ދިވެހި ވާހަކަ – މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް – އެޕިސޯޑް 1
އާނއެކެވެ. ފައިނޭސް ހެޑުގެ ކޮޓަރީގައި ހާޒިރުކޮށްފައި އެ އިނީ ދެވަނަ އެހެން މީހެއް ނޫނެވެ. ފަސީހެވެ. ފަސީހަކީ ނޫކަނޑު ރަންފުށި ރިސޯޓުގެ ފައިނޭންސް ޑިޕާޓްމެންޓުގައި ވޭތުވެދިޔަ ދިހަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ. އެއީ އޭނާ ހިތާއި ދެކޮޅަށް އަދާކުރަމުން ގެންދާ ވަޒީފާއެކެވެ. އާއިލާގެ ނިކަމެތި ހާލަށް ހަމްދަރުދީވެ އެ ވަޒީފާގައި ދެމިހުރުން ފަސީހަށް މަޖުބޫރުވުމުން އޭނާ ޓީޗަރަކަށް ވާން ދެކެމުން އައި ހުވަފެނަށް ފަސްއަޅައި ފޮރުވާލަން ޖެހުނީއެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ރިސޯޓުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު ފަސީހު މަސައްކަތައް ނިކުންނަނީ ނުހަނު ފޫހިކަމާއެކުއެވެ. އެ ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަމުގެ ޒައްރެއްވެސް އޭނާގެ ހިތަކު ނުވެއެވެ. ހުންނަނީވެސް މުޅި ދުނިޔެމަތިން ފޫހިވެފައެވެ. ކޮންމެ ދުވަހަކު ދިހަ ބާރަ ގަޑިއިރު ކޮމްޕިއުޓަރު ސްކްރީންއެއްގެ ކުރިމަތީގައި އިނުމަށްވުރެ ފޫހިކަމެއް ފަސީހަކަށް ނުވެއެވެ. މީހަކު ކައިރީ ނުބުންޏަސް އަބަދުމެ އެކަމާ ހިތާއިހިތުން ޝަކުވާކުރެވެއެވެ. މައިންބަފައިންނަށް ގުޅާ ކޮންމެ ފަހަރަކު ފަސީހުގެ ދުލުން ބޭރުވާ ޝަކުވާއަކީ އެއީއެވެ. ނަމަވެސް އޭނާގެ އިހުސާސްތައް ދަންނަ އެކަކުވެސް މިދުނިޔެމަތީގައި ނުވެޔޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ. ކަންމިހެން ހުރުމާއެކު، ފަސީހުގެ މަސައްކަތުގެ ފެންވަރުވެސް އެހާމެ ސަކަރާތެވެ. ހާޒިރީވެސް އެންމެ ސަކަރާތް މުވައްޒަފުންގެ ތެރޭގައި އެ ލިސްޓުގެ އެންމެ ކުރީގައި ކޮންމެ މަހަކުވެސް އޮންނަނީ ފަސީހުގެ ނަމެވެ. މަސައްކަތާއި ވަގުތަށް ފަރުވާތެރި ވުމަށް އެދި އިންޒާރުވެސް އެންމެ ގިނައިން ދޭ މުވައްޒަފަކީ ފަސީހެވެ. މަސައްކަތުގެ މާހައުލުގައި ކުރިއެރުމެއްވެސް ނުލިބެނީ އެ ސަބަބަށްޓަކައެވެ.
“އަހަރެންނަށް މިހާރު ފަސީއަށް ވަރަށް ބައިވަރު ފުރުސަތު ދެވިއްޖެ… އެކި ދުވަސްތައް މަތިން..” ފަސީހު ދިޔައީ އެއްލިގަނެގެންނެވެ. ބާރުބާރަށް ދޮރުހުޅުވާ ބަޑިއަކަށް ޖެހުމަށްފަހު ވަދެގެން އެއައީ ފައިނޭންސްގެ ހެޑް ރަމީޒެވެ. ރަމީޒްގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ފޫހިކަމެވެ. އިނގިރޭސިބަހުން ބުނާނަމަ، “ޑިސަޕޮއިންޓްމެންޓް” އެވެ. ގަނެފައިހުރި ލަދުން ފަސީހަށް އިސްއުފުލައި ރަމީޒާއި ދިމާލަށް ބަލައިލަންވެސް ނުކެރުނެވެ. އިސްދަށަށް ޖަހައިގެންއިނީ އެ ސަބަބަށްޓަކައެވެ. ރަމީޒު ބާރުހިނގުމެއްގައި އައިސް ފަސީހުގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންދުމަށްފަހު ފުންނާވާއެއް ބޭރުކޮށްލިއެވެ.
“އަހަރެންނަށް މާފުކުރާތި ފަސީ… އަހަރެން ވަރަށް މަސައްކަތްކުރިން.. މެނޭޖްމެންޓުގެ ކުރިމަތީގައި ފަސީގެ އަގުހިފެހެއްޓޭތޯ… އެކަމަކު އެމީހުން މިހާރު ތިބީ ފަސީއަށް އިތުރު ފުރުސަތެއް ދޭ ގޮތަކަށްނޫން…. ވަރަށް ނުރުހިފަ ތިބީ… އަހަރެން ކައިރީގަ ބުނީ. ފަސީގެ ޕާރފޯމެންސަށް ކުރިއަށް އޮތް އެއް ހަފުތާތެރޭގައި ކުރިއެރުމެއް ނައިއްސިއްޔާ ފަސީ ވަޒީފާއިން ވަކިކޮށްލާށޭ… މިހާރުވެސް ފަސީއަށް ހަވާލުކުރެވިފަ ހުރި ގިނަ މަސައްކަތްތައް ނުނިމި ހުރީމަ އެ މަސައްކަތްތައް އެ ނިންމަނީ ޒައިދު….އެއީކީ އަހަރެންވެސް ބޭނުންވާ ގޮތެއްނޫން.. ވަޒީފާގަ ހުންނަން ބޭނުންވަންޏާ ހަވާލުކޮށްފަ ހުންނަ މަސްއޫލިއްޔަތުތައް އެހެން މީހުންގެ ބޮލަށް ނުޖަހާ ނިންމަން ޖެހޭނެ… މިތާ މިހުންނަނީ ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް… އެންމެ ދުވަހެއް ލަސްވިޔަސް އެއީ އަހަރެމެންގެ ކުންފުންޏައް ލިބޭ ގެއްލުމެއް… މިހާރުވެސް ވަރަށް ގިނަ ޕޭމަންޓުތައް އެހުރީ ލަސްވެފަ… ސަޕްފަލަޔަރުންގެ ޝަކުވާވެސް އެހާ ގިނަ… މަގޭ ފޯނަށް ދުވާލަކު ވިހި ތިރީސް ފޯނު ކޯލު އެބައާދޭ…. އެކި މީހުންގެ ޝަކުވާތައް ފުނި ޖެހިފަ… އެންމެ މީހެއްގެ ސަބަބުން… ހަމައެކަނި ފަސީގެ ސަބަބުން…. އަހަރެމެންނަށް ފަސީ ވަޒީފާގައި ބަހައްޓައިގެން ވާ އެންވެސް ފައިދާއެއް ނެތް.. އެއްވެސް މޮޅެއް ނެތް… ތިކަހަލަ މުވައްޒަފުންނަކީ ކުންފުންޏަށް އޭގެން އެއްވެސް ފައިދާއެއް ނުކުރާ “ލައިބިޓީސް”….”
********
ގަޑިން މެންދަމުން އަލިވެ ދެގަޑި ބައިވަނީއެވެ. ޖޫލީ ދިޔައީ ފޫހިކަމެއްނެތި އޭނާގެ އަންނައުނު ފަތްޖަހަމުން ފޮށްޓަށް އަޅަމުންނެވެ. ރަށަށް ދެވޭތީ އެކަމުގެ އުފަލުގައި އޭނާގެ ހިތް އުފަލުން އުތުރިއަރަމުންދިޔަ ނަމަވެސް ލަންޑަން ދޫކޮށްލާފައި ދާކަށްވެސް އޭނާގެ ހިތެއް ނޭދެއެވެ. އެއަށްވުރެ އޭނާ ލަންޑަނުގައި އުޅެން ބޭނުންވެއެވެ. ނަމަވެސް އަނބުރާ ރާއްޖެއަށް ދިއުން ނޫން ގޮތެއް މިއަދު ޖޫލީއަށް ނެތީއެވެ. ވީއިރު ދެން ފަހެ ކުރާނީވެސް ކީއްހެއްޔެވެ؟ ވޭތުވެދިޔަ 7 އަހަރު އޭނާ ލަންޑަނުގައި ހުރީ ޑަކްޓަރުކަން ކިޔަވާށެވެ. މިއަދު އޭނާ އަނބުރާ ރާއްޖެއަށް ދާން ތައްޔާރުވަމުން އެ އަންނަނީ ޑަކްޓަރީކަން ކިޔަވާ ނިންމައި، ހިތުގެ ބަލިތަކަށް ހާއްސަވެސް ވެގެންނެވެ. ޖޫލީއަކީ އޭނާގެ މައިންބަފައިންގެ އެންމެ ބޮޑު ފަޙުރެވެ.
ކޮޓަރިއަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ސަބަބުން ކޮޓަރި ފާރުގައި ހަރުކޮށްފައިހުރި ގަޑީގެ ކަށީގެ ހިނގުމުގެ އަޑު އިވެމުންދިޔަ ވަރަކަށް ޖޫލީގެ ހިތުގެ ހިނގުންވެސް އަވަސްވާން ފަށައިފިއެވެ. ކުއްލިއަކަށް އަތުގައި އަޅަން ފެށި ތުރުތުރަކުން ފަތްޖަހަން ހުރި ހެދުންވެސް ފަތްޖެހޭ ވަރެއް ނުވިއެވެ. ހާސްވާން ފަށައިފިއެވެ. ހިތްއަވަސްވާން ފަށައިފިއެވެ. މޭގަނޑު ތެޅެން ފަށައިފިއެވެ. ޖޫލީއަށް ބޭއިޙްތިޔާރުގައި ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ހަށިގަނޑަށް ވާންފެށި ގޮތުން ޖޫލީއަށް ޖެހުނީ އޭނާ ކުރަން ހުރި މަސައްކަތް ހުއްޓާލާށެވެ. އަތުގައި އޮތް ހެދުން ބޮޑިކޮށްލުމަށް ފަހު އެނދުމައްޗަށް އެއްލައިލުމަށްފަހު ޖޫލީ ކޮޓަރިން ބޭރަށް ނިކުމެގެންގޮސް ބަދިގެއަށް ވަދެ އެތަނުގެ ބިތެއްގައި ހުރި ފުރިޖުގެ ގަނޑުކުރާބައިން ފެންފުޅިއެއް ނެގުމަށްފަހު އެ ފެންފުޅިން ކޯވަރެއް ދަމާލިއެވެ. ވަމުން ދިޔަ ގޮތުން ހައްޓައް ރާހަތެއް ލިއްބައިދޭތޯއެވެ. ނަމަވެސް ދެން ހާސްވާން ފެށީ ކުރިއަށްވުރެ ބޮޑަށެވެ. މީހާ އެކަށް ތުރުތުރުއަރަގަނެ ފައިކޮޅުން ވަރުވެސް ދޫވާން ފަށައިފިއެވެ.
ޖޫލީ ދުވެފައިގޮސް ކޮޓަރިއަށް ވަނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އެފަދަ ދަންވަރުގެ ވަގުތެއްގައި އޭނާގެ ފޯނަށް ގުޅަމުން އެދަނީ ކާކުބާއޭ ޖޫލީއަށް ހިތާހިތުން ސުވާލުކޮށްލެވުނެވެ. އެހެނަސް އެ ސުވާލަށް ޖަވާބެއް ނުލިބުން އޭނާގެ ހާސްކަން އިތުރުވެގެން ދިޔައެވެ. ފޯނު ހޯދަން ޖޫލީގޮސް އޭނާގެ އެނދުމަތީގައި އޮތް ބާލީސްތަކުގެ ދަށް ހޯދަމުން ދަނިކޮށް އިޝާހިތެއްނުވެ އޭނާގެ އަތުގައި ފޯނު ޖެހުމުން ކުއްލިއެއް ޖަހާފައި އޭނާ ފޯނު ނެގިއެވެ. އޭރުވެސް ފޯނު ދިޔައީ މެދުކެނޑުމެއް ނެތި ރިންގުވަމުންނެވެ. ޖޫލީ ފޯނަށް ބަލައިލިއެވެ. ފުރަ މެންދަމު އޭނާއަށް ގުޅަމުން އެދަނީ ކާކުތޯ ބެލުމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.
ފެނުނު މަންޒަރަކުން ޖޫލީގެ ދެލޯ ބޮޑުވެއްޖެއެވެ. ފޯނަށް ދިޔައީ ރިންގުވަމުންނެވެ. އެހެނަސް ގުޅަމުން ދިޔައީ ކާކު ކަމެއް، އެމީހެއްގެ ނަމެއް ފޯނު ނަންބަރެއް ފެންނާކަށް ނެތެވެ. އެހެން ވާންވީ ފަހެ ކީއްވެގެން ހެއްޔެވެ. އެހެން ވެދާނެ ހެއްޔެވެ. ހިތްބިރުގަނެފައި ހުރެ ޖޫލީ ފޯނު ނެގިއެވެ. ސުޕީކަރަށް ލުމަށްފަހު ހަލޯއެއޭ ބުނެލުމުންވެސް ޖަވާބެއް ނުލިބުނެވެ. ގަނެފައި ހުރި ބިރުން ފޯނު ކަނޑާލި އިރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ޖޫލީ ސިއްސައިގެން ދިޔައީ އިވުނު އަޑަކުންނެވެ. ހުއްޓުމެއްނެތި ގޭގެ ސިޓިން ރޫމުގައި ހުރި ކުޑަދޮރު ހުޅުވި ހުޅުވިފައި ލެއްޕެމުން ދިޔަ އަޑުފައްގަނޑުން މުޅި ގޭތެރެ އެއްއަޑު ކޮށްލައިފިއެވެ. ޖޫލީ ދުވެފައިވެސް ކުޑަދޮރު ނުލެއްޕި އުޅެނިކޮށް އޭނާގެ ފޯނު އަނެއްކާވެސް ރިންގުވާން ފެށުމުން ޖޫލީ ގޮސް އަނެއްކާވެސް ކޮޓަރިއަށް ވަދެއްޖެއެވެ. މިފަހަރުވެސް ފޯނަށް ގުޅަމުން ދިޔަ މީހާގެ ނަމާއި ފޯނު ނަންބަރެއް ފެންނާކަށް ނެތެވެ. ޖޫލީ ހިތްވަރުކޮށްލާފައި ފޯނު ނެގިއެވެ. “ހަ…ހަ…ހަލޯ…. ތިއީ، ތިއީ ކާކު؟” ޖޫލީގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ. “ކާކުހޭ ތީ…. ޖަވާބު ދީ… ވާހަކަ ނުދައްކާ މަޑުން ހުންނާނެ ކަމެއްނެތް… ސަމާސާ ކުރަން ނޫޅޭ… މަށަކަށް މާ މަޖަލެއް ނޫން… މިބުނީނު ބުނާށޭ ތީ ކާކުކަން… ބުނޭ…. ހަމަ މިހާރު ބުނޭ…” ޖޫލީ ވާހަކަދެއްކި އިރު އޭނާގެ އަޑުގައި ފަހަރަކަށްވުރެ ފަހަރެއް ރުޅިވެރިކަން ފާޅުވާން ފަށައިފިއެވެ.
ކުއްލިއަކަށް އިވުނީ ކޮޓަރީގައި ހުރި ބޮކި ފުނޑުފުނޑުވެގެން ބިންމައްޗަށް ވެއްޓުނު އަޑެވެ. އެވަގުތު މުޅި ގެއަށް ކަނު އަދިރިކަން ވެރިވެގެން ދިޔައެވެ. ޖޫލީ ބޭއިޙްތިޔާރުގައި ހަޅޭއްލަވައިގަނެފައި ދުއްވައިގަތެވެ. އެހެނަސް އޭނައަށް ދުވެވޭ ގޮތެއް ނުވިއެވެ. މީހަކު އައިސް ޖޫލީގެ ގައިގައި އޮޅުލައިގަނެފައި ބައްދައިގަތެވެ. އަދި ޖޫލީ އުފުއްލާލައިގެން ބެލްކަންޏަށް ނުކުތެވެ. “ހެޕީ އެނިވާސަރީ”.. ފިރިހެންވަންތަ ރީތި އަޑެއްގެ ވެރިއެކެވެ. އެ އަޑު ކަންފަތުގައި ޖެހުމާހެކު ޖޫލީއަށް ހޭވެރިކަމެއް ވިއެވެ. އާންއެކެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ޖޫލީ މި ދުނިޔެ މަތީގައި އެންމެ ލޯބިވާ އިންސާނާއެވެ. ޖޫލީގެ ހިތުގައި އެނަމެއް ރަންއަކުރުން ފަވާލެވިފައިވާ އޭނާގެ ހިތުގެ ވެރިޔާއެވެ. އޭނާގެ ހިތުގައި ރަސްކަންކުރަމުންދާ ރާޖާއެވެ. އެއީ ދެވަނަ އެހެން މީހެއްނޫނެވެ. އެއީ ޖޫލީގެ ލޯބިވެރިޔާ ޒުނާމްއެވެ.
“ދެން ޒުނާ……………… ތިއީދެން ފުކެއް ބޮޑުވަރު.. އަހަރެން ބިރުންގޮސް މޭގަނޑު އަތަށް ނައީ ހަމަކިރިޔާއޭ…… ހަނދާންކުރާތި.. މީގެ ފަހުން ތިޔަ ކަހަލަ ސަކަރާތް ނުޖަހާތި…. ޒުނާއަށް އެނގެ އެންނު އަހަރެން ބިރުގަންނާނެ ވަރު….. އަހަރެން ބިރުންގޮސް މަރުވީމަ ދެން ހުންނާތި ދެރަވެފަ އުމުރު ދުވަހު ރޯން…….. ހުވާ މިބުނީ ކިތަންމެ ވަރަކަށް ރުޔަސް އަހަރެން ދިޔުމަށް ފަހުގަ އެނބުރި ނާންނާނެ……..” ޖޫލީ ޒުނާމްގެ ލޮލަށް ބަލައިލުމަށްފަހު ތުން އަނބުރާލިއެވެ.
“ސޮރީ….. ވަރަށް ބޮޑަށް މާފްކުރޭ…. އަހަރެން ހަމަ ސަމާސާކޮށްލަން ބޭނުންވީ…. އެނިވާރސަރީ ވީމަ ރަހަތަފާތުކޮށްލަން ބޭނުންވީ… އަދި އެބައޮތޭ އެއް ސަރޕްރައިޒް….” ޒުނާމް ހީލާފައި ބުނެލިއެވެ.
“ސަރޕްރައިޒްއޭ….. ކޮން ސަރޕްރައިޒެއް….” ޖޫލީ އެއީ ކޮން ސަރޕްރައިޒްއެއްކަން އެނގެން ބޭނުންވެއްޖެއެވެ.
“މި ސަރޕްރައިޒް ދިނުމަށް ފަހުގަ އުމުރު ދުވަހަށްވެސް މީގެ މަތިން ހަނދާން ނުނެތޭވަރުގެ ބޮޑު ސަރޕްރައިޒްއެއް މިދެނީ….” ޒުނާމް ސަމާސާ ޒާތަކަށް ބުނެލިއެވެ. ޖޫލީ ފުން ވިސްނުމަކަށް ދާން ޖެހުނެވެ. ޒުނާމް އެ ދައްކަނީ ކޮން ސަރޕްރައިޒްއެއްގެ ވާހަކަ ބާވައެވެ. ޖޫލީއަށް ވިސްނާ ވިސްނާވެސް އެއީ ކޮން ސަރޕްރައިޒްއެއް ކަމެއް ނޭނގުނެވެ.
“އަހަރެންނަށް މާފުކުރޭ ޖޫ… އަހަރެންނަށް މާފުކުރޭ….” ޒުނާމް ހީގަނެފައި ދައްކަންފެށި ވާހަކައަކުން ޖޫލީގެ ދެލޯ ބޮޑުވެއްޖެއެވެ. ޒުނާމްގެ އަތްދަނޑިމަތީގައި އޮވެ ޖޫލީއަށް ޒުނާމްގެ މޫނަށް ނަޒަރު ހިންގުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުކުރެވުނެވެ. ޖޫލީގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. “ޒުނާމް ކީއްކުރަން ތިއުޅެނީ… ޒުނާމް…” ޖޫލީ ހަޅޭއްލަވައިގަތެވެ.
ޖޫލީ ދިރިއުޅެނީ އިމާރާތެއްގެ އަށާވީސްވަނަ ބުރީގައެވެ. ޒުނާމް ބަލާކަށް ނުހުރެ އޭނާގެ އަތްދަނޑިމަތީގައި އޮތް ޖޫލީ ބެލްކަނީއިން ތިރިއަށް ވައްޓާލިއެވެ. އެއާއެކު މުޅި ޖައްވުގައި ޖޫލީގެ ހަޅޭކުގެ އަޑު ގުގުމާލިއެވެ. އެވަގުތު ޖޫލީގެ ވޭނީ ހަޅޭކުގެ އަޑު ނީވޭ ފަނިފަކުސައެއްވެސް އެ މާހައުލުގައި ނެއްފަދައެވެ. އޭނާގެ ހަޅޭކުގެ އަޑު އެހާވެސް ބާރެވެ.
****
ފައިނޭންސް ހެޑް ރަމީޒުގެ ވާހަތަކަށް ފަހު ފަސީގެ ހިތްވަރު އެލިއްޖެއެވެ. އަމިއްލަ މީހާއަށް ކުރަމުން އައި ނަފްރަތު އިތުރަށް ވަރުގަދަ ވެއްޖެއެވެ. އިތުރަށް އަމިއްލަ ނަފްސުދެކެ ފޫހިވެއްޖެއެވެ. ތިމަންނާއަށް އެއްވެސް ކަމެއް އެހެން މީހުން އުންމީދުކުރާ މިންވަރާއި ގާތަށްވެސް ނުކުރެވޭކަން ފާޅުވުމުން ފަސީގެ ހިތް ރޯންފަށައިފިއެވެ. ފެންކަޅިވެފައިހުރެ ރަމީޒަށް ބެލުން ނޫންކަމެއް ފަސީއަކަށް ނުކުރެވުނެވެ.
“މިއީ އަހަރެން ދައްކަން ބޭނުންވީ ވާހަކަތަކެއް ނޫން.. އެހެނަސް އަހަރެންނަށްވެސް މަޖުބޫރުވީ… މެނޭޖުމެންޓުން އަހަރެންނަށް ވަރަށް ޕްރެޝަރު ކުރީމަ އަހަރެންނަށް އިތުރު ގޮތެއް ނެތުނީމަ މިހުރިހާ ވާހަކަތަކެއް ފަސީ ގާތުގައި މިދެއްކީ… ފަސީއަށް ހަޤީޤަތް އޮޅުވާލާކަށް އަހަރެންވެސް ބޭނުމެއްނޫން… އެހެންވެ ހަޤީޤަތަށް ކަން އޮތް ގޮތަށް ވާހަކަ ދެއްކީ…” ފަސީގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުތަނަށް ފެނި ރަމީޒަށްވެސް ފަސީއާއި މެދު ހަމްދަރުދީވެވުނެވެ.
“އަހަރެންނަށް މާފުކުރޭ ރަމީ… އައި އޯލްވޭސް ޓެރައިޑް މައި ބެސްޓު… އަހަރެން އަބަދުވެސް އަހަރެންނަށް ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރެވޭތޯ މަސައްކަތްކުރިން… އެކަމަކު މިއީ އަހަރެންގެ ޕެޝަންއެއް ނޫން… މި މަސައްކަތަކީ އަހަރެން ކުރަން ބޭނުންވެގެން ކުރާ މަސައްކަތެއް ނޫން… މިއީ އަހަރެން ހިތާއި ދެކޮޅަށް ނުރުހުމުގަ ކުރާ މަސައްކަތެއް… ކޮންމެ ދުވަހަކު ހެނދުނު ހޭލާއިރަށް ވަޒީފާމަތިން ހަނދާންވާއިރަށް އަހަރެންގެ މޭބޮޑުވޭ… މި ވަޒީފާ އަދާކުރުން އަހަރެންނަށް މިވަނީ ބޮޑު ތުރާލަކަށްވެފަ… ނަފްސާނީ ގޮތުންނާ ޖިސްމާނީ ގޮތުންވެސް އަހަރެން ބަލިކަށިވެއްޖެ… ވިސްނާ ވިސްނާ ސިކުނޑި ފަޅައިގެންދާވަރުވޭ…. އަހަރެން އަބަދުވެސް އިތުބާރުހިފޭ ކޮންމެވެސް މީހަކު ކައިރީ މިވާހަކަތައް ހިއްސާކުރަން ބޭނުންވި… އެހެނަސް އަހަރެންނަކަށް އެ ފުރުސަތެއް ނުލިބުނު… މިއަދު އަދި ކިރިޔާ އަހަރެންނަށް މިވާހަކަ މީހަކާ ހަމަޖެހިގެން ހިއްސާކޮށްލެވޭ ވަރު މިވީ… މިވަރު ވީކަމަށްޓަކައިވެސް ހީވަނީ ބޮލުން ބޮޑު ހިލަގަނޑެއް ނެގުނުހެން… ވަރަށް ބޯ ބަރުކޮށް ދުވަސްތައް ވޭތުކުރަމުން މިދަނީ…” ފަސީ އޭނާގެ ލޮލުން ނީރާލި ކަރުނަތައް ފޮހެލަމުން އޭނާގެ ހިތުގެ ކެކުޅުންތައް ބަންޑުންކޮށްލިއެވެ. ރަމީޒު ހުރީ ކަނުލާ އަޑުއަހާށެވެ. ފަސީގެ ހާލަތު އޭނާއަށް ނުހަނު ރަނގަޅަށް އެނގޭތީއެވެ. ފަސީ އެބުނަނީ ހައްޤު ތެދެކެވެ. ކުރާހިތްނުވާ މަސައްކަތެއް ކިތަންމެ ވަރަކަށް ކުރަން އުޅުނަސް އެކަމެއް ރަނގަޅަކަށް ފުރިހަމައަކަށް ނުކުރެވޭނެއެވެ. މަދު މީހަކަށް މެނުވީއެވެ. ކޮންމެ މީހަކަށްވެސް އެންމެ ރަނގަޅަށް ކުރެވޭނީ އެމީހަކު ހިތްއެދޭ ކަމެކެވެ. އެ މަސައްކަތަކުން އުފަލެއް ހިތްހަމަޖެހުމެއް ލިބޭނަމައެވެ.
“އަހަރެންނަށް އިނގޭ… ފަސީއަށް ތިވާ ގޮތަކީ ތިއީކަން… ގޮތް ނިންމާނީ ފަސީ…. ފަސީކުރަން ޖެހޭނީ ފަސީ ބޭނުންވާ މަސައްކަތެއް.. ފަސީގެ މުޅި އުމުރުހެން އަދި ތިޔައޮތީ ކުރިއަށް… ކުރާހިތްނުވާ ކަމެއް ކުރަން އުމުރުގެ ދިހަ އަހަރު ތިޔަ ބާކީކޮށްލީ… ދިރިއުޅުމުގެ ކުރިއަށްއޮތް ބައިވެސް އެގޮތަށް ބޭކާރުކޮށްނުލާތި… އެހެންނޫނީ މި ދުނިޔެއަށް ނޭވާލާ ކޮންމެ ދުވަހަކު ފަސީގެ ހިތްމަރާލާނެ…. އަހަރެން މިދެނީ ނަސޭހަތެއް ކަމުގަ ބަލާފަ ކުރިއަށްދޭ ފަސީ… އަހަރެން އެއްގޮތަކަށްވެސް މި ވާހަކަ ދައްކަނީ ފަސީގެ ބޮސްގެ ހައިސިއްޔަތަކުން ނޫން…. ފަސީއަށް ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން… އަހަރެން ފަސީއަށް އެދެނީ އުފާވެރި މުސްތަޤުބަލެއް… އެއްވެސް މީހަކަށްޓަކައި އެއްވެސް ހާލަތެއްގައި ތިމާގެ މުސްތަޤުބަލު ނަގާ ނުލާތި…. ހިތްއެދޭ ކަމެއް ކޮށްގެން ކުރިއަށް ދެވޭތޯ ބަލާ….” ފަސީގެ ކޮނޑުގައި ޖަހާލުމަށްފަހު ހިނިތުންވެލާފައި ރަމީޒު އޭނާގެ ކެބިންއިން ނިކުމެގެން ދިޔައެވެ. ފަސީ އޭނާގެ ދެއަތް މޫނުގައި އަޅާލުމަށްފަހު ލޯމަރާލިއެވެ. އަދި ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު އިސްތަށިގަނޑުގައި އަތް ހިންގާލީ ރަމީޒު ދެއްކި ވާހަކަތަކާއި މެދު ފުންކޮށް ވިސްނާލަމުންނެވެ.
*****
ސިއްސައިގެންގޮސް ޖޫލީ ހޭލިއިރު މުޅި މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. ފެނުނު ހުވަފެނުގެ ބިރުވެރިކަމުންނެވެ. ޖޫލީއަށް ބޭއިޙްތިޔާރުގައި އޮޅުލައިގަނެވުނީ ކައިރީގައި ނިދާފައި އޮތް ޒުނާމްގެ ގައިގައެވެ. އެވަގުތު ޒުނާމްއަށްވެސް ހޭލެވުނެވެ. ޖޫލީ މައިނޭވާ ލަމުން ދިޔަ އިރު އޭނާގެ ދެލޯވެސް ހުރީ ބޮޑުވެފައެވެ. ޒުނާމްއަށް އެ މަންޒަރު ފެނި އޭނާވެސް ކަންބޮޑުވެ ހިތްއަވަސްވެއްޖެއެވެ. އެހެނަސް ބިރުވެރި ހުވަފެންތައް ފެނުމަކީ ޖޫލީއަށް އައު ކަމެއް ނޫނެވެ. އެއީ އާންމު ކަމެކެވެ. ވުމާއެކު ޖޫލީއަށް އެވަރު އެވީ ބިރުވެރި ހުވަފެނެއް ފެނިގެންކަން ޒުނާމްއަށް ވިސްނުނެވެ. އެހެނަސް ހިތަށް އަރަނީ އެ ފެނުނީ ކޮން ހުވަފެނެއް ކަމާމެދުއެވެ. “ޖޫ… ކިހިނެއްތަ ވީ… ވާހަކަ ދައްކަބަލަ… ބިރުވެރި ހުވަފެނެއް ފެނުނީ ދޯ…. މިފަހަރު އަނެއްކާ ކޮން ކަންތައްގަނޑެއް ފެނުނީ…. ޝަހާދަތާ ކުރުސިޔާ ނުކިޔާ ނިދީދޯ….؟” ޒުނާމް ހާސްވެފައި އަހާލިއެވެ. އަދި ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ހުރި ފެން ޖަގުން ފެންފޮދެއް އެތަނުގައި ހުރި ލޯވައްޓަށް އަޅައިލުމަށްފަހު ޖޫލީއަށް ބޯންދިނެވެ. ޖޫލީ އޭނާގެ އަތް ތުރުތުރުއަޅާ ހާލު ފެންތަށީގައި ހިފާ ކޯވަރެއް ދަމާލިއެވެ. އަދި ފެންތަށި ބޭންދުމަށްފަހު ޒުނާމްގެ ގައިގައި އަނެއްކާވެސް ބައްދާލިއެވެ. ދެން އިވުނީ ރޯންފެށި އަޑެވެ. ޒުނާމް ކުރިއަށްވުރެވެސް ބޮޑަށް ހާސްވިއެވެ. ބޮޑުކަމެއް ވީކަން ޒުނާމްއަށް ވިސްނެއެވެ. އެހެންކަމުން ވީ ކީއްކަން އެނގެން އޭނާ ބޭނުންވިއެވެ. “ޖޫ… ކިހިނެއްތަ ވީ… ބުނެބަލަ… އަހަރެންނަށް ކިޔާދީބަލަ… އަހަރެން މިހުރީ އަޑުއަހާށޭ… އަހަރެން ހުއްޓާ ޖޫއަށް އެއްވެސް ކަމެއް ނުވާނެ… އަހަރެންނަށް އިތުބާރުކުރޭ…” ޒުނާމް މަސައްކަތް ކުރީ ޖޫލީ ހަމައަކަށް އެޅުވޭތޯއެވެ.
“އަހަރެންނަށް ފެނުނީ…. ފުރަ މެންދަމު… އަހަރެން ހުރީ އެކަނިމައި އެކަނި… އަންނަނައުނު ފަތްޖަހަން… ހުއްޓާ އަހަރެންގެ ފޯނަށް މީހަކު ގުޅަން ފެށީމަ އަހަރެން ފޯނު ނަގާފަ ވާހަކަ ދެއްކީމަވެސް އެމީހަކު އެއްވެސް ޖަވާބެއް ނުދޭ.. ދެން އިޝާހިތެއްތެރޭގަ ކޮޓަރީގަ ދިއްލާފަ ހުރި ބޮކި ފުނޑުފުނޑުވެގެން ބިންމައްޗަށް ވެއްޓި މުޅި މާހައުލު އަނދިރިކަމުން ވަށާލީ… އަހަރެން ބިރުން ދުއްވައިގަން ގަޑީގައި ފަހަތުން އައިސް ޒުނާ އަހަރެން ގައިގައި ބައްދައިގަނެފަ އަހަރެން ޒުނާގެ އަތްދަނޑިމައްޗަށް ލައިގެން ގެންދީ ބެލްކަންޏަށް… ދެން ބުނީ ހެޕީ އެނިވާސަރީއޭ… ސަރޕްރައިޒެއް ދޭށޭ މިއުޅެނީ…. ދެން އަހަރެން ބުނީ ކޮން ސަރޕްރައިޒް އެއް ހެއްޔޭ… ޒުނާ ބުނީ، މި އުޅެނީ ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭވަރުގެ ބޮޑު ސަރޕްރައިޒެއް ދޭށޭ… ކިޔާފަ އަހަރެން ބެލްކަނީއިން ތިރިއަށް ވައްޓާލީ… އެވެސް އަށާވީސް ވަނަ ބުރިން….” ޖޫލީ ރޮއެގަތެވެ. “ޒުނާ އަނެއްކާ އަހަރެން މަރާލަން ވިސްނަނީތަ… އަހަރެންނަށް ގެއްލުމެއް ދޭން ވިސްނަނީތަ…” ޖޫލީއަށް ގިސްލަގިސްލާފައި ރޮމުން ސުވާލުކުރަމުން ދިޔައެވެ.
“ނޫން ޖޫ… އަހަރެން ހަމަހޭގަ ހުރެގެން ދުވަހަކުވެސް ތިޔަކަހަލަ ކަމެއް ނުކުރާނެ… ތިއީ އިބިލީހުގެ ވަސްވާސް… އަހަރެން ޖޫއަށް އެކަހަލަ ކަމެއް ނުކުރާނެކަން ޖޫއަށް އެނގެއެންނު… ޖޫ ތީ އަހަރެންގެ ހިތުގެ ވިންދު… އަހަރެންގެ ފުރާނަ… ޖޫއާ ނުލާ އަހަރެންނަށް މިދުނިޔޭގަ އެންމެ ސިކުންތެއްވެސް ވޭތުނުކުރެވޭނެ… ޔޫ އާ މައި ހޯލް ވާރލްޑް… ޔޫ މީން އެވްރީތިން ޓު މީ… އަހަރެން ދުވަހަކުވެސް ޖޫލީއަށް ދެރަގޮތެއް ނަހަދާނަން… އަހަރެންނާ މެދު ތިޔަކަހަލަ ޝައްކެއް ދުވަހަކުވެސް ނުކުރާއްޗެ އިނގޭ…” ޒުނާމް ޖޫލީގެ ނިއްކުރީގައި ބޮހެއްދެމުން ބުނެލިއެވެ.
“އަހަރެންނަށް އެނގޭ ޒުނާ އަހަރެން ދެކެ ލޯބިވާ މިންވަރު… އައި ނޯ ޔޫ ކުޑް ނެވާ ޑޫ ދެޓް ޓު މީ… އަހަރެން ދެލޯ ނޭދި ޒުނާއަށް އިތުބާރުކުރަން… އަހަރެން ޒުނާއަށް އިތުބާރުނުކޮށް ފަހެ ކާކަށް އިތުބާރު ކުރާނީ…” ޖޫލީ ބުންޏެވެ.
“އާން… ދެން ތި ހުވަފެނުގެ ހަނދާން ނައްތާލާ.. މިހާރު އެއޮށް ފަތިސްވީ… ބަންގިވެސް އެގޮވަނީ…. ދޭ ނަމާދުކޮށްލަން ތައްޔާރުވެލައިގެން އަންނަން… ޖޫ ވުލޫކޮށްގެން އައީމަ އަހަރެން ދާނަން… މިއަދު މީ ބޮޑު ދުވަހެއް ދޯ… ރަށަށް ދިއުމުގެ ކުރިން ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ މިއަދު ނިންމާލަން ޖެހޭނެ…. އަދި ލައްކަ މަސައްކަތް އެބައޮތް… އެހެންވީމަ އަވަހަށް ފަށަންޖެހޭނެ ދޯ…” ފުން ނޭވާއެއް ބޭރުކޮށްލަމުން ޒުނާމް ބުނެލިއެވެ.
****
“ޒުހުރާ.. މިރޭ ކޯޗެއް ލައިގެން ކާން ހުރީ..” އިޝާ ނަމާދުން ނިމިގެން އައިސް ގެއަށް އެވަނީ ޤަފޫރެވެ. ޒުހުރާއަކީ ފަސީހުގެ މަންމައެވެ. އަދި ޤަފޫރަކީ އޭނާގެ ބައްޕައެވެ. ޤަފޫރުގެ ބަލިހާލަތު ހުންނަ ގަތުން މިހާރު އޭނާއަކީ އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ހުންނަ މީހެކެވެ. ގަދަފަދަ އިރުގައި މަހަށްގޮސްގެން ލާރި ހޯދައިގެން ގުދުބިންދައިގެން ހޭބޯނާރާ މަސައްކަތް ކުރީ އޭނާގެ ދެދަރިން ކަމުގައިވާ ފަސީހާއި ރާމިޔާއަށް އުޖާލާ ފާގަތި މުސްތަޤުބަލެއް ހޯދައިދެވޭތޯއެވެ. ރާމިޔާ އުޅެނީ ކައިވެންޏެއް ކޮށްގެންނެވެ. އެހެނަސް މައިންބަފައިންގެ ނުގަބޫލުގައެވެ. އެމީހުންގެ ތަރުބިއްޔަތުގައި ކޮޅުފައިން ޖަހާފައި ރާމިޔާ ކަސިޔާރު މަގެއް އިހުތިޔާރުކުރީތީ ޒުހުރާއާއި ޤަފޫރު އަދި ފަސީހުވެސް ތިބީ އަދިވެސް އެކަމުގެ ރުޅީގައެވެ. އެއް ފުރާޅެއްގެ ދަށުގައި އުޅުނަސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ޒުވާބެއް ކޮންމެވެސް އަރާރުމެއް ވާންޖެހެނީ އެ ސަބަބަށްޓަކައެވެ. ވާނީވެސް އެހެންތާއެވެ. ރާމިޔާ ކައިވެނި ކޮށްގެން އުޅެނީ ރަށުގައިވެސް އެންމެ ވިޔާނުދާ މީހުންގެ ލިސްޓުގެ އެއްވަނަ ފަތަހަކުރަމުންދާ ހާނިމާއެވެ. ހާނިމަކީ މަސްތުވާތަކެތީގެ ވަބައިގައި ޖެހި ދުނިޔެ ދުވަސްގޮސްފައި ހުރި މީހެކެވެ. ނުކުރާކަ ނުބައިކަމެއް ނެތެވެ. މަސްތުވާތަކެތި ބޭނުންކުރެއެވެ. ވިއްކައެވެ. އެކަށް ނުކޮށް ރީއްޗަށް ތިބޭ ޅަފުރާގެ ކުދިންވެސް އެކަމުގެ ތެރެއަށް ވައްދައެވެ. ވިއްކަނީ ހަމައެކަނި ހިއްތަލަފުށި މީހުންނަކަށް ނޫނެވެ. އަތޮޅުތެރޭގައިވެސް އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެކަކީ ހާނިމަށް ނުވެ ނުދާނެއެވެ. ކަން މިހެން ހުރުމާއެކު، ޒަވާޖީ ހަޔާތުގެވެސް ބޮޑުބައެއް ހޭދަކުރަމުން އައީ ޖަލުގައެވެ. މިނިވަންވީ އެހަކަށް ދުވަހުއެވެ. އުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އިރަކު ލޯބިވިޔަށް ރާމިޔާވެސް މިހާރު ހާނިމްދެކެ ފޫހިވެއްޖެއެވެ. އެއްވެސް ދިރިއުޅުމެއް ނުލިބުނީތީއެވެ. އެއްވެސް އުފަލެއް ހަމަޖެހުމެއް ހޯދަނި ނުދެވުނީތީއެވެ. ހާނިމްގެ ހަޤީޤަތް އެނގި ހުރެ އޭނައާއި ކައިވެނި ކުރެވުނު ކަމަށްޓަކައި މިއަދު ރާމިޔާއަށް މޮޔަހީވެއެވެ. ގިސްލާ ރޮއެވެއެވެ. މުސްތަޤުބަލެއް ނުލިބުނީތީ އެކަމާ ހިތާމަކުރާ އެންމެ ސިކުންތެއްވެސް ވޭތުނުވެއެވެ. އޭނާ ހުންނަނީ މުޅި ދިރިއުޅުން މަތިން ފޫހިވެފައެވެ.
“ކޮބާތަ މިގޭގަ އުޅޭ ޕާޓޭ؟…” ދެބުމަ ގާތްކޮށްލަމުން ޤަފޫރު ޒުހުރާ ކުރެން ސުވާލުކޮށްލިއެވެ.
“ނޭނގެ މަށަކަށް…. ބޯފަޅައިގެންދާވަރުވޭ… ލަދުންވެސް މަރުވާވަރުވޭ… ރާމީއަށްވެސް މިހާރު ވިސްނޭނެ… އެދުވަހު އަހަރެމެންގެ ބަސް އުވާލާފައި އަހަރެމެންގެ ނަސޭހަތުގައި ކޮޅުފައިން ޖަހާފަ އެސޮރާ އިނީމަ ތާހިރުވެއްޖެ އެންނު… ދިރިއުޅުމެއް ހޯދަނި ނުދެވުނު ތަނުގަ ބޮއެފަ ބާކީއެއް ނުވޭ… އެސޮރަށް ނޯވެ ބޮއެފަ ބާކީއެއް… މިއަދު ހެނދުނުވެސް މަ ހޭލައިގެން ބޮޑުގިފިއްޔަށް ނިކުތްއިރު އެތަނުގައި އޮތީ ހުސް ހޮޑު… ހުސްކޮށްފަ އޮތް ކޯލާވާޓަރު ދެފުޅިވެސް އޮތް…. އެއީ އެސޮރު ނޫން އެހެން މީހެއްގެ ކަމެއް ނޫން… މިހާރު އޮންނާނެ އަނެއްކާ… ބޮއެގެން ކޮންމެސް ބިތެއްގަ ބިއްޖެހިފަ…. ލަދުން ބޯފަޅައިން ދާވަރުވޭ ސަހާދެއް މިބުނީ… ރާމީ ކަހަލަ ދަރިން ރަނގަޅުވާނެ ނުލިބުނަސް… އެފަދަ ދަރިންގެ ފަރާތުން އުފަލެއް ނުލިބޭތާ ރީތި ބަހެއްވެސް ނުލިބޭނެ… އަހަރެން ބުނިތަން މިހާރު އެއޮތީ އައިސްފަ…. ޤަފޫރް ބަލަން ހުންނާތި… މަ ބުނީތީވެސް ބަލާތި… މިރޭވެސް ފުލުހުން އެބައުޅޭ މިރަށަށް އަރާ… މަސްތުވާތަކެއްޗާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ މިޝަންއެއްގަ… މިރޭ އެސޮރު އަތުލައި ނުގަތުން އެއީ ނެތް ގޮތެއް.. މަ ބުނީތީވެސް ބަލާތި….” ޒުހުރާ އައިސްފައިހުރީ އަމަށަކު ރުޅިއެއް ނޫނެވެ.
“އާން… ކަން އޮތީ ތިޔަހެން… އެކަމަކު އަހަރެމެން ކީއް ކުރާނީ… ރާމީއަކީ ދަރިއެއް ވީޔަ… އެހާ ލޯބިން ބަލާ ބޮޑުކުރީމަވެސް ކަންވީ ތިޔަބުނާހެން… ކީއްކުރާނީ… ދަރިއެއް ވީމަ ގެއިން ބޭރުކޮށްލެވޭކަށްވެސް ނެތް… އަހަރެންވެސް ގޮތް ހުސްވެއްޖެ… ދެން ކީއްކުރާނީ…. އަހަރެން އަދިވެސް މަސައްކަތްކުރާނަން…. ރާމީއަށް ވިސްނައިދެވޭތޯ… މިހާރު އެ އުޅެނީ ދެން އެއްވެސް ދިރިއުޅުމެއްތަ… އެއީކީ އެއްވެސް ދިރިއުޅުމެއް ނޫން… ހާނިމަށް ލިބޭހާ ލާރިއެއްވެސް އެ ހުސްކޮށްލަނީ ބުއިމަށް…. ރާމީގެ ހުރިހާ ހަރަދެއްވެސް މި ބަލަހައްޓަނީ އަހަރެމެން.. ފަސީ ހޯދާ ފައިސާއިން…. އަހަރެންނަށް މިހާރު އެބަ ހީވޭ.. ރާމީއަށްވެސް އޭނާއަށް ކުރެވުނު ކަންތަކުގެ މޮޔަ ހީވާން ފަށައިފިހެން…” ޤަފޫރު ބޮލުގައި އަތް ކާތާލަމުން ބުންޏެވެ.
“ދެން ވިސްނިޔަކަސް ވާނެކަމެއް ނެތް… މާ ބޮޑަށްވެސް ލަސްވެއްޖެ… މާ ބޮޑަށްވެސް ވަގުތު ފާއިތުވެއްޖެ…. ދެން ކިތަންމެ ވަރަކަށް ރުޔަސް އެއީ ނުވާކަމަކަށް ނުވާނެ… އަދި ބުނަން…. އެކަހަލަ ފިރިހެނުން ކިބައިން ސަލާމަތްވުމަކީވެސް ފަސޭހަކަމެއް ނޫން… މަ ބުނީތީވެސް ބަލާތި…” ޒުހުރާ ޗުސްކަނޑާލަމުން ބުނެލިއެވެ.
****
ރާމިޔާ އެދުމަތީގައި ދެކޮޅު ދެކޮޅަށް އެނބުރި އެނބުރި އޮތީ ނިދޭތޯއެވެ. ބޮލުގަ ރިއްސާވަރުންނެވެ. ރިއްސާލެއް ބާރުކަމުން އަމިއްލަ ހާލަށް ތެދުވެ ނޫޅެވޭނެތީވެ ރާމިޔާ އޭނާގެ ފިރިމީހާ ހާނިމް، ޕެރަސެޓަމޯލް ކާޑެއް ގަންނަން ފޮނުވިތާ މިހާރު ތިން ގަޑިއިރަށް ވުރެ ގިނައިރު ވެއްޖެއެވެ. ރާމިޔާ އިރުއިރުކޮޅުން ހާނިމްގެ ފޯނަށް ގުޅައެވެ. ނަމަވެސް ޖަވާބެއް ލިބޭނީ ފޯނު ނަގާނަމަތާއެވެ. ހާނިމްއާއި ކައިވެނި ކުރުމުގެ ސަބަބުން މައިންބަފައިންނާއި ދެމެދުގައި އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން އެމީހުން ކިބައިން އެހީއެއް ހޯދަން އެދޭކަށް ރާމިޔާއަކަށް ނުކެރެއެވެ. ހުރިހާ ކަމަކަށްމެ ބަރޯސާވާން ޖެހެނީ ހާނިމްއަށެވެ. އެކަމަކު ހާނިމްއަށް ބޮއެފަ ބާކީއެއް ނޯވެއެވެ. ކަމަކު ބުންޏަސް ކޮށްދެވެނީ މަދު ފަހަރަކުއެވެ. މިރޭވެސް ވީނުވީއެއް ނޭންގުމުން ރާމިޔާ އެއޮތީ ހިތްހަމަނުޖެހިފައެވެ. ފޫހިކަމާއެކު ކައިރީގައި އޮތް ބައްތި ނޮކިއާ ފޯނު ނަގައި ގަޑި ބަލައިލިއިރު ރޭގަނޑު އެގާރަގަޑި ބައިވެ ބޮޑުވެއްޖެއެވެ. މިއޮތީވާ ދިރިއުޅުމެކެވެ. ރާމިޔާ ހިތަށްއެރިއެވެ. މި ދިރިއުޅުމުން މިންޖުވެވޭނެބާއެވެ. ދިރިއުޅުމަށް މިއަށްވުރެ ހެޔޮބަދަލެއް އައިސްދާނެބާއެވެ. ހަޔާތުގަ މިއަދަށްވުރެ ފަހި ފާގަތި ދުވަސްތަކެއް ލިބިދާނެބާއެވެ. މާތް ﷲ އަށް ވަކީލެވެ.
“ރާމީ….” ހާނިމް އައިސް ދޮރުގައި ޓަކިތަޅާ އަޑަށް ރާމިޔާ ދިޔައީ އެއްލިގަނެގެންނެވެ. ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ރާމިޔާ ގޮސް ދޮރު ހުޅުވިއިރު ހިނިތުންވެލާފައި ހާނިމް ރާމިޔާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
“ކީއްވެ ތި ބަލަނީ؟…” ރާމިޔާ ސުވާލުކޮށްލިއެވެ.
“ރީތި ކަމުން…” ހާނިމް ސަމާސާކޮށްލިއެވެ. ރާމިޔާ ތުންއަނބުރާލާފައި ދެބުމަ ގާތްކޮށްލިއެވެ.
“ކޮބާ މަގޭ ގެންނަން ބުނި ބޭސްކާޑު… އެ ހިފައިގެންތަ ތިއައީ… މިހާރު ކިހާއިރެއް އަހަރެން އެހެން ކިޔާފަ ފޮނުވިތާ… ހާނިމްއަށް ވަރިހަމަދޯ މަގޭ މިތާ އޮވެ މަރުވިޔަސް…” ރާމިޔާ ހުރީ ހިތްހަމަނުޖެހިފައެވެ. ހާނިމްއަށް ބެލުމުގެ ބަދަލުގައި ކުރިމަތީގައި ހުރި ދޮރުގެ ދޮރުކަންޏަށް ބަލަހައްޓައިގެންހުރެ ވާހަކަދެއްކީ އެ ސަބަބަށްޓަކައެވެ.
“އައިއޭމް ސޮރީ ޑާލިންގް…. އަހަރެންނަށް މާފުކުރޭ…. އަހަރެން ހަނދާންނެތުނީ…. ޕްލީސް އަހަރެންނަށް މާފްކޮށްފާނަންތަ…؟” ހާނިމް ރެކިގަންނަން މަސައްކަތްކުރިއެވެ.
“އާޗާ… ހަނދާން ނެތުނީއޭ ކިޔާފަ ދެއަތްއުރާލާފަ ހުރީމަ ހުރިހާ ކަމެއް ފުދުނީތަ؟ ކަލޭ ލަދެއް ނުގަނޭތަ…. އަންހެނުން ބަލިވެ ބޭސްކާޑެއް ގަނެދޭށޭ ކިޔާފަ ފޮނުވީމަ މުޅި ރަށު ތެރޭގަ ތެޅި ބާލާފަ ހިތްފުރޭވަރަށް ބޯލެވުނީމަ އައިސް ގެއަށް ތި ވަދެގަންނަނީ…. ތިޔަ ކަހަލަ ފިރިއަކު ނެތަސް މާ ތާހިރުވާނެ…. ފިރިހެނަކަށްވެސް ނުވެ. މީހަކަށްވެސް ނުވެ… ތިއީ ހަމަ ފައްކާ ގަމީހެއް…” ރާމިޔާ ހުރީ ހުއްޓާލާ ގޮތަކަށް ނޫނެވެ. އޭނާގެ ހިތުގައި ފޮރުވައިގެންހުރި ރުޅިވެރި ޖަޒުބާތުތައް ފަތިފައްޗަށް އަމުނަމުން ދިޔަ ވަރަކަށް ހާނިމްގެ ލޭވެސް ދިޔައީ ކެކެމުންނެވެ. ހާނިމް ބަލާކަތްނުހުރެ ޖަނަވާރެއްހެން އައިސް ރާމިޔާގެ ގަޔަށް އަރައިގަނެ އަނިޔާކުރަން ފެށިއެވެ. އަދި ރާމިޔާގެ ކޯތާފަތުގައި ޖެހިލެއް ބާރުކަމުން ރާމިޔާ ވެއްޓު އޭނާގެ ދަތްދޮޅި މުށިގަނޑުގައި ޖެހުނުޖެހުނުން ފަޅައިގެންދިޔައެވެ. އެވަގުތު އޭނާގެ ދަތްދޮޅިން ހޯސްލާފައި ލޭ އަންނަން ފެށިއެވެ. ރަހުމުގެ ޒައްރެއްގެ މިންވަރުވެސް ނެތި ހާނިމް ގޮސް ރާމިޔާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. ރާމިޔާއަށް ވީތަދުން އޭނާ ހަޅޭއްލަވައިގަތެވެ. އެހީއަށްއެދި ރޮއެހޭރެމުންދިޔައެވެ. އެ އަޑުފައްގަނޑަށް ކާގޭގައި ތިބި ޤަފޫރާއި ޒުހުރާވެސް ދުވެ ގަޑަގަޑައަޅާފައި އައިސް ކޮޓަރިއަށް ވަނެވެ.
“މިހިރަ ޖަނަވާރަކަށް ދޫނުކުރާ އިންސާނާ….!!!” ޤަފޫރުގެ ހައްޓަކު ހެއެއް ނެތެވެ. ރާމިޔާގެ ދަތްދޮޅިން ފައިބަމުންދިޔަ ލޭތަށް މުށިގަނޑަށް ފޭދެމުންދިޔައިރު ރާމިޔާ ވަރުނެތިގެން ވެއްޓިފައިއޮތް މަންޒަރު ފެނި ޤަފޫރުގެ ލަނގޮޑިއަކަށް ކެތެއްނުކުރެވުނެވެ. ދުލުން ނުބައި ބަސްތައް ބޭރުވަމުން ދިޔައިރު އެކަމަށްވެސް އެއްވެސް ފަރުވާލެއް ނެތެވެ.
“ހަނދާން ކުރާތި.. ޙަބަރުދާރު…! ކަލޭ މީގެ ފަހުން މަގޭ ދަރިގައިގަ އިނގިލިކުރި ޖައްސާލިޔަސް މަށަށްވުރެ ނުބައި މީހަކު ނުހުންނާނެ… ކަލޭ ކަތިލާ ކޮށާލާނަން…” ޤަފޫރު ހާނިމްއަށް ވަރުގަދަ އިންޒާރެއް ދިނެވެ. އެހެނަސް ވަޅުކައްޓަފުޅި ދާންޏަކަށް ސިހޭނެހެއްޔެވެ؟… ނުސިހޭނެތާއެވެ. ޤަފޫރުދެކެ ހާނިމް ބިރުގަންނާނެ ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ނޫނެކެވެ.
“ހަމަ މިހާރު، މި ވަގުތުން ވަގުތަށް ކަލޭ މިގެއިން ނިކުމޭ… ހަމަ މިހާރު ނިކުމޭ… މަގޭ ގެއަކީ ތިޔަފަދަ ޖަނަވާރުން ވަދެނިކުމެ ހަދަން ހަދާފަހުރި ޖަނަވާރުކޮށްޓެއް ނޫން!!” ޤަފޫރުގެ ލޭވެސް މައްޗަށް ދާން ފަށައިފިއެވެ.
“މަށެއް ނޫޅެމޭ މިގޭގަ އުޅޭ ހިތަކުން… މީ އަމްބާނީ ހަދާފަހުރި ގަނޑުވަރެއް ނޫނޭ މިތަނުގަ އުޅެން މީހަކު ހޭދެބައި ވާކަށް… މި ނޫނަސް މަގޭ ވަންނާނެ ތަންތަން ބައިވަރު އެބަހުރި.. އަދި ބުނަން… މީގެ ފަހުން މަށާ ދިމާލަށް ޖަނަވާރެކޭ ނުބުނައްޗޭ… ކަލޭގެ ތިޔަ ހަލުއި ދޫ ބުރިކޮށްލާނަން… ނުކުޅެދޭމީހަކަށް ހަދާލާނަން… ހަނދާންކުރައްޗޭ… މަށަށް ބިރުދައްކާ އިންޒާރުދޭން ކަލޭތީ ދެން އެއްވެސް މީހެއްނޫން..” ހާނިމް ޤަފޫރުގެ ކުރިމައްޗަށް އައިސް އިނގިލި ދިއްކޮށްލާފައި ބުންޏެވެ. ޤަފޫރު ބިރުންގޮސް ފަހަތަށް ފިޔަވަޅެއްއެޅިއެވެ.
ޤަފޫރު އެވަރަށް ރުޅިއައިސް ހުއްޓާވެސް ހާނިމް ދަމުން ދިޔައީ ބިންމަތީގައި ވެއްޓިފައި އޮތް ރާމިޔާގެ ގައިގައި ކޮޅުފައިންވެސް ޖަހާފައެވެ.
ރާމިޔާއަށް ގިސްޖެހިޖެހިފައި ރޮވެމުންދިޔައެވެ. ޒުހުރާ ފުރިޖުން ނަގައިގެންއައި އައިސްކިޔުބަކާއި ފޮތިގަނޑެއް ދިއްކޮށްލުމުން އޭގައި ހިފާލަންވެސް އަތްދިއްކޮށްލާކަށް ރާމިޔާއަކަށް ނުކެރުނެވެ.
****
“އައިފޯން 16 ޕްރޯ…. އެކަމަކު ބައްތި ނޮކެއާއަކަށްވުރެ ރޭންޖުގެ މައްސަލަ ބޮޑު…” ޖޫލީ އޭނާގެ ފޯނަށް ރޭންޖު ނުލިބޭތީ އެކަމާއި ކުދިކިޔަން ހުރީ އޭނާގެ މަންމައަށް ނުގުޅިގެންނެވެ. ރާއްޖެއަށް އަންނަންވާއިރަށް އެއްޗެހި ޕެކްކުރުމުގައި ހެނދުންސުރެ އުޅުމުން ވަރުބަލިކަމުގެ އަސަރު ޖޫލީގެ މޫނުން ފެންނަމުންދިޔައެވެ.
“އެއީ ތިޔަ ފޯނުގެ މައްސަލައެއްނޫން… މި ބިލްޑިންގެ މައްސަލަ.. ކުރީގަވެސް އަބަދު ރޭންޖުގެ މައްސަލަޖެހެއެއްނު…” ޒުނާމް ބުނެލިއެވެ.
“އެކަމަކު ރޭންޖުގެ މައްސަލަ އުޅެންޏާ ކީއްވެ ހަމައެކަނި ޖޫގެ ފޯނަށް ރޭންޖު ނުލިބެންވީ…. އަޖައިބެއް ކަހަލަ ކަމެއްނު މިވެސް.. އަޅެ ޕްލީސް ދީބަލަ ޒުނާގެ ފޯން… އަހަރެން މަންމައަށް ވަޓްސްއެޕުން ގުޅާލަން އެބަޖެހެ… މަންމަ ކައިރީ އެބަ ބުނަންޖެހެއެއްނު މިއަދު އަހަރެމެން މިއުޅެނީ ފުރާށޭ… އޭރަށް ދޯ ބައްޕައަށް އެނގޭނީ ގަޑިއަށް އެއާޕޯޓަށް ދާން…” ޖޫލީ އައިސް ޒުނާމް ޕަބްޖީ ކުޅެން އިންދާ ފޯނު ޖަހައިގަތެވެ.
“ކަމޯން ދިސްއިސް ނޮޓް ފެއާ…….. ގޭމުގެ އެންމެ ފަހު ތަޅާލުން ގަނޑަށް ގޮސް އިންދަ ކީއް ތި ކުރީ… އާރގްހް ޔޫ ރުއިންޑް އެވްރީތިންންން….!!!” ޒުނާމް ޝަކުވާ ކުރަންފެށިއިރު ކުއްޖަކަށް ދޫނުކުރެއެވެ. ޖޫލީ ގާތަށް ހިނިއައެވެ.
“ޕިސްޕިސް…. ތިޔައީ ދެން ބޮޑުވަރު… ކީއްކުރަން ކުޅޭ ގޭމްއެއްތަ… ތިހެން ވަގުތު ބޭކާރު ކުރާކަށް ނުވާނެ. މާ ރަނގަޅުވާނެ ތިތަނުން ވާހަކަ ފޮތެއް ނަގައިން ކިޔާލިޔަސް… ދޭބަ… އެނދުކައިރި ހުންނަ ކުޑަ މޭޒު މަތީގަ އޮންނާނެ ވަރަށް ސަޅި ވާހަކަ ފޮތެއް… ޒުނާ ވަރަށް ލައިކްވާ ކަހަލަ ޖާންރާއެއް… އަހަރެން ބުނީތީވެސް ބަލާތި ޒުނާއަށް ވަރަށް ކަމުދާނެ އެފޮތް…” ޖޫލީ ބެލީ ޒުނާމްއަށް އޭނާގެ ފޯނު ނުދީ ވާނޭ ގޮތެއް ފެނޭތޯއެވެ. ޖޫލީ ބޭނުންވީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ޒުނާމްގެ މިސްރާބު ބަދަލުކޮށްލާށެވެ.
“އޯ ޔާ… ވަރަށް ގިނަ ޒަމާންވެއްޖެ ރަނގަޅު ވާހަކަ ފޮތެއްވެސް ކިޔާނުލެވޭތާ… ތެންކްސް ފޯ ދަ އައިޑިއާ…!!” ޒުނާމް އަވަސްވެގަތީ ކޮޓަރިއަށް ވަދެ އެ ވާހަކަފޮތް ހޯދާށެވެ.
****
ފަސީހުގެ ފޯނަށް ގުޅަމުން އެދަނީ ދެވަނަ އެހެން މީހެއް ނޫނެވެ. ހާނިމްއެވެ. ފަސީ ހާނިމް ކިޔަނީ ކީކޭތޯ ބަލަން ފޯނު ނެގިއެވެ. އޭނާ ފަސީއަށް ގުޅާނީ ކޮންމެވެސް ޑްރާމާއެއް ޖައްސަންކަން ފަސީއަށް އެނގެއެވެ. ބޭނުންވަނީ ކޮން ޑްރާމާއެއްތޯ ބަލާލާށެވެ.
“ފަސީ.. ކިހިނެއްތަ ހާލު؟ ރަނގަޅުތަ؟” ހާނިމް ވަރަށް އޯގާތެރިކަމާއެކު ވާހަކަ ދެއްކުމުން އޭގެ އަޑީގައި ކޮންމެސް ނުބައެއް ވާކަން ފަސީއަށް ވިސްނުނެވެ.
“އަހަރެން ދެން. އެކަހަލަ ގޮތެއް… ކިހިނެއްވީ. އަހަރެންނަށް ހާދަ ނުގަޑިއަކު ތި ގުޅީ..” ފަސީ ހާނިމްއާއި ސުވާލުކޮށްލިއެވެ.
“މި. މި. އަހަރެން ބުނަން މިއުޅެނީ… އަހަރެން ވަރަށް ބޮޑު ކަމަކު ޖެހިގެން… ލާރި ކޮޅެއް ދެވިދާނެތަ… ބޭނުންވަނީ ހަމަ އެންމެ ފަސްހާސް ރުފިޔާ… ހަމަ ހުވާ ކުރިން ފަހަރު ވީހެނެއް ނުވާނެ.. އަހަރެން ވަރަށް އަވަހަށް އަނބުރާ ދައްކާ ޚަލާސްކޮށްލާނަން…” ހާނިމް ފަސީހު ކައިރީގައި އާދޭސްކުރަންފެށިއެވެ.
“މަގޭ އަތަކު ނެތް ހާނިމްއަށް ދޭނެ ލާރިއެއް.. މަގޭ މީ އޭޓީއެމް މެޝިނެކޭތަ އެންމެން ހީކުރަނީ… ހާނިމް ލަދެއްނުގަނޭތަ..މަގޭ ކައިރި ލާރި ދޭށޭ ކިޔާ ސަލާންޖަހާކަށް… ކޮބާ މަގޭ އަތުން މިއޮތްހާ ދުވަހު ނެގި ދަރަނިތައް… އަނބުރާ ދައްކާނަމޭ ކިޔާފަ އެއްމެ ލޯލާރިފޮއްޗެއްވެސް މަށަށް އަނބުރާ ނުދޭ… ލިބޭހާ ލާރިއެއް ތިޔަ ހުލިކޮށްލަނީ މަސްތުވެ އޭގެ އަވައިގަ. މިހާރުވެސް ސިކުވެގެން ތިޔަ އުޅެނީ… މީހުން ކައިރިން ސަލާންޖަހައިގެން ކަލޭގެ މަސްތީ އެދުންތައް ފުއްދަން… ކަލޭ ހީކުރީ އަހަރެން މީ މޮޔައެކޭތަ… މަށަށް އިނގޭ ހުރިހާ ކަމެއްވެސް.. މުޅި ރަށު ތެރޭގަ ކަލޭ ގަންނަ ގަނޑު މަށަށް ނޭނގޭ ކަމަށްތަ ކަލޭ ހީކުރީ… ލަދުހަޔާތްކުޑަކަން.. ހަޔާތޭ މިކިޔާ އެއްޗެއްގެ ކޫރެއްހާ މިންވަރުވެސް ނެތީއޭ ހަމަ…” ފަސީ ހާނިމްއާއި ދިމާލަށް ބަވާލިއެވެ.
“ކަލޭ ހީކުރީ ކަލޭ ފެލައިގެން ކަމަށޭތަ މަގޭ ކައިގެން ބޮއެގެން މި އުޅެނީ… ކަލޭތީ ދެން ކާކު…” ހާނިމް މަލާމާތްކޮށްލީ ފަސީ ދަށްކޮށްލެވޭނެކަމަށެވެ.
“މަގޭ މީ މީހަކަށް ވެގެންތާ ކަލޭ މަށަށް ތިޔަ ގުޅަނީ… ލާރި ދޭށޭ ކިޔާފަ ސަލާންޖަހަން…” ފަސީ ވަރުގަދަ ރައްދެއްދިނެވެ. ހާނިމް ރަކިވެގެން ފޯނު ކަނޑާލިއެވެ.
ފަސީ އައިސްފައި ހުރި ރުޅިން އޭނާގެ ފޯނު ހޫރުވާލަންވެސް ބޭނުންވިއެވެ. އެހެނަސް ފޯނު ހޫރުވާލާކަށް ނުކެރުނެވެ. ހިތަށްއެރިއެވެ. މިވެސް އަހަރެންގެ ބުރަ މަސައްކަތުން ހޯދި ލާރިން ގަނެފައި އޮތް ފޯނެކެވެ. އައިސްފައިހުރި ރުޅި ފޯނަށް ބޭލިޔަކަސް ވާނެކަމެއް އޮންނާނެ ހެއްޔެވެ؟ ނޯންނާނެތާއެވެ. ދެން ފޯނަށް ފަހެ ކޮންހާ ވަރެއް ހެއްޔެވެ.
****
“މަންމާ… މިއަދު ފުރަން މި އުޅެނީ… ފަސްގަޑި ބައިގެ ކުރިން ޗެކް-އިން ވާންޖެހޭ… މިހާރު ހުރިހާ އެއްޗެއް ޕެކްކޮށް ހުރިހާ ތައްޔާރީތަކެއް ވެ ނިމިއްޖެ.. ދެން ފެންވަރާލައިގެން އެއާޕޯޓަށްދާން ނިކުންނަންވީ” ޖޫލީ އެ ވާހަކަދައްކަނީ އޭނާގެ މަންމަ ފާތުމައާއެވެ. ޖޫލީއަކީ ފާތުމައާއި އޭނާގެ ފިރިމީހާ ރާޒިޤުގެ ހަމައެކަނި ދަރިފުޅެވެ. ހަމައެކަނި ފުރާނައެވެ.
“އެހެންދޯ ދަރިފުޅާ.. ދަރިފުޅު ފެންނާނެ ދުވަހެއްގެ އިންތިޒާރުގަ މަންމަ ހުންނަތާ ވަރަށް ދުވަސްވެއްޖެ. އިރާދަކުރެއްވިއްޔާ ދެން މިވީހާ ދުވަހެއް ނުވާނެ… ބައްޕަވެސް ހުރީ ދަރިފުޅު އައުން ލަސްވެފަ. މަންމަ މެންވެސް މިހާރު ތައްޔާރުވަމުން މިދަނީ.. މިރޭ ފުރާ ފުލައިޓުން މާލެއަށްދާން.. މަންމަ ބޭނުން ދަރިފުޅު އަންނަ އިރު އެއާޕޯޓަށް ދާން… ކުރިން ފަހަރު ދަރިފުޅު ޗުއްޓީއަށް އައިސް އަނބުރާ ދިޔައިރުވެސް މަންމައަށް ފުރުވަން ނުދެވުނީމަ ވަރަށް ދެރަވި…” ފާތުމަ ހުރީ ޖޫލީ ފެންނާނެ ދުވަހެއްގެ އިންތިޒާރުގަ ކެތްމަދުވެފައެވެ.
“އަހަރެންވެސް މަންމާ… ޒުނާވެސް އެބައުޅޭ މަންމަމެން ނުފެނިގެން.. ވަރަށް މިސްވެގެން…” ޖޫލީ ބުނެލިއެވެ.
“ޒުނާ ތީ ތާކު ހުރި ބޮޑު ވަގެއް… އެވަރަށް ހަނދާންވާ މީހަ ގުޅާނުލާތާވެސް މިވީ 9 ދުވަސް” ފާތުމަ ހީގަނެފައި ބުންޏެވެ.
“އަސްތާ… މަންމަ ދުވަސްވެސް ގުނަންތަ؟ ކިހިނެއް އެނގުނީ ނުވަ ދުވަސް ވީކަމެއް..” ޖޫލީ ސުވާލުކޮށްލިއެވެ.
“އާން… އެންމެ ދަނބިދަރިއެއް ހުންނައިރު، ދަރިފުޅުދެކެ ލޯބިވާ ވަރަށް ދަނބިދަރި ދެކެވެސް ލޯބިވާނެ ދޯ……. އެހެންވީމަ އެނގޭނެ އެންނު ނުގުޅާ ވާހަކަ ނުދައްކާ ހުއްޓަސް” ފާތުމަ ނިކަން ސީރިއަސްވެލާފައި ބުނެލިއެވެ.
“ދެން ޒުނާ ނުގުޅީމަ މަންމަ އަޅެ ގުޅާލަންވީނު. ނޫނީ މިގަޑީގަ އޭނަ އަތަށް ފޯނު ދެންތަ؟” ޖޫލީ ދިނީ ހިޔާލެކެވެ.
“ނޫނޭ… ޒުނާ ކައިރި ބުނޭ މަންމަ އެބަހުއްޓޭ ރުޅި އައިސް…ނިކަން އޭނަ ބުނާ އެއްޗެއް ބަލަން ބުނެބަލަ މިހެން”. ފާތުމަ ސަމާސާކޮށްލިއެވެ.
“ޖޫލީ!!!!!!!!!!” އެ އިވުނީ ޒުނާމްގެ އަޑެވެ. ހަޅޭއްލަވައިގަން އަޑެވެ. އެކަމަކު ކީއްވެބާއެވެ. ވީ ކިހިނަކުންބާއެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު ޖޫލީ ދިޔައީ އެއްލިގަނެގެންނެވެ. އެ އަޑު ފޯނުން ފާތުމައަށް އިވުމާއެކު ފާތުމަގެ ހިތްތެޅެން ފަށައިފިއެވެ.
“ޖޫލީ… ޖޫ………. ކިހިނެއްތަވީ؟؟ ކޮން އަޑެއް އެ އިވުނީ…؟؟ އެއީ ޒުނާމްގެ އަޑުތަ؟ ޖޫލީ… ކީއްވެ ޒުނާމް އެ ހަޅޭއްލަވަނީ؟؟ ދަރިފުޅާ! ޖޫލީ!” ފާތުމަ ހުއްޓުމެއްނެތި ބާރުބާރަށް ފޯނުން ވާހަކަދައްކަމުން ދިޔައެވެ. އެހެނަސް ޖޫލީގެ އެއްވެސް ޖަވާބެއް އޭނާގެ ސުވާލުތަކަކަށް ނުލިބުނެވެ. ފާތުމަ ހާސްވާންފަށައިފިއެވެ.
****
“ޒުނާ! ކިހިނިއްތަވި؟” ޖޫލީ ދުވެފައި އައިސް ސިޓިންރޫމަށް ނިކުތެވެ.
“އޯމައިގޯޑް”. ފެނުނު މަންޒަރަކުން ޖޫލީގެ ދެލޯ ބޮޑުވިއެވެ.
“އަހަރެންގެ ފުރޭމް… އަހަރެންގެ ފުރޭމް… އަޅެ ނޫން…” ޖޫލީ ރޮއެގަތެވެ.
“އަހަރެންނަށް މާފުކުރޭ ޖޫ… އަހަރެން ގަސްދަކުނޫން… އަހަރެން ވަރަށް ބަލައިގެން ވަރަށް ސަމާލުކަމާއެކު މި ފޮޓޯ ފުރޭމް ނަގަން އުޅުނީ.. އަހަރެންނަށް އިނގޭ މި ފޮޓޯ ފުރޭމްއަކީ ޖޫއަށް ކިހާ މުހިންމު އެއްޗެއްކަން… ޖޫގެ ހިތާ ކިހާ ކައިރި އެއްޗެއްކަން… އައިއޭމް ސޮރީ ޖޫ…. އައިއޭމް ޖެނިއުންލީ ސޮރީ” ޒުނާމް މައާފަށްއެދި އާދޭސްކުރަން ފެށިއެވެ. އޭނާ އަތުން ޖޫލީގެ ފޮޓޯފުރޭމް ހަލާކުވުމުންނެވެ. އެ ފޮޓޯފުރޭމްއަކީ ޖޫލީއާއި ޒުނާމްގެ ކައިވެނިކުރި ދުވަހު ޖޫލީ އޭނާގެ މަންމަ ފާތުމަ އަދި ބައްޕަ ރާޒިޤާއެކު ނެގި ފޮޓޮއެކެވެ.
“ދެން އޯކޭވާނެ ޒުނާ… ތިހާ އާދޭސްކުރާ އެއްޗެއްނޫން…އަހަރެންނަށް އިނގޭ ޒުނާ ގަސްދުގައި ފުރޭމް ވައްޓާނުލާނެކަން.. އައި ނޯ ޔޫ ވިލް ހޭންޑަލް އިޓް ވިތު ކެއާ…” ޖޫލީ ޒުނާމްގެ ކޮޑުގައި އަތް ބާއްވާލަމުން ބުންޏެވެ. “ދެން އެހެން ފުރޭމްއެއް ގަންނާނީ.. މާލެކޮޅުން ގަނެލީމަ އޯކޭވާނެ.
****
ޤަފޫރަށް ކުއްލިއަކަށް ވާންފެށި ގޮތަކުން އޭނާއަށް ކޮއްޅަށް ހުރެވޭގޮތެއް ނުވިއެވެ. އޭނާގެ ފައިކޮޅުން ވަރުދޫވާންފަށައިފިއެވެ. މެއަށް ތަދުވާންފަށައިފިއެވެ. ސުބުހާނަﷲ އޭ ކިޔާފައި ޤަފޫރު ބިންމައްޗަށް ވެއްޓުނެވެ. އެ މަންޒަރުފެނި ޒުހުރާ ހަޅޭއްލަވައިގަނެފައި ޤަފޫރު ގާތަށްގޮސް ތިރިވެލާފައި ޤަފޫރަށް ވެގެންއުޅެނީ ކިހިނެއްތޯ ބެލިއެވެ.
“ޤަފޫރޫ… ކިހިނެއްތަ ވީ… ބުނެބަލަ… ކިހިނެއްތަ ތި ވަނީ” ޒުހުރާ ހާސްވިއެވެ. ކަންބޮޑުވިއެވެ. ޒުހުރާގެ އެއްވެސް ސުވާލަކަށް ޤަފޫރު ޖަވާބެއް ނުދިނެވެ. ރޯމަހެއްހެން އޮވެ ތެޅެނީއެވެ. ޒުހުރާއަށް ގަންނާކުރެއްވި ބިރުން ރޮވިއްޖެއެވެ. ދަތްދޮޅިން ފައިބަމުންދިޔަ ލޭ މަނާނުވެގެން އުޅެމުންވެސް ރާމިޔާވެސް ދުވެފައިއައިސް ޤަފޫރު ކައިރީގައި އިށީނެވެ. ބައްޕާއޭ ކިޔާފައި ރޯންފެށިއެވެ.
“ދެންވެސް ލަސްނުކޮށް އެންބިއުލާންސަށް ގުޅާބަލަ” ޒުހުރާ ރޮއެގަނެފައި އެދުނެވެ.
ރާމިޔާ ދުވެފައިގޮސް އޭނާގެ ފޯނު ނަގާ އެންބިއުލާންސްގެ ނަންބަރަށް ގުޅިއިރު އޭނަގެ ފޯނުގައި ލާރިއެއްނެތެވެ. އެވަގުތު ރާމިޔާ ހާސްވެގެންގޮސް މޮޔަނުވީ ހަމ ކިރިޔާއެވެ. ލޯބިވާ ބައްޕައަށް ގެއްލުމެއްވާތަން ދެކެން ރާމިޔާއަށް ކެތްނުކުރެވޭނެއެވެ. ހާލަތު ކޮންމެ ގޮތަކަށް އޮތަސް، ރާމިޔާ ޤަފޫރުދެކެ ނުހަނު ލޯބިވެއެވެ.
ރާމިޔާ ހަދާނެގޮތް ހުސްވެ ދުއްވާފައިގޮސް ބޭރަށް ނިކުތެވެ. އޭނާގެ މިސްރާބުހުރީ ހޮސްޕިޓަލާއި ދިމާލަށެވެ. އެގެއާއި މާ ދުރުނޫން ހިސާބެއްގައި ހުންނަ ހޮސްޕިޓަލަށް މާ ލަސްތަކެއްނުވެ ރާމިޔާއަށް ދެވުނެވެ. އަދި އެތަނުގައި ތިބި މީހުންގާތު އެގެއަށް އެންބިއުލާންސް ފޮނުވައިދިނުންއެދި ރޮއެގަތެވެ.
އެންބިއުލާސްގެ ޑުރައިވަރު ވަގުތުން އެގޭދޮށަށް ދިޔައިރު ދިޔައީ ރާމިޔާ ހޮސްޕިޓަލުގައި މަޑުކުރީއެވެ. ރާމިޔާގެ ދަތްދޮޅިން ފައިބަމުންދިޔަ ލޭތަށް ފެނިފައި ހޮސްޕިޓަލުގައި ތިބި ނަރުހުން އޭނާ އަނބުރާ ދިޔަކަނުދިނެވެ. އެމީހުން އަވަސްވެގަތީ ރާމިޔާގެ ޒަހަމަށް ފަރުވާދީ ބޭސްދިނުމަށެވެ.
“މީ ކިހިނެއް އުފެދުނު ޒަހަމެއް..” ރާމިޔާގެ ލޮލުން ނީރަމުންދިޔަ ކަރުނަތަށް ފޮހެލުމަށް ޓިޝޫއެއް ދިއްކޮއްލަމުން ނަރުސްކުއްޖާ ސުވާލުކޮށްލިއެވެ.
“ފާޙާނާ ސާފުކުރަން އުޅެނިކޮށް ވެއްޓިފަ ފަޅައިގެން ދިޔައީ…” ރާމިޔާ ދޮގުހެދިއެވެ. އޭނާގެ ފިރިމީހާގެ ހަޤީޤަތް އެހެން މީހުންގެ ކުރިމަތީގައި ފޮރުވަން ބޭނުންވާތީތާއެވެ. ނަރުސްކުއްޖާއަށް އެކަން އެނގެއެވެ. ޝައްކުގެ ނަޒަރަކުން އެކުއްޖާ ރާމިޔާއަށް ބަލައިލީ އެ ސަބަބަށްޓަކައެވެ.
“ދެން ކީއްވެ ގިސްލަ ގިސްލާފަ ތިރޮނީ…؟” ނަރުސް ކުއްޖާ ބޭނުންވީ ރާމިޔާގެ ދުލުން ތެދު ބޭރުކުރުވާށެވެ.
“ތަދުވާވަރުން…” ރާމިޔާ އޭނާގެ ލޮލުން ނީރަމުންދިޔަ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ.
“ހިތަށްތަ؟ ނޫނީ މި ޒަހަމަށްތަ”” ނަރުސްކުއްޖާގެ އެ ޖުމްލައާއެކު ރާމިޔާ ދިޔައީ އެއްލިގަނެންނެވެ. އެކުއްޖާއަށް ރާމިޔާއަށް ވެގެން އުޅޭގޮތް ވަރަށް ރަނގަޅަށް އެނގޭކަން ރާމިޔާއަށް ސާފުވިއެވެ.
“އަހަރެން އަހަރެން އަމިއްލަ ހާލަށް ދޫކޮށްލަދީ… އަހަރެންނަށް އެއްވެސް މީހަކު ހަމްދަރުދީވާނެ ކަމެއް ނެތް…” ރާމިޔާ އިނީ ގޮތްދޫކުރާގޮތަކަށް ނޫނެވެ.
ނަރުސްކުއްޖާ ހިތްހަމަނުޖެހިގެން އިތުރު އެންމެ ލަފުޒެއްވެސް ބޭރުނުކޮށް ބޭސްއަޅާ ކޮޓަރިން ނިކުމެގެން ދިޔައެވެ.
އޭރު ޤަފޫރު ގޮވައިގެން އެންބިއުލާންސް އޮތީ އައިސްފައެވެ.
****
ފާތުމަ އިނީ ރާޒިޤް އައުން ލަސްވެގެންނެވެ. ރާޒިޤަކީ ރިސޯޓެއްގެ ހިއްސާދާރެކެވެ. އެހެންކަމުން، އެއް ދުވަހު ރަށުގައި ހުރިއްޔާ އަނެއް ދުވަހު ހުންނަނީ ރިސޯޓުގައެވެ. އެ ރިސޯޓަކީ މާ ހިނގާ ރިސޯޓެއް ނޫނެވެ. ތަން ހިފަހައްޓާލަނީ ރަޝިއާއިން އަންނަ ފަތުރުވެރިންގެ ހިތްވަރުންނެވެ.
ރާޒިޤު ރިސޯޓަށްދާ ހުރިހާ ދަތުރެއްދަނީ އެކަންޏެވެ. ދުވަހަކުވެސް ފާތުމަ ގޮވައިގެން ނުދެއެވެ. ސަބަބަކަށްވާ ސަބަބެއް ދުވަހަކުވެސް ބުނެނުދެވެއެވެ. ފާތުމަ އަބަދުވެސް ހުންނަނީ ރާޒިޤު އޭނާ ގޮވައިގެން ރިސޯޓަށް ދާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެހެނަސް އެދުވަސް އައިސްދާނެހެނެއް ހިއެއް ނުވެއެވެ.
ރާޒިޤަކީ ސިއްރުން އަންހެނުން ގެންގުޅޭ މީހެކެވެ. ރިސޯޓަށްގޮސް އެތަނުގައި ލެއްވިހާ ނުބައިކަމެއްކޮށްފައި ރަށަށް އައިސްވެސް ފާތުމަ ކުރިމަތީގައި އުޅެނީ ވަރަށް މަތިއޮމާންކޮށްލައިގެންނެވެ. ފާތުމަ ކުރިމަތީގައި ރާޒިޤަކީ ހުދުކާފޫރެކެވެ. އެވަރުގެ ހެޔޮ ރަނގަޅު ފިރިއެއް ނެތްފަދައެވެ. ފާތުމައަށްވެސް ރާޒިޤަކީ އެފަދަ ދެވަނަ އެހެން މީހަކު ނުވާ، ބިލިއަނަކުން އެކަކެވެ. ރަންގަނޑެކެވެ. ރާޒިޤުގެ ހަޤީޤަތް ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. ފާތުމައަށް ރާޒިޤުގެ ހަޤީޤަތް އެނގުނު ދުވަހަކުން ފާތުމަގެ ހިތް އިރައިރައިގެންގޮސް ކުދިކުދިވާނެއެވެ. ދެން ދުވަހަކުވެސް އެއްވެސް އިންސާނަކަށް އިތުބާރުނުކުރެވޭ ވަރަށް އިންސާނުންދެކެ ފޫހިވާނެއެވެ.
ރާޒިޤުގެ އިންތިޒާރުގައި ވަގުތު ގުނަގުނާއިން ފާތުމަގެ އިންތިޒާރަށް ނިމުމެއް އައި ފަދައެވެ. ފާތުމަގެ ފޯނު ރިންގުވާތީ ބަލައިލިއިރު ގުޅަމުން އެދަނީ ރާޒިޤް ކަމުން ފާތުމަ ހީކުރީ އެ ގުޅަނީ ރަށަށް އައިސްފައިކަމަށެވެ. އުފަލުން ފޮޅިފައިވާ ހިތަކާއެކު ފާތުމަ ފޯނު ނެގިއެވެ.
“ހަލޯ ރާޒިޤް. އަހަރެން ވަރަށް އިރުވެއްޖެ ރާޒިޤްގެ ފޯނަށް ނުގުޅިގެން އުޅޭތާ… ގުޅާއިރަށް ވޮއިސްމެއިލަށް ދަނީ… ކިހިނެއްވީ؟ އަހަރެން ވަރަށް މުހިންމު ވާހަކައެއް ބުނަންވެގެންނޭ ގުޅީ… އަހަރެން ގުޅީމަ ބިޒީ ގަޑިއަކަށްވާނަމަ ފޯނު ނުނެގެންޏާ މެސެޖެއް ނަމަވެސް ކޮށްލާނަމަ.. އަހަރެން ކިހާ ހިތްހަމަޖެހޭނެ… ފޯނު ނުނަގަންޏާ އަހަރެންވެސް ހުންނަންޖެހެނީ ނުތަނަވަސްކަމެއްގަ… އަދި ޙާއްސަކޮށް ރަށުން ބޭރުގަ ހުންނަ އިރު… ވަރަށް އިންތިޒާރުކުރެވޭ…” ފާތުމަ ބުންޏެވެ.
“ފާތުމާ… އަހަރެން މިރޭ ވަރަށް ބިޒީކޮށް މި އުޅުނީ… ޕީކު ސީޒަން ފެށެން އުޅޭތީ އެކަމާ ގުޅޭ އެކި ސައްލާތައް ހުއްޓުމެއްނެތި… އެއް ސައްލާއަށްފަހު އަނެއް ސައްލާ… ބައްދަލުވުމަކަށް ފުލު ބައްދަލުވުމެއް… އަނެއްކާ މާދަމާ ހެނދުނުވެސް އެބައޮތް ވަރަށް މުހިންމު ބައްދަލުވުމެއް… އަހަރެން އެބަ ޖެހޭ ކޮންމެހެންވެސް ހުންނަން… އަނެއްކާ ކަނޑުވެސް ވަރަށް ގަދަވެއްޖެ… ރަށަށް ގޮއްސަ މޫސުން އޮންނަ ގޮތަކުން ނާދެވޭގޮތްވެސް ވެދާނެ… އެހެންވެ އަހަރެން މިރޭ މިކޮޅުގަ މަޑުކޮށްލާނީ އިނގޭ…” ރައްދުގައި ރާޒިޤް ބުންޏެވެ. ފާތުމަ ލޮލުގައި އަނދުން އަޅުވަން އެވަރެއް ނޯންނާނެއެވެ. ވާނީވެސް އެހެންނެވެ. އެޅިހާ ބަތަކަށް ފާތުމަ ރިހަވަންޏާ ވާނީވެސް އެހެންތާއެވެ.
ހަޤީޤަތުގައި ރާޒިޤް ބިޒީވީއެއް ނޫނެވެ. ބައްދަލުމެއް އޮވެގެނެއްވެސް ނޫނެވެ. މިރޭވެސް ރާޒިޤަށް އޭނާގެ ހަލާލު އަނބިމީހާއާއި ދުރުގައި މިއީ ވަރަށް ހާއްސަ ރެއެކެވެ. ހިލޭ އަންހެނުންނާއެކު މަޖާނަގާ، ރާބޮއެ، ޖުވާކުޅެ، ރޫމު ނަގައިގެން ރޭކުރުމަކީ ރާޒިޤްގެ ކަށީގައި ހަރުލާފައިހުރި ކަންކަމެވެ. އެންމެ ޒުވާންއިރުންސުރެ މިއަދާ ޖެހެންދެންވެސް ގަވާއިދުން، މެދުކެނޑުމެއްނެތި ޝައުޤާއެކު ކުރަމުން އައި ކަންތައްތަކެވެ. ދުރުނުވެވޭ އެއަށް ދެވިހިފައިފައިވާ އާދަތަކެވެ. ދަރިއަކު ބޮޑުވެ ކާފަކިޔާ ދަރިން ތިބޭ އުމުރަށް ދިޔައީމަވެސް ކަސިޔާރުމަގުގައި ކަސްތޮޅުއެޅުވިފައެވެ. ފަހުނޭވާ އައިސް ޖެހޭއިރުވެސް ސީދާމަގަށް ރުޖޫއަވެވޭނެ ކަމާމެދު ޝައްކެވެ. ތައުބާވާން ހިތަށްވެސް ނާރުވައެވެ. ހަވާނަފްސަށް ތަބާވެ، ޝަހުވާނީ އެދުންތައް އިސްކޮށް، ހިތުހުރި ގޮތަކަށް އުޅެ މުޅި އުމުރު ހުސްކޮށްލަނީއެވެ. ސަހަރޯއެވެ. ސީދާމަގަށް މަގު ދައްކަވާ ތައުބާވުމުގެ ތަޢުފީގް މިންވަރުކުރަށްވާށިއެވެ.
****
ރާމިޔާ ބޭސްއަޅައިގެން ނިކުތްއިރު ޤަފޫރުގެނެސް އައިސީއޫއަށް ވައްދައިފިއެވެ. އައިސީޔޫގެ ބޭރުގައި ގޮނޑިއެއްގައި އިށީންދެލައިގެން އިން ޒުހުރާ ހުއްޓުމެއްނެތި ރޮމުންދިޔައެވެ. ރާމިޔާއަށް ޒުހުރާއާއި ހަމާލަށް ނުދެވި އުޅެނިކޮށް އައިސީޔޫއިން ޑޮކްޓަރު ނިކުތެވެ.
“ޑޮކްޓަރ! ބައްޕައަށް ކިހިނެއްތަ ވީ؟ ބައްޕަގެ ހާލު ރަނގަޅުތަ؟” ކަންބޮޑުވެލާފައި ރާމިޔާ ސުވާލުކުރިއެވެ.
“ބަލިމީހާއަށް ވަނީ ހާޓްއެޓޭކެއް ޖެހިފަ… އަވަހަށް ގެނެވުނުކަން އެއީ ބަލިމީހާގެ ނަސީބް… އޭނާގެ ފުރާނަ ސަލާމަތްއެވީ ހަމަ ކިރިޔާ ފަށުން… ކުޑަތަންކޮޅެއްވެސް ލަސްވިނަމަ ފުރާނައަށް ވަރަށް ނުރައްކާވީސް..” ޑޮކްޓަރު ދެރަވެލާފައި ބުންޏެވެ.
“ސުބުހާނަﷲ….” ރާމިޔާއަށް ލިބުނު ޙަބަރަކުން އޭނާގެ ހިތުގައި ނުހަނު ތޫނު ކޫރުމެއް އެޅުނެވެ. ބޭއިޙްތިޔާރުގައި ފަހަތަށް ފިޔަވަޅެއް އެޅުމާއެކު އަނގައިގައި އަތްވެސް އަޅާލެވުނެވެ. ރާމިޔާއަށް ހިތާއިހިތުން ބުނެވުނެވެ. ސަހަރޯއެވެ. މިހުރިހާ ކަމެއްގެ އިލްޒާމު އެޅޭނީ އަހަރެންގެ ބޮލުގައެވެ. މިހުރިހާ ކަމެއްގެ މޭސްތިރިއަކީ ޙުދު އަހަރެންނެވެ. ޢާއިލާއަށް އަހަރެންގެ ފުށުން އުފަލެއް ހޯދައި ނުދެނުނު ތަނުގައި ހިތާމައެއް ފިޔަވާ ނުދެވެއެވެ. ބައްޕަގެ ވިސްނުމާއި، ކަންބޮޑުވުންތަކާއި، ހިތާމަތަކާއި ކެކުޅުންތައް އައިސް ވަށާޖެހެނީ ރާމިޔާއާއެވެ. ބައްޕަހުރީ އަހަރެންގެ ދިރިއުޅުމާއި ވިސްނާ ވިސްނާ ދުނިޔޭން މޮޔަވާވަރުވެފައެވެ. ލޭމައްޗަށް ގޮސްފައެވެ. ހާޓްއެޓޭކެއް ޖެހެން މާ ލަސްވެސް ވެއްޖެތާއެވެ. މިވޭތުވެދިޔަ ހިތްދަތި ދުވަސްތަކުގައިވެސް ބައްޕަ ހިތްވަރުގަދަކޮށް ދުނިޔޭގައި ހުރިކަންވެސް އެއީ އަހަރެމެންގެ ނަސީބެވެ. ކިހާބޮޑު ރަޙުމަތެއްތާއެވެ. އެކަމަކު މިއަދު ދިރިއުޅުމަށް މި ކުރިމަތިވީ ކޮންފަދަ ބޮޑު ލޮޅުމެއް ހެއްޔެވެ. ބައްޕައަކީ ކުރިންވެސް ހިތުގެ ބަލިތަކަށް ބޭސްކުރަމުންއައި މީހެކެވެ. ހާޓްއެޓޭކެއް ޖެހުމުން ހާލަތު އިތުރަށް ސަކަރާތްވުން ނޫންކަމެއް ނުވާނެއެވެ. އެންމެ ބޮޑު ހިތާމައަކީ އެއީއެވެ.
****
“ޙަޔާތުގެ މި ޞަފްހާވެސް މި ނިމުނީ ދޯ….” ޖޫލީ މުޅި ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އެގޭގައި ހޭދަވީ ހުރިވާ ވަގުތުތަކާއި އުފާވެރި ހަނދާންތައް ލޮލުކުރިމަތީގައި ސިފަވެގެންދިޔަފަދައެވެ. ޖޫލީ ލަންޑަނަށް ޑަކްޓަރުކަން ކިޔަވަން އައިއިރު އައީ ޒުނާމްއާއި ކައިވެނިކޮށްގެންނެވެ. އެއީ ރާޒިޤު ބޭނުންވީގޮތެވެ. އެކަމަށް ޒުނާމްގެ މައިންބަފައިންވެސް އާބަސްކީއެވެ. ޖޫލީއާއި ޒުނާމް އެކުގައި ދިރިއުޅޭތަން ދެކެން ބޭނުންވާލެއް ބޮޑުކަމުންނެވެ. ދެކުދިންގެ މުސްތަޤުބަލާމެދު ދެކެމުންއައި ހުވަފެންތައް ގިނަކަމުންނެވެ.
“ރާއްޖެއަށްގޮސް އަހަރެން ވަރަށް ހަނދާންވާނެ މިގެމަތިން…. ހާދަ ގިނަ ހަނދާންތަކެކޭ…. އެހާ މަޖާ ދުވަސްތަކެއް… އެދުވަސްތައް އެނބުރި އަންނާނެނަމައޭ ހިތައް އަރާ….. މިދުވަސް އަންނާނެކަން އެނގޭތީވެ އަހަރެން ކޮންމެ ދުވަހަކުވެސް ގަވާއިދުން ޑައިރީ ލިޔަމުންއައީ… ނަސީބަކުން އަހަރެންގެ ޑައިރީގައި އެހުރިހާ ހަނދާންތަކެއް ރައްކާކުރެވިފައިވާނެ…” ޒުނާމް ހިނިތުންވެލާފައި ފުންނޭވާއެއް ބޭރުކޮށްލަމުން ބުނެލިއެވެ.
“ދެން ހިނގާ ދަމާ… އެއާޕޯޓަށްދާން ލަސްވެދާނެ… މިހާރުވެސް ވަރަށް ބޮޑަށް ލަސްވެއްޖެ…” ޖޫލީ ޒުނާމްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
****
“މަންމާ… އަހަރެންނަށް މާފުކުރޭ………” ރާމިޔާއަށް ޒުހުރާ ރޯންއިންތައް ފެނިފައި ކެތެއްނުކުރެވެނެވެ.
“މަންމާ… އަޅެ ޕްލީސް…. އަހަރެންނަށް މާފުކޮށްބަލަ… އަހަރެންގެ މާޒީ ހަނދާން ނައްތާލަދީބަލަ މަންމާ… އަހަރެންނަށް ކުރެވުނު ހުރިހާ ކުށަކަށް އަހަރެން ތައުބާވަން މަންމާ… އަހަރެން އެދުވަސް އަނބުރާ ހޯދާނަން… ހާނިމްގެ ކިބައިން ސަލާމަތްވާނަން…. މަންމަ މެންނަށް އުފާވެރި ދުވަސްތައް އަނބުރާ ހޯދައިދޭނަން… އަހަރެންނަށް މާފުކުރޭ މަންމާ…” ރާމިޔާގެ އާދޭހުގެ އަޑުއަހަމުން ދިޔަ ވަރަކަށް ޒުހުރާގެ ހިތްދަތިކަން އިތުރުވަމުންދިޔައެވެ.
****
“މާފުކުރާށޭ؟…. މާފަށް އެދި ތި ރޮނީ ހަމަ އެދުވަހު އަހަރެމެންގެ ހުރިހާ ނަސޭހަތަކާއި ރުއިމުގަ ކޮޅުފައިންޖަހާފަގޮސް އެ ހާނިމްއާ އިން ރާމިޔާތަ؟ މާފޭ ކިޔާފަ ވާހަކަދައްކަން ލަދެއް ނުގަނޭތަ؟ ވާނެ އެއްޗެއްވީމަ ދެން ކޮން މާފެކޭ ކިޔާކަށް…. އަހަރެން ރާމިޔާއަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން… ރާމިޔާގެ ސަބަބުން އަހަރެމެންގެ މުޅި ދިރިއުޅުން ގެއްލުނީ…. ފަސީހުގެ ކިޔެވުން ގެއްލުނީ… އެފަކީރުގެ ހުރިހާ ހުވަފެންތަކަކަށް ފަސްއަޅާ ފޮރުވާފަ ގުދުބިންދައިގެން ރިސޯޓުގަ މަސައްކަތްކުރަން ޖެހުނީ ހަމަ ކަލޭގެ ސަބަބުން… ކަލޭ ބަފާ މިއަދު އެއޮތް ހާލަތުގެ ޒިންމާވެސް ނަގަންޖެހޭނީ ހަމަ ކަލޭ… ދެވަނަ އެހެން އެކަކުވެސް ނޫން.. ހަމައެކަނި ކަލޭ…”
ޒުހުރާގެ އިހާނެތި ބަސްތައް އިވިފައި ރާމިޔާގެ ލަގޮނޑިއަކަށް ކެތެއްނުވިއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާނެހާ ހިތްވަރުވެސް ނެތުނީ އެބަސްތަކުން ރާމިޔާގެ ހިތުގައި އެޅުނު ތޫނު ޒަހަމްތަކުގެ ސަބަބުންނެވެ. ޒުހުރާގެ ކޮންމެ ލަފްޒަކުން ރާމިޔާގެ ހިތަށް ތޫނު ހަންޖަރެއް ހަރާލި ފަދައެވެ.
“މަންމާ…. އަހަރެން އާދޭސްކޮށްފަ ބުނަން… ދެފައިގަ ހިފާ ސަލާންޖަހާފަ ބުނަން.. އަހަރެން ޤަބޫލުކުރަން… އަހަރެންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއްކަން… އަހަރެންނަށް ކުރެވުނީ ވަރަށް ބޮޑު ފާފައެއްކަން.. އަހަރެންނަށް އިނގޭ މަންމަމެންގެ ބަސްއުވާލާފަ ހާނިމްއާ ކައިވެނިކުރުމަކީ އަހަރެންނަށް ހަޔާތުގަވެސް ކުރެވުނު އެންމެ ބޮޑު ކުއްކަން… އެންމެ ބޮޑު ފާފަކަން…. އެކުށުގެ ސަޒާ އަހަރެން މިދުނިޔެއަށް ނޭވާލާ ކޮންމެ ދުވަހަކު ތަހައްމަލް ކުރަމުން މިގެންދަނީ… އެ ފާފައިން ލިބުނު ވޭނުގަ އަހަރެން ކޮންމެ ދުވަހަކު މި ހަނާވަނީ… މައިންބަފައިންގެ ބަސްނޭހުމުގެ ހިތި ރަހަ އަހަރެންގެ އަރުގައި ކިތަންމެހާވެސް ރަނގަޅަކަށް ލައިފި… އެކަން އެނގޭތީ އަހަރެން މިހުރީ ތަޢުބާވެ… އެކަން އެނގޭތީ އަހަރެން މަންމަކުރިމަތީގަ އާދޭސްކޮށް ސަލާންމިޖަހަނީ… މައާފަށްއެދި…… އަހަރެންނަކީވެސް އިންސާނެއް…. އިންސާނުންނަށް ކުށްވެސްކުރެވޭނެ… އަހަރެންނަށް ކުރެވުނު އެންމެ ކުށަކަށް މާފުކޮށްދޭށޭ މިބުނަނީ… އަހަރެންނަށް ތަޤުދީރު އެނގޭނަމައީ އަހަރެން އެދުވަސް އަނބުރާ ހޯދާނަން… އަނބުރާ ހޯދާނަން…” ރާމިޔާގެ އާދޭހަށް ނިމުމެއް ނައެވެ. ގިސްލުމުގެ ތެރެއިން ރާމިޔާގެ އަޑު ބޭރުވަމުންދިޔައީ ހަމަކިރިޔާއެވެ.
“މާފުކޮށްފާނަން… އެކަމަކު މި ވޭތުވެދިޔަ ބަނަ ދުވަސްތައް އަހަރެންގެ ހިތުން ފިލައިގެން ނުދާނެ… އަބަދުމެ އާވެ އާލާވޭވެ ހުންނާނެ…. ދުވަހަކުވެސް ހަނދާނެއްނުނެތޭނެ…” ކިތަންމެ ރުޅިއައިސް ހުއްޓަސް، މަޔަކަށް ދަރިއަކުދެކެ ރުޅިއައިއިސް ހުރެވޭނީ ކިހާދުވަހަކު ހެއްޔެވެ. މަދުމީހަކަށް މެނުވީ އެއްގޮތެއްގެ މަތީގައި ހިފަހައްޓައިނުލެވޭނެއެވެ. ޒުހުރާ މައާފުކުރިކަން އެނގުމުން ރާމިޔާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ.
****
ފާތުމައާއި ޤަފޫރަކީ އެއްބަޑުއެއްބަފާ ދެމީހުންނެވެ. އެ ޢާއިލާގައި ދިރިތިބީ ހަމައެކަނި އެދެމީހުންނެވެ. ހާލަކަސް ތުރާލަކަސް އެކަކު އަނެކަކަށްޓަކައި ތިބި ދެމީހުންނަކީ އެއީއެވެ. ފާތުމައަށް ޤަފޫރުގެ ހާޓްއެޓޭކުގެ ޙަބަރު ލިބުމާއެކު މާލެއަށް ދާންއޮތް ޓިކެޓު ކެންސަލްކޮށްލައިފިއެވެ. އަދި ޖޫލީ ބަލައި ހަމައެކަނި ރާޒިޤު ދާގޮތަށް ހަމަޖެއްސިއެވެ.
“ހަލޯ! ޒުހުރާ މަށަށް ގުޅާވެސްނުލަމެންނު…. މަށަށް މި ޙަބަރު މި ލިބުނީ ތިތާ ހޮސްޕިޓަލުގައި އުޅޭ ކުއްޖަކު ގުޅާފަ ބުނީމަ…” ފާތުމަ އިނީ ޒުހުރާ އޭނައަށް ޤަފޫރުގެ ހާލަތު ނޭންގުމުން އެކަމާއި ހިތްހަމަނުޖެހިފައެވެ. ދެރަވެފައެވެ.
“އަހަރެންނަށް އަދި ގުޅާނެ ވަގުތެއް ނުވެގެން… މިރޭވެސް ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިގެން ގޭތެރޭގަ… ހާނިމް މިރޭވެސް ރާމިޔާއަށް ވަރަށް އަނިޔާކުރި… އެހުރިހާ ކަމަކާ ވިސްނަން ހަދައިގެން ޤަފޫރުގެ ހާލަތު އެހާ ގޯސްމިވީ…” ޒުހުރާ ހަޤީޤަތް ފޮރުވާކަށް މަސައްކަތެއްނުކުރެއެވެ. ކަން އޮތް ގޮތް ހަޤީޤަތާއި އެއްގޮތަށް ކިޔައިދިނީއެވެ.
“ދެން ފަސީއަށް އަންގައިފިންތަ؟” ފާތުމަ ހާސްވެލާފައި ސުވާލުކުރިއެވެ.
“ނޫން.. އަދި ފަސީއަކަށް ނާންގަން.. އޭނައަށް އަންގައިފީޔާ އޭނަ ވަރަށް ދެރަވާނެ…” ޒުހުރާ ބުންޏެވެ.
“އެކަމަކުވެސް ހެޔޮ…. ފަސީއަށް ނާންގާ ނުހުންނާތި… ޒުހުރާ ނުބުނެ އުޅެނިކޮށް އެހެން މީހެއްގެ ފަރާތުން ފަސީއަށް އެންގިއްޖީޔާ ފަސީ މާ ދެރަވާނެ…” ފާތުމަ ޒުހުރާއަށް ނަސޭހަތްދިނެވެ.
“އަހަރެން ނާންގާކަށް ނޫނޭ.. އަންގަން ބޭނުން.. އެކަމަކުވެސް ކުރިން ބުނިހެން، އަދި ވަގުތު ނުވެފަ… އަދި ހޮސްޕިޓަލަށް އައިތާ މާގިނަ އިރުތަކެއްވެސް ނުވޭ… އަހަރެން މިހުރީ އިރުކޮޅަކުން ފަސީއަށް ގުޅަން.. އެކަމަކު މިހާރު މެންދަންވެސް ވީ… ފަސީވެސް އޮންނާނީ ނިދާފައެއްނު… ދެން ފަތިހުން ގުޅާފަ ބުނާނީ… މިގަޑީ ގުޅާފަ ބުންޏަސްވެސް ފަސީއަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެ… އެންމެ އަވަހަށްވެސް ރަށަށް އާދެވޭނީ ހެނދުނު ފުރާ ލޯންޗުން…” ކުރިމަތީގައި ހަރުކޮށްފައިހުރި ބޮޑު ގަޑިއަށް ނަޒަރު ހިންގާލަމުން ޒުހުރާ ބުނެލިއެވެ. އެވަގުތު ބަސްހުއްޓިފައި ރާމިޔާ ޒުހުރާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
“އާން ދެން އެންމެ ރަނގަޅު… އަހަރެންވެސް އުޅުނީ ފަތިހު ފުރާ ފުލައިޓުން މާލެދާން… ޖޫލީ އެބައާދޭ.. އެހެންވެ އޭނަ އަންނަތަނަށް އެއާޕޯޓަށް ދާންކަމަށް އުޅުނީ… އެކަމަކު ބޭބެއަށް ހާޓްއެޓޭކް ޖެހުނުކަން އެނގުނީމަ ޓިކެޓު ކެންސަލްކޮށްލައިފިން.. ބޭބެ އެހާލުގައި އޮއްވާ އަހަރެންނަކަށް ނުކެރޭނެ ފުރައިގެން މާލެއަށް ދާކަށް… ދެން ރާޒިޤު އެކަނިން ދާނެ މާދަމާ އެއާޕޯޓަށް… ދެން ކީއްކުރާނީ ދޯ…މިފަހަރު ވީ ގޮތް ދޯ…. މިދިޔަ ފަހަރުވެސް ޖޫލީ ފުރުވަން އެއާޕޯޓަށް ނުދެވުނީމަ މިފަހަރު ހިތުލައިގެންހުރީ ކޮންމެ އެއްޗެއް ހަދާފަވެސް ދާނަމޭ މިފަހަރު ޖޫލީ އަންނަ ތަނަށް އެއާޕޯޓަށް… އަހަރެން މިހާރު މި ނިކުންނަނީ ހޮސްޕިޓަލަށް ދާން… އަހަރެން މިދާ މަގުމަތީގައި އެއްވެސް އެއްޗެއް ހިފައިގެންތަ ދާންވީ؟ އެއްވެސް ކަމެއް އެއްވެސް އެއްޗެއް ބޭނުންވާނަމަ ފަސްނުޖެހި އަހަރެން ކައިރި ބުނާއްޗެ އިނގޭ..” ފާތުމަ އިނީ ޖޫލީ ފެންނާނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައިނަމަވެސް އޭނާ މާލެއަށް ދިއުން ކެންސަލްކޮށްލީ އޭނާ ޤަފޫރުދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.
ފާތުމަ އަވަސްއަވަސް ކޮއްލާފައި ހޮސްޕިޓަލަށް އައިސް ރާމިޔާ ގެއަށް ފޮނުވާލިއެވެ. ރާމިޔާގެ މޫނުމަތީގައި ހިކިފައިހުރި ލޭތަށް ފެނި ރާމިޔާ އިތުރަށް ފެންނުވަރާ ހޮސްޕިޓަލުގައި ބަހައްޓާކަށް ފާތުމަ ބޭނުމެއްނުވިއެވެ. ރާމިޔާވެސް ބޭނުންވީ ގެއަށްގޮސް ފެންވަރާލައި ރީތިވެލައިގެން ހޮސްޕިޓަލަށް އަންނާށެވެ. އެއީ ގިނައިރު ހޮސްޕިޓަލުގައި ހުރުމުގެ ނިޔަތުގައެވެ.
މަޑު ހިނގުމެއްގައި ހިނގަމުންދިޔަ ރާމިޔާގެ މިސްރާބުހުރީ ގެއާއި ދިމާލަށެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ބޮލުގައި ދައުރުވަމުންދިޔަ ޙިޔާލުތައް ފޮހެލައި، ހިތަށް ވެރިވެފައިވާ ބިރުވެރިކަން ނައްތާލަން މަސައްކަތްކުރިޔަސް ރާމިޔާގެ ސިކުނޑި ހިޞާރުކޮށްލާފައިވަނީ ހާނިމްގެ ހިޔާލުތަކެވެ. ހާނިމްގެ ފަރާތުން ލިބެމުންދިޔަ ހާނިކަތަކެވެ. ހާނިމް ރާމިޔާއާއިމެދު އަމަލުކުރަމުންއައި އިހާނެތި އަނިޔާވެރިކަމެވެ. ހަމަ ދެންމެ ވީކަމެއްހެން ރާމިޔާގެ ލޮލުކުރިމަތީގައި އެ މަންޒަރުތައް ސިފަވަމުންދިޔަ ފަދައެވެ. ހާނިމްގެ އަނިޔާތަކަށް ރާމިޔާ ކެތްކުރާތާ އެތައް ޒަމާނެއްވެއްޖެއެވެ. ގޮތަކަށް ބުނާނަމަ އެ އަނިޔާތަކަށް ރާމިޔާވަނީ ނުހަނު ބޮޑަށް ހޭނިފައެވެ. އެކަމަކު މެދުކެނޑުމެއްނެތި ލިބެމުންއައި އަނިޔާތަކުން މިންޖުވެ ސަލާމަތްވާނެ ދުވަހެއް ދުށުން އެއީ ރާމިޔާ ދެކޭ އެންމެ ބޮޑު އެއް ހުވަފެނެވެ. އެ ހުވަފެނުގައި ކުލަޖެހޭނެ ކަމެއް ނުވަތަ ނުޖެހޭނެކަމެއް ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. ރާމިޔާ ކެތްތެރިކަމާއި ސާބިތުކަންމަތީ ހިތްވަރުކުރަމުންއައީ އޭނާއަށް ހާނިމްއާއި ނުލާ ޙަޔާތެއް ލިބޭނެ ދުވަހެއްގެ އުންމީދުގައެވެ. ހާނިމްއާއި ރާމިޔާގެ ކައިވެނި ރޫޅި، ދުރުވެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ދިރިއުޅެން ޖެހިފައިވާ ހާލާއިމެދު މާޔޫސްވެފައިވާ ހާލު މާތް ﷲގެ ހަޒްރަތުގައި ހިތާއިހިތުން ދުޢާކުރަމުންއައިސް ރާމިޔާ ގެއަށް ވަތްއިރު އޭނާގެ ހަޔާތަށް ކުރިމަތިވާންއުޅޭ ވަރުގަދަ ތޫފާނުގެ ކުޑަވެސް ހިލަމެއް ރާމިޔާއަކަށް ނުވެއެވެ.
ގޭތެރޭގައިވަނީ ހަމަހިމޭންކަމެވެ. އަނދިރިކަމެވެ. ކަރަންޓު ކެނޑިފައިވާކަންވެސް އެނގުނީ ބޮކިދިއްލަންއުޅެ ނުދިއްލުނީމައެވެ. ގޭގައި އިތުރު މީހެއް ނެތުމުން ރާމިޔާގެ ހިތަށް ބިރުވެރިކަމުގެ އިހުސާސް ވަންނަން މާގިނައިރުތަކެއް ނުނެގިއެވެ. ނަމަވެސް ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ރާމިޔާ އޭނާގެ ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ކޮޓަރިއަށް ވަނެވެ. ރާމިޔާ ކުރިއަށް ފިޔަވަޅެއް އަޅައިލިހިނދު އޭނާގެ ގައިގައި އިންސާނެއްގެ މަސްގަނޑެއް ޖެހުނު އިހުސާސްވިއެވެ. ސަހަރޯއެވެ. ރާމިޔާ ގަންނާކުރެއްވި ބިރުން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. ކޮޓަރީގެ ފަންކާގައި ވަލެއް އެލުވައި ދަންޖެހިފައި އެހުރީ އިންސާނެއްކަން ރޭކައިލީ ހިނދު ރާމިޔާ ބިރުންގޮސް އޭނާގެ މޭގަނޑު އަތައްނައީ ހަމަކިރިޔާފަށުންނެވެ.
ރާމިޔާ ހަޅޭއްލަވަމުންދިޔަ އިރު މުޅި ގޭތެރެ އެއަޑުންވަނީ ގުގުމާލާފައެވެ. ކުއްލިއަކަށް ކަރަންޓުއައިސް ބޮކި ދިއްލުނު ހިނދު ދަންޖެހިފައިހުރީ ކާކުކަން އެނގުމާއެކު ރާމިޔާގެ ދެލޯ ބޮޑުވިއެވެ. އަނގައިގައި އަތްއަޅާފައި ކުރިއަށްވުރެވެސް ބާރަށް ހަޅޭއްލަވައިގަތީ ގަތް ބިރެއްގެ ބޮޑުކަމުންނެވެ. ވީދެރައެއްގެ ބޮޑުކަމުންނެވެ. މިއީ ދުވަހަކުވެސް ވެދާނެކަމަށް ރާމިޔާ ހީކުރި ކަމެއްނޫނެވެ. އަދި ވާން ބޭނުންވެސް ވީގޮތެއްނޫނެވެ. ލޮލުން ފޫދެންފެށި ކަރުނައިން ރާމިޔާގެ މުޅި ކޯތާފަތް ތެތްމާލައިފިއެވެ. ހިތާމައިގެ އާހަކުނޫނެވެ. ހާސްވެގެންނެވެ. ބިރުންފިތްކެނޑިގެންނެވެ. ގަންނާކުރެއްވި ބިރުން ދެފައިކޮޅުން ވަރުގޮސް ނުވެއްޓުނީ ކިރިޔާއެވެ.
****
ދަންޖެހިފައި އެހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. ހާނިމްއެވެ. މަސްތުވާތަކެތީގެ ވަބައިގައިޖެހި ހާނިމް އެނުބައިކަންމަތީގައި މިދުނިޔެއަށް އަބަދުގެ އަބަދަށް އަލްވަދާއުކިޔާ ވަކިވެދިޔައީއެވެ. ފާފައިން ފޯވެފައިވާހާލު ދުނިޔެއެއިން ވަކިވެއެދިޔައީ ރާމިޔާގެ މުޅިދިރިއުޅުން ސުންނާފަތިކޮށްލާފައެވެ. ސަހަރޯއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
އިޝާހިތެއްގެ ތެރޭގައި މުޅި ގެ ވަށައި މީހުން އެއްވެއްޖެއެވެ. ވެގެންއުޅޭގޮތެއް ބަލަން މުޅި ރަށު އެންމެން ކަހަލަ ގޮތަކަށް އެ ސަރަހައްދަށް ޖަމާވަމުންދިޔައެވެ. ރާމިޔާގެ ކޮޓަރިއަށް ރަށު ރައްޔިތުންކަހަލަ ގޮތަކަށް ވަދެ ހާނިމް ދަންޖެހިފައިހުރި ވާގަނޑު ކަނޑާލައި ހާނިމްގެ ފުރާނަނެއް މަސްގަނޑު ތިރިކުރިއެވެ. އެހުރިހާ ކަމެއް ވެދިޔައިރު ރާމިޔާ ކޮޓަރިތެރެއަށް ވެއްޓި މޫނުމަތީގައި އަތްއަޅައިގެންއިނީ ލިބުނު ސިހުމުން އަރައިނުގަނެވިފައެވެ. ހާނިމް ދަންޖެހިފައިހުރި މަންޒަރު ފެނުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ރާމިޔާއަށް ނަފްސާނީގޮތުންވެސް ކުރަންފަށައިފިއެވެ. އަދިވެސް ލޮލުކުރިމަތިން އެމަންޒަރުން ފެންނަމުންދިޔަފަދައެވެ. ރާމިޔާއަކީ ކުރިންވެސް ނަފްސާނީބަލީގެ ޝިކާރައަކަށްވެ އެކަމުގައި އެތަކެއް ވޭންތަކެއް ތަހައްމަލުކުރަމުން ގެންދާ ޒުވާނެކެވެ. އޭނާގެ ރިހޭ ފައި މައްޗަށް ފޮއެއް ވެއްޓުނު ފަދައެވެ.
އެޙަބަރު ލިބުމާއެކު ހަސްފަތާލުގައި ތިބި ޒުހުރާއާއި ފާތުމަވެސް ދުވެގަޑަގަޑައަޅާފައި އައިސް އެގެއަށް ހާޒިރުވިއެވެ. ރަށު ރައްޔިތުންހެން ފަސީހުގެ ފޯނަށް ގުޅަންފެށުމާއެކު ފަސީހުވެސް ފުންމައިގެން ތެދުވީ ދެލޯބޮޑުވެގެންނެވެ. ދުނިޔެ ޤިޔާމަތްވާން އުޅެނީ ބާވައެވެ ފަސީހު ހިތަށްއެރިއެވެ. އެކަކަށްފަހު އަނެކަކު ފަސީހުގެ ފޯނަށް ގުޅަމުން އެގެންދަނީ ކީއްވެގެންބާއޭ ފަސީހު ހިތަށްއެރިއެވެ. އެނގޭހާވެސްކަމަކީ ކޮންމެވެސް ވަރުގަދަ ކަމެއް ލައިގަނެގެން އުޅޭކަމެވެ. އެހެންނޫނީ ފުރަމެންދަމު އެހާގިނަ މީހުން އެއްފަހަރާ ފަސީހުގެ ފޯނަށް ނުގުޅާނެކަން އޭނައަށް އެނގެއެވެ. ފޯނަށް ސޭވްކޮށްފައި ނުވެސް ނެތް ނަންބަރުތަކުންވެސް ފަސީހުގެ ފޯނަށް ހުއްޓުމެއްނެތި ގުޅަމުންދިޔުމުން އެ އުޅެނީ އަމަށަކު ކަމަކާ ލައިގަނެގެން ނޫންކަން ފަސީހުއަށް ވަރަށް ރަނގަޅަށް ވިސްނުނެވެ. ފަސީހުއަށް ބޭއިހްތިޔާރުގައި ފޯނު ނެގުނީ އެ ސަބަބައްޓަކައެވެ. ވެގެން އުޅޭ ގޮތެއް ބަލަން އެދި އޭނާގެ ހިތް ބަންބަންލާފައި ތެޅެން ފެށުމާއެކު ފަސީހު ބަލާކަށްނުހުރެ ފޯނު ނަގާ ސުޕީކަރަށް ލިއެވެ.
“ބޮޑު ދުއްޕާނަކަށް ވެއްޖެއެންނު… މިއޮތް ފުރަމެންދަމު ހުއްޓާނުލާ މަށަށް ތިޔަގުޅަނީ ކޮންފަދަ ކަމަކާ ލައިގަނެގެންތަ…. ސުނާމީއެއް އެރީތަ ބިންހެލުމެއް އައީތަ ތަނަކު ރޯވީތަ ގެއެއް ބިމާހަމަވީތަ އޮޑިއެއް ބަންޑުންޖެހީތަ މީހަކު ކަރުބުރިކޮށްލީތަ ނޫނީ ކަލޭ ދުނިޔޭން މޮޔަވީތަ… އަޖައިބެންނު… ހަމަޖެހިގެން ނިދާލެވެންނެތޭ…” ފަސީހު ހުރީ އޭނާގެ ނިދި ޙަރާބުވުމުން އެކަމާ ރުޅިއައިސް ރަތްވެފައެވެ. ވާނީވެސް އެހެންތާއެވެ. އެފަކީރުވެސް މިދުވަސްކޮޅު ވިސްނާ ވިސްނާ އެހުންނަނީ ދުނިޔެއިން މޮޔަވާވަރު ވެފައެވެ. ހެދޭ ނުހެދޭ އެއްޗެއްވެސް ނޭގޭވަރުވެފައެވެ. ދެބަންދިހާރުވެފައެވެ. ބޯވެސް ބީތާވެފައެވެ. ނުވާކަގޮތެއް ނެތެވެ. މިއޮތީވާ ދުނިޔެއެއްތާއެވެ.
“އޭ ބުރޯ. ކަލޭ މަގޭ ކުރިމަތީގަ ހުރިނަމަ އަނގަމައްޗަށް މާއަރުވާލީމުސް… އެއްވެސް މީހަކު ސަބަބެއްނެތި މިދަންވަރަކު ނުގުޅާނެ… ތަންކޮޅެއް އަންޑަސްޓޭންޑިން މީހަކަށް ވެވޭތޯ މަސައްކަތްކޮށްބަލަ… އަހަރެން ބުރޯއަށް މިގުޅީ ނުގުޅާ ނުވެގެން… މިރަށުގަ ހިނގައިގެން މިއުޅޭ ކަންތައްގަނޑު ކަލެއަށްވުރެ ބޮޑަށް އެނގެންޖެހޭ މީހަކު ނުހުންނާނެ… ކަލޭ ބަފާ މިހާރުވެސް އޮތީ ހޮސްޕިޓަލުގަ.. ހާޓްއެޓޭކެއް ޖެހިގެން…. ދެން އޮތީ ކަލޭ ޅިޔަނުގެ ވާހަކަ…. ކަލޭ ޅިޔަނުވެސް ދަންޖެހިފަ ހުއްޓަ ދެންމެ ފެނިއްޖެ…. ކަލޭ މިރަށުގައި މިވަގުތު ހުރުން ވަރަށް މުހިންމު… އެންމެ އަވަހަށް ފުރާ ލޯންޗަކުން ބުރޯ ރަށަށް އާދޭ…” ފޯނުން ވާހަކަދެއްކި މީހާގެ ވާހަކަތައް އަޑުއަހަންހުރި ފަސީހަށް ފުރަތަމަ ޤަބޫލުކުރެވުނީ އެމީހަކު ސަމާސާކުރަނީކަމަށެވެ. އައިރުޅިން ފަސީހުގެ މުށްވެސްވަނީ ކަވާލެވިފައެވެ.
“ކިހާބޮޑު ދުއްޕާނެއްދެން… މީދެން ކޮންފަދަ ގަޑިއެއް ތިޔަކަހަލަ އެއްޗެހި ކިޔައިގެން ސަމާސާކުރަން…. މަށަކަށް މާ މަޖަލެއްނޫނޭ… އަމިއްލައަށް މަޖާވެގެން ނޫޅެބަލަ…ކަލެއަށް އެބަ އެނގޭތަ ކަލެއަށް ތިޔަ ކިޔޭ އެއްޗެއް… ތިޔަކަހަލަ އެއްޗެހި ކިޔައިގެން ސަމާސާކުރަން ކަލޭ ލަދެއްނުގަނޭތަ…” ފަސީހު އޭނާގެ ރުޅި ކޮންޓްރޯލްކުރެވޭތޯ މަސައްކަތްކުރަމުންދިޔައެވެ.
“ﷲ ގަންދީ ހުވާކޮށްފަ މިބުނަނީ…. އަހަރެން މިހަދަނީ ދޮގެއްނޫން… އަހަރެން ދައްކާ ވާހަކަ ބުރޯއަށް ގަބޫލުނުކުރެވެންޏާ ބުރޯ އާއިލާ މީހަކަށް ގުޅާފަ ޔަޤީންކޮށްބަލަ…”
ފަސީހު އޭނާގެ ވާހަކަތައް ގަބޫލުނުކުރުމުން އެމީހާ ރުޅިއައިސް ފޯނު ކަނޑާލިއެވެ. އެމީހާ ދެއްކި ވާހަކަތައް ފަސީހު ކަންފަތަށް އަދިވެސް އިވިއިވި ހުރިހެން އޭނައަށް އިހުސާސްކުރެވުނެވެ. ރަނގަޅަށް އެވާހަކަތަކާމެދު ވިސްނާލުމުން ފަސީހު ބޭގަރާރުވިއެވެ. ހާސްވާންފެށިއެވެ. ދެއަތްތިލަ ތުރުތުރުއަޅަންފެށިއެވެ. ފަސީހު އެވާހަކަތަކުގެ ދޮގުތެދު ޔަޤީންކުރަން ބޭނުންވީލެއް ބޮޑުކަމުން ޤަފޫރުގެ ފޯނަށް ގުޅިއެވެ. އެހެނަސް ޤަފޫރު އެފޯނަށް ޖަވާބުދޭނީ ފަހެ ކިހިނަކުންހެއްޔެވެ. ޤަފޫރުއޮތީ އައިސީޔޫގައި އެނދުމަތިކޮށްފައެވެ. އަދިވެސް އޭނާ ހެއެއްނާރައެވެ. ފަސީހު ދެން ގުޅީ ޒުހުރާގެ ނަންބަރަށެވެ. ނަމަވެސް ޒުހުރާގެ ނަންބަރުންވެސް ފޯނެއް ނުނެގިއެވެ. ފޯނު ނަގާނީވެސް ކިހިނެއްހެއްޔެވެ. ޒުހުރާވެސް އެއުޅެނީ އެއް ކަންތައްގަނޑަށްފަހު އަނެއްކަންތައް ލައިގަނެގެންނެވެ. ކަމަކު މައްޗަށް ކަމެއް ލައިގަނެގެންނެވެ.
ފަސީހު ފަތިހު އެންމެ އަވަހަށް ފުރި ލޯންޗުން ރަށަށްއައިސް ގޭދޮށަށް ދިޔައިރު ކަށުކަމާކެމީގެ ހުރިހާކަމެއް ނިންމުމަށްފަހު ފާތުމައާއި ޒުހުރާއާއި ރާމިޔާއައިސް ގެއަށް ވަންނަނީއެވެ. ރާމިޔާގެ މޫނުމަތިހުރީ މިލާމޯޅިވެފައެވެ. ޒުހުރާ ހާނިމްދެކެ ރުޅިއަޔަސް އޭނާގެ ނިމުން އެފަދަ ހިތިގޮތަކަށް ދާކަށް ދުވަހަކުވެސް ނޭދެއެވެ. ޒުހުރާ ހާނިމްގެ ފަރާތުން ކުރިހާވެސް އުންމީދަކީ އޭނާ އުޅެމުންއައި ނުބައި އުޅުން ދޫކޮށްލައި ހެޔޮވެގެންވާ ސީދާމަގުން ހިނގާނެ ދުވަހަކެވެ. އެހެނަސް އެދުވަސް ދެން ދުވަހަކުވެސް ނުފެންނާނެތާއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅުވެސް ހުވަފަތްވީތާއެވެ. އަނެއްކާ ހުސްހަށިބައި މީހަކަށް ވީތާއެވެ. އެހެނަސް ހާނިމް ނެތުމަކުން ރާމިޔާއަކަށް ލިބޭނެ އެއްވެސް ދަތިކަމެއްނެތެވެ. ހިތްހަމަޖެހިގެން ނޭވައެއްލެވޭނެ ފުރުސަތެއްލިބުނީތާއެވެ.
“މަންމާ…. ކީއްވެ އަހަރެންނަށް މިހުރިހާ ކަމެއް ވެގެންދިޔައިރު އެކަކުވެސް ހިލަމެއްނުވީ… މިރަށު ދުރުތާހިލޭ މީހަކު އަހަރެންނަށް ގުޅާފަ ޙަބަރުދިނީމަ އަހަރެންނަށް މިއަދު އަންނަން މި އެނގުނީ….” ފަސީހުހުރީ ޤަފޫރަށް ޖެހުނު ހާޓްއެޓޭކްގެ ވާހަކަ ފަސީހަށް ނޭންގުމުން އެކަމާ ނުރުހުންވެފައެވެ. ލޯބިވާ ބައްޕައަށް އެވަރުގެ ކަމެއް ދިމާވުމުން އެވާހަކަ ނޭންގުމުން އެކަމާ ދެރަވެފައެވެ.
“ދެން ތިވާހަކަ ބާއްވާ ފަސީ… ކަންތައްތައް ވެގެންދިޔަލެއް އަވަސްކަމުން އަހަރެމެންނަށްވެސް ވަގުތެއްނުވީ.. ދައްތަ ބުނިން ފަސީގެ މަންމަ ކައިރީގަ، ފަސީއަށް ނާންގައެއް ކަމަކު ނުދާނެޔޭ… އެކަމަކު ފަސީގެ މަންމަ ބުނީ ފަސީ އޮންނާނީ ނިދާފައޭ… އެދަންވަރު ފަސީއަށް ގުޅާފަ އެންގިޔަސްވެސް ފަސީއަށް ރަށަށް އާދެވޭނީވެސް ފަތިހުތާދޯ… ދެންމެ ދައްތައަށް ގުޅާފަ ހަސްފަތާލުގަ ހުރި ކުއްޖެއްބުނި، ބޭބެ ހޭއަރާފިއޭ…އެހެންވީމަ ދޭ ފްރެޝްވެލައިގެން އަންނަން… އެންމެން އެއްކޮށް ހޮސްޕިޓަލަށް ދާނީ ދޯ… ދޭ އަވަހަށް ރެޑީވެލައިގެން އަންނަން…. ފަސީ އަންނަންދެން އަހަރެމެން ތިބޭނަން އިންތިޒާރުގަ…” ރައްދުގައި ޖަވާބުދިނީ ފާތުމައެވެ.
****
“ބައްޕާ!!!!” ރާޒިޤު ފެނުމާއެކު ޖޫލީ އުފަލުންގޮސް ފޮޅުނެވެ. ދުވެފައިއައިސް ބައްދާލީ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. ރާޒިޤުވެސް ދަތްކޮޅު ރޮނޑަށްދީގެންހުރެ ޖޫލީގެ ބޮލުގައި ފިރުމާލުމަށްފަހު ނިތްކުރިއަށް ދޮނެއްދިނެވެ. އެ މަންޒަރު ބަލަން ހިނިތުންވެލާފައި ޒުނާމް ހުއްޓެވެ.
“ބައްޕަ މަތިން އަދި މަންމަ މަތިން ވަރަށް ވަރަށް ވަރަށް ބޮޑަށް ހަނދާންވި…. ވަރަށް ވަރަށް ވަރަށް ލޯބިވޭ……. އަހަރެން ދެން އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް ބައްޕަމެންނާ ދުރަށް ދާކަށް ނުޖެހޭނެ…. އަބަދުމެ ހުންނާނީ ކައިރީގަ….” ޖޫލީ އުންމީދާއެކު ބުނެލިއެވެ. ޖޫލީގެ ކުރިމަތީގައި ރާޒިޤަކީ އެފަދަ ދެވަނައެއް ނުވާ ނަމޫނާ ބައްޕައެކެވެ. ޖޫލީ އޭނާގެ ފުރާނަ ފަދައިން ރާޒިޤުދެކެ ލޯބިވަނީ ސަބަބެއްނެތިއެއް ނޫނެވެ. ރާޒިޤްގެ ދެވަންސޫރަ ޖޫލީއަށް ވަންހަނާވެފައި އޮތް އޮތުމާއިއެކު ރާޒިޤުގެ ފަރާތުން ޖޫލީއާއި ފާތުމައަށް ލިބޭ ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ސަބަބުން ޖޫލީގެ ނަޒަރުގައި ރާޒިޤަކީ ނަމޫނާ ބައްޕައެކެވެ. ނަމޫނާ ފިރިއެކެވެ. ބިލިއަނަކުން އެކެކެވެ. ޖޫލީއަކީ ރާޒިޤުގެ ދަރިއަކަށްވުމީ ޖޫލީގެ ނަޒަރުގައި އޭނާއަށް ލިބިފައިވާ އެންމެ ބޮޑު ފަޙުރެވެ. އެންމެ ބޮޑު ނަސީބެވެ. އެންމެ ބޮޑު އެއް ރަޙުމަތެވެ.
“ބައްޕާ… މަންމަ ބުނި އަންނާނަމޭ.. އެކަމަކު ނައީ ކީއްވެ؟” ފާތުމަ ފެންނަން ނެތުމުން ޖޫލީ ސުވާލުކޮށްލިއެވެ.
“މަންމަ އަންނަންވެގެން ވަރަށް ތައްޔާރުވެގެން އިނީ… އެކަމަކު ދިމާވި ކަންތައްގަނޑަކުން އާދެވޭގޮތް ނުވީ…” ރާޒިޤު ބޯހޫރާލަފައި ބުންޏެވެ.
“ކީކޭ… ކޮންކަންތައްގަނޑެއްގެ ވާހަކައެއް ތިބުނީ..” ޖޫލީ ހާސްވެފައި ސުވާލުކޮށްލިއެވެ. ވީގޮތެއް އެނގެން ބޭނުންވެގެންނެވެ.
“ޤަފޫރުބެއަށް ހާޓްއެޓޭކެއް ޖެހުނީ….އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ދެން ފެނުނީ ރާމިޔާ ފިރިމީހާ ދަންޖެހިފަ ހުއްޓަ… އެވެސް ރާމިޔާގެ ކޮޓަރީގަ… އެފަކީރު ބިރުން ކިރިޔާ މަރުނުވެ ހުރީ… އެހެންވެ މަންމައަށް މަޖުބޫރުވީ ރަށުގަ މަޑުކުރަން.. ފަސީހުވެސް ހުރީ ރިސޯޓުގަ ވިއްޔަ..” ރާޒިޤު ޖޫލީގެ ސުވާލަށް ޖަވާބުދިނެވެ
ފަސް ދުވަސް ފަސް
ފުރިޖުމަތީގައި ބަހައްޓާފައިހުރި ބޭސްފޮށިން ބޭސް ނެގުމަށްފަހު ފެންތައްޓަކާއެކު ޤަފޫރާއި ދިމާއަށް އެދިއްކޮށްލީ ޒުހުރާއެވެ. ޤަފޫރުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ހަސްފަތާލުން ދޫކޮށްލީ ހަސްފަތާލުގައި ބާއްވާ ވަރަށްވުރެ ސިއްހަތު ރަނގަޅުވުމުންނެވެ. އެކަމާއި މުޅި ޢާއިލާވެސް އުފާކުރިއެވެ.
ރާމިޔާވެސް އޭނާއަށް ލިބުނު އައު ދިރުމާއެކު ކުރީގެ އުފާވެރި ދިރިއުޅުމަށް ރުޖޫއަވެވޭތޯ މަސައްކަތް ފަށައިފިއެވެ. ފަތިހާ ހޭލި ގޮތަށް ނަމާދުކޮށްލައިފައިގޮސް ގޭ ކައިރި ކުނިކަހާލުމަށްފަހު ރާމިޔާ ބަދިގެއަށްވަނީ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ. ފަސީހުވެސް ރަށުގައި ހުރުމުން ރާމިޔާ ބޭނުންވީ ކޮންމެވެސް ރަނގަޅު އެއްޗެއް ތައްޔާރުކުރާށެވެ. ހަމަޖެހިލައިގެން އަނގަޔަށް ކާއެއްޗެއް ނުލެވޭތާ ހަމަ ހަޤީޤަތުގައިވެސް ޒަމާންތަކެއް ފާއިތުވެ ހިނގައްޖެއެވެ. ރާމިޔާ ހާނިމްގެ ކިބައިން ސަލާމަތްވެ މިނިވަންވުން ވެގެންދިޔައީ މުޅި ޢާޢިލާއަށްވެސް ނުހަނު ހަމަޖެހުން ގެނެސްދިން ކަމަކަށެވެ. އެކަމާއި ރާމިޔާއަށް ވުރެވެސް ބޮޑަށް އުފާވެފައި ތިބީ އޭނާގެ މައިންބަފައިންނެވެ. މިހާރު އެމީހުންގެ ހުވަފެނަކީ ރާމިޔާއަށް އުޖާލާ މުސްތަޤުބަލެއް ލިބުމެވެ. އުމުރުން އެންމެ އެކާވީސް އަހަރުގެ ރާމިޔާ އިތުރަށް ދެން ކައިވެންޏެއް ކުރަންޏާ ކުރާނީ އޭނާ މަތީތަޢުލީމް ހާސިލްކުރުމަށްފަހުގައެވެ. އެއީ ޤަފޫރާއި ޒުހުރާ އެދޭ އެދުމެވެ. ރާމިޔާއަށް ކޮންމެ ގޮތެއްވެސް ވަރިހަމައެވެ. އޭނާ ދެކޭ ގޮތުގައި މައިންބަފައިން ރުހޭގޮތަކަށް ކަންތައްކުރީމާ އެ ފުދުނީއެވެ. މައިންބަފައިންނާއި ދެކޮޅަށް ޙަޔާތުގައި އިތުރަށް ދެން އެއްވެސް ކަމެއް ނުކުރަން ރާމިޔާހުރީ ހިތުގެ އަޑިން ނިންމައިގެންނެވެ. ރާމިޔާ މިހާރު ބޭނުންވަނީވެސް އެގޮތެވެ. އަމިއްލައަށް މުސްތަޤުބަލުގެ މަގުޗާޓު ބިނާކުރުމުގެ ބަދަލުގައި އެ މަގު އޭނާގެ މައިންބަފައިން އޭނައަށްޓަކައި ކޮށައިދިނުމެވެ. ސަބަބެއްނެތިއެއް ނޫނެވެ. ކުރީގައި މައިންބަފައިންގެ ބަސްނޭހުނީތީއެވެ. ކަސިޔާރު މަގު އިހުތިޔާރު ކުރެވުނީތީއެވެ. އޭގެ ހިތި ރަހަ ޢަރުގައި ލީލެއް ގަދަކަމުންނެވެ. ވުމާއެކު އެފަދަ ދެވަނަ ތަޖުރިބާއެއް ރާމިޔާ ބޭނުމެއް ނުވެއެވެ.
މައިނޭވާ ލަމުންލަމުން މޫނުމަތިން އޮހޮރެމުންދިޔަ ދާތިކިތައް ފޮހެލުމަށް ރޯނުގައި ހުރި ތުވާއްޔަކަށް ދަމައިގަންނަމުން ފަސީހުއައިސް ބަދިގެއަށް ވަނީ އެތަނުގައި ޢާއިލާ އެންމެން ތިބީމައެވެ. ދުވަންގޮސް އައި ފަސީހު އެހުރީ ދުވެލި ވަރުން އެކަށް ވަރުބަލިވެފައެވެ. ހީވަނީ ހުރިހާ ހަކަތައެއް އެއްފަހަރާ ހުސްކޮށްލާފައި އައިހެންނެވެ.
“ކާކުތަ މިއޮތްފަދަ އަވިގަދަ ގަޑީ ދުވަން ދަނީ…” ފުރިޖުން ގަނޑުވެފައިހުރި ފެންފުޅިއެއް ނަގަމުން ޒުހުރާ ސަމާސާކޮށްލީ އެކޮށްލީ ފަސީހުއާއެވެ.
“މިކަން ކުރާ ހިތްވާ މީހުންނަށް މިކަން ނުކޮށެއް ނުތިބެވޭނެ… ހާދަ މުހިންމު ކަމެކޭ ގަވާއިދުން ކަސްރަތުކުރުމަކީ… ދުޅަހެޔޮކަން މަތީ ދެމިހުރުމަކީ ހާދަ ބޮޑު ނިޢުމަތެކޭ… ބައްޕަމެން ތިހެން ކަމެއް ނުކޮށް ތިބޭތީއޭ ތި ހާޓްއެޓޭކާ އެއްޗެހި ޖެހެނީ… ހަށިގަނޑަށް ބަލައިގެން އުޅެންވާނީ…. އެހެން ނޫނީ މުސްކުޅިވާދުހު ހިރިވެސް ނުލާ ތިބެން ޖެހޭނީ…” ފަސީހުގެ ވާހަކައިން އެނގެނީ ފަސީހަކީ ހަށިގަނޑަށް ނިކަން ސަމާލުކަންދޭ މީހެއް ކަމެވެ. އާނއެކެވެ. ދުވަން ދިއުމާއި ފެތުމާއި ޖިމަށް ގޮސްގެންވެސް ކަސްރަތުކުރުމަކީ ފަސީހުގެ އެންމެ ޅަފަތުންސުރެވެސް އޭނަގެ ހަށީގައި ހަރުލާފައިވާ ކަމެކެވެ. ހަށިގަނޑު އެހާ ފިޓުކޮށް ހުންނަނީ ސަބަބެއްނެތިއެއް ނޫނެވެ.
“މަންމާ… ބައްޕާ…. އަދި ރާމީ…. ފަސީ އެބަ އޮތް ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ…” އަތުގައިއޮތް ފިނިފެންފުޅިން ފެންކޯވަރެއް ބޯލަމުން ފަސީހު ބުނެލިއެވެ. އެ ޖުމުލައިގައި ފާޑެއްގެ ޖެހިލުންވުމެއް ވާކަން ކަށަވަރެވެ.
“އެއީ އަނެއްކާ ކޮން ވާހަކައެއްބާ….” ޒުހުރާ ހާސްވެލާފައި އަހާލިއެވެ.
“އެއީ އަހަރެން ވަޒީފާއިން ކެނޑުނު ވާހަކަ…” ބޭޤަރާރު ވީވަރުން ފަސީހަށް އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރެވުނީ ކިރިޔާއެވެ.
މުޅި މާހައުލަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. އެއްވެސް މީހެއްގެ ފަރާތުން ރައްދުގައި ބަހެއް ނީވެއެވެ. އެހެންކަމުން ފަސީހު އޭނާ ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް އެފުރުސަތުގައި ދައްކައި ނިންމާލަން ބޭނުންވިއެވެ. އެންމެން ފަސީހުގެ މޫނަށް ބަލަހައްޓައިގެން އެއްޗެކޭ ނުބުނެ ތިބީ ފަސީހަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭށެވެ.
“މިއީ އަހަރެން ވަރަށް ވިސްނާފަ ނިންމި ނިންމުމެއް… މަންމައާ މެދުވެސް، ބައްޕައާ މެދުވެސް، އަދި ރާމީއާ މެދުގަވެސް….. މިއީ އެއްގޮތަކަށްވެސް ފަސޭހަ ނިންމުމެއްނޫން…. އަހަރެން ވަރަށް މަސައްކަތްކުރިން. ވަރަށް ހިތްވަރުކުރިން. އެ ވަޒީފާގަ ދެމިހުރެވޭތޯ. އެހެނަސް އެއީ އަހަރެންގެ ހިތާ ދެކޮޅަށް އަދާކުރި ވަޒީފާއެއް. އެ ވަޒީފާ އަދާކޮށްގެން އަހަރެންނަށް އެއްވެސް އުފަލެއް ނުލިބޭ. އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭ. މުޅި ދުވާލުދާ ހަތަރުދަމު ކޮމްޕިއުޓަރ ސުކުރީނެއްގެ ކުރިމަތީގައި އިނދެ މުޅި ޢުމުރު ހުސްކޮށްލާކަށް އަހަރެން ބޭނުމެއްނޫން. އަނެއްކާ ރިސޯޓުގަ، ޢާޢިލާއާ ރަށާ ދުރުގަ ހުންނަން އަހަރެންނަށް ވަރަށް އުނދަގޫ. މި ވޭތުވެދިޔަ ދިހަ އަހަރު އަހަރެންނަށް މިކުރެވުނީ ވަރަށް ހިތްދަތި ތަޖުރިބާއެއް… އެހާމެ ހިތި ތަޖުރިބާއެއް… އަހަރެން މިވީހާ ދުވަހު އެކޮޅުގަ މަޑުކޮށްގެން ހުރީ ހަމައެކަނި މި ޢާޢިލާގެ ހައްޤުގަ… ބައްޕައަށް މަސައްކަތް ނުކުރެވޭތީ، އަހަރެންނަށް ޢާޢިލާގެ ޒިންމާތައް އުފުލަން މަޖުބޫރުވީތީ… އިރާދަކުރެއްވީޔާ، ދުވަސްކޮޅަކު ވަޒީފާއަކަށް ނުގޮސް ހުއްޓަސް އެއްވެސް ދައްޗެއް ނެތި އުޅެވޭނެހާ ފައިސާ އަހަރެންނަށް ރައްކާ ކުރެވިފަ އެބަހުރި… އެންމެން އަހަރެންނަށް މާފުކޮށްދީ…. އަދި އަހަރެންނަށް އެންމެންވެސް އިތުބާރުކޮށްދީ… އަހަރެން ދުވަހަކުވެސް މި ޢާޢިލާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން… މިހާރު އިރާދަކުރެއްވީޔާ ހުރިހާ ކަމެއްވެސް މިދަނީ ހަމައަކަށް އެޅެމުންނެންނު ދޯ…” ފަސީހު ދައްކަން ބޭނުންވީ ވާހަކަ ދައްކާ ނިންމާލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
“ކީކޭ؟ ހުރިހާ ކަމެއް ހަމައަކަށް އެޅުނީއޭ؟ ވަޒީފާއިން ކެންޑުނީމަ ކިހިނެއް ހުރިހާ ކަމެއް ހަމައަކަށް އެޅޭނީ..؟ މިގޭގަ ލާރިއެއް ހޯދަން ހުރި މީހަކީވެސް ތީ… ހުރިހާވެސް މީހަކީ ތީ… ކޮއްކޮވެސް އެ އުޅެނީ ވަޒީފާއަކަށް ކުރިމަތިލައިގެން…. އެހެން ވަޒީފާއެއް ހޯދަން ވިޔަސް، ކޮއްކޮއަށް ވަޒީފާއެއް ލިބެންދެން މަޑުކޮށްލިނަމަ… ތިވަރުގެ ނިންމުމެއް ނިންމާއިރު ބައްޕަމެންގެ ޙިޔާލެއް ލަފައެއްވެސް ހޯދާނުލީތީ ވަރަށް ދެރަވެއްޖެ… މައިންބަފައިންނަށް ދަރިން ދުވަހަކުވެސް ބޮޑެއް ނުވާނެ…” ޤަފޫރު ހުރީ ނުހަނު ކަންބޮޑުވެފައިކަން އޭނާގެ ވާހަކައިން އެނގެއެވެ.
“އެއްބަނޑު ފާތުމަ ފިރިމީހައަކީ ރަށުގެ ނެތްވަރުގެ މުއްސަންޖެއް. ރިސޯޓެއްގެ ބޮޑުމީހާ… އެކަމަކު ޤަފޫރު ތެޅެން ތިޖެހެނީ ގަނަ.. ކީއްތަ ވާނީ ރާޒިޤު ކައިރީގަ ބުނެގެން ރާމިޔާއަށް ވަޒީފާއެއް ހޯދައިދިނިއްޔާ… ޤަފޫރު މީހަކަށް ވާނަމަ އަހަރެމެން ހަޤީޤަތުގަ ނުޖެހުނީހޭ އެހެން މީހުންނަށް ގުލާނުކޮށްގެން ގުދުބިންދައިގެން މަސައްކަތްކޮށްގެން އުޅޭކަށް…” ފަސީހު ދެއްކި ވާހަކައަކުން ޒުހުރާއިނީ އަރާ ނަރުގަނޑުގައެވެ.
“ހުއްޓާލާ ޒުހުރާ… އަހަރެންގެ އެއްބަނޑު މީހާގެ ފިރިމީހާ މުއްސަންޖެކޭ ކިޔާފަ އަހަރެމެން ނުޖެހޭ އޭނަ ފެލައިގެން ދިރިއުޅެން ވިސްނާކަށް… އަހަރެމެން ނުޖެހޭ މީސްމީހުން ކައިރިން ސަލާންޖަހައިގެން އުޅޭކަށް… އަދި އެހިސާބަކަށް ނުދޭ… އެދުވަހެއް އައީމަ އަހަރެންވެސް ރާޒިޤު ކުރިމައްޗަށް ގޮސްދާނަން ނާށިގަނޑު ހިފައިގެން ސަލާންޖަހަން….” އަމިއްލަ ހާލަތު ހުރި ނާޒުކު ފައްތަރު ވިސްނި ޤަފޫރު ހިތުގައި ޖެހުނެވެ. އެންމެ ބޮޑު ހިތާމައަކީ ޢާއިލާގެ ހައްގުގައި ޢާމްދަނީ ހޯދާނެ ކުޅަދާނަކަށް ގައިގައި ނެތުމާއިއެކު ޒުހުރާގެ އުންމީދުތަކާއި އަރާހަމަނުކުރެވުމެވެ. ޤަފޫރު ބޮލުގައި އަތް ހިންގާލީ ވީ ދެރައިންނެވެ. އިތުރަށް ޒުހުރާއާއި ޖަދަލުކުރަން ބޭނުން ނުވާތީ ޤަފޫރު އެތަނުން ނިކުތެވެ. މައިންބަފައިންގެ މެދުގައި ޒަމާނުންސުރެ ދިގުދެމިފައި އޮތް ޒުވާބަށް އަދިވެސް ނިމުމެއް ނާންނާތީ ރާމިޔާއާއި ފަސީހުވެސް ތިބީ ހަދާނެ ގޮތް ހުސްވެ މާޔޫސްވެފައެވެ. ފަސީހުއަށް އޭނާގެ ވާހަކަތައް ދެއްކުނު ދަނޑިވަޅު ރަނގަޅުބާއޭވެސް ފަސީހުއަށް ހިތާއިހިތުން ސުވާލުކޮށްލެވުނެވެ. ޒުހުރާވެސް އެތަނުގައި މަޑުނުކޮށް ނިކުމެގެން ހިންގައްޖެއެވެ.
****
ޖޫލީ ބަދިގެއަށްވަނީ ނިދިއަންނަ ވަރުންނެވެ. ކޮފީ ތައްޓެއް ހަދައިގެން ބޯލުމަށެވެ. ރާއްޖެއަށް އައިފަހުން ދުވާލުގެ ގަޑިތަކުގައިވެސް ނިދިއަންނަވަރުން ޖޫލީއަށް އަދިވެސް އެ އުޅެނީ އޭނާގެ “ރޫޓީން” ހަމައަކަށް އަޅުވާ ނުލެވިގެންނެވެ. ޒުނާމްވެސް މިދުވަސްކޮޅު ހުރީ ޗުއްޓީއެއްގައެވެ. ޒުނާމްއަކީ ގުރެފިކް ޑެޒައިނަރެއްކަމުން އޭނާ ގިނައިން މަސައްކަތްކުރަނީ ގޭގައެވެ. ޖޫލީ ގާތުގައި ލަންޑަނުގައި ޒުނާމްއަށް އެހާ ގިނަ ދުވަހު ހުރެވުނީ އޭނާއަށް ގޭގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުންނެވެ. އެ ފުރުސަތު ލިބުނީ ކޮވިޑް ނަވާރައިގެ ބަލިމަޑުކަމާއެކުއެވެ. އެއިރުންސުރެ އަދި އަދަށްވެސް ޒުނާމް އެއުޅެނީ އެ ފަސޭހަކަން މަތީގައެވެ.
ޒުނާމް މެންދުރު ނަމާދުން އައިސް ގެއަށް ވަތްއިރު ޖޫލީ ފެންނަން ނެތުމުން ޖޫލީއަށް ގޮވާލުމުންވެސް ހިލަމެއް ނުވިއެވެ. ކުރިއަށް ފިޔަވަޅެއް އެޅުމާއެކު ބަދިގޭގައި ހުރި ކުޑަދޮރުން ޖޫލީ ބަދިގޭގައި ހުރިތަން ފެނުމުން ޒުނާމް ބޭނުންވީ ޖޫލީއާއި ސަމާސާ ކޮށްލާށެވެ. އޭނާ ސިއްސުވާލާށެވެ. ޒުނާމް މަޑު ހިނގުމެއްގައިގޮސް ބަދިގެއަށް ވަތްއިރުވެސް ޖޫލީއަކަށް އެކަމެއް ނޭނގެއެވެ. ޒުނާމް ކުއްލިއަކަށްގޮސް ޖޫލީގެ ކޮނޑުގައި ކޮށްޓާލުމަށްފަހު ހަޅޭއްލަވައިގަން ހިނދު ޖޫލީ އެއްލިގަނެގެންގޮސް އޭނާގެ އަތުގައި ހުރި ކޮފީތަށި އޭނާގެ އަތަށް ބަންޑުންވިއެވެ. ނަގައިގަން ދިލައިން އައްދިއްޔޯއޭ ކިޔާފައި ޖޫލީ ރޮއެގަތެވެ. ޒުނާމް ބިރުގަތެވެ. އަދި ކުރެވުނު ކަންތަކުގެ މޮޔަހީވިއެވެ.
“ދެން ޒުނާމް ކުރާ ކަންތައް. އައްދޯތް….” ޖޫލީ ބަލާކަށްނުހުރެ ސިންކު ދޫކޮށްލާފައި އަތް ފެނަށްލިއެވެ. ފިނިފިނި ފެން އަތަށް އެޅުމުންވެސް އަޅަމުންދިޔަ ވޭނަށް އެއްވެސް ރާހަތެއްނުކުރިއެވެ. ޒުނާމް އަވަސްއަވަސްކޮށްލާފައި އައީ ފަސްޓު އެއިޑް ކިޓު ހިފައިގެންނެވެ. ފިހިފައިވާ ތަންތަނުގައި ކޭތުމަށް އެންމެ ރަނގަޅީ ވެސްލިންއޭ ބުނާއަޑު ޒުނާމްއަށް އިވިފައިވާކަން ނަސީބެއްތާއެވެ. ޖޫލީއަށް ކުޑަވެސް ފަސޭހައެއްވީ ފިހުނު ތަންތަނުގައި ވެސްލިން ކާތައިލުމުންނެވެ.
“މިކަން މިނިމުނީ.. މިއީކީ ދެން އެހާވަރުގެ ކަމެއްނޫން… ދެންފަހަރަކުން މަޖާކުރާށޭ ކިޔާފަ އައިސް އަހަރެންގެ އިނގިލި ބުރިކޮށްލާ…” މާ ނުވާ ކަމަށް ހަދާފައި ޖޫލީ އައިސްފައިހުރި ރުޅި ޒުނާމްއަށް ބާލަންފެށިއެވެ.
“ދެންވެސް ބަލަންނުހުރެ އަހަރެންނަށް ކޮފީ ތައްޓެއް ގިރައިދީބަލަ” ޖޫލީ އާދޭސްކޮށްލިއެވެ.
“ދެން އަހަރެން ގަސްދުގަ ކުރިކަމެއް ނޫނޭ… ސަމާސާކޮށްލާ ހިތްވީ… ހިއެއްނުކުރަން އެހާ ބޮޑަށް ސިހޭނެ ކަމަކަށް… ކުރިންވެސް އަހަރެން މިގޮތަށް ސަމާސާކުރަމެއްނު…” ޒުނާމްހުރީ ދެރަވެފައެވެ.
“ސޮރީ… އަހަރެން އެހެން ބުނި އެއްޗެއްނޫން.. ވީ އެއްޗެއްވީ.. އެއީ އެއްވެސް ކަމެއްނޫން… އައި އޯލްވޭސް އެންޖޯއި އިޓް ވެން ޔޫ ޕްރޭންކް ވިތު މީ…” ޒުނާމްއަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ.
“ޖޫ… އަހަރެން އެބައޮތް ވާހަކައެއް ދައްކަންވެފަ!” ޒުނާމް ބުނެލިއެވެ.
“އެއީ އަނެއްކާ ކޮން ވާހަކައެއް؟” ބޮލުގައި ހުޅިއެއް ޖަހާލަމުން ޖޫލީ ސުވާލުކޮށްލިއެވެ.
“އެއީ ޖޫ ޑޮކްޓަރުކަން ކިޔަވާ ނިމުނީމަ. އަހަރެން ބޭނުން ރައްޓެހިންނަށާ ޢާޢިލާ މީހުންނަށް ޕާޓީއެއް ބާއްވަން.. ސެލެބްރޭޝަން ޕާޓީއެއް… ޖޫއަށް ތި ލިބުނީ ކިހާބޮޑު ކާމިޔާބީއެއް.. ތިޔަ ހާސިލްވީ ކިހާ ބުރަ މަސައްކަތެއްގެ ފޮނި ނަތީޖާދޯ… އެހެންވީމަ ސެލެބްރޭޝަންއަކާ ނުލާ ފުރިހަމައެއް ނުވާނެ.. އަހަރެން މަންމަ އަދި ބައްޕައާވެސް ވާހަކަ ދައްކައިފިން… ބައްޕަ ބުނީ ބައްޕައަށް މިފަހަރު އެކަމުގަ އަމަލީގޮތުން ބައިވެރި ނުވެވިދާނެއޭ.. އެކަމަކު ކަމަކު ބޭނުން ވާނަމަ ބުނާއްޗޭ… ޒުނާ ހުރިހާ ކަމެއް އިންތިޒާމްކޮށްލާށޭ… ޖޫލީއާ ދެމީހުންވެގެން.. ދެން މަންމަ ބުނި ފަސީވެސް ހުންނާނެއޭ… ފަސީވެސް އަންނާނެއެއް ނޫން ހެއްޔޭ ހެލްޕް ވާން…” ޒުނާމް އޭނާގެ ސިކުނޑީގައި ދައުރުވަމުންދިޔަ ޙިޔާލު ހިއްސާކޮށްލިއެވެ.
“އޯ ޔާ… ތީ ވަރަށް ސަޅި ޙިޔާލެއް… އަހަރެންވެސް ވަރަށް ބޭނުންވެފަ މިހުންނަނީ.. މިހާ ގިނަ ދުވަސް ކޮށްލާފަ އެންމެންނާ ދިމާކޮށްލާ އުފާކޮށްލަން… ސޯ ހިނގާ ރެޑީވާން ފަށަމާ ދޯ… މާދަމާ ރޭ ކިހިނެއް ވާނީ؟” ޖޫލީއަށް އެ ޙިޔާލު ވަރަށް ކަމުދިޔައެވެ. އޭނަވެސް ބޭނުންވަނީ އެގޮތެވެ.
****
ފަސީހު ފެންވަރާލައި ރީތިވެގެން ކޮޓަރިން ނިކުމެލި ހިނދު އޭނާގެ ފޯނު ރިންގުވާންފެށުމުން ފޯނު ނަގާފައި ބަލައިލި އިރު ގުޅަމުން އެދަނީ ފާތުމައެވެ.
“ހަލޯ ދައްތާ… ކިހިނެއް ވީ؟” ފަސީހު ފޯނު ނެގުމަށްފަހު ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ.
“މިއަދު މެންދުރު ބައްޕައާ ދެމީހުން މިގެއަށް އަންނަންވީނު ކާން… ހުންނާނެ ފަސީއަށް އެންމެ މީރު ވަޅޯމަހު ފުރައިޑް ނޫޑްލްސް ކައްކާފަ… އެއްގަޑި ބައިހާއިރު އަންނާތި އިނގޭ..” ފާތުމަ މެންދުރުގެ ކެއުމަށް ދައުވަތުދިނެވެ. އެއީ ފަސީއަށް އާންމު ކަމެކެވެ. ރަށުގައި ހުރީޔާ ގިނައިން ކައިހަދަނީ އެގެއިންނެވެ. ފަސީ އުފާވެލާފައި ދައުވަތު ޤަބޫލުކޮށްލުމަށްފަހު ފޯނު ކަނޑާލިއެވެ.
“ރާމީ… ކޮބާ، އެޕްލައި ކުރި އެއްވެސް ތަނަކުން އިންޓަވިޔުއަށް ދާން ގުޅިތަ؟” ސިޓިންރޫމްގައި ޓީވީ ބަލަންއިން ރާމިޔާ ފެނުމާއެކު ފަސީހު ސުވާލުކޮށްލިއެވެ.
“އަދި އެއްވެސް ތަނަކުން ޙަބަރެއް ނުވޭ… އަހަރެން މިހުންނަނީ ވަރަށް ބިރުގަނެފަ. ނަތީޖާވެސް އެހާ ރަނގަޅު ނޫންވީމަ، ކާކު އަހަރެންނަށް ވަޒީފާއެއް ދޭން ބޭނުންވާނީ…” ރާމިޔާ ދެރަވެލާފައި ބުންޏެވ.
“ދެރަ ނުވޭ ރާމީ… އިރާދަކުރެއްވިއްޔާ ރާމީއަށް ވަރަށް އަވަހަށް ވަޒީފާއެއް ލިބޭނެ. ބޭބެ ދުޢާކުރާނަން… މާ ބޮޑަށް އެކަމާ ވިސްނާފަ ބޯ ނުގޮއްވާތި. އިންޝާﷲ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް.” ރާމިޔާއިނީ މާޔޫސްވެފައިކަން އެނގުމުން ފަސީހު ބޭނުންވީ އޭނާއަށް ހިތްވަރުދޭށެވެ.
****
ދޮރުގެ ބެލް އަޅަންފެށި އަޑަށް ފާތުމަ ގޮސް ދޮރު ހުޅުވި އިރުގައި ހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. ފަސީހެވެ. އަތުގައި މާ ބޮނޑިއެއްވެސް އޮތެވެ. ފާތުމަ ފެނުމާއެކު ފަސީހު ހީލާފައި ގޭތެރެއަށް ވަދެ ނަޒަރު ހިންގާލީ ޖޫލީ ފެނޭތޯއެވެ. އެގެއަށް ގޮސްފީޔާ ފަސީހަށް ފުރަތަމަވެސް ކުރެވޭ ކަމަކީ އެއީއެވެ. ޖޫލީ ހޯދުމެވެ. ޖޫލީ ހުރިތަނަކަށް ދިއުމެވެ. ބައެއްފަހަރު ފާތުމަ ހިތަށްއަރައެވެ. ފަސީހު އެގޮތަށް އެއުޅެނީ ކީއްވެބާއެވެ. ޖޫލީއަށް އެހާބޮޑު ސަމާލުކަމެއް ދެނީ ކީއްވެގެންބާއެވެ. އެދެމީހުންގެ މެދުގައި ދެބެންގެ ދެދަރިންނަށްވުރެ މާ ވަރުގަދަ ގުޅުމެއް ގާތްކަމެއް ރަހުމަތްތެރިކަމެއް އޮންނަނީ ބާވައެވެ. ފަސީހު އަބަދުވެސް ޖޫލީއާއި ވަކިން ބައްދަލުކުރަން ބޭނުންވަނީ ކީއްވެގެންބާއެވެ. ފަސީހުގެ ނަޒަރު އަބަދު ޖޫލީއަށް އަމާޒުވެފައި ހުންނަނީ ކީއްވެބާއެވެ. ގައިމު ކޮންމެވެސް ސަބަބެއް އޮންނާނެތާއެވެ. އެކަމަކު އަހާލަންވެސް ކެރޭނީ ކިހިނަކުން ހެއްޔެވެ. ޝައްކުވެސް ކުރާނީ ކޮން ނިޔަތެއްގައި ހެއްޔެވެ. ޝައްކުކުރަންވެސް ވާނެބާއެވެ. ނޫންތާއެވެ. އެހެން ކަންތައް ކުރެވޭ ނަމަ ކަން އެކުރެވެނީ ގޯސްކޮށްތާއެވެ. ފާތުމަ ހިތާހިތުން ބުނެލިއެވެ.
“ތީ ކީއްކުރަން ގެނައި މާބޮނޑިއެއް؟” ފާތުމަ ސުވާލުކޮށްލިއެވެ. ސުވާލުނުކޮށް ނުހުރެވުނީއެވެ. އެހެންކަމުން ބޭއިޙްތިޔާރުގައި ސުވާލުކުރެވުނީއެވެ.
“ޖޫލީއަށް ދޭންތަ؟” ފަސީހުއަށް ޖަވާބެއް ނުދެވި އުޅެނިކޮށް ފާތުމަ އަނެއްކާވެސް އޭނައަށް އަމާޒުކޮށްލީ ސުވާލެކެވެ.
“އަހަރެން، އަހަރެން ކީއްކުރަން ޖޫލީއަށް މާބޮނޑިއެއް ގެންނަންވީ… ޖޫލީއަށް މާބޮނޑި ގެނެސްދޭނީ ޒުނާމް އެންނު… މިއީ އަހަރެން އައި މަގުމަތީގަ ފެނުނު އެއްޗެއް. އެހެންވެ ގަނެލާ ހިތްވީ ރީތިކަމުން… ދައްތަ ބޭނުންތަ؟” ފަސީހު ވާހަކަދެއްކީ ސުވާލަކަށް ޖަވާބުދޭ ބީދައިންނެއް ނޫނެވެ. ނުސީދާކޮށެވެ.
“އަންހާ ފަސީ… ހާދަ ރީތި މާބޮނޑިއެކޭ… މަށަށް ގެނައި އެއްޗެއްދޯ… ވަރަށް ބޮޑަށް ތެންކްސް”. ޖޫލީ އައިސް ފަސީހުގެ އަތުގައި އޮތް މާބޮނޑި ޖަހައިގަތެވެ. ފަސީހުވީ ރަތްކެވެ. އާނއެކެވެ. އެއީ ފަސީހު އައި މަގުމަތީގައި ރީތިވެގެން ގަތް މާބޮނޑިއެއް ނޫނެވެ. އެއީ ޖޫލީއަށް ވެދުންކުރުމުގެ ނިޔަތުގައި ގަތް އެއްޗެކެވެ. އެހެނަސް ފާތުމަ ހުރީމައި ތެދުތެދަށް ބުނަން ފަސްޖެހުނީއެވެ. ނުކެރުނީއެވެ. ފަސީހު ނުބުންޏަސް، ފަސީހުގެ ހިތުގައި ޖޫލީއަށް ދެވިފައިވާ ހާއްސަ މަޤާމެއް ވާކަން ފާތުމައަށް ޔަޤީނާއި ގާތަށް އެނގެއެވެ. އެއީ އިޝްޤީ ލޯތްބެއްބާއެވެ. ނޫނީ ޢާޢިލީ ކުލުނު ބާއެވެ. ފާތުމަގެ ސިކުނޑި ސުވާލުތަކުން ފުރާލިއެވެ. ޖޫލީއަކީ މީހެއްގެ އަންބެއްކަން އެނގިހުރެ ފަސީހު ޖޫލީއާއި މާބޮޑަށް ކައިރިވެގެން އުޅޭ ސަބަބާއިމެދު ފާތުމައަށް ކުޑަކޮށް ވިސްނާލެވުނެވެ. އެހެނަސް އިތުރަށް ވިސްނަން ބޭނުންނުވީ ކުށްހީއެއްގެ މައްޗަށް ސިކުނޑީގައި އޮއްޓަރެއްނެތް ޙިޔާލުތައް ދައުރުކުރަން ބޭނުންނުވާތީއެވެ. އަދި ފަސީހު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އޭނައާއި މެދު ޝައްކުގެ ނަޒަރަކުން ދެކެން ބޭނުން ނުވާތީވެސްމެއެވެ.
****
އެންމެން ކާމޭޒު ދޮށުގައި ތިބީ މެންދުރުގެ ކެއުމަށް ތައްޔާރުވެއެވެ. ގަޑިން މެންދުރުގެ ދޭއްޖެހުމަކާއި ގާތްވަނީއެވެ. ފަސީހުގެ ނަޒަރު ހުއްޓިފައިހުރީ ޖޫލީއަށެވެ. އެ މަންޒަރު ޒުނާމްގެ ލޮލުގައިވެސް އަޅައިގަތެވެ. ފާތުމައަށްވެސް އެކަން ފާހަގަ ވީ ނަމަވެސް އެއްޗެކޭ ބުނަން ނުކެރުނީ ޒުނާމް ހުރީތީއެވެ. ޒުނާމް އެއްޗެކޭ ހިތަށް އަރާފާނެތީއެވެ. ޒުނާމްގެ ހިތުގައި އެއްވެސް ކުށްހީއެއް އުފެދިފައި އޮންނާކަށް ފާތުމަ ބޭނުމެއް ނުވެއެވެ.
“ފަސީހު ހާދަވަރަކަށް ޖޫލީއަށް ތިބަލަނީ… އައިންސުރެން ނަޒަރު އެއް ދިމާލަކަށް ވީޔަ ސީދާކޮށްފަ ތިޔަ ބަހައްޓަނީ…” ޒުނާމް ހިތްހަމަނުޖެހިގެން އެއްޗެކޭ ނުބުނު ނީންދެވިގެން އޭނާގެ ދުލުން އެ ސުވާލު ބޭރުވީއެވެ. އޭނާ ފިޔަވާ އެހެން މީހެއްގެ ނަޒަރު ޖޫލީއާއި ދިމާލަށް ހުއްޓިފައިހުރިތަން ބަލަން ޒުނާމްއަކަށް ކެތެއް ނުކުރެވޭނެއެވެ. އެއަށްވުރެ ބޮޑަށް ޒުނާމް ޖޫލީދެކެ ލޯބިވެއެވެ. އެފަދަ ހަޤީޤީ ލޯތްބެއް އިންސާނަކު ދެކެ ވެވޭނީ މަދު މީހަކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އައިސްފައިހުރި ރުޅިން ޒުނާމްގެ މުށްވެސް ވަނީ ކަވާލެވިފައެވެ.
****
ފުން ޙިޔާލެއްގެ ތެރެއަށް ގެއްލިފައިއިން ރާމިޔާ ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސްއަވަހަށް ފޯނަށް ގުޅަނީ ކާކުތޯ ބަލައިލިއިރު ގުޅަމުންދިޔައީ ނުދަންނަ ނަންބަރަކުންނެވެ. ފޯނު ނަގާލުމާއެކު އެ ގުޅައިލީ ވަޒީފާއަކަށް އެޕްލައިކުރި ތަނަކުންކަން އެނގުމުން ރާމިޔާ ވަޒީފާއަކާއިމެދު ކުރަމުންއައި އުންމީދަށް ކުޑަވަރެއްގެ ދިރުމެއް ލިބުނު ފަދައެވެ. އެތަނުން ގުޅާފައި ބަސްދީގަތުމަށް އައުމަށް ގަޑި ކީ އެދުވަހުގެ ހަވީރުގެ ވަގުތެއްކަމުން ދިޔުމުގެ ކުރިން ތައްޔާރުވެލަންވެސް މާކަ ގިނަ ވަގުތެއް ނެތެވެ. ރާމިޔާ މީގެ ކުރިން ދުވަހަކުވެސް ވަޒީފާއެއް އަދާނުކުރެއެވެ. މިއީ އޭނާގެ ހަޔާތުގެވެސް ފުރަތަމަ ބަސްދީގަތުމެވެ. ވުމާއެކު އެކަމުގެ ހާސްކަން ހިތުތެރޭގައި އަށަގެންފިއެވެ. އެމީހުންގެ ސުވާލުތަކަށް އެންމެ އެދެވޭ ގޮތަށް ޖަވާބުދޭން ނޭނގިދާނެތީވެ ރާމިޔާ އެކަމާއި ބިރުގަންނަން ފެށިއެވެ.
****
“ފަސީ ކީއްވެގެންތަ މިހާ ދުވަސްވީ އިރުވެސް މީހަކާ ނީންދެ ހުހަށް ތިހުންނަނީ…؟” ޒުނާމް ފަސީހަށް އަމާޒުކޮށްލީ ސުވާލެކެވެ.
“އަހަރެން މީހަކު ދެކެ ލޯބިވީން.. އަމިއްލަ ފުރާނައަށްވުރެވެސް ބޮޑަށް ލޯބިވީން… އެކަމަކު އަހަރެންނަށް އެ ލޯބި ކާމިޔާބެއް ނުވި… ނާކާމިޔާބީއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެ… ލޯބީގަވެސް.. ހަޔާތުގެ އެހެނިހެން ކަންކަމުގައިވެސް… އަހަރެންނަކީ ދިމާލަށްހުރި ބޮޑު ފެއިލިއާއެއް… އަހަރެން ދުނިޔެއަށް އުފަންވީ އެކަނިން.. މި ދުނިޔެއާއި ވަކިވެ ދާނީވެސް އެކަނިން. އަހަރެން އެންމެ ބޭނުންވީ ލޯބި އަހަރެންނަށް އަލްވަދާއުކީ… އެދުވަހަށްފަހު އަހަރެންނަށް އިތުރު އެހެން މީހެއްދެކެ ލޯބި ނުވެވޭ… އަދި ކުރިއަށް އޮތްތަނުގަވެސް ނުވެވޭނެކަން އެނގޭ…” ފަސީހު ވާހަކަދެއްކީ ހަޤީޤަތަށެވެ. ޒުނާމްއަށް ނުވިސްނުނީ ފަސީހު އެބުނާ ލޯބިވެރިޔާއަކީ ކޮބައިކަމެވެ. ފާތުމައަށް ކޮންމެވެސް ވަރެއްގެ ހިލަމެއް ވީފަދައެވެ. ޖޫލީއަށް ޔަޤީނަށްވެސް އެއީ ކާކުކަން އެނގެއެވެ. އަނގައިގައި ޒިބެއް އެޅިފައިވާ ފަދައިން މަންމަންވެފައި ޖޫލީ އިނުމުން އޭނާގެ އެ މަޑުމައިތިރި ކަމުގެ ފަހަތުގައި ކޮންމެވެސް ވަރުގަދަ ކަންތައްގަނޑެއް ފޮރުވިފައިވާކަން ޒުނާމްއަށް ވިސްނުނެވެ.
****
ރާމިޔާ ބަސްދީގަތުމަށް ތައްޔާރުވެލައިގެން ގެއިން ނިކުތީ ނުހަނު އުންމީދާއެކުއެވެ. ގަޑިޖެހިދާނެތީ ބާރުބާރަށް ހިންގަމުންގޮސް މާގިނަ އިރުތަކެއް ނުވެ ރާމިޔާއަށް ބަސްދީގަތުމަށް ހަމަޖެހިފައިވާ އޮފީހަށް ދެވުނެވެ. އޮފީސްތެރެއަށް ވަދެގެން ދިޔައިރު އެތަނުގައި މަސައްކަތްކުރަން ތިބި އެންމެންގެ ނަޒަރުހެން ހުއްޓިފައިހުރީ ރާމިޔާއަށެވެ. އެކަމުން ރާމިޔާގެ ހާސްކަން އިތުރުކޮށްލިއެވެ. ހިތްވަރުކޮށްލާފައި، މިއައީ އިންޓަވިއުއަކަށޭ ބުނުމުން އެތަނުގައި ހުރި ކެބިންއަކާއި ދިމާލަށް އިޝާރާތްކޮށްލުމަށްފަހު އެތަނަށް ރާމިޔާ ދިޔުމަށް އެތަނުގައި ހުރި މީހަކު އެދުނެވެ.
ރާމިޔާގޮސް އެ ކެބިންގެ ތެރެއަށް ވަންއިރު އެތަނުގައި ހުރީ އެންމެ މީހެކެވެ. މުސްކުޅި ފުރައިގެ ފިރިހެނެކެވެ. އެމީހާ ރާމިޔާއާއި ދިމާލަށް ބަލަހައްޓައިގެން ހުރިގޮތުން ރާމިޔާ ނުތަނަވަސްވާގޮތް ވިއެވެ. ވަށައިގެންވަނީ ފަނޑު އަލިކަމެކެވެ. އެ މާޙައުލު ރާމިޔާއަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އެމީހާގެ ނަޒަރު ރާމިޔާއަށް ސީދާވެފައި ހުރިގޮތުން އެމީހާގެ ނިޔަތް ރަނގަޅު ނޫންކަން ރާމިޔާއަށް ވިސްނުނެވެ. އެ ހިނދު އެތަނުން ނިކުމެގެން ދާންވެސް ރާމިޔާ ބޭނުންވިއެވެ. ރާމިޔާ އެތަނުން ނިކުންނަން ހިނގައިގަތްތަނުން އެމީހާ އައިސް ރާމިޔާގެ އަތުގައި ހިފެހެއްޓިއެވެ. އަދި އެތަނުގައި ހުރި ދޮރު ތަޅުލިއެވެ.
“އަހަރެންގެ ޕާސަނަލް އެސިސްޓެންޓަކަށް ވާން ތިހާ ރީތި ކުއްޖަކު ކުރިމަތިލީމަ އަހަރެން ވަރަށް އުފާވެއްޖެ… މިކަހަލަ ފުރުސަތެއް ލިބޭނީ ވަރަށް ނަސީބު ރަނގަޅު ކުއްޖަކަށް… ހާދަހާ ރީއްޗޭ… އައިއޭމް އިމްޕްރެސްޑް… ތި އަތުގަ ހިފާލަން ލިބިދާނެތަ؟ އަހަރެންގެ މި ދައުވަތު ޤަބޫލުކުރާނަން ދޯ…” ރާމިޔާގެ އިސްތަށިގަނޑުގައި އަތްހިންގާލަމުން އެމީހާ ބުންޏެވެ. އެމީހާގެ ނިޔަތް ހަޤީޤަތުގައިވެސް ގޯހެވެ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއެވެ. އެހެން ނޫންނަމަ އެގޮތަށް އަންނަ ނުދަންނަ މީހަކާއި އެގޮތަށް މައްލަވަ ކުރަން ނުކެރޭނެތާއެވެ.
ރާމިޔާ އައި ރުޅިން އެމީހާގެ މޫނުމަތީގައި އެތިފަހަރެއް އަޅުވާލިއެވެ.
“ހުރި ލަދުކުޑަ ކަމާ ހަޔާތްކުޑަކަން ނިކަން ދެކެބަލަ… މަގޭ ކާފައާ އެއް އުމުރުގެ މީހެކޭ ފާޑުފާޑުގެ ނުބައި ދައުވަތު މަށަށް މިދެނީ… ކަލޭ ލަދެއްނުގަނޭތަ އައިން؟ ކަލެއަށް ކާފަ ކިޔާ އުމުރުގެ ކުއްޖަކާ ތިގޮތަށް މައްލަވަކޮށް ތިޔަކަހަލަ ހުށަހެޅުންތައް ހުށަހަޅަން ލަދެއް ނުގަނޭތަ؟ ޗީޑި.. މަށާ ދުރަށްދޭ.. ފަކުރު އިންސާނާ!!!. މިފަހަރު މުޅި ދުނިޔެއަށް ފަލީހަތްކޮށްލާނަން. މަށަކާ ތިޔަ ކުޅިކުޅިއެއް ނުކުޅެވޭނެ… ދެންވެސް ކަލޭ ސަލާމަތްބޭނުން ވަންޏާ މިހިރަ ދޮރު ހުޅުވާ!! މިބުނީނު ދޮރު ހުޅުވާށޭ!!!” ރާމިޔާއަށް އޭނާގެ ރުޅިގަނޑު މައިތިރިކުރެވޭ ގޮތެއް ނުވިއެވެ.
ރާމިޔާދެކެ ގަންނާ ކުރެއްވި ބިރުން އެމީހާ ދޮރުހުޅުވިއެވެ. ރާމިޔާ ގުންފައިޖަހާފައި ހިނގައިގަތްއިރު އޭނާގެ މޫނުމަތިން ފާޅުވާން ހުރި ރުޅިވެރިކަން ބަލަންތިބި އެންމެންނަށްވެސް އެތަނުގައި ވަރުގަދަ ކަންތައްގަނޑެއް ހިނގައިފިކަން އެނގުނެވެ. އެހެނަސް އެއްވެސް މީހަކަށް ތެދުވެފައި އެއްޗެކޭ ބުނާނެ ފުރުސަތެއް ނުލިބުނެވެ. ރާމިޔާއަށް ދިމާވި ހާދިސާގެ ސަބަބުން ރާމިޔާއަށް ނަފްސާނީގޮތުން ނުހަނު އުނދަގޫވާން ފަށައިފިއެވެ. ދެވަނަ ފަހަރަށް އެފަދަ މީހެއްގެ އަތްދަށުވެދާނެތީ އެކަމާއި ވިސްނެން ފަށައިފިއެވެ. ކުރާނީވެސް ކީއްހެއްޔެވެ. އެމީހާގެ ހަޤީޤަތް މުޅި ދުނިޔެއަށް އަންގަން ރާމިޔާ ބޭނުންވެއެވެ. އެހެނަސް އެފަދައިން ކަން ކޮށްފިނަމަ ރާމިޔާގެ މުސްތަޤުބަލު ބަނަވެދާނެތީ ކޮންމެ ކޮންމެ ފިޔަވަޅެއް އަޅާކަށްވެސް ނުކެރޭނެއެވެ. ވީއިރު އެކަން އެހިސާބުން ދޫކޮށްލަން ރާމިޔާ ނިންމިއެވެ. ގެއާއި ދިމާލަށް ހިންގަމުންދިޔައިރު ރާމިޔާއަށް ރޮވެންވެސް ރޮވުނެވެ. ބިރުންނެވެ. އަދި ސަލާމަތްވީ ކަމަށްޓަކައި ﷲއަށް ޙަމްދުކުރިއެވެ.
****
ޒުނާމް ކޮޓަރިއަށް ވަން ގޮތަށް ދޮރު ބަޑިއަކަށް ޖެހިއެވެ. ފަހަތުން އައިސް ކޮޓަރިއަށް ވަންނަން އުޅުނު ޖޫލީ ދިޔައީ އެއްލިގަނެގެންނެވެ. ޖޫލީއަށް ނުވަދެވި އުޅެނީސް ޒުނާމް ދޮރުލެއްޕުމުން ޖޫލީ ހުރީ ވެގެން އުޅޭ ގޮތެއް ނޭނގޭތީ ނުތަނަވަސްވެފައެވެ.
“ޒުނާމް. ދޮރުހުޅުވަބަލަ ޒުނާމް. ތި ރުޅި މައިތިރިކޮށްލާފަ ދޮރު ހުޅުވަބަލަ ޒުނާމް. ތި ވެގެން އުޅޭ ގޮތެއްވެސް އަހަރެންނަށް އެނގޭނީ އަހަރެން ކައިރީގަ ބުނީމަ ދޯ… އަހަރެން ވިސްނާ ވިސްނާވެސް ނޭނގުނު ޒުނާމް ތިހާ ރުޅި އަންނަން ޖެހޭ ވަރުގެ ކަމެއް… ޕްލީސް ޒުނާމް. އަހަރެން އާދޭސްކޮށްފަ ބުނަން. ތި ދޮރުހުޅުވަބަ. އަހަރެން ވައްދަބަ..” ކޮޓަރިއަށް ވެއްދުމަށް އެދި ޖޫލީ އާދޭސްކުރަމުން ދިޔަ އަޑުއަހަން ޒުނާމް ހުރި އިރު އޭނާ ދިޔައީ އޭނާގެ ރުޅި ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ޒުނާމް ދޮރުހުޅުވާލުމާއެކު ޖޫލީ މައުސޫމްކަމާއެކު ޒުނާމްއާއި ނަޒަރު ސީދާކޮށްލިއެވެ.
“ރުޅިއަންނަ އިރަށް ކޮޓަރިއަށް ވަދެ ދޮރުތަޅުލަން ޖެހޭތަ. އެނގެ އެންނު އަހަރެން ބިރުގަންނާނެ ވަރު. ކީއްވެގެންތަ އަހަރެންގެ ހިތް ތަޅުވަންވެގެން ތި އުޅެނީ… އަތްލަބަލަ. ބަލާބަލަ. އަހަރެންގެ ހިތުގެ ހިނގުން އަވަސްވެފައި ހުރި މިންވަރު. މީތަ ޒުނާމް ދެކެން ބޭނުންވާ މަންޒަރަކީ.. ބުނެބަލަ މީތަ.” ޖޫލީ ޒުނާމްގެ ކަނާއަތުގައި ހިފާލުމަށްފަހު ނަގައި އޭނާގެ މޭމަތީގައި އަތް ބާއްވާލުމަށްފަހު ޒުނާމްއަށް އޭނާ ހާސްވެފައިހުރި މިންވަރު ބަޔާންކޮށްދެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.
ޒުނާމް ކުއްލިއެއް ޖެހުމަށްފަހު ޖޫލީގެ އަތަށް ދަމައިގަތެވެ. ދަމައިގަތްއިރު ދަމައިގަތީ ޖޫލީއަށް ތަދުވެސްވާ ވަރަށެވެ. ޖޫލީގެ އަތަށް ޒުނާމް ފިތައިގަތެވެ. ފިތައިގަންލެއް ބާރުކަމުން ޖޫލީއަށް ރޮވުނުކަންވެސް އެނގުނީ އޭނާގެ ކޯތާފަތް ތެތްމާލި ކަރުނައިންނެވެ.
“ބުނޭ.. ކޮންމެހެން މަށަށް އޮޅުވާލަން އުޅޭނެ ކަމެއް ނެތް. އަހަރެންނަށް ހުރިހާ އެއްޗެއްވެސް އެނގޭ.. އަހަރެން ބޭނުންވަނީ ޖޫލީގެ ދުލުން ހަޤީޤަތް އަހަރެންނަށް އެނގެން… އަހަރެންނަށް އޮޅުވާލަން ހިތުވެސް ނުލާތި. އަހަރެން މީ ވަރަށް ނުލަފާ ރުޅިގަނޑެއް އަންނަ މީހެއްކަން ޖޫލީއަށް އެނގޭނެ. އަހަރެން އިތުރަށް ރުޅިއަރުވަން ނޫޅޭ.. އަހަރެންގެ ރުޅިގަނޑު ފަޅައިގެންގޮސްފީޔާ ފެންނާނީ އަތުންނާ ފައިން ގޯހެއް ހެދިފަ އޮށްވަ.. އެހެންވެ މިބުނީ އަހަރެންނަށް ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔާދޭށޭ….” ޒުނާމް ޖޫލީއަށް ބިރުދައްކައި އިންޒާރުދެމުން ދިޔައިރު އޭނާގެ އަޑު ދިޔައީ އެއްފަހަރަށްވުރެ އަނެއްފަހަރު ބާރުވަމުންނެވެ. ޖޫލީ ހުރީ ބިރުންވެސް ހަލާކުވެފައެވެ. ގަން ބިރުން ޖޫލީ ތުރުތުރުއަޅަމުން ދިޔައިރު ޒުނާމްގެ ދެލޯވެސް އަނގުރު އަލިފާނަށް ދޫނުކުރެއެވެ.
“ކޮން ހަޤީޤަތެއްތަ ކޮން ވާހަކައެއްތަ. ޒުނާމްއަށް އެބަ އެނގޭތަ ތިކިޔެނީ ކީކޭކަން… ތިހުރީ ހަމައިގަތަ ނޫނީ އެއްޗެއް ބޮއެގެންތަ… އަހަރެން ކީއްކޮށްގެންތަ އަހަރެންދެކެ ތިހާ ރުޅިއައިސް ތިހުރީ… ޖަވާބު ދީބަލަ. އަހަރެން މިކުރާ ސުވާލަށް ޖަވާބު ދީބަލަ. އަހަރެންގެ ކުށަކީ ކޮބާ..” ގިސްލުމުގެ ތެރެއިން ޖޫލީގެ އަޑު ބޭރުވަމުންދިޔައީ ކިރިޔާއެވެ.
“އަހަރެން ކޮންމެހެން ޖޫލީއަށް ތަފްސީލުކޮށްދޭކަށް ނުޖެހޭނެ. ތަފްސީލުކޮށްދޭކަށް ބޭނުމެއްވެސް ނޫން އަދި ނުވެސް ކުރާނަން.. އަހަރެން ކުރިމަތީގަ މާ މައުސޫމު މީހަކަށް ވެގެން ނޫޅޭތި. އަހަރެން މީ މޮޔައެއް ކަމަށްތަ ހީކުރީ. ކޮންމެހެން އަހަރެންގެ ލޮލުގަ އަނދުން އަޅުވަން އުޅޭނެ ކަމެއް ނެތް.”
ޒުނާމް މެދުކެނޑުމެއް ނެތި ޖޫލީއަށް އަމާޒުކުރަމުންދިޔަ ބަސްތަކުންނާއި މަޖުބޫރުކުރަމުންދިޔަ ކަންތައްތަކުން ޖޫލީގެ ސިކުނޑި ހީވަނީ ފަޅިފަޅިވެދާނެ ހެންނެވެ.
“ހަމަ ހުވާކޮށްފަ މިބުނަނީ އަހަރެން ނުކުރަން ޒުނާމް ތިހާ ރުޅި އަންނަން ޖެހޭކަމެއް. ކޮން ކަމަކާ ލައިގެންތަ ތިޔަހާ ވަރު ތިޔަ ކޮށްލަނީ… އަހަރެންނަށް ކޮން ކުށެއްތަ ކުރެވުނީ ނޫނީ ކުރެވިފަ އޮތީ…” ޖޫލީ ރައްދުގައި ވާހަކަދެއްކިއެވެ.
“ކުށޭ… ކުށަކީ އަހަރެންނަށް ފޮރުވުން. އަހަރެންނަށް އޮޅުވާލުން. އަހަރެންގެ ފަސްފަހަތުގަ އަހަރެންނަށް ނޭނގި ކަންތައްތައް ކުރުން. އަހަރެން ކުރިމަތީގަ މާ މާތް މީހަކަށް ވެގެން އުޅުން. އަހަރެން ކުރިމަތީގަ މާ ވަފާތެރި މީހަކަށް ވެގަނެގެން އުޅުން. ތިއީ ބޭވަފާތެރިއެއް. މިއޮތްހާ ދުވަހު އަހަރެންނަށް އޮޅުވާލީ. އަހަރެން މޮޔަ ހެއްދީ.. މިއަދު ތިއޮތީ ފަޅާއަރާފަ. ވަގަކަށް ހާސްދުވަސް. ވެރިއަކަށް އެއްދުވަސް.. މިއަދު މިއޮތީ އަހަރެންގެ ދުވަސް އައިސް. އާން. އަހަރެންނަށް އެނގޭ. އަހަރެންނަށް ހުރިހާ ކަމެއްވެސް އެނގޭ. ފަސީހު އެދެއްކި ވާހަކައިގެ ފަހަތުގަ ފޮރުވިފަ އޮންނާނެ ކޮންމެސް ކަންތައްގަނޑެއް. ކޮންމެވެސް ސިއްރެއް. ތެޔޮނާށި ކާޅު ޖަހައިގަތީޔޯ.. ފުރަތަމަ ލޯބި ގެއްލުނީޔޯ… ހުރި ހަމައެކަނި ލޯބި ގެއްލުނީޔޯ… އެހުރިހާ ވާހަކައެއް ދެއްކި އިރު ފަސީހުގެ ނަޒަރު ހުސްއެކަނި ޖޫލީއަށް ހުއްޓިފަ ހުރުން އެއީ އިއްތިފާޤެއްނޫން އެއީ އިޝާރާތެއް އެއީ އޭގެ ފަހަތުގަ ފޮރުވިފަ އޮތް ސިއްރެއްވާކަމުގެ ހެއްކެއް ދަލީލެއް. އަހަރެންނަކީ ތި ހީކުރާހާ މޮޔަމީހެއްނޫން. އަހަރެންނަށް ވިސްނޭ ހުރިހާ އެއްޗެއްވެސް”
ޒުނާމް ހުއްޓާނުލައި ދައްކަމުންދިޔަ ވާހަކައިން ޖޫލީއަށް ނުހަނު އުނދަގޫވިއެވެ. ޖޫލީއަށް ކަންފަތުގައި އަތްއެޅުނީ ބޭއިހްތިޔާރުގައެވެ. ޖޫލީއަށް ދެރަވީ ވަރުން ބާރަށް ރޮވެން ފެށުނެވެ.
“ޒުނާ……………… އަހަރެން ޒުނާއަށް އެއްވެސް ކަމެއް އޮޅުވާ ނުލަން. އަދި ނުވެސްލާނަން………………. އަހަރެންނަށް ފަސީހުގެ ހިތެއް ނޭނގޭ………….. އެނގެން ބޭނުމެއްވެސް ނޫން……………….. އަހަރެންގެ ހަމައެކަނި ލޯތްބަކީ ތީ………… އަހަރެންގެ ހުރި ހަމައެކަނި މީހަކީ ތީ……………. އަހަރެން ދުވަހަކުވެސް ޒުނާއަކަށް ބޭވަފާތެރިއެއް ނުވަން………….. އަދި ނުވެސް ވާނަން………….. އައި ލަވް ޔޫ ސޯ މަޗް…………………………….. ޔޫ އާރ މައި ހޯވލް ލައިފް……………………… އައި ރިއަލީ މީން އިޓް…………………… ހަމަ ހުވާ………………………..” ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް އަޅަމުން ޖޫލީ އޭނާގެ ހިތުގެ އުދާސްތައް ކަރުނަޔާއެކު ބޭރުކުރަމުންދިޔައެވެ. ޖޫލީ އެދިޔަގޮތަށްގޮސް ފާރުގައި ލެނގިގަނެފައިގޮސް އިށީނެވެ. އަދި ކަކުލުގައި ބޯ އަޅާލާފައި ރޮމުންދިޔައެވެ.
****
“ހާދަ ރީތި ކުއްޖެކޯ…. އަހަރެންނާއެކު އެއް ރޭ ހޭދަކޮށްލެވިދާނެހޯ…. ތާކު ހުރި ފާޑެއްގެ މުސްކުޅިއެއް އަހަރެންނަށް ޒިނޭގެ ދައުވަތު މިދެނީ… އަހަރެން މޮޔަ ހައްދާލެވޭނެ ކަމަށް….” ރާމިޔާ މަލާމާތުގެ ރާގަކަށް އެކިޔާދެނީ އޭނާއަށް އިންޓަވިއުއަށް ދިޔަ ތަނުގައި ދިމާވި ހާދިސާގެ ވާހަކައެވެ. ފަސީހު ހުރީ ނުހަނު ކަނުލާ އަޑުއަހާށެވެ.
“އައްޗީޑި ދެން ފިރިހެނުންނަށްވެސް ހުތުރު ތިޔަކަހަލަ މީހުންނާ ހެދި…. އަހަރެމެން ފިރިހެނުންގެ ނަން ޙަރާބު ވަނީ…. ﷲގެ ޢަޒާބަށްވެސް ވިސްނާ ނުލަނީ ދޯ އަޅެ. މުސްކުޅިވެ ހަންޓޯޓޯވީމަވެސް ތެޅޭ ވައްތަރުދޯ…. މިކޮޅަށްވުރެ އެކޮޅު ގާތްވެފަ ތިބޭ މީހުން މަގުފުރެދިގޮސް ނިމިފަ…. ކީއްކުރާނީ…. އެވެސް ރަނގަޅަށް ވީޔާ ވާނީ ކޮންމެވެސް މީހެއްގެ ބައްޕައަކަށް ކާފައަކަށް…. ދެން ޗީޑި…” ފަޔަށް ލައްވާފަ ހުރި އިސްޓާކީނު ނަގަމުން ފަސީހު ބުންޏެވެ.
“އަސްލުވެސް ބޮޑު ފަކުރުގަނޑެއް ހަމަ. މަ ވައްދާފަ ފުރަތަމަވެސް ދޮރުތަޅުލީ… މަ ހުރީ ކަމެއް ވެދާނެތީ އެހާ ބިރުން ހުއްޓާ އެވާހަކަ ފެށީ… މަ ގާތަށް އަރައިގަތް ރުޅިން ބަވާލާފަ ބުނެފިން ހަމަ މިހާރު ދޮރު ހުޅުވާށޭ އެހެން ނޫނީ ކުޅި ދައްކާލާނަމޭ… ބުނީމަ ބިރުން ނަސީބަކުން ދޮރުހުޅުވައިފި… މަ ގާތަށް އައި ރުޅި ބުނަންވެސް ނޭނގެ… މުސްކުޅިއެއް ވީމަ ޖަހަންވެސް ނުކެރުނީ…. އެހެން ނޫންނަމަ ހަސްކާ ދިނީމުސް….” ރާމިޔާ އޭނާގެ ހުރި ގަޓުކަން ހާމަކޮށްލިއެވެ.
“ގުޑް ޖޮބް… ހަމަ ހަދަންވީ ގޮތަށް ތިޔަ ހެދީ… މިހާރު ހުންނާނީ ރަނގަޅަށް ރާކަނިމަސް ކެވިފަ…. ދުވަހަކުވެސް މީހެއްގެ ފަރާތުން އެކަހަލަ ކަމެއް ދިމާވެއްޖީޔާ ބޭބެ ކައިރީ ބުނާތި. ކުޅިދައްކާލާނަން އިނގިލި ކުރި ޖައްސާލިޔަސް ނިމުނީ….” ފަސީހު ފަޙުރުވެރިވެލާފައި ބުންޏެވެ.
“ބައިދަވޭ…. ރާމި ދެރަވޭތަ ހާނިމް މަރުވީމަ… މީ އަހަރެން ކޮށްލަން ބޭނުންވި ސުވާލެއް… ރާމިއަށް ވަގުތު ދޭންވެގެން މި ސުވާލުނުކޮށް މިހުންނަނީ…” ފަސީހު ބުނެލިއެވެ.
“ނޫން… އަހަރެން ދެރައެއްނުވޭ…. އަހަރެން ދެރަވާކަށް ނުވެސް ޖެހޭނެ. ހާނިމްއާ އަހަރެން ވަކިވުން އެއީ އަހަރެންގެ ނަސީބޭ ބުންޏަސް ދޮގަކަށް ނުވާނެ. އަހަރެން އޭނައާ އިނދެގެން އުޅުނީ ކޮންފަދަ ދަތި ހާލެއްގަ…. އެއްވެސް އުފާވެރިކަމެއް ނެތް ހިތްދަތި ދިރިއުޅުމެއްގަ ގަނަތެޅުނީ….. މައިންބަފައިންގެ ނުގަބޫލުގަ ކައިވެނިކުރީ…. ދެން ކިހިނެއް ކަމެއް ރަނގަޅަށް ދާނީ… ފެށުންވެސް ދިޔައީ ގޯހުން ގޯހަށް ވީޔަ…. އެކަމަކު އެދުވަސްވެސް ފާއިތުވެ އެދިޔައީ… ދެން ކުރިއަށް މިއޮތީ އަހަރެންގެ މުސްތަޤުބަލު…. އަހަރެންގެ އުމުރުގެ ބާކީ މިއޮތްބައި އަހަރެން ހޭދަކުރާނީ މައިންބަފައިންގެ ބަސްއަހާ ރަނގަޅު ދަރިއެއްގެ ގޮތުގަ… ދެން އަހަރެން މަންމަމެންގެ ނުގަބޫލުގަ އެއްވެސް ކަމެއް ނުކުރާނަން… އެމީހުން ހިތްނުރުހޭ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނަން….” ރާމިޔާ ވާހަކަ ދެއްކީ އިސްދަށަށް ޖަހައިގެން ހުރެއެވެ.
“އަލްޙަމްދުލިއްﷲ…. މާޝާﷲ…. ބޭބެ ވަރަށް އުފާވޭ ރާމި ތިހާ ވިސްނޭ ކުއްޖަކަށް ވީމަ……. ބޭބެ ރާމިޔާއާ މެދުގަ ފަޙުރުވެރިވަން…. ކޮންމެ މީހަކަށްވެސް ދިރިއުޅުމުގަ މިސްޓޭކްތައް ހެދޭނެ…. އޭގެ ތެރެއިން އެންމެ ވިސްނޭ މީހުން އެކަންކަމުން އިބުރަތް ހޯދައިގެން އިއްޔެއަށްވުރެ މާދަމާ އުޖާލާކުރަން މަސައްކަތްކުރާނީ…. މުސްކުޅިން ބުނެ އުޅެއެއްނު… މާޒީއަކީ މުސްތަޤުބަލުގެ މޫނު ބަލާ ލޯގަނޑެއް ނޫނޭ….. އެހެންވީމަ ވީކަމެއް ވީ…. އެކަމުގައި އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް…. އެކަންތައްތައް ހަނދާންނައްތާލާފަ މުސްތަޤުބަލައިގެން ކުރިއަށް ދެވޭތޯ ބަލާ….. ބޭބެ އަބަދުވެސް ހުންނާނަން ރާމި ކުރާ ކޮންމެ ކަމެއްގަވެސް ރާމިއަށް އެހީވާން ސަޕޯޓުދޭން….” ރާމިޔާގެ ބޮލުގައި ފިރުމާލަމުން ފަސީހު ރާމިޔާއަށް ނަސޭހަތްދިނީ ނުހަނު ލޯބިންނެވެ. އަދި އޭނާގެ ތަޖުރިބާގެ އަލީގައެވެ.
****
“ޖޫ…………………. އަހަރެންނަށް މާފުކުރޭ……………” ޖޫލީގެ ހުއްޓުމެއްނެތް ރުއިމުގެ އަޑަށް ކެތްނުކުރެވިގެން ޒުނާމް އައިސް ޖޫލީ ކައިރިއަށް ތިރިވެލަމުން ބުންޏެވެ.
“ޖޫލީ…. އަހަރެންނަށް މާފުކޮށްފާނަންތަ… ހެޔޮނުވާނެ ތި ރުއިން ހުއްޓާލަބަލަ…….” ޒުނާމްއަށް އުނދަގޫވެގެން ބުންޏެވެ.
“ދުލަށް އައިހާ އެއްޗެއް ކިޔާފަ މާފުކުރާށޭ ބުނީމަ އަހަރެން ވީ އެހުރިހާ އެއްޗެއް ހަނދާން ނައްތާލާފަ ޒުނާމްއަށް މާފުކުރަން ދޯ…. ތިގޮތް ވަރަށް ހެއްވާ ދެން….” ޖޫލީ ރޮމުން ރޮމުން އޭނާގެ ކޯތާފަތްމަތި ތެއްމާލާފައިވާ ކަރުނަތައް ފޮހެލަމުން ބުންޏެވެ.
“އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ… އަހަރެންނަށް ރުޅި ކޮންޓްރޯލް ނުކުރެވުނީމަ ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގުނީ…. އަހަރެން ހަޤީޤަތުގަ ޖޫލީއަށް ޝައްކެއްނުކުރަން….. އަދި ޖޫލީއަށް ނިސްބަތްކޮށް އެފަދަ ޚިޔާލެއްވެސް އަހަރެންގެ ސިކުނޑީގަ އުފަންކުރުވާކަށްވެސް ބޭނުމެއްނޫން…. އަހަރެންނަކަށް ނޭނގެ އަހަރެންނަށް އެވީގޮތެއް…. އަހަރެން ޖޫލީ ދެކެ ލޯބިވާލެއް ބޮޑުކަމުން އިންސެކުޔާވީ… ޖެލަސްވީ….. އެހެން ފިރިހެނެއްގެ ވައްކަޅިންވެސް ޖޫލީއާ ދިމާލަށް ބަލާލާކަށް އަހަރެންގެ ހިތެއް ނޭދޭ….. ފަސީހު އެވަރަށް ބެލީމަ އަހަރެންގެ މޭ ކެރީ…. އަހަރެންނަށް ކެތްނުކުރެވުނީ އެހެންވެ… ރުޅިގަނޑު ފަޅައިގެންދިޔައީ އެހެންވެ….. ހިސާބަށްވުރެ ބޮޑަށް އަހަރެން ޖޫލީދެކެ ލޯބިވާތީ އެހެންވީ…. ޕްލީސް ޖޫ އަހަރެންނަށް މާފުކުރޭ އަހަރެންނަށް ހެދުނު ގޯސް އަހަރެންނަށް ވިސްނިއްޖެ އަހަރެން ދެން ދުވަހަކުވެސް ޖޫއަށް އެހެނެއް ނަހަދާނަން އަހަރެންނަށް އިތުބާރުކުރޭ އަހަރެންނަށް މާފުކޮށްފަ އެއީ ނުވާކަމެއް ކަމަށް ހީކޮށްލާފަ ހުރިހާ ކަމެއް ހަނދާންނައްތާލަދީ ޖޫލީ ޕްލީސް…..” ޒުނާމްގެ އާދޭހަކަށް ނިމުމެއްނައެވެ.
ޒުނާމްގެ އާދޭހަށް ކެތްނުކުރެވިގެން ޖޫލީ ޒުނާމްއަށް މާފުކުރިއެވެ. އެއްފަހަރެއް ކަމަށް ހީކޮށްލާފައި އެގޮތުގެ މަތިންނެވެ. ދެވަނަ ފުރުސަތެއް ނުދޭނެ ގޮތަށެވެ. އެހެނަސް ޖޫލީގެ ފަސްބައިވެސް ސާފީއެއް ނޫނެވެ. އޭނާގެ ހަޤީޤަތްވެސް ޒުނާމްއަށްވަނީ ވަންހަނާވެފައެވެ. ޖޫލީގެ ދެވަންސޫރަ ޒުނާމްގެ ލޮލުމަތީގައި ކަޝްފު ވާ ވަރަށްވުރެ ޖޫލީގެ ޗަލާކުކަން މާ ގަދައެވެ. އާނއެކެވެ. ފަސީހާއި ޖޫލީއާއި ދެމުގައި ވަނީ ހަމައެކަނި ދެބެންގެ ދެދަރިންގެ ގުޅުމެއްނޫނެވެ. އެދެމެދުގައި ލޯބީގެ ވަރުގަދަ ގުޅުމެއްވެސް ވެއެވެ. އެހެނަސް އެކަން އެދެމީހުން ފިޔަވާ ދެނެވޮޑިގެންވަނީ މާތްﷲއެވެ. އެހެނަސް ޖޫލީ ޒުނާމްއަށް ބޭފަވާތެރިވާކަށް ބޭނުމެއްނޫނެވެ. ފަސީހާއިއެކު ޙަޔާތެއްވެސް “އަދި” ބޭނުމެއްނޫނެވެ. ދެމީހުންގެ ދެމެދުގައި އުފެދުނު ލޯތްބެއް އުފެދުނީ ޖޫލީ ޒުނާމްއާއި ކައިވެނި ކުރުމުގެ މާ ކުރިންނެވެ. އާނއެކެވެ. އެ ގުޅުން ފެށުނީ އެދެމީހުންގެ އުމުރުން އެންމެ ފަނަރަ އަހަރުގައެވެ. އެހެނަސް އެދެމީހުންވެސް އެކަންތައް އާއިލާއަށް ސިއްރުކުރީ ކުރިމަތިވެދާނެ މައްސަލައަކަށް ވިސްނާފައެވެ. އަދި ޖޫލީ ފަސީހާއި ކައިވެނިކުރަން ރާޒިޤް އެއްބަސް ނުވާނެކަންވެސް ޖޫލީއަށް އެނގޭތީ ބަހަނާތަކެއް ދައްކައިގެން ފަސީހު ބާކީކޮށްލަން މަޖުބޫރުވީއެވެ. ފަސީހުވެސް މިއަދު ޒުނާމްއާއި ޖޫލީގެ ދެމެދުގައި މައްސަލަތަކެއް ކުރިމަތިކުރުވާކަށް ބޭނުމެއްނޫނެވެ. އަދި އެދެމެދަށް ވަދެގަންނާކަށްވެސް ބޭނުމެއްނޫނެވެ. އެދެމީހުން ދުރުކުރާކަށްވެސް ފަސީހުގެ ނިޔަތެއް ނެތެވެ. އެހެނަސް ފަސީހު އަދިވެސް ޖޫލީދެކެ އިންތިހާއަށް ލޯބިވެއެވެ.
****
ރާޒިޤް އޭނާގެ ރިސޯޓުގެ އިންހައުސް އޮފީހުގައި އޭނަގެ ކެބިނުގައި އަވަދިނެތި މަސައްކަތްކުރަމުން ދަނިކޮށް ޓަކިވެސް ޖަހައިނުލާ ކެބިންއަށް ހެލީނާ ވަދުނު އިރު ހެލީގެ މޫނުމަތިން ފެންނަމުންދިޔައީ ހުސްއެކަނި ހާސްކަމާއި ނުތަނަވަސްކަމެވެ. އޭގެ ލާނިހާޔަތަށެވެ. ހެލީނާއަކީ ރާޒިޤް އޭނާގެ ހަވާނަފްސުގެ އެދުންތައް ފުއްދުމަށްޓަކައި ބޭނުންކުރަމުން އަންނަ ޒުވާން އުމުރުފުރައިގެ ކުއްޖެކެވެ. ރިސޯޓުގައި ހެލީނާއަކީ ރާޒިޤްގެ ޕާސަނަލް އެސިސްޓެންޓުގެ މަޤާމް ފުރަމުން އަންނަ ކުއްޖެކެވެ.
“ހެލީ…. ޑޯންޓް ޔޫ ނޯ މިއީ އަހަރެން ވަރަށް ބިޒީ ގަޑިއެއްކަމެއް…. މިއަދު ކިހިނެއްތަ ވެގެން ތިއުޅެނީ…. ރެވިތެޔޮ ޖަހައިގެން އުޅޭ މީހެއްހެން އެއްބިތުގަ ޖެހިފަ އަނެއްބިތުގަ ޖެހިފަ……….” ރާޒިޤް ހުރީ އޭނާ ބިޒީ ގަޑިއެއްގައި ހެލީނާ އައިސް ކެބިންއަށް ވަނުމުން އެކަމާ ހިތްހަމަނުޖެހިފައެވެ.
ހެލީނާ އައިސް ރޮއެގަނެފައި ރާޒިޤްގެ ގައިގައި ބައްދައިގަތެވެ. އޮފީސްތެރޭގައި އެހެން މީހުންވެސް ތިބުމުން މާ ނުވާ ކަމަށް ހެދިފައި ރާޒިޤް ހެލީ ކޮއްޕާލިއެވެ.
“ރާޒިޤް!!” ހެލީނާ ދެލޯ އަޅާލާފައި ބަލާލިއެވެ.
“އަހަރެންނަށް އެންމެ ބޭނުން ޖެހުނު ވަގުތު ބޭބީ ކިހިނެއް ތިހަދަނީ… އަހަރެން މިއުޅެނީ ވަރަށް ބޮޑުކަމެއް ދިމާވެގެންނޭ…. އެވާހަކަ ބުނަން މިއައީ………..” ހެލީނާއަށް އޭނާގެ ރުއިން ހުއްޓާލެވޭ ގޮތެއްނުވިއެވެ.
“އަހަރެން ބަނޑުބޮޑު….” ހެލީނާއަށް އޭނާގެ ޖުމްލަ ބޭރުކޮށްލެވުނީ ކިރިޔާއެވެ.
“ދެން އަހަރެން ކިހިނެއް ހަދާނީ….” ހެލީނާ ހުރީ ބޯ ފަޅައިގެންދާވަރު ވެފައެވެ.
“ހެލީ!!!!!!!!!!! ކީކޭތަ ތިކިޔަނީ!!!! ތިކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތަ………. ނުވާނެ ތިހެނެއް ތީ ހުސްދޮގު………… ތި އުޅެނީ އަހަރެން ކޮންމެވެސް ކަމެއްގަ ބައްދާލަން ވެގެން……………..!!!!” ރާޒިޤްގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވިއެއްކަމަކު އަދި އަޑުގެ ނެތްތަނަށް ހަޅޭއްލެވިޔަސް ހެލީނާގެ ބަނޑުގައި އެއޮތީ ރާޒިޤް ނޫން މީހެއްގެ ދަރިއެއްނޫނެވެ.
= ނުނިމޭ =
ލިޔުންތެރިޔާގެ ނޯޓް
އަޅުގަނޑުގެ ވާހަކަތަކާއި ގުޅޭ ވައިބަރ ކޮމިއުނިޓީއާއި ގުޅިލެއްވުމަށް ތިރީގައިވާ ލިންކަށް ފިތާލެއްވާ ގުޅިލައްވާ
One Comment
Comments are closed.



Wowwww haaadha molhu vaaahhaka ekey..
Reallyyy loved this episode 😍
Haaaadha dhiguves dhigey
Its amazing fab job writer
Mi vaahakaige best part is the strength of the characters. Characters thah varah crispy vaane hen heevey.
Waiting for next episode 😍