Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަދީނީ

ބަރަކާތްތެރި މެހެމާންދާރީ

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
February 23, 2026 7 Mins Read
2 Comments

އަހަރެންގެ އުމުރުން ތިރީސް ފަސް އަހަރު ވެފައި ވަނިކޮށް ކަންތައްތައް ދިމާވި ގޮތުގެ ހާދިސާއެއް ހިއްސާ ކޮށްލާނަމެވެ. އަހަރެން އުޅެނީ މީހަކާއި އިނދެގެންނެވެ. އަހަންނަކީ ކުޑަ ދެ ފިރިހިން ކުދިންގެ މަންމައެކެވެ. އަބަދުވެސް ދިރިއުޅޭ ގެއަކީ މަންމަގެ އަމިއްލަ ގެއެވެ. މިއަދާ ހަމައަށް ވެސް ދިރިއުޅެމުން މި ދަނީ މަންމަ އާއި ބައްޕަ އާއި އެކު ހަމަ މަންމަގެ ގޭގައެވެ. މަންމަ މެންގެ ޚިދުމަތުގައެވެ. އަހަރުމެންގެ އިތުރުން ދެން ގޭގައި ދިރިއުޅެނީ ދައްތަގެ އާއިލާއެވެ. އެއީ ދައްތަ އާއި ފިރިމީހާގެ އިތުރުން އެމީހުންގެ ހަތަރު ދަރިންނެވެ.

އަހަރެންގެ ގެއަކީ އަވައްޓެރިންނާއި ހިސާބުން ފެށިގެން ގޮސް ދުރު ރަށް ރަށުންނާއި އެހެން ގައުމުތަކުން އަންނަ މެހެމާނުންނަށް މެހެމާންދާރީ އަދާކުރާ ގެއެކެވެ. އޭގެތެރޭގައި ޕައިލެޓުން، މުދިމުން، މިއުޒީޝަނުން، މަޖިލިސް މެމްބަރު، ޓީޗަރުން، ޑޮކްޓަރުންގެ އިތުރުން ރާއްޖޭގައި ވެރިކަން ކުރި ރައީސެއްގެ ދަރިޔަކަށް ވެސް ވަނީ މެހެމާންދާރީ އަދާ ކުރެވިފައެވެ. އެކި ޤައުމުތަކުން ނަމަ، ލަންކާ، ނޭޕާލް، އިންޑިޔާގެ އިތުރުން ޕާކިސްތާނާއި އިޓަލީގެ މަދު މެހެމާނަކު ވެސް މި ލިސްޓުގައި ހިމެނޭނެއެވެ. ހަގީގަތުގައި އެއީ މަންމަ އާއި ބައްޕަގެ ފަރާތުން ދަސްވި ރީތި އާދައެކެވެ. އެހެން ގޮތަކަށް ބުނާނަމަ އިސްލާމީ ރިވެތި އަޚްލާގެކެވެ. އޭރު އެ ކަންކަމުން ތަރުބިއްޔަތު ދިނުމަށްފަހު، މިއަދު އަހަރުމެންގެ މައިންބަފައިން މިވަނީ މުސްކުޅިވެ، ލޯބޯ ކޮށި ވެފައެވެ. އެހެންވެ އަހަރެމެންނަށް ދިމާވަ ކޮންމެ ބައެއްގެ ސުފުރާމަތި ބަލަހައްޓަމުން މިދަނީ އަހަންނާއި އަހަރެންގެ ދައްތަ އިސްކޮށް އުޅެގެންނެވެ.

ވާހަކަ ފަށަމާ ހިނގާށެވެ!!

އެއީ މިިދިޔަ އަހަރެވެ. ދެހާސް ފަންސަވީސް ވަނަ އަހަރެވެ. ކުރިޔަށް އޮތީ ސްކޫލްގެ ޓާރމް ބަންދަށް ވުމުން އަހަރެން އުޅުނީ އަވަދިނެތި އެކި ކަންކަމުގައެވެ. އެހެން އުޅުމުގެ ތެރޭގައި އަހަންނަށް ފޯނެއް އައެވެ. މާޒީގެ ދުވަސް ތަކުން ގުނަން ފަށާނަމަ، ގުޅަމުން ދިޔައީ އަހަރެންގެ ބޭބެއެއްގެ ސްކޫލު ދައުރުގެ ރައްޓެހި ފިރިހެނެކެވެ. އެހެންވެ އޭރުން ފެށިގެން އަހަންނާ ވެސް އެ ރައްޓެހިކަން އޮތީއެވެ. އެހެން ނަމަވެސް މިއަދު އޭނާގެ އެ މަގާމު ވަނީ ބަދަލު ވެފައެވެ. މިއަދު އެއީ ރާއްޖޭގެ ގިނަ ބަޔަކު ދަންނަ ދީނީ ޢިލްމުވެރިއެކެވެ. ޝެއިޚެކެވެ.

ޝެއިޚް ދެންނެވީ އަހަރެން ހުރި ރަށަށް ޝެއިޚްގެ އާއިލާ އަންނަން ބޭނުންވާ ވާހަކައެވެ. އަދި  ހަމަ ޖައްސާލަން ޖެހޭ ކަންކަމާއި އިތުރު ވާހަކަތަކެއް ހުރުމުން, ޝެއިޚްގެ އަނބި ކަނބަލުންގެ ފޯނު ނަމްބަރު ވެސް އަހަންނާ ހިއްސާ ކުރިއެވެ. އެހިސާބުން އަހަރެން ކަންކަން ހިންގާ ރާވަމުން ދިޔައީ ޝެއިޚްގެ އަނބި ކަނބަލުންނާއި ވާހަކަ ދައްކައިނެވެ.

ޝެއިޚްގެ އަނބި ކަނބަލުން ބޭނުންވި ގޮތަށް އެ ދެމަފިރިންނަށް ހަމަޖައްސައި ދިނީ މީހުން ދިރިއުޅޭ ގެއަކުން ދެ ކޮޓަރިއެވެ. އިތުރު ކޮޓަރި ހޯދީ އެ ދެމަފިރިންގެ ދަރިންނަށެވެ. ކޮޓަރި ހަމަ ޖެހުމުން އަހަރެން ގުޅާފައި އެ ވާހަކަ ބުނެލީމެވެ. އަދި އެ މީހުންނަށްޓަކައި ގޭތެރޭގެ ކަންކަން އިންތިޒާމު ކުރުމުގައި އަހަންނާއި ދައްތަ ވާހަކަ ދައްކަމުން ދިޔައިމެވެ. ކުލީ ކޮޓަރިއެއްގައި ތިބި ނަމަވެސް ކޮންމެ ވަގުތެއްގެ ކެއުމަށް އިންސާފު ކުރަން އަންނަން ވާނީ އަހަރެން ދިރިއުޅޭ ގެއަށް ކަމުގައިވެސް ޝެއިޚްގެ އަނބިކަނބަލުން ގާތު އަހަރެން ބުނީމެވެ.

ބަޔަކު އަންނަން އުޅޭތީ، ކަންކަން ހަމަޖައްސަމުން ދަނިކޮށް ދެން ވެސް އަހަންނަށް ގުޅައިލީ ޝެއިޚްގެ އަނބިމީހާއެވެ. އެދުނީ އަނެއްކާ ވެސް އިތުރު ދެ ކޮޓަރި ހޯދައި ދިނުމަށެވެ. އެއީ އޭނާގެ މަންމަ އާއި ކޮއްކޮގެ އިތުރުން ކޮއްކޮގެ ދަރިން އަންނަން ބޭނުން ވެގެން ކަމުގައި ވެސް ބުންޏެވެ. އެކަމަށް ވެސް އަހަރެން އެއްބަސް ވީމެވެ. ދިހަ ވަރަކަށް މިނެޓް ތެރޭގައި އެބުނި ގޮތަށް ދެ ކޮޓަރި ހޯދައި ދިނީމެވެ. އަދި އެ މީހުންގެ ކެއުން ވެސް ހަމަ ޖައްސާނީ އަހަރެން މިއުޅޭ ގެއިން ކަމުގައި ބުނެލީމެވެ. އެ ކަމަށްޓަކައި ވަރަށް ގިނައިން ޝުކުރު އަދާކުރަމުން ވެސް އެގޮތަށް ކަންކަން ކޮށްފިނަމަ އަހަންނަށް އުނދަގޫ ވެދާނެތީ ޝެއިޚްގެ އަނބި ކަނބަލުން ނުހަނު ވިސްނާ ޝަކުވާ ކުރިއެވެ.

“އަޅޭ! އެކަމު އޭރުން ތި މީހުންނަށް ކިހާ އުނދަގޫ ވާނެ އެންމެނަށް ކައްކަން. މަންމަ އާއި ކޮއްކޮ މެން ކޮންމެސް ރެސްޓޯރެންޓަކުން ކާނަމޭ ބުނީ.” ޝެއިޚްގެ އަނބިމީހާ ޝަކުވާކުރީ އަހަރުމެންނަށް އެކަން ބުރައަކަށް ވެދާނެތީކަން އަހަންނަށް އިނގުނެވެ.

“ނޫނޭ. ދެން މަންމަމެން އެހެން ތާކަށް ވަކިން ކާން ދިއުމަކީ ރީތި ގޮތެއް ނޫނެއްނު. އަހަރުމެން ހަމަ ކާން ދީފާނަމޭ.” އަހަރެން ބުނެލީ ހަގީގަތުގައި ވެސް މުސްކުޅި މަންމައަކަށް ރެސްޓޯރެންޓަކުން ކާންދޭން އަހަރެންގެ ހިތަށް ފަސޭހަ ކަމަކަށް ނުވާތީއެވެ.

އަހަރެންގެ އާދޭސް ތަކާއި ކަންބޮޑުވުންތައް އަޑު އެހުމަށްފަހު ޝެއިޚްގެ އަނބި ކަނބަލުން ވަރަށް އުފާވިކަން އަހަންނަށް އިހްސާސްވިއެވެ.

“އެވީ މިހާރު ގާތްގަނޑަކަށް ކުޑަ ކުދިން ހިމެނޭ ހެން ބާރަ މީހުން. ދައްތާ!.. އެކަމު ގޭގަ ނެތް ދޯ އެންމެ ކަނޑުމަސް ކޮޅެއްވެސް؟ ދެން ކަނޑުމަސް ބޭނުން ނުކޮށް ކޮންމެސް އެހެން ގޮތަކަށް ކާއެއްޗެހި ތައްޔާރު ކުރަމާ ހިނގާ. ނޫނީ ކޮންމެސް ތާކުން ކަނޑު މަސްކޮޅެއް ގަންނާނީ ދޯ؟ ކޮންމެހެން މެހެމާނުން ގާތު ކަނޑު މަސް ނެތޭ ކާއެއްޗެއް ނެތޭ އަތްމަތި ދައްޗޭ ކިޔާފަ ނާންނާށޭ ބުނާކަށް ނުވާނެއްނު. އަހަރުމެން ކާ އެއްޗެއް ކައިގެން އުޅެން އެމީހުން ގެންނާނީ ދެން މިފަހަރު.” މިއީ އަހަންނާއި ދައްތަ ވާހަކަ ހިއްސާ ކުރަމުން ދިޔަ ގޮތުގެ ހުލާސާއެކެވެ.

ޝެއިޚްގެ އަނބިކަނބަލުންގެ ތިންވަނަ ފޯނު ކޯލަށް ވެސް އަނެއްކާ އަހަރެން ޖަވާބު ދިނީމެވެ. މިފަހަރު ފުރަތަމަވެސް އެކަމަނާ ޖަހާލީ ހިނިގަނޑެކެވެ. އަހަރެން ހުރީ ހައިރާން ވެފައެވެ. ކޮންފަދަ މަޖާ ކަމެއް ވީބާއޭ ހިތަށް އެރިއެވެ.

“މިފަހަރު މި ގުޅާލީ ވަރަށް ލަދުން ހުރެ. އަސްލު ފިރިމީހާ އިނީ ފަލަސްތީނުގެ ކަމެއްގަ މީޓިންއެއްގަ. އެހެން ވިޔަސް ދެން ބުނަންތަ؟ އަނެއްކާ ވެސް ބޭނުން އެއް ކޮޓަރި. ވަރަށް ލަދުގަނެއްޖެ މިވަރަށް ކޮޓަރި ހޯދަން ގުޅަން. އެކަމު ކުޑަ ކުދިން ދާހިތުން އުޅޭތީވެ.” އެކޮޅުން ވާހަކަ ދައްކަމުން އެކަމަނާ ބުނެލިއެވެ.

އަނެއްކާވެސް ވިއްސަކަށް މިނެޓްތެރޭ ކޮޓަރިއެއް ހޯދުމަށްފަހު އަހަރެން އެވާހަކަ ވެސް ޝެއިޚްގެ އަނބިކަނބަލުން ގާތު ބުނެލީމެވެ. މިފަހަރު ވެސް އެދުނީ އިތުރުވީ މީހުންނަށް ކާންދޭން އުޅުމުން އަހަރުމެންނަށް އުނދަގޫ ވާނެ ކަމަށާއި އެކަމާއި އަޅާނުލުމަށެވެ. އެހެން ނަމަވެސް ތިންވަނަ ފަހަރަށް ވެސް އަހަރެން ހަމަ ދިނީ އެއް ޖަވާބެކެވެ.

“ތި އެންމެންގެ ކޮޓަރިތައް ލިބިފަ ހުރީ އިއްތިފާގުން ވެސް އެއް މަގެއްގައި. އެހެންވީމަ ވަރަށް ފަސޭހަ ވާނެ. އިތުރަށް އަންނަ އާއިލާގެ މީހުން މިފަހަރު ވެސް ދުރުކޮށް ނުލާ… އެންމެން އެއް ތާކުން އަހަރެމެންގެ ގެއިން ކޭމަ ރަނގަޅު ވާނީ.. ކިތަންމެ ގިނަޔަސް އެންމެ ވެސް ކާން ވާނީ މިގެއިން. ބަޔަކަށް ކާން ދީގެން އަހަރުމެންނަށް އެއްވެސް އެއްޗެއް މަދެއް ނުވާނެ.” އަހަރެން މިފަހަރުވެސް ދިނީ މި ޖަވާބެވެ.

އަހަރެންގެ ޖަވާބުގެ ސަބަބުން އެކަމަނާގެ ނަފްސު އުފަލުން ފޮޅުނު ކަން އަހަންނަށް އެނގުނެވެ. އަދި އެކަމަށްޓަކައި ވަރަށް ގިނައިން ޝުކުރު އަދާކުރިއެވެ. އެއަށްފަހު ކޮންމެ ކަމެއް ހަމަޖެއްސުމުގައި ބޮޑަށް ވާހަކަ ދައްކަމުން ދިޔައީ އެކަމަނާ އާއި އަހަރެން. އަދި އަނެއްކާ ވެސް ތިން ވަނަ ބަޔަކު އިތުރުވެ ސޯޅަ މީހުންގެ ކެއުމުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަހަންނާއި ދައްތަގެ ބޮލުގައި އަޅައިފީމެވެ. އެވަގުތަކީ، އަހަރެމެންގެ އަތްމަތީގައި މާގިނަ ފައިސާތަކެއް ނެތް ވަގުތެއް ކަމުގައި ވިޔަސް، މީހަކަށް ދަރަނިވެރި ނުވެ އެމީހުންގެ ކެއުން ހަމަޖައްސާނެ ގޮތްތައް އަހަންނާއި ދައްތަގެ ސިކުނޑީގައި ރާވާ ނިންމާލީމެވެ.

ރަށަށް އައުމަށްފަހު ބޭނުން ވަގުތަކު އަހަރުމެންގެ ގެއަށް އައިސް، ގޮސް އުޅުމަށް އެމީހުން ގާތު އަހަރުމެން ބުނީމެވެ. އޭއީ އަހަރުމެން ބޭނުންވި ފަދަ ވާހަކަ ދައްކާ އަނގަތަޅާ ބައެކެވެ. ބޮޑާކަމެއް ކިބުރުވެރިކަމެއް އެއްވެސް ވަރަކަށް ނުދެކެމެވެ. ނުވިތާކަށް ހީވަނީ އަމިއްލަ ގެއާއި ބަދިގޭގައި އުޅެލިހެނެވެ. ބަދިގެ ތެރޭ މަސައްކަތް ތަކުގައި ވެސް ފުލް ސަޕޯޓު ދެއްކިއެވެ. ބަދިގޭގެ މަސައްކަތް ތަކަކީ ހަމަ އެކަނި އަހަންނާއި ދައްތަގެ ކަމެއް ކަމުގައި އެމީހުން ނުދެކެއެވެ. ހުރިހާ ގޮތަކުން ވެސް އެމީހުން ވީ ވަރަށް އިހްލާސްތެރި ބަޔަކަށެވެ.

އެއިން ކޮންމެ މީހަކު ފެނިދެނިވެ ތަޢާރަފް ވެލީމެވެ. މޫނު ބުރުގައި އަޅާފައި ތިބި ނަމަވެސް ވާހަކަ ދައްކާލުމުން އިނގުނީ އަނެއްކާ ވެސް އާ ކަމެކެވެ. އެއީ އެކަމަނާގެ ކޮއްކޮއަކީ އިސްލާމީ މަރުކަޒުގެ އިމާމެއްގެ އަނބިކަނބަލުން ކަމެވެ. އަދި އެކަންވީ އަހަރުމެންނަށް ވަރަށް ބޮޑަ އުފަލަކަށެވެ. ސަބަބަކީ އިސްލާމީ މަރުކަޒު ފަދަ މިސްކިތެއްގެ އިމާމެއްގެ އަނބި ދަރިންނާ ބައްދަލުވެ މެހެމާންދާރީ އަދާ ކޮށްލަން ލިބުނު ކަމީ ނުހަނު ބޮޑު އުފަލަކަށް ވެގެންދިޔަ ކަމެއް ކަމަށް ވީތީއެވެ.

ފުރަތަމަ ދުވަހުގެ ހެނދުނާއި މެންދުރުގެ ކެއުން ނިމުނުއިރު ފިހެފައި ހުރި ކަނޑުމަސް ތައް އެއްކޮށް ހުސްވިއެވެ. އެހިސާބުން އެ ހުސްވީ ގަނެގެން ގެނައި މަސްކޮޅެވެ. އެރޭގެ ކެއުމުގައި ހިމަނާލާނެ އެންމެ މަސްކޮޅެއް ވެސް ނެތުމުން އަނެއްކާވެސް ވަރަށް ދެރަވިއެވެ.

އިރު އޮއްސި މަޣްރިބް ފަހެވެ. އަހަންނާއި ދައްތަ ގޭތެރޭގައި އުޅުނީމެވެ. އަހަރުމެންގެ އެންމެ ބޮޑު ކަންބޮޑު ވުމަކަށްވީ އެރޭގެ ކެއުމަށް ނަގާނެ އެންމެ މަސްކޮޅެއް ވެސް ނެތުމެވެ. ހަދާނެ ގޮތް ނޭނގިފައި ތިބީ ސޯޅަ މީހުންނަށް އެންމެ ރަނގަޅަށް ކާންދެވޭނެ ގޮތެއް ނެތި ލަދު ގަންނަން ޖެހިދާނެތީއެވެ. އެހެންނަމަވެސް ހިތަށް އެރިއެވެ. ދެން މިރޭގެ ކެއުން ﷲ އަށް ވަކީލު ކޮށްލާނީ އެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރުމެންގެ ކަންބޮޑުވުން އެންމެ ގާތުން ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.

މަޣްރިބް ނަމާދު ކޮށްލައިން ސޯފާގައި އަހަރެން އިނީމެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގް ވަމުން ދިޔައެވެ. ގުޅަމުން ދިޔައީ ޝެއިޚެވެ. ވެގެން އުޅެނީ ކިހިނެއްތޯ ބަލައިލަން އަހަރެން އެ ފޯނު ނަގާ ކަންފަތުގައި ޖައްސާލީމެވެ.

“އައްސަލާމް ޢަލައިކުމް..!” ރިވެތި ސަލާމުން އަހަންނާއި ސަލާން ކުރަމުން ޝެއިޚް ބުނެލިއެވެ.

“ވަޢަލައިކުމުއް ސަލާމް.” މަޑުމޮޅި އަޑަކުން އަހަރެން ބުނެލީމެވެ.

“ކޮބާ.. އައިސް އަލަމާރީގަ ކަނޑުމަސް އެބަހުރިތަ؟” ކުއްލިޔަކަށް ޝެއިޚް މިކުރީ ކޮންކަހަލަ ސުވާލެއް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

ހިތް ބިރު ގަންނަން ފެށީ އެ ސުވާލަށް ދޭނެ ޖަވާބެއް ސިކުނޑިއާއި ދުލާ ހަމައަށް ވެސް ގެންނަން ފަސޭހަ ކަމަކަށް ނުވާނެތީއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އެއީ މެހެމާނުންނެވެ. “މިގޭގައި އެންމެ ކަނޑުމަސް ކޮޅެއް ވެސް ނެތޭ” ބުނަން ކެރޭނީ ކޮން ފަދައަކުން ހެއްޔެވެ؟ އަދި އެއީ ކަނޑަ އެޅިގެން ގެއިން ކައި ހަދާ މެހެމާނެއް ގާތު ބުނަން އެހާ ފަސޭހަ ވާހަކައެއް ވެސް ނޫނެވެ.

“ކަނޑުމަސްތޯ ހަމަ ބޭނުންވެގެން ތި އުޅެނީ؟ ކިހާ ވަރެއްގެ މަސްކޮޅެއްތޯ ބޭނުންވަނީ؟” ސީދާ ޖަވާބު ނުދޭން އަހަރެން އިތުރަށް ކޮށްލީ ސުވާލެކެވެ.

“އަޅުގަނޑު މަސް ބޭނުން ވެގެން ނޫނޭ. އަޅުގަނޑަށް މަސްކޮޅެއް ލިބުނީމަ މިގަޑީގަ ތިގެއަށް ގެންދަން ވެގެން. އޭރުން ކާން ހުންނާނެއްނު.” ޝެއިޚް ބުނި ވާހަކައިން އަހަރެންނަށް ތަފާތު ދިރުމެއް ލިބުނު ފަދައެވެ.

ހައިރާނެއް ނުވާނެހެއްޔެވެ؟ މަސްކޮޅެއް ނެތިގެން ކަންބޮޑުވެފައި އިންދާ މިލިބުނީ ކޮންފަދަ ނިޢުމަތެއް ހެއްޔެވެ؟ އަހަރެންގެ ގައިން ހީބިހި ނަގައިން ދިޔައެވެ.

“އަލަމާރީގަ ތަން އެބައޮތް.. މަސްކޮޅެއް ގެނައިއްޔާ ބޭނުން ކުރާނަން. އެކަމު މިރަށުގެ ކޮން ތާކުންތޯ މިގަޑީގަ ޝެއިޚް ކަނޑު މަސް ތިހޯއްދެވީ؟” ހައިރާން ވެފައި އަހަރެން ސުވާލު ކުރީމެވެ.

“ރައްޓެހިން މިކޮޅުގަ ތިބޭނެ. ހަމަ ލިބިދާނެއްނު. މި ދަނީ ހިފައިގެން.” އެހެން ބުނުމަށްފަހު ޝެއިޚް ފޯނު ކަނޑާލިއެވެ.

ލިބުނު ޚަބަރުގެ އުފާވެރިކަމުން އަހަރެން ގޮސް ދައްތަ ކޮޓަރިއަށް ވަދެ ކަން ހިނގި ގޮތް ކިޔައިދިނީމެވެ.

“އަލްޙަމްދު ﷲ..” މޭގައި ދެ އަތްތިލަ ބާއްވާލަމުން އުފާވެލާފައި ދައްތަ ބުނެލިއެވެ.

މަސްކަޑަ ކައިރިއަށް ދެވުނު އިރު ޝެއިޚް އާއި އެކު މަސް ޓައްޕު ހިފައިން، ވަދެގެން އައީ އަހަރެންގެ ފިރިމީހާއެވެ. އަހަންނަށް އެކަމުން ވެސް ލިބުނީ ހައިރާން ކަމެވެ. މީގެ ކުރިން ދޯނި ރަށަށް އަންނަ ކަމުގައި ވާނަ ފިރިމީހާ އަހަންނަށް ގުޅާލާފައި އެވާހަކަ ބުނާނެއެވެ.

އާންމުކޮށް އަހަންނަކީ ގޭތެރޭގައި މަސް ކެއްކުމުގެ އިތުުރުން ގެންނަ މަސްތައް މެނޭޖް ކުރުމުގެ ޑިޕާޓްމެންޓްގައި އުޅޭ މީހާއެވެ. އެހެންވެ މަސްކަޑަ އާއި ކައިރި ވެލަމުން އޭޕްރޯން އަޅާލައިން ވަޅިއެއް އަތަށް ހެޔޮވަރު ކޮށްލަމުން ރެޑީވެލީމެވެ.

ދެވަނަ ފަހަރަށް އަހަރެންގެ ހަށިގަނޑުން ހީބިހި ނަގައިން ދިޔައެވެ. ތިން އަހަރުގެ ކުއްޖެއްގެ އިސްކޮޅު ހުރި ޓައްޕެއް ފުރެން ދެން ހުރީ ހުސް ކަނޑު މަހެވެ. ނޫ ކުލައިގެ ޕްލާސްޓިކް ދެ ކޮތަޅު ފުރާ ހުރީ ރެއްސެވެ. އޭގެ އިތުރުން ދެން ހުރި ކޮތަޅުގައި ވަނީ ފަރު މަހެވެ.

ﷲގެ ކުޅަދުންވަންތަ ކަން ނިކަށް ދެކެބަލާށެވެ. އިރުކޮޅެއް ކުރިން އަހަރުމެންގެ ފިކުރު ކުރީ މެހެމާނުންގެ ކެއުމުގެ ކަންކަން ހަމަޖައްސާނެ ކުޑަ ނަމަވެސް މަސްކޮޅެއް ނެތުމުންނެވެ. އަހަރުމެން އުޅުނީ އެވާހަކަ މެހެމާނުންނަށް ސިއްރު ކޮށްގެންނެވެ. އެއީ އަހަރުމެންގެ އަތުގައި އެމީހުންނަށް ކާން ދޭނެ އެއްޗެއް ނެތޭ ކިޔާ އެމީހުން ފޮނުވާލަން ބޭނުން ނުވާތީއެވެ. އަހަރުމެންގެ އަތްމަތި ދަތިވެފައި ވާ ވަރާއި ކާތަކެތި ތިޔާގި ނޫންކަން އެއީ އަހަރުމެންނާއި ﷲ އާއި ދެމެދުގައިވާ ސިއްރެއް ކަމަށް އަބަދު ވެސް އަހަރުމެން ބަލަމެވެ.

“މިގެއަށް ނަގާފަ ވެސް ގިނަވަންޏާ، ބޭނުން ވަރަކަށް ބޭނުން މީހަކަށް މަސްތަކާއި ރެހިތައް ބަހާލާ ހުސްކޮށްލާ.” އަހަރެންގެ ފިރިމީހާ ބުނި ވާހަކައިން ހިތް އުތުރި އަރަން ފެށިއެވެ.

ވާނީވެސް އެހެން ނޫންހެއްޔެވެ؟ ދެންމެ އުޅުނީ އަމިއްލަ އަށް ކާނެ މިންވަރު ވެސް ނެތިގެންނެވެ. އެހެނަސް ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި މި ލިބުނީ އަވައްޓެރިންނާއި އާއިލާގެ މީހުންނަށް ބަހާ ވަރަށެވެ. މި ހާދިޘާ އަކީ ހަގީގަތުގައި އަހަރެން ވަރަށް ހައިރާން ކުރުވި ޢިބްރަތްތެރި ހާދިޘާއެކެވެ.

“ދެން ކިހިނެއް ހަދާނީ؟ އައިސް އަލަމާރިއަށް ނުލެވޭނެ އެއްކޮށް ދޯ؟” އައިސް އަލަމާރި ބަލާލުމަށް ފަހު ޝެއިޚްގެ އަނބިކަނބަލުން ބުނެލިއެވެ.

“ދެން ރައްޓެހިންނާ، އަވައްޓެރިންނަށް ބަހާލާނީ.” އެހެން ބުނުމަށް ފަހު އަހަންނާއި ދައްތަ އަވަސްވީ ގޭގެއަށް މަސްތައް ބަހާލުމަށެވެ.

“ޝެއިޚް އަށް ވަރަށް މީރު ވާނެ ރެހި ތެލުލައިން. އަހަރުމެންގެ ކުދިން ވެސް ވަރަށް ފޯރި ހުންނާނެ.” އެކަމަނާ އަނެއްކާވެސް ބުނެލިއެވެ.

“އެހެންވީމަ މާދަން ފުރުމުގެ ކުރިން ތެލުލާނީ ދޯ މާލެ ގެންދަން. މީރު އެއްޗެއް ވިއްޔާ ހިފައިގެން ދާންވާނީ.” އަހަރެން ޖަވާބު ދިނީ މެހެމާނާއަށް ހިތްހަމަ ޖެހޭނެ ގޮތަށެވެ.

“އަސްލުތަ؟ އޭރުން މިގޭ މީހުން ކާކަށް ނުހުންނާނެއްނު.” ޝެއިޚްގެ އަނބި ކަނބަލުން ވިސްނީ އަހަރުމެންނަށް މަދުވެދާނެ ތީއެވެ.

“ﷲ އިރާދަ ކުރައްވައިފި ނަމަ، އަހަރުމެންނަށް އަދިވެސް ވަރަށް އަވަހަށް ރެހި ލިބިދާނެ. މި ރެހިތައް ތެލުލާފަ ތި މީހުންނަށް ހަދިޔާ ކުރާނީ.” އަހަރެން ބުނެލީމެވެ.

ޝެއިޚާއި އެމީހުންގެ އާއިލާ މީހުން ތިބީ އަހަރުމެންގެ އުޅުން ފެނި ހައިރާން ވެފައެވެ. ނޫންނަމަ އަހަރުމެންގެ އުޅުމާއި ގުޅުން ތަކުގެ ސަބަބުން ހިތްހަމަ ޖެހި އުފާ ވެފައެވެ.

އެގޮތުގައި ތިން ދުވަހު އަހަރެމެން އެމީހުންނަށް މެހެމާންދާރީ އަދާކުރަމުން ދިޔައީ ނުހަނު އުފަލާއި އެކުގައެވެ. އެމީހުން ކާ ހިތްވާ އެއްޗެއް ކައްކައިން ކާން ބޭނުން ނަމަ އަހަރުމެންނާއި އެކު ބަދިގެއަށް ވަދެއެވެ. އަދި އަމިއްލަ ގެ ފަދައިން އެމީހުން ވަރަށް ހިތްހަމަ ޖެހިގެން ކައި އުޅުނެވެ.

އެމީހުން ފުރަން އޮތް ދުވަހެވެ. އަހަރެންގެ މަންމަ އިނީ ކާގޭގައި ރޮށި ކާށެވެ. އެވަގުތު ޝެއިޚްގެ މައިދައިތަ ވެސް އަހަރެން މަންމަ އާއި އެކު އިނެވެ. ތެދުވެގެން އައިސް ކޮނޑުގައި އަޅާފައި ވާ ދަބަހުން ކޮންމެވެސް އެއްޗެއް ނެގުމަށްފަހު އަހަރެން މަންމަގެ އަތުގެ މުށު ތެރެއަށް ލައިދޭން މަސައްކަތް ކުރިއެވެ.

“ނޫނެ.. އަހަރުމެން އެއްވެސް މީހަކަށް ކާން ދެނީ ބަދަލުގައި އެއްޗެއް ބޭނުން ވެގެން ނޫން. އެހެންވީމަ ތި ގެންދޭ.” އަހަރެންގެ މަންމަ އެމީހާ އަތުން ދިން ފައިސާ ގައި ނުހިފާން ބުނެލިއެވެ.

“ނޫނޭ. މީ ބަދަލެއް ނޫނޭ. މީ ހަދިޔާއެއް.” އަނެއްކާވެސް ޝެއިޚްގެ މައިދައިތަ ބުންޏެވެ.

“ހަދިޔާ ދެއްވާނީ އެ ފަރާތުން. ތި ގެންދޭ.” މިފަހަރުވެސް މަންމަ އެކަމަށް އިންކާރު ކުރިއެވެ.

މެންދުރުގެ ލޯންޗުން އެމީހުން ފުރަން ހަމަޖެހިފައި ވާތީ އަވަސް އަވަހަށް ފެން ވަރާލައިން ޝެއިޚް ހުރި ގެއަށް އަހަރެން ދިޔައިމެވެ. އެމީހުން ފުރުމުގެ ކުރިން ބައްދަލު ކޮށްލުމަށެވެ. ޝެއިޚް ހުރި ގޭގެ ދޮރުމަތީ އަހަރެން މަޑުކޮށްލީ ފޯނެއް އައިސްގެންނެވެ. އެ ފޯނުގައި އަހަރެން ހުއްޓާ ޝެއިޚްގެ މައިދައިތަ އައިސް އަހަރެންގެ އަތު ތެރެއަށް ފަސްސަތޭކަ ރުފިޔާ ލައިދިނެވެ.

“ކުދިވެރިންނަށް ހަދިޔާ ގަނެލަދީ. މަންމަ ވެސް ތީގަ ނުހިފި. ދައްތަ ވަރަށް ދެރަވާނެ ކޮއްކޮ ވެސް ނުހިފިއްޔާ..” އެ ދައްތަގެ އަޑުގައި ވަނީ އާދޭހުގެ ރާގެއްކަން އަހަންނަށް އިނގުނެވެ. އެހެންވެ މިފަހަރު އަހަންނަށް އެކަމަށް އިންކާރު ކުރާކަށް ނުކެރުނެވެ. އެދައްތަ ދިން ފައިސާ ގައި ހިފީ ބަދަލެއް ބޭނުން ވެގެން ނޫނެވެ. އެއީ އެ ދައްތަ އެހާ ދޭން ބޭނުންވި ހަދިޔާއަކަށް ފުރަގަސް ދޭން ނުކެރުމުންނެވެ.

އެމީހުން ފުރުވާފައި އަހަންނާއި ދައްތަ ގެއަށް އައި މަގުމަތިން ވާހަކަ ދައްކަމުން އައިމެވެ. އެދައްތަ އަހަރެންގެ އަތަށް ހަދިޔާއެއް ދިން ވާހަކަ ހިއްސާ ކުރީމެވެ. ހަމަ އެވަގުތު އަހަރެންގެ ދައްތަ ވެސް އެފަދަ ހަދިޔާއެއް ލިބުނު ކަމުގައި ބުނެލިއެވެ. އެއީ އެމީހުންގެ ފަރާތުން އަހަރުމެންނަށް ލިބުނު އިހްސާންތެރި ކަމުގެ ހަދިޔާއެވެ. އަހަރުމެންގެ މެހެމާން ދަރީގެ ސަބަބުން އެމީހުން އަހަރުމެންނަށްޓަކައި ދޫ ކޮށްފައި ދިޔަ ލޯތްބެވެ.

މިއީ ދުވަހަކުވެސް އަހަރެންގެ ހިތުން ފިލާ ނުދާނެ ޢިބްރަތްތަކެއް ދަސްކޮށްދިން ދަތުރުވެރިންގެ ހާދިޘާ އެކެވެ. ދަތުރުވެރިންނަށް ނޫނީ ބީރައްޓެހިންނަށް އަޅާލާ އެހީތެރިވެ އޯގާތެރިވެއްޖެ ނަމަ ﷲ އެބަޔަކަށް ރަޙްމަތް ލައްވާ ނިޢުމަތް އިތުރު ކުރައްވާނެކަން މި ހާދިޘާ އިން އެނގިގެން ދިޔައެވެ.

އަހަރުމެން މިގޮތަށް އަމަލު ކުރުމުގެ ސަބަބުން ދުވަހަކު ވެސް މިވީހާ ތަނަށް އަހަރުމެންގެ މުދަލަކުން ބަރަކާތް ކެނޑިފައެއް ނުވެއެވެ. މުދާ އިތުރުވެ ނިޢުމަތް ގިނަވުން ނޫން ކަމެއް ނުވެއެވެ. އަދި ދަތުރުވެރިންނަށް އަޅާލައި އެހީތެރިވުމަށް ކީރިތި ގުރްއާނުގައި ނުހަނު ބޮޑަށް ބާރު އަޅުއްވާފައިވާ ވާތީ، އަހަރުމެން މިކަން ކުރަނީ ﷲ އަށްޓަކައެވެ. ވަކީލު ކުރުމުގައި ބަލަންވީ އެ ކަލާންގެއަށެވެ.

– އިތުބާރާއި އެކު ވަކީލު ކުރާށެވެ. ދެއްވާނެއެވެ-

ނިމުނީ.

 

 

 

 

 

 

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ލޮތްބަށްޓަކައި 8

Next

ދުޢާ

Next
February 23, 2026

ދުޢާ

Previews
February 23, 2026

ލޮތްބަށްޓަކައި 8

2 Comments!

  1. Anonymous says:
    February 25, 2026 at 9:57 am

    Varay ibrytheri ehaame asarugadha

    1. Shaleen says:
      February 25, 2026 at 10:57 am

      Varah bodah shukuriyyaa 🙂
      Ufaavejje 🌹
      Ramazan Kareem
      And Eid Mubarak in advance ❇️

Comments are closed.



All Right Reserved!