ދުނިޔެއާއި އާޙިރަތުގެ ބާއްޖަވެރިކަން ހޯދަން އެދޭނަމަ..
ދުނިޔެއާއި އާޙިރަތުގައި ނިކަމެތިންކަން ބޭނުންވާނީ ފަހެ ކާކުހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. އެކަކުވެސް ބޭނުމެއްނުވާނެ އެވެ. އެކަމަކު މިޒަމާނު މީހުން އާޙިރަތް މަތިން ހަދާން ހުރިކަމެއްވެސް ނޭނގެއެވެ. ހަރާމެއް ހަލާލެއް ނެތެވެ. ދުނިޔެއިން އުފަލާއި ހިތްހަމަ ޖެހުން ލިބެންޔާ ކޮޮއްމެކަމެއްވެސް ކުރާނެއެވެ. އާދެ މިއީ އަޅުގަނޑުމެންގެ މިދުނިޔެ އައިސް ފައިވާ ހާލަތެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަށް މަތިން ހަދާން ނައްތާލައިފައި އެމީހަކާއި އެމީހެކެވެ. ފާފަތަކަށް އަރައިގަންނައިރު ފަހުން ލިބޭނޭ ވޭނަކަށް ވިސްނާލުމެއް ނެތެވެ. އެހެންނަމަވެސް އަހަރެމެން އިންސާނުން ވާންވާނީ ދުނިޔެއާއި އާޙިރަތުގެވެސް ބާއްޖަވެރިކަން ހޯދަން މަސަށްކަތް ކުރާބަޔަކަށެވެ. މިބާއްޖަވެރިކަން ހޯދުމަށް ވަރަށް ގިނަކަންތައްތަކެއް ކުރަން ޖެހެއެވެ.
ދުނިޔެއާއި އާޙިރަތުގެ ބާއްޖަވެރިކަން ހޯދުމައް ޓަކައި މާތް ﷲ އަހަރެމެންނަށް ފަރުޟު ކުރައްވައިފައިވާ ކަންތައްތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. އެގޮތުން ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރަން ޖެހެއެވެ. އެހެނީ އާޙިރަތްދުވަހު އެއްމެ ފުރަތަމަވެސް ހިސާބުބައްލަވާ ކަމަކީ ނަމާދެވެ. މިކަމުންވެސް ނަމާދުގެ މުހިންމުކަން އެނގިގެން ދެއެވެ. ހަމައެފަދައިން ޤުރްޢާން ކިޔެވުމަކީ އޭގެ ސަބަބަުން ބާއްޖަވެރިކަމާއި އުފަލާއި ހިންހަމަޖެހުމުގެ މަގު ކޮށައިދޭނޭ ވަސީލަތެވެ. އަހަރެމެން ގިނަގިނައިން ޤުރްޢާން ކިޔަވަން ޖެހެއެވެ. ޒިކުރުތައް ކިޔުމަކީވެސް އަހަރެމެންނަށް ވަރަށް ބޮޑަށް ބާރު އަޅުވައިފައިވާ ކަމެކެވެ. ޒިކުރުތަކަކީ އޭގެ ސަބަަބުން އެއްމެހާ ނުރައްކާތަކާއި ފާހިޝް އަމަލުތަކުން އަހަރެމެން ދުރުކޮށްދޭނޭ ވަސީލަތެވެ. ވީމާ ދުނިޔެއާއި އާޙިރަތުގެ ބާއްޖަވެރިކަން ހޯދުމަށް އަހަރެމެން ނަމާދާއި، ޤުރްޢާން އަދި ޒިކުރުތައްކިޔުމަށް ސަމާލުވާން ޖެހެއެވެ.
ދުނިޔެއާއި އާޙިރަތުގައިވެސް ބާއްޖަވެރިކަމަށް އެދޭނަމަ ތިމާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތަން ވާނެއެވެ. ސުވަރުގެ ވަނީ މައިމީހާގެ ފައިތިލަ ދަށުގައެވެ. ނަމަވެސް މިކަން އެއްވެސް މީހަކު ހަދާންހުރިކަމެއް ހެނެއް ހިޔެއް ނުވެއެވެ. މައިންބަފައިންނަކީ ތިމާ ވިހެއި ދުވަހުއްސުރެއް އެތަކެއް ކަމެއް ޤުރްބާންކޮށްފައި ތިމާ ބޮޑުކޮށް މުޖްތަމަޢުގައި ބަލައިގަނެވޭނޭ މީހަކަށް ހެދި މީހުންނެވެ. އެމައިމީހަގެ އެދުންތަކުގައި ފައިންޖަހައި، އެމައިމީހާދޭ ނަސޭހަތްތަކަށް ބީރު ކަންފަތެއް ދޭ ކޮންމެ ފަހަރަކީ ތިމާ ދަށުދަރަޖައަށް ވެއްޓޭ ފަހަރެކެވެ. އަހަރެމެން ވާންވާނީ މައިންބަފައިންނަށް ހެޔޮކޮށްހިތާ އެމީހުންނަށް ޓަކައި ދުޢާކުރާނޭ ދަރިންނަށެވެ. އެމީހުންނަށް ރީތިކޮށް ވާހަކަދައްކާ އޯޤާތެރިކަމާއި އެކު އަޅައިލާ ހަދަން ޖެހެއެވެ. ތިމާގެ މައިންބަފައިން މިދުނިޔެ ދޫކޮށްދާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. އެދުވަހަކުން އެމައިމީހާ އާއިދޭތެރޭ ކަންތައްކުރެވުނު ގޮތާއި މެދު ހިތާމަކުރިއަސް އެދުވަސްތަކެއް ދެނެއް ނުލިބޭނެއެވެ. ވީމާ ކޮންމެ މީހަކުވެސް މައިންބަފައިންނަށް ރަގަނޅަށް ހިތަން ސަމާލުކަން ދޭންޖެހެއެވެ.
ދީނުގައި ކުރުމަށް އަންގަވައިފައިވާ މައިގަނޑު ކަންތަށް ކުރުމުގެ އިތުރަށް މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދުނިޔެއާއި އާޙިރަތުގެ ބާއްޖަވެރިކަމަށް ހުޅުވޭ ދޮރެކެވެ. ހަމައެފަދައިން މާތް ﷲ މަތިން ގިނަގިނައިން ހަނދުމަކުރަން ޖެހެއެވެ. އެހެނީ ތިމާ ކުރާ ކޮންމެކަމެއްވެސް މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އެއީ ކިތައްމެ ސިއްރުން ކުރިކަމެއް ނަމަވެސް ހެވެއެވެ. މާތް ﷲ މަތިން ހަދުމަ ކުރުމަކީ ތިމާ ފާފަތަކުން ދުރުކޮށްދޭނޭ ވަރަށް މުހިންމު ކަމެކެވެ. ގިނަމީހުންނަށް ފާފަތަކަށް އަރައިގަނެވެނީ މާތް ﷲ މަތިން ހަނދުމަ ނުކުރެވޭތީއެވެ. މިފަަދަ ކަންކަމުން ސަލާމަތް ވުމައްޓަކައި އަބަދުވެސް މާތް ﷲ މަތިން ހަނދުމަކޮށް ގިނަގިނައިން އެކަލާންގެއަށް ހަމްދުކުރަން ޖެހޭނެއެވެ. ވީމާ ކަމެއް ކުރުމުގެ ކުރިން ތިމާއަށް މިކުރެވެނީ ކޮންކަމެއްތޯ ވިސްނާލަން ޖެހެއެވެ. އޭގެން ތިމާއަށް ވާނީ ފައިދާތޯ ނުވަތަ ނޫންތޯ ވިސްނާލުން މުހިންމެވެ.
ދުނިޔެއާއި އާޙިރަތުގެ ބާއްޖަވެރިކަން ހޯދަން އެދޭނަމަ ވަރަށް ގިނަކަންތައްތައް ކުރަން ޖެހެއެވެ. އެގޮތުން ނަމާދު ކުރުމާއި ޒިކުރުތައް ކިޔުމަކީ އޭގެން ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަންތަކެވެ. ހަމައެފަދައިން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ތިމާ އަށް ސުވަރުގެ ވަންނަން އެއްމެ އަލި މަގެވެ. އަދި ހަމައެހެންމެ ގިނަގިނައިން މާތް ﷲ މަތިން ހަނދުމަ ކުރަންޖެހޭނެއެެވެ. މިކަންތައްތަކައް ސަމާލުކަން ދިނުމުން އާޙިރތާއި ދުނިޔޭގައި ހަމަޖެހުން ލިބޭނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އާޙިރަތާއި ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސަށްކަތް ކުރަމާހެއްޔެވެ؟
*ނިމުނީ*






