Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނުހޭ ގާތުގާ- ތިންވަނަ ބައި

ފަޒޫ Level 310 Stories100 Login
December 1, 2025 9 Mins Read
2 Comments

“ކިހާ ދެރަވެއްޖެ ކަމެއް ދެން މީ.. ނެތެއްނު މީހަކަށް ކާއެއްޗެއް ކެވޭކަށްވެސް.. އަހަރެން ބުނެފިން ދޯ ރިޔާނަކާ ހެދި މޮޔަވެގެން އަހަރެން ނޫޅެމޭ.. ކީއްވެތަ ނުވިސްނެނީ.. އަހަރެންގެ ބޯއީފްރެންޑެއް ހުންނަކަން އެނގުނީމަވެސް ނުވިސްނުނު ދޯ.. ހެޔޮނުވާނެ.. އަހަންނަށް އުނދަގޫ ނުކުރޭ.. އެހެން ނޫނީ އަހަރެންނަށް ޖެހޭނީ މަޖުބޫރުން ރިޔާންގެ މައްސަލަ ހިފައިގެން އެޗް.އާރް އަށް ދާން…” ކިތަންމެ މަޑުން ބުނިނަމަވެސް ޢަމާރާ ރުޅި އައިސްފައި ހުރި މިންވަރު އެތާގައި ތިބި އެކަކަށްވެސް ސިއްރެއް ނުވިއެވެ. ރިޔާން ހުރީ ގޮތްދޫކުރާ ޙިޔާލެއްގައި ނޫނަސް ވަޒީފާ ގެއްލިދާނެކަމުގެ ބިރަށް އަވަހަށް އެތަނުން ނުކުމެގެން ދިޔައީއެވެ.

“އާރްގްގް… އަހަރެން ފުރަން މިހާ ކައިރިވެފަ އޮއްވަ މިއޮއްވާ ކަމެއްދޯ.. ބޯ ހަލާކު..” ބޮލުގައި ދެ އަތުން ހިފަހައްޓާލަމުން ގޮނޑީގައި އިށީނދެލި ޢަމާރާ ހިތަށް އަރަމުން ދިޔައެވެ. ހުޔާ ކައިރީ ދަނީ ކަމުގައި ބުނެފައި ޢަމާރާ ދިޔައީ އޭނާގެ ހެޑަކަށް މަސައްކަތްކުރާ ރަޝީދުގެ އޮފީހަށެވެ. މިއަދު މާބޮޑަށް ބޮލުގައި ރިއްސާތީ ބްރޭކެއް ނަގަން ބޭނުންވާ ކަމުގައި ބުނުމުން ރަޝީދުވެސް ވަރަށް އަވަހަށް އެއްބަސް ވެއްޖެއެވެ. ޢަމާރާއަކީ މަސައްކަތްތަކަށް ފަރުވާތެރިވާ ކުއްޖަކަށް ވެފައި ދުވަހަކުވެސް އެކަހަލަ ގޮތަކަށް ހާފްޑޭ ނަގާފައި ނުވާތީ ރަޝީދުގެ ހިތުގައި ސުވާލުވެސް އުފެދުނެވެ. އެހެން ކަމުގައި ވިޔަސް ޢަމާރާއަކީ މިހާރު ރިޒައިން ލާފައި ހުރި ކުއްޖަކަށް ވުމުން ކެނޑެން ވާއިރަށް ނިންމަންޖެހޭ ބައިވަރު މަސައްކަތަތަށް ހުންނާނެތީ ވަރުބަލިވެސް ވާނެކަމުގައި ރަޝީދު ދެކުނެވެ.

ހުޔާއަށް ޢަމާރާ ގެއަށް ދިޔަކަން އެނގުނީ ކައިގެން އައިސް މަސައްކަތުގައި އިރުކޮޅެއް ވީއިރުވެސް ޢަމާރާ ނުފެނުމުންނެވެ. ކަންވީގޮތް އެނގުމުން ގުޅާލަން ހިތަށް އަރާފައިވެސް މަޑުކޮށްލީ އޮފީސް ނިންމާފައި އެ ގެއަށް ވަދެލުމުގެ ނިޔަތުގައެވެ. ހުޔާ ގެއަށް ދިޔަ މަގުމަތީ ޢަމާރާއާ ބައްދަލުކުރީ އެގޭ ދޮރުމަތިންނެވެ. “ހާދަ ވަރުބަލިހެން ހީވެޔޭ.. ބަލީތަ..” ހުޔާއަށް ޢަމާރާ ފެނުނުހާއިރަކުން އަހާލިއެވެ.

“ނޫން.. އަހަރެން ގެއަށް އައިސް ނިދާލީ.. ދެންމެއަކު މި ހޭލީވެސް.. އެހެންވެ..” ހިނިތުން ވެލަމުން ޢަމާރާ ބުނެލިއެވެ. ” ރިޔާންގެ ކަންތަށްދޯ.. މަށަށް އޭރުވެސް ހީވިޔޭ.. ހިނގާބަލަ މައްސަލަ ޖައްސަން.. އޭރުން އެނގިދާނެދޯ ވާގޮތެއްވެސް..” ހުޔާގެ ހިޔާލަށް ޢަމާރާއަށް އެއްބަހެއް ނުވެވުނެވެ. “އުހޫން.. އަހަރެން ދާން މިހާ ކައިރިވެފަ ހުއްޓަ ބޭނުމެއް ނޫން ތިކަހަލަ އެއްވެސް ސަކަރާތެއް ޖަހާކަށް.. ދެން އިނީ އެންމެ 2 މަހެއްހާ ދުވަސް… އޭނަ އުޅެފާނެދޯ އޭރަށް ކޮންމެވެސް އެހެން ކަމެއްގަ.. ހެހެހެ.”

“ހޫމް އޯކޭ.. އެކަމު މާދަމާގެ ބްރޭކްފާސްޓް ހަނދާން ބަހައްޓާތި އިނގޭ…”

“ސުބްޙާނަﷲ. އަހަރެން ހަނދާން އެބަހުރި ނަސީބަކުން.. ތިކަން އެބަޖެހޭ ކޮންމެ ގޮތެއް ހަދާފަވެސް ކުރަން.. އެކަމް ބުނަން.. މީ ފަސްޓް އެންޑް ލާސްޓް ފަހަރު އިނގޭ އަހަރެން ތިކަހަލަ ކަމަކަށްކަށް ބޭނުން ކުރެވޭނެ… ” ދެލޯ ބޮޑުކޮށްލަމުން ޢަމާރާ ބުނެލިގޮތުން ހުޔާ ހިނިވެސް އައެވެ. ކުޑަ ވަގުތުކޮޅަކު ވާހަކަ ދައްކާލަން ތިބެފައި ހުޔާ ގެއަށް ދިއުމުން ޢަމާރާވެސް ގެއަށް ވަނީއެވެ.

ހުކުރު ދުވަހު ހެނދުނު ހެނދުނާ އިކާން ހޭލައިގެން އުޅެއެވެ. ނޫރާ ހުންނަނީ ދަރިފުޅުގެ ކިބައިން ފެންނަމުން ދާ ސިފަތަކުގެ ސަބަބުން އުފާވެފައެވެ. ދަރިފުޅުގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލައްޓަކައި ޝުކުރު ދެންނެވުނު ވަރެއްވެސް ނޭނގެއެވެ. އެއާއެކު ނޫރާއަށް ކަމެއް ޝައްކުވާތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ. ބޭރުގައި އިނަސް އިކާން ގިނަވަގުތު މިހާރު ފޯނަށް ބަލާފައި ހިނިތުން ވާތަން ނޫރާއަށް ފެނެއެވެ. ފޯނުގައި އިތުރު ގޮތަކަށް އަތް ނުލާތީ ފޯނުން އެ ބަލަނީ ފޮޓޯއެއްކަންވެސް ނޫރާގެ ތަޖުރިބާކާރު ސިކުނޑިއަށް ނަގައިގަނެވުނެވެ.

“ދަރިފުޅާ.. ކޮން ކުއްޖެއްތަ އެއީ…؟” ފޯނުން ޢަމާރާގެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ޖޫސް ތައްޓެއް ބޯން އިން އިކާން ސިހުނީ މަންމަގެ އަޑު އިވިފައެވެ. ޖޫސްކޮޅު ބޭރު ނުވި ނަމަވެސް އިކާން ކޮށިއެރިއެވެ. ” ކީކޭ. މަންމާ.. އެއްވެސް ކުއްޖެއްނޫން..” އިކާން ނުވާކަމަށް ހަދާލުމަށްފަހު އަވަސް އަވަހަށް ކާކޮޓަރިން ނުކުމެގެން ގޯތިތެރެ ބަގީޗާއަށް ނުކުތެވެ. “މަންމައަށް އެހާ ފަސޭހައިން އެ އިނގުނީ ކީއްވެބާ..” ބަގީޗާ ތެރެއަށް ނުކުމެ ހުރެ އިކާން އަމިއްލައަށް ވާހަކަ ދެއްކިއެވެ.

” މޮޔައެއްހެން އަބަދު ހިނި އައިއްސަ އިންނަންޏާ އެނގޭނެ އެންމެންނަށް.. ” ޖިހާދު ވާހަކަ ދެއްކީ އިކާންގެ އަޑު އިވިގެންނެވެ. އިކާން އެތަނަށް ނުކުތްއިރުވެސް ޖިހާދު ބެންޗްގައި އިނެވެ. އެކަން އިކާންއަށް އެވަގުތު އެނގޭވަރެއް ނުވީއެވެ. ގަތްލަދުން އިކާންއަށް ބައްޕައާ ދިމާލަށް ބަލާލަންވެސް ނުކެރިފައި ހުރީއެވެ.

“ދަރިފުޅު އާދެބަލަ ބައްޕަ ކައިރީ މިތާ އިށީނދެލަން..” ބެންޗްގައި ޖިހާދު ކައިރީ ހުސް ޖާގައިގަ އަތް ޖަހާލަމުން އިކާންއަށް ބުނެލިއެވެ. އިކާން އައިސް އިށީނުމުން ޖިހާދު ވަރަށް ރަނގަޅަށް އިކާންއަށް ބަލާލިއެވެ.

“ދަރިފުޅަށް އެނގޭދޯ ދަރިފުޅުމެންގެ ކަންކަން ބައްޕަމެނަށް އެނގޭނެކަން.. ތިކުދިން ބޮޑެތިވީ ބައްޕަމެން ކުރިމަތީގަ އެއްނު…” ޖިހާދު ވާހަކަ ފެށީ ދުރުދުރުން ކަމުގައި ވިޔަސް ވާހަކައިގެ މިސްރާބު ހުރި ދިމާ އިކާންއަށް އެނގުނެވެ. ” ދެން ބުނެބަލަ.. އެއީ ކޮން ކުއްޖެއްތަ..؟ ބައްޕައަށްވެސް ފާހަގަ ވެއްޖެއޭ މިހާރު. ބައްޕައަށް ހީވޭ އެއީ ވަރަށް ރަނގަޅު ކުއްޖެއްހެން..” އިކާންގެ ކޮނޑުގައި ޖަހާލަމުން ޖިހާދު ހީނލިއެވެ.

“ބައްޕައަށް ކިހިނެއް އިނގެނީ އެއީ ރަނގަޅު ކުއްޖެއް ހެން..؟” އިކާން ބައްޕައާ ދިމާލަށް އެނބުރިލަމުން ހެވިފައި އިނދެ ބުނެލިއެވެ. ޖިހާދުވެސް ކުޑަކޮށް އަޑުވީއްލާ ހީނލިއެވެ.

“ދަރިފުޅަކަށް ނޭނގޭތަ ދަރިފުޅަށް އައިސްފައި ހުރި ހެޔޮ ބަދަލުތަކެއް؟ ހެނދުނު ހޭލުމާ، ބަރާބަރަށް ނަމާދުވެސް އެބަ ކުރޭ.. ބައްޕަމެނަށް ދައްކާލަން ގެންނާނީ ދެން ކޮން އިރަކުން؟” ޖިހާދުގެ ވާހަކަ އަޑު އަހާފައި އިކާން ކުޑަކޮށް ސިހުނެވެ. ބައްޕަ އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެހުމުން އެއްވެސް ވާހަކައެއް ސިއްރުކުރާކަށް އިކާންގެ ވިސްނުމުގައެއް ނެތެވެ.

“ބައްޕާ.. އަޅުގަނޑު.. އެއީ ވަރަށްބޮޑު ސިއްރެއް.. ” ހާސްވެފައި އިނދެފައި އިކާން ބައްޕައާ ކުރިމަތިލިއެވެ. ” އަޅުގަނޑު.. އަޅުގަނޑު އަދި އޭނާއާ ވާހަކަވެސް ނުދައްކަން.. އަޅުގަނޑަށް އަދި އެންމެ ދެފަހަރު އޭނަ ފެނުނީވެސް..” އިސްދަށަށް ޖަހާލައިގެން އިނދެ އިކާން އުނދަގޫ ގޮތަކަށް ވާހަކަދެއްކިއެވެ.

” އެހެންތަ.. ދަރިފުޅު ނޫޅެންތަ ވާހަކަ ދައްކާކަށްވެސް.. ދެން އޭނާއަށް ނަމެއްވެސް ނުކިޔާތަ؟” ލަދުންއިން ދަރިފުޅަށް ބަލާލަމުން ޖިހާދު ވާހަކަދެއްކީ ކެތްތެރިކަމާއެކުއެވެ.

” ބައްޕާ… އެއީ ޢަމާރާ ކިޔާ ކުއްޖެއް.. ރާއްޖެތެރެ ކުއްޖެއް.. އަޅުގަނޑު ކުރީރޭ ޕާޓީއަށްދިޔަ މަގުމަތީ ފެނުނީ.. އަދި ވާހަކަވެސް ދައްކާނަން އިންޝާﷲ.. އަދި މި ތައްޔާރުވަނީ ހަމަ. ޢަމާރާގެ ކުރިމައްޗައްދާން… ” ޔަގީންކަމާއެކު އިކާން ބުނެލިގޮތުން ދަރިފުޅު ހުރީ އެކަމުގައި ސާބިތުވެކަން ޖިހާދަށް ވިސްނުނެވެ.

“މައްސަލައެއް ނެތް.. އެކަމަކު ދަރިފުޅުވާނެ މިފަހަރު ފުރުމުގެ ކުރިން ތިކަން ކޮންމެވެސް ކޮޅެއްގައި ޖެހޭތޯ ބަލާލަން. ދެ މަހާއި 15 ވަރަކަށް ދުވަހޭނުން ދެން އިނީ. އެހާދުވަސް އެއީ ތިކަހަލަ ކަމަކަށް ވަރަށް ދިގު މުއްދަތެއް..” ހިނިގަނޑެއް ޖަހާލަމުން ޖިހާދު އިކާންގެ ބުރަކަށީގައި ފިރުމާލިއެވެ. އިކާން ހަމައެކަނި ބޯޖަހާލީއެވެ. އަދި ބައްޕަގެ އިތުރު ސުވާލަކަށް ޖަވާބުދޭން ބޭނުން ނުވާތީ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.

“ނޫރާ.. އަހަރުމެނަށް ހީވީ ހަމަ ރަނގަޅަށް.. އަހަރުމެންގެ ދަރިފުޅަށް ލޯބިވެވިއްޖެ. އެ ކުއްޖާގެ ހުންނަ ރަނގަޅު ސިފަތަކެއްގެ ސަބަބުން އެދަރިވެސް އެ ބަދަލުވަނީ” ޖިހާދަށް އެ އުފާވެރިކަން އަނބިމީހާއާއި ހިއްސާ ނުކޮށެއް ނުހުރެވުނެވެ.

“އަލްޙަމްދުﷲ.. ވިލާތު ކުއްޖަކާއޭ މަގޭދަރި އިންނާނީ ހީކޮށް މި ހުރިހާ ދުވަހު އަހަރެން މި ވިސްނަނީ އެކަމާ .. އެ ދަރިޔަށްޓަކާ ދުޢާ ކުރެވުނު ވަރުވެސް ނޭނގެ. އިންޝާﷲ އަހަރެންގެ ދުޢާ އިޖާބަ ކުރައްވައިފި..” ނޫރާ އުފަލުން ފެންކަޅި ވެފައިހުރެ ވާހަކަ ދެއްކިއެވެ.

“އަދި ވަރަށް ގިނައިން ދުޢާ ކުރަން ޖެހޭނެ އަހަރުމެން.. އަަދި އުޅެނީ އެ ކުއްޖާއާ ވާހަކަވެސް ނުދައްކާ.. ހަމައެކަނި ފެނިގެން..” ފުން ނޭވާއެއް ދޫކޮށްލަމުން ޖިހާދު ބުނެލުމާއެކު ނޫރާ ކުޑަކޮށް މާޔޫސްވިއެވެ. ” އެކަންވާނެ.. އަހަރެންނަށް ވަރަށް އުއްމީދު އެބައޮތް. އެއީ މަގޭ ދަރިއެކޭ. ހަނދާންވެ އެއްނު ނޫރް ހޯދަން އަހަރެން އުޅުނު ގޮތް.” ނޫރާގެ ކޮނޑުގައި ހިފާ ކައިރިކޮށްލަމުން ޖިހާދު ވާހަކަ ދެއްކުމުން ނޫރާވެސް ހިނިތުން ވެލައިފިއެވެ.

ހެނދުނު ހެނދުނާ ހޭލަން ޖެހުމުން ޢަމާރާގެ މޫޑު ހަރާބުވީ ނަމަވެސް ހުޔާގެ ކަމެއްގައި ވީމަ ދެކޮޅު ނުހެދީއެވެ. ހުޔާ ބުނިހެން އެ ވަގުތުގެ ގޮތުން ރެސްޓޯރެންޓްގައި މީހުން ވަރަށް މަދެވެ. ހުޔާ ބުނިހެން ޢަމާރާ ބޭންދީ ދުރުގައި އިން މޭޒެއްގައެވެ. ރެސްޓޯރަންޓްގެ ވަންނަ ދޮރާ ކައިރީ ޢަމާރާ އިންއިރު ހުޔާމެން ތިބީ ރެސްޓޯރެންޓްގެ ތަންކޮޅެއް އެތެރޭގައެވެ. ބޭރުން ވަންނަ މީހުންނާއި މަގުމަތީގައި އުޅޭ މީހުން ޢަމާރާއަށް ރީތިކޮށް ފެނެއެވެ. އެކަނި އިންނަން ޖެހުމުން ފޫހިވީ ކަމުގައި ވިޔަސް ރަހުމަތްތެރިޔާއަށް ޓަކައި ޢަމާރާ އިނީ ނިދިޖެހުނަސް އެތާނގައި އިންނާށެވެ.

ކުއްލިއަކަށް ރެސްޓޯރަންޓްގެ ދޮރުން ވަދެގެން އައި ހާނިމް ފެނިފައި ޢަމާރާ ވަރަށް ބޮޑަށް ސިހިއްޖެއެވެ. ފޯނުނަގާ ހުޔާއަށް މެސެޖް ކޮށްލަން އުޅުނު ވަގުތު ހާނިމްއަށް ޢަމާރާ ފެނިއްޖެއެވެ. ޢަމާރާއަށް މެސެޖް ނުލިޔެވިގެން އުޅެނިކޮށް ހާނިމް އައިސް ޢަމާރާގެ ކުރިމަތީގައި އިށީނދެއްޖެއެވެ. ހާނިމް އައުމުން ޢަމާރާ ހާސްވާން ފެށިއެވެ. ” ޢަމާރާ.. ހާދަ ވަރަކަށް ތި ދާހިއްލަނީ… ކީއްތިކުރަނީ މިތާގަ އެކަނި؟” ހާނިމް މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކުމުންވެސް ޢަމާރާއަކަށް ޖަވާބެއް ނުދެވުނެވެ. އަނގަ ހުޅުވާލާފައިވެސް އަޑު ބޭރު ނުވުމުން މަޑުން އިނީއެވެ. ނުވިތާކަށް ހުޔާއަށް މެސެޖް ކުރަން ވެސް ހަނދާން ނެތުނީއެވެ.

” ސާބަސް ޢަމާރާ.. އަހަންނަށް އިނގޭ ތި އައީ ހުޔާ ޑޭޓަކަށް އަންނާތީ ކަން.. މަންމަ ބުނި އަހަރެން ނުކުތް ގަޑީގައި. އެނގެއޭ އެތެރޭގަ އެބަތިބިކަން އެ މީހުން…” ހީނލަމުން ހާނިމް ވާހަކަ ދެއްކީމައި ޢަމާރާވެސް ހަމަޔަކަށް އެޅުނެވެ.

“ހެއި… މީނީ ހަމަ ވަންނަ ތާގައި..” އައި ފޯން ކޯލަކަށް ޖަވާބު ދެމުން ހާނިމް ގޮނޑީގައި އިނދެފައި އެނބުރި ދޮރާ ދިމާލަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ޢަމާރާގެ ލޮލުގައި އަޅައިގަތީ ރެސްޓޯރަންޓްގެ ދޮރުން ވަދެގެން އަންނަ ޒުވާނާއެވެ. އެއީ މީގެ ދުވަސްކޮޅެއް ކުރިން އެއްރޭ ދެފަހަރު މަތިން ފެނުނު ޒުވާނާއެވެ. ޢަމާރާއަށް ބަލާލެވުނުއިރު އޭނާގެ ނަޒަރުވެސް ހުރީ ސީދާ ޢަމާރާއަށެވެ. ކުޑަކޮށް ހިނިތުން ވެލައިގެން ހުރެ އައިސް މޭޒާ ހަމައިގައި ހުއްޓެމުން ހާނިމްއާ ދިމާލަށް ބަލާލިއެވެ. ހާނިމް އެވަރަކުން މަންމަ ކައިރީ އަހައިގެން ހުޔާ ދިޔަ ތަނެއް ބެލީ އެތަނެއްގައި ޢަމާރާވެސް ހުންނާނެކަން އެނގޭތީއެވެ. އިކާން ބޮލުގައި ކޮށާ ވަރުން އުނދަގޫ ވެގެންނެވެ.

“ވީ ހޭވް ކޮމްޕެނީ؟” އިކާންއައިސް ޢަމާރާއާ ޖެހިގެން ހުރި ގޮނޑި ބޭރަށް ދަމާލަމުން ވާހަކަ ދެއްކީ ހާނިމްއާއެވެ.

“އެނީ ޕްރޮބްލޮމް؟ އެހެން ވިއްޔާ ހިނގާ އެހެން މޭޒަކަށް..” އަވަސް އަވަހަށް ހާނިމް ބުނެލީ އިކާން ތަޅުވާލުމުގެ ބޭނުމުގައެވެ. “އުހޫން.. އައިމް ފައިން. ހިޔާ…” ހާނިމް ނިކަން ބާރަށް ހީނގަތުމުން އިކާން ލޯ އަޅާލައިފިއެވެ.

“އިންޓްރޯ އެއް ވެސް ނެތްތަ؟” އަނެއްކާވެސް ނީނދެވިގެން ވާހަކަ ދެއްކީ އިކާނެވެ. ހާނިމަށް އިކާންއާ ދިމާލަށް ބަލާލީ ޔަގީންނުވެފައި އިނދެއެވެ. އިކާންއަކީ އެހާ އަނގަ ގަދަވެގެން އުޅޭ މީހަކަށް ނުވީމައެވެ. ” މިއީ ޢަމާރާ..” ޢަމާރާ ހިނިތުންވެލުމުން ހާނިމް ބުނެލީ އިކާނަށް ބަލަން އިނދެއެވެ.

“ދެން އެއީ އިކާން. އަހަރެންގެ ފްރެންޑެއް.. ބޭރުގައި އުޅެނީ ކިޔަވަން. މިހާރު ޗުއްޓީވީމަ އައިސްގެން އެ އުޅެނީ..” އިކާން އަށް ވާހަކަ ނުދެއްކިގެން އުޅެނިކޮށް ހާނިމް ޢަމާރާއަށް އިކާންގެ ވަނަވަރު ކިޔައިދިނުމުން އިކާންއަށް ހުމާމްއާ ދިމާލަށް ބަލާލެވުނެވެ. އެއީ އަހަރެން ބުނަންޖެހޭ ބައެކޭ ބުނާފަދަ ގޮތަކަށެވެ.

“އަހަރެން އެބަ އަންނަން. ތިބެލާ އިނގޭ..”

“ކޮންތާކަށް” ޢަމާރާ އަވަސް އަވަހަށް ބުނެލީ އިކާންއާއެކު އެކަނި އިންނަން ބޭނުން ނުވާތީއެވެ. “އެބަ އަންނަމޭ.. މަޑުކޮށްބަލަ. ހީވިލްބީ އަ ގުޑް ކޮމްޕެނީ..” އެއްލޯ މަރާލަމުން ހާނިމް ބުނުމުން ޢަމާރާއަށް އިތުރަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.

ހާނިމް ދިޔުމަށްފަހުވެސް ވަގުތުކޮޅެއް ފާއިތުވީއިރުވެސް ދެމީހުންކުރެ އެކަކުވެސް އަނގައި ނުބުނެއެވެ. ޢަމާރާ އިނީ އިސްދަށަށް ޖެހިގޮތަށް ފޯނަށް ބަލަހައްޓައިގެންނެވެ. އިކާންގެ ކަމަކަށްވީ ކަޅިޖަހާނުލާ ޢަމާރާގެ މޫނަށް ބަލާފައި އެކަނި މާއެކަނި އެހެން އިނދެގެން ހިނިތުންވުމެވެ. ޢަމާރާއަށް އިކާންގެ ނަޒަރު އިހްސާސްވެ އުނދަގޫވާން ފެށިއެވެ.

” ކޯއްޗެއްތަ ތިވަރަކަށް ތި ބަލަނީ؟” އެންމެފަހުން ނީނދެވިގެން ޢަމާރާ އިކާންއަށް އިޝާރާތްކޮށް ވާހަކަ ދެއްކީ އެ މޫނަށް ބަލާލަމުންނެވެ. ނުވާކަމަށް ހަދާފައި އިކާން ދުރަށް ބަލާލިއިރު އެ ތުންފަތުގައިވީ ހިނިތުންވުން ފިލުވާލައިފިއެވެ.

“ތި މޫނަކަށްނު..” އެއްވެސް ޖެހިލުމެއްނެތި އިކާން ބުނެލިގޮތުން ވީ ހައިރާނަށްވުރެ ޢަމާރާވީ ފޫއްސެކެވެ. ކުއްލިއަކަށް ހަނދާންވީ ރިޔާންގެ މަތިންނެވެ. ބޭއިޙްތިޔާރުގައި ތުން އަނބުރާލެވުނުއިރު އިކާން ބަލަން އިނދެފައި ހޭންފެށިއެވެ. ޢަމާރާ ހައިރާންވީ އެހާ ފިރިހެންވަންތަ ހުނުމެއްގެ އަޑު ދުވަހަކުވެސް އިވިފައި ނެތީމައެވެ. ހުދު ހުދު ދަތްތަކެކެވެ. ހައިރާން ވެފައި އިރުކޮޅަކު އިކާންގެ މޫނަށް ބަލަން އިނދެވުނެވެ. ހުނުމުގެ އަޑު ކެނޑުނުހާއިރަކުން ޢަމާރާގެ ޙިޔާލީ ދުނިޔެއިން މީހަކު އޭނާ ވައްޓާލި ކަހަލައެވެ. ކުއްލިއަކަށް ނަޒަރު ވަކިކޮށްލިޔަސް އިކާންއަށް ޢަމާރާގެ ނަޒަރު ފާހަގަވިއެވެ.

“ދެން އެވާހަކަ ބަހައްޓާފަ ހިނގާބަލަ ކާއެއްޗެއް ގެންނަން. ވަރަށް ބަނޑުހައި..  ކޮބާތަ އެ ހާނިމްވެސް…” ޢަމާރާއަށް އުނދަގޫވެފައި އިންހެން ހީވެގެން އިކާން މައުޟޫ ބަދަލުކޮށްލިއެވެ. “އެހެރަ އަންނަނީ ކުޑަދޮންބެ..” އިނގިލި ދިއްކޮށްލަމުން ޢަމާރާބުނެލި ދިމާލަށް އިކާން އެނބުރި ބަލާލިއިރު ފޯނެއްގައިހުރެ ހާނިމް އެދިމާއަށް އާދެއެވެ.

ހާނިމް އައިސް އިށީނުމުން ލަސްނުކޮށް ކާނެ އެއްޗަކަށް އޯޑަރު ދިނުމަށްފަހު އިކާންއާއި ހާނިމް ވާހަކަ ދައްކަން ފެށިއެވެ. ގިނައިން ދެކެވުނީ އިކާންގެ ކިޔެވުމުގެ ވާހަކައާއި ހާނިމްގެ އޮފީހުގެ ވާހަކައެވެ. “ހާދަ ހެވިފަ ހުރީ ކާކަށް ގުޅާއިގެންތަ ކުޑަދޮންބޭ…” ޢަމާރާ ފޫހިވާން ފެށުމުން އަހާލިއެވެ. ހާނިމް އަނގަޔަށް ލައި ލައި އިން ރޮށިކޮޅު އަތުން ދޫވެގެން ތަށި ތެރެއަށް ވެއްޓުނެވެ. ޢަމާރާގެ ސުވާލަށް ސަމާލުކަން ދެވުނު އިކާނަށްވެސް ހާނިމްއަށް ވީގޮތް ރީތިކޮށް ފެނުނެވެ. ޢަމާރާއިނީ އިސްދަށަށް ޖަހައިގެން ކަމުން އިކާން ފައިން އަމާރާގެ ފައިގަ ޖަހާލާފައި ހާނިމް ދައްކާލިއެވެ.

“ކިހިނެއްވީ ހާނިމް… އަނެއްކާ ގުޅައިގެން އުޅުނީ މަންޖެތަ؟” އިކާން ބޭނުންވީ ހާނިމްއާ ދިމާކުރާށެވެ.

“ކިހިނެއްވީ މަންޖެ ވިއްޔާ.. މަށަށް ވިއްޔާ މަންޖެއެއް ނުވާނީތަ؟  އެހެން ނޫނަސް އިކާންވެސް…” ހާނިމް ބުނަން އުޅުނު އެތި އިކާން ހުއްޓުވީ ހާނިމްގެ އަނގަމަތީ އަތް އަޅަމުންނެވެ.

“ނޫނޭ.. ހަމަ ގެންގުޅެންވީއޭ.. ނުބުނާތީ އަހާލެވުނީއޭ މޭން…” އަވަސް އަރުވާލާފައި އިކާން ބުނެލިއިރު ހާނިމަށް ލޯއަޅާލަމުން އިސް ޖަހާލީ ޢަމާރާއާ ދިމާއަށް ނުބަލާން އިނދެއެވެ. ބޭނުންވި ކަންތަށް ކާމިޔާބުވުމުން ހާނިމް ހީނލިއެވެ. އެކުގައި ގިނަ ވާހަކަތަކެއް ނުދެކެވި ސައިބޮއެވެސް ނިމިއްޖެއެވެ. ހާނިމް ބުނަން އުޅުނު އެއްޗެއްގެ ފަހުން އިކާންގެ ބަސްމަދުވިކަން ޢަމާރާއަށް ފާހަގަވިޔަސް އެވާހަކަ ހާނިމް ކުރެންވެސް އަހާލާކަށް ނުކެރުނެވެ.

ހުޔާ ނުކުތުމުގެ ކުރިން ދަނީކަމުގައި ބުނެފައި ހާނިމްއާއި އިކާން ތެދުވެގެން ދިޔައެވެ. ރެސްޓޯރަންޓުން ނުކުންނަމުންވެސް އިކާން އެނބުރިފައި ޢަމާރާއަށް ވަރަށް ބެލިއެވެ. ފޯނަށް ނަޒަރު ހުއަޓާލައިގެން އިން ޢަމާރާއަކަށް ކަމެއް ވާހެންވެސް ހީނުވެއެވެ.

ފަހުދުއާއިއެކު ނުކުމެގެންއައި ހުޔާ ޢަމާރާ ކައިރިއަށް ހުއްޓިލިއެވެ. ހިނގާލާފައި ބޭރަށް ނުކުތްއިރު ޢަމާރާއާއި ފަހުދުއަށް އެކަކު އަނެކަކު ތައާރަފްކޮށް ދިނީ ހުޔާއެވެ. ފަހުދުވެސް ހުރީ އަލަށް ހުޔާގެ ރަހުމަތްތެރިޔާއާ ބައްދަލުވުމުން ބަސްމަދުވެފައެވެ. ހުޔާގެ ގެޔާ ހަމަޔަށް ފަހުދުވެސް ސައިކަލުގައި ދިޔައެވެ. ސައިކަލު ޕާކުކުރުމަށްފަހު ގެއަށް ވަނުމުން ފަހުދުވެސް ގުޅާނެކަމަށް ބުނެފައި ދިޔައީއެވެ. ޢަމާރާވެސް ގެޔަށްދާން ނޫޅެ އެގެއަށް ވަނީ ހުކުރު ދުވަސް ދުވަހަކީ އާންމުކޮށް ޢަމާރާ ހުޔާމެން ގޭގައި އުޅޭ ދުވަހަކަށް ވީމައެވެ.

ބަދިގޭގައި އުޅުނު ހުޔާއަށް ހާނިމް ގޮވާލިއަޑަަށް އަވަސް އަވަހަށް ހާނިމްގެ ކޮޓަރި ކައިރިއަށް ދިޔައެވެ. ޢަމާރާ އުޅުނީ ހުޔާގެ މަންމައާއިއެކު ފޮނިއެއްޗެއް ތައްޔާރު ކުރުމުގައެވެ. “ކީކޭ ދޮންބޭ.. ވަރަށް ބިޒީ ގަޑިއެކޭ..” އާންމުކޮށް ހުޔާ ބަދިގޭގައި އުޅޭ ވަގުތު މީހަކު ގޮވައިފި ނަމަ އަބަދުވެސް ހުންނާނީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ.

“ބޮޑު ކަމަކު.. އެކަމަކު އަދި އެހެން މީހަކަށް އަންގާކަށް ބޭނުމެއް ނުވޭ.. ޔޫ އަރ މައި ޑައިރީ އެއްނު.. ބޭނުން ވާހަކަ ތަކެއް ދައްކަން.. އެކަމުދެން މި ވަގުތު އެއް ނޫން.. ހުކުރުން އައިސް.. ލެޓްސް ގޯ އައުޓް..” ހާނިމް ކުޑަކޮށް ހާސްވެފައި ހުރެ ވާހަކަ ދެއްކިއެވެ. “އެކަމް މިއަދު އެބައުޅޭ ޢަމާރާވެސް. ކިހިނެއް އޭނާ އެކަނި ކޮށްލާނީ..” ހުޔާއަށް ޢަމާރާ އުޅޭކަން ހަނދާންވެގެން ބުނެލިއެވެ. ” އިޓްސް ފައިން.. ޝީ ކޭން ގޯ.. ޝީ އިޒް މައި ސިސްޓަރ ޓޫ.. އައި ޑޯންޓް މައިންޑް..” ހާނިމް ދައްކަން އުޅެނީ ބޮޑު ވާހަކައެއް ކަމުގައި ވިޔަސް ޢަމާރާ ހުރުމަކުން އޭނާއަކަށް އެއްވެސް މައްސަލައެއް ނެތެވެ. އަވަސް އަވަހަށް ބޯޖަހާލުމަށްފަހު ހުޔާ އަނެއްކާވެސް ދިޔައީ ބަދިގެއަށެވެ.

“މިހާރު ދޮންބެއަށް ކިހިނެއްވީ؟” ހުޔާއަށް ކިރިޔާ ބަދިގެއަށް ވަދެވުނުއިރަށް ސީމާ ސުވާލުކުރިއެވެ. ” މެންދުރުފަހުން ކޮފީއަކަށް ދާންވީއޯ.. މާ ގިނަދުވަސް ވެއްޖެޔޯ އަހަރެން ގޮވައިގެން ބޭރަށް ނުދެވޭތާ..” ހުޔާ ވާހަކައިގެ އެއްބައި ބުނެލިއިރަށް ސީމާ ވާހަކަ ދައްކަން ފެށިއެވެ. “ދެން ޢަމާރާޔޯ.. އެމަންޖެ މިގެއަށް އެ އަންނަނީވެސް ހުޔާއާ އެކީ ބޭރަށް ދާކަށްނު.. ދޮންބެ ކައިރީ ބުނެބަލަ އެހެން ދުވަހަކަށް ހަދަން..”

“ސާބަހޭ މަންމާ.. އަހަރެންނާ ދޮންބެއާ އާމޫއާ އޭ ދަނީ.. ދޮންބެ ބުނީ އާމޫވެސް ގޮވައިގެނޭ ދާނީ.. އޭރަށް ފޫއްސެއް ނުވާނެ އެއްނު..” ހުޔާ އައިސް ސީމާގެ ގައިގަ ބައްދާލަމުން ބުންޏެވެ. “އާން.. އެހެންޏާ މަންމައަށް އޯކޭ..” ސީމާ ހީނލަމުން ޢަމާރާވެސް ގެނެސް ގަޔާ ކައިރިކޮށްލާ ބައްދާލިއެވެ. ޢަމާރާއަށް ހަނދާންވީ ރަށުގައި އުޅޭއިރު މަންމައާއި ދައްތަމެން އެކީ އެހެން އައިސް ބައްދާލާ ހަނދާނެވެ.

“ތީ މި މަންމަގެވެސް ދަރިއެއް އިނގޭ… ދެރަ ނުވައްޗޭ.. މި މަންމަ ހުރިހާ ހިނދަކު މަންމަ މެން މަތިން ހަނދާންވެގެން އާމޫ ރޯކަށް ނުޖެހޭނެ އިނގޭ..” ޢަމާރާގެ ބޮލުގައި ފިރުމާލަމުން ސީމާ ބުނެލުމަށްފަހު ބޭރަށް ދިޔައީ ބަދިގޭގައި އުޅޭ މީހުން ކާން ހެދުމަށް ބުނެފައެވެ.

މެންދުރުގެ ކެއުމަށްފަހު އަރާމުކޮށްލައިގެން ޢަމާރާއާއި ހުޔާ ތައްޔާރުވަމުން ދިޔައީ ޢަސުރު ނަމާދަށްފަހު ހާނިމްއާއެކު ބޭރަށް ދިއުމަށެވެ. ހުޔާ ހުރީ ހާނިމް ދައްކަން އުޅޭ ވާހަކަ އަޑުއަހާ ހިތުންނެވެ. ޢަމާރާ ހީކޮށްގެން ހުރީ ހަމައެކަނި ކޮފީއަކަށް ދަނީ ކަމުގައެވެ. ޢަމާރާއާއި ހުޔާގެ ސައިކަލާ އެއްވަރަކަށް ހާނިމްވެސް ދުއްވަމުން ދިޔައީ އާޓިފިޝަލް ބީޗް ސަރަހައްދަށް ދިޔުމަށެވެ. ދިވެހިންނާއި ބިދޭސީން ގިނަވާނެ ދުވަހެއް ކަމުގައި ވިޔަސް އެތަނުން ފިނި އެއްޗެއް ގަނެގެން ކުޑަކޮށް ހިނގާލުމުގެ ބޭނުމުގައެވެ.

ސައިކަލު ޕާކުކުރާނެ ތަންކޮޅެއްވެސް ލިބުނީ އިރުގަނޑަކަށް ފަހުއެވެ. އެކަމާވެސް ހުޔާ ކުދިކިއެވެ. ބުއިންތަށް ވިއްކާ ދިމާލަށް ކައިރިވެ އެމީހަކު ބޭނުން އެއްޗެއް ނަގައިގެން ތިންމީހުން އެކީ ހިނގައިގަތީ މޫދަށް އެރޭ ދިމާލަށެވެ. ކުޑަ އިރުކޮޅެއް ފަހުން އިށީންނާނެ ބެންޗެއްވެސް ލިބިއްޖެއެވެ. ހާނިމް އިށީނުމުން ކައިރީގައި ހުޔާއާއި ޖެހިގެން ޢަމާރާ އިށީނެވެ. އިރުކޮޅަކުން ހާނިމް ފެށީ އޭނާގެ އަމިއްލަ ވާހަކަ ދައްކާށެވެ. ސުކޫލް އިރުން ފެށިގެން ވާހަކަ ދައްކާ ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކައާއި މަންމަ މެންނާ ހަމަޔަށް ކައިވެނީގެ ވާހަކަ ގެންދަން މެދުވެރިއަކަށް ހުޔާ ބޭނުންވާ ވާހަކައެވެ. ހުޔާއަށްވެސް އެ ހިޔާލު ކަމުދިޔައީ ކައިވެނީގެ ކަންކަމުގެ ސަބަބުން ހުޔާއާއި ފަހުދުއަށް ކޮންމެވެސް ވަރަކަށް މަންމަގެ އުނދަގޫ ކުޑަވާނެތީއެވެ.

ވާހަކަ ދައްކާ ނިމުމުން ޢަމާރާގެ ޙިޔާލެއްވެސް ހާނިމް ހޯދާލީ ހުޔާއާވެސް ދޭތެރޭ ދެކޭހެން ކޮއްކޮއެއްގެ ދަރަޖަ ދެވިފައިވާތީއެވެ. ޢަމާރާވެސް ބޭނުންވީ ލަސްނުކޮށް ހުޔާމެންގެ މަންމައާ ހަމަޔަށް އެ ވާހަކަ ގެންދިއުމަށެވެ. ހުޔާއަށް ނުކެރޭނަމަ ޢަމާރާވެސް އެހީވެދޭނެ ކަމުގައި ބުނަމުން ހީނލިއެވެ. “ދެން ލަސްނުކޮށް ފަހަރިދައްތަ ގެންނަން އުޅެންވީނު..” ޢަމާރާ ތެދުވެ ހިނގައިގަންނަމުން ހާނިމްއާ ދިމާކޮށްލުމުން ހުޔާވެސް ހޭންފެށިއެވެ.

“ހޫން.. މިދުވަސް އައިސްދާނެ ޢަމާރާއަށްވެސް ދެން ލަސްތަކެއްނުވެ.. ނެޓްވޯކް އިން ލައިން އަޅާހެން އަހަންނަށް ވަރަށް ހީވެޔޭ…” ހާނިމް ހުނުމުގައި ބައިވެރިވަމުން ބުނެލި ޖުމްލައިން ޢަމާރާއާއި ހުޔާގެ ހުނުން ހުއްޓިގެން ދިޔައެވެ. ހުޔާއަށްވުރެ ޢަމާރާ ހުރީ ހައިރާން ވެފައެވެ. “ކީކޭ… ކުޑަދޮންބެ ކީކޭ ތި ބުނީ..” ހައިރާން ކަމާއެކު ޢަމާރާއަށް ސުވާލު ކޮށްލެވުނީވެސް ކުޑަކޮށް ބާރަށެވެ.

” ސާބަހޭ.. ހާދަ ވަރެއް ތިވީ.. މިބުނީ ކުރީ ދުވަހުވެސް މީހަކު ދިމާކުރި އެއްނު.. ހަމަ އެހެން ބައިވަރު މީހުން އުޅޭނެތާ ޢަމާރާ ބޭނުންވެގެން…” ހާނިމް ކަރުކެހިލަމުން ވާހަކަ ދެއްކީ ކުޑަކޮށް ހަމަޖެހިލަމުންނެވެ. ބުނެވޭ އެއްޗަކުން ޢަމާރާ ހިތްހަމަނުޖެހިދާނެތީއެވެ. އެހެން ވެއްޖެ ކަމުގައި ވަނީނަމަ އިކާންއަށް އޮތް ފުރުސަތުވެސް ގެއްލިދާނެތީއެވެ. ހާނިމްގެ ވާހަކައިގައި ތެދުވެރިކަން ނުވާހެން ޢަމާރާއަށް ހީވިޔަސް ކުއްހީއެއްގެ މައްޗަށް ސުވާލުކުރަން ބޭނުންނުވާތީ ޢަމާރާ އެކަމަށް އެއްޗެއް ނުބުނެއެވެ. އެހެން ނަމަވެސް އަދި އެއްވެސް ފިރިހެނަކަށް އެ ދިރިއުޅުމުން ޖާގައެއް ދެވެން ނެތް ވާހަކަ ބުނެލީ ވަރަށް އަވަހަށެވެ.

އެހެން ރޭ ރެއަށްވުރެ ލަހުން ގެއަށް ދެވުމުން ޢަމާރާ މަންމައަކަށްވެސް މިރެއަކު ނުގުޅައެވެ. ބޭނުންވީ ފެންވަރާލައިގެން ވީހާވެސް އަވަހަކަށް ނިދާލާށެވެ. އާންމުކޮށް ހޮނިހިރު ދުވަހު އޮފީސް ހުޅުވިޔަސް މި ހޮނިހިރަކީ ރާއްޖެ އިސްލާމްވީ ދުވަސް ކަމަށް ވުމުން އޮފީހަކަށްވެސް ދާކަށް ނުޖެހޭނެތީ ރަނގަޅަށް ނިދާލަން ބޭނުންވީއެވެ. ފަތިހު ޢަމާރާއަށް ހޭލެވުނީ ހުޔާ ގުޅާތީއެވެ. މިރޭ ހުޔާއަށް ހޭލެވިފައި ޢަމާރާއަށް ނުހޭލެވުނީއެވެ. އަވަސް އަވަހަށް ތެދުވެ ނަމާދު ކޮށްލައިގެން އަނެއްކާވެސް ޢަމާރާ އެރީ ނިދާށެވެ.

ދެ ހަފްތާ ފާއިތުވެގެން ދިޔައިރު ހުޔާމެންގެ ގޭތެރޭގައި ހާނިމްގެ ކައިވެނީގެ ވާހަކަ ދެކެވި އަންހެން ކުއްޖާގެ މައިން ބަފައިންނާވެސް ބައްދަލުކޮށް ކައިވެނީގެ ދުވަސް ކަނޑައެޅިއްޖެއެވެ. އޮގަސްޓް 30 ވަނަ ދުވަހު މާލޭގެ ރެސްޓޯރަންޓެއްގައި ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހުނުއިރު ކައިވެންޏަށް ތައްޔާރުވާން މަހެއްވެސް ނެތެވެ. އެކަމާ އެންމެ ޝަކުވާކުރީ ހުޔާގެ ހަގަށްތިބި އެއްމާބަނޑު ދެބެންނެވެ. ރީތި ހެދުމެއް ނުފެހިދާނެތީއެވެ. އެކަމަކު އެކަމުގައި އެއްވެސް ދަތިކަމެއް ނުވާނެކަމުގެ ޔަގީންކަން ނުހާގެ އާއިލާއިން ދީފައި ވެއެވެ. ނުހާއަކީ މާލޭގައި ދިރިއުޅޭ ހައްދުންމަތީ ރަށަކަށް ނިސްބަތްވާ އާއިލާއެއްގެ ކުއްޖެކެވެ. އަޙްލާގު ރަނގަޅު ކިޔަވައިގެން ހުރި ގެވެހި ކުއްޖެއްވެސް މެއެވެ. މައިން ބަފައިން ނުހާމެން ދެމަފިރިން ދިރިއުޅެން ފްލެޓެއް ދޭން ބޭނުންވި ނަމަވެސް ހާނިމް ބޭނުންވަނީ ހާނިމްގެ މަންމަ ކައިރީގައި އުޅޭށެވެ. އެއީ ނުހާވެސް ބޭނުންވާ ގޮތްކަމުން ނުހާގެ މައިން ބަފައިން އެކަމާ އިތުރު އެއްޗެއް ނުބުނެއެވެ.

ކައިވެނީގެ ތައްޔާރީތަށް ކައިރިވަމުން ދިޔަ ވަރަކަށް ކޮންމެވެސް ވަރަކަށް ހާނިމްގެ ރަހުމަތްތެރިން ގޭތެރެއިން ފެނެއެވެ. އޭގެތެރެއިން ޢަމާރާއަށް އިނގެނީ އިކާންއެވެ. އިކާން އަބަދުވެސް ހުންނަނީ ޢަމާރާ ފެނުމުން ހިނިތުން ވެލައިގެންނެވެ. ޢަމާރާވެސް އޮފީސް ވަގުތު ނިންމާލުމަށްފަހު މުޅިންވެސް އުޅެނީ ހުޔާމެން ގޭގައި ކަމުން ވަރަށް ގިނައިން ދެމީހުން ބައްދަލުވެއެވެ. ހުޔާއާއި ޢަމާރާއާ ދެ އެކުވެރިން ތިބީ ހާނިމްގެ ކައިވެންޏަށް ހަފްތާއަކަށް ވުމުން ޗުއްޓީ ލިބޭގޮތަށް ހަމަޖައްސައިގެންނެވެ. ހުޔާގެ ފުރަތަމަ ފަހަރި ގެއަށް ގެންނައިރު ފަހަރިއަށް ރަނގަޅު މަރުހަބާއެއް ކިޔުމަށްވެސް ހުޔާއާއި ޢަމާރާ ދިޔައީ ތައްޔާރުވަމުންނެވެ.

7 ޖަހަން ވީއިރު ކައިވެނި ކުރާ މޭޒު ކައިރިއަށް ހާނިމް އައީ އިކާންއާއި ހުމާމްއާވެސް އެކީގައެވެ. ހުދުކުލައިގެ ކޯޓް ފަޓުލޫނުގައި ހާނިމް ހުރިއިރު އެތެރޭން ލާފައި ހުރީ މަޑު ނޫކުލައިގެ ގަމީހަކާއެކު ކަރުގައި ގަދަ ނޫކުލައިގެ ބޯޓައީ އެއް އޮތެވެ. ކޯޓްގެ އަރިމަތީގައި ނޫކުލައާއި ޕީޗް ކުލައިގެ މާތަކެއް ޖަހާފައިވާ ބްރޫޗްއެއް ހަރުކޮށްލާފައި އިނެވެ. އެއީ މިރޭގެ ހަފްލާގެ ކުލަތަކެވެ. ނޫ ކުލައިގެ ޝޭޑް ތަކާއި ޕީޗްގެ ޝޭޑް ތަކެވެ. ހާނިމްގެ ފަރާތުން ނުލުގެ ޝޭޑްތަށް ބޭނުންކޮށްފައި ހުރިއިރު ނުހާގެ އާއިލާއިން ބޭނުންކޮށްފައި ހުރީ ޕީޗްގެ ޝޭޑްތަކެވެ.

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

ތިހަނދާނުން އަށްވަަނަބައި (ދިރިއުޅުމަކީ ނިމުމެއް ނުވާ ހަނގުރާމައެކޭ)

Next

ސައިބަރ ބުލީ: ސަބަބުތަކާއި ހައްލުތައް!

Next
December 1, 2025

ސައިބަރ ބުލީ: ސަބަބުތަކާއި ހައްލުތައް!

Previews
December 1, 2025

ތިހަނދާނުން އަށްވަަނަބައި (ދިރިއުޅުމަކީ ނިމުމެއް ނުވާ ހަނގުރާމައެކޭ)

2 Comments!

  1. Mar Sha Mar Sha says:
    December 2, 2025 at 12:11 am

    very nice fazoo, kurin liyunu storyves Marsha kiyaalun, rythi, adhi improvements ves faahaga kurevey. keep it up dear! kuriah huri baithakah inthizaaru kuran

    1. ފަޒޫ says:
      December 11, 2025 at 12:05 pm

      Thankyou dear 🫶🏻

Comments are closed.



All Right Reserved!