ރާޒިޤް އޭނާގެ ރިސޯޓުގެ އިންހައުސް އޮފީހުގައި އޭނަގެ ކެބިނުގައި އަވަދިނެތި މަސައްކަތްކުރަމުން ދަނިކޮށް ޓަކިވެސް ޖަހައިނުލާ ކެބިންއަށް ހެލީނާ ވަދުނު އިރު ހެލީގެ މޫނުމަތިން ފެންނަމުންދިޔައީ ހުސްއެކަނި ހާސްކަމާއި ނުތަނަވަސްކަމެވެ. އޭގެ ލާނިހާޔަތަށެވެ. ހެލީނާއަކީ ރާޒިޤް އޭނާގެ ހަވާނަފްސުގެ އެދުންތައް ފުއްދުމަށްޓަކައި ބޭނުންކުރަމުން އަންނަ ޒުވާން އުމުރުފުރައިގެ ކުއްޖެކެވެ. ރިސޯޓުގައި ހެލީނާއަކީ ރާޒިޤްގެ ޕާސަނަލް އެސިސްޓެންޓުގެ މަޤާމް ފުރަމުން އަންނަ ކުއްޖެކެވެ.
“ހެލީ…. ޑޯންޓް ޔޫ ނޯ މިއީ އަހަރެން ވަރަށް ބިޒީ ގަޑިއެއްކަމެއް…. މިއަދު ކިހިނެއްތަ ވެގެން ތިއުޅެނީ…. ރެވިތެޔޮ ޖަހައިގެން އުޅޭ މީހެއްހެން އެއްބިތުގަ ޖެހިފަ އަނެއްބިތުގަ ޖެހިފަ……….” ރާޒިޤް ހުރީ އޭނާ ބިޒީ ގަޑިއެއްގައި ހެލީނާ އައިސް ކެބިންއަށް ވަނުމުން އެކަމާ ހިތްހަމަނުޖެހިފައެވެ.
ހެލީނާ އައިސް ރޮއެގަނެފައި ރާޒިޤްގެ ގައިގައި ބައްދައިގަތެވެ. އޮފީސްތެރޭގައި އެހެން މީހުންވެސް ތިބުމުން މާ ނުވާ ކަމަށް ހެދިފައި ރާޒިޤް ހެލީ ކޮއްޕާލިއެވެ.
“ރާޒިޤް!!” ހެލީނާ ދެލޯ އަޅާލާފައި ބަލާލިއެވެ.
“އަހަރެންނަށް އެންމެ ބޭނުން ޖެހުނު ވަގުތު ބޭބީ ކިހިނެއް ތިހަދަނީ… އަހަރެން މިއުޅެނީ ވަރަށް ބޮޑުކަމެއް ދިމާވެގެންނޭ…. އެވާހަކަ ބުނަން މިއައީ………..” ހެލީނާއަށް އޭނާގެ ރުއިން ހުއްޓާލެވޭ ގޮތެއްނުވިއެވެ.
“އަހަރެން ބަނޑުބޮޑު….” ހެލީނާއަށް އޭނާގެ ޖުމްލަ ބޭރުކޮށްލެވުނީ ކިރިޔާއެވެ.
“ދެން އަހަރެން ކިހިނެއް ހަދާނީ….” ހެލީނާ ހުރީ ބޯ ފަޅައިގެންދާވަރު ވެފައެވެ.
“ހެލީ!!!!!!!!!!! ކީކޭތަ ތިކިޔަނީ!!!! ތިކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތަ………. ނުވާނެ ތިހެނެއް ތީ ހުސްދޮގު………… ތި އުޅެނީ އަހަރެން ކޮންމެވެސް ކަމެއްގަ ބައްދާލަން ވެގެން……………..!!!!” ރާޒިޤްގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވިއެއްކަމަކު އަދި އަޑުގެ ނެތްތަނަށް ހަޅޭއްލެވިޔަސް ހެލީނާގެ ބަނޑުގައި އެއޮތީ ރާޒިޤް ނޫން މީހެއްގެ ދަރިއެއްނޫނެވެ.
ހެލީނާ ގާތަށް އައި ރުޅިން އޭނާ ދުވެފައިގޮސް ރާޒިޤުގެ ކެބިންއިން ނިކުތްއިރު އެތަނުގައި މަސައްކަތްކުރަން ތިބި ހުރިހާ މުވައްޒަފުންހެން ތިބީ އެތަނުގައި ފުނިޖެހިފައެވެ. ކުޅިބަލާށެވެ. ރާޒިޤުވެސް ދުވެފައިއައިސް ބޭރަށް ނިކުތީ ހެލީނާ އައިސްހުރި ރުޅިން އޭނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެތީވެ އެކަމާއި ބިރުންނެވެ. މީހާ ބިރުން ރޫރޫއަޅަމުން ދިޔައިރުވެސް އެކަން ފޮރުވަން މަސައްކަތްކުރަމުން ދިޔައީ ތިމާއަކީ މާ ގައްޑާ ކެރޭ މީހެއް ކަމަށް ދައްކަންވެގެންނެވެ.
“އެންމެންނޭ………! ޝުކުރިއްޔާ މިތަނުގަ ފުނިޖެހިފަ ތިބީތީ….. އަހަރެން މި ފާޅުކުރަން އުޅޭ ވާހަކައިން ކަލޭމެން އެންމެން ތަރިބުރައިގެން ދާނެކަން ޔަޤީން……… ސޯ ހޯޕް ޔޫ އޯލް އާ އެކްސައިޓެޑް ޓު ދި މެކްސް!!!!!!!!!!!!” ހެލީނާ އައިސްހުރި ރުޅިން އޭނާ ބޭނުންވީ އެންމެން ކުރިމަތީގައި ރާޒިޤު ފަލީހަތްކޮށްލާ ބޭޒާރުކޮށްލާށެވެ. އެންމެންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ހުރުމުން ރާޒިޤަށް އެއްވެސް ކަމެއް ނުކޮށް ހުންނަން މަޖުބޫރުވުމުން އަނގަ މަޑުން ލައިގެން ހުރީއެވެ.
“އެންމެން ކަނުލާ އަޑުއަހާތި………. އެކަކުވެސް އަޑު ނީވޭ ކަމަށް ހަދައިގެން ނުހުންނާތި……………… އަހަރެން މިހުރީ މިހިރަ ފެންނަ މުސްކުޅި ފިރިހެނާގެ ދަރިއަކަށް ބަލިވެ…………… އާން…… ރާޒިޤް އަހަރެން ބޭނުންކޮށްލީ ޕަޕެޓެއްގެ އުސޫލުން…. ބޭނުންވީމަ ބޭނުންކޮށްލާފަ ބޭނުން ކެނޑުނީމަ އެއްލާލާފަ………….. ކަލޭ ހީކުރީ އަހަރެން މީ ކަލޭގެ އަޅެއް ކަމަށްތަ…. ކަލޭ ހީކުރީ އަހަރެން ކަލޭދެކެ ބިރުން ސިހޭނެއޭތަ……….. އަހަރެން ކަލެއަށް އެންމެ ބޭނުން ޖެހުނު ހިނދު އަހަރެން ބާކީކޮށްލީމަ ވީގޮތް ފެނިއްޖެއެއްނު………… ކޮބާ ކަމެއްހެން ހީވޭ… ތާހިރުވެއްޖެއެންނު…………..” ހެލީނާ ރާޒިޤާއި ދިމާލަށް ލޯއަޅާލަމުން ބުންޏެވެ. ރާޒިޤު ހުރީ ގަތް ލަދުން ދެފައިވެސް ކައިރިކޮށްލަން ނުކެރިފައެވެ. އެތަނުގައި ތިބި އެންމެންނަށް އެވަގުތު ލިބުނީ ބޮޑު ޝޮކެކެވެ. އެމީހުން ރޯލް މޮޑެލްއެއްގެ ގޮތުގައި ބަލަމުން އައި މީހެއްގެ އެކަހަލަ ހަޑި ވާހަކަތަކެއް ފަޅާއެރުމުން އެމީހުންވެސް ތިބީ އަޖައިބުވެ އަންތަރީސްވެ ބަސްހުއްޓިފައެވެ. ރާޒިޤު ގަނެފައިހުރި ލަދުން އޭނާގެ ކެބިނަށް ވަދުމަށްފަހު އެތަނުގައި ހުރި ބިއްލޫރި ލޯގަނޑެއްގައި ގޮށްމުއްކަވާފައި ޖެހިޖެހީނުން އެ ލޯގަނޑު ތަޅައިގެންގޮސް އޭނާގެ އަތުން ހޯސްލާފައި ލޭފައިބަން ފެށިއެވެ.
“އަހަރެން އަންނާނަން… އަހަރެން އެނބުރި އަންނާނަން…. ކަލެއަށް ހަމަޖެހިގެން އެންމެ ނޭވާއެއްވެސް ލެވުނަ ނުދޭނަން………. ކަލޭގެ މުޅި ދިރިއުޅުމާ ކަލޭގެ ހުރިހާ އުފަލެއް ފޭރިގަންނާނަން….” ހެލީނާގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުންދިޔައިރު އެ އަޑު ރާޒިޤުގެ ކެބިންގެ އެތެރެއަށްވެސް ފޯރަމުންދިޔައެވެ. ރާޒިޤް ބޯ ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.
—
“ޒުނާ ކޮން ތަނަކަށް ދާން ތިހާ ތައްޔާރު ތިވަނީ؟” ކޮޓަރީގައި ހުރި މޫނު ބަލާ ލޯގަނޑު ކުރިމަތީގައިހުރެ ފަރިވަމުންދިޔަ ޒުނާމްއަށް ބަލައިލަމުން ޖޫލީ ސުވާލުކޮށްލިއެވެ.
“މާދަމާރޭ ޕާޓީއަށް ތައްޔާރުކުރަންޖެހޭ ބައެއް ސާމާނު ހޯދަން ނިކުންނަން މި އުޅެނީ… ޖޫ ގޭގަ މަޑުކޮށްލާ ރެސްޓުކޮށްލަން…. އަހަރެން އެކަނިން ގޮސްލަފާނަން….” ޒުނާމް ބުނެލިއެވެ.
“އޮންނާނެ ވަރަށް ބޮޑު ސަރޕްރައިޒް އެއްވެސް….” ޖޫލީއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް ޒުނާމް އަނެއްކާވެސް ވާހަކަދެއްކިއެވެ. ޖޫލީ އިތުރަށް ސުވާލުކުރިޔަސް ޒުނާމްގެ ފަރާތުން އެ ދޭން އުޅެނީ ކޮން ސަރޕްރައިޒްއެއްކަން ހޯދުމަކީ ނުވާނެ ކަމެއްކަން ޖޫލީއަށް އެނގޭތީ ސުވާލުނުކޮށް މަޑުން އިނީއެވެ. ހިނިތުންވެލައިގެން ޒުނާމްއާއި ދިމާލަށް ބަލަހައްޓައިގެން ޖޫލީއަށް އިނދެވުނީ ބޭއިޙްތިޔާރުގައެވެ.
“މާ ލަސްނުވެ އަންނައްޗޭ…. ޒުނާ އަންނަންދެން އަހަރެން އިންނާނަން އިންތިޒާރުގަ…” އާދޭހުގެ ރާގަކަށް ޖޫލީ ބުނެލިއެވެ.
“އަވަހަށް އާދެވޭތޯ ބަލާނަން އިނގޭ… އަހަރެން ދެން މިދަނީ….” ޒުނާމް ބޭރަށް ދިއުމުގެ ކުރިން ޖޫލީގެ ނިތުގައި ބޮހެއް ދިނެވެ. ޖޫލީއަށް ލޯ މަރައި ލެވުނެވެ.
ޒުނާމް ދިޔުމުން ޖޫލީ ގޮސް އިށީނީ މޫނުބަލާ ލޯގަނޑުގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އަމިއްލަ ސޫރައަށް ބަލަން ގެއްލިފައި ޖޫލީއަށް އިނދެވުނެވެ. އެއްވެސް ސަބަބަކާ ނުލައެވެ. އެހެނަސް އޭނާގެ ސިކުނޑީގައި ފުނިޖެހެމުންދިޔަ ޙިޔާލުތަކެއް ހުއްޓެވެ. މީހަކަށް ދިގު އިންތިޒާރެއް ކުރާ ކަހަލަ އިހުސާސެއް އޭނާގެ ހިތުގައި ދައުރުވަމުންދިޔައެވެ. މީހެއްގެ އިންތިޒާރުގައި ކެތްމަދުވެފައިވާ ފަދައެވެ.
ކުއްލިއަކަށް މުޅި ގެއިން ކަރަންޓުދިޔައެވެ. އަނދިރީގެ ތެރޭގައިވެސް ޖޫލީއަށް ގުޑިލާން ނޭނގިފައި އިނދެވުނީ ސިކުނޑީގައި ދައުރުވަމުންދިޔަ ޙިޔާލުތަކުގެ ސަބަބުންނެވެ. މަޑުމަޑުން މީހަކު އައިސް ކޮޓަރި ދޮރުލެއްޕިކަން ޖޫލީއަށް އެނގެއެވެ. އެހެނަސް ފަސްއެނބުރި ބަލައިލާކަށް ޖޫލީ ބޭނުމެއްނުވިއެވެ. އެ ކޮޓަރިއަށް އެވަދުނީ ފިރިހެނެކެވެ. އެ ފިރިހެނާގެ އަތުގައިހުރި އުއްބަތީގެ ފަނޑުއަލި ޖޫލީގެ ކުރިމަތީގައި ހުރި ލޯގަނޑުން ފެންނަން ހުއްޓެވެ. ނަމަވެސް އެ ފިރިހެނާގެ ސޫރަވަނީ އެ އަނދިރިކަމުގެ ތެރޭގައި ވަންހަނާވެފައެވެ. ޖޫލީއަށް ބޭއިޙްތިޔާރުގައި ލޯމަރާލެވުނެވެ. އެ ފިރިހެނާ އައިސް ޖޫލީގެ ބުރަކަށިމަތީގައި މޫނު ބީއްސާލިއެވެ. ޖޫލީއަށް އެ އިހުސާސްވި އިހުސާސްވުން އެއީ މީގެ އެތަށް ޒަމާނެއް ކުރިން ކުރެވުނު އިހުސާސެއްކަން ޔަޤީންވިއެވެ.
“އަހަރެންނަށް އޭރުވެސް އެނގޭ އަންނާނެކަން……. ކީއްވެ ތިއައީ….. އަހަރެންނާ ދުރަށް ދޭބަލަ. ޕްލީސް…..” ޖޫލީއަށް ކުޑަކޮށް އުނދަގޫވިއެވެ. އެހެނަސް އެމީހާ ދުރުކުރާކަށް ބޭނުމެއްނުވިއެވެ. ކުއްލިއަކަށް ސިހުނީ ޒުނާމްގެ ކޯލެއް އަންނަ އަޑު އިވުމުންނެވެ.
“ކަރަންޓު ގޮސްގެން މިއުޅެނީ…. އަހަރެން ވަރަށް ބިރުގަނެފަ މިހުރީ…. އައިސްދީފާނަންތަ….” ޖޫލީ ފޯނު ނެގުމަށްފަހު ބުނެލިއެވެ. އެއަށްފަހު ޒުނާމް އެއްޗެކޭ ބުނުމުގެ ކުރިން ޖޫލީ ފޯނު ކަނޑާލާފައި ބޭއްވިއެވެ. އަދި ފަހަތުގައި ހުރި ފިރިހެނާގެ އަތުގައިހުރި އުއްބަތި ނަގައި އެއްލައިލިއެވެ. އެވަގުތު ކުޑަދޮރުގައި ދަމާފައިހުރި ދޮރުފޮތިގަނޑުގައި އަލިފާން ރޯވިއެވެ. ކަރަންޓުވެސް އަނބުރާ އައީ ހަމަ އެވަގުތެވެ. ގެއިން ބޭރުގައި ހުރި ޒުނާމްއަށް އެމީހުންގެ ކޮޓަރީގެ ކުޑަދޮރާއި ދިމާލުން ދުން އަރާތަން ފެނުމާއެކު އަވަހަށް ދުއްވާފައި އައިސް ގެއަށް ވަނެވެ. ބާރުބާރަށް ކޮޓަރި ދޮރުގައި ޓަކިތަޅައިގަތުމުންވެސް ޖޫލީގެ ހިލަމެއް ނުވުމުން ޒުނާމްގެ ހާސްކަން ހައްދުފަހަނައަޅައިގެން ދިޔައެވެ. ބަލާކަށްނުހުރެ ބާރުބާރަށް ކޮޅުފައިން ދޮރުގައި ޖެހުމަށްފަހު ކޮޓަރިއަށް ވަދުނުއިރު އެތަނުގައި ބިންމަތީގައި ޖޫލީ ވެއްޓިފައި އޮތް މަންޒަރު ފެނުމުން ޒުނާމް އަވަހަށްގޮސް ޖޫލީ އުފުއްލާލާފައި ގެންގޮސް އެނދުމަތީގައި ބޭއްވިއެވެ. އަދި ދޮރުފޮތިގަނޑުގައި ހިފާފައިހުރި ހުޅުގަނޑު ނިއްވާލިއެވެ. ހާސްވެފައިހުރިލެއް ބޮޑުކަމުން ޒުނާމް މައިނޭވާ ލަމުންދިޔައެވެ.
ޒުނާމް ފެންތައްޓެއް ހިފައިގެން އައިސް އޭގެން ފެންފޮދެއް އަތްގޮށި ތެރެއަށް އަޅާލުމަށްފަހު އެނދުމަތީގައި ބާއްވާފައިއޮތް ޖޫލީގެ މޫނު މައްޗަށް ފެންފޮދު ބުރުވާލުމާއެކު ޖޫލީއަށް ހޭވެރިކަމެއް ވިއެވެ.
“އަހަރެންނަށް ކިހިނެއްވީ… މިތާ މިއޮތީ ކޮންހާ ދުމެއް…” ޖޫލީ ކެއްސާލަމުން ސުވާލުކޮށްލިއެވެ.
“ނޭނގެ… އަހަރެންނަށް ކިހިނެއް އެނގޭނީ… އަހަރެންނެއް ނޫންވީޔަ މިތަނުގަ ހުރީ…” ޒުނާމް ޝައްކުގެ ނަޒަރަކުން ބަލައިލަމުން ހިތްހަމަނުޖެހިފައި ބުންޏެވެ.
“އަހަރެންނަކަށް ނޭނގެ އަސްލު ވީ ކިހިނެއްކަމެއް… ކަރަންޓު ދިޔަކަން އެނގޭ… ދެން ވީ ގޮތެއް ނެތް ހަނދާނެއް” ޖޫލީ ދޮގުހެދިއެވެ. އަސްލު ކަން ވީ ގޮތް އޮޅުވާލިއެވެ. ޒުނާމް އިތުރަށް ސުވާލުކުރާކަށް ޖޫލީ ފުރުސަތުދޭކަށް ބޭނުމެއްނުވިއެވެ. ސުވާލެއް ކުރިޔަސް ޖަވާބެއް ދޭންވެސް ބޭނުންނުވިއެވެ. ޖޫލީގެ ޙިޔާލު ޙިޞާރުކޮށްފައިވަނީ ދެންމެގައި އޭނައަށް ފެނުނު ޒުވާނާގެ ޙިޔާލުތަކުންނެވެ. އެއީ ކާކުކަން އަދި ކީއްވެގެން އެވަގުތު އައި މީހެއްކަންވެސް ޖޫލީއަށް ކިތަންމެހާވެސް ރަނގަޅަކަށް އެނގެއެވެ. އެހެނަސް އެއީ ސިއްރެކެވެ. އެ ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވުން ނޫން އިހްތިޔާރެއްވެސް ޖޫލީއަށް މިއަދަކު ނެތެވެ.
—
ޖޫލީއަށް ދަންވަރު ހޭލެވުނީ ހޫނު އަރައިގަނެގެންނެވެ. މުޅި މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. އޭސީވެސް ހުރީ ނިވިފައެވެ. އާފުރެލުމަށްފަހު މޭޒުމަތީގައި އޮތް އޭސީ ރިމޯޓު ނެގުމަށްފަހު ޖޫލީ އޭސީ ޖެއްސޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އޭސީ ޖެއްސޭ ގޮތެއްނުވިއެވެ. ކައިރީގައި ޒުނާމް ފެންނަން ނެތުމުން ޖޫލީ މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމުންވެސް ޒުނާމް ފެންނަ ގޮތެއް ނުވިއެވެ. އަނެއްކާ ބޭރަށް ދިޔަގޮތަށް އަދިވެސް ނާންނަނީ ބާއެވެ.
ކުއްލިއަކަށް ނޭފަތުގައި ޖެހުނު ވަހަކާއިއެކު ޖޫލީ ދިޔައީ އެއްލިގަނެގެންނެވެ. ފާޑެއްގެ ވަހެކެވެ. ކޮން ވަހެއްކަމެއް ވަކިކުރާކަށް ނޭނގުނެވެ. ޖޫލީއަށް ދެން ފާހަގަވީ ފާހާނާގައި ބޮކި ދިއްލާފައިހުރި ކަމެވެ. ދޮރުވެސް ހުޅީ ކުޑަކޮށް ހުޅުވިފައެވެ. ޖޫލީ ހާސްވެފައި އެނދުން ތެދުވެ ފާހާނައަށް ވަންނަން ހިނގައިގަން ހިނދު އޭނާއަށް ފައިގެ ދަށުން ތެތްކަމެއް އިހުސާސްކުރެވުނެވެ. ފައި ނަގާފައި ތިރިއަށް ބަލައިލިއިރު އެތަނުގައި ލޭގެ ކޯރެއް ދެމެމުންދިޔަ މަންޒަރު ޖޫލީއަށް ފެނުމާއެކު ލިބުނު ޝޮކަކުން މުޅި ދުނިޔެ އެނބުރެން ފެށިކަހަލައެވެ.
—-
ރާޒިޤު ރާތައްޓެއް ހިފައިގެން ރިސޯޓުގެ ބާގައި އިށީންދެ އިންދައި އޭނާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އެ ދަންވަރުގައި އޭނާގެ ފޯނަށް އެގުޅަނީ ކާކުބާއޭ އޭނާ ހިތައްއެރިއެވެ. ފާތުމަ ބާއެވެ؟ އެކަމަކު އެވަގުތު ފާތުމަ ހޭލައި އުޅުން އެއީ ނާދިރު ކަމެކެވެ. ފޯނު ހުޅުވާފައި ބަލައިލިއިރު ގުޅަމުން ދިޔައީ އިތުރު އެހެން މީހެއް ނޫނެވެ. ހެލީނާއެވެ.
“އަހަރެން މި އުޅެނީ ދަންޖެހިގެން މަރުވާން…. ކަލޭ އަހަރެން މުޅި ދުނިޔެއަށް ފަލީހަތްކޮށްލައިފި…. މި މަރުގެ ބަދަލު އަހަރެން މަރުވުމަށް ފަހުގައިވެސް އަހަރެންގެ ރޫހު އައިސް ކަލެއާއި ކަލޭ އާއިލާ ކިބައިން ހިފާނެ…. އަހަރެންގެ ރޫހު ކަލޭ އުފަލުގަ އުޅުނަކަ ނުދޭނެ… ކަލޭގެ މަރުދުވަހާ ޖެހެންދެންވެސް އަހަރެންގެ އުނދަގޫ ކަލެއަށް ފޯރާނެ… ކަލެއަށް އުފާވެރިކަމުގެ އެންމެ ހިނދުކޮޅެއްވެސް ނުލިބޭނެ….. ” ހެލީނާ ގިސްލުމުގެ ތެރެއިން އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލިއެވެ.
“ހެލީ… މޮޔަވީތަ… ހޭވް ޔޫ ޑޭމްނ ލޮސްޓް ޔުއަރ މައިންޑް…. ތި ކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތަ…” ރާޒިޤް ބޯފަޅައިގެން ނުދިޔައީ ކިރިޔާއެވެ.
“ނަވް އިޓްސް ޓޫ ލޭޓް… މިހާރު ވަގުތު ފާއިތުވެއްޖެ.. ޑޫ ޔޫ އިވެން ނޯ ހަވް ކްރެޒީ އައި ވޯސް އެބައުޓް ޔޫ… ޔެޓް ޔޫ ޗޯސް ދެޓް އޯލްޑް ވޮމަން… ޔެސް އައި ހޭވް ލޮސްޓް އިޓް އެންޑް އައޭމް ޑަން ވިތު ދިސް ހޮރިބަލް ލައިފް….. އަހަރެންނަށް ދެން މިކަމެއް ނުވާނެ… އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފި…” ހެލީ ފަތިފައްޗަށް އޭނާގެ އިހުސާސްތައް އަމުނާލުމަށްފަހު ފޯނު ކަނޑާލިއެވެ.
ރާޒިޤް ހެލީއަށް ގުޅޭތޯ އެތައް ފަހަރަކު އޭނާގެ ނަންބަރަށް ގުޅިއެވެ. އެހެނަސް އޭގެން އެއްވެސް ކޯލަކަށް ހެލީ ޖަވާބެއް ނުދިނެވެ. ރާޒިޤް އޭނާ ބޯން އިން ރާ ތަށި ބިންމައްޗަށް އެއްލައި ތަޅައިލި ވަގުތު އެތަނުގައި ބޮއެ މަސްތުވެ ނަށަމުންދިޔަ ފަތުރު ވެރިންވެސް ހުއްޓުން އަރާފައި އެދިމާލަށް ބަލަންފެށިއެވެ.
—
ފާތުމައަށް ނުނިދިފައި އެނދުމަތީގައި ދެކޮޅު ދެކޮޅަށް ފުރުޅިލައި ފޮރޮޅިލައި އޮށްވާ އޭނާގެ ފޯނަށް ވަޓްސްއެޕުން ވީޑިއޯ މެސެޖެއް އައެވެ. އެ މެސެޖު ފޮނުވީ ނުދަންނަ ނަންބަރަކުންނެވެ. އެ ވީޑިއޯގައި ފެންނަނީ ރާޒިޤުގެ ކެބިންއަށް ޅަފުރައިގެ ޒުވާން އަންހެން ކުއްޖަކު ދުވެފައި އައިސް ވަންނަ މަންޒަރެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ހެލީއެވެ. އެހެނަސް ހެލީއަކީ ފާތުމަ ދަންނަ ކުއްޖެއް ނޫނެވެ. ހެލީއާއި ބެހޭގޮތުން ފާތުމައަށް ދުވަހަކުވެސް އެއްވެސް މީހެއްގެ ފަރާތުން އެނގިފައެއްނެތެވެ. އެއީ ސީސީޓީވީ ފޫޓޭޖެކެވެ. އެ ވީޑިއޯގައި ފެންނަމުންދިޔައީ އެދެމީހުން ނުހަނު ގައިގޯޅިވެ އުޅޭ މަންޒަރެވެ. ފާތުމަ އައިރުޅިން ވަޓްސްއެޕުން ބޭރަށް ނިކުމެ ރާޒިޤަށް ގުޅިއެވެ. އެ ވީޑިއޯގައި ފެނިގެން އެދިޔަ މަންޒަރުގައި އެވީ ކަންތައްތަކުގެ އަސްލަކީ ކޮބައިކަން ހޯދަން ފާތުމަ އެވަގުތުން އެވަގުތައް ބޭނުންވިއެވެ. އެހެނަސް ގުޅައިގުޅައިވެސް ރާޒިޤު ފޯނެއް ނުނެގިއެވެ. ފާތުމަ ނުހަނު ހިތްނުތަނަވަސްވިއެވެ. ރާޒިޤް އެހެން މީހަކާ ގައިގޯޅިވާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިތަކަށް ނާރައެވެ. އެންމެ ދެރަވީ އެދެމީހުންގެ ދަރިޔާއި އެއް އުމުރެއްގެ ކުއްޖަކާއި އެކު އެގޮތަށް އުޅޭ މަންޒަރު ފެނުމުންނެވެ.
—
ޖޫލީއަށް ފެނުނީ ޒުނާމް ފާހާނާ ތެރޭގައި ކޮޅަށް ހުރި މަންޒަރެވެ. އަތުގައި މަސްކަނޑާ ވަޅިއެއް އޮތެވެ. އޭނާގެ އަތުގެ އެތަން މިތަނުގައި އޭނާ ވަޅިއަޅައި ޒަހަމްކޮށްލާފައި ހުރި މަންޒަރު ފެނުނެވެ. ދެއަތުން ހޯސްލާފައި ފައިބަމުންދިޔަ ލެއިން މުޅިތަން އޮތީ އެއްކުލަ ކޮށްލާފައެވެ. ލެއިން އެކަށް ތަތްތެޅިފައެވެ. ޖޫލީ ހުއްޓުން އަރާފައި އެ މަންޒަރު ބަލަން ޒުނާމްގެ ފަހަތުގައި ހުރި މަންޒަރު އޭނާގެ ކުރިމަތީގައި ހުރި ލޯގަނޑުން ޒުނާމްއަށް ފެނުމާއެކު ފަސްއެނބުރި ޖޫލީއާއި ދިމާލަށް ބަލައިލިއެވެ. އެވަގުތު ޒުނާމް ހޭނެތިގެން ވެއްޓެން ދިޔުމާއެކު ޖޫލީ އޭނާ ހިފެހެއްޓޭތޯ މަސައްކަތްކުރިއެވެ. އެހެނަސް އޭނާގެ ހަށިގަނޑު އެހާމެ ބަރެވެ. ޒުނާމްގެ ގައިން ވާގި ދޫވާން ފެށުމާއެކު ޖޫލީއަށް ބަރުވެގެންގޮސް އޭނާގެ އަތުން ވަރުދޫވެ ޒުނާމްގެ ހަށިގަނޑު ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ޖޫލީ އިނީ ބިރުން ހަދާނެގޮތް ހުސްވެފައެވެ. ސިކުނޑި ސުމަކަށް ދާން ފެށުމާއެކު ޖޫލީ އެތަނުން ނިކުމެ ދުވެފައި ބޭރަށް ނިކުތެވެ. އެވަގުތު މުޅި ތަޅުންގަނޑުގައި އޭނާގެ ފައިތިލައިގައި ކޭތިފައިހުރި ލޭތަކުން އޭނާގެ ފައިގެ ތަތްގަނޑު އެޅެމުންދިޔައެވެ. ވަކި ހިސާބަކުން ޖޫލީވެސް މޭނުގައިކޮށް ބޯއަނބުރަށް ފެށިއެވެ. ސިޑިމަތިން ނުވެއްޓުނީވެސް ކިރިޔާއެވެ. ސަލާމަތްވީ ސިޑީގެ ރެއިލިން ހުރިކަމުންނެވެ. ޖޫލީ ދުވެފައިގޮސް ސިޓިން ރޫމްގައި ބަހައްޓާފައިހުރި ޓެލެފޯނުން އެންބިއުލާންސަށް ގުޅިއެވެ. އެވަގުތު އޭނާ ދިޔައީ ބިރުންގޮސް ތުރުތުރުއަޅަމުންނެވެ.
—
ރާޒިޤު ދުވެފައިގޮސް ހެލީގެ ކޮޓަރި ތަޅުގައި ހިފައިލިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ހެލީގެ އެއްވެސް ހިލަމެއް ނެތްފަދައެވެ. ރާޒިޤު ކޮޅުފައިން ޖެހިޖެހީނުން ދޮރު ވައްޓާލިއިރު ހެލީ ދޮރުކުރިމަތީގައި ހުރީ ބަޑިއެއް ހިފައިގެންނެވެ. ގެންގުޅުން މަނާއެއްޗެއް އަދި ވަކި ތަނަކު ފޮރުވާފައިއޮތް އެއްޗެއް ހެލީއަށް ލިބުނީ ކިހިނެއްކަމާއިމެދު ރާޒިޤުގެ ހިތުގައި ސުވާލު އުފެދުނެވެ.
“ހެލީ……………………. ތީ ކޮންތާކުން ހޯދި ގަންއެއް…. އެނގޭތަ ތީ ކިހާބޮޑު ކުށެއްކަން…. ބަސްޓުވެއްޖީޔާ އަހަރެމެން ދެމީހުންގެވެސް ދުވަސްދާނެ… ހަބަރުދާރު ހަމަ މިހާރު ތި ބަޑި ބާއްވާ…” ރާޒިޤު ހާސްވެފައިހުރެވެސް ހެލީއަށް އަމުރުކުރިއެވެ.
“ކަލޭގެ އަމުރެއް އަހަރެންގެ މައްޗަކަށް އަބަދަކު ނުހިނގާނެ… މިއަދު މިއޮތީ އަހަރެންގެ ދުވަސް އައިސް… ކުށަކަށް ވަނީ ހަމައެކަނި އައި މި ބަޑި ހިފައިގެން ހުރުންތަ… ކަލޭ މަގޭ ގަޔަށް އަރާއިރު އެ ކުށަކަށް ނުވޭތަ…. ކަލޭ ޅައަހަންހެން ކުދިން ގުނބޯ ހައްދާލައިގެން ކަލޭގެ އުފާތަށް ހޯދަން ގެންގުޅުން އެއީ ކުށަކަށް ނުވޭތަ؟” ހެލީ ރުޅިއައިސް ހުރެ ވާހަކަ ދައްކަމުން ދިޔައިރު އޭނާ ހުރީ ބަޑީގެ ޓުރިގަރަށް ފިއްތާލަން ތައްޔާރުވެއެވެ. ބަޑި އަމާޒުކޮށްފައިހުރީ ރާޒިޤަށެވެ.
“އޯކޭ… ދެން މާގިނަ ވާހަކަ ނުދައްކާ ތި ކުރަން ބޭނުންވާ ކަންތައް ކުރީމަ ނިމުނީނު.. އަހަރެން އެކައްޗެކޭވެސް ހިތަކަށް ނާރާނެ.. ހެލީ ނެތީޔާ އަހަރެންނަށް މާ ބޮލަށް ފަސޭހަވާނެ……” ރާޒިޤު ރުޅިއައިސްގެން އެހެން ބުންޏަސް އެއީ އޭނާވެސް ބޭނުންވާ ގޮތެއް ނޫނެވެ.
“އަހަރެން މަރުވަންޏާ މަރުވާނީ އަހަރެން އެކަންޏެއްނޫން… އަހަރެންގެ ބަނޑުގައި މިއޮތް ކަލޭގެ ދަރިވެސް މަރުވާނެ…. ކަލޭ ތީ ކުއްވެރިޔަކީ… ކަލޭ ތީ މަށޭ މަގޭ ދަރީގެ ގާތިލަކީ… އަހަރެން މިރޭ ކަލޭވެސް މަރާލާނަން…” ހެލީ އައިސްފައި ހުރި ރުޅިން އޭނާ ރާޒިޤު ގަޔަށް އަމާޒުކޮށްފައި ޖެހި ވަޒަން އޭނާގެ އަމާޒަށް ވާސިލުވާގޮތެއްނުވިއެވެ. ރާޒިޤު ހެލީގެ އަތުގައި ހިފައި އޭނާގެ އަތުން ބަޑި ޖަހައިގަންނަށް އުޅުނު ވަގުތު ހެލީ ޓުރިގަރަށް ފިއްތާލުމާއެކު ވަޒަންގޮސް އަމާޒުވީ އެ ކޮޓަރީގައި ހުރި ޑްރެސިން ޓޭބަލުގައި ހުރި ލޯގަނޑަށެވެ. އެވަގުތު އެ ލޯގަނޑު ފުނޑުފުނޑުވެގެން ދިޔަ އަޑުފައްގަނޑުން މުޅި ކޮޓަރިތެރެ ގުގުގަމައިގެން ދިޔައެވެ. ހެލީ ރާޒިޤު ގައިގައި ބައްދައިގަތުމާއެކު ރާޒިޤު އޭނާ ކޮއްޕައި ވައްޓާލުމަށްފަހު ބަނޑުމަތީގައި ކޮޅުފައިން ގައިހުރި ބާރަށް ޖެހިއެވެ. ހެލީއަށް ވީތަދުން އޭނާ ރޮއެގަތެވެ. ރާޒިޤު ހެލީގެ އިސްތަށިގަނޑުގައި ހިފައި ނެގުމަށްފަހު ހެލީއަށް އިންޒާރެއް ދިނެވެ.
“އަހަރެންނަށް އޭރުވެސް އިނގޭ ކަލޭ މި ޑްރާމާގަނޑު ޖައްސާނެކަން. މީގެ ފަހުން މަށަށް ބިރުދައްކަން ހިޔާލަށްވެސް ނުގެންނާތި.. ކަލޭ ކޮށާ ކުދިކޮށްލާނަން…. ދެންވެސް ކަލޭ މަގޭ ކިބައިން ސަލާމަތްވާން ބޭނުންވަންޏާ މަށަށް ފެންނަ ހިސާބަކަށް ނާންނާތި. އަހަރެން ކަލެއަކާވެސް ކަލޭ ބަނޑުގައި ތިއޮތް ދަރިއަކާވެސް ހަވާލެއްނުވާނަން….”
“އަހަރެންނަށްވެސް އަދި ދުވަހެއް އަންނާނެ… އަހަރެން ކަލެއަށް ލިބެންހުރި ހުރިހާ އުފަލަކަށްވާ ހުރަހަކަށް ވާނަން.. ކަލޭގެ މުޅި ދިރިއުޅުން ސުންނާފަތިކޮށްލާނަން…” ހެލީ ރޮމުންވެސް ވާހަކަ ދައްކަމުން ދިޔައީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. ރާޒިޤު އައި ރުޅިން ހެލީގެ ކޯތާފަތްމަތީގައި ޖެހިޖެހީނުން ހެލީ ހޭނެތިގެން ވެއްޓުނެވެ. ރާޒިޤު އެ ފުރުސަތުގައި ހެލީގެ އަތުގައި އޮތް ބަނޑި ނަގައިގެންގޮސް އެ ކޮޓަރިން ނިކުތެވެ.
—
އެންބިއުލާންސްގެ އަޑުފައްގަނޑަށް ކޮޓަރީގައި އިން ފާތުމަ ގުންފައިޖަހާފައި ކޮޓަރިން ބޭރަށް ނިކުތެވެ. އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ މުށިގަނޑުމަތީގައިވާ ލެއިން ތަތްތެޅިފައިވާ ފިޔަވަޅުތަކުގެ ނިށާންތަކެވެ. އެއީ ޖޫލީ ދުވެފައި ދިޔައިރު އެޅިފައިވާ އޭނާގެ ފައިތިލައިގެ ނިށާންތަކެވެ. ވާނުވާ ނޭނގި ހާސްވެފައިހުރި ފާތުމަވެސް އެންބިއުލާންސްގައި އައި ދެ މުވައްޒަފުންގެ ފަހަތުން ބާރުބާރަށް ހިނގައިގަތެވެ. ޖޫލީ ދުވެފައިގޮސް ކޮޓަރިއަށް ވަދުނު މަންޒަރު ފެނުމާއެކު ފާތުމަވެސް ދުއްވައިގަތެވެ. އަދި އެ ހިނދުގައި ރާޒިޤުގެ ފޯނަށްވެސް ރިންގުކުރިއެވެ. ގޭގައި ބޮޑުކަމެއް ވެގެން އުޅޭތީ އެކަން ރާޒިޤު ރަށުގައި ނެތަސް ރާޒިޤަށްވެސް އަންގަން ޖެހޭނެތީއެވެ.
ފާޙާނާ ތެރޭގައި ޒުނާމް ޙަބަރު ހުސްވެގެން ވެއްޓިފައިއޮތްއިރު މުޅި ކޮޓަރިތެރެ އޮތީ ލެއިން ތަތްތެޅިފައެވެ. އެވަގުތުވެސް ހުއްޓުމެއްނެތި ޒުނާމްގެ ގައިން ލޭއޮހޮރެމުންދިޔައެވެ.
“ސުބުހާނަﷲ….. ޒުނާމް!!” ފާތުމަ ހަޅޭއްލަވައިގަނެފައި ޒުނާމްގެ ގާތަށްގޮސް ގުދުވެލާފައި އޭނާގެ ވިންދު ހުރިތޯ ބެލިއިރު ވިންދު ހުއްޓެވެ. ޖޫލީ މުޅިގައި ތުރުތުރުއަޅަމުންގޮސް ހުރިތަނަށް ނުވެއްޓުނީ ކިރިޔާއެވެ. ޖޫލީއަކީ ލޭ ފެނުމުން ގޮތްވާ މީހެކެވެ. އެހާ ގިނަ ލޭ އެއްތަނަކުން އޭނާ ދުވަހަކުވެސް ނުދެކެއެވެ. ޖޫލީ ހުރީ ހަދާނެގޮތް ހުސްވެފައެވެ. ސްޓްރެޗާއަށް ލައިގެން ޒުނާމް ގެންދިޔައިރު މުޅި ގޭތެރޭގައި ލޯގެ ކޯރެއް ފޫދެމުންދިޔައެވެ. ހޮސްޕިޓަލުންއައި މުވައްޒިފުންވެސް ތިބީ ޝަހާދަތް ކިޔަކިޔައެވެ. ޖޫލީގެ ސިކުނޑި ހީވަނީ ހަމަދެންމެ ދެންމެ ފަޅަފަޅައިގެން ހިނގައިދާނެހެންނެވެ.
މާ ލަސްތަކެއްނުވެ ހޮސްޕިޓަލަށް ދެވުނެވެ.
—
އައިސީޔޫގެ ބޭރުގައި އިށީންދެއިން ޖޫލީ ރޮމުންދިޔައިރު އޭނާގެ ބޮލުގައި ފިރުމަމުން އޭނާ މަސަލަސްކުރެވޭތޯ ފާތުމަކުރަމުންދިޔަ މަސައްކަތް ދިޔައީ ނާކާމިޔާބު ވަމުންނެވެ. އެއްވެސް ހުއްޓުމެއްނެތި އެދެލޮލުން ކަރުނަ ނީރަމުންދިޔައިރު ޖޫލީގެ މޫނުން ބިރުވެރިކަމާއި މާޔޫސްކަމުގެ ކުލަވަރު ފެންނަމުންދިޔައެވެ. ވީގޮތެއް އެހިޔަސް ޖޫލީގެ ފަރާތުން އެވަގުތު ޖަވާބެއް ހޯދަން އުނދަގޫވާނެކަން ފާތުމައަށް އެނގޭތީ އޭނާ އިނީ އަނގަމަޑުން ލައިގެންނެވެ. އެވަގުތު އެތަނަށް ޕޮލިހުން އަންނަ މަންޒަރު ފެނި ފާތުމަ ދެލޯބޮޑުވިއެވެ. އަދި އެމީހުންއައިސް ޖޫލީއާއި އެއްވެސް ސުވާލެއް ކުރުމުގެ ފުރުސަތު ނުދިނުމަށްޓަކައި ފާތުމަ އިސްނަގާފައިގޮސް ފުލުހުންނާ އަރައި ހަމަކުރިއެވެ.
“އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނޭނގެ ވީ ކިހިނެއްކަމެއް…” ފާތުމަ ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ފުލުހުން ގާތުގައި ބުންޏެވެ.
“އަޅުގަނޑަށް ނިދިފައިއޮށްވާ ހޭލެވުނީ…. ކައިރީގައި ހަސްބެންޑް ފެންނަން ނެތުމުން ހިތައްއެރި ކޮބައިބާއޭ… ދެން ފެނުނީ ޓޮއިލެޓްގެ ދޮރު ހުޅުވާފައިހުރިތަން… އެވަގުތު ފާޑެއްގެ ވަހެއްވެސް ދުވަމުން ދިޔައީ.. އެހެންވެ އަޅުގަނޑުގޮސް ޓޮއިލެޓް އެތެރެއަށް ވަދުނުއިރު ހަސްބެންޑް ހުރީ ކޮއްޅަށް. އެވަގުތު އަތުގައި މަސްކަނޑާ ވައްތަރުގެ ވަޅިއެއްއޮތް… އެވަޅިން ހަސްބެންޑްގެ ވްރިސްޓު ކަނޑާލާފައިހުރީ…. މުޅި ތަން އޮތީ ލެއިން ތަތްތެޅިފަ.. އަޅުގަނޑަށް ލިބުނު ޝޮކުގެ ބޮޑުކަމުން ހުއްޓުން އަރާފައި ބަލަން ހުރެވުނީ… ދެން ކުއްލިއަކަށް ހަސްބެންޑް ގައިން ވަރުނެތިގެން ވެއްޓުނީ… އަޅުގަނޑަކަށް އެއްގޮތަކައްވެސް ނޭނގޭ ވީ ކިހިނެއްކަމެއް. އެގޮތަށް ކަންތައްކުރީ ކީއްވެގެންކަމެއް…. މިރޭ އިރާކޮޅުވެސް ވަރަށް މަޖާކޮށްކޮށްފަ އުޅުނީ.. ވަރަށް ހެޕީކޮށް ހުރީ…. ގޭގަ ބާއްވަން އުޅޭ ޕާޓީއަކަށް ތައްޔާރުވާން ކުރަންޖެހޭ ކޮންމެވެސް ކަމެއް ކުރަން ބޭރަށް ދިޔައީ… އަޅުގަނޑު ބޮލަށް ވެފައިހުރި ގޮތަކުން ރެސްޓުކޮށްލަން ގޭގަ މަޑުކޮށްގެން އިނީ.. އެހެން އޮއްވަ ނިދުނީ… ދެން ހޭލެވުނީމަ މި އެނގުނީ މިކަމެއް ވީކަން…” ޖޫލީ ރޮމުންރޮމުން، ކަންހިގާދިޔަގޮތް އޭނާއަށް ފެނުނު ގޮތަށް ކިޔައިދެމުންދިޔައިރު ޖޫލީގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފޫދެމުންދިޔައެވެ. ކެކުޅުމުގެ ތެރެއިން އޭނާގެ އަޑު ނިކުންނަމުން ދިޔައީ ކިރިޔަކިރިޔާއެވެ. ނަމަވެސް ހިތްވަރުކޮށްފައި ވާހަކަދެއްކީ ފުލުހުން ޖޫލީއާއި މެދު ޝައްކުގެ ނަޒަރަކުން ދެކެފާނެތީއެވެ.
“ފޭޝަންޓުގެ ހާލު ވަރަށް ސީރިއަސް… އަޅުގަނޑަކަށް ހިއެއްނުވޭ ދެން ޕޭޝަންޓު ސަލާމަތްވާނެހެނެއް… އިޓް ލުކްސް ލައިކް އަ ސުއިސައިޑް ކޭސް…. ހަށިގަނޑުން ވަރަށް ބޮޑަށް ލޭހުސްވެފައިވަނީ… ސަލާމަތްކުރެވޭނެ ކަމުގެ ކުޑަވެސް އުންމީދެއް އޮތީ އަވަހަށް ލޭ ހޯދިއްޖިއްޔާ….” ޑޮކްޓަރުގެ އަޑުގައިވަނީ މާޔޫސްކަމެވެ. ހިތްވަރުއެލިފައިވާ ހާލު ޑޮކްޓަރުވެސް ޒުނާމްގެ ހާލަތު ހަމައަކަށް އަޅުވަން މަސައްކަތްކުރުމަށްޓަކައި ޑޮކްޓަރު އަނބުރާގޮސް އައިސީއޫއަށް ވަނެވެ.
ޖޫލީ ބަލާކަށްނުހުރެ ފަސީހަށް ގުޅިއެވެ. ޖޫލީ ފަސީހަށް ގުޅޭތޯ މަސައްކަތްކުރަމުންދިޔައީ ކަމަކަށް އެދެން ބޭނުންވާތީއެވެ. އެކަމަށް އެދެން ހިތް ނޭދުނަސް، އެކަމަކަށް ނޭދިއްޖެނަމަ ހާލަތު ބޮއްސުންލައިގެން ގޮސްދާނެތީއެވެ. ނަމަވެސް ފަސީހުގެ ލައިން އެވަގުތު ހުރީ އެންގޭޖުވެފައެވެ. ފުރަ މެންދަމު ފަސީހު އެ ހުރީ ކާކަށް ގުޅައިގެންބާއޭ ޖޫލީ ހިތަށްއެރިއެވެ.
- ނުނިމޭ –
ލިޔުންތެރިޔާގެ ނޯޓު
އަޅުގަނޑުގެ ވާހަކަތަކާއި ގުޅޭ ވައިބަރ ގުރޫޕާއި ގުޅިލެއްވުމަށް ތިރީގައިވާ ނޫކުލައިން ފެންނަ ލިޔުންކޮޅު “ވައިބަރ ގުރޫޕް” އަށް ފިއްތަވާލަށްވާ!
މި ވާހަކައަކީ ޙިޔާލީ ކޮންސްޕްޓްއެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެވެ. މި ވާހަކަގެ މި އެޕިސޯޑް ކަމުދިޔަކަމުގައިވާނަމަ ކޮމެންޓެއްގެ ޒަރީއާއިން ތިބޭފުޅުންގެ ޝުއޫރުފާޅުކުރެއްވުމަކީ އަޅުގަނޑުމެންނަށް މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު. ބިނާކުރުވަނިވި ފާޑުކިޔުމަކީ ކުރިއަށް އޮތްތަނުގައި ވާހަކަ އިތުރަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި ފާހަގަކޮށްލަން.
ކުރިއަށްހުރި އެޕިސޯޑުތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަމުން ވަކިވެލަން. ބާއްޖަވެރިދުވަހަކަށް އެދެން..😊
One Comment
Comments are closed.



Subuhanallah this story is sooo problematic
Ekam vrh interesting🤯🤯🤯