑުމަޑުން ބުންޏެވެ. “ޖޫލީ… އަހަރެން… އަހަރެން ހަމައެކަނި ބޭނުންވީ އެނގެން… އަހަރެން ބޭނުންވީ ޔަގީންކުރަން…”

“ޔަގީންކުރަން ބޭނުންވީއޭ؟” ޖޫލީ ހަޅޭއްލަވައިގަތެވެ. “ޒުނާމަށް ތި ބުނެވޭ އެއްޗެއް އެނގޭތަ؟ ޔަގީންކުރަން ބޭނުންވީއޭ؟ ޒުނާމް… ޒުނާމް މަރުވިނަމަ؟” އޭނާ މޫނުގައި އަތްއަޅައި، ބާރަށް ރޯންފެށިއެވެ. “އަހަރެން… އަހަރެން ލޯބިވީން… އަދިވެސް ލޯބިވޭ… އެކަމަކު ޒުނާމް… ޒުނާމް ތިވަނީ ހުރިހާ އެއްޗެއް ނުރައްކަލަށް ހުށަހަޅާފައި… ހަމައެކަނި… ހަމައެކަނި…”

ޖޫލީއަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. ހިތާމައިގެ ސަބަބުން މުޅި މީހާ ތުރުތުރުލަނީއެވެ. ކަރުނަތައް ކޯތާފަތްމަތިން ފައިބަމުންދިޔައީ ކޯރެއް ފަދައިންނެވެ. އެ ކޮޓަރި ފުރިފައިވަނީ ހިތްދަތިކަމުންނެވެ. ޒުނާމްގެ ހިތުގައިވެސް ކުށްވެރިކަމުގެ އިހުސާސް ބޮޑުވެ، ހިންދިރުވާލަންވެސް އުނދަގޫވަމުންދިޔައެވެ.

“އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން، ޖޫލީ،” ޒުނާމްގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. “އަހަރެން… އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫން… އަހަރެން ހަމައެކަނި ބޭނުންވީ އެނގެން… އަހަރެން…”

ނަމަވެސް އެ ބަސްތަކުގެ މިހާރު އެއްވެސް އަގެއް ނެތެވެ. ޖޫލީ ވަނީ އޭނާގެ އަމިއްލަ ހިތާމައިގެ ތެރެއަށް ގެނބިފައެވެ. ރުޅިއާއި، ހައިރާންކަމާއި، ހިތްދަތިކަން އޭނާ ވަނީ ވަށާލާފައެވެ. އޭނާގެ އަތް ތުރުތުރުލަމުންދިޔައިރު، ރުއިމުގެ އަޑު މަޑުކުރުމަށްޓަކައި އަނގަމަތީގައި އަތްއަޅައިގެން އިނެވެ.

“ޒުނާމް ތި އިމްތިހާން ކުރީ އަހަރެން،” އޭނާގެ އަޑު ވަނީ ބެދިފައެވެ. “އަހަރެންގެ ހިތް… އަހަރެންގެ ލޯބި… ޒުނާމް އެއާ ކުޅެލީ ހަމަ ކޮންމެހެން ކުރަންޖެހޭ ތަޖުރިބާއެއް ފަދައިން. އަހަރެން… އަހަރެން ޒުނާމަށް އިތުބާރު ކުރީން… އަހަރެން ގަބޫލުކުރީން… އެކަމަކު ކަލޭ…”

އޭނާއަށް ވާހަކަ ނިންމައެއް ނުލެވުނެވެ. އޭނާ އިސްޖަހާލައިގެން އިނދެ ރޮމުންދިޔައެވެ. ޒުނާމްގެ ތުރުތުރުލާ އަތް މަޑުމަޑުން ޖޫލީގެ އަތުގައި ބާއްވާލިއެވެ. މިފަހަރު ޖޫލީ އަތް ދަމައެއް ނުގަތެވެ. ނަމަވެސް އޭނާ ޒުނާމްގެ ލޮލަކަށް ނުބަލައެވެ.

މުޅި ކޮޓަރީގައި އޮތީ ހިމޭންކަމެވެ. އިވެނީ ހަމައެކަނި ޖޫލީގެ ގިސްލުމުގެ އަޑެވެ. ޒުނާމް އޭނާގެ ބޯ ބާލީހުގައި އަޅާލިއެވެ. އޭނާގެ ކޮންމެ ހިތުގެ ވިންދަކާއެކު ކުށްވެރިކަމާއި، ލަދުވެތިކަން އިހުސާސްވަމުންދިޔައެވެ. ކުރެވުނު ކަމެއް ދެން އަނބުރައެއް ނުގެނެވޭނެއެވެ. ޖޫލީގެ ހިތަށް ދެވުނު އަނިޔާ ފަސޭހައެއް ނުކުރެވޭނެއެވެ. އޭނާއަށް މިހާރު ކުރެވޭނެ ހަމައެކަނި ކަމަކީ އިންތިޒާރު ކުރުމެވެ. ކޮންމެވެސް ދުވަހަކުން ޖޫލީ އޭނާއަށް މާފުކުރާނެ ކަމުގެ އުންމީދުގައެވެ.

ގަޑިއިރުތައް ފާއިތުވަމުންދިޔައީ ހިމޭންކަމުގައެވެ. ޖޫލީ ގޮނޑީގައި ބޮނޑިވެގެން އިނދެ ރޮމުންދިޔައެވެ. ޒުނާމް އޭނާއަށް ބަލަހައްޓައިގެން އޮތެވެ. އަދި ދުވަހަކުވެސް ޖޫލީގެ ލޯބި އިމްތިހާން ނުކުރުމަށް އޭނާގެ ހިތުގެ އަޑިން އަޒުމް ކަނޑައެޅިއެވެ. އެހެނަސް އޭނާގެ ހިތް އޭގެ ސިކުންތަކަށްފަހު ބަދަލުވިއެވެ. އަދިވެސް އަހަރެން ޖޫލީ އިމްތިހާނުކުރާނެވެ.

މިވަގުތު، އޭނާ ހާމަކުރި ހަގީގަތުގެ ސަބަބުން އެ ދެމީހުންގެ މެދުގައި އޮތް ވަރުގަދަ ގުޅުމަށްވަނީ ގުޑުމެއް އަރާފައެވެ. ހީވަނީ ދެމީހުންގެ ހިތުތެރެއަށްވެސް ކެތްނުވާފަދަ ޒަލްޒަލާއެއް އަރާފައިވާހެނެވެ. ނަމަވެސް، ކުށްވެރިކަމުގެ އިހުސާސްތަކުގެ ތެރޭގައިވެސް، ޒުނާމްގެ ހިތުގައި ކުޑަ އުންމީދެއް އޮތެވެ. އެއީ، މިހާ ބޮޑު އިމްތިހާނެއް ތަޙައްމަލުކުރަން ޖެހުނު ނަމަވެސް، ޖޫލީގެ އެ މަތިވެރި ލޯބި ކޮންމެވެސް ދުވަހަކުން އަލުން އާލާވެދާނެ ކަމުގެ އުންމީދެވެ. އޭނާގެ ހިތުގެ ފުންމިނުގައި އޮތީ އެންމެ ސުވާލެކެވެ. ބިނާކުރަން އުޅުނު އުފާވެރި ދުނިޔެ، އަމިއްލަ އަތުން މިހާ ބޮޑަށް ސުންނާފަތިކޮށްލުމަށްފަހު، އަލުން އެ ގުޅުން އިއާދަކުރެވޭނެ ބާވައެވެ؟

ޒުނާމް ލޯ މަރާލިއެވެ. އޭނާއަށް އިހުސާސްވަމުންދިޔައީ އޭނާގެ ވަށައިގެންވާ ކޮންމެ އެއްޗެއް ބީވެގެންދާ ފަދަ އިހުސާސެކެވެ. ޖޫލީގެ ގިސްލުމުގެ އަޑު މަޑުވަމުން ގޮސް، މުޅި ކޮޓަރި އަނެއްކާވެސް ބަރު ހިމޭންކަމެއްގެ ތެރެއަށް ގެނބިގެންދިޔައެވެ. އިރުގެ ދޯދިތައް ފަނޑުވަމުން ގޮސް، މެންދުރުގެ ހިޔަނިތައް ފާރުތަކަށް ވެރިވަމުންދިޔައިރު، އެ ދެމީހުން ތިބީ އެކަކު އަނެކަކާ ބަހެއް ބުނަން ނުކެރިފައެވެ. އެކަކީ ކުށްވެރިއެކެވެ. އަނެކަކީ އެ ކުށުގެ ޝިކާރައަކަށްވި މަޒްލޫމެކެވެ. އެކަމަކު ދެމީހުންގެ ހިތުގައިވެސް ވަނީ އެއް ވޭނެކެވެ. އެއީ ގެއްލިގެންދިޔަ އިތުބާރާއި، ކުދިކުދިވި ހުވަފެންތަކުގެ ހިތިކަމެވެ.

****

ޒުނާމްގެ ނަޒަރުން:

ނަމަވެސް، މި ހިސާބުން އަދި މިކަން ނިމުނީއެއް ނޫނެވެ. އަހަރެންގެ ހިތުގެ ކޮންމެވެސް ނުފެންނަ ކަނެއްގައި އުފެދިފައިވާ ނުތަނަވަސްކަމާއި ބިރުވެރިކަމެއްގެ ސަބަބުން، ޖޫލީ އިތުރަށް އިމްތިހާނުކުރުމަށް އަހަރެންގެ ނަފްސު އެދިގޮވަނީއެވެ. އެއީ ހަމައެކަނި އެއް ގޮތަކުން ނުވަތަ އެއް ފަހަރަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. ތަފާތު އެކި ހާލަތްތަކާއި، ދަތި އުނދަގޫ މަރުހަލާތަކުގެ ތެރެއަށް އޭނާ ނެރެ، އޭނާގެ ކެތްތެރިކަމާއި ވަފާތެރިކަން އަހަރެން ވަޒަންކުރާނަމެވެ. ލޯތްބަކީ ހާދަހާވާ އަޖައިބު ކުރުވަނިވި، އެހާމެ ބާރުގަދަ އިހުސާސެކެވެ. އެ ލޯބީގެ މަސްތުގައި ޖެހި، އަހަރެން ލައްވާ މިއަދު މިކުރުވަނީ ކޮންފަދަ ހިތްދަތި ކަންތައްތަކެއް ހެއްޔެވެ؟

ލޯތްބަށްޓަކައި، އެ ލޯބީގެ މަތިވެރި ހައްގުގައި، އަދި އެ ލޯތްބަށް އަހަރެންގެ ހިތް އެދޭލެއް ބޮޑުކަމުން، އަހަރެން މިއަދު މި ވައްޓާލެވުނީ ކޮންފަދަ ނުރައްކާތެރި ފައްތަރަކަށް ހެއްޔެވެ؟ އަހަރެން މިގޮތަށް އަމަލުކުރަން އަހަރެންގެ އަމިއްލަ ނަފްސު މަޖުބޫރުކުރުވަނީ ޖޫލީގެ އިހުލާސްތެރިކަމާމެދު ޝައްކެއް އޮވެގެނެއް ނޫނެވެ. ނަމަވެސް، އޭނާގެ ލޯބި އަހަރެންގެ ހަޔާތަށް ބޭނުންވާލެއް ބޮޑުކަމުންނާއި، އެ ލޯބި ބީވެގެން ހިނގައިދާނެކަމުގެ ބިރުވެރިކަން ހިތުގެ އަޑީގައި ބަދަލުނުވެ އޮތުމުންނެވެ. ޖޫލީއާ ނުލައި ދިރިއުޅުމަކީ އަހަރެންނަށް މިއަދު ތަސައްވަރުވެސް ކުރެވޭނެ ކަމެއް ނޫނެވެ. އޭނާއަކީ އަހަރެންގެ މުޅި ދިރިއުޅުމުގެ ފުރާނައެވެ. އަހަރެންގެ ހިތުގައި ޖަހާ ކޮންމެ ވިންދެއްގެ ފަހަތުގައިވާ އަސްލު ބާރަކީ ޖޫލީއެވެ. އޭނާއަކީ އަހަރެންގެ ހަޔާތަށް ލިބުނު އެންމެ ބޮޑު ނަސީބެވެ. އަހަރެންނަށް ލިބުނު އެންމެ ބޮޑު އެއް ނިޢުމަތެވެ. މި ދުނިޔެމަތީގައި ލެއްވެވި އެންމެ ބޮޑު އެއް ރަޙުމަތެވެ. އަހަރެންގެ ދެލޮލުގެ ނޫރެވެ. އަހަރެންގެ ދިރިއުޅުން އަލިކޮށްދޭ އެ ނޫރު ގެއްލި، އަހަރެންގެ ދުނިޔެ އަނދިރިވިޔަކަ އަހަރެން ދުވަހަކުވެސް ފުރުސަތެއް ނުދޭނަމެވެ.

އަހަރެން ޖޫލީ އިމްތިހާނު ކުރާނަމެވެ. އެ އިމްތިހާނުގެ ނަތީޖާ މާތްﷲ އަށް ވަކީލުކުރާ ހާލުގައެވެ. ޖޫލީއަށް އެ ކެތްތެރިކަމާއި، ސާބިތުކަމާއި، ހިތްވަރު ދެއްވުން އެދި އަހަރެން ކޮންމެ ވަގުތަކު ދުޢާކުރާނަމެވެ. ލޯބިވާ ޖޫލީއެވެ! އަހަރެންގެ ހިތުގައިވާ މި ނުތަނަވަސްކަމާއި، އަހަރެންގެ މި އަމަލުތަކަށްޓަކައި އަހަރެންނަށް މާފުކުރާށެވެ. އަހަރެން މިކަން މިކުރަނީ ހަމައެކަނި ކަލާ ދެކެވާ އިންތިހާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

ޖޫލީގެ ނަޒަރުން:

ޒުނާމްގެ ބަދަލުވަމުންދާ އުޅުމާއި، އޭނާގެ މިޒާޖާމެދު އަހަރެންގެ ހިތުގައި ސުވާލުތައް އުފެދި، މުޅި މީހާ ނުތަނަވަސްކަމުގެ ފުން ކަނޑަކަށް ގެނބެމުންދަނީއެވެ. ޒުނާމްގެ ބޯހަމަޖެހޭބާވައެވެ؟ އޭނާގެ އުޅުމަށާއި އަމަލުތަކަށް މި އައި ކުއްލި ބަދަލަކީ ކޮން ސަބަބަކާ ހުރެ އައި ބަދަލުތަކެއް ބާވައެވެ؟ މިއީ އަހަރެން ކުރިން ދަންނަ، އަހަރެން ލޯބިވި އޯގާތެރި، އަހަރެންނަށް އިތުބާރުކުރި ޒުނާމެއް ނޫނެވެ. އަހަރެން އޭނާދެކެ ވާ ލޯބި އިމްތިހާނުކުރަން އޭނާ ބޭނުންވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ އިހުސާސްތަކާއި، އަހަރެން އޭނާއަށް ދޭ ލޯތްބަކީ އެހާވެސް ބަލިކަށި، އޭގެ އަގެއް ނެތް އެއްޗެއް ހެއްޔެވެ؟

ޒުނާމްއަށްޓަކައި އަހަރެން ވީ ޤުރުބާނީތަކާއި، މިހާރުވެސް އޭނާގެ އުފަލަށްޓަކައި ވަމުންދާ ހިތްދަތި ތަހައްމަލުތައް އޭނާ އެހާ ފަސޭހައިން ހަނދާނުން ފޮހެލީ ހެއްޔެވެ؟ އޭނާއަށްޓަކައި ނުނިދައި ހޭލާ ހުރި ދިގު ރޭތަކާއި، އޭނާގެ ހިތްހަމަޖެހުމަށްޓަކައި އަހަރެންގެ އަމިއްލަ އެދުންތައް ގުރުބާންކުރި ކުރުމަކީ، އަހަރެންގެ ލޯބި ސާބިތުކޮށްދިނުމަށް ފުދޭވަރުގެ ހެކިތަކަކަށް ނުވީ ހެއްޔެވެ؟ އަހަރެން މިއީ ހާދަހާ ބަދުނަސީބު އަންހެނެކެވެ. އަހަރެންގެ ފުރާނަފަދަ ލޯބިވާ ފިރިމީހާ، އަހަރެންގެ އިހުލާސްތެރިކަމާމެދު ޝައްކުކޮށް، އަހަރެންގެ ލޯބި ގަބޫލުނުކުރާކަމުގެ އިހުސާސް ކުރެވެން ފެށުމަކީ ހިތަށް ލިބޭ ވަރަށް ބޮޑު އަނިޔާއެކެވެ.

އަހަރެންގެ ލޯބީގައި އުނިވަނީ ކޮން ކަމެއް ހެއްޔެވެ؟ ނުވަތަ މިއީ ޒުނާމްގެ ނަފްސާނީ ގޮތުން ކުރިމަތިވެފައިވާ މައްސަލައެއް ހެއްޔެވެ؟ އިންސާނަކު ލޯތްބެއްގެ ހައްގުގައި ވިޔަސް، އަމިއްލަ ނަފްސަށާއި ބައިވެރިޔާއަށް މިފަދަ ހިތްދަތިކަމެއް ދޭނީ އޭގެ ފަހަތުގައި ވަރަށް ބޮޑު، ނުރައްކާތެރި ސިއްރެއް ފޮރުވިފައި އޮތީމައެވެ. އެ ސިއްރަކީ ކޮބައިކަން އެނގެން އަހަރެން އިންތިހާއަށް ބޭނުމެވެ. ކޮންމެ ހާލެއްގައިވެސް، ކޮންމެ ފަދަ ހަގީގަތަކާ ކުރިމަތިލާން ޖެހުނަސް، ޒުނާމް ފޮރުވަން އުޅޭ އެ ސިއްރު އަހަރެން ހޯދާނަމެވެ. އަދި އަހަރެންގެ ލޯބީގެ ސާފުކަމާއި ވަފާތެރިކަން އޭނާއަށް ދައްކައިދޭނަމެވެ.

ލިޔުންތެރިޔާގެ ނޯޓު

މި ވާހަކައަށް ހާއްސަކުރެވިފައިވާ ފޭސްބުކް ޕޭޖަށް ފޮލޯކޮށްލުމަށް ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ފޭސްބުކް ޕޭޖް” އަށް ފިތާލުމަށްފަހު ފޮލޯކޮށްލައްވާ!

Facebook Page – Mi Hamahimeynkan

މި ވާހަކައަކީ ޙިޔާލީ ކޮންސްޕްޓްއެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެވެ. މި ވާހަކަގެ މި އެޕިސޯޑް ކަމުދިޔަކަމުގައިވާނަމަ ކޮމެންޓެއްގެ ޒަރީއާއިން ތިބޭފުޅުންގެ ޝުއޫރުފާޅުކުރެއްވުމަކީ އަޅުގަނޑުމެންނަށް މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު. ބިނާކުރުވަނިވި ފާޑުކިޔުމަކީ ކުރިއަށް އޮތްތަނުގައި ވާހަކަ އިތުރަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި ފާހަގަކޮށްލަން.

ކުރިއަށްހުރި އެޕިސޯޑުތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަމުން ވަކިވެލަން. ބާއްޖަވެރިދުވަހަކަށް އެދެން..😊

= ނުނިމޭ =

Share Article

River Writes
Follow Me Written By

River Writes

Level 110 Stories100 Login

Hello dear reader! I’ve always been drawn to stories that don’t feel ordinary. The kind of love that is intense, a little confusing, sometimes even frightening… but impossible to ignore. I don’t really write the kind of love you see every day. My stories live somewhere between reality and something unknown...where emotions are stronger, choices are harder, and nothing is ever simple. There’s always a touch of mystery in what I write. A sense that something deeper is happening beneath the surface. And sometimes, a bit of thrill… the kind that makes your heart race without fully understanding why. Happy reading 😊 - Arooj

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 31

Next

މެހެކް – ނުވަވަނަ ބައި

Next
April 10, 2026

މެހެކް – ނުވަވަނަ ބައި

Previews
April 10, 2026

ހިތް އެދޭ މަންޒިލަކީ… 31



All Right Reserved!