މައެއްގެ ދުލުން…
އަހަންނަކީ މީހެއްގެ ދަރިއަކީމެވެ. އަންހެން ކޮއްކޮއެއްގެ ދައްތައަކީމެވެ. މީހެއްގެ އަތްނބަކީމެވެ. ލޯބި ލޯބި އަންހެން ކުއްޖެއްގެ މަންމައަކީމެވެ. އަހަންނަކީ ވަޒީފާއަދާކުރާ މީހެކެވެ. މުދައްރިސާއެކެވެ. ކުދިންނަށް ކިޔަވައިދިނުމަކީ އަހަރެން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ.
ޒަވާޖީ ޙަޔާތެއް ފެށުމާއިއެކީގައި އެންމެ އުންމީދު ކުރެވޭނެ ކަމަކީ މަންމާއޭ ކިޔާފައި ލޯބިން ގޮވާލާނެ ފުރާނައެކެވެ. އެކުގައި ހީ މަޖާކޮށް ހަދާނެ ކުޑަކުޑަ ކޮކާލެކެވެ. އެގޮތުން އަހަރެންގެ ހިތް ވެސް އެދިގޮވީ އެފަދަ ކަމަކަށްށެވެ. އިރާދަކުރެއްވީތީ އެ އުންމީދު ހާސިލުވުމުގެ ހުޅުކޮޅު ދިއްލުނެވެ. ނަމަވެސް ގިރާ ކުރަންޖެހުނީ ދިގު ހަރުފަތްތަކެކެވެ. އަހަރެން ކިޔައިދޭން މިއުޅެނީ އަހަރެންގެ އިހުސާސުތަކެވެ. މަންމައަކަށްވުމަށް ކުރެވުނު އުންމީދުގައި ލިބުނު ތަޖުރިބާތަކެވެ. މިވާހަކަތައް ލިޔުމެއްގެ ޒަރިއްޔާއިން ބޭރުކުރަން ބޭނުންވީ އަބަދު ވެސް އެ ހަނދާންތައް އަހަންނާ އެކުގައިވުމަށް ހިތް އެދޭތީއެވެ. އެ ކުރި ތަޖުރިބާ އަދި ވެސް އެއްފަހަރު އިހުސާސުކުރަން ބޭނުންވީތީއެވެ. މިއީ “މައެއްގެ ދުލުން” ބޭރުކުރާ ބަސްދީތަކެވެ.
އެއީ މީގެ ތޭރަވަރަކަށް މަސްކުރިއެވެ. އަހަރެންގެ ފުރާނަ އަހަންނަށް ލިބުމުގެ މާކުރިއެވެ. ބަނޑުގައި ލޭކޮޅެއްފަދައިން އުފެދުނު ފުރާނައިގެ އުފާވެރި ޚަބަރު އަހަންނަށް ލިބުނު ދުވަސްކޮޅެވެ. އެ ދުވަސްކޮޅު މާބަނޑު އަންހެނަކަށް ކުރިމަތިވާ ހުރިހާ ކަމެއް އަހަންނަށް ކުރިމަތިނުވިޔަސް އެ ދުވަސްކޮޅު އަހަރެންގެ ބަލިފަޔަކަށްވީ ބޮލަށް އެނބުރުން އެރުމެވެ. މީގެ ސަބަބުން އެތައް ކަމެއް ބަދަލުވިއެވެ. ދުވަސްދުވަހުން ބޮލަށް އެނބުރުން އެރުމުގެ ސަބަބުން ވަޒީފާއަށް ސަލާމް ބުނަންޖެހޭ ދުވަސްތައް ގިނަވިއެވެ. އަހަރެން ކުރިން ވެސް ބުނިފަދައިން އަހަންނަކީ ޓީޗަރަކަށްވުމުން އަހަރެންގެ ސިކުނޑީގައި ދައުރުވަމުންދާ ޚިޔާލުތައް ވަރަށް ގިނައެވެ. ގެއްލޭ ކޮންމެ ގަޑިއަކީ ފަހުން ނަގަންޖެހޭ ގަޑިތަކެވެ. މިކަމާ ހެދި އަހަރެން “ސްޓްރެސްވާ” ދުވަސްތައް ވެސް ގިނަވިއެވެ. މިއީ ބަނޑުގައިވާ ދަރިފުޅަށް ލިބޭނެ ގެއްލުމެއްކަން ވެސް އެނގެއެވެ.
އަހަރެންގެ ކަންބޮޑުވުންތައް އަހަރެން ހިއްސާކުރަނީ އަހަރެންގެ ފިރިމީހާ ކައިރިއެވެ. އެއީ ވަރަށް ރަނގަޅު ފިރިއެކެވެ. މީހަކަށް ލިބޭނެ ޖަވާހިރެކެވެ. އަހަރެންގެ ފިރިމީހާ އަހަރެންދެކެ ވަރަށް ލޯބިވެއެވެ. އަހަރެންގެ ހުރިހާ ވާހަކައެއް އަޑުއަހާނެއެވެ. ހިތްވަރުދޭނެއެވެ. ދެރަވާ ވަގުތުތަކުގައި ކައިރީގައި ނެތަސް އެކަމުގެ އިހުސާސުވިޔަ ނުދޭނެއެވެ. އަހަރެންގެ ފިރިމީހާއަކީ މަދީނާ ޔުނިވަސިޓީގައި ތަޢުލީމު ހާސިލުކުރަމުންދާ މީހެކެވެ. މީގެ ސަބަބުން ދެ މީހުން އެކުގައި ހޭދަކުރެވޭ ދުވަސްތައް ވަރަށް ވެސް މަދެވެ. އަހަރެން ބަނޑުބޮޑުވީކަމުގެ އުފާވެރި ޚަބަރު ލިބުނީ ވެސް އެފަދަ ދުވަހެއްގައެވެ. އެހެނަސް ދުރުގައި ހުރެގެން ވެސް އަހަންނާ އެކުގައިވާކަން އެތައް ގޮތަކުން ހާމަކޮށްދިނެވެ.
ކޮންމެއަކަސް ފުރަތަމަ ތިން މަސް އަހަރެން އުޅުނީ ވަރަށް ބަލިކޮށްނެވެ. އެހެނަސް ހިތްވަރު އެލުވާނުލާ ވަޒީފާއަށް ދަމެވެ. އަހަންނަށް ވަނީ ވަޒީފާއިން ގިނަ ލުއިތަކެއް ދީފައެވެ. އެވެސް އަހަންނަށް ލިބުނު ނަސީބެއްކަން އަހަރެން ގަބޫލުކުރަމެވެ. މިގޮތުގައި ދުވަސްތައް ގޮސް ފުރަތަމަ ޓާމުގެ ކިޔެވުން ވެސް ނިމިއްޖެއެވެ. ދެން އައީ ފުރަތަމަ ޓާމުގެ ބަންދު ދުވަސްތަކެވެ. އެއިރު އަހަރެންގެ ފިރިމީހާ ވެސް ޗުއްޓީގައި ހުރީ މިކޮޅުގައެވެ.
ބަނޑަށް ފަސް މަސް ފުރެން ވަރަށް ގާތްވެއްޖެއެވެ. އެއިރު އަހަރެންގެ ޙާލަތު ވަނީ ވެސް ވަރަށް ބޮޑު ތަނުން ރަނގަޅުވެފައެވެ. އެހެނަސް ކުއްލިއަކަށް އަހަރެންގެ ޙަޔާތައް ވަރުގަދަ އަޑިގަޑެއް އައީއެވެ. ބަހާރުގެ އުޖާލާ ދުވަސްތަކަށްފަހު ހަރީފުގެ ދުވަސްތަކަށް އެދޭނީ ފަހެ ކާކު ހެއްޔެވެ؟ އެހެނަސް އެކަން އަހަރެން ތަޖުރިބާ ކުރަން ޖެހުނެވެ.
އެއްރެއަކު އަހަރެން ކައިގެން ގޮސް އެނދުގައި އޮތްތާލީ އަރާމުކޮށްލާށެވެ. އެވަގުތަކީ އަހަރެންގެ ފިރިމީހާ ބޭރަށް ގޮސް އައި ވަގުތެވެ. އަހަންނަށް މީރު ބޮބާ ޓީ ގަނެގެން އައިހެވެ. އެއިރު އަހަރެންގެ މަންމަ އާއި ބައްޕަ ވީ ބޭރުގައެވެ. އެވަގުތު ގޭގައި ތިބީ އަހަރެންގެ ކޮއްކޮ އާއި ބައްޕަ ފަރާތު މާމަގެ އިތުރުން ބޮޑުދައިތައެވެ.
ކުއްލިއަކަށް އަހަންނަށް އޮށޯވެ އޮތް ދިމާލުގެ ތިރިން އިހުސާސުވީ ތެތްކަމެކެވެ. ސިކުނޑީގައި ސުވާލު މާކެއް ޖެހުނީ ބަނޑަށް އެއްވެސް ތަދެއް އިހުސާސުނުވެ ތެތްކަމެއް އިހުސާސުވީ ގޮތަކާއިމެދުއެވެ. އެވަގުތު ހިތް ތެޅިގަތެވެ. ވަސްވާސްތަކުން އަހަރެންގެ ސިކުނޑިވަށާލިއެވެ. އަހަރެން ކޮޅަށް ތެދުވީ ފިރިމީހާއަށް ގޮވާލުމަށްށެވެ. އެހެނަސް….އެހެނަސް ތެދުވިކަމެއް ނޭނގި ފައިބައިގަތީ ލެއެވެ. ހުސް ލެއެވެ. އަހަރެން ލައިގެން ހުރި ހަރުވާޅު އެކަށް ތެމިފައިވަނީ ލެއިންނެވެ. އެވަގުތު މުޅި މާހައުލު ވެސް އެނބުރިގަތްފަދައެވެ. ހިތް ތެޅިގަތީ އެޔެއްމިއެއް ބަލާފައެއްނޫނެވެ. އަހަރެން އަޑުގެނެތް ތަނަށް ހަޅޭލަވާގަތީމެވެ. އެވަގުތަކީ ފިރިމީހާ ކޮޓަރިއަށް އައިސް ވަތް ވަގުތެވެ. އަހަރެން ހުރި ގޮތުން ފިރިމީހާއަށް ވެސް ލިބުނީ ޝޮކެކެވެ. ކޮޓަރި ތެރޭގައި ދެމިފައިވާ ލޭ ކޯރު ފެނުމުން ފިރިމީހާގެ ބޮލަށް ވެސް އެނބުރުން އަރައިގެންދާނެކަން ޔަގީނެވެ. ފިރިމީހާ ދުވެފައި އައިސް އަހަރެންގެ ގައިގައި ހިފިކަން އެނގެއެވެ. އަހަރެންގެ ނަމުން ގޮވާލިކަން ވެސް އެނގެއެވެ. ކޮއްކޮ އާއި ބޮޑުދައިތަގެ އަޑު ވެސް އިވުނެވެ. އަހަރެން އެނބުރުން އަރައިގަނެގެން ވެއްޓުނީ ފިރިމީހާގެ އަށްދަނޑިމައްޗަށްށެވެ.
އަހަންނަށް ހޭލެވުނު އިރު އޮވެވުނީ ހޮސްޕިޓަލުގެ އެމަޖެންސީގައެވެ. އަހަންނަށް ޚިދުމަތް ދިނުމުގައި ނަރުހުންނާއި އެރޭ އޮން ކޯލުގައި ހުރި ޑަކުޓަރު ވެސް ހުއްޓެވެ. އެ ރޭ ޑަކުޓަރު އަހަންނަށް ދިނީ މި ދުނިޔެމަތިން އަހަންނަށް ލިބޭނެ ކަމަށް އުންމީދު ވެސް ނުކުރާހާ ބިރުވެރި ޚަބަރެކެވެ. އެއީ އަހަރެން އެންމެ ހަތަރު މަހުގައި ލޭބާއަށް ދިޔަ ޚަބަރެވެ. ދުނިޔެ އެފުށްމިފުށަށް ޖެހުނު ކަހަލައެވެ. ދަރިފުޅު ސަލާމަތް ނުކުރެވޭނެކަމަށް ބުނި ބުނުން އަދި ވެސް އަހަރެންގެ ހަނދާނުގައި ބިންވަޅު ނެގިފައިވެއެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ الله ސުބުޙާނަހޫ ވަޡަޢާލާ އަކީ ބައްލަވާ ވޮޑިގެންވާ އަދި އައްސަވާ ވޮޑިގެންވާ އިލާހެވެ. އެކަލާނގެ އެއްވެސް އަޅަކަށް ނުއުފުލޭނެވަރުގެ ކަމެއް ނުޖައްސަވާނެތެވެ. އަހަރެންގެ ހިތުގެ ގޮވުމުގެ އަޑު އެކަލާނގެއަށް ވަންހަނާ ވެވޮޑިގެން ނުވެއެވެ.
އެރޭ އަހަރެން ވަގުތުން ލޭބާއަށް ވެއްދުނެވެ. ނަމަވެސް ބޭއްވީ ސައުވީސް ގަޑިއިރުގެ އޮބްޒަވޭޝަނެއްގައެވެ. އެނގޭ ހެއްޔެވެ؟ އަހަރެން އިނީ އެންމެ ހަތަރު މަހުގައި ވިހެއުމަށް ތައްޔާރުވެފައެވެ. ރަހިމުގެ ދޮރު އިނީ ހުޅުވިފައެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހަށިގަނޑުން ބައިވަރު ލޭ ފޭބިއެވެ.
އަހަންނަށް ހިތްވަރުދޭން ދެ ގޮތެއްނުވެ އަހަރެންގެ އާއިލާ އާއި ފިރިމީހާ އަދި ފިރިމީހާގެ އާއިލާ ވެސް ތިއްބެވެ. އަހަރެންގެ ހާލު އެހާ ދަށް އިރު ފިރިމީހާގެ ހާލަކީ ކޮބައިތޯއެވެ. އެއީ ހިތްވަރުގަދަ ފަހުލަވާނެކެވެ. އަހަރެންގެ ބަލިކަށިވެފައިވާ ހިތަށް ކުޑަމީސް ހިތްވަރެއް ލިބުނީ ފިރިމީހާގެ ނަސޭހަތުންނެވެ. އަބަދު ވެސް ބުނަމުން އައީ އެކަލާނގެއަށް ވަކީލުކުރުމަށްށެވެ. ހިތުން ނަމަވެސް ދުޢާ ކުރުމަށްށެވެ. މިއީ އަހަރުމެންނަށް ކުރިމަތިވެފައިވާ އިމްތިހާނެއްކަމަށްށެވެ.
އެރޭ ދަރިފުޅުގެ ވިންދުބަލާ ދަރިފުޅު އޮތީ ކިހާ ހިސާބެއްގަތޯ ބަލަން އިރުއިރުކޮޅުން ޑަކުޓަރު އާދެއެވެ. އަހަރެން އެނދުމަތީގައި ބާއްވާފައި ވެސް އޮތީ ބޯކޮޅު ތިރިއަށް ފައިކޮޅު މައްޗަށްވާ ގޮތަށްށެވެ. އެގޮތުގައި ބެއްލެވުމަށްފަހު ޑަކުޓަރު އިރުޝާދު ދެއްވީ ކުޑަ އޮޕަރޭޝަނެއްކުރުމަށްށެވެ. އެއީ ސާވިކަލް ސާކްލޭޖު ކިޔާ އޮޕަރޭޝަނެކެވެ. އެއީ ރަހިމުގައި ހުޅުވިފައި އިން ދެ ދޮރު ބަންދުކުރުމަށް ސްޓިޗެއް ޖެހުމެވެ. ނަމަވެސް މިއީ ފިފްޓީ ފިފްޓީގެ އޮޕަރޭޝަނެއްކަމަށް ޑަކުޓަރު ވިދާޅުވިއެވެ. ނަމަވެސް އެކަލާނގެއާ ވަކީލުކުރުމަށްފަހު ފިރިމީހާ އާއި އާއިލާ އެއްބަސްވީ ކޮންމެ ގޮތެއް ހަދާފައި ވެސް އެ އޮޕަރޭޝަން ކުރުމަށްށެވެ.
އޭގެ އަނެއް ދުވަހުގެ ހެނދުނު އެ އޮޕަރޭޝަންކުރެވުނެވެ. އަލްޙަމްދުލިއްالله އޮޕަރޭޝަން ވެގެންދިޔައީ އަހަރުމެންގެ އުންމީދުގެ ހުޅުކޮޅު ދިއްލުނު ކަމަކަށްށެވެ. ދަރިފުޅު ސަލާމަތް ކުރެވޭނެކަމުގެ އުންމީދު އާލާވިއެވެ. އެ އޮޕަރޭޝަންވީ ކާމިޔާބު އޮޕަރޭޝަނަކަށްށެވެ. އޭގެފަހުން އަހަރެން ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނެވެ. ޑަކުޓަރު އިރުޝާދުދެއްވީ ވިހަންދެން ބެޑްރެސްޓުގައި އޮތުމަށްށެވެ. އެގޮތުގައި އެއްމަސް ދުވަހު ހޮސްޕިޓަލުގައި އެނދުމަތި ކުރުމަށްފަހުން އަހަރެން ދޫކޮށްލީ ބަނޑަށް ހަ މަސް ފުރުނު ފަހުންނެވެ. އެވެސް ބެޑް ރެސްޓުކުރުމަށް ޑަކުޓަރުން އަމުރުކުރެއްވުމަށްފަހުއެވެ.
އަހަރެން އެނދުމަތިކުރުމަށްފަހު އެ ދިޔަ ދުވަސްތަކުގައި އަނެއްކާ ވެސް އަހަރެން މާޔޫސްވިއެވެ. އެއީ އަހަރެން އެ ހާލުގައި އޮށްވާ ފިރިމީހާ ފުރާ ދުވަސްޖެހުމެވެ. ވަރަށް ނުދާން ގަދަހެދިއެވެ. ނަމަވެސް އަހަރެންގެ ހިތާދެކޮޅަށް ފިރިމީހާ އެއްބަސްކުރުވީ އަހަރުމެންގެ ކުރިމަގަށް ވިސްނާފައެވެ. އެހެނީ މިއީ އޭނާގެ އެންމެ ފަހު އަހަރުކަމުގައިވާތީއެވެ. ފަސްކޮށްފިނަމަ އަނެއްކާ ވެސް ކިޔެވުން ދިގުދެމިގެންދާނެތީއެވެ.
ފިރިމީހާ ނެތް ތަންކޮޅު ފޫބައްދައިދިނީ ފިރިމީހާގެ އާއިލާއިންނެވެ. ޚާއްސަކޮށް އަހަރެންގެ މައިދައިތަ އާއި ދޮންތައެވެ. އަހަރެންގެ އުފަން މަންމައަށް ވުރެން ވެސް ގިނައިން އަހަރެންގެ ކައިރީ ތިބެނީ އެ ދެމައިންނެވެ. އެކަމަކު އަހަރެން ޝަކުވާއެއްނުކުރަމެވެ. ސަބަބަކީ އަހަރެންގެ ކޮއްކޮއަށް ވެސް މަންމަމެން ވަގުތު ދޭންޖެހޭތީއެވެ. އަދި މަންމައަކީ ވެސް މާސްޓާސް ހަދަމުންދާ މީހެކެވެ. އެންމެ ފަހު މަރުހަލާއެވެ. އަހަރެންގެ ސަބަބުން މަންމަގެ ކިޔެވުން މެދުކަނޑާލަން ނޭދުނީއެވެ.
އަހަރެން ހޮސްޕިޓަލުން ދޫކޮށްލުމަށްފަހުން ވެސް ދޭތެރެ ދޭތެރެއިން ލޭ ފައިބައެވެ. އެގޮތުން ދެވަނަ ފަހަރަށް ލޭފޭބުމުން އަނެއްކާ ވެސް އަހަރެން އެނދުމަތިކުރެވުނެވެ. މިފަހަރު ދަރިފުޅަށް ކާނާ ލިބުމަށް މެދުވެރިއަކަށް އޮތް މަސްފޮތި (ޕްލެސެންޓާ) އިނީ ދަރިފުޅުގެ ކުރިއަށް ނިކުމެއެވެ. ލޭފައިބަނީ އެކަމުގެ ސަބަބުންކަމަށް ޑަކުޓަރު ވިދާޅުވިއެވެ. މިފަހަރު ވެސް މަހެއް ހަމަވަންދެން އަހަރެން އޮތީ ހޮސްޕިޓަލުގައެވެ. އޭގެ ފަހުން އަނެއްކާ ވެސް އަހަރެން ގެއަށް ދޫކޮށްލިއެވެ.
މިގޮތުގައި ދުވަސްތައް ދަމުން ގޮސް އެންމެ ފަހުން އަހަރެން ވިހެއީ ބަނޑަށް އަށް މަސްވީ ދުވަހުއެވެ. ބުނެވޭނީ ގުދުރަތީ ވިހެއުމަކުން ވިހެއީއެވެ. ދަރިފުޅު ފެނުނު ހިނދު އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ. އަހަރެމެންގެ މުސްތަގުބަލު ފެނިލިހެން ހީވިއެވެ. އަތަށް ދަރިފުޅު ލިބުނު ހިނދު ފުރަތަމަ ފަހަރަށް މަންމައެއްގެ އިހުސާސުކުރެވުނެވެ. އަހަރެން މަންމައަކަށްވީއެވެ. ނަމަވެސް….ނަމަވެސް އެހިނދުކޮޅު ދެމިގެން ދާނެނަމައޭ އަހަރެން ހިތަށް އެރިއެވެ. ދަރިފުޅުގެ އޮކްސިޖަން ދަށްވާން ފެށުމުން ގެންދެވުނީ އެން.އައި.ސީ.ޔޫއަށްށެވެ. ދަރިފުޅު ބޭއްވުނީ ވެންޓިލޭޓަރުގައެވެ.
މިހުރިހާ ކަމެއް ވެގެންދިޔަ އިރު ވެސް ފިރިމީހާ ހުރީ އަހަންނާ އެތައް މޭލެއް ދުރުގައެވެ. ތަޤުދީރު ނިޔާކުރީ އެފަދައިންނެވެ. އެންމެ ފުރަތަމަ ދަރިފުޅު އުފަންވާ ހިނދު ދަރިފުޅު އުރާލުމުގެ ފުރުސަތު ލިބެނީ ބައްޕައިންނަށްށެވެ. އެކަމަކު އަހަރެންގެ ދަރިފުޅު އުފަންވީއިރު އެދަރިފުޅުގެ ބައްޕަވީ ސައުދިއަރަބިއްޔާގައެވެ.
އަނެއްކާ ވެސް އަހަރެންގެ ހިތް މާޔޫސްވިއެވެ. ދަރިފުޅު އެން.އައި.ސީ.ޔޫގައި ބޭއްވިފަހުން އެ ދަރިފުޅު ކައިރިއަށް ދިޔަ ފުރަތަމަ ދުވަހު އެ ދަރިފުޅު ވެންޓިލޭޓަރުގައި އޮތް މަންޒަރު ފެނުމުންނެވެ. ތުއްތު ތުއްތު ގަޔަށް ގުޅާފައި ހުރި ހޮޅިތައް ފެނުމުންނެވެ. އެފަދަ މަންޒަރެއް ބަލަން ކެތްވާނީ ކޮން މައަކަށް ހެއްޔެވެ؟ ނަމަވެސް އަހަރެން ކެތްތެރިވީމެވެ. ހިތްވަރުގަދަކުރީމެވެ. ހަށިގަނޑުގައި ނެތް ހިތްވަރު ނެރެން މަސައްކަތްކުރީމެވެ. އެހާ ދުވަހު ނުހިނގާ އެނދުމަތީގައި އޮތުމުން ހަޑިގަނޑު ވަރަށް ބަލިކަށިވިއެވެ. ބިހައިގެން ހަފްތާއެއް ނުވަނީސް އަހަރެން ދުވަސްނ ޖެހުނީ ގެއާއި ހޮސްޕިޓަލާއި ދެމެދުއެވެ. ބައެއްފަހަރު މީހަކާ އެކީއެވެ. އަނެއްބައި ފަހަރު އެކަންޏެވެ. ނަމަވެސް ކެތްތެރިވީ ލޯބިދާ ދަރިފުޅުގެ ހައްގުގައެވެ.
ހަތަރު ހަފްތާ ފަހުން އެން.އައި.ސީ.ޔޫ އިން ދަރިފުޅު ނެރުނެވެ. ނަމަވެސް އެއްކޮށް ހަމައަކަށް އެޅެންދެން އިތުރު ދެ ތިން ހަފުތާ އޮބްޒަވޭޝަނުގައި ދަރިފުޅު ބާއްވަން ޖެހޭތީ އެނދުމަތިކުރެވުނެވެ. އޭގެ ފަހުން ދަރިފުޅު ވެސް ދޫކޮށްލިއެވެ.
މިހާރު އިރާދަކުރެއްވީތީ ދަރިފުޅު ވެސް އަދި އަހަރެން ވެސް ރަނގަޅެވެ. އެއްކަލަ ހަތަރު މަހުގައި ސަލާމަތް ނުކުރެވޭނެކަމަށް ބުނި ދަރިފުޅު މިއަދު ދުނިޔޭގައި ދިރި އެބައޮތެވެ. އެކަލާނގެ ހުސްޠާހިރުވަންތަކަމާއިއެވެ. މިހާރު އަހަރެންގެ ލޯބި ލޯބި ފުރާނައަށް ފަސް މަސް ފުރިއްޖެއެވެ. އެއީ ދުވަސްނުފުރާ ވިހޭ ކުއްޖެކޭ ހީ ވެސްނުވެއެވެ.
މިއީ އަހަރެން ކުރި ތަޖުރިބާތަކެވެ. އަހަންނަށް ކުރިމަތިވި އިމްތިޙާންތަކެވެ. މައެއްގެ ދުލުން މި ބަޔާން ކުރެވުނު ކަންކަމަކީ އަހަރެން ކުރި އިހުސާސުތަކެވެ. އަހަރެންގެ ދަރިފުޅަކީ މި ޙަޔާތް އަލިކޮށްދިން ދަށްމަރެކެވެ. ދިމާވާ އިމްތިޙާނުތަކަށް ކެތްތެރިވުމަކީ ވަރަށް މުހިއްމުކަމެކެވެ.
ނިމުނީ………..


