Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ރޭފަނާ – 9

EXO
EXO Level 210 Stories100 Login
December 11, 2025 5 Mins Read
0 Comments

ކިޔެވެލި ކިޔަވަމުންދިޔައިރު ފަންޑިތަވެރިން ތިބި ގޭ ކައިރިން އަލިގުޅަތައް ދަތުރުކުރަމުންދިޔައެވެ. ނަމާން އަޑުތައް ގަދަވެ އިރުކޮޅެއްފަހުން ކުއްލިޔަކަށް ހުއްޓިއްޖެއެވެ. ގޭގެ ކުޑަދޮރުން ފެންނަން ހުރި ތުނޑިން ފެނިގެންދިޔައީ މީހެކެވެ. އެމީހާ ހިނގަމުންދާއިރު ދަނީ ތުރުތުރުއަޅާ ހާލުގައެވެ. އެމީހާގެ މިސްރާބު ގެޔާދިމާލަށް އަނބުރާލިތަން ބަކުރުބެއަށް ފެނުނެވެ. އެމީހާ މަޑު ހިނގުމެއްގައި އައިސް ގެޔާ ދިހަ ފޫޓު ދުރަށް ހުއްޓުނެވެ. އަދި އެމީހާ ދެ ކަކޫމައްޗަށް ތިރިވެއްޖެއެވެ. އެއަށްފަހު ތުރުތުރުލާ އަޑަކުން ވާހަކަ ދައްކަންފަށާފިޔެވެ.

މީހާ : ކަލޭމެން… މިރަށުން… ފައިބާ…. މިއީ… އެންމެ…. ފަހު… އިންޒާރު

ބަކުރުބެ : (އޭނާގެ މީހުންނަށް ބަލާލާފަ) މިއަދަކީ އަހަރުމެންގެ ފަހު ދުވަސްކަމުގައި ވިޔަސް އެންމެ ތަންފުކެއްވެސް ދޫނުކުރާތި. ވަރުގަދަަޔަށް ކިޔަވާފަ ބަހައްޓާ

ކިޔެވުން ވަރުގަދަކުރިތަނާހެން އެއްކަލަ މީހާ ދެއަތުން މުޅި ބޮލުގައި އަތްއަޅާ ވަކިދަމަމުންދިޔައެވެ. އެޔަށްފަހު ބިރުވެރި އަޑަކުން ހަޅޭއްލަވައިގަތެވެ. ދެން ފެނިގެންތިޔައީ މޫދުން ބަޑިޖަހާފައި ވަރުގަދަ ކަޅުކަންގަދަ ފަސް ފުރޭތަ ހިއްލާލިތަނެވެ. އެ ފުރޭތަތައް ފަންޑިތަވެރިން ތިބި ގެޔާ ދިމާލަށް މިސްރާބުޖެހިޔެވެ. ބަކުރުބެ ބަލަން ހުއްޓާ އެއްކަލަ މީހާ އަމިއްލަ އަނގައިގާ ދެއަތުން ހިފާ ބޮޑަށް ހުޅުވާލިޔެވެ. އެހިނދު ކަށިފަޅާފައިވާ ދިގު ދުލެއް ނުކުތްތަން ފެނިގެންދިޔައެވެ. އެމީހާގެ އަތުގެ ނޭފަތިތައް ދިގުވެގަތެވެ. ބޮލުގެ އިސްތަށިތައް ދިގުވެއްޖެއެވެ. ދެ ލޯ ރީނދޫކޮށްލާފިޔެވެ. ވަރުގަދަ ނިގުލެއްވެސް ފުރަގަހުން ނެރެލާފިޔެވެ. އެ ނިގުލުގައިވަނީވެސް ހުސް ކައްޓެވެ. ބަކުރުބެ ހަނގުރާމައަށް ނުކުންނަން އުޅެނިކޮށް ހުސެން އޭނާ ކޮނޑުގައި ހިފެހެއްޓުމަށްފަހު ގަސްގަނޑުތެރެޔަށް އިޝާރާތްކޮށްލިޔެވެ. އެތަނުގައި ބިޔަ ވަރުގަދަ ހިޔަންޏެއް ފެންނަން ހުއްޓެވެ. އެ ހިޔަނިން ރީނދޫ ބޮޑު ދެލޯ ފާޅުވެފައިހުއްޓެވެ.

ހުސެން : ބަކުރުބެ. މިތާ މަޑުކުރޭ. އަހަރުމެން ދެމީހުން ނުކުމެއްޖެއްޔާ މި އެންމެން މަރަން ތައްޔާރަށް އެހުރީ

ބަކުރުބެ : (ފުންނޭވާޔެއް ދޫކޮށްލާފަ) މަގޭ ހުސޭނު ވިސްނުން ތޫނުވެ މަ ވިސްނުން ކޮށިވެއްޖެ. އެންމެ ރަނގަޅު މިއަދުން ފައްޓާން ހުސޭނުއާ ހަވާލު

ހުސެން : (ކޮނޑަށް ބޮޑު ފުރޮޔެއްނަގާ ވައްޓާލާފަ) އާ އާނ މަ ގޯނި ފުލައްލާ

ބަކުރުބެ : ސަލާމަތުން އަންނާތި. އެކަމު އެންމެ ތަންފުކެއްވެސް ދޫނުދޭތި.

ހުސެން : (ބަކުރުބެއާ ދިމާލަށް ފުރޯ ދިއްކޮށްފަ) ބޭބެޔަށް އެނގޭނެ މާ ރީއްޗަށްވެސް މި ނުކުންނަނީ ބޭބެގެ ދަށުން އެންމެ ފުރިހަމަޔަށް ތަމްރީންހެދި ހުސޭނުކަން. އަހަރެން މަރުވެއްޖެނަމަ ބޭބެ ހިތާމަނުކުރާތި.

ބަކުރުބެ : ސަލާމަތުން އައިސްފިއްޔާ ރިހާކުރު ގުޅިޔެއް ދޭނަން ހަތަރު އަނބިންނާއެކު

ހުސެން : (ދެލޯ ބޮޑުކޮށްލާފަ) ބަކުރުބެ….. މި ފުރޮއިން އެތިފަހަރެއް އަޅަންވީތަ

ބަކުރުބެ : (ހިނިގަނޑެއް ޖަހާލާފަ) ނޫން ނޫން އަވަހަށް ދޭ

ހުސެން ކޮނޑަށް ފުރޯ ވައްޓާލަން ދޮރުން ނުކުމެ ކުރިމަތީ ހުރި ފުރޭތައަށް ނަޒަރު ހިނގާލުމަށްފަހު އޭގެ ފަހަތުން އަންނަ ފުރޭތަތަކަށް ލޯ އެއްލިޔެވެ. އެޔަށްފަހު ފުންނޭވާޔެއް ދޫކޮށްލުމަށްފަހު ކުއްލިޔަކަށް ކުރިމަތީ ހުރި ފުރޭތާއާ ދިމާލަށް ދުއްވައިގަނެގެން އައިސް ފުރޮއިން އެ ފުރޭތަގެ މޫނުމަތީ ޖެހިގޮތަށް ދުރަށް ބުރުވާލިޔެވެ. ފުރޭތަ ވިއްސައިގެން ގޮސް ބިމަށް ޖެހި އެނބުރެމުންގޮސް މައިތިރިވެއްޖެއެވެ. މަޑު މަޑުން ތެދުވެ ދެކޮޅަށް ބޯ ހޫރުވާލުމަށްފަހު ބާރަކަށް ހަޅޭއްްލަވައިގަތެވެ.  އެހިނދު މޫދުން އެރި ފަސް ފުރޭތަ ހުސެންއާ ދިމާލަށް ދުއްވައިގަނެފިޔެވެ. ހުސެންވެސް އެ ފުރޭތަތަކާ ދިމާލަށް ދުއްވައިގަތެވެ. ހުސެން ފުރުތަމަ ފުރޭތަޔާ ކުރިމަތިލާ އޭގެ ހަމަލާތަކުން ރެކިގަނެފިޔެވެ. އެޔަށްފަހު އަތުގައި އޮތް ފުރޮއިން ޖެހިގޮތަށް އޭގެ ބޯ ބުރިކޮށްލިޔެވެ. ދެވެނަ ފުރޭތަ ކައިރިން ރެކިލުމަށްފަހު އޭގެ އޮނަގަނޑުގައި ފުރޮއިން ވަރުގަދަ އެތިފަހަރެއް ޖަހާ އެ ފުރޭތަ ޒަޙަމްކޮށްލިޔެވެ. އެޔަށްފަހު ދެން ހުރި ތިންވަނަ ފުރޭތަ ހޫރުވާލި އަތުގައި ފުރޮއިން ޖަހާ ބުރިކޮށްލުމަށްފަހު އެ ފުރޭތަގެ ކަނދުރާގައި ފުރޮއިން ޖަހާ ބިންމައްޗަށް ވައްޓާލުމަށްފަހު ދެން އައި ހަތަރުވަނަ ފުރޭތަގެ ބަނޑުގައި ފުރޮއިން ޖަހާ ދޮތްދޮޅިދޮށަށް ފުރޯ އަރުވާލިގޮތަށް އެ ފުރޭތަގެ ބޯ ދެފަޅިކޮށްލާފިޔެވެ. ފަސްވަނަޔަށް ހުރި ފުރޭތަ އައި ކޮޅަށް އަނބުރާ ދުއްވައިގަނެފިޔެވެ. ޒަޙަމްވެފައިވާ ދެ ފުރޭތަ ފުރޮއިން ތަޅާ މަރާލުމަށްފަހު ފިލަން ދުވި ފުރޭތައާ ކުރިމަތިލުމަށް އެނބުރުނު އިރު ފެނިގެންދިޔައީ އެއްކަލަ މީހާ ސިފައިގަ ހުރި ފުރޭތަ ދުވެފައިގޮސް ފިލަން ދުވި ފުރޭތަ އަތުލައި ބިންމައްޗަށް ވައްޓާލުމަށްފަހު ވަކިތަކުން ހަމަލާދެމުން އެ ފުރޭތަގެ ގުނަވަންތައް ކޮނެގެން ނަގައިގެން ކަމުންދާތަނެވެ. ހުސެން ބަލަން ނުހުރެ އެއް އަތުން ފުރޯ އަނބުރަމުން ކުރިޔަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ނުދެވެނީސް ފެނިގެންދިޔައީ އެއްކަލަ ފުރޭތަ އިތުރަށް ވަރުގަދަވެގެންދިޔަތަނެވެ. ކާލަމުން ދިޔަ ފުރޭތަގެ އަތްބުރި އަނގަޔަށް ލައިގެން ތެދުވެ ހުސެންއާ ދިމާލަށް މަޑުމަޑުން އަންނަންފެށިޔެވެ. އަނގައިތެރޭ އޮތް އަތްބުރި އެއްބައި ހަފާލުމަށްފަހު އަނެއްބައި ހުސެންއާ ދިމާލަށް ހޫރުވާލިޔެވެ. ހުސެން ފުރޮއިން ޖަހާ އެ އަތްބުރި ދުރަށް އެއްލާލިޔެވެ. ކުރިމަތީ ފެންނަން ހުރި ފުރޭތަގެ ވަރުގަދަކަން ހުސެންއަށް އިހުސާސްވެ ކިޔެވެލި ފުރޮޔަށް ކިޔަވާ ފުމެލިޔެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފުރޭތަޔާ ދިމާލަށް ދުއްވައިގަތެވެ. އެހިނދު ފުރޭތަގެ ކަށިފެޅި ދޫ ހުސެންއާ ދިމާލަށް ދޫކޮށްލާފިޔެވެ. އެހިނދު ހުސެން ހުށިޔާރުވެ ވެލިގަނޑުގައި ކެހިލާފައި އައި ގޮތަށް ފުރޭތަގެ އެއް ފަޔަށް ހަމާލާދިނެވެ. ނަމަވެސް ފުރޯ ޖެހުނު ފައިގެ ހަންގަނޑު ވެގެންދިޔައީ ހަރު ހިލަ ފަދަ ހަންގަނޑަކަށްށެވެ. އަވަސް އަވަހަށް ހުސެން ފަހަތަށް ޖެހިލިޔެވެ. އެހިނދު ފުރޭތަ ހިނިގަނޑެއްް ޖަހާލިޔެވެ. ހުސެން ބަލަން ނުހުރެ ދުވެފައި އައިސް ފުރޮއިން ފުރޭތަގެ އެތައް ތަނަކަށް ހަމަލާދިނެވެ. ނަމަވެސް ފުރޭތަގެ ހަމުގެ ހަރުކަމުން އެއަކަށް ގެއްލުމެއް ދެވޭވަރެއްނުވިޔެވެ. ދެން ހުސެން ވިސްނާލަން ހުރެފައި ވެލި މުށެއް ބިންމަތިން ނަގާ ކިޔަވާލިޔެވެ. މި މަންޒަރު ފެނިފައި ފުރޭތަ ކުޑަކޮށް ޖެހިލުންވާތަން ފެނިގެންދިޔައެވެ. ހުސެން ދުވެފައި އައިސް ފުރޭތަގެ ގަޔަށް އެއްކަލަ ކިޔަވާފައި އޮތް ވެލިމުއް ޖަހާލިޔެވެ. ހަމަ އެޔާއެކު ފުރޮއިން ފުރޭތަގެ އެއް އަތަށް ހަމަލާދިނެވެ. އެހިނދު ފުރޭތަގެ އަތް ޒަޙަމްވެއްޖެއެވެ. ހުސެން ހަމަލާ ކާމިޔާބުވިޔެވެ. ނަމަވެސް ވިސްނާނުލެވި ހުއްޓާ ހުސެންގެ ފައިގާ ފުރޭތަގެ ދޫ އޮޅާލާފިޔެވެ. ނަގާ ބިމަށް ދެތިން ފަހަރަކު ޖަހާ ދުރަށް ހޫރާލާފިޔެވެ. އެޔަށްފަހު ބާރަކަށް ހަޅޭއްލަވައިގަތެވެ. އަދި ދުވެފައި އައިސް ވެއްޓެމުންދިޔަ ހުސެންގެ ބަނޑުގައި ކޮޅުފައި ޖަހާ އިތުރަށް ދުރަށް ބުރުއްސާލާފިޔެވެ. ބިންމައްްޗަށް ހުސެން ޖެހުމާއެކު ފުރޮޅެމުން ގޮސް ރުކެއްގައި ޖެހި މަތަވެއްޖެއެވެ. ހިތްވަރުކޮށްލާފައި ތެދުވެ ދެކޮޅަށް ބޯ ހޫރުވާލުމަށްފަހު ހިނިގަނޑެއް ޖަހާލާ ފުރޭތަޔާ ހަތަރު ކަޅި ހަމަކޮށްލާފިޔެވެ. އަދި ވެލިމުށެއް ނަގާލުމަށްފަހު ކިޔަވާލާފައި ދުއްވައިގަތެވެ. އެހިނދު ފުރޭތަގެ ދިގު ދުލުން މުޅިތަނުގައި ޗާބޫކެއްްހެން ތަޅަންފެށިޔެވެ. ނަމަވެސް ހުސެން އެ ދުލުން ދެމުންދިޔަ ހަމަލާތަކުން ރެކިގަނެ އެ އައިގޮތަށް ފުރޭތަގެ މޫނަށް ވެލިމުއްޖަހާފިޔެވެ. އަދި ކުއްލި ހަމަލާއަކުން ފުރޭތަގެ ދޫ ބުރިކޮށްލާފިޔެވެ. އެހިނދު ލޭތައް ބުރަ ބުރައިގެން ގޮސްފިޔެވެ. ފުރޭތަ ހަޅޭއްލަވަމުން ފަހަތަށް ޖެހުނެވެ. ހުސެން ކުރިޔަށް އައިސް ފުރޮއިން ފުރޭތަގެ ބޮލަށް ހަމަލާދޭން މަސައްކަތްފެށިޔެވެ. ނަމަވެސް ފުރޭތަ ދިޔައީ އެ ހަމަލާތައް ދެ އަތުން ދިފާއުކުރަމުންނެވެ. ހަމަލާތައް ދިފާއު ކުރަމުން ފުރޭތަގެ ނިގުލުން ހުސެންއަށް ހަމާއެއްދިނެވެ. މޭމައްޗަށް އެރި ހަމަލާއާއެކު ހުސެންއަށް ފަހަތަށް ޖެހެން މަޖްބޫރުވިޔެވެ. ޒަޙަމްވެ މޭމަތިން ލޭ އަންނަންފަށާފިޔެވެ. ހުސެން މެއިން އަންނަމުންދިޔަ ލޭތަކުގައި އަތް ކާތާލުމަށްފަހު ނަގާ މޫނުގައި އުނގުޅާލިޔެވެ. އެޔަށްފަހު ފާޑެއްގެ ރާގަކުން ރައިވަރުތަކެއް ބިންދަންފެށިޔެވެ. ދެން ފެނުނީ ބަބުރު ނެށުމުގައި ޖައްސާފަދަ ވައްތަރުތަކެއް ޖައްސަންފެށިތަނެވެ. އެޔަށްފަހު ޖިންނި މޮޔަވެގެންއުޅޭ މީހެއް އުޅޭހެން އުޅެންފެށިތަނެވެ. މިހިސާބުން ހުސެން މަތަނާރަންފެށިޔެވެ. ދިޔަގޮތަށްގޮސް ފުރޭތައަށް މޮޔައެއްހެން ހަމަލާދެމުންދިޔައެވެ. ފުރޭތަގެ އަތްތަކުގައި ފުރޮއިން ތަޅާ ތަޅާ ހަރު ހަންގަނޑު ފަޅާލަމުންދިޔައެވެ. ފުރޭތަގެ ނިގުލުން ދޭ ހަމަލާތަކުން ރެކެމުންގޮސް އެންމެ ފަހަށް ނިގޫވެސް ބުރިކޮށްލާފިޔެވެ. ނަމަވެސް ނިގޫ ބުރިކޮށްލިވަގުތު ހުސެންގެ މޫނަށް މުއްކަވާފައި ފުރޭތަ ވަރުގަދަ ހަމަލާއެއްދިނެވެ. އެހިނދު ހުސެން އެނބުރުންއަރައިގަނެ ފަހަތަށް ޖެހެންފެށިޔެވެ. ހަމަ އެހިނދު ފުރޭތަގެ ދެއަތުގެ ވަކިތަކުން ހުސެންގެ މެޔަށް ހަމަލާދިނެވެ. އަދި ހުސެންގެ ކަރުގައި ހިފާ ބިމަށްޖަހާފިޔެވެ. ހަމަ އެހިނދު ފުރޭތަ ގޮއްމުއްކަވާފައި ދެއަތުން ހުސެންގެ މޫނުމަތީ ތަޅަންފެށިޔެވެ. ތަޅާމުން ތަޅަމުންގޮސް ބިމަށް ބޯ ވައްދާލާފިޔެވެ. ލޭތައް ބުރަބުރައިންގެންދާންފެށިޔެވެ. ހުސެންގެ ހަރަކާތް ހުއްޓިއްޖެއެވެ. ފުރޭތަ ހަމަލާތައް ހުއްޓާލުމަށްފަހު ފަންޑިތަވެރިން ތިބި ގެޔާ ދިމާލަށް އަނބުރާލާފައި މަޑު ހިނގުމެއްގައި އައިސް ހުއްޓުނެވެ. އެހިނދު ބަކުރުބެ ދޮރުކައިރިޔަށް ނުކުމެ ހުއްޓެވެ.

ފުރޭތަ : ކަލޭ އަހަރެންނާ ހަނގުރާމަކުރަން ފޮނުވި މީހާ އެޔޮތީ މަރާލާފަ. ދެން ތިބީ ކަލޭމެން

ބަކުރުބެ : (ބޯ ކަހާލާފަ) ކަލެޔަށް ޔަގީންތަ؟ މަމީ ކަލޭ ނަމަ ޔަގީންކުރީމުސް. (އިނގިލި ދިއްކޮށްލާފަ) ބަލާބަލަ.. މިއަންނަނީ ކަލޭގެ ނިމުންކަން ޔަގީން

ފުރޭތަ އެނބުރި ހުސެން އޮތް ދިމާލަށް ބަލާލިޔެވެ. އެހިނދު ކަށިތަކުން އަޑުގޮއްވާލާފައި ހުސެން މަޑުމަޑުން ތެދުވެއްޖެއެވެ. އޭނާގެ ދެލޯ ވަނީ ފެހިކުލައިން ދިއްލިފައެވެ. އަތުގައި އޮތް ފުރޯގެ ތިލަ ވަނީ ފެހިކުލައިގެ ރޮނގަކުން ދިއްލިފައެވެ. ފުރޭތަ ވަރަށް ޖެހިލުންވެއްޖެއެވެ. ނަމަވެސް ހުސެންއާ ދިމާލަށް ދުއްވަގަނެފިޔެވެ. އަރާ ހަމަވިތަނާހެން ހުސެންގެ އަތުގައި އޮތް ފުރޮއިން ޖަހާ އެންމެ ފުރުތަމަވެސް ބުރިކޮށްލީ ފުރޭތަގެ ދެފަޔެވެ. އެހިނދު ފުރޭތަ ބިންމައްޗަށް ވެއްޓިއްޖެއެވެ. ހުސެން އައިސް ފުރޮއިން ޖަހާ ފުރޭތަގެ ދެ އަތް ބުރިކޮށްލިޔެވެ. އަދި ފުރޭތަގެ މޭމައްޗަށް ފައިން އަރާ ފުރޭތައާ ދިމާލަށް ފުރޯ ދިއްކޮށްލާފިޔެވެ. ދެން ނަޒަރު ހިނގާލީ ގަސްގަނޑުތެރޭ ހުރި ހިޔަނި ފެނޭތޯއެވެ. ނަމަވެސް އެ ފެންނަން ނެތުމުން މިއީ ނުބައެއްކަން އެނގުނެވެ. ކުއްލިޔަކަށް ފެނިގެންދިޔައީ ބަކުރުބެ ހުރި ގެ ގޮވިތަނެވެ. ހުސެން ބަލަން ނުހުރެ އެއްކަލަ ފުރޭތަގެ ބޯ ބުރިކޮށްލާފިޔެވެ. އަދި އަވަސް އަވަހަށް ބަކުރުބެ ހުރި ގެޔާދިމާލަށް ދިޔައެވެ. މުޅި ތަނުގައިވަނީ ދުންބޯވެފައެވެ. ބަކުރުބެ ވަރަށް ހަމަޖެހިލާފައި ދެ އަތް ފުރަގަހަށްލާގެން ދުންގަނޑުތެރެއިން ނުކުތެވެ. އެއަށްފަހު ހުސެންއަށް ހިނިތުންވެލިޔެވެ. ހުސެންގެ ފެހިވެފައިވާ ދެ ލޯ އަލުން އަނބުރާ ހުރިގޮތަށް ބަދަލްވެއްޖެއެވެ. އަތި ފުރޯގެ ތިލައިގެ ފެހިކަން ގެއްލިއްޖެއެވެ.

ބަކުރުބެ : މާ އަވަހަށް ތި ބޭނުންކުރީ އެނގޭ.

ހުސެން : (އިސްދަށަށް ޖަހާލާފަ) މައާފްކުރައްވާ ބަކުރުބެ. ދެން އެހެނެއް ނުވާނެ

ބަކުރުބެ : (އައިސް ހުސެންގެ ކަނައަތު ކޮނޑަށް އަތްވައްޓާލާފަ) ކަލޭ ސަލާމަތުން ހުރިތަން ފެނުން އެއީ އަހަރެން ބޭނުންވާ ގޮތް

ހުސެން : އެންމެން ރަނގަޅުތަ؟

ބަކުރުބެ : އާނ. އެންމެން ސަލާމަތްވި. އެކަމު އެ ހަމަލާ އައީ ގަސްގަނޑުތެރެއިން. މިތަނަށް ރައްޔިތުން އެއްވެއްޖެނަމަ ބުނޭ ފުޅި ބައްތީގައި ރޯވެގެން އެނދީކަމަށް. ގޮވި އަޑަކީ އަހަރުމެންގެ މުދާތަކުގައި އަލިފާންހިފާގެން ގެންގުޅޭތަކެތި ބާރުގަދަކަމުން ގޮވި ގޮވުމެއްކަމަށް.

ހުސެން : ފޮތްތައް ސަލާމަތްވިތަ؟

ބަކުރުބެ : ވަގުތެއް ނުވި. ދެން ދަސްވެފައި ހުރި އެއްޗަކައިގެން ކުރިޔަށް ދާނީ

ހުސެން : އެންމެ ރަނގަޅު

ބަކުރުބެ : މަރާލެވުން ފުރޭތަ ކޮބާ؟

ހުސެން : އެ ވިރިގެންދާނެ

ބަކުރުބެ : އެންމެ ރަނގަޅު. ދެން ދޭ ޒަޙަމްތަކުގައި ބޭސްއަޅަން

އެކި ދިމަ ދިމާލުން ރައްޔިތުން އައިސް އަލިފާން ނިއްވުމުގެ މަސައްކަތްފަށާފިޔެވެ. އެތަނަށް ކަތީބުވެސް އަތުވެއްޖެއެވެ. ފަންޑިތަވެރިންނާ ބައްދަލުކޮށް އެމީހުންނަށް އާ ގެޔެއް ހުރިކަމަށް ބުނެލިޔެވެ. އެއީ ރަށުގެ ދެކުނުފަޅީގައި މީހުން އުޅޭ ސަރަހައްދާ ކައިރި ގެޔެއްކަމަށް ބުނެލިޔެވެ. ބަކުރުބެ ކަތީބުއާ ހަތަރުކަޅި ހަމަކޮށްލުމަށްފަހު އެ ގެޔަށް ބަދަލުވާން އެއްބަސްވެ ކަންތައްތައް ފެށިޔެވެ.

އެރޭ އިރުއޮއްސުނުފަހުން ބަދަލްވުމުގެ ކަންތައް ނިމުނެވެ. އެންމެން ހަމަޖެހިލައިގެން ކައިބޮއެ ހަދާގެން އަރާމުކުރަން ޖައްސާލާފިޔެވެ. ކަންތައް ދިމާވިގޮތުން މިރޭ ކިޔެވެލި ނުކިޔަވައެވެ. އެންމެންނަށް ނިދަން އަމުރުކުރުމަށްފަހު މިރޭ ފާރަޔަށް އިނީ ބަކުރުބެއެވެ. ބަކުރުބެ ފުން ވިސްނުމެއްގައި އިންދާ ހުސެން އަތުވެއްޖެއެވެ. އައިސް ކަންތައްތަކާ މަޝްވަރާކުރަންފެށިޔެވެ. ބަކުރުބެ ފަޅުފިލުވާދިނުމުގައި ހުސެން އަކީ އެއްވަނައެވެ. އަމިއްލަ ދަރިޔެއްފަދަ ހުސެން ސަލާމަތުން ގާތުގައި އިނުމަކީ ބަކުރުބެއަށް ލިބޭ ހިތްހަމަޖެހުމެކެވެ. ކޮންމެޔަކަސް މިހެންތިއްބާ ފުރާޅުގައި ވާރޭކަނި ޖެހޭ އަޑު އިވިއްޖެއެވެ. އެ އަޑު ގަދަވަމުންގޮސް ބޯ ވާރޭތިކީގެ އަޑު އިވެންފެށިޔެވެ. ފުލު ފުލުން ގުގުރާ ވިދަންފެށިޔެވެ. ބަކުރުބެ އިންތަނުން ތެދުވުމުން ހުސޭނުވެސް ތެދުވެއްޖެއެވެ. ނުރައްކަލެއް އަންނަކަން އިހުސާސްވެގެންނެވެ. މަޑު ހިނގުމެއްގައި ދެމީހުން ދޮރުން ބޭރަށް ނުކުތެވެ. ޖަހާލި ވަރުގަދަ ވިދުވަރާއެކު ފެނިގެންދިޔައީ ގަސްގަނޑުތައްތެރެއިން ވަރުގަދަ ބިޔަ ހިޔަންޏެކެވެ. އެ ހިޔަނީގެ ދެލޯ އަނގުރު އަލިފާންފަދައެވެ. ރުޅިވެރިކަމާއެކު ބަކުރުބެއާ ހުސެންއަށް ބަލަންހުރުމަށްފަހު ފަހަތަށް ޖެހެމުންގޮސް ގަސްގަނޑުތެރެޔަށް ގެއްލިއްޖެއެވެ. ކުރިޔަށް އޮތީ ވަރަށްވެސް ބޮޑު ނުރައްކަލެއްކަން ބަކުރުބެއަށް އެނގިގެންދިޔައެވެ. ހުސޭނުއާ ދިމާލަށް ބަލާލުމަށްފަހު ހުޝިޔާރުވުމަށް އިންޒާރުދިނެވެ.

– ނުނިމޭ –

 

 

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

މުޅި ހިތް ބޭޤަރާރު ވެއްޖެވޭ-1

Next

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 06

Next
December 12, 2025

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 06

Previews
December 11, 2025

މުޅި ހިތް ބޭޤަރާރު ވެއްޖެވޭ-1



All Right Reserved!