ދެ ޖިންސުގެ ޒުވާނުންނަށް ބުނެދެމެވެ!
ލޮބުވެތި އަޅުގަނޑެކޭ ވެސް އެއްފަދަ ޒުވާނުނެވެ. މިއަދުގެ މި މަޖިލީހުގައި ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. ކުރު ކޮން ފޮނިކޮން ވާހާކަތައް ކުރިއަށް ގެންދެވޭތޯ ބަލާނަމެވެ.
އާދެ! ދިވެހި ޒުވާނުންގެ ޤާބިލުކަން ޤާބިލިއްޔަތުކަން އެބަހުއްޓެވެ. ހިތްވަރު ވެސް އެބަހުއްޓެވެ. މައްސަލައަކީ ވަގުތީ އުފަލަކަށް ޓަކައި ވަކި ބަޔަކު ޒުވާނުންނަށް ދަތިކުރާތީއެވެ. ކުރިމަގަށް ހުރަސްއަޅާތީއެވެ. އަޅުވައި ވައްޓާލާތީއެވެ. ސިޔާސީ ކަންކަމުގައި އުޅެއޭ ކިޔާފަވެސް ޒުވާނުން ބޭކާރުކޮށްލާތީއެވެ. އަގެއް ނެތްކަންް ދައްކާތީއެވެ.
ޒުވާނާއެވެ! އެންމެންނަކަށް ތިބާގެ ދިރިއުޅުމުގެ ދަތިތައް ފަހުމެއް ނުވާނެއެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. އެ ކަން ވަނީ ތިބާއާއި ތިބާގެ ވެރި ރައްބާ ދެމެދުއެވެ.
ތިބާއާ ވާދަކުރަން ތިބި މީހުންގެ ފައިގައި ދަތިއަޅުވައި ވައްޓައިލުމަށްފަހު ތިބާއަށް ކުރިއެރިދާނެއެވެ. ނަމަވެސް، އެހެން އެކަން ކޮށްފިނަމަ ކުރެވިއްޖެނަމަ ވިސްނާށެވެ. ތިބާގެ ވެއްޓުން ވެސް ވާނީ މާ ދުރަކު ނޫނެވެ.
ދެ ޖިންސުގެ ޒުވާނުންނެވެ. އަބަދުވެސް އެކަކު އަނެކަކަށް (އަނެކުންނަށް) ހެޔޮކޮށް ހިތާށެވެ. އެއީ ތިބާ ވާދަކުރަމުންދާ ވާދަވެރިޔަކަށް ވިޔަސްމެއެވެ.
ޒުވާނުންނަކީ މި މުޖުތަމަޢުގެ ހިތެވެ. ދިވެހި ޤައުމުގެ ފަޚުރެވެ. މި ޤައުމު ބިނާކުރުމަށް، ކުރިއަށް ގެންދިއުމަށް އެންމެ ބޮޑު ދައުރެއް އަދާކުރާނެ ބަޔަކަށް ވާން ތިބީ ތިޔަ ކުދިންނެވެ.
. ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް ކުޑަ ކުޑަ ކަންކަމުން ބޮޑެތި ކަންކަމާ ހަމައަށް ތިޔަ ކުދިންގެ ކޮނޑުތަކުގައި އެޅިފައިވާނެ ޒިންމާތައް ވަރަށް ބޮޑުވާނެއެވެ.
ތިޔަ ޒުވާނުންނާއި ހިއްސާކޮށްލަން މި ބޭނުންވަނީ، ދިރިއުޅުން މަގު ފަހިކުރުމަށްޓަކައި، އިސްލާމީ ރިވެތި އަޚްލާޤާއި ރަނގަޅު އަދަބުތައް ދެނެގަތުމުގެ މުހިންމުކަމާ ބެހޭ ގޮތުންނެވެ. އިސްލާމް ދީނަކީ ހަމައެކަނި ނަމާދުކުރުމާއި ރޯދަ ހިފުން އެކަނި އެއް ނޫނެވެ. އެއީ މުޅި ދިރިއުޅުން ރަނގަޅު މަގުން ބައްޓަންކޮށްދޭ ދީންނެވެ. މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ ސުންނަތުންނާއި ކީރިތި ޤުރުއާނުން އަހަރުމެންނަށް ލިބޭ ހިދާޔަތަކީ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދައިދޭނެ އަލިމަގެވެ.
އެހެންވީމާ، ތިޔަ ލޮބުވެތި ޒުވާނުން ދިރިއުޅުން ރަނގަޅު ކުރުމަށްޓަކައި، ފުރަތަމަ ކަމަކަށް ނަމާދުކުރާށެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ތިޔަ ކުދިންގެ ދުވަހުގެ ފަސް ވަގުތު، ﷲ އަށް އަޅުކަންކުރުމަށް ވަގުތު ދޭން ނުހަނު މުހިންމެވެ. ނަމާދުން ތިމާގެ ހިތަށް ހަމަޖެހުމާއި، ހިތްވަރު ލިބޭނެއެވެ. އެއީ ޔަޤީންކަމެކެވެ. ދުނިޔޭގެ އެކި ކަންކަމުން ކުރިމަތިވާ ހާސްކަމާއި ފިކުރުތަކުން އެކުލެވޭ ހަމަޖެހުން ލިބޭނެއެވެ. ވީމާ، ނަމާދަށް ސަމާލުކަން ދޭން ދުވަހަކުވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. ތިކުދިންގެ ކުރިއެރުމަކީ ނަމާދެވެ. ދަންނަންވީ ހަޤީޤަތަކީ ނަމާދުނުކޮށް ވާނެ މޮޅެއް ނޯއްނާނެކަމެވެ.
ދެވަނައަށް ކީރިތި ޤުރުއާންއެވެ. ޤުރުއާނަކީ އަހަރުމެންނަށް ﷲ ބާވައިލެއްވި ފޮތެވެ. އެއީ ހިދާޔަތުގެ އަލިކަންދޭ ނޫރެވެ. ޤުރުއާން ކިޔަވައި، އެ ފޮތުގެ މާނަ ދެނެގަތުމަކީ ކޮންމެ މުސްލިމަކަށްވެސް ލާޒިމް ކަމެކެވެ. ޤުރުއާނުގައިވާ އާޔަތްތަކުން ލިބޭ އިބުރަތްތަކާއި، ނަސޭހަތްތަކަކީ ތިޔަ ކުދިންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކަށް އަލިކަން ގެނެސްދޭނެ ކަމެކެވެ. ވީމާ، ޤުރުއާނާ ގާތް ގުޅުމެއް ބަހައްޓަން މަސައްކަތް ކުރާންވާނެއެވެ. ކޮންމެ ދުވަހަކުވެސް ކުޑަ ވަގުތެއް ނަމަވެސް ޤުރުއާން ކިޔެވުމަށްޓަކައި ހުސްކޮށްލާ މަސައްކަތް ޖެހޭނެއެވެ.
ތިޔަ ޒުވާނުންނަށް އިބުރަތް ލިބޭ ފަދަ ވާހަކައެއް ކިޔައިދޭނަމެވެ. ކަނުލައި އަޑުއަހާނެކަމަށް ހީކުރަމެވެ. އެއް ރަށެއްގައި ވަރަށް ބުރަ މަސައްކަތްކޮށްގެން ދިރިއުޅުން ވޭތުކުރާ ޒުވާނެއް އުޅެއެވެ. އޭނާގެ އާއިލާއަކީ އެހާ މުއްސަނދި ބަޔެއް ނޫނެވެ. ނަމަވެސް އޭނާގެ ހިތުގައި ވަރަށް ބޮޑު އުންމީދެއް އޮވެއެވެ. އެއީ އޭނާގެ އާއިލާއަށް ދިރިއުޅުން ރަނގަޅުކޮށްދީ، މުޖުތަމަޢަށް ހެޔޮ ދައުރެއް އަދާކުރުމެވެ. އޭނާ ކޮންމެ ދުވަހަކުވެސް ވަރަށް ހެނދުނާ ތެދުވެ މަސައްކަތަށް ދެއެވެ. މަސައްކަތުގެ ބުރަކަމުން ވަރަށް ވަރުބަލިވެއެވެ. އެކަމަކު އޭނާ ދުވަހަކުވެސް ނަމާދު ދޫނުކުރެއެވެ. ކޮންމެ ނަމާދު ވަގުތަކުވެސް މަސައްކަތް ހުއްޓާލައި ނަމާދުކުރެއެވެ. އަދި ނަމާދަށްފަހު ﷲ އަށް ދުޢާކުރެއެވެ. އޭނާގެ ހިތްވަރާ، ހެޔޮގޮތުގައި ދެމިހުރުމުގެ ސަބަބުން، މަސައްކަތުގައި ކުރިއެރުން ލިބި، އޭނާގެ އާއިލާގެ ދިރިއުޅުން ރަނގަޅުވެއެވެ. އަދި މުޖުތަމަޢަށްވެސް ވަރަށް ބޮޑެތި ހިދުމަތްތަކެއް ކުރެއެވެ. މި ވާހަކައިން އަހަރެމެންނަށް ދަސްވާ އެއްޗަކީ، ތެދުވެރިކަމާއި، ހިތްވަރާއި، ދީނީ ކަންކަމަށް ފަރުވާތެރިވުމުން ކޮންމެ ކަމެއްވެސް ފަހިވާނެކަމެވެ. އެހެންނޫން ތޯއެވެ.
ތިޔަ ޒުވާނުންގެ ބައްޕަ މަންމަ، ގާތް މީހުންނާއި ދުރު މީހުންނަށް އިހުތިރާމްކުރަން ދަސްކުރައްޗެވެ. އިސްލާމީ އަދަބުތަކުގެ ތެރޭގައިވާ އެންމެ މުހިންމު އެއް ކަމަކީ، އެންމެންގެ މެދުގައި އިހުތިރާމް ކުރުމެވެ. ބޮޑެތި މީހުންނަށް ބޯލަނބައި، އެކުވެރިންނާ ރަނގަޅަށް މުޢާމަލާތް ކުރުމެވެ. ގަމައެޔާއެކު ތިމާގެ އަވައްޓެރިންނަށް ހެޔޮކޮށް ހިތަންވާނެއެވެ. މިއީ އިސްލާމް ދީން އަންގަވާ ކަންކަމެވެ. މިފަދަ ރިވެތި އާދަތައް ދިރިއުޅުމުގެ ބަޔަކަށް ހަދަމާހެވެ.
މުޖުތަމަޢަށް ރަނގަޅު މެސެޖެއް ދިނުމަކީ ތިޔަ ކުދިންގެ ބޮޑު ޒިންމާއެއެކެވެ. މަސްތުވާތަކެއްޗާއި، ޖިނާއީ ކުށްތަކާއި، އަޚްލާޤީ ފޭލިކަންތަކުން ދުރުހެލިވާށެވެ. އެއީ ތިޔަ ކުދިންގެ ދިރިއުޅުމަށް ހީނަރުކަން ގެނެސްދޭނެ ކަންކަމެވެ. ދެމެދުގައި އެއްބައިވަންތަކަން އުފައްދާށެވެ. ޤައުމީ ރޫޙު އާލާކޮށް، ޤައުމަށްޓަކައި ހިދުމަތްތެރި ދަރިއަކަށް ވާށެވެ. ބޭނުންތެރި ޤާބިލު ޒުވާނަކަށް ވާށެވެ. ތިޔަ ކުދިންގެ ތެރޭގައި ތަޢުލީމީ ގޮތުން ކުރިއަރައިގެން ދާނެ ކުދިން ގިނަވާން ޖެހެއެވެ. އަތްތެރި މަސައްކަތް ދަސްކޮށް، މުޖުތަމަޢަށް ފައިދާކުރުވަނިވި ކަންކަން ކުރަން ޖެހެއެވެ. ދިވެހިރާއްޖޭގެ ދެ ޖިންސުގެ ޒުވާނުންނަކީ ގަދަފަދަ ބާރެކެވެ. މި ބާރު ރަނގަޅު މަގުގައި ބޭނުންކުރަންޖެހެއެވެ.
އަޅުގަނޑުގެ ދުޢާއަކީ ޒުވާނުންނަކީ ﷲ އަށް ބިރުވެތިވާ، ދީނަށް ލޯބިކުރާ، ޤައުމަށް އިޚްލާސްތެރި، އާއިލާއަށް ހެޔޮ ދަރިންތަކަކަށް ވުމެވެ. ﷲ ތިޔަ ހުރިހާ ޒުވާނުންގެ ކަންކަން ފަހިކޮށްދެއްވާށިއެވެ..
އާމީން.
ނިމުނީ
ކިޔުންތެރިންގެ ސަމާލުކަމަށް
މިއީ އަޅުގަނޑުގެ “ރޯދަ ހާއްސަ” ވާހަކަ އެވާރެއާއި ބާބު 4 އަކުން ނަގާފައިވާ ރިޕޯޓެކެވެ.





