ވާނުހޭ ގާތުގާ- ފަސްވަނަ ބައި
“އެކަމަކުވާ ދޯ.. ކުރިން ދުވަހުވެސް އަހަރެން އަޑު އެހީމޭ އޭނަ ދިމާކުރި ވާހަކަ. އަހަރެން ބަލިވެގެން ޑިއުޓީއަށް ނާންނަ ދުވަހެއްކަން އެނގޭތީ އޭނައަށް އެހާ ފޮންޏެއް ވާން އެ ކެރުނީ.. މާރާ ނުބުނާނެ ކަމެއް ވިޔަސް.. އޮފީސް ތެރޭން އަހަންނަށް އެނގުނީވެސް…” ހިތްހަމަ ނުޖެހިފައިހުރެ ހުޔާ ބުނެލުމުން ޢަމާރާ ފެށީ ހޭންށެވެ. “ދެން ދަނީ.. ތިވާހަކަ ދައްކާނީ ފަހުން.. އަދި މިރޭ އެބަ އިނެއްނު ޑިނާރ އެއްވެސް.. ޑޫ އައި ރިއަލީ ހޭވްޓޫ ގޯ…” ގެއަށް ވަންނަން އުޅެފައި ޢަމާރާ ހުޔާގެ އަތުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ. ހުޔާވެސް ހިނިތުންވުމެއް ދިނުމަށްފަހު އާއެކޭ ބުނުމަށް ބޯ ޖަހާލިއެވެ.
ނަމާދު ކޮށްގެން ޢަމާރާއަށް ތައްޔާރު ވެވުނީ ހަމަ ކިރިޔާއެވެ. ލޯގަނޑުން އަދި އެއްފަހަރު ބަލާލިއިރަށް ހުޔާ ގުޅައިފިއެވެ. ވަގުތުގެ ގޮތުން ނުގުޅިދާނެތީ ޢަމާރާ އޮތީ ކުރީ ބައިގަ މަންމަ ކައިރީ ހުޔާއާ އެކު ގެއަކަށް ކެއުމަށް ދާވާހަކަ ބުނެފައެވެ. ޢަމާރާއަށް ބޭރަށް ނުކުމެވުނުއިރު ހުޔާއާއި ހާނިމް އަދި ނުހާވެސް ސައިކަލުމަތީ ތިއްބެވެ. ހާނިމްއާއި އާއި ނުހާ ތިބީ ރަތް ކުލައިން ގުޅުވާލާފައެވެ. ހުޔާއާއި ޢަމާރާއަށް ތިބެވުނީ ފިޔާތޮށި ކުލައިގެ ހެދުމުގައެވެ. އެކަކު އަނެކަކަށް ބަލާލަމުން ހީނލުމަށްފަހު 4 މީހުން އެކީގައި ކަހަލަ ގޮތަކަށް ދިޔައީ އިކާންގެ ގެއާ ދިމާލަށެވެ.
އިންތިޒާރު ކޮށް ކޮށް އިނދެފައި އިކާން ގެއިން ނުކުތީ ޢިޝާ ނަމާދު ކޮށްލައިގެން އަންނާށެވެ. 8 ޖަހާ ދިޔައިރުވެސް ގެއަށް ނުދެވުނީ ހުމާމްއާ ދިމާވެގެން ވާހަކައެއް ދައްކަން މަޑުކުރީމައެވެ. ލިލީގެ 2 މެސެޖް ފޯނަށް ލިބުމުން އިކާން ނައްޓާލީ ދެން ހުރެވެން ނެތް ކަމުގައި ބުނެލާފައެވެ. ހުމާމް ގެއަށް ގެންގޮސް ދީފާނަމޭ ބުނުމުންވެސް އިކާން ދެކޮޅު ހެދިއެވެ. ހުމާމްއަށް ޢަމާރާ ފެންނަން އިކާން ބޭނުން ނުވާތީއެވެ.
ކާމޭޒުގެ އެންމެ ކޮޅުގައި ޖިހާދު އިން އިރު ކަނާތް ފަޅީގައި ނޫރާ އަދި ވާތް ފަޅިން ލިލީ އިށީނދެގެން އިނެވެ. ލިލީއާ ޖެހިގެން ނުހާއާއި ހާނިމް ތިއްބެވެ. ޢަމާރާއަށް އިންނަން ޖެހުނީ ނޫރާގެ ކައިރީގައެވެ. ޢަމާރާގެ ކައިރީ ހުޔާ އިނެވެ. މޭޒުގެ އަނެއް ކޮޅުގައި ހުސް ގޮނޑިއެއް ހުއްޓެވެ. ލިލީ ދެފަހަރަކުގެ އިކާންއަށް މެސެޖް ކުރުމުން މި އަންނަނީ ކަމުގައި ބުނެފައި އޮތެވެ. އެހެންވެ ލިލީ އުޅުނީ މަންމަ އާއި ބައްޕައަށް އެކުވެރިން ތައާރަފް ކޮށްދިނުމުގައެވެ. ޢަމާރާގެ ނަން ބުނުމުން ނޫރާ ވަރަށް ފަރުވާތެރި ކަމާއެކު ކައިރީގައި އިން ޢަމާރާއަށް ބަލާލިއެވެ. އަމާރާ އިނީ ލަދުން ކަމުގައި ވިޔަސް ހިނިތުން ވުމާއެކު ސަލާމް ކޮށްލިއެވެ. ޖިހާދުވެސް ބަލާލީ ހިނިތުންވެ އިނދެއެވެ. ފިރިހެން ދަރިފުޅުގެ ހޮވުމާމެދު ހިތްހަމަ ޖެހުމުން ދެމަފިރިން އެކަކު އަނެކަކަށް ބަލާލަމުން މާނަވީ ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
ކާގެއަށް ވަންނަ ދޮރަށް ފުރަގަސްވާ ގޮތަށް އިނުމުން އިކާން ވަދެގެންއައި ތަނެއް ޢަމާރާއަކަށް ނުފެނުނެވެ. ނުހާ ލޮލުން އިޝާރާތް ކޮށްލުމުން ހުޔާއަށް ނަގައިގަނެވުނެވެ. މަންމަގެ ކައިރީގައި އިން ޢަމާރާ ފެނުމުން އިކާންގެ ހިނިތުންވުން ފުންވެލިއެވެ. މޭޒުގެ ކޮޅުގައި އިށީން އިކާން ދައްކާލަމުން ލިލީ އެންމެންނަށް އެއީ ކޮއްކޮ ކަމުގައި ބުނެ ތައާރަފެއް ދިނެވެ. އިކާންއޭ ބުނެލުމުން ކުޑަކޮށް ސިހިފައި ޢަމާރާ އެނބުރި ބަލާލިއިރު އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިކާން އިށީނެވެ. ސިއްރުން ހުޔާ ކައިރީ މިއީ ކޮން ކަމެއްހޭ ބުނެލިއިރު ޢަމާރާ އިނީ ކުޑަކޮށް ނުރުހުންވެސް ވެފައެވެ.
” ނޭނގެ.. ލިލީގެ ކޮއްކޮއެއް ހުންނަ ކަމަށް ނުހާއްތަ ބުނި. އެކަމް އިކާންކަން އެންމެ ފަހަރަކުވެސް ނޭނގެ.. ލިލީވެސް އެރޭ އިކާންއާ ވާހަކަ ދައްކަނިކޮށްވެސް ނުދެކެން..” ހަގީގަތް ބުނަން ހިތަށް އެރުވި ކަމުގައި ވިޔަސް ވަގުތު އައިސް ޖެހުމުން ހުޔާއަށް ނުކެރުނީއެވެ. ހުޔާއަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް ގަބޫލު ކުރަމުން ޢަމާރާ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ.
ކެއުމުގެ ތެރެއިން ދެ ފަހަރަކު ޖިހާދު ނޫރާގެ އަތުގައި ކޮށްޓާލަމުން ފިރިހެން ދަރިފުޅު ދައްކާލިއެވެ. އެ ކޮންމެ ފަހަރަކުވެސް އިކާން އިންނަނީ ޢަމާރާއާ ދިމާއަށް ބަލަހައްޓައިގެން މޮޔައެއްހެން ހެވިފައެވެ. ޢަމާރާ އެއްފަހަރު ލޯ އަޅާލިތަންވެސް ޖިހާދަށް ފެނުނެވެ. އެ ވަގުތު އިކާންއަށް އަޑު ވީއްލާ ކުޑަކޮށް ހެވުމުން އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.
“ދަރިފުޅު ކިހިނެއްވީ.. ކޮންކަމަކާ ތި ހެނީ..” ނޫރާ ސުވާލު ކުރިޔަސް ވެގެން އުޅޭގޮތް އޭނާއަށް އެނގެއެވެ.
“މީ.. ފްރެންޑޭއް ފޮނުވި ވީޑިއޯއެއް ބަލާލީ..” އަތުގައި އޮތް ފޯން ދައްކާލަމުން އިކާން ދޮގެއް ހަދާލިއެވެ.
ކައި ނިމިގެން ލިލީ ދިޔައީ ހުރިހާ އެންމެން ގޮވައިގެން ފުރަތަމަ ފަންގިފިލާގައި ހުންނަ ބޮޑު ބެލްކަންޏަށެވެ. ބެލްކަންޏަށް ދިއުމުގެ ކުރިން ގެ އެއްކޮށް ދައްކާލާނެ ވާހަކަ ލިލީ ބުންޏެވެ. ޖިހާދާއި ނޫރާ ސިޓިންގް ރޫމުގައި މަޑުކޮށްލީ ކުދިން ޖަހާ ސަކަރާތުގެ ތެރެއަށް ދިއުމުގެ ބޭނުމެއް ނެތޭ ކިޔާފައެވެ.
ސިޑިން އަރައިގެން ދިޔައިރު ލިލީއާ އެއްވަރަކަށް ނުހާއާއި ހާނިމް ދިޔައެވެ. ހުޔާއަށް އިކާން ލޮލުން އިޝާރާތެއް ކޮށްލުމުން ފޯނުން ފަހުދު އަށް ގުޅައިގެން ތަންކޮޅެއް އަވަސް އަވަހަށް މައްޗަށް އަރަން ފެށިއެވެ. ފަހަތުގައި ހުރި ޢަމާރާއާއި އިކާން އެއް ހަމަ ކުރިއެވެ. ލާފައި ހުރި ފިޔާތޮށި ކުލައިގެ ބޮޑު އަބާޔާގެ ސަބަބުން އަވަހަށް އަރަން ބޭނުން ވިޔަސް ވެއްޓިދާނެތީ ޢަމާރާއަށް ޖެހުނީ އިކާންއާ އެއްވަރަކަށް ދާށެވެ.
ފަހަރަކު ތަނެއް ދައްކަމުން ގޮސް އެންމެ ފަހުން ވަނީ ސްޓަޑީ ރޫމަށެވެ. ޢަމާރާއަށް އެތަން ފެނިފައި ހިނިތުން ވެވުނީ ބޭއިޙްތިޔާރުގައެވެ. އެތަން ވަނީ އޭނާ އެންމެ ބޭނުންވާ ކަހަލަ ފޮތް ތަކުން ފުރާލެވިފައެވެ. މިސްޓްރީ އާއި ލޯބީގެ އެކި ވާހަކަ ފޮތްތަކާއި މައުލޫމާތު ލިބޭ ކަހަލަ އެކި އެކި ފޮތްތަކެވެ. އަދި ޑޮކްޓަރީ ބޭހާއި ގުޅޭ ފޮތްތަކެއް ވާ ހަރެއްވެސް ހުއްޓެވެ. ޢަމާރާއަށް ވަގުތުން ދެވުނީ އެ ހަރުގަނޑުގެ ކައިރިއަށެވެ. އިކާން އުޅުނީ ޢަމާރާގެ ފަހަތުން ހިޔަންޏެއް ހެންނެވެ.
“ނެގިޔަސް އޯކޭތަ؟” ޢަމާރާ އަހާލީ ލިލީއާ ދިމާލަށް ބަލަން ހުރެފައެވެ.
“އާން.. ޢަމާރާ ބޭނުން އެއްޗެއް ނަގައިގެން ބަލަންވީ.. އެކަމް ދެން މިތާގަ އަހަންނަކަށް ނުހުރެވޭނެ. މިދަނީ އިށީންނަން.. ކެން ގިވް ހާ ސަމް ކޮމްޕެނީ..” ލިލީ ބޭރަށް ދާން ހިނގައިގަންނަމުން ބުނެލިއެވެ. ޢަމާރާއަށް އެ އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. ފޮތުގެ ތެރެއަށް ގެއްލިފައި ހުރެވުނީއެވެ. ޢަމާރާ ފަށަން އުޅޭ ދަތުރަށް މުހިއްމުވާނެ އެތަށް މަޢުލޫމާތެއް ހުރި ފޮތްތަށް އެތާގައި ހުއްޓެވެ.
“ޔޫ ލުކް ގޯޖަސް ޓުނައިޓް.. މާޝާﷲ” ކައިރިން އިވުނު އިކާންގެ އަޑަށް ސިހިފައި ޢަމާރާ ބަލާލިއެވެ. އިކާން ހުރީ ވަރަށް ކައިރީގައި ކަމަށް އެ އަޑުން ހީވިޔަސް ދެމީހުންގެ ދެމެދުގައި އިކާން ހުރީ ދުރުމިނެއް ބަހައްޓާފައެވެ. އެއްޗެކޭ ނުބުނެވި އުޅެނިކޮށް އަނެއްކާވެސް ވާހަކަ ދެއްކީ އިކާންއެވެ.
“ވައި ޑިޑް ޔޫ ލެފްޓް ދެޓް ނައިޓް.. ހުރިހާ ތަނެއް ހޯދިން..”
“ބޮލުގަ ރިއްސާތީ..” ޢަމާރާ ދިނީ ކުރު ޖަވާބެކެވެ.
“ދޮގު.. ތި ހަދަނީ ދޮގެއް.. އެ ހުރިހާ އިރު އިނދެފައި ހަމަ ކުއްލިއަކަށްތަ އެހާ ބޮޑަށް ރިއްސަން ފެށީ؟” ޢަމާރާއާ ގާތަށް ފިޔަވަޅެއް އަޅާލަމުން އިކާން ބުނެލީ ހަމައެކަނި ޢަމާރާއަށް އަޑު އިވޭހާ މަޑުންނެވެ.
“އަހަރެން ކީއްކުރަން ދޮގު ހަދަންވީ.. އެހެން ނޫނަސް އިކާންއަށް ކީއް..؟” ފަހަތަށް ފިޔަވަޅެއް އަޅާލަމުން ޢަމާރާ ވާހަކަ ދެއްކީ ފޫހި ގޮތަކަށެވެ.
“މާރާ..” އަކުރު ތަކަށް ދަމާލާފައި އިކާން ޢަމާރާއަށް ގޮވާލީ އޭނާގެ ގާތް މީހުން މުހާތަބް ކުރާ ނަމުންނެވެ. އިސްދަށަށް ޖަހައިގެން ހުރެފައި ކުއްލިއަކަށް ޢަމާރާ އިކާންގެ މޫނަށް ބަލާލިއެވެ. އިކާންގެ މޫނުން އެއްވެސް އެއްޗެއް ނަގައިގަތުމަކަށް ޢަމާރާއަކަށް ނޭނގުނެވެ.
“އައި ރިއަލީ ލައިކް ޔޫ މާރާ… ވިލް ޔޫ ބީ މައި ގާލް ފްރެންޑް.. ނޫން.. ވިލް ޔޫ މެރީ މީ…” ކައިރިއަށް ބޮޑު ފިޔަވަޅެއް އަޅާލުމަށްފަހު ޢަމާރާގެ ދެ އަތުގައި ހިފާލަމުން އިކާން ބުނެލިއެވެ. އަތް ދަމައިގަންނަން އުޅުނަސް އެކަން ޢަމާރާއަކަށް ކާމިޔާބެއް ނުވިއެވެ. އިކާން ހުރީ ތަންކޮޅެއް ބާރަށް ހިފަހައްޓައިގެންނެވެ.
“ނޫން. ތިކަމެއް ނުވާނެ.. އަހަރެން ރެޑީއެއްނޫން ރިލޭޝަންޝިޕަކަށް ދާކަށް.. މެރީކުރާކަށްވެސް.. އަދި މެރީކުރުން އެއީ އަހަރެންގެ ލިސްޓުގެ އެންމެ ފަހަތުގައިވާ ކަންތަށް..” ނުވިސްނާހުރި އިކާންގެ އަތުތެރެއިން އަތް ދަމައިގަނެ ފަހަތަށް ޖެހިލަމުން ޢަމާރާވާހަކަ ދެއްކީ މަޑުމަޑުންނެވެ. ބޭރުގައި ހުންނަ މީހަކަށްވެސް އަޑު އިވެން ބޭނުން ނުވާތީއެވެ.
“ވައި.. ކައިވެނި ކުރިޔަސް މާރާ އަށް ނުކިޔެވޭނީތަ.. އަހަރެން އެހީ ވާނަމޭ.. ޕްލީޒް..” ޢަމާރާ ނޫނެކޭ ބުނުމުން ދެރަވި ކަމުގައި ވިޔަސް އިކާންވެސް ހުރީ ދޫދޭކަށް ނޫނެވެ.
“ޑޯންޓް ކޯލްމީ ދެޓް.. އެއީ ވަރަށް ސްޕެޝަލް މީހުންނަށް ލިބޭން ހައްގެއް.. ޔޫ އަރް ނޯ ސްޕެޝަލް ޕާސަން އިން މައި ލައިފް.. އަހަރެން އެރޭ ޕާޓީއިން ދިޔައީ މި ހިސާބަށް މިކަންތަށް ދާން ނޭދޭތީ.. އިކާން މިކަންތަށް މިހިސާބަށް ގެނަޔަސް އަހަރެންގެ ހިތުގައި ނެތް އިކާންއާ ދޭތެރޭ އެކައްޗެއް ވެސް.. އައި ޖަސްޓް ސީ ޔޫ އެސް މައި ބްރަދަރސް ފްރެންޑް.. ދެޓްސް އޯލް..” އަމާރާ ހިތްހަމަ ނުޖެހުނު ވަރުން ބުނެވުނީ ކުޑަކޮށް ބާރަށެވެ. ރުޅިވެރިކަން ދައްކަން ބޭނުންވި ނަމަވެސް އެކަމެއްވެސް ނުވިއެވެ. އިކާން ބަލަން ހުރި ގޮތަކުން ޢަމާރާގެ ހިތަށް އުނދަގޫ ތަކެއް ވަނީއެވެ. ބޭނުންވީ ވީހާވެސް އަވަހަކަށް އިކާންގެ ކުރިމަތިން ދާށެވެ.
“ވެއިޓް..” ބޭރަށް ނުކުންނަން ހިނގައިގަތް ޢަމާރާގެ އަތުގައި ފަހަތުން އައިސް ހިފާލަމުން އިކާން ވާހަކަ ދެއްކިއެވެ. އަމާރާ އެނބުރި ބަލާލީ ނުރުހުންވެ ހުރެއެވެ. އެއްވެސް މީހަކު ޢަމާރާގެ ގައިގަ އަތްލުމަކީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ. އަތަށް ޖެހި ލަތްކާއެކު ޢަމާރާ ގޮސް ތަތްލީ އިކާންގެ މޭގައެވެ. މޭގައި އަތް ވިއްދާލަމުން ޢަމާރާ މަސައްކަތްކުރީ ދުރުވެލާށެވެ. އިކާން ދެއަތުން ޢަމާރާގެ ގައިގަ ބައްދާލަމުން “ޕްލީޒް” އޭ ބުނެ އާދޭސް ކޮށްލިއެވެ. އިކާން މާނަކުރީ އާނބަސް ބުނަން ކަމުގައި ވިޔަސް ގައިގަ އަތްލުމުން އައިސްފައި ހުރި ރުޅިއަކުން އިކާންގެ މޭގައި ދެ އަތުން އަޅާ ކޮށްޕާލުމަށްފަހު ކަންފަތްމަތީ ޖަހައިފިއެވެ. އިކާންއަށްވުރެ އިސްކޮޅުން އެތަށް ތަނެއް ކުރުވުމުން އިކާންގެ ކޮލުކަށިގަނޑާ ހަމައިގައި ޢަމާރާގެ އިނގިލިތަށް ޖެހުމުން ބޮޑަށް ތަދުވީ ޢަމާރާއަށެވެ. ލިބުނު ސިހުމުގައި މަޑުކޮށްލައިގެން ހުއްޓާ ޢަމާރާ ދުވެފައި ނުކުތީއެވެ.
އިކާން އަރާ ހަމަ ކުރުމުގެ ކުރިން ޢަމާރާ ސިޑިން ތިރިއަށް ފޭބީއެވެ. މަންމަމެން އަދިވެސް ތިބީ ތިރީގައިކަން އެނގުމުން ޢަމާރާގެ ފަހަތުން ދާކަށް އިކާންއަކަށް ނުކެރުނެވެ. ބެލްކަންޏަށް ނުކުތުމުގެ ހިޔާލުވެސް ނެތުމުން އިކާން ގަސްތުކުރީ ކޮޓަރިއަށް ވަންނާށެވެ. ކޮންމެ ގޮތެއް ވިޔަސް ކުރެވުނީ ކޮށްގެން ނުވާނެ ކަމެއްކަން އިކާންއަށް ވިސްނި ދެރަވެސް ވެއްޖެއެވެ. ކޮންމެވެސް ގޮތަކުން ފުރުމުގެ ކުރިން މާފަށް އެދޭނީ ކަމުގައި ހިތުލައިގެން ގޮސް ކޮޓަރިއަށް ވަނީއެވެ.
ނުކުމެގެން ދާން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފޭބި ޢަމާރާގެ ލޮލުގައި އިކާންގެ މައިން ބަފައިން އަޅައިގަތުމުން މަޑު ޖެހިލެވުނެވެ. އެނބުރި މައްޗައް އަރަން ގަސްތުކުރި ހިނދުގައި އިކާންގެ މަންމަ ނޫރާއަށް ފެނިގެން ގޮވާލައިފިއެވެ.
” މާރާ.. އާދެބަލަ މިތާ ދައްތަ ކައިރީ އިށީނދެލަން..” އެގެއަށް އައިސް ލިލީގެ ފަރާތުން ތައާރަފް ދިނީއަސުރެ އެ ދެމަފިރިން ޢަމާރާއާ މެދު ކަންކަން ބެހެއްޓިގޮތް އަމާރާއަށް ވިސްނާލެވުނީ ކައިރީ އިށީނުމުން ނޫރާ ޢަމާރާގެ ބޮލުގައި ފިރުމާލި ގޮތުންނެވެ. އެހެން ވިޔަސް އެއީ އެގޭގައި ކުދިން މަދުވުމުން ވާ ގޮތެއް ކަމަށް ޢަމާރާ އަމިއްލައަށް ނިންމާ ގަބޫލުކުރިއެވެ.
އެހެން އެންމެން ތިރިއަށް އަންނަންދެންވެސް ޢަމާރާއިނީ ނޫރާގެ ކައިރީގައެވެ. އެކި އެކި ވާހަކަ ނޫރާ ދެއްކިއެވެ. އިކާންގެ ކުޑައިރުގެ ވާހަކަ ތަކުން ފެށިގެން މިހާރުގެ އިކާންގެ އުޅުމުގެ ވާހަކަވެސް މެއެވެ. ފަހަކަށް އައިސް އިކާންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައި ވާހަކަ ނޫރާ ބުނީ ޢަމާރާއަށް ވާގޮތެއް ބަލާލުމުގެ ނިޔަތުގައެވެ. އެހެން ކަންކަމާ ސުވާލެއްވެސް ނުކޮށް އިނދެފައި އެކަމާ ޢަމާރާ ސުވާލު ކުރިއެވެ. ނޫރާ ބުނީ އިކާން އެއްވެސް ވާހަކައެއް ހިއްސާ ނުކުރާ ކަމުގައެވެ. އެހެން ވިޔަސް އޭނާ ގަބޫލު ކުރަނީ އެއީ އަންހެން ކުއްޖެއްގެ ސަބަބުން އައި ހެޔޮ ބަދަލެއް ކަމުގައެވެ. ބޭއިޙްތިޔާރުގައި ޢަމާރާ އަށް ހިނިތުން ވެލެވުނެވެ. އެކަމާ ހައިރާންވެސް ވެވުނެވެ.
“ކޮބާ އިކާން..” ލިލީމެން ފޭބުމުން ނޫރާ އަހާލިއެވެ.
“ނޭނގެ.. ޢަމާރާއާ އެކު ހުރީ.. ކޮބާ އޭނަ..” ލިލީ ބަލާލަމުން ބުނެލި ގޮތުން ޢަމާރާ ލަދުގަތެވެ.
“ކޮޓަރިއާ ދިމާއަށް ދިޔައީ އަހަރެން ފޭބިއިރު.. ނޭނގެ. ފަހުން ނާދޭ..” އަމާރާ ނުބަލާން އިނދެފައި ބުނެލިއެވެ.
ހުޔާއަށް ކަމެއް ފާހަގަ ވިއެވެ. އެކުވެރިޔާގެ ނަފްސަށް ވެރިވެފައިވާ ހިމޭން ކަމެކެވެ. އެހެން ވިޔަސް ޢަމާރާ އިނީ ހިތްހަމަ ޖެހިފައޭވެސް ހުޔާއަށް ހީވިއެވެ. ގެއަށްދާ މަގުމަތީ ޢަމާރާއާ ވާހަކަ ދައްކަން ހުޔާ ނިންމިއެވެ. 9:30 ވެ ދިޔަފަހުން ގެއަށްދާ ވާހަކަ ދައްކަން ފެށި އިރުވެސް އިކާންއެއް ނުފެނުނެވެ. ޢަމާރާ ކުޑަކޮށް ނުތަނަވަސްވެފައި ހުރީ އޭނާގެ ސަބަބުން އިކާން ހިތްހަމަ ނުޖެހުނީތީއެވެ. ނުބުނާން އިނދެފައިވެސް ފާހާނައަކަށް ދާން ބޭނުންވާ ކަމަށް ޢަމާރާ ބުނީ ލިލީ ކައިރީގައެވެ.
ލިލީގެ ފަހަތުން ޢަމާރާ މައްޗަށް އެރިއިރު ހުޔާ ސޯފާގައި އިނީ ބަލަހައްޓައިގެންނެވެ. ޢަމާރާއަކީ ގޭގެއަށް ގޮސް ފާހާނަކުރާ ކުއްޖެއް ނޫންކަން ހުޔާއަށް އެނގޭތީ ކޮންމެވެސް އެހެން ކަމެއް އުޅެނީ ކަމުގައި ގަބޫލު ކުރެވުނެވެ.
“މީ.. ދޮ.. ލި ލީ.. އި..ކާން ކޮބާތޯ ބަލާލަ ދެވިދާނެތަ..” މައްޗަށް އަރާފައި ލިލީގެ އަތުގައި ހިފާލަމުން ޢަމާރާ މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކިއެވެ.
“އަހަންނަށް ހީވެއްޖޭ ކަމެއް ވީހެން ތި ދެކުދިން ދޭތެރޭގައި.. އޭނަވީ ކޮޓަރީގަހެން ހީވަނީ.. ގޮވިޔަކަސް ނުއެއް ނުކުންނާނެ.. ވަންނަން ކެރޭނެ..؟” ލިލީވެސް ހުއްޓިފައި ވާހަކަ ދެއްކީ އޯގާތެރިކަމާ އެކުއެވެ. ކޮއްކޮ ލޯބިވާ ކުއްޖާދެކެ އޭނާވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެއްވެސް ޝަރުތެއްނެތި ޢަމާރާ ބަލައިގަންނަން ތައްޔާރަށެވެ.
“އެކީގަ ދަންޏާ ކެރޭނެ..” ހީނލަމުން ބުނެލިއިރު ޢަމާރާ ހުރީ އެވަރު ކަމަކަށް އެދެން ކެރުމުންވެސް ލަދުގަނެފައެވެ. ކޮލާއި އެއްކޮށް މުޅި މޫނަށްވަނީ ޖަންބުކުލަ އަރާފައެވެ.
“ދޮންތަ ދޮރު ކައިރީ ހުންނާނަން.. އެތެރެއަށް ވަނީމަ ކެން ދާނެ ނުކުމެގެން. މާރާ އެކަނި ވަނީމަ ވާހަކަ ދައްކަފާނެ.. އަހަރެން ބުނާނަން ނުހާ ކައިރީ އިހަށް މަޑުކޮށްލަން..” ޢަމާރާގެ ބޮލުގައި ފިރުމާލަމުން ލިލީ ވާހަކަ ދެއްކިއެވެ. އަދި ފޯނުނަގާ މެސެޖެއް ކޮށްލިއެވެ. ކިތަންމެ ޖެހިލުން ވިޔަސް ފުރައިގެން ދާއިރު އެއްވެސް މީހެއްގެ ހިތުގައި ޢަމާރާއަށް ޓަކައި ފުސްކަމެއް ވާކަށް އޭނާ ނޭދެއެވެ.
” ދޮން.. މިހާރަކު ނޫން..” ކޮޓަރި ދޮރުގައި ޢަމާރާ ޓަކި ޖަހާލުމުން އިވުނީ އިކާންގެ އަޑެވެ. އެ އަޑުން މާޔޫސްވެފައި ވާކަން ރަނގަޅަށް އެނގެއެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލާފައި ޢަމާރާ އެތެރެއަށް ވަނެވެ. ލިލީ މަޑުކުރީ ކޮޓަރި ފެންނަ ހިސާބުގައި ހުރި ބެލްކަނީގައެވެ.
“ދޮންތާ.. ޕްލީޒް.. ލީވް މީ އެލޯން.. ޖަސްޓް ފޯ ނައު..” އެނދުގައި އިށީނދެގެން ދެ ކަކުލުގައި އުޅަނބޮށި ވިއްދާލައި ދެއަތް ތެރޭގައި މޫނު ފޮރުވާލައިގެން އިނދެ އިކާން ވާހަކަ ދެއްކިއެވެ. ޖަވާބެއް ނައުމުން އިސްއުފުލާ ބަލާލުމަށްފަހު ކައްޓެއްހެން ތެދުވެއްޖެއެވެ. ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުރީ ކޮޓަރި ދޮރުގައި ލެނގިލައިގެން ހުރި ޢަމާރާއަށެވެ. ޢަމާރާ ހުރީ އިސް އުފުލާ ބަލާލަންވެސް ނުކެރިފައެވެ. އިކާންވެސް އަމިއްލަ ޖަޒުބާތު ތަކަށް ބާރު ފޯރުވަމުން ޢަމާރާއަށް ފުރަގަސް ދިނީ ކައިރިއަށް ދެވިދާނެތީއެވެ.
“ކީއްކުރަން..؟” ހަރުކަށި ރާގެއްގައި އެ ހުރިގޮތަށް ހުރެފައި އިކާން ބުނެލިއެވެ. ހިތަށް އުނދަގޫ ވީނަމަވެސް އިކާން އިތުރަށް ޢަމާރާއާ ކައިރިވާކަށް ބޭނުމެއް ނޫނެވެ.
“އަ އަހަރެން.. މާފްކުރޭ އިކާން..” އަޑު މަޑުނަމަވެސް އެކަމަށް ސަމާލުކަން ދީގެންހުރި އިކާންއަށް ޢަމާރާގެ އަޑު އިވުނެވެ.
“ކޮން ކަމަކަށް.. އެހެން ނޫނަސް ތިހެން ހިލޭ ފިރިހެނެއްގެ ކޮޓަރީގައި އެކަނި ހުރުމަކީ ޢަމާރާއާ ނުވެސް ގުޅޭ ކަމެއް..” އިކާން ބޭނުންވީ ޢަމާރާ ދެރަކޮށްލާށެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި އެއަށް ވުރެ ރީތިކޮށްވެސް ޢަމާރާއަށް އިކާންގެ އެދުމަށް ޖަވާބުދާރީ ވެވޭނެއެވެ.
“އަހަރެންނަށް ވާހަކަ ދެއްކުނު ގޮތުން.. ޖެހުނީމަ މާފަށް އެދޭކަށް ބޭނުމެއް ނޫން.. އެހެންވީ އިކާންވެސް ކަންތަށް ކުރި ގޮތުން.. ދެން އަހަރެން މި ކޮޓަރިއަށް މި އައީ ލިލީއާ އެކު.. އެބަހުރި ބޭރުގަ.. އަހަރެން މި އައީ ސިއްރުކަމެއް ކުރާކަށް ނޫން.. މި އައީ ވާހަކަ ދައްކަން.” ޢަމާރާ އިސް އުފުލާ ބަލާލިއިރު އިކާން ހުރީ އެނބުރި ޢަމާރާއަށް ބަލަހައްޓައިގެންނެވެ. އެއްވެސް އަސަރެއް އެ މޫނުން ފާޅެއް ނުވެއެވެ.
އިކާން އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ޢަމާރާއެވެ. ” އަހަރެން އަދި ކައިވެންޏަކަށް ތައްޔާރެއް ނޫން.. މިބުނީ އަހަރެން ފުރިހަމަ ކުރަން ބޭނުންވާ ކަމެއް އޮއްވަ އަހަރެން ބޭނުމެއް ނޫން އެކަހަލަ ކަމަކާ ވިސްނާކަށް.. ބޭނުމެއް ނޫން ކައިވެންޏެއް ކޮށްގެން މީހަކަށް ޑިޕެންޑް ވެގެން އުޅޭކަށް. އަދި ކައިވެނިކޮށްފައި ފިރިމީހާ ދޫކޮށްފައި 6 އަހަރު ވަންދެން ދުރުގައި އުޅޭކަށްވެސް ބޭނުމެއް ނޫން..”
” ޢަމާރާ.. ނުހާ ހޯދާ އެބަ. އާދޭދާން..” ޢަމާރާއަށް އެ ހިސާބަށް ބުނެވުނުއިރަށް ބޭރުން ލިލީ ގޮވާލިއަޑު އިވުނެވެ.
“ދަނީ..” ބޭރަށް ނުކުންނަން ދޮރުގައި ހިފާލަމުން އިކާންއަށް ބަލާލުމަށްފަހު ޢަމާރާ ބުނެލިއެވެ.
“މަޑުކޮށްބަ..” ބާރަށް އައިސް އަތުގައި ހިފަން އުޅެފައިވެސް އިކާން މަނާވެގަތެވެ. “ކޮންތާކަށް ދަނީ 6 އަހަރަށް.. ބުނެފަ ދޭބާ..” އިކާން އާދޭސްކޮށްލިއިރު އެ ލޮލުގައިވެސް ވަނީ އާދޭހެވެ.
” ޔޫ ޑޯންޓް ވަނަ ނޯ.. ފޮގިވް މީ.. އެންޑް އިފް ޕޮސިބަލް… ފޮގެޓް މީ އިކާން..” ދެފަރާތަށް ބޯ ހޫރާލުމަށްފަހު ޢަމާރާ ނުކުމެގެން ދިއުމުންވެސް އިކާންއަށް ހުރެވުނީއެވެ. ފަހަތުން ދާކަށްވެސް ނުކެރުނެވެ. ކުރެވުނު ކަންތަކަށް މާފަށް އެދެންވެސް ނުކެރުނެވެ.
ޢަމާރާއާއި ލިލީ ފޭބުމުން އިތުރަށް މަޑުނުކޮށް އެންމެން ނުކުތީ ގެއަށް ދާށެވެ. ނޫރާއާއި ޖިހާދުގެ ސުވާލުތަށް ލިލީއާ ކުރިމަތިވިއެވެ. އިކާންއާއި ޢަމާރާގެ މެދުގައި ކަމެއް ހިނގީތޯ އެހުމުން މިފަހަރު ލިލީ ދޮގެއް ހެދީއެވެ. ” އެންމެން އެކީ ތިބީމަ އެ ދެމީހުން ނަށް ވާހަކައެއް ނުދެއްކުނު.. އެހެންވެ އަޅުގަނޑު މި ދިޔައީ ގޮވައިގެން..” އިކާންގެ ބަހެއް އެކަމުގައި ނުހޯދާ މަންމަމެން ކައިރީ އެއްވެސް ވާހަކައެއް ބުނާކަށް ލިލީ ބޭނުމެއް ނޫނެވެ. ނޫރާއާއި ޖިހާދު ނިދަން ދިޔައީ ހިތްހަމަ ޖެހިފައި ތިބެއެވެ.
ގެއަށް އައި މަގުމަތީ އެތަށް ފަހަރަކު ހުޔާ ސުވާލު ކުރުމުން ވެސް މިހާރަކު ނޫން ކަމަށް ބުނެފައި ޢަމާރާ އެގޭގައި ވީ އެއްވެސް ކަމެއްގެ ވާހަކައެއް ނުދެއްކިއެވެ. ޢަމާރާގެ ގޭދޮށުގައި ހުޔާއާއި ދެމީހުން މަޑުކޮށްލައިގެން ތިބީ ނުހާ ގޮވައިގެން ދުއްވާލާފައި ހުޔާއާ އެކު ގެއަށްދާން އަންނާނެ ކަމަށް ހާނިމް ބުނުމުންނެވެ. “ބުނެބަލަ ދެން..” ޢަމާރާގެ އަތުގައި ހިފާ ތަޅުވާލަމުން ހުޔާ އަނެއްކާވެސް އަހާލިއެވެ.
“ހީ ޕްރޮޕޯސްޑް މީ..” އެއްވެސް އަސަރެއް ނުވާ ފަދައަކުން ޢަމާރާ ބުނެލީ ހެދުމުގެ ފުޅާ އަތްކުރީގައި އަޅާފައި އިން ރޭނދާކޮޅާ ކުޅެމުންނެވެ. ހުޔާ ދެލޯ ބޮޑުކޮށްލިއިރު އެ މޫނުމަތިން އުފާވެރިކަން ފެންނާން ހުއްޓެވެ. އިކާންއާ ޢަމާރާ ގުޅުމަކީ ހުޔާވެސް ވަރަށް ބޭނުންވާ ކަމެކެވެ. ހުޔާއަށް އެނގިފައި ވާ ގޮތުން އިކާންވެސް ކިޔަވަމުން ދަނީ ކެނެޑާގައެވެ.
“ވައި އާރ ޔޫ ސޯ ހެޕީ.. އައި ރެޖެކްޓެޑް ހިމް..” ހުޔާއާ ދިމާލަށް ލޯ އަޅާލަމުން ޢަމާރާ ބުންޏެވެ.
“އިކާން ކަހަލަ މީހެއް ލިބޭނީ ނަސީބުވެރިއަކަށް.. ޔޫ ޝުޑް ރިއަލީ ޓޭކް ދި ޗާންސް.. ކީއްވެ ނޯ ބުނީ..” ހުޔާގެ ހިނިތުންވުން ފިލައިގެން ދިޔައީ އެކުވެރިޔާގެ މޮޔަކަމޭ ހިތަށް އަރާފައެވެ.
“އަހަރެންނަކަށް އެއީ ނަސީބެއް ކަމުގައި ފީލްއެއް ނުވޭ… އަދި ހުޔާއަށް އިނގޭނެ އަހަރެން ބޭނުންވާ ކަންތަށްވެސް.. ދެކަންތަކަށް އެއްފަހަރާ ކިހިނެއް ފޯކަސް ކުރާނީ.. ރައްޓެހި ވިޔަސް ޓައިމް ދޭން ޖެހޭނެ. ކައިވެނި ކޮށްފިއްޔާ އިތުރު ޒިންމާ ތަކެއްވެސް ހުންނާނެ.. ޔޫނޯ ހައު އިޓް ވޯކްސް. އައި ކާންޓް ގެޓް ޕްރެގްނެންޓް ވައިލް އައި ސްޓަޑީ.. އައި ކާންޓް ލީވް މައި ކެރިއަރ… މިހާ ހިސާބަށް އައިސްފައި އަމުދުން ބޭނުން ނުވޭ ދޫކޮށްލާކަށް…” ޢަމާރާ ބޭނުންވީ އެކުވެރިޔާއަށްވެސް އޭނާ އެބުނާ އެއްޗެއް ވިސްނައިދޭށެވެ.
“އެކަމަކު.. އޭނާ..” ހުޔާ ބުނަން އުޅުނު އެއްޗެއް ހުއްޓުވީ ޢަމާރާއެވެ. “ޕްލީޒް.. ޑޯންޓް.. އަހަރެން ބޭނުމެއް ނޫން އިތުރަށް އެވާހަކަ ދައްކާކަށްވެސް. އަހަރެން އޭނާ ކައިރީ ބުނިން 6 އަހަރު ފަހުން ނޫނީ އެކަހަލަ ކަމަކާ ނުވިސްނާނެ ވާހަކަ. އަދި އިންތިޒާރު ނުކުރާންވެސް ބުނިން..” ޢަމާރާ ހީވީ އެންމެ ފަހުގެ ނިންމުން އިއްވާލި ހެންނެވެ. ބުނެލި އިރު އަޑުގައި ސާބިތުކަމެއް ވިއެވެ.
އެރޭގެ ފަހުން ހުޔާވެސް ޢަމާރާ ކައިރީ އިކާންގެ ވާހަކަ އެއްވެސް ވަރަކަށް ނުދައްކައެވެ. ހާނިމް އެހުމުންވެސް ޢަމާރާ ކިޔަވަންދަނީ ކޮން ޤައުމަކަށް ކަންވެސް ނުބުނީ އެ އަހަނީ އިކާން ބުނެގެންކަން ހުޔާއަށް އެނގޭތީއެވެ. ހުޔާއާއި ޢަމާރާ ބައްދަލުވެ ވާހަކަ ދައްކާ އުޅެނީ އޮފީނުންނާއި ޢަމާރާ ދިރިއުޅޭ ގެއިން އެކަންޏެވެ. އެއީވެސް ޢަމާރާގެ އެދުމުގެ މަތިން ކުރާ ކަމެކެވެ. އެއްވެސް ހާލަތެއްގައި އިކާންގެ ކުރިމައްޗަށް އެރުމަކީ ޢަމާރާ ބޭނުންވާ ކަމެއް ނޫނެވެ. އެކަމާ ހުޔާ ދިމާކޮށްވެސް ހަދައެވެ. ނަމަވެސް ޢަމާރާގެ ފަރާތުން އެކަމަށް އެއްވެސް ރައްދެއް ނުލިބެއެވެ.
ދުވަސްތަށް ވޭތުވަމުން ގޮސް ޢަމާރާ އޮފީހުން ވަކިވީ ފުރަން ހަފްތާއަކަށް ވެފައި ވަނިކޮންނެވެ. އެއާއެކު ކިޔެވުމުގެ ވިސާވެސް ޢަމާރާއަށް ހަމަޖެހުނެވެ. ޢަމާރާއާއި އެކު ވިޔަފާރި ކުރުމަށް ހުޔާވެސް ނުކުތީ ރާއްޖެއިން ބޭރަށްދާ ފުރަތަމަ ފަހަރަށް ވެފައި އެހާ ފިނި ޤައުމަކަށް ދާތީ އެކިކަހަލަ އަންނައުނު ގަންނަން ޢަމާރާ ބޭނުންވާތީއެވެ.. ހިތްހަމަ ޖެހޭވަރަށް ވިޔަފާރި ކޮށްގެން ދެކުދިން ގެއަށް ދިޔައީ ކައިގެންނެވެ. ޖެހިގެން އޮތީ ހުކުރު ހޮނިހިރު ކަމުން ޢަމާރާ އެދުނީ ދަތުރަށް ތައްޔާރު ވުމުގައި ހުޔާގެ އެހީތެރިކަމެވެ. ހުޔާ އުފަލުން އެއްބަސްވިއެވެ.
ފުރަން ހަމަޖެހިފައި އޮތީ 23 އޮކްޓޯބަރ ވާ އާދިއްތަ ދުވަހު ހެނދުނުއެވެ. ޗެކިންގ ފެށެން އިނީ ހެނދުނުގެ 8:30 ގައެވެ. 23 ގަޑިއިރުގެ ދަތުރުގައި ޢަމާރާގެ މަންޒިލަށް ދެވެނީ ދުބާއީ އިން ފްލައިޓް ޗޭންޖަކަށް ފަހުގައި 24 ވަނަ ދުވަހުގެ ހެނދުނުއެވެ. ހެނދުނު ދެވޭ ފްލައިޓަކުން ޢަމާރާ ޖާގަ ހޯދީވެސް އަލަށް ދަތުރުކުރާތީ އޮޅުމެއް އަރާފާނެ ކަމަށް ބަލާފައެވެ. ހިތް އަވަސްވުމާއި އެކި އެއްޗެހި ހިތަށް އެރުމުގެ ސަބަބުން އެދުވަސްކޮޅު ނިދުމަކީ އުނދަގޫ ކަމަކަށް ޢަމާރާއަށް ވެފައި ވިއެވެ.
ހާނިމްގެ ފަރާތުން ލިބުނު ހަބަރާއިއެކު ފަތިހުން ފެށިގެން އިކާން އިންތިޒާރު ކުރަމުން ދިޔައީ ހެނދުނު 7 ޖަހާނެ އިރަކަށެވެ. ހާނިމް ބުނި އެޑްރެސްގެ ކައިރިއަށް ދިޔައީ ގޭގައި ބައްޕަ ބޭނުންކުރާ ކާރުގައެވެ. މާސްކް އަޅައިގެން އަވި އައިނުވެސް ލޮލަށް ހެޔޮވަރު ކޮށްލައިގެން އިނީ ކާކުކަން ފެންނަ މީހަކަށްވެސް އެނގެން ބޭނުން ނުވާތީއެވެ. މީހުން މަދު ހިސާބެއް ކަމުން ކާރު މަޑުކޮށްގެން އޮވެވޭކަހަލަ ވަގުތަކަށް ވިއެވެ. ހާނިމްއާ ނުހާ އަދި ހުޔާގެ އެހީގައި ސޫޓްކޭސްތަށް ގެނެސް ގޭދޮށަށް މަޑުކުރި ޓެކްސީއަށް އެރުވިއިރަށް ގެއިން ޢަމާރާ ނުކުތެވެ. ލައިގެން ހުރީ ކަޅުކުލައިގެ އަބާޔާއަކާއި ގަދަނޫ ކުލައިގެ ޝޯލްއެކެވެ. ކޮނޑުގައި ލެޕްޓޮޕް ދަބަސް އަޅުވާލާފައި އޮތްއިރު އަތްމަތީ މުށި ކުލައިގެ ސްވެޓަރއެއް އޮތެވެ. ޢަމާރާ ދަނީ ކައިރި ޤައުމަކަށް ނޫނޭ އިކާންގެ ހިތަށް އެރީ އަތުގައިވާ ސްވެޓަރ ފެނުނީމައެވެ. ޢަމާރާއާއިއެކު ނުހާއާއި ހުޔާ ފަހަތު ސީޓަށް އެރުމުން ހާނިމް އިކާންގެ ކާރާ ދިމާލަށް ބަލާލިއެވެ. ހާނިމްގެ އިޝާރާތާއެކު އިކާން ކާރު ދުއްވާލީ އެމީހުނަށްވުރެ ކުރިން ފެރީއަކަށް އަރައިގެން ހުޅުލެއަށް ދާށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯރޓްގެ ފުރާ ގިމަތަ ކައިރީ ހުއްޓިލައިގެން އިކާން ހުރީ ޢަމާރާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ހާނިމް އަންނަތަން އިކާންއަށް ފެނުނީ އެތާ ހުންނަތާ 15 ވަރަކަށް މިނެޓްވެސް ވީ ފަހުންނެވެ. ހާނިމް އައިސް އިކާންގެ ކައިރީ މަޑުކުރިއިރު ފަހަތުން އައި ޢަމާރާއަށްވެސް އިކާން ފެނުނެވެ. ކުޑަދޮންބެ ދެކެ ހިތްހަމަ ނުޖެހޭން ބޭނުންވި ކަމުގައި ވިޔަސް އިކާން ފެނުމުން މި ހުރިހާއިރު ހިތަށް ލިބިފައި އޮތް ނުތަނަވަސްކަން ވެސް ފިލައިގެން ދިޔަފަދަ އިޙްސާސެއް ކުރެވުނެވެ.
ޗެކިންގް އެއް ގަޑިއިރު ލަސްވެފައި ވުމުން ޢަމާރާވެސް ވަންނަން ބޭނުމެއް ނުވިއެވެ. އިރުކޮޅަކު ހުޔާވެސް ވާހަކަ ދައްކާލަން ހުރެފައި ދުރަށް ޖެހިލީ އިކާން އެދިމާއަށް އަންނަން ފެށުމުންނެވެ. ޢަމާރާ ނޫނަސް އެ ފްލައިޓްގައި ދާ ބައިވަރު ދިވެހިން ތިއްބެވެ. އިކާންއާއި ޢަމާރާ އެކަނި ބައިތިއްބާފައި ދެން ތިބި މީހުން ކައިރީގައި އިން ކޮފީ ޝޮޕަށް ވަނެވެ. އަމާރާ އަނގައިންވެސް ނުބުނެ އިސްދަށަށް ޖަހައިގެން ހުރީ އަމިއްލަ ހިތަށް އަރާ ފައިބަމުންދިޔަ ކަންކަމާމެދު ސުވާލު އުފެދިފައެވެ.
“ސޮރީ މާރާ..” އިކާން ޢަމާރާގެ އަތުގައި ހިފާލަމުން ބުނެލީ ވަރަށް މަޑުންނެވެ.
“ކޮން ކަމަކާ..” މިފަހަރު އިކާން އަތްލުމުން ޢަމާރާ އަތް ފޮޅުވާލާކަށްވެސް ނޫޅުނެވެ.
“އެދުވަހު އެހެން ކަންތަށް ކުރެވުނީމަ”.
“އޯކޭ ވާނެ. އަހަރެން މާފް ކޮށްފިން..”
“އަދިވެސް ސޮރީ..” އަނެއްކާވެސް އިކާން މާފަށް އެދުނެވެ.
“މިހާރު ކޮން ކަމަކާ..” އިކާންއަށް ބަލާލަމުން ޢަމާރާ އަހާލީ ހައިރާންވެ ހުރެއެވެ.
“މިކަމާ..” އިކާން ޢަމާރާގެ އަތުން ދޫކޮށްލުމަށްފަހު ދެއަތުން ޢަމާރާގެ ގައިގަ ބައްދާލިއެވެ. ޢަމާރާ ސިހިފައި ލަދުން ދުރަށް ދާން ބޭނުންވިއެވެ. “މަޑުން ހުރެބަ.. ލެޓް މީ ހޯލްޑް ޔޫ ފޯ ދިސް ލާސްޓް ޓައިމް. އޮންލީ ފޮރ އަ މިނެޓް.. އައި ވޯންޓް ޗޭސް ޔޫ އަގައިން އާފްޓަރ ދިސް.. ނެވަރ އިން މައި ލައިފް ” ބައްދާލައިގެންހުރެ ލޮލުން ވެއްޓެން ދިޔަ ކަރުނަތިކި ސިއްރުން ފޮހެލަމުން އިކާން ވާހަކަ ދެއްކީ ކިރިޔާ ޢަމާރާއަށް އިވޭނެހެންނެވެ. ރުޅި އައުމަށްވުރެ ޢަމާރާ ހިތްހަމަ ޖެހެންވީ ސަބަބެއް ނުވިސްނުނެވެ. އިކާންގެ ގައިގަ ބައްދާލުމަށް ޢަމާރާގެ އަތް ހިތްލައިލި ވަގުތު އިކާން ދުރަށް ޖެހިލިއެވެ.
އިކާން ވައުދުވީހެން މިނެޓަކަށްވުރެ އިތުރަށް އެންމެ ހިނދުކޮޅަކުވެސް ނުހުއްޓެވެ. ޢަމާރާ އެއްޗެއް ބުނަން އަނގަ ހުޅުވާލި ހިނދު އިކާން ބޮލުގެ އިޝާރާތުން އެކަން މަނާ ކުރިއެވެ. ޢަމާރާއަށް އެ ކުރެވުނު އިހްސާސް ވަރަށް އަލެވެ. އެކަމަކުވެސް ޢަމާރާއަށް މިހާރު ވަގުތު ފާއިތުވެފައިވާ ކަހަލައެވެ. ހާނިމްމެން ކައިރިއަށް ދާން ހިނގާށޭ އިކާން ބުނީ ދުރު ބަލަހައްޓައިގެން ހުރެއެވެ.
ޕިއްޒާއަކަށް އޯޑަރ ދީގެންތިބި ހުޔާމެން ކައިރިއަށް އިކާންއާއި ޢަމާރާއައެވެ. ހުޔާގެ ކައިރީ ޢަމާރާ އިށީނުމުން އިކާންއަށް ޖެހުނީ މޭޒު ކޮޅުގައި އިން ގޮނޑީގައި އިންނާށެވެ. ބޯނެ އެއްޗަކަށް އޯޑަރު ދިނުމަށްފަހު އެކިއެކި ވާހަކައިގައި އެންމެން ތިބިއިރު ޢަމާރާއަށް އިނދެވުނީ ޖެހިގެން މޭޒު ކޮޅުގައި އިން އިކާންއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އިކާންއަށް އެކަން ފާހަގަވިޔަސް އަޅާނުލީ ހިތަށް އިތުރު ތަދެއްވާން ބޭނުން ނުވާތީއެވެ.
“ޕްލީޒް ތިވަރަށް ނުބަލަފާނަންތަ.. އަހަރެންނަށް މިވާ އުނދަގޫ ޢަމާރާއަކަށް ނޭނގޭނެ..” ޢަމާރާގެ ކަންފަތް ކައިރިއަށް ކައިރިވެލަމުން އިކާން ބުނެލީ ސިއްރުންނެވެ. ވަގުތުން ޢަމާރާގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ. ހުޔާއާއި ނުހާއަށްވެސް ޢަމާރާއަށް ވީގޮތް ފެނުނެވެ. ހުޔާއަށް ހީވީ އިކާންއާ ވާހަކަ ދައްކާފައި ދެމީހުން ގުޅުމަށް ޢަމާރާ އެއްބަސްވީ ކަމަށެވެ.
“ޔޫ ގައިޒް ޓުގެދާ؟” ސިއްރުން ޢަމާރާގެ ކަންފަތް ދޮށުގައި ހުޔާ ބުނެލުމުން ލޯބޮޑުކޮށްލާފައި އަވަސް އަވަހަށް ނޫނެކޭ ބުނެފިއެވެ.
“ގޮއްސަ ގުޅާނަން.. އޭރަށް ބުނެވޭނީ.. ނޮޓް ނައު..” ޢަމާރާ ހުޔާގެ އަތުގައި ހިފާލަމުން މަޑުމަޑުން ބުނެލިއެވެ.
“ބަލަ އަހަރުމެންވެސް އެބަ ތިބީމޭ.. ފަހަރަކު މީހަކު ސިއްރު އެބަ ކިޔާ… ފުރަތަމަ އިކާން. މިހާރު ހުޔާ..” ހާނިމްއަށް ނީނދެވިގެން ބުނެލުމުން ހުޔާއާއި ޢަމާރާ ހީނލިއެވެ. އިކާންވެސް ކުޑަކޮށް ހީނލިއެވެ.
ޕިއްޒާ ކައި ނިމިގެން އަދި ވަގުތުކޮޅެއް އޮތުމުން އެންމެން ވާހަކަ ދައްކާލަން ތިއްބާ އިކާން ތެދުވެ ދަނީއޭ ބުނެލިއެވެ. ބޭއިޙްތިޔާރުގައި ޢަމާރާއަށް އެއްލި އަތުން ހިފުނީ އިކާންގެ އަތުގައެވެ. އެހެން އެންމެން ހައިރާން ވިޔަސް އިކާން ހުރީ ހަމަޖެހިލާފައެވެ. އެނބުރި ބަލާލަމުން ކިހިނެއްވީހޭ އަހާލީ ބޮލުގެ އިޝާރާތުންނެވެ.
“އިހަށް ނުދޭބަ…” ޢަމާރާގެ އަމިއްލަ ނަފްސަށްވެސް މިހާރު ބާރެއް ނުވާފަދައެވެ. އެންމެން ތެރޭގައި އެހެން ބުނަންވެސް ކެރުނުކަމެވެ. އިކާން އިޝާރާތް ކޮށްލުމުން ހުޔާއާއި ނުހާ ގޮވައިގެން ހާނިމް ބޭރަށް ނުކުތީއެވެ. އެވަގުތަކީ މީހުންތަށް ޗެކިންއަށް ވަންނަންފެށި ވަގުތުކަމުން އެދެމީހުން ފިޔަވާ އެތާ އެތެރޭގައި ދެން ތިބީ އެތަނުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުއައްޒަފުންނެވެ.
4 Comments!
Comments are closed.



fazooo mi part ves hama vvvv salhi Ma
sifakurunthakah hama habeyss!!
kuriah oii part ah vrh inthizaaru kurevey eba😌
whenss next?
lym😊
Konme Thursday and Monday he mendhuru 12:00 ga vaahaka update vaany.
When is the next episode uploaded?
Now uploaded dear. Just now