Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް… (3)

River Writes
River Writes Level 110 Stories100 Login
April 4, 2026 13 Mins Read
1 Comment

ރޭގަނޑުގެ ކަޅުފޮއެ އަނދިރިކަން މުޅި ފަޒާގެ ތެރެއަށް ވެރިވަމުންދިޔައީ ބިރުވެރިކަމާއި ނުތަނަވަސްކަން އޭގެ އިންތިހާއަށް ގެންގޮސްދެމުންނެވެ. އުޑުމަތީގައި ފިޔަޖަހަމުންދިޔަ ރިހިތަރިތަކުގެ އަލިކަން ކަނޑަމުންދިޔައިރު، މުޅި ޖައްވަށް ވަނީ ބަޔާންކުރަންދަތި ހަމަހިމޭންކަމެއް ވެރިވެފައެވެ. އެ ހަމަހިމޭންކަމުގެ ތެރެއިން ކޮންމެވެސް ނުރައްކާތެރި ނުވަތަ ހިތާމަވެރި ހާދިސާއެއްގެ ރިހުން މުޅި ކާއިނާތަށް އިހުސާސްކޮށްދޭން އުޅޭ ފަދައެވެ. ގަސްގަހާގެހީގެ ފަތްތަކުގެ ދެމެދުން ދޭތެރެއަކުން އިވޭ ބާރު ވަޔާއެކު، ހިތްތަކަށް ވަންނަމުންދިޔައީ ބިރުވެރި ވަހުމްތަކެކެވެ. ރޭގަނޑުގެ މި ނާމާން ވަގުތަކީ މީހެއްގެ މުޅި ދިރިއުޅުން ބަދަލުކޮށްލާފާނެ ފަދަ ވަގުތެކެވެ.

ހޮސްޕިޓަލުގެ ފަޅު ފިނި ކޮރިޑޯތަކުގެ ތެރެއިން ފެންނަންހުރި ކުޑަދޮރެއްގެ ކައިރީގައި، ޖޫލީ އިނީ ހިލަބުދެއް ފަދައިން ހުއްޓުން އަރާފައެވެ. އޭނާގެ ދެލޯ އަމާޒުވެފައިވަނީ ދުރުން ފެންނަން އޮތް އަނދިރިގަނޑަށެވެ. ފަސީހުގެ އިންތިޒާރުގައި އޭނާ އެތަނުގައި އިންއިރު، ހިތުގެ އެއްވެސް ކަނެއްގައި ފަސީހު އަންނާނެކަމުގެ ކުޑަވެސް އުންމީދެއް ނެތެވެ. ނަމަވެސް، އޭނާގެ ހިތުގެ ފުންމިނުގައި އުންމީދުގެ ހުޅުކޮޅު އަދިވެސް ދިޔައީ ނުހަނު ގަދަޔަށް އަނދަމުންނެވެ. އެއީ ނިވުމެއްނެތް، އަދި ނިވައިލަން ބޭނުންނުވާ އަލިކަމެކެވެ. ޖޫލީގެ މޫނުމަތިން ފެންނަން ހުރި މާޔޫސްކަމުގެ ސަބަބުން، ބަލައިލި ކޮންމެ މީހަކަށްމެ ހީވާނީ އޭނާގެ ދިރިއުޅުމުގެ ހުރިހާ ހިތްވަރެއް ބަލިކަށިވެ، މުޅިން މާޔޫސްވެފައިވާ ހެންނެވެ. އެހެނަސް ހަގީގަތަކީ އެއީއެއް ނޫނެވެ. އޭނާގެ ހިތުގައި އަދިވެސް އެ ހިތްވަރު އެބަހުއްޓެވެ. ހަމައެކަނި ތަފާތަކީ، އެ ވަރުގަދަ އަޒުމާއި ހިތްވަރު އޭނާގެ ފާޅުކަން ބޮޑު ދެލޮލުން ފެންނަން ނެތުމެވެ.

މަޑުމައިތިރިކަމާއެކު ޖެހެމުންދިޔަ ފިނިވައިރޯޅިތައް ޖޫލީގެ ފަނޑުވެފައިވާ މޫނުގައި ފިރުމަމުންދިޔައިރު، އޭނާގެ ކަރުނުން ފުރިފައިވާ ދެލޮލުން ކަރުނަތައް ހޯސްލާފައި ފައިބަން ފެށިއެވެ. އެ ކަރުނަތަކުން ކޮލުގެ ތެރެއިން ތިރިއަށް ރޮނގުދެމެމުން ދިޔައިރު، ޖޫލީގެ ހިތް ރޮއި އާދޭސްކުރަމުން ދިޔައެވެ. “މި ހިތާމަވެރި ވަގުތު، އަހަރެންގެ އަތުގައި ހިފާލާނެ، ހިތްވަރުދޭނެ ޔާރަކު ހުރިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟” އޭނާގެ ހިތަށް އެރި މި ހިތްދަތި ސުވާލާއެކު މުޅި ދުނިޔެ އޭނާއަށްޓަކައި ހުއްޓިފައިވާ ފަދަ އިހުސާސެއް ކުރެވުނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެ، ނޭވާ ކުރުވަމުން ދިޔައީ ކުރިމަތީގައި އޮތް ބިރުވެރި ހަގީގަތާ ކުރިމަތިލާނެ ހިތްވަރެއް ނެތުމުންނެވެ. ކޮންމެ ސިކުންތަކީ އޭނާގެ ކެތްތެރިކަން އިމްތިހާނު ކުރަމުންދިޔަ ވަގުތެކެވެ.

ކުއްލިއަކަށް ޖޫލީއަށް ސިހުމެއް ލިބުނީ ފަހަތުންއައިސް މީހަކު އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލުމުންނެވެ. އެ އަތުގެ ހޫނުކަން އިހުސާސްވުމާއެކު ޖޫލީ ފަސްއެނބުރި ބަލައިލިއެވެ. ދެވަނަ އެހެން މީހެއް ނޫނެވެ. ފަސީހެވެ. ހިނިތުންވެލާފައި ފަސީހު ޖޫލީގެ ދެލޮލުގެ ތެރެއަށް ގެއްލިފައިހުރި އިރު ފަސީހުގެ މޫނުމަތިން އެއްވެސް ހާސްކަމެއް މާޔޫސްކަމެއް ފެންނާކަށް ނެތެވެ. އޭނާގެ އެ ހަމަޖެހިފައިވާ ސޫރައާއި، ތުންފަތްމަތީގައިވި މަލާމާތުގެ ހިނިތުންވުން ޖޫލީގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް އުފައްދައިފިއެވެ. އެހެނަސް ޖޫލީ ހައިރާނެއްނުވެއެވެ. ފަސީހުގެ އެ ހިނިތުންވުމުގެ ފަހަތުގައި އެވަނީ ކޮން ނިޔަތެއްކަން ޖޫލީއަށް އެނގެއެވެ. އެ ނިޔަތުގެ ފަހަތުގައި ކަޝްފުވެފައިއޮތް މަޤުސަދު ކިތަންމެހާވެސް ސާފެވެ. ޖޫލީގެ ހިތުތެރޭގައި ފަސީހާއި މެދު ނަފްރަތު އުފެދުނުފަދައެވެ. އެހެނަސް ކުރެވޭނެކަމެއް ނެތީތީ ޖޫލީގެ ދުލުން އެންމެ ލަފުޒެއްވެސް ބޭރުނުކޮށް ދުލުގައި ގޮށެއް ޖަހައިލިއެވެ.

“ޖޫ.. މީ އުފާކުރަންވީ ވަގުތު. ތި މޫނުން ތި ފެންނަ މާޔޫސްކަން ބަލަން އަހަރެންނަކަށް ކެތެއްނުކުރެވޭނެ… މިއަދު މިއޮތީ އަހަރެމެން އެންމެ ބޭނުންވީ ދުވަސްއައިސް ޖެހިފަ. ޒުނާމް އެއޮތީ މަރުގެ ތުންފަތްމަތީގަ. އޭނާ ދެން ސަލާމަތެއް ނުވާނެ. އެހެން ނޫނަސް މީ އޭނާ އަމިއްލައަށް ކުރިކަމެއް. މައްސަލައަކަށް ވީހީ އެހެން މީހަކު ކުރިނަމަ. އެކަމަކު މި ހާލަތު އިހުތިޔާރުކުރީ އޭނާ އަމިއްލައަށް. ފުރާނައަކީ މާތްﷲ ދެއްވަވާފައިވާ އަމާނާތެއް. އެ އަމާނާތައް ޝުކުރުވެރިނުވާ މީހަކު މިދުނިޔޭގަ ހުރުމުގެ އެއްވެސް މާނައެއް ނެތް. އަހަރެންނަކަށް ނޭނގެ އޭނަ އެގޮތަށް ކަންތައްކުރަން ޖެހުނު ސަބަބެއް. އަހަރެން ބޭނުމެއްނޫން އެ ސަބަބު ބަލާކަށްވެސް. އަހަރެން އުފާވަނީ އޭނަ ދުނިޔޭގަ ނެތް ދުވަހަކުން ޖޫލީ ތީ އަހަރެންގެ މީހަކަށް ވާނެތީ.. ޖޫލީ ތީ އަހަރެންގެ ހައްޤެއް. އޭނަ އެއީ އަހަރެމެން ދެމީހުންގެ ދެމެދަށް އިތުރުންބައިން ޖެހިގެން ވަދެގަތް މީހެއް. ޖޫ ޒުނާމްއާ ކައިވެނިކުރީ ޖޫގެ ބައްޕަ އެގޮތަށް ބޭނުންވީމަ. އަދި އަހަރެން މީ ޖޫގެ ކަޒިންއަކަށް ވީމަ، ކައިވެނިކޮށްފިނަމަ މީހުން ކިޔާފާނެ އެއްޗަކަށް ވިސްނާފަ. އެކަމަކު މީ މީހުން ކިޔާހާ އެއްޗަކަށް ވިސްނައިގެން ދިރިއުޅެވޭނެ ޒަމާނެއްނޫން… ޖޫ ހާސްނުވާތި. އަހަރެން ދެން ތި ދެލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓުނަ ނުދޭނަން.” ފަސީހުގެ އަޑުގައި ހުރި ހަރުކަށިކަމާއި، ޒުނާމްގެ ހާލަތާ މެދު އޮތް ފަރުވާކުޑަކަން ޖޫލީގެ ހިތް ކަފާކުދިކޮށްލިއެވެ. ފަސީހު ޖޫލީ ވާހަކަ ދައްކާނެ އެންމެ ފުރުސަތެއްވެސް ނުދިނެވެ. ޖޫލީ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގި ބަސްހުއްޓިފައެވެ.

ފަސީހު އޭނާގެ ދެއަތުން ޖޫލީގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަން މަސަތްކަތްކުރިއެވެ. އެ އަތުގެ ބީހުމުން ޖޫލީއަށް ކުރެވުނީ ފަކުރުގަންނަ ފަދަ އިހުސާސެކެވެ. އެއީ އޭނާ އެދޭ އޯގާތެރިކަމެއް ނޫނެވެ. އެއީ މަޖުބޫރުކަމާއި ބާރުގެ ބީހުމެކެވެ. ޖޫލީ ފަސީހުގެ އަތްފޮޅާލާފައި ދުރުކޮށްލިއެވެ. އޭނާގެ ހަށިގަނޑު ތުރުތުރުލަމުން ދިޔައީ ރުޅިއާއި ދެރަވުން އެކުވެގެންނެވެ.

“ކީއްވީ؟ އަހަރެންނަށް އެވަރުގެ ހައްޤެއްވެސް ނެތީތަ؟” ފަސީހު ޖޫލީގެ ދެކޮނޑުގައި ހިފާފައި އޭނާގެ ގަޔާއި ގާތްކޮށްލަމުން ބުނެލިއެވެ. އޭނާގެ ދެލޮލުން ފެންނަމުންދިޔައީ ކޮންމެފަދަ ގޮތަކުންވިޔަސް ޖޫލީ ހާސިލްކުރުމުގެ ނުބައި އެދުންވެރިކަމެވެ.

“ފަސީ ދިސް އިޒް އިންސޭން. އަދިވެސް ހުއްޓާލަކަށް ނުވޭތަ؟ އަހަރެން މީ މީހެއްގެ އަނތްބެކޭ… އެނގޭ މާޒީގަ އަހަރެމެން ދެމީހުންގެ ދެމެދުގައި ސިއްރު ގުޅުމެއް އޮތްކަން. އެހެނަސް ވަގުތާ ހާލަތާ ބަދަލުވެއްޖެ. އަހަރެން ދުނިޔެއާ މީހުންނާ މެދު ދެކޭ ގޮތްވެސް ތަފާތުވެއްޖެ. އާން އަހަރެން ފަސީ ދެކެ ލޯބިވިން. އެކަމަކު މިހާރު އަހަރެންނަކީ އެހެން މީހެއްގެ ހައްޤެއް. ހަމައެކަނި ޒުނާމްގެ ހައްޤެއް. އަހަރެންނަށް އަހަރެންގެ ހިތުން އެނޫން އެހެން މީހަކަށް ޖާގައެއްނުދެވޭނެ. މިއީ ހަޤީޤަތް. ހަޤީޤަތް ހަޖަމުކޮށްލަން އުނދަގޫވާނެ. އެކަމަކު މީ ބަދަލުނުވާނެ ހަޤީޤަތެއް. ފަސީ ތިއީ ހާދަ ނުބައި މީހެކޭ ދޯ؟ ހާދަ އެދުންބޮޑު މީހެކޭ. އަނެކާ މަރާލާފަވެސް ފަސީގެ ބޭނުން ފުދެނިކޮށް ފަސީއަށް އެ ނިމުނީ. ޒުނާ އެދަނީ މަރާ ހަނގުރާމަކުރަމުން. ތިކަހަލަ އަނގަވިހަ، ނިޔަތް ނުބައި މީހުން އޭނާގެ މަރަށް އެދިއެދި ތިއްބަ ދެން ކިހިނެއް ކަމެއް ރަނގަޅުވާނީވެސް…” ޖޫލީއަށް ކެކުޅުމުގެ ތެރެއިން ވާހަކަދެއްކުނީ އުނދަގުލުންނެވެ. އޭނާގެ އަޑު ތުރުތުރުލަމުން ދިޔަ ނަމަވެސް، ކޮންމެ ލަފުޒެއްގައިވީ ބަރުދަނެވެ.

ޖޫލީގެ ހިތް ބާރަށް ތެޅެމުން ދިޔައީ ޒުނާމްގެ ފުރާނަ ސަލާމަތްކުރަން އޭނާއަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ފަސީހުގެ ކުރިމަތީގައި ކުޑަކަކޫ ޖެހުންކަން އެނގޭތީއެވެ. އެހެނަސް އޭނާ ކުރިއަށް ގެންދިޔައެވެ. “ޕްލީސް ފަސީ… އާދޭސްކޮށްފަ ބުނަން. ޒުނާމް މަރުވިޔަނުދީ އޭނައަށް އެހީވެދީ… އާދޭސްކޮށް ސަލާންޖަހާފައި ބުނަން. އިންސާނިއްޔަތަށްޓަކައިވެސް މިކަން ކޮށްދީ… އަހަރެންދެކެ ތިވާ ލޯބީގެ ހައްޤުގައިވެސް މިކަން ކޮށްދީ…. ހީ ނީޑްސް ޔުއާރ ބްލަޑް. ޒުނާމްއަށް ލޭ ހަދިޔާކޮށްދީ…. މީ އަހަރެންގެ އާދޭސް… އޭނާ އެގޮތަށް މަރުވާން ދޫކޮށްނުލާ….” ޖޫލީ ފަސީހު ގާތުގައި އާދޭސްކުރަމުންދިޔައެވެ. އޭނާގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތަކުން ފަސީހުގެ ހިތަށް އެއްވެސް އަސަރެއް ކުރާހެނެއް ހީއެއް ނުވެއެވެ. އޯ ނެގެޓިވް ލެއަކީ ހޯދަން ފަސޭހަ ލެއެއް ނޫނެވެ. އިއްތިފާޤުން ފަސީހާއި ޒުނާމްގެ ގައިގައިވަނީ އެއް ލޭގެ ގްރޫޕެވެ. އެހެން ނޫންނަމަ ޒުނާމްގެ ކަމެއްގައި ޖޫލީ ފަސީހު ކައިރީގައި ދުވަހަކުވެސް ނޭދޭނެއެވެ. ގޮތް ހުސްވުމުން އިންސާނާ ކުރަން ބޭނުންނުވާ އެތައް ކަމެއް ކުރަން އިންސާނާއަށް މަޖުބޫރުކުރުވައެވެ.

ޖޫލީގެ އާދޭސްތަކުގެ އަޑު މުޅި ކޮރިޑޯގެ ތެރޭގައި ގުގުމަމުން ދިޔައެވެ. ފަސީހު ހުރީ ވަރަށް ފަރުވާތެރިކަމާއެކު ޖޫލީގެ ކޮންމެ ހަރަކާތަކަށް ބަލާށެވެ. އޭނާގެ ހިތުގައި ވަނީ ނުލަފާ ރޭވުމެކެވެ. ޖޫލީގެ މި ބަލިކަށި ވަގުތުގެ ފައިދާ ނަގަން އޭނާ ބޭނުންވިއެވެ.

“ހަމައެކަނި ޖޫލީއަށްޓަކާ… ޖޫލީދެކެ އަހަރެން ވާ ލޯބީގެ ހައްޤުގަ އަހަރެންގެ ލޭ ޒުނާމްއަށް ދޭނަން… ޖޫލީގެ އުފަލަކީ އަހަރެންގެވެސް އުފާ… އެކަމަކު އަހަރެން މިބުނާހާވެސް ވާހަކައަކީ، ޒުނާމް މި ދުނިޔޭގައި ނެތް ދުވަހަކުން، ޖޫލީ އަހަރެން މިވާ ލޯބީގަ ކޮޅުފައިން ނުޖަހައްޗޭ… އަހަރެންނަށް އެކަމުގެ ޔަޤީންކަން ދެވިދާނެތަ؟” ފަސީހު ޖޫލީގެ ދެކޮނޑުގައި އަތްތިލަ ބާއްވާލަމުން ބުންޏެވެ. އޭނާގެ މި ޝަރުތަކީ ޖޫލީގެ މުޅި ދިރިއުޅުމުގެ މިނިވަންކަން ގުރުބާންކުރުމަށް އެދި ކުރި ޝަރުތެކެވެ.

ޖޫލީ ހުރީ ބުނާނެ އެއްޗެއް ނޭނގި، މުޅި މީހާ ބަސްހުއްޓިފައެވެ. އޭނާގެ ދެލޮލުގެ ކަޅިން ފަސީހުގެ ދެލޮލަށް ބަލަހައްޓައިގެން ހުރިއިރު، އެ މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ މާޔޫސްކަމާއި ބިރުވެރިކަމެވެ. މުޅި މޫނުމަތި އެކަށް މިލާފައިވާއިރު، ހީވަނީ ދިރިހުރި ފުރާނައެއް ނެތް ހިލަބުދެއް ހެންނެވެ. ފަސީހުގެ އެ ނުބައި ޝަރުތާއި، އޭނާގެ ރޭވުންތެރިކަން ހުރިގޮތުން ޖޫލީގެ ސިކުނޑި ސުމަކަށް ދިޔައެވެ. ދުނިޔެ އެކަށް ބަނަވެ، ވަށައިގެންވާ ހުރިހާ އެއްޗެއް އެނބުރޭ ފަދަ އިހުސާސެއް އޭނާއަށް ކުރެވެމުންދިޔައެވެ. އުނދަގޫ ގޮތަކަށް ހިންދިރުވާލެވުނީ ބޭއިހްތިޔާރުގައެވެ. ކަރުތެރެ ވަނީ ހިކި އަނަރޫފައެވެ. ފަސީހުގެ ކޮންމެ ލަފްޒަކުންވެސް ޖޫލީއަށް ވީ އުނދަގުލުން، ދެކަންފަތަށްވެސް އިވެމުންދިޔައީ ތަނެއް އަރަފުއަރުވަމުންދިޔަ އަޑެވެ. ދެކަންފަތުގެ ތޫރިވެސް ނަގައި އެއްލާލަފާނަމޭވެސް ޖޫލީ ހިތަށްއެރިއެވެ. އެހެނަސް ހިތްވަރުކޮށްލާފައި، މޫނުމައްޗަށް ވެއްޓި، ތަރުތީބު އޮޅިފައިވާ އިސްތަށިގަނޑު މަޑުމަޑުން މައްޗަށް ނަގާ ރީތިކޮށްލުމަށްފަހު، ޖޫލީ މަޑުމަޑުން ބޯޖަހާލިއެވެ. އެއީ އޭނާގެ މުޅި ދިރިއުޅުން އަނދިރިކަމުގެ ތެރެއަށް އެއްލާލި ބޯޖަހާލުމެކެވެ. ފަސީހަށް އެ ދެވުނީ އިތުރު ޔަޤީންކަމެއްބާއެވެ. ހަޤީޤަތެއްނެތް ގެރެންޓީއެއްބާއެވެ.

ފަސީހަށް އެ ޖަވާބުން ފުދުނެވެ. އޭނާގެ ތުންފަތްމައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އެހެނަސް ޖޫލީ އެ ޖަވާބުދިނީ އޭނާގެ އަމިއްލަ ނަފްސަށް މަޖުބޫރުވެގެންނެވެ. ހިތުގެ އެންމެ ފުންމިނުގައި އޮތް ޒަހަމްތަކުން ލޭކޮށިގެން ދިޔަ ނަމަވެސް، ޒުނާމްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އޭނާ ހުރީ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށެވެ. ޒުނާމް މަރުވެދިޔަސް، ފަނާވެ ވެއްޔަށް ވެދިޔަޔަސް، އެނޫން ދެވަނަ ލޯތްބެއް ޖޫލީ މި ދުނިޔެމަތިން ދުވަހަކުވެސް ބޭނުންނުވާނެކަން އޭނާގެ އަމިއްލަ ސިއްރު ހިތަށް އެނގެއެވެ. އެއީ އޭނާގެ ހިތުގެ އެންމެ ފުންމިނުން، ހިތުން ރުހިގެން އޭނާ އަމިއްލައަށް މީގެ އެތަކެއް އަހަރުތަކެއް ކުރިން ނިންމައިގެން ހުރި ވަރުގަދަ ނިންމުމެކެވެ. ޒުނާމްއަކީ އޭނާގެ ދިރިއުޅުމުގެ ބާއްޖަވެރިކަމެވެ. އޭނާގެ އުންމީދެވެ.

ޒުނާމްގެ ހަނދާން އާވުމާއެކު ޖޫލީގެ ހިތަށް ތަދުވިއެވެ. އޭނާގެ ހިތަށް މީހަކު ތޫނު ހަންޖަރެއް ހަރާލިފަދައެވެ. މީހަކު ޒުނާމްގެ ފަހުނޭވާގެ އިންތިޒާރުގައި، ޒުނާމްގެ މަރުގެ ހަބަރު ލިބޭނެ ވަގުތަކަށް ބަލަބަލާ ހުރިކަން އެނގޭތީ ޖޫލީގެ ހިތް ކުދިކުދިވަމުން ދިޔައެވެ. ފަސީހު ފަދަ އަމިއްލަ އެދުމުން ފުރިފައިވާ މީހަކު، ޒުނާމް ދިރިހުންނަން ނޭދޭތީއެވެ. މީހަކު އޭނާގެ ވަސްވެސް މިދުނިޔެއިން ފޮހެލަން އެދިއެދި ހުރިކަން އެނގުމަކީ ކޮންފަދަ ބޮޑު ހިތްދަތިކަމެއް ހެއްޔެވެ؟ ޖޫލީގެ ހިތް ފިސްފިސްވަމުންދިޔައިރު ފަސީހުއަށްޓަކައި އޭނާގެ ހިތުގައި ރުޅިވެރިކަން އުތުރިއަރަމުންދިޔައެވެ. މިއަދު ޖޫލީ ޒުނާމްގެ ހަށިފާރަވެރިޔަކަށް ވެގެން ހުއްޓަސް، ޒުނާމްއަށްޓަކައި ފަސީހުގެ ހިތުގައިވާ އެ ނުބައި ނަފްރަތާއި ހަސަދަވެރިކަމަކީ ބަދަލުކުރެވޭނެ އެއްޗެއް ހެއްޔެވެ؟ ނޫންތާއެވެ. ޖޫލީގެ ހިތް ބުނަމުން ދިޔައެވެ. ފަސީހު ދުވަހަކުވެސް ބަދަލެއްނުވާނެއެވެ. ބަދަލުވާނޭނަމަ، މިހާރު އޭނާގެ ހިތް ބަދަލުވާނޭހާ ގިނަ ދުވަސްވެއްޖެއެވެ. މީހަކާ ރައްޓެހިވެސް ނުވެ، ކައިވެންޏެއްނުކޮށް، މުޅި އުމުރު އެ ހުސްކޮށްލަނީ ޖޫލީގެ ލޯބި ލިބޭނެކަމުގެ އިންތިޒާރުގައެވެ. ނިމުމެއްނެތް ލޯތްބެއްގެ އުންމީދުގައި ޤަރަގުވެގެންއެދަނީ އެކަނިވެރިކަމުން ފުރިގެންވާ ބާނި ގިނަ މާ ކަނޑެއްގައެވެ. މުޅި މީހާގެ ޒުވާންކަން ގެއްލިދަނީއެވެ. ވިސްނޭނެބާއެވެ. ވިސްނޭނެނަމަ ވިސްނޭނީ ކޮން ދުވަހަކުންބާއެވެ. ކޮން އަހަރަކުންބާއެވެ. މި ދުނިޔެމަތިން އަންހެނުން ހުސްވީކީއެއް ނޫންތާއެވެ. އިންނާނެ ކުއްޖަކު ހޯދަން މަސައްކަތް ކުރާނަމަ ފަސީހާވެސް އިންނަންވެސް އެތަކެއް ކުދިންނެއް ވީހެވެ. ރީތި މީހެކެވެ. ބޯހަރުކަމާއި ގޮތްދޫނުކުރުގެ ސިފަނެތްނަމަ އެއްވަނައިގެ ފިރިހެނަކަށްވީހެވެ. އެންމެންގެ ގަދަރާއި އިތްޒަތާއި ލޯބި ލިބުނީހެވެ. ކާމިޔާބު އިންސާނަކަށް ވެވުނީހެވެ. މިހާރު އެއުޅޭ ގޮތަކަށް އުޅުމުން އެއްވެސް އުފަލެއް އެބައޮތްހެއްޔެވެ. ނެތްތާއެވެ. ދެމަފިރިއަކު ދުރުކުރިޔަސް އޭނާ އެ ބޭނުންވާ ލޯބި އޭނާއަށް ދުވަހަކުވެސް ލިބޭނެހެއްޔެވެ. ނޫންތާއެވެ. ބައެއްގެ ދިރިއުޅުން ރޫޅާލައިގެން ލިބޭނީ ކޮން އުފަލެއްބާއެވެ. ސުވާލުތަކުން ޖޫލީގެ ސިކުނޑި ފުނިޖެހުނެވެ. ސިކުނޑީގެ ނާރުތައް ހީވީ ހަމަދެންމެ ދެންމެ ފަޅައިގެންގޮސްފާނެހެންނެވެ. ޖޫލީ ދެލޯމަރާ ތަގުޅިކޮށްލިއެވެ. އެއަށްފަހު ފުންނޭވާއެއް ބޭރުކޮށްލިއެވެ. ހަމަ އެނޭވާގައި އޭނާ ހިތަށް އެރިއެވެ. އަހަރެން މިއީ ކިހާ ބަދުނަސީބު މީހެއްހެއްޔެވެ. ކިހާ ވިޔާނުދާ މީހެއްހެއްޔެވެ.  އަހަރެންނަށް ފަސީހަށް މިދެވުނީ ކިހާ ބޮޑު ލަނޑެއްތާއެވެ. ކިހާ ބޮޑު ކެއްސެއްތާއެވެ. ކިހާ ބޮޑު ދެރައެއްތާއެވެ. ކިހާ ބޮޑު އަނިޔާއެއްތާއެވެ. ކިހާ ބޮޑު ބޭއިންސާފެއްތާއެވެ. އޭނާ ވީ ލޯބީގައި ކޮޅުފައިންޖެހީ އަހަރެންތާއެވެ. ލޯބީގެ އެ ހުވަފެންތައް އޭނާ އަހަރެންގެ ފުށުން އަދިވެސް އެ ދެކެނީ އަހަރެންނަށް މާޒީގައި އެ ލޯބި ދެވުނީމަތާއެވެ. ދާއިމަށް ދެވެންނެތް ލޯތްބެއް ފަސީހަށް ދެވުމަކީ އަހަރެންގެ ނުކުޅެދުންތެރިކަންތާއެވެ. ހުރިހާވެސް މައްސަލައަކީ އަހަރެންނެވެ. ފަސީހުގެ އިހުސާސްތަކުގެ ޤާތިލަކީވެސް އަހަރެންނެވެ. ޒުނާމް މިއަދު އެއޮތް ހާލަތު މެދުވެރި އެވީވެސް ފަސީހުގެ ބަދުދުޢާއިންބާއެވެ. އެކަމުގެ ފަހަތުގައިވަނީ އެ ދެމެދުގައިވާ ނަފްރަތުބާއެވެ. ޖޫލީ ބޭޤަރާރުވިއެވެ. ދެލޮލުން ކަރުނަހިލުނެވެ.

ޖޫލީއާއި ޒުނާމްގެ ކައިވެންޏަށް މިހާރު ހަތް އަހަރު ފުރިފައިވާއިރުވެސް، ފަސީހު އަދިވެސް އެހުރީ ޖޫލީގެ އިންތިޒާރުގައެވެ. އޭނާގެ އެ ނުބައި ފުރަތަމަ ލޯބީގެ މަޅީގައި ޖޫލީ ބައްދަން އޭނާ ކުރަމުންދާ މަސައްކަތަކީ ނިމުމެއް ނެތް ކަމެކެވެ. ޖޫލީ ހިތާހިތުން ބުނެލިއެވެ. ސަހަރޯއެވެ! ޔާﷲއެވެ! މިއީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ އެއްކޮޅުން ލޯބިވާ ފިރިމީހާގެ ފުރާނައެވެ. އަނެއްކޮޅުން އަމިއްލަ މިނިވަންކަމާއި މުސްތަޤުބަލެވެ. ވިސްނުމުގެ ތެރެއަށް ޣަރަގުވެފައި ހުރި ޚިޔާލުތަކުގެ ތެރެއިން ބޭރަށް ނިކުމެވުނީ ފަސީހުގެ ފަހަތުގައި ހުރި ރާމިޔާ ފެނުމުންނެވެ. ރާމިޔާގެ ދެލޮލުންވެސް ފެންނަމުންދިޔައީ ކަންބޮޑުވުމެވެ.

“އަހަރެން މިދަނީ ލޭދޭން ދާން… ޖޫ އެހުރީ އެކަމާ ބޯގޮވާފަ…” ރާމިޔާއަށް ބަލައިލަމުން ފަސީހު ބުންޏެވެ. އޭނާގެ އަޑުގައި ހުރީ މަލާމާތުގެ ރާގެއްބާއެވެ. ރާމިޔާގެ ކުރިމަތީގައި ފަސީހު ހެޔޮއެދޭ މީހެއްގެ ސޫރަ ދެއްކީބާއެވެ. އެއީ އޭނާގެ އެކްޓިންބާއެވެ. ޖޫލީއަށް ފަސީހުއަށް އިތުބާރުކުރަން ދަތިވިއެވެ. އޭނާގެ ފަރާތުން ކިތަންމެ ރަނގަޅުކަމެއް ފެނުނަސް، ކިތަންމެ ހެޔޮކަމެއް ކޮށްދިނަސް، ޖޫލީއަށް ދެން ފަސީހާމެދު ދުވަހަކުވެސް ހެޔޮކޮން ވިސްނޭނެބާއެވެ. އެއީ ފަސީހުގެ އާދައަކަށް ވާން ފަށައިފިހެންވެސް ޖޫލީއަށް ހީވާންފެށިއެވެ. ބޭރުފުށުން އޯގާތެރިކަން ދައްކައިގެން، އެތެރެއިން ވިހަގަދަ ހަރުފައެއް ފަދައިން ކަންތައްކުރާހެން ހީވާން ފަށައިފިއެވެ. އެހެނަސް ޖޫލީ އެ ހިތަށްއަރަނީ މުޅިން ނުބައިކޮންނެވެ. ފަސީހުގެ ނިޔަތް ގޯހެއް ނޫނެވެ. އޭނާ ޒުނާމްއަށް ލޭދޭން އެދަނީ ހެޔޮހިތުންނެވެ. ޖޫލީ ދެކެ ފަސީހުވާ ލޯބީގެ ހައްޤުޤައެވެ.  އާނއެކެވެ. ނަމަވެސް ޖޫލީގެ ދެލޯ އެވަގުތަށް ފަސީހުގެ ނިޔަތް ދެނެގަންނަން ނުކުޅެދުނެވެ.

“ޖޫ… ހާސްނުވޭ.. ﷲގެ އިރާދަފުޅުން އެއްވެސް ކަމެއް ގޯހެއްނުވާނެ.. ޒުނާމް ވަރަށް އަވަހަށް ރަނގަޅުވާނެ. އޭނައަށް އެއްވެސް ގޮތެއްނުވާނެ..” ފަސީހު ހިނގައިގަންނަން ދެތިން ފިޔަވަޅު އެޅުމަށްފަހު ފަހަތަށް އެނބުރިލާފައި ޖޫލީ ހިތްހަމަޖައްސާލެވޭތޯ މަސައްކަތްކުރިއެވެ. އެއީ ހަމައެކަނި ދެއްކުންތެރިކަމެކެވެ. އޭނާގެ ހިތުގެ އަޑީގައިވަނީ މުޅިން ތަފާތު އެދުމެކެވެ. ޖޫލީ ބަހެއްވެސް ނުބުނެ، ފަސީހު ހިނގާފައި ދިޔަ މަންޒަރަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައީ ޒުނާމްއަށްޓަކައެވެ. ކޮންމެ ހިނދުކޮޅަކީ އާ އުންމީދަކާއި، އާ ބިރުވެރިކަމެއް ގެނެސްދޭ ހިނދުކޮޅެކެވެ. އޭނާގެ ދުޢާއަކީ ހަމައެކަނި ޒުނާމްއަށް ޝިފާ ދެއްވުމެވެ. އެހެން ހުރިހާ ކަމެއް އޭނާ ވަނީ ﷲގެ މިންވަރުފުޅަށް ދޫކޮށްލާފައެވެ.

ޖޫލީގެ ދެއަތުގައި ހިކި ގަނޑުވެފައިވަނީ ޒުނާމްގެ ލެއެވެ. އޭނާ ލައިގެން ހުރި ހުދު ހެދުމުގެ ފަސްބައިވެސް އޮތީ ލެއިން ފޯވެފައެވެ. އެ މަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް، އޭނާ އެއައީ ލޭގެ ކޯރެއްގެ ތެރެއިން ކަމަށް ހީވާނެއެވެ. ޖޫލީގެ މި ހިތްދަތި ހާލަތު ފެނިފައި ރާމިޔާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. “ޖޫ… ދޭބަލަ ގެއަށް ގޮސް ފެންވަރާލައި، ތި ހެދުން ބަދަލުކޮށްލައިގެން ތާޒާވެލައިގެން އަންނަން. ބޭބެ އެދިޔައީ ޒުނާއަށް ލޭދޭން. އިރާދަކުރެއްވީޔާ، މާލަސްތަކެއްނުވެ ޒުނާގެ ހާލަތު ރަނގަޅުވެ، ހަމައަކަށް އެޅިދާނެ. އަހަރެން މިތާ މަޑުކޮށްލާނަން. ފަތިސް ނަމާދުން އަވަދިވެގެން ބައްޕަވެސް އަންނާނެ. އަދި ބޭބެވެސް މިތާ އުޅޭނެއެއްނު. ޒުނާ މިހާރު އޮތީ އައިސީއޫގައި ކަމަށްވާތީ، އެތަނުގެ ނަރުހުންވެސް ޒުނާގެ ކަންކަން ބަލަމުންދާނެ. އަހަރެމެން އެންމެން މިތިބީ ޒުނާގެ ހައްގުގައި. އެހެންވީމާ، ތިދިޔަ ގޮތަށް ގޮސްފައި އާދޭ…”

ރާމިޔާ ވަރަށް އާދޭހާއެކު އެހެން ބުނުމުން، ޖޫލީއަށް އެކަމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. ޖޫލީ ނެތް ވަގުތެއްގައިވެސް ޒުނާމްގެ ކަންކަން ރާމިޔާ ވަރަށް ފުރިހަމައަށް ބަލަހައްޓާނޭކަމުގެ ފުރިހަމަ އިތުބާރު އޭނާއަށް އޮތުމުންނެވެ.

“އޯކޭ.. އަހަރެން މިދަނީ. ފެންވަރާލައި، ނަމާދުކޮށްލައިގެން ވަރަށް އަވަހަށް އަންނާނަން. އެއްވެސް ކަމެއް ބަދަލުވާނަމަ ނުވަތަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން އަހަންނަށް ގުޅާތި،” ރާމިޔާގެ އަތުގައި ހިފާލަމުން، އިތުބާރާއެކު ޖޫލީ ބުންޏެވެ. ރާމިޔާ ހިނިތުންވުމަކާއެކު ބޯޖަހާލުމަށްފަހު، ޖޫލީގެ ގައިގައި ލޯތްބާއެކު ބައްދާލިއެވެ. އެ ވަގުތު ޖޫލީއަށް އިހުސާސްވީ، އޭނާ އިންތިހާއަށް ބޭނުންވެފައިވާ ހިތްވަރާއި މަދަދު ލިބުނު ފަދަ އިހުސާސެކެވެ.

ޖޫލީ މަޑު ހިނގުމެއްގައިގޮސް ހޮސްޕިޓަލުން ނިކުތްއިރު ފާތުމަވެސް ފަހަތުންއައެވެ. ދެމައިން ޒުނާމްގެ ހަވާލުދާރަކަށް ރާމިޔާ ބެހެއްޓުމަށްފަހު ގެއަށްދިޔައީ ރާމިޔާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ.

އައި.ސީ.ޔޫގެ ބޭރުގައި ހުންނަ އިންތިޒާރުކުރާ ސަރަޙައްދުގެ ގޮނޑިބަރީގައި ރާމިޔާ އިށީނދެލައިގެން އިނީ ހިމޭންކަމާއެކުގައެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި ވަނީ ބޮޑު ތޫފާނެއް އުފެދިފައެވެ. ދެންމެއަކު ފަސީހާއި ޖޫލީއާ ދެމެދު ދެކެވުނު ކޮންމެ ވާހަކައެއް، ކޮންމެ ޖުމުލައެއް އޭނާގެ ކަންފަތުގައި ގުގުމަމުންދިޔައެވެ. އެ މީހުންނަށް ރާމިޔާ އެތަނުގައި ހުރިކަމުގެ ހިލަމެއްވެސް ނުވިޔަސް، އޭނާ ހުރީ އެ ދެމީހުންގެ ދެމެދުގައި ބަދަލުކުރެވުނު ކޮންމެ ބަހެއް ސިއްރުން އަޑުއަހާށެވެ. އެއީ ހަމައެކަނި އިއްތިފާގެއް ނޫނެވެ؛ ފަސީހުގެ ދިރިއުޅުމުގެ ކޮންމެ ފިޔަވަޅަކަށް ފާރަވެރިވުމަކީ ރާމިޔާގެ އާދައެކެވެ.

މި ހަޤީޤަތަކީ ރާމިޔާއަށް މިއަދު އަލަށް އެނގުނު އައު ޚަބަރެއް ނޫނެވެ. އެ ހިތްދަތި ސިއްރުތައް އޭނާގެ ހިތުގެ ފުންމިނުގައި ރައްކާކުރެވިފައިވާތާ މިހާރު އެތައް އަހަރެއް ފާއިތުވެ ހިނގައްޖެއެވެ. ޖޫލީ، ފަސީހުގެ އިހުސާސްތަކާއި އޭނާގެ ސާފު ލޯތްބަށް އިހުމާލުވި ގޮތް ހަނދާންވުމުން ކޮންމެ ފަހަރަކުވެސް ރާމިޔާގެ ހިތުގައި ރިހުމެއް އުފެދެއެވެ. ރާޒިޤުގެ ނުފޫޒާއި އޭނާގެ އެދުމަށްޓަކައި، ޖޫލީ ފަސީހުގެ ލޯބީގައި ކޮޅުފައިންޖަހައި، އޭނާގެ ހިތް ކުދިކުދިކޮށްލި މަންޒަރު ރާމިޔާގެ ލޯމަތީގައި އަދިވެސް ސިފަވަނީ އިއްޔެ މެންދުރު ހިނގައިދިޔަ ކަމެއް ފަދައިންނެވެ. އެއީ ފަސީހުގެ މުޅި ދިރިއުޅުން ބަދަލުކޮށްލި އަދި އޭނާގެ އުފާވެރިކަން ފޭރިގަތް ބިރުވެރި ހާދިސާއެކެވެ.

ރާމިޔާ އަބަދުވެސް އުންމީދުކުރަމުން އައީ، ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ފަސީހުގެ ހިތުގެ ޒަޚަމްތައް ފަސޭހަވެ، އޭނާ އެ ހިތްދަތި މާޒީގެ ސަފުހާތައް ލައްޕާލާނެ ކަމަށެވެ. ފަސީހު އައު ދިރިއުޅުމެއް ފަށައި، އޭނާއަށް ހައްގުވާ އުފާވެރިކަން ހޯދާނެ ދުވަހަކަށް ރާމިޔާ އިންތިޒާރުކުރިއެވެ. ނަމަވެސް، ފަސީހުގެ އަމަލުތަކާއި އޭނާގެ މިހާރުގެ ހާލަތަށް ބަލާއިރު، އެއީ ފުރިހަމަވެދާނެ ހުވަފެނެއް ކަމާމެދު ރާމިޔާގެ ހިތުގައި މިހާރު ޝައްކުތައް އުފެދެން ފަށައިފިއެވެ. ފަސީހުގެ މުޅި ޒުވާންކަމާއި އުމުރު އެފަދަ ފުން ހިތާމައެއްގެ ތެރޭގައި ހުސްކޮށްލަފާނެތީ ރާމިޔާ އިންތިހާއަށް ދެރަވެއެވެ. ބޭވަފާތެރިއަކަށްޓަކައި އަމިއްލަ ނަފްސު ޤުރުބާންކޮށް، މުޅި ދުނިޔެއަށް ފުރަގަސްދީގެން ފަސީހު ހުންނަ މަންޒަރު ބަލަން ރާމިޔާއަށް ވަނީ ކެތްކުރަން ދަތި ވޭނަކަށެވެ. އޭނާގެ ކޮއްކޮގެ މި ހާލަތުގެ ސަބަބުން، އެމީހުންގެ ބައްޕަ ތަހައްމަލު ކުރަމުންދާ ހިތާމައާއި މާޔޫސްކަން ރާމިޔާއަށްވުރެ ރަނގަޅަށް އިހުސާސްކުރެވޭނެ އެހެން އިންސާނަކު މި ދުނިޔެއަކު ނުހުންނާނެއެވެ.

ހޮސްޕިޓަލުގެ ފާރުތަކުގެ ތެރޭގައި އޮތް ބަރުދާސްތުކުރަން ދަތި ހިމޭންކަމަށް ބަދަލު އަންނަން ފެށީ، ބޭރުގެ މާހައުލުން އިވެން ފެށި ގުގުރީގެ އަޑާއެކުގައެވެ. ކުއްލިއަކަށް އުޑުމަތީގެ ކުލަވަރު ބަދަލުވެ، ނޫކުލައިގެ އުޑު ބަނަ އަނދިރިކަމެއްގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. ބޯ ވިލާތަކުން މުޅި ޖައްވު ވަށާލައި، ދުވާލުގެ އަލިކަން ފަނޑުކޮށްލައިފިއެވެ. ގަސްތަކުގެ ފަތްތައް ބާރުގަދަ ވަޔާއެކު ހެލެމުންދިޔަ އަޑު ގަދަވެ، ހޮސްޕިޓަލުގެ ކުޑަދޮރުތަކުގައި ވައި ރޯޅިތައް ބީހެން ފަށައިފިއެވެ. މުޅި މާހައުލަށް ވެރިވި ފިނިކަމާއެކު، ހިތްތަކަށް ނުތަނަވަސްކަން ވެރިކުރުވަމުން ދިޔައެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. އެއީ އާދައިގެ ވާރޭއެއް ނޫނެވެ. އުޑުމަތީގައި ހުރި ހުރިހާ ވިލާތަކެއް އެއްފަހަރާ ކެކިގެންފައިވާ ފަދައެވެ. ވާރޭގެ ތިކިތައް ބިމުގައި ޖެހެމުންދިޔަ ބާރު އަޑުން، މުޅި ދުނިޔެއަށް ބިރުވެރިކަމެއް ގެނުވިއެވެ. ވަގުތު ހިނގަމުންދިޔަ ވަރަކަށް ވާރޭގެ ބާރުގަދަވަމުންދިޔައީ، ފަސީހުގެ ހިތުގައި އުފެދިފައިވާ އުދާސްތަކާއި ރާމިޔާގެ ހިތުގެ ނުތަނަވަސްކަން ރަމްޒުކޮށްދޭ ފަދަ ގޮތަކަށެވެ. ކޮންމެ ތިއްކަކާއެކު މާޒީގެ ހިތްދަތި ހަނދާންތައް އައުވަމުންދިޔައިރު، ކުރިމަތީގައިވާ މުސްތަޤުބަލު ފެންނަނީ އެ ވާރޭގެ ތެރެއިން ފެންނަ މަންޒަރުތަކެކޭ އެއްފަދައިން ފުސްކޮށް، އޮޅުންބޮޅުން ބޮޑުކޮށެވެ. އިންތިޒާރުގެ ކޮންމެ ސިކުންތަކީ ރާމިޔާއަށް ވޭނީ އިމްތިހާނަކަށް ވެފައިވާއިރު، ބޭރުގައި ހުއްޓުމެއް ނެތި އޮހެމުންދިޔަ ވާރޭ ދިޔައީ އޭނާގެ ހިތުގެ ހިތާމަތަކަށް އިތުރު ބަރުދަނެއް ދެމުންނެވެ.

ޖޫލީއާއި ފާތުމައާއި ދެމައިން ވާރެޔާއި ތެމިފޯވެއްޖެއެވެ. ވާރޭ ވެހެންފެށީ މީހަކު ފިއްކަނޑައިގެންދާހާ ބޯކޮންނެވެ. ވިދާ ގުގުރަން ފެށި ހިނދު ހީކުރެވުނީ ރޭގަނޑު ދުވާލަށް ބަދަލުވީފަދަ އިހުސާސެކެވެ. އަލިކޮއްލިލެއް އަލިކަމުންނެވެ. އެއްވެސް ދިރުމެއްނެތް ފަނިފަކުސަތައްވެސް ފިއްކަނޑައިގެން ދާނެތާއޭ ޖޫލީ ހިތަށްއެރިއެވެ. ގެއާއި ހަމައަށް ދެވުނުއިރު ޖޫލީ ހުރީ ތުރުތުރުއަޅައަޅައެވެ. ވެހެމުންދިޔަ ފިނިފިނި ވާރޭފެނުން ހަށިގަނޑަށް ލިއްބައިދެމުންދިޔަ ފިންޏަށް ކެއްކުރަންދަތިވެގެންނެވެ. ޖޫލީގެ ދިގު ފަން އިސްތަށިގަނޑުން އޭނާގެ މޫނުމަތި ހުރީ ފަރުދާވެފައެވެ. ޖޫލީ އޭނާގެ އިސްތަށިގަނޑުގައި ހިފައި ފަހަތަށްލަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ.

ޖޫލީއާއި ފާތުމަ ގެއަށްދިޔައިރު އެގޭގައި ގެންގުޅޭ މެއިޑު ހުރީ ގޭތެރޭގައި ހުރި ހުރިހާ ލޭގެ ނިޝާނެއް ފޮހެލާ ސާފުކޮށްލާފައެވެ. ގޭތެރެއަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅާއެކުވެސް ޖޫލީއަށް ކުރެވުނީ ބުނަން ދަތި އިހުސާސެކެވެ. ގޭތެރެއަށް އޮތީ ޒާތެއްގެ ހަމަހިމޭންކަމެއް ފެތުރިފައެވެ. އެހެނަސް ހިތަށް ފިނިކަން ގެނުވާފަދަ ހަމަހިމޭންކަމެއް ނޫނެވެ. އެނގޭހާވެސް ކަމަކީ، ކުރެވެމުން ދިޔައީ ބަޔާންކުރަން ދަތި އިހުސާސެކެވެ. އުނދަގޫ ގޮތަކަށް ހިންދިރުވާލުމަށްފަހު ޖޫލީ ފުރަތަމަ ފަންގިފިލާގައިހުރި ކޮޓަރިއަށް މިސްރާބުޖެހިއެވެ. އެވަގުތު އޭނާގެ ލޮލަށް އެރޭ ހިނގި ހާދިސާ ސިފަވަމުންދިޔައެވެ. ޖޫލީ ކޮޓަރިއަށް ވަނުމަށްފަހު ފުރަތަމަވެސް ބޭނުންވީ ލާނެ ހެދުމެއް އިސްތިރިކޮށްލާށެވެ. ޖޫލީގޮސް ކޮޓަރީގައިހުރި އަލަމާރި ހުޅުވާލި ހިނދު އޭގައި ބަހައްޓާފައިހުރި ބައިވަރު ސާމާނުތަކެއް ބިންމައްޗަށް ފައިބައިގަތެވެ. އެހެންކަމުން އެތަކެތި ނެގުމަށް ޖޫލީ ތިރިވެލިއެވެ. ބިންމައްޗަށް ވެރިފައިވާ ސާމާނުތަކާއި އަންނައުނުތައް ނެގިއިރު އޭގެ އެންމެ ދަށުގައިއޮތީ ޖޫލީ ވަރަށް ސަމާލުކަމާއެކު ރަންކާކުރަމުން އަންނަ ތަސްވީރެކެވެ. އެ ތަސްވީރަކީ ޖޫލީއާއި ޒުނާމްގެ ހަނީމޫނަށް އިންޑިއާގެ އޫޓީއަށް ކުރި ދަތުރުގައި ނަގާފައިވާ ތަސްވީރެކެވެ. އެ ތަސްވީރަކީ ޖޫލީގެ ހިތާއި ނިކަން ގާތް ތަސްވީރެކެވެ. އެ ތަސްވީރަކަށްޓަކައި ހިތުން ނުހަނު ހާއްސަ ޖާގައެއް ދީފައި އޮންނަ ތަސްވީރެކެވެ. އެ ތަސްވީރު ފެނުމާއެކު، ޖޫލީ އެ ތަސްވީރުނަގައި މޭގައި ޖައްސާލިއެވެ. އެވަގުތު ހިތުގެ ހިނގުން އަވަސްވެލިކަން ޖޫލީއަށް މެހެސޫސްކުރެވުނެވެ. ޖޫލީ ދެލޯ މަރާލުމަށްފަހު އެ ތަސްވީރުގައިވީ މަންޒަރު އޭނާގެ ހިތަށް ގެނުވިއެވެ. އެދުވަހުގެ އެ ހަނދާންތައް ހިތުގައި އައުކޮށްލިއެވެ. އެވަގުތު ބޭއިހްތިޔާރުގައި ޖޫލީގެ ލޮލުން ކަރުނަ ހިލުނެވެ. އެ ފޮޓޯގައި ޒުނާމްގެ މޫނުމަތިން ފެންނަ އުޖާލާ ހިނިތުންވުމާއި، އެ ދެމީހުންގެ މެދުގައި އޮތް ލޯބި ފެނިފައި ޖޫލީގެ މޭގައި ރިހުމެއް އުފެދުނެވެ. ކަރުނުން ދެލޯ ފުރިގެން އައީ ބޭއިހުތިޔާރުގައެވެ. “ކީއްވެ؟ ކީއްވެ މިހެންވާންވީ؟” ޖޫލީގެ ހިތާހިތުން ސުވާލުކޮށްލެވުނެވެ. މާޒީގެ އެ އުފާވެރި ދުވަސްތަކާއި މިއަދުގެ މި ހިތްދަތި ހާލަތާ އޮތް ފަރަގު ބޮޑުކަމުން އޭނާގެ ސިކުނޑި ސުވާލުތަކުން ފުރުނެވެ

ޖޫލީގެ ކަޅި އަމާޒުވެފައިހުރީ އެ ތަސްވީރުން ފެންނަމުންދިޔަ ޒުނާމްގެ މޫނަށެވެ. ޒުނާމްގެ މޫނުމަތީގައި އުޖާލާކަމާއި ތާޒާކަމާއެކު ފެންނަންހުރި ފަނޑު ހިނިތުންވުމުން ޖޫލީގެ ހިތުގައި ވިކާލިއެވެ. ފަރުވާއެއްނެތް ކޫރުމެއް އެހިތުގައި އެޅުމުން ވާކަހަލަ ތޫނު ތަދެއް އިހުސާސްކުރެވެން ފެށިއެވެ. އެއީ މާޒީއެވެ. މާޒީގެ އުޖާލާ އުފާވެރި ހަނދާންތަކެވެ. އޭރުގައި ހާސްވެ ކަންބޮޑުވާނެ އެއްވެސް ކަމެއްނެތެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަމުންދިޔައީ އުފަލެވެ. އުފާކުރާނެ އެތަކެއް ސަބަބުތަކެކެވެ. އަރާމެވެ. ހިތްހަމަޖެހުމެވެ. އެއްވެސް ހިތްހާސްކަމެއް ނެތެވެ. އެހެނަސް މިއަދު ތަޤުދީރު މި ނިޔާކުރީ ކޮންފަދަ ހިތްދަތި ތަޖުރިބާއެއް ހެއްޔެވެ. ހަޔާތަށް މިވަރުގެ ބޮޑު ތޫފާނެއް އައުމުގެ ފަހަތުގައި އެއްވެސް ސިއްރެއްވޭބާއެވެ. އެއްވެސް ސިއްރެއްވާނަމަ އެ ސިއްރަކީ ކޮބައިބާއެވެ. ޖޫލީއަށް މާގިނައިރު އެ ތަސްވީރަށް ގެއްލިފައި އިނދެވޭގޮތެއް ނުވިއެވެ. ޒުނާމްގެ މޫނަށް އިތުރަށް ބަލަން އިންނާނެހާ ހިތްވަރެއް ޖޫލީގެ ހައްޓަކުނެތެވެ. ބިރުހީވާތީއެވެ. ހިތްބިރުގަންނާތީއެވެ. ހާސްވާތީއެވެ. އުދާސްވާތީއެވެ. އެ ލޯބި ގެއްލިދާނެތީއެވެ. އެންމެ ލޯބިވާ ޔާރު ބީވެދާނެތީއެވެ. އެކަނިވެރިވެދާނެތީއެވެ. ސިކުނޑިއަށް އެވަގުތު ވެރިވަމުންދިޔައީ ހުސްވެސް ނުބައި ޙިޔާލުތަކެވެ. އުފާވެރިކަމުގެ އައްސޭރިއެއް މިލިއަނެއްހާ މޭލު ދުރުންވެސް ފެންނަން ނެތްކަމުގެ އިހުސާސްކުރެވެން ފެށުމުން ޖޫލީގެ ހިތް މަރުވާންފެށިއެވެ. އެހެނަސް ހިތްވަރުކޮށްފައި ޒުނާމްގެ ހައްޤުގައި ސާބިތުކަންމަތީގައި ހުރުން ނޫން އިތުރުގޮތެއް ޖޫލީއަކަށް ނެތެވެ. އެހެންކަމުން ޖޫލީ ހިތްވަރުކޮށްލާފައި ކޮޅަށް ތެދުވިއެވެ. ޒުނާމް ގެއްލިދާނެކަމުގެ ބިރު ހިތުގައި ވަޅުލައި ފަސްއަޅައި ފޮރުވާލަން ބޭނުންވާތީއެވެ.  ޒުނާމްގެ ހައްގުގައި ހިތްވަރުކުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. ލޮލުން ފޭބި ކަރުނަތައް ފޮހެލުމަށްފަހު، އެ ތަސްވީރު މޭޒުމަތީގައި ބާއްވާފައި އޭނާ އިސްތިރިކުރަން ފެށިއެވެ.

އިސްތިރީގެ ހޫނުކަން އަތަށް އިހުސާސްވަމުންދިޔައިރުވެސް، ޖޫލީގެ ސިކުނޑި ދަތުރުކުރަމުންދިޔައީ މުޅިން އެހެން ދުނިޔެއެއްގައެވެ. ކުއްލިއަކަށް ޖޫލީގެ ހަނދާނަށް އައީ ޒުނާމް އޭގެ ދެތިންރޭ ކުރިން މެންދަމުގެ ވަގުތުގައި ނިދިން ހޭލާފައި ދެއްކި ވާހަކަތަކެވެ. އޭރޭ ޒުނާމްގެ އަޑުގައި ހުރީ މީގެ ކުރިން ދުވަހަކުވެސް ނީވޭ ފަދަ ސިއްރުވެރި އަދި ބިރުވެރި ގޮތެކެވެ. “ޖޫލީ، ކޮންމެ ފަދަ ހާލަތެއް އައި ނަމަވެސް އަހަރެން ދެކެ ލޯބިވާނަންތަ؟” އެ ސުވާލުގެ މާނަ މިއަދު ޖޫލީއަށް މާ ބޮޑަށްވެސް ސާފުވާން ފަށައިފިއެވެ. ޖޫލީ އެރޭ ހީކުރީ ޒުނާމް އެބީދައިން ވާހަކަދެއްކީ ބިރުވެރި ހުވަފެނެއް ފެނިގެން ކަމަށެވެ. އެހެނަސް މިހާރު އެއީ ކުއްހީއެއްހެން ހީވާންފަށައިފިއެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާލި އަޑަށް ޖޫލީ ސިއްސައިގެން ދިޔައެވެ. ދޮރުމަތީގައި ހުރީ ފާތުމައެވެ. ފާތުމަގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. “ދަރިފުޅާ، އަދިވެސް ތި އުޅެނީ ހެދުން ނުބަދަލުކޮށްތަ؟ ތިހެން ހުރެއްޖެއްޔާ ބަލިވެދާނެ. އަވަހަށް ފެންވަރާލައިގެން ތިރިއަށް އާދޭ ސައިބޯން،” ފާތުމަ އޯގާތެރިކަމާއެކު ބުންޏެވެ.

“ދަރިފުޅާ! ކެއްކުރޭ! އިރާދަކުރެއްވިއްޔާ ޒުނާމް ގަދަވެ ސަލާމަތުން އެނބުރި އަންނާނެ! މާތްﷲ އަށް ވަކީލުކުރޭ… އެކަލާނގެ ހަޒްރަތުންއެދި ދަންނަވާ… އެކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރަށްވާނެ… އަދި ތިޔަވަރުވާކަށް ގާތްވެސް ނުވޭ!” ޖޫލީގެ ދެލޮލަށް ޖަމާވެ ބަންޑުންވާން ކައިރިވެފައިވާ ކަރުނަތައް ފެނި ފާތުމައަކަށް ކެތެއްނުކުރެވުނެވެ.

“އަހަރެންނަށް މާބޮޑަށް ވިސްނޭތީ ވާގޮތް މިއީ.. ނުވާންވާވަރަށް ހިތްނުތަނަވަސްވެ ކަންބޮޑުވަނީ” މަޑުމޮޅި ރާގަކަށް ޖޫލީ ބުންޏެވެ. ޖޫލީ ބޯޖަހާލުމަށްފަހު ފާހަނައަށް ވަނެވެ. ފެންމާގަނޑުން އޮހެމުންދިޔަ ފިނި ފެންތަކާއެކު އޭނާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް އެކުވެގެން ދިޔައެވެ. އޭނާގެ ހަށިގަނޑުގައި ހުރި ތުރުތުރުލުން މަޑުވި ނަމަވެސް، ހިތުގައި އުފެދިފައިވާ ތޫފާން މަޑުވާނެ ގޮތެއް ނުވިއެވެ. ފެންވަރައިގެން ނުކުމެ، ހެދުން ބަދަލުކޮށްލައިގެން އޭނާ ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އޭނާގެ މޫނުމަތީގައި ހުރި ތާޒާކަން ގެއްލި، ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ.

ތިރިއަށް ފޭބިއިރު، ސައިމޭޒު ކައިރީގައި ފާތުމަ އިނީ ވަރަށް ފުން ވިސްނުމެއްގައެވެ. ޖޫލީ ފެނުމާއެކު ފާތުމަ ގަދަކަމުން ހިނިތުންވެލިއެވެ. “ދަރިފުޅާ، ޒުނާމްގެ ކަންތަކާ މާ ބޮޑަށް ފިކުރު ނުކުރޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ،” ފާތުމަ ހިތްވަރުދިނެވެ. ނަމަވެސް އެ އަޑުގައި އަމިއްލަ ނަފްސަށް އޮތް އިތުބާރެއް ނެތްކަން ޖޫލީއަށް ފާހަގަކުރެވުނެވެ.

“މަންމާ، ޒުނާމްއަށް އެގޮތަށް ކަންތައް އެކުރީ ކީއްވެބާ؟ އަހަރެމެންގެ ދިރިއުޅުމަށް މި ކޮޅިގަނޑު މިއައީ ކީއްވެ؟” ޖޫލީއަށް ރޮވޭ ގޮތްވިއެވެ. ފާތުމަ ތެދުވެގެން އައިސް ޖޫލީގެ ބޮލުގައި ފިރުމާލިއެވެ. “ދަރިފުޅާ، ބައެއް ފަހަރު ހަގީގަތަކީ އަހަރެމެން ހީކުރާ ވަރަށްވުރެ ހިތްދަތި އެއްޗަކަށް ވެދާނެ. އެކަމަކު ހަގީގަތާ ކުރިމަތިލާން ޖެހޭނެ.”

އެ ވަގުތު ބޭރުން ކާރެއް މަޑުކޮށްލި އަޑު އިވުނެވެ. ޖޫލީގެ ހިތް ބާރަށް ތަޅަން ފެށިއެވެ. މި ވަގުތު އެއީ ކާކުބާއެވެ؟ ފުލުހުން ހެއްޔެވެ؟ ނޫނީ ޒުނާމްގެ ހަބަރެއް ހިފައިގެން އައި މީހަކު ހެއްޔެވެ؟ ޖޫލީ ދުވެފައި ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ފަސީހެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމާއި ހާސްކަމެވެ.

“ޖޫލީ… އަލްހަމްދުﷲ. ޒުނާމްގެ ހާލަތު ވަރަށް އަވަހަށް ހަމައަކަށްއެޅޭނެކަމަށް ޑޮކްޓަރު ވިދާޅުވީ. ވަރަށް އަވަހަށް ހޭއަރާނެކަމަށް ބުނީ…” ފަސީހު ޖޫލީއަށް އުފާވެރިކަމުގެ ޙަބަރުދިނެވެ. ޝުކުރުވެރިވާ ޙާލު ޖޫލީގޮސް ފަސީހު ގައިގައި ބައްދައިގަތެވެ. “ތެންކިޔު ސޯ މަޗް ފަސީ…. ފޯ ސޭވިން ހިސް ލައިފް ބައި ޑޮނޭޓިން ހިމް ޔުއަރ ބުލަޑް… ފަސީ ލޭ ހަދިޔާ ނުކުރިނަމަ އަހަރެންނަށް ނޭނގުނީސް ހަދާނެ ގޮތެއްވެސް. އޯ ނެގެޓިވް ލެޔަކީ ކޮންމެ ކޮންމެ މީހަކު ގައިގައި ހުންނަ ލެޔެއްނޫން..”

ފަސީހުވެސް ޖޫލީގެ ގައިގައި ބައްދާލަން ބޭނުންވިއެވެ. އެހެނަސް ޖޫލީއަކީ މީހެއްގެ އަނތްބެކެވެ. ފަސީހުގެ ހައްޤެއް ނޫނެވެ. އެހެންކަމުން ފަސީހު ޖޫލީދެކެ ވާ ލޯބި އެއްކައިރިކޮށްލާފައި ޖޫލީ އޭނާގެ ހަށިގަނޑާ ދުރުކޮށްލިއެވެ. ޖޫލީއަށްވެސް ލިބުނީ ސިހުމެކެވެ. ބޭއިހްތިޔާރުގައި ޖޫލީވެސް ފަހަތަށް ފިޔަވަޅެއް އަޅާލުމަށްފަހު މައުސޫމްކަމާއެކު ޝުކުރުވެރި ހިތަކާއެކު ފަސީހަށް ބަލައިލިއެވެ.

“އަހަރެން ވަރަށް އުފާވޭ… އަހަރެންގެ ބޭބެގެ ދަރިން އަހަރެމެންނަކަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އަހަރެމެންނާއެކު ތިބޭތީ…” ފަސީހުގެ ބޮލުގައި ފިރުމާލަމުން ފާތުމަ ބުނެލިއެވެ.

ޖޫލީ ހިތަށްއެރިއެވެ. އަހަރެންނަށް ފަސީހާއި މެދު މި ވިސްނުނީ ގޯސްކޮށެވެ. ފަސީހުގެ ނިޔަތުގައި އުނިކަމެއްވިޔަސް، މީހެއްގެ ފުރާނައަށްވުރެ އޭނާގެ ހިތުގެ އެދުން އިސްނުކުރާނެކަން ޖޫލީއަށް އިހުސާސްވުމުން ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ.

—

ރާމިޔާ އިނީ އޭނާގެ ފޯނުގެ ސްކްރީނަށް ގެއްލިފައެވެ. ފޭސްބުކްގެ ރީލްސްތައް އެކި ފަހަރު މަތިން އޮޅަމުން ދިޔައިރު، އޭނާގެ ސިކުނޑި ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ވަގުތުތައް ފާއިތުވަމުން ގޮސް، ވަރުބަލިކަމާއެކު އޭނާއަށް ބާރުބާރަށް އާފުރުނެވެ. ހަމަ އެ ވަގުތު، އައިސީޔޫގެ ދޮރު ހުޅުވުނު އަޑަށް އޭނާގެ ނަޒަރު އެ ދިމާލަށް ހުއްޓުނެވެ. އެތަނުން ނުކުތް ނަރުސް ކުއްޖާގެ އަތުން ގަލަމެއް ދޫވެގެން ބިމަށް ވެއްޓުނެވެ. އެ ގަލަން ނެގުމަށްޓަކައި އެ ކުއްޖާ ގުދުވެލި ވަގުތު، ޖީބުގައި އޮތް އައިސީޔޫގެ އެކްސެސް ކާޑު މަޑުމަޑުން ބިމަށް ވެއްޓުނު ނަމަވެސް، އެކަމުގެ ހިލަމެއްވެސް އެ ނަރުސް ކުއްޖާއަށް ނުވިއެވެ. ގަލަން ނަގައި ޖީބަށް ޖެހުމަށްފަހު، އެ ކުއްޖާ އަވަސް ފިޔަވަޅުތަކެއްގައި ހިނގާފައި ދިޔައެވެ.

އެ ވަގުތު އެ ހިސާބުގައި ރާމިޔާ ފިޔަވައި އިތުރު މީހަކު ފެންނާކަށް ނެތެވެ. މިއީ އޭނާއަށް ލިބުނު ރަން ފުރުޞަތެއް ކަމަށް ދެކި، ވަށައިގެން ހޯދާލުމަށްފަހު ފަރުވާތެރިކަމާއެކު ގޮސް އެ ކާޑު ނެގިއެވެ. އަދި ހަލުވިކަމާއެކު އޭނާ ލައިގެން ހުރި ހަރުވާޅުގެ ޖީބަށް ކާޑު ކޮށްޕާލައި ފޮރުވިއެވެ. ރާމިޔާގެ ތުންފަތްމައްޗަށް ވެރިވީ ބިރުވެރި އަދި ނުބައި ހިނިތުންވުމެކެވެ. އޭނާގެ ނަޒަރު ސީދާވެފައި ހުރީ އައިސީޔޫގެ ދޮރަށެވެ. “އަހަރެންނަށް މާފުކުރޭ ޖޫ… އަހަރެންނަށް މާފުކުރޭ ފާތުންދައްތާ… އަހަރެންނަށް މާފުކުރޭ ޅިޔަންބޭ…” އޭނާގެ ހިތުގެ ކަނެއްގައި ރިހުމެއް އުފެދުނު ނަމަވެސް، އަމިއްލަ ނަފްސާ ސިއްރުން އެ ޖުމްލަތައް ތަކުރާރުކޮށްލިއެވެ.

ރާމިޔާ މަޑުކުރުމެއް ނެތި ހޮސްޕިޓަލުގެ ފުޅާ ކޮރިޑޯތަކުގެ ތެރޭގައި ހިނގައިގަތެވެ. އޭނާގެ އަމާޒަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފިކަމުގެ އިންޒާރުދޭ އެލާމެއް ހޯދުމެވެ. ކުރަން މިއުޅޭ ކަންތަކުގެ ނުރައްކާތެރިކަމާއި ބޮޑުކަން ހިތަށް އެރުމުން، އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލާން ފެށިއެވެ. ކޮންމެ ފިޔަވަޅަކާއެކު ދެފައިގެ ވަރުދޫވެ، ބިންމައްޗަށް ތިރިވެދާނެހެން ހީވިއެވެ. ނަމަވެސް، ހިތުގައި އުފެދިފައިވާ ބަދަލުހިފުމުގެ ރޫހާއި ވަރުގަދަ އަޒުމް އޭނާގެ ފިޔަވަޅުތަކަށް ބާރުދިނެވެ.

މުޅި ހޮސްޕިޓަލުގެ އެކި ދިމަދިމާ ހޯދަމުން ދިޔައިރުވެސް، އެލާމެއް ފެންނަ ގޮތެއް ނުވިއެވެ. ނުތަނަވަސްކަން އިތުރުވެ، ނިތްކުރިން ދާހިއްލަން ފެށިއެވެ. އެހެނަސް، އޭނާގެ ހިތުގައި ރޯވެފައިވާ އުންމީދުގެ ހުޅުކޮޅު ނިވުނަ ނުދިނުމަށް އޭނާ ގަދައަޅައި މަސައްކަތް ކުރިއެވެ. އޭނާގެ މަގުސަދު ހާސިލުނުވަނީސް ފަސްޖެހުމަކީ އޭނާގެ ގަބޫލުކުރާ ގޮތެއް ނޫނެވެ. “މިކުރަން އުޅޭ ކަމަކީ އިންސާނިއްޔަތާ ހިލާފު ކަމެއް ބާވައެވެ؟ މިއަށްފަހު އަހަރެންނަށް ދުވަހަކުވެސް މާފެއް ލިބޭނެ ބާވައެވެ؟” މިފަދަ އެތައް ސުވާލުތަކަކުން އޭނާގެ ހިތް ކޮޅިގަނޑެއްގެ ތެރޭގައި އޮތް އޮޑިއެއް ފަދައިން ތަޅުވަމުން ދިޔައެވެ.

ކުއްލިއަކަށް، ފާރުގައި ހަރުކޮށްފައި ހުރި ރަތްކުލައިގެ ކުޑަ ފޮށްޓެއް ރާމިޔާގެ ލޮލުގައި އަޅައިގަތެވެ. އެއީ އޭނާ ހޯދަމުންދިޔަ އަލިފާނުގެ އެލާމެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެ، ދެއަތް ތުރުތުރުލާން ފެށިއެވެ. ފަސްޖެހިފައި ހުރެވުނު ނަމަވެސް، ފުން ނޭވާއެއްލުމަށްފަހު އެލާމުގެ ބިއްލޫރިގަނޑު ތަޅާލައި، އެލާމު އަޅުވައިލިއެވެ. ހަމަ އެ ސިކުންތުގައި، ބާރު އަޑުފަށަކާއެކު މުޅި ހޮސްޕިޓަލު ގުގުމާލިއެވެ. މީހުންތައް ބިރުން ސިހި، ރައްކާތެރިކަން ހޯދުމަށްޓަކައި އެކި ދިމަދިމާލަށް ދުއްވައިގަތެވެ. ޑޮކްޓަރުންނާއި ނަރުހުންވެސް ހާސްކަމާއެކު ބަލިމީހުން ސަލާމަތްކުރަން އުޅެގަތެވެ.

މި ހަލަބޮލިކަމުގެ ތެރޭގައި، ރާމިޔާ ފުރުޞަތުގެ ބޭނުން ހިފިއެވެ. އޭނާ ދުވެފައި ގޮސް އައިސީޔޫގެ ދޮރުމައްޗަށް ހުއްޓި، އަތުގައި އޮތް އެކްސެސް ކާޑު ޖައްސާލިއެވެ. ދޮރު ހުޅުވުމާއެކު އެތެރެއަށް ވަދެ، ޒުނާމް އޮތް އެނދާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭނާގެ އަތުގައި އޮތް ތޫނު ކަތުރުން، ޒުނާމްގެ ހަށިގަނޑަށް ދިރުންދެމުންދިޔަ ލޭގެ ޕެކެޓާއި އައިވީ ހޮޅިތައް ރަހުމެއް ނެތި ބުރިބުރިކޮށްލިއެވެ. އޭގެ ފަހުން، އެނދުގެ ވަށައިގެން ހުރި ލައިފް ސަޕޯޓް މެޝިންތަކުގެ ސުވިޗުތައް އެކި ފަހަރު މަތިން ނިއްވާލިއެވެ. މެޝިންތަކުން އިވެމުންދިޔަ އަޑުތައް ހުއްޓި، މުޅި ތަނަށް މަރުފަދަ ހިމޭންކަމެއް ވެރިވިއެވެ.

ރާމިޔާގެ ނޭވާ އަވަސްވެފައިވާއިރު، އޭނާ ކުރި ކަންތަކުގެ ނުރައްކާތެރިކަން އިހުސާސްވިއެވެ. ބިރުން ފަހަތަށް ޖެހެމުން ގޮސް، ދުވެފައި ކަހަލަ ގޮތަކަށް އައިސީޔޫއިން އޭނާ ނުކުތެވެ. އޭނާގެ ފަހަތުން ބާކީ އޮތީ މަރުގެ ތުންފަތްމަތީގައި އޮތް އިންސާނަކާއި، އެ މީހާގެ ފުރާނަ ސަލާމަތްކުރަން ކުރި ހުރިހާ މަސައްކަތެއް ފަނާކޮށްލުމުގެ ހިތި ހަނދާންތަކެވެ. އެއީ ދުރުމީހެއްވެސް ނޫނެވެ. އޭނާގެ ދެބެންގެ ދެދަރި ޖޫލީގެ ފިރިމީހާއެވެ. އޭނާއަށް ނުހަނު ހިތްހެޔޮކަމާ ލޯތްބާއެކު އިހުތިރާމާއި ޤަދަރުދެމުންއައި ޅިޔަނެކެވެ.

ރާމިޔާ އައިސީޔޫއިން ނިކުމެގެން މީހުންގަނޑުގެ ތެރެއަށް އޮޅިގެން ދިޔައިރު، އޭނާގެ މޫނުމަތިން ފެންނަން ހުރީ ބުނެދޭން ނޭނގޭ ފަދަ ބިރުވެރިކަމަކާއި ކާމިޔާބީގެ ކުލަވަރެކެވެ. އޭނާގެ ހިތުގެ އަޑު އިވެމުން ދިޔައީ ބާރު ގުގުމުމެއްގެ ގޮތުގައެވެ. މިއީ ނިމުމެއް ނޫނެވެ، މިއީ ހަމައެކަނި ފެށުމެވެ.

– ނުނިމޭ –

ލިޔުންތެރިޔާގެ ނޯޓު

މި ވާހަކައަށް ހާއްސަކުރެވިފައިވާ ފޭސްބުކް ޕޭޖަށް ފޮލޯކޮށްލުމަށް ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ފޭސްބުކް ޕޭޖް” އަށް ފިތާލުމަށްފަހު ފޮލޯކޮށްލައްވާ!

Facebook Page – Mi Hamahimeynkan

މި ވާހަކައަކީ ޙިޔާލީ ކޮންސްޕްޓްއެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެވެ. މި ވާހަކަގެ މި އެޕިސޯޑް ކަމުދިޔަކަމުގައިވާނަމަ ކޮމެންޓެއްގެ ޒަރީއާއިން ތިބޭފުޅުންގެ ޝުއޫރުފާޅުކުރެއްވުމަކީ އަޅުގަނޑުމެންނަށް މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު. ބިނާކުރުވަނިވި ފާޑުކިޔުމަކީ ކުރިއަށް އޮތްތަނުގައި ވާހަކަ އިތުރަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި ފާހަގަކޮށްލަން.

ކުރިއަށްހުރި އެޕިސޯޑުތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަމުން ވަކިވެލަން. ބާއްޖަވެރިދުވަހަކަށް އެދެން..😊

Share Article

River Writes
Follow Me Written By

River Writes

Level 110 Stories100 Login

Hello dear reader! I’ve always been drawn to stories that don’t feel ordinary. The kind of love that is intense, a little confusing, sometimes even frightening… but impossible to ignore. I don’t really write the kind of love you see every day. My stories live somewhere between reality and something unknown...where emotions are stronger, choices are harder, and nothing is ever simple. There’s always a touch of mystery in what I write. A sense that something deeper is happening beneath the surface. And sometimes, a bit of thrill… the kind that makes your heart race without fully understanding why. Happy reading 😊 - Arooj

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 20

Next

މެހެކް – ފަސްވަނަ ބައި

Next
April 5, 2026

މެހެކް – ފަސްވަނަ ބައި

Previews
April 4, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 20

One Comment

  1. Alara says:
    April 6, 2026 at 1:44 am

    OMGG thhis is gettting Soooooooo interesting
    Raamiy bust nuvanyaa varah sad dhen
    Meehaku kill kollan try kollaaaafa hww can she escape like that🤬🤬
    Also why did Zunaam try killing himself? Did he learn something abt Jooo?? What the backstory of jooo we wanna knw☹️😔❤️❤️
    Avahah next prtt upp kolla dheeba pleaaaase

Comments are closed.



All Right Reserved!