ރީމާލް… ފުރަތަމަބައި (އެކަނިވެރިކަމަށް ލޯބިކުރާ ރީމާލް)
ލޯބިވުމަކީ ކުށެކެވެ. މިއަދު ދެރަވެއެވެ. އެއީ އަހަންނާއި އަރާ އަރަފޯދިގެންވާ ކަމެއް ނޫނެވެ. އަހަންނަކީ ނިކަމެތި އަންހެނެކެވެ. ވިންދު ނުޖެހިޔަސް ލޭ ހިނގާތީ އުޅެނީއެވެ.
އަޒާދުވެ ލޯބި ފަރިވެ ފޮޅިގެން މިހަޔާތަށް އައީ މިވޭތުވެދިޔަ އަހަރުއެވެ. އެޕްރީލް މަހުއެވެ. އެމަހުގެ ބާރަވަނަ ދުވަހެވެ.
“ރީމާލް! ރީމާލް!” ބޭރުން މީހަކު ގޮވާލިއެވެ. ޚިޔާލުތައް ވަޔަށް ބުރައިގެން ދިޔައެވެ. އެމީހަކު ކުޑަކޮށް ކޮޓަރީގެ ދޮރުގައި ޖަހާލިއެވެ. އެވަނީ އާނޫއަށެވެ.
“އާނޫ، އަހަރެން މީނީ ކޮޓަރީގާ” ބާރަށް އަހަރެން ބުނީމެވެ. އެހެން ނޫނީ އޭނާ ގޮސްދާނެއެވެ.
“ސާބަހޭ ރީމާލް، ތި ކޮޓަރިން ނުނިކުންނާތި އޮވޭ ތިތާ!” މަޖާ ރާގުގައި އާނޫ ބުނެލިއެވެ.
“އެއްކަލަ ބޮލިރަވަ ފެށީ އައުމާއެކު!” ކުޑަކޮށް ނުރުހިފައި އަހަންނަށް ބުނެވުނެވެ. ކީއްވެކަމެއް ނޭނގެއެވެ. ބޭރަށް ދާހިތެއް ނުވެއެވެ. މީހުން ތެރޭ ނިކުމެ އުޅޭ ހިތެއް ނުވެއެވެ.
“ހަތަރެއް ޖަހާތީ މިއައީ ބޭރަށް ބަލައިދާން” ދެރަވެލާފައި އާނޫ ބުނެލިއެވެ. އަސްލުވެސް އާނޫ ދެރަވެއްޖެއެވެ. މީގެ ކުރިން ރީމާލް އެފަދަ މޭރުމަކުން ވާހަކައެއް ނުދައްކައެވެ.
“ރީމާލް، މަންމަ ބުނި ގެންނައްޗޭ މިއަދު ކޮންމެހެންވެސް” ދެންވެސް ވާހަކަ ދެއްކީ އާނޫއެވެ. ރީމާލް ބަހެއް ނުކިޔެވެ. އެނދުގައި ހަމަ އިނީއެވެ.
“އެއްޗެއް ބުނެބަލަ ރީމާލް” އާނޫގެ އަޑު މަޑުވެލިއެވެ. “އަހަންނަށް މި ޚާއްޞަ ދުވަހުވެސް…” ރިމާލް އެއްޗެއް ނުބުންޔެވެ. އާނޫއަށް ރޮއެ ގަނެވުނެވެ. އެތާ އިނުމުން އިތުރަށް ރޮވޭނީއެވެ. އެހެންކަމުން އާނޫ ދާން ތެދުވިއެވެ.
އެނދުން ތެދުވި އާނޫގެ އަތުގައި ރީމާލް ހިފާލިއެވެ. އާނޫ ދިޔައީ ސިހިގެންނެވެ. ހިނިތުންވެ ހުރެ ފަހަތަށް ބަލާލިއެވެ.
“މިއަންނަނީ ތައްޔާރުވެލައިގެން” ފާޚާނައަށް އިޝާރާތްކޮށް ރީމާލް ތެދުވިއެވެ. އާނޫ އުފަލުން ހުރެ ދުރުގައި ހުރި އުނދޯލިގައި އިށީނދެލިއެވެ. އެއީ އެންމެ މިޒަމާނީ ކޮޓަރިއެކެވެ. ދަނބުކުލައިގެ ހާރުތަކުން ޒީނަތްތެރިކޮށްފައިވާ ރީމާލްގެ ދުނިޔެއެވެ. ކޮޓަރީގެ ފާރުގައިވަނީ މަޑު ދަނބުކުލައިގެ ކުދި މާތަކެކެވެ. ނިދާ އެނދު ހުރީ ގަދަ ދަނބުކުލައިގައެވެ. އެނދުގައި އަޅުވާފައި އޮތީ ދަނބުކުލައިގެ ބެޑްސީޓެވެ. ބާލީހު އުރައެވެ. ގައިމަތީ އަޅާއެތިވެސް އޮތީ ދަނބުކުލައިންނެވެ. ރީތިވާ މޭޒާ ރީތިވާ ސާމާނުވެސް ހުރީ ހަމަ އެފަދައިންނެވެ. ކަނެއްގައި ހުރި ތިންމީހުންގެ ޖާގައިގެ ސޯފާސެޓެވެ. އެވެސް ދަނބުކުލައެވެ. އާނޫ ހެއްލަމުން އެދާ އުނދޯލިވެސް ހުރީ ދަނބުކުލައިގައެވެ.
ފެންވަރާލައިގެން ކޮޓަރީގެ ކާޕެޓުމަތީ ރީމާލް ހުއްޓިލިއެވެ. އެވެސް ދަނބުކުލައިގެ މަޑު ކަފަކޮޅެއް ފަދައެވެ. އެހެން ހުރެ ފުރި ބަރާވެފައި ހުރި ހެނދުންތަކުގައި ރީމާލް ފިރުމާލިއެވެ. ގިނައިން ހުރީ އެކިކުލަތަކުގެ ދަނބެވެ.
“ކަމަނާއަށް ރީތި ހެދުމެއް މިއިން އިރަކު ފެންނާނެބާ!” އުފަލުން އިން އާނޫ ރީމާލްއަށް ކުދިކިޔާލިއެވެ. ވާނީ އެހެންނޫންހެވެ. އެތާ ހެދުންތަކަށް ބަލަން ހުންނަތާ ފަސްމިނެޓު ފަހަނައަޅައި ގޮއްސިއެވެ.
އެހެން ބުނެވުނުކަން ވީ އާނޫގެ ނަސީބަށެވެ. ރީމާލް ލަސްތަކެއްނުވެ ހެނދުމެއް ނެނގިއެވެ. ދަނބުކުލައިގެ ކޮކާލެއް ފަދަ ހެދުމެކެވެ. އެހެދުން ލައިގެން ނިކުއިން ރީމާލް ހީވީ އުނދުހޭ ކޮކާލެއް ހެންނެވެ. އާނޫއަށް އެނޫން ދިމާލަކަށް ނުބެލެއެވެ.
“ރީމާލް، ތީ ހަމަ ރީމާލްތައް!” އާނޫގެ ބޮޑު އަނގަ ހުޅުވުނެވެ. މިއިން ދުވަހު އެހާ ރީތި ކުއްޖެއް އޭނާ ނުދެކެއެވެ. “ޤުދުރަތުގެ ލާމަސީލު މިސާލެކޭ” އާނޫގެ ހިތަށް އެރިއެވެ.
ރީތިވާ މޭޒާ ޖެހިގެން ހުރި ކަބަނޑު ރީމާލް ހުޅުވާލިއެވެ. އޭގައި ހުރީ ހުސް ބުރުގަލެވެ. ގަޔާވާ ބުރުގަލެއްވެސް ރީމާލްއަށް ފެނުނީވެސް އެހާ އިރުންނެވެ.
“މިހާރު ފަންސާސްވީ ހަތަރުގަޑި ފަނަރައިގަ ހުޅުވަންކީ” އާނޫ ރީމާލަށް ބަލާލިއެވެ. ރިމާލް ހުރީ ފުއްޖަހާށެވެ.
” ދެން މި ނިމުނީ އޭ އާނޫ” ފައިވާން ހަރުން ބޫޓެއް ނަގަމުން ރީމާލް ބުނެލިއެވެ.
ދެމީހުން ކޮޓަރިން ނިކުތީ އެކުގައިއެވެ. މުޅި ގޭތެރެ އޮތީ ފަޅުކޮށެވެ. އެއްވެސް މީހަކު ގެއަކުނެތެވެ. ހަވީރު ފިންޔަން ބޭރަށް މަންމަމެން ދާނެއެވެ.
“ކޮންތަނެއް ހުޅުވަނީއޭ” ގޭގެ ދޮރުން ނިކުންނަމުން ރީމާލް އަހާލިއެވެ. އާނޫ ހިނގައިގަތީއެވެ. ހުރި ސީދަލަށެވެ. ޖަވާބެއް ދޭކަށް ނޫޅުނެވެ. އާނުގެ މިސްރާބު ހުރީ ބަނދަރަށެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ ބަނދަރުމަތި ފެންނަން ފަށައިފިއެވެ.
“ހިނގާ އެ ދިމާލަށް” ދުރުން ފެންނަނަށް ހުރި ކުޑަވަރެއްގެ ގެއަކަށް އާނޫ ބުނެލިއެވެ. އެކި އުމުރުފުރާގެ މީހުން ދިޔައީ އެސަރަޚައްދަށް އަތްވަމުންނެވެ. އަހަރެންގެ ހިތްވެސް ދިޔައީ އަވަސްވަމުންނެވެ.
އެތަނާއި ކައިރިވަމުން ދިޔަވަރަކަށް ދަނބުކުލަ ފާޅުވަމުންދިޔައެވެ. އަރާހަމަވިއިރު ލިބުނީ ހައިރާންކަމެކެވެ. އަވަދިނެތީ އެތާ އެއުޅެނީ މަންމައާއި ބައްޕައެވެ. ކީއްވެ ހެއްޔެވެ؟ މީ އެ އާނޫ ހަތަރުގަޑި ފަނަރައިގައި ހުޅުވާނޭ ބުނިތަން ހެއްޔެވެ؟
މަޑު ހުދާއި ދަނބުން ތައްޔާރުކޮށްފައި ހުރި އާދައިގެ ވަރެއްގެ ތަނެކެވެ. މުޅިން ތަނަން ނަޒަރު ހިންގާލީމެވެ. ބޮޑުކޮން ތަނުގައި ޖަހާފައިން ނަން ފެނުނީ ދެނެވެ. އެނަން އަހަރެން ކިޔާލީއެވެ. “ރީމާލް ރަހަ” އަހަރެންގެ ނަން ކީއްވެ ހެއްޔެވެ؟ ދަނބުކުލައިގެ ރެބަންފަށެއްވަނީ ދޮރުމަތީ އައްސާފައެވެ.
“ދަރިފުޅާ ތިއައީދޯ” ދެން އިވުނީ ކައިރީން މަންމަގެ އަޑެވެ. ބައްޕަ އޭރުވެސް އަވަނދިނެތި މޭޒާ ގޮޑިޖަހަނީއެވެ.
“މަންމާ މީކޮންކަމެއްތަ!” އަހަންނަށް ހީވަނީ ބިރުވެރި ހުވަފެނެއް ފެންނަން ހެންނެވެ. ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟
“ދަރިފުޅާ މީ މަންމަ އާއި ބައްޕަގެ ފަރާތުން ދޭ ހަދިޔާއެއް” ފުޅާ ހިނިތުންވުމެއްގައި ބައްޕަ އައިސް އޭރު ހުއްޓިލަނީއެވެ.
“ތެދެއް ދަރިފުޅާ!” ބައްޕަވެސް މަންމަ އާއި އަތްބައި ވެލިއެވެ. ކައިރީ ހުރި އާނޫ އެއް ބުމަ ހިއްލާލިއެވެ. އަދި މަޑުމަޑުން ބުނެލިއެވެ.
“ދެން ހޮރަށް ވަދެއެއް ނޯއެވޭނޭ” އާނޫ އަހަންނާއި ދިމާކޮށްލިއެވެ. ކައުންސިލްގެ ރައީސް އޭރު މަންމަމެންނާއި ސަލާން ކުރަނީއެވެ.
” ދަރިފުޅާ، އާދޭ ރެބަން ކަނޑަން” ބައްޕަ ގޮވާލިއެވެ.
ކައުންސިލްގެ ރައީސާއެކު ރީމާލް ރެބަން ކަނޑާލިއެވެ. ރަށުގެ ރައްޔިތުން ހެން އޮތީ އެސަރަޚައްދަށް ނިކުމެވެ. ތަން ހުޅުވުމާއެކު ފޯރީގައި އެންމެން އަތް ޖާހީލިއެވެ. އެންމެ ފުރަތަމަ ޚިދުމަތް ދިނީ ކައުންސިލުގެ ރައީސަށެވެ.
އެތެރެ ފެނުމާއެކު އާސޯހުވެ އަހަރެން އަންތަރީވިސްވިއެވެ. އެތާ ނެއްއެއްޗެއް ނެތެވެ. މިކްސަރެވެ. އަވަނެވެ. އުނދުނެވެ. ފުޅި ފުޅީގައި ބުއިންތައް ގިރާ ސާމާނުތައް ހުރީ ބަރި ޖަހާލާފައެވެ. މޯހީތޯ ހަދާ ފުޅިތައް ހުރީ ބޭރަށް ފެންނަން ގޮތަށެވެ. ފިލައިން ތައްޔާރުކޮށްފަ ހުރި ހަރެއްގައެވެ. ކުޑަކުދިންނަށް ޚާއްސަކޮން ޕޮޕް ކޯނު ހަދާ މެސިނެއް ހުއްޓެވެ. ތިންވައްތަރުގެ އައިސްކޯނު އެޅޭ ކަހަލަ އެއްޗެއްވެސް ހުއްޓެވެ. އަހަރެން އެންމެ އުފާވީ އެ ފެނިފައެވެ. ކަފަ ލޮލީ ހަދާ އެއްޗެއްވެސް އަދި ހުއްޓެވެ.
އަސްލުވެސް އަހަރެން އުފާވިއެވެ. ” ޝުކުރިއްޔާ މަންމާ” ބައްދާލަމުން ބުނީއެވެ. މިހުރިހާ ކަމެއް މީ ރީމާލްއަށްޓަަކައި އޭނާގެ މައިންބަފައިންކުރިކަމެކެވެ.
އެކަހެރި ދިރިއުޅުމެއް ރީމާލް އުޅޭތާއި އަހަރެއް ވަނީއެވެ. މިކަމުގެ ހަޤީޤީ ސިއްރެއް އެނގޭ ހަމަ އެކަކުވެސް ނެތެވެ. ނަފްސާނީ ޑޮކްޓަރެއްގެ ލަފާ ރީމާލްގެ މަންމަމެން ހޯދިއެވެ. ބޭރަށް ނިކުމެ ނޫޅޭތީއެވެ. އަބަދު ކޮޓަރީގައި އޮންނާތީއެވެ. ވާހަކަ ދައްކާ ނަހަދާތީއެވެ.
ރީމާލްއަކީ ގެވެހި މުރާލި ކުއްޖެކެވެ. ކުރަން ނޭނގޭ ކަމެއް ނޯންނާނެއެވެ. ކޮންމެ ކަމެއްވެސް އެހާ ފުރިހަމައަށް ކުރާނެއެވެ. މީރުކޮން ކައްކާނެވެ. ކޭކު ފިހާނެއެވެ. ހެދުން ފަހާނެއެވެ.
މުޖުތަމައަށް ރީމާލް ނެރުމަކީ އޭނާގެ މައިންބަފައިންގެ އުންމީދެވެ. ރިމާލްގެ އެކަނިވެރި ހަޔާތް ބަދަލުކޮށްލުމަކީ އަމާޒެވެ. އިހުގެ މަޖާ އުފާވެރި ރީމާލް އެމީހުން ބޭނުންވެއެވެ. މީހުންގެ ތެރޭ ނިކުމެ އުޅޭތަން ދެކޭ ހިތްވެއެވެ.
މީހުންގަނޑު ގިނަވުމާއެކު ރީމާލް ހާސްވިއެވެ. މީހާ ތުރުތުރު އަޅަން ފެށިއެވެ. ވަށައިގެންވި ދުނިޔެ އަނދިރިވާން ހެން ހީވި ކަހަލައެވެ.
“ދަރިފުޅާ ރީމާލް! ކިހިނެއް ވީ” ލޯތްބާއެކު މަންމަ ފިރުމާލިއެވެ. ކުޑަފެން ފުޅިއެއް ދިއްކޮށްލިއެވެ.
“ފެން ފޮދެއް ބޯލާ. މިތާ ކުޑަކޮން ހަމަޖެހިލާ ދަރިފުޅު” ކައިރީ ހުރި ގޮޑީގައި މަންމަ ރީމާލް ބައިންދިއެވެ. އޭރުވެސް ރީލާމްގެ މޫނުމަތިން ބިރުގެންފައި ހުރިކަން ހާމަވަމުންދިޔައެވެ.
މިއިން ދުވަހަކު ރީމާލް ބޭރަށް ނިކުމެފައެއް ނުވެއެވެ. އެހެންވުމަކީ އެކަށޭނަކަމެކެވެ. އާނޫވެސް ހާސްވިއެވެ.
“ރީމާލް، ރަނގަޅުތަ!” އާނޫއަށް އަހާލެވުނެވެ. ރިމާލަށް ވަގުތުން ރޮވިއްޖެއެވެ. އެހިތުގައި ލައްކަ ކަންކަން ފޮރުވައިފިއެވެ. މިއަދަކު ދެން ކެތެއްނުވާނެއެވެ.
“އާނޫ، ވަރަށް ދިގު ވާހަކައެއްމީ މިތާކު ނުދެއްކޭނެ” ރީމާލް ނޭފަތް ދަމާލިއެވެ. އޭރު މީހުންވެސް މަދުވަމުންދިޔައެވެ.
އިރުއޮއްސޭ އިރު ކުޑަކުދިން ގެއަށް ވައްދަންޖެހޭނެއެވެ. ޖިންނިތައް ނިކުމެ ގަންނަ އިރު ގޭގެ ދޮރުތައް ލައްޕަންވާނެއެވެ. ބޭރުގައި ނޫޅެންވީ ހަމައެކަނި ކުޑަކުދިންނެއް ނޫނެވެ. ބޮޑެތި މީހުންވެސް މެއެވެ. އެގަޑީގައި ބޭރުގައި އުޅުން އެހާ ރައްކާތެރިއެއް ނުވާނެއެވެ.
ބަންޤި ގޮވުމާއެކު “ރީމާލް ރަހަ” ވެސް ބަންދުކުރިއެވެ. އިޝާ ފަހުން ހުޅުވާގޮތަށެވެ.
ގެއަަށް ދިއުމަށް މަންމަ އޮތީ އޭރު ކާރެއް ގެނެސްފައެވެ. ކާރަށް އެރުމާއެކު އެ ދުއްވާލައިފިއެވެ. ބާރު ބާރަށެވެ.
“މަގޭ ރީމާލްއަށް މިހާލުޖެހުނީ ހަމަ އެރަށުން އައިފަހުން” ރީމާލްގެ މަންމައަށް ބުނެލެވުނެވެ. އެހާ ބޮޑެތި ބަދަލުތަކެއް ރީމާލަށް އައީ އޭގެ ފަހުންނެވެ.
“ދަރިފުޅާ މިއާދެވުނީ ” ދެލޯ މެރިފާއިން ރީމާލް ގައިގައި މަންމަ ކޮއްޓާލިއެވެ.
ގެއަށް ވަދެވުމާއެކު ރީމާލް ވަނީ ކޮޓަރިއަށެވެ. ފަހަތުން އާނޫވެސް ވަނެވެ. “އާނޫ ކުޑައްތައް ނަމާދުކޮށްލަން މިދަނީ. ރީމާލަށް ބަލައިލަ ދޭތި.” ކޮޓަރީގެ ދޮރުން ބޯދިއްކޮށްލަމުން ރީމާލްގެ މަންމަ ބުނެލިއެވެ.
އާނޫގެ ބައްޕައާއި ރީމާލް މަންމައަކީ ދެބެންއެވެ. އެހެންކަމުން، އާނޫދެކެވެސް ދަރިއެއްފަދައިން ލޯބިވެއެވެ. ރީމާލްއާއި އާނޫ ތަފާތެއްނުކުރެއެވެ. އެވެސް ހަމަ އުފަންދަރިއެއް ފަދައެވެ.
“ރީމާލް ދައްކަން ތިއުޅޭ ވާހަކައެއް ކަނުލާއަހާނަން. އަހަންނަށް އިތުބާރުކުރޭ. ކިޔައިދީ އޭރުން އެހީއެއްވެސް ވެދެވޭނީ .” ސޯފާގައި އިށީން ނަމުން އާނޫ ބުނެލިއެވެ. ރީމާލްއަށް މިހެން ވީގޮތް އެނގެން އޭނާ ނުހަނު ބޭނުންވެއެވެ. މިކަމުން ސަލާމަތުގެ އައްސޭރިއަަކަށް ރިމާލް ގެނެސްދޭ ހިތްވިއެވެ.
“ތިހެން އިނދެގެން ލިބެނީ ގެއްލުން. ބަލާ މިއަދުވެސް ވީގޮތް. މީހުން ގިނަވީމާ މިހާރު ތި ހާސްވަނީ.” ރީމާލްގެ އަތުގައި އާނޫގެ އަތްބައްވާލިއެވެ. އަހަންނަށް އިތުބާރުކުރާށޭ ބުނާ ބީދާއިންނެވެ.
” ކުޑައްތަ އެބުނީ ތެދެއް. އެރަށުން ވީކަމެއް ތީ ރީމާލްއަށް. އަހަރުމެންމަށް ޤަބޫލުކުރެވެން ފަށައިފި. އެރަށަށް ނުދާ އިރު ކިހާ އުފާވެރިކޮން އުޅުނީ. ކޮޓަރިއަށް ވަންނާނީ ނިދަން. އެކަމް މިހާރު.” އާނޫއަށް ފުރިހަމަ ނުކުރެވެނީސް ރީމާލް ހުއްޓުވިއެވެ.
” އާނޫ، އަހަރެން ރޮއެ ރޮއެ ހަލާކޮވެއްޖެއް. ދިރިހުރުމުގެ އުންމީދު ގެއްލިއްޖެއް. މުޅި ޒިންދަޤީ ބަރުބާދުވެއްޖެއް.” ރީމާލްގެ އަޑު ނިކުތި ބުރިބުރި ވަމުންނެެވެ. އެހިތަށް ކޮށްފައިވާ އަސަރު ދެލޮލުން ހާމަވަމުން ދިޔައެވެ.
“ނަމާދުކުރަން ހިނގާ ފުރަތަމަ. އިޝާއަށް ގޮވާފާނެ.” ވަގުތައް ނަމާދުކުރުމަކީ އާނޫގެ އާދައެކެވެ. ވުޝޫކޮށްގެން ދެމީހުން އެކުގައި ނަމާދުކުރިއެވެ. ނަމާދުގަވެސް ރީމާލްގެ ލޮލުން ކަރުނަ ހުސްނުވެއެވެ.
“ދަރިފުޅުމެން ނަމާދުކުރީ ދޯ” ކޮޓަރީގެ ދޮރުން ވަންނަމުން ކުޑައްތައް އަހާލިއެވެ. އަހަރުމެން އޭރު ތިބީ ނަމާދު ދޮޅިވެސް ނުބާލައެވެ.
“ދަރިފުޅުގެ ބޭސް މިހިރީ ކާލާ. މަންމަ މިދަނީ ކެއުން ތައްޔާރުކުރަން.” ބޭސްތައް ބަހައްޓާފައި މަންމަ ނިކުމެގެންދިޔައެވެ. ކާން ހަދާށެވެ. އިޝާ ނަމާދުކޮށްގެން ކެވޭނީ އޭރަށް ކަމަށް ވާތީއެވެ.
” އެ ރަށުން އަހަންނަށް…” ރީމާލްގެ ވާހަކަ ފުރިހަމައެއް ނުވިއެވެ. އާނޫގެ ފޯނު ރިންގުވިއެވެ. އަނެއްކާ ރީމާލް ބުނަން އެއުޅެނީ ކޮންކަހަލަ ވާހަކައެއް ހެއްޔެެވެ؟ އެރަށުން ރީމާލަށް ކޮން ކަމެއް ވީ ހެއްޔެވެ؟
ނުނިމޭ
(ކިޔުންތެރިންގެ ސަމާލުކަމަށް)
މިއީ އަޅުގަނޑުގެ އެސްފިޔައަށް ލިޔާ ހަވަނަ ދިގުވާހަކައެވެ. ހުރިހާ ކިޔުންތެރިންނަށްވެސް ރީތިވާނެކަމަށް އުންމީދުކުރަމެވެ.
❤️🥰🫶🥀☺️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





