ވާނުހޭ ގާތުގާ- ދިހަވަނަ ބައި- ބޯނަސް ޕާޓް
“އައިމް ސްކެއަރޑް…” އިކާން އިސްޖަހާލަމުން ބުނެލިއެވެ. ހަގީގަތުގައިވެސް ޢަމާރާގެ އާއިލާއާއި ބައްދަލުކުރަން ވުމުން މިހާރު އިކާން އެ ހުރީ ޖެހިލުންވެފައެވެ. ” ވިސްނާލާ އަހަރެން ޖެހިލުންވާނެ ވަރު..” ޢަމާރާ ހީނލަމުން ބުނެލިއެވެ. ކެނެޑާއިން އައިސް އިކާންގެ ގެއަށް ގެންދިޔަރޭ ޢަމާރާވެސް ހުރީ އެފަދަ ހާލެއްގައެވެ. އެވަގުތު އިކާންގެ މަޑު ހުނުމުގެ އަޑު ޢަމާރާއަށް އިވުނެވެ.
ވިސާމާމެން ސަލާމްކޮށް ނިންމާފައި ކާއެއްޗެހި ހިފައިގެން އައިސް މޭޒެއްގެ ދޮށުގައި އިށީނދެލިއިރަށް އިކާން ގޮވައިގެން ޢަމާރާވެސް އައިސްފިއެވެ. ފުރަތަމަވެސް ވާހަކަ ދެއްކީ ދޮންތަގެ ކާޔަންއެވެ. ކާޔަންއަށް 6 އަހަރެވެ. “ތުއްތާ.. ތީ ކޮން ބޭބެއެއް..؟”
“ތުއްތަބޭ…” ތިއްތަ އާޝިޔާގެ 4 އަހަރުގެ ދަރިފުޅު މަލަކް އަޑުގެ ނެތްތަނަށް ބުނެލިއެވެ. ބޮޑަށް ހުންނަ 7 އަހަރުގެ މުލްކް އާއި ކާޔަންވެސް ތުއްތަބޭއޭ ކިޔާލިއެވެ. ޢަމާރާއަށް ހެވުނެވެ. އެހެން ނަމަވެސް ކުދިވެރީންގެ ސަބަބުން އާއިލާއާ ހިއްސާ ކުރަން ބޭނުންވި ވާހަކަ ދައްކަން ހިތްވަރެއް ލިބުނުފަދައެވެ.
“މަންމާ.. މިއީ އިކާން… އަހަރެން…”
“މާރާގެ މަންމާ.. އަޅުގަނޑު ބޭނުން މާރާއާ ކައިވެނިކުރަން.. އަޅުގަނޑު ވަރަށް ލޯބިވޭ.. މާރާވެސް ހީވަނީ ވާހެން.. ހެހެ.. އަޅުގަނޑަކީ ގޯސް މީހެއް ނޫން.. މަންމައާ ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު.. ދެން ހުންނާނީ އަޅުގަނޑުގެ ދޮންތަ.. މާލޭގަ ދިރިއުޅެނީ އަމިއްލަ ގޭގައި. މާރާ ފަދައިން އަޅުގަނޑަކީވެސް ޑޮކަޓްރެއް.. ކިޔަވާ ނިމުނީ އަދި ކިރިޔާ ހަމަ…” ވިސާމާގެ ކައިރީއިން ގޮނޑީގައި އިށީނދެފައި އިކާން ވާހަކަދެއްކިއެވެ. ފުން ނޭވާއެއް ލީގޮތުން ހީވީ އެއް ނޭވާއިން ހުރިހާ އެއްޗެއް ބުނެލިހެންނެވެ.
“ނަމާދު ކުރަންތަ؟” ވިސާމާ ފުރަތަމަވެސް ބުނެލީ ނަމާދުގެ ވާހަކައެވެ.
“ލައްބަ…”
“މަންމަމެން ކޮބާ.. މަންމަ ބޭނުން އެމީހުންނާ ބައްދަލުކުރަން…” ވިސާމާ އިތުރަށް ބުނެލިއެވެ.
“އެބަތިބި ޕާޓީގައި.. އެކަމަކު އަޅުގަނޑަށް ހީވަނީ އެހެން މީހެއްގެ ހާއްސަ ހަފްލާގައި އަޅުގަނޑުމެންގެ ވާހަކަ ކުރިއަށް ގެންދިއުން އެންމެ ރަނގަޅުގޮތުގައި ނުވެދާނެހެން.. މަންމަމެން ފުރުމުގެ ކުރިން ބައްދަލު ކުރެވޭނެގޮތް ހަމަޖައްސާ ލެވިދާނެ…” އިކާން ބަލާލަމުން ބުނެލުމާއެކު ވިސާމާ އެއްބަސް ވެލުމުގެ ގޮތުން ބޯޖަހާލިއެވެ. އެމީހުންނާއެކު ކެއުމުގައި ބައިވެރިވުމަށް އެދުމުން އިކާން މަޑުކުރިއެވެ. އެ މޭޒުދޮށުގައި ޢަމާރާ އިނީ ވަރަށް ހާސްވެފައެވެ. ދޮންތައާއި ތިއްތަ އަދި ދޮންބެގެ އެކިއެކި ސުވާލުތަށް އެދެމީހުންނަށް އަމާޒުވިއެވެ. ޢަމާރާކައި ނިމިގެން އިނުމުން އިކާންއިނީ އެހެން މީހުންނަށް ނުފެންނާނެހެން ޢަމާރާގެ އަތުގައި ހިފާލައިގެން ފައިމަތީ ބާއްވާލައިގެންނެވެ. އެހެން އިނދެފައި ޢަމާރާއަށް ރޮވިއްޖެއެވެ. އެގޭ އެންމެން ތިބުމުން ވީ ކިއްތޯ އަހާލުމުގެ އިތުރަށް ޢަމާރާގެ ގައިގަ އަތް ޖައްސާލާކަށްވެސް އިކާންއަކަށް ނުކެރުނެވެ.
“މަންމާ.. ބައްޕަ ހުރިނަމަ…” ރުއިމުގެ ތެރެއިން ޢަމާރާއަށް ބުނެލެވުނެވެ. ވިސާމާގެ ހިތުގައި ރިއްސާލިއެވެ. އެވަގުތަކީ ޢަމާރާއަށް ބައްޕަ މުހިއްމުވާނެ ވަގުތެއްކަން އޭނާވެސް ގަބޫލުކުރިއެވެ.
“ދޮންބެ މިހުރީނުން.. ކޮއްކޮ ނުރޮއެ..” އާސިމް އަވަސް އަވަހަށް ބުނެލިއެވެ.
“މާރާ.. ހުޔާއަށް ފެނިގެން ހާސްވެދާނެ.. ދެން ހުއްޓާލާ.. ” އިކާންއަށް ނީނދެވިގެން ބުނެލެވުނީ ލޯތްބާއި އޯގާތެރިކަމާއެކުއެވެ. ޢަމާރާ ދިޔައީ އާޝިޔާއާއި އަމީނާއާއެކު މައްޗަށެވެ. ޢަމާރާ ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. މޫނު ދޮވެލައިގެން އިރުކޮޅަކުން ތިރިއަށް އައިއިރުވެސް ލޮލުގައި އާއި ނޭފަތުގައި ރަތްކަމެއް ހުއްޓެވެ. 3 މާމަދަރިން ގޮވައިގެން ސީމާގެ ކައިރީ ވިސާމާއާއި ރުވާ ހުރިއިރު އިކާން ގޮވައިގެން ތަންކޮޅެއް ދުރުގައި އާސިމް ހުއްޓެވެ. ޢަމާރާ ތިރިއަށް ފޭބިތަންފެނި އިކާންއަށް ހިނިތުންވެ ލެވުނެވެ. އިކާންގެ ކޮނޑުގައި އަތް ބާއްވާލަމުން އާސިމް އެއްޗެއް ބުނެލުމުން ދެމީހުންވެސް ހީނލައިފިއެވެ. އަދި އަވަސް ހިނގުމުގައި އިކާން ޢަމާރާގެ ކައިރިއަށް އައެވެ.
“ކެން އައި ޓޭކް ހަރ..” އަމީނާއާއި އާޝިޔާއަށް ބަލާލަމުން އިކާން ހެވިފައިހުރެ އަހާލިއެވެ. އެވަގުތު އާޝިޔާ ސަމާސާ ކޮށްލުމުގެ ގޮތުން ޢަމާރާގެ އަތުގައި ތަންކޮޅެއް ބާރަށް ހިފަހައްޓާލިއެވެ.
“އަހްމަދުބެއާ ޒިޔާދުބެ އެބަ ހޯދާ…” އިކާން ބުނެލީ ކުރިންވެސް ހުރިހެން ހީނލާފައި ހުރެގެންނެވެ.
“އެހެންޏަ ނުހޯދާނެ. މިހާރުވެސް ތިބޭނެ މިތަނުން ރައްޓެހިން ހޯދައިގެން ބޮޑު ވާހަކައިގަ.. ދެން އެކަމަކުވެސް މިފަހަރު ދޫކޮށްލަފާނަން.. އެކަމަކު ދެން ފަހަރަކުން ގެންދެވޭނީ ކޯޓަށް ގޮސްގެން. އިނގޭ.” އަމީނާ ހޭންފެށިއެވެ. އާޝިޔާއާއި ޢަމާރާވެސް ބައިވެރިވިއެވެ.
“ދެންވެސް ގެންދާނީ އަހަރެން.. އެކަމަކު ކޯޓަށް ގޮސްގެނެއް ނޫން.. އެއަރޕޯޓަށް ގޮސްގެން… އޭގެފަހުން އަންނާނަން ކޯޓަށްދާން ދޯ ލަވް..” އެމީހުން ކުރިމަތީގައި ޢަމާރާއާ މުހާތަބުކުރަން އިކާން ބޭނުންކުރި ލަފްޒުން އޭނާ ލަދުގަތެވެ.
“ދެމީހުން އެއްތާގަ ކިޔަވަނީ…؟” އާޝިޔާ ދެލޯ ބޮޑުކޮށްލަމުން ބުނެލީ ހައިރާންވެފައި ހުރެއެވެ.
“އައިމް ހިޒް ސްޓޫޑަންޓް..” ޢަމާރާ ތުންފަތުގައި ދަތް އަޅާލަމުން ބުނެލިއެވެ. އިކާން ހޭންފެށިއެވެ. އަމީނާ އެ ތެދެއްހޭ ބުނުމުން އިކާން ބޯޖަހާލުމަށްފަހު ޢަމާރާގެ އަތުގައި ހިފައިގެން އެތަނުން ދުރަށް ހިނގައިގަތެވެ.
“އަހަރެން ހީވެސް ނުކުރަން…”
“ކޯޗެއް؟؟”
“އަހަރެންގެ ފެމިލީއިން އިކާން ބަލައިގެންފާނެ ކަމަކަށް…” ހުޔާމެން ފެންނަ ހިސާބުގައި އައިސް މަޑުކޮށްލަމުން ޢަމާރާ ބުނެލިއެވެ.
“އަހަރެން ކަހަލަ ހޮޓް މީހަކަށް ކިހިނެއް ނޫނެކޭ ބުނާނީ؟” އިކާން ސަމާސާ ކޮށްލިއެވެ.
“ދެން އިކާނޫ… ސީރިއަސް ވެބަލަ.. އަދި އަހަރެން އެބައިން ވާހަކައެއް ބުނަން..”
“ބުނެބަ..”
“ފެމެލީއިން ކައިވެނީގެ ވާހަކަ ދެއްކިޔަސް އިކާންވެސްވާނެ ބުނަން އަހަރެން ކިޔަވާ ނިމުނީމަ ކަމަށް ކައިވެނި ކުރާނީ.. ޕްލީޒް.. އައި ނޯ ދެޓް ޔޫ ވޯންޓް ޓު ގެޓް މެރީޑް ސޫން.. އައި ވޯންޓް ޓޫ..” ޢަމާރާ ދައްކަމުން ދިޔަ ވާހަކައިން އިކާން މޫނު ހަދާލިއެވެ. “ދެމީހުން ބޭނުންވަންޏާ ކީއްކުރަން ލަސްކުރަނީ…”
“އަހަރެންވެސް ބޭނުމޭ… އެކަމަކު އަންޑަސްޓޭންޑް ވެބަ.. އަހަރެން ބޭނުމެއް ނޫނޭ ކައިވެނިކޮށްފަ ފިރިމީހާ އަށް ޓައިމް ނުދެވޭ މީހަކަށް ވާކަށް.. ކެންއަށް ދޯ އަސްލު މިބުނާ އެތި އެންމެ ރަނގަޅަށް އެނގެންވާނީ.. ޑޮކްޓަރުކަން ކިޔަވާ މީހަކަށް އެންމެ އުނދަގޫ މުހިއްމު ދެ އަހަރު މި ފެށެނީ އަހަރެންނަށް.. އަހަރެން ބޭނުމެއް ނޫން މައްސަލަ ތަކެއް ޖެހިގެން ދުރުވާކަށް.. ކިހިނެއް ވަކިވެގެން އުޅޭނީ..؟ މިހެން ތިބީމަވެސް އަހަރެންނަށް ޔަގީންކަން އެބައޮތް ކެން އަހަރެން ދޫކޮށްފަ ނުދާނެކަން. އިންޓަރންޝިޕް އަހަރު ފެށުމުގެ ކުރިން އިންނާނަން. އައި ޕްރޮމިސް….” އިކާންގެ އަތުގައި ހިފާލައިގެންހުރެ އެ މޫނަށް ބަލަމުން ޢަމާރާ ވާހަކަދެއްކިއެވެ. އިކާން ފުޅާ ހިނިތުންވުމެއް ދިނެވެ.
“އޭގެ މާނައަކީ ލަވް އަހަރެންދެކެ އެހާ ލޯބިވެއޭތަ؟؟ ވަކިން ނޫޅެވޭ ވަރަށް..”
“އެހެންނެއް ނޫންތަ މި ބުނެވުނީއެއް..” ހިނިތުންވެހުރެ ޢަމާރާ މޫނު އެހެން ދިމާއަކަށް އަނބުރާލީ އިކާންއަށް ބެލުމުން ހިތުގެ ވިންދު އަވަސްވާތީއެވެ.
“އަޅެ ބުނެބަ އެންމެ ފަހަރަކު..”
“ނުބުނާނަން..” އިކާންގެ އަތުން އަތް ދޫކޮށްލަމުން ޢަމާރާ ހިނގައިގަތީ ސަލާމްކުރަން މީހަކު ނެތް ވަގުތެއް ކަމުން ހުޔާއަށް އެހީތެރިކަމެއް ބޭނުންވޭތޯ ބަލާލުމަށެވެ.
“ފެންފޮދެއް ބޭނުން؟”
“އުހުން.. ތި ސްޓޯރީ އަޑުއަހާލަން ބޭނުމީ..” ހުޔާ ލޮލުގެ އިޝާރާތުން ދުރުގައިހުރި އިކާން ދައްކާލަމުން ބުނެލިއެވެ.
“ޖަސްޓް ފޯކަސް އިން ޔުއަރ ސުހާގްރާތު… އައިމްގޮނަ އާސްކް ޔޫ އެވްރީ ސިންގަލް ތިންގް.. އިން ޑީޓެއިލް…” ޢަމާރާވެސް ހުޔާއަށް އެކަނި އިވޭނެހެން ބުނެލިއިރަށް ހުޔާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ.
“ހާދަ ނޯޓީއޭދޯ.. އަހަންނަށް ކިޔައިނުދޭ ކަމެއް އުޅެނީތަ؟” ހުޔާ އެ މާނަކުރީ ކޮން ކަމަކަށް ކަން އެނގިގެން ޢަމާރާއަށް “ޗީ” އޭ ބުނެވުނެވެ.
“ޗީ ކަމެއް އެނގޭނެ ފަހުން..” ހުޔާ ބުނުމާއެކު ދެ އެކުވެރިންނަށް ހެވުނެވެ. ވާނުވާ ނޭނގިފައި ފަހުދުހުރީ ޒާތަކަށް ހިނި އައިސްފައެވެ.
“ފަހުދު.. ކޮންޓްރޯލް ޔުއަރ ވައިފީ.. އެހެން ނޫނީ މިރޭ..” ޢަމާރާ ބުނެލަން އުޅުނު އެތި ހުޔާ ހުއްޓުވީ އޭނާގެ އަނގަމަތީ އަތް އަޅާލަމުންނެވެ. ފަހުދު ބޯކަހާލިއެވެ. ޢަމާރާއަށް އެހާ ވަރަށް ލާނެއް އެއްޗެހިބުނެ އުޅެން ކެރުނީ ކޮންއިރަކުބާއޭ ހުޔާގެ ހިތަށް އެރިއެވެ.
ނާއިކް ރޯތީ ގެއަށްދާން ޖެހުމުން ޢަމާރާއާއި ލިލީ ބައްދަލުވެ ވާހަކަ ދައްކާލެވޭނެ ވަރެއް ނުވިއެވެ. ލިލީ ގޮވައިގެން އަޙްތަރު ދިއުމުން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނޫރާއާއި ޖިހާދުވެސް ގެއަށް ދިޔައީއެވެ.
ޕާޓީގެ ފަހުން އިކާން ދިން ހަދިޔާއެއްގެ ގޮތުން ހަމަޖައްސާފައި އޮތް ރިސޯޓަށް ހުޔާއާއި ފަހުދު ފުރުވާލަން ދިޔައިރު އިކާން ދިޔައީ ޢަމާރާވެސް ގޮވައިގެންނެވެ. ލަސްނުވެ އަންނާނެ ކަމަށް ޢަމާރާގެ މަންމަ ކައިރީ ވައުދުވެފައެވެ. ހާނިމްއާއި ނުހާވެސް އެކީގައި ދިޔައެވެ.
ދަންވަރު 1 ޖެހުމާ ގާތްވެފައި ވަނިކޮށް ޢަމާރާ މަންމަމެންގެ ކައިރިއަށް ގެންގޮސްދިނެވެ. އެޕާރްޓްމެންޓް ދޮރާ ހަމައަށް ގެންގޮސްދިނުމަށްފަހު ޢަމާރާގެ އަތުގައި އިކާން ހިފާލިއެވެ.
“ޔޫ ލުކް ހެވެންލީ މިރޭ.. އައި ކާންޓް ގެޓް މައި އައިސް އޮފް ޔޫ…” އަތުގައި ހިފާ ކައިރިކޮށްލަމުން އިކާން ވާހަކަދެއްކިއެވެ.
“ކެ..ން.. މީހަކަށް ފެނިދާނެ..” ޢަމާރާ ދުރުވެލަމުން ބުނެލިއެވެ.
“ފެނުނިއްޔާ ކީއްވާނީ..” އިކާން ދުރަށްދާން ނުވިސްނާ ކަހަލައެވެ.
“ކޮންކަމެއް..؟” ދޮރު ހުޅުވާލަމުން އާޝިޔާ ކަރުކެހިލުމަށްފަހު ބުނެލިއެވެ. އިކާން ދުރުވެލިއިރު ހީވަނީ ބިރެއް ފެނިގެން ދިޔަހެންނެވެ. ޢަމާރާއާއި އާޝިޔާއަށް ހެވުނީ އިކާންއަށް ވީގޮތް ފެނިފައެވެ. އިކާން ދަނީކަމަށް ބުނެފައި ލަދުން ހުރި ނަމަވެސް ޢަމާރާގެ ކައިރިއަށް ޖެހިލާ ނިތްކުރިއަށް ދޮނެއް ދީފިއެވެ.
” ހޫމް ހޫމް.. ހާދަ ލޯބިވެޔޭ ދޯ..!” ހިތްހަމަ ނުޖެހުމަށްވުރެ ތިއްތަ ކޮށްލީ ސަމާސާއެވެ.
“ދެން ތިއްތާ…” ޢަމާރާ އެތެރެއަށް ވަނުމުން އާޝިޔާވެސް ފަހަތުން އައެވެ. ޢަމާރާއަށް މަންމަ ގޮވާލުމުން މަންމަ ކައިރީ ގޮސް އިށީނދެލިއެވެ.
“ދަރިފުޅާ.. މަންމަ މިއަދު ވަރަށް އުފާވެއްޖެ.. އެކަމަކު ދަރިފުޅު ބުނީމެއްނު އެކަހަލަ ކަމަކާ ނުވިސްނާނަމޭ.. ދެން ކިހިނެއް؟” ޢަމާރާ ހީކުރިގޮތަށް މަންމަވެސް ކުރީ ހަމަ އެ ސުވާލުތަކެވެ.
“މަންމާ.. އެއީ އަޅުގަނޑު… އިކާންއަކީ ކިޔަވަން ދިއުމުގެ ކުރީން ދިމާވި ކުއްޖެއް.. އޭރުވެސް އިންނަން އެހި.. އެކަމަކު އަޅުގަނޑު ނުގަބޫލުވީ… ފަހުން.. ފަހުން ކެނެޑާއިން ދިމާވީމަ އިހްސާސް ކުރެވުނީ.. އަޅުގަނޑަށްވެސް އިކާން ކަމުދާކަން.. ދެން.. ދެން އޯކޭވީ.. އެކަމަކު އަދިވެސް އަޅުގަނޑު ބޭނުންވަނީ ކިޔަވާ ނިމުމުން ކައިވެނި ކުރަން..” ކުރޮގޮތަކަށް ދިމާވިގޮތް ކިޔާލަދިނުމަށްފަހު ޢަމާރާ ބޭނުންވާގޮތް ހާމަކުރިއެވެ.
“އެކަމަކު ދަރިފުޅާ.. އަދި އެބަ އޮތެއްނު 3 އަހަރު.. އެހާދުވަހު ހުންނަން ޖެހުމުން އިކާން ފޫހިވެދާނެ އެއްނު…” ވިސާމާ ހައިރާންވެފައި ބުނެލީ ދަރިފުޅަށް ވިސްނައި ދިނުމުގެ ގޮތުންނެވެ.
“މަންމާ.. އެހާ ދުވަސްކޮޅަކުން އަޅުގަނޑުދެކެ ފޫހިވަންޏާ އޭނަ އެވަނީ ލޯތްބެއްނޫން.. ނޫންތަ މަންމާ…” ޢަމާރާ ބުނީ ރަނގަޅު ވާހަކައެއް ކަމުން ވިސާމާ އެއްބަސް ވުމުގެގޮތުން ބޯޖަހާލިއެވެ. “އަޅުގަނޑު ބޭނުމެއްނޫން ކައިވެނި ކޮށްފަ ފިރިމީހާއަށް އަޅާލުލާ އަންބަކަށް ވާކަށް.. އިކާންއަށް އެކަން ވިސްނޭ.. އޭނަވެސް އެ ނިންމީ އެންމެ އުނދަގޫ 2 އަހަރު ކިޔެވުމުގެ.. މަންމާ.. މިކަމުގަ މަންމަގެ އެހީތެރިކަން އަޅުގަނޑުވެސް ބޭނުން..” ވިސާމާގެ އަތުގައި ހިފާލައިގެން ޢަމާރާ ވާހަކަ ދެއްކިއިރު އަޑުއިވޭ ހިސާބުގައި ވިސާމާގެ ހުރިހާ ކުދިން ތިއްބެވެ. އެމީހުން ތިބީ ކޮއްކޮގެ ނިންމުމާމެދު އުފަލުންނެވެ.
ސިޓިންގ ރޫމް ދޮރުން އިކާން ވަދެގެން އައިއިރު ޖިހާދު ސޯފާގައި އިންތަން ފެނުމުން މަޑުޖެހިލިއެވެ. “ބައްޕާ.. ކިހިނެއް ވެފަތޯ؟” ކައިރިއަށް އައިސް އިށީނދެލަމުން އިކާން ވާހަކަ ދެއްކިއެވެ.
“އަނެހެން ކަމެއް ނުވޭ.. ދަރިފުޅު ގެއަށް އަންނަންދެން އިނީ ހަމަ..” ބަލަންއިން ފޯން ކައިރީގައި ބާއްވާލަމުން ޖިހާދު ބުނެލިއެވެ.
“ބައްޕާ.. އެބައިން ވާހަކައެއް ދައްކާލަންވެފަ… މަންމަވެސް ހުރެގެން އެކަމަކު އެ ވާހަކަ ދެއްކޭނީ…” އިކާން ހިނިތުން ވެލައިގެން އިނދެ ބުނެލިއެވެ. ޢަމާރާ އެދުނުހެން ދިގު އިންތިޒާރެއް ކުރަން ޖެހުނު ކަމުގައި ވިޔަސް ދެ އާއިލާ މެދުގައި ކައިވެނީގެ ވާހަކަ ދެކެވޭތީ އިކާން ހުރީ އުފަލުންނެވެ. ހެނދުނުން ވާހަކަ ދައްކާނީ ކަމުގައި ބުނެފައި އިކާންއާއި ޖިހާދުވެސް ދިޔައީ ނިދާށެވެ.
ފަތިހު ނަމާދަށް ހޭލި ޢަމާރާއަށް ލިބުނީ މަންމަމެން ފުރުމުގެ ކުރިން އިކާންގެ އާއިލާއިން ބައްދަލުކުރަން އަންނާނެކަމުގެ މެސެޖެކެވެ. އުފާވި ކަމުގައި ވިޔަސް ހިތް އަވަސްވެލީ ކައިވެނީގެ ވާހަކަވެސް ދެކެވޭނެކަން އެނގޭތީއެވެ.
“ސީ ޔޫ ޓުނައިޓް.. މައި ލާވް. ލަވްޔޫ..” އިކާން ކޮށްލި މެސެޖް ކިޔާލަމުން ޢަމާރާއަށް ހިނިތުންވެ ލެވުނެވެ.
“ސީ ޔޫ..” ކުރުކޮށް ފޮނުވި ޖަވާބާއިއެކު އިކާޏްގެ ކޯލް އަންނަން ފެށިއެވެ.
“ހެލޯ..” ދެފަހަރަކު ރިންގް ވަންދެން ބަލަން ހުރެފައި ޢަމާރާ ފޯނުނަގާ ކަންފަތުގައި ޖަހާލިއެވެ.
“ބުނެބަ…” ޝަކުވާގެ ރާގަކަށް އިކާން ބުނެލިއެވެ. “ކީކޭތަ..؟” ޢަމާރާގެ މަޑު ހުނުމުގެ އަޑު އިވިލިއެވެ. އިކާންގެ ހިތަށް ބުނަންނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.
“ބުނެބަ ލޯބިވެޔޭ.. އަހަރެންވެސް މި ބުނީނުން..”
“ނޫޅެން.. ބާއްވަބަލަ ދެން އިކާނޫ.. އެންމެން އެބައުޅޭ ހޭލާ..” ފޯނުން ވާހަކަ ދެއްކިޔަސް ޢަމާރާ ހުރީ ލަދުން ކަމުގައި ކަން އިކާންއަށް ނަގައިގަނެވުނެވެ.
“ބުނީމަ ބާއްވާނީ.. އިކާން ބޭނުންވީ ޢަމާރާ ބޮޑަށް ލަދުގަންނަވާލާށެވެ. “ތިހެންޏާ ބާއްވަނީ ފޯނު..”
“ބާއްވައިފިއްޔާ ދާނަން ގޭދޮށަށް..” އިކާންގެ އިންޒާރުގެ އަޑަށް ޢަމާރާ މަޑުޖެހިލިއެވެ. އިކާން ބުނާ ގޮތަށް ކަންތަށް ކޮށްފާނެކަމަށް ޢަމާރާ ގަބޫލުކުރެއެވެ.
“ދެން.. ޕްލީޒް…”
“އޯކޭ.. މިރޭ ބުނާމަތިން ބޭއްވޭނީ…” އިކާން ޝަރުތުކޮށްލިއެވެ. “އޯކޭ…” ފޯން ކަނޑާލަން ބޭނުންވެފަ ހުރިވަރުން ޢަމާރާ އެއްބަސްވިއެވެ. ފޯނު ކަނޑާލި ވަގުތު އިކާންގެ ބަރު ހުނުމުގެ އަޑު އިވިލިއެވެ.
“މަންމާ.. ބައްޕަ ކޮބާތޯ..؟” އިކާން ބަދިގެއަށް ވަންނަމުން ޖިހާދު ފެންނަން ނެތީމައި ނޫރާގެ ކައިރީ އަހާލިއެވެ.
“އެބައިން ބޭރުގައި.. ދޭބަލަ ގޮވައިގެން އަންނަން.. ބައްޕަ ބުނި ދަރިފުޅު ބުންޏޭ ވާހަކައެއް ދައްކަން ބޭނުންވެއޭ..” ނޫރާ ކޮފީތަށި ތައްޔާރު ކުރަމުން ބުނެލިއެވެ. އިކާން ބޭރަށް ނުކުތީ ބައްޕަ ބަލައެވެ.
“ދެން ކިޔާބަލަ.. ކީއްވެ ތި އިންނަނީ؟” އިކާން އިންނަން ފެށުމުން ނޫރާއަށް ނީނދެވިގެން ބުނެލިއެވެ.
“މިރޭ ޢަމާރާގެ މަންމަމެންނާ ބައްދަލުކުރަން ދާންވެއްޖެ.. ބައްޕަމެން އޯކޭތަ؟” ބުނަން ނުބުނަން އިން ފަދައަކުން އިކާން ބުނެލިއެވެ. “ޢަމާރާގެ މަންމަމެން ފުރާނެ މާދަމާ.. ދިއުމުގެ ކުރިން ބައްޕަމެން އައުމަށް އެދުނީ ބައްދަލުކޮށްލަން..” އިކާން އިތުރުކޮށްލިއެވެ.
“ހަމަ ރެޑީ.. ކިހާއިރަކު ދާން ޖެހޭނީ.. ކޮންތާކު ބައްދަލު ކުރާނީ… ދެން ފުރަންވާއިރަށް ކައިވެނީގެ ކަންކަން ނިންމާލެވޭނެތަ މިހާ ކުޑަ ދުވަސްކޮޅަކުން؟” ނޫރާ ވީ އުފަލުން ވާހަކަ ދެއްކިއެވެ.
“މަންމާ.. އަދި ކައިވެނި ނުކުރަން..”
“އެއީ..؟” މިފަހަރު ސުވާލު ކޮށްލީ ޖިހާދުއެވެ. އިކާން ޢަމާރާ ބޭނުންވާގޮތް އޮޅުންފިލުވައި ދިނެވެ.
“އެކަމަކު ހާދަ ދުވަހެކޭ ދަރިފުޅާ..” ނޫރާ ޝަކުވާ ކޮށްލީ 3 އަހަރު މާ ގިނަވީމައެވެ.
“މަންމާ.. އަހަރެން ބޭނުމެއްނޫން އެއްވެސް ހާލަތެއްގަ ޢަމާރާ ގެއްލޭކަށް… އަހަރެން ނޫން ދެން ކާކަށް އެނގޭނީ މި ދެ އަހަރުގައި ބިޒީވާނެވަރު.. އަހަރެންނަށް އެނގޭ އަހަރެން އުޅުނު ގޮތް.. މަންމަމެން ކައިވެނީގެ ވާހަކަ ދެއްކިޔަސް އެހާ އަވަހަށް ކުރުވަން ނުބުނައްޗޭ… ޕްލީޒް…” ޖިހާދާއި ނޫރާއަށް އެގޮތް ކަމު ނުދިޔަ ކަމުގައި ވިޔަސް ދަރިފުޅުގެ އުފަލަށް ޓަކައި އެއްބަސްވީއެވެ.
ހަބަރު ލިބުނީއްސުރެ ޢަމާރާއަށް ހީވަނީ ދުވަސް ހިނގާލެއް ލަސްވެފައި ވާހެންނެވެ. އިންތިޒާރު ކޮށްކޮށް ވަރުބަލިވީއިރު ހެނދުނު 10 ވެސް ނުޖަހައެވެ.
“ހާދަ ވަރަކަށް ތި ހިނގާނީ.. މިތާނގަ އިށީނދެބަލަ..” ސޯފާގައި އިނދެފައި އާޝިޔާ ގޮވާލިއެވެ.
“ތިއްތާ.. ކީއްވެގެންތަ މިހާ ވަގުތު ދިގުވަނީ..؟”
“އިންތިޒާރު ކުރާތީނުން.. ދޭބަލަ އޮށޯވެ ނިދާލަން.. އޭރުން ވަގުތު ދާގޮތްވެސް ނޭނގޭނެ…” ކުދިވެރިންނަށް ބިސްގަނޑު އަޅައިގެންއައި އަމީނާ ބުނެލިއެވެ. ޢަމާރާ ހިނިތުންވެލާފައި ސޯފާގައި އޮށޯވެލީ އިކާންގެ ހިޔާލުތަކުގައި ހުރެއެވެ.
“ދޭބަލަ ދެން ތުއްތާ… ކޮއްކޮއަށް އުނދަގޫ ވެޔޭ…” މަލަކް ޢަމާރާގެ ކޮނޑުގައި ހިފާ ތެދުކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ. އެންމެ ފަހުން ކާޔަންއާއި މުލްކުވެސް އުނދަގޫ ކުރަން ފެށުމުން ޢަމާރާގޮސް ވަނީ ކޮޓަރިއަށެވެ. ތިއްތަގެ ބަސް އަހައިގެން ނިދަން ވަން ކަމުގައި ވިޔަސް ޢަމާރާއަށް ނިދުނުއިރު ހުރީ މެންދުރުވާން ކައިރިވެފައެވެ. ހޭލެވުނީ އަސުރަށް މގޮވާ ގަޑި ކައިރިވެފައި ވަނިކޮށް މަންމަ ގޮވުމުންނެވެ. އަވަސް އަވަހަށް ފެންވަރައިގެން ޢަމާރާ މެންދުރު ނަމާދު ކޮށް ނިމުނުއިރަށް ޢަސުރު ނަމާދަށްވެސް ގޮވައިފިއެވެ.
ހަވީރު ފިރިހެން ދަރިފުޅާއެކު ވިސާމާ ދިޔައީ ބާޒާރަށެވެ. އިކާންގެ އާއިލާއަށް ރޭގަނޑު ކެއުމަށް ރަނގަޅު އެއްޗެއް ތައްޔާރުކުރަން ތަކެތި ގަންނާށެވެ. ބުނެދޭން ނޭނގޭ ވަރަކަށް ޢަމާރާގެ ހިތް އަވަސްވަމުން ދިޔައެވެ. ސައިތައްޓެއް ހިފައިގެން ބެލްކަނީގައި އިނދެވުނީ ދިރިއުޅުމުގެ ކަންކަން ދާލެއް ބާރުކަމާމެދު ވިސްނާލާށެވެ.
“ހެލޯ..” ރިންގްވި ފޯން ނަގާ ކަންފަތުގައި ޖަހާލަމުން ޢަމާރާ ވާހަކަދެއްކިއެވެ. ކޮޅަށް ތެދުވެގެން ގޮސް ރެއިލިންގ ކައިރީ ހުއްޓިލިއެވެ. އިކާން ގުޅީއެވެ. ކުރިންވެސް ތިން ފަހަރަކު އިކާން ގުޅާފައި އޮތެވެ. އެއީ ޢަމާރާ ނިދާފައި އޮށްވައެވެ.
“ހާއި މައި ލާވް.. ނިދާފަ ދޯ އޮތީ… ދޮންތަ ބުނި..” އިކާންގެ އަޑުގައިވާ ހިތްހަމަޖެހުން ފާޅުވެއެވެ.
“ހޫމް… ނިދުނީ..” ޢަމާރާގެ ޖަވާބު ކުރުވެފައި އަޑު އައިލެއް މަޑެވެ.
“ލަވް… ކިހިނެއްވެފަ ތި ހުންނަނީ؟” އިކާން ސުވާލު ކޮށްލިއެވެ. “ބިރުންތަ؟ އަހަންނަށް އެނގޭ ބިރު ގަންނާނެކަން.. ކައިވެނި ވަގުތުން ނުކުރެވުނަސް ކައިވެނީގެ ވާހަކަ ދައްކާނެދޯ މިރޭ.. އަހަރެންވެސް ބިރުގަނޭ…” އިކާން އިތުރުކޮށްލިއެވެ.
“ހޫމް.. ކީއްވެ އިކާން ބިރުގަންނަނީ..؟”
“އަޅެ.. ލަވް ކައިރީ ކޮންމެ ގޮތަކަށް ހުއްޓަސް ޖެހިލުން ވެދާނެދޯ…” އިކާން ހީނލިއެވެ.
“ކޮން އިރަކު އަހަރެން ކެންގެ ލަވް އަކަށްވީ؟” ހިތް ނުތަނަވަސްވެފައި ހުރިވަރުން ޢަމާރާ ވާހަކައިގެ މައުޟޫ ބަދަލުކޮށްލިއެވެ.
“ފެނުނު ފުރަތަމަ ރެއިން ފެށިގެން…”
“ވަޓް.. ޔޫ ކްރީޕް…” ޢަމާރާއަށް ބުނެ ނުނިމެނީސް އިކާންގެ ބަރު ހުނުމުގެ އަޑު އިވުނެވެ. “މާރާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން. އަހަރެންގެ ހިތްވަނީ މާރާއަށް ހިބައިން ދެވިފައި.. ތީ ހަމައެކަނި އަހަރެންގެ މިލްކެއް..” އިކާންގެ ހިތަށް އެރިއެވެ.
“އެކަމަކު އަހަރެން ކައިރީ ރައްޓެހިވާކަށްވެސް ނާހާ.. ދެން އަހަރެން ކިހިނެއް؟” އިކާންގެ ހުނުމުގައި ބައިވެރިވަމުން ޢަމާރާ ބުނެލީ ސަމާސާ ރާގެއްގައެވެ.
“ޝަކުވާއެއްތަ ތި ކޮށްލީ؟.. މިރޭ އަހާނަން އެހެންވީމަ..”
“ނޫން.. މިރޭ އަހައިފިއްޔާ ނޫނެކޭ ބުނާނީ.. ނުކެރޭނެ އަހަރެންނަކަށް..” އަވަސް އަވަހަށް ޢަމާރާ ބުނެލިއެވެ.
“އޯކޭ.. މިރެއަކުނޫން.. މަންމަމެން ދިޔައީމަ.. އައި ވިލް ޕްލޭން ސަމްތިންގ..” އިކާން ސީރިއަސްވެލިއެވެ.
“ކެން… އައިމް ގޮއިންގ ވިތް ދެމް…” ޢަމާރާގެ އަޑު އައިލެއް މަޑެވެ.
“ވަޓް.. ނޯ… ޔޫ ކާންޓް ގޯ..” އިކާންގެ މޫޑު ވަގުތުން ބަދަލުވިއެވެ.
“އި. ކާން.. އައި ހޭވް ޓު.. އަހަރެން މަންމައަށް ވަޢުދުވިން. ކިޔަވަން ދިއުމަށްފަހު ކޮންމެ އަހަރަކު ރަށަށް ދާނެކަމަށް.. އެކަމަކު ފުރަތަމަ އަހަރުވެސް ނުދެވުނު.. މިދިޔަ އަހަރުވެސް އާދެވުނީ ކުޑަ ދުވަސްކޮޅަކަށް.. މިފަހަރުވެސް މި އައީ ހުޔާގެ ކައިވެންޏަށް.. އެންމެ ހަފްތާއެއް މި ލިބެނީ އެކޮޅުގަ ހުންނަން.. އަނެއްކާ ކިޔަވަން ފެށެން ހަފްތާއެއް ހުއްޓަ އެބަޖެހޭ އެކޮޅަށް ފުރަން. ހުޔާމެން ހަނީމޫންއަށް ކެނެޑާއަށް ދާ ވާހަކަ ބުނީ..” ޢަމާރާ މަސައްކަތްކުރީ އިކާންއަށް ވިސްނައިދެވޭތޯއެވެ.
“އެކަމަކު އަހަރެން ހާދަ މިސްވާނެއޭ..” އިކާން ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
“އެހެންތަ.. އެހެންވީއިރު ދާންވީނު އަހަރުމެން ދާއިރު ރަށަށް. ކެންއަށް ރަށް ވެސް ފެންނާނެދޯ އޭރަށް.” ކޮޅަށް ހުރެ ފަޔަށް ތަދުވެގެން ޢަމާރާ އައިސް ގޮނޑީގައި އިށީނެވެ.
“އެކަމަކު.. އޭރަށް މަންމަމެން އޯކޭވާނެތަ؟ ރަށުމީހުން ހާދަ އެއްޗެއް ކިޔާނޭ.. މާރާ. އެއީ ރަނގަޅުގޮތަކަށް ވާނެތަ؟” އިކާން ބުނެލިއެވެ.
“މަންމަމެން ދޯ.. އެމީހުން ގަބޫލުވާނެ.. އަހަރެންނަށް ޔަގީން.. ދެން އޮތީ ރަށު މީހުންގެ ވާހަކަ.. މީހަކު ކިޔާ އެއްޗެއް އަހަރުމެން ކިހިނެއް ހުއްޓުވާނީ.. އަހަރެން ބޭނުން އިކާން އަހަރެންގެ ރަށަށް ދާން..” ޢަމާރާ ހިނިތުންވެލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
” ހޫމް… އެހެންވީމަ ލަވް ބޭނުންވަނީ އެންމެންނަށް އަންގަން ދޯ. މީ ލަވްގެ މިލްކެއްކަން. ރަށަށް ދިޔައީމަ ވަރަށް މިނިވަން ވާނެދޯ އަނެއްކާ. ހެ ހެ..!!” އިކާން ލާނެއްވެލިއެވެ.
“ދެން.. އި.ކާ.ނޫ.. ތިގޮތަށް ވާހަކަ ދައްކަންޏާ އަހަރެން ފޯން ބާއްވާނީ..”
“ނޫން.. ޕްލީޒް ވެއިޓް.. އަދި އިރުކޮޅަކު.. ދެން ނުކިޔާނަމޭ އެކަހަލަ އެއްޗެއް..” އިކާން ހޭންފެށިއެވެ. އިރުގަނޑެއް ވަންދެން ރަށަށް ދިއުމާ ދޭތެރޭގައި ވާހަކަ ދައްކަން ތިބެފައި ފޯން ކަނޑާލީ އެކަމަށް ގޮތެއް ނުނިންމިއެވެ. އިކާންގެ މައިން ބަފައިންނާވެސް ވާހަކަ ދައްކަން ޖެހޭނެކަމަށް ބުނެފައެވެ.
އިޝާ ނަމާދުން ފަސްވީއްސުރެ ޢަމާރާގެ ހިތުގެ ތެޅުން ވަނީ ބާރުވެފައެވެ. ދައްތަމެންގެ ދިމާކުރުންތަކުގެ ސަބަބުން ހިތުގެ ނުތަނަވަސްވުން އިތުރުވެފައި ވިއެވެ. ކޮޓަރިއަށް ވަދެ ލޯގަނޑުން ފަރިބެލުނު ވަރެއް ނޭނގެއެވެ. އިކާންއަށް އެންމެ ރީތިކަމަށް ބުނާ މަޑު ނޫ ކުލައިގެ އަބާޔާ އާއިއެކު ހުދުކުލައިގެ ޝޯލްއެއް އަޅައިގެން ހުރިއިރު ޢަމާރާ ހީވަނީ ޕަރީއެއް ހެންނެވެ.
“ހޫމް.. ދެން ރީއްޗޭ މިހާރު.. މިރޭ އިކާންއަށް ގެއްލޭނެ އަހަރުންގެ މާރާ…” ދޮންބެ ދައްތަ ބުނެލި އަޑާއެކު ދޮންތައާއި ތިއްތަ ހީނގަތެވެ. ގޭތެރޭގައި ކަމެއް ކުރަން އުޅޭކަން އެނގޭތީ ކުދިވެރިންވެސް އުޅެނީ ނުނިދައެވެ.
“ދެން ދޮންބެ ދައްތާ.. އަޅެ ވަރަށް ބިރުގަނޭ އެބަ.. ހިތް ތެޅޭއަޑު މިހާރުވެސް އެބަ އިވޭ.. ” ޢަމާރާގެ ހާސްކަމުގެ ސަބަބުން ހުރީ ރޮވޭވަރުވެފައެވެ.
“އިޓްސް އޯކޭ… މާރާ.. ހުރިހާ ކަމެއް ދާނީ ރަނގަޅަށް.. އަދި މިއަދު ތިހާ ބިރުން އުޅެންޏާ އަސްލަށް ކައިވެނި ހަމަޖެހޭ ދުވަހު ހޭވެސް ނެތިދާނުން..” ކޮޓަރިއަށް ވަން ލިލީ ބުނެލިއެވެ. އެންމެންނަށް އެއް ފަހަރާ އެ ދިމާއަށް ބަލާލެވުނެވެ.
“ލި.. ދޮން…” ނަމުން ގޮވާލަން އުޅެފައިވެސް ޢަމާރާ ލިލީއަށް ގޮވާލީ އިކާން މުހާތަބުކުރާ ނަމުންނެވެ. ލިލީގެ ހިނިތުންވުން ފުޅާވެފައި ވެއެވެ.
“ހިނގާ ބޭރަށްދާން. އިންތިޒާރު ކޮށް ކޮށް މޮޔަވާވަރު ވެފައި ހުރި މީހެއް އެބަހުރި ބޭރުގަ.. ” ލިލީ ބުނެލިއެވެ. ބާރަށް ނޫނަކަސް އެންމެންނަށް އެއްފަހަރާ ހެވުނެވެ. ޢަމާރާ ނުކުތީ އެންމެންގެ ފަހަތުން ކަމުގައި ވިޔަސް ސިޓިންގ ރޫމްގައި ކޮޅުކޮޅު ހޯދަންހުރި އިކާން ފެނި ހީނލެވުނެވެ.
އެޕާރޓްމެންޓްގެ ބޮޑު ސިޓިންގރޫމްގެ ސޯފާތަކުގައި އިކާންގެ އާއިލާއާއި ޢަމާރާގެ އާއިލާ ތިއްބެވެ. ކުދިވެރިން އެއް ފަރާތެއްގައި ކުޅެން ތިއްބެވެ. އިކާން ބަލާކަން އެނގުނަސް ޢަމާރާ އިނީ އިސްދަށަށް ޖަހައިގެންނެވެ. އިކާންގެ ބައްޕައާއި ޢަމާރާގެ ދޮންބެ ވާހަކަ ދެއްކިއެވެ. ދެ އާއިލާގެ މެދުގައި ހަމަޖެހުނީ ޢަމާރާގެ ފަސްވަނަ އަހަރުގެ ކިޔެވުން ނިމުމުން ކައިވެނި ކުރުވުމަށެވެ. އިންޓާންޝިޕްގެ ދުވަސްވަރު ދެމީހުންނަށް އެކީގައި އުޅުމަށް ދަތިނުވާނެކަމަށް ޢަމާރާ އެއްބަސް ވުމުންނެވެ. އިކާންގެ އުފާވެރިކަން އެ މޫނުން ސިއްރެއް ނުވެއެވެ. ޢަމާރާ ގޮވައިގެން ލިލީ ތެދުވީ ބެލްކަންޏަށް ދާށެވެ. އިކާންއަށް ބަލައިލަމުން ހިނިތުން ވެލިއެވެ.
ބެލްކަނީގައި އިރުކޮޅެއް ވުމަށްފަހު މީހަކު އަންނައަޑު ޢަމާރާއަށް އިވުނެވެ. ލިލީ ކޮޅަށް ތެދުވީ އެތަނުން ދިއުމަށެވެ. ޢަމާރާއަށް ވަގުތުން ލިލީގެ އަތުގައި ހިފާލަމުން ބޯ ހޫރާލެވުނީ އިކާންއާއެކު އެކަނިވާން ބޭނުން ނުވާތީއެވެ.
“އައި ކާންޓް ސްޓޭ މާރާ… ކެން ބުނެގެން މި ގެނައީ…” ޢަމާރާގެ އަތަށް ފިތާލަމުން ހިނިތުންވުމާއެކު ލިލީ ބުނެލިއެވެ. ލިލީ ގޮސް އިރުކޮޅެއް ވީފަހުން އަނެއްކާވެސް ހިނގުމުގެ އަޑު އިވިގެން ދިޔައެވެ. ބޭނުންވިޔަސް ބަލާލާކަށް ޢަމާރާ އަކަށް ނުކެރުނެވެ.
“ލަވް..” ޢަމާރާ އިށީނދެއިން ގޮނޑީގެ ފުރަގަހުން ހުއްޓެމުން އިކާން ގޮވާލިއެވެ. ގޮނޑީގެ އަތްގަނޑުގައި އަތް އަޅުވާލަމުން ޢަމާރާގެ ކޮނޑާ ދިމާއިން ގުދުވެލީ އެއްވެސް އިޝާރާތެއް ނުވުމުންނެވެ.
“ހާއި.. ޓޫ ޝައި ޓު ލުކް؟.. ބައި ދަ ވޭ.. ޔޫ ލުކް ބްރެތް ޓޭކަންލީ ބިއުޓިފުލް..” ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ޢަމާރާގެ ބުރުގާ މަތިން ކަރުގައި އިކާން ވަސްބަލާލިއެވެ. “ސްމެލްސް އޯވސަމް..” ކަންފަތް ދޮށުގައި އިކާން ސިއްރުން ބުނެލިއެވެ. ސިހުނު ކަމުގައި ވިޔަސް ޢަމާރާ ދުރުވާކަށް ނޫޅުނެވެ. ހަށިގަނޑު ސީދާކޮށްލާފައި ގޮނޑީގެ ކައިރިން އައިސް ޢަމާރާގެ ކުރިމަތީގައި ހުރިގޮނޑި ޢަމާރާއާ ކައިރިކޮށްލަމުން އިކާން އިށީނދެލިއެވެ.
“ލުކް އެޓް މީ..” ޢަމާރާގެ ދަތްދޮޅީގައި އަތް ޖައްސާލާ އިސް އުފުލާލަން އިކާން ބުނެލީ މަޑުމައިތިރިކަމާއެކުއެވެ.
“ކެން.. ސޫޓްގަ ވަރަށް ރީތި..” އިކާންގެ މޫނަށްބަލާލަމުން ހިނިތުން ވެލާފައި ޢަމާރާ ވާހަކަ ދެއްކީ މަޑުންނެވެ.
” ކޮންމެ އެއްޗެއްގައިވެސް ކެން ރީތިވާނެ އެއްނު ދެން.. އަހަރެން ރީތިކަމުން ބަލާލަންވެސް ލަދުންތަ ތި އިންނަނީ؟” އިކާން ގޮޑީގެ ފަހަތު ބައިގައި ލެނގިލަމުން ފަހުރުވެރިކަމާއެކު ބުނެލިއެވެ. ޢަމާރާ ލޯ ހަނިކޮށްލަމުން އިކާންއަށް ބަލާލިއެވެ.
“ރީތި މީހުން ފެނުނީމަ ލަދުވެސް ގަންނާނެދޯ…” ޢަމާރާވެސް އިކާންއާ ސަމާސާ ކޮށްލިއެވެ.
“އޫމް ހޫމް.. ރީތިވީމަ ހަދިޔާއެއްވެސް ލިބެންވާނެދޯ…” އިކާން ގޮނޑިން ތެދުވެ ޢަމާރާ އިށީނދެއިން ގޮނޑީގެ އަތްގަނޑުގައި އަތް އަޅުވާލަމުން މޫނު ކައިރިކޮށްލިއެވެ. ސިހިފައި ޢަމާރާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ޢަމާރާގެ އެ އަމަލުން އިކާންގެ ގާތަށް ހިނި އައިކަމުގައި ވިޔަސް އެކަން ނުދައްކައެވެ. ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ޢަމާރާގެ މޫނާ މޫނު ކައިރި ކުރަމުންނެވެ.
“ކެއުމުގަ ބައިވެރިވާން މަންމަ އެބަ ހޯދާ…” ބެލްކަންޏަށް ނުކުތް ލިލީގެ އަޑާއެކު އިކާން ތެޅިގަންނަމުން ހަށިގަނޑު ސީދާކޮށްލިއެވެ. ޢަމާރާއަށްވެސް ތެދުވެވުނެވެ. އަވަސް އަވަހަށް ނުކުމެގެން ދިޔައީ ގަތް ލަދަކުންނެވެ.
2 Comments!
Comments are closed.



Masha Allah reethikan ♥️♥️♥️.. next part ge inthizaruga hurin
Insha Allah Thursday at 12:00