ވާނުހޭ ގާތުގާ- ސޯޅަވަނަބައި (ފަހުބައި)
ކޮޓަރި ތަޅުލައިގެން ފޮއްޓަށް އަންނައުނުތަށް އަޅަން ޢަމާރާ ހުރީ ލިލީ އައިސް ވަދެފާނެތީއެވެ. ޢަމާރާގެ ހަރަކާތްތަށް އަވަސްވެފައި ވިއެވެ. ފޮއްޓަށް ބޭނުންވާ ހެދުންތަކާއި އިތުރު ސާމާނުތަށްލާ ބަންދުކޮށްލިއެވެ. ބޮޑު އަތްދަބަސް ނެގުމަށްފަހު ލެޕްޓޮޕާއިއެކު އެހެނިހެން ޒަރޫރީ ސާމާނުތަކާއިއެކު ޕާސްޕޯރޓް ވެސް އަތެދަބަހަށް ލިއެވެ. މެންދުރުގެ ފްލައިޓަށް ޓިކެޓް ލިބުނުކަން ނަސީބެކޭ ޢަމާރާގެ ހިތަށް އެރިއެވެ. އެއީ މެންދުރު ގަޑިއަކީ ލިލީ އޮފީހުގެ މަސައްކަތް ކުރަން ކޮޓަރީގައި އިންނަ ވަގުތު ކަމަށް ވެފައި އިކާންވެސް ގެއަށް ނާންނާނެތީ ދާން ފަސޭހަ ވާނެ ކަމަށް ބަލާފައެވެ. ލިލީ ކޮބައިތޯ ބަލައިލީ އެއްވެސް މީހެއްގެ ލޮލަށް ނުފެނި ދިއުމުގެ ނިޔަތުގައެވެ. ނަސީބު ރަނގަޅު ކަމުން ލިލީ އިނީ މީޓިންގ އެއްގައެވެ.
ފޮށި ހިފައިގެން ސިޑިން ފޭބި އިރު ސިޓިންގ ރޫމް ގައި 5 އަހަރުގެ ނާއިކް ކުޅެން އިނެވެ. ޢަމާރާ ފެނުމާއިއެކު އައިސް ބައްދާލަމުން ދަނީ ކޮންތާކަށްތޯ ސުވާލުކޮށްލިއެވެ. “ނާކް ނުބުނައްޗޭ އެކަކު ކައިރީގަވެސް.. ބޮޑޫ ދައްތަ މިދަނީ ނާކްއަށް ބައިވަރު ހަދިޔާ ގަންނަން..” ޢަމާރާ ލޯތްބާއެކު ބުނެލުމުން ނާއިކް ވަރަށް އަވަހަށް ގަބޫލު ކޮށްފިއެވެ. އަދި ކުރިން އިންތާ އިށީނދެލަމުން އަތްހޫރާލިއެވެ.
ޓެކްސީގައި އިން އިރުވެސް ޢަމާރާއަށް ވިސްނެނީ އިކާންއަށް އެނގިދާނެތީ އެކަމާއެވެ. އޭރަށް ކަންތަށް ކުރާނެ ގޮތެެއްވެސް ނޭނގެއެވެ. އެއަރޕޯޓްގައި ހުއްޓާ އައިސް ގެންދާކަށްވެސް އިކާން ފަހެއް ނުޖެހޭނެއެވެ. ފެރީގައި ހުޅުލެއަށް ދެވުނުއިރު ޗެކިންގ ގަޑި ނިމެން ކައިރިވަނީއެވެ. ނަސީބު ރަނގަޅު ކަމުން އެހެން ދުވަސް ދުވަސް ފަދައިން މިއަދު އިކާންއެއްވެސް ނުގުޅައެވެ. އިކާންއަށް ޝައްކެއް ވިޔަ ނުދިނުމަށް ޢަމާރާ ގޭގައި ހުރެފައި އިކާންއަށް މެސެޖެއް ކޮށްލީ ކައިގެން ހުރުމަށެވެ. އަދި ޑިއުޓީއަށް އަރަން ވާއިރަށް ނިދާލަނީ ކަމުގައި ބުނެފައެވެ.
އިމިގްރޭޝަން ކްލިއަރ ވުމަށްފަހު އެއަރޕޯޓް ތެރެއިން ޢަމާރާ އޭނާގެ ޓީމްއާއި ބައްދަލު ކުރިއެވެ. މެޑިކަލް ކޭމްޕެއްގައި ދާން ހަމަޖެހިފައި ވަނީ ލަންކާއަށެވެ. މި ކޭމްޕްގައި ބޮޑަށް އޮންނަނީ ޔަތީމުހާނާ ތަކުގައާއި އެކި ހިސާބުތަކުން ފެންނަ ކުޑަކުދިންގެ މެޑިކަލް ޗެކަޕް ހިލޭ ކުރުމަށެވެ. މީގެ އިތުރަށް ފަގީރުންގެ މެޑިކަލް ޗެކަޕްވެސް ކޮށްދޭން ހަމަޖެހިފައި އޮތެވެ. މި ކޭމްޕް އަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި ޔުނިސެފް ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ކުރިއަށް ގެންދާ 3 މަސްދުވަހުގެ ހަރަކާތެކެވެ. ދިވެހިރާއްޖެއިން 6 ޑޮކްޓަރުންނާއި 11 ނަރުހުން ބައިވެރިވިއެވެ.
ޑިއުޓީ ނިމެން ކައިރިވީއިރުވެސް ޢަމާރާގެ ހަބަރެއް ނުވުމުން އިކާން ފޯނުނަގާ ގުޅާލިއެވެ. އިކާން އުޅެއުޅެވެސް ޢަމާރާގެ ނަމްބަރަށް ނުގުޅުނެވެ. ބުނަނީ ގުޅޭ ސަރަހައްދުން ބޭރުގައި ކަމަށެވެ. ވަގުތުން ލިލީއަށް ގުޅާލެވުނީ ގޭގައި އެއްވެސް ތަނަކަށް ރޭންޖް ނުލިބި ނުދާނެކަން އިކާންއަށް އެނގޭތީއެވެ.
“ކީކޭ ކެން..” ކޯލަށް ޖަވާބުދެމުން ލިލީ ލެޕްޓޮޕް ލައްޕާލީ މަސައްކަތްވެސް ނިމިފައި ވުމުންނެވެ.
“މާރާ ކޮބާ.. ފޯނަކަށް ނުގުޅޭ..”
“ނުގުޅެއޭ.. މެންދުރު ކޮޓަރިއަށް ބޯދިއްކޮށްލި.. ދޮން އިނީ މީޓިންގަ.. ބަލާލަން އެބަ..” ވާހަކަ ނުދެކެވުނަސް މެންދުރު ޢަމާރާ ފެނިފައި ހުރުމުން ލިލީ ބުނެލިއެވެ. އިކާންގެ ކޮޓަރި ދޮރު ހުޅުވާލަމުން ޢަމާރާއަށް ދެފަހަރަކު ގޮވާލިއެވެ. ފޯނު ކަނޑާނުލާ ގޮސް ފާހާނައިގަވެސް އުޅޭތޯ ބަލާފައި ނުކުތްއިރު އެނދުމަތީގައި ބާއްވާލާފައި އޮތް ގަނޑެއް ލިލީގެ ލޮލުގައި އަޅައިގަތެވެ.
“އިކާން.. ގެއަށް އާދޭ ހަމަ މިހާރު..” ލިލީގެ އަޑު ފޯނުން އިވިގެން ދިޔައިރު ނުރުހުންވުން އެކުލެވިފައި ހުއްޓެވެ.
“ކިހިނެއް ވީތަ ދޮން.. ކޮބާތަ މާރާ.؟”
“މާރާއެކޭ ކިޔާނެކަމެއް ނެތް.. އަހަރެން މިބުނަނީ ހަމަ މިހާރު އިކާން ގެއަށް އަންނާށޭ..” ލިލީ ތަންކޮޅެއް ބާރަށް ބުނެލަމުން ފޯން ކަނޑާލިއެވެ. އަތުގައިވާ ގަނޑު ހިފައިގެން އަވަސް އަވަހަށް ތިރިއަށް ފޭބީ ބަޔަކު އުޅޭ އަޑު އިވިގެން ޢަމާރާވެސް ހުރެދާނެއޭ ހީވެގެންނެވެ. އޭރު ސިޓިންގ ރޫމްގައި ނާއިކް އުރާލައިގެން އަޙްތަރު ހުއްޓެވެ. ސޯފާގައި ނޫރާއާއި ޖިހާދުވެސް ތިއްބެވެ.
“އަޙްތަރް…” ލިލީއަށް އެވަރަށް ބުނެވުމާއެކު ރޮވިއްޖެއެވެ. ދަރިފުޅު ތިރީގައި ބަހައްޓާފައި އަނބިމީހާގެ ކައިރިއަށް އަޙްތަރު ޖެހިލީ ވީ ކީއްތޯ އަހާލާ ފަދައަކުންނެވެ.
“މަންމާ.. މާރާ ހިނގައްޖެ.. މާރާ ހިނގައްޖެ..” ލިލީއަށް ބުނެލެވުނެވެ. އަދި އަތުގައިވާ ގަނޑު ދައްކާލިއެވެ. އަޙަތަރު އޭގައިވާ އެއްޗެއް ކިޔާލުމަށްފަހު ޖިހާދުއަށް ދިއްކޮށްލިއެވެ. ޢަމާރާ އޭގައި ބުނެފައިވަނީ އާއިލާއަށް އަންގަން ބޭނުންވާ ހަގީގަތެވެ. އިކާން ކުރަމުންދިޔަ ޝައްކުގެ ސަބަބުން ދިރިއުޅުމާއި އޭނާގެ ވަޒީފާއަށް ކުރަމުންދިޔަ ނޭދެވޭ އަސަރެވެ. ކިތަންމެ ލޯބިވީ ކަމުގައި ވިޔަސް އެހާ މަސައްކަތުން ޢަމާރާ ހޯދި ވަޒީފާ އަދި ދޫކޮށްލެވެންވެސް ނެތް ވާހަކައެވެ. އިކާންއަށްވެސް އޭގައި މެސެޖެއް އޮތެވެ. ލޯބިވާނަމަ ވިސްނާށޭ ބުނެފައެވެ. 3 މަސް ފަހުން އަންނާނެ ކަމުގައި ބުނެފައި އޮތްއިރު އޭރުންވެސް އިކާންގެ ވިސްނުން އިހު ހުރިހެން ހުރިނަމަ ދެން ޖެހޭނީ މުޅި އުމުރަށް ދެމީހުން ވަކިވާން ކަމުގައެވެ.
“ދޮން.. ދޮން..” ގެއަށް ވަދެގެން އައި އިކާން ލިލީއަށް ގޮވާލިއެވެ. ގޭތެރޭގައި ތިބި މައިން ބަފައިން ފެނުމުން ހިނިތުން ވެލެވުނު ނަމަވެސް އެއިން އެކަކުގެ މޫނުމަތިންވެސް އުފާވެރިކަމެއް ނުފެނެއެވެ. ޖިހާދު ކުރިއަށް ޖެހިލާ އިކާންގެ ކަންފަތްމަތީ ޖެހިއެވެ. ނޫރާއާއި ލިލީ އަދި އަޙްތަރުވެސް ސިހިގެން ދިޔައެވެ. އިކާންވެސް ހައިރާންވީ ބައްޕަ އެކަހަލަ ކަމެއް ކުރީތީއެވެ. މި ވީހާ ދުވަހު ލޯބިން ނޫން ގޮތަކަށް އެ ބައްޕަ އެކުދިން ގައިގަ އަތްލާފައިވެސް ނުވެއެވެ.
“ބައް..ޕާ.. ކިހިނެއްތޯ ވީ؟” އިކާންއަށް ވީ ތަދުން ކޮލުގައި ފިރުމާލެވުނެވެ.
“ބައްޕާއެއް ކިޔާނެކަމެއް ނެތް..” އިކާންގެ ކުރިމަތީގައި ހުންނަން ބޭނުން ނުވެގެން ޖިހާދު ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ނޫރާވެސް ދަމުން އިކާންއަށް ބަލާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. ލިލީވެސް ނާއިކް ގޮވައިގެން އެތަނުން ދިޔައީއެވެ. އަޙްތަރު ސޯފާމަތީގައި އޮތް ގަނޑު ނަގައިގެން އައިސް އިކާންއަށް ދިއްކޮށްލިއެވެ.
“މިއީ ކޯއްޗެއް..” އިކާން އޭގައި ހިފަމުން އަހާލިއެވެ.
“ފިކްސް ޔޯ މިސްޓޭކް.. އިކާން ކަންތަށް ތިކުރީ މުޅިއަކުން ރަނގަޅަކަށް ނޫން..” އިކާންގެ ކޮނޑުގައި އަތް ބާއްވާލަމުން އަޙްތަރު ބުނެފައި ހިނގައިގަތެވެ. ސޯފާގައި އިށީންނަމުން އިކާން ގަނޑު ހުޅުވާ ބަލާލިއެވެ. އޭގައިވާ އެއްޗެއް ކިޔާލުމަށްފަހު އައި ރުޅިން ބޮނޑިކޮށްލާފައި އެއްލާލެވުނެވެ. އެވަރުންވެސް އިކާންއަށް ގޯސްވީ ޢަމާރާއެވެ. އެހެން ނުދެވޭނެއޭ އިކާންއަށް ބުނެލެވުނެވެ. އިކާންގެ މިސްރާބު ހުރީ އޭ.ޑީ.ކޭ ހޮސްޕިޓަލްއާ ދިމާލަށެވެ. އެރެތެއަށް ވަދެ އޮފީހަށް ދިޔައެވެ. ޢަމާރާގެ ސުޕަވައިޒަރ އަކީ އިކާން ދަންނަ މީހެއް ކަމުން ބައްދަލުކުރަން އުނދަގުލެއް ނުވިއެވެ.
“ކޮބާ ޢަމާރާ.. ކޮންތާކަށް އެ ދިޔައީ..” ނަސީމުގެ ކެބިންއަށް ވަދެވުމާއެކު އިކާން އަހާލިއެވެ.
“ވަޓް.. އިކާންއަކަށް ނޭނގޭތަ؟ އަހަރެން ހީކުރީ ޢަމާރާ ބުނި ކަމަށް..” ނަސީމްގެ ވާހަކައަށް އިކާން ޖަވާބެއް ނުދިނެވެ. އެކަމަށް އިތުރު އެއްޗެއް ބުނަން އުޅުނު ވަގުތު ނަސީމްއަށް ފޯނުކޯލެއް އައެވެ.
“ކީކޭ.. ރަހީނުކުރީއޭ.. ކޮން ބަޔަކު.. ކިހާ ހިސާބަކުން؟؟” ނަސީމްގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ. ފޯންކޯލް ކުރުކޮށްލުމަށްފަހު، އިކާން ކައިރީ ގޮނޑީގައި އިށީނުމަށް ބުނެލިއެވެ.
“ދެންވެސް ބުނެބަލަ.. އަހަންނަކަށް ނެތޭ ވަގުތެއް.. ” އިކާން ކެތްތެރިކަމެއް ނެތް ފަދައަކުން ބުނެލިއެވެ.
“އެމީހުން ދިޔައީ ލަންކާއަށް. އެ” ބުނެވުނު ހާއިރުން އިކާން ދާން ތެދުވިއެވެ. “އިހަށް މަޑުކޮށްބަލަ.. ލަންކާއަށް ދިޔަޔަސް އަދި ނޭނގެ ބައްދަލު ވާނެ ކަމެއްވެސް..”
“އަހަރެންގެ އަންހެނުންނާ ބައްދަލު ކުރަން މީހަކު ކައިރިން ހުއްދަ ނަގާކަށް ނުޖެހޭނެ..” އިކާން ނުކުންނަން ދޮރުގައި ހިފާލިއެވެ.
“އެއަރޕޯޓް އިން ޢަމާރާމެން ދަތުރުކުރި ބަސް ހިފަހައްޓާ އެންމެން ރަހީނު ކޮށްފައި ވަނީ.. ގެންދިޔަ ތަނެއްވެސް ނޭނގެ..” ދޮރުން ނުކުމެ ނުކުމެ ހުރި އިކާންގެ ފިޔަވަޅު ހުއްޓުމަކަށް އައެވެ. ސިހިފައި ބަލާލެވުނީ ތިއީ ތެދެއްހޭ ބުނާ ފަދައަކުންނެވެ. ނަސީމް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
އިކާންއަށް ހީވީ އޭނާގެ ފައިގެ ދަށުން ބިންގަނޑު ކެހިގެން ދިޔަ ހެންނެވެ. ދޮރު ކަނީގައި ލައްގަނެވުނީ ގައިގެ ބާރު ދޫވިކަހަލަ އިޙްސާސެއް ކުރެވުމުންނެވެ. ނަސީމްގެ އެހީގައި އިކާން ގެއަށް ގެންދިޔައިރު ސިޓިންގރޫމްގައި ގޭގެ އެންމެންވެސް ތިއްބެވެ. އިކާން އިސް ޖަހާލަމުން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ނަސީމް ބޭނުންވީ އާއިލާއަށް އެ ޙަބަރު ދީފައި ދާށެވެ.
ނަސީމް އޭނާއަކީ ކާކުކަމާއި ޢަމާރާ ދިޔަ ތަނުގެ ވާހަކަ ބުނެދިނެވެ. އަދި އިރުކޮޅެއް ކުރިން ހިނގައިގެން އުޅޭ ހާދިސާގެ ވާހަކަވެސް އޮޅުން ފިލުވައި ދިނެވެ. ނޫރާއާއި ޖިހާދުއަށް ހީވީ ކަންފަތް ދޮށުގައި ހޮނު ގުގުރިއެއް ޖެހިހެންނެވެ. ލިލީއަށް ރޮއެގަނެވުނެވެ. ކޮއްކޮގެ އަހެނުންނަށް ވުރެ ލިލީ ދެކެނީ ޢަމާރާއަކީ އޭނާގެ އެއްބަނޑު ކޮއްކޮ ކަމަށެވެ.
“މަންމީ.. ބޮޑޫ ދައްތަ ބުނީ ހަދިޔާ ބަލައޭ މި ދަނީ.. ދެން ނުރޮއެބަ..” ކުޑަކުޑަ ނާއިކް އައިސް ލިލީގެ ލޯ ފޮހެލަމުން ވާހަކަ ދެއްކިއެވެ.
އަޙްތަރު ބޭރަށް ނުކުތީ ނަސީމްއާ އެކުގައެވެ. ލަންކާ ޕޮލިހަށް އަންގާފައިވާ ކަމުގައި ނަސީމް އޮޅުން ފިލުވައި ދިނެވެ. އެހެން ނަމަވެސް ލަންކާގެ މިވަގުތުގެ ހާލަތު ހުރިގޮތުން އެކަމުގައި މާބޮޑު ކުރިއެރުމެއް ލިބިދާނެހެން ހީނުވާ ކަމުގައި ނަސީމް ބުނީ ހިތާމައާ އެކުގައެވެ. އެހެން ވިޔަސް އަޙްތަރު އޭނާގެ ރަހުމަތްތެރިން މެދުވެރިކޮށްވެސް އެކަން ބަލާނެކަމަށް ބުންޏެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައިރު ޢަމާރާގެ އާއިލާއަށްވެސް އެކަމުގެ ހަބަރު ލިބިގެން ދިޔައެވެ. އިކާންގެ ފަރާތުން ވީ ކަންތަށް އޭނާގެ އާއިލާގެ ފަރާތުން ސިއްރުކުރީ ދުވަހެއްގެ ކޮޅުންވެސް ޢަމާރާ އައުމަށްފަހު އެ ދެމީހުންނަށް އެކުގައި އުޅެން ބޭނުންވެ އެ ފުރުސަތު ނުލިބިދާނެ ކަމަށެވެ. އެހެން ވިޔަސް ޖިހާދުއާއި ލިލީ އިކާންއާ ވާހަކަ ދައްކާ ނޫޅެއެވެ. ހިތްހަރުވާން ބޭނުންވި ނަމަވެސް ނޫރާއަށް އެކަން ނުވީއެވެ.
ދަތުރު ކުރަމުން ދަނިކޮށް މަގުމަތިން ހަތިޔާރާއިއެކު ތިބި ބަޔަކު އައިސް ބަސް ހުއްޓުވިކަމާއި ބަހުގެ ތެރެއަށް ގޭހެއް ދޫކުރިކަން ޢަމާރާއަށް އެނގެއެވެ. ދެން ވީ ގޮތެއް ނޭނގި ވީ ކިހާއިރެއް ކަމެއްވެސް ނޭނގެއެވެ. ހޭވެރިކަން ވީއިރު އިނދެވުނީ ކަޅު އަނދިރި ތަނެއްގައެވެ. ގެއެއް ނޫންކަން އެނގުނީ އެ އެއްޗެއް ދަތުރު ކުރަމުން ދާކަން އެނގުނީމައެވެ. އަނދިރި ކަމަށް ލޯ ހޭނި ކައިރީގައި ތިބި އެކުވެރިން އެނގޭވަރުވީ އިރުކޮޅެއް ފަހުންނެވެ. ތިބެވުނީ ކޮންޓެއިނާރ އެއްގެ ތެރޭގައިކަން ޔަގީންވީ ޖެހިގެން ހުރި ކޮންޓެއިނާ ހުޅުވާފައި ކޮންމެ ދުވަހަކު ވެސް އެއް ފަހަރު ކާނެ އެއްޗެހި ގެނެސްދޭތީއެވެ.
ހީވާގޮތުން 5 ވަރަކަށް ދުވަހަށްފަހު އާގުބޯޓުގެ ބަރުގޮނު އަޑުފަދަ އަޑުތަށް އިވެންފެށިއެވެ. އެ އަޑުތަށް އިވޭތާވެސް އިރުގަނޑެއް ވީފަހުން އެންމެން ބޭރަށް ނެރެވުނެވެ. ހަތިޔާރުން ބިރު ދައްކައިގެން ކުޑަކުދިންނާއި މާބަނޑު މީހުން ތިބި ކޭމްޕަކަށް އެމީހުން ގެންދެވުނެވެ. އޭގެ ފަހުގައި ބޮޑު ހޯލަކަށް ގެންގޮސް ވެއްދިއެވެ. ގިނަ މީހުން ވާހަކަ ދައްކަމުން ދިޔައީ ޢަރަބި ބަހުންނެވެ. އެތަނަށް ތަރުޖަމާނަކު ގެނުވިއެވެ. އެއީ ކޮން ޤައުމެއް ކަމާއި އެތަނުގެ ހާލަތު އޮޅުންފިލުވައި ދިނެވެ. އެމީހުން ބުނި ގޮތުގައި ޑަބްލިޔު. އެޗް. އޯގެ ފަރާތުން އެ ކޭމްޕް ގައި އެ ޤައުމު ހިމަނާފައެއް ނުވެއެވެ. އެހެން ވުމުގެ ސަބަބުން އެކަމަށް އެމީހުން އަމިއްލައަށް ގޮތެއް ނިންމަން ޖެހުނީއެވެ. އެއްވެސް އުނދަގުލެއް ނުކޮށް ބުނާގޮތަށް މަސައްކަތް ކުރާނަމަ އަހަރެއްހާ ދުވަސް ފަހުން އެމީހެއްގެ ޤައުމަކަށް އެމީހަކު ފޮނުވަދޭނެ ކަމަށްވެސް ވަޢުދުވިއެވެ.
ފޯނުތަކާއި ޕާސްޕޯޓްތަށް ހުރީ އެމީހުންގެ ބެލުމުގެ ދަށުގައި ކަމުން ފިލައިގެންވެސް ދެވޭނެ ގޮތެއް ނެތުމުން ޢަމާރާ މެނަށް ޖެހުނީ އެމީހުން ބުނާ ގޮތެއް ހަދައިގެން އުޅޭށެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އިކާންދެކެ އާދެވުނު ރުޅީގައި ނިންމުނު ގޮތާމެދު އަމިއްލަ ނަފްސަށް ޢަމާރާ އަޑުލާ ދުވަހެކެވެ. އަދި އެކަމާ ހިތާމަކޮށް ރޮއެ ހަދައެވެ. ދުޢާ ކޮށްލަ ކޮށްލާ ހުރީ ވީހާވެސް އަވަހަކަށް އެމީހުން ވީތަނެއް ހޯދައިގެން ރާއްޖެއަށް ގެންދާނެ ކަމުގެ އުއްމީދުގައެވެ.
މަހެއްހާ ދުވަސް ވީއިރު އިކާން ވަޒީފާއަށް ނުކުންނަން ފެށިއެވެ. އެއީވެސް ނޫރާއާއި އަޙްތަރު ކިޔާވަރުންނެވެ. ވަޒީފާއަށް ދިޔަ ކަމުގައި ވިޔަސް އެއްވެސް އެމަޖެންސީ ކޭހެއް އަދި އޮޕަރޭޝަނަކާ އިކާން ހަވާލެއް ނުވެއެވެ. އެކަމުގެ ސަބަބު ހޮސްޕިޓަލްއާ ހިއްސާ ކުރުމުން ނަސީބަކުން އެމީހުންވެސް އިކާންއާ އެކަހަލަ ކަމެއް ނުޖައްސައެވެ. އަޙްތަރުއަށް ވެސް ހަމައެކަނި ލިބުނު ކުރިއެރުމަކީ ރަހީނުކުރިތާ 3 ވަނައަށްވީ ދުވަހުގެ ދަންވަރު ކޮންޓެއިނާ ބޯޓެއް ލަންކާއިން ފުރިކަމުގެ ޙަބަރު އެކަންޏެވެ. އެ ބޯޓް ދިޔަ ވަކި ތަނެއް ނޭނގުނު ކަމުގައިވިޔަސް ޢަމާރާމެން ވީ އޭގައި ކަމަށް ހަބަރުދިން ފަރާތުން ޔަގީންކަން ދިނެވެ. އަޙްތަރު އެދުނީ ބޯޓްގެ ރޫޓް ޓްރެކިންގ ހޯދައި ދިނުމަށެވެ. އެކަމަކީ ދިގު މުއްދަތެއް ނަގާނެ ކަމެއް ކަމަށް ވިޔަސް ކޮށްދޭނެކަމުގެ ޔަގީންކަން އެމީހުން ދިނެވެ.
އެ ޙަބަރަކީ އުފާވެރި އެހެނަސް ހިތާމަވެރި ހަބަރަކަށް ވިއެވެ. ކުރިއެރުމެއް ލިބުނު ކަމުގައި ވިޔަސް ވީތަނެއް ނޭނގޭތީ އެންމެންގެ ހިތްތަށް ބިރުވެރިކަމާ ހިތާމައިން ފުރިފައިވިއެވެ. އެކަމަށް ބަހެއްވެސް ނުބުނެ ދިޔަ މީހަކީ އިކާންއެވެ. އަމިއްލައަށް ކުރެވުނު ކުށް އިކާން މިހާރު ގަބޫލު ކުރި ކަމުގައި ވިޔަސް ޢަމާރާގެ ކިބައިން މާފަށް އެދޭނެ ގޮތެއްވެސް އޭނާއަކަށް މިއަދު ނެތެވެ.
ޢަމާރާ ގެއްލުނުތާ 8 މަސް ވީއިރު ރާއްޖޭގެ ސަރުކާރާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާ ވެގެންވެސް ވަރަށް ގިނަ ތަންތަން ބެލުނެވެ. އެހެން ނަމަވެސް ރަހީނުކުރި އެއްވެސް މީހެއްގެ ހަބަރެއް އެއްވެސް ދިމާއަކުން ނުވެއެވެ. މިހާރު ޖިހާދުއާއި ލިލީވެސް މަދުމަދުން އިކާންއާ ވާހަކަ ދައްކާ އުޅެއެވެ. އިކާންގެ ހަށިގަނޑަަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީހާ ހިކިކަމުން ހީވަނީ ދިގު މުއްދަތަކަށް ބޮޑު ބައްޔެއްގައި އުޅެފައިވާ މީހެއް ހެންނެވެ.
“ދަރިފުޅާ.. އާދެބަލަ ސައިބޯން.. ތިހެން އެންމެ އިރަކު ކައިގެން ހުންނާކަށް ނުވާނެދޯ.. ބަލާލަބަލަ މީހާއަށް ވާގޮތް..” ނޫރާގެ ހިތަށް ކެތް ނުވެގެން އެވާހަކަ އިކާން ކައިރީ ދެއްކުނު އަދަދެއްވެސް ނޭނގެއެވެ.
“އަހަރެން ސައިބޯ ހިތެއް ނެތް..” ސިޑިން އަރަން ދަމުން އިކާން ބުނެލިއެވެ.
“މާމާ.. ބޮޑޫ ދައްތަ..” ނާއިކްގެ އަޑަށް އެންމެން ސަމާލުކަން ދިނެވެ. އިކާންވެސް ހުރި ފިޔަވަޅު މައްޗަށް ހުއްޓި އެނބުރުނެވެ. ނާއިކް އިނީ ޓީވީއާ ދިމާލަށް އިނގިލި ދިއްކޮށްގެންނެވެ. އަޙްތަރު ޓީވީއާއި ތަންކޮޅެއް ކައިރިވެލަމުން ބަލާލިއެވެ. ހަވީރު ހަތަރެއްގެ ޙަބަރުން ދައްކަމުން ދިޔައީ ސީރިޔާގެ ކުޑަކުދިން ތަކެކެވެ. އެކުދިން ބޮނޑިވެލައިގެން ތިބީ ގޮނޑިއެއްގައި އިށީނދެގެން އިން އަންހެނެއްގެ ކައިރީގައެވެ. ދެވަނަ ފަހަރަށް ކެމެރާ އަމާޒުވީ އިރަށް އަޙްތަރުގެ ފޯނުން ފޮޓޯއެއް ނަގާލިއެވެ.
“ހާދާ ވައްތަރޭ.. އެކަމަކު މާރާއަށްވުރެ ހުދު ދޮނެއް މިހުރީ.. ބަނޑުވެސް ބޮޑު..” އަޙްތަރު ލިލީއަށް ފޯނު ދައްކާލުމުން ބުނެލިއަޑު އިވުނެވެ. އަތުގައި އޮތް ދަބަސް ބިންމައްޗަށް ދޫކޮށްލުމަށްފަހު އިކާން އައިސް ލިލީގެ އަތުން ފޯނު އަތުލާ ބަލާލިއެވެ. ދެވަނަ ސިކުންތުގައި އިވުނީ އިކާންގެ ރުއިމުގެ އަޑެވެ.
“މަން.. މަންމާ.. މިއީ އަހަރެންގެ މާރާ.. އަހަރެންގެ މާރާ. އަހަންނަށް ގެނެސްދީ.” ފޯނުގައި ތުންފަތް ޖައްސާލަމުން އިކާން ބުނަން ފެށިއެވެ.
“އެކަމަކު މާރާ ބަނޑު ބޮޑު ވެދާނެތަ؟” ލިލީ އިކާންގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ. އިކާން ވަގުތުން ބޯ ޖަހަން ފެށިއެވެ. “ވެދާނެ.. ވެދާނެ.. އެއީ އަހަންނަށް ޔަގީން ކަމެއް… ބައްޕާ.. މަންމާ.. އަހަރެންގެ މާރާ ބޭނުން.. އަހަރެންގެ މާރާ ބޭނުން..” އިކާން ނޫރާއާއި ޖިހާދުގެ ގައިގަ އޮޅުލައި ގަންނަމުން ރޮމުން ވާހަކަ ދެއްކިއެވެ.
“ދަރިފުޅާ.. ހާސްނުވޭ.. މާރާ ގެންނަން ބައްޕަ މަސައްކަތް ކުރާނަން..” ޖިހާދު ސޯފާއިން ތެދުވަމުން އިކާންގެ ބޮލުގައި ފިރުމާލިއެވެ. “ނޫރް.. ވިސާމާއަށް ގުޅާބަލަ.. ހަބަރުދީ.. އެމީހުން އަންނަން ތިބިއްޔާ މިކޮޅަށް ގެންނަން ހަމަޖައްސާ.. އަޙްތަރު ދަރިފުޅާ ހިނގާ އަވަހަށް..” ފޯނު ނަގަމުން ޖިހާދު ގެއިން ނުކުމެގެން ދިޔައީ އަޙްތަރުވެސް ގޮވައިގެންނެވެ. ނޫރާ ވަގުތުން ވިސާމާއަށް ގުޅާ ހަބަރުދިނެވެ. ވިސާމާ ވަގުތުން މާލެދާން ނިންމިއެވެ. އެހެން މެމްބަރުން އަންނާނީ ޢަމާރާ ގެނެވޭގޮތް ހަމަޖެހުނީމަ ކަމުގައި ބުންޏެވެ.
މަސައްކަތް ކުރާތާ ދެމަސް ފަހުން ސަރުކާރުން އެންގީ ރަހީނުކުރި މީހުން ލަންކާއަށް ގެންނަ ވާހަކައެވެ. ސަރުކާރުގެ ހަރަދުގައި އާއިލާގެ ކޮންމެވެސް އެކަކު ލަންކާއަށް ގެންދަން ހަމަޖެހުނެވެ. އިކާންގެ އާއިލާއާއި ވިސާމާ ލަންކާއަށް ދިޔައިރު ޢަމާރާގެ އެއްބަނޑު ހުރިހާ ކުދިން މާލޭގައި މަޑުކުރިއެވެ. އެންމެންވެސް ވަނީ ހިތް އަވަސް ވެފައެވެ. ލަންކާއަށް ދިޔަތާ 2 ވަނައަށް ވީދުވަހު އިކާންއަށް އެންގީ ކޮލަމްބޯ އެއަރޕޯޓަށް އަނެއް ދުވަހުގެ ހަވީރު ދިއުމަށެވެ.
އިކާންއާއިއެކު މުޅި އާއިލާ އެއަރޕޯޓް ބޭރުގައި ތިބިއިރު ދެން ތިބި 16 މީހުންގެ އާއިލާވެސް އެތާނގައި ތިއްބެވެ. ފްލައިޓް ޖެއްސި ކަމަށް އަޙްތަރު ބުނި ވަގުތުން ފެށިގެން އިކާންގެ ހިތުގެ ހިނގުން ހީވަނީ އިތުރަށް ބާރުވެފައި ވީ ހެންނެވެ. އެހެން ނަމަވެސް އެންމެންގެ ފަހަތަށް ވަދެ ސިއްރުން ބަލަން ހުރެވުނީ ޢަމާރާ އޭނާ ފެނުމުން ނުރުހިދާނެއޭ ހިތަށް އަރާފައެވެ.
“ދަރިފުޅާ..” މަޑު އަޑަކުން ވިސާމާ ބުނެލިހެން ހީވެގެން އިކާން ބަލައިލިއިރު ހަމައެކަނި ދަބަހެއް ކޮނޑުގައި އަޅުވައިގެން ޢަމާރާ އަންނަތަން ފެނުނެވެ. ދެމަހަށްދާ ދެ ކުދިން އުނދަގުލުން އުރައިގެން ހުރެ މަޑުމަޑުން ދިމަދިމާ ހޯދަމުން ޢަމާރާ އަންނަތަން ފެނުނެވެ. ސެކިއުރިޓީ ހުއްދަ ލިބުމާއެކު ނޫރާއާއި ވިސާމާ އަދި ލިލީއަށް އެއްފަހަރާ ދުއްވައި ގަނެވުނެވެ. މަންމަ ފެނުމާއެކު މި ވީހާ އިރު ހަށިގަނޑުގައި ހުރި ބާރު ގޮސް ހުރި ދިމާއިން ޢަމާރާ ތިރިވިއެވެ. އާއިލާ ފެނުމުން ރޮވި ގިސްލެވުނެވެ. ދެ މަންމަ ދެ ދަރިން ނެގިއިރަށް ލިލީގެ އެހީތެރިކަމާއެކު ޢަމާރާ ކޮޅަށް ޖެހިއެވެ. ޢަމާރާގެ ނަޒަރު ދުރުގައި ތިބި ޖިހާދުއާއި އަޙްތަރުއަށް އަމާޒުވިއެވެ. އޭރުވެސް އޭނަ ދެކެން ބޭނުންވެފައިވީ އޭނާގެ ހިތުގެ ވެރިޔާ ލޮލަކަށް ނުފެނެއެވެ.
“ދޮން.. ކޮބާ؟” ރޮވިފައިވީ އަޑަކުން ޢަމާރާއަށް ބުނެލެވުނު އިރަށް ބައްޕަ ފަހަތުގައި ހުރި އިކާން ފެނުނެވެ. އަޙްތަރު އިކާންގެ އަތުގައި ހިފާ ކުރިއަށް ނެރުނެވެ. އިކާންގެ ހިކި އަނަރޫފަ ވެފައިވާ ހަށިގަނޑު ފެނިފައި ޢަމާރާގެ ހިތަށް އިތުރަށް ތަދުވިއެވެ. އިކާން ޢަމާރާގެ މޫނުގައި ދެފަރާތުން ހިފަހައްޓާލިއެވެ. އެމޫނުގައި އެކި ތަންތަނުގައި ބޮސްދިނެވެ. އަދި ވަރަށް ބާރަށް ބައްދާލިއެވެ. އެ ދެމީހުންނަށް ވަގުތު ދިނުމަށްފަހު އެންމެން އުޅުނީ ކުޑަކުޑަ އަންހެން ދެދަރިން އުރުމުގައެވެ. “އައިމް ސޮރީ މައި ލަވް.. އައިމް ވެރީ ސޮރީ” އިކާން އިރުއިރުކޮޅުން ބުނަމުން ދިޔައެވެ.
“ބޮޑޫ ދައްތާ.. ކޮބާ ގިފްޓް..” ވާނުވާ އެނގޭވަރު ނުވާ ނާއިކް އައިސް ޢަމާރާގެ ހެދުމުގައި ހިފާ ދަމާލަމުން ބުންޏެވެ.
“މިއޮތީނުން.. ދެ ޕްރިންސަން..” ލިލީ އަވަސް އަވަހަށް ބުނެލިއެވެ.
“ހިނގާ ދާން.. އަހަރެން ވަރަށް ވަރުބަލި..” އިކާންގެ މޭގައި ފިރުމާލަމުން ޢަމާރާ ބުނެލިއެވެ. ގެއަށް ދާންވީއޭ އިކާން ބުނުމާއެކު އަޙްތަރު ގުޅާފައި ކުޑަ ބަސް ޓެކްސީއެއް ހޯދިއެވެ. ބަހަށް އަރައިގެން އެމީހުން ތިބުމަށް ހިފާފައިވާ ގެއާ ހަމަޔަށް ދެވުނުއިރުވެސް އިކާން އިނީ ޢަމާރާ ގާތްކޮށްލައިގެންނެވެ. ދަރިން އުރާލަންވެސް އިކާން ދުރަށް ޖެހިނުލައެވެ. އެކުދިން ނުރޯތީ ނޫރާމެންވެސް އެހާ ވަރަކުން ޢަމާރާއާއި އިކާންއަށް އުނދަގޫ ކުރާކަށް ނޫޅުނެވެ. ގެއަށް ދެވުމާއެކު ޢަމާރާ ބޭނުންވީ ފެންވަރާލާށެވެ. އިކާން އަވަސް އަވަހަށް އެކަމުގައިވެސް ޢަމާރާއަށް އެހީތެރިވެދިނެވެ.
“އަނެއްކާ ތި ހެދުންތަ ތި ލަނީ؟” ޢަމާރާ ފާހާނައިން ނުކުމެ ކުރިން ލާފައި ހުރި ހެދުން ނަގަން ފެށުމުން އިކާން އަހާލިއެވެ. ޢަމާރާ އިސްދަށަށް ޖަހާލިއެވެ. “މިނޫން އެއްޗެއް ނެތް..” އިކާންގެ ހިތަށް ތަދުވީ މިހާ ދުވަހު ޢަމާރާ އެތަނުގައި އުޅޭނެ ދަތި ހާލު ހިތަށް އަރާފައެވެ.
“ވެއިޓް ހިއާ.. މި އަންނަނީ…” ޢަމާރާ އެނދުގައި ބޭންދުމަށްފަހު އިކާން ނުކުމެގެން ދިޔައެވެ. ގެއިން ނުކުމެގެން ގޮސް 20 މިނެޓްވީ ފަހުން އިކާން އައީ ކޮތަޅުތަކެއް ހިފައިގެންނެވެ.
“ދޮން. މި ބޭބީސްގެ އެއްޗެހި.. ދޮވެލަދީބަ.. މާރާ ބުނީ ނުހުންނާނެޔޯ ލާނެ އެކައްޗެއްވެސް..” އިކާން ސިޓިންގ ރޫމްގައި ތިބި އެންމެން ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. ލިލީ އަވަސް އަވަހަށް ކޮތަޅުތަށް ހިފައިގެން ދިޔައެވެ. އިކާން މަންމައާއި ބައްޕަ ކައިރިއަށް ޖެހިލިއެވެ. ދެ އަންހެން ދަރިންގެ ބޮލުގައި ފިރުމާލަމުން ހިނިތުންވެލިއެވެ. އެންމެންގެ މޫނުތަކުގައި ވަނީ އުފާވެރިކަމެވެ.
“ބައްޕި މި އަންނަނީ މަންމި ގޮވައިގެން..” ކޮންމެ ކުއްޖެއްގެ ކޮލަށް ދޮނެއް ދިނުމަށްފަހު އިކާން ބުނެލިއެވެ. އަދި އަތުގައި ހުރި ކޮތަޅުތަށް ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އޭރުވެސް އިކާން ދަމުން ބޭންދި ތާނގައި ޢަމާރާ އިނެވެ.
“ލަވް.. ޗޭންޖް ކޮށްލާ..” ކޮތަޅުތަށް ޢަމާރާއަށް ދިއްކޮށްލަމުން އިކާން ބުނެލިއެވެ. ޢަމާރާ ކޮތަޅުތަށް ބަލާލިއެވެ. ދެ ކޮތަޅުގައި ހެދުމާއި ހަރުވާޅު އަދި ބުރުގާ ހުރިއިރު ދެން ހުރި ކޮތަޅުގައި އަޑިންލާން ގެންގުޅޭ އެއްޗެހިއްސާއި ރީތިވާ އެހެނިހެން ސާމާނު ހުއްޓެވެ. ޢަމާރާއަށް ހިނިތުންވެލެވުނެވެ. އިކާން ހުރީ މުޅިންވެސް އޭނާއަށް ކަމުދާނެފަދަ އެއްޗެހި ގެނެއްސައެވެ.
“ކެ..ން.. އަހަންނަކަށް ކުރިންލާ އެއްވެސް ވަރެއްގެ އެއްޗެއް ހޮޔޮވަރެއް ނުވާނެ މިހާރަކު..” އިސްދަށަށް ޖަހައިގެން އިނދެ ޢަމާރާ ބުނެލިއެވެ.
“އައި ނޯ ލަވް.. ލެވޭވަރު އެއްޗެހި ގެނައީ.. ދެން ދޭބަ.. ތިހެން އިންދަ މާބޮޑަށް ފިނިވެދާނެ…” އިކާން ޢަމާރާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. ޢަމާރާ ތެދުވެގެން ގޮސް ފާހާނައަށް ވަނެވެ. ދެމަފިރިން ކަމުގައި ވިޔަސް އެހާ ދުވަސް ފަހުން ދިމާވުމުން ދެމެދުގައި ލަދުވެތިކަމުގެ ފަރުދާއެއް ލެވިފައި ވިއެވެ.
ޢަމާރާ ތައްޔާރުވެ ނިމުމުން އިކާން އާއެކު ބޭރަށް ދާން ހިނގައިގަތެވެ. އިކާންގެ އަތުގައި ހިފާލައިގެން ހުރެއެވެ. އިކާން ޢަމާރާއާ ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުމެވެ. އެހެން ވިޔަސް އަދި ފަހުންނޭ ހިތާ އެވާހަކަތަށް ހިތުގައި ފޮރުވާލިއެވެ.
“ކޮން ނަމެއްތަ ކިޔަނީ އަހަރުމެންގެ ކުދިންނަށް…” ދޮރާ ހަމައަށް ގޮސްފައި މަޑުކޮށްލަމުން އިކާން ބުނެލިއެވެ.
“ކާޔާ އާއި އީކާ..” ހިނިތުންވެލަމުން ޢަމާރާ ބުނެލިއެވެ.
“މަންމާ.. ދީބަލަ އަހަރެންގެ ކުދިންކޮޅު… މިހާރު މަންމަމެން ވާވަރަށް އުރައިފީމެއްނު..” ސޯފާގައި ޢަމާރާ ގޮވައިގެން އިށީންނަމުން އިކާން ބުނެލިއެވެ. ނޫރާއާއި ވިސާމާ ވަގުތުން ދެކުދިން ގެނެސް އިކާންގެ އުނގަށް ލައިދިނެވެ.
“ލަވް.. ކޮބާ ކާޔާއަކީ.. ކޮބާ އީކާއަކީ؟” ދެކުދިންގެ މޫނަށް ބަލަމުން އިކާން އަހާލިއެވެ.
“ކެން އަމިއްލައަށް ފާހަގަ ކޮށްބަ…”
“މިއީ އީކާ.. މީ ކާޔާ ދޯ…!” އިކާން އަމިއްލައަށް ފާހަގަކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ. “ބައްޕި ވީމަ އެނގޭނެ ދުރުގަ އުޅުނަސް..” ޢަމާރާ ބުނެލުމުން އިކާން ހޭންފެށިއެވެ.
އިތުރު 5 ދުވަސް މަޑުކުރަން ޖެހުނީ ކުޑަ ދެމީހުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ޕާސްޕޯޓް އަނެއްކާވެސް އާކުރަން ޖެހުމުންނެވެ. ސީރިއާއިން އާދެވުނީ ވަގުތީ ޕާސްޕޯޓެއް ދީގެންނެވެ. ރާއްޖެ އާދެވުމާއެކު ދެއާއިލާއަށް ހީވީ އީދެއް އައިގެން އުޅުނު ހެންނެވެ. އިކާންއާއި ޢަމާރާގެ ރައްޓެހިންވެސް ބައްދަލު ކުރުމަށް އައެވެ. ގޭގައި ކުޑަ ޕާޓީއެއް ބޭއްވުނެވެ. ދެކުދިންނަށް ނަންކީ ޕާޓީއެކެވެ. ލިލީއާއި އަޙްތަރުގެ ބެލުމުގެ ދަށުން ބަކަރި ކަތިލާ ބޮނޑިބަތް ބަހާ ހެދިއެވެ.
ދެކުދިން ނިންދަވަންވެސް ޢަމާރާއަކަށް ނުޖެހުނެވެ. އެކަންވެސް ކުރީ ދެ މަންމައިން ވެގެންނެވެ. އިކާން ޢަމާރާގެ އަތުގައި ހިފާލައިގެން ކޮޓަރީގެ ބެލްކަންޏަށް ނުކުތެވެ. ބެލްކަނީގައި ބަހައްޓާފައި ހުރި އުނދޯލީގައި ޢަމާރާ ގޮވައިގެން އިށީނެވެ. އިކާން ޢަމާރާގެ މޫނަށް ބަލަމުން ދިޔައެވެ. ދެމީހުންގެ ދެމެދުގައި ހިމޭންކަމެއް ވިއެވެ. އެ ހިމޭންކަމުގެ ތެރެއިންވެސް މިފަހަރު ފެނިގެން ދިޔައީ އައު އުއްމީދެކެވެ. ގެއްލިދާނޭ ހީވެފައިވީ ލޯބީގެ ގުޅުން މިހާރުވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަވެފައެވެ. ޢަމާރާއާ ދޭތެރޭގައި ކަންތަށްވީގޮތުން އިކާންގެ ހިތަށް ބަދަލުތަކެއް ގެނުވައިފިއެވެ. ކުރީގައި ވިސްނިފައިވީ ގޯސްގޮތާމެދު ދެރަވެ ލަދުގަތެވެ. ދެވަނަ ފަހަރަށް ލިބުނު ފުރުސަތުގައި ހިތުގައިވީ ލޯބި ކުރިޔަށް ގެންދެވޭނީ އިތުބާރާއި، އިޙްތިރާމާއި އެކުކަން މިހާރު އިކާން ޤަބޫލުކުރެއެވެ.
ޢަމާރާ އިކާންގެ މޫނަށް ބަލާލިއެވެ. އޭނާގެ ލޮލުން ފެންނަނީ ހަޤީޤީ ބަދަލެއްގެ ހެކިތަކެކެވެ. އެތަށް ދުވަހެއްގެ ދުރުވުމުން ލިބުނު ހިތްދަތިކަން އޭނާގެ ހިތުގައި ވިޔަސް، އިކާންދެކެ ވާ ލޯބި އެ ހިތްދަތިކަން ފޮހެލައިފިއެވެ. ޢަމާރާ މަޑުމަޑުން އިކާންގެ އަތުގައި ހިފާލަމުން އެ ކޮނޑުގައި ބޯއަޅާލިއެވެ. “އަހަރެން ވައުދުވަން.. ދެން ދުވަހަކުވެސް އިކާން ދޫކޮށްފައި އެގޮތަށް ނުދާނެކަމަށް..”
އިކާން ޢަމާރާގެ އަތުގައި ބާރަށް ހިފާލަމުން އަނެއް އަތުން ބޮލުގައި ފިރުމާލިއެވެ. އެ މޫނުމަތިން ފެނުނީ ހިތުގެ ފުންމިނުންވާ ޝުކުރުވެރިކަމެވެ. ގެއްލިދާން ގާތްވި ލޯބި އަނބުރާ ލިބުމުގެ އުފަލެވެ. “އަހަރެންނަށް މިހާރު ވިސްނިއްޖެ.. މި ލޯބި ދެމެހެއްޓުމަށް އަހަރެމެން ޖެހޭނެކަން އެކަކު އަނެކަކަށް އިތުބާރާއިއެކު މިނިވަންކަންވެސް ދޭން.. އަހަރެންނަށް އެގޮތަށް ކަންތައް ކުރެވުނީ މާރާ ގެއްލިދާނެއޭ ހީވާތީ. އަހަންނަށް މާފްކުރޭ..”
ބައެއްފަހަރު މީހެއް ގެއްލިދާން ގާތްވުމުން އެހެންނޫނީ ގެއްލުމުން ނޫންގޮތަކަށް އެ މީހެއްގެ އަގު ވަޒަންކުރެވޭތަން ނާދެއެވެ. އިކާންއަށް ޢަމާރާގެ އަގު ވަޒަން ކޮށްލެވުނީ ދުވަސް ގަނޑަކަށް ލޯމަތިން ގެއްލިގެން ދިއުމުންނެވެ. ދެން ދުވަހެއްގައިވެސް ޖެހިދާނެ ހާލަކާމެދު ދެމީހުން އެކީގައި ދިރިއުޅުމާއި ކުރިމަތިލާން އެކަކު އަނެކަކާ އެރޭ ވަޢުދު ވެވުނު ވަރެއްވެސް ނޭނގެއެވެ. އެކަކު އަނެކަކު ދެކެވާ ލޯތްބަށް ޓަކައެވެ. ލޯބި ލޯބި ދެ ދަރީންނަށް ޓަކައެވެ. ދިރިއުޅުމުގެ މި އައު ފެށުމާއިއެކު ދެމީހުންގެ ހިތަށް ވެރިވެފައިވަނީ އުފަލާއި އަމާންކަމެވެ. އެކަކު އަނެކަކަށް ދޭ އިޙްތިރާމާއި ލޯބީގެ ސީދާ މަގަކުން ކުރިއަށް ދިއުމުގެ ހިތްވަރެވެ. *ނިމުނީ*
8 Comments!
Comments are closed.



Omggg what a nice story ,mi site in kiyunu enmmereethi stry masha allah🎀❤ i love you.tcc.dhn kn vhk eh
Truee
Awwn. Thankyou 😘😘
Hello ފަޒޫ, v v reethi vaahaka eh..
They are finally together..💕❤️♥️
Bonas episode eh ves nugenevaynetha…
Thankyou😘😘 Let see dhw..
Yh,plssss bonus episode eh genevidhaanetha 🥺🥺🥺🥺
Vrh Salhi Storyeh.
thankyou