ލޯބިން އަރިހުގާ 8
ފޯނު ބޭއްވުމަށްފަހުގައި ދާނިޝް ނައިރާގެ ގާތަށް ދިޔައެވެ. އޭރު ނައިރާ އިނީ ދާނިޝްއަށް ބަލަހައްޓައިގެންނެވެ. ކީއްވީހޭ ބުނާފަދައަކުން ދާނިޝް ނިއް އަރުވާލިއެވެ.
” ދާނިޝްއަށް އެނގޭތަ ފޯނު ނަގަންވެސް މީހުން ގުޅީމަ؟ އައިމް ސޯ އިމްޕްރެސްޑް” ނުލަފާ ގޮތަކަށް ހިނިތުންވެލަމުން ނައިރާ ބުނެލިއެވެ. ދާނިޝް ނައިރާއާ ދިމާއަށް ލޯހަނި ކޮށްލަމުން އިސްތަށިގަނޑާ ކުޅެލިއެވެ.
” މުޅި އުމުރަށް ކިޔާނަންދޯ އަހަރެން ފޯނު ނުނެގި ވާހަކަ؟” ދާނިޝް ސުވާލުކޮށްލިއެވެ.
” ހޫމް..ޔަޤީނެއްނު” ނައިރާ ދާނިޝްއަށް ބަލައިލިއެވެ.
” މިއީ ކެވުން ވަރަކީ؟” ދާނިޝް ސޫޕް ތައްޓަށް ބަލައިލިއެވެ.
” ދެން ނުކެވޭނެ..އޭރުވެސް ބުނީމެއްނު” ނައިރާ ތަށި ހިފައިގެން ތެދުވަން އުޅުމުން ދާނިޝް ތަށި އަތުލިއެވެ.
” ކީއްވެތަ ނައިރާއަށް ޕްރިންސަސް ޓްރީޓްމަންޓް މި ލިބެނީ؟” ތަށި ދޮންނަން ހުރި ދާނިޝްގެ އަތުގައި ވިކައިލަމުން ނައިރާ އަހާލިއެވެ.
” ކޯޒް ޔޫ ޑިސަރވް އިޓް” ދާނިޝް ނައިރާގެ ނިއްކުރިއަށް ބޮސްދިނެވެ. ނައިރާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ދުވަހެއްގައިވެސް މީހެއްގެ ފަރާތުން ލިބޭނެކަމަށް އުންމީދުވެސް ނުކުރާ ލޯތްބެއް ދާނިޝް ނައިރާއަށް ދޭތީ، ނައިރާގެ ހިތްދަނީ އުދުހެމުންނެވެ.
” ކާކުތަ ގުޅީ؟” ނައިރާ ދެން ކޮށްކި ސުވާލަށް ޖަވާބުދޭނެ ގޮތަކާއިމެދުގައި ވިސްނަން ދާނިޝްއަށް ހުރެވުނީއެވެ.
” މަންމަ..” ނުބުނަން ހުރެފައިވެސް ދާނިޝް ބުންޏެވެ. މާޒީގެ ޞަފުހާތައް ކުރިމަތީގައި އުކައިލެވުނު ފަދައެވެ.
” ދާނިޝް؟” ހުއްޓުން އަރާފައި ހުރި ދާނިޝްއަށް ނައިރާ ގޮވައިލިއެވެ. ދާނިޝް ބަލައިލިއެވެ.
” ދެން އޯކޭތަ ދިޔަޔަސް؟ މަންމަވެސް އަންނާނެ..އައުމުގެ ކުރިން ގޭގަ ހުންނަން ޖެހޭނެ” ނައިރާ އަހާލިއެވެ.
” ދެން ދަނީތަ؟” އަތުތެރޭގައި ނައިރާ ފޮރުވާލަމުން ދާނިޝް ބުނެލީ ވަރަށް ލޯބިންނެވެ. ނައިރާ ބޭނުންވަނީ އެގޮތަށް ދާނިޝްގެ އަތުތެރޭގައި އުމުރު ހުރެލާށެވެ.
” ހޫމް.. ދާންޖެހޭނެއްނު ދޯ” ނައިރާ ދާނިޝްގެ ތުނބުޅިޔާ ކުޅެލަމުން ބުންޏެވެ.
” ކޮން ދުވަހަކުން ނައިރާ ފުރަނީ؟” ދާނިޝް ސުވާލުކުރިއެވެ.
” ހުކުރު ދުވަހު މެންދުރުފަހު ފުލައިޓުން ދަނީ.. ދާނިޝް މިސްވާނެތަ ނައިރާ މަތިން؟” ނައިރާ ދާނިޝްގެ ރީތި ދެލޮލަށް ބަލައިލިއެވެ.
” ނައިރާ މިސްނުވާހާ ގާތުގަ އަބަދުވެސް ހުންނާނަން..” ނައިރާގެ ކޮލުގައި ހިފައިލަމުން ދާނިޝްދިނީ ޔަޤީންކަމެވެ.
ނައިރާ ގެއަށް ލުމަށްފަހުގައި ދާނިޝްވެސް އައީ ގެއަށެވެ. އަނެއްކާވެސް ކޮށްލީ ފޯނު ކޯލެކެވެ.
“ހޭއެރީތަ މިހާރު؟” ދާނިޝް ސުވާލު ކުރިއެވެ.
” އާން.. މިހާރު އެކަމު އަނެއްކާވެސް ހޭނައްތާ އިންޖެކްޝަން ގުޅައިފަ އޮތީ. އަހަރެމެންގެ މަސައްކަތް އަވަސްކުރަންވީ. އެމީހުންގެ އެއްވެސް މަޢުލޫމާތެއް ހޯދައިފިންތަ؟” ރައްޒާޤުގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.
” އާން..މިހާރުވީ ތިކޮޅުގަ ދެމީހުންވެސް” ދާނިޝް ޖަވާބުދިނެވެ.
” ބައްޕަ މިބުނާގޮތަށް ދާނިޝް ކުރިޔަށް ގެންދޭ. މިހާރުން މިހާރަށް މާލެ އަންނަންވީ އަދި މިކަން އަވަސްކުރަންވީ..” ރައްޒާޤު އެންގިއެވެ. އިރުގަނޑެއްގައި އެފޯނުކޯލުގަ ދާނިޝް ހުއްޓެވެ.
“ފަހީމާ..ދެން ތިހާ ފިކުރު ނުކުރޭ. ބަލިވެދާނެ. ޒާންއަށް ވަގުތު ދީ” ރިލްވާން ފަހީމާއަށް ވިސްނާދެވޭތޯ ބެލިއެވެ.
” މިއީ ހަމަ އަހަރެންގެ ކުށް..އަހަންނަށް ޝަޒާ ޙައްޤު” ފަހީމާއަށް ރޮވުނެވެ.
” ކަންކަންވީ އެކަކުވެސް ބޭނުންވި ގޮތަކަށް ނޫން..އެކަމާ ދެން ނުވިސްނާ. އެނުލަފާ ޝައިޠާނާގެ ސަބަބުން ހަލާކުވީ ކުށެއް ނެތް މަޢުސޫމު ކުއްޖެއްގެވެސް ދިރިއުޅުން..ފަހީމާއަށް ކަންތައް ދިމާވިގޮތުން ޒާންދެކެ ރުޅި އާދެވޭނެ..އެކަމުގަ ފަހީމާގެވެސް އަސްލު ކުށެއް ނެތް” ރިލްވާން މާޒީ ހަނދާންކުރަމުން ބުންޏެވެ.
” އާން..ހީވެސް ނުކުރާކަހަލަ ގޮތަކަށް ދިރިއުޅުމަށް އައި ނާމާން ދުވަސްތަކެއް އެއީ..” ފަހީމާގެ ހިތުގައި އަދިވެސްވަނީ އެހިތި ހަނދާންތަކާއި ވޭނެވެ.
ނައުފަލް ޗާންދަނީ މަގުގައި މަޑުކޮށްލައިގެން ހުރީ ލައިޝަންގެ އިންތިޒާރުގައެވެ. އެއީ ނައުފަލްގެ ބޮޑުބެ ހަމީދުގެ ދޮށީ ދަރިފުޅެވެ. ހަމީދުއަކީ ފައިސަލްގެ ބޭބެއެވެ. ހަމީދު މަރުވީ މީގެ ތިން އަހަރު ކުރިން ސްޓްރޯކެއް ޖެހިގެންނެވެ. ފައިސަލް ހަމީދުގެ އާއިލާގެ ޒިންމާ ނެގީ އެހާ ހިސާބުންނެވެ. ހަމީދުގެ ދުނިޔޭގައިވެސް ދެއާއިލާ ދިރިއުޅެމުންދިޔައީ އެކުގައި ނުހަނު އުފަލުންނެވެ. ޙާއްސަކޮށް މުޅި އާއިލާގައިވެސް ހުރި ހަމައެކަނި އަންހެން ކުއްޖަކީ ނައިރާ ކަމުން އެންމެންވެސް ނައިރާދެކެ ނުހަނު ލޯބިވެއެވެ.
” ސާބަހޭ..ފެންވަރަންވެސް އަންހެނަކަށް ވުރެ ތަތް ދޯ” ލައިޝަން ފެނުމުން ނައުފަލް ފެއްޓިއެވެ.
” އަދި ލަހެއް ނުވެއޭނު..” ދެމީހުން އެކުގައި ކެފޭއަށް ވަންނަމުން ލައިޝަން ވާހަކަދެއްކިއެވެ. އޯޑަރު ދީފައި ދެމީހުންވެސް ހަމަޖެހިލިއެވެ.
” އަހަންނަކަށްވެސް މާރަނގަޅަކަށް ނޭނގޭ ކަންވީ ގޮތެއް.. ވެޑިންއަށްފަހު ގޭތެރެ އެވީ ހަލަބޮލީގަ ފުރަން ޖެހުނީމަ ވީއެއް ނުވީއެއް ނޭނގުނު. އަނެއްކާ އެއީ މީގެ ފަސްވަރަކަށް އަހަރު ކުރިއޭނު؟” ވާހަކަފެށީ ނައުފަލްއެވެ.
” ބުނަން ބޭނުން ނުވިޔަސް ބުނެވޭނީ..އަހަރެމެންގެ ޕޭރެންޓްސް މިކަމުގަ ކަންތައް ކުރީ ވަރަށް ގޯސްކޮށޭ.. އެމީހުންެގެ ނުޤަބޫލުގަ ކުރެވުނު ކައިވެންޏަކަސް ރީމް ބަލިވެއިންދަ ނިކުމެގެންދާން މެދުވެރިވާނީ ކޮންމެސް ކަމެއް ވީމަ. އަހަންނަށް އެކަންވެސް އެނގުނީ މާފަހުން..އޭރު އެގެޔަށް ގޮސް ލިބުނު ޖަވާބުން އަހަރެންވެސް ކޯޓުގެ ހުރިހާ ކަމެއް ނިންމާފަ ރަޝިޔާއަށް ދިޔަގޮތަށް އެނބުރި މިއައީ މިއަހަރުއޭނު..” ލައިޝަންގެ ހިތްވަނީ އަދިވެސް އެލޯބީގައެވެ.
” ރީމް އަކީ ރަނގަޅުވެސް ކުއްޖެއް..އަހަންނަކަށް ނޭނގެ އަނީސާއްތައާ ބޮަޑުބެ އެކަމާ އެހާ ދެކޮޅުވީ ސަބަބެއްވެސް. ބައްޕަވެސް މާރުޅިއެކޭ އެއަންނަނީ އެއާއިލާ ދެކެ” ނައުފަލް ވިސްނާލިއެވެ.
” ރީމް މަރުވެއްޖޭ ބުނީމަ އަހަރެން ދުވަހަކުވެސް މިކޮޅަށް އަންނަން ޚިޔާލެއް ނުކުރަން…އެކަމަކު ވަރަށް ފަހުން ރީމްގެ އެކުވެރިޔެއްގެ ފަރާތުން އެނގިއްޖެ ވަރިވިއިރު އިނީ ބަލިވެކަން. ކިޔަނީ އެދަރިފުޅުވެސް މަރުވީކަމަށް އެކަމަކު ހުރިހާ ޙަޤީޤަތެއް ނޭނގި އަހަރެންގެ ހިތެއް ހަމައެއް ނުޖެހޭނެ ނައުފް.. ” ލައިޝަންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ހިތްއޮތީ މާކުރިންވެސް ހަލާކުވެފައެވެ. ވެވުނު ތެދުވެރި ލޯތްބެއްގައި ނަފުސު ބެހިގެން ދިޔައީ މާދުރަށެވެ.
” ވީގޮތް އެނގޭނީ ބައްޕަމެންނަށް. އަނީސާއްތަގެ ފަރާތުން ޖަވާބެއް ނުލިބުނިއްޔާވަކި އެމީހުންވެސް ނުބުނާނެ..ދެން ދާންޖެހޭނީ ރީމްގެ ސައިޑަށް. އެމީހުން އަހަރެމެންނާ ވާހަކަވެސް ނުދައްކާނެ” ނައުފަލައަކަށް ހަދާނެ ގޮތެއް ނުވިސްނުނެވެ.
” އާން..އަހަންނަށްވެސް މިހުންނަނީ ކުރިޔަށް ދާންވީ ގޮތް ނޭނގިފަ..މިކަމާ އަބަދު ވިސްނެނީ” ލައިޝަން މޮޅިވެރި ރާގެއްގައި ބުންޏެވެ.
” ނައިރާއަކަށް މީން އެއްވެސް ކަމެއް ނޭނގޭނެ. ލައިޝަންބެ މީހަކާ އިންކަން އެކަނި އެނގޭނި..ދެން ވަރިވިކަން.. ނަސީބެއް އޭރު އޭނަ ނެތް ކަންވެސް. މަންމަވެސް އޭގެ ފަހުން ނައިރާ ކައިރިޔަށް ބަދަލުވެފަ އެވާހަކައެއް ނުދައްކާ” ނައުފަލް ވާހަކަދެއްކިއެވެ.
ދެމީހުން އެވާހަކައިގައި އެތައް އިރެއް ހޭދަކުރިއެވެ. އޮޅުން ފިލުންވަން އެދޭ އެތައް އެތައް ކަމެއްހުރުމާއިވެސް އެކުގައެވެ.
އެކަނިވެފައި ޒާންއަށް ހުރެވެނީއެވެ. އެނބުރި ރާއްޖެ ދާންވީބާއޭ ހިތްބުނަމުން ދިޔައެވެ. ފަހީމާ އެބުނާ ބޮޑު ސަބަބު އަހާލަން ޒާންގެ ހިތްވެސް އެދެއެވެ. އެކަމަކު އެކަމާ ކުރިމަތިލުމުގެ ހިތްވަރު ނުލިބެނީއެވެ. ޒާން ފޯނު ހުޅުވާލިއެވެ. އޮންލައިނުގައި އިން ނައިރާއަށް މެސެޖު ކޮށްލުމަށް ހިތްއެދުނެވެ. އެހެނަސް އެކަން ކުރުމަށް ޒާންގެ ޒަމީރު ޢިޒުނަ ނުދެނީ ކީއްވެކަމެއް ނޭނގެއެވެ. ނައިރާދެކެ އިންތިހާއަށްވާ ލޯބި އަމިއްލަ ހިތުގައި ސިއްރުކޮށް ފޮރުވޭ މަޤްޞަދެއް ނުވިސްނެއެވެ.
One Comment
Comments are closed.



When’s next??