މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އަސަރުގަދަ ވާހަކައެކެވެ. ނަމަވެސް މީގައި ވާ މީހުންގެ ނަން ތަކާއި ރަށް ތަކަކީ އަސްލު ނަންތަކާއި ރަށް ތަކެއް ނޫން ކަން ހަނދުމަ ކުރުވަން .
އުމުރުން އެންމެ 26 އަހަރުގެ އައިޝާގެ ދިރިއުޅުމަކީ އެއްދުވަސްވަރެއްގައި އުއްމީދުން ފުރިގެންވީ ދިރިއުޅުމެކެވެ. ނަމަވެސް، މިއަދު އޭނާގެ ދިރިއުޅުން މިވަނީ މުޅިން އެފުށްމިފުށަށް ޖެހިފައެވެ. އައިޝާގެ ހިތުގެ ކަނެއްގައި އަދިވެސް އަނދަމުންދިޔަ އުއްމީދުގެ ހުޅުކޮޅު ދަނީ މަޑުމަޑުން ނިވެމުންނެވެ.
އައިޝާގެ ދިރިއުޅުން ބަދަލުވާން ފެށީ އޭނާގެ ފުރަތަމަ ލޯބިވެރިޔާ އަޔާންގެ ސަބަބުންނެވެ. އަޔާންގެ ފަރާތުން ލިބުނު ބޭވަފާތެރިކަމާއި، ކުރިމަތިވި ހިތްދަތި ކަންތައްތަކުގެ ސަބަބުން، އާއިލާގެ ބޯދާ ވިސްނުމުގެ ކުރިމަތީގައި އިސްއުފުލާލާނެ ހިތްވަރެއް އައިޝާގެ ގަޔަކު ނެތެވެ. އޭނާގެ މައިންބަފައިން ބޭނުންވީ އައިޝާ ދަންނަވެސް މީހަކު ނޫން، އެމީހުން ދެއްކި މީހަކާ ކައިވެނި ކުރުވާށެވެ. އާއިލާގެ “އިއްޒަތާއި ގަދަރު” ހިފެހެއްޓުމަށްޓަކައި އައިޝާއަށް މަޖުބޫރުވީ އެ ކައިވެންޏަށް އާނބަސް ބުނާށެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އައިޝާގެ ދިރިއުޅުމުގެ އަނދިރިކަމުގެ ތެރެއަށް އަލިކަމެއް ގެނެސްދޭނެ ފަދަ މީހަކާ އޭނާއާ ބައްދަލުވިއެވެ. އޭނާ ދެކެ އިންތިހާއަށް ލޯބިވާ، އޭނާގެ އިހުސާސްތައް ދަންނަ މީހެކެވެ. ނަމަވެސް، އައިޝާގެ ނަސީބު އޭނާއަށް ފުރުސަތެއް ނުދިނެވެ. އޭނާގެ ދިރިއުޅުމުގެ ހުންގާނު އޮތީ އޭނާގެ އަތަކު ނޫނެވެ.
އައިޝާގެ އެއްބަނޑު އެއްބަފާ ބޭބެ، ދޮންބެގެ ހަރުކަށިކަމަކީ އައިޝާގެ ހިތަށް ލިބުނު އެންމެ ބޮޑު އަނިޔާއެވެ. އެއްދުވަހަކު، ބަލި އެނދުގައި އޮތް ބައްޕަގެ ހާލަތާ ގުޅުވައި ދޮންބެ ބުނެލި ބަސްތަކުން އައިޝާގެ މުޅި ދުނިޔެ ސުންނާފަތިވިއެވެ.
“އައިޝާ ބޯހަރުކަމުން ބައްޕަ އަދިވެސް ރަނގަޅު ނުވެ އެ އޮތީ!” ދޮންބެގެ ވިހަގަދަ ބަސްތައް އައިޝާގެ ކަންފަތުގައި ގުގުމައިގެން ދިޔައެވެ. “ކަލޭގެ ސަބަބުން އާއިލާގެ ނަން ކުނިވަނީ. ބައްޕަގެ މި ހާލަތުގެ ޒިންމާ ނަގަންޖެހޭނީ ހަމަ ކަލޭ!”
މި ހަރުކަށި ބަސްތަކުން އައިޝާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އޭނާގެ އަމިއްލަ އުފަލަށްވުރެ ބައްޕަގެ ސިއްހަތާއި އާއިލާގެ ހަމަޖެހުން އިސްކުރަން އޭނާއަށް މަޖުބޫރުވިއެވެ. އެންމެ ފަހުން، އޭނާގެ ހުރިހާ ހަތިޔާރެއް ބަހައްޓައި، އަމިއްލަ ނަފްސު ގުރުބާން ކުރިއެވެ. އައިޝާގެ ލޮލުން ފޭބި ކޮންމެ ކަރުނަ ތިއްކަކީ އޭނާގެ ހިތުގެ ކަނެއްގައި ރޯވެފައި އޮތް އުއްމީދުގެ ހުޅުކޮޅު ނިވެމުންދާކަމުގެ ހެތްކެކެވެ. މިއަދު އައިޝާއަކީ ދިރިހުރި މަސްގަނޑެކެވެ. އޭނާގެ ރޫހާއި އުފާވެރިކަން ވަނީ އާއިލާގެ ބޯދާ އުސޫލުތަކުގެ ތެރޭގައި ވަޅުލެވިފައެވެ.
ނޯޓް : މި ވާހަކައިގައި އެއްވެސް ބަޔަކަށް ނުވަތަ މީހަކަށް ނިސްބަތް ވާނަމަ އެކަމަށް މާފް އަށް އެދެން . މި ވާހަކަ އަކީ މި ކުޑަ މުޖުތަމައުގައި ހިގަމުން އަދި ހިގާފައިވާ ކަންތައްތަކުގެ މައްޗަށް ލިޔެ ތައްޔާރު ކުރެވިފައި ހަޤީޤީ ހާދިސާ އަށް ބިނާ ކޮށް ލިޔެފައިވާ ވާހަކައެއް
2 ވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ
One Comment
Comments are closed.


Furatha part haadha kurukohlaafaye dho Kuda thankolheh dhigukon genes dhinun edhem hehe shukuran