ވާނުހޭ ގާތުގާ- ސާދަވަނަ ބައި
ފެންވަރާ ނިމިގެން ޢަމާރާއަށް ބަލާލެވުނުއިރު ބާތްރޯބް ފިޔަވާ އެހެން އެއްވެސް އެއްޗެއް ނުގެނެވޭކަން އެނގުމުން ނިތްކުރީގައި އަތުން ޖަހާލެވުނެވެ. ފެންވަރާ ބައިން ނުކުމެ ތުވާލި ނަގާފައި ބޮލުގައި އޮޅާލަމުން އެބައިން ނުކުތީ އިކާން އަށް ގޮވާލުމަށެވެ.”ލަވް..” ތުވާއްޔާއެކު އެދުމަތީގައި އިނދެފައި އިކާން ޢަމާރާއަށް ގޮވާލިއެވެ. “އާދެބަ..” އެނދުމަތީގައި އަތް ޖަހާލަމުން އިކާން ގޮވާލިއެވެ. ޢަމާރާ މަޑުމަޑުން ގޮސް އިކާންގެ ކައިރީ އެނދު ކައިރީގައި ހުއްޓުނެވެ.
“ބިރުގަންނަނީތަ؟” އިކާން ޢަމާރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޢަމާރާ ނޫނެކޭ ބުނަން ބޯ ހޫރާލުމަށް ފަހުވެސް އާއެކޭ ބުނުމަށް ބޯ ޖަހާލިއެވެ. “އަހަރެންވެސް.. ވަރަށް ބިރުގަނޭ..” ޢަމާރާގެ އަތަށް ހިފާ ދަމާލަމުން އިކާން ބުނެލިއެވެ. ފައި ހަރު ނުލައި ޢަމާރާ ވެއްޓުނީ އިކާންގެ ގައި މައްޗަށެވެ. ޢަމާރާ ތެދުވަން އުޅުމުން އިކާން އޭނާގެ އުނަގަނޑުގައި ބައްދާލަމުން ފުރޮޅިލިއެވެ. ޢަމާރާ ރީއްޗަށް އެނދަށް އެރުވުމަށްފަހު ތުންފަތުގައި ބޮސްދިނީ ލަސްލަހުންނެވެ. އިކާންގެ ހަރަކާތް ތަކުގައި އެއްވެސް ވަރަކަށް އަވަސް އަރުވާލުމެއް ނުވެއެވެ. ޢަމާރާވެސް އިކާން ކުރަމުން ދިޔަ ހުރިހާ ކަމަކަށް މަރުހަބާ ކިޔަމުން ދިޔައެވެ. ރޯބްގައި އިން ވާފަށް މޮހާލަމުން އިކާން ޢަމާރާގެ ހަށިގަނޑަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ޢަމާރާއަށް ލަދުން މޫނުގައި އަތް އަޅާލެވުނެވެ.
“ނެވާރ ތޯޓް ޔޫ ވިލްބީ ދިސް ޕާފެކްޓް..” އިކާން ޢަމާރާގެ ހަށިގަނޑުގެ އެތަން މިތާނގައި ބޮސްދެމުން ވާހަކަ ދެއްކިއެވެ. އިރުކޮޅަކުން ޢަމާރާގެ މޫނުގައި އަތް ޖައްސާލަމުން ލޯ ހުޅުވުމަށް އެދުނެވެ. ޢަމާރާ މަޑުމަޑުން ލޯ ހުޅުވާލުމުން އިކާން ވަރަށް ލޯބިން ބަލާލަމުން ހިނިތުން ވެލިއެވެ.
“ޖަސްޓް ޓޭކް އަ ޑީޕް ބްރެތް..” އިކާން ބުނެލުމާއެކު ޢަމާރާ ބޯޖަހާލިއެވެ. އިރުކޮޅަކުން އިކާން ކޮށްލި ކަމަކުން ޢަމާރާގެ ހަށިގަނޑަށް ތޫނު ތަދެއް އިހްސާސް ކުރެވުނެވެ. ވޭނުން ފުރިފައިވީ ގޮތަކަށް ޢަމާރާއަށް ކުކުރާލެވުނެވެ.
“އައިމް ސޮރީ ލަވް.. ދެން އޯކޭ ވާނެ..” ޢަމާރާގެ މޫނުގައި ބޮސްދެމުން އިކާން ވާހަކަދެއްކިއެވެ. އިކާން ބުނިހެން އިރުކޮޅެއް ވީއިރު އެކަން މުޅިން ފިލައިގެން ގޮއްސިއެވެ. ކައިވެނީގެ މީރުކަމާއި އަރާމު ދެ ހަށިގަނޑަށްވެސް ލިބެމުން ދިޔައީ އޭގެ އިންތިހާ ދަރަޖައަށެވެ. ވަރުބަލިވެގެން ދުރުވި ނަމަވެސް ޢަމާރާގެ ގައިން އިކާން ދޫކޮށެއް ނުލިއެވެ. ދެމީހުނަށް ނިދުނީވެސް އެހެން ތިއްބައެވެ.
ފަތިހު އިކާން ހޭލުމުގެ ކުރިން ޢަމާރާ ތެދުވިއެވެ. ފާހާނައަށް ވަންނަން ގޮސްފައި ލޯގަނޑުން ޢަމާރާ އަމިއްލަ ސޫރައަށް ބަލާލަފައި ލަދުން އިސް ޖަހާލެވުނެވެ. ރޭގަވީ ހުރިހާ ކަމެއްގެ ނިޝާންތަށް ޢަމާރާގެ ދޮން ހަށިގަނޑުން ފާޅުކަން ބޮޑުކޮށް ފެންނަން ހުއްޓެވެ. ފާހާނައަށް ވަދެ ފެންވަރައިގެން ނުކުމެ އެއްޗެހި ލުމަށްފަހު އިކާންއަށް ގޮވާލީ ނަމާދުގަޑި ޖެހޭތީއެވެ. ގޮވާ ގޮވާވެސް އިކާން ނުތެދުވުމުން ޢަމާރާ ނަމާދުކޮށްލައިގެން ކޮޓަރިން މޫދާވީ ފަޅިއަށް ނުކުތެވެ. ފޯން ނަގަމުން ދެ ހިޔާލެއްގައި ހުރެވެސް ހުޔާއަށް ގުޅާލިއެވެ.
“ބެސްޓީ… ހާދަ ފަތިހަކާ.. އަނެއްކާ ރޭގެ ވާހަކަ ކިޔައިދޭންތަ ތި ގުޅީ..” ސަމާސާ ރާގަކަށް ހުޔާ ވާހަކަ ދެއްކުމުން ޢަމާރާއަށް ހެވުނެވެ. ޢަމާރާއިނީ ފޯން ސްޕީކަރަށް ލައިގެންނެވެ.
“އަހަރެން ހިތަށްއަރާ ހުޔާ ކައިރީ އޭރު އެހުނު ނަމައޭ..”
“އިޔޫ،… އެޔޯ؟”
“އެކަކުވެސް ނުބުނެ އެހާ ތަދުވާނެ ވާހަކައެއް.. އެންމެންވެސް ކިޔަނީ ތަދުވާނޭ.. ރޭގަ ވީކަމެއް އެކަމް އަދިވެސް..” ޢަމާރާ ޝަކުވާގެ ރާގަކަށް ބުނެލުމާއެކު ހުޔާއަށް ހީނގަނެވުނެވެ.
“ސާބަސް މާރާއަށް.. ޑޮކްޓަރުކަން ކިޔަވައިގެން އައީމަވެސް ނޭނގޭދޯ އެހާ ތަދުވާނެ ކަމެއް.. ދެން ތިއެއް ނޫނޭ.. ރިލެކްސް.. އެހާ ޓެންޝަނަށް ދާ އެއްޗެއް ނޫން.. ސިޓް އޮން ކޯލްޑް ވޯޓަރ.. ޔޫ ވިލް ފީލް ބެޓަރ.. އެކަމް ބޮޑަށް ތަދުވަންޔާ ބުނަންވާނެ އޭނަ ކައިރީ. ޔޫ ހޭވްޓު ޓޯކް އެބައުޓް އިޓް..” ހުޔާ ހުރިކަން އެއީ ހަމަ ނަސީބެކޭ ޢަމާރާގެ ހިތަށް އެރިއެވެ.
“ޓޯކް އެބައުޓް ވަޓް..” އިކާންގެ އަޑު އިވުމާއެކު ޢަމާރާ އަވަސް އަވަހަށް ފޯން ކަނޑާލިއެވެ.
“މީ.. އެއީ..” ޢަމާރާއަށް ބުނާކަށް ނުކެރުނެވެ. “ރޭގެ ކަންތަށް ދޯ.. އަހަރެން ހީކުރީ ލަވްއަށް އަސްލު އިނގޭނެ ކަމަށް.. ހުޔާ ނުބުނޭތަ ކުރާނެ ކަމެއް..” ސަންބެޑްގައި އިށީންނަމުން ޢަމާރާ ގެނެސް ފައިމަތީ ބައިނދާލަމުން އިކާން ލޯތްބާއެކު ބުނެލިއެވެ.
“އުހުމް.. ބުނި… ކޯލްޑް ވޯޓަރ..”
“ހިނގާ މިގަޑީގަ ޕޫލަށް އެރެން.. ފިނިވާނެ ހަމަ ގައިމުވެސް..” އިކާންއަށް ފެންނަގޮތް ހަމަކޮށްލިއެވެ.
“އުހުން.. ހީކަރުވާނެ..” ޢަމާރާ އަވަސް އަވަހަށް ބުނެލިއެވެ. “ހީ ކެރުވީމަ ހީ ފިލުވަދޭން އަހަރެން މިހުރީނުން..” ޢަމާރާގެ އަތުން ފޯން އަތުލުމަށްފަހު ސަންބެޑްގައި ފޯނު ބާއްވާލުމަށްފަހު އިކާން ތެދުވީ ޢަމާރާ އުރާލައިގެންނެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ޕޫލަށް ފޭބިހިނދު އިކާންގެ އަނގައިންވެސް އަޑެއް ލައްވާލީ ފިނިކަމުންނެވެ. ފިނިކަމުން ތުރުތުރު އަޅައިގަތް ޢަމާރާ ގޮސް އިކާންގެ އަތުތެރެއަށްވަނީ ހޫނުކަން އިހްސާސް ކޮށްލުމަށެވެ.
ހެނދުނުގެ ނާސްތާއަށް ދެމީހުނަށް ދެވުނީ ފުދޭވަރަކަށް ލަހުންނެވެ. އިކާންގެ އަމަލުތަށް ހުރިގޮތުން ނާދެވުނީއެވެ.
ހަފްތާއެއް ފަހުން މާލެ އައިއިރު ޢަމާރާގެ އާއިލާވެސް ރަށަށް ގޮއްސިއެވެ. ހުޔާގެ އާއިލާގެ ހުއްދައާއިއެކު ރިދާ ދަމުން ދިޔައީ ސާޔާ ގޮވައިގެންނެވެ. އިކާން ބޭނުންވީ ދުވަސް ކޮޅަކަށް ޢަމާރާގެ އާއިލާ ކައިރިއަށް ރަށަށް ދިއުމަށެވެ. މިފަހަރުގެ ދަތުރުގައި ނޫރާއާއި ޖިހާދުވެސް ބައިވެރިވިއެވެ. އަމިއްލަ ރަށަށް ދެވުމުން އުފާވެފައި ޢަމާރާ ހިނގަމުން ދިޔައީ އިކާންގެ އަތުގައި ހިފާލައިގެން ހުރެއެވެ. އަނެއް އަތުން ލާފައި ހުރި އަބާޔާގައި ކުޑަކޮށް ހިފަހައްޓާލާ ހިއްލާލައިގެންނެވެ. އިކާން ދިޔައީ އެއް އަތުން ޢަމާރާގެ އަތްތަބަސް ހިފައިގެންނެވެ.
“ލަވް.. ދޮން ނައީމަ ވަރަށް ފޫހިދޯ.ނާއިކް ބޭބީ ނެތީމަ.” ގެއާއި ހަމައިން ހުއްޓިލަމުން އިކާން ވާހަކަދެއްކިއެވެ. ” މިކޮޅުގަވެސް އެބަތިއްބޭނުން ކުދިން.. މަޖާވާނެ..” އިކާންގެ މޫނަށް ބަލައިލަމުން ޢަމާރާ ހިނިތުންވެލިއެވެ.
“އެހެން ނޫނަސް ނާއިކް ބޭބީ އަބަދު ނުހުންނާނެ ދޯ ބޭބީއެއް ގޮތުގައެއް..” އެތެރެއަށް ވަންނަން ހިނގައިގަންނަމުން ޢަމާރާ ބުނެލިއެވެ. “ދެން ވައި ޑޯންޓް ވީ މޭކް ވަން..” ޢަމާރާގެ އަތުގައި ހިފާ ކައިރިކޮށްލަމުން އިކާން ބުނެލިއިރު ތުންފަތުގައި ލާނެތް ހިނިތުންވުމެއް ވިއެވެ.
“ސްޓޮޕް އިޓް ކެން… މީހަކަށް ފެނިދާނޭ..”
“ފެނުނިއްޔާ ކީއްތަ ވާނީ…؟ ތީ މަގޭ އަންހެނުންނޭ.. ބޭބީއެއް ބޭނުން ނުވަނީތަ؟؟.” ޢަމާރާގެ ނިތްކުރިއަށް ދޮނެއް ދެމުން އިކާން ބުނެލިއެވެ.
“އިންޓާންޝިޕް ނިމުނީމަ ދޯ.. އޭރަށް ހުރިހާ ކަމެއްވެސް އޯކޭވާނެ…” ޢަމާރާއާ އިކާން އެތެރެއަށް ވަދެގެން ދިޔައެވެ.
ޗުއްޓީގެ ބާކީ ދުވަސްތަށް ރަށުގައި ހޭދަކުރުމަށްފަހު، އިންޓާންޝިޕްއަށް ހަފްތާއެއް އޮއްވާ އިކާންއާއި ޢަމާރާ ކެނެޑާއަށް ދިޔައެވެ. ހޮސްޓެލްއަށް ދިއުމުގެ ބަދަލުގައި އިކާންއާއި ޢަމާރާ އަމިއްލަ ފްލެޓަކަށް ބަދަލުވިއެވެ. ޢަމާރާ ފުރަތަމަވެސް ކުރި ކަމަކީ ރިދާއަށް ގުޅައިގެން ސާޔާއާ ބައްދަލު ކުރުމެވެ.
“ސާޔާ..” ރިދާގެ ގެއިން ފެނުނީ ސާޔާކަން ޤަބޫލު ނުކުރެވިފައި ހުރެ ޢަމާރާއަށް ގޮވާލެވުނެވެ. ސާޔާގެ ހަށިގަނޑަށް ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ. ވިހާ ގަދަވެފައި ވީއިރު ހަށިގަނޑު ހުރީ ވަރަށް ރީތި ވެލާފައެވެ. މޫނުގެ ކުލަވެސް އަލިވެފައި ވީއިރު ލޯކައިރީގައި ކުރިން ހުރި ކަޅުކަންވެސް ވަނީ ފިލާފައެވެ.
“ކޮބާ ބޭބީ..” ސޯފާގައި އިށީންނަމުން ޢަމާރާއަށް އަވަހަށް އަހާލެވުނެވެ.
“މިއޮތީ ބޭބީ ޝަޔަން..” ކުޑަ އަންހެން ކުއްޖެއް އުރާލައިގެން ނުކުތް ޒުވާން ފުރައިގެ ފިރިހެނަކު ބުނެލިއެވެ. ޢަމާރާ ވަރަށް ފަރުވާތެރިކަމާއެކު އެ ޒުވާނާއަށް ބަލައިލިއެވެ. މޫނުމަތިން ރިދާއާ ވައްތަރު ގޮތެއް ހުއްޓެވެ.
“މާރޫ.. އިކާން.. މީޓް މައި ކަޒިން.. ލޫކަސް..” ޝަޔަން ނަގާ ޢަމާރާގެ އަތަށް ދެމުން ރިދާ ބުނެލިއެވެ.
“ހެލޯ…” ލޫކަސް އިކާންއާ ސަލާމް ކޮށްލަމުން ވާހަކަ ދެއްކިއެވެ. “ވީ އަރ ގެޓިންގ މެރީޑް..” ސާޔާގެ ކައިރީ ސޯފާގައި އިށީނދެލަމުން ލޫކަސްގެ ވާހަކައަށް އިތުރުކޮށްލިއެވެ. ސާޔާ އިސްޖަހާލިއެވެ.
“ސާޔާ… އޯކޭތަ ކައިވެންޏަށް..؟” ޢަމާރާއަށް ފުރަތަމަވެސް ކޮށްލެވުނު ސުވާލަކީ އެއީއެވެ. ޢަމާރާ އެހީ ދިވެހިން ކަމުން ރިދާ އަކަށްވެސް ރަނގަޅަކަށް ބުނި އެއްޗެއް އޮޅުމެއް ނުފިލައެވެ.
“އޭނަ ވަރަށް ރަނގަޅު.. އަހަރެން ނަށް ވެސް ބޭބީއަށް ވެސް.. ބޭބީދެކެ ވަރަށް ލޯބިވެސްވޭ..” ސާޔާ މަޑުމަޑުން ބުނެލިއެވެ. ރިދާ ސުވާލު ކުރުމާއެކު އިކާން އެ ކީ އެއްޗެއް އޮޅުންފިލުވައި ދީފިއެވެ.
“އަހަރެން ސާޔާ ދެކެވެސް ލޯބިވޭޔޭ…” ސާޔާގެ އަނެއް ފަރާތުން އިށީނދެލަމުން ލޫކަސް ބުންޏެވެ. “އައި ނޯ.. ސާޔާއަށް އުނދަގޫވާނެ އިތުބާރު ކުރަންވެސް.. އަދި އެވެސް މިހާ އަވަހަށް.. އަހަރެން ބޭނުމެއް ނޫން އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ކުރާކަށް.. އެކަމަކު އަހަރެން ބިރުގަނޭ ސާޔާ އަހަންނަށް ގެއްލިދާނެތީ..” ކައިރީގައި އިން ކަމުގައި ވިޔަސް ލޫކަސް އިނީ ސާޔާ ހިތްހަމަ ޖެހޭވަރުގެ ދުރުމިނެއް އެ ދެމެދުގައި ބަހައްޓައިގެންނެވެ.
“އަހަރެން ގަބޫލުކުރަން ލޫކަސް ދައްކާ ވާހަކަ. އަހަރެން ބިރުވެސް ގަނޭ.. ބަޓް އައި ވިލް ޓޭކް ދި ރިސްކް.. އެޓް ލީސްޓް ފޮރ މައި ބޭބީ..” ސާޔާ ބަލާލުމަށްފަހު ހިނިތުންވުމަކާއިއެކު ބުނެލިއެވެ. ސާޔާގެ ވާހަކައާއިއެކު އެންމެންގެ މޫނުތަކަށް އުފާވެރިކަން ގެނުވިއެވެ. އެގޭތެރޭގައި ހޭދަވި ވަގުތު ތަކުގައި ރިދާގެ މައިން ބަފައިންނާއި އެއްބަނޑު ކުދިންނާވެސް ދިމާވިއެވެ. އިކާންވެސް ލޫކަސްގެ މައުލޫމާތުތަށް ހޯދީ ސާޔާއަކީ އޭނާގެ ކޮއްކޮއެއް ކަހަލަ ކުއްޖަކަށް ވެފައި ކުރިން ދިމާވި ކަހަލަ އެއްވެސް ކަމެއް ސާޔާއާމެދު ކުރިމަތިވާން ނޭދޭތީއެވެ.
އިސްކޮޅުގައި “11’5 ހުންނަ ލޫކަސްއަކީ ކެނެޑާގެ މުސްލިމެކެވެ. ދިރިއުޅެނީ އާއިލާއާ ވަކިން އަމިއްލަ އެޕާރޓްމަންޓް އެއްގައެވެ. ގިނަ ވަގުތު ހޭދަކުރަނީ މައިން ބަފައިންގެ އެހީގައި ހުޅުވި އަމިއްލަ ކުންފުނީގެ މަސައްކަތުގައެވެ. 10 އަހަރުވާން ކައިރިވެފައިވާ އެ ކުންފުންޏަކީ މިހާރު ކެނެޑާގެ މަޝްހޫރު އެއް އިމްޕޯޓް އެކްސްޕޯޓް ކުންފުންޏެވެ. އުމުރުގެ ގޮތުން ސާޔާއާ ދެމެދު 9 އަހަރުގެ ތަފާތު ހުރެއެވެ. ސާޔާގެ ކައިވެންޏަށް ލޫކަސް އެދުނީ ފުރަތަމަ ފަހަރަށް ރިދާގެ ގެއިން އޭނާ ފެނުނު ދުވަހުގައެވެ. އޭރު ސާޔާ ނުވެސް ވިހައެވެ.
“ހާދަ ވަރަކަށް އޭނައަށް ބެލީ.. ކަމުދިޔައީތަ؟” ރިދާގެ ގެއިން ނުކުމެ ބަހަށް އަރާ އިށީންނަމުން އިކާން ބުނެލިއެވެ.
“ސާބަސް އިކާން އަށް.. އެހެން މީހެއް ކަމުދާނަމަ މިއަދު އިކާންއަކާ އިންދެގެނެއް ނޫން އަހަރެން އިންނާނީއެއް..” ތުން އަނބުރާލާފައި ހިތްހަމަ ނުޖެހޭގޮތް ދައްކާލަމުން ޢަމާރާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ.
“އެއީ މަޖަލަށޭ.. އެހާ އަވަހަށް ރުޅި އަންނަން ވޭތަ..” އިކާން ޢަމާރާގެ ކޮނޑުގައި އަތް އަޅުވާލާ ގާތްކޮށްލަމުން ބުނެލިއެވެ. ޢަމާރާވެސް ފަހުން އެވާހަކަ ނުދައްކައެވެ.
ދުވަސްތަށް ވޭތުވަމުންގޮސް ޢަމާރާގެ އިންޓާންޝިޕް ނިމުމަކާ ގާތްވީއިރު ދެމީހުންގެ ދެމެދުގައި މައްސަލައެއް ނުޖެހޭ ދުވަހެއް މަދެވެ. ގިނައީ ކޮންމެވެސް ޕޭޝަންޓެއް ގައިގަ ޢަމާރާ އަތްލާން ޖެހިގެން އެކަމާ ނުރުހުންވެ ޖެހޭ މައްސަލަ ތަކެވެ. އިކާންއަށް ހުރިހާ އެއްޗެއް އިނގެނީ ޢަމާރާ އިންޓާންޝިޕްއަށް ދަނީ އިކާން ވަޒީފާގައި އުޅޭ ހޮސްޕިޓަލަށް ކަމުންނެވެ. އެހެން ވިޔަސް ޑޮކްޓަރަކު ޕޭޝަންޓް ގައިގަ އަތް ނުލާ ޗެކެއް ނުކުރެވޭނެކަން އިކާންއަށްވެސް އެނގެއެވެ. ހުރިހާވެސް މައްސަލައަކީ ހިތުގެ ބަލީގައި ގިނައިން އަންނަނީ ފިރިހެނުންނަށް ވެފައި ފިރިހެނެއްގެ ގައިގަ އެއްވެސް ގޮތަކުން ޢަމާރާ އަތްލުމަކީ އިކާންއަށް ބަލައިގަނެވޭ ފަދަ ކަމަކަށް ނުވާތީއެވެ. މިކަމާހުރެ ޢަމާރާގެ ޝަކުވާތަށް ނޫރާއާ ހަމައަށްވެސް ދިޔައެވެ. އެންމެ ފަހުން ޢަމާރާގެ ގްރެޖުއޭޝަންއަށް ވިސާމާއާއި އެކު ނޫރާއާއި ޖިހާދުވެސް އައީ ދަރިފުޅާ ވާހަކަ ދެއްކުމުގެ ބޭނުމުގައެވެ.
“ދަރިފުޅާ.. ތިދެން ކޮން ކަމެއްތަ؟ އަދި ކައިވެންޏަށް އަހަރެއްވެސް ނުވެގެން ތި އުޅެނީ.. ދަރިފުޅަށް އިނގޭނެ މާރާއަކީ ކަމެއް ވާހާ އިރަށް މަންމަމެން ކައިރީގަވެސް އެއްވެސް ވާހަކައެއް ދައްކާ ކުއްޖެއް ނޫންކަން. ވަރަށް ބޮޑުވަރުވީމަ ބުނާނީ.. ހަމަ ރަނގަޅަށް އިނގޭނެ އެ މަސައްކަތް ކުރާ މީހުން ޖެހޭނެކަން މީހުންގެ ގައިގަ އަތްލާންވެސް.. އެއީ ގޯސް ނިޔަތެއްގަ އަތްލުމެއް ނޫނެއްނު.. އެހެން ނޫނަސް ދަރިފުޅު ވެސް ތީ ޑޮކްޓަރެއް.. ދަރިފުޅު ކައިރިއަށްވެސް އަންނާނެ ބައިވަރު އަންހެނުން.. ދެން އެކަމާ މާރާ ހިފަން ފަށައިފިއްޔާ ކިހިނެއް ހަދާނީ.. ބުނެބަލަ…” ވިސާމާ ގޮވައިގެން ޢަމާރާ ބޭރަށް ދިޔަ ވަގުތު ބަލާފައި ނޫރާ އިކާންއާ ވާހަކަ ދެއްކީ ޖިހާދުވެސް ބައިންދައިގެންނެވެ. ޢަމާރާ ދިޔައީ ފުރުމުގެ ކުރިން ރަށުގައާއި މާލޭގައި ތިބި ކުދިވެރިންނަށް ހަދިޔާ ގަންނާށެވެ.
“ތެދެއް ދަރިފުޅާ.. ނިކަން ވިސްނާލަބަލަ.. ދަރިފުޅު އަމިއްލައަށް މި ދާއިރާއަށް ނުކުތްއިރު މާރާއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުވަފެން ހަޤީޤަތަކަށް ހަދައިދޭން މިކަމާ ކުރިމަތިލި ކުއްޖެއް.. އޭނަ ނިންމި ނިންމުން އެއީ އޭނާއަށް ހެދުނު ގޯހެއްކަމަށް އިހްސާސްވިޔަ ނުދެއްޗޭ ދަރިފުޅާ.. ފުރަތަމަވެސް އޭނާގެ އުސޫލުތަކާ ދުރަށް ދިޔައީ ދަރިފުޅަށް ޓަކައި. މާރާ ދަރިފުޅު ދެކެ ލޯބި ނުވާނަމަ މިއަދު ދަރިފުޅުގެ އަންބެއްގެ މަގާމުގަ އޭނަ ނީންނާނެ.” ދަރިފުޅުގެ ބުރަކަށީގައި ފިރުމާލަމުން ޖިހާދުވެސް ވާހަކަދެއްކީ ލޯތްބާ އެކީގައެވެ. އިކާން މަންމައާ ބައްޕަ ދެއްކި ވާހަކަ ޤަބޫލުކޮށް ބޯޖަހާލިއެވެ.
“އަދި އެބައިން އެއް ކަންތަށް.. ދަރިފުޅު ޖެހޭނެ މާރާ ކައިރިން މާފަށް އެދެން..” ނޫރާ އިތުރުކޮށްލިއެވެ. އިކާން އަވަސް އަވަހަށް އާއެކޭ ބުނުމަށްފަހު އަވަސްވެލީ ޢަމާރާ ކައިރިން މާފަށް އެދެން ކުރާނެ ކަމަކާމެދު ވިސްނާށެވެ.
ގޭތެރެއަށް ވަދެގެން އައި ޢަމާރާއާ ބައްދަލުކުރީ ހިނިތުން ވެލައިގެން ހުރި އިކާންއެވެ. އިކާން ހުރީ ރަތް ފިނިފެންމާ ބޮނޑިއެއް ހިފައިގެންނެވެ. ވިސާމާ އެތެރެއަށް ވަދެގެން ދިޔައީ އެދެކުދިންނަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ހިތްހަމަ ނުޖެހިފައި ހުރި ޢަމާރާ މަންމަގެ ފަހަތުން ދާން އުޅުނެވެ.
“ލަވް.. އައިމް ސޮރީ..” ޢަމާރާގެ އަތުގައި ހިފާލަމުން އިކާން ބުނެލީ މަޑުމައިތިރި ކަމާއެކުގައެވެ. ޢަމާރާ އެއްޗެއް ނުބުނުމުން އިކާން ކައިރީހުރި ރެކްގެ މަތީގައި މާބޮނޑި ބޭއްވުމަށްފަހު ކަކޫ މައްޗަށް ތިރިވެލިއެވެ. އަދި ޢަމާރާގެ ދެ އަތުގައި ހިފާލަމުން އެ މޫނަށް ބަލާލިއެވެ. ޢަމާރާ ހުރީ ގަސްތުގައި އިކާންގެ މޫނަށް ނުބަލާންވެގެން ނެވެ.
“ލަވް. އަހަންނަށް އިނގޭ އަހަންނަށް ހެދުނީ ބޮޑު ގޯހެއްކަން.. އެކަމަކު އަހަރެން ލަވްދެކެ ވަރަށް ލޯބިވޭ.. ބަލާލަބަ އަހަރެންނާ ދިމާލަށް،… ޕްލީޒް..” އިކާން ކޮޅަށް ތެދުވެ ޢަމާރާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ބުނެލިއެވެ. ޢަމާރާގެ ފެންކަޅިވެފައިވާ ދެލޯ ފެނިފައި އިކާންގެ މެޔަށް ތަދުވެލިއެވެ.
“ލެޓްސް ގޯ.. ވީ ކާންޓް ޓޯކް ހިޔާ…” ޢަމާރާގެ އަތުގައި ހިފާލަމުން އިކާން ބޭރަށް ހިނގައިގަތެވެ. ބަހެއް ބުނުމަކާ ނުލާ އިކާންގެ ފަހަތުން ޢަމާރާ ދިޔައެވެ. ޢަމާރާ ގޮވައިގެން އިކާން ގޮސްވަނީ ފައިވްސްޓާރ ހޮޓެލް އަކަށެވެ. ކުރިންވެސް ރޫމް ބުކް ކޮށްފައި އިންކަން އެނގެނީ އިކާން ވަތް ގޮތަށް ލިފްޓަށް އެރީމައެވެ. އިކާން ބުކްކޮށްފައި ހުރީ އާދައިގެ ކޮޓަރިއެއް ނޫނެވެ. ހޮޓެލްގެ އެންމެ މަތީ ބައިން ސިޓީ ވިއު ކޮޓަރިއެކެވެ.
“ލަވް.. ޓޯކްޓު މީ…” ކޮޓަރި ތެރެއަށް ވަދެގެން ގޮސް ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި ޢަމާރާގެ ކައިރިއަށް ޖެހިލަމުން އިކާން ވާހަކަ ދެއްކިއެވެ.
“އަހަރެން ހިތަށް އަރަނީ ކެންގެ ސިކުނޑި ކީއްވެ ބާއޭ އެހާ ޅައީ.. ގައިމު މީހުން ބުނޭ ފިރިހެނުން ތިރީހުން މަތިވީމަ މެޗުއަރ ވާނޭ.. ކެންއަށް 34 އަހަރުވާން ދާއިރު އަދިވެސް ހުންނަނީ ކުޑަކުދިންގެ ވިސްނުން.. ވީ އަރ ނޮޓް ޓީނޭޖަރސް އެނީމޯ.. ވަޒީފާގެ މާހައުލުގަ އަހަރެންނަށް ނޫޅެވޭވަރު ކުރަންތަ ކެން ބޭނުންވަނީ.؟” ޢަމާރާ އެނބުރިވެސްނުލާ ހުރެފައި ބުނެލީ ޝަކުވާގެ ރާގަކަށެވެ.
“އައިމް ސޮރީ މައި ލަވް.. ދެން އެހެނެއް ނުވާނެ.. އައި ވޯޒް ބީންގ ޗައިލްޑިޝް..” ޢަމާރާގެ ކޮނޑުގައި ހިފާ އިކާންއާ ދިމާލަށް އަނބުރާލަމުން ބުނެލީ ލޯތްބާއެކުގައެވެ. ޢަމާރާ އިކާންގެ ގައިގަ ބައްދާލިއެވެ. އަނގައިން ނުބުނެ ދެމީހުންވެސް އިރުކޮޅަކު ތިބުމަށްފަހު އިކާން ވާހަކަ ދެއްކިއެވެ.
“ލަވް.. އަދިވެސް ނުބުނަމެއްނު އަހަރެންނަށް މާފުކޮށްފީމެކޭ…” އިކާން ޢަމާރާ ގަޔާ ދުރުކޮށްލީ އެ މޫނަށް ބަލާލުމުގެ ބޭނުމުގައެވެ.
“އިޓްސް އޯކޭ ލަވް.. އެކަމް ދެން ފަހަރަކުން އަހަރެން ނުކުރާނަން މާފެއް.. ފިލާނީ..” ޢަމާރާ އެނބުރިލާފައި ގޮސް އެނދުގެ ކޮޅުގައި އިން ކައުޗްގައި އިށީނދެލަމުން ބުނެލީ ސީރިއަސް ކަމާއެކުގައެވެ. އެހެން ނަމަވެސް ޢަމާރާގެ އެ ވާހަކައަށް އިކާން ފެށީ ހޭންށެވެ.
“ސީރިއަސްކޮން ނޭ.. އަހަރެން ފިލާނީ.. ކެންއަށް ނުވެސް ފެންނަ ހިސާބަކަށް ދާނީ..” ޢަމާރާ ތުން އަނބުރާލާފައި ބުނެލިއެވެ.
“އޯކޭ އޯކޭ.. އަހަރެން ދެން ނޫޅޭނަން އެހެނެއް.. އެކަމަކު ހަނދާން ކުރައްޗޭ ލަވް އަހަރެންނަށް ފިލައިގެން ދާނެ ތަނެއް ނޯންނާނެ.. އަހަރެން އަބަދުވެސް ލަވް ހޯދާނަން. ކޮންމެ ތާކު ހުއްޓަސް..” ކައުޗްގައި ޢަމާރާގެ ކައިރީގައި އިށީނދެ އަތުގައި ހިފާލަމުން އިކާން ބުނެލިއެވެ. ޢަމާރާ އިކާންގެ މޭގައި ބޯޖައްސާލަމުން ހިނިތުންވެލިއެވެ.
ހަފްތާއެއްހާ ދުވަހެއް ފަހުން ސާޔާއާ ބައްދަލުކުރުމަށްފަހު އިކާންއާއި ޢަމާރާ މަންމަމެން ގޮވައިގެން ރާއްޖެ ދިޔައީއެވެ. ސާޔާވެސް މިހާރު އުޅެނީ ރިދާގެ ކޮއްކޮއާ ކައިވެނިކޮށްގެންނެވެ. ރާއްޖެ އައުމަށްފަހު މަހެއްހާ ދުވަސް ވަންދެން އިކާންއާއި ޢަމާރާއަށް މަޑުކޮށްލަން ޖެހުނެވެ. އިކާންއަށް އައި.ޖީ.އެމް.އެޗް އިން ވަޒީފާ ހަމަޖެހުނުއިރު ޢަމާރާއަށް ވަޒީފާ ލިބުނީ އޭ.ޑީކޭ ހޮސްޕިޓަލުންނެވެ. އެއީވެސް އިކާން ހިތްހަމަ ނުޖެހުނު ކަމަކަށް ވިއެވެ. އެހެން ނަމަވެސް މަންމައާއި ޢަމާރާގެ ވާހަކަ ޤަބޫލުކޮށްލައިގެން އިކާން މަޑުން ހުރީއެވެ.
“ދެން ލަވް… އަދިވެސް ނޫޅޭތަ ބަދަލުކޮށްދޭކަށް؟ މިހާރު 3 މަސް ވަނީނުން..” އިކާން އާދައިގެ މަތިން ޢަމާރާ ކާރަށް އެރުމުން ބުނެލިއެވެ.
“ކެން ކައިރީ އަހަރެން ބުނެފިންދޯ… ތިކޮޅަށް ބަދަލު ވެވޭކަށް ނެތޭ.. އެހެންނޭ ކިޔާފަ އަހަރެން ޖޮބްލެސް ކޮށް ހުންނާކަށްވެސް ބޭނުމެއް ނޫން.. ކެން ބަދަލުވާންވީނު މިކޮޅަށް..” ޢަމާރާވެސް ދޫނުކޮށް ބުނެލިއެވެ.
“ލަވް އަށް އިނގެއެއްނު އަހަރެން ތިތާގަ ވޯކްކުރާހިތް ނުވާކަން.. ދެން ޕޭ ތަންކޮޅެއް ދަށްވިޔަސް އަހަރުމެނަށް އެއްވެސް ކަމެއް ދައްޗެއް ނުވެއެއްނު.. ” އިކާން ފޫހިވަނީ އޭ.ޑީކޭ ގައި ޑޮކްޓަރަށް ދައްކަން ފީ ނަގާތީއެވެ. ސިއްޙީ ފަރުވާއަށް އެހާ ބޮޑެތި އަދަދު ތަކުން ފީ ނެގުމަކީ އިކާން އެއްވެސް ގޮތަކަށް ގަބޫލު ކަމަކަށް ނުވެއެވެ. އާދައިގެ މަތިން ޢަމާރާ ޖަވާބުދޭކަށް ނޫޅުނެވެ. އެކަމަށް ޢަމާރާއަށް ޖަވާބު ދެވުނު ވަރެއް ނޭނގެއެވެ. އިކާން ޤަބޫލުކުރަން ބޭނުން ނުވާތީ ޢަމާރާވެސް ބޭކާރު ވާހަކަތަކެއް ދައްކަން ބޭނުން ނުވަނީއެވެ.
“މަންމާ.. ވަރަށް ބަނޑުހައި..” ބަދިގެއަށް ވަތްގޮތަށް ޢަމާރާ ގޮސް ނޫރާގެ ގައިގަ ބައްދާލިއެވެ. އިކާން ތުންދަމާލީ ނޫރާވެސް ބައްދާލިގޮތް ފެނިފައެވެ.
“މިހާރުދެން މާރާ އައީމަ އަހަރެން ބޭނުމެއް ނުވޭ.. އެކަކުވެސް..” ނާއިކްގެ އިސްތަށިގަނޑު ހާވާލަމުން އިކާން ވާހަކަ ދެއްކިއެވެ. “ކޮއްކޮ ބޭނުން.. ކުޅެން ގެންދަން” ނާއިކް އިކާންއަށް ބަލާލަމުން ހީނލާފައި ބުނެލިއެވެ.
“ބަލަ ބަލަ.. ބުނީމެއްނު.. ނާކްވެސް ބޭނުންވަނީ ކުޅެންދާންވީމަ..”
“ސްޓޮޕް ކެން.. ހާދަ ބޭބީއޭ ދޯ..” ލިލީ އައިސް ހުއްޓިލާފައި އިކާންގެ ކޮނޑުމަތީ ޖަހާލަމުން ބުނެލިއެވެ.
“އޯކޭއޭ.. ނޫޅެން މިތާކު ހުންނާކަށް..” އިކާން ބުނެލުމަށްފަހު ސިޑިން މައްޗަށް އަރަންފެށިއެވެ. “ކެން…” ކާންހުރި ފުރުޓް ތަށި މޭޒުމަތީގައި ބަހައްޓާފައި އިކާންގެ ފަހަތުން ޢަމާރާ ދިޔައެވެ.
“ކެން.. އެއީދެން އެވަރުކަމެއްތަ؟ ކުޑަކުދިންނާވެސް ކޮމްޕެއަރ ކުރަންވޭތަ؟” އިކާންގެ މޭގައި ފިރުމާލަމުން ޢަމާރާ ބުނެލިއެވެ. “ދެން ލަވް ވެސް އަންނަގޮތަށް މަންމަ ކައިރިއަށް މިހާރުދަނީ.. އެހެންވެއޭ ދެރަވަނީ..” އިކާންގެ މޭގައި ފިރުމަމުންދިޔަ ޢަމާރާގެ އަތްތިލައިގައި ހިފާލަމުން އިކާން ބުނެލިއެވެ.
“ސާބަސް.. މި ފަހަކުން އައިސް މާވަރަކަށް ބަނޑުހައި ވަނީއޭ ޑިއުޓީ ނިންމާފަ އަންނަ އިރަށް.. އެހެންވެ މަންމަ ކައިރިއަށް ދެވެނީ..” ޢަމާރާ އިކާންއާއިއެކު ގޮސް ކޮޓަރީގެ ބެލްކަންޏަށް ނުކުންނަމުން ބުނެލިއެވެ.
“ޑިއުޓީގައި ނުކަނީތަ؟ އަހަރެން ގުޅާއިރު ބުނަމެއްނު ކައިގެންނޭ…”
“ނޫން.. އަހަރެން ހަމަ ކަމޭ.. އެކަމަކު މި ދުވަސްކޮޅު މާ ބިޒީވީމަ ކަންނޭނގެދޯ.. ކާ އެތިކޮޅުވެސް ހަޖަމްވަނީ މާ އަވަހަށް.” ޢަމާރާ ހީނލަމުން ބުނެލިއެވެ.
“އަދިވެސް ގިނައީ ފިރިހެނުންދޯ ތި ޑިޕާރޓްމެންޓްގަ.. މިބުނީ ބަލިމީހުން..” އިކާން ދުރަށް ބަލަން އިނދެ ބުނެލިއެވެ. ޢަމާރާ ވަގުތުން އިކާންއަށް ބަލާލިއެވެ. އެއީ ކެނެޑާއިން ފެށިގެން ހުއްޓާލާފައިވާ ވާހަކައެއް ކަމުގައި ވިޔަސް މި ފަހަކަށް އައިސް އަނެއްކާވެސް އިކާންގެ ދުލުގައި އެންމެ ކުރިއަށް އޮންނަ ވާހަކައެވެ. އެކަމާހުރެ ޢަމާރާގެ ބޮލުގައި ރިއްސާވަރުވެސް މަދެއް ނޫނެވެ.
“ސާބަސް އިކާންއަށް.. ދެން އަންހެން ޑޮކްޓަރެއް އުޅެންޏާ ބަލިވާން ޖެހޭނީ އަންހެނުން އެކަނިތަ؟ އެހެން ނޫނަސް ވަކި މީހެއްގެ ނަން ބުނެފައެއް ނޫނޭ އެމީހުން ދައްކަން އަންނަނީއެއް.. އެވަގުތަކު ޑިއުޓީގައި އިންނަ ޑޮކްޓަރަކަށް ދައްކަނީ..” ޢަމާރާގެ އަޑު ކިތަންމެ މަޑު ނަމަވެސް ހިތްހަމަ ނުޖެހިފައި އިންކަން އަޑު އިވޭ މީހަކަށް ވިއްޔާ އިނގޭނެއެވެ.
“އަހަރެން ހިތްހަމައެއް ނުޖެހޭ ލަވް އެހެ..”
” މިކަން މިހެންކަން އޮންނާނީ ކުރިންވެސް އިކާންއަށް އިނގޭނެ.. އެހެންވީއިރު ކީއްކުރަން އަހަރެން ފަހަތުން ދުވެގެން އިކާންގެ މީހަކަށް ހެދީ.. އިކާން އަހަރެން ފަހަތުން ނޫޅުނުނަަމަ އަހަރެންވެސް އިކާންއާ ހެދި ނޫޅޭނެ..” އިކާން ދައްކަމުން ދިޔަ ވާހަކަ ހުއްޓުވާލަމުން ޢަމާރާ ތެދުވީ ކޮޓަރި ތެރެއަށް ވަންނަން ދިއުމަށެވެ.
“މަޑުކޮށްބަލަ..” ޢަމާރާގެ އަތުގައި ހިފާލަމުން އިކާންވެސް ގޮނޑިން ތެދުވިއެވެ.
“ނޫޅެން..” އަތް ފޮޅުވާލަމުން ކޮޓަރިތެރެއަށް ދިޔަ ޢަމާރާގެ ފަހަތުން ދާކަށް އިކާންއަކަށް ނުކެރުނެވެ. އެވާހަކަ ނުދައްކާނެކަމަށް ވަޢުދުވެފައި ވީނަމަވެސް އެހެން ފިރިހެނަކާ ދިމާއަށް ޢަމާރާ ބަލާލުމަކީވެސް އިކާންއަށް އުނދަގޫ ކަމަކަށް ވެއްޖެއެވެ. ހާނިމްމެން ބުނެގެންވެސް ބައްދަލުކުރަން ނުދާތާ މަހެއްހާ ދުވަސް ވެއްޖެއެވެ. އެއީވެސް ރައްޓެހިން ތެރެއަށް ޢަމާރާ ގެންދަން ބޭނުން ނުވާތީއެވެ. ކުރިންހެން ސައިކަލުގައި ދުއްވަން ދިއުން ހުއްޓާލާ މިހާރު އިކާން އަބަދުވެސް ޢަމާރާ ގޮވައިގެން ބޭރަށް ނިކުންނަނީ ކާރުގައެވެ. އެއީވެސް ޢަމާރާ ވަރަށް ޝަކުވާ ކުރާ ކަމެކެވެ.
އެރޭ އިކާން ނިދަންޖެހުނީ ލޯބިވާ އަނބިމީހާގެ ގައިގަ އަތްލަންވެސް ނުކެރިފައި އޮވެއެވެ. ރޭގަނޑުގެ ކެއުމުގައި ބައިވެރި ނުވިތާނގައި ޢަމާރާ ކޮޓަރިންވެސް ނުނިކުތެވެ. ނޫރާ އައުމުންވެސް ބުނީ ބަނޑުހައި ނުވަނީ ކަމުގައެވެ. ކައިވެނި ވީފަހުން އިކާންގެ ސަބަބުން ޢަމާރާ އަބަދުވެސް ރޯން ޖެހުނީ އެ ކަމުގައެވެ. ޢަމާރާ ދެރަވަނީ އެކަހަލަ ތާކުންތާކު ނުޖެހޭ ކަމެއް އިކާން ނަގައިގެން އުޅޭތީއެވެ.
“ކޮބާ މާރާ؟” ހެނދުނުގެ ނާސްތާގައި ބައިވެރިވާން ޢަމާރާ ނައުމުން ޖިހާދު ސުވާލުކުރީ އިކާންއާއެވެ.
“މެންދުރުފަހު ޑިއުޓީ ވީމަ ކަންނޭނގެ.. ނުތެދުވޭ.. އަހަރެންވެސް ނުގޮވަން..” އިކާން ހިނިތުންވުމެއް ދެމުން ބުނެލިއެވެ.
“ވަރަށް ނޯންނާނެ ޑިއުޓީ ނޫނަސް.. އިކާންއަށްވެސް އިނގޭނެ އެކަން..” ލިލީ ބުނީ ތެދެކެވެ. ޢަމާރާ އަކީ ޑިއުޓީ ނޯންނަ ދުވަސް ތަކުގައިވެސް ހެނދުނު ހެނދުނާ ބޭރަށް ނުކުމެގެން އުޅޭ ކުއްޖެކެވެ.
“މަންމައަށް އިނގޭ ކީއްވެކަން..” ނޫރާ ވާހަކަ ދެއްކުމުން އިކާން ޖެހިލުން ވިއެވެ. ބަލަހައްޓައިގެން މީހަކު އިންނަމަ އިކާންއަށް ވީގޮތް ރީތިކޮށް ފެނުނީހެވެ. “ރޭގަ އުޅުނު ބޮލުގަ ރިއްސާތީ.. އެހެންވެހެން މަންމައަށް ހީވަނީ.. މަންމަ ސައިބޮއެގެން ދާނަން ގޮވާލަން.. ރޭވެސް ނުކައި އެ އޮތީ..” ނޫރާ ހިނިތުންވެލިއެވެ. އަވަސް އަވަހަށް ސައި ބޮއެގެން އިކާން މޭޒުދޮށުން ތެދުވެގެން ދިޔައީ އެ މަޢުލޫއަށް ވާހަކަ ދައްކާއިރު އެތާނގައި އިންނަން ބޭނުން ނުވާތީއެވެ.
އެހެންޏާ ހަވީރު ޑިއުޓީ އޮންނަ ދުވަސްތަކުގައި ޑިއުޓީއަށް ގެންގޮސްދޭން ގުޅާ ޢަމާރާ މިއަދު ނުގުޅުމުން އިކާން ކުޑަކޮށް ހިތް ނުތަނަވަސްވިއެވެ. އަޅާނުލާ އިނީ ބަލިވެ އުޅޭތީ ޑިއުޓީއަށް ނުދަނީ ކަމަށް ހީކޮށްފައެވެ. ފަހެއް ޖެހުމާ ކައިރިވެފައި ވަނިކޮށް ގެއަށް އައި އިކާން ކޮޓަރިއަށް ވަންނަމުން ޢަމާރާ އަށް ގޮވާލިއެވެ. ހަބަރެއް ނުވުމުން ބޭރުގައި އުޅެނީ ކަމަށް ހީކޮށް އިކާން ވަނީ ފެންވަރާލާށެވެ.
“މާރާ.. މާރާ.. މަންމާ.. މާރާ ކޮބާތަ؟ ނެތް އެއްތާކުވެސް..” އިކާން ތިރިއަށް ފޭބިއިރު ނޫރާ ސޯފާގައި އިނުމުން އަހާލިއެވެ.
“ސާބަހޭ ދަރިފުޅަށް.. ހަވީރު އެމަންޖެ ޑީއުޓީއަށް ލާފަވެސް ތި އަހަނީ ކޮބާހޭ.. އެކެއް ޖަހާއިރު އެއްނު ނިމޭނީ..” އާދަވެގެން ކޮންމެ ދުވަހަކުވެސް ޢަމާރާ ގެންގޮސް ގެނެސް ހަދާނީ އިކާންކަން އިނގޭތީ ނޫރާ ބުނެލީ މިއަދުވެސް ޢަމާރާ ދިޔައީ އިކާންއާއެކު ކަމަށް ހީކޮށްފައެވެ. ނޫރާގެ ވާހަކައިން އިކާންއަށް ނެގުނީ އެހެން މާނައެކެވެ. މަންމަމެން ކައިރީ އިކާންއާއެކު ކަމަށް ބުނެފައި އެހެން މީހަކާއެކު ދިޔައީ ކަމަށެވެ.
“ދަރިފުޅާ.. ދެން ތި ހުރީ ކީއްވެފަ.. ދޭބަލަ ތައްޔާރުވެގެން ނާއިކް ގޮވައިގެން އަންނަން.. އަޙްތަރު ނެތް ވަގުތު ތަކުގައި ދަރިފުޅު ވާނެ ދޮންއަށް އެހީވާން..” އެއްޗެކޭ ނުބުނެ އިކާން ހުންނަން ފެށުމުން ނޫރާ ބުނެލިއެވެ. އިކާން ބޯ ޖަހާލަމުން މައްޗަށް އަރައިގެން ދިޔައީއެވެ. ހިތުގައި އުފެދުނު އެއްވެސް ކަމެއްގެ މިންވަރެއްވެސް މަންމައަށް އެނގުނަ ނުދެއެވެ.
4 Comments!
Comments are closed.



Aley ikaanoo sakubali jehifaa thihunanee😏 ooh maaraa preg veykan neyge.. vr reethi ♥️ miyadhu ge baivx
Ehen vaa meehun Mihaaru ginaee. Let’s see dhw next part aeema vaa goiy..
When next part please avas kohllahchey pls pls pls mi part vx vrh reethi
Insha Allah Thursday ga