Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނުހޭ ގާތުގާ- ދެވަނަ ބައި

ފަޒޫ Level 310 Stories100 Login
November 27, 2025 9 Mins Read
0 Comments

“އޭނީ އެއްކަލަ މަންޖެ..” އޭނާގެ ފަހަތުން ނުކުތް ފިރިހެންކުއްޖާ ބުނެލިއަޑަށް ޢަމާރާއަށް އެދިމާއަށް ނަޒަރު ސީދާކޮށްލެވުނެވެ. އެއީ އޭރު ސައިކަލް ދުއްވަން އިން ކުއްޖާއެވެ.”ހުމާމް.. ނޯ..” ޢަމާރާއާ ދިމާއަށް ހިނގައިގަންނަން އުޅެނިކޮށް ދެންހުރި ފިރިހެން ކުއްޖާ އޭނަ ހުއްޓުވިއެވެ.”ކިއެއްތަ؟” ހުމާމް ކުޑަކޮށް ހިތްހަމަ ނުޖެހި ހުރެފައި ބުނެލިއެވެ. އަދި އަނެއްކާވެސް ޢަމާރާއާ ދިމާލަށް ހިނގައިގަތެވެ.”ހުމާމް.. ނޯ.. ދެޓްސް މައި ސިސްޓަރ..” ހާނިމް ކުރިޔަށް ޖެހިލަމުން ބުނެލި އެއްޗަކުން ހުމާމްއާއި ދެންހުރި ފިރިހެން ކުއްޖާވެސް ހާނިމްއަށް ބަލާލާފައި ޢަމާރާއަށް ބަލާލިއެވެ.

“ނުވާނެ އެހެނެއް..” އެތަނުން އެހެން ފިރިހެން ކުއްޖެއް ވާހަކަ ދެއްކިއެވެ. ” ހާނިމްގެ ނުހުންނާނެ އެވަރުގެ އެހެން ކޮއްކޮއެއް. މަށަށް އެނގޭ ހުޔާ.. އެހެރަ އަންނަނީނުން..” ސިޑިން އަރައިގެން އައި ހުޔާ ދައްކާލަމުން އޭނާ ބުންޏެވެ.

“ވަރިހަމަ އެއްނު.. އެއްބަނޑު ނޫނަސް އެއީ ހަމަ އަހަރެން ފެމެލީ ކުއްޖެއް.. ޑޯންޓް މެސް ވިތް ހާރ..” ހާނިމް އެހެން ބުނެލުމަށްފަހު ހުޔާއާއި ޢަމާރާގެ ގާތަށް ދަމުން އެހެން މީހުންނަށް އަތުގެ އިޝާރާތުން ދިއުމަށް ބުނެލައިފިއެވެ. ހާނިމްގެ ވާހަކައިން ހުމާމްއާއި އެހެން އެންމެނަށްވެސް ނެގުނީ މުޅިން އެހެން މާނައެކެވެ. މަޑުމަޑުން ފައިބަމުންގޮސް 15 ވަރަކަށް މީހުން ދިޔައިރުވެސް ހުމާމްއާއި އެ ފިރިހެން ކުއްޖާ ހުއްޓިލައިގެން ހުރީ ހާނިމްއާއެކު ތިރިއަށް ދިއުމަށެވެ.

ހާނިމް އައުމުން ހުޔާއާއި ޢަމާރާވެސް ވާހަކަ ދެއްކީ ހިނިތުންވުމާއެކުއެވެ. ވާހަކައިގެ ތެރެއިން އިރުއިރުކޮޅުން ޢަމާރާގެ ނަޒަރު ހުމާމް ކައިރީ ހުރި ފިރިހެން ކުއްޖާއަށް ސީދާވެލައެވެ. އެ ހުރިހާއިރު އޭނާވެސް ހީވަނީ އެހެން ދިމާލަކަށް ބަލައިނުލައި ހުރިހެންނެވެ. ނަމަވެސް އެ މޫނުން ޢަމާރާއަށް އެއްވެސް އަސަރެއް ނުފެނުނެވެ. ޢަމާރާ ހިނިތުން ވެލުމުންވެސް އެ މޫނަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ރައްދުގައި ހިނިތުންވެސް ވެ ނުލި ތާނގައި މޫނު އަނބުރާލީ އަނެއް ފަރާތަށެވެ.

އެރޭގެ ކެއުން ނިންމާލުމަށްފަހު ޢަމާރާ ގެއަށް ލާފައި ހުޔާ ގެއަށް ދިޔައީއެވެ. ޢަމާރާ ރެސްޓޯރަންޓްގައި ވީ ކަންތަކާ ވިސްނަން ހުރެގެން ދަނިކޮށް ސޯފާގައި ފައި ޖެހުމުން ހޭވަރިކަން ވެއްޖެއެވެ. “އައުޗް..” ޢަމާރާއަށް ބުނެލެވުނެވެ. “ކޮންކަހަލަ މީހެއް އެއީ.. ހިނިތުންވެސް ނުވޭ.. ފޫހި މީހެއް.. އުހުން.. ވެދާނެދޯ މޫނުމަތީ މައްސަލައެއްގެ ސަބަބުން ހިނިތުން ނުވެވެނީ ކަމަށްވެސް.. އެކަމްވެސް ލޮލުންވެސް ހީވަނީ މީހަކު ކާލަން އުޅޭހެން.. ” ޢަމާރާ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ވިސްނައިދެމުން ދިޔައެވެ. ހިޔާލުތަކުގައި ހުރެ ޢަމާރާ ކޮޓަރިއަށްވަދެ ތައްޔާރުވެގެން ނިދަން އޮށޯތީއެވެ.

އެނދުގައި ފުރޮޅި ފުރޮޅި މެންދަމުން އަލިވެ 2 ޖެހިއިރުވެސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. އިރު އިރުކޮޅުން ތެދުވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގާލެވެއެވެ. އަނެއްކާވެސް އެނބުރި އައިސް އެނދުގައި އޮށޯންނަނީ ނިދިދާނެކަމުގެ އުއްމީދުގައެވެ. ސިކުނޑި ހާސްކަމެއްގެ ތެރޭގައި ވާތީ ކަސްރަތީ ހަށިގަނޑު ކޮންމެސް ވަރަކަށް ދާހިއްލާލާފައި ހުއްޓެވެ. ހަމައެކަނި ލައިގެންހުރި ސްވެޓް ޕޭންޓްސް ގައިން ވަކިކޮށްލުމަށްފަހު ސްޓޭންޑަށް އެއްލާފައި ފާހާނާއަށް ވަދެލީ ފެންވަރާލުމުން ސިކުނޑީގައިވާ ހައިޖާނުގަނޑަށް ލުޔެއް ލިބިދާނެކަމަށް ބަލާފައެވެ. ހިތާއި ސިކުނޑީގައި ހަރުލާފައިވަނީ މިރޭ ފެނުނު އެ ރީތި އަންހެން ކުއްޖާއެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރެވުނުއިރުވެސް އަންހެން ކުއްޖެއް ފެނިގެން މިނޫނީ އޭނާއަށް މިކަހަލަ ގޮތްތަކެއް ވެފައެއް ނެތެވެ. އަންހެނުންނަކީ ވަގުތު ކޮޅަކަށް އޭނާގެ ދިރިއުޅުމަށް ގެންނަ ބަޔަކަށް ވާއިރު މި އަންހެންކުއްޖާ ހަނދާން މި ވަނީ ކީއްވެ ކަމެއް ވިސްނާ ވިސްނާވެސް ނޭނގުނެވެ. އެއީ ހާނިމް ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ވެދާނެކަމަށްވެސް އަމިއްލަ މީހާއަށް ވިސްނައިދެވުނު ވަރެއް ނޭނގެއެވެ. އެހެންވިޔަސް އޭނާގެ ބަސްނާހާ ހިތާއި ސިކުނޑި އެދެމުން ދިޔައީ އެ ރީތި ހަނދެއްފަދަ އަންހެން ކުއްޖާ އަދި އެއްފަހަރު ނަމަވެސް ދެކިލުމަށެވެ. ފެންވަރާލައިގެން ނުކުމެ އަތުގެ އިނގިލިތަށް އިސްތަށި ގަނޑަށް މަހާލުމަށްފަހު ފެން ފޮޅާލިއެވެ. ބޭރަށްދާން ހިތަށް އެރިޔަސް ވަގުތުގެ ގޮތުން އޭނާ މަޑުކޮށްލީ އާންމުކޮށް މާލޭގައި އުޅޭއިރު ކޮށްއުޅޭ ކަމަކަށް ނުވީމައެވެ.

ނައިޓް ސްޓޭންޑް މަތީގައި އޮތް ފޯނު ނެގުމަށްފަހު ހާނިމްގެ ނަމްބަރަށް ޑައިލް ކޮށްލީ އެ އަންހެން ކުއްޖާގެ މައުލޫމާތު އެނގެން ބޭނުންވެފައިވީ ވަރުންނެވެ. “ކަމޯން.. ގެޓް ޔުއަރސެލްފް ޓުގެދާ.. އާރ ޔޫ ދެޓް ޑެސްޕަރޭޓް..” ނަފްސު އަޑުލައިގަތްހިނދު އޭނާ އަވަސް އަވަހަށް ކޯލް ކަނޑާލައިފިއެވެ. ދެފަހަރު ރިންގްވީ ނަމަވެސް ހާނިމް ފޯނެއް ނުނަގައެވެ. ޗޮކެއް ކަނޑާލަމުން ބޮލުގައި ދެތިން ފަހަރު އަތް ހިންގާލީ މީހާ ހަމަޔަކަށް އެޅިލުމުގެ ބޭނުމުގައެވެ.

އިރުކޮޅަކުން ފޯނު ސްޓޭންޑްމަތީ ބޭއްވުމަށްފަހު އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. އަންހެން ކުއްޖެއް ފެނި މިހާ އަވަހަށް ހިތުގެ ލަގަން ދޫވެގެން ދިއުމަކީ އޭނާގެ ސިކުނޑި ގަބޫލުކުރަން ބޭނުންވާ ކަމެއްކަމަށް ނުވިޔަސް ހިތް އެދި ގޮވަނީ މުޅިން އެހެން އެއްޗެކެވެ. އެނދުގައި އެނބުރި އެނބުރި އޮވެފައި ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އެނދުން ތެދުވެވުނެވެ. އަނެއްކާވެސް އަވަހަށް ފެންވަރާލައިގެން ގެއިން ނުކުތީ ގެ ކައިރި މިސްކިތުން ހާނިމްއާ ދިމާވާނެކަން އެނގިހުރެއެވެ. ބޭރަށް ނުކުތްއިރު އުޑުމަތީގައި އިއްޔެ ކުރި ވިއްސާރައިގެ އަސަރެއްވެސް ފެންނާން ނެތެވެ.

“އަނހާ.. އިކާން.. ރޭގައި ހުވަފެނެއް ފެނުނީތަ؟” މިސްކިތުން ނުކުތް ހާނިމް ވާހަކަ ދެއްކީ ހިނިތުންވުމާ އެކީގައެވެ.

“ހުވަފެނެއް ފެންނާނީ ނިދިގެން ނޭނުން.. ކީއްވެ އެހެން ތިބުނީ..؟” ކަނޑައެޅިގެން ހާނިމް ބުނި އެއްޗެއް އެނގިހުރެވެސް އިކާން ނުދެނަހުރި ކަމަށް ހެދުނީއެވެ.

“މިބުނީ ބޭފުޅާ މިސްކިތަށް ދުރުވި ވާހަކަ.. އެހެންޏާ މި ވީހާ ދުވަހުވެސް ފެނުނު މަންޒަރަކަށް ނުވާތީ” މިސްކިތުގެ ފާރުކައިރީ މަޑުކޮށްލައިގެންހުރެ ހާނިމް ވާހަކަ ދެއްކީ އިކާން ގެ މޫނަށް ބަލަންހުރެ އެވެ. އިކާން ހިނިތުންވެލިތަން ވަރަށް ރީއްޗަށް ފެނުނެވެ. “އަދި ތިއެއް ނޫނޭ! ކީއްކުރަންތަ ރޭގަ ހާދަ ދަމަކާ ގުޅާފަ އެ އޮތީ..” މަޑުމަޑުން ހިނގައިގަންނަމުން އަނެއްކާވެސް ވާހަކަ ދެއްކީ ހާނިމްއެވެ.

“އެއީދޯ.. އެ ވާހަކަ ދެން ބާއްވާ” އިކާން އެ ވާހަކަ ދައްކަން ބޭނުން ނުވީއެވެ. އިކާންގެ ފަރާތުން އެހެންޏާ ނުފެންނަފަދަ ކަމެއް ފެނުނީމައި ޝައުގުވެރި ވީ ވަރުން ދޫކުރާކަށް ހާނިމްވެސް ބޭނުމެއް ނުވިއެވެ. ހާނިމްގެ މިސްރާބުހުރީ ގެ ކައިރީގައި ހުންނަ ކެފޭއަށް ކަމުން އިކާންވެސް ވިސްނީ ހާނިމް ރުޅިއަޔަސް މިފަހަރު އެ އަންހެން ކުއްޖާގެ ވާހަކަ އަހާލާށެވެ.

“ދެން ކިޔާބަލަ. ކިހިނެކޭވީ..؟” ކޮފީއަށް އޯޑަރު ދިނުމަށްފަހު ކެފޭގައި އުޅޭ ބޭބެ ދިއުމުން ހާނިމް އިކާންއަށް ނިތް އަރުވާލަމުން ބުންޏެވެ. އިކާން ވަރަށް ސީރިއަސް ވެލާފައި ހާނިމްއާ ދިމާއަށް ބަލާލިއެވެ. އަދި ގޮނޑީގައި ހަމަޖެހިލުމަށްފަހު ދެތިން ފަހަރު ފުން ނޭވާއެއް ދޫކޮށްލިއެވެ. ހީވަނީ ވަރަށް ބޮޑު ކަމަކާ ކުރިމަތި ވެގެން އުޅޭ މީހެއް ހެނެވެ. ހާނިމް ވަރަށް ފަރުވާތެރިވެ އެކުވެރިޔާއަށް ބަލާލިއެވެ. އަދި ވެގެން އުޅޭގޮތް ބުނެދީބަލާށޭ ބުނެލިއެވެ.

“ހާނިމް.. އެއީ.. ކޮން ކުއްޖެއްތަ؟..” އަތުގައި އޮތް ފޯނުގެ ސްކްރީނުގައި އިނގިލި ކާއްތަމުން އިސް ޖަހާލައިގެން އިނދެ އިކާން އަހާލި އަޑު ހާނިމްއަށް ފޯރީ އެހާވެސް މަޑުންނެވެ. ހާނިމްއަށް ހެވުނު ކަމުގައި ވިޔަސް އިކާން އިސްދަށަށް ޖަހައިގެން އިނުމުން އެތަނެއް ނުފެނުނެވެ.

“ކިހިނެއްވީ..؟ ހުމާމް ބުނެގެން ދޯ ތި އުޅެނީ. ނުވާނެ ތިކަމެއްް.” ހާނިމް ހިތަށް އެރިގޮތަށް ސުވާލު ކޮށްލެވުނީ ކުޑަކޮށް ބާރަށެވެ. އިކާން ވަގުތުން އިސް އުފުލާލާ ހާނިމަށް ބަލާލީ ހިތްހަމަ ނުޖެހޭފަދަ ގޮތަކަށެވެ.

“އަހަރެން ކީއްކުރަން ހުމާމް ބުނެގެން އެކަން ކުރަންވީއެއް..  ރޭގަ އަހަންނަށް ނުނިދިފަ އޮންނަން ޖެހޭތަ އޭނަގެ ކަމެއްގަ..؟ ހާނިމްގެ ބިޓަކަށް ވިޔަސް ނުބުނެ ނުހުރެވިގެން މިރޭ މިސްކިތަށް މި އާދެވުނީވެސް..” އިކާންއަށް ހަގީގަތް ހާމަ ކުރަން ނުކެރިފައި އިނަސް ދުލުން ބޭރުވީ ހާނިމްގެ ޖަވާބު އައި ގޮތުންނެވެ.

އިކާން ފަހުން ބުނެލި އެއްޗަކުން ހާނިމްގެ ގާތަށް ވަރަށް ހިނިއައެވެ. “ބިޓޭ.. ހެހެހެ. މަގޭ ކޮއްކޮއެއް ކަހަލަ ކުއްޖެއް ޢަމާރާއަކީ.. އެކަހަލަ ގޮތަކަށް ނުދެކެވޭ ދުވަހަކުވެސް.. ދެން އެކަމް ތި ބުނި އެއްޗަކުން މި ޖެހުނީ ތިކަމާވެސް ވިސްނަން…” ހެމުން ހެމުން ހާނިމް ފަހު ޖުމްލަ ބޭރުކޮށްލުމާއެކު އިކާން ލޯ އަޅާލުމުން ހާނިމް ހުނުން ހުއްޓާލުމަށްފަހު ސީރިއަސް ގޮތްގަނޑު ދައްކާލިއެވެ.

“އޯކޭ.. އޭނައަށް ކިޔަނީ އައިޝަތު ޢަމާރާ ޢާމިރް.. 22 އަހަރު.. ރާއްޖެތެރޭ ކުއްޖެއް.. ބޮޑު ތިލަދުންމަތި.. މަންމަ އެބަހުރި. ބައްޕަ ނިޔާވީ ވަރަށް ފަހުން.. މާލެއައީ އޭލެވެލް އަށް ކިޔަވަން. މިހާރު އުޅެނީ އޮފީހެއްގަ. ހުޔާބުނި ކޮންމެވެސް ތާކަށް ކިޔަވަންދާން އުޅޭ ވާހަކަ މި އަހަރު ފަހުކޮޅުގަ. ރާއްޖެއިން ބޭރަށް.. ދާތަނެއް މަށަކަސްވެސް ނޭނގެ.. އިކާން ބޭނުން ވަންޏާ އަދިވެސް މައުލޫމާތު ހޯދާލެވިދާނެ…” އެއް ނޭވާއިން ހާނިމް ކިޔާ ނިންމާލިއިރު އިކާން އިނީ ހިތްހަމަ ޖެހިފައެވެ. ބޭނުންވީ ވަރަށްވުރެ އިތުރަށްވެސް އެނގުނީތީއެވެ.

“ދެން ހެވޭ.. ޖެއްސުމެއްތަ ތި ކޮށްލީ.. ” ނުރުހޭގޮތް ދައްކާލަމުން ވާހަކަ ދެއްކި ކަމުގައި ވިޔަސް އިކާންގެ ލޮލުގައިވީ ވިދުން ހާނިމަށް ސިއްރެއް ނުވެއެވެ. ހުމާމެކޭ އެއްގޮތަށް ހާނިމަކީވެސް އިކާންގެ ވަރަށް ގާތް ރަހުމަތްތެރި އެކެވެ. ހުމާމްހާ ގާތް ނުވިޔަސް ފުދޭވަރަކަށް އޭނާގެ ގޮތް އެނގެއެވެ.

“ހިނގާދޯ ދާން.. އެކަމް ބުނަންތަ.. މިރޭ ތިފެށި ކަންތަށް ދެން ހުއްޓާ ނުލައްޗޭ.. ތި ސިފަ ނުހުންނަ މީހަކަށް އޭނާ ބަލާވެސް ނުލާނެ..” ހުމާމް ގޮނޑިން ތެދުވަމުން ބުނެލި ވާހަކައިން އެ އިޝާރާތްކުރީ ނަމާދަށް ކަން އިކާންއަށް ނަގައިގަނެވުނެވެ. އެކަމާ ވިސްނާލެވުމުން އިކާން ދެރަވިއެވެ. ކިޔަވަން ބޭރު ޤައުމަކަށް ދިޔަ ފަހުން އޭނާއަށް ވަނީ ނަމާދަށް ފަރުވާ ކުޑަ ކުރެވިފައިކަން އޭނާވެސް ޤަބޫލުކުރެއެވެ.

ދެން ގެއަށް ދާންވަންދެން ހުމާމްއާއި އިކާން ދެއްކީ އޭލެވެލް ހެދި ދުވަސްވަރުގެ އެކި ވާހަކަ ތަކެވެ. ހަނދާންތަށް އާކޮށްލުމުން ދެ އެކުވެރިންނަށްވެސް ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިފައި ތިބި ކަހަލައެވެ. “ތި އޭނުން ހުންނަންވީ ގޮތަކީ.. ކީއްވެތަ އަބަދުވެސް އެހާ ސީރިއަސް ވެފަ ހުންނަނީ.. އެހެން ހުންނާތީއޭ އެކަކަށްވެސް ނުކެރެނީ އިކާން ތަނަކަށް ގެންދަން.. ހީވަނީ ޑިޕްރެޝަނަށް ގޮއްސަ ހުންނަ މީހެއްހެން..” އިކާންގެ ކޮނޑުގައި ޖަހާލަމުން ހާނިމް ހިނިގަނޑެއް ޖަހާލިއެވެ.

“އެނގެ އެއްނު އެހެން ހުރެވެނީ ކީއްވެކަން.. އަދިވެސް އެ ކަންތަށް ވަރަށް އުނދަގޫ ކުރޭ..” އިކާން ބުނެލިގޮތުން އެ ދައްކަނީ މާމަގެ ވާހަކަކަން ހާނިމްއަށް ނަގައިގަނެވުނެވެ. ދެން އެވާހަކަ ނުދައްކާށޭ ބުނެލުމަށްފަހު ހާނިމް ގެއަށް ދަނީކަމުގައި ބުނަމުން ގޯޅި ތެރޭން ވަދެގެން ހިނގައިގަތީ އޮފީހަށްދާ ގަޑިވެސް ކައިރިވެފައި ވާތީއެވެ.

ގޭގެ ބޮޑުދޮރު ހުޅުވާލާފައި ވަދެގެން އައި އިކާންފެނި ސިޓިންގރޫމްގައި ކޮފީ ހިފައިގެންތިބި ނޫރާއާއި ޖިހާދު ބަލާލިއެވެ. “ދަރިފުޅާ.. ހާދަ ހެނދުނަކާ.. ކޮންތާކަށް ގޮސްލާފައި..” އަތުކުރީގައި އޮތް ގަޑިޔަށް ބަލާލަމުން ބައްޕަ ޖިހާދު ވާހަކަ ދެއްކީ އެ ވަގުތަކީ އިކާން ފެންނަ ވަގުތަކަށް ނުވާތީއެވެ.

“ނަމާދަށް ގޮއްސަ..” ސޯފާއަށް އައިސް ވެއްޓި ގަނެފައި މަންމަ ނޫރާގެ އުނގުގައި ބޯއަޅާލަމުން އިކާން ބުނެލިއެވެ. ޖިހާދާއި ނޫރާއަށް އެއްފަހަރާ އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނީ ހައިރާން ކަމާއެކުއެވެ. “އެކަމަކު މިހާރު ގަޑިން 6:30 ވަނީއެއްނު.. އެހާ ލަހުންތަ މިސްކިތަށް އެރުނީ..؟” މިފަހަރު ސުވާލު ކޮށްލީ ނޫރާއެވެ.

“ނޫނޭ މޯމް.. އަޅުގަނޑު ދިޔައިން ބަންގި ގޮވި އިރަށް.. ކައިރި މިސްކިތަށް ދިޔައީ.. ނުކުތް ގަޑީގައި ހާނިމްއާ ދިމާވެގެން އެއްކަލަ ހަސަންބޭ ކެފޭއަށް ވަދެލީ.. ރޭގައި ޕާޓީގަ މީހުން ގިނަކަމުން ވާހަކަވެސް ދައްކާ ނުލެވޭ..” މަންމަގެ އުނގުގައި ކުޑަކުއްޖެއް ފަދައިން ބޯއަޅާލައިގެންއޮވެ އިކާން ކިޔައިދިނެވެ.

އިކާންއަކީ އަބަދުވެސް މަންމައާއި ބައްޕައަށް ގިނަ ކަންތައް ހިއްސާކުރާ ކުއްޖެކެވެ. އެ ދެމީހުން ކައިރީ ހާއްސަކޮށް މަންމަ ކައިރީ އުޅޭއިރު އެއީ 27 އަހަރުގެ ބޮޑު ފިރިހެނެކޭ މީހަކު ނުބުނާނެއެވެ. ދެއްކި ވާހަކަތަށް ކިޔައިދިންއިރު ޢަމާރާގެ ވާހަކަ އިކާން ސިއްރު ކުރިއެވެ.

“އަނހާ.. މިހާރު މި އޮތީ ނިދާފަ އެއްނު..” ނޫރާ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ޖިހާދުއަށް ބުނެލިއެވެ. އަދި މަޑުމަޑުން އިކާންގެ ބޯ ހިއްލާލުމަށްފަހު ސޯފާއިން ކުޝަންއެއް އިކާންގެ ބޯދަށަށް ލައްވާލިއެވެ. ސިޓިންގްރޫމް ދޮރު ލައްޕާލާ ދަރިފުޅަށް އުނދަގޫ ނުވާނެހެން އަލި މަޑުކޮށްލުމަށްފަހު، ދެމަފިރިން ދިޔައީ ބަދިގެ ފަރާތަށެވެ. އެއީ ޖިހާދާއި ނޫރާގެ ކޮންމެ ދުވަހެއްގެވެސް ފެށުމެވެ.

ޖިހާދު ފަތިސް ނަމާދުން އަންނައިރު ނޫރާ އިންނާނީ ކޮފީތަށި ހިފައިގެން ތައްޔާރަށެވެ. ދެމަފިރިން އެކުގައި އެކި ވާހަކަ ދައްކާލުމަށް ތިބުމަށްފަހު ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ނޫރާއާއި އެކު ޖިހާދުވެސް ބައިވެރިވެއެވެ. ގޭތެރޭގައި އަދި ދަރިންގެ މެދުގައި އުފާވެރިކަމާއި ލޯބި އޮތުމުގެ ސިއްރަކީ އެ ދެމަފިރިންގެ ބަދަލެއްނުވާ ލޯތްބެވެ.

ފަތިސް ނަމާދަށް ހޭލާގޮތަށް އާދައިގެމަތިން އެކުވެރި ހުޔާއަށް ޢަމާރާ ގުޅާލަނީ ނަމާދުކުރަން ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ. ހުޔާ ހޭލެއްވުމަށްފަހު ފެންވަރާ ނަމާދުކޮށްލައިގެން ގޭގައި ލާން ގެންގުޅޭ ގަޔަށްދޫ އޯވަރ ސައިޒް ސްވެޓަރ އަކާއި ސްވެޓް ޕޭންޓްސް އެއް ލައި، ބުރުގާ އަޅާލައިގެން ޢަމާރާ ކޮޓަރިން ނުކުތެވެ. ކޮފީއެއް ގިރައިގެން ކާމޭޒު ދޮށުގައި ހަމަޖެހުނުތަނާ ގޭގެ ދައްތަ ކޮޓަރިން ނުކުމެއްޖެއެވެ.

“ދައްތާ.. ކޮފީއެއް ގިރަންތަ؟” ޢަމާރާއަށް ބުނެވެސް ނުނިމެނީހެން އައިސްތަ އާއެކޭ ބުނެލައިފިއެވެ. ޢަމާރާ ގިރައިދިން ކޮފީ ބޯލައިގެ އައިސްތަ އަވަސްވެލީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށެވެ. ޢަމާރާވެސް ކޮންމެ ދުވަހަކުހެން ދައްތައަށް އެހީތެރިވެދިނުމަށް ކައިރިވިއެވެ. ގޭގައި ދެ ކޮޓަރިއެއްގައި ތިބޭ 11 ކުދިން ތެރޭން އައިސްތައަށް ކިރިޔާވެސް އެހީވެލަނީ ޢަމާރާއެވެ. މިކަމާހުރެ އައިސްތަ ދެކެނީ ޢަމާރާއަކީ އަމިއްލަ ދަރިއެއް ގޮތުގައެވެ. ޢަމާރާވެސް މަންމައާ ދުރުގައި އުޅޭއިރު ދެރަވާ ޙިޔާލުތަކާ ދުރުވެވެނީ މަންމަ ފަދައިން އައިސްތަވެސް ޢަމާރާއަށް އަޅާލާ ނަސޭހަތްތެރި ވާތީއެވެ.

ހެނދުނުގެ ނާސްތާ ކޮށްލައިގެން އޮފީހަށްދާން ޢަމާރާ ނުކުތީ ތަންކޮޅެއް ލަސްވީ ފަހުންނެވެ. ހެނދުނު ބެލްކަންޏަށް ނުކުތްއިރު އުޑުމަތި ރީތިކޮށް އޮތުމުން އެހާ ވަގުތުން ދެވޭނެ ކަމަށް ބަލާފައެވެ. ރީތި ރޭނދާއަކުން އަތުކުރި ޖަރީކޮށްފައިވާ އަތްކުރިފުޅާ ކަޅު އަބާޔާއާއެކު އަޅައިގެންހުރީ ގަދަ ފެހި ކުލައިގެ ޝޯލެކެވެ. އަތްދަބަސް ކޮނޑުގައި އަޅުވާލަމުން މަގުމައްޗަށް ނުކުތް ޢަމާރާ މާޔޫސްވީ އުދަރެސް ބައްދަމުންދިޔަ ކަޅު ވިލާގަނޑު ފެނިފައެވެ. ފަޒާގައި ތެތް ފިނިކަމެއް ވުމުން ދެން މާ ލަހެއްނުވެ ވާރޭ ވެހިގެންފާނޭ ހިތަށް އެރިއެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި ޢަމާރާ ހިނގައިގަތީ ގަޑިނުޖެހި އޮފީހާ ހަމަޔަށް ދިއުމަށްވުރެ ވިއްސާރައިގައި ނުޖެހި ދެވޭތޯއެވެ.

“އަރަންވީނު…” ޢަމާރާގެ ފަހަތުން ފިރިހެން އަޑެއް އިވުމުން ބަލާލިއިރު ސައިކަލުގައި އައިސް ރިޔާން އަރާ ހަމަކުރީއެވެ. މޫނު އަނބުރާ ލަމުން ޢަމާރާ ހިނގުން ބާރުކޮށްލީ ރިޔާނަށް ޖަވާބު ނުދީއެވެ. އެކުން ބޮޑަށް ޖަވާބުދޭން ބޭނުންވެސް ނުވީއެވެ.

“ފޮނިނުވެ އަރާބަލަ ދެންވެސް.. ވެހެން ފަށާފާނެ ލަސްނުވެ..” ރިޔާންގެ އަޑު އިވުމާއެކު ޢަމާރާ ލޯއަޅާލިގޮތުން ރިޔާން އަދިވެސް ބޭނުންވީ ޖެއްސުން ކުރުމަށެވެ.

“މާރާ.. އަހަރެން އަންނަންވީ އިރަށް ތި ނައްޓާލީދޯ..” ފަހަތުން އަައިސް ރިޔާނާއި އެއް ހަމަ ކުރަމުން ވާހަކަ ދެއްކި ހާނިމްފެނި ޢަމާރާ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އިތުރަށް ވިސްނުމަކާ ނުލާ ހާނިމްގެ ސައިކަލަށް އެއް އަރިޔަކަށް ވާގޮތަށް އަރާ އިށީނދެލިއެވެ.

ފިރިހެނެއްގެ ސައިކަލް ފަހަތަށް ދުވަހަވެސް ޢަމާރާ ނާރައެވެ. ރަށުގައި ދެ ޅިޔަނުން ތިބޭއިރު އެމީހުންނާއެކު ވެސް ޢަމާރާ ނުދާނެއެވެ. އެހެން ނަމަވެސް ރިޔާންގެ އުނދަގޫ ޖެހިފައި ހުއްޓާ ހާނިމް އައުމުން ޢަމާރާ ބޭނުންވީ ކޮންމެވެސް ގޮތަކުން ރިޔާނާއި ދުރަށް ދާށެވެ. ހާނިމް އައިކަންވެސް އެއީ ނަސީބެކޭ ޢަމާރާ ހިތަށް އެރިއެވެ. ސައިކަލް ފަހަތުގައި އިނަސް ޢަމާރާ އިނީ ހާނިމްގެ ގައިގަ ނުޖެހޭވަރަށް ޖާގަ ބަހައްޓައިގެނެވެ. ހިފަހައްޓައިގެން އިނީ ފަހަތު ދަގަނޑުގައެވެ. ޢަމާރާ ހާނިމްގެ ސައިކަލަށް އެރި ވަގުތު ލިބުނު ހައިރާން ކަމަކުން މަގުގައި ސައިކަލްމަތީ މަޑުކޮށްލި ރިޔާނަކަށް މިއިން އެއްވެސް މަންޒަރެއް ނަގައެއް ނުގަނެވުނެވެ.

“ތެންކިޔޫ.. ވަރަށް ބޮޑަށް.. ތި ކޮށްދިނީ ވަރަށް ބޮޑު ކަމެއް މިއަދު.. އޭނާގެ ކިބައިން ސަލާމަތް ވެވުނީ ކަންނޭނގެ މި ދެން” ސައިކަލުން ފޭބިއިރު ގަޑި ނުޖެހި އަދި 10 ވަރަކަށް މިނެޓް ހުރުމުން ޢަމާރާ މަޑުކޮށް ހާނިމްއަށް ޝުކުރު އަދާކުރިއެވެ.

“އެއީ އެވަރު ކަމެއް ނޫން.. އެހެން ނޫނަސް ތީ ހަމަ މަގޭ ކޮއްކޮ އެއްނު.. އެއީ ކާކުތަ.. ހާދަ ފާޑަކަށޭ ބަލަން އެ އިނީ..” ހާނިމް އެނގެން ބޭނުންވި ފަދައިން ސުވާލު ކޮށްލިއެވެ.

“އެއީ މި އޮފީހުގަ އުޅޭ މީހެއް.. ރިޔާން ކިޔާނީ.. ހުރިހާ އަންހެން ކުދިންނަށް އުނދަގޫ ކުރާނެ. ހުޔާ ނޫން.. ހުޔާއަކާ ދިމާ ކުރާކަށް ނުކެރޭނެ..” ހިނިތުންވެލަމުން ޢަމާރާ ވާހަކަ ދެއްކިއެވެ.

“އެހެންތަ.. އެއީ މާ ގަދަ މީހެކޭ.. މަންމަ ކުރިމަތީ އެކަނި ސައިޒުވާނީ..” ޢަމާރާގެ ހުނުމުގައި ބައިވެރިވަމުން ހާނިމް ބުނެލިއެވެ. “ސޯ ބުނެބަލަ.. ތި ކޮށްދިން ކަމުގެ ބަދަލުގަ ކޮފީއެއްތަ ނޫނީ ކެއުމެއްތަ؟”

“އެކައްޗެއްވެސް ބޭނުމެއް ނޫން.. މީ ހަމަ މާރާ ބުނާހެން މާރާގެ ކުޑަދޮންބެ ކޮށްދިން ރެސްކިޔުއެއް.. ދެން ދަނީ.. މިހާރު ގަޑިވެސް ޖެހެނީ.. ހާނިމް ސައިކަލަށް އަރަމުން ބުނެލިއެވެ. ހިނތުންވުމެއް ދިނުމަށްފަހު ޢަމާރާވެސް އޮފީސް ހުންނަ އިމާރާތުގެ ތެރެއަށް ވަދެގެން ދިޔައީއެވެ. އޭރު ރިޔާންވެސް ސައިކަލް ޕާކްކޮށްފައި ވަންނަން އާދެއެވެ.

” އެއީ ޢަމާރާގެ ބިޓުތަ..؟ ހާދަ ހޮޓްއޭ.. ބުނެވެސްނުލާ.. ސަޔެއްދޭން ޖެހިދާނެތީތަ؟ ގައިމު ބުނި ކިޔަވާ ނުނިމެނީސް އެކަހަލަ ކަމެއް ނުކުރާނަމޭ..” ލިފްޓަށް ވަންނަންއައި ސަޖުވާ ޢަމާރާގެ އަތުގައި ކޮށްޓާލަމުން ދިމާކޮށްލިއެވެ. ލިފްޓްގެ ތެރެއަށް ވަދެފައި ހާނިމަކީ ކާކުކަން ބުނަން އަނގަ ހުޅުވާލިއިރަށް ލިފްޓްގެ ތެރެއަށް ރިޔާން ދެމިގަނެއްޖެއެވެ. މޫނުމަތިން ހީވަނީ ވަރަށް ނުރުހިފައި ހުރިހެންނެވެ.

“އާން.. ބޯއީ ފްރެންޑް އެއީ.. އެހެން ދެން ބުންޏަކަސް ހިތާވާ ކަހަލަ މީހެއް ފެނުނީމަ ކާކުދޯ ހުންނާނީ.. މިހާރު 3 އަހަރުވަނީއޭމި… ދެން ސައިވެސް ދެވިދާނެތާދޯ..” ދޮގުހަދަން ފަސޭހަ ކަމަކަށް ނުވިޔަސް ރިޔާން ހުރުމުން ޢަމާރާ ބޭނުންވީ ހަޤީޤަތް ސިއްރުކުރާށެވެ. ސަޖުވާއާއި ޢަމާރާއަށް ފުރަގަސް ދީގެންހުރި ރިޔާން ދަތްޕިލަ ޖައްސާ ބާރުކޮށްލީ އައި ރުޅިއެއްގެ ސަބަބުންނެވެ. މުއްކަވާލިތަން ސަޖުވާއާއި ޢަމާރާއަށްވެސް ފެނުނެވެ. ޢަމާރާ ހުރީ އަޑިން ހީނލަ ހީނލައެވެ. ބޭނުންވަނީ ރުޅި އައިސްގެން ނަމަވެސް ރިޔާން އޭނާއަށްކުރާ އުނދަގޫތަށް ހުއްޓާލުމެވެ.

އާދައިގެ މަތިިން ގަޑިޖެހިގެން އައި ހުޔާގެ ކަންފަތާ ހަމަޔަށް އޮފީސްތެރޭ ދެކެވެމުންދިޔަ ވާހަކަ އިވުނީ ޢަމާރާއާ ހަމަޔަށް ނުދެވި އުޅެނިކޮންނެވެ. މަސައްކަތުގައި އިން ޢަމާރާގެ ގާތަށް އައިސް ނުރުހިފައި އެއީ ތެދެއްތޯ ސުވާލުކޮށްލީ މިހާދުވަސްވީ އިރުވެސް ޢަމާރާ އެވާހަކަ ހުޔާއާ ހިއްސާ ނުކޮށް ހުރީމައެވެ. ހުޔާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށް ކަމުން އެހެން މީހުންވެސް ބަލަންފެށުމުން ޢަމާރާއަށް ތެދުބުނާކަށް ނުކެރުނެވެ.

“ހޫމް.. އެއީ ތެދެއް.. ދެން ރުޅި މަޑުކޮށްބަލަ.. އަހަރެން ބުނަމެއްނު ބައެއް ކަންކަން ވަރަށް ޕާސަނަލް ވާނެއޭ.. މިސާލަކަށް ބެސްޓްފްރެންޑަށްވެސް ކިޔާ ނުދެވޭހާ.. ހީކޮށްލާ މީ އެކަހަލަ ކަމެކޭ. މިއަދު އިއްތިފާގުން ޑިއުޓީއަށް އަންނަނިކޮށް އޭނާއާ ދިމާވީ.. އެހެންވެ އެކީގަ އައީމަ އެހެން މީހުނަށްވެސް އެނގިގެންނޭ އެ އުޅެނީ..” ޢަމާރާ ވަރަށް ފަށުވި ކަމާއެކު ބަސްތަށް އަތުރާލީ ކަންފަތް ދީގެން ރިޔާންވެސް އިންތަން ފެނިގެންނެވެ.

“އަހަރެން ގަބޫލު ކޮށްފިން. އެކަމަކު މާފު ކުރެވޭނީ ޝަރުތެއްގެ މަތިން.. އަހަންނަށް އޭނަ ދައްކާ.. އުހުން.. މީޓް ކޮށްދީ.. އަހަރެންވެސް ބޭނުން އެ މީހެއް ބަލާލަން.. އަހަރެންގެ ސްޓްރިކްޓް މައިންޑެޑް ބެސްޓިީގެ ހިތް އަތުލި މީހެއް..” ޢަމާރާ ދެއްކި ވާހަކަތަށް ޤަބޫލުކޮށްލައިގެން ހުޔާ ބުނުމުން އަވަސް އަވަހަށް ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ” ދެންދޭ.. ވީ ހޭވް ލޮޓްސް އޮފް ޓޯކް އާފްޓަރ ވޯކް..” ހުޔާ ފޮނުވާނުލެވިގެން ޢަމާރާ ބުނެލީ ހުޔާ ދާނޭފަދަ އެއްޗެކެވެ.

ޢަމާރާ ވަޒީފާއިން ވަކިވާ ދުވަސް ކައިރިވެފައި ވުމުން ނިންމަން ހުރި މަސައްކަތްތަށް ވަރަށްވެސް ގިނައެވެ. މެންދުރުގެ ކެއުންވެސް ޢަމާރާއާއި ހުޔާ ނެގީ އޮފީހަށް ގެނެސްގެން ސައިކޮޓަރީގައެވެ. އެ ވަގުތުކޮޅުވެސް ހުޔާ މަސައްކަތްކުރީ ޢަމާރާގެ ބައިވެރިޔާގެ ވާހަކަ ދެއްކުމަށެވެ.

“ނޮޓް ރައިޓް ޓައިމް އެންޑް ޕްލޭސް” އޭ ބުނެލުމަށްފަހު ކެތްތެރި ވުމަށް ހުޔާގެ ކައިރިން ޢަމާރާ އެދުމުން ހުޔާވެސް ދެން އެ ވާހަހައެއް ނުދައްކައެވެ. 5:30 ވުމާ ކައިރިވެފައި ވަނިކޮށް ދެ އެކުވެރިން އޮފީހުން ނުކުމެގެން އައިސް ސައިކަލަށް އެރިއެވެ. ޢަމާރާއުޅޭ ގޭދޮށަށް ދެވުމުން އެކީ ކަހަލަ ގޮތަކަށް ވަނީ ޢަމާރާގެ ކޮޓަރިއަށެވެ. 5 ކުދިން އުޅޭ ކޮޓަރީގައި އޭރު ނިދާފައި އޮތް ކުއްޖެއް ފިޔަވާ އިތުރު އެކަކުވެސް ނެތެވެ.

“ދެން ބުނެބަލަ.. ކާކުތަ އެއީ..” ކެތްތެރިކަން ކުޑަވެފައި ކަހަލަ ގޮތަލަށް ހުޔާ އަހާލުމުން ޢަމާރާ ހިނިތުންވެލިއެވެ. އަދި ހެނދުނު ހިނގާދިޔަ ކަންތަކާ ހާނިމްއާ ދިމާވި ވާހަކަވެސް ކިޔައިދިނެވެ. އަދި ދޮގެއް ހަދަން ޖެހުނީ ރިޔާން ހުރުމުން ކަމަށް ބުނެ ޢަމާރާގެ ބޯއީފްރެންޑެއް ނުހުންނަ ކަން ހުޔާއަށް ޔަގީންކޮށް ދިނެވެ.

“ހޫން.. ފޫހި މީހެއް.. މަ އަދި މިހުރީ ހާދަ އެކްސައިޓް ވެފައޭ..” ތުން އަނބުރާލަމުން ހުޔާ ލޯއަޅާލިގޮތުން ޢަމާރާއަށް ހެވުނެވެ. “އަނެހެން ދޮންބެވެސް ގޯހެއް ނޫނޭ..” ހުޔާ ނުވާކަމަށް ހަދާފައި ބުނި އެއްޗަކުން ބަލާލަމުން ހުޔާގެ ކޮނޑުގައި ބޮނޑިއެއް އަޅައިފިއެވެ. ދެމީހުންނަށް ހީނގަނެވުނު ވަގުތު ނިދާފައި އޮތް ކުއްޖާ ފުރޮޅިލުމުން އަވަސް އަވަހަށް ސިޓިންގ ރޫމަށް ނުކުތީއެވެ.

“ކިހިނެއްވީ.. ދޮންބެ ކަމުނުދަނީތަ؟” ހުޔާ ކާމޭޒު ދޮށުގައި އިށީނދެފައި ހެމުން ޢަމާރާއާ ދިމާލަށް ބުނެލިއެވެ. “ސާބަހޭ ހުޔާ.. އެއީ އަހަރެންގެ ކުޑަދޮންބެ.. އޭޒް އައި ސެއިޑް.. އައި ހޭވް ނޯ އިންޓެންޝަން ޓު ފައިންޑް އަ ބޯއީފްރެންޑް ޔެޓް..” ހުޔާގެ ކަންފަތުގައި ހިފާލަމުން މަޑުމަޑުން ޢަމާރާ ބުނެލިއެވެ. ވާހަކައިގައި ތިބެފައި މަޢްރިބް ނަމާދާއި ޢިޝާ ނަމާދުކޮށް ނިމިގެން ހުޔާއާއި ޢަމާރާ ދެކުދިން އެކީގައި ކެއީއެވެ. ކައި ނިމިގެން އެކި ވަހަކަތަށް ދައްކަން ތިބެފައި ހުޔާ ގެއަށް ދިޔައީ ރޭގަނޑު 9 ވެސް ޖެހި ފަހުންނެވެ. ނިދި އައިސްފައި ހުރި ވަރުން ޢަމާރާއަށް އެރޭ ނިދުނީ މަންމައަށްވެސް ގުޅާނުލެވިއެވެ.

ހެނދުނު ހެނދުނާ އޮފީހަށް ގޮސް މަސައްކަތައިގެން ބުރަކޮށް އުޅުނު ޢަމާރާއަށް ވަގުތެއްވީ މެންދުރު ފަސްވެސް ވީ ފަހުންނެވެ. އަވަސް ކޮށްލައިގެން ނަމާދުކޮށްލަން ދިޔައީ ހުޔާއަށްވެސް ގުޅަން ހަނދާން ނެތިފައި ހުރެއެވެ. ނަމާދު ކޮށްލައިގެން ޢަމާރާ ގޮސް މޭޒުދޮށުގައި އިށީންއިރަށް ހުޔާ ކާއެއްޗެހި ހިފައިގެން އައިސްފިއެވެ. މަސައްކަތައިގެން އިތުރަށް ކުރިއަށް ދެވޭނީ ކައިގެންކަން އިނގޭތީ ދެ އެކުވެރިން މިއަދުވެސް ދިޔައީ އޮފީހުގެ ސައިކޮޓަރިއަށެވެ.

“އާމް.. އަހަރެން މިސްވެގެންތަ ތި އައީ މިތަނަށް..” ކާން ފެށި ތަނާހެން ކޮފީ ގިރައިގެން އައި ރިޔާން ޢަމާރާގެ ކުރިމަތީގައި ކަހަލަ ގޮތަކަށް އިށީންނަމުން ވާހަކަ ދެއްކިއެވެ. ބަނޑުހައި ވެފައި ހުރި ވަރުން ހުޔާވެސް އަދި ޢަމާރާވެސް ރިޔާންއާ ޖަދަލު ކުރަން ބޭނުން ނުވާތީ އަނގަައިން އެކައްޗެއްވެސް ނުބުނެ ތިބީއެވެ. “އެއްޗެއް ބުނެބެލަ. ކީއްވެތަ ވާހަކަ ނުދައްކަނީ…؟” ޢަމާރާގެ އަތުގައި ހިފާލަމުން ރިޔާން ވާހަކަ ދެއްކިއެވެ. ނުރުހިފައި އަތް ފޮޅުވާލަމުން ޢަމާރާ ލޯއަޅާލިއެވެ.

“ކިހާ ދެރަވެއްޖެ ކަމެއް ދެން މީ.. ނެތެއްނު މީހަކަށް ކާއެއްޗެއް ކެވޭކަށްވެސް.. އަހަރެން ބުނެފިން ދޯ ރިޔާނަކާ ހެދި މޮޔަވެގެން އަހަރެން ނޫޅެމޭ.. ކީއްވެތަ ނުވިސްނެނީ.. އަހަރެންގެ ބޯއީފްރެންޑެއް ހުންނަކަން އެނގުނީމަވެސް ނުވިސްނުނު ދޯ.. ހެޔޮނުވާނެ.. އަހަންނަށް އުނދަގޫ ނުކުރޭ.. އެހެން ނޫނީ އަހަރެންނަށް ޖެހޭނީ މަޖުބޫރުން ރިޔާންގެ މައްސަލަ ހިފައިގެން އެޗް.އާރް އަށް ދާން…” ކިތަންމެ މަޑުން ބުނިނަމަވެސް ޢަމާރާ ރުޅި އައިސްފައި ހުރި މިންވަރު އެތާގައި ތިބި އެކަކަށްވެސް ސިއްރެއް ނުވިއެވެ. ރިޔާން ހުރީ ގޮތްދޫކުރާ ޙިޔާލެއްގައި ނޫނަސް ވަޒީފާ ގެއްލިދާނެކަމުގެ ބިރަށް އަވަހަށް އެތަނުން ނުކުމެގެން ދިޔައީއެވެ.

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

އަލީނާގެ ހަޔާތް…1

Next

ހިތަކުން ނުދާނޭ ފިލާ 21

Next
November 27, 2025

ހިތަކުން ނުދާނޭ ފިލާ 21

Previews
November 26, 2025

އަލީނާގެ ހަޔާތް…1



All Right Reserved!